—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/27
ދަޢުވާކުރާ ފަރާތް: އެޓަރނީޖެނެރަލްގެ އޮފީސް
ދަޢުވާލިބޭ ފަރާތް: ޙުސައިން ރިޝީފް ޠާހާ
މައްސަލައިގެ ބާވަތް: ވަޒީފާ އަނބުރާ ހޯދުމާއި، ވަޒީފާއާ ގުޅޭ އެހެނިހެން ޙައްޤުތައް ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 23.08.2012
ރަޖިސްޓަރީ ކުރެވުނު ތާރީޚު: 109.10.2012ރއެތހ09.0090ގފ12.
ނިމުނު ތާރީޚް: 2 ޖޫން 2014
މައްސަލަ ނިންމި ގަޑި: 12:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/85
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 02.12.2010
ނިމުނު ތާރީޚް: 26.12.2011
ފާހަގަކުރެވުނު ނުކުތާތައް
1- މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށްކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ހ. ސޯސަން 01 ވަނަ ފަންގިފިލާ (މ. މެއިންޒް 04 ވަނަ ފަންގިފިލާ) ޙުސައިން ރިޝީފް ޠާހާއަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ދަށުން އިސްތިއުނާފް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އަކީ ޙުސައިން ރިޝީފް ޠާހާ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޗީފް އިންސްޕެކްޓަރެއްގެ ވަޒީފާގައި އުޅެމުންދަނިކޮށް ޘާބިތުނުހިފޭ، ޙަޤީޤަތާ ޚިލާފު ތުހުމަތެއްގެ ގޮތުގައި އަންހެންކުއްޖަކާއެކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުކޮށް، އެ ތުހުމަތުގެ މައްޗަށް ފުލުސް އޮފީހުގައި 08 އޯގަސްޓް 2010 ގައި ހައްޔަރުކޮށް، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުންތޯ ބެލުމަށް 08 އޯގަސްޓް 2010 ގައި ޤާޟީއެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން އެ ކުށް ކުރިކަމަށްބުނެ ހުށަހެޅި ހެއްކާއި ޤަރީނާއަށް ޤާޟީ ބެއްލެވުމަށްފަހު، ހައްޔަރުގައި ބަހައްޓަންޖެހޭފަދަ ޤާނޫނީ ހަމައެއްނެތްކަމަށް ކަނޑައަޅުއްވައި ޙުސައިން ރިޝީފް ޠާހާ ދޫކޮށްލެއްވުމުން، ވަގުތުން ފުލުސް އޮފީހުގެ މައި މަރުކަޒަށް ގެންގޮސް ތުހުމަތުކުރި ކުށުގައި ޤާޟީ ދޫކޮށްލެއްވި ނަމަވެސް ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދީ، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިގެންވާ ޙައްޤުތަކާއި ފުލުހުންގެ ޤާނޫނާއި ޤަވާޢިދުގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާ އަދާކުރުމަށް ލިބިފައިވާ ޙައްޤުތައް ނިގުޅައިގަނެ، ޑިސިޕްލިނަރީ ބޯޑަށް ޙުސައިން ރިޝީފް ޠާހާގެ މައްސަލަ ފޮނުވަނީކަމަށްބުނެ، ފުލުސް އޮފީހަށް ނުވަދެވޭގޮތަށް ގެއަށް ފޮނުވާލުމަށްފަހު، އޭގެ އެތައް ދުވަހެއްގެ ފަހުން ޑިސިޕްލިނަރީ ބޯޑަށް ޙާޟިރުކުރުމަށްފަހު، ޑިސިޕްލިނަރީ ބޯޑުން ޙުސައިން ރިޝީފް ޠާހާއާމެދު ތުހުމަތުކުރި ކުށުގެ މައްޗަށް ސުވާލުކުރުމެއްނެތި، އަދި ތުހުމަތުކުރި މައްސަލައާ ގުޅިގެން ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވިކަމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދެއްކުމަކާ ނުލައި އަދި ތުހުމަތުކުރި ކުށް ޘާބިތުވި ގޮތެއް ދެއްކުމަކާނުލައި، މި މައްސަލައިގައި ޙުސައިން ރިޝީފް ޠާހާ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީއޭ ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) އާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރަން ނިންމީކަމަށް 14 ސެޕްޓެމްބަރ 2010 ގައި ޑިސިޕްލިނަރީ ބޯޑުން އަނގަބަހުން ބުނެ ޙުސައިން ރިޝީފް ޠާހާ ގެއަށް ފޮނުވާލުމަށްފަހު، ވަޒީފާއިން ވަކިކުރި ތާރީޚެއްގެ ގޮތުގައި 14 ސެޕްޓެމްބަރ 2010 ގެ ތާރީޚް ޖަހައި، 29 ސެޕްޓެމްބަރ 2010 ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް މުޙައްމަދު ޝިހާބު ސޮއިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2010/82 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން ޙުސައިން ރިޝީފް ޠާހާއަށް އަންގައި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިގެންވާ ޙައްޤުތަކާ ޚިލާފަށް، އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި "ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ޘާބިތުވާ ޙާލަތެއްގައި" ނޫނީ ވަޒީފާއިން ވަކިނުކުރެވޭނެކަމަށް އޮންނަ އޮތުމާއި، އަދި ފުލުހުންގެ ޤާނޫނާ ޤަވާޢިދުގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާ އަދާކުރުމަށް ލިބިފައިވާ ޙައްޤުތަކާ ޚިލާފަށް ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އަދި ޙުސައިން ރިޝީފް ޠާހާ ހުރި ވަޒީފާ އަނބުރާ ދިނުމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީހުރި މުސާރައާއި، ވަޒީފާއިންވަކިކޮށް އަލުން ވަޒީފާދޭ ދުވަހާ ހަމައަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމަށާއި، މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނޭނެކަމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދޭންޖެހޭކަމަށާއި، ފުލުހުންގެ ޤާނޫނާއި ޤަވާޢިދުގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާ އަދާކުރުމަށް ލިބިފައިވާ ޙައްޤުތައް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދިގެންނާއި، އަދި ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާއިން ލިބިގެންވާ ހުރިހާ ޙައްޤުތައް ލިބިގެންވާ ކަމަށާއި، އެހުރިހާ ޙައްޤުތައް ޙުސައިން ރިޝީފް ޠާހާއަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް (މިނިސްޓްރީ އޮފް ހޯމް އެފެއާޒް) އަށް އަންގައި އަމުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޙުސައިން ރިޝީފް ޠާހާ ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 1582/CV-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާ ނިންމަވާފައިވަނީ 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ފަތިހު، މި މައްސަލައިގައި އިޝާރާތްކުރެވިފައިވާ އަންހެންކުއްޖާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ފުލުހުންގެ ނަންބަރު S5241 ކާރަށް އޭނާ ގަދަކަމުން އަރުވައިގެން، އޭނާ އޮރިޔާންކޮށް، އޭނާއާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރި ކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަބާވާންޖެހޭ އިޖުރާއަތަކާ ޚިލާފުވެފައިވާކަމާމެދު، ދެފަރާތުގެ މެދުގައި ދެބަސްވުމެއް މި މައްސަލައިގައި އުފެދިފައިނުވާކަން އެނގެން އޮވެފައި، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަކީ އޭނާ ވަޒީފާއިން ވަކިކުރެވޭވަރުގެ "އެކަށީގެންވާ ތުހުމަތެއް" ކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑަށް ހެކި ލިބިފައިވާކަމަށް ބުނެ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އިން ބާރުލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، ހަމަ އެ ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދުގެ" 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަމަށްޓަކައި ޙުސައިން ރިޝީފް ޠާހާގެ ދަޢުވާގައި އެދިފައިވާ ފަދައިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެތަނެއް ނެތްކަމަށް ޙުކުމްކުރައްވައި، އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީވާކަމަށްބުނާ މުސާރަ ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައިދެވޭނެކަން ޙުސައިން ރިޝީފް ޠާހާއަށް އަންގަވައި ޙުކުމް ކުރައްވާފަކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި، ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާ ނިންމަވާފައިވަނީ ހ. ސޯސަން ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޭނާ އަދާކުރަމުންދިޔަ ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭވަރުގެ އެކަށީގެންވާ ތުހުމަތެއްކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކިލިބިފައިވާތީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އިން ބާރު ލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، ހަމަ އެ ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަމަށްޓަކައި ޙުސައިން ރިޝީފް ޠާހާގެ ދަޢުވާގައި އެދިފައިވާ ފަދައިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލްކުރައްވައި، 16 އޯގަސްޓް 2012 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ފަންތީގެ ވަޒީފާއެއް ޙުސައިން ރިޝީފް ޠާހާ އަށް ދިނުމަށާއި، 14 ސެޕްޓެމްބަރ 2010 އިން ފެށިގެން ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި 14 ސެޕްޓެމްބަރ 2010 ދުވަހުން ފެށިގެން ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ޙުސައިން ރިޝީފް ޠާހާއަށް ލިބިގެންވާ މުސާރައާއި ޢިނާޔާތްތައް 16 އޯގަސްޓް 2012 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާއަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައި ޙުކުމް ކުރައްވާފަކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގެ އިބާރާތަށް ބެލުމުން އެނގެއެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު 08 (އަށް) ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ސަބަބަކީ، ބެލެންސް އޮފް ޕްރޮބަބިލިޓީޒްގެ މިންގަނޑުން ހެކި ވަޒަންކުރުމުގައި، އެ މިންގަނޑު އެޕްލައިކުރައްވާފައިވަނީ ރަނގަޅަށްކަމަށް ނުވުމާއި މިގޮތުން މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ މައްސަލައިގައި ހުށަހަޅާފައިވާ އެންމެހައި ހެކިތަކާއި ޤަރީނާތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު ބޮޑަށް ބުރަވެވޭ ގޮތެއް (ބެލެންސް އޮފް ޕްރޮބަބިލިޓީޒް) ގެ މައްޗަށް ބިނާކޮށްގެންކަމަށް ވީނަމަވެސް، ހައިކޯޓުން މި މައްސަލައިގައި ހެކި ވަޒަންކުރެއްވުމުގައި ރިޝީފް ޠާހާއާ އިދިކޮޅަށް ލިބިފައިވާ ހެއްކާއި ޤަރީނާއަށާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ބަލަންޖެހޭ ބެލުންތައް ބައްލަވާފައިނުވާތީ، މައްސަލައިގެ ނަތީޖާ ނިކުމެފައިވާގޮތް ރަނގަޅުނުވުން.
ދެވަނަ ސަބަބަކީ، ހެކި ވަޒަންކޮށް ބޮޑަށް ބުރަވެވޭ ގޮތެއް ކަނޑައެޅުއްވުމުގައި ބަލަންޖެހެނީ ހުށަހެޅިފައިވާ އެންމެހައި ހެއްކާއި ޤަރީނާއާއި ވަށައިގެންވާ ކަންކަމަށް ޖުމްލަގޮތެއްގައިކަމަށާއި ނަމަވެސް އެ ގޮތަށް ނުބައްލަވައި ވަކިވަކި ކަންކަމަށް ބައްލަވައި ގޮތެއް ކަނޑައަޅުއްވާފައިވާތީ، ހެކި ވަޒަންކުރުމުގެ މިންގަނޑު އެޕްލައިކުރައްވާފައިވަނީ ރަނގަޅަށްކަމަށް ނުވުން.
ތިންވަނަ ސަބަބަކީ، ވަޒީފާއިން ވަކިކޮށްފައިވަނީ އިންޞާފުވެރިކަމާ އެކުގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މައްސަލަ ބަލާ ޓްރައިބިއުނަލް ނުވަތަ ކޯޓުން ބަލަންޖެހެނީ، މައްސަލަ ބަލާ ފަނޑިޔާރުންނަށް އަމިއްލައަށް ފެންނަ ގޮތުގެ މައްޗަށް ނޫންކަމާއި، ބަލަންޖެހޭނީ، މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެއްކާއި ޤަރީނާއާއި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ވަޒީފާއިން ވަކިކުރުމަކީ އެ ޙާލަތުގައި ރީޒަނަބަލް އެމްޕްލޯޔަރަކު (ނުވަތަ ހަމަވިސްނުން ވިސްނޭ ވަޒީފާދޭ ފަރާތެއް) އެޅުން އެކަށީގެންވާ (ރީޒަނަބަލް) ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެއްތޯ ނުވަތަ ނޫންތޯ ކަމަށްވާއިރު، އަދި ވަޒީފާދޭ ފަރާތުން އެ ފިޔަވަޅު އެޅިއިރު އެ ފަރާތަށް ލިބިފައިވާ ހެއްކާއި ޤަރީނާއާއި މުވައްޒަފުގެ ފަރާތުން އޭނާގެ ދިފާޢުގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބަލާއިރު އެ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމަކީ ރީޒަނަބަލް އެމްޕްލޯޔަރަކު އެޅުން އެކަށީގެންވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނަމަ، އެ ނިންމުން ބަދަލުކުރުމަކީ މައްސަލަ ބަލާ ކޯޓުގެ ދައުރެއް ނޫން ނަމަވެސް، ބެލެންސް އޮފް ޕްރޮބަބިލިޓީޒް ގެ މިންގަނޑުން ހައިކޯޓުން ގޮތެއް ނިންމެވުމުގައި، ރީޒަނަބަލް އެމްޕްލޯޔަރުގެ އޮބްޖެކްޓިވް މިންގަނޑުގެ ބަދަލުގައި ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މައްޗަށް، ސަބްޖެކްޓިވް މިންގަނޑަކަށް މައްސަލަ ބައްލަވާފައިވުން.
ހަތަރުވަނަ ސަބަބަކީ، ހައިކޯޓަށް މައްސަލަ ހުށަހެޅުމާއި މަޢުޟޫއީގޮތުން ހައިކޯޓުން މައްސަލަ ބެއްލެވުމުގައި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާއި 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކުރައްވާފައިވާ ކަމަށާއި މިގޮތުން މި މައްސަލަ ސިވިލް ކޯޓުގައި ބައްލަވައި ގޮތެއް ކަނޑައަޅުއްވާފައިވަނީ ބެލެންސް އޮފް ޕްރޮބަބިލިޓީޒްގެ މިންގަނޑުން ކަމަށްވެފައި މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ މަރުޙަލާއަކީ ދަށުކޯޓުގެ މަރުޙަލާކަމަށްވެފައި، މި މައްސަލައިގައި ކަމުގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޝީފް ޠަހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޢަމަލު އޭނާ ހިންގާފައިވާކަމަށް ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ޤާޟީއަށް ބެލެންސް އޮފް ޕްރޮބަބިލިޓީޒްގެ މިންގަނޑުން ޤަބޫލުކުރެވިގެން ކަމަށާއި އެހެންކަމުން، ދަށުކޯޓުން މައްސަލަ ނިންމެވުމުގައި ޤާނޫނީ ގޮތުން ބައްލަވާފައިވާ މިންގަނޑު ރަނގަޅުކަމަށް ވީހިނދު، އެ މިންގަނޑުން މައްސަލަ ބެއްލެވުމުގައި ހެކި ވަޒަންކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަލައި، ހައިކޯޓުން އަލުން ހެކި ވަޒަންކުރައްވާފައިވަނީ، ހައިކޯޓުގެ ޤަވާޢިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަޢުޟޫއީގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން ޢަމަލުކުރަންޖެހޭ އުޞޫލާ ޚިލާފަށްކަމަށްވުމާއި މިގޮތުން، އެ މައްސަލަ އަލުން ބެއްލެވުމަށް ދަށުކޯޓަށް ތަޙުވީލުކުރެއްވުމުގެ ބަދަލުގައި ހައިކޯޓުން މަޢުޟޫޢީގޮތުން އަލުން މައްސަލަ ބައްލަވާފައިވުން.
ފަސްވަނަ ސަބަބަކީ، ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ "ފާހަގަކުރެވުނު ނުކުތާތައް" މި ސުރުޚީގެ ދަށުގައިވާ 3 ވަނަ ނަންބަރުގެ (ބ) ގައި، ހައިކޯޓުގެ ޤަވާއިދުގެ 45 ވަނަ މާއްދާގައިވާ އުޞޫލާ ޚިލާފަށް މުޅި މައްސަލައިގެ ޙަޤީޤަތްތައް ހައިކޯޓުން އަލުން ވަޒަންކުރައްވައި، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިނުވާ އަދި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީސްތަކުގައި އެކަންކަމުގެ މައްޗަށް ވާހަކަދައްކާފައިނުވާ، މައްސަލައިގެ ޙަޤީޤަތްތަކާ ގުޅޭ ކަންކަމުގެ މައްޗަށް ބައްލަވައި ހައިކޯޓުން ޙުކުމްކުރައްވާފައިވުމުގެ ސަބަބުން، މައްސަލައިގެ ޙަޤީޤަތްތަކާ ގުޅޭ އެ ކަންކަމުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދައުލަތަށް ގެއްލިފައިވުން.
ހަވަނަ ސަބަބަކީ، ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އިސްތިއުނާފުކުރެވޭ ޙާލަތްތަކާ ޚިލާފަށް، އިސްތިއުނާފު ނުކުތާތައް ހުށަހެޅުމުގެ ފުރުޞަތު ދެއްވާފައިވާ ސަބަބު ބަޔާންކުރައްވާފައި ނުވުމާއި މިގޮތުން، އިސްތިއުނާފު ނުކުތާތަކުގެ ގޮތުގައި މައްސަލައިގައި ޙަޤީޤަތްތަކާ ގުޅޭ ކަންކަން ހިމަނާފައި ހުރުމުން، އަދި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިވިލް ކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަން އިސްތިއުނާފު ނުކުތާގެ ގޮތުގައި ހުށަހަޅާފައިވުމާއި އިސްތިއުނާފު މަރުޙަލާގައި މައްސަލައަށް މަޢުޟޫޢީ ގޮތުން ދައުލަތުން ޖަވާބުދާރީވާން ޖެހޭނެކަން ނުވަތަ ނުޖެހޭނެކަމާމެދު ހައިކޯޓުން ވަގުތުން ގޮތެއް ކަނޑައަޅުއްވައި ނުދެއްވައި، އިސްތިއުނާފު ނުކުތާގެ ގޮތުގައި މައްސަލައިގެ ޙަޤީޤަތްތަކާ ގުޅޭގޮތުން ކަންކަން ފާހަގަކުރުމުގެ ފުރުޞަތު ދެއްވާފައިވާ ސަބަބު ބަޔާންކުރައްވާފައިނުވުން.
ހަތްވަނަ ސަބަބަކީ، ހައިކޯޓުގެ ޤަވާޢިދުގެ 44 ވަނަ މާއްދާއަށް ބަލާއިރު، ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ވީނަމަވެސް، ސިވިލް ކޯޓުގައި ރިޝީފް ޠާހާގެ ދިފާޢުގައި ހުށަހެޅުމުގެ ފުރުޞަތު ލިބި ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފު މަރުޙަލާގައި ހުށަހަޅަން ފުރުޞަތު ދެއްވާފައިވުމާއި އަދި އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާތައް ފިޔަވައި، އިތުރު އާ ހުށަހެޅުންތަކެއް މައްސަލައިގެ ތެރެއިން ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފު ކުރި ފަރާތަށް ދެއްވާފައިވުމާއި، އެފަދައިން އާ ހުށަހެޅުންތަކެއް މައްސަލައިގެ ތެރެއިން ހުށަހެޅި ނަމަވެސް އެ ނުކުތާތަކަކީ ބަލައިދެވޭނެ ނުކުތާތަކެއް ނޫންކަމުގައި ދައުލަތުން ފާހަގަކޮށްފައި ވީނަމަވެސް ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ނުކުތާއަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުއްވުމެއްނެތި މައްސަލައިގައި ޙުކުމް ކުރައްވާފައިވުން.
އަށްވަނަ ސަބަބަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، މައްސަލަ ބައްލަވާ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންޖެހޭނީ ބައްލަވަމުން ގެންދަވާ މައްސަލައާ އެއްފަދަ މައްސަލަތަކުގެ ޙުކުމަށް ކަމަށްވެފައި، އެ އުޞޫލާ ޚިލާފަށް، ރިޝީފް ޠާހާގެ މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގެ ކުރިން ތަފާތު ތުހުމަތެއްގެ މައްޗަށް ބިނާކުރެވިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ޙުކުމަށް ރިޢާޔަތްކުރެއްވުމާއި މިގޮތުން ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ "ފާހަގަކުރެވުނު ނުކުތާތައް" މި ސުރުޚީގެ ދަށުގައިވާ 3 ވަނަ ނަންބަރުގެ (ޅ) ގައި، ރިޝީފް ޠާހާ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނިންމުމުގެ ކުރިން، މި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވިގެން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން ހުޝާމް ހަމީދާއި ޢަލީ ރަޝީދުގެ މައްޗަށް ތުހުމަތުތައް ސާބިތުނުވާކަމަށް އަދި އެމީހުންނަށް އަނބުރާ ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ފާހަގަކުރައްވާފައިވާކަމާއި، ނަމަވެސް މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވިފައިވާ އެކި މީހުންގެ މައްޗަށް ކުރެވިފައިވަނީ ތަފާތު އެކި ތުހުމަތުތަކެއްކަމަށްވެފައި، އަދި އެކިމީހުންގެ މައްޗަށް ލިބިފައިވާ ހެކިބަހާއި ހެއްކާއި ޤަރީނާވެސް ތަފާތުވީހިނދު، އެމީހެއްގެ މައްސަލައިގައި ކޯޓުން ޙުކުމްކުރެއްވުމުގައި ބައްލަވާނީ އެމީހަކާ ގުޅޭގޮތުން ލިބިފައިވާ ހެކިބަހާއި ހެއްކާއި ޤަރީނާއާއި އެމީހަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރެވިފައިވާ ޢިޖުރާއަތްތަކަށް ކަމަށްވުން.
7- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާގުޅޭ އެންމެހައި ލިޔެކިއުޔުންތަކަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި އުފެދިފައިވާ އެންމެހައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން، މައްސަލަތައްބަލައި ނިޔާ ކަނޑައަޅާއިރު، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތް ކުރެވުމަކީ، ކޮންމެމީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން އެނގެންއޮވެފައި އަދި އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް ކަންކުރެވުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮތުމުން ދައުލަތުގެ ތަފާތު އިދާރާތަކުން އެތަންތަނުގެ ޤާނޫނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެގޮތުން ކުރާ ކޮންމެކަމަކީ އަދި އަޅާ ކޮންމެ ފިޔަވަޅަކީ، ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރެވޭ ކަމެއްކަމުގައި ނުވަތަ އެޅޭ ފިޔަވަޅެއް ކަމުގައިވުން ލާޒިމްވެގެންވާކަމާއި، ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންމެނުވީ، އެއްވެސް ފަރުދަކާމެދު ނުވަތަ ފަރާތަކާމެދު ޢަމަލުކޮށްގެން ނުވާނެކަމާއި ޢަދުލު އިންޞާފުގެ ހަމަތަކާ ޚިލާފަށް، އެއްވެސް ފަރާތަކާމެދު، ނުވަތަ ފަރާތްތަކަކާމެދު ދައުލަތުގެ އިދާރާއަކުން ކުރާކަމަކީ އަދި އަޅާފިޔަވަޅަކީ، ޤާނޫނުއަސާސީގެ ނަޒަރުގައި މުޅިން ބާޠިލުވާނެ، އަދި އެއަށް ޢަމަލުކުރުން ހުއްދަވާނޭ ކަމެއްކަމުގައި ނުވަތަ ފިޔަވަޅެއްކަމުގައި ނުވާނެކަމާއި މި ކަންކަން ޤާނޫނުއަސާސީގެ މި އިޝާރާތްކުރެވުނު ނައްޞުތަކުންވެސް އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނަކީ، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮތްހިނދު، ޢަދުލު އިންޞާފުގެ ހަމަތައް ނެގެހެއްޓުމަށާއި ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް އިސްލާމްދީނުގައި އަމުރުކުރައްވައި އަންގަވާފައިވާ އެންގެވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަކީ އިސްލާމީ ދައުލަތެއްގެ އަފުރާދުންނާއި ޖަމާޢަތްތަކާއި އެންމެހައި މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީގެ ނައްޞުންވެސް ލާޒިމްވެގެންވާ ކަމެއްކަން އެނގޭހިނދު، ކީރިތި ޤުރުއާނުގެ އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭބަޔަކު ކަމުގައިވުމަށާއި ޢަދުލުވެރިވުން ދޫކޮށް އަމިއްލައެދުމަށް ތަބާނުވުމަށް، ކީރިތި ﷲ އެންމެހައި މުއުމިނުންނަށް އަންގަވައި އަމުރުކުރައްވާފައިވާ ކަމާއި، އަދި ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 08 ވަނަ އާޔަތުގައި ﷲ އަށްޓަކައި އެކަލާނގެ ހައްޤުތައް ފުރިހަމައަށް ޤާއިމުކުރާބަޔަކު ކަމުގައިވުމަށާއި އަދި ބަޔަކު މީހުންނާމެދު އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްކަމުގައި ނުހެދުމަށާއި ޢަދުލު އިންޞާފުގެ ހަމަތައް ނިޔާކުރާ އުޞޫލުގެ މަތިން ޢަމަލުކުރުމަށް ކީރިތި ﷲ އެންމެހައި މުއުމިނުންނަށް އަންގަވައި އަމުރުކުރައްވާފައިވާ ކަމާއި، އަދި ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތާއި އަލްއަޢްރާފް ސޫރަތުގެ 29 ވަނަ އާޔަތުގައި ހުރިހާ ކަމެއްގައިވެސް ޢަދުލުވެރިވުމަށް ކީރިތި ﷲ އަމުރުކުރައްވައި އަންގަވާފައިވާކަން އެނގެންއޮތުމުން ޢަދުލުވެރިކަމަކީ އިސްލާމީ އަޤީދާ އެމައްޗަށް ޤާއިމުވެފައިވާ ޤިޔަމުގެ (ވެލިއުތަކުގެ) ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވެލިއުކަމާއި މުސްލިމުން ނިންމާ ނިންމުންތަކާއި އަދި އެބައިމީހުންގެ މުޅި ސުލޫކު ބިނާވާންޖެހޭނީ ޢަދުލު އިންޞާފުގެ މަތިވެރި އަސާސުގެ މައްޗަށްކަމާއި ޢަދުލު އިންޞާފުގެ ހަމަތަކުންބޭރުން ހަވާ ނަފްސު ދައްކާ މަގަށް ތަބާވުމަކީ، މުސްލިމުން ކުރުން ހުއްދަވެގެންވާނޭ ކަމެއްނޫންކަން ސާފުކަން ބޮޑުގޮތެއްގައި އެނގެން އޮތުމުން، ދައުލަތުގެ މުއައްސަސާތަކުން އެ ތަންތާނގެ މުވައްޒަފުންނާމެދު ސުލޫކީގޮތުން ތައުދީބީ ފިޔަވަޅު އަޅަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަވެސް އެކަންކުރަންޖެހޭނީ އެކަމަކީ، ތަޢައްސުފީ (އާބިޓްރަރީ) ގޮތެއްގައި އަޅާފިޔަވަޅެއް ނޫންކަން ކަށަވަރުކުރުމާއެކު ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ޤާނޫނުއަސާސީގެ މި ބަޔާންކުރެވުނު މާއްދާއަށާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު އެ މައްޗަށް ބިނާވެގެންވާ އިސްލާމީ ޝަރީޢަތުގެ މި ބަޔާންކުރެވިދިޔަ ނައްޞުތަކަށް ބެލުމުންވެސް ސާފުކޮށް އެނގެންއޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ޤަޟާއީސުލްޠާ (ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރު) އެތުރިފައިވާގޮތުގެ މައްޗަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުތަކުން ނިމޭ މައްސަލަތައް އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤުލިބިދީފައިވާ މައިގަނޑު ސަބަބަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ޞައްޙަނޫންކަމަށް ބެލެވިދާފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރުމުން އެ ޙުކުމުގައި ކުށެއް ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮންނާނެތީ ޢަދުލު އިންޞާފު އޭގެ އެންމެ ފުޅާ މާނައިގައި ލިބިދިނުމުގެ މަފްހޫމް ނިޔާކުރަނީ އެ ޙުކުމުގައި އެއްވެސް ޢައިބެއްނެތް، ޤާނޫނީ ގޮތުން ސަލާމަތްތެރި ޙުކުމެއްކޮށް، ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައިވާ ޢައިބު ނުވަތަ ކުށް ރަނގަޅުވެގެން ދިއުމުގެ އުންމީދުގައި ދަށުމަރުޙަލާގެ ކޯޓުގައި ކުރެވުނު ދަޢުވާ އަލުން ބަލައި އެ ކޯޓުގެ ޙުކުމް އަލުން މުރާޖަޢާކުރުމަށް މަގުފަހިކުރުމަށް ކަމަށްވެފައި، އަދި މި ބާވަތުގެ ކުށެއް ނުވަތަ ޢައިބެއް ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައި އޮތުމުގެ އިޙްތިމާލު އޮތުމަށް ދިމާވާ މައިގަނޑު ސަބަބަކީ، ދަށު މަރުޙަލާގެ ކޯޓުން ބަލާ ދަޢުވާ އެ ކޯޓުން އެ ބެލެވެނީ އެންމެ ފުރަތަމަ ފަހަރުގައިކަމަށްވުމުން އެ ދަޢުވާގެ އެންމެހާ އުންޞުރުތަކެއް ރަނގަޅުކަމަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުން ނުވަތަ އެ ދަޢުވާގެ ޙުކުމް އައިއިރު ޞައްހަ މަގުން ޤާނޫނުގެ ޙުކުމް ރަނގަޅަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުންނާއި އަދި ފުރަތަމަ މަރުޙަލާގެ ކޯޓުންކުރާ ޙުކުމް ޢާންމުގޮތެއްގައި ކުރަނީ އެއް ޤާޟީކަމަށްވުމުން އޭނާގެ ތަޖްރިބާ މަދުވުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމާއި ފުރަތަމަ މަރުޙަލާގެ ކޯޓަށްވުރެ މަތީ މަރުޙަލާއެއްގެ ކޯޓެއްގައި މަދުވެގެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ދެވަނަ ފަހަރަށް ދަޢުވާއާއި އޭގެ އެންމެހައި އުންޞުރުތަކެއް ދެވަނަ ފަހަރަށް ބެލުމުން ސަލާމަތްތެރި ޞައްޙަ ރަނގަޅު ޙުކުމެއް ނެރުމުގެ އިޙްތިމާލް ބޮޑުވެގެންދިއުމާއި އަދި މީގެއިތުރުން މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްގެން ދެވަނަ ފަހަރަށް ދަޢުވާ ބަލައި، ދަށު މަރުޙަލާގެ ކޯޓުން ނެރުނު ޙުކުމަށް ތަޢީދުނުކުރުމުގެ އިޙްތިމާލު އޮންނާނެކަން ދަށުމަރުޙަލާގެ ކޯޓުގައި ދަޢުވާ ބަލާ ޤާޟީއަށް އެނގިފައިއޮތުމުން އެއީ ދަށު މަރުޙަލާގެ ކޯޓުން މައްސަލަ ރަނގަޅަށް ބެލުމަށް އިތުރު އަޙައްމިއްޔަތެއްދިނުމަށް މަގުފަހިކުރުވާ، އަދި ދަށުކޯޓުގެ ޙުކުމް ޞައްޙަ ރަނގަޅު ޙުކުމަކަށް ވެގެން ދިއުމަށްޓަކައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށް ބާރުލިބޭނެ ކަމެއް ކަމަށްވުމާއި އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ ދެވަނަ ފަހަރަށް ބެލުމަކީ ވާޤިއާތައް (ފެކްޓްތައް) ވަޒަންކުރުމުގައިވެސް އެއްބާވަތެއްގެ މައްސަލަތަކުގައި ޝަރީޢަތުން ހަރުދަނާ ޤަޟާއީ އުޞޫލުތަކެއް އެކަށައެޅިގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ވުމާއި މި އެންމެހައި ކަންކަމަކީ، މައްސަލަތައް އިސްތިއުނާފުކުރުމުގެ މައިގަނޑު މަޤްޞަދުތައްކަން އެނގެން އޮންނައޮތުމުގެ އިތުރުން ދަށު މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމެއް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ، ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމަށްވިއަސް ނުވަތަ މަދަނީ ދަޢުވާއެއްކަމަށްވިއަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދިއުންކަމާއި މިގޮތުން ދަށުކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފް ކުރެވިގެންދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެން ދިޔަވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެ ތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިއާތައް ބެލުމާއި، އަދި ކަމެއް ޡާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާޢާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިއުންތަކުގައްޔާއި ޚަޞްމުންގެ ދިފާއުތަކުގައި ހިމެނޭ އެންމެހައި ވާޤިއާތައް އަލުން ބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށްފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުމާއި އަދި އިސްތިއުނާފު ކުރުމުގެ ތަޞައްވަރު ބިނާވެފައިވަނީ އިސްތިއުނާފީ ކޯޓަށް، ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް، ދަށު މަރުޙަލާގެ ކޯޓުން ނެރުމުގެ ކުރިން، ދަށުކޯޓަށް ހުށަހެޅުނު ދަޢުވާ އެއޮތް ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ނަގުލުވެގެންދިއުމުގެ މައްޗަށްކަމާއި މީގެ ނަތީޖާއެއްގެގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިގެން ދާނެކަމާއި އެހެނީ އިސްތިއުނާފުގެ މައިގަނޑު މަޤުޞަދަކީ، ދަށުމަރުޙަލާގެ ކޯޓުންކުރި ޙުކުމާމެދު ހިތްހަމަނުޖެހޭ ފަރާތަށް، ދަށުމަރުޙަލާގެ ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އާހެއްކެއް ފަހުން ލިބިފައިވާނަމަ، އެހެކި އިސްތިއުނާފީ ކޯޓަށް އަލުން ހުށަހެޅުން ތަމްކީނުކުރުމާއި، އަދި ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ކަމެއް ހަނދާންނެތިގެން ނުވަތަ ދަށު ކޯޓަށް ކަމެއް ހުށަހެޅިއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެ ކަމެއް ދެނެގަނެ ރަނގަޅުކުރުމަށް މަގުފަހިކުރުމާއި، އަދި މީގެ އިތުރުން އިސްތިއުނާފުކުރުމުގައި، ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމް، ކުށެއްގެ ސަބަބުން ނުވަތަ ނޭނގުމުގެ ސަބަބުން، ނުވަތަ އިހްމާލެއްގެ ސަބަބުން ރަނގަޅު ނޫންކަމަށްބުނެ ޝަކުވާކުރުމުގެ މާނަވެސް ހިމެނިގެންވާކަމާއި މި އެންމެހައި ކަންކަމަކީ އިސްތިއުނާފީ ކޯޓުން މައްސަލަ ބެލުމުގައި އެ ކޯޓަށް ލިބިގެންވާ ބާރުތައްކަން މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ހުރި ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ބެލުމުން އެނގެންހުރިއިރު، އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމުތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިއޮންނަ އޮތުމަށް ބަލާއިރު ރައްޔިތުންގެ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ މި މާއްދާގައި އިސްތިއުނާފުކުރުމުގެ ޙައްޤު ކަނޑައަޅާފައި މިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠްބިޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައިކަން ޤާނޫނުއަސާސީގެ މި މާއްދާގެ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެންއޮންނާތީ އާއި
އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާ (ހ) ގައި ހައިކޯޓަކީ ދަށުކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓުކަމަށާއި އަދި ހަމަ މި މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައި ކަމަށާއި އަދި ހަމަ މިބުނެވުނު ޤާނޫނުގެ 36 ވަނަ މާއްދާގައި ދަށުކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް ބެލުމުގެ އިޚްތިޞާސް ހައިކޯޓަށް ލިބިގެންވާކަމަށާއި އަދިހަމަ މި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/22 ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު، ހަމަ މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކިވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠްބިޤުކޮށްފައިވާ ގޮތާއި މިއެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ނަޒަރުކޮށް އިންޞާފު އޭގެ އެންމެ ފުރިހަމަގޮތުގައި ޤާއިމުކުރުމުގެ މަތިވެރި މަޤްޞަދުގައިކަން އެނގެން އޮންނާތީ މި ބަޔާންކުރެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކަށާއި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން،
މި މައްސަލަ އިސްތިއުނާފުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި މި މައްސަލައާ ގުޅިގެން ދަށުކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތައް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ކިހާވަރަކަށް ތަޠްބީޤުވާކަން ނުވަތަ ނޫންކަން ބަލައި ހައިކޯޓުން އެ ހެކިތަކާއި ޤަރީނާތައް އަލުންބަލައި ވަޒަންކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންނުވާކަން ދޭހަވާފަދަ ގޮތަކަށް ދައްކާފައިވާ ވާހަކަތަކަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ހުށަހެޅިފައިވާ ހުށަހެޅުންތަކެއްކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެންއޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ޤާނޫނޫއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގައި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ ނަމުގައި ޤާނޫނެއް އޮތްކަމުގައިވިޔަސް އެ ޤާނޫނަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އިޤްރާރާއި ބައްޔިނާއާއި، ހުވަޔާއި، ޤަރީނާއާއި އަދި މި ނޫންވެސް ވަސީލަތްތައް ތަފްޞީލުކޮށް ބަޔާންކުރެވި، އެއަށް ޢަމަލުކުރެވޭ މައިގަނޑު އުޞޫލުތަކާއި ދާއިރާތައް ތަފްޞީލުކޮށް ބަޔާންކުރެވިފައިވާ ޤާނޫނެއްކަމުގައި ނުވެފައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިޝީފް ޠާހާއާމެދު މި މައްސަލައިގައި ތުހުމަތު ކޮށްފައިވާ ވާޤިޢާ ސާބިތުވާކަން ނުވަތަ ނޫންކަން މި މައްސަލަ ސިވިލް ކޯޓުންނާއި އަދި މައްސަލަ އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވައި ނިންމެވުމުގައި އަސާސަކަށް ބައްލަވާފައިވަނީ މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާކަމަށްބުނާ ޤަރީނާތައް، އެ ކޯޓުތަކުން ވަޒަންކުރިކުރުމުގެ މައްޗަށްކަން މަދަނީ ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާ އާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ އިސްތިއުނާފުކޮށް ބެއްލެވި އެ ކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތް މާނަކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އިސްލާމީ ޝަރީޢަތުގައި ޤަރީނާއިން ކަންކަން ސާބިތުވާކަމަށް ބެލުމުގައި އިސްލާމީ ޝަރީޢަތުގެ ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިން ކަނޑައަޅައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކަށް މި މައްސަލަ ބަލައި ނިންމުމުގައި ނަޒަރުކޮށް ބަލަންޖެހޭކަމާއި މިގޮތުން އިސްލާމީ ޝަރީޢަތުގެ ޢިލްމުވެރިން ޢިލްމީ ނަޒަރަކުން ބައްލަވައި، ޤަރީނާއަށް ޢިލްމީ ތަޢުރީފުތަކެއް ކަނޑައަޅާދީފައިވާ ކަމާއި މިގޮތުން ޢިލްމުވެރިން ޤަރީނާއަށް ދީފައިވާ ތަފާތު ތަޢުރީފުތަކަށް ނަޒަރުކޮށް ބަލާއިރު ޝަރުޢީ ދަލީލެއްގެ ނައްޞެއްގެ ނުވަތަ އިޖުތިހާދެއްގެ ނުވަތަ ﷲ ގެ އަޅުންގެ ތެރެއިން އެކަލާނގެ އެދިވޮޑިގެންފި މީހަކަށް ތަނަވަސްކޮށް މިންވަރުކުރައްވާ ފަހުމެއްގެ ވަސީލަތުން، ފޮރުވި، ވަންހަނާވެފައިވާ މަޖުހޫލުކަމެއްގެ މައްޗަށް ދަލީލުކުރާކަމަކީ ޤަރީނާއެއްގެ ގޮތުގައި ބެލެވިދާނެ ކަމެއްކަމާއި އަދި ޢިލްމުވެރިންގެ ނަޒަރުގައި ޤަރީނާ، އެކަމެއްގެ މައްޗަށް ދަލީލުކުރާ ކުރުމުގެ ބާރުގަދަކަމާއި، ބަލިކަށިކަމުގެ މިންވަރަށްބަލައި ޤަރީނާ މައިގަނޑު ހަތަރު ބަޔަކަށް ބެހިގެންވާކަމާއި އޭގެ ތެރެއިން ފުރަތަމަ ބާވަތަކީ ޔަޤީންކަން ޙާޞިލްކޮށްދެނިވި މިންވަރަކަށް އޭގެ ދިލާލަތު ވަރުގަދަކަމަށް ބެލޭ ޤަރީނާކަމާއި ދެވަނަ ބާވަތަކީ އެކަމެއް ހިނގާފައިވާކަމަށް ހީގެ މައްޗަށް ބިނާކޮށް ބޮޑަށް ބުރަވެވޭ، ނަމަވެސް އޭގެ ދިލާލަތު ޔަޤީނުގެ ދަރަޖައަށް ވާޞިލުކޮށްނުދޭ ޤަރީނާކަމާއި، ތިންވަނަ ބާވަތަކީ އެކަމެއްގެ މައްޗަށް ބާރުލިބޭ، ނުވަތަ އެކަމެއް ނަފީކުރާ ފަދަ ކަމެއްނެތް، ހަމައެކަނި އާދައިގެ ހީއެއްގެ މައްޗަށް ދަލީލުކޮށްދޭ ޤަރީނާކަމާއި، ހަތަރުވަނަ ބާވަތަކީ ބަލިކަށި ހީގެ މައްޗަށް ދަލާލަތުކޮށްދޭ ޤަރީނާކަމާއި އަދި މީގެއިތުރުން ޤަރީނާއަކީ، ކަންކަން ސާބިތުކުރުމުގެ ވަސީލަތެއްކަމުގައި ބެލެވިދާނެކަމަށް ދެކެވަޑައިގަންނަވާ އިސްލާމީ ޝަރީޢަތުގެ ޖުމްހޫރު ޢިލްމުވެރިން ޤަރީނާއަށް ޢަމަލުކުރެވޭނެ ދާއިރާތައްވެސް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ޤަރީނާއަކީ ސާބިތުކުރުމުގެ ވަސީލަތެއްކަމުގައި ބަލައި އެއަށް ޢަމަލުކުރުމުގައި މައިގަނޑު ދެ ޝަރުތެއް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ ޤަރީނާއަކީ ބޮޑަށް ބުރަވެވޭ ހީގެ މައްޗަށް އެކަމެއް ހިނގާފައިވާކަމުގެ މައްޗަށް ސަލާމަތް ބުއްދިއަށް ބުރަދަންލިބެނިވި ގޮތުގެމައްޗަށް ދަލީލުކޮށްދެނިވިކަމަށްވުން ލާޒިމުވެގެންވުމާއި ދެވަނަ ޝަރުތަކީ، އެއް ޤަރީނާ އަނެއް ޤަރީނާއާ ފުށުއަރާ ތަޢާރުޟު ނުވުންކަމާއި މިގޮތުން ދެ ޤަރީނާއެއް އޭގެ އެއްޤަރީނާ، އަނެއް ޤަރީނާއާ ތަޢާރުޟުވެ ފުށުއަރާނަމަ އޭގެ އެއްޤަރީނާއަކީވެސް، ކަމެއް ސާބިތުކުރުމަށް އެކަށީގެންވާ ޞައްޙަ ޤަރީނާއެއްކަމުގައި ނުބެލެވޭނެކަމާއި މިކަންކަން އިސްލާމީ ޝަރީޢަތުގައި، ކަންކަން ސާބިތުކުރުމަށްޓަކައި ކަނޑައެޅިފައިވާ ހަމަތަކާއި ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނައޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ހައިކޯޓަށް މައްސަލަ ހުށަހެޅުމާއި، މައުޟޫޢީގޮތުން ހައިކޯޓުން މައްސަލަ ބެއްލެވުމުގައި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާއި 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާ ޚިލާފަށް ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާއިން މައްސަލަ ނިންމެވުމުގައި އެ ކޯޓުން ޢަމަލުކުރައްވާފައިވާކަމަށް ދައުލަތުގެ ފަރާތުން މި މައްސަލަ އިލްތިމާސްކުރުމަށްއެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާއިރު، ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާއިން މައްސަލަ ނިންމެވުމުގައި ހައިކޯޓުގެ ޤަވާޢިދުގެ ބަޔާންކުރެވިދިޔަ މާއްދާތަކާ ޚިލާފަށް ހައިކޯޓުން ޢަމަލުކޮށްފައިވާކަމަށް ދައުލަތުގެ ފަރާތުން ދެކެނީ މައްސަލަ އަލުން ބެއްލެވުމަށް ދަށުކޯޓަށް ތަޙުވީލުކުރުމުގެ ބަދަލުގައި، ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާއިން މައްސަލަ ބައްލަވައި ނިންމެވިއިރު، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ޤަޟިއްޔާއަށް ހުށަހެޅިފައިވާ ހެކިތައް ހައިކޯޓުން ވަޒަންކޮށް، ދަށުކޯޓަށް ހުށަހެޅިފައިވާ މައްސަލަ މައުޟޫޢީގޮތުން ބައްލަވައި ނިންމާފައިވާތީ އެ ސަބަބަށްޓަކައިކަން ދައުލަތުގެ ފަރާތުން މި ނުކުތާއާގުޅިގެން ފާހަގަކޮށް ހުށަހަޅާފައިވާ ކަންތައްތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ އަސާސްތައް އެގޮތުގެ މަތިން ހުރުމާއެކު ދަށުކޯޓަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އެ ކޯޓުން އެ މައްސަލަ މައުޟޫޢީ ގޮތުން ނުވަތަ ޢިޖުރާއީގޮތުން ނަމަވެސް ބައްލަވައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށުކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓަށް ހުށަހެޅިފައިވާ އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި އަދި އެ މައްސަލައިގައި ހިމެނޭ އެންމެހާ ވާޤިޢާތަކާއި އެކަންކަމާ ގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ މައްސަލަ މަޢުޟީގޮތުން އަލުން ބަލައި އިންޞާފު ޤާއިމުކުރުމަކީ، ހައިކޯޓުން އިސްތިއުނާފުން މައްސަލަ ބެލުމުގައި ދުސްތޫރީ އަދި ޤާނޫނީ ގޮތުން އެ ކޯޓަށް ލިބިގެންވާ ބާރެއްކަން ސާފުކޮށް އެނގެން އޮތުމުންނާއި އަދި ހައިކޯޓުގެ ޤަވާޢިދުގެ ތެރެއިން މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ މާއްދާތަކަކީ ދަށުކޯޓުން ނިންމާފައިވާ ނިންމުމެއް، ހައިކޯޓަށް އިސްތިއުނާފުކޮށް ބަލާބެލުމުގައި، އެ މައްސަލައިގައި ޢަދުލު އިންޞާފު ޤާއިމުކުރެވެންއޮތީ، ދަށުކޯޓުން އެ ނިންމާފައިވާ ނިންމުމާގުޅޭ އެންމެހައި ކަންކަން މައުޟޫޢީގޮތުން ބަލައި ވަޒަންކޮށްގެންކަމަށް އެ ކޯޓަށް ޤަބޫލުކުރެވޭނަމަ އެކަމެއް ބެލުމަށް ހުރަސްއެޅޭފަދަ ގޮތަކަށް ހުރި މާއްދާތަކެއް ނޫންކަން އެ މާއްދާތަކަށް ބެލުމުން އެނގެން އޮންނާތީ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާއިން މައްސަލަ ބަލައި ނިންމެވިއިރު، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާއަށް ހުށަހެޅިފައިވާ ހެކިތައް ހައިކޯޓުން ވަޒަންކޮށް ބައްލަވައި ދަށުކޯޓަށް ހުށަހެޅިފައިވާ މައްސަލައާގުޅޭ ދަޢުވާ މައުޟޫޢީގޮތުން ބައްލަވައި ނިންމަވާފައިވަނީ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާ 44 ވަނަ މާއްދާއާ 45 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
(ޅ) ހަވަނަ ކަމަކީ، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމަށްވެފައި އަދި ދިވެހިރާއްޖޭގެ މުޅި ޤާނޫނީ ނިޒާމު އެ މައްޗަށް ބިނާވެފައިވާ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއިން އެނގެންއޮވެފައި، ޢަދުލު އިންޞާފު ޤާއިމްކޮށް ނެގެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ މައި މަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނުގެ އެތައްތަނެއްގައި އަންގަވާފައިވާކަން އިސްވެ އިޝާރާތްކުރެވުނު ކީރިތި ޤުރުއާނުގެ ނައްޞުތަކުން ސާފުކޮށް އެނގެން އޮވެފައި، އަދި މީގެ އިތުރުން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރު ފޯރާފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައިރު، އަދި ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއިން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެދިފައިވާ ހުރިހާ ކޯޓުތަކަކުން ޢަދުލު އިންޞާފު އެންމެ ފުރިހަމަ މާނައިގައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ލިބިދިނުމަކީ އެ ކޯޓުތަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކެއްކަން އެނގެންއޮތުމުން ދައުލަތުގެ މުއައްސަސާއަކުން ފަރުދަކާމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން އަދި އެ ފިޔަވަޅަކީ، ތައުދީބީގޮތުން އެޅިގެން ގޮސްފައިވާ ފިޔަވަޅެއްކަމަށްވިއަސް އެކަމާމެދު ހިތްހަމަނުޖެހިގެން ކަމާބެހޭ ފަރާތަކުން، އެ ފިޔަވަޅު އޭނާއާމެދު އަޅާފައިވާގޮތް ބަލައިދީ ޢަދުލު އިންޞާފު ހޯދާދިނުމަށްއެދި ކަމާބެހޭ ކޯޓަށް ނުވަތަ ޓްރައިބިއުނަލަކަށް ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން އެފަދަ މައްސަލައެއް ހުށަހެޅުމުން، އެ ކޯޓެއްގެ އިޚްތިޞާޞްގެ ތެރެއިން އެ ކަމެއް ފުރިހަމައަށް ބަލައި، އޭނާއާމެދު އެ ފިޔަވަޅުއަޅާފައިވަނީ ޢަދުލު އިންޞާފުގެ ހަމަތަކާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ ފުރިހަމައަށްބަލައި ވަޒަންކޮށް ޙުކުމްކުރުމުގެ ބާރު އެ ކޯޓަށް ޤާނޫނުއަސާސީއިން ލިބިދީފައިވާކަން ސާފުކޮށް އެނގެން އޮތުމުންނާއި އަދި މީގެ އިތުރުން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ އަސާސްތައް އެގޮތުގެ މަތިން ހުރުމާއެކު ދަށުކޯޓަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓުން އެ މައްސަލަ މައުޟޫއީގޮތުން ނުވަތަ އިޖުރާއީގޮތުން ނަމަވެސް ބައްލަވައި ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށުކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފު ކުރިފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓުން އެ ދަޢުވާގައި ބަލާ ނިންމާފައިވާ، އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި އަދި އެ މައްސަލާގައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި އަދި އެ ދަޢުވާއާގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ އެ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި އިންޞާފު ޤާއިމުކުރުމަކީ ހައިކޯޓުން އިސްތިއުނާފީ އުޞޫލުން މައްސަލަބަލާ ނިންމުމުގައި ދުސްތޫރީ ގޮތުންނާއި ޤާނޫނީގޮތުން ހައިކޯޓަށް ލިބިގެންވާ ބާރެއްކަން ސާފުކޮށް އެނގެން އޮތުމުން ވަޒީފާއިން ވަކިކޮށްފައިވަނީ އިންޞާފުވެރިކަމާ އެކުގައިކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް ކަމާބެހޭ ފަރާތަކުން ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅުމުން މުވައްޒަފަކާމެދު އޭނާތަބާވާ އިދާރާއިން އަޅާފައިވާ ޑިސިޕްލިނަރީ ފިޔަވަޅުއެޅުމަށްޓަކައި ބަޔާންކޮށްފައިވާ އެންމެހައި ޙައިޘިއްޔަތުތަކާއި ސަބަބުތައް (އޭގެތެރޭގައި އެ އިދާރާއިން ހެއްކާއި ޤަރީނާގެ ގޮތުގައި ބަލާފައިވާ އެންމެހައި ބެލުންތައްވެސް ހިމެނޭގޮތުން) ކޯޓުން ބެލިއިރު، އެ މުވައްޒަފަކާމެދު އޭނާ ތަބާވާ އިދާރާއިން އަޅާފައިވާ ފިޔަވަޅު އަޅާފައިވަނީ ޢަދުލު އިންޞާފުގެ ހަމަތަކާ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ފެނިއްޖެނަމަ އޭނާއާމެދު ޑިސިޕްލިނަރީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމި ނިންމުން ރަނގަޅުނޫންކަމަށް ކަނޑައެޅުމުގެ ބާރަކީވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ތެރެއިން ކޯޓުތަކަށް ލިބިދީފައިވާ ބާރެއްކަން އެނގެންއޮންނައިރުވެސް މުވައްޒަފަކާމެދު ޑިސިޕްލިނަރީގޮތުން ފިޔަވަޅުއަޅަން އޭނަ ތަބާވާ އިދާރާއިން ނިންމާނިންމުން ބަދަލުކުރުމުގެ ބާރު އެ މައްސަލަބަލާ ކޯޓުގެ ފަނޑިޔާރަށް ނުވަތަ ފަނޑިޔާރުންނަށް ލިބިގެންނުވާ ކަމަށް ދޭހަވާގޮތަށް ދައުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އިލްތިމާސް ނުކުތާތަކުގައި ދައްކާފައިވާ ވާހަކަތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ބެލެވެންނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ޤަޟާއީ ނިޡާމްތަކުގައި ދެ ދަރަޖައިގައި ނިންމާފައިވާ ޙުކުމްތައް (ދަށުމަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ބަލާ ނިންމާފައިވާ، ޤަޟިއްޔާތަކުގެ ޙުކުމްތައް) ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެ ޙުކުމް ޤާނޫނާ އެއްގޮތްވަނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ފުރުޞަތު ލިބިދިނުމަށްކަމާއި، މި ގޮތުން ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް ހުށަހެޅޭ ޤަޟިއްޔާތަކުގެ ޙުކުމް ދަށުކޯޓުންނާއި އިސްތިއުނާފީ ކޯޓުން ނެރުމަށްޓަކައި ތަބާވެފައިވާ މައުޟޫޢީ ޤާނޫނީ ޤާޢިދާތަކަށާއި އިޖުރާއީ ޤާނޫނީ ޤާޢިދާތައް އެ ޙުކުމުގައި ތަޠްބިޤުކޮށްފައިވަނީ ޤާނޫނުގެ ޞައްޙަ މަގުންތޯ ބެލުމުންއެއީ ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް ބެލުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު އަސާސްކަމާއި އެހެންކަމުން އާންމު ޤާޢިދާއަކީ ސުޕްރީމް ކޯޓުގައި މައްސަލައެއް އިލްތިމާސްކުރުމަކީ، އެ މައްސަލައިގައި ވާޤިއާތައް އަލުންބަލައި ރިވިއުކުރުން ނޫންކަމާއި އެހެނީ އިލްތިމާސްގެ މަގުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އިފްތިރާޟްކުރެވޭނީ (އެސިއުމްކުރެވޭނީ) މި މަގުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫއު ބެލި ކޯޓުތަކުން (ދަށުމަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން) ބަލާފައިވާ ދަޢުވާގެ ވާޤިޢާތައް ބަޔާންކޮށްފައިވާނީ ރަނގަޅަށްކަމުގެ މައްޗަށްކަމާއި، ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް، ދަށުމަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުންކޮށްފައިވާ ޙުކުމަށް ތަޢުނުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެދަޢުވާ ބެލުމުގެ މައިގަނޑު ދާއިރާ ބިނާވެފައިވަނީ ދަށުކޯޓުންނާއި އިސްތިއުނާފީ ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ރިޤާބާކޮށް ބެލުމުގެ މައްޗަށްކަމާއި ނަމަވެސް މިއާންމު ޤާޢިދާއާއަކީ އެއަށް ޤާޢިދުތަކެއް ނެތް މުޠުލަތު ޤާޢިދާއެއް ނޫންކަމާއި މިގޮތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މައްސަލަތަކުގައި ދަށުކޯޓުންނާއި އިސްތިއުނާފީ ކޯޓުން ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމުގެ ރަޤާބާގެ ދައުރު ސުޕްރީމް ކޯޓުން އަދާކުރުމުގެ އިތުރުންވެސް މައްސަލައިގެ އަޞްލު މައުޟޫޢު ބެލި ދަށުކޯޓާއި އިސްތިއުނާފީ ކޯޓުގެ ޤާޟީން މައްސަލައިގެ ވާޤިއާތަކުގެ (ފެކްޓްތަކުގެ) ކަންތަކާގުޅޭ ގޮތުން އެމީހުންގެ ބާރުތައް ބޭނުންކުރުމުގެ އިލްތިޒާމް ރިޤާބާކޮށް މޮނިޓަރކުރުމުގެ ދައުރަކީވެސް ސުޕްރީމް ކޯޓުގެ މުހިންމު މަސްއޫލިއްޔަތެއްކަމާއި އެހެނީ މައްސަލައިގެ މައުޟޫލު ބެލި ޤާޟީ އަށް ލިބިގެންވާ ބާރުތަކަށްވެސް އިންތަކެއް ކަނޑައެޅިފައިވާކަމާއި އެއީ އެ އިންތައް ކަނޑައަޅާފައިވަނީ ޤާނޫނު ކަމަށްވުމާއެކު އެއިންތަކަށް ޤާނޫނީ ތަބީޢަތު ލިބިގެންވުމާއެކު މިފަދަ ޙައިޘިއްޔަތު ލިބިގެން މައްސަލައިގެ މައުޟޫއު ބެލި ޤާޟީ އޭނާއަށް ލިބިގެންވާ ބާރުތަކަށް އިލްތިޒާމުވި މިންވަރު ސުޕްރީމް ކޯޓުން ރިޤާބަ ކުރާއިރު، އެ ރިޤާބާ ގުޅިފައިވަނީ ވާޤިއާތަކާކަމުގައި ވީނަމަވެސް އެ ރިޤާބާއަކީ އަޞްލުގައި ޤާނޫނީ ރިޤާބާއެއްކަމާއި، މި ބާވަތުގެ ކަންކަމުގައި ސުޕްރީމް ކޯޓުން ރިޤާބާގެ ދައުރު އަދާކުރުމުގައި މައިގަނޑު ދެކަމެއް ހިމެނޭކަމާއި، އޭގެ ތެރެއިން އެއްކަމަކީ މައްސަލައިގެ މައުޟޫއު ބެލި ކޯޓުތަކުން އެ މައްސަލައިގައި ހިމެނޭ ކަންކަން ސާބިތުކުރުމުގައި ގެންގުޅެފައިވާ މިންގަނޑުތައް ރިޤާބާކުރުންކަމާއި ދެވަނަކަމަކީ މައްސަލައިގެ މައުޟޫއު ބެލި ކޯޓުތަކުން ޙުކުމަކާ ހަމައަށް ވާޞިލްވުމަށްޓަކައި ބަޔާންކުރަންޖެހޭ ސަބަބުތައް އެކަށީގެންވާ މިންވަރަކަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަން ނުވަތަ ނޫންކަން ރިޤާބާ ކުރުންކަމާއި މީގެ ތެރެއިން ފުރަތަމައަށް މި ބުނެވުނު ކަންތައް ރިޤާބާ ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ބަލާބެލުމުގައި މައްސަލައިގެ މައުޟޫޢު ބެލި ކޯޓުގެ ޤާޟީ ޘާބިތުކުރުމުގެ މިންގަނޑުތައް ވަޒަންކުރުމުގައި ބަލަންޖެހޭ ބެލުންތައް ނުބެލި އޭގެ މިންތައް ފަހަނައަޅާގޮސް، ނުބައެއް ނުވަތަ ގޯހެއް ހެދިފައިވާކަން ސުޕްރީމް ކޯޓަށް ފެނިއްޖެނަމަ، އެކަން ޞައްޙަމަގަށް ގެނެސް އިންޞާފު ޤާއިމުކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމާއި މިކަންކަން މި ބަޔާންކުރެވުނު ގޮތުގެމަތިން އެނގެންއޮތުމުގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ ޙާލަތްތަކުގެ ތެރޭގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއްހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ހިމެނިގެންވާކަން އެނގެން އޮތުންކަމުގައިވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި، އަދި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުންބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށާ އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއްވެސް ނިންމަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި އަދި ހަމަ ބުނެވުނު ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި އަދި ހަމަ މި ބުނެވުނު ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގައާއި ޝަރީޢަތުންބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނައޮތުމަށާއި، ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި އަދި ޢަދުލު އިންޞާފު ގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ މައްޗަށާއި އަދި 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިޚްތިޔާރުތަކާއި ބާރުތަކަށް ރިޢާޔަތްކޮށް ބެލުމުން ދަށުކޯޓަކުން ނިންމާފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ބަލައި ނިންމުމުން އެ މައްސަލައެއް ކަމާބެހޭ ފަރާތަކުން ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން، އެ މައްސަލައިގައި ޤާނޫނު ޠަތްބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަށް ސުޕްރީމް ކޯޓަށް ލިބިގެންވާ ރިޤާބާގެ ދައުރުގެ އިތުރުންވެސް މިފަދަ މައްސަލައެއްގައިވެސް ޢަދުލު އިންޞާފު ޤާއިމުކޮށް ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެ މައްސަލައިގައި ހިމެނޭ އެންމެހައި ވަޤާއިއުތައް އޭގެ ތެރޭގައި މައްސަލަ ޘާބިތުކުރުމަށްޓަކައި ދަށުކޯޓުންނާއި ހައިކޯޓުން ތަބާވެފައިވާ މިންގަނޑުތައް ހިމެނޭގޮތުން ސުޕްރީމް ކޯޓުން ބަލައި ރިޤާބާކުރުމަކީ، ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްކަން އެނގެންއޮންނަ އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، ސިވިލްކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްޘީލްކުރަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ދަޢުވާކުރާ ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ވަޒީފާގައި ހުއްޓާ 14 ސެޕްޓެމްބަރ 2010 ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙުސައިން ރިޝީފް ޠާހާ އެ މަޤާމުން ވަކިކޮށްފައިވާކަމާއި އަދި ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރި ސަބަބާއި އަދި އެ ދަޢުވާއާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދެކޭގޮތް ބަޔާންކުރަމުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ވަޒީފާއެއްގައި ހުރެ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރުމަށްފަހު، ތަޙްޤީޤަށް ލިބިގެންވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާ އެކަމުގައި ބައިވެރިވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވުމާއި މިކަމަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ކޯޑް އޮފް އެތިކްސްއާ ކަނޑައެޅިގެން ޚިލާފުކަމެއްކަމަށް ވުމުން ދަޢުވާކުރާ ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށާއި، ވުމާއެކު ދަޢުވާކުރާ ފަރާތަށް ލިބިފައިވާކަމަށް ބުނެފައިވާ ގެއްލުމަކީ، އެ ގެއްލުމަށް ދައުލަތުން އެއްވެސް ސިފައެއްގައި އެއްވެސް މިންވަރަކަށް ޒިންމާވާންޖެހޭ ގެއްލުމެއްކަމަށް ދައުލަތުން ނުދެކޭކަމަށްބުނެ ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ މި ދަޢުވާއަށް އިންކާރުކުރާކަމަށް އެވާހަކަތަކުގައި ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެންއޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލާފައިވާ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާއަކީ، ފުލުހުން ވަޒީފާއިން ވަކިކުރެވޭ ޙާލަތްތައް ބަޔާންކުރާ މާއްދާކަމާއި، ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންއައި ވަޒީފާކަމުގައިވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސަރވިސްގެ ވަޒީފާއިން 14 ސެޕްޓެމްބަރ 2010 ގައި އެސަރވިސްގެ ފަރާތުން ވަކި ކޮށްފައިވަނީ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "މޯލްޑިވެސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަޅާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމެޓީއިން ހުށަހެޅުމުން" މިފަދައިން ކަން އެ މާއްދާއަށް ބެލުމުން އެނގެން އޮތުމުން ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ މައިގަނޑު ދެ ކަމެއް ފުރިހަމަވެގެންކަމާއި އޭގެތެރެއިން ފުރަތަމަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން އެ ފުލުހަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވުމާއި، ދެވަނަ ކަމަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ފުލުހަކު ޢަމަލުކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ އެ ޢަމަލަކީ އެ ޢަމަލެއްގެ ސަބަބުން އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ އެ އިތުބާރަށް ބުރޫއަރާފާނެކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ އެ ކޮމިޓީއިން ހުށަހެޅުންކަމާއި މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެންއޮތުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ސަރވިސްގައި ވަޒީފާއަދާކުރާ ފުލުހަކާމެދު ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން އޭނާ ޤާނޫނާ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ސާބިތުވާކަމަށް ބަލަންޖެހޭނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން، ކަންކަން ސާބިތުކުރުމަށް ޝަރީޢަތާއި އަދި ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެންއޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، ފުލުހުންގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތައް ބަޔާންކުރާ މާއްދާކަމާއި މިގޮތުން އެ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވަނީ އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށްތައްކަމާއި، އަދި އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި ބަޔާންކޮށްފައިވަނީ އިދާރީ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތައްކަމާއި އަދި އެ ޤަވާޢިދުގެ 8 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާއަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ބަޔާންކުރާ މާއްދާކަމާއި، އެ މާއްދާގައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭ އަދަބުތަކުގެ ގޮތުގައި ތަފާތު 7 އަދަބު ބަޔާންކޮށްފައިވާކަމާއި އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރުން ހިމެނޭކަމާއި މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 07 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަންކަން ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރުން އެއްވެސް ޙާލެއްގައި، އެއްވެސް މީހަކާމެދު އަނިޔާވެރި ނުވަތަ އިހާނެތި ނުވަތަ އިންސާނިއްޔަތާ ޚިލާފު ނުވަތަ ރަޙުމްކުޑަ ގޮތަކަށް ފުލުހުންގެ މީހަކު ޢަމަލުނުކުރުމާއި، މީހަކުލައްވާ އެފަދަ ގޮތަކަށް ޢަމަލުނުކުރުވުމާއި، އެހެން މީހަކުވެސް އެފަދަ ގޮތަކަށް ޢަމަލުކުރިޔަ ނުދިނުމާއި މިކަންކަމަކީ ފުލުހުންގެ ކޮންމެ މީހެއްގެ މައްޗަށްވެސް ވާޖިބުގެންވާ ކަންތައްތަކެއްކަން އެނގެން އޮންނައިރު އަދި "ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް" ގެ 6 ވަނަ މާއްދާގައި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ތެދުވެރި، ވަފާތެރި ބަޔަކަށް ވާންޖެހޭނެކަމަށާއި ފުލުހުންގެ ޑިއުޓީގައާއި ޑިއުޓީއިން ބޭރުގައިވެސް ފުލުހުންނަކީ އަމިއްލަ ނަފްސަށް ތެދުވެރި، ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާސްތެރި ބަޔަކަށް ވާންޖެހޭނެކަމަށާއި ފުލުހުންކުރާ ކޮންމެ ޢަމަލެއްގެ ސަބަބުން ތިމާގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމާއި އަދި ހަމަ މިބުނެވިދިޔަ "ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް" ގެ 7 ވަނަ މާއްދާގައި ފުލުހުންނަކީ އަމިއްލަ ދިރިއުޅުމުގައިވެސް ރައްޔިތުންނަށް ހެޔޮގޮތުގައި ނަމޫނާއަކަށްވާންޖެހޭނެ ބައެއްކަމާއި، އިސްލާމް ދީނުގެ ހަމަތަކުގައި ފުރިހަމައަށް ހިފެހެއްޓުމާއި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޒިންމާ ފުރިހަމަ ކުރުމަށް މަސައްކަތް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ނަންބަރު DBMF/2010/101 "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް" އަށް ބަލާއިރު، އެ ފޯމްގައިވާ ނަންބަރު DC/2010/148 ގެ މައްސަލައިގެ ދަށުން ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ 2010 އޯގަސްޓް 05 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ގަދަކަމުން ކާރަކަށް އަރުވައިގެން ކިޑްނެޕްކޮށްގެންގޮސް އާމިނަތު ޒިޔާދާއާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭކަމަށް ބުނާ މައްސަލަކަމާއި އެ މައްސަލާގައި ހިމެނޭ ކުށަކީ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ޖިނާއީ ކުށެއްގެ ޢަމަލު ހިންގިކަމުގެ ކުށާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 01 އަދި 02 ގައި ބުނާ ކުށާއި މި ކުށްތައްކަމަށް ބަޔާންކޮށްފައިވާ ކަމާއި މިކަންކަން މި އިޝާރާތްކުރެވުނު ފޯމަށް ބެލުމުން އެނގެން އޮތްހިނދު ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާ ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ޙުސައިން ރިޝީފް ޠާހާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ޙުސައިން ރިޝީފް ޠާހާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއެއްގައިހުރެ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދައަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުކަތުކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރުމަށްފަހު ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޙުސައިން ރިޝީފް ޠާހާ އެ ޢަމަލުގައި ބައިވެރިވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭތީ ކަމަށާއި، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުރެވުނީ އެއްވެސް ގޮތަކުން އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ތުހުމަތު ނޫންކަމަށާއި ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުރެވުނީ ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ ބަޔަކަށް އެކަންކުރަން ހިތްވަރުދީ އެކަންކުރަން އަންގާފައިވާތީކަމަށާއި ޙުސައިން ރިޝީފް ޠާހާގެ މި ޢަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި އަދި ކޯޑް އޮފް އެތިކްސްއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި، ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާނޫނީ ބާރުލިބިގެން ހަދާފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށަތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، ހަމަ އެ ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު "ފުލުހުންގެ ޤާނޫނު" ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވާލެވިފައިވާ އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާ، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށާއި އަދި ހަމަ ބުނެވުނު ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރަންޖެހޭނީ، ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ ބަޔަކަށް، ދައުލަތުން މި މައްސަލާގައި ބުނާ އަންހެންކުއްޖާ ( އާމިނަތު ޒިޔާދާ) އާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގަން ހިތްވަރުދީ އެކަންކުރަން، ޙުސައިން ރިޝީފު ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ސާބިތުވާ ޙާލަތެއްގައިކަން އެނގެން އޮންނަކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ދައުލަތުގެ މައްޗަށް ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޙުސައިން ރިޝީފް ޠާހާ އަދާކުރަމުންދިޔަ ވަޒީފާއިން ޙުސައިން ރިޝީފް ޠާހާ ވަކިކުރަންޖެހުނު ސަބަބަކީ، ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަންހެން ކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ، އަދި މި ޢަމަލު ހިންގުމަށް ޙުސައިން ރިޝީފު ޠާހާގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުޙުމަތު ކުރެވުނު، ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަންހެން ކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ މި ޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އަމުރުކުރިކަން ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ: 1- އާމިނަތު ޒިޔާދާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ ކޮޕީއާއި، 2- ޙުސައިން ރިޝީފް ޠާހާ ތަޙްޤީޤަށް ދީފައިވާކަމަށް ބުނާ ބަޔާނުގެ ދެލި ކޮޕީ އާއި ތަޙްޤީޤަށް ދީފައިވާކަމަށްބުނާ ބަޔާނުގެ ސީޑީއާއި، 3- ޙާދިޘާ ހިނގިކަމަށްބުނާ ވަގުތު ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ފޯނުކޯލު ރެކޯޑުތަކުގެ ތަފްޞީލާއި، 4- ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ ބަޔާނާއި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ ކޮޕީއާއި މި ލިޔުންތަކާއި ތަކެތިކަން އެނގެން އޮންނައޮތުމެވެ.
(ތ) ތޭރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ކޮށްފައިވާ ދަޢުވާ ނުވަތަ މައްސަލައިން ބަރީޢަވުމަށް ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ގދ. ތިނަދޫ ސަކީނާ މަންޒިލް އާމިނަތު ޒިޔާދާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް ދީފައިވާކަމަށް ބުނާ ބަޔާނުގައި 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ ގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާލޭ މާވެޔޮ މިސްކިތް ކުރިމައްޗަށް އޮންނަ ގޯޅިގަނޑުގެ ކަންމައްޗަށް ހުރި ފިހާރަކައިރީ ބަހައްޓާފައިހުރި ސައިކަލެއްގެ މަތީގައި އިންދާ، އެސް އަކުރުޖެހި ކަޅު ކުލައިގެ ކަޅު ބިއްލޫރި ޖަހާފައިވާ ކާރެއްގައި ތިބިބަޔަކު އައިސް އާމިނަތު ޒިޔާދާގެ ނުރުހުމުގައި ގަދަކަމުން ސައިކަލުން ބާލައިގެން އެ މީހުން ތިބި ކާރަށް އަރުވައި އާމިނަތު ޒިޔާދާގެ ނުރުހުމުގައި އާމިނަތު ޒިޔާދާ އާމެދު ބަޔަކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ބުނެފައިވީ ނަމަވެސް އެކަމުގައި ޙުސައިން ރިޝީފް ޠާހާ އެއްވެސް ގޮތަކަށް ޢަމަލީގޮތުން ބައިވެރިވެފައިވާކަން އަދި އެރޭ އޭނާއާމެދު ބަދުއަޚުލާޤީ ޢަމަލު ހިނގިކަމަށްބުނާ ކާރުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާ އިންކަން އެނގޭފަދަ އެއްވެސް ބަހެއް ނުވަތަ ޢިބާރާތެއް ބުނެފައި ނުވާކަމާއި އަދި އެރޭ އޭނާއާމެދު ބަދު އަޚުލާޤީ ޢަމަލު ހިންގުމަށް އެ ކާރުގައި ތިބި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ޙުސައިން ރިޝީފް ޠާހާ ހިތްވަރުދީ އެކަންކުރަން އެމީހުންނަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަން އެނގޭފަދަ އެއްވެސް ވާހަކައެއް ނުވަތަ ޢިބާރާތެއްވިޔަސް އާމިނަތު ޒިޔާދާގެ އެބަޔާނުން އެއްވެސް މިންވަރަކަށް އެނގެން ނެތްކަން އެބަޔާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ލ) ސާދަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ކޮށްފައިވާ ދަޢުވާއިން ބަރީޢަވުމަށް ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ، ޙުސައިން ރިޝީފް ޠާހާ ތަޙްޤީޤަށް ދީފައިވާ ކަމަށްބުނާ ބަޔާނުގެ ދެލިކޮޕީއަށްބަލާއިރު، އެ ބަޔާނަކީ، އެ ބަޔާނުގެ އެއްވެސް ތަނެއްގައި ޙުސައިން ރިޝީފް ޠާހާ ސޮއިކޮށްފައިވާ ބަޔާނެއް ނޫންކަމާއި އަދި 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ ނުވަތަ އެނޫން ދުވަހެއްގައި ނަމަވެސް ޙުސައިން ރިޝީފް ޠާހާގެ ޙަވާލުގައިވާ ނުވަތަ އޭނާގެ ޙަވާލުގައި ނެތް ވެހިކަލަކަށް އަންހެން ކުއްޖަކު އަރުވައިގެން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަން ނުވަތަ އެ ބާވަތުގެ ކަމެއް ކުރުމަށް ޙުސައިން ރިޝީފް ޠާހާ އެއްވެސް ފަރާތަކަށް ހިތްވަރުދީ އަދި އެފަދަ ކަމެއްކުރުމަށް އެއްވެސް މީހަކަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަން އެނގޭ އެއްވެސް ޢިބާރާތެއް ނުވަތަ ބަހެއް އެ ބަޔާނުގައި އައިސްފައިވާނުވާ ކަން އެ ބަޔާނަށް ބެލުމުން އެނގެން އޮންނައިރު 2010 އޯގަސްޓް 06 ވަނަ ދުވަހު ރަޖިސްޓްރީ ނަންބަރު S5241 ކާރަށް ގަދަކަމުން އަންހެން ކުއްޖަކު އަރުވައި އޭނަ އޮރިޔާންކޮށް ޙުސައިން ރިޝީފް ޠާހާ ދިރިއުޅޭ ގެ ކައިރިއަށް އެއްލާލުމުގައި ޙުސައިން ރިޝީފް ޠާހާ އެއްވެސް ގޮތަކަށް ބައިވެރި ވެފައި ނުވާކަމަށާއި އަދި އެފަދަކަމެއް މީހަކު ކުރަނިކޮށްވެސް ޙުސައިން ރިޝީފް ޠާހާ ނުދެކޭ ކަމަށް އެބަޔާނުގައި ލިޔެފައިވާކަމާއި މިކަންކަން މިބަޔާނަށް ބެލުމުން އެނގެން އޮންނައޮތުމުން މިބަޔާނަކީ، 2010 އޯގަސްޓު 06 ވަނަ ދުވަހުގައި އާމިނަތު ޒިޔާދާ ނަމަކަށް ކިޔާ އަންހެން ކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގައި ނުވަތަ އޭނާއާ މެދު އެއްވެސް އިހާނެތި ޢަމަލެއް ހިންގުމުގައި ޙުސައިން ރިޝީފް ޠާހާ ޢަމަލީ ގޮތުން ބައިވެރިވެފައި ވާކަން ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް ޙުސައިން ރިޝީފް ޠާހާ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ހިތްވަރުދީ އެފަދަ ކަމެއްކުރުމަށް ޙުސައިން ރިޝީފް ޠާހާ އެއްވެސް ފަރާތަކަށް އަންގާ އަމުރުކޮށްފައިވާ ކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހެކި ނުވަތަ ޤަރީނާ ލިބޭ ބަޔާނެއްކަމަށް ބަލަންޖެހޭ ބަޔާނެއް ނޫންކަން އެނގެން އޮންނަ ކަމެވެ.
(ގ) ފަނަރަވަނަ ކަމަކީ، 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ފަތިހު ގދ. ތިނަދޫ ސަކީނާ މަންޒިލް އާމިނަތު ޒިޔާދާ، ރަޖިސްޓްރީ ނަންބަރު S5241 ކާރަށް ގަދަކަމުން އަރުވައި އޭނާ އާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގައި ޙުސައިން ރިޝީފް ޠާހާ ބައިވެރިވެފައި ނުވާކަމަށް މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާއިރު، އަދި ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޙުސައިން ރިޝީފް ޠާހާ ގެ ދަށުން މަސައްކަތްކުރާ ބަޔަކަށް އާމިނަތު ޒިއާދާ އާ މެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ އެކަންކުރަން ޙުސައިން ރިޝީފް ޠާހާ އަންގާފައި ވާތީކަމަށް ދައުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ބުނަމުންދާއިރު، S5241 ރަޖިސްޓަރީ ނަންބަރު ކާރުގައި ތިބިކަމަށް ދައުލަތުން ބުނާއެއްވެސް ފަރާތަކަށް އާމިނަތު ޒިއާދާ އާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ އަދި އެފަދަ ޢަމަލެއް ކުރުމަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަން އެނގޭ ނުވަތަ ދޭހަވާ އެއްވެސް ކޯލެއް ރިކޯޑްކުރެވި، ނެގިފައިނުވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާތީއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހަކުމެ އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ ޙުރުމަތްތެރި ވެގެންވާކަންކަން ކަމަށާއި އަދި މިކަންކަމަކީ ކޮންމެ މީހަކުމެ ޙުރުމަތްތެރިކޮށް ހިތަންވާނެ ކަންތައްތަކެއްކަމަށް ސާފު ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު އަދި އެކަމަކީ، ރައްޔިތުންގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީން އެނގެންއޮންނައިރު، "ފޯނުކޯލް" ރެކޯޑުތަކުގެ ތަފްޞީލުގެ ގޮތުގައި މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމާމެދު ޙުސައިން ރިޝީފް ޠާހާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ފަތިހު އާމިނަތު ޒިޔާދާގެ ނުރުހުމުގައި އެރުވިކަމަށްބުނާ ކާރުގައި ތިބިކަމަށް ދައުލަތުންބުނާ ބައެއް މީހުންގެ ފޯނަށް ޙުސައިން ރިޝީފް ޠާހާ ގުޅާފައިވާ ކަމާމެދު ޙުސައިން ރިޝީފް ޠާހާ އިންކާރުކޮށްފައިނުވާކަން ޙުސައިން ރިޝީފް ޠާހާގެ ބަހުން އެނގެން އޮތް ނަމަވެސް، ޙުސައިން ރިޝީފް ޠާހާ އެމީހުންނަށް އެވަގުތު ގުޅަން ޖެހުނު ސަބަބަކީ އެ މީހުންނަކީ ޙުސައިން ރިޝީފް ޠާހާގެ ސެކިއުރިޓީ ބެލެހެއްޓުމާ އެވަގުތު ޙަވާލުގެ ތިބި މީހުން ކަމަށް ޙުސައިން ރިޝީފް ޠާހާ ބުނެފައިވާއިރު، އެ މީހުންނަކީ ޙުސައިން ރިޝީފް ޠާހާގެ ސެކިއުރިޓީ ބެލެހެއްޓުމާ ޙަވާލުވެތިބި ބައެއްނޫންކަމާމެދު ދައުލަތުގެ ފަރާތުން ޗެލެންޖުކޮށް އިޢުތިރާޒުކޮށްފައިނުވާއިރު، އަދި އެ މީހުންނަކީ ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބައެއްކަމަށް ދައުލަތުގެ ފަރާތުންވެސް ބުނެފައިވާއިރު އެ މީހުންނަށް ޙުސައިން ރިޝީފް ޠާހާ ގުޅަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށްވާއިރު ދައުލަތުންބުނާ ފަރާތްތަކާ އެވަގުތު ޙުސައިން ރިޝީފް ޠާހާގެ ފޯނުން ގުޅާފައި އޮންނައޮތުމަކީ، ހަމައެކަނި އޭގެ މައްޗަށް ބަލައިގެން އާމިނަތު ޒިޔާދާ އަރުވައިގެން ގެންދިޔަކަމަށްބުނާ ކާރުގައި ތިބި ފަރާތްތަކަށް އާމިނަތު ޒިޔާދާ އާމެދު އިހާނެތިކޮށް ހިތައި އަދި އޭނާއާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ އެކަންކުރުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް އަންގާފައިވާކަމުގެ މައްޗަށް ހެކި ނުވަތަ ޤަރީނާލިބޭ ކަމެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލަންޖެހޭފަދަ ސަބަބެއްނޫންކަން އެނގެންއޮންނަކަމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ދަޢުވާއިން ބަރީޢަވުމަށް ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ ބަޔާނަށް ބަލާއިރު، އެ ބަޔާނަކީ، އާމިނަތު ޒިޔާދާއާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ފަރާތަކަށް ޙުސައިން ރިޝީފް ޠާހާ ހިތްވަރުދީ އަދި އެފަދަ ޢަމަލެއް ކުރުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ފަރާތަކަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހެކި ނުވަތަ ޤަރީނާވިޔަސް ލިބޭ ލިޔުމެއްނޫންކަން އެނގެންއޮންނަކަމެވެ.
(ސ) ސަތާރަވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާ ކޮށްފައިވާ ދަޢުވާއިން ބަރީޢަވުމަށްޓަކައި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަށް ބަލާއިރު މި ލިޔުމުގައި ބުނާ މައްސަލަ ޑިސިޕްލިނަރީ ބޯޑުން ތަޙްޤީޤުކޮށް ބެލުމަށްފަހު، ޑިސިޕްލިނަރީ ބޯޑުން ނިންމި ގޮތުގައި ބަޔާންކޮށްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރިޝީފް ޠާހާ ގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ކަންތައްތަކަށް ބަލާއިރު، 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ފަތިހު އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ S5241 ރަޖިސްޓަރީ ނަންބަރު ކާރަށް ގަދަކަމުން އަރުވާ، އޭނާ ލައިގެން ހުރި ހެދުން ބާލުވާ، ހިންގާފައިވާ ޢަމަލުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވުނު އެންމެހައި ފަރާތްތަކުން ބޯޑަށް ޖަވާބުދާރީވުމުގައި ތުހުމަތުކުރެވުނު 04 މީހުން ދައްކާފައިވާ ވާހަކަތަކުން ފުށުއަރާ ގިނަ ކަންތައްތަކެއް ހުރުމާއި، ކަމުގެ އަޞްލު އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވިފައިވާތީއާއި، ތަޙްޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީކަމަށްކަމުގައިކަން ޑިސިޕްލިނަރީ ބޯޑްގެ ނިންމުމުން އެނގެން އޮތުމުން ރިޝީފް ޠާހާއާމެދު އެ ނިންމުމުގެ ދަށުން އެޅުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ މައިގަނޑު ތިން ސަބަބެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަމާއި އޭގެތެރެއިން ފުރަތަމަ ސަބަބަކީ، ތުހުމަތުކުރެވުނު 04 މީހުން ދައްކާފައިވާ ވާހަކަތަކުން ފުށުއަރާ ގިނަ ކަންތައްތަކެއް ހުރުންކަމާއި ދެވަނަ ސަބަބަކީ ކަމުގެ އަޞްލު އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވުންކަމާއި، ތިންވަނަ ސަބަބަކީ، ތަޙްޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ރިޢާޔަޔްކޮށް ބެލިއިރު، ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވުންކަމާއި މިތިން ސަބަބުކަމާއި މީގެ ތެރެއިން ފުރަތަމަ ސަބަބު ބިނާކޮށްފައިވަނީ ތުހުމަތު ކުރެވުނު ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި ފުށުއަރާ ގިނަ ކަންތައްތަކެއް ހުންނަހުރުމުގެ މައްޗަށްކަމަށްވާއިރު، ތަޙްޤީޤަކަށް ނުވަތަ ޝަރީޢަތަކަށް ނަމަވެސް ގެނެވޭ ފަރާތްތަކެއް އޭގެ އެކަކު ބުނާ އެއްޗެއް، އަނެކަކު ބުނާ އެއްޗަކާ ކަނޑައެޅިގެން ފުށުއަރާ، ތަޢާރުޟުވެގެންދިއުމަކީ، ޝަރުޢީ މިންގަނޑުން ބަލާއިރު، އޭގެ މައްޗަށް ބަލައި ކަމެއް ސާބިތުވާކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނޫންކަމާއި ދެވަނަ ސަބަބު ބިނާކޮށްފައިވަނީ ކަމުގެ އަޞްލު އޮޅުވާލަން ތަޙްޤީޤަށް ގެނެވުނު ފަރާތްތަކުން މަސައްކަތްކޮށްފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭ ކުރެވުމުގެ މައްޗަށް ކަމަށްވާއިރު، ޤާނޫނީ ނަޒަރަކުންބަލާއިރު، ތަޙްޤީޤެއްގައި ތަޙްޤީޤުކުރާ ފަރާތުން ބަލަންޖެހޭ މައިގަނޑު އަސާސުތަކަކީ، ޤާނޫނުގައި ކަނޑައެޅިފައިވާ ޢިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަޙްޤީޤެއްގައި ހޯދަން ބޭނުންވާ ކަންކަމާ ގުޅޭ ހެކިތައް ހޯދައި އެ ހެކިތައް ޖަމާކޮށް އޭގެފަހުން އެހެކިތަކަކީ އެ ތަޙްޤީޤެއްގައި ތުހުމަތުކުރެވުނު ފަރާތަކާމެދު ޖިނާއީ ގޮތުން ނުވަތަ ތައުދީބީގޮތުން ނަމަވެސް ފިޔަވަޅު އެޅުމަށް އެކަށޭނަ ކާފީ ހެކިތަކެއްތޯ ކަނޑައެޅުމަށްޓަކައި، އެ ހެކިތައް ވަޒަންކުރުންކަމަށްވާއިރު، ކަމެއްގެ އަޞްލު އޮޅުވާލަން ބަޔަކު މަސައްކަތް ކުރާކަމަށްބުނެ ތަޙްޤީޤެއްގެ ދަށުން ހޯދަން ބޭނުންވިކަންތައް އެބައެއްގެ މައްޗަށް ސާބިތުވާކަމަށް ބެލުމަކީ، ޝަރުޢީ އަދި ޤާނޫނީ މިންގަނޑުން ބަލާއިރު އޭގެ މައްޗަށް ބަލައި ކަމެއް ސާބިތުވާކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނޫންކަމާއި ތިންވަނަ ސަބަބު ބިނާކޮށްފައިވަނީ ތަޙްޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ބެލިއިރު، ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭ ކުރެވުމުގެ މައްޗަށްވާއިރު، ޑިސިޕްލިނަރީ ބޯޑުގެ އެ ނިންމުމަށް ވާޞިލްވުމަށްޓަކައި ފާހަގަކޮށްފައިވާ ކަންކަމަށްބަލާއިރު، އެ ތަޙްޤީޤަށް ގެނެވުނު އެއްވެސް މީހެއްގެ ބަހުން މި ތަޙްޤީޤުގައި ބަޔާންކުރެވޭ އަންހެން މީހާއާމެދު ބަދުއަޚުލާޤީ ޢަމަލެއް ނުވަތަ އިހާނެތި ޢަމަލެއް ހިންގުމުގައި ޙުސައިން ރިޝީފް ޠާހާ ބައިވެރިވެފައިވާކަމަށް ނުވަތަ އެ އަންހެންމީހާއާމެދު އެފަދަ ޢަމަލެއް ހިންގުމަށް، ޙުސައިން ރިޝީފް ޠާހާ ހިތްވަރުދީ އެފަދަ ކަމެއް ކުރުމަށް އޭނާގެ ދަށުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އަންގަވާފައިވާކަމަށް ބުނެފައިވާކަމަށް ފާހަގަކޮށްފައިނުވާކަމާއި، އަދި ޑިސިޕްލިނަރީ ބޯޑުގެ މި ނިންމުން ބިނާކޮށްފައިވަނީ އާމިނަތު ޒިޔާދާއާމެދު ބަދު އަޚުލާޤީ ޢަމަލު ހިންގުމަށް ރިޝީފް ޠާހާ އަންގާފައިވާކަމުގެ މައްޗަށްކުރެވޭ ތުޙުމަތެއްގެ މައްޗަށް ބިނާކޮށްގެންކަން މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނަންބަރުން ސާފުކޮށް އެނގެންއޮތުމުން ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ކުށެއް މީހަކު ކޮށްފައިވާކަމަށް ބެލުމަކީ އަބުރާއި ޝަރަފު ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ޤަވާޢިދުތަކާ އުޞޫލުތަކާ އަދި ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަބުރުރައްކާތެރި ކުރުމުގެ ޙައްޤުގެ މަފްހޫމާ އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްތެރިކޮށް އެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އުފެދިފައިވާ "އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރ)" ފަދަ ބައިނަލްއަޤުވާމީ މުއާޙަދާ ތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ ޚިލާފުކަމެއްކަން އެނގެން އޮންނާތީ މި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ޑިސިޕްލިނަރީ ބޯޑުން ރިޝީފް ޠާހާއާ މެދު އަޅާފައިވާ ފިޔަވަޅު އަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
(ޑ) އަށާރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާގައި ރިޝީފް ޠާހާ ކޮށްފައިވާ ދަޢުވާއިން ބަރީޢަވުމަށްޓަކައި ހެކީގެ ގޮތުގައި ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ، ޙުސައިން ރިޝީފް ޠާހާ ތަޙްޤީޤަށް ދީފައިވާކަމަށްބުނާ ބަޔާނުގެ ސީޑީއަށް ބަލާއިރު، އެ ސިޑީގެ އެއްވެސް ހިސާބެއްގައި ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަންހެންކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ، މިފަދަ ޢަމަލެއް ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އަމުރުކުރިކަން އެނގޭ ނުވަތަ އެފަދަ ގޮތަކަށް ޙުސައިން ރިޝީފް ޠާހާ ޢަމަލުކޮށްފައިވާކަން ދޭހަވާފަދަ އެއްވެސް ޢިބާރާތެއް ނުވަތަ ބަހެއް އައިސްފައިނުވާކަން އެސީޑީއަށް ބެލުމުން އެނގެން އޮތުމުން އެ ސީޑީގައިވާ ވާހަކަތަކަކީ ޙުސައިން ރިޝީފް ޠާހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަންހެން ކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދީ މިފަދަ ޢަމަލެއް ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އަމުރުކުރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހެކި ނުވަތަ ޤަރީނާ ލިބޭ ވާހަކަތަކެއްކަމަށް ބެލެވޭފަދަ ވާހަކަތަކެއްނޫންކަން އެނގެންއޮންނައޮތުމެވެ.
(ޒ) ނަވާރަވަނަ ކަމަކީ 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ބަޔަކު މީހުން ގަދަކަމުން ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ ކާރަކަށް އަރުވައިގެން އޭނާއާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމަށްފަހު، އޭނާގައިގައި އެއްވެސް އެއްޗެއް ނެތް ޙާލަތެއްގައި ފަރީދީ މަގުގެ ވާތް ފަޅީގެ ޕޭވްމަންޓް މަތީގައި ހުރި ވެލި ބަސްތާތަކެއްގެ މައްޗަށް ވައްޓާލާފައި ދިޔަފަހުން އާމިނަތު ޒިޔާދާ އެ ޙާލުގައިވަނިކޮށް ފަނަރަ ނުވަތަ ވިހި ވަރަކަށް މިނެޓް ފަހުން މީހަކުއައިސް އާމިނަތު ޒިޔާދާ އޮރިޔާން ނިވައިކުރުމަށް ކަޅުކުލައިގެ ޓީޝާޓެއް ދިނުމުން އެ ޓީޝާޓް އެ ވަގުތު ލީކަމަށް އާމިނަތު ޒިޔާދާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި ބުނެފައިވީނަމަވެސް އާމިނަތު ޒިޔާދާ މިގޮތަށް ބުނެފައިމިވަނީ، އޭނާއާމެދު ހިންގުނުކަމަށް އޭނާގެ ބަޔާނުގައި ބުނާ ބަދުއަޚުލާޤީ ޢަމަލު ހިންގި ބަޔަކު އެ ޢަމަލު ހިންގާ ނިމުނުފަހުންކަން އޮޅުމެއް ނެތްގޮތެއްގައި އޭނާގެ ބަޔާނުން ސާފުވާން އޮތްއިރު، މި މައްސަލައާ ގުޅިގެން ޙުސައިން ރިޝީފް ޠާހާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގައި 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ޙުސައިން ރިޝީފް ޠާހާ އުޅޭ ގޭގައި ޓީވީ ބަލަން އިންދާ ބޭރުން އަޑުގަދަވެގެން ބެލްކަންޏަށް ނުކުމެ ބޭރު ބެލިއިރު ޙުސައިން ރިޝީފް ޠާހާ ދިރިއުޅޭ ގެ ކުރިމަތީގައި އަންހެން ކުއްޖަކު އޮރިޔާމުން ހުއްޓާ ފެނިގެން ޙުސައިން ރިޝީފް ޠާހާ އެ ކުއްޖާ އޮރިޔާން ނިވާކުރުމަށްޓަކައި ކަޅު ޓީޝާޓެއް ހިފައިގެން އައިސް ދިންކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، މީހަކު އޮރިޔާން ހާލުގައި މަގުމަތީގައި ހާލުގައި ޖެހިފައިވާކަން އެނގޭހިނދު، އޭނާ އޮރިޔާން ނިވާކޮށްދިނުމަށް ކުޅަދާނަވެގެންވީ ކޮންމެ މީހަކު، އެ ޙާލަތުގައި އެފަދަ މީހަކަށް އެހީތެރިވުމަކީ އިސްލާމީ ރިވެތި އަޚްލާޤު އެކަމަށް ބާރުއަޅާ ކަމެއްކަމަށްވުމާއި އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި އެހީތެރިކަން ބޭނުންވެފައިވާ ކޮންމެ ފަރުދަކަށް އެހީތެރިވެދިނުމަކީ ފުލުހުންގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށްފައިވުމުން، 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ރިޝީފް ޠާހާ ދިރިއުޅޭ ގޭގައި އިންދާ ބޭރުން އަޑުގަދަވެގެން ބެލިއިރު، ޙުސައިން ރިޝީފް ޠާހާ ދިރިއުޅޭ ގޭ ކުރިމަތީގައި އަންހެން ކުއްޖަކު އޮރިޔާމުން ހުއްޓާ ފެނިގެން އެ ކުއްޖާ އޮރިޔާން ނިވާ ކުރުމަށްޓަކައި ޓީޝާޓެއްގެންގޮސް އެ ކުއްޖާއަތަށް ދިންކަމަށް ރިޝީފް ޠާހާ ބުނާ ބުނުމަކީ، ރިޝީފް ޠާހާ އެ ކުއްޖާއާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމުގެ މައްޗަށް ނުވަތަ، ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް، އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ ޢަމަލެއް ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާ ކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހެކި ނުވަތަ ޤަރީނާ ލިބޭކަމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމެވެ.
(ޓ) ވިހިވަނަކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 6 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާއާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު އެކާރެއްގެ ތެރޭގައި ހިނގުނުކަމަށް މި މައްސަލައިގައި ބުނެވޭ ކާރުގެ ތަޅުދަނޑި އެ ޢަމަލު ހިނގިކަމަށް ބުނާ ރޭ އޮތީ ރިޝީފް ޠާހާގެ އަތުގައި ނޫންކަން އެނގެންއޮތްކަމުގެ އިތުރުން ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުންވެސް އެކާރުގެ ތަޅުދަނޑި އޮތީ ރިޝީފް ޠާހާގެ އަތުގައި ނޫންކަންއެނގެން އޮންނަކަމެވެ.
(ޔ) އެކާވީސްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާއާމެދު ބަޔަކު އޭނާގެ ނުރުހުމުގައި، ކާރެއްގެ ތެރެއަށް ލައިގެން ހިންގިކަމަށްބުނާ ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް ހިތްވަރުދީ އަދި އެ އަންހެންމީހާއާމެދު އެ ޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އެ މީހުންނަށް އަންގާފައިވާކަމަށް ދައުލަތުން ދެކޭ މައިގަނޑު ސަބަބަކީ، އެ އަންހެންމީހާ ތަޙްޤީޤަށް ދީފައިވާކަމަށްބުނާ ބަޔާނުގައި، އޭނާއާމެދު އެރޭ އެ ކާރުގައި ހިންގުނުކަމަށްބުނާ ބަދުއަޚުލާޤީ ޢަމަލު ހިންގިމީހުންގެ ފޯނުތަކަށް މީހަކު ގުޅައި އޭނާއާމެދު ޢަމަލުކުރަންވީގޮތް ކިޔައިދީހަދާކަމަށް އެ މީހުން ދެއްކި ވާހަކަތަކުން އޭނާއަށް އެނގިފައިވާކަމަށް އާމިނަތު ޒިޔާދާ ގެ ބަޔާނުގައި އޭނާ ވާހަކަދައްކާފައިވާތީ އެ ސަބަބަށްޓަކައިކަން މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮތްއިރު، އާމިނަތު ޒިޔާދާގެ ބަޔާން ނިންމަމުން އޭނާ ބުނެފައިވަނީ އޭނާއާމެދު އެކަން ހިންގި މީހުންނާމެދު ދަޢުވާކުރަން އޭނާ ބޭނުންވާކަމަށްކަން އެ ބަޔާނުން އެނގެންއޮތުމުން އެ ޢަމަލުގައި އެއްވެސް ގޮތެއްގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ކޮންމެ މީހަކުމެވާނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު އޭނާގެ ޚަޞްމަކަށްކަމާއި އެހެންކަމުން އޭނާއަކީ މި މައްސަލައިގައި މުސްތަޤިއްލު ހެކިވެރިއެއްކަމުގައި ބެލެވިދާނެ މީހެއްކަމަށް ނުބެލެވޭނެކަން އެނގެންއޮތުމުން އެކަމުގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އެކަން ސާބިތުވާވަރުގެ ކާފީ ހެއްކާއި ޤަރީނާ ނެތި ހަމައެކަނި އޭނާގެ އެބުނުންއެއީ އޭނާގެ ޚަޞްމެއްގެ މައްޗަށް އޭނާގެ ބަޔާނުގައި ބުނެފައިވާ ޢަމަލު ހިންގިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހެކި ނުވަތަ ޤަރީނާ ލިބޭނެ ބުނުމެއްކަމަށް ނުބެލެވޭނެތީ އާމިނަތު ޒިޔާދާ ގެ ބަޔާނުގައި ބުނާ އެ ވާހަކަތަކަކީ އެނާއާމެދު ބުނެވުނު ދުވަހުގެ ރޭ ހިންގުނުކަމަށްބުނާ ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް އެ ކަންކުރުމަށް ހިތްވަރުދީ އަދި އޭނާއާމެދު އެ ޢަމަލު ހިންގުމަށް އެ މީހުންނަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަމަށް ޝަރުޢީ ހަމަތަކުގެމަތިން ޘާބިތުވުމުގެ މައްޗަށް ހެކި ނުވަތަ ޤަރީނާ ލިބޭނެ ވާހަކަތަކެއްކަމުގައި ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ޕ) ބާވީސްވަނަ ކަމަކީ، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ހިމެނޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އެ ރިޕޯޓުގައިބުނާ އަންހެންކުއްޖާއާމެދު އޭނާގެ ނުރުހުމުގައި ހިންގުނުކަމަށްބުނާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ތުހުމަތުގައި ގެނެވުނު އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތެއް، އަންހެންކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމަށް ޙުސައިން ރިޝިފް ޠާހާ އެ މީހުންނަށް އަންގާފައިވާކަން ނުވަތަ އެފަދަ ޢަމަލެއް އޭނާ އާމެދު ހިންގުމަށް ޙުސައިން ރިޝީފް ޠާހާގެ ފަރާތުން އެ މީހުންނަށް އަންގާފައިވާކަންކަމަށް ބުނާކަމަށް ފާހަގަކޮށްފައިނުވާކަން އެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ޖ) ތޭވިސްވަނަ ކަމަކީ، މަދަނީ މައްސަލަތަކުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ވަޒަންކުރުމުގައި ކޮމަންލޯ ޖުރިސްޑިކްޝަންތަކުން ރިޢާޔަތްކުރާ "ބެލެންސް އޮފް ޕްރޮބެބިލިޓީ" ގެ މިންގަނޑުންވެސް މައްސަލައެއްގައި ހުށަހެޅޭ ހެކިތައް ވަޒަންކޮށް ތަޤްޔީމްކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރުންގެ އިޚްތިޔާރީ ބާރުތެރޭގައި ހިމެނޭ ކަމެއްކަމުގައި ވާހިނދު، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން މައްސަލަ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ދަލީލުތަކާއި ހެކިތައް ވަޒަންކުރުމުގައި ހައިކޯޓުން ބުނެވިދިޔަ ޘާބިތުކުރުމުގެ މިންގަނޑާއި ޚިލާފަށް ހެކި ވަޒަންކޮށްފައިވާކަން، ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތްކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1582/CV-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙުސައިން ރިޝީފް ޠާހާ ހުށަހަޅާފައިވާ ނުކުތާތަކުގައި މި ބުނެވުނު ސިވިލް ކޯޓުގެ ދަޢުވާގެ ދަށުން އޭނާ އެދިފައިނުވާ އާ ދަޢުވާއެއް ބަލައިދިނުމަށް އެދިފައިނުވާކަން އެނގެން އޮތުމުން "ހައިކޯޓު ޤަވާޢިދު" ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން އިސްނަގައިގެން ކަމެއް ކަނޑައަޅަންޖެހޭނެ ތަނެއްނެތްކަން އެނގެންއޮންނަމެވެ.
ޙުކުމް
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަން އެނގެންއޮންނާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙުމަދު މުޢުތަޞިމް އަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.