ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 02 · 2024/SC-A/23

އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔާސިރު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ފެބުރުއަރީ 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން ވަޒީފާގެ އެއްބަސްވުމެއް ނެތް ޙާލަތެއްގައި، ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފަކު ވަޒީފާއިން ވަކިވާނީ ކޮން އިރަކުތޯ، އަދި ވަޒީފާދޭ ފަރާތުން ސާފު ބަހުން ވަކިކޮށްފިނަމަ މެނުވީ ވަޒީފާގެ ގުޅުން ނުކެނޑޭނެ ކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއްތޯ؛ 30 ޖަނަވަރީ 2020 ގެ ސިޓީ ބަލައިނުގަތުން؛ އަދި ވަޒީފާއިން ވަކިކޮށްދިނުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން (133/VTR/2020) ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓަށް ހުށަހަޅާ ދަޢުވާ ނުވަތަ ދިފާޢު ސާބިތުކުރުމުގެ ބުރައަކީ ޢާންމު އުސޫލުން އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ؛ އެ ބުރަ (1) ހެކި ހުށަހެޅުމުގެ ބުރަ (burden of production) އާއި (2) ހުށަހަޅާ ހެއްކަކީ އަނެއް ފަރާތުގެ ހެއްކާ އަޅާކިޔާއިރު ދިފާޢު ސާބިތުކުރުމަށް އެކަށީގެންވާ ހެއްކަކަށް ވުމުގެ ބުރަ (burden of persuasion) އަށް ބެހިގެންވެއެވެ؛ ސިޓީއެއް ވަޒީފާދޭ ފަރާތުން ހަޤީޤަތުގައި ތައްޔާރުކުރި ސިޓީއެއްކަމާއި މުޚާތަބުކުރި ފަރާތަށް ރައްދުކުރެވުނުކަން ސާބިތުކުރުމަކީ އެ ސިޓީއަށް ބަރޯސާވާ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ؛ މި މައްސަލައިގައި 30 ޖަނަވަރީ 2020 ގެ ސިޓީ ބަލައިނުގަތުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ކަމެއް ނޫނެވެ.

HN2 ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާގެ އެއްބަސްވުން ލިޔުމުން އޮންނަން ލާޒިމުކުރި ނަމަވެސް، ލިޔުމުން އެއްބަސްވުމެއް ނެތުމަކީ އެ ގުޅުން އެ ޤާނޫނުގެ ތަރަހައިން ބޭރުވާ ސަބަބެއް ނޫނެވެ؛ ވަޒީފާގެ ގުޅުމެއް އޮތްކަން ސާބިތުވެއްޖެނަމަ، ގުޅުމުގެ ޙަޤީޤަތްތަކަށް ބަލައި އެއީ ކޮން ބާވަތެއްގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ ގުޅުމެއްކަމާއި، އެ އެއްބަސްވުން ރޫޅާލުމަށް ދެފަރާތަށް އޮތް މަގުތައް ކަނޑައަޅަންވާނެއެވެ.

HN3 ލިޔުމުން އެއްބަސްވުމެއް ނެތް ނަމަވެސް، 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާގައި ޚިދުމަތްކޮށްފައިވާނަމަ، ދެފަރާތުގެ މެދުގައި އޮތީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.

HN4 ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލުކުރެވިދާނެއެވެ؛ ލިޔުމުން އެއްބަސްވުމެއް ނެތުމުން އެ ޙާލަތު ވުޖޫދުނުވާ ކަމަށް ބުނުމަށް ޤާނޫނީ ބުރަދަނެއް ނެތެވެ؛ އެހެންކަމުން މުވައްޒަފަކީ ވަކިވުމުގެ އިޚްތިޔާރު ނެތް ފަރާތެއް ކަމުގައި ބަލައި، ވަޒީފާދޭ ފަރާތުން ސާފު ބަހުން ވަކިކޮށްފިނަމަ މެނުވީ އެއްބަސްވުން ބާޠިލުނުވާނެ ކަމަށް ކަނޑައެޅުމަކީ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެކެވެ؛ ވަޒީފާއިން ވަކިވިކަމުގެ ލިޔުން ނުދިނުމަކީ ވަޒީފާއިން ވަކިނުވާ ކަމަށް ބެލުމުގެ ހުއްޖަތެއް ނޫނެވެ.

HN5 ވަޒީފާއާބެހޭ ޤާނޫނުގައި މުވައްޒަފަކު ވަޒީފާއިން ވަކިވާނެ ގޮތް ސަރީޙަކޮށް ބަޔާންކޮށްފައި ނުވި ނަމަވެސް، މުވައްޒަފަކު ވަކިވާން އެދޭނަމަ، ލިޔުމުން އެއްބަސްވުމެއް އޮތްނަމަ އެ އެއްބަސްވުމުގައިވާ ނޯޓިސް، ނެތްނަމަ ވަޒީފާދޭ ފަރާތުން ވަކިކުރުމަށް ޤާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޯޓިސްގެ މުއްދަތުތައް ހިނގާ ކަމަށް އިފްތިރާޟުކުރަންޖެހޭނެއެވެ (5 އަހަރަށްވުރެ ގިނަ ދުވަހު ހުރި މުވައްޒަފަކަށް 2 މަސް)؛ ނޯޓިސްގެ މުއްދަތު ހަމަވުމުން، ނުވަތަ އެއްބަސްވުމުގައި އެފަދައިން އޮތްނަމަ ނޯޓިސްގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ރައްދުކުރުމުން، މުވައްޒަފު ވަޒީފާއިން ވަކިވާނެއެވެ.

HN6 ލިޔުމުން ވަޒީފާގެ އެއްބަސްވުމެއް ނެތް ޙާލަތުގައި ވަޒީފާގެ ގުޅުން ކެނޑުނު ތާރީޚު ކަނޑައަޅަންވާނީ ދެފަރާތުގެ ޢަމަލުތައް ބަހައްޓާފައިވާ ގޮތަށް ބަލައިގެންނެވެ؛ މުވައްޒަފު ވަކިވާން އެދި ކުންފުނީގެ ތަކެތި ހަވާލުކޮށް، އޭނާގެ ތަކެތި އޭނާއާ ހަވާލުކުރުމާ ހަމައަށް ނޯޓިސްގެ އެންމެ ކުރު މުއްދަތަށްވުރެ ދިގު މުއްދަތެއް ހިނގާފައިވާ މި ޙާލަތުގައި، ތަކެތި ހަވާލުކުރި ތާރީޚް (30 ޖަނަވަރީ 2020) ގައި ވަޒީފާއިން ވަކިވީ ކަމަށް ބަލަންޖެހެއެވެ.

HN7 ވަޒީފާއިން ވަކިވާން އެދި ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު ވަކިވިކަމުގެ ލިޔުމެއް ނުދީފިނަމަ ނުވަތަ ވަކިވުމާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ނުދީފިނަމަ، މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ؛ ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްދިނުމަކީ ވަޒީފާއާބެހޭ ޤާނޫނާއި ޓްރައިބިއުނަލްގެ ޤަވާއިދުގެ ދަށުން ޓްރައިބިއުނަލަށް ލިބިދީފައިވާ އިޚްތިޞާޞާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

HN8 އިޚްތިޞާޞް ނެތި ޓްރައިބިއުނަލުން މައްސަލައެއްގައި ގޮތް ކަނޑައަޅައި، އެ ނިންމުމަށް ބިނާކޮށް ހައިކޯޓުން ނިންމުމަކީ ޤާނޫނުއަސާސީގެ 16، 68 އަދި 69 ވަނަ މާއްދާގެ އަލީގައި 42 ވަނަ މާއްދާގެ (ހ) މާނަކުރުމުން، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤާ ޚިލާފު ނިންމުމެކެވެ؛ ޢަދުލުވެރި ޝަރީޢަތުގެ އެންމެ އަސާސީ ޢުންޞުރުތަކަކީ ކޯޓު ނުވަތަ ޓްރައިބިއުނަލަކީ (1) ޤާނޫނުން ޤާއިމުކޮށްފައިވާ، (2) މުސްތަޤިއްލު، (3) ތަޢައްޞުބުން އެއްކިބާވެފައިވާ، (4) މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންވާ ތަނަކަށް ވުމެވެ.

HN9 ފަރާތެއްގެ އަސާސީ ޙައްޤަކަށް އުނިކަން ލިބިފައިވާ ކަމަށް ބުނާނަމަ، އެ ޙައްޤަށް އަސަރުކުރި ގޮތާއި ހަނިވި ގޮތް ތަފްސީލުކޮށް ބަޔާންކުރުމަކީ އެ ހުށަހެޅުން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

HN10 ދަށު މަރުޙަލާތަކަށް ހުށަނާޅާ އައު ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަނެވޭނީ އިސްތިސްނާ ޙާލަތުގައި، އިންސާފު ޤާއިމުކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ނުވަތަ ހައިކޯޓުގެ ނިންމުމާ ސީދާ ގުޅިފައިވާ ނުކުތާއެއް ނަމައެވެ (ކަފޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް)؛ ކޯޓު ނުވަތަ ޓްރައިބިއުނަލްގެ އިޚްތިޞާޞާ ގުޅޭ ސުވާލަކީ ކުރިން ހުށަނާޅާތީ ލުއިކޮށް ދޫކޮށްލެވޭ ސުވާލެއް ނޫނެވެ؛ ނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގެ 82 ވަނަ މާއްދާގެ (މައްސަލަ ހުށަހެޅުމުގެ މުއްދަތު) އައު ނުކުތާ ބަލައެއް ނުގަނެއެވެ.

HN11 ޓްރައިބިއުނަލާއި ހައިކޯޓުގައި ވަޒީފާދޭ ފަރާތުގެ ދިފާޢަކީ ވަކި ސިޓީއަކުން މުވައްޒަފު ވަކިކުރި ކަމަށް ކަމުގައިވެފައި، ނޯޓިސް ނުދީ ވަކިކުރެވޭ ޙާލަތުގެ (23 ވަނަ / 32 ވަނަ މާއްދާ) ދަށުން ވަކިކުރި ކަމަށް ބުނެފައި ނުވާނަމަ، އެ ޙާލަތަށް ރިޢާޔަތްނުކުރި ކަމަށް ބުނާ ނުކުތާ ބަލައެއް ނުގަނެވޭނެއެވެ.

HN12 ޢާންމު ޤާނޫނީ އުސޫލުން އެއްބަސްވުމަކީ ބައިވެރިންނަށް ބާޠިލުކުރެވިދާނެ އެއްޗެކެވެ؛ ވަޒީފާގެ އެއްބަސްވުންތައް ވަކި ގޮތަކަށް އޮތުމާއި ބާޠިލުކުރުމުގައި ވަކި އިޖުރާއަތު ޤާނޫނުން ލާޒިމުކުރަނީ ދެފަރާތުގެ ޙައްޤުތައް ހިމާޔަތްކުރުމަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު ސަލީމް
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....1

ތަޢާރުފު.....1 ކަންހިނގާފައިވާ ގޮތް.....1 ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ.....2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ.....5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް.....6 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ.....8 ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާތައް.....8 ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ.....29 ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.....29 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ތަތުބީޤުކޮށްފައިވާ ގޮތް ގޯސްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.....33 މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ.....41 އުސޫލުތަކާ ޚިލާފަށްކަމުގައިބުނެ ހުށަހަޅާފައިވާ ނުކުތާ.....41 ނިންމަން ފެންނަގޮތް.....44

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....45

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.....45

ޙުކުމް.....45 بِسْمِ الرَّحْمَنِ އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔާސިރު [2026] SC 02

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު

މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އޯލް އެޗް މޯލްޑިވްސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ހއ.އުތީމު، މަނަސް، މުޙައްމަދު ޔާސިރު (މީގެ ފަހުން "މުޙައްމަދު ޔާސިރު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އަށެވެ.

ކަންހިނގާފައިވާ ގޮތް

22009 ވަނަ އަހަރުން ފެށިގެން މުޙައްމަދު ޔާސިރު އޯލްއެޗް މޯލްޑިވްސްގެ މެނޭޖަރެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް، ކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވިކަމަށް ބުނެ 2019 ވަނަ އަހަރުގެ ތެރޭގައި މުޙައްމަދު ޔާސިރު ގޭގައި މަޑުކުރުމަށް އޯލްއެޗް މޯލްޑިވްސްގެ ފަރާތުން އޭނާއަށް އަންގާފައިވެއެވެ. މުޙައްމަދު ޔާސިރު ގޭގައި މަޑުކުރުމަށް އަންގާ އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ފޮނުވި ލިޔުމުގައި އޭނާ ހުންނާނީ މުސާރަ ލިބޭ ގޮތަށް ވަޒީފާއިން ވަކިނުކޮށް ކަމަށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދުވަހުން ފެށިގެން މުޙައްމަދު ޔާސިރަށް ލިބެންޖެހޭ މުސާރަ ދީފައިވާ ނުވާކަމަށް އޭނާ ބުނެއެވެ. އެއަށްފަހު، މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދި އޯލް އެޗް މޯލްޑިވްސްއަށް ސިޓީއެއް ފޮނުވިނަމަވެސް، އެ ސިޓީގެ ޖަވާބު އެ ކުންފުނިން ދީފައި ނުވާކަމުގައި ބުނެ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މުޙައްމަދު ޔާސިރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށް ދިނުމަށާއި، އޭނާ ވަޒީފާއިން ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އެންގި ތާރީޚުން ފެށިގެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި، އޯލް އެޗް މޯލްޑިވްސްގެ މައްޗަށް ރައްދުވާ ގޮތަށް މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް (މީގެފަހުން "ޓްރައިބިއުނަލް") އަށް މައްސަލައެއް ހުށަހެޅިއެވެ.

ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ

3ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލައިން މުޙައްމަދު ޔާސިރުގެ ފަރާތުން ހުށަހެޅި ޝަކުވާ ބެލުމަށްފަހު ނިންމާފައިވަނީ، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރިކަން ނުވަތަ އެ ފަރާތުގެ އިސްތިއުފާ ޤަބޫލުކޮށްފައިވާކަން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ލިޔުމުން ނުވަތަ އަނގަބަހުން އަންގާފައިވާކަން އޯލް އެޗް މޯލްޑިވްސްއަށް ސާބިތުކޮށްދެވިފައި ނުވާތީ، މުޙައްމަދު ޔާސިރަކީ އެ ކުންފުނީގެ މުވައްޒަފެއް ކަމުގައި ކަނޑައަޅައި، އޭނާ ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން އެ ފަރާތަށް މުސާރައިގެ ގޮތުގައި ލިބޭ -18,000ރ. (އަށާރަހާސް ރުފިޔާ) އޯލް އެޗް މޯލްޑިވްސްއިން މުޙައްމަދު ޔާސިރަށް ދޭންޖެހޭ ކަމަށް ކަނޑައަޅައެވެ. އަދި މުޙައްމަދު ޔާސިރަކީ، އޯލްއެޗް މޯލްޑިވްސްގެ މުވައްޒަފެއް ކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވުމުން، އެކަމުގެ ޤާނޫނީ ފަރުވާއަކީ މުޙައްމަދު ޔާސިރު އަނބުރާ ވަޒީފާއަށް ނެރުމަށް އޯލް އެޗް މޯލްޑިވްސް އަށް އަމުރުކުރުން ކަމަށްވީނަމަވެސް، މުޙައްމަދު ޔާސިރު ވަޒީފާއަށް އަނބުރާ ނިކުންނަން ބޭނުން ނުވާތީ، އަދި އޭނާ އެދެނީ ވަޒީފާއިން ވަކިވުމަށް ކަން އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އޯލް އެޗް މޯލްޑިވްސްގެ ބޯޑް ރިޒޮލިއުޝަންގައި މުޙައްމަދު ޔާސިރަށް މުޚާތަބުކޮށްފައިވަނީ، "ފޯމަރ އެމްޕްލޯއީ" މިފަދައިން ކަމަށްވާތީ، އޯލް އެޗް މޯލްޑިވްސްގެ ފަރާތުންވެސް މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަން އަމިއްލައަށް ޤަބޫލުކޮށް، މުޙައްމަދު ޔާސިރުގެ ޚިދުމަތާއި ނުލައި ކުންފުނީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، އޯލްއެޗް މޯލްޑިވްސްގެ މި ޢަމަލުން މުޙައްމަދު ޔާސިރުގެ ޚިދުމަތް އެ ކުންފުންޏަށް ބޭނުން ނުވާކަން އެނގެން އޮތުމުން، ޓްރައިބިއުނަލްއިން މައްސަލަ ނިމުނު ތާރީޚް (23 ޖަނަވަރީ 2022) އިން ފެށިގެން މުޙައްމަދު ޔާސިރަކީ އޯލްއެޗް މޯލްޑިވްސްގެ މެނޭޖަރުގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ބެލުމީ އެންމެ މަސްލަޙަތު ހުރި ގޮތް ކަމުގައި ކަނޑައަޅައި، އެ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމަށް އޯލްއެޗް މޯލްޑިވްސްއަށް އަންގާފައިވެއެވެ.

4ޓްރައިބިއުނަލްއިން އިސްވެ ބަޔާންކުރި ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

4.1. މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދި 02 ނޮވެންބަރު 2019 ގައި ކުންފުންޏަށް ސިޓީ ފޮނުވާފައިވާ ނަމަވެސް، މި ސިޓީއާ ގުޅިގެން ކުންފުނިން އެއްވެސް ޖަވާބެއް ދީފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް ނަމަވެސް، ޓްރައިބިއުނަލްއަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް އޯލްއެޗް މޯލްޑިވްސް ތަމްސީލްކުރުމަށް ހުށަހަޅާފައިވާ ބޯޑް ރިޒޮލިއުޝަންގައި މުޙައްމަދު ޔާސިރުއަށް ނިސްބަތްކޮށް "ފޯމަރ އެމްޕްލޯއީ" މިފަދައިން ކަން.

4.2. އޯލްއެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުމަކީ، ކުންފުނީގެ ލެޓަރ ހެޑެއް ނެތް، އަތުލިޔުމުން އޮތް، ކުންފުނީގެ ޑިރެކްޓަރެއް ސޮއިކޮށްފައިވާ ލިޔުމަކަށްވާއިރު، މި ލިޔުމަކީ އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ޖަވާބު ފޯމާއެކު ހުށަހަޅާފައިވާ ލިޔުމެއް ކަމުގައި ނުވެފައި، އެ ލިޔުން މުޙައްމަދު ޔާސިރަށް ލިބުނުކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ނެތުމުން، އެ ލިޔުމުގައި އޯލްއެޗް މޯލްޑިވްސްގެ ތައްގަނޑު އޮތް ނަމަވެސް، އެ ލިޔުމަކީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރިކަން އަންގައި އޭނާއަށް ރައްދުކޮށްފައިވާ ސިޓީއެއް ކަމަށް ބުރަ ނުވެވޭކަން.

4.3. މުޙައްމަދު ޔާސިރު ސަސްޕެންޑްކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން އެ މާއްދާގައި ބަޔާންކޮށްފައިވާ މަފްޙޫމަށް ރިޢާޔަތްކޮށް ނޫންކަން އޯލްއެޗް މޯލްޑިވްސްގެ 01 ނޮވެންބަރު 2019 ގެ ސިޓީން އެނގެން އޮންނަކަމާއި، ދެ ފަރާތުގެ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ޔާސިރުގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުކުރެވި، އޭނާ ގޭގައި މަޑުކުރަން އަންގާފައިވަނީ އެ މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި ކުރެވުނު ސަސްޕެންޝަނެއްގެ ގޮތުގައިކަން އެނގެން އޮތް ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައި މިފަދަ ސަސްޕެންޝަންތަކަށް ހަވާލާދީފައިނުވާ ނަމަވެސް، ސަބަބުވެރި އިންސާނެއްގެ ހަމަތަކުން ވިސްނާއިރު، މުވައްޒަފެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްޓަކައި އެ މުވައްޒަފަކު އެކަށޭނެ މުއްދަތަކަށް ސަސްޕެންޑްކުރުމަކީ ވަޒީފާދޭ ފަރާތުގެ މަޞްލަޙަތު ހިމާޔަތްކުރުމަށާއި، ލިބިދާނެ ގެއްލުން ކުޑަކުރަން އެކަށޭނެ ކަމެއް ކަމަށް މަންޠިޤީގޮތުން ޤަބޫލުކުރެވޭކަން.

4.4. ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުސާރައިން އުނިކުރެވޭ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް އޯލްއެޗް މޯލްޑިވްސްއަށް ދިމާވެފައިނުވާތީ، އެ މާއްދާގެ ދަށުން އިދާރީ ތަޙްޤީޤުގެ ބޭނުމަށްޓަކައި މުޙައްމަދު ޔާސިރު ސަސްޕެންޑްކޮށް މުސާރަ ނުދީ ހިފެހެއްޓުން އޯލްއެޗް މޯލްޑިވްސްގެ މައްޗަށް ލާޒިމުނުވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު މުސާރައިން ކެނޑުން ހުއްދަކޮށްފައިވާ ނަމަވެސް، މުޙައްމަދު ޔާސިރު ވަޒީފާއަށް ހާޒިރުވެފައިނުވަނީ އޯލް އެޗް މޯލްޑިވްސްގެ އެންގުމުގެ މަތިންކަމާއި، އެ އެންގުމަށް މުޙައްމަދު ޔާސިރުގެ ފަރާތުން ކިޔަމަންވެފައިވާތީ، އެ މާއްދާގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ނުދީ ހިފެހެއްޓޭނެ އެއްވެސް ސަބަބެއް ނެތްކަން. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ

5ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލައިގެ ނިންމުން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާގެ ގޮތުގައި ބަލައި، ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ފަނޑިޔާރުންގެ އައްލަބިއްޔަތުން ޙުކުމްކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ، އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

5.1. މައްސަލައަކީ ވަޒީފާއިން ވަކިކޮށް ނުދޭ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމުން، މި ހާލަތުގައި މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބަކާ ހުރެތޯ ބަލައި އެ ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވާކަން ސާބިތުކުރަން ހުށަހަޅާ ހެކި ޤަރީނާ ވަޒަންކޮށް ގޮތެއް ކަނޑައަޅާކަށް ނުޖެހޭކަން.

5.2. މި މައްސަލައިގައި ޓްރައިބިއުނަލުން ބަލައި ނުގަތުމަށް ނިންމާފައިވާ ހެކިތައް ބަލައިގަންނަންޖެހޭ ކަމަށް ބަހުސްގެ ބޭނުމަށް ބެލި ކަމުގައިވާނަމެސް، މި ހެކިތަކަށް ރިޢާޔަތްކުރުމުން ސާބިތުވާނީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް އޮތްކަން ބެލުން ކަމުގަވާއިރު، މި މައްސަލައިގައި ސުވާލު އުފެދިފައި އޮތީ އެ ސަބަބާ ހުރެ ވަޒީފާއިން ވަކިކުރެވުނު ކަމާމެދު ކަމުން، މައްސަލައިގެ މައުޟޫޢާ ގުޅުމެއް ނެތް ހެކި ޤަރީނާ އެއްކައިރި ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ، ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމެއް ކަމަށް ނުދެކޭކަން.

5.3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، 30 ޖަނަވަރީ 2020 ގައި މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްފިކަމުގައި އޯލް އެޗް މޯލްޑިވްސްގެ ޑިރެކްޓަރަކު އަތުންލިޔެ ދީފައިވާ ކަމަށް ބުނާ ސިޓީ، އެ ޓްރައިބިއުނަލުން ބަލައިގަތުމަށް ނިންމި ސަބަބު ބަޔާންކޮށްފައިވާ ހިނދު، މައްސަލައިގެ ޖަވާބު ހުށަހެޅިއިރު އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އެފަދަ ލިޔުމެއް އޮތް ކަމަށް ބަޔާންކޮށްފައި ނެތުމާއި، އެ ލިޔުން ލިބުނު ކަމަށް މުޙައްމަދު ޔާސިރު އިންކާރުކޮށްފައިވާއިރު، މައްސަލައިގައި ހުށަހެޅުނު އެހެން ލިޔުންތަކާ ޚިލާފަށް ބުނެވުނު ލިޔުން އޮތް އޮތުމުގެ މައްޗަށް ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިވާކަމާއި، މި ލިޔުމަކީ ޙަޤީޤަތުގައި ވުޖޫދުގައި އޮތް ލިޔުމެއް ކަމާއިމެދު ސުވާލު އުފެދޭ މައިގަނޑު އެއް ސަބަބަކީ މުޅި މައްސަލައަކީ ވަޒީފާއިން ވަކިކޮށް ނުދީގެން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބުގައި އެކަން ފާހަގަކޮށްފައި ނުވުމެވެ. އަދި މި ލިޔުމުގައި 30 ޖަނަވަރީ 2020 އިން ފެށިގެން މުޙައްމަދު ޔާސިރު ވަޒީފާއަށް ހާޒިރުނުވިޔަސް އެންމެ ރަނގަޅު ކަމުގައި އޯލް އެޗް މޯލްޑިވްސްއިން ބަޔާންކޮށްފައިވާކަން އެނގެން އޮތް ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އެންމެ ފުރަތަމަ ދިން ބަޔާނުގައި މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވެފައިވަނީ 02 ނޮވެންބަރު 2019 ގައި ކަމުގައި ބުނެފައިވާ ކަމާއި 30 ޖަނަވަރީ 2020 ގެ ލިޔުމާއި ޓްރައިބިއުނަލްއަށް ހުށަހެޅި ބުނެވުނު ބަޔާނުގައި ސޮއިކޮށްފައިވަނީ އެއްފަރާތަކުން ކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އަންނަނިވި 5 (ފަހެއް) ސަބަބު ހުށަހަޅާފައިވެއެވ.

6.1 މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ 30 ޖަނަވަރީ 2020 ވަނަ ދުވަހު އޭނާއަށް ދޫކުރި ލިޔުން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކި ޤަރީނާގެ އުސޫލާ ޚިލާފަށް ކަން.

6.2 30 ޖަނަވަރީ 2020 ގެ ލިޔުން އެއްކައިރިކުރުމަށްފަހު، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަން އެނގޭއިރު، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިނުވާކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކި ޤަރީނާގެ އުސޫލާ ޚިލާފަށް ކަން.

6.3 ވަޒީފާގެ އެއްބަސްވުންތަކަކީ އެއްބަސްވުމުގެ ކޮންމެ ބައިވެރިއަކަށްވެސް ނިންމުމަކަށް ގެނެވިދާނެ ބާވަތުގެ އެއްބަސްވުންތަކެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އިން އެނގެން އޮތްއިރު، އަދި އޯލް އެޗް މޯލްޑިވްސްއާއި މުޙައްމަދު ޔާސިރުއާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ނެތްއިރު، މުޙައްމަދު ޔާސިރަކީ އޯލް އެޗް މޯލްޑިވްސްގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ އިޚްތިޔާރު ނެތް ފަރާތެއްގެ ގޮތުގައި ހައިކޯޓުގެ އަޣްލަބިއްޔަތުން ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އިން ދެފަރާތަށް ލިބިދީފައިވާ މިނިވަން އިރާދާގެ އުސޫލާ ޚިލާފަށްކަން.

6.4 ދިވެހިރާއްޖޭގައި ހިނގާ އެންމެހާ ޝަރީޢަތްތައް ހިނގަންވާނީ، ޢަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ކަމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ހައިކޯޓުގެ އަޣްލަބިއްޔަތުން މައްސަލަ ނިންމެވުމުގައި ސަލާމަތް ބުއްދި އެކަހެރި ކޮށްފައިވަނީ ޢަދުލުވެރިކަމާ ޚިލާފަށްކަން.

6.5 އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރުއާ މެދު ފިޔަވަޅު އެޅި ސަބަބަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރުމެއް ނެތި، ވަޒީފާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރުމުގެ އުސޫލާއި، އެ ޤާނޫނުގެ 28 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

7މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން ނަޒަރުކުރާއިރު މުޙައްމަދު ޔާސިރުގެ ފަރާތުން އެ ނުކުތާތަކުގެ ޖަވާބުގައި ހުށަހަޅާފައިވާ ކަންކަން ހިމަނާނަމެވެ.

8މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-B3/TF/03 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބަލަމުންދާ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ޢަމަލުކުރުމަށް އެންގުމާއި ހަމައަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 ނިންމުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ގަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައިވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތައް

9އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަށް ހަވާލާދީ، ދެ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ. އެއީ، 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީ ބަލައިނުގަތުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ނުކުތާއަކާއި، 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީ ބަލައިނުގަތް ނަމަވެސް މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވެފައި ވާކަން އެނގެން އޮތްކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

(ހ) 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީ ބަލައިނުގަތުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ނުކުތާ:

10މި މައްސަލައިގައި އެންމެ ބޮޑު އެއް ބަހުސް އުފެދިފައިވަނީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނާއިރު، އެފަރާތަށް އެކަން ސާބިތުކޮށްދެވޭކަން ނުވަތަ ނޫންކަމާމެދުކަން ފާހަގަކޮށް، އެ ބަހުސާ ގުޅޭ އެންމެ މުހިންމު އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީކަމުގައި އެ ކުންފުނިން ބަޔާންކުރެއެވެ. ޓްރައިބިއުނަލްއިން އަދި ހައިކޯޓުންވެސް އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ ބަލައިގެންފައި ނުވާއިރު، އެ ސިޓީ ބަލައިގަތްނަމަ، އޯލް އެޗް މޯލްޑިވްސްގެ ވަޒީފާއިން މުޙައްމަދު ޔާސިރު ވަކިކުރި ދުވަހާ މެދު ސުވާލެއް ނުއުފެދޭނެ ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

11ދިވެހިރާއްޖޭގެ ހައިކޯޓުން އޯލް އެޗް މޯލްޑިވްސްގެ ބުނެވުނު ސިޓީ ބަލައި ނުގަތުމަށް ނިންމާފައިވަނީ، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅިފައި އޮތް މައްސަލައިގެ ޖަވާބު ހުށަހެޅިއިރު އެ ސިޓީ އޮތްކަމުގައި ބުނެފައި ނުވާތީއާއި، އެ ސިޓީއަށް މުޙައްމަދު ޔާސިރު އިންކާރުކޮށްފައިވާތީ އާއި، މައްސަލައިގައި ހުށަހެޅުނު އެހެން ލިޔުންތަކާ ތަފާތުކޮށް ސިޓީ އޮތުމުން ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމުގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ. އެފަރާތުން އެހެން ބަޔާންކުރަނީ: (1) 14 ޑިސެމްބަރު 2020 ގައި މުޙައްމަދު ޔާސިރުގެ ފަރާތުން ޓްރައިބިއުނަލްއަށް 11 (އެގާރަ) ކިތާބީ ހެއްކާއި 4 (ހަތަރެއް) ޝަފަހީ ހެކިން ހުށަހެޅިކަމަށާއި، މިއީ މުޙައްމަދު ޔާސިރުގެ ފަރާތުން މައްސަލަ ހުށަހެޅިއިރު ހުށަހަޅާފައިވާ ހެކިން ކަމުގައި ނުވާނަމަވެސް، އެ ކިތާބީ ހެކި ބަލައިގަނެ 3 (ތިނެއް) ޝަފަހީ ހެކިންގެ ބަސް ނަގާފައިވާތީއާއި؛ (2) 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީއަށް މުޙައްމަދު ޔާސިރު އިންކާރުކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ޑޮކިއުމަންޓެއްގައި ސޮއިކުރި ފަރާތުން އެކަމަށް އިންކާރު ނުކުރާ ހިނދަކު އެ ޑޮކިއުމަންޓަކީ ޞައްޙަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެ ކަމުގައި ބަޔާންކޮށްފައި ވުމުންނާއި، އެ ސިޓީއަކީ މުޙައްމަދު ޔާސިރުގެ ސޮއި އޮތް ނުވަތަ އޮންނަންޖެހޭ ސިޓީއަކަށް ނުވާއިރު، އަދި ސިޓީގައި ސޮއިކުރި ފަރާތުން މައްސަލައިގައި ހެކިބަސްދީފައިވާއިރު، މުޙައްމަދު ޔާސިރުގެ ފަރާތުން އެ ސިޓީއަށް އިންކާރުކުރުމުން، އެއީ އެ ލިޔުން ބަލައިނުގަތުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާތީ؛ އަދި (3) އޯލް އެޗް މޯލްޑިވްސްގެ ސިޓީ ބަލައި ނުގަތުމަށް އޮތް އަސާސެއްގެ ގޮތުގައި އެ ލިޔުމާއި ކުންފުނީގެ އެހެން ލިޔުންތަކާއި ތަފާތުވުން ފާހަގަކޮށްފައިވާއިރު، ސުވާލެއް ނެތި ބަލައިގެންފައިވާ "ތަކެއްޗާއި ހަވާލުވިކަމުގެ ލިޔުން" އާއި ބުނެވުނު ސިޓީއާ އޮތީ އެއްގޮތަކަށް އަދި އަތުލިޔުމުންކަން ފާހަގަކޮށް، ކުންފުނީގެ ފަރާތުން ދޫކުރާ ލިޔުންތަކަކީ ވަކި ގޮތަކަށް އޮތުން ޤާނޫނުން ލާޒިމުކުރާ ލިޔުންތަކެއް ނޫންކަމުންނެވެ.

(ރ) 30 ޖަނަވަރީ 2020 ތާރީޚުގެ ސިޓީ ބަލައިނުގަތް ނަމަވެސް ވަޒީފާއިން ވަކިވެފައިވާކަން އެނގެން އޮތްކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާ:

12މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިކޮށްދިނުން އެދި 30 އޮކްޓބަރޯ 2019 ގެ ތާރީޚުގައި އޯލް އެޗް މޯލްޑިވްސްއަށް ފޮނުވި ސިޓީއާއި، އެ ސިޓީގެ ޖަވާބުގައި އެ ކުންފުނިން 01 ނޮވެމްބަރު 2019 ވަނަ ދުވަހު ފޮނުވި ސިޓީ، އަދި މުޙައްމަދު ޔާސިރުގެ ފަރާތުން 02 ނޮވެމްބަރު 2019 ގައި ފޮނުވި ސިޓީއަށް، އަދި އޭގެ ފަހުން ކަންހިނގާފައިވާ ގޮތަށް ބެލުމުން މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަން އެނގެން އޮންނަކަމުގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ.

13އެގޮތުން، މުޙައްމަދު ޔާސިރު ސަސްޕެންޑްކޮށްފައި ހުރީ ޚިޔާނާތުގެ މައްސަލައެއް ބަލަމުންދާތީ ކަމުގައިވެފައި، އޭނާ ވަޒީފާއިން ވަކިކޮށްދިނުން އެދި 30 އޮކްޓބަރޯ 2019 ގައި ސިޓީ ފޮނުވުމުން، އެ ސިޓީގެ ޖަވާބުގައި (01 ނޮވެމްބަރު 2019 ދުވަހު) މުޙައްމަދު ޔާސިރު ހުރީ މުސާރަ ލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށާއި، ވަޒީފާއިން ވަކިވާން އެދޭނަމަ ކަނޑައެޅިފައިވާ ޤާނޫނާ އެއްގޮތަށް އަމަލުކުރުން ރަނގަޅުވާނެ ކަމުގައި ދަންނަވާފައިވާނެ ކަމުގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ. ކުންފުންޏަށް 02 ނޮވެމްބަރު 2019 ގައި މުޙައްމަދު ޔާސިރުގެ ފަރާތުން ފޮނުވި ސިޓީގައި އޭނާގެ މައްޗަށް ކުރެވިފައި އޮތް ތުހުމަތަށް އިންކާރުކޮށް، ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ގެއްލިފައިވާތީ ކަމުގައާއި، ވަޒީފާ ދޫކޮށްލުމުގެ ޙައްޤަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާއިން މުޙައްމަދު ޔާސިރަށް ލިބިދީފައި އޮތް ޙައްޤެއްކަމުގައިވާތީ، ވަޒީފާއިން ވަކިކޮށްދީ ކުންފުނީގައި ހުރި އޭނާގެ އަމިއްލަ ތަކެތި ހަވާލުކޮށްދިނުމަށް މުޙައްމަދު ޔާސިރުގެ ފަރާތުން އެދިފައިވުމުން، އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ ބަލައިނުގަނެ އެއްފަރާތް ކުރިނަމަވެސް، އެ ދުވަހު ކުންފުނީގައި ހުރި މުޙައްމަދު ޔާސިރުގެ އަމިއްލަ ތަކެތި އޭނާގެ ފަރާތުން ގެންގޮސްފައިވުމުން، މުޙައްމަދު ޔާސިރު ހުރީ އެ ދުވަހަށްފަހު ކުންފުނީގެ ވަޒީފާގައި ނޫންކަމުގައި ބަލަންޖެހޭކަމަށް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރެއެވެ. އަދި އެހެންކަމުން، މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުބެލެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން، ހެކި ޤަރީނާއަށް ރިއާޔަތްކުރުމުގެ އުސޫލާއި ޚިލާފަށް ކަމަށް ވެސް އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ.

14މުޙައްމަދު ޔާސިރުގެ ފަރާތުން މި ނުކުތާތަކުގެ ރައްދުގައި (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި) ބުނެފައިވަނީ 30 ޖަނަވަރީ 2020 ވަނަ ދުވަހު މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްއަށް ހާޒިރުވެ، އެ ތަނުގައި ހުރި އޭނާގެ އަމިއްލަ ތަކެއްޗާއި ހަވާލުވުމުމުގެ ކުރިން ކުންފުނީގެ ޑިރެކްޓަރ އަބޫބަކުރު މުޙައްމަދު އަތު ލިޔުމުން ލިޔެ ތައްޔާރުކޮށްފައިވާ ލިޔުމެއްގައި މުޙައްމަދު ޔާސިރު ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިކަމަށާއި، އެ ލިޔުމަކީ މުޙައްމަދު ޔާސިރުއާ ހަވާލުކުރި ތަކެތި އޭނާއަށް ލިބުނުކަން އަންގައިދޭ ކަމުގައާއި، އެ ލިޔުމުގައި އިތުރު އެއްވެސްކަމެއް ފާހަގަކޮށްފައި ނުވާކަމަށެވެ. މުޙައްމަދު ޔާސިރު ހަވާލާދޭ އެ ލިޔުން އޮތީ ކުންފުނީގެ ލެޓަރހެޑްގައި ނޫންކަމަށާއި، އެ ލިޔުމުގައި ކުންފުނީގެ ނިޝާނެއް ނުވަތަ ތައްގަނޑެއްވެސް ޖަހާފައި ނުވާކަމަށާއި، އެ ދުވަހު މުޙައްމަދު ޔާސިރުގެ ފަރާތުން އެ ލިޔުމުގެ ކުލަ ފޮޓޯއެއް ނަގާފައިވާކަމަށެވެ. އެހެންނަމަވެސް، އެއާއި ޚިލާފަށް 30 ޖަނަވަރީ 2020 ވަނަ ތާރީޚު ޖަހާފައިވާ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރި ކަމަށް ބަޔާންކުރާ ސިޓީއަކީ އޯލްއެޗް މޯލްޑިވްސްގެ ފަރާތުން އުފައްދައިގެން ހުށަހަޅާފައިވާ ލިޔުމެއް ކަމުގައާއި، އަބޫބަކުރު މުޙައްމަދުގެ ފަރާތުން އެ ލިޔުމަކީ އޭނާ ސޮއިކޮށްފައިވާ ޞައްޙަ ލިޔުމެއްކަމުގައި ބުނެ ހެކިބަސް ދިނުމަކުން، އަދި އެ ސިޓީއަކީ ތަކެތި ހަވާލުކުރި ލިޔުމާ އެއްގޮތަށް އޮތް ލިޔުމެއް ކަމަށް ވުމަކުން، އެ ސިޓީއަކީ މުޙައްމަދު ޔާސިރަށް ލިބުނު ސިޓީއެއްކަން ދަލާލާތުކޮށް ނުދޭކަމަށާއި، ތަކެއްޗާ ޙަވާލުވިކަމުގެ ލިޔުން ފިޔަވައި އެހެން ލިޔުމެއް އެ ދުވަހު މުޙައްމަދު ޔާސިރުއާ ޙަވާލު ނުކުރާކަން ހެކިންގެ ބަހުން އެނގެން އޮންނަކަމަށެވެ.

15މީގެ އިތުރުން، މުޙައްމަދު ޔާސިރަކީ އޯލް އެޗް މޯލްޑިވްސްގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރަމުން ދިޔަ މީހެއް ނަމަވެސް، ހާދިސާ މެދުވެރިވިއިރު އެ ދެފަރާތުގެ ދެމެދުގައި ވަޒީފާގެ އެއްބަސްވުމެއް ނެތްކަމުގައި މުޙައްމަދު ޔާސިރު ބުނެއެވެ. އަދި އެއްބަސްވުމަކީ އަމަލުން ނިމުމަކަށް ގެނެވިދާނެ އެއްޗެއް ކަމުގައިވުމުން، މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދުމުން، ވަޒީފާއިން ވަކިވާން އެދޭނަމަ ޤާނޫނުގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމުގައި ކުންފުނިން ބުނެފައިވާތީ، ވަޒީފާއިން ވަކިކޮށްދިނުމަށާއި ކުންފުނީގައި ހުރި އޭނާގެ އަމިއްލަ ތަކެތި ގެންދިއުމުގެ މަގުފަހިކޮށްދިނުމަށް މުޙައްމަދު ޔާސިރު އެދުމާއި ގުޅިގެން، އޯލްއެޗް މޯލްޑިވްސްއިން އެ ތަކެތި އޭނާއާ ހަވާލުކުރުމުން ކުންފުންޏާއި މުޙައްމަދު ޔާސިރާ ދެމެދު އޮތް ގުޅުން ކެނޑުނީކަމުގައި މުޙައްމަދު ޔާސިރުގެ ފަރާތުން ޝަރީޢަތުގައި ބަޔާންކުރުމަށްފަހު، މުޙައްމަދު ޔާސިރުއަށް އޭނާގެ އަމިއްލަ ތަކެތި ހަވާލުކުރުމަށްފަހު ހިނގާފައިވާ ކަންކަމަކީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބެލެވިދާނެ ހަރުދަނާ ޤާނޫނީ ސަބަބެއް ނޫންކަމުގައިވެސް މުޙައްމަދު ޔާސިރުގެ ފަރާތުން ބުނެފައިވެއެވެ. 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ

16އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ މި މައްސަލައިގައި މުހިންމުވަނީ، އެ ސިޓީއަކީ އޯލްއެޗް މޯލްޑިވްސްގެ ވަޒީފާއިން މުޙައްމަދު ޔާސިރު ވަކިކުރިކަން ދަލާލާތުކޮށްދޭ ސިޓީކަމުގައި އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ބުނާހިނދު، އެސިޓީއަށް ބުރަދަން ނުދިނުމަށް ޓްރައިބިއުނަލްއިން ނިންމާފައިވާތީއެވެ. ޓްރައިބިއުނަލްއިން މިފަދައިން ނިންމާފައިވަނީ އެ ސިޓީއަކީ މުޙައްމަދު ޔާސިރަށް ލިބިފައިވާ ސިޓީއެއް ކަމުގައި ޓްރައިބިއުނަލްގައި އޭނާ އިންކާރުކޮށްފައިވާތީއާއި، ޓްރައިބިއުނަލްއަށް ހުށަހެޅުނު އެއްވެސް ހެއްކަކުން އޯލްއެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރަށް އެ ސިޓީ ރައްދުކޮށްފައިވާ ކަމަށް ބާރު ނުލިބޭތީއާއި، ޓްރައިބިއުނަލްގައި އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ޖަވާބުދާރީވިއިރު، ސިޓީ އޮތްކަމުގައި ބަޔާންކޮށްފައި ނުވުމާއި، ސިޓީ އޮތް ފޯމެޓުގެ ސަބަބުން އެއީ ހަމަ ހަޤީޤަތުގައިވެސް އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ސިޓީގައިވާ ތާރީޚުގައި ތައްޔާރުކޮށްފައިވާ ސިޓީއެއް ކަމާމެދު ޝައްކު އުފެދިފައި އޮތުމުން، 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީއަކީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރިކަން އަންގައި، އޭނާއަށް 'ދީފައިވާ' ސިޓީއެއްކަމުގައި ޓްރައިބިއުނަލްއިން ބުރަނުވެވޭތީއެވެ. މީގެ އިތުރުން، ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރެވުމުން، އެ ސިޓީއާ ގުޅޭގޮތުން ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން، ހައިކޯޓުގެ އަޣްލަބިއްޔަތުން ދަމަހައްޓާފައިވާކަން ފާހަގަކުރަމެވެ.

17މި މައްސަލައިގެ އިސްތިއުނާފު ހުށަހަޅަމުން، އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ ބަލައިގަތުމަކާއި ނުލައި މައްސަލަ ކުރިއަށް ގެންގޮސްފައި އޮތުމާގުޅޭ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ. އަދި އެ ސިޓީ ބަލައިނުގަތުމަށް ނިންމި ނަމަވެސް، މުޙައްމަދު ޔާސިރާއި އޯލް އެޗް މޯލްޑިވްސްއާމެދު ކޮށްފައިވާ މުޢާމަލާތްތަކަށް އަދި އެ ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލައި، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވެފައިވާ ތާރީޚާމެދު ގޮތެއް ކަނޑައަޅަން ޖެހެއެވެ.

ވަޒީފާއިން ވަކިވީ ކޮން އިރަކުތޯ؟

18އޯލް އެޗް މޯލްޑިވްސްގައި މުޙައްމަދު ޔާސިރު އެ ކުންފުނީގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރެވުނީ ކޮން ދުވަހެއް ކަމުގެ މައްޗަށް ބަލާއިރު، އެކަން ހިނގާފައިވަނީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނާފަދައިން 30 ޖަނަވަރީ 2020 ވަނަ ދުވަހުތޯއެވެ؟ ނުވަތަ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ފަދައިން ޓްރައިބިއުނަލްއިން މައްސަލަ ނިންމި ދުވަހު (23 ޖަނަވަރީ 2022) ތޯއެވެ؟ ނުވަތަ އެހެން ދުވަހެއްގައި ތޯއެވެ؟

19ވަޒީފާގެ ގުޅުން ކެނޑުމާއި ގުޅޭ ކަންކަން ހިނގާފައިވާ ގޮތަށާއި، ވަޒީފާގެ ގުޅުން ކެނޑުނީ ކޮން އިރަކު ކަމާމެދު އަހުރެން ދެކޭގޮތް ބަޔާންކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއެއްގައި ހުރި މީހަކު ވަޒީފާއިން ވަކިވާނެ ގޮތްތަކުގެ މައްޗަށާއި، އެ ހާލަތުގައި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން ލިބިދެވިދާނެ ފަރުވާތަކަށް އެނބުރިލާނަމެވެ. ވަޒީފާގައި ހުރި މީހަކު ވަޒީފާއިން ވަކިވާ ގޮތް އަދި ޤާނޫނާ ޚިލާފަށް ވަކިކޮށްފިނަމަ ލިބިދެވޭ ފަރުވާ

20ވަޒީފާއާބެހޭ ޤާނޫނަކީ ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ޤާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ޤާނޫނެވެ. އެ ޤާނޫނުގައި ބަޔާންކުރާގޮތުން:

20.1. ވަޒީފާއިން ވަކިކުރެވިދާނެ އުސޫލުތަކަކީ ވަޒީފާދޭ ފަރާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއްގައި ކަނޑައެޅި ބަޔާންކުރެވިފައި އޮންނަންޖެހޭ ކަންކަމެވެ.

20.2. ވަޒީފާގެ އެއްބަސްވުންތަކުގެ އެކި ބާވަތްތަކުގެ ތެރެއިން، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، ޤާނޫނުގެ ހަތަރުވަނަ ބާބު (ވަޒީފާގެ އެއްބަސްވުން) ގައި ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާ ގުޅޭގޮތުން ހުރި މާއްދާތަކުގައިވާ ގޮތުގެ މަތިން، އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ވަޒީފާގެ އެއްބަސްވުން ބާޠިލު ކުރެވިދާނެއެވެ. އަދި ވަޒީފާގެ އެއްބަސްވުންތަކުގެ އެކި ބާވަތްތަކުގެ ތެރެއިން، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، އަދި އެ އެއްބަސްވުމަކީ ވަކި މުއްތަކެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނޫންކަމުގައި ބަލަންޖެހިއްޖެ ހާލަތުގައި ފިޔަވައި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. މީގެ އިތުރުން، ވަޒީފާގެ އެއްބަސްވުންތަކުގެ އެކި ބާވަތްތަކުގެ ތެރެއިން، އެ އެއްބަސްވުމަކީ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، އެ މަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

20.3. އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން މަނާކޮށް، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެކަން، އަދި އެއިން ސަބަބަކާހުރެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކާއި، އެފަދަ ޙާލަތެއްގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ އުސޫލުތައް ގަވާއިދުގައި މިނިސްޓަރު ކަނޑައަޅާ ބަޔާންކުރަންޖެހެއެވެ. އަދި ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އެ މުވައްޒަފަކު ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތަށް 1 (އެކެއް) އަހަރު ފުރިފައިނުވާނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުން؛ ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތު 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުން؛ އަދި ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތު 4 (ހަތަރެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުން ޤާނޫނުން ލާޒިމުކުރެއެވެ.

20.4. ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރާ ހާލަތްތަކުގައި ފިޔަވައި، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ (ތިރީގައިވާ) މުއްދަތަށް ލިޔުމުން ނޯޓިސް ދިނުމަށްފަހުއެވެ. އެއީ، (1) ހަ މަސް ދުވަހަށްވުރެ ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފުތާގެ ނޯޓިސް؛ (2) އެއްއަހަރަށްވުރެ ކުރުނޫން އަދި ފަސް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް އެއްމަސް ދުވަހުގެ ނޯޓިސް؛ އަދި (3) ފަސްއަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެމަސް ދުވަހުގެ ނޯޓިސް، އެވެ.

20.5. ނޯޓިހެއް ދިނުމަކާނުލައި ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައެވެ.

20.6. ވަޒީފާ ދޭ ފަރާތުން ވަޒީފާއާބެހޭ ޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހެޅުމުގެ ޙައްޤު ލިބިދީ، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ނޯޓިސްދީ، އެ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް މުއްދަތުތަކެއްދީ، ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ޙައްޤު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި މިފަދައިން ވަޒީފާގެ އެއްބަސްވުމެއް މުވައްޒަފަކު ބާޠިލުކޮށްފިނަމަ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ކަމުގައި ބެލެވެއެވެ.

20.7. ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެ ވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ.

20.8. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރު ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ. (1) އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛ (2) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ޝަރްޠުތަކަކާއި މާއްދާތަކަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛ (3) ބަދަލުދިނުމަށް އަމުރުކުރުން. ވަޒީފާގެ ގުޅުން ކެނޑުމާއި ގުޅޭ ކަންކަން ހިނގާފައިވާ ގޮތް

21މި މައްސަލައަށް ބަލާއިރު، ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، މިއީ މުޙައްމަދު ޔާސިރު އަދާކުރަމުން ދިޔަ އޯލް އެޗް މޯލްޑިވްސްގެ ވަޒީފާއިން އޭނާ ވަކިކޮށް ދިނުމަށާއި، މުޙައްމަދު ޔާސިރު ވަޒީފާއިން ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އެންގި ތާރީޚުން ފެށިގެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި، އޯލް އެޗް މޯލްޑިވްސްގެ މައްޗަށް ރައްދުވާ ގޮތަށް މުޙައްމަދު ޔާސިރުގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައެއްކަން އެނގެން އޮވެއެވެ.

22ޓްރައިބިއުނަލްއަށް މުޙައްމަދު ޔާސިރުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، މުޙައްމަދު ޔާސިރު އޯލް އެޗް މޯލްޑިވްސްގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި އެންމެ ފުރަތަމަ ސިޓީއެއް ފޮނުވާފައިވަނީ 29 އޮކްޓޯބަރު 2019 ގައިކަން އެނގެން އޮވެއެވެ. އަދި އެސިޓީގައި މުޙައްމަދު ޔާސިރާއި ކުންފުނީގެ ވެރިންނާ އޮންނަ މަސްލަހަތު ގެއްލިފައިވާތީ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި، އެސިޓީއާއެކު މުޙައްމަދު ޔާސިރާއި ޙަވާލުކޮށްފައިވާ ކުންފުނީގެ ތަޅުދަނޑިއާއި އެއަރޕޯޓު ފާސް ފޮނުވިކަމުގައާއި، ކުންފުނީގެ އޮފީހުގައި ހުރި މުޙައްމަދު ޔާސިރުގެ އަމިއްލަ ތަކެތި ނެގޭނެ އިންތިޒާމެއް ހަމަޖައްސާދިނުމަށް އެދިފައިވެއެވެ.

23މިއަށްފަހު، 30 އޮކްޓބަރޯ 2019 ގެ ތާރީޚުގައި މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްއަށް ފޮނުވިކަމަށް ބުނާ ދެވަނަ ސިޓީއެއްގައިވެސް މުޙައްމަދު ޔާސިރާއި ކުންފުނީގެ ވެރިންނާ އޮންނަ މަސްލަހަތު ގެއްލިފައިވާތީއާއި، ކުންފުނީގެ ވެރިންނަށް ގުޅައި އެސް.އެމް.އެސް ކުރުމުންވެސް އެ ފަރާތްތަކުން ޖަވާބުދީފައިނުވާތީ މުޙައްމަދު ޔާސިރު އޯލް އެޗް މޯލްޑިވްސްގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި، އެ ސިޓީއާއެކު މުޙައްމަދު ޔާސިރާއި ޙަވާލުކޮށްފައިވާ ކުންފުނީގެ ތަޅުދަނޑިއާއި އެއަރޕޯޓު ފާސް ފޮނުވިކަމުގައާއި، ކުންފުނީގެ އޮފީހުގައި ހުރި މުޙައްމަދު ޔާސިރުގެ އަމިއްލަ ތަކެތި ނެގޭނެ އިންތިޒާމެއް ހަމަޖައްސާދިނުމަށް އެދިފައިވެއެވެ.

24މުޙައްމަދު ޔާސިރު 30 އޮކްޓބަރޯ 2019 ގައި ފޮނުވާފައިވާ ސިޓީއަށް ހަވާލާދީ، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރަށް 01 ނޮވެމްބަރު 2019 ދުވަހު ފޮނުވާފައިވާ ސިޓީގައި މުޙައްމަދު ޔާސިރުގެ މައްޗަށް ތުހުމަތުކުރެވޭ އެކި ޚިޔާނާތުގެ މައްސަލަތައް ހުރިކަމަށާއި، ކުންފުނީގެ ވިސްނުމަކީ ކަންހިނގާފައިވާ ގޮތް ބެލުމަށް ފަހު މެނުވީ ފިޔަވަޅު ނޭޅުންކަމުގައިވާތީ، މުޙައްމަދު ޔާސިރު މުސާރަ ލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމުގައި ބުނެ، އެ މައްސަލަތައް ބެލުމަށް އެއްބާރުލުން ދިނުމަށް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އެދި، މުޙައްމަދު ޔާސިރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދެވޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ ވަޒީފާއިން ވަކިވާން އެދޭނަމަ، ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރުމަށް އިރުޝާދުދީ، ކުންފުނީގެ ވަޒީފާއިން ވަކިވި ނަމަވެސް، މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ތަޙުޤީޤަށް ފާހަގަކުރެވިއްޖެނަމަ، ފައިސާ އަނބުރާ ހޯދުމުގެ ޤާނޫނީ މަސައްކަތްކުރާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

25ބުނެވުނު (01 ނޮވެމްބަރު 2019 ގައި އޯލް އެޗް މޯލްޑިވްސް އިން ފޮނުވި) ސިޓީއަށް ޙަވާލާދީ، 02 ނޮވެމްބަރު 2019 ދުވަހު މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްއަށް ފޮނުވާފައިވާ ސިޓީގައި، މުޙައްމަދު ޔާސިރު އަމަލުކޮށްފައިވާ ގޮތް ކުންފުންޏަށް އޮޅިފައިވާތީ، ސާފުކޮށްދިނުމުގެ ގޮތުން، ކުންފުނީގެ އެކައުންޓްސްއިން މަދުވި ފައިސާތަކެއް ކުންފުންޏަށް ހެޔޮއެދޭތީ އަމިއްލަ ފައިސާއިން ހަދިޔާކޮށް ކުންފުނީގެ އެކައުންޓްސް ހަމަޖައްސާފައިވާނެ ކަމުގައާއި، ކުންފުނީގެ ޚަރަދުތަކަށް އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާ އެހެނިހެން ހާލަތުތައް ހުންނާނެކަމުގައި، އަދި ކުންފުނީގެ ފައިސާ މަދުވާ ސަބަބު ބަލައި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް އެދިފައިވާނެ ކަމުގައި މުޙައްމަދު ޔާސިރު ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާއިން ވަކިވުމަކީ ވަޒީފާއަދާކުރާ ފަރާތަށް ލިބޭ ޙައްޤެއްކަމުގައިވެފައި، މުޙައްމަދު ޔާސިރު އެދެނީ ވަޒީފާ ދޫކޮށްލުމަށް ކަމަށްވުމުން، ވަޒީފާ ދޫކޮށްލުމަށް އެދިފައިވަނީ ޤާނޫނުގައިވާ ހުދޫދުގެ ތެރެއިން ކަމަށެވެ. ހަމައެއާއެކު، ކުންފުނީގެ ފައިސާތަކެއް ގެއްލިފައިވާނަމަ، އެކަމުގައި ވެފައިވާގޮތެއް ސާފުކުރުމަށް މުޙައްމަދު ޔާސިރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، އޭނާ އެދެނީ ކުންފުންޏަށް ފަހިގޮތްކަމަށެވެ. އެހެންނަމަވެސް، މުޙައްމަދު ޔާސިރާއި ކުންފުނީގެ ވެރިންނާ އޮންނަ މަސްލަހަތު ގެއްލި، ދެފަރާތުގެ މެދުގައި އޮތް އިތުބާރުވެސް ގެއްލިފައިވާތީ، 30 އޮކްޓބަރޯ 2019 ގައި ފޮނުވި ސިޓީގައި އެދިފައިވާ ފަދައިން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި، ކުންފުނީގެ އޮފީހުގައި ހުރި މުޙައްމަދު ޔާސިރުގެ އަމިއްލަ ތަކެތި ނެގޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

2602 ނޮބެމްބަރ 2019 ގައި މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްއަށް ފޮނުވި ސިޓީއަށްފަހު ދެފަރާތުގެ ދެމެދުގައި ސިޓީ ބަދަލުކޮށްފައިވާކަން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން ނެތްހިނދު، 30 ޖަނަވަރީ 2020 ގައި މުޙައްމަދު ޔާސިރު އެދިފައިވާ ފަދައިން އޯލް އެޗް މޯލްޑިވްސްގައި ހުރި އޭނާގެ އަމިއްލަ ތަކެތި ހަވާލުކޮށްފައިވާކަން އެނގޭ ލިޔުމެއް މުޙައްމަދު ޔާސިރުގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވ. އަދި ހަމައެއާއެކު، 30 ޖަނަވަރީ 2020 ގައި އޯލް އެޗް މޯލްޑިވްސްގެ ޑިރެކްޓަރެއް ކަމުގައިވާ އަބޫބަކުރު މުޙައްމަދު ސޮއިކޮށްފައިވާ އަތުލިޔުމުން އޮތް ސިޓީއެއް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވ. 02 ނޮވެމްބަރު 2019 ގައި މުޙައްމަދު ޔާސިރުގެ ފަރާތުން ފޮނުވި ސިޓީއަށް ހަވާލާދީފައިވާ މި ސިޓީގައިވަނީ މުޙައްމަދު ޔާސިރު އެދިފައިވާ ތަކެތި އޭނާއާ ހަވާލުކޮށްފައިވާ ކަމަށާއި، އެކަށީގެންވާ ހެކި ލިބިފައިވުމުން މުޙައްމަދު ޔާސިރުގެ މައްޗަށް ތުހުމަތުކުރެވުނު ޚިޔާނާތުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށާއި، 30 ޖަނަވަރީ 2020 އިން ފެށިގެން މުޙައްމަދު ޔާސިރު ވަޒީފާއަށް ނަޔަސް އެންމެ ރަނގަޅުކަމުގައެވެ.

27މި ކަންކަން ހިނގުމަށްފަހު، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްދިނުން އެދި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ 10 އޯގަސްޓް 2020 ގައެވެ. ވަޒީފާގެ ގުޅުން ކެނޑުނު އިރު

28HN3އޯލް އެޗް މޯލްޑިވްސްގެ ވަޒީފާގައި މުޙައްމަދު ޔާސިރު އެތަކެއް އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމުގައި އެ ދެ ފަރާތުންވެސް ބަޔާންކުރާއިރު، ދެފަރާތުގެ މެދުގައި ވަޒީފާގެ އެއްބަސްވުމެއް އޮތްކަން އެނގެން ނެތްނަމަވެސް، އެ ވަޒީފާގައި 02 (ދޭއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މުޙައްމަދު ޔާސިރު ޚިދުމަތްކޮށްފައިވާކަން އެނގެން އޮތުމުން، ވަޒީފާގެ އެއްބަސްވުންތަކުގެ އެކި ބާވަތްތަކުގެ ތެރެއިން، އެ ދެފަރާތުގެ މެދުގައި އޮތީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހެއެވެ.

29މި މައްސަލައިގައި ހިމެނެނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ރިޑަންޑަންސީގެ ޙާލަތެއް ނޫނެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދިނުމުގައި ބަލަންޖެހޭ ނޯޓިސްގެ މުއްދަތަކީ ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރެވޭ ޙާލަތްތައް ފިޔަވާ އެހެން ޙާލަތްތަކުގައި ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ނޯޓިސް ދިނުމާ ގުޅޭގޮތުން ހުރި މުއްދަތުތަކެވެ. ދެން އުފެދޭ ސުވާލަކީ، ޤާނޫނުގައި އެކަމުގައި ބަޔާންކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރުމުގައި ދޭންޖެހޭ ނޯޓިސްގެ މުއްދަތުތައް ކަމުގައިވާހިނދު، މި މައްސަލައިގައި ކަން ހިނގާފައިވާ ފަދައިން، މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދޭނަމަ، ކަން ކުރާންޖެހޭ ގޮތަކީ ކޮބައިކަމުގެ މައްޗަށެވެ.

30HN5ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފަކު އަމަލުކުރަންޖެހޭ ގޮތް ސަރީޚަކޮށް ބަޔާންކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް އެފަދަ ވަޒީފާގެ އެއްބަސްވުމެއް ބާޠިލު ކުރެވިދާނެ ކަމުގައާއި އެކަމާގުޅޭ ނޯޓިސް އެއިން ކޮންމެ ފަރާތަކަށްވެސް ދެވިދާނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާތީ އާއި، މި ކޯޓަށް މިހާތަނަށް ހުށަހެޅިފައިވާ ވަޒީފާއިން ވަކިވުމާގުޅިގެން ހުށަހަޅާފައިވާ ޚުޞޫމާތްތަކަށް ބަލާއިރު، އެކަމުގައި ބަލަންޖެހެނީ ވަޒީފާގެ އެއްބަސްވުމަށް ކަމުގައި ކަނޑައަޅާފައިވާ ނަމަވެސް، އެފަދަ އެއްބަސްވުމެއް ނެތް ހާލަތުގައި، މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދޭނަމަ ވަޒީފާއިން ވަކިވުމަށް އެދި ނޯޓިސް ދިނުމުގައި ބަލަންޖެހޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަމުގައި އިފްތިރާޟު ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. މިގޮތުން، މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްގެ ވަޒީފާގައި ގާތްގަނޑަކަށް 10 (ދިހައެއް) އަހަރު އުޅެފައިވާކަން އެނގެން އޮތުމުން، ދޭންޖެހޭ ނޯޓިސްގެ މުއްދަތަކީ 2 (ދޭއް) މަސްދުވަހުގެ ނޯޓިހެވެ.

31ޤާނޫނީގޮތުން ކަން އޮތީ ބުނެވުނު ފަދައިން ކަމުގައިވާއިރު، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރުމަށް ނޯޓިހެއް ދީފައިވާކަން އެނގެން ނެތްއިރު، އަދި މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިކޮށްދިނުމަށް އެދިފައިވާނަމަވެސް، ނޯޓިސްއެއް ދީފައިވާކަން އެނގެން ނެތްއިރު، ވަޒީފާއިން ވަކިވި މުއްދަތު ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟

32މި ނުކުތާގައި އަހުރެން ދެކޭގޮތް ބަޔާންކުރުމުގެ ކުރިން، އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ސިޓީ ބަލައިނުގަނެ މައްސަލަ ކުރިއަށް ގެންގޮސްފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާއަށް ސީދާ އެއްޗެއް ބުނުން މުހިންމު ކަމުގައި ދެކެމެވެ.

33އެގޮތުން، 30 ޖަނަވަރީ 2020 ދުވަހު އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރު ވަޒީފާއަށް ނުނިކުތަސް އެންމެ ރަނގަޅުކަމުގައި ބުނެ އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވާ ސިޓީ ޓްރައިބިއުނަލަށް ބަލައިނުގަތް ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ ސިޓީއަކީ އަތުލިޔުމުން އޮތް ސިޓީއެއް ކަމުގައި ވެފައި، އެ ސިޓީއަކީ އޯލް އެޗް މޯލްޑިވްސް ގެ ފަރާތުން ދޫކޮށްފައި ހުންނަ ރަސްމީ ލިޔުންތަކާއި އެއްފަދައިން އޮތް ސިޓީއެއް ކަމުގައި ނުވުން، އަދި މުޙައްމަދު ޔާސިރުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ބަހުން، އެ ސިޓީ މުޙައްމަދު ޔާސިރަށް ރައްދުކޮށްފައިވާކަން ސާބިތުނުވުން ހިމެނެއެވެ.

34HN1އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިން ފެށިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކެއްގައި ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރައަކީ (burden of proof) ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައި ކަނޑައަޅާފައިވާއިރު، އެ ސިޓީއަކީ ހަމަ ޙަޤީޤަތުގައިވެސް ކުންފުންޏެއްގެ ހައިސިއްޔަތުން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ސިޓީއެއްކަމާއި، އެ ސިޓީ މުހާތަބުކޮށްފައިވާ ފަރާތަށް ސިޓީ ރައްދުކުރެވުނުކަން ސާބިތުކޮށްދިނުމަކީ އޯލް އެޗް މޯލްޑިވްސްގެ ޒިންމާއެއްކަމުގައި އަހުރެން ދެކެމެވެ. އަދި މިގޮތުން، ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލަ އަދި އެ ނޫން ނިންމުންތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ، (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން އަދި، (2) ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން ކަން ފާހަގަކޮށް، މުޙައްމަދު ޔާސިރުގެ ފަރާތުންނާއި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން 30 ޖެނުއަރީ 2020 ގެ ސިޓީއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި، ޓްރައިބިއުނަލްއިން އަދި ހައިކޯޓުންވެސް އޯލް އެޗް މޯލްޑިވްސްގެ 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ސިޓީ ބަލައިގެންފައި ނުވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ 50 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޝިއްޔާ) 51 މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޝިއްޔާ) އާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޝިއްޔާ) އާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޝިއްޔާ) އަދި މިނޫންވެސް މައްސަލަތައް. 52 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޝިއްޔާ 53 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ.ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22 (ސުޕްރީމް ކޯޓުގެ ނަންބަރު (2021/SC-A/15) އަދި އަޙްމަދު ރީޙާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް [2024] SC 52 (ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/95 ޤަޝިއްޔާ) Burden of production Burden of persuasion ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް ކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ.

35ބުނެވުނު ސިޓީ ބަލައިނުގަތް ނަމަވެސް، 30 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޔާސިރު އާއި އޯލް އެޗް މޯލްޑިވްސްއާ ދެމެދު އޮތް ވަޒީފާގެ ގުޅުން ރޫޅިފައިވާކަމުގައި ބަލަންޖެހޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށާއި، ވަޒީފާގެ އެއްބަސްވުމެއް ނެތް އިރު، ވަޒީފާއިން ވަކިކުރުމަށް އަދި ވަޒީފާއިން ވަކިވުމަށްވެސް ނޯޓިސްއެއް ދީފައިވާކަން އެނގެން ނެތްއިރު، ވަޒީފާއިން ވަކިވި މުއްދަތު ކަނޑައަޅާނީ ކިހިނެތްކަމާމެދު އަހުރެންގެ ރައުޔު ބަޔާންކުރާނަމެވެ.

36HN6މުޙައްމަދު ޔާސިރުއާއި އޯލް އެޗް މޯލްޑިވްސްއާ ދެމެދު އޮތް ވަޒީފާގެ ގުޅުމުގެ ތެރެއިން 2019 ވަނަ އަހަރުގެ ފަހުކޮޅު އަދި 2020 ވަނަ އަހަރުގެ ކުރީކޮޅު ކަންކަން ހިނގާފައިވާ ގޮތަށް 56 ބަލާއިރު، ދެފަރާތުގެ ދެމެދުގައި އޮތް 'ވަޒީފާގެ އެއްބަސްވުން' ބާޠިލުކުރަން މުޙައްމަދު ޔާސިރުގެ ފަރާތުން އެދި، މުޙައްމަދު ޔާސިރުގެ ކިބައިގައި ހުރި އޯލް އެޗް މޯލްޑިވްސްގެ ތަކެތި މުޙައްމަދު ޔާސިރުގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމާއި، ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރުމަށް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރުގެ ކިބައިން އެދިފައިވަނިކޮށް، މުޙައްމަދު ޔާސިރުގެ އެދުމާއި އެއްގޮތަށް ކުންފުނީގައި ހުރި މުޙައްމަދު ޔާސިރުގެ ތަކެތި އޭނާއާ ހަވާލުކޮށްފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮވެފައި، މި ދެފަރާތުގެ މެދުގައި އޮތް ގުޅުމަކީ ވަޒީފާގެ ގުޅުމެއް ނަމަވެސް، ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން އެކުލަވާލައިފައި ނެތް މި ޙާލަތުގައި، ދެން ބެލެން އޮތީ ދެފަރާތުގެ އަމަލުތައް ބަހައްޓާފައިވާ ގޮތަށެވެ.

37ވަޒީފާގެ ގުޅުން ކެނޑިފައިވަނީ ކޮން ވަގުތެއްގައިކަމާމެދު ވާހަކަ ދެކެވި، އެ ނުކުތާގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރެވުނު ހިނދު:

(ހ) ދެ ފަރާތުގެ އަމަލުތައް ހުރިގޮތުން، ވަޒީފާއިން ވަކިވުމަށް މުޙައްމަދު ޔާސިރުގެ ފަރާތުން އެދި، އެފަރާތުގެ ކިބައިގައި ހުރި ކުންފުނީގެ ތަކެތި ހަވާލުކޮށް، 30 ޖަނަވަރީ 2020 ގައި އޯލް އެޗް މޯލްޑިވްސްގައި ހުރި މުޙައްމަދު ޔާސިރުގެ ތަކެތި ހަވާލުވުމުން ވަޒީފާގެ ގުޅުން ކެނޑުނީކަމަށް ބެލެވޭކަމަށް މުޙައްމަދު ޔާސިރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާ ކަން އެނގެން އޮތުމުންނާއި؛

(ނ) ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ މުޙައްމަދު ޔާސިރުކަން އޭނާ 30 އޮކްޓބަރޯ 2019 ގައާއި 02 ނޮވެމްބަރު 2019 ދުވަހު އޯލް އެޗް މޯލްޑިވްސްއަށް ފޮނުވާފައިވާ ސިޓީތަކުން އެނގެން އޮތުމުގެ އިތުރުން، 02 ނޮވެމްބަރު 2019 ދުވަހު މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްއަށް ފޮނުވި ސިޓީގައި ވަޒީފާއާބެހޭ ޤާނޫނަށް ޙަވާލާދީ، ވަޒީފާއިން ވަކިވުމަކީ އޭނާގެ ޙައްޤެއް ކަމުގައި ބަޔާންކޮށްފައި އޮތުމުން، އަދި 02 ނޮވެމްބަރު 2019 ގެ ސިޓީއާއި، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އެ އޮފީހުގައި ހުރި މުޙައްމަދު ޔާސިރުގެ ތަކެތި އޭނާއާ ޙަވާލުކުރި ތާރީޚް ކަމުގައިގައިވާ 30 ޖަނަވަރީ 2020 އާ ދެމެދު (ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރާ ފަރާތަކީ ފަސްއަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ވާނަމަ، ދޭން އޮންނަ ނޯޓިސްގެ އެންމެ ކުރު މުއްދަތު ކަމުގައިވާ) 02 (ދޭއް) މަސްދުވަހަށް ވުރެ އިތުރު މުއްދަތު ހިނގާފައިވުމުން؛

(ނ) 30 ޖަނަވަރީ 2020 ގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރު ވަޒީފާއަށް ނުނިކުތަސް އެންމެ ރަނގަޅުކަމުގައި ބުނެ އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވާ ސިޓީއަކީ ހަމަ ހަޤީޤަތުގައިވެސް މުޙައްމަދު ޔާސިރު ބުނާ ފަދައިން އޭނާއަށް ރައްދުކޮށްފައިވާ ސިޓީއެއް ނޫންކަމުގައި ބެލިނަމަވެސް، ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން ނެތް މިހާލަތުގައި، މުޙައްމަދު ޔާސިރު އޯލް އެޗް މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވެފައިވަނީ 30 ޖަނަވަރީ 2020 ގައި ކަމުގައި ބަލަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ

38ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި "ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާ ގުޅޭގޮތުން، މި ބާބުގެ މާއްދާތަކުގައިވާ ގޮތުގެމަތިން، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް، ބާޠިލު ކުރެވިދާނެ[...]" ކަމުގައި ބަޔާންކޮށްފައި އޮތްހިނދު، އަދި މުޙައްމަދު ޔާސިރުއާއި އޯލް އެޗް މޯލްޑިވްސްއާ ދެމެދު އޮތް 'ވަޒީފާގެ އެއްބަސްވުން' އަކީ ލިޔުމުން އޮތް އެއްބަސްވުމެއް ކަމުގައި ނުވާއިރު، ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަކިވުމަށް ނޯޓިސް ދިނުމާގުޅޭ ކަންކަމަކީ ލިޔެ ބަޔާންކޮށްފައިވާ ކަންތައްތަކެއް ނޫންކަމުން، އެ ވަޒީފާގެ ގުޅުން ނިމުމަކަށް ގެނައުމަކީ މުޙައްމަދު ޔާސިރު އަދި އޯލް އެޗް މޯލްޑިވްސްގެ މިނިވަން އިރާދާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ. އަދި ޓްރައިބިއުނަލްއާއި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިވުމުގެ އިޚްތިޔާރެއް ނެތް ފަރާތެއް ކަމުގައި ބަލައި، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ސާފު ބަހުން މުވައްޒަފު ވަކިކޮށްފި ހާލަތެއްގައި މެނުވީ އެއްބަސްވުން ބާޠިލުނުވާނެ ކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމުގައި ބުނެ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ.

39މި ނުކުތާގެ ރައްދުގައި މުޙައްމަދު ޔާސިރުގެ ފަރާތުން ބުނެފައިވަނީ، މައްސަލަ ޖެހުނުއިރު ވެސް މުޙައްމަދު ޔާސިރަކީ 10 (ދިހައެއް) އަހަރު ވަޒީފާގައި ދެމި ހުރި މީހަކަށްވުމާއެކު މިއީ މުއްދަތެއް އޮތް ނުވަތަ ނެތް ވަޒީފާއެއް ކަން ވެސް ސާފުކޮށް އެނގޭކަށް ނެތް ވަޒީފާއެއް ކަމުން، ޤާނޫނީ ގޮތުން ބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތެއް މި މައްސަލައިގައި ވުޖޫދުވެފައި ނުވާ ކަމަށެވެ.

40ހައިކޯޓުގެ ނިންމުން ބިނާވި އަޣްލަބިއްޔަތު ރައުޔުގައި މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދުމުންވެސް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކޮށްދީފައި ނުވާކަމުގައާއި، ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަޒީފާއިން ވަކިކޮށް ނުދޭކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމުގައި ބަޔާންކުރުމަށްފަހު، މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްގެ މައްޗަށް ހުށަހެޅި މައްސަލައިގެ ދިފާޢުގައި 30 ޖަނަވަރީ 2020 އަށް ހަވާލާދީ މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމުގައި ބުނެފައިވާ ބުނުމުގެ މައްޗަށް ބަލައި، ހައިކޯޓުން އަލިއަޅުވާލައިފައިވަނީ ވަޒީފާއިން ވަކިކުރާނަމަ ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތަކީ ކޮބައިކަމުގެ މައްޗަށާއި، 30 ޖަނަވަރީ 2020 ގެ ސިޓީއަކީ ޓްރައިބިއުނަލްއިން އަދި ހައިކޯޓުންވެސް ބަލައިގަތް ސިޓީއެއް ކަމުގައިވާނަމަ، އޭގެން ނިކުންނާނެ ނަތީޖާގެ މައްޗަށެވެ. ހައިކޯޓުގެ ނިންމުން ބިނާވި މި ރައުޔުގައި، ހުށަހެޅިފައިވާ މައްސަލައަކީ ވަޒީފާއިން ވަކިކޮށް ނުދޭކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ތަޠުބީޤުކޮށް، އޭގެ ނަތީޖާއަކީ ކޮބައިކަން ބަލާފައި ނުވެއެވެ. އެއީ، އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައި ހުރި ގޮތުން، އެ މާއްދާ ތަޠުބީޤުކޮށް، އެއާ ގުޅިގެން ފަނޑިޔާރުންގެ ބަހެއް ހިމެނުން މުހިންމުކަމުގައި ނުފެނުނީކަމުގައި ވުން އެކަށީގެންވެއެވެ.

41ހައިކޯޓުގެ ނިންމުމުގައި އޮތް އަޤައްލިޔަ ރައުޔަށް ބަލާއިރު، މައްސަލައަކީ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ތަޠުބީޤުކުރުމުން، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވުމުން، އޭނާ ވަޒީފާއިން ވަކިވީ ކަމުގައި ބަލަންޖެހޭނެ ކަމުގައާއި، ވަޒީފާއިން ވަކިކުރިކަން ނުއެންގުމަކީ ނުވަތަ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދޫނުކުރުމަކީ އެފަދަ މުވައްޒަފަކު ހުރީ ވަޒީފައިގައި ކަމަށް ބެލުމުގެ ހުއްޖަތެއް ނޫންކަމުގައި ބަޔާންކޮށްފައިވެއެވެ.

42HN12އާންމު ޤާނޫނީ އުސޫލުތަކަށް ބަލާނަމަ، އެއްބަސްވުމަކީ އެއްބަސްވުމުގެ ބައިވެރިންނަށް ބާޠިލުކުރެވިދާނެ އެއްޗެކެވެ. ކަން މިހެން އޮތްނަމަވެސް، ވަޒީފާގެ ގުޅުންތައް ވުޖޫދުކުރާ އެއްބަސްވުންތައް ވަކި ގޮތަކަށް އޮތުން ޤާނޫނުން ލާޒިމުކުރަނީ އަދި އެ އެއްބަސްވުން ބާޠިލުކުރުމުގައި ވަކި އިޖުރާއަތުތަކެއް ހިމަނާފައިވަނީ، ވަޒީފާދޭ ފަރާތަށާއި ވަޒީފާއަދާކުރާ ފަރާތުގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ދެފަރާތަށްވެސް ރައްކާތެރިކަން ލިބިދިނުމުގެ ގޮތުންނެވެ.

43HN2ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނަކަށް އަމަލުކުރަމުން އަންނައިރު، އަދި އެ ޤާނޫނުގައި ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން އޮންނަންވާނެ ކަމުގައި ބަޔާންކޮށް އެފަދަ އެއްބަސްވުމެއްގައި ހުންނަންޖެހޭނެ މަޢުލޫމާތު ހިމަނާފައި ވުމާއެކުވެސް، ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މުވައްޒަފާ އެއްބަސްވުން ޙަވާލުކޮށްފައި ނުވާނަމަ، ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، ވަޒީފާދޭ ފަރާތް ޖޫރިމަނާކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުން އެފަދައިން ލާޒިމުކުރި ނަމަވެސް، އެމަގުން ކަން ނުހިނގުމުގެ ފުރުސަތު އޮތުމުންނެވެ. މި މައްސަލައިގައި ކުރިމަތިވެފައިމިވަނީ އެފަދަ ހާލަތަކެވެ.

44ކަން މިފަދައިން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނެއް އޮވެ، އެ ޤާނޫނަށް އަމަލުކުރަމުން އަންނައިރު، ލިޔުމުން ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، ވަޒީފާގެ ގުޅުމެއް އޮތްކަން ސާބިތުވާނަމަ، އެ ގުޅުމުގެ ޙަޤީޤަތްތަކަށް ބެލުމަށްފަހު، އެ ވަޒީފާގެ ގުޅުމަކީ ކޮންބާވަތެއްގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ ގުޅުމެއް ކަމާއި، އެއްބަސްވުމުގެ ބާވަތުން، އެއްބަސްވުން ރޫޅާލާންޖެހިއްޖެ ޙާލަތެއްގައި ވަޒީފާދޭ ފަރާތަށާއި ވަޒީފާއަދާކުރާ ފަރާތަށް އޮތީ ކޮން މަގެއް (ނުވަތަ މަގުތަކެއް) އިޚްތިޔާރުކުރުންކަން ބަލަންޖެހެއެވެ. އެއީ، އެއްބަސްވުމެއް ލިޔުމުން އެކުލަވާލާފައި ނުވުމަކީ އެ ބާވަތުގެ ގުޅުންތައް ރެގިއުލޭޓްކުރަން އެކުލަވާލައިވާ ޤާނޫނެއްގެ ތަރަހައިން އެ (ލިޔުމުން އެއްބަސްވުމެއް ނެތް) ގުޅުން ބޭރުވާނެ ކަމުގައި ބެލުމުގެ ހުއްޖަތެއް ނޫނެވެ. އެހެނީ، އެކަން އޮތީ މުޙައްމަދު ޔާސިރުގެ ފަރާތުން ބަޔާންކުރާ ފަދައިން ކަމުގައިވާނަމަ، ވަޒީފާއާބެހޭ ޤާނޫނެއް އޮވެމެ، އެއްބަސްވުން ނަހަދާވާ ހުރިހާ ވަޒީފާގެ ގުޅުންތަކަކީ އެ ޤާނޫނުގެ ހިޔާވަހިކަމުން ބޭރުން ހުރި ގުޅުންތަކެއް ކަމުގައި ހެދުމުގެ ފުރުސަތު އޮތުމުންނެވެ. އަދި އެއީ ޤާނޫނީ ޝަރަހަ ކަމުގައިވާނަމަ، ވަޒީފާއާބެހޭ ޤާނޫނެއް އޮތުމުގެ މަޤްސަދު ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

45HN4އެހެންކަމުން، މުޙައްމަދު ޔާސިރާއި އޯލް އެޗް މޯލްޑިވްސްއާ ދެމެދު ލިޔުމުން އޮތް ވަޒީފާގެ އެއްބަސްވުމެއް ނެތުމަކީ، އެއްބަސްވުމުގެ މުއްދަތު އެނގެން ނެތުމުގެ ސަބަބުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައި ނުވާ ޙާލަތެއް ކަމުގައި ބުނުމަކީ އެއްވެސް ޤާނޫނީ ބުރަދަނެއް ހުރި ވާހަކައެއްކަމުގައި އަހުރެން ނުދެކެމެވެ. އަދި ވަޒީފާގެ ގުޅުމެއް އޮތްނަމަ، އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ޤާނޫނުގައިވާ ފަދައިންއެ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.

46މިގޮތުން، މި މައްސަލައަށް ބަލާއިރު، މުޙައްމަދު ޔާސިރުގެ ފަރާތުން އޯލް އެޗް މޯލްޑިވްސްގައި ގާތްގަނޑަކަށް 10 (ދިހައެއް) އަހަރުގެ މުއްދަތެއްގައި ވަޒީފާއަދާކޮށްފައި ވުމުން، މި ދެފަރާތުގެ މެދުގައި އޮތީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބަލަންޖެހެއެވެ. އަދި މި ބާވަތުގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުން ތަކުގައި ހިމެނޭ ފަރާތްތަކަށް އެއްބަސްވުން ބާޠިލުކުރުމުގެ ފުރުސަތު ޤާނޫނުން ލިބިދީފައި އޮތުމުން، މުޙައްމަދު ޔާސިރު ވަޒީފާއަދާކުރި މުއްދަތަށް ބެލުމުން، އޭނާ ވަޒީފާއިން ވަކިވާން އެދޭނަމަ، ދެމަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިވެވިދާނެއެވެ. ވަޒީފާއިން ވަކިވިކަމުގެ ލިޔުން ނުދިނުމަކީ މިފަދަ ޙާލަތެއްގައި ވަޒީފާއިން ވަކިކޮށްފައި ނުވަނީކަމަށް ބެލުމުގެ ޖާގައެއް ގޮތްކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ސަބަބުތަކަށްޓަކައި، މުޙައްމަދު ޔާސިރަކީ ވަޒީފާއިން ވަކިވުމުގެ އިޚްތިޔާރެއް ނެތް ފަރާތެއް ކަމުގައި ބަލައި، ސާފު ބަހުން މުވައްޒަފު ވަކިކޮށްފި ހާލަތެއްގައި މެނުވީ ވަޒީފާގެ އެއްބަސްވުން ބާޠިލުނުވާނެ ކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމުގައި އަހުރެން ދެކެމެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތް ގޯސް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ

47ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޢަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެން ނެތްކަމުގައި ބުނެ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

47.1 މުޙައްމަދު ޔާސިރުއާއި އޯލް އެޗް މޯލްޑިވްސްއާ ދެމެދު ހިނގާފައިވާ އެންމެ ފަހުގެ މުޢާމަލާތް ހިނގާފައިވަނީ 30 ޖަނަވަރީ 2020 ވަނަ ދުވަހު ކަމުގައިވާއިރު، މުޙައްމަދު ޔާސިރުގެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ އޭގެ 8 (އަށެއް) މަސްދުވަސް ފަހުން ކަމުގައާއި، 02 ނޮވެމްބަރު 2019 އިން ފެށިގެން އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރަށް މުސާރަ ދީފައި ނުވާއިރު، އެ ތާރީޚާއި މުޙައްމަދު ޔާސިރުގެ ފަރާތުން 66 އބމ 14 ގެ 22 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު. މި ރައުޔުގެ ޕެރެގްރާފް 20.4 އަދި 30. 67 މިކަން މިގޮތަށް ފާހަގަކޮށްފައިވަނީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޝިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 7.4.1 ގައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޝިއްޔާއާ ގުޅިގެން 10 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ (ސަފުހާ 7) އިގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެފައިވާ ގޮތުގައި 30 ޖެނުއަރީ 2020 އާ ހަމައަށް މުޙައްމަދު ޔާސިރަށް ޙައްޤުވާ މުސާރަ ޖަމާކޮށްފައިވެއެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޝިއްޔާއާ ގުޅިގެން 10 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ ޓުޖިޖީލީއުޑީއައި މުޙައްމަދު ޔާސިރުގެ ފަރާތުންނާއި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން (ސަފުހާ 5 އަދި 7)، މުޒައްމަދު ޔާސިރާ ވަޒީފާއިން ސަސްޕެންޑް ކުރިފަހުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އޭނާއަށް މުސާރަ ދީފައިވާކަން ދެ ޚަސްމުންގެ ބަހުން އެނގެއެވެ. ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމާ ދެމެދު 10 (ދިހައެއް) މަސްދުވަސް ހިނގާފައިވާކަން އެނގެން އޮތްނަމަވެސް، ޓްރައިބިއުނަލްގެ ފަރާތުން މުޙައްމަދު ޔާސިރު ހުށަހެޅި މައްސަލަ ބަލައިގަނެ، މައްސަލަ ބަލާފައިވާކަން.

47.2 މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްދިނުމަށާއި ވަޒީފާއިން ވަކިކޮށްދިނުމާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގާދިނުން އެދި އެހާ ދިގު މުއްދަތެއް ފަހުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުންވެސް، ޓްރައިބިއުނަލްގައި މައްސަލަ ދިގުލައިގެން ދިޔަ މުއްދަތު ހިމެނޭގޮތަށް، ޓްރައިބިއުނަލްއިން މައްސަލަ ނިމުނު ދުވަހާއި ހަމައަށް މުޙައްމަދު ޔާސިރަށް މުސާރައާއި އިނާޔަތްތައް ނަގާދީފައިވަނީ ޢަދުލުވެރިކަމުގެ ހަމަތާއި ޚިލާފަށް، މުޙައްމަދު ޔާސިރަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭ ފަދައަކުން ކަމުގައާއި، މިއީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ފަދައަކުން ނޫންކަން؛ އަދި

47.3 މުޙައްމަދު ޔާސިރަށް އަމިއްލަ އިޚްތިޔާރުގައި ވަޒީފާއިން ވަކިނުވެވޭނެ ކަމުގައާއި، ވަޒީފާއިން ވަކިކޮށްދިނުމަކީ ޓްރައިބިއުނަލްއަށް ކުރެވިދާނެ ކަމެއް ކަމުގައި ބަލައި އެކަމުގެ މައްޗަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، ޓްރައިބިއުނަލްއަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އަސާސަކީ ނުވަތަ ޤާނޫނީ މަސްދަރަކީ ކޮބައިކަން ބަޔާންކޮށްގައިނުވާކަން.

48މި ނުކުތާއަށް ރައްދުދެމުން މުޙައްމަދު ޔާސިރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މުޅި މައްސަލައިގެ ޤާނޫނީ ބަހުސްއަކީ ވެސް މުޙައްމަދު ޔާސިރު އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްދީފައިނުވުން ކަމަށާއި، މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅިއިރު ވަޒީފާއިން ވަކިނުކޮށް މުސާރަ ލިބޭ ގޮތަށް އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއް ފަރާތްކޮށް، ކުންފުނީގެ ފަރާތުން މުޙައްމަދު ޔާސިރުގެ މައްޗަށް ހުށަހެޅި ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދެ ފަރާތުގެ މެދުގައި މުޢާމަލާތްކުރުން ހުއްޓިފައިވާ ކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމާ ދެމެދު ވަޒީފާއިން ވަކިކޮށްފައިވާކަމާމެދު ޚިލާފުތަކެއް އުފެދިފައިވާތީ، ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ވެސް މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮވެމެ އެކަން ފުރިހަމަކޮށްފައި ނުވުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހަކީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވި ދުވަސްކަމަށް ބަލައި، އެ ދުވަހާއި ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާ ޢިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލްއިން ނިންމި ނިންމުމަށް ހައިކޯޓުން ތާޢީދުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށެވެ.

49ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ހަވާލާދީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ނުކުތާއެއް ހުށަހަޅާފައިވެއެވ. އެހެންނަމަވެސް، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއާ ޚިލާފަށް، އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތް ނުކުތާއަކީ ހެކިބަހަކާއި ގުޅިގެން ހުށަހަޅާފައިވާ ނުކުތާއެއްކަން ފާހަގަކުރަމެވެ.

50HN9މިހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ ހުށަހަޅާފައިވާ މި ނުކުތާއަށް ބަލައި، ދެ ކަމެއް ފާހަގަކުރަންޖެހެއެވެ.

50.1 ފުރަތަމަ ކަމަކީ، ހަސްމެއްގެ އަސާސީ ޙައްޤެއް އުނިވެފައިވާކަމުގައި ބުނަނީނަމަ، ކަންހިނގާފައިވާ ގޮތުން އެފަދައިން ޙައްޤަކަށް އަސަރުކޮށްފައިވަނީ ކިހިނަކުންކަން ތަފްސީލުކޮށް ބަޔާންކޮށް، އެ ޙައްޤު ހަނިވިގޮތް ނުވަތަ އެ ޙައްޤަކުން އެ މީހަކު މަޙްރޫމްވެފައިވާ ގޮތް ބުނެދިނުމަކީ އެ ހުށަހެޅުމެއް ހުށަހަޅާ މީހެއްގެ ޒިންމާއެއްކަމެވެ.

50.2. ދެވަނަ ކަމަކީ، ފުރަތަމަ މަރުޙަލާގައާއި ހައިކޯޓަށް ހުށަނާޅާވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާކަމެވެ.

51HN10މިގޮތުން ދަށު ކޯޓަށާއި ހައިކޯޓަށް ހުށަނޭޅިވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ގުޅޭގޮތުން ހުރި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ އަލީގައި، މި އިސްތިއުނާފީ ނުކުތާއަށް ގޮތެއް ކަނޑައެޅުމަށް ބަލާއިރު، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ (ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޝިއްޔާ) - ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫން ކަން. މަޙުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް 2021] SC 109] (ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާ) - އިސްތިސްނާ ޙާލަތެއްގައި މެނުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައާއި، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް ސުޕްރީމް ކޯޓުގެ މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއްކަން. ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް 2011/SC 75] (ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ) - ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުން ކަމުގައިވާ ނަމަވެސް، ވަރަށް އިސްތިސްނާ ހާލަތެއްގައި ދަށު މަރުހަލާތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅޭނީ އިންސާފަށް ވާސިލުވުމަށްޓަކައިކަން. އެގޮތުން، (1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ؛ ނުވަތަ (2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ؛ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް ނެތްކަން. އެހެން ނަމަވެސް، އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިޢާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަން. އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ) - އާންމު އުސޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަން. އަދި މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެކަނ. (1) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Non-availability) (2) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Relevance) (3) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Credibility) ކޯޓެއް ނުވަތަ ޓްރައިބިއުނަލް އެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އޯލް އެޗް މޯލްޑިވްސްއަށް ބީވެފައި ނުވަތަ އެ ޙައްޤު ހަނިކުރެވިފައިވާނަމަ، މި މައްސަލައިގައި ކަންހިނގާފައިވާގޮތުން ބުނެވުނު ޙައްޤަށް އަސަރުކޮށްފައިވާ ގޮތެއް ހުށަހަޅާފައިވާ ކަމަށް އަހުރެންނަށް ނުފެނެއެވެ.

52ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ (1) މައްސަލަ ބަލައިގެންފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިއުމަށް ފަހު ކަމުގައި ވުމާއި؛ (2) މައްސަލައިގައި ގޮތްކަނޑައަޅައި، މުޙައްމަދު ޔާސިރަށް މުސާރައާ އިނާޔަތްތައް ނަގާދީފައިވަނީ ޓްރައިބިއުނަލްއިން މައްސަލަ ނިންމި ދުވަހުގެ ނިޔަލަށް ކަމުގައިވުމާއި؛ (3) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޓްރައިބިއުނަލްއަށް ކުރެވިދާނެކަމެއް ނޫންކަމުގައި ބުނެ ކަމުގައިވާހިނދު، މި ކަންކަމަކީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިވާ ކަންކަމެއް ނޫނެވެ. ހަމަ އެއާއެކު، މިއީ ހަމަ ޙަޤީޤަތުގައިވެސް ކަން ހިނގާފައިވާ ގޮތްކަމުގައިވަނީނަމަ، އެކަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި ފާހަގަކޮށްފައި ނުވަނީ ކީއްވެކަމާމެދު ސުވާލު އުފެދެއެވެ.

53މި އިސްތިއުނާފީ ނުކުތާގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މުޙައްމަދު ޔާސިރަށް މުސާރައާ އިނާޔަތްތައް ނަގާދީފައިވަނީ ޓްރައިބިއުނަލްއިން މައްސަލަ ނިންމި ދުވަހުގެ ނިޔަލަށް ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާ އަކީ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި ފާހަގަކޮށްފައިވާ އިސްތިސްނާތަކުގެ ތެރެއިން، ހައިކޯޓުގެ ނިންމުގެ ސަބަބުން އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއް ކަމުގައި ބަލައި ކުރިއަށްދާއިރު، ހައިކޯޓުގެ އަޤައްލިޔަ ރައުޔުގައި މުޙައްމަދު ޔާސިރަށް ނުޙައްޤު މަންފާއެއް ލިބުމުގެ ފުރުސަތު އޮތްކަމުގައި ފާހަގަކޮށްފައިވާކަން ފާހަގަވާތީ، މިއީ އެ ފާހަގަކުރުމާގުޅޭ ކަމެއް ކަމުގައި ބަލާނަމެވެ. އެހެންނަމަވެސް، ޓްރައިބިއުނަލްއިން މައްސަލަ ނިންމި ދުވަހާއި ހަމައަށް މުޙައްމަދު ޔާސިރަށް މުސާރައާ އިނާޔަތްތައް ނަގާދިނުމަކީ އޯލްއެޗް މޯލްޑިވްސްއަށް ލިބިގެންވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤަށް ކިހިނަކުން އުނިކަން ގެނުވާ ކަމެއްކަން އެ ކުންފުނީގެ ފަރާތުން ބަޔާންކޮށްދީފައިވާ ކަމުގައި ނުދެކެމެވެ.

54އޭގެ އިތުރުން، އިސްތިއުނާފީ ނުކުތާގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޓްރައިބިއުނަލްގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޓްރައިބިއުނަލްއަށް ކުރެވިދާނެކަމެއް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާ އަކީވެސް ސުޕްރީމް ކޯޓުގެ މަރުޙަލާގެ ކުރިން ހުށަހަޅާފައިވާ ނުކުތާއެއްކަން ސާފުކޮށް ފެންނަން ނެތްހިނދު، އިޚްތިޞާޞްއާ ގުޅޭ ސުވާލަކީ އެކަން ކުރިން ހުށަހަޅާފައި ނުވާކަމުގައި ދެކި، ލުއި ގޮތަކަށް ބަލައި ނުގަނެވޭނެކަމަށް ބުނެވިދާ ޒާތުގެ ސުވާލެއް ކަމުގައި ނުވާތީ، އެ ސުވާލަކީ ކަޕޫރުﷲ މައްސަލައިގައި ބަޔާންކުރާ އިސްތިސްނާ ހާލަތެއްގައި އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ކަމެއްތޯ ބަލާނަމެވެ.

55HN8އެގޮތުން، ޓްރައިބިއުނަލްގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާ ހުށަހަޅާފައިވާ ނުކުތާއަކީ ޢަދުލުވެރިކަމާ ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުގެ އެންމެ އަސާސީ އެއް އުންސުރުގެ މައްޗަށް ބިނާވާ ނުކުތާއެއްކަން ފާހަގަކުރަމެވެ. އެހެނީ، ޢަދުލުވެރިކަމާ ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ތަފްސީލުކުރާއިރު، މައްސަލަ ބަލަންވާނީ ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއް ނުވަތަ ޓްރައިބިއުނަލްއެއްގައި ކަމުގައި ބުނާ ބުނުމުގެ މައިގަނޑު އުންސުރުތަކަކީ (1) ކޯޓު ނުވަތަ ޓްރައިބިއުނަލްއަކީ ޤާނޫނުން ވުޖޫދުކޮށްފައިވާ ތަނެއް ކަމުގައިވުމާއި؛ (2) ކޯޓު ނުވަތަ ޓްރައިބިއުނަލްއަކީ މުސްތަޤިއްލު، ވެރިކަން ހިނގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން އެއްކިބާވެފައިވާ ތަނެއް ކަމުގައިވުމާއި؛ (3) ކޯޓު ނުވަތަ ޓްރައިބިއުނަލްގައި ގޮތް ކަނޑައަޅަން ތިބޭ މީހުން (ފަނޑިޔާރުން ނުވަތަ މެމްބަރުން ނުވަތަ ޖޫރަރ އިން) އަކީ ހަސްމުންނާއި ގުޅުމެއް ނެތް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ކުރިން ރައުޔު ހާމަކޮށްފައި ނުވާ، ތައައްސުބުން އެއްކިބާވެފައިވާ މީހުން ކަމުގައިވުމުގެ 77 އިތުރުން، (4) ކޯޓަކީ ނުވަތަ ޓްރައިބިއުނަލްއަކީ ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންވާ ތަނަކަށް ވުން 78 ހިމެނެއެވެ. އެއިގެ އިތުރުން، ޢަދުލުވެރިކަމާ ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުގެ އެތަކެއް ބައިތަކެއް 79 ހުރިނަމަވެސް، އިސްވެ ބަޔާންކޮށްފައިވާ ކަންކަމަކީ، އެ ޙައްޤުގެ އެންމެ އަސާސީ ކަންކަމެވެ.

56އެހެންކަމުން، މިއީ މިއީ އައު އިސްތިއުނާފީ ނުކުތާ ހުށަހެޅުމާ ގުޅޭގޮތުން މިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކުގައި ހަވާލާދޭފަދަ އިސްތިސްނާއެއް ކަމުގައި، އަދި ކަޕޫރުﷲ މައްސަލައިގައި ބުނާފަދައިން ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ކަމުގައި އަހުރެން ދެކެމެވެ.

57HN7މި މައްސަލައަށް ބަލާއިރު، އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ޓްރައިބިއުނަލްއާއި ހައިކޯޓުން މުޙައްމަދު ޔާސިރަށް އަމިއްލައަށް ވަޒީފާއިން ވަކި ނުވެވޭނެ ކަމުގައި ދެކި، ޤާނޫނީ ބިނާއަކަށް ހަވާލާ ދިނުމަކާއި ނުލައި މުޙައްމަދު ޔާސިރު ހުރި ވަޒީފާއިން ވަކިވުން ފުރިހަމަވާނީ އޭނާ ވަޒީފާއިން ވަކިކުރިކަން އެންގުމުން ކަމުގައި ބަލައި، އެ ގޮތުގެ މަތިން ނިންމުން ނިންމާފައިވާއިރު، ވަޒީފާއެއްގައި ހުރި މީހަކު ވަޒީފާއިން ވަކިކޮށްދިނުމަކީ ޓްރައިބިއުނަލްއަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. މި ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

57.1. އިސްވެ ބަޔާންކޮށްފައިވާ ފަދައިން، 80 ވަޒީފާއިން ވަކިވުމަކީ ނުވަތަ ވަކިކުރުމަކީ ވަޒީފާގެ އެއްބަސްވުމުގެ ބައިވެރިންނަށް ޤާނޫނީ ތަރަހައިގެ ތެރެއިން ކުރެވެން އޮންނަ ކަމެއްކަމުގައި ވެފައި، މި މައްސަލައިގައި ހިމެނޭ ޙާލަތަށް އެކަން ތަޠުބީޤުކުރެވެން އޮތުމުން، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް އޮންނަ މިފަދަ ޙާލަތެއްގައި، Impartial 77 Competent forum 78 މިސާލަކަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް. 80 މި ރައުޔުގެ ޕެރެގްރާފް 20.2 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދޭނަމަ، ވަޒީފާއިން ވަކިވާން އެދޭކަން ވަޒީފާދިން ފަރާތަށް މުޢާމަލާތްކޮށް، ލިޔުމުންވެފައިވާ އެއްބަސްވުމުގައި، އަދި އެފަދަ އެއްބަސްވުމެއް ނެތްނަމަ، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ނޯޓިސްދީ، ނޯޓިސްގެ މުއްދަތު ހަމަވުމުން މުވައްޒަފު ވަޒީފާއިން ވަކިވާނެއެވެ. ނުވަތަ އެއްބަސްވުމުގައި އެފަދައިން އޮތްނަމަ، ވަޒީފާއިން ވަކިވާން އެދޭކަމުގައި ވަޒީފާދިން ފަރާތަށް މުޢާމަލާތްކުރުމާއެކު، ނޯޓިސްގެ މުއްދަތު ދިނުމުގެ ބަދަލުގައި، އެ މުއްދަތަށްވާ ފައިސާ ވަޒީފާދިން ފަރާތައް ރައްދުކުރުމުން ވަޒީފާއިން ވަކިވާނެއެވެ.

57.2. މިގޮތުން، ވަޒީފާއިން ވަކިވާން އެދި، ނޯޓިސްގެ މުއްދަތު ފަހަނައަޅާ ދިއުމުން، ނުވަތަ ނޯޓިސްގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ރައްދުކުރުމުން، ވަޒީފާއިން ވަކިވިކަމުގެ ލިޔުމެއް ދޫކޮށްފައިނުވާނަމަ، އެ ލިޔުމެއް ހޯދުން އެދި، މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ވަޒީފާއިން ވަކިވުމާ ހަމައަށް މުސާރައާއި އިނާޔަތްތަކުގެ ތެރެއިން އެއްވެސް ބައެއް ލިބިދީފައި ނުވާނަމަ، މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި އެކަން ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

57.3. ކަން މިހެން އޮތްނަމަވެސް، ޓްރައިބިއުނަލްއަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޞާޞްސަށް އަދި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ޓްރައިބިއުނަލްއިން ލިބިދެވޭ ޤާނޫނީ ފަރުވާތަކަށް ބެލުމުން، ވަޒީފާއިން ވަކިކޮށްދިނުން އެދި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިގަނެ، ހިންގައި އޭގެ މައުޟޫޢުގެ މައްޗަށް ގޮތް ކަނޑައެޅުމަކީ ވަޒީފާއާ ގުޅޭ ކަންކަމުގައި ޤާނޫނީ ތަރުތީބު ރޭވިފައިވާ ގޮތުން ކުރިމަތިވާންވާނެ ހާލަތެއް ނޫނެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމަކީ ޓްރައިބިއުނަލްގެ އިޚްތިޞާޞްއާ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި ނުވާތީއެވެ.

58އެހެންކަމުން، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްދީފައިނުވާތީ އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަނެ، ޓްރައިބިއުނަލްގެ ފަރާތުން މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ، އެކަން އެގޮތުގެ މަތިން ކުރުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްއަށް ޤާނޫނީގޮތުން ލިބިފައިނުވާ ޙާލަތެއްގައި ކަމުގައި އަހުރެން ދެކެމެވެ. އަދި މި ސަބަބަށްޓަކައި، އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުމަކީ ޓްރައިބިއުނަލްގެ ބުނެވުނު ނިންމުމަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާހިނދު، އެއީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ މާއްދާއާއި، 69 ވަނަ މާއްދާގެ އަލީގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) މާނަކުރުމުން، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަލަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަމުގައިބުނެ ހުށަހަޅާފައިވާ ނުކުތާ

59އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގައި އެކުންފުނިން ބުނެފައިވަނީ، އޯލްއެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރުއާމެދު ފިޔަވަޅު އެޅި ސަބަބަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އުސޫލާއި، އެ ޤާނޫނުގެ 28 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށެވެ. މިގޮތުން، މި ނުކުތާގެ ތަފްސީލުގައި، މުޙައްމަދު ޔާސިރު އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގެ މައްސަލައެއް ފެންމަތިވެގެން ކަމަށާއި، އެކަން ތަހުޤީކުކުރާއިރު މުޙައްމަދު ޔާސިރު ވަޒީފާގެ ޒިންމާތައް އަދާކުރަމުންދާނަމާ، ތަޙުޤީޤަށް ހުރަސްއެޅުމުގެ އިތުރުން ކުންފުންޏަށް ގެއްލުންވާނެ ކަމަށް ބެލެވިގެން ކަމުގައާއި، މުޙައްމަދު ޔާސިރާމެދު ކުރެވުނު ތުހުމަތު ތަހުޤީޤުކޮށް ދިވެހި ފުލުހުންގެ ފަރާތުން މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވުމުން، މިއީ ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ކަމުގައިވާތީ، އެ ޙަޤީޤަތްތަކަކީ ޓްރައިބިއުނަލްއިން މައްސަލަ ބެލުމުގައި އެއްފަރާތްކުރެވޭނެ ކަންކަމެއް ނޫންކަމުގައި އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ބުނެފައިވާކަން ފާހަގަވެއެވެ. އޭގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއަށް ޙަވާލާދީ ހުށަހަޅާފައިވާ ހުށަހެޅުމަކީ (ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައިވެސް ފާހަގަކޮށްފައިވާ ފަދައިން) ޤާނޫނުގައި ބުނާ މުއްދަތުތައް ފަހަނައަޅާ ދިޔަފަހުން މުޙައްމަދު ޔާސިރުގެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވާ ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

60މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މުޙައްމަދު ޔާސިރުގެ ފަރާތުން ޖުމްލަކޮށް ބުނެފައިވަނީ، މުޅި މައްސަލައިގެ ޤާނޫނީ ބަހުސްއަކީ ވެސް މުޙައްމަދު ޔާސިރު އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްދީފައިނުވުން ކަމަށާއި، އޭރު ވަޒީފާއިން ވަކިނުކޮށް މުސާރަ ލިބޭ ގޮތަށް އެ ފަރާތް އެއް ފަރާތްކޮށް، ކުންފުނީގެ ފަރާތުން މުޙައްމަދު ޔާސިރުގެ މައްޗަށް ހުށަހެޅި ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދެ ފަރާތުގެ މެދުގައި މުޢާމަލާތްކުރުން ހުއްޓިފައިވާ ކަމާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމާ ދެމެދު ވަޒީފާއިން ވަކިކޮށްފައިވާކަމާމެދު ވަނީ ޚިލާފުތަކެއް އުފެދިފައި ކަމަށާއި، އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ވެސް މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮވެމެ އެކަން ފުރިހަމަކޮށްފައިނުވުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ދުވަހަކީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިވި ދުވަސްކަމަށް ބަލާ މުސާރައާ ޢިނާޔަތްތައް ދިނުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާޢީދުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށެވެ.

61މި ނުކުތާއަށް ގޮތް ކަނޑައެޅުމަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއަށް ޙަވާލާދީ އޯލްއެޗް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ (ކުރިން ވެސް ފާހަގަކޮށްފައިވާ ފަދައިން) ސުޕްރީމް ކޯޓުގެ މަރުޙަލާގެ ކުރިން ހުށަހެޅުމުގެ ފުރުސަތުލިބި، ހުށަހަޅާފައިނުވާ ނުކުތާއެއްކަމުން، އައު އިސްތިއުނާފީ ނުކުތާ ހުށަހެޅުމާ ގުޅޭގޮތުން މި ކޯޓުން ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި، އެ ނުކުތާއަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.

62ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ހަވާލާދީ މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، އެ ނުކުތާގައި މުހައްމަދު ޔާސިރު ވަޒީފާއިން ސަސްޕެންޑް ކުރަންޖެހުނު ސަބަބު ބަޔާންކޮށް، އެ ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސްދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަ ހާލަތެއްކަމުގައިވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

63HN11ތެދެކެވެ. މުހައްމަދު ޔާސިރު ވަޒީފާއިން ސަސްޕެންޑް ކުރަންޖެހުނު ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސްދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުން ހުއްދަ ހާލަތެއްކަމުގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާހިނދު، އެ ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވެއެވެ. އެހެންނަމަވެސް، ފާހަގަވާކަމަކީ، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައާ ގުޅިގެން، އޯލް އެޗް މޯލްޑިވްސްގެ ދިފާޢަކީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނުމެވެ. ޓްރައިބިއުނަލް މަރުޙަލާ އަދި ހައިކޯޓު މަރުޙަލާގައިވެސް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދަމަހައްޓާފައިވާ މި ބަހުސް ބިނާވަނީ 30 ޖަނަވަރީ 2020 ގެ ސިޓީއިން މުހައްމަދު ޔާސިރު ހުރީ ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވާކަމުގެ މައްޗަށްކަމެވެ. މުޙައްމަދު ޔާސިރުގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، އެ ތުހުމަތުތަކުގެ ޖިނާއީ ތަހުޤީޤު ހިންގާފައިވާހިނދު، އަދި އެ ތުހުމަތުތަކާ ގުޅިގެން މުޙައްމަދު ޔާސިރު ސަސްޕެންޑްކުރިކަން އެނގެން އޮތްހިނދު، އެއިން އެއްވެސް މަރުޙަލާއެއްގައި، މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރީ އެ ތުހުމަތުތަކާ ގުޅިގެން، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމުގެ އުސޫލުތަކުގެ ދަށުން ކަމަށް އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެފައިނުވެއެވެ. އެހެންކަމުން، ވަކި ޙާލަތެއް އެ ގޮތުގައި ވުޖޫދުގައި އޮތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް އެއްފަރާތްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މި ނުކުތާ ބަލައިގަނެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

64އޯލް އެޗް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުމާ ގުޅިގެން، އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި،

(ހ) ވަޒީފާއިން ވަކިވިކަމުގެ ލިޔުން ނުދިނުމަކީ ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށް ބެލުމުގެ ޖާގައެއް އޮތް ހާލަތެއް ކަމުގައި ބަލައި، މުވައްޒަފު ވަކިކޮށްފިކަން ސާފު ބަހުން އަންގާފައިވާނަމަ މެނުވީ ވަޒީފާގެ ގުޅުމެއް ބާޠިލުނުވާނެ ކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމުގައި ވާތީ؛ އާއި

(ށ) މުޙައްމަދު ޔާސިރު އޯލް އެޗް މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވެފައިވަނީ 30 ޖަނަވަރީ 2020 ގައި ކަމުގައި ބަލަންޖެހޭކަމަށް ބުރަވެވޭތީ؛ އަދި

(ނ) ވަޒީފާއިން ވަކިކުރުމަކީ ޓްރައިބިއުނަލްއަށް ލިބިގެންވާ ޤާނޫނީ އިޚްތިޞާޞްއާ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި ނުވާތީ؛ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލައާއި، އެ މައްސަލައަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

65މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

66މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލައިގެ ނިންމުމާއި، އެ ނިންމުމަށް ތާއިދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ރަޖިސްޓްރީ ނަންބަރު (C-406/2004)
  2. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޝިއްޔާ
  3. އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޟިއްޔާގެ އަޑުއެހުން.
  4. އބމ، ސަފުހާ 12
  5. އބމ، ސަފުހާ 13
  6. މުޙައްމަދު ޔާސިރުގެ ފަރާތުން އޯލްއެޗް މޯލްޑިވްސްއަށް ރައްދުވާގޮތަށް 30 އޮކްޓބަރޯ 2019 ދުވަހު ފޮނުވާފައިވާ ސިޓީ.
  7. އޯލް އެޗް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޔާސިރުއަށް ރައްދުވާގޮތަށް 01 ނޮވެމްބަރު 2019 ދުވަހު ފޮނުވާފައިވާ ސިޓީ.
  8. މުޙައްމަދު ޔާސިރުގެ ފަރާތުން އޯލްއެޗް މޯލްޑިވްސްއަށް ރައްދުވާގޮތަށް 02 ނޮވެމްބަރު 2019 ދުވަހު ފޮނުވާފައިވާ ސިޓީ.
  9. އބމ 4 ގެ، ސަފުހާ 14 އަދި 15
  10. އބމ 4 ގެ، ސަފުހާ 16
  11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ ޕްރެގްރާފް 8.6
  12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ޕްރެގްރާފް 21.
  13. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ).
  14. އބމ 14 ގެ 13 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރު.
  15. އބމ 14 ގެ 21 ވަނަ މާއްދާގެ (ޅ) އަދި 26 ވަނަ މާއްދާގެ (ހ).
  16. އބމ ގެ 13 ވަނަ މާއްދާގެ (ރ).
  17. އބމ 14 ގެ 13 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުން، ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.
  18. އބމ 14 ގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުން، ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނޫން ކަމުގައި ބަލަންޖެހޭނެއެވެ. އަދި ހަމަ އެ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކިމަސައްކަތަކަށް ޚާއްޞީޑަކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާކުރާ ތާނގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާޢިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.
  19. އބމ 14 ގެ 13 ވަނަ މާއްދާގެ (ބ).
  20. އބމ 14 ގެ 13 ވަނަ މާއްދާގެ (ވ).
  21. އބމ 14 ގެ 21 ވަނަ މާއްދާގެ (ހ).
  22. އބމ 14 ގެ 21 ވަނަ މާއްދާގެ (ނ).
  23. އބމ 14 ގެ 21 ވަނަ މާއްދާގެ (ބ).
  24. އބމ 14 ގެ 21 ވަނަ މާއްދާގެ (ރ).
  25. އބމ 14 ގެ 23 ވަނަ މާއްދާ.
  26. އބމ 14 ގެ 22 ވަނަ މާއްދާގެ (ހ) އަދި (ރ). ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް އެހެން ހުރުމަކުން، ވަޒީފާއާބެހޭ ޤާނޫނުގެ ގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުން، އެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ނޯޓިސް ދިނުމުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމަކަށް، ނުވަތަ ވަކިމުއްދަތެއްގެ ކުރިން ނޯޓިސް ދޭންޖެހޭ ދިނުމާ ގުޅޭގޮތުން މުވައްޒަފަކަށް ލިބިގެންވާ ޙައްޤެއް--އެއިރަކު އޭނާ ދޫކޮށްލުމަކަށް ހުރަހެއް ނެތެވެ.
  27. އބމ 14 ގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، "ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން" މާނަކޮށްދެނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނުވަތަ އެ ނޯޓިސް ދޭންޖެހޭ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން ބާޠިލުކުރުމެވެ.
  28. އބމ 14 ގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ (1) މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛ ނުވަތަ (2) މުވައްޒަފު ޚިޔާނާތެއް ވެފައިވާނަމައެވެ.
  29. އބމ 14 ގެ 23 ވަނަ މާއްދާގެ (ށ).
  30. އބމ 14 ގެ 26 ވަނަ މާއްދާގެ (ށ).
  31. އބމ 14 ގެ 26 ވަނަ މާއްދާގެ (ށ).
  32. އބމ 14 ގެ 28 ވަނަ މާއްދާގެ (ހ). މި އަކުރުގައި މިފަދައިން އޮތްނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤެއް އެމުވައްޒަފަކަށް ލިބިގެނެއް ނުވެއެވެ.
  33. އބމ 14 ގެ 29 ވަނަ މާއްދާގެ (ހ).
  34. އބމ 14 ގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުން އެމުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަޒީފާއިން މުވައްޒަފަކުކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަން ޖެހެއެވެ.
  35. މުޙައްމަދު ޔާސިރުގެ ފަރާތުން 29 އޮކްޓބަރޯ 2019 ގެ ތާރީޚުގައި އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 78-77).
  36. މުޙައްމަދު ޔާސިރުގެ ފަރާތުން 30 އޮކްޓބަރޯ 2019 ގެ ތާރީޚުގައި އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީ (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 80-79).
  37. އޯލްއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 01 ނޮވެމްބަރު 2019 ގެ ތާރީޚުގައި މުޙައްމަދު ޔާސިރުއަށް ފޮނުވާފައިވާ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 82-81).
  38. މުޙައްމަދު ޔާސިރުގެ ފަރާތުން 02 ނޮވެމްބަރު 2019 ގައި ފޮނުވި ސިޓީގައި ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީފައިވާހިނދު، މާއްދާއެއްގެ ގޮތަށް ހަވާލާދީފައިވަނީ އެ ޤާނޫނުގެ 26 ވަނަ މާއްދާއަށެވެ. އެއީ ވަޒީފާދޭ ފަރާތުން ޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރާނަމަ، އެކަން ހުށަހެޅުމަށްފަހު، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިވުމުގެ ޙައްޤު އޮތްކަމަށް ބުނާ މާއްދާއެކެވެ.
  39. މުޙައްމަދު ޔާސިރުގެ ފަރާތުން 02 ނޮވެމްބަރު 2019 ގެ ތާރީޚުގައި އޯލްއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީ (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 85-83).
  40. އަތުލިޔުމުން ލިޔެފައިވާ (ތަކެތި ހަވާލުކުރިކަމުގެ) ލިޔުމެއް. (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 119).
  41. އަތުލިޔުމުން ލިޔެފައިވާ (އަމިއްލަ ތަކެތި ހަވާލުކުރިކަމާއި ވަޒީފާއިން ވަކިކުރިކަމުގެ) ލިޔުމެއް. (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 245).
  42. ޖަނަވަރީ 2020 ގައި އަބޫބަކުރު މުޙައްމަދު ސޮއިކޮށްފައިވާ އަތުލިޔުމުން އޮތް ސިޓީއަކީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދޫކޮށްފައިވާ ސިޓީއެއް ކަމާމެދުއާއި، އެ ސިޓީ މުޙައްމަދު ޔާސިރާއި ޙަވާލުކޮށްފައިވާ ކަމާމެދުގައާއި، އެއީ މުޙައްމަދު ޔާސިރު ވަޒީފާއިން ވަކިކުރި ސިޓީއެއްކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޚިލާފު އުފެދިގެން އެކަމުގެ މައްޗަށް އެތަކެއް ބަހުސްތަކެއް ކުރެވި އެކަންކަން ޓްރައިބިއުނަލްއަށާއި، ހައިކޯޓަށް އަދި ސުޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
  43. މުޙައްމަދު ޔާސިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި "މައްސަލަ ހުށަހަޅާ ފޯމު" (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރާ 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 76-72).
  44. އބމ 27. މި ރައުޔުގެ ޕެރެގްރާފް 20.4
  45. އބމ 14 ގެ 13 ވަނަ މާއްދާގެ (ރ.)
  46. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް ވ.ޢާއިޝަތު ޝިމްލާ (ނަންބަރު 2020/SC-A/68) ޤަޟިއްޔާ އަދި އާމިނަތު ޢައްޒާ ވ. އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް (ނަންބަރު 2019/SC-A/96) ޤަޟިއްޔާ.
  47. މުޙައްމަދު ޔާސިރުގެ ފަރާތުން 29 އޮކްޓބަރޯ 2019 ގެ ތާރީޚުގައި އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީ (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 133/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީ) ސަފުހާ 78-77). ބަޔާންކުރި ސިޓީގައި މުޙައްމަދު ޔާސިރު އޯލް އެޗް މޯލްޑިވްސްގައި މަސައްކަތްކޮށްފައިވާ މުއްދަތުކަމުގައި ބަޔާންކޮށްފައި އޮތީ، އަދި ޓްރައިބިއުނަލްއާއި ހައިކޯޓުގައި ހިނގި ޤަޟިއްޔާތަކުގެ ތެރެއިގައިވެސް އެ މުއްދަތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ "ގާތްގަނޑަކަށް 10 އަހަރު" އެވެ. މިއީ މުޙައްމަދު ޔާސިރުގެ ޚިދުމަތް އޯލް އެޗް މޯލްޑިވްސްއަށް ލިބުނު މުއްދަތުކަމާމެދު އެ ކުންފުނިން އިންކާރުކޮށްފައި ނުވެއެވެ.
  48. އބމ 14 ގެ 22 ވަނަ މާއްދާ.
  49. އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (ސުޕްރީމް ކޯޓުގް ނަންބަރު 2010/SC-A/02 ޤަޟިއްޔާ)
  50. މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (ސުޕްރީމް ކޯޓުގް ނަންބަރު 2011/SC-A/48 ޤަޟިއްޔާ) އާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގް ނަންބަރު 2013/SC-A/28 ޤަޟިއްޔާ) އާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (ސުޕްރީމް ކޯޓުގް ނަންބަރު 2013/SC-A/53 ޤަޟިއްޔާ) އަދި މިނޫންވެސް މައްސަލަތައް.
  51. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ
  52. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ.ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22 (ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/15 ( އަދި އަޙްމަދު ރޙާނީ ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް [2024] SC 52 )ސުޕްރީމް ކޯޓުގް ނަންބަރު 2022/SC-A/95 ޤަޟިއްޔާ)
  53. Burden of production
  54. Burden of persuasion
  55. ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޟިއްޔާއާ ގުޅިގެން 24 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް (ސަފުހާ 13 އިން 14 އަށް)
  56. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ ނިންމި ގޮތުގެ ޕެރެގްރާފް 15، 16 އަދި 17 (ސޮފްޓް ކޮޕީގެ ސަފްޙާ 12 އިން 13 އަށް)
  57. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ ނިންމި ގޮތުގެ ޕެރެގްރާފް 33، 34 އަދި 35 (ސޮފްޓް ކޮޕީގެ ސަފުހާ 18 އިން 19 އަށް)
  58. އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު -2012/SC A/41 ޤަޟިއްޔާ) (ޕެރެގްރާފް 13) އަދި ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ (ސުޕްރީމް ކޯޓުގެ ނަންބަރު -2019/SC-A/85 ޤަޟިއްޔާ) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ)
  59. އބމ 14 ގެ 13 ވަނަ މާއްދާގެ (ރ).
  60. އބމ 14 ގެ 13 ވަނަ މާއްދާގެ (ފ).
  61. މި ރައުޔުގެ 44-43 ވަނަ ޕެރެގްރާފް
  62. އބމ 14 ގެ 13 ވަނަ މާއްދާގެ (ޅ)
  63. އބމ 14 ގެ 13 ވަނަ މާއްދާގެ (ރ). މި ރައުޔުގެ ޕެރެގްރާފް 20.2
  64. އބމ 14 ގެ 22 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު. މި ރައުޔުގެ ޕެރެގްރާފް 20.4 އަދި 30.
  65. މިކަން މިގޮތަށް ފާހަގަކޮށްފައިވަނީ އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި "އިސްތިއުނާފ ކުރުމުގު ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 7.4.1 ގައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޟިއްޔާއާ ގުޅިގެން 10 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ (ސަފުހާ 7) އިގައި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ބުނެފައިވާ ގޮތުގައި 30 ޖެނުއަރީ 2020 އާ ހަމައަށް މުޙައްމަދު ޔާސިރަށް ޙައްޤުވާ މުސާރަ ޖަމާކޮށްފައިވެއެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/23 ޤަޟިއްޔާއާ ގުޅިގެން 10 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ޔާސިރުގެ ފަރާތުންނާއި އޯލް އެޗް މޯލްޑިވްސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން (ސަފުހާ 5 އަދި 7)، މުޙައްމަދު ޔާސިރު ވަޒީފާއިން ސަސްޕެންޑް ކުރިފަހުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އޭނާއަށް މުސާރަ ދީފައިވާކަން ދެ ޚަސްމުންގެ ބަހުން އެނގެއެވެ.
  66. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ގެ (ސޮޕްޓެ ކޮޕީގެ) ސަފުހާ 71 އިން 83 ގެ ނިޔަލަށް ހިމަނާފައިވާ 'ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް' ގެ ޕެރެގްރާފް 8.5.
  67. ސަލްފިއްޔާ އަންވަރު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް [2024] SC 26 (ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/93 ޤަސިއްޔާ)
  68. އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ (ސުޕްރީމް ކޯޓުގް ނަންބަރު 2012/SC-A/27 ޤަޟިއްޔާ) - ސުޕްރީމް ކޯޓު
  69. މި ރައުޔުގެ ޕެރެގްރާފް 52 ގައި (2) ގެ ގޮތުގައި ފާހަގަކޮށްފައިވާ.
  70. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
  71. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/81 ޤަޟިއްޔާ ނިންމި ގޮތުގެ ޕެރެގްރާފް 58 (ސޮފްޓް ކޮޕީގެ ސަފުހާ
  72. މި ރައުޔުގެ ޕެރެގްރާފް 52 ގައި (3) ގެ ގޮތުގައި ފާހަގަކޮށްފައިވާ.
  73. Established by law
  74. Independent
  75. އބދ 14 ގެ 5، 19، 28، 54، 61، 66، 71، 74، 81، 87 އަދި 88 ވަނަ މާއްދާ އަދި (ހުސޫމާތް އުފެދުނު އިރު އަމަލުކުރަމުންދިޔަ) ޤަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު) ގެ 3 ވަނަ މާއްދާ (ވަޒީފާއާބެހޭ ޓްރައިބުއނަލްގެ އިޚްތިޞާޞް).
  76. އބމ 14 ގެ 29 ވަނަ މާއްދާ އަދި (ހުސޫމާތް އުފެދުނު އިރު އަމަލުކުރަމުންދިޔަ) ޤަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު) ގެ 47 ވަނަ މާއްދާ (މައްސަލަ ނިންމިދާނެ ގޮތްތައް).
  77. މުޙައްމަދު ޔާސިރުގެ ފަރާތުން 10 އޯގަސްޓް 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅާ ފޯމު" ގައި "މައްސަލަ ހުށަހަޅާފަރާތުން އެދޭގޮތް" ގެ ގޮތުގައި ބަޔާންކޮށްފައިވަނީ (1) ކުންފުނީގެ ވަޒީފާއިން ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އެންގީ ތާރީޚުން ފެށިގެން ލިބެންޖެހޭ މުސާރައާ އިނާޔަތްތައް ނަގާދިނުން، އަދި (2) ވަޒީފާއިން ވަކިކޮށްދިނުމެވެ.
  78. އބމ 70
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ