—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2013/SC-A/20
އިސްތިއުނާފު ކުރާ ފަރާތް:
އާމިނަތު ނާޒްލީ
އިސްތިއުނާފު ރައްދުވާ ފަރާތް:
ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު: C-306/97)
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
19 މާރޗް 2013ރަޖިސްޓްރީ ކުރެވުނު ތާރީޚު:
10 އޭޕްރިލް 2013ނިމުނު ތާރީޚު:
24 އޮގަސްޓް 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2010/HC-A/44
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
02 މާރޗް 2010ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
07 ނޮވެމްބަރ 2012
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދު ކުރައްވާފައި)
މައްސަލައިގެ ތަޢާރުފް އަދި ކަންހިނގާފައިވާގޮތް
މ. އޮޕިންގްސަން އެވެ ކިޔާ ބަންޑާރަ ގޯތީގައި 6 (ހައެއް) ބުރީގެ ފައުންޑޭޝަނެއް އަޅައި، 270 ދުވަހުގެ ތެރޭގައި 3 (ތިނެއް) ބުރި ނިންމުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް، ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު 97/306-C) (މީގެފަހުން "ސީގޭޓް") އަދި މ. އޮޕިންގްސަން، ޢާއިޝަތު އަޒްލިފާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ) އާއި، މ. އޮޕިންގްސަން، މަރްޔަމް ނާޝިދާ ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ) އާއި، އާމިނަތު ނާޒްލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ) އާއި، މ. އޮޕިންގްސަން، ނާޒިމާ ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ) (މީގެފަހުން މި ހަތަރު މީހުންނަށް އެކުގައި މުޚާޠަބު ކުރާނަމަ މުޚާޠަބު ކުރާނީ "މަސައްކަތުގެ ވެރިފަރާތް" މިހެންނެވެ.) އާ ދެމެދު، 05 ސެޕްޓެންބަރު 2005 ގައި، ކޮންޓްރެކްޓެއް ހަދާފައިވެއެވެ. މި ކޮންޓްރެކްޓް އެކުލެވިގެންވަނީ 5 (ފަހެއް) ލިޔުމެއްގެ މައްޗަށެވެ. އެ 5 (ފަހެއް) ލިޔުމަކީ:
(ހ) އެގްރީމަންޓް ފޯމް،
(ށ) އެއްބަސްވުމުގެ އުސޫލުތައް،
(ނ) ސްޕެސިފިކޭޝަން / ކުރެހުން،
(ރ) މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ރޭޓް / އަގު (2005/1026-SGI) އަދި
(ބ) މަސައްކަތުގެ ކޮލިޓީ އަންގައިދޭ ޝީޓު، މިއެވެ.
ކޮންޓްރެކްޓްގެ ދަށުން ކުރަމުން އައި މަސައްކަތް މުޅިން ނުނިމެނީސް، އެ މަސައްކަތް ހުއްޓާލުމަށް މަސައްކަތުގެ ވެރިފަރާތުން، 2006 ޖަނަވަރީ 31 ވަނަ ދުވަހު، ސީގޭޓްއަށް ސިޓީއެއް ފޮނުވިއެވެ.
މަސައްކަތްކުރުމަށް އެއްބަސްވެފައިވަނީ ސީގޭޓްގެ އަމިއްލަ ތަކެތީގައެވެ. 6 (ހައެއް) ބުރީގެ ފައުންޑޭޝަން އެޅުމާއި، 3 (ތިނެއް) ޝީޓުއަޅައި 3 (ތިނެއް) ބުރި ފުރިހަމަކުރުމުގެ މަސައްކަތުގެ އަގަށް، މަސައްކަތުގެ ވެރިފަރާތުން ސީގޭޓް އަށް ދޭންޖެހެނީ 860,512.00ރ. (އަށްލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ބާރަ ރުފިޔާ) އެވެ. މި އަގުގެ ތެރެއިން699,106.00 ރ. (ހަލައްކަ ނުވަދިހަނުވަހާސް އެއްސަތޭކަ ހައެއް ރުފިޔާ) ސީގޭޓަށް ލިބިފައިވެއެވެ.
މަސައްކަތުގެ ވެރިފަރާތުން ސީގޭޓްއަށް ދޭންޖެހޭ 860,512.00ރ. (އަށްލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ބާރަ ރުފިޔާ) ގެ ތެރެއިން ސީގޭޓްއަށް ލިބިފައިވާ 699,106.00ރ. (ހަލައްކަ ނުވަދިހަނުވަހާސް އެއްސަތޭކަ ހައެއް ރުފިޔާ) ކެނޑުމުން، ސީގޭޓްއަށް ލިބިފައިނުވާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަ ހައެއް ރުފިޔާ) ހޯދުމަށާއި، ދެފަރާތްދެމެދު ވެފައިވާ އެއްބަސްވުމުގެ އުސޫލުތަކުގެ 12 (ބާރަ) ވަނަ މާއްދާގެ (ށ) ގައި ބުނާ 50,000.00ރ. (ފަންސާސްހާސް ރުފިޔާ) ލިބިދިނުމަށާއި، ދެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އުސޫލުތަކުގެ 16 (ސޯޅަ) ވަނަ މާއްދާގައިވާ ގޮތަށް މަސައްކަތުގެ ވެރިފަރާތުން ސީގޭޓްއަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމަޔަށް މ. އޮޕިންގްސަންގައި ސީގޭޓްގެ ފަރާތުން ކޮށްފައިވާ ޢިމާރާތް ސީގޭޓްއާ ޙަވާލުކޮށްދިނުމަށް އެދި، ސީގޭޓްގެ ފަރާތުން، މަސައްކަތުގެ ވެރިފަރާތުގެ މައްޗަށް، މަދަނީކޯޓުގައި ދަޢުވާކުރިއެވެ.
މަދަނީކޯޓަށް ސީގޭޓްއިން މައްސަލަ ހުށަހަޅާފައިވަނީ 2009 ފެބުރުވަރީ 09 ވަނަ ދުވަހުއެވެ. މަދަނީކޯޓުން މައްސަލަ ބެލުމަށްފަހު، މައްސަލަ ނިންމާފައި ވަނީ 2009 އޮކްޓޫބަރު 18 ވަނަ ދުވަހުއެވެ. މަދަނީކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2009/MC/355 ޤަޟިއްޔާ އިންނެވެ.
ސީގޭޓްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2009/MC/355 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 44/HC-A/2010 ޤަޟިއްޔާއިންނެވެ. ހައިކޯޓުން އެ މައްސަލައިގެ ޙުކުމްކޮށްފައިވަނީ 2012 ނޮވެންބަރު 07 ވަނަ ދުވަހުއެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 44/HC-A/2010 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، މަސައްކަތުގެ ވެރިފަރާތުގެ ތެރޭގައި ހިމެނޭ، އާމިނަތު ނާޒްލީ (މީގެފަހުން "އާމިނަތު ނާޒްލީ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
އިސްތިއުނާފު ކުރާފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައިވަނީ، ހައިކޯޓުން ޙުކުމް ކުރިފަހުން އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ އައު ހެއްކެއްގެ ސަބަބުން މައްސަލައިގެ ޙުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ބުނެއެވެ.
މަދަނީ ކޯޓުން މައްސަލަ ނިންމާފައިވާގޮތް
މަދަނީކޯޓުގެ ނަންބަރު 355/MC/2009 ޤަޟިއްޔާ އެ ކޯޓުން، ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
(ހ) އެއް ފަރާތުން ސީގޭޓް އަދި އަނެއް ފަރާތުން މަސައްކަތުގެ ވެރިފަރާތާ ދެމެދު، 2005 ސެޕްޓެންބަރު 5 ވަނަ ދުވަހު، ވެވުނު އެއްބަސްވުމުގައި ހިމެނޭ އެގްރީމެންޓް ފޯމުގެ 11 ވަނަ ނަންބަރުން "ހުށަހެޅިފައިވާ ރޭޓްތަކަށް އެއްބަސްވުމުގައި ކަނޑައެޅިފައިވާ މަސައްކަތްތައްކޮށް ނިންމުމަށް މަސައްކަތް ޙަވާލުވި ފަރާތުން (ސީގޭޓް) އެއްބަސް..." ވެފައިވާކަން.
(ށ) "އެގްރީމެންޓް ފޯމް" ގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ "މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ރޭޓް/އަގު SGI-1026/2005))" ގައި ބަޔާންކޮށްފައިވާ ގޮތުން، ފައުންޑޭޝަންގެ ހުރިހާ މަސައްކަތަކަށް ކަނޑައަޅާފައިވާ އަގަކީ 385,200.00ރ. (ތިންލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) ކަން.
(ނ) ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ "ފައިސާ ދޫކުރުމަށް އެއްބަސްވެފައިވާ ޑްރޯޑައުން ޝެޑިއުލް" ގައިވާ ޢަދަދުތަކަށް ބަލާއިރު ފައުންޑޭޝަން މަސައްކަތްތަކުގެ ތެރެއިން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ސީގޭޓް އަށް ލިބިދޭންޖެހޭކަމަށް ޑްރޯޑައުން ޝެޑިއުލްގައި ބަޔާންކޮށްފައިވާ ޢަދަދު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ނަންބަރު 001495 ޗެކުން، 2005 އޮކްޓޫބަރު 11 ވަނަ ދުވަހު، ސީގޭޓްއާ ޙަވާލުކޮށްފައިވާކަން އެނގެން އޮންނަކަން.
(ރ) އެނޫންގޮތަކަށް ޘާބިތުވުމުން މެނުވީ ޑްރޯޑައުން ޝެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުން ފައުންޑޭޝަން މަސައްކަތްތަކުގެ އަގުގެ ތެރެއިން މަސައްކަތުގެ ވެރިފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާކަން ކަނޑައެޅޭނެތަނެއް ނެތްކަމުގައި، ހައިކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން 04 ވަނަ ނުކުތާގެ (ރ) ގެ 03 ވަނަ ޕެރެގްރާފް އަށް ރިޢާޔަތްކޮށް، އެގްރީމެންޓް ފޯމުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 50,000.00ރ. ސީގޭޓް އަށް ނަގައިދޭނެތަނެއް ނެތްކަން.
މަދަނީކޯޓުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މަދަނީކޯޓުން ޙުކުމްކޮށްފައިވަނީ، ސީގޭޓްގެ ދަޢުވާ ސާބިތުނުވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
މަދަނީކޯޓުގެ ނަންބަރު 355/MC/2009 ޤަޟިއްޔާ އެ ކޯޓުން ބަލާ ނިންމާފައި ވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ސީގޭޓްގެ ފަރާތުން ހައިކޯޓަށް 5 (ފަހެއް) ނުކުތާ ހުށަހެޅިއެވެ. އެ ނުކުތާތަކަކީ:
މ. އޮޕިންގްސަން ޢިމާރާތްކުރުމަށް ދެފަރާތުން އެއްބަސްވެ ސޮއިކުރި އެގްރީމަންޓްގެ "އެއްބަސްވުމުގެ އުސޫލްތައް" ގެ 16 ވަނަ މާއްދާގައި ވާގޮތުން މ. އޮޕިންގްސަން ހެދުމަށް ސީގޭޓްއިން ކުރި ޚަރަދު އެ ކުންފުންޏަށް ނުދީފިނަމަ، ނުދީވާ ފައިސާ އެކުންފުންޏަށް ދީ ޚަލާސްކުރަންދެން އެޢިމާރާތް އެކުންފުންޏާ ޙަވާލުކުރުމަށް މި އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނާތީ، ދަޢުވާ ފޯމުގެ ދަޢުވާގެ ޚުލާޞާގެ 4.1 ގައި ފައިސާދީ ނިންމަންދެން އެ ޢިމާރާތް ސީގޭޓްއާ ޙަވާލުކޮށްދިނުމަށް އެދިފައިވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
މަދަނީކޯޓުގައި މައްސަލަ ބެލި ޤާޟީ ފާހަގަކުރި ނުކުތާތަކުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 2 ޤަޟިއްޔާއަކީ ސީގޭޓް އިން ހުށަހަޅާފައިވާ 2 ޤަޟިއްޔާ ނޫންކަމާ، އަދި އެ 2 ޤަޟިއްޔާއަކީ އެ ކުންފުނީގެ މައްޗަށް ދަޢުވާކޮށްފައިވާ 2 ޤަޟިއްޔާ ކަމަށްނުވާއިރު، އެ 2 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމުގެ މައްޗަށް ބުރަވެ މި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
މަދަނީކޯޓުގައި މައްސަލަ ބެލި ޤާޟީ ފާހަގަކުރި ނުކުތާތަކުގެ 8 ވަނަ ނަންބަރުގައި ފައުންޑޭޝަންގެ ހުރިހާ މަސައްކަތްތަކުގެ އަގަކީ، ނަންބަރު 2005/1026-SGI އެސްޓިމޭޓުގައިވާ ގޮތުން 385,200.00ރ. (ތިންލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) ކަން އެނގޭކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، ފައުންޑޭޝަންގެ މަސައްކަތަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ނަންބަރު 001495 ޗެކުން، 2005 އޮކްޓޫބަރު 11 ވަނަ ދުވަހު ސީގޭޓްއާ ޙަވާލުކުރީ 168,000.00ރ. (އެއްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ) ކަން އެނގެންއޮތްއިރު، މި 168,000.00ރ. (އެއްލައްކަ ފަސްދޮޅަސްއަށްހާސް ރުފިޔާ)، ފައުންޑޭޝަންގެ އަގުކަމަށްވާ385,200.00 ރ. (ތިންލައްކަ އައްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) އިން ކެނޑީމާ ފައުންޑޭޝަން ފައިސާއިން ބާކީ އަދި ނުލިބިވާ 217,200.00ރ. (ދެލައްކަ ސަތާރަހާސް ދުއިސައްތަ ރުފިޔާ) މަސައްކަތުގެ ވެރިފަރާތުން ދޭންޖެހޭކަން ސާބިތުވާއިރު ސީގޭޓްއިން ދަޢުވާކުރި، ދަޢުވާގެ ޚުލާޞާގެ 2.1 ގައި ބުނާ ފައުންޑޭޝަނުން ބާކީ ނުދީވާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) ސީގޭޓްއަށް ލިބިނުދީ ދެފަރާތުން އެއްބަސްވެ ސޮއިކުރި އެގްރީމަންޓް ފޯމްގެ 12 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ސީގޭޓްއިން ހުށަހެޅި ދަޢުވާ ފޯމުގެ 6 ވަނަ ނަންބަރުގައި ހުށަހަޅާފައިވާ 6 (ހައެއް) ހެކިން ކުރެ އެއްހެކިވެސް ޙާޟިރުނުކޮށް އަދި ދެފަރާތުން އެއްބަސްވެ ސޮއިކުރި އެގްރީމަންޓް ފޯމުގެ 10 ވަނަ މާއްދާގެ (ރ) އާއި، 12 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 20 ވަނަ މާއްދާއާ ޚިލާފަށް މި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
ސީގޭޓްއިން ދަޢުވާކުރި 50,000.00ރ. (ފަންސާސްހާސް ރުފިޔާ) ނަގައިނުދިނީ ހައިކޯޓުގެ ނަންބަރު 14/HC-A/2007 ޤަޟިއްޔާގެ ޙުކުމަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނާއިރު، އެ ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަމުންދާ ޤަޟިއްޔާއެއްކަމަށާ، އަދި އެ ޤަޟިއްޔާ ސީގޭޓްއަށް ކާމިޔާބު ވެއްޖެނަމަ އެގްރީމަންޓްގެ އެއްބަސްވުމުގެ އުސޫލުތަކުގެ 12 ވަނަ މާއްދާގެ (ށ) ގައިބުނާ ފައިސާ ސީގޭޓްއަށް ލިބިދޭންޖެހޭނެ ކަމަށާއި އެހެން ނަމަވެސް މި ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 12 ވަނަ ނަންބަރުން ދުވަހަކުވެސް ސީގޭޓްއަށް މި ފައިސާ ނުލިބޭގޮތަށް ނިންމާފައިވާ ނިންމުމަކީ އެއްބަސްވުމުގެ އުސޫލުތަކުގެ 12 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
ސީގޭޓްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި 5 ނުކުތާއަށް ބަލައި، އެ މައްސަލަ ނިންމުމުގައި ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
އެއްފަރާތުން ސީގޭޓް އަދި އަނެއް ފަރާތުން މަސައްކަތުގެ ވެރިފަރާތާ ދެމެދު، 5 ސެޕްޓެންބަރު 2005 ގައި، ކޮންޓްރެކްޓެއް ކުރެވިފައިވާކަމާއި ކޮންޓްރެކްޓްގެ ތެރޭގައި ހިމެނޭ "އެގްރީމަންޓް ފޯމު" ގެ 10 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) އަށް ބަލާއިރު، މަސައްކަތުގެ ވެރިފަރާތްތަކުގެ އަމިއްލަ ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލާނަމަ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ސީގޭޓްއަށް ވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 50,000.00ރ. (ފަންސާސްހާސް ރުފިޔާ) ސީގޭޓް އަށް މަސައްކަތުގެ ވެރިފަރާތުން ދިނުމަށްފަހު އެއްބަސްވުން އުވާލެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ނ) ގައި، ކޮންޓްރެކްޓަރުގެ މަސައްކަތުގެ ފެންވަރު ދަށްވެގެން މަސައްކަތް ވަކިކުރަންޖެހިއްޖެނަމަ އިސްވެބުނި 12 ވަނަ ނަންބަރުގެ (ށ) ގައިވާ ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި ސީގޭޓްއިން ކުރަމުންއައި މަސައްކަތް އެއްކޮށް ފުރިހަމަނުވަނީސް، 31 ޖަނަވަރީ 2006 ގައި މަސައްކަތުގެ ވެރިފަރާތުން ސޮއިކޮށް ސީގޭޓްގެ މެނޭޖިންގ ޑިރެކްޓަރަށް ފޮނުވާފައިވާ ސިޓީއިން 1 ފެބުރުވަރީ 2006 އިން ފެށިގެން އެ މަސައްކަތް ހުއްޓުމަށް އަންގައި، އެ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުން މަސައްކަތުގެ ވެރިފަރާތުން ނިމުމަކަށް ގެނެސްފައިވާކަމާއި ސީގޭޓްއިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ފެންވަރަށްވުރެ ދަށްފެންވަރެއްގައި ކަމަށާއި އަދި އެފަދަ ޢިމާރާތެއްގައި އެފަދަ މަސައްކަތެއްކުރުމަށް އެންމެ އެކަށީގެންވާ ފެންވަރަށް ނޫންކަމަށް، އެ ކޮންޓްރެކްޓްގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާ ގައި ކަނޑައަޅާފައި ވާކަމާއި، "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި، މަސައްކަތުގެ ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލާނަމަ، ސީގޭޓްއަށް ވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 50,000.00ރ. (ފަންސާސްހާސް ރުފިޔާ) މަސައްކަތުގެ ވެރިފަރާތުން ދިނުމަށްފަހު އެއްބަސްވުން އުވާލެވިދާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ނަންބަރުގެ (ނ) ގައި ކޮންޓްރެކްޓަރުގެ މަސައްކަތުގެ ފެންވަރު ދަށްވެގެން މަސައްކަތް ވަކިކުރަންޖެހިއްޖެނަމަ "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައިވާ ޖޫރިމަނާ ފައިސާދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި ކޮންޓްރެކްޓްގެ ދަށުން ސީގޭޓްއިން ކޮށްފައިވާ ބައެއް މަސައްކަތްތައް އެ ފަރާތުން ކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށްކަމަށްވުމާއެކު މަސައްކަތުގެ ވެރިފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅިގެން "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ބަދަލު ނުވަތަ ޖޫރިމަނާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް މަދަނީ ކޯޓުން ކަނޑައަޅާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން.
"އެއްބަސްވުމުގެ އުސޫލުތައް" ގެ 16 ވަނަ މާއްދާ ފަރުމާކުރެވިފައިވާ ގޮތަށް ބަލާއިރު، އެ ނަންބަރަކީ ކޮންޓްރެކްޓްގައިވާ ގޮތުގެމަތިން ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމަށްފަހު ޢަމަލުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ނަންބަރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ކަމަށާއި މި މައްސަލައިގައި ކަންހިނގާފައި ވާގޮތަށް ބަލާއިރު، އެއްބަސްވުމުގައިވާ މަސައްކަތް އެއްކޮށް ނިންމުމުގެކުރިން އެއްބަސްވުން ނިމުމަކަށް ގެނެވިފައިވާކަމާއި އެހެންކަމުން މިޙާލަތުގައި ކޮންޓްރެކްޓްގެ ދަށުން މަސައްކަތުގެ ވެރިފަރާތުން ސީގޭޓްއަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކީ، "އެއްބަސްވުމުގެ އުސޫލުތައް" ގެ 16 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ކޮންޓްރެކްޓްގެ ދަށުން ކުރެވިފައިވާ ފުރިހަމަނުވާ ޢިމާރާތް ސީގޭޓްއާ ޙަވާލުކުރަން ޖެހޭނެ ސަބަބެއްކަމަށް ނުބެލެވޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 187/HC-A/2009 ޤަޟިއްޔާ އަށް މަދަނީކޯޓުން ޙަވާލާދީފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވުމާއެކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ނިޔާ ކަނޑައެޅުމުގައި ގެންގުޅެންޖެހޭކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ މައްޗަށް ތަޠުބީޤު ކުރުމުގެ ބޭނުމުގައިކަން އެނގޭކަން.
ސީގޭޓްއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް އެއްކޮށް ފުރިހަމަނުވަނީސް މަސައްކަތުގެ ވެރިފަރާތުން އެ މަސައްކަތް ހުއްޓުވާފައިވާކަމާއި "އެގްރީމަންޓް ފޯމު" ގެ 10 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ "މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ރޭޓް/އަގު (2005/1026-SGI)" އަކީ ސީގޭޓްގެ އެސްޓިމޭޓްކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 385,200.00ރ. (ތިންލައްކަ އައްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) ކަމާއި މަސައްކަތުގެ އަގު ދެއްކުމާގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ "ޑްރޯޑައުން ޝެޑިއުލް" އަށް ބަލާއިރު، ފައުންޑޭޝަންގެ އަގު ދެބަޔަކަށް ބަހާލެވިފައިވާކަމާއި، އެއީ "ޑްރޯޑައުން ޝެޑިއުލް" ގެ އެއްވަނަ ކޮލަމްގައި މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު (އޯން އެކްސްޕެންސް) ގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) އާއި އެ ޝެޑިއުލްގެ ފޭސް 1 ޖަހާފައިވާ ކޮލަމްގައި ހިމެނޭ 168,000.00ރ. (އެއްލައްކަ ފަސްދޮޅަސްއަށްހާސް ރުފިޔާ) ކަމާއި، މީގެ ތެރެއިން ޝެޑިއުލްގެ ފޭސް 1 ގައި ބަޔާންކޮށްފައިވާ ފައިސާ އަދި ފޭސް 2 ޖަހާފައިވާ ކޮލަމްގައި ބަޔާންކޮށްފައިވާ ގްރައުންޑް ފްލޯގެ ކޮލަމް ރެއިންފޯސްމަންޓަށްވާ 137,688.00ރ. (އެއްލައްކަ ތިރީސްހަތްހާސް ހަސަތޭކައަށްޑިހައަށެއް ރުފިޔާ) އާއެކު ޖުމްލަ 305,688.00 (ތިންލައްކަ ފަސްހާސް ހަސަތޭކައަށްޑިހައަށެއް ރުފިޔާ) އެއްބަސްވުމުގެ ދަށުން މަސައްކަތުގެ ވެރިފަރާތުގެ ތެރެއިން ޢާއިޝަތު އަޒްލިފާއަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ދޫކޮށްފައިވާ ލޯނެއްގެ ތެރެއިން 11 އޮކްޓޫބަރު 2005 ގައި އެ ކޯޕަރޭޝަންގެ ނަންބަރު 001495 ޗެކުން ސީގޭޓްއަށް ދައްކާފައިވާކަމާއި އެއްބަސްވުމުގެ ދަށުން ސީގޭޓްއިން ކޮށްފައިވާ ފައުންޑޭޝަންއެޅުމުގެ މަސައްކަތަށް ނުލިބިވާކަމަށް ސީގޭޓް އިން ބުނާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) އަކީ މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) ގެ ތެރެއިން މަސައްކަތުގެ ވެރިފަރާތުން މިހާތަނަށް ދީފައިވާ ފައިސާ އުނިކުރުމުން ސީގޭޓްއަށް ބާކީ ލިބެންޖެހޭ ފައިސާގެ ޢަދަދު ކަމަށާއި، މި ފައިސާ ހޯދުމަށް މަސައްކަތުގެ ވެރިފަރާތަށް ސީގޭޓްއިން އިންވޮއިސް ފޮނުވާފައިވާ ކަމަށާއި، ނަމަވެސް އިންވޮއިސް ލިބުނުކަމަށް ސޮއިކުރުމަށްފަހު މަސައްކަތުގެ ވެރިފަރާތުން އެ އިންވޮއިސްގެ ކޮޕީ އަނބުރާ ރައްދުކޮށްފައި ނުވުމުން އެ އިންވޮއިސްގެ ކޮޕީ ސީގޭޓުގައި މިހާރު ނެތްކަމަށް ސީގޭޓްއިން ބުނާކަމާއި މަސައްކަތަށް ފައިސާދިނުމަށް މަސައްކަތުގެ ވެރިފަރާތުން ކަނޑައަޅާފައިވަނީ ޢާއިޝަތު އަޒްލިފާއަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ދޫކޮށްފައިވާ ލޯނަކުން އެ ކޯޕަރޭޝަން މެދުވެރިކޮށްކަމާއި، މިނޫންގޮތަކަށް މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް އެއްވެސް ޚަރަދެއް ކުރުމަށް އެއްބަސްވެފައިނުވާނެ ކަމަށާއި އެގޮތަށް އެއްވެސް ޚަރަދެއް ކުރެވިފައިނުވާނެ ކަމަށާ، އަދި އެއްބަސްވުން ނިމުމަކަށް ގެނެވޭއިރު ސީގޭޓްއިން ކޮށްފައިވާ މަސައްކަތަށް އެ ކުންފުންޏަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ސީގޭޓްއަށް ދޫކޮށް ނިމިފައިވާކަމަށް މަސައްކަތުގެ ވެރިފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތާ ގުޅިގެން ސީގޭޓްއިން ފޮނުވާފައިވާ އެ ކުންފުނީގެ ނަންބަރު 1005/1038-SGI އިންވޮއިސްއަށް މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ފައިސާ ދައްކާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މަސައްކަތުގެ ވެރިފަރާތުން ބުނެފައިވާކަމާ، އަދި ޢާއިޝަތު އަޒްލިފާއަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ދޫކޮށްފައިވާ ލޯނާގުޅޭ، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، އެ ލޯނުގެ ޖުމްލަ ޢަދަދަކީ 840,000.00ރ. (އަށްލައްކަ ސާޅީސްހާސް ރުފިޔާ) ކަން އެނގޭކަމާއި މަސައްކަތާ ގުޅިގެން ޖުމްލަ އަގެއްކަމުގައި ކަނޑައަޅާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން އާއިޝަތު އަޒްލިފާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ޢަދަދަށްވުރެ ބޮޑު ޢަދަދެއްކަމާއި، އެއީ 1,039,512.00ރ. (އެއްމިލިއަން ތިރީސްނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) ކަމާއި ފައުންޑޭޝަންއެޅުމުގެ ޖުމްލަ އަގަކީ 385,200.00ރ. (ތިންލައްކަ އައްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) ކަމާއި އެ ފައިސާގެ ތެރެއިން ސީގޭޓް އަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ދައްކާފައިވަނީ 168,000.00ރ. (އެއްލައްކަ ފަސްދޮޅަސްއަށްހާސް ރުފިޔާ) ކަމާއި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތުގެ އަގުދެއްކުމަށް މަސައްކަތުގެ ވެރިފަރާތުން ކަނޑައަޅާފައިވަނީ މަސައްކަތް ޙަވާލުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޢާއިޝަތު އަޒްލިފާއަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ދޫކޮށްފައިވާ ލޯނަކުން އެ ކޯޕަރޭޝަން މެދުވެރިކޮށްކަމަށް މަސައްކަތުގެ ވެރިފަރާތުން ބުނި ނަމަވެސް އެއީ ޞައްޙަ ބުނުމެއްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭކަމާއި މަސައްކަތުގެ އަގުދެއްކުމާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ "ޑްރޯޑައުން ޝެޑިއުލް" ގެ އެއްވަނަ ކޮލަމްގައި މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ގޮތުގައި ހިމަނާފައިވާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ދައްކަންޖެހޭ ފައިސާކަމާ، އަދި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނޯންނާނެކަމަށް މަސައްކަތުގެ ވެރިފަރާތުން ބުނިކަމުގައިވީ ނަމަވެސް، "ޑްރޯޑައުން ޝެޑިއުލް" ގެ އެއްވަނަ ކޮލަމްގައި މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ގޮތުގައި ހިމަނާފައިވާ ފައިސާ އެއްކޮށް ދައްކާފައިވާކަން އެފަރާތްތަކަށް ސާބިތުކޮށްދެވިފައި ނުވާކަމާއި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ފައުންޑޭޝަންގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އެ މަސައްކަތުގައި އެއްވެސް މައްސަލައެއް ހުރިކަމަށް މިހާތަނަށް ޝަރުޢީ އެއްވެސް ކޯޓަކުން ނިންމާފައިވާކަން އެންގެން ނެތްކަން، އަދި ފައުންޑޭޝަން މަސައްކަތުގެ ތެރެއިން ސީގޭޓް އަށް މިހާތަނަށް ނުލިބިވާކަމަށް އެ ކުންފުނިން ބުނާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) އަކީ އެ ކުންފުންޏަށް ލިބެންޖެހޭނެ ފައިސާ އެއްކަން.
މަދަނީކޯޓުގެ ނަންބަރު 355/MC/2009 ޤަޟިއްޔާ އިން "ޑްރޯޑައުން ޝެޑިއުލް" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައުންޑޭޝަންގެ މަސައްކަތުގެ އަގުގެ ތެރެއިން މަސައްކަތުގެ ވެރިފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާކަމަށް ކަނޑައެޅޭނެތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ ބައި ދިވެހިރާއްޖޭ ހައިކޯޓުން ބާޠިލްކޮށްފައިވެއެވެ.
މ. އޮޕިންގްސަން އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަ ބުރީގެ ފައުންޑޭޝަނެއް އަޅައި، ތިން ބުރީގެ ޢިމާރާތެއްކޮށް ފުރިހަމަކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި، އެއްފަރާތުން މަސައްކަތުގެ ވެރިފަރާތް އަދި އަނެއް ފަރާތުން ސީގޭޓްއާ ދެމެދު 5 ސެޕްޓެންބަރު 2005 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސީގޭޓްއިން ކޮށްފައިވާ ފައުންޑޭޝަންއެޅުމުގެ މަސައްކަތުގެ އަގުގެ ތެރެއިން ސީގޭޓްއަށް މިހާތަނަށް ނުލިބިވާކަމަށް އެ ކުންފުނިން ބުނާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) އަކީ ސީގޭޓްއަށް ލިބެންޖެހޭ ފައިސާއެއްކަމަށް ސާބިތުވާކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް، މަސައްކަތުގެ ވެރިފަރާތަށް ހައިކޯޓުން ވަނީ އަންގާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2010/HC-A/44 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް 04 ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 3 (ރ) ގައި "އޯނާސް އެކްސްޕެންސް" ގެ ގޮތުގައި 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) ހިމަނާފައިވާކަން ފާހަގަކޮށްފައިވާއިރު، އަދި އިންވޮއިންސް ނަންބަރު SGI-1038/2005 އިންވޮއިސްއަށް މަސައްކަތް ޙަވާލުކުރި ފަރާތުން އަމިއްލަ ފައިސާ ދައްކާފައިވާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް ފާހަގަކޮށްފައިވާއިރު، އޯނާސް އެކްސްޕެންސް ނުވަތަ މަސައްކަތް ޙަވާލުކުރި ފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އެއްކޮށް ދައްކާފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ހައިކޯޓުން ޙުކުމްކޮށްފައިވަނީ ހައިކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، ހައިކޯޓުގެ ޙުކުމް ކުރެވުނުފަހުން އިސްތިއުނާފު ކުރާ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށްގޮސް މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދައި ބެލުމުން، ސީގޭޓްގެ ނަންބަރު SGI-1038/2005 އިންވޮއިސްއަށް އާމިނަތު ނާޒްލީގެ ޢާއިލާއިން ފައިސާ ދައްކާފައިވާކަމުގެ ހެކި ލިބިފައިވާތީ، ހައިކޯޓުގެ ޙުކުމަކީ އެޙުކުމް ކުރެވުނުއިރު ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް، ކޮށްފައިވާ ޙުކުމެއް ނަމަވެސް، ޙުކުމް ކުރި ފަހުން އިތުރު ހެކި ލިބިފައިވާތީ، އަދި އިތުރަށް ލިބިފައިވާ ހެކީގެ ސަބަބުން މައްސަލައިގެ ޙުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، އިސްވެ ބަޔާންކުރެވުނު ހެކީގެ ލިޔުމަށް ރިޢާޔަތްކުރާއިރު، "އޯނާސް އެކްސްޕެންސް" ގެ ގޮތުގައި 199,512.00 (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) ސީގޭޓްއާ ޙަވާލުކުރެވިފައިވާކަމަށް ބުނެފައިވާބުނުން ސާބިތުވާކަމަށާއި މަސައްކަތްކުރި ފަރާތަށް ދައްކަންޖެހޭކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވާ 161,406.00 (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) ގެ އިތުރަށްވެސް ސީގޭޓްއަށް ފައިސާ ދެވިފައިވާކަން ސާބިތުވާތީ ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް، އިތުރަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅަދިނުމަށް އެދި ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، މި މައްސަލައިގައި ހައިކޯޓުން ޙުކުމްކުރިފަހުން ލިބިފައިވާ ހެކީގެ ލިޔުމަށް ބަލާއިރު، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެކަން އެނގެން އޮތުމުން ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަކީ މައްސަލައިގައި އިންޞާފު ލިބުމަށް އޮތް ހަމައެކަނި ފުރުޞަތުކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކަށް ދީފައިވާ ޖަވާބު
ހައިކޯޓުގެ ނަންބަރު 2010/HC-A/44 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދު ދިނުމުގެގޮތުން ސީގޭޓްއިން 7 (ހަތެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓު އަދި ހައިކޯޓުން މައްސަލަ ބަލައި ނިމުނުއިރު ހުށަހަޅާފައިނުވާ ލިޔުން (އިންވޮއިސް) އެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށާއި އެއީ މިހާތަނަށް ހުށަހެޅިފައިނުވާ ލިޔުމެއް ކަމަށްވާތީ، މި ލިޔުމުގެ މައްޗަށް އިސްތިއުނާފު ކުރެވުމަކީ ސީގޭޓްއިން ޤަބޫލު ކުރާ އުޞޫލެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ސީގޭޓްގެ ނަމުގައި ހަދާފައިވާ އިންވޮއިސްގައި، ފައިސާލިބުނުކަމަށް ކޮށްފައިވާ ސޮޔަކީ ފޯޖު ސޮއެއްކަމަށާއި އެ އިންވޮއިސްގައި ކުންފުނީގެ ސީލު ނެތްކަމަށާއި އެ ފައިސާއަކީ ސީގޭޓަށް ލިބިފައިނުވާ ފައިސާއެއްކަމަށް ސީގޭޓުގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒަކީ ހުވާކުރަން ތައްޔާރަށް ހުރިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ ނަންބަރު 7.1 ގައި، ބުނެފައިވާ މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަ ބާރަ ރުފިޔާ) ސީގޭޓްއަށް ދައްކާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މަސައްކަތް ޙަވާލުކުރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އެއްކޮށް ދައްކާފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ހައިކޯޓުގެ ނަންބަރު 44/HC-A/2010 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ޞަފްޙާ ނަންބަރު 17 ގައި ކަނޑައަޅާފައިވަނީ އެފަދަ ލިޔުމެއް ނެތްކަމަށް ނުވަތަ އެފަދަ ލިޔުމެއް އޮތްނަމަ ގެނެސްދިނުމަށް ދެމަހެއްހާ ދުވަހުގެ ފުރުޞަތު މަސައްކަތް ޙަވާލުކުރިފަރާތަށް ދިނުމަށްފަހުވެސް އެ ލިޔުން ނުފެނިގެން ނުވަތަ ނެތްކަމަށް ބުނާބުނުމެއްގެ މައްޗަށް ރިޢާޔަތް ކޮށްފައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ ނަންބަރު 7.2 ގައި އިންވޮއިސް ނަންބަރު 2005/1038-SGI އިން އެ ފައިސާ ދައްކާފައިވާކަމުގެ ހެކި ލިބިފައިވަނީ ހައިކޯޓުން ޙުކުމްކުރި ފަހުންކަމަށް ބުނާއިރު، އެ ހެކި ވުޖޫދަށްއައީ ކިހިނެތް ކޮންގޮތަކުންކަން ބުނެދީފައި ނުވާތީ މުޙުތަޞަރު ގޮތުގައި ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭފަދަ އަދި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ކާފީ ހެއްކެއް ކަމުގައި ބަލައިގަނެވޭނެ ހެއްކެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ގެ 7.3 ގައި މަސައްކަތުގެ ވެރިފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުކަމަށްވާ 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަ ބާރަ ރުފިޔާ) އެކުގައި، މަސައްކަތްކުރި ފަރާތަށް ޙަވާލުކުރެވިފައި ވާނެކަމަށް ހައިކޯޓުގައި، މަސައްކަތް ޙަވާލުވިފަރާތުން ބުނެފައިވާބުނުން ސާބިތުވާކަމަށް މަސައްކަތް ޙަވާލުކުރި ފަރާތުން ބުނާބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި ހައިކޯޓުން ޙުކުމްކޮށްފައިވާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) އަށްވުރެ އިތުރަށްވެސް މަސައްކަތް ކުރިފަރާތަށް ފައިސާ ދެވިފައިވާކަން ސާބިތުވާކަމަށް ބުނާބުނުމަކީވެސް ދޮގެއްކަމާ، އަދި މި ވާހަކަތަކަކީ މިހާރު އަލަށް އުފައްދައިގެން ފައިސާނުދީ ފަރުޖެހޭތޯ ބެލުމަށްޓަކައި ޝަރުޢީ އަދި ޤާނޫނީ އެއްވެސް ބިނާއެއްނެތި ދައްކާ ދޮގު ވާހަކައެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ 7.4 ގައި މި މައްސަލައިގައި ހައިކޯޓުން ޙުކުމްކުރިފަހުން ލިބިފައިވާ ހެކީގެ ލިޔުމަށް ބަލާއިރު، ހައިކޯޓުން ކުރި ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާބުނުމަކީ ޢަދުލު އިންޞާފު އޮޅުވާލުމަށްޓަކައި އަދި ސުޕްރީމް ކޯޓުން މައްސަލަ ބެލުމުގެ ފުރުސަތު ލިބިގަތުމަށް ކަނޑައެޅިގެން ހަދާ ދޮގެއްކަން ސާބިތުވާތީ މި މައްސަލައަކީ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައަކުން އަލުން ބެލިދާނެ ފުރުސަތެއްއޮތް މައްސަލައެއްކަމަށް ސީގޭޓްއިން ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތްވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރުގައި ހައިކޯޓުގެ ޙުކުމަށް ބަދަލުގެނެސް ސީގޭޓްއަށް މ. އޮޕިންގްސަންގެ ވެރިފަރާތުން އިތުރަށް ފައިސާދައްކަން ނުޖެހޭކަމަށް ޙުކުމްކޮށްދިނުމަށް އެދިފައިވާއިރު، ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއްނެތި މިފަދަ ޙުކުމެއްކުރެވޭނެ ތަނެއްއޮތްކަމަށް ބުނެވެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް
ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެކެވެ. މިގޮތުން މައްސަލައެއް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެގޮތް ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާގޮތަށް ބަލާއިރު، ހައިކޯޓުގެ ޙުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވެނީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަތުތަކެއް ހުރެއްޖެނަމަ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމައެވެ.
ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލައަކީ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތަކަށް ފެތޭ މައްސަލައެއްކަމަށް ނުވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. އަދި ހައިކޯޓުގެ ޙުކުމްގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލް އިޖުރާއަތަކަށްވެއްޖެ ޙާލަތުގައިވެސް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިދާނެއެވެ. މިބުނާ އައިބުތަކީ: (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ (2) ހުކުމްކުރި ނުވަތަ ނިންމުންނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން؛ (3) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުންނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން؛ އަދި، (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން؛ މިއެވެ.
ޙުކުމްކުރުމުގެ ނުވަތަ ނިންމުންނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ކޯޓުގައި އެ ނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ. މައްސަލަބެލި ކޯޓުގައި ނަގާފައިނުވިނަމަވެސް، އެ ނުކުތާއެއް ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް ނެގިދާނެ ހަމައެކަނި ޙާލަތަކީ އެކަމަކީ ދައުލަތުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ކަމެއްކަމުގައިވާނަމައެވެ.
އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞް
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިދެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިންނެވެ. ސުޕްރީމް ކޯޓަށް އެ "ކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞް" ތައް ވަރަށް ފުޅަލެވެ. ކޯޓުތަކު ޤާނޫނު ގެ 22 ވަނަ މާއްދާ ގައި ބުނަނީ ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ އިތުރުންނާއި ކޯޓުތަކުގެ ޤާނޫނު ގެ އެހެން މާއްދާތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިޚްތިޞާޞްތަކުގެ އިތުރަށް 5 (ފަހެއް) ކަމެއް ބަޔާންކޮށް އެކަންކަން ކުރުމުގެ އިޚްތިޞާޞްވެސް ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށެވެ. އެ ކަންކަމަކީ:
(ހ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާ އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާ، އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު.
(ށ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ އެކިއެކި އަމުރު ނެރުމުގެ ބާރު.
(ނ) ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ހާޒިރުކުރުމުގެ ބާރު.
(ރ) ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭ ގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި، ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިއަސް، ކޮންމެ ވަގުތެއްގައިވިއަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިޔަކާ، ނުވަތަ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ކުރުމުގެ ބާރު.
(ބ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު.
ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކޯޓުތަކުގެ ޤާނޫނު އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރެވޭ މިންވަރާއި ނިސްބަތް ތަފާތުވާނެކަން ކޯޓުތަކުގެ ޤާނޫނު ގެ ދަށުން ޝަރުޢީ ކޯޓުތައް ގިންތިކުރެވި ކޯޓުތަކުގެ އިޚްތިޞާޞްތައް ކަނޑައެޅިފައިވާގޮތަށް ބެލުމުން އެނގެއެވެ. އެގޮތުން، މައްސަލައިގެ ޝަރީޢަތް ހިންގާ ކޯޓުތަކަކީ ފުރަތަމަ މަރުޙަލާގެ ކޯޓުތައް ކަމުގައި ޤާނޫނުން ކަނޑައަޅައި، މައްސަލައިގެ ވާޤިޢާތަކާއި އޭގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނީ އުޞޫލުތައް ކަނޑައެޅުމުގެ ބާރު ދަށު ކޯޓުތަކަށް ލިބިދީފައިވެއެވެ. ދަށު ކޯޓަކުން ނިންމާ ނިންމުމެއް މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، އިސްތިއުނާފީ ކޯޓުތަކުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބެލުމުންވެސް، ކޯޓުތަކަށް ލިބިގެންވާ ބާރުތަކަކީ ޝަރުޢީ އެކި މަރުޙަލާތަކުގައި މަޙްދޫދުކުރެވިފައިވާ އެއްޗެއްކަން އެނގެއެވެ. އަދި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި ކަމަށް ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބެލުމުން މައްސަލަތައް އިސްތިއުނާފު ކުރުމާއި އެ މައްސަލަތައް ހިންގުމުގައި ޤައިދުކުރުންތަކެއް ހުރިކަން އިތުރަށް ދަލާލަތުކޮށްދެއެވެ.
ދަށުކޯޓުގައި ފާހަގަނުކުރާ ކަންކަން ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމާއި އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުން
ހުށަހެޅިފައިވާ މައްސަލައެއްގައި ފައިސަލާކުރަނިވި ޙުކުމެއް ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ކުރާނީ، އެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާއާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމަށްފަހު ކަމާއި، މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކޮށް ނަގަން ބޭނުންވާ ދިފާޢުތައް ނަގައި އެކަންކަމުގެ މައްޗަށް ބަހުސްކުރުމުގެ ފުރުޞަތުދީ، މައްސަލައިގެ ވާޤިޢާތައް ކަނޑައަޅައި އެކަންކަމާމެދު ގޮތެއް ނިންމާނީ އެ މައްސަލައެއް ހިންގި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލުގައިކަން ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފު ކުރެވުނު ކޯޓުން (ހައިކޯޓުން) މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށާއި، އަދި މި މަރުޙަލާގައި ކޯޓަށް ހުށަހެޅޭނީ ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކިތައް ކަމަށެވެ. އިސްވެބުނެވުނު މާއްދާގެ ޞީޣާއަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން ހިނގަމުންދާއިރު އެ މައްސަލައާގުޅޭ އައު ހެކި ހުށަހަޅައި އެއާމެދު ބަހުސްކޮށް ގޮތް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ މި މަރުޙަލާގައި ދެވޭ ފުރުޞަތެއް ނޫންކަން އެނގެން އޮތްއިރު، މި އުސޫލު ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ނަގަހައްޓާފައިވެއެވެ.
އިސްތިއުނާފީ ފުރަތަމަ މަރުޙަލާކަމުގައިވާ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށާއި، އެހެންނަމަވެސް ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު، މައްސަލައަކާގުޅޭ އައު ހެކި އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައިވަނީ އިސްތިސްނާ ޙާލަތެއްގައިކަން އެނގެއެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅިދާނެ އިސްތިސްނާ ޙާލަތެއް ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި ވީނަމަވެސް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅުމާގުޅޭގޮތުން ކޯޓުތަކުގެ ޤާނޫނު ގައި ވަކިއެއްޗެއް ބުނެފައިނުވާތީ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް މި މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއްކަން އެނގެއެވެ.
ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުނު މައްސަލައެއްގައި ފައިޞަލާކުރުމަށް ފަހު، ޚަޞްމަކާއެއްކޮޅަށް ކޮށްފައިވާ ޙުކުމަކަށް ނުވަތަ ނިންމާފައިވާ ނިންމުމަކަށް އަސަރުފޯރާ ފަދަ ކަންކަން ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ކުރެވެންވާނީ އެކަން އެގޮތަށް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބާރުލިބޭ ފާޅުވެގެންވާ ކަންތައްތަކެއް ފެންނަން ހުންނަ ޙާލަތްތަކުގައި އެކަނިކަމާއި، މިކަން މިގޮތަށް އިންތިޒާމް ވެފައި އޮތުމުގެ މައިގަނޑު ބޭނުމަކީ، ދަށު މަރުޙަލާތަކުގައި މައްސަލަ ހިނގަމުންދާއިރު އެ މައްސަލައަކާ ގުޅޭ އެންމެހައި ކަންކަން ހުށަހަޅައި، އެކަންކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ބަހުސްކޮށް، އަވަސްކަމާއި ހަލުވިކަމާއެކު މައްސަލައިގެ މައުޟޫޢުގައި ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅިގެން ދިއުންކަން އެނގެއެވެ.
މައްސަލައާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ އެންމެހައި ކަންކަން އެ މައްސަލައެއްގެ ޝަރީޢަތްތައް ދަށު ކޯޓުގައި ހިނގަމުންދާއިރު ހުށަހަޅަންޖެހޭގޮތަށް ޝަރުޢީ ނިޒާމް ބައްޓަންކުރެވި، އެ މައްސަލައަކާގުޅޭ ތަފާތުއެކި ކަންކަން އެކި މަރުޙަލާތަކުގައި ހުށަހެޅި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާނުލާގޮތަށް ހަމަޖެހިފައި އޮތުމުގެ މައިގަނޑު މަޤުޞަދަކީ، މައްސަލައިގެ އަސްލު މައުޟޫޢު ދަށު މަރުޙަލާގައި ހިނގަމުންދާއިރު އެއީ އެ މައްސަލައިގައި ފައިޞަލާ ކުރަނިވި ޙުކުމެއް ލިބިގެންދާނެގޮތަށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެއިތުރުން، މައްސަލައިގައި އުފެދިފައިވާ ޚުޞޫމަތަށް އަވަސްކަމާއެކު ޙައްލެއް ލިބިގެންދާނެގޮތަށް ޝަރުޢީ ނިޒާމް ބައްޓަންވެގެން ދިއުންކަން އެނގޭކަމާއި، އެއް މައުޟޫޢެއްގައި އެކި މަރުޙަލާތަކުގައި ނިމުމެއް ނެތްގޮތެއްގައި ހުށަހެޅުންތައް ހުށަހަޅައި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވައިލެވިގެންދާކަމުގައިވާނަމަ ނަތީޖާއަކަށް ވެގެންދާނީ ދަށު މަރުޙަލާގައި ކުރެވޭ ޝަރީޢަތްތަކުގެ ބޭނުންކެނޑި، އެންމެ ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ޚަޞްމުންގެ ޢަމަލުތައް ބައްޓަންވެގެން ނުދިއުންކަން އެނގެން އޮވެއެވެ.
އާންމު އުސޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެއެވެ.
1- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން.(Non-availability)
2- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Relevance)
3- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Credibility)
ވުމާއެކު، ހައިކޯޓުގެ މަރުޙަލާގައި ފައިޞަލާކުރުމަށްފަހު އެ މައްސަލައިގައި ޙުކުމެއްކޮށްފައިވާ މައްސަލައެއްގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި، އެ މައްސަލައާގުޅޭ އައުހެކި ހުށަހަޅައި އެއާމެދު ބަހުސްކޮށް އެ މައްސަލައިގެ ޝަރީޢަތްތައް ހިންގުމަކީ ވަރަށް އިސްތިސްނާއީ ގޮތެއްގައި ޚާއްޞަ މައްސަލަތަކެއްގައި މެނުވީ ލިބިދެވޭނެ ފުރުޞަތެއް ނޫންކަން އެނގެއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކާއި އޭގެ ޤާނޫނީ ބުރަދަން
މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، އޯނާސް އެކްސްޕެންސް ނުވަތަ މަސައްކަތް ޙަވާލުކުރި ފަރާތުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އެއްކޮށް ދައްކާފައިވާކަން އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތާއި ސީގޭޓްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތުގެ ތެރެއިން ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ އަގަކީ 385,200.00ރ. (ތިންލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ރުފިޔާ) ކަން އެނގެންއޮވެފައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވުނުއިރު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ފައުންޑޭޝަންގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު އެ މަސައްކަތުގައި އެއްވެސް މައްސަލައެއް ހުރިކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީކަމާއި، ފައުންޑޭޝަންއެޅުމުގެ މަސައްކަތުގެ އަގުގެ ތެރެއިން ސީގޭޓްއަށް ދައްކާފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައިވަނީ 168,000.00ރ. (އެއްލައްކަ ފަސްދޮޅަސްއަށްހާސް ރުފިޔާ) ކަން އެނގެންއޮވެފައި، އެ މަސައްކަތުގެ އަގުގެތެރެއިން ސީގޭޓްއަށް ލިބިފައިނުވާކަމަށް ސީގޭޓްއިން ބުނާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހައެއް ރުފިޔާ) އިސްތިއުނާފު ކުރާ ފަރާތުން ދައްކާ ޚަލާޞްކޮށްފައިވާކަން، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި މި މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން ނެތުމުންކަމާ، އަދި މި ފައިސާގެތެރެއިން އެއްވެސް ފައިސާއެއް މިހާތަނަށް ސީގޭޓްއަށް ދައްކާފައިނުވާނެކަމަށް އާމިނަތު ނާޒްލީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ހައިކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްކަމާއި، ނަމަވެސް، ހައިކޯޓުގެ ޙުކުމް ކުރެވުނުފަހުން އިސްތިއުނާފު ކުރާ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށްގޮސް މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދައި ބެލުމުން، ސީގޭޓްގެ ނަންބަރު SGI-1038/2005 އިންވޮއިސްއަށް އާމިނަތު ނާޒްލީގެ ޢާއިލާއިން ފައިސާ ދައްކާފައިވާކަމުގެ ހެކި ލިބިފައިވާތީ، އަދި ހައިކޯޓުން ޙުކުމްކުރިފަހުން ލިބިފައިވާ ހެކީގެ ސަބަބުން މައްސަލައިގެ ޙުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، އެ އިންވޮއިސްއަކީ އެއްވެސް ރަސްމީ ސިފައެއްގައި އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ލިޔެކިޔުމެއް ނޫންކަމަށާއި، އިންވޮއިސްގެ ކޮޕީއެއް އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިސޭންސް ކޯޕަރޭޝަންއަށް ގޮސް އެތަނުގެ ފަރާތްތަކާ ބައްދަލުކޮށް ފައިލްތައް ބެލުމުންކަމަށާއި، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި ޑޮކިއުމަންޓްގެ ކޮޕީއެއް ދޫކޮށްދިނުމަށް އެދުމުން އެފަދަ ލިޔުންތައް އިސްތިއުނާފު ކުރާ ފަރާތަށް ދޫކޮށްދެވެން ނެތްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އިސްތިއުނާފު ކުރާ ފަރާތަށް ޖަވާބުދީފައިވާކަމަށާއި، މި މައްސަލައިގެ ޝަރީޢަތް ދަށު ކޯޓުގައި ހިނގިއިރު މި ލިޔެކިޔުން ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މި އިންވޮއިސްއަކީ ސީގޭޓްގެ ފަރާތުން ތައްޔާރުކޮށްފައިވާ އިންވޮއިސްއެއް ނޫންކަމަށް ބުނެ ސީގޭޓްގެ ފަރާތުން އިންކާރުކޮށްފައިވާކަމާ، އަދި އެ އިންވޮއިސްގައި ސޮއިކޮށްފައިވަނީ ސީގޭޓްގެ މެނޭޖިންގ ޑިރެކްޓަރ ނޫންކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހުވާކުރުމަށް ތައްޔާރަށް ހުރިކަމަށް ސީގޭޓްގެ ފަރާތުން ބުނެފައިވާއިރު، މި އިންވޮއިސްއަކީ ސީގޭޓްއިން ތައްޔާރުކޮށް އެފަރާތުން ސޮއިކޮށްފައިވާ އިންވޮއިސްއެއްކަމަށް ބެލެވޭކަމަށް ބުނާބުނުން ފިޔަވައި ހަރުދަނާ އެއްވެސް އަސާސެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާތީއާއި، މި ލިޔުމަކީ މި މައްސަލައިގެ ޝަރީޢަތް ދަށު ކޯޓުގައި ހިނގަމުންދިޔައިރު އެ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ލިޔެކިޔުމަކަށްވެފައި، އަދި މިއީ މި މައްސަލައިގެ ޝަރީޢަތް މައުޟޫޢީގޮތުން ކުރިއަށްދިޔައިރު ވުޖޫދުގައިއޮތް ލިޔެކިޔުމަކަށްވާތީ، އިސްތިއުނާފީ ކޯޓުތަކަށް އައު ހެކި ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ Non-availability އުންސުރު ފުރިހަމަވާ ލިޔެކިޔުމެއް ނޫންކަން އެނގޭކަމާއި، މި ލިޔުމަކީ އޭގެ ޞައްޙަކަމާމެދު ސީގޭޓްގެ ފަރާތުން އިންކާރުކޮށްފައިވާ ލިޔުމެއްކަމާއި، މި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ހިނގަމުންދިޔައިރު މި ލިޔުމުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތަށް ފުރުޞަތު ދެވިފައިވީނަމަވެސް، މިއީ ޞައްޙަ ލިޔުމެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާބުނުން ފިޔަވައި ހަރުދަނާ އެއްވެސް އަސާސެއް ދެއްކިފައިނުވުމުން، މި ޑޮކިއުމަންޓްގެ Credibility މި މައްސަލަގައި އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަން އެނގެއެވެ.
ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް، އިތުރަށް އެއްވެސް ފައިސާއެއް އިސްތިއުނާފު ކުރާ ފަރާތުން ސީގޭޓްއަށް ދައްކަން ނުޖެހޭކަމަށް ކަނޑައަޅަދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާ މައިގަނޑު ސަބަބަކީ، އިސްވެ ބަޔާންކުރެވުނު ހެކީގެ ލިޔުމަށް ބަލާއިރު "އޯނާސް އެކްސްޕެންސް"ގެ ގޮތުގައި 199,512.00ރ. (އެއްލައްކަ ނުވަދިހަނުވަހާސް ފަސްސަތޭކަބާރަ ރުފިޔާ) ސީގޭޓްއާ ޙަވާލުކުރެވިފައިވާކަން އެނގެންއޮތުމުން، އިސްތިއުނާފު ކުރާ ފަރާތުން ސީގޭޓްއަށް ދައްކަންޖެހޭކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހަ ރުފިޔާ) ގެ އިތުރަށްވެސް ސީގޭޓްއަށް ފައިސާ ދެއްކިފައިވާތީކަމަށް އިސްތިއުނާފު ކުރާ ފަރާތުން ޤަބޫލުކުރާތީކަމާއި، އިސްތިއުނާފު ކުރާ ފަރާތުން ސީގޭޓްއަށް ދައްކަންޖެހޭ ފައިސާއަކީ ދައްކާ ނިމިފައިވާ ފައިސާއެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ޤަބޫލުކުރަނީ، އެ ޑޮކިއުމެންޓްގެ ޞައްޙަކަން އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެފައިނުވާ ލިޔެކިޔުމެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނަކަމާއި، ޝަރުޢީ ހަމަތަކުގެމަތީން ސާބިތުވެފައިވާކަމެއް އެނޫންގޮތަކަށް ކަނޑައެޅިގެންދާނީ ހަމަޖެހިފައިވާ އުސޫލުތަކާއެއްގޮތަށް އެ ނިންމުމެއް އިސްތިއުނާފު ކުރެވިގެން ޝަރުޢީ ހަމަތަކުގެމަތީން އެ ނިންމުމެއް އެނޫންގޮތަކަށް ބަދަލުކުރެވިގެންކަމާއި، އެނޫންގޮތަކަށް ކަނޑަ ނާޅާހާ ހިނދަކު، އިސްތިއުނާފު ކުރާ ފަރާތުން ސީގޭޓްއަށް ދައްކަންޖެހޭކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވާ 161,406.00ރ. (އެއްލައްކަ ފަސްދޮޅަސްއެއްހާސް ހަތަރުސަތޭކަހަ ރުފިޔާ) އާއި އޭގެ އިތުރަށް ދެއްކިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ފައިސާއަކީ އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ފައިސާއެއްކަމަށް ބެލޭނެ ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
މި މައްސަލާގައި ހައިކޯޓުން ޙުކުމްކުރިފަހުން ލިބިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ހެކީގެ ލިޔުމަށް ބަލާއިރު، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެކަން އެނގެން އޮތުމުން ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަކީ މައްސަލައިގައި އިންޞާފު ލިބުމަށް އޮތް ހަމައެކަނި ފުރުޞަތުކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވީނަމަވެސް، އިސްތިއުނާފީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްގައި ހުށަހެޅޭ އައު ހެކި ބަލައިގަނެވޭނީ އިސްތިސްނާ ޙާލަތްތަކެއްގައި ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވެގެންކަން ކޯޓުތަކުގެ ޤާނޫނާއި ޝަރުޢީ ނިންމުންތަކުގެ އަލީގައި ބެލުމުން އެނގެން އޮންނަކަމާއި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމަންޓަކީ އިސްތިއުނާފީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްގައި ހުށަހެޅޭ އައު ހެކި ބަލައިގަތުމުގައި ފުރިހަމަވާންޖެހޭކަމަށް އިސްތިޤުރާރުވެފައިވާ އުންސުރުތަކުގެތެރެއިން Non-availability އުންސުރާއި Credibility އުންސުރު ފުރިހަމަވާ ޑޮކިއުމަންޓަކަށް ނުވާތީ، އެ ޑޮކިއުމަންޓަކީ މައްސަލައިގެ ފައިޞަލާކުރަނިވި ޙުކުމެއްކުރުމުގައި އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައެޅިދާނެ ލިޔުމެއް ނޫންކަން އެނގެއެވެ.
އިސްވެދެންނެވުނު ސަބަބުތައް އެގޮތުގައި ހުރުމުން، މަދަނީކޯޓުގެ ނަންބަރު 355/MC/2009 ޤަޟިއްޔާގައި، "ޑްރޯޑައުން ޝެޑިއުލް"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައުންޑޭޝަންގެ މަސައްކަތުގެ އަގުގެތެރެއިން އިސްތިއުނާފު ކުރާ ފަރާތުން ސީގޭޓްއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމަށް ކަނޑައެޅޭނެތަނެއް ނެތްކަމުގައި ކަނޑައަޅާފައިވާ ބަޔަށް ބަދަލުގެންނަންޖެހޭކަމަށް ކަނޑައަޅައި މަދަނީ ކޯޓުގެ ނަންބަރު 355/MC/2009 ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާޠިލުކޮށް، ހައިކޯޓުން ކޮށްފައިވާ އެ ކޯޓުގެ ނަންބަރު 44/HC-A/2010 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައިނުވާތީ، އެ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/44 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.