އިންނަފުށި މެރިން ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/308
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާ ލިބުނު ފަރާތުން މުޅި ދަޢުވާއަށް އިންކާރުކޮށް، ދަޢުވާކުރި ފަރާތުން ކުރިމަތިކުރި ވަކި ދަފްޢަކަށް ވަކިން އިންކާރުނުކުރުމުން އެ ދަފްޢު ސާބިތުކުރުމުގެ ބުރަ ދަޢުވާ ލިބުނު ފަރާތަށް ފުރޮޅޭތޯ؛ އަދި ދަށު މަރުޙަލާތަކުގައި ނުއެދޭ ފަރުވާއަކަށް (ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު) ސުޕްރީމް ކޯޓުގައި އެދެވިދާނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާއެއް ނުވަތަ ދަފްޢެއް ސާބިތުކުރުމުގެ ބުރައަކީ ޢާންމު އުޞޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ).
HN2 ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވެއެވެ: (1) ދަފްޢު އުފުލާ ފަރާތުން އެކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production)؛ އަދި (2) ހުށަހަޅާ ހެއްކަކީ، އަނެއް ފަރާތުގެ ހެއްކާ އަޅާކިޔާއިރު، ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވުން (burden of persuasion).
HN3 ދަފްޢު އުފުލާ ފަރާތުން ވަކި ވާޤިޢާއެއް ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާނަމަ، އެ ބުނުން ނަފީކުރުމަށް އަނެއް ފަރާތުން ހެއްކެއް ހުށަހަޅަން ނުޖެހެއެވެ؛ ސަބަބަކީ ދިފާޢީ ހެއްކަކީ ދަފްޢު އުފުލާ ފަރާތުން ހުށަހަޅާ ހެކި ނަފީކުރުމަށް ހުށަހަޅާ ހެއްކަކަށް ވުމެވެ.
HN4 އަނެއް ފަރާތުން ވަކިވަކި ވާޤިޢާތަކަށް އިންކާރުކޮށްފައިނުވާ ކަމަށް ބެލިޔަސް، ހެއްކެއްނެތި ހަމައެކަނި ބުނާ ބުނުމަކީ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތެވެ؛ އެހެންކަމުން، ދައުލަތުން މުޅި ދަޢުވާއަށް އިންކާރުކޮށް، ދަޢުވާކުރި ފަރާތުން ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިންކަން ސާބިތުކުރުމަށް ހެއްކެއް ހުށަނާޅާހިނދު، ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމުމެއް ނޫނެވެ.
HN5 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 139 ވަނަ މާއްދާގެ (ހ) އާއި (ބ) ގައި، ދިފާޢުގައި އިންކާރުކުރާ ކަންކަމާއި އެއްބަސްވާ ކަންކަން ބަޔާންކުރަންވާނެ ކަމާއި ވަކި ކަމަކަށް އިންކާރުކޮށްފައި ނުވާނަމަ އެކަމަށް އެއްބަސްވީ ކަމުގައި ބަލާނެ ކަމަށް ބަޔާންކުރެއެވެ؛ ހައިކޯޓަށް މައްސަލަ ރަޖިސްޓްރީކުރިއިރު އެ ޤާނޫނު (16 ޖޫން 2022 ގައި ޢަމަލުކުރަން ފެށި) ފެށިފައި ނުވިނަމަވެސް ހައިކޯޓުން ނިންމިއިރު ފެށިފައިވާކަމާއި، ވަކިވަކި ވާޤިޢާތަކަށް އިންކާރުކުރުމާ ގުޅޭ އުޞޫލަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ.
HN6 ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ މުޅި ދަޢުވާ އަލުން ބަލާ މަރުޙަލާއެއް ނޫނެވެ؛ ދަށު މަރުޙަލާތަކުގައި ނުއެދޭ ފަރުވާއެއް ނުވަތަ އައު ނުކުތާއެއް ސުޕްރީމް ކޯޓުގައި ބަލައިގަނެވޭނީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ނުވަތަ ހައިކޯޓުގެ ނިންމުމާ/އިސްތިއުނާފާ ސީދާ ގުޅޭ ނުކުތާއެއް ކަމުގައިވާނަމަ (ކަޕޫރުﷲ ޔޫސުފް)، ނުވަތަ ޚާއްޞަ އިސްތިސްނާ ޙާލަތެއް ވުޖޫދުވެފައިވާނަމައެވެ (އާމިނަތު ނާޒްލީ: އައު ހެއްކަށް ނަމަ ދަށު މަރުޙަލާގައި ލިބެން ނެތުން، ގުޅުން، ޞައްޙަކަން)؛ އެފަދަ ސަބަބެއް ނުބުނެދޭހިނދު، ދަށު ކޯޓުތަކުގައި ނުއެދި ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް އެދޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ކަނޑައަޅައި ނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/308 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިންނަފުށި މެރިން ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިންނަފުށި މެރިން ރިސާރޗް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ) (މީގެފަހުން "ދައުލަތް" ނުވަތަ "މިނިސްޓްރީ") ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/99 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ.
ކަންހިނގާފައިވާ ގޮތް
2އދ. އިންނަފުށީގެ ބިމުންނާއި ފަޅުން ބައެއް ކުއްޔަށް ދިނުމުގެ ގޮތުން […] މުޙައްމަދު ޝާޒް ވަލީދު އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާ ދެމެދު 15 ސެޕްޓެންބަރު 2011 ގައި އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން") ވިއެވެ. އެއަށްފަހު، 04 ފެބުރުވަރީ 2013 ގައި، އެއްބަސްވުމުގެ ދަށުން މުޙައްމަދު ޝާޒް ވަލީދުއަށް ލިބިފައިވާ އެންމެހާ ޙައްޤުތަކާއި ޒިންމާތައް އިންނަފުށި މެރިން ރިސާރޗް އަށް ބަދަލުކުރުމުގެ ގޮތުން މިނިސްޓްރީ އާއި މުޙައްމަދު ޝާޒް ވަލީދު އާއި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ޑީޑް އޮފް އެސައިމެންޓެއްގައި ސޮއިކުރިއެވެ.
3އދ. އިންނަފުށީގެ ބިމުންނާއި ފަޅުން ބައެއް ކުއްޔަށް ދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް ރަށުގައި މަސައްކަތް ކުރިއަށް ނުދާކަން ފާހަގަވެފައިވާ ކަމާއި، މަސައްކަތް ހިނގަމުންދާ ގޮތް އަންގައިދޭ ޕްރޮގްރެސް ރިޕޯޓު ފޮނުވުމަށް މިނިސްޓްރީން އެދިފައިވާހިނދު، އެ ރިޕޯޓު ލިބިފައިނުވާތީ، އެއްބަސްވުމާއި ވޯކްޕްލޭން އާއި އެއްގޮތަށް މަސައްކަތްކޮށް ނިންމުމަށާއި، ގަވާއިދުން ޕްރޮގްރެސް ރިޕޯޓް ފޮނުވަމުން ގެންދިއުމަށް މިނިސްޓްރީގެ ފަރާތުން އިންނަފުށި މެރިން ރިސާރޗްއަށް 17 ނޮވެންބަރު 2014 ތާރީޚުގެ ސިޓީ އިން އަންގާފައިވެއެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާނަމަ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައިވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
4އެއަށްފަހު، 28 ޑިސެންބަރު 2014 ވަނަ ދުވަހުން ފެށިގެން އިންނަފުށި މެރިން ރިސާރޗްގެ ކިބައިން ރަށް ވަކިކޮށްފައިވާކަމަށާއި، 29 ޑިސެންބަރު 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އދ. އިންނަފުށީގައި ހުރި އެ ކުންފުނީގެ އުފުލާ ގެންދެވޭ އެންމެހާ މުދާ ގެންގޮސް ނިންމުމަށް ދައުލަތުން އިންނަފުށި މެރިން ރިސާރޗަށް ސިޓީއަކުން އަންގާފައިވެއެވެ.
5އިސްވެ ބަޔާންކުރި ސިޓީތައް އިންނަފުށި މެރިން ރިސާރޗްއަށް ލިބުމުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ (މީގެ ފަހުން "މިނިސްޓްރީ އޮފް ޓޫރިޒަމް") ގެ ފަރާތުން އެހެން ތިންވަނަ ފަރާތަކަށް އދ. އިންނަފުށި ކުއްޔަށް ދޫކޮށްފައިވާ ކަމަށް އިންނަފުށި މެރިން ރިސަރޗުން ތުހުމަތު ކުރެއެވެ. އެގޮތުން، ދައުލަތާއި އިންނަފުށި މެރިން ރިސާރޗްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އދ. އިންނަފުށި އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާކަމުގެ ލިޔުން ހިފައިގެން ބަޔަކު އދ. އިންނަފުއްޓަށް ޒިޔާރަތްކޮށް އިންނަފުށި މެރިން ރިސާރޗްގެ މުދާތައް އެ ރަށުން ނެގުމަށް އަންގާފައިވާ ކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބުނެއެވެ. އެހެންކަމުން، 29 ޑިސެންބަރު 2014 ވަނަ ދުވަހު ދައުލަތުގެ ފަރާތުން އެ ފަރާތާއި އިންނަފުށި މެރިން ރިސާރޗްއާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުން އެދި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓު މަރުޙަލާ
6އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރުމުން އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ، އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން އެދިފައިވާ ފަދައިން ދައުލަތާއި އިންނަފުށި މެރިން ރިސާރޗްއާ ދެމެދު ވެފައި އޮތް "އދ. އިންނަފުށީގެ ބިމުން 3.5 ހެކްޓަރާއި، ރަށުގެ ފަޅުން
26.1 ހެކްޓަރުގެ ސަރަޙައްދު ކުއްޔަށްދިނުމުގެ އެއްބަސްވުން" 29 ޑިސެންބަރު 2014 ގައި މިނިސްޓްރީގެ ފަރާތުން ބާޠިލްކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
7ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
7.1 އެއްބަސްވުމުގެ ޖަދުވަލު 3 ގައިވާ ވޯކްޕްލޭންގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރަމުންދާއިރު އެ މަސައްކަތުގެ ތަފްސީލް ރިޕޯޓު މިނިސްޓްރީން ކަނޑައަޅާ ފޯމެޓެއްގައި ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ހުށަހަޅަންޖެހޭނެ ކަމަށް އެއްބަސްވުމުގެ 34.2 ވަނަ މާއްދާގައި ބަޔާންކޮށް، އެއްވެސް ސަބަބަކާ ހުރެ ޖަދުވަލު 3 ގައިވާ ވޯކްޕްލޭނާއި އެއްގޮތަށް މަޝްރޫޢުގެ ނުހިނގާނަމަ މަޝްރޫޢު ލަސްވާން ދިމާވާ ސަބަބު، އެ ސަބަބެއް ދިމާވާތީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭ ކަމަށާއި، މިނިސްޓްރީން ޤަބޫލުކުރެވޭފަދަ ސަބަބެއް މެދުވެރިވެގެން މަޝްރޫޢު ލަސްކުރަންޖެހޭނަމަ، މަޝްރޫޢު ލަސްކުރުމަށް ދެ ފަރާތް އެއްބަސްވާ މުއްދަތަކަށް ވޯކްޕްލޭން އިޞްލާޙުކުރަންޖެހޭނެ ކަމަށާއި، އިޞްލާޙުކުރެވުނު ވޯކްޕޭލޭނާ އެއްގޮތަށް މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ނުދާނަމަ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެއްބަސްވުމުގެ
34.5 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން.
7.2. އެއްބަސްވުމުގެ 34 އަދި 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ކުއްޔަށް ހިފާ ފަރާތުން ޚިލާފުވެފައިވާނަމަ، އެ ޚިލާފުވުމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ލިޔުމުން މިނިސްޓްރީން ކުއްޔަށް ހިފާ ފަރާތަށް ދޭންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ޚިލާފުވުމެއް ރަނގަޅުނުކޮށްފިނަމަ ނުވަތަ ކުއްޔަށް ހިފާ ފަރާތް އިފްލާސްވެއްޖެނަމަ، އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ އެހެން ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނަ ގޮތަށް އަދި އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެނަމަ ނޯޓިސް ދިނުމަށްފަހު، އެއްބަސްވުން ބާޠިލްކޮށް ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ރަށް ވަކިކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވާކަން އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން.
7.3. މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ 17 ނޮވެންބަރު 2014 ސިޓީއަށް ބެލުމުން، އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ވޯކްޕްލޭންއާ އެއްގޮތަށް ރަށުގައި މަސައްކަތް ކުރަމުން ނުދާކަން މިނިސްޓްރީއަށް ފާހަގަކުރެވޭތީ، ރަށުގައި ކުރަމުންދާ މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓު ފޮނުވުމަށް އަންގާފައިވީނަމަވެސް، އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން އެ ރިޕޯޓުތައް މިނިސްޓްރީއަށް ފޮނުވާފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވާކަމާއި، 29 އޮކްޓޫބަރު 2014 ގައި މިނިސްޓްރީގެ ޓީމަކުން ރަށް މޮނިޓަރކުރުމަށް ކުރި ދަތުރުގައި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ވޯކްޕްލޭންއާ އެއްގޮތަށް އެއްވެސް މަސައްކަތެއް ރަށުގައި ކޮށްފައި ނުވާކަން ފާހަގަކޮށްފައިވާތީ، 17 ނޮވެންބަރު 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްބަސްވުމާއި ވޯކްޕްލޭނާއި އެއްގޮތަށް ކުރަން ހުށަހަޅާފައިވާ މަސައްކަތްތައްކޮށް ނިންމުމަށާއި، ޕްރޮގްރެސް ރިޕޯޓު ޤަވާޢިދުން ފޮނުވުމަށް މިނިސްޓްރީން އަންގާފައިވާކަން އެނގެން އޮތްކަން.
ހައިކޯޓު މަރުޙަލާ
8އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔގާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަންބަރު 2019/HC-A/308 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
9ހައިކޯޓުން މައްސަލައިގެ ނިންމުން ބިނާކުރީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެއެވެ.
9.1 މައްސަލަ ދަށުކޯޓަށް ހުށަހެޅުނުއިރު ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމުގެ ޚުޞޫމާތު އުފައްދައި މައްސަލަ ހުށަހަޅާފައިވަނީ، އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ކަމުގައިވާއިރު، އަދި ދައުލަތުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން ތިންވަނަ ފަރާތަކުން ލިޔެކިޔުމާއެކު އދ. އިންނަފުއްޓަށް އަރާ ރަށް ހުސްކުރުމަށް އަންގާފައިވާ ކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބުނެފައިވާ ހިނދު، މިކަން ސާބިތުކުރުމަކީ އިންނަފުށި މެރިން ރިސާރޗްގެ މައްޗަށް އޮތް ޒިންމާއެއްކަން.
9.2 އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައިވާ ކަމަށް ބުނެ އިންނަފުށި މެރިން ރިސާރޗްއިން ހުށަހެޅި ވާޤިޢާއަށް ދައުލަތުން އިންކާރުކޮށްފައިނުވާތީ ދައުލަތުގެ ފަރާތުން އެކަމަށް އިޢުތިރާފުވެފައިވާ ކަމުގައި ބަލަންޖެހޭ ކަމަށް އިންނަފުށި މެރިން ރިސާރޗްއިން ފާހަގަކުރާއިރު، އިންނަފުށި މެރިން ފަރާތުން ދަށު ކޯޓުގައި ހުށަހެޅި ދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރު ކުރުމުގެ އިތުރަށް، ތިންވަނަ ފަރާތަށް ރަށް ކުއްޔަށް ދިންކަން ސާބިތުކުރުމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހެކި ޤަރީނާ ހުށަހަޅާފައި ނުވާކަން ދައުލަތުގެ ޖަވާބުގައި ފާހަގަކޮށްފައިވުމުން، އިންނަފުށި މެރިން ރިސާރޗްއިން ބުނާ ފަދައިން ދައުލަތުގެ ފަރާތުން ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިނުމާމެދު ވެފައިވާ އިއުތިރާފެއް ކަމުގައި ނުބެލެވޭކަން؛ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/308 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެއީ، އިންނަފުށި މެރިން ރިސާރޗްއާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމްއިން އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައި ކަމާއި، މިކަން ސާބިތުކޮށް ދިނުމަކީ އިންނަފުށި މެރިން ރިސާރޗްގެ ޒިންމާއެއް ކަމަށާއި ދައުލަތުން އެ ތުހުމަތައް އިންކާރުކޮށްފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސާބިތުކުރުމުގެ އުސޫލާއި، ތިމާ ބަސްބުނަންޖެހޭ މަޤާމެއްގައި ހުރެ ހަނުހުރުމަކީ އެކަމަށްވާ އިޢުތިރާފެއް ކަމަށް ބުނާ ޝަރުޢީ އުޞޫލާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިޢުތިރާފަކީ ނުވަތަ އިޤުރާރަކީ ޤަޠުޢީ ހުއްޖަތެއްކަމުގައާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 މީހުން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ވެސް ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
11މި ނުކުތާ ތަފްސީލު ކޮށްދެމުން އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބުނެފައިވަނީ، އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި އުފުލި ދަޢުވާއަށް ޖަވާބުދެމުން ދަޢުވާއަށް އިންކާރުކުރާ ކަމަށް ދައުލަތުން ބުނި ނަމަވެސް، ތިންވަނަ ފަރާތަށް ރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ދަޢުވާއަށް އިންކާރުކުރި މައިގަނޑު ސަބަބެއް ކަމުގައި މުޅި ޖަވާބު ފޯމަށް ބެލުމުން ފެންނަން އޮތީ، އެއްބަސްވުމާ ޚިލާފަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ޢަމަލުކޮށްފައި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ފަރާތުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމާއި، އެހެންކަމުން ދަޢުވާއަށް އިންކާރުކޮށްފައިވާ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ މުޅި ދަޢުވާގެ ހުރިހާ ވާޤިޢާތަކަށް އިންކާރުކޮށްފައި އޮތް އޮތުމެއް ކަމަށް ހައިކޯޓުން މާނަކޮށްފައިވަނީ ދަޢުވާއަށް އިންކާރުކޮށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން، ދައުލަތާއި އިންނަފުށި މެރިން ރިސާރޗްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިން ކަމަށް ކޮށްފައިވާ ތުހުމަތަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަފްޢު ސާބިތުކުރުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ.
12މީގެ އިތުރުން، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 139 ވަނަ މާއްދާގެ
(ހ) އާއި (ބ) އަށް ރިޢާޔަތްކުރާއިރު، ދަޢުވާގެ ތަފްސީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެއްބަސްވާ ކަންކަމާއި އިންކާރުކުރާ ކަންކަން ބަޔާންކުރުމަށް އޮންނަ ކަމަށާއި، ދަޢުވާގައި ހިމެނޭ ވަކި ކަމަކަށް އިންކާރުކޮށްފައިނުވާ ނަމަ ބެލެވޭނީ އެފަރާތުން އެކަންކަމަށް އެއްބަސްވީ ކަމަށް ކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބަޔާންކުރެއެވެ. އެހެންކަމުން ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިނުމާ ގުޅޭ ދަފްޢަށް އިންކާރު ކުރުމަކާ ނުލައި، އެކަން ސާބިތުކުރެވޭ ހެއްކެއް ޤަރީނާއެއް ހުށަހެޅިފައި ނެތް ކަމަށް ބުނާ ބުނުމަކީ އެ ދަފްޢުގެ މައްޗަށް އޮތް އިންކާރެއް ނޫންކަމާއި، އަދި އެއީ ދަފްޢުއާމެދު ދައުލަތުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ޙާލަތެއް ކަމާއި، އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ދަފްޢު ސާބިތުކުރުމަށް ހެކި ދެއްކުމުގެ ޒިންމާ އުފެދިގެން އަންނާނީ، ދައުލަތުން އެ ދަފްޢަށް އިންކާރު ކުރާ ހާލަތުގައިކަމުން، މި މައްސަލައިގައި ދައުލަތުގެ ފަރާތުން އެ ދަފްޢުއަށް އެއްވެސް އެއްޗެއް ބުނެފައިނުވުމުން "ވާހަކަ ނުދައްކާ މީހަކަށް ނުވަތަ ހަނުހުރި މީހަކަށް އެއްވެސް ވާހަކައެއް ނިސްބަތެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު، ޖަވާބުދާރީވެ ވާހަކަދައްކަންޖެހޭ ފަދަ މަޤާމެއްގައި ހަނުހުރުމަކީ އެކަމަށް ޤަބޫލުވުން" ކަމުގައި ބަޔާންކުރާ ޤާއިދާގެ ދަށުން ދައުލަތާ ދެކޮޅަށް ދަލީލު ލިބޭތީ، މިއީ ދައުލަތުގެ ފަރާތުން އެ ދަފްޢަށް އެއްބަސްވެފައިވާ ހާލަތެއް ކަމަށް ބަލަންޖެހޭކަމަށެވެ.
އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ދިން ޖަވާބު
13އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިންކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރި ނަމަވެސް، އެފަރާތުން އެފަދައިން ބުނާ ބުނުން ފިޔަވައި އެކަމަށް ބުރަދަންދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ހުށަހަޅާފައި ނެތުމުން، ހުށަހަޅާފައިވާ ފަދައިން ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިން ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އަދި ހައިކޯޓުން ވެސް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާއަށް ދައުލަތުން އިންކާރުކޮށްފައިވުމުގެ އިތުރުން، އިންނަފުށި މެރިން ރިސާރޗްއިން ހުށަހެޅި (ބަޔާންކުރެވުނު) ދަފްޢު ސާބިތުކުރުމަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީ، އެއީ ހިނގާފައިވާ މުޢާމަލާތެއް ކަމަށް ބެލެވިގެންވާނެ ޖާގައެއް ނެތް ކަމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ފުރަތަމަ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
14މީގެ އިތުރުން، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި، އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް އުފުލާ ފަރާތެއް ކަމަށް ބުނެފައި އޮތުމުން ދޭހަވާ މާނައަކީ، ކޯޓަކަށް ހުށަހެޅޭ މައްސަލަތަކުގައި ވަކި ފަރާތެއް ކުރިމަތިކުރާ ދަފްޢެއް ސާބިތުކުރުމަކީ، އެ ދަފްޢަށް އިންކާރުކުރުމުން ކުރަންޖެހޭ ކަމެއް ނޫންކަމާއި، އެހެން ނޫންނަމަ، އެ ޢިބާރާތް ސުޕްރީމް ކޯޓުން ޢިބާރާތްކުރާނީ "އެއް ޙަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢަކަށް އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތް އިންކާރު ކުރުމުން، އެ ދަފްޢު ކުރާ ފަރާތަކުންނެވެ" މިފަދަ ގޮތަކަށް ކަމާއި އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ޤަޟިއްޔާގައި ދަފްޢެއް ސާބިތުކުރުމަށް އެ ދަފްޢަށް އިންކާރުކުރުމާ ގުޅުވާލާފައި ނުވާ ކަމަށެވެ. އެހެންކަމުން، ބުނެވުނު ޤަޝިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ބެލުމުން ދަފްޢެއް ސާބިތުކުރުމަކީ އެ ދަފްޢެއް ކުރިމަތިކުރުވާ ފަރާތުގެ ޒިންމާއެއްކަން އެނގޭ ކަމަށެވެ. އެއާ ޚިލާފަށް، މި މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓަށްވެސް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބުނާ އެ ބުނުމަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ހާލަތުގައި، އެއީ ހަމަ ޙަޤީޤަތުގައިވެސް ކަންހިނގާފައިވާ ގޮތް ކަމަށް ފަނޑިޔާރަށް ކަނޑަނޭޅޭނެކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އަޙްމަދު ނާޝިދު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު މާނަކުރުމުގައި ޤާނޫނީ ކުށެއް ހެދިފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
15އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސުޕްރީމް ކޯޓުގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާކުރުމުގެ ޙައްޤު އެ ފަރާތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވީނަމަވެސް އެ ފަރުވާއަކީ ސިވިލް ކޯޓު އަދި ހައިކޯޓު މަރުޙަލާގައިވެސް އެފަރާތުން އެދިފައިވާ ފަރުވާއަކަށްނުވާތީ، ސުޕްރީމް ކޯޓުގެ ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށް ހަވާލާދީ، ސުޕްރީމް ކޯޓުގެ މަރުޙަލާގައި އިންނަފުށި މެރިން ރިސާރޗްއަށް އެފަދަ އައު ހުށަހެޅުމެއް ހުށަނޭޅޭނެކަމަށްވެސް ދައުލަތުން ފާހަގަކުރެއެވެ.
އިޖުރާއީ އިޢުތިރާޒާ
16ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަށް މައުޟޫޢީގޮތުން ޖަވާބުދާރީވުމުގެ ކުރިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ރޯމަން i އާ ޙަވާލާދީ، "އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް، 17 ސުޕްރީމް ކޯޓުގެ މި ޤަސިއްޔާ ބާޠިލްކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިވެއެވ.
17ދައުލަތުން ހުށަހެޅި މި އިޖުރާއީ އިޢުތިރާޒުގައި ފާހަގަކުރަނީ މައިގަނޑު ދެ ކަމެކެވެ. އެއީ:
(ހ) އިންނަފުށި މެރިން ރިސާރރޯއިން އެދިފައިވަނީ ޙުކުމް ބާޠިލް ކުރަންކަން ނުވަތަ ޙުކުމް އިސްލާހުކުރަންކަން ސާފުނުވުން؛ އަދި
(ށ) ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ފަދަ ޤާނޫނީ ސަބަބުތަކެއް އިންނަފުށި މެރިން ރިސާރރޯއަށް ބުނެދެވިފައި ނުވުން އަދި ޤާނޫނީ ބަހުސެއް ނެތުމެވެ.
18މި އިޖުރާއީ އިޢުތިރާޒުއާ ގުޅިގެން ފާހަގަކުރަންބޭނުންވާ ކަންކަން ފާހަގަކުރުމަށް މައްސަލައިގައި ހިމެނޭ ދެފަރާތަށް ފުރުސަތު ދިނުމަށްފަހު، 18 ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބާޠިލު°ކުރަންޖެހޭ ފަދަ ސަބަބެއް ހުށަހެޅިފައިވާ ކަމަށް ނުފެންނާތީ، މި މައްސަލަ މައުޟޫޢީގޮތުން ކުރިއަށް ގެންދިއުމަށް ނިންމުނުކަން 19 ފާހަގަކުރަމެވެ.
ގޮތްކަނޑައަޅަންޖެހޭ ކަންކަން
19މި މައްސަލައިގައި އިންނަފުށި މެރިން ރިސާރރޯގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި އެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތް ކުރާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއްކަނޑައަޅަން ޖެހެނީ:
(ހ) އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ފަރާތުން އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާ ކަމަށް އިންނަފުށި މެރިން ރިސާރރޯގެ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން، ދައުލަތުގެ ފަރާތުން މުޅި ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް، 17 ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ "އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދޭ ފޯމް" 29 ޑިސެންބަރު 2022 18 08 ފެބުރުވަރީ 2023 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުން. 19 ސުޕްރީމް ކޯޓުގެ "އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނިންމިގޮތް" 23 ފެބުރުވަރީ 2023 އެ ނުކުތާއަށް ވަކިން ދައުލަތުން އިންކާރުކޮށްފައި ނުވުމަކީ ސާބިތުކުރުމުގެ ބުރަ ދައުލަތުގެ މައްޗަށް ފުރޮޅޭ ޙާލަތެއްކަން ނުވަތަ ނޫންކަން؛ އަދި
(ށ) ދަށުކޯޓުގައި ނުއެދޭ ފަރުވާއަކަށް ސުޕްރީމް ކޯޓުގެ މަރުޙަލާގައި އެދެވިދާނެކަން ނުވަތަ ނޫންކަން؛ މި ދެ ނުކުތާގެ މައްޗަށެވެ. ވަކި ވަކި ވާޤިއާތަކަށް އިންކާރުކުރުމާއި ދަފްޢު ސާބިތުކުރުން
20މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 139 ވަނަ މާއްދާގެ (ހ) އާއި (ބ) އަށް ރިޢާޔަތްކުރާއިރު، ހުށަހަޅާފައިވާ ދަޢުވާގެ ތަފްސީލުގައިވާ ކަންކަމުގެ ތެރެއިން ދަޢުވާ ރައްދުވާ ފަރާތުން އެއްބަސްވާ ކަންކަމާއި އިންކާރުކުރާ ކަންކަން ބަޔާންކުރުމަށް އޮންނަ ކަމަށާއި، ދަޢުވާގައި ހިމެނޭ ވަކި ކަމަކަށް އިންކާރުކޮށްފައިނުވާނަމަ، އެ ޤާނޫނުގައިވާ ގޮތުން ދަޢުވާ ރައްދުވާ ފަރާތުން އެކަންކަމަށް އެއްބަސްވީ ކަމުގައި ބަލަންޖެހޭކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ފާހަގަކުރެއެވެ.
21HN5އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިންކަމަށް ދައުލަތުން އިންކާރުކޮށްފައި ނުވާކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާ ނަމަވެސް، އެ ނުކުތާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަން ފާހަގަކުރަމެވެ. އަދި ހަމަ އެއާއެކު، 17 ޖޫން 2019 ގައި މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރެވުނުއިރު މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައި ނުވާކަންވެސް ފާހަގަކުރަމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 16 ޖޫން 2022 ގައެވެ. އެހެންނަމަވެސް، 17 އޮކްޓޫބަރު 2022 ގައި މި މައްސަލަ ހައިކޯޓުން ނިންމެވިއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ.
22އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހަވާލާދީފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 139 ވަނަ މާއްދާގެ އިބާރާތް، އެ ކުންފުނީގެ ފަރާތުން ހަވާލާދީފައިވާ އަކުރުތައް ފާޅުކޮށް ފެންނަ ފަދައިން، ތިރީގައި ހިމަނަމެވެ.
(ހ) ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދިފާޢެއްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. (1) ދަޢުވާގެ ތަފްޞީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އިންކާރުކުރާ ކަންކަން؛ (2) ދަޢުވާގެ ތަފްޞީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އެއްބަސްވާ ކަންކަން؛ (3) ދަޢުވާގެ ތަފްޞީލުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދަޢުވާލިބޭ ފަރާތަށް އެއްބަސްވެވެން ނުވަތަ އިންކާރުކުރެވެން ނެތް، އެހެންނަމަވެސް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދިނުމަށް އެދޭ ކަންކަން.
(ށ) ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރުމާއެކު، އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތްކަމަށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދަޢުވާލިބޭ ފަރާތުން ދިފާޢެއް ހުށަހަޅާފައި ނެތްނަމަވެސް، ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ދަޢުވާލިބޭ ފަރާތުން ދެކޭގޮތް ބަޔާންކޮށްފައިވާނަމަ، އެކަންކަން އެފަރާތުން ސާބިތުކޮށްދޭންވާނެއެވެ.
(ރ) ފައިސާއާގުޅޭ ދަޢުވާއެއްނަމަ، އެ ފައިސާއަކީ އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށް ދަޢުވާލިބޭ ފަރާތުން ސީދާ އެއްބަސްވެފައިނުވާނަމަ، އެ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންވާނެއެވެ. (ኃ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން، ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމުގައި ހިމެނޭ ވަކި ކަމަކަށް އިންކާރުކޮށްފައިނުވާނަމަ ބަލާނީ އެފަރާތުން އެކަންކަމަށް އެއްބަސްވީ ކަމުގައެވެ.
(ޅ) ދަޢުވާކުރާ ފަރާތުން މި ޤާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ދައްކަންޖެހޭ ފައިސާގެ މިންވަރު ބަޔާންކުރާ ލިޔުމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އޭގެ ރައްދުގައި ދަޢުވާލިބޭ ފަރާތުން ތައްޔާރުކޮށްފައިވާ ފައިސާގެ ޢަދަދު ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ކ) ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުންނަމަ، އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.
(އ) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިނުވާނަމަ، ދަޢުވާގެ ދިފާޢު ހުށަހަޅާއިރު، ދަޢުވާލިބޭ ފަރާތަށް ކޯޓުން ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ބަޔާންކުރަންވާނެއެވެ.
23މި މައްސަލަ ހައިކޯޓުން ނިންމުމުގެ ކުރިއަށް މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާ ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ވަކިވަކި ވާޤިއާތަކަށް އިންކާރު ކުރުމާއި އެއްބަސްވުމާ ގުޅޭ ޤާނޫނީ އުސޫލަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން އެކޯޓުގެ ނިންމުމުން ފެންނަން އޮވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލައި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިނުމާގުޅިގެން ހުށަހަޅާފައިވާ ނުކުތާއަށް ރިޢާޔަތްކުރުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނީ އުޞޫލު ހައިކޯޓުން މި މައްސަލައިގައި ތަޠުބީޤުކުރަންޖެހޭ ކަމާމެދު ސުވާލު އުފެދެއެވެ.
24މި މައްސަލައިގައި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޅި ދަޢުވާއަށް ދައުލަތުން އިންކާރުކޮށްފައިވާ ނަމަވެސް، ތިންވަނަ ފަރާތަކަށް ދައުލަތުން ރަށް ކުއްޔަށް ދީފައިވާކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން އެ ނުކުތާއަށް ވަކިން ދައުލަތުން އިންކާރުކޮށްފައި ނުވާކަމަށެވެ. މި ޙާލަތުގައި ދައުލަތުގެ ފަރާތުން ހަނުހުރެފައިވާތީ، ތިމާ ބަސް ބުނަންޖެހޭ މަގާމެއްގައި ހުރެ ހަނުހުރުމަކީ އެ ކަމަށް ވާ އިޢުތިރާފެއް ކަމަށް ބުނާ ޝަރުޢީ އުޞޫލު ތަޠުބީޤުކުރުމުން، މިނުކުތާގައި ދައުލަތުގެ ފަރާތުން ވެފައިވަނީ އިޢުތިރާފެއްކަމަށް ބަލަންޖެހޭ ކަމަށް އިންނަފުށި މެރިން ރިސާރޒްގެ ފަރާތުން ބުނެއެވެ.
25މި ނުކުތާއާ ގުޅިގެން، މައްސަލަ ދަށުކޯޓަށް ހުށަހެޅުނުއިރު، ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުޞޫމާތް އުފައްދައި މައްސަލަ ހުށަހަޅާފައިވަނީ އިންނަފުށި މެރިން ރިސާރޒްގެ ފަރާތުންކަމާއި، އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން ރަށަށް ތިންވަނަ ފަރާތަކުން އަރާ ރަށް ހުސްކުރުމަށް އަންގާފައިވާކަމަށް އިންނަފުށި މެރިން ރިސާރޒްގެ ފަރާތުން ބުނާނަމަ، އެ ރަށަށް ބަޔަކު އެރިކަން ފަދަ ވާޤިއާއަކީ އިންނަފުށި މެރިން ރިސާރޒްގެ ފަރާތުން ސާބިތުކޮށްދޭންޖެހޭނެ ކަންކަން ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށް ދިންކަން ސާބިތުކުރުމަށް ހެކި ޤާރީނާ ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
26HN1HN2ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިން ފެށިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކެއްގައި ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރަ އަކީ ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި ހަމަ އެއާއެކު، ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލަ އަދި އެ ނޫން ނިންމުންތަކުގައި ފާހަގަކޮށްފައިވާ ފަދައިން، ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ، (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން އަދި، (2) ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން ހިމެނޭކަން ފާހަގަކުރަމެވެ.
27HN3HN4ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި އޮތްހިނދު، އެއްބަސްވުމުގެ މުއްދަތުގައި އދ. އިންނަފުށި ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައިވާ ކަމަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ބުނާ ބުނުން ފިޔަވައި، އެއީ ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަމެއްކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމަށްޓަކައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ސިވިލް ކޯޓަށް ހުށަހަޅާފައި ނުވެއެވެ. އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ހާލު، އެ ފަރާތުން ބުނާ ބުނުން ނަފީކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހެއްކެއް ހުށަހަޅަންޖެހޭކަމަށް ނުދެކެމެވެ. އެހެނީ، ދިފާޢީ ހެއްކަކީ ދަފްޢު އުފުލާ ފަރާތުން ޝަރީޢަތަށް ވަކި ވާޤިއާއެއް ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކި ނަފީކުރުމަށް ހުށަހަޅާ ހެއްކެއް ކަމުގައިވެފައި، ދަފްޢު އުފުލާ ފަރާތުން ވަކި ވާޤިއާއެއް ސާބިތުކުރުމަށް ހެއްކެއް ހުށަހަޅާފައި ނުވާނަމަ، އެވާޤިއާއަކީ އެކަމަށް އަނެއް ފަރާތުން އިންކާރުކުރާނަމަ، ސާބިތުކުރެވޭ ވާޤިއާއަކަށް ނުވާތީއެވެ. އަދި ދައުލަތުގެ ފަރާތުން ވަކިވަކި ވާޤިއާތަކަށް އިންކާރުކޮށްފައިވާ ކަމަށް ނުބަލާ ދައުލަތުގެ ފަރާތުން އިންކާރުކޮށްފައިވަނީ މުޅި ދަޢުވާއަށް ކަމުގައި ބަލާ ހާލަތުގައިވެސް، ބުނާ ބުނުމަކީ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތަތީއެވެ.
28އެހެންކަމުން، ބަޔާންކުރެވުނު (މި ރައުޔުގެ 26 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ) ޤާނޫނީ އުސޫލުތަކުގެ އަލީގައި، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ އުސޫލަކާ ޚިލާފުވާ ކަމުގައި ބެލެވޭނެ ތަނެއް ނެތް ކަމަށް އަހުރެން ދެކެމެވެ. ދަށު މަރުޙަލާތަކުގައި ނުއެދޭ ފަރުވާއަށް ސުޕްރީމް ކޯޓުގައި އެދުމާގުޅޭ
29HN6އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގެ ތެރެއިން އިންނަފުށި މެރިން ރިސާރޗްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާ ހިނދު، މިއީ ދަށުކޯޓުގައާއި ހައިކޯޓުގައި އެ ކުންފުނީގެ ފަރާތުން އެއްވެސް ސިފައެއްގައި އެދިފައިވާ ކަމެއް ނޫންކަން އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ އިން، އަދި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުން ސާފުކޮށް ފެންނާން އޮވެއެވެ.
30އެހެންކަމުން، މި މައްސަލައިގައި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން އެދުނު އައު ހުށަހެޅުން ބަލައިގަންނަންޖެހޭފަދަ ޚާއްސަ ޙާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމަށްޓަކައި، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން އެ ކުންފުނީގެ ފަރާތުން ބުނެފައިވަނީ، ފަހުގެ ނިންމުންތަކުގެ ރެސް ޖުޑިކާޓާއާ ގުޅޭގޮތުން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން، އެ ކުންފުނީގެ ފަރާތުން "ހަމަ ސްޕެސިފިކް ވާން ބޭނުންވީ" ކަމަށެވެ. މިފަދައިން ފާހަގަކުރުމުގެ އިތުރަށް އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން މި ނުކުތާއާ ގުޅިގެން އިތުރު އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާކަން ފެންނާން ނެތެވެ.
31ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ އަލީގައި، ފުރަތަމަ މަރުޙަލާގައާއި ހައިކޯޓަށް ހުށަހަޅާފައި ނުވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލުތައް މިކޯޓުން ކަނޑައަޅާފައިވެއެވެ. މި ނުކުތާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް ބަލާއިރު:
(ހ) އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގައި ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި އުންސުރުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫން ކަމުގައި ކަނޑައަޅާފައިވެއެވެ.
(ށ) މަޙުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް [2021] SC 109] މައްސަލައިގައި، އިސްތިސްނާ ޙާލަތެއްގައި މެނުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިސަލާކުރާނީ ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައާއި، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް ސުޕްރީމް ކޯޓުގެ މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއް ކަމުގައި ކަނޑައަޅާފައިވެއެވެ.
(ނ) ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021] ޤަޟިއްޔާގައި، ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލުން، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުޙަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށް ވާންޖެހޭ ނަމަވެސް، ވަރަށް އިސްތިސްނާ ހާލަތެއްގައި ދަށު މަރުޙަލާތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅޭނީ އިންސާފަށް ވާސިލުވުމަށްޓަކައި ކަމުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން: (1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ؛ ނުވަތަ (2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ؛ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް ނެތް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ފަދައިން ހުށަހަޅާ އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށުކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ.
(ރ) އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި، އާންމު އުސޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައި ވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަމުގައާއި، މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެކަމުގައި ކަނޑައަޅާފައިވެއެވެ. (1) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Non-availability)؛ (2) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Relevance)؛ އަދި (3) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Credibility).
32އެހެންކަމުން، އިސްވެ ބަޔާންކުރި އުސޫލުތަކުގެ އަލީގައި އިންނަފުށި މެރިން ރިސާރޗްގެ ފަރާތުން ހުށަހެޅި ބުނެވުނު ހުށަހެޅުމަށް ބަލާއިރު، ދަށު ކޯޓަށް އަދި ހައިކޯޓަށް ހުށަހެޅުމެއްނެތި އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އައު ނުކުތާ ބަލައިގަންނަންޖެހޭ ފަދަ (ކަޕޫރުﷲ މައްސަލައިގައި ބަޔާންކޮށްފައިވާ) ސަބަބެއް ނުވަތަ (އާމިނަތު ނާޒްލީ މައްސަލައިގައި ބަޔާންކޮށްފައިވާ) ހާއްޞަ ޙާލަތެއް ވުޖޫދުވެފައިވާކަން އިންނަފުށި މެރިން ރިސާރޗްއަށް ބުނެދެވިފައި ނުވާތީ، ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އިންނަފުށި މެރިން ރިސާރޗްއަށް ލިބިގެންވާ ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައެޅޭނެ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
33އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/308 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
34މި މައްސަލައިގައ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
35މި މައްސަލައިގައ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/308 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0300/2012
- ނަންބަރު B-30/2011/05 "އދ. އިންނަފުށީގެ ބިމުން 3.5 ހެކްޓަރާއި ރަށުގެ ފަޅުން 26.1 ހެކްޓަރުގެ ސަރަޙައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުން" (15 ސެޕްޓެންބަރު 2011)
- ނަންބަރު 30-E/PRIV/2013/18(AGR) "އދ. އިންނަފުށި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތަށް ލިބިފައިވާ އެންމެހާ ޙައްޤުތައް އިންނަފުށި ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކުރުމުގެ އެއްބަސްވުން"
- މިކަން ފާހަގަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު 30-B/PRIV/2014/139 (12 މާރޗް 2014) ސިޓީ އާއި ނަންބަރު 30-B/PRIV/2014/579 (20 އޮގަސްޓް 2014) ސިޓީއަށް ހަވާލާދީއެވެ.
- މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު 30-G/INDIV/2014/1658 (17 ނޮވެންބަރު 2014)
- މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު 30-E/PRIV/2014/1046 (29 ޑިސެންބަރު 2014) މި ސިޓީގައި މިނިސްޓްރީގެ ނަންބަރު 30-E/PRIV/2014/1033 (28 ޑިސެންބަރު 2014) ސިޓީއަށް ހަވާލާދީފައިވެއެވެ.
- އބމ 3 ގައި ހަވާލާދީފައިވާ ޑީޑް އޮފް އެސައިމެންޓް ސޮއިކުރުމަށްފަހު، އެއްބަސްވުމުގައި ހަވާލާދޭ ކުއްޔަށް ހިފި ފަރާތަކީ އިންނަފުށި މެރިން ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑެވެ.
- އބމ 5
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- 04 ޑިސެންބަރު 2016 ގައި ދައުލަތުން ސިވިލް ކޯޓަށްދީފައިވާ ބަޔާނުގެ 3.1 ނުކުތާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- އބމ
- އބމ
- ސުޕްރީމް ކޯޓުގެ 2020/SC-A/71 ޤަޝިއްޔާ
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ)
- މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާ) އާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ) އާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ) އަދި މިނޫންވެސް މައްސަލަތައް.
- Burden of proof
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ.ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22 (ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/15) އަދި އަޙްމަދު ރީޙާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް [2024] SC 52 (ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/95 ޤަޟިއްޔާ)
- Burden of production
- Burden of persuasion
- އިންނަފުށި މެރިން ރިސަރޗްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" (ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ސޮޕްޓް ކޮފީ) ސަފުހާ 12-16).
- އިންނަފުށި މެރިން ރިސަރަޗްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް" (ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ސޮޕްޓް ކޮފީ) ސަފުހާ 43-50).
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/99 ޤަސިއްޔާއާ ގުޅިގެން 8 ފެބްރުއަރީ 2022 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިންނަފުށި މެރިން ރިސަރޗްގެ ވަކީލު ދައްކާފައިވާ ވާހަކަ، ސަފުހާ 13
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޝިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޝިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޝިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޝިއްޔާ
- އިބަމ 33
- އބމ 34
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 139 ވަނަ މާއްދާގެ (ހ) އާއި (ބ)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) (ދައުލަތުގެ އިޖުރާއީ އިޢުތިރާޟް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2010/SC-A/02)
- މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (2011/SC-A/48)
- އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/28)
- ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53)
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22 (2021/SC-A/15)
- އަޙްމަދު ރީޙާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް [2024] SC 52 (2022/SC-A/95)
- އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ (ސުޕްރީމް ކޯޓުގެ ޤަޟިއްޔާ؛ ނަންބަރު ޔަޤީން ނޫން، 2021/SC-A/27 ކަމަށް ވެދާނެ)
- މަޙުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް [2021] SC 109 (2021/SC-A/21)
- ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 (2019/SC-A/57)
- އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2013/SC-A/20)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.