ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/02ސުޕްރީމް ކޯޓު · 6 ޖުލައި 2011 · މަދަނީ – ފައިސާ ހޯދުން (ޘާބިތުކުރުމުގެ ބުރައާއި ހުވާ)

އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ޖުލައި 2011ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން (2008/MC/1601) ދަޢުވާކުރި ފަރާތަށް 'އަލްޔަމީން މަޢައް ޝާހިދު' ގެ އުޞޫލުން ހުވާ އަރުވައި، އެދިފައިވާ ގޮތަށް ފައިސާ ދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ދަޢުވާލިބުނު ފަރާތުން ބުނީ އިލްތިމާސްކުރި ފަރާތު އަނބުރާ ދައްކާގޮތަށް 2005 ގައި 77,821 ޑޮލަރު ނަގައި، ދެފަރާތް ސޮއިކުރި އެއްބަސްވުމެއްގައި ގެރެންޓީ ޗެކެއް ދިން ކަމަށާއި، އޭގެތެރެއިން 250,000 ރުފިޔާ ފިޔަވައި ބާކީ ނުދައްކާ ކަމަށެވެ. އިލްތިމާސްކުރި ފަރާތުން އެ ޢަދަދު ލިބުނުކަން އިންކާރުކޮށް، އިތުރު ފައިސާއެއް ޗެކަކުން ދެއްކިކަމަށް ބުނެ ބޭންކު ސިޓީއެއް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔެކިޔުމާއި ޗެކުން ދެއްކި ފައިސާއާ ގުޅޭ ދަރަނީގެ ދަޢުވާއެއްގައި ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކާކުތޯއާއި، ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދިނުމާއި، 'އަލްޔަމީނުލް މުތައްމިމާ' އާއި 'އަލްޔަމީނުލް ޙާސިމާ' ގެ ތަފާތާ ގުޅޭގޮތުން ހައިކޯޓުން ޤާނޫނު ޞައްޙަކޮށް ތަޠްބީޤުކޮށްފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ ފައިސާ ނުލިބޭކަން ސާބިތުކުރުމަށް ހެކިބަސް ހުށަހަޅަން ހައިކޯޓުން ފުރުޞަތު ނުދިން ކަމަށާއި، ޗެކުން ދެއްކި އިތުރު ފައިސާ ދަޢުވާއިން ނުކެނޑުނު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދިފާޢީ ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދިނުމާއި، ދަރަނީގެ މުއްދަތުގެ ތެރޭގައި ޗެކަކުން ދެއްކި ފައިސާއަކީ އެހެން މުޢާމަލާތަކަށް ދެއްކި ފައިސާކަން ސާބިތުކުރުމުގެ ބުރަ ދަރަނި ދިން ފަރާތުގެ މައްޗަށް ނުލުމުން، ހައިކޯޓުން ދެ އަސާސީ ނުކުތާއެއްގައި ޤާނޫނު ޞައްޙަކޮށް ތަޠްބީޤުކޮށްފައި ނުވާތީ، ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ކަނޑައެޅުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2009/HC-A/161
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ އެހެން ފަނޑިޔާރުންގެ މަޖިލީހަކުން އަލުން ބެލުމަށް ހައިކޯޓަށް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ މައްސަލަތަކުގައި ޘާބިތު (الإثبات/Proof) ކުރުމަކީ އެއިން ޤާނޫނީ ނަތީޖާތަކެއް ޙާޞިލުކޮށްދޭ ޤާނޫނީ ވާޤިޢާ (fact) އެއް އޮތްކަމުގެ މައްޗަށް ޝަރީޢަތުގެ ކުރިމަތީގައި ޤާނޫނުގައި ކަނޑައެޅިފައިވާ ވަސީލަތްތަކުން ދަލީލު ޤާއިމުކުރުމެވެ. މަދަނީ ޙައްޤުތައް ޘާބިތުކުރުމަށް ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ ވަސީލަތްތަކުގެ އިތުރުން، އިސްލާމީ ޝަރީޢަތުން ހުއްދަކުރާ ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެ ވަސީލަތްތަކެވެ؛ އަދި ތަފާތު ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ، އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ތަޢާރުޟުނުވާ ޘާބިތުކުރުމުގެ ޤާނޫނީ ޢާންމު މަބްދައުތަކަށްވެސް ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ށ) އާއި، 42 ވަނަ މާއްދާގެ (ހ) އާއި، 68 ވަނަ މާއްދާގެ މަފްހޫމަށް ޖުމްލަކޮށް ބެލުމުން އެނގެއެވެ.

ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫނެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތެވެ.

މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ޙައްޤު އަބަދަށްވެސް ޚަޞްމުންނަށް ލިބިގެންވާތީ، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި، ކޯޓުން ޚަޞްމުންނަށް ފަހިކޮށް ދޭންވާނެއެވެ؛ އަދި އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވެއެވެ. އެފަދަ ޙައްޤަކުން ޚަޞްމަކު މަޙްރޫމްކުރުމަކީ ސުޕްރީމްކޯޓުގައި މައްސަލަ ނަޤްޟު ކުރެވިދާނެ ޤާނޫނީ ސަބަބެކެވެ.

ޚަޞްމުންނަށް ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު ދެވި، ޝަރީޢަތުގެ މަޖިލީހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެތެރޭގައި ހިމެނޭ، ސުޕްރީމް ކޯޓުގެ ރަޤާބާއިން ބޭރުގައި ވާކަމެކެވެ.

މަދަނީ މުޢާމަލާތްތައް ޘާބިތުކުރުމުގެ ވަސީލަތްތަކުގެތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު (written instrument) އެވެ. މުޢާމަލާތުގެ ބައިވެރިންގެމެދުގައި އެ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކައި އެކުލަވާލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ޙުއްޖަތް ޤާއިމުކުރެވޭ އެއްޗެކެވެ؛ ފުރަތަމަ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތެވެ. ދެވަނަ ޙުއްޖަތަކީ އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު (Facts) ތަކަކީ އޭގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތެވެ. ދެފަރާތް ސޮއިކޮށްފައިވާ ކިތާބީ މުސްތަނަދެއް އޮތުމަކީ އޭގެ ޒާތުގައި، އެ މުސްތަނަދުގައި ބަޔާންވެގެންވާ މުޢާމަލާތް އެގޮތަށް ހިނގާފައި ނުވާކަން ނުވަތަ އެއީ "ޞޫރީ" (pro forma) މުސްތަނަދެއްކަން ޘާބިތު ނުކުރެވޭފަދަ ޤަޠްޢީ ދަލީލެއް ނުވަތަ "ޤާނޫނީ ޤަރީނާއެއް" ނޫނެވެ.

ޢާންމު އުޞޫލެއްގެ ގޮތުން ކިތާބީ ދަލީލަކުން ޘާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ޘާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި އޮންނަ އޮތުމަކީ އިސްތިސްނާއެއް ނެތި އޮންނަ އުޞޫލެއް ނޫނެވެ. އެ ޚަޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ، ޘާބިތުކުރަން ބޭނުންވާ މައްސަލައާއި ގުޅޭ ލިޔުމަކީ، ޘާބިތުކުރުމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ މުސްތަނަދަކަށް ނުވާނަމަ، ފުރިހަމަ ކިތާބީ ދަލީލެއް ނޫންކަމުގައި ވިއަސް، އެފަދަ ފުރިހަމަނޫން ކިތާބީ ދަލީލަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ދަލީލެކެވެ.

އިސްލާމީ ފިޤްހުގައި "އަލް ބައްޔިނާ" (البينة) އަކީ ޙައްޤު ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ ކޮންމެ ވަސީލަތެކެވެ. ކިތާބީ ދަލީލުތަކާއި، ހެކިންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ "އަލް ބައްޔިނާ" ގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތަކެވެ. އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިންގެ ހެކިބަހުން ޘާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަހެވެ؛ (އެއް) ފިރިހެނެއްގެ ހެކިބަސް ނޫން އެހެން ދަލީލެއް ހުށަހެޅުމަށް ދަޢުވާކުރާފަރާތުން ނުކުޅެދި، ޚަޞްމު ދަޢުވާއަށް އިޤްރާރު ނުވާނަމަ، އެ އެކެއްގެ ހެކިބަހަކީ "އަލްޔަމީން މަޢައް ޝާހިދުލް ވާޙިދު" ގެ އަސާސްގެ ދަށުން ދަޢުވާކުރާފަރާތުގެ ހުވަޔާއި އެކު ފުރިހަމަކުރެވިދާނެ ދަލީލެކެވެ.

އުނި ދަލީލެއް ފުރިހަމަކުރުވަނިވި ހުވާ 'އަލް ޔަމީނުލް މުތައްމިމާ' (suppletory oath) އަކީ ޚަޞްމަކު ހުށަހަޅާ ދަލީލަކީ ދަޢުވާ ޘާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަމަށް ކޯޓަކަށް ފެނިއްޖެނަމަ، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްގެ ދަށުން އެރުވޭ ހުވައެކެވެ. 'އަލް ޔަމީނުލް ޙާސިމާ' (decisive oath) އަކީ ޚަޞްމުގެ އަތުގައި ދަޢުވާ ޘާބިތުކުރުމަށް ޤާނޫނުން ހުއްދަކުރާ ދަލީލެއް ނެތި، ޚަޞްމު ދަޢުވާއަށް އިޤްރާރު ނުވުމުން، ދަޢުވާއަށް އިންކާރުކުރާ ޚަޞްމުގެ ޟަމީރަށް މައްސަލަ ނިންމުމުގެ ފުރުޞަތު ދޫކޮށްލަމުން އަރުވާ ހުވައެކެވެ؛ އެއީ ދަޢުވާކުރާ ފަރާތުގެ ޙައްޤެއް ކަމުން، ދަޢުވާކުރާ ފަރާތުގެ އެދުމުގެ މަތިން މެނުވީ ފަނޑިޔާރަށް ދަޢުވާއާ އިންކާރުކުރާ ފަރާތަށް ހުވާ ނޭރުވޭނެއެވެ. 'އަލްޔަމީން މަޢައް ޝާހިދު' ގެ އުޞޫލުން ދަޢުވާކުރާ ފަރާތަށް އަރުވާ ހުވައަކީ 'އަލްޔަމީނުލް މުތައްމިމާ' ގެ މަފްހޫމަށް ފެތޭ ހުވައެއް ކަމުން، އެއީ ދިފާޢީ ދަޢުވާއަށް އިންކާރުކުރާ ފަރާތެއްގެ ޙައިޘިއްޔަތުން ލާޒިމުކުރާ އިންކާރުގެ ހުވައިކަމަށް ތަކްޔީފުކުރުމަކީ 'އަލްޔަމީނުލް ޙާސިމާ' ގެ މަފްހޫމާއި ޚިލާފު ތަކްޔީފެކެވެ.

ބޭންކް ޗެކަކީ މަދަނީ އަދި ތިޖާރީ މުޢާމަލާތްތަކާއި ގުޅިގެން ދަރަނި އަދާކުރުމުގެ ވަސީލަތެކެވެ. ދަރަނި ނެގި ތާރީޚާއި އަނބުރާ ދައްކަން އެއްބަސްވި ތާރީޚާ ދެމެދު ދަރަނިވެރިޔާ ދަރަނި ދިން ފަރާތަށް ޗެކަކުން ފައިސާ ދައްކާފައިވާކަން ޘާބިތުވެއްޖެނަމަ، "ޤަރީނަތުލް ބަރާއާ" ގެ އަސާސްގެ މަތިން އަޞްލަކަށް ވާންޖެހޭނީ ދެފަރާތުގެ ދެމެދުގައި އެހެން މުޢާމަލާތެއް ހިނގާފައި ނެތުމެވެ؛ އެ ފައިސާ ދައްކާފައިވަނީ އެހެން މުޢާމަލާތަކާ ގުޅިގެންކަމަށް ދަރަނި ދިން ފަރާތުން ދަޢުވާކުރާނަމަ، އެކަން ޘާބިތުކޮށްދިނުމުގެ ބުރަ ޤާނޫނީގޮތުން އުފުލަންޖެހޭނީ އެ ފަރާތެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ

ފަނޑިޔާރުން

ބެންޗު
އަޙްމަދު ފާއިޒު ޙުސައިން، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާނު
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، މމ ޚާއްޞަ ދަފްތަރު 2788 ([…] )، އަޙްމަދު ނާޝިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ރ. ކަނދޮޅުދޫ، […] ([…] 1 ވަނަ ފަންގިފިލާ)، މުޙައްމަދު މުޞްޠަފާ އެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާ އަކީ، މަދަނީކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާ މމ ޚާއްޞަ ދަފްތަރު 2788 ([…] )، އަޙްމަދު ނާޝިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ޘާބިތުކުރުމުގައި ޢަމަލުކުރާ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މި މައްސަލައަކީ މމ ޚާއްޞަ ދަފްތަރު 2788 ([…] )، އަޙްމަދު ނާޝިދު އަނބުރާދައްކާގޮތަށް ރ.ކަނދޮޅުދޫ، […] މުޙައްމަދު މުޞްޠަފާ އަތުން ނަގާފައިވާ US$77,821.00 ( ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ގެ ތެރެއިން އަޙްމަދު ނާޝިދު އަނބުރާ ދައްކާފައިވާ 250,000.00ރ. (ދުއިސައްތަ ފަންސާސް ހާސް ރުފިޔާ) އުނިކުރުމަށްފަހު ބާކީހުރި ފައިސާ ދިވެހިރުފިޔާއަށް ބަދަލުކުރުމުން ޖެހޭ 749999.85ރ. (ހަތްލައްކަ ސާޅީސް ނުވަހާސް ނުވަސަތޭކަ ނުވަދިހަނުވަ ރުފިޔާ އަށްޑިހަފަސް ލާރި) ލިބިދިނުމަށް އެދި އަޙްމަދު ނާޝިދުގެ މައްޗަށް މުޙައްމަދު މުޞްޠަފާ މަދަނީ ކޯޓުގައި ދަޢުވާކުރުމުން އެކޯޓުން އެ މައްސަލަ ބަލައި މުޙައްމަދު މުޞްޠަފާ އެދިފައިވާ ގޮތަށް އޭނަގެ މަޞްލަޙަތަށް ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙްމަދު ނާޝިދުގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެކޯޓުން މަދަނީ ކޯޓުގެ ޙުކުމަށް ތާއީދުކޮށް ނިންމާފައިވާ މައްސަލައެއްކަން މަދަނީ ކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، މަދަނީ މައްސަލަތަކުގައި ޘާބިތު (الإثبات/Proof) ކުރުމަކީ އެއިން ޤާނޫނީ ނަތީޖާތަކެއް ޙާޞިލުކޮށްދޭ ޤާނޫނީ ވާޤިޢާ (fact) އެއް އޮތްކަމުގެ މައްޗަށް ޝަރީޢަތުގެ ކުރިމަތީގައި ޤާނޫނުގައި ކަނޑައެޅިފައިވާ ވަސީލަތްތަކުން ދަލީލު ޤާއިމުކުރުން ކަމުގައި ވީހިނދު، މަދަނީ ޙައްޤުތައް ޡާބިތުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ ވަސީލަތްތަކުގެ އިތުރުން، އިސްލާމީ ޝަރީޢަތުން ހުއްދަކުރާ ޡާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުގައި، ރިޢާޔަތްކުރަންވާނެ ވަސީލަތްތައްކަން ބުނެވިދިޔަ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ މަފްހޫމުން އެނގެން އޮންނައިރު، ތަފާތު ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ތަޢާރުޟުނުވާ ޡާބިތުކުރުމުގެ ޤާނޫނީ ޢާންމު މަބްދައުތަކަށްވެސް ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ށ) އާއި، 42 ވަނަ މާއްދާގެ (ހ) އާއި، އަދި 68 ވަނަ މާއްދާގެ މަފްހޫމަށް ޖުމްލަކޮށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޡާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޡާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޡާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، މިގޮތުން ޘާބިތުކުރުމުގެ ޙައްޤު އަބަދަށްވެސް ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށް ދޭންވާނެކަމާއި، އަދި ހަމަ އެމޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޡާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، ބުނެވިދިޔަފަދަ ޙައްޤަކުން ޚަޞްމަކު މަޙްރޫމްކުރުމަކީ ސުޕްރީމްކޯޓުގައި މައްސަލަ ނަޤްޟު ކުރެވިދާނެ ޤާނޫނީ ސަބަބެއްކަމާއި، އެހެންނަމަވެސް ދަޢުވާގެ ޚަޞްމުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު ދެވި، ޝަރީޢަތުގެ މަޖިލީހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެތެރޭގައި ހިމެނޭ ސުޕްރީމް ކޯޓުގެ ރަޤާބާއިން ބޭރުގައި ވާކަމެއްކަން ދުނިޔޭގެ ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޘާބިތުކުރުމުގެ އުޞޫލުތަކަށާއި މަދަނީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގޭކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މަދަނީ މުޢާމަލާތްތައް ޡާބިތުކުރުމުގެ ވަސީލަތްތަކުގެތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު (written instrument) ކަމާއި، މިފަދަ މުސްތަނަދުތަކުގެ ތެރެއިން މުޢާމަލާތުގެ ބައިވެރިންގެމެދުގައި އެ މުޢާމަލާތެއް ޡާބިތުކުރުމަށްޓަކާ އެކުލަވާލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ޙުއްޖަތް ޤާއިމުކުރެވޭ އެއްޗެއްކަމާއި، ފުރަތަމަ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތްކަމާއި، ދެވަނަ ޙުއްޖަތަކީ އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު (Facts) ތަކަކީ އޭގެ އިދިކޮޅު ޡާބިތު ނުކޮށްދެވޭހާހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، އިސްވެދިޔަގޮތުގެ މަތިން ޚަޞްމުންގެ މެދުގައި މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކާ އެކުލަވާލެވޭ ޚާއްޞަ ކިތާބީ މުސްތަނަދަކީ ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ކިތާބީ ދަލީލު (documentary evidence) ތަކުގެ ތެރޭގައި ހިމެނޭ ދަލީލު ކަމާއި، ޢާންމު އުޞޫލެއްގެ ގޮތުން އެފަދަ ކިތާބީ ދަލީލަކުން ޡާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ޡާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި އޮންނަ އޮތުމަކީ އިސްތިސްނާއެއް ނެތި އޮންނަ އުޞޫލެއް ނޫންކަމާއި، މިގޮތުން އެ ޚަޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ، ޡާބިތުކުރަން ބޭނުންވާ މައްސަލައާއި ގުޅޭ ލިޔުމަކީ- ޡާބިތުކުރުމަށްޓަކާ އެކުލަވާލެވޭ ޚާއްޞަ މުސްތަނަދަކަށް ނުވާނަމަ- އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލެއް ނޫންކަމުގައި ވިއަސް، އެފަދަ ލިއުމަކުން ދަޢުވާގެ ޚަޞްމަކު ޡާބިތުކުރަން ބޭނުންވާ ކަމެއް ޡާބިތުވުމުގެ އިޙުތިމާލު އޮންނާތީ، އެފަދަ ފުރިހަމަނޫން ކިތާބީ ދަލީލަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން ކުރިއަރާފައިވާ ޖުރިސްޑިކްޝަންތަކުން ޢަމަލުކުރާ މަދަނީ މައްސަލަތައް ޡާބިތުކުރުމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، 15 އޯގަސްޓް 2007 ގެ ކުރިން އަނބުރާ ދައްކާގޮތަށް އަޙްމަދު ނާޝިދު، މމ ޚާއްޞަ ދަފްތަރު 2788 ([…] )، މުޙައްމަދު މުޞްޠަފާ ރ.ކަނދޮޅުދޫ، […] އަތުން 05 މެއި 2005 ގައި US$77,821.00 ( ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ނަގާފައިވާ ކަމާ، އަދި އެ ދަރަނި އަދާކުރުމުގެ ގެރެންޓީ އެއްގެ ގޮތުގައި 15 އޯގަސްޓް 2007 ގައި ފައިސާ ނެގޭގޮތަށް މުޙައްމަދު މުޞްޠަފާއާ ބޭންކް އޮފް ސިލޯނުގެ ނަންބަރު 0 505154 5 ޗެކް ޙަވާލުކޮށްފައިވާކަމަށް އެއްބަސްވެ އަޙްމަދު ނާޝިދުއާ މުޙައްމަދު މުޞްޠަފާ ސޮއިކޮށްފައިވާ "ފައިސާގެ މުޢާމަލާތު ކުރާ އެއްބަސްވުން"، މި ކިތާބީ މުސްތަނަދު މުޙައްމަދު މުޞްޠަފާގެ ފަރާތުން އިސްވެދިޔަ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓަށް ހުށަހެޅި ކިތާބީ ހެކި ނުވަތަ ދަލީލު ތަކުގެ ތެރޭގައި ހިމެނިފައި ވީއިރު، ބުނެވިދިޔަ ކިތާބީ މުސްތަނަދަކީ އަޙްމަދު ނާޝިދު ސޮއިކޮށްފައިވާ މުސްތަނަދެއްކަމަށް މަދަނީ ކޯޓުގައްޔާއި ހައިކޯޓުގައި އަޙްމަދު ނާޝިދު އިޤުރާރުވެފައި ވީނަމަވެސް، އެ މުސްތަނަދުގައި ހިމެނިފައިވާ ވަޤާއިޢުތަކުގެ ތެރެއިން US$77,821.00 ( ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) މި ޢަދަދަށް ފައިސާ އޭނައަށް މުޙައްމަދު މުޞްޠަފާގެ ފަރާތުން ލިބިފައިވާ ކަމާމެދު އަޙްމަދު ނާޝިދު މަދަނީ ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަ ކަމަކީ، އަޙްމަދު ނާޝިދު، މުޙައްމަދު މުޞްޠަފާ އަތުން US$77,821.00 (ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ނަގާފައިވާ ކަމަށް އެއްބަސްވެ އަޙްމަދު ނާޝިދުއާ މުޙައްމަދު މުޞްޠަފާ ސޮއިކޮށްފައިވާ ކިތާބީ މުސްތަނަދެއް އޮތުމަކީ އޭގެ ޒާތުގައި އެ މުސްތަނަދުގައި ބަޔާންވެގެންވާ މުޢާމަލާތް އޭގައި ބަޔާންވެގެންވާގޮތަށް ހިނގާފައި ނުވާކަން ނުވަތަ އެ މުސްތަނަދަކީ "ޞޫރީ" (pro forma) މުސްތަނަދެއްކަން ޡާބިތު ނުކުރެވޭފަދަ ޤަޠްޢީ ދަލީލެއް ނުވަތަ "ޤާނޫނީ ޤަރީނާއެއް" ނޫންކަން އެނގެން އޮންނަހިނދު، މަދަނީ ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެވިދިޔަ މުސްތަނަދުގައިވާ ޢަދަދަށް އަޙްމަދު ނާޝިދު، މުޙައްމަދު މުޞްޠަފާ އަތުން ފައިސާ ނަގާފައިވާކަމަށް އިންކާރުކުރަމުން ކުރި ދިފާޢުގައި، މުޙައްމަދު މުޞްޠަފާއަތުން އަޙްމަދު ނާޝިދަށް US$77,821.00 (ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ލިބިފައި ނުވާކަމަށާއި، އެހެންނަމަވެސް އޭނައަށް މުޙައްމަދު މުޞްޠަފާއަތުން ދެފަހަރެއްގެ މަތިން ލިބިފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 455672.00ރ. (ހަތަރުލައްކަ ފަންސާސް ފަސްހާސް ހަސަތޭކަ ހަތްދިހަ ދެރުފިޔާ) ކަމަށާ، އަދި އަޙްމަދު ނާޝިދުގެ މި ދިފާޢީ ދަޢުވާ ޡާބިތުކުރުމުގެ ގޮތުން މުޙައްމަދު މުޞްޠަފާގެ އަތުން ލިޔެފައިއޮތް ލިޔުމެއް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި ވާކަމަށާ، އަދި އެ ލިޔުމުގެ ޞައްޙަކަމާމެދު ހެކިބަސްދޭނެ ފަރާތެއް ހުށަހަޅައި އެފަރާތުގެ ހެކިބަސް ހޯދާދިނުމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާކަމަށާއި، ނަމަވެސް ހައިކޯޓުން އެ ހެކި ހުށަހެޅުމުގެ ފުރުޞަތު އަޙްމަދު ނާޝިދަށް ދީފައި ނުވާކަމަށް، އަޙްމަދު ނާޝިދު ބުނެފައިވާކަން އިސްވެދިޔަ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ އޮތުމެވެ.

(ވ) ނުވަވަނަ ކަމަކީ، އަޙްމަދު ނާޝިދު އަނބުރާދައްކާގޮތަށް މުޙައްމަދު މުޞްޠަފާ އަތުން ނަގާފައިވާ US$77,821.00 ( ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ގެ ތެރެއިން އަޙްމަދު ނާޝިދު އަނބުރާ ދައްކާފައިވަނީ ހަމައެކަނި 250,000.00ރ. (ދުއިސައްތަ ފަންސާސް ހާސް ރުފިޔާ) ކަން ޡާބިތުކުރުމަށްޓަކައި އަޙްމަދު ނާޝިދު އެޕްރޫވްކޮށް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 418300 ޗެކް އިން ފައިސާ ލިބުނުކަމަށް މުޙައްމަދު މުޞްޠަފާ ސޮއިކޮށްފައިވާ "ޕޭމަންޓް ވައުޗަރ" އެއް ކިތާބީ ދަލީލެއްގެ ގޮތުގައި މުޙައްމަދު މުޞްޠަފާ މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ބުނެވިދިޔަ 250,000.00 ރ. (ދުއިސައްތަ ފަންސާސް ހާސް ރުފިޔާ) ގެ އިތުރަށް ފައިސާ ދައްކާފައިވާކަން ސާބިތުކުރުމަށް ކިތާބީ މުސްތަނަދެއްގެ ގޮތުގައި އަޙުމަދު ނާޝިދު ހުށަހެޅި ބޭންކް އޮފް ސިލޯނުގެ 26 ނޮވެމްބަރު 2008 ގެ ސިޓީގައި، 19 އޮކްޓޯބަރ 2005 ގައި މުޙައްމަދު މުޞްޠަފާ އަށް ބޭންކް އޮފް ސިލޯނުގެ ނަންބަރު 845949 ޗެކުން ދޫކުރެވުނު ނަޤްދު ފައިސާ 147775.00ރ. (އެއްލައްކަ ސާޅީސް ހަތްހާސް ހަތްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އަކީ އަޙުމަދު ނާޝިދުގެ ބޭންކް އޮފް ސިލޯނުގެ 0-50155-4 ކަރެންޓް އެކައުންޓުން ޑެބިޓް ކުރެވުނު ފައިސާކަން ސާފުކޮށް އެނގެން އޮތްކަމުގައި ވީނަމަވެސް، އެފައިސާއަކީ އަޙުމަދު ނާޝިދު މުޙައްމަދު މުޞްޠަފާގެ އަތުން އަނބުރާދައްކާގޮތަށް ނެގި US$77,821.00 ( ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) ގެ މުޢާމަލާތާއި ގުޅިގެން ދެއްކި ފައިސާއެއްކަން އެނގެން ނެތްކަމަށް ކަނޑައަޅައި އިސްވެދިޔަ ބޭންކް އޮފް ސިލޯނުގެ ސިޓީ އަޙްމަދު ނާޝިދުގެ ދިފާޢީ ދަލީލެއްގެ ގޮތުގައި މަދަނީ ކޯޓުންނާއި ހައިކޯޓުން ބަލައިގެންފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

(މ) ދިހަވަނަ ކަމަކީ، އިސްލާމީ ފިޤްހުގައި "އަލް ބައްޔިނާ" (البينة) އަކީ ޙަޤީޤަތުގައި ޙައްޤު ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ ކޮންމެ ވަސީލަތެއް ކަމާއި، މިގޮތުން ކިތާބީ ދަލީލުތަކާއި، ހެކިންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ އިސްލާމީ ޝަރްޢުގައި ހުއްދަ، ޡާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ "އަލް ބައްޔިނާ" ގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތައް ކަމާއި، ހެކިންގެ ހެކިބަހުން ޡާބިތުކުރަން ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި ހެކިބަހުގެ ނިޞާބު އިސްލާމީ ފިޤްހުގައި ތަފާތުވާ ކަމާއި، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިންގެ ހެކިބަހުން ޡާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ކަމާއި، އެ ފަދަ މުޢާމަލާތްތައް ޡާބިތުކުރުމުގައި (އެއް) ފިރިހެނެއްގެ ހެކިބަސް ނޫން އެހެން ދަލީލެއް ހުށަހެޅުމަށް ދަޢުވާކުރާފަރާތުން ނުކުޅެދިގެންވާނަމަ އަދި ޚަޞްމު އޭނަގެ ދަޢުވާއަށް އިޤްރާރު ނުވާނަމަ، އިސްލާމީ ފިޤްހުގެ ޖުމްހޫރުންގެ އަރިހުގައި ބުނެވިދިޔަ އެކެއްގެ ހެކިބަހަކީ "އަލްޔަމީން މަޢައް ޝާހިދުލް ވާޙިދު" (اليَمِين مَعَ الشَّاهِد الوَاحِد) ގެ އަސާސްގެ ދަށުން، ދަޢުވާކުރާފަރާތުގެ ހުވަޔާއި އެކު ފުރިހަމަކުރެވިދާނެ ދަލީލެއްކަމާއި، މި އަސާސްގެ މައްޗަށް ޤިޔާސް ކުރާހިނދު އުނި ދަލީލެއް ފުރިހަމަކުރުވަނިވި ހުވާ ނުވަތަ 'އަލް ޔަމީނުލް މުތައްމިމާ' (suppletory oath) އަކީ ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޡާބިތުކުރުމުގެ ވަސީލަތެއްކަމާއި، މިގޮތުން ދަޢުވާއެއްގައި ޚަޞްމަކު ހުށަހަޅާ ދަލީލަކީ ދަޢުވާ ޘާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަމަށް ކޯޓަކަށް ފެނިއްޖެނަމަ އެ ދަލީލު ހުށަހެޅި ޚަޞްމުގެ ހުވަޔާއި އެެއްކޮށް އެ ދަލީލު ފުރިހަމަކުރުމުގެ އިޚްތިޔާރު އެ ކޯޓަކަށް ލިބިގެންވާކަން އެނގެން އޮންނައިރު، 'އަލް ޔަމީނުލް ޙާސިމާ" (decisive oath) އަކީ ޚަޞްމުގެ އަތުގައި އޭނަގެ ދަޢުވާ ޘާބިތުކުރުމަށް ޤާނޫނުން ހުއްދަކުރާ ދަލީލެއް ނެތުމުންނާއި، އަދި ޚަޞްމު އޭނަގެ ދަޢުވާއަށް އިޤްރާރު ނުވުމުން، ދަލީލު ނުދެއްކުނު ޚަޞްމު ދަޢުވާޔަށް އިންކާރުކުރާ ޚަޞްމުގެ ޟަމީރަށް އެ މައްސަލަ ނިންމުމުގެ ފުރުޞަތު ދޫކޮށްލަމުން އަރުވާ ހުވައެއްކަމާއި، މި މަބަދައަކީ އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެގެންވާ މަބަދައެއް ކަމާއި، އޭގެ އަޞްލަކީ އިސްލާމީ ޝަރީޢަތުގެ "އަލް ބައްޔިނަތު ޢަލަލް މުއްދަޢީ ވަލް ޔަމީން ޢަލަލް މުއްދަޢާ ޢަލައިހި" (البَيِّنَة عَلَي المُدَّعِي واليَمِين عَلَى المُدَّعَي عَلَيهِ) (ދަޢުވާކުރާ ފަރާތުގެ މައްޗަށް ވަނީ ބައްޔިނާ (ދަލީލު) އެވެ. އަދި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ވަނީ ހުވައެވެ.) މިފަދަ ނައްޞުތައްކަން އެނގެން އޮންނަކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، އިސްވެދިޔަ 'އަލްޔަމީނުލް މުތައްމިމާ' އާއި 'އަލް ޔަމީނުލް ޙާސިމާ' ގެ މަފްހޫމަށް ބަލާއިރު، އެ ދެ ހުވައިގެ ޢަނާޞިރުތައް ތަފާތުކަމާއި، 'އަލްޔަމީނުލް މުތައްމިމާ' އަކީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައިވާއިރު 'އަލް ޔަމީނުލް ޙާސިމާ' އަކީ ދަޢުވާކުރާ ފަރާތުގެ ޙައްޤެއްކަމާއި، އެހެންކަމުން ދަޢުވާކުރާ ފަރާތުގެ އެދުމުގެ މަތިން މެނުވީ ފަނޑިޔާރަށް ދަޢުވާއާ އިންކާރުކުރާ ފަރާތަށް ހުވާ ނޭރުވޭނެކަމާ، އަދި 'އަލްޔަމީނުލް މުތައްމިމާއަކީ ދަޢުވާ ޘާބިތުކުރުމަށް ހުރި ހެއްކާއި ދަލީލު ކާފީ ނޫންކަމަށް ފެނިއްޖެނަމަ އެރުވޭ ހުވަޔަކަށް ވީއިރު 'އަލްޔަމީނުލް ޙާސިމާ' އަކީ ދަޢުވާ ޡާބިތުކުރާނެ އެއްވެސް ދަލީލެއް ނެތުމުން އެރުވޭ ދަލީލެއްކަން އެނގެން އޮންނަކަމާއި، މިހެންކަމުން މަދަނީކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާ ގައި 'އަލްޔަމީން މަޢައް ޝާހިދު" ގެ އުޞޫލުން ދަޢުވާކުރާ ފަރާތްކަމުގައިވާ މުޙައްމަދު މުޞްޠަފާއަށް އަރުވާފައިވާ ހުވަޔަކީ އިސްވެ ބަޔާންވެގެންދިޔަ 'އަލްޔަމީނުލް މުތައްމިމާ" ގެ މަފްހޫމަށް ފެތޭ ހުވައެއްކަމުގައި ވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން މުޙައްމަދު މުޞްޠަފާގެ މައްޗަށް ލާޒިމްކުރުވި ހުވަޔަކީ "އަޙުމަދު ނާޝިދުގެ ދިފާޢީ ދަޢުވާއަށް އިންކާރު ކުރާފަރާތެއްގެ ޙައސިއްޔަތުން މުޙައްމަދު މުޞްޠަފާގެ މައްޗަށް ލާޒިމް ކުރެވެންޖެހޭ އިންކާރުގެ ހުވައި" ކަމަށް ޤާނޫނީގޮތުން ކޮށްފައިވާ ތަކްޔީފަކީ އިސްވެ ބަޔާންވެގެންދިޔަ ދަޢުވާއަށް އިންކާރުކުރާ ފަރާތަށް އަރާ ހުވައިކަމަށްވާ 'އަލްޔަމީނުލް ޙާސިމާ" ގެ މަފްހޫމާއި ޚިލާފަށް ކޮށްފައިވާ ތަކްޔީފެއްކަން ފާހަގަ ކުރެވިފައިވެއެވެ.

(ދ) ބާރަވަނަ ކަމަކީ، މަތީގައި ފާހަގަކުރެވުނު ކަންތައްތަކުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާއިން އިސްތިއުނާފުކުރެވުނު މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު ހައިކޯޓުގެ އެ މައްސަލަ ބެލި ޝަރީޢަތުގެ މަޖިލީހުން އަސާސީ ދެ ނުކުތާއެއްގައި ޤާނޫނު ތަޠްބީޤު ކޮށްފައިވަނީ ޞައްޙަގޮތަކަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައި ވާކަމެވެ؛

ފުރަތަމަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެތެރޭގައި ވާކަމެއްކަމުގައި ވީނަމަވެސް، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންނަށް ލިބިގެންވާ އެފަދަ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ޙައްޤު، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި، ޝަރީޢަތުން ޚަޞްމުންނަށް ލިބިދޭންވާނެކަން އެނގެން އޮންނަހިނދު، ބުނެވިދިޔަ އިސްތިއުނާފު ކުރެވުނު މައްސަލާގައި މުޙައްމަދު މުޞްޠަފާ، ރ.ކަނދޮޅުދޫ، […] އަތުން US$77,821.00 (ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޔޫއެސް ޑޮލަރު) މި ޢަދަދަށް ފައިސާ ނަގާފައި ނުވާކަމަށް ބުނެ އަޙްމަދު ނާޝިދު، މމ ޚާއްޞަ ދަފްތަރު 2788، ކުރި ދިފާޢީ ދަޢުވާ ޡާބިތުކުރުމަށްޓަކާ ހުށަހަޅަން އެދުނު ހެއްކާއި ދަލީލު ހުށަހެޅުމުގެ ފުރުޞަތު ނުދީ ހައިކޯޓުން މައްސަލާގައި ފައިޞިލާ ކޮށްފައި އޮންނަ އޮތުމުގައި ޤާނޫނު ތަޠްބީޤު ކޮށްފައިވަނީ ޞައްޙަގޮތަކަށް ނޫންކަން އެނގެން އޮންނަ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ އިސްވެދިޔަ އިސްތިއުނާފު ކުރެވުނު މައްސަލާގައި އަޙްމަދު ނާޝިދު އަނބުރާ ދައްކާގޮތަށް މުޙައްމަދު މުޞްޠަފާ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން، އަޙްމަދު ނާޝިދު އަނބުރާ ދައްކާފައިވަނީ ހަމައެކަނި 250,000.00 ރ. (ދުއިސައްތަ ފަންސާސް ހާސް ރުފިޔާ) ނޫންކަމާއި، އޭގެ އިތުރުންވެސް ފައިސާ ދައްކާފައިވާކަން ޡާބިތުކުރުމަށް ހުށަހެޅި ކިތާބީ ދަލީލު ކަމަށްވާ ބޭންކް އޮފް ސިލޯނުގެ 26 ނޮވެމްބަރު 2008 ގެސިޓީ އިން، އަޙްމަދު ނާޝިދު މުޙައްމަދު މުޞްޠަފާއަށް ބޭންކް އޮފްސިލޯނުގެ ނަންބަރު 845949 ޗެކުން 19 އޮކްޓޯބަރ 2005 ގައި 147775.00ރ. (އެއްލައްކަ ސާޅީސްހަތްހާސް ހަތްސަތޭކަ ހަތްދިހަފަސް ރުފިޔާ) ދައްކާފައިވާކަން އެނގެން އޮތްކަމުގައި ވިއަސް، އެ ފައިސާއަކީ ބުނެވިދިޔަ އިސްތިއުނާފީ މައްސަލައާއި ގުޅިގެން ދައްކާފައިވާ ފައިސާކަން އެނގެން ނެތުމުން އަޙްމަދު ނާޝިދު އިތުރަށް ފައިސާ ދެއްކިކަން ޡާބިތުވާނެ ދަލީލެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައި ވާއިރު، ބޭންކް ޗެކަކަކީ މަދަނީ އަދި ތިޖާރީ މުޢާމަލާތްތަކާއި ގުޅިގެން ދަރަނި އަދާކުރުމުގެ ވަސީލަތެއްކަން އެނގެން އޮވެފައި، އަހުމަދު ނާޝިދު އިތުރަށް ދެއްކިކަމަށް ޡާބިތުކުރާ ފައިސާ ދައްކާފައިވާ ތާރީޚު ކަމަށްވާ 19 އޮކްޓޯބަރ 2005 އަކީ މުޙައްމަދު މުޞްޠަފާ އަތުން އަޙްމަދު ނާޝިދު ފައިސާ ނަގާފައިވާ ތާރީޚާއި، އެފައިސާ އަނބުރާ ދައްކަން އެއްބަސްވެފައިވާ ތާރީޚާއި ދެމެދުގެ ތާރީޚެއްކަން އެނގެން އޮވެފައި، "ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ އަސާސްގެ މަތިން އަޞްލަކަށް ވާންޖެހޭނީ މުޙައްމަދު މުޞްޠަފާއާއި އަހްމަދު ނާޝިދުގެ ދެމެދުގައި އެހެން މުޢާމަލާތެއް ހިނގާފައި ނެތުން ކަމަށްވެފައި، އަޙްމަދު ނާޝިދު އިތުރަށް ދެއްކިކަމަށް ޡާބިތުވާ ފައިސާ ދައްކާފައިވަނީ އެހެން މުޢާމަލާތަކާއި ގުޅިގެންކަމަށް މުޙައްމަދު މުޞްޠަފާ ދަޢުވާކުރާނަމަ އެކަން ޡާބިތުކޮށްދިނުމުގެ ބުރަ އުފުލަން ޤާނޫނީގޮތުން ޖެހޭނީ މުޙައްމަދު މުޞްޠަފާކަން އެނގެން އޮންނަހިނދު، ހައިކޯޓުން އެ ޤާނޫނީ ނުކުތާއަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައި އޮންނަ އޮތުމަކީ ޡާބިތު ކުރުމުގެ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަވެފައިވާ ނުކުތާއެވެ.

3657606032500

ޙުކުމް

އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާކުރުމުގައި ބައެއް ވަޤާއިޢުތަކުގެ މައްޗަށް ޤާނޫނު ތަޠްބީޤް ކޮށްފައިވަނީ ޞައްޙަ ނޫންގޮތަކަށްކަން ދިވެހިރާއްޖޭގެ ސްޕުރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވިފައި ވާތީ، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC-A/2009 ޤަޟިއްޔާގައި ޙުކުމްކުރި ފަނޑިޔާރުންގެ މަޖިލީސް ނޫން އެހެން ފަނޑިޔާރުންގެ މަޖިލީހަކުން މަދަނީކޯޓުގެ ނަންބަރު 2008/MC/1601 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އަލުން ބެލުމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ