މުރުޝިދާ ޢަލީމަނިކު ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން 174/Cv-C-HD/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ނިންމީ ދަޢުވާ ޝަރީޢަތަށް ސާބިތު ނުވާ ކަމަށެވެ. އެ އެކައުންޓަކީ ލޯނު ދޫކުރި އެކައުންޓެއް ނޫން ކަމަށާއި، ޑެބިޓް އިންސްޓްރަކްޝަންސްގެ މައްޗަށް ފައިސާ އުނިކުރިކަން އެނގޭނެ ހިސާބު ބެލެހެއްޓި އެކައުންޓެއް ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވެއެވެ.
- ވާޤިޢާ
- އިސްތިއުނާފުކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ގޯއްޗެއް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ، އެފަރާތުގެ އެކައުންޓުން އުނިކޮށް ބޭންކް މެދުވެރިކޮށް ދެއްކުމަށް ޑެބިޓް އިންސްޓްރަކްޝަން ދީފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާއަކީ، އެފަރާތަށް ނޭނގި އެފަރާތުގެ ނަމުގައި ބޭންކުން މަކަރާއި ޙީލަތުން ލޯނު އެކައުންޓެއް ހުޅުވައި އެޗްޑީސީއަށް ލޯނެއް ދޫކުރި ކަމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކަސްޓަމަރަށް ނޭނގި ނުވަތަ ރުހުމެއްނެތި ކަސްޓަމަރުގެ ނަމުގައި ބޭންކުން ތިންވަނަ ފަރާތަކަށް ލޯނެއް ދޫކޮށްފައިނުވާ ކަމަށް ދަށުކޯޓުން ކަނޑައެޅުމުގައި ޤާނޫނީ ގޮތުން ގޯހެއް ވޭތޯ؛ އަދި ކަސްޓަމަރު ދިން ޑެބިޓް އިންސްޓްރަކްޝަންސްއާ އެއްގޮތަށް ބޭންކުން އެކައުންޓުން ފައިސާ އުނިކުރުމާއި އެކަމުގެ ހިސާބު ބެލެހެއްޓުމަށް އެކައުންޓެއް ހުޅުވުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ، ދިފާޢުގައި ކުރާ ދަޢުވާ ސާބިތުކުރުމުގެ ބުރަ ބޭންކަށް ނުޖައްސައި ދަށުކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފުވި ކަމަށާއި، ހުއްދަ ނެތި އެކައުންޓެއް ހުޅުވައި އިންޓްރެސްޓް ޗާރޖުކުރުމަކީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމަށެވެ. ބޭންކުން ބުނީ، ޑެބިޓް އިންސްޓްރަކްޝަނާ ޚިލާފަށް އެއްވެސް ފައިސާއެއް އުނިކޮށްފައި ނުވާ ކަމަށާއި، މަކަރާއި ޙީލަތް ސާބިތުކުރުމަކީ ދަޢުވާކުރި ފަރާތުގެ ޒިންމާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޑެބިޓް އިންސްޓްރަކްޝަންސްއާ ޚިލާފަށް ނުވަތަ އޭގެ އިތުރަށް ބޭންކުން ފައިސާ އުނިކުރިކަމުގެ ހެއްކެއް ހުށަހަޅާފައި ނުވާއިރު، އިންސްޓްރަކްޝަންސްގައި މަހުން މަހަށް ދައްކަންޖެހޭ ފައިސާއާއި އިންޓްރެސްޓާއި ޕީނަލް އިންޓްރެސްޓް އުނިކުރުމުގެ އިޙްތިޔާރު ދީފައިވާތީ ބޭންކުން ގޯހެއް ހަދާފައި ނުވާ ކަމަށާއި، ހިސާބު ބެލެހެއްޓުމަށް ހުޅުވި އެކައުންޓަކީ ލޯނު ދޫކުރުމެއް ނޫން ކަމަށް ބަލައި، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން އިއްތިފާޤުން ނިންމިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކަސްޓަމަރު ބޭންކަށް ދީފައިވާ އިންސްޓްރަކްޝަންސްގައި، މަހުންމަހަށް ދައްކަންޖެހޭ ފައިސާއާއި، އެ މުޢާމަލާތާ ގުޅިގެން އަރާ އިންޓްރެސްޓާއި، އަދި ޕީނަލް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް ޢަދަދެއް އަރާނަމަ އެ ޢަދަދެއްވެސް އުނިކުރުމުގެ އިޙްތިޔާރު ދީފައިވާކަން އެނގޭއިރު، އެގޮތުގެ މަތީން ފައިސާ އުނިކުރުމުގައި ބޭންކުން ހަދާފައިވާ ގޯހެއް ފާހަގައެއް ނުކުރެވެއެވެ.
HN2 ކަސްޓަމަރުގެ ޑެބިޓް އިންސްޓްރަކްޝަންސްގެ މައްޗަށް ފައިސާ އުނިކުރިކަން އެނގޭނެ ހިސާބު ބެލެހެއްޓި އެކައުންޓަކީ، ކަސްޓަމަރުގެ ނަމުގައި ތިންވަނަ ފަރާތަކަށް ލޯނެއް ދޫކުރި އެކައުންޓެއް ނޫނެވެ. އެގޮތުން ފައިސާގެ ހިސާބު ބެލެހެއްޓުމަކީ، ކަސްޓަމަރަށް ނޭނގި އެފަރާތުގެ ނަމުގައި ލޯނެއް ދޫކުރި ކުރުމެއް ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.
HN3 ދަށު ކޯޓުގެ ފަނޑިޔާރު ކަންކަން އެގޮތުގެ މަތީން ހުރިކަމަށް ކަނޑައަޅާފައިވާއިރު، މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކުން އެނޫންގޮތަކަށް އެކަން ދޭހަކުރެވޭނެ ޤާނޫނީ ހުއްޖަތެއް އިސްތިއުނާފުގައި ހުށަހެޅިފައިނުވާ ހިނދު، ދަށު ކޯޓުން ކަނޑައެޅުމުގައި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ފާހަގަ ނުކުރެވޭތީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުސައިން މަޒީދު، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު) · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ މާލެ، މުރުޝިދާ ޢަލީމަނިކު (މީގެ ފަހުން"އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުރުޝިދާ")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ބޭންކް އޮފް މޯލްޑިވްސް") ގެ މައްޗަށެވެ. ކަން ހިނގާފައިވާ ގޮތް:
2ހުޅުމާލެ ލޮޓް ނަންބަރު 10806 ގޯތި، ގަތުމަށްޓަކައި މުރުޝިދާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗްޑީސީ" ކަމަށް ބަޔާންކުރާ)އާ ދެމެދު 11 އެޕްރީލް 2010 ގައި ނަންބަރު HDC/LD/10/648އެއްބަސްވުމެއް ވެފައިވާ ކަމަށާއި 15 ޑިސެންބަރު 2016 ގައި އެ އެއްބަސްވުމަށް އިސްލާހު ގެނެވުނު ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް މުރުޝިދާ ދައްކަންޖެހޭ ފައިސާ ދައްކަމުން ދަނިކޮށް، ބޭންކް އޮފް މޯލްޑިވްސް އިން އެޗްޑީސީއާ ގުޅިގެން މުރުޝިދާގެ ނަމުގައި މަކަރާއި ޙީލަތުން ބޭންކް އޮފް މޯލްޑިވްސް ގައި ލޯނު އެކައުންޓެއް ހުޅުވައި، މުރުޝިދާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މުރުޝިދާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5,901,045.66ރ. (ފަސްމިލިއަން ނުވަލައްކަ އެއްހާސް ސާޅީސްފަސްރުފިޔާ ފަސްދޮޅަސް ހަލާރި) ހޯދުމަށާއި، ބޭންކް އޮފް މޯލްޑިވްސްއިން މުރުޝިދާގެ ނަމުގައި ލޯނު އެކައުންޓެއް ހުޅުވާފައިވާކަން ސާބިތުކުރުމަށް އެދި މުރުޝިދާގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރިއެވެ.
3ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާގައި ނިންމާފައިވަނީ މުރުޝިދާ ކުޅަ ދައުވާ ޝަރީޢަތަށް ސާބިތު ނުވާކަމަށެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
4ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުރުޝިދާގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
4.1 ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 02 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
4.2 ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ ނިންމާފައިވަނީ 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަކޮށްފައިވާ އިމުން ބޭރުންކަން ޝަރީޢަތަށް ހުށަހެޅުނު ކިތާބީ މުސްތަނަދުތަކުން ފެންނާން އޮތްއިރު އެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛ އަދި
4.3 ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ
5އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
5.1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ދަޢުވާގެ ދިފާޢުގައި ކުރާ ދަޢުވާ ސާބިތުކުރުމަކީ އެދަފުޢުއެއް ކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް ވާއިރު، މިމައްސަލައިގެ ދިފާޢުގެ ދަޢުވާ ސާބިތުކޮށްދިނުމަށް އެފަރާތުން ބުނާބުނުން ފިޔަވައި އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ހުށަހަޅާފައިނުވާ ކަމަށާއި، މުޅި ދަޢުވާ ސާބިތުކޮށްދޭންޖެހޭ ފަރާތަކީ ދަޢުވާކުރި ފަރާތްކަމަށް ބަލައި ދަށުކޯޓުން ޝަރީޢަތް ހިންގާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.
5.2 ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 9.4.1 ގައި އެ އެކައުންޓުން މުޅިންވެސް ކަނޑާފައިވަނީ ލޯނު ރީޕޭމަންޓް ފައިސާކަމަށް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އިރެއްގައި ލޯނެއް ނަގާފައިނުވާނެ ކަމަށާއި އަދި ލޯނު ރީޕޭމަންޓެއް ދައްކަންޖެހޭ ސަބަބެއް ވުޖޫދުވެފައިނުވާއިރު ލޯނު ރީޕޭމެންޓް ނަމުގައި އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އެއްވެސް ފައިސާއެއް އުނިކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
5.3 ބޭންކް އޮފް މޯލްޑިވްސްގެ މުރުޝިދާ ޢަލީމަނިކުގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 7718108475341 އެކައުންޓް ސްޓޭޓްމަންޓަށް ބަލާއިރު ބޭންކުން ޢާންމު އުޞޫލުން ދޫކުރާ ލޯނުތަކަށް އިންޓްރެސްޓް ޗާރޖު ކުރާ އުޞޫލުން 'އިންޓްރެސްޓް' ޗާރޖް ކޮށްފައި އޮންނަކަމާށާއި މިއީ އިސްތިއުނާފު ކުރާ ފަރާތަށް އެނގުމާއި އެނގުމާއި ފެނުމުގެ ބޭރުން އެފަރާތުގެ ހުއްދަ ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ. އެފަރާތުގެ ނޯ އޮބްޖެކްޝަން ސިޓީގައި ވެސް އެފަދަ ކަމަކަށް އެއްބަސްވެފައި ނުވާނެކަމަށެވެ. ނަމަވެސް މައްސަލަ ނިންމުމުގައި މިއިން އެއްވެސް ކަމަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ.
5.4 11 އެޕްރީލް 2010 ގައި އިސްތިއުނާފުކުރާ ފަރާތުން ބޭންކަށް ފޮނުވާފައިވާ ސިޓީން ހުއްދަ ދީފައިވަނީ ހަމައެކަނި އެފަރާތުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން ފައިސާ އުނިކުރުމަށް ކަމަށާއި އިތުރު އެކައުންޓެއް ހުޅުވުމަށް ހުއްދައެއް ދީފައި ނުވާއިރު އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި ގިނަ ދުވަސްތަކެއް ވަންދެން އެއިން މަންފާ ހޯދައިފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަކޮށްފައިވާ އިމުން ބޭރަށް އެޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.
5.5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/04 ޤަޟިއްޔާގައި މަދަނީ މަސްއޫލިއްޔަތަކާ ގުޅޭ ޢާންމު އުޞޫލުތަކަށް ބަލާއިރު، ޤާނޫނުގެ ނައްޞަކުން އުފެދޭ އިލްތިޒާމަކާ ބޭންކުން ޚިލާފު ވުމުގެ ސަބަބުން ކަސްޓަމަރަށް ލިބޭ ގެއްލުމަށް ބޭންކުން މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް ބަޔާންކުރާ ކަމަށާއި މިމައްސަލައިގައި ދަށުކޯޓަށް ހުށަހެޅުނު މިދަޢުވާއަކީ މަދަނީ ގެއްލުންތަކެއް ވެއްޖެކަމަށް ބަޔާންކޮށް ހުށަހެޅުނު ދަޢުވާއެއް ކަމަށާއި މިކަމުގެ ގެއްލުމުގެ ޒިންމާ ޙަޤީޤަތުގައި ވެސް އުފުލަންޖެހޭ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް
6އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމާއެކު މި މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ތަހުވީލުކޮށްދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދެއްކި ވާހަކަތަކުގެ ޚުލާސާ
7އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ޖުމްލަކޮށް އަންނަނިވި ކަންކަމެވެ.
7.1 އިސްތިއުނާފު ކުރާ ފަރާތާއި، އެޗްޑީސީ އާއެކު ސޮއިކޮށްފައިވާ މުޢާމަލާތާ ގުޅިގެން، އިސްތިއުނާފު ކުރާ ފަރާތުގެ ވަކި އެކައުންޓަކުން، ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ފައިސާ އުނިކޮށް، ކޮންމެ މަހަކުވެސް އެ ޢަދަދުގެ ފައިސާ އެޗްޑީސީއަށް ދެއްކުމަށް، ބޭންކަށް ލިޔުމުން އަންގާފައި (ޑެބިޓް އިންސްޓްރަކްޝަން) ވާކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން މިކަމަށް އިންކާރު ކޮށްފައެއްނުވާ ކަމަށާއި، އެލިއުމަކީ އިސްތިއުނާފު ކުރާ ފަރާތުން ސޮއިކޮށް ބޭންކަށް ފޮނުވާފައިވާ ލިޔުމެއް ކަމަށާއި ޑެބިޓް އިންސްޓްރަކްޝަން ދީފައިވާކަން ސާބިތު ކުރުމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހެކި ހުށަހަޅާފައިވާނެކަމަށާއި އެކައުންޓް އެފަރާތުން ދިން ޑެބިޓް އިންސްޓްރަކްޝަންގައި ދީފައި އޮތް އިންސްޓްރަކްޝަންއާ ޚިލާފަށް އެންމެ ލާރިއެއްވެސް އިތުރަށް އެފަރާތުގެ އެކައުންޓުން އުނިކޮށްފައެއް ނުވާނެ ކަމަށެވެ.
7.2 އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓުން އުނިކޮށްފައިވަނީ ލޭންޑް ޕަރޗޭސް ޓްރާންސެކްޝަންއާ ގުޅިގެން އެ ލޭންޑް ޕަރޗޭސް އެގްރީމަންޓާއި އެޓެޗްކޮށްފައި އޮތް ރީޕޭމަންޓް ޝެޑިއުލްގައި ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ކަމަށާއި އަދި އިސްތިއުނާފު ކުރާފަރާތުން ބޭންކް އޮފް މޯލްޑިވްސްގައި (އިސްތިޢުނާފު ރައްދުވާ ފަރާތް) ހުޅުވާފައިވާ އެއްވެސް އެކައުންޓަކުން އިސްތިއުނާފު ކުރާފަރާތުގެ ހުއްދަނެތި، ނުވަތަ އެފަރާތުން ހުއްދަ ދީފައިވާ ޢަދަދަކަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް އުނިކޮށްފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ނުވަތަ ދަޢުވާއެއްވެސް ކޮށްފައިނުވާ ކަމަށެވެ.
7.3 އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ނޭނގި އެފަރާތުގެ ނަމުގައި އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިވާ ކަމާއި އެ ލޯނަކީ މަކަރާއި ހީލަތުން ހުޅުވާފައިވާ ލޯނެއްކަމަށް ދަޢުވާގައި ފާހަގަކޮށްފައިވާއިރު އެކަން ސާބިތުކުރުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެއްކަމަށެވެ.
7.4 ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 26 ވަނަ މާއްދާގެ
(ހ) އާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވާ ކަމަށްބުނެ އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިނުވާ ކަމަށާއި އެހެންކަމުން އެއީ ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށެވެ.
7.5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/04 ޤަޟިއްޔާ މިމައްސަލައަށް ތަޠުބީޤުކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވަނީ ޤާނޫނީ ކޮން އިލްތިޒާމްއަކާ ކަމެއް އިސްތިއުނާފުގައި ބަޔާންކޮށްފައި ނުވާކަމަށާއި އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓު ކޮށްފައިވާ ދަޢުވާއަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނާއިރު އެކަން ސާބިތުކޮށްދެވުނަމަ ވެސް ބަދަލުގެ ގޮތުގައި ލިބޭނީ މަކަރާއި ހީލަތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
8އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އަދި އެ ޙުކުމަށް ތާޢީދުކޮށް މައްސަލަ ނިންމުމަށެވެ.
ފާހަގަކުރެވުނު ކަންކަން
9މި މައްސަލައިގައި އަހުރެންގެ ކުރިމަތީގައިއޮތް މައިގަނޑު ސުވާލަކީ، އިސްތިއުނާފު ކުރާ ފަރާތަށް ނޭނގި، ނުވަތަ ރުހުމެއްނެތި، އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިނުވާކަމަށް ދަށު ކޯޓުން ކަނޑައެޅުމުގައި، އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާފަދަ ޤާނޫނީ ގޮތުން ގޯހެއް ވޭތޯއެވެ.
10އިސްތިއުނާފު ކުރާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެކެވެ. އެގޮތުން އެފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސްގައި އޮވެއެވެ.
11މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން 11 އޭޕްރީލް 2010 ގައި ހުޅުމާލެއިން ގޯއްޗެއް ގަތުމަށްޓަކައި އެޗްޑީސީއާއެކު އެއްބަސްވުމެއްވިއެވެ. މި އެއްބަސްވުމަށް 15 ޑިސެންބަރު 2016 ގައި 1 ވަނަ އިސްލާހު ގެނެވުނުކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ އިސްލާހުގެ ޖަދުވަލު 3 އަށް ބަލާއިރު، އެ ޖަދުވަލުގައިވާ ތާވަލާ އެއްގޮތަށް އިސްތިއުނާފު ކުރާ ފަރާތުން އެޗްޑީސީއަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބޭނުންވެ، އިސްތިއުނާފު ކުރާ ފަރާތުގެ ޕަރސަނަލް އެކައުންޓުން ކެނޑޭގޮތަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސްގައި އެދިފައިވެއެވެ.
12އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ އަދި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ، އިސްތިއުނާފު ކުރާ ފަރާތަށް ނޭނގި އޭނާގެ ނަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ލޯނު އެކައުންޓެއް ހުޅުވައި، އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިވާ ކަމުގައެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިގަނޑު ޖަވާބަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި ލޯނު އެކައުންޓެއް ހުޅުވައި، އެހެން ފަރާތަކަށް ލޯނެއް ދޫކޮށްފައި ނުވާނެ ކަމަށާއި، ބޭންކުން ކޮށްފައިވާ ކަމަކީ، އިސްތިއުނާފު ކުރާ ފަރާތުގެ އިންސްޓްރަކްޝަންސްއާ އެއްގޮތަށް އެފަރާތުގެ އެކައުންޓުން އުނިކޮށް، އެފައިސާ އެޗްޑީސީއަށް ފޮނުވައިދިނުން ކަމުގައެވެ. އަދި މި މައްސަލައިގައި ލޯނު އެކައުންޓެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ އެކައުންޓަކީ، އިސްތިއުނާފު ރައްދުވާ ފަރާތާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އިސްތިއުނާފު ކުރާ ފަރާތުން އެޗްޑީސީއަށް ދައްކާ ފައިސާއާއި، ދެއްކިގޮތް އަދި މިންވަރު އެނގޭނެގޮތަށް ބަލަހައްޓަމުންދާ އެކައުންޓެއްކަމަށާއި، އެއީ ވަކި ލޯނު އެކައުންޓެއް ނޫންކަމަށާއި، އެއީ އެކައުންޓިންގގެ ބޭނުމަށް ބަލަހައްޓާ އެކައުންޓެއް ކަމަށެވެ.
14މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދަށު ކޯޓުގައިވެސް އަދި މި ކޯޓުގައިވެސް، އިސްތިއުނާފު ކުރާ ފަރާތުން އެފަރާތުގެ އެކައުންޓުން، އެފަރާތުން ދީފައިވާ ޑެބިޓް އިންސްޓްރަކްޝަންސްއާ ޚިލާފަށް ނުވަތަ އޭގެ އިތުރަށް ބޭންކުން އެއްވެސް މިންވަރެއް އުނިކޮށްފައިވާކަމަށް ދައްކުވައިދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.
15HN1މި މައްސަލައިގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓުން ފައިސާ ކެނޑިފައިވާކަމާއި، އަދި އިންޓްރެސްޓްގެ ގޮތުގައިވެސް ޢަދަދުތަކެއް އުނިކޮށްފައިވާކަން އެނގޭއިރު، އެފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ އިންސްޓްރަކްޝަންސްގައި، އެޗްޑީސީއަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާއާއި، އެ މުޢާމަލާތާ ގުޅިގެން އަރާ އިންޓްރެސްޓާއި، އަދި ޕީނަލް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް ޢަދަދެއް އަރާނަމަ އެ ޢަދަދެއްވެސް އުނިކުރުމުގެ އިޙްތިޔާރު ދީފައިވާކަން އެނގޭއިރު، އެގޮތުގެ މަތީން ފައިސާ އުނިކުރުމުގައި ބޭންކުން މި މައްސަލައިގައި ހަދާފައިވާ ގޯހެއް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
16HN2އަދި ދަށު ކޯޓުން މައްސަލަ ނިމުނުއިރު، ދަށު ކޯޓުގެ ފަނޑިޔާރުވެސް ފާހަގަކޮށްފައިވަނީ، އެ އެކައުންޓުން މުޅިންވެސް ކަނޑާފައިވަނީ، ލޯން ރީޕޭމެންޓުގެ ފައިސާކަން އެނގެން އޮންނަކަމުގައެވެ. އެހެންނަމަވެސް އެ އެކައުންޓަކީ، ދަޢުވާކުރާ ފަރާތުގެ ނަމުގައި އެޗްޑީސީއަށް ލޯނެއް ދޫކުރި އެކައުންޓެއް ނޫންކަމަށާއި، އެ އެކައުންޓަކީ ދަޢުވާކުރާ ފަރާތުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، އެފަރާތުން އެދިގެން، އެފަރާތުގެ ޑެބިޓް އިންސްޓްރަކްޝަންސްގެ މައްޗަށް އެގޮތުން ފައިސާ އުނިކުރިކަން އެނގޭނެ ހިސާބު ބެލެހެއްޓި އެކައުންޓެއްކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ. އަދި އެގޮތުން ފައިސާގެ ހިސާބު ބެލެހެއްޓުމަކީ، ދަޢުވާކުރާ ފަރާތަށް ނޭނގި އެފަރާތުގެ ނަމުގައި އެޗްޑީސީއަށް ލޯނެއް ދޫކުރި ކުރުމެއް ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
17HN3ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީން ހުރިކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކުން އެނޫންގޮތަކަށް އެކަން ދޭހަކުރެވޭނެ ޤާނޫނީ ހުއްޖަތެއް މި އިސްތިއުނާފުގައި ހުށަހެޅިފައިނުވެއެވެ. ފެންނާން އޮތްހާވެސް ކަމަކީ، އިސްތިއުނާފު ކުރާ ފަރާތުން އެދިގެން، އެފަރާތުގެ ޑެބިޓް އިންސްޓްރަކްޝަންއާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ އުނިކޮށްފައިވާ ކަމާއި، އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާކަމަށް ބުނާ އެކައުންޓަކީ އެފަރާތުގެ ޑެބިޓް އިންސްޓްރަކްޝަންސްގެ މައްޗަށް ފައިސާ އުނިކުރިކަން އެނގޭނެ ހިސާބު ބެލެހެއްޓި އެކައުންޓެއްކަމެވެ.
ނިންމަން ފެންނަގޮތް
18ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، އިސްތިއުނާފު ކުރާ ފަރާތަށް ނޭނގި، ނުވަތަ ރުހުމެއްނެތި، އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިނުވާކަމަށް ދަށު ކޯޓުން ކަނޑައެޅުމުގައި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް އަހުރެންނަށް ފާހަގަ ނުކުރެވޭހިނދު، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
19މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
20މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
21މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޞިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ފުޓްނޯޓު
- […]
- ރަޖިސްޓަރީ ނަންބަރު C-22/1982
- އިސްތިއުނާފު ފޯމުގައި 6.1 ގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ފާހަގަކޮށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމު، 07 ސެޕްޓެންބަރު 2023 ގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އިސްލާޙުކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 02 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- 2010/SC-A/02
- 2016/SC-A/04
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.