ޢަލީ އަނަސް ވ. ޞާބިރާ ޢަބްދުލްޣަފޫރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 116/Cv-C-HD/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ ބައްޕައާއި ކޮއްކޮއަށް ދެއްކި -/750,000ރ. އަކީ އަނބުރާ ދެއްކި ފައިސާ ކަމަށާއި، ބާކީ -/750,000ރ. ދައްކަން ޖެހޭ ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ޖޫރިމަނާ/ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިނުދެވޭނެ ކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- ފްލެޓެއް ގަތުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތުން -/1,500,000ރ. އެޑްވާންސްކޮށް ދެއްކި ނަމަވެސް ފްލެޓް ހަވާލުނުކުރެވި، އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތަށް 3 މަސްދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ނުދެއްކުނެވެ. ވިއްކާ ފަރާތުން ބުނީ ފައިސާގެ ބައެއް ގަންނަ ފަރާތުގެ ބައްޕައާ ވެވުނު ވަކި އެއްބަސްވުމެއްގެ ދަށުން ބައްޕައަށް ދައްކަމުން ދާ ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފްލެޓް ގަތުމުގެ އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް އަނބުރާ ދައްކަންޖެހޭ އެޑްވާންސް ފައިސާ، އެއްބަސްވުމުގެ ބައިވެރިއެއް ނޫން ގަންނަ ފަރާތުގެ ބައްޕައަށް ދެއްކުމުން، ޕްރިވިޓީ އޮފް ކޮންޓްރެކްޓާއި ވޭވަރގެ އުޞޫލުތަކުގެ ދަށުން އެ އިލްތިޒާމު ޚަލާޞްވޭތޯ؛ އަދި ސައްޚަކަމަށް ތައުނުކުރެވުނު ލިޔުންތަކުގެ އަސްލު ނެތި ދަށުކޯޓުން އެ ލިޔުންތަކަށް ބުރަދަން ދިނުމާއި ގެއްލުމުގެ ބަދަލު ނުނަގައިދިނުން ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފު ކުރާ ފަރާތުން ބުނީ ބައްޕައަށް ފައިސާ ދެއްކުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ޚިލާފު ކަމަށާއި، ސައްޚަކަމަށް ސުވާލު އުފެދުނު ލިޔުންތަކަށް ބުރަދަން ދިނުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ސާބިތުކުރުމުގެ ފުރުޞަތު ނުދިނުން ގޯސް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ދެފަރާތުން އެއްބަސްވި ގޮތަށް ބައްޕައަށް ފައިސާ ދައްކަމުން ދާ ކަމަށާއި، އެއްބަސްވުމުގައި ގެއްލުމުގެ ބަދަލުގެ މާއްދާއެއް ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގެ ބައިވެރިއަކީ ގަންނަ ފަރާތް ކަމަށްވާތީ، ފައިސާ ބައްޕައަށް ދެއްކުމަށް ބަދަލުކުރެވޭނީ ގަންނަ ފަރާތުގެ އެނގުމާއި ރުހުމާއެކު ކަމަށާއި، އެކަން ސާބިތުނުވާތީ ބައްޕައަށް ދެއްކި ފައިސާއަކީ އިލްތިޒާމް އަދާކުރުމެއް ނޫން ކަމަށް ކޯޓުން ކަނޑައެޅިއެވެ. ލިޔުންތަކުގެ އަސްލު ހުށަނާޅައި ބުރަދަން ދިނުން ރަނގަޅު ނޫން ކަމަށް ފާހަގަކުރި ނަމަވެސް، ފުރަތަމަ ނުކުތާގެ ނަތީޖާއާއެކު ސައްޚަކަމާމެދު ނަޒަރެއް ފާޅުނުކުރެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ނިންމުން ޚިލާފުވަނީ ކިހިނެއްކަން އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށްނުދޭ ކަމަށް ފާހަގަކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ އިސްތިއުނާފު ރައްދުވާ ފަރާތުން -/1,450,000ރ. ދައްކަން ޙުކުމްކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލަ ރަޖިސްޓްރީވެ، ޝަރީޢަތުގެ މަރުޙަލާއަށް ވާޞިލުވުމަށްފަހު، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކަށް އިޞްލާޙެއް ގެނެވޭނީ ނުވަތަ އައު އިސްތިއުނާފީ ނުކުތާއެއް މައްސަލައަށް އިތުރުކުރެވޭނީ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ޚާއްޞަ އިޒުނައާއެކުގައެވެ.
HN2 އިސްތިއުނާފީ ފޯމަށް ގެންނަން ހުށަހަޅާ އިސްލާޙްތަކަކީ އަސާސީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އަދި އިތުރަށް ސާފުކޮށްދީ ތަފްޞީލުކޮށްދޭ އިސްލާޙްތަކެއް ނަމަ، ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އިސްލާޙުތައް ބަލައިގަނެވޭނެއެވެ.
HN3 ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލާނީ އެ އެއްބަސްވުމުގެ ބައިވެރިންނެވެ. އެހެންނަމަވެސް، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައި ނުވާ ތިންވަނަ ފަރާތަކުން އެއްބަސްވުމުގެ ދަށުން ޒިންމާ ނަގަން މެދުވެރިވާ ޙާލަތެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.
HN4 ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމަކީ (waiver) އެއްފަރާތުގެ ޢަމަލެއް ކަމުގައިވާއިރު، އެއާ ޚިލާފަށް، ކޮންޓްރެކްޓުގައިވާ ވަކި ކަމަކަށް ބަދަލެއް ގެނެސް (variation) އެހެން ގޮތަކަށް އެކަމެއް ކުރާނަމަ ދެފަރާތުގެ އެއްބަސްވުން އެކަމަށް އޮންނަން ޖެހޭނެއެވެ.
HN5 ކޮންޓްރެކްޓުގައިވާ ޙައްޤެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ޙައްޤު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ޙައްޤު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާނަމައެވެ. ޙައްޤެއް ދޫކޮށްލީކަމަށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެއެވެ. އެ ޙައްޤު ދޫކޮށްލުމުގެ ނިޔަތް އޮތްކަން އެ މައްސަލައިގެ ވާޤިއާތަކުން ފާޅުވެ އެނގެން ޖެހޭނެއެވެ. ޙައްޤެއް ދޫކޮށްލީކަން ނުވަތަ ނޫން ކަމަކީ އާޚިރުގައި ވާޤީއީ ސުވާލެކެވެ.
HN6 ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލުގެ ދަށުން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ އެއްބަސްވުމުގެ ބައިވެރިޔާއަށެވެ. އެއްބަސްވުމުގެ އިލްތިޒާމްތައް އެހެން ފަރާތަކަށް ބަދަލު ކުރުމަކީ އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ. އެހެންނަމަވެސް، މިބަދަލު މިއީ އެއްފަރާތަށް އެކަނި ގެނެވޭނެ ބަދަލެއް ނޫނެވެ. ފައިސާ ލިބެންޖެހޭ ފަރާތަށް ދައްކަންޖެހޭ ފައިސާއެއް އެހެން ފަރާތަކަށް ދެއްކުމަށް ބަދަލުކުރެވެންވާނީ ފައިސާ ލިބެންޖެހޭ ފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން ރުހުމާއެކުއެވެ.
HN7 އެއްބަސްވުމުގެ ބައިވެރިއެއް ނޫން ފަރާތަކަށް ފައިސާ ދެއްކިކަމުގައި ވީނަމަވެސް، އެއީ ކޮންޓްރެކްޓްގެ ދަށުން ބައިވެރިޔާއަށް ދައްކަންޖެހޭ ފައިސާ ދެއްކުން ކަމުގައި ޤާނޫނީގޮތުން ނުބެލެވޭނެއެވެ. ފައިސާ ލިބެންޖެހޭ ފަރާތުން ތިންވަނަ ފަރާތަކަށް ފައިސާ ދެއްކުމަށް ލިޔުމުން ނުވަތަ ޘާބިތުވާ ގޮތެއްގައި އޭޖެންސީއެއް ނުވަތަ އިރުޝާދެއް ދީފައިވާކަން ޘާބިތުނުވާހާ ހިނދަކު، ވިއްކި ފަރާތުން އަމިއްލައަށް އިސްނަގައިގެން ތިންވަނަ ފަރާތަކަށް ފައިސާ ދިނުމަކުން ފައިސާ ލިބެންޖެހޭ ފަރާތުގެ މައްޗަށް "ފައިސާ ލިބިގަތްކަމުގެ" އިލްތިޒާމެއް މަތިނުކުރެވޭނެއެވެ.
HN8 ފައިސާ ލިބެންޖެހޭ ފަރާތުގެ ރުހުމެއް ނެތި އެއްބަސްވުމުގެ ދަށުން އަދާ ކުރަންޖެހޭ އިލްތިޒާމް އެހެން ފަރާތަކަށް އަދާކުރުމުން، އަނބުރާ ލިބެންޖެހޭ ފައިސާގެ އިލްތިޒާމް އަދާކުރެވުނީ ކަމުގައި ބެލުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލާ ވެއިވަރގެ އުޞޫލުގެ ދަށުން ތަންދޭ ކަމެއް ނޫނެވެ.
HN9 އެއްބަސްވުމުގެ ބައިވެރިއެއް ނޫން ތިންވަނަ ފަރާތަކަށް ދިން ކަމަށް ބުނާ ފައިސާއެއްވާނަމަ، އެ ފައިސާ އަނބުރާ ހޯދުމަށް ފައިސާ ދިން ފަރާތުން ދައުވާކުރަންޖެހޭނީ ސީދާ އެ ފައިސާ ލިބުނު ތިންވަނަ ފަރާތުގެ މައްޗަށެވެ. އެކަމުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ޢަޤްދީ ޙައްޤަކަށް އުނިކަމެއް ނާންނާނެއެވެ.
HN10 ޑޮކިއުމަންޓެއްގެ ސައްޚަކަމާމެދު ޑޮކިއުމަންޓު ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ސައްޚަކަން ޘާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެކެވެ. ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓުން އަންގަންވާނީ އެ ޑޮކިއުމަންޓުގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް، އެ ލިޔުން ތައްޔާރުކުރި މީހުން، ސޮއިކުރިއިރު ތިބި ހެކިން އަދި އެނޫންވެސް ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށެވެ.
HN11 ލިޔުމުގެ އަޞްލު ނެތް ސަބަބު ދައުވާކުރާ ފަރާތުން މަޤްބޫލު ގޮތެއްގައި ބަޔާންކޮށްދީ، ކޯޓުން އެ ދެވަނަ ދަރަޖައިގެ ހެކި މައްސަލައަށް ބަލައިގަންނަ ޙާލަތުގައި، އެ ލިޔުމަކީ ސައްޚަ ނޫން ލިޔުމެއް ކަމަށް ބުނެ ދައުވާލިބޭ ފަރާތުން ތައުނުކުރާނަމަ، އެ ލިޔުން ސައްޚަނުވާ ސަބަބުތައް ބަޔާންކޮށްދީ، އެކަމާ ގުޅޭ ހެކި ހުށަހެޅުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ލިޔުމަށް ތައުނުކުރި ފަރާތުންނެވެ.
HN12 ދައުވާކުރާ ފަރާތުން ލިޔުމުގެ އަޞްލު ހުށަހެޅުމެއްނެތި، ދެވަނަ ދަރަޖައިގެ ހެކި ހުށަހެޅި ސަބަބު ޤާނޫނީ ގޮތުން މަޤްބޫލު މިންވަރަކަށް ބަޔާންކޮށްދެވިފައި ނުވާނަމަ، ދައުވާކުރާ ފަރާތުގެ މައްޗަށް އޮތް އިބްތިދާއީ ޘާބިތުކުރުމުގެ ބާރު ފުރިހަމަވި ކަމަކަށް ނުބެލެވޭނެއެވެ. މިފަދަ ޙާލަތެއްގައި، ދައުވާލިބޭ ފަރާތުގެ މައްޗަށް އެ ލިޔުމެއްގެ ސައްޚަކަން ނެތިގޮސްފައިވާކަން ދެއްކުމުގެ ބުރަ ބަދަލެއް ނުވާނެއެވެ.
HN13 ހުށަހެޅުނު ލިޔެކިޔުންތަކަށް އަނެއް ފަރާތުން ތައުނު ކޮށްފައިވާއިރު، ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅިފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގެން ނެތްނަމަ، އެހެއްކަށް ބުރަދަންދީ ގޮތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޢައްވިޒު ރަޝީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ރާޣިބް އަޙްމަދު
- ބެންޗު
- ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ (ރިޔާސަތު) · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހއ.ހޯރަފުށި ޢަލީ އަނަސް (މީގެ ފަހުން "ޢަލީ އަނަސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] ޞާބިރާ ޢަބްދުލްޣަފޫރު (މީގެ ފަހުން "ޞާބިރާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ދަށުކޯޓު މަރުހަލާ:
3ހުޅުމާލެ އެޗް.ޑީ.ސީ ނަންބަރު 09-3-1 ފްލެޓް ގަތުމަށްޓަކައި 03 މެއި 2016 ދުވަހު ޞާބިރާ (ވިއްކާފަރާތް) އާއި ޢަލީ އަނަސް (ގަތް ފަރާތް) އާ ދެމެދު އެއްބަސްވުމެއް ވެވުނެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް ފްލެޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި -/1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) 03 މެއި 2016 ގެ ނިޔަލަށް ޞާބިރާ އަށް ދައްކާ ޚަލާސްކޮށްފައިވެއެވެ.
4މިފައިސާ ދައްކާފައިވަނީ ޢަލީ އަނަސްގެ ބައްޕަ މުޙައްމަދު ޢަލީގެ އެކައުންޓުންނާއި، ޢަލީ އަނަސްގެ ދެ ކޮއްކޮ ކަމަށްވާ އަޙްމަދު އަނީސް އާއި އާމިނަތު ސަފްރާއުގެ އެކައުންޓުންނެވެ. އަދި ޖަމާކޮށްފައިވަނީ ޞާބިރާގެ އެދުމުގެ މަތިން ޞާބިރާ، ޢަލީ އަނަސްއާއި ޙިއްސާކޮށްފައިވާ އެކައުންޓްތަކަކަށެވެ.
5މިއެއްބަސްވުމުގައި ހިމެނޭ މުހިންމު މާއްދާތައް ތިރީގައި އެވަނީއެވެ. ތައާރަފް | މިއީ ސޯބިރާ ޢަބްދުލްޣަފޫރު، […] އައިޑީ ކާޑު ނަންބަރ: (މީގެ ފަހުން މި އެއްބަސްވުމުގައި "ވިއްކާ" ފަރާތް ކަމުގައި ބުނެފާވާ) އާއި ހުޅުމާލެ ކޯޕަރޭޝަން އާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތުގެ ނަމުގައިވާ ހުޅުމާލޭ އެޗް.ޑީ.ސީ ނަންބަރ 1-3-09 ފުލެޓް (މީގެ ފަހުން މިއެއްބަސްވުމުގައި "ވިއްކާތަން" ކަމުގައި ބުނެފައިވާ) -/2,500,000ރ. (ދެމިލިއަން ފަސްލައްކަ ރުފިޔާ) ގެ އަގަށް ހއ.ހޯރަފުށި، ޢަލީ އަނަސް، އައިޑީ(މީގެ ފަހުން މިއެއްބަސްވުމުގައި "ގަންނަ ފަރާތް" ކަމުގައި ބުނެފައިވާ) އަށް ވިއްކާލުމަށް ކުރެވެމުންދާ މުޢާމަލާތުގެ ދަށުން ތަން ވިއްކުމަށް އެއްބަސްވެފައިވާ ޖުމްލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާގެ ގޮތުގައި-/1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ވިއްކާ ފަރާތާ ޙަވާލު ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. އެއްބަސްވުން | 1- އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭ ފައިސާއަކީ ތަން ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންދިޔުމުގެ ގޮތުން ތަން ވިއްކުމަށް ހުށައަޅާ ޖުމްލަ ފައިސާގެ ތެރޭން ދެވޭ ފައިސާއެކެވެ. 2- މިއެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެޑްވާންސްގެ ފައިސާގެ ގޮތުގައި -/1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ގަންނަ ފަރާތުން ވިއްކާ ފަރާތާ ޙަވާލު ކޮށްފާވެއެވެ. 3- އެއްވެސް ސަބަބަކާ ހުރެ ތަން ވިއްކާލުމަށް ދެފަރާތުގެ ދެމެދުގާ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަސް ތެރޭގައި އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ ގަންނަ ފަރާތާ ހަވާލުކުރުމަށް ވިއްކާފަރާތުން އެއްބަސްވެއެވެ.
6ހަތަރު (4) އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެއްބަސްވުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާތީއާއި އެޑްވާންސްއަށް ދެއްކި ފައިސާ އަނބުރާ ލިބިފައި ނުވާތީ، ޢަލީ އަނަސްގެ ފަރާތުން ޞާބިރާގެ މައްޗަށް ރައްދުވާގޮތަށް މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެމައްސަލަ ބަލާފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާއިންނެވެ.
7ޢަލީ އަނަސްގެ ފަރާތުން ހުށަހެޅި ދައުވާގައި އެދިފައިވަނީ؛
7.1. އެޑްވާންސް ފައިސާއިން އަނބުރާ ނުދައްކާވާ -/1,450,000ރ. (އެއްމިލިއަން ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ)؛ އާއި،
7.2. އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން 03 އޮގަސްޓް 2016 އިން ފެށިގެން މައްސަލަ ނިމޭ ދުވަހާއި ހަމައަށް ލިބެންޖެހޭ ޖޫރިމަނާ (އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 3 މަސް ފަހުން ދުވާލަކަށް އެޑްވާންސް ފައިސާގެ %0.1 ނިސްބަތުން) 15 ޖުލައި 2020 ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 2,163,005.77ރ. (ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ތިންހާސް ފަސްރުފިޔާ ހަތްދިހަ ހަތް ލާރި)؛ އާއި،
7.3. މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ވަކީލު ފީ -/30,000ރ. (ތިރީސްހާސް ރުފިޔާ) އާއި، މިމައްސަލައާ ގުޅިގެން މުވައްކިލަށް ލިބެންޖެހޭކަމަށް ކޯޓުން ކަނޑައަޅާ ފައިސާގެ %7؛ މިއެވެ.
8މިދައުވާގެ ރައްދުގައި ޞާބިރާގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ފްލެޓް ގަތުމާ ގުޅިގެން އެއްބަސްވުމެއް ވެވުނު ކަމަށާއި، އެއްބަސްވުމުގެ ކުރިން ވާހަކަ ދެކެވުނީ ޢަލީ އަނަސްގެ އިތުރުން ޢަލީ އަނަސްގެ ބައްޕަ ހއ.ހޯރަފުށި މުޙައްމަދު ޢަލީއާ ކަމަށާއި، އެހެންނަމަވެސް ޢަލީ އަނަސްގެ ބައްޕަ މުޙައްމަދު ޢަލީގެ އެދުމުގެ މަތިން ޢަލީ އަނަސް ސޮއިކުރުމަށް އެއްބަސްވެ އެގޮތުގެ މަތިން އެއްބަސްވުމެއް އެދެފަރާތުގެ ދެމެދުގައިވީކަމަށާއި، އެއްބަސްވުން ތަންފީޛު ނުކުރެވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން އެޑްވާންސްކޮށް ދެއްކި ފައިސާ މުޙައްމަދު ޢަލީއާއި، ޢަލީ އަނަސް އެއްބަސްވި ގޮތަށް މަހަކު -/50,000ރ. (ފަންސާސްހާސް ރުފިޔާ) ގެ މަގުން ދައްކަމުންދާކަމަށާއި، އަދި މިހާތަނަށް ދެއްކުނު ފައިސާ އުނިކުރުމުން، ފްލެޓާ ގުޅިގެން މިހާރު ނުދައްކާވާނީ، -/750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށާއި، ޢަލީ އަނަސްގެ ފަރާތުން ހޯދުމަށް އެދޭ ގެއްލުމުގެ ބަދަލަކީ ދެފަރާތުން އެއްބަސްވެފައިވާ އެއްޗަކަށް ނުވާތީ، ގެއްލުމުގެ ބަދަލަށް އިންކާރުކުރާކަމަށެވެ.
9ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ޢަލީ އަނަސްގެ ފަރާތުން […] / މާލެ، ޞާބިރާ ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާގެ އަދަދަކީ -/750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު، ފައިސާ ދަޢުވާކުރާ ފަރާތަށް ރައްދުކުރުމުގެ ގޮތުން 22 ޖޫން 2021 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ އަދަދަށްވުރެ މަދުނޫން ފައިސާގެ އަދަދެއް ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު […] / މާލެ، ޞާބިރާ ޢަބްދުލްޣަފޫރަށް އަންގައި، ދަޢުވާކުރާ ފަރާތުން މިދަޢުވާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު 2,163,005/77ރ. (ދެމިލިއަން އެއްލައްކަ ފަސްދޮޅަސްތިންހާސް ފަސްރުފިޔާ ހަތްދިހަ ހަތްލާރި) އާއި، ވަކީލު ފީގެ ގޮތުގައި ހޯދުމަށް އެދުނު -/30,000ރ. (ތިރީސްހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ."
10ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
10.1. ދެފަރާތުގެ ދެމެދުގައި ފްލެޓް ގަނެވިއްކުމާ ގުޅޭގޮތުން 03 މެއި 2016 ގައި އެއްބަސްވުމެއް ވެވުނުކަމާއި، އެއްބަސްވުމުގެ ދަށުން -/1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ޞާބިރާއަށް ލިބުނުކަމާއި، އަދި އެއްބަސްވުން ތަންފީޛުކުރެވިފައި ނުވާކަމާމެދު ޞާބިރާގެ އިންކާރެއް ނެތްކަން ޞާބިރާގެ ބަހުން އެނގޭކަން؛
10.2. މުޙައްމަދު ޢަލީ އަދާކުރި ހެކިބަހުގައި ފްލެޓްގެ އަގު އަދާކުރުމުގެ ގޮތުން ޞާބިރާގެ ފަރާތުން އެކިފަހަރު މަތިން ފައިސާ ލިބިފައިވާކަމަށާއި، ނަމަވެސް ޖުމްލަ އަދަދެއް ނޭނގޭކަމަށާއި، ލަފާ ނުވަތަ ހީވާ ގޮތުގައި -/400,000ރ. (ހަތަރުލައްކަ ރުފިޔާ) ވަރު ލިބިފައިވާނޭކަމަށް މުޙައްމަދު ޢަލީ ބުނެފައިވާކަމާއި، އަދި ފައިސާ ލިބުނުކަން އެނގޭހެން ލިޔުންތަކެއްގައި ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވާނެކަމަށް؛
10.3. ޞާބިރާގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، ފްލެޓްގެ އެޑްވާންސް ފައިސާ އަނބުރާ ދޭ ގޮތާ ގުޅިގެން މުޙައްމަދު ޢަލީއާއި ޞާބިރާއާ ދެމެދު ވެވުނު އެއްބަސްވުމުގައި މަހުންމަހަށް ވަކި އަދަދަކަށް ފައިސާ ދެއްކުމަށް އެއްބަސްވި އެއްބަސްވުމުގައި، ޢަލީ އަނަސްގެ ފަރާތުން ރުހިފައިވާކަން އެނގެން ނެތްކަން؛
10.4. ޞާބިރާގެ ފަރާތުން ޖަވާބުފޯމާއެކު ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ މުޙައްމަދު ޢަލީ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުންތަކުން އެކު ޖުމްލަ -/700,000ރ. (ހަތްލައްކަ ރުފިޔާ) މުޙައްމަދު ޢަލީ ޙަވާލުވިކަން އެނގޭކަމަށާއި، އަދި ޢަލީ އަނަސްގެ ކޮއްކޮ އަޙްމަދު އަނީސްގެ އެކައުންޓަށް ޞާބިރާގެ ފަރާތުން -/50,000ރ. (ފަންސާސްހާސް ރުފިޔާ) ޖަމާކުރިކަން އެނގެން އޮތަތީ، މުޙައްމަދު ޢަލީ އާއި އަޙްމަދު އަނީސްއަށް ޙަވާލުކުރި -/750,000ރ. (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަކީ މުޙައްމަދު ޢަލީ އާއި ޞާބިރާއާ ދެމެދު ފައިސާ ރައްދުކުރުމާއި ގުޅޭގޮތުން ވީ އެއްބަސްވުމުގެ ދަށުން އަދާކުރި ފައިސާކަން؛
10.5. ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ގެއްލުމާ ގުޅޭގޮތުން ދެފަރާތުން އެއްބަސްވާކަމަށް ބަޔާންވެފައި ނުވާތީ، ދެފަރާތުން އެމައްޗަށް އެއްބަސްނުވާ އައު ޝަރުޠުތަކެއްގެ މައްޗަށް އެއްފަރާތުގެ ނުރުހުމުގައި ޝަރީޢަތުން ގެއްލުމުގެ ބަދަލު އަނެއް ފަރާތަށް ނަގައިދެވިދާނެކަމަށް ނުބެލެވޭކަމަށް؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:
11ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢަލީ އަނަސްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި 4 (ހަތަރެއް) ނުކުތާއެއް އިސްތިއުނާފީ ދައުވާ ފޯމުގައި ހިމަނާފައިވެއެވެ. ނަމަވެސް 1 (އެކެއް) ނުކުތާ (އިސްތިއުނާފު ނުކުތާގެ 4 ވަނަ ނުކުތާ) އުނިކޮށްދިނުމަށް އެދި ޢަލީ އަނަސްގެ ފަރާތުން އެދިފައިވެއެވެ. އެހެންކަމުން ޢަލީ އަނަސްގެ ފަރާތުން ހުށަހަޅާ ވާހަކަ ދައްކާފައިވަނީ އަންނަނިވި ނުކުތާތަކާ ގުޅިގެންނެވެ. އެއީ؛
11.1. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވާ ފައިސާގެ ތެރެއިން މިމައްސަލައިގައި ހިމެނޭ ހެއްކެއް ކަމަށްވާ […] ޢަލީއަށް ޙަވާލުކޮށްފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ފައިސާއަކީ މިމުޢާމަލާތުގެ ތެރެއިން އިސްތިއުނާފު ކުރާ ފަރާތަށް އަނބުރާ ލިބިފައިވާ ފައިސާއެއް ކަމަށް ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި privity of contract ގެ މަބްދައުއާއި ޚިލާފަށްކަމަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.1.1. މިނުކުތާގެ ތަފްސީލުގައި ޢަލީ އަނަސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމް ކުރާ ކަންތައްތައް ކުރަންވާނީ އެކޮންޓްރެކްޓެއްގައިވާ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ 2021/SC-A/41 ޤަޟިއްޔާގައި އެއްބަސްވުމުގެ ދަށުން ޙައްޤުތަކެއް ލިބިގެންދަނީ އަދި ޒިންމާތަކެއް މަތިވެގެންދަނީ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށްކަމަށާއި، ފްލެޓް ގަތުމާގުޅޭ އެއްބަސްވުމުގައި ފްލެޓް ހަވާލުނުކުރެވިއްޖެނަމަ އެޑްވާންސް ފައިސާ، ގަންނަ ފަރާތަށް ޙަވާލުކުރަންވާނެކަމަށް ސަރީޚަ އިބާރާތުން ބަޔާންކޮށްފައިވުމުން، ފައިސާ ލިބެންޖެހޭ ފަރާތުގެ ރުހުމަކާއި ނުލައި އެފަރާތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އެހެން ފަރާތަކަށް ޙަވާލުކޮށްފައިވާކަމަށް ބުނުމަކީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރީކަމަށް ނުބެލެވޭނެކަމަށެވެ.
11.2. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މިހާތަނަށް -/750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ރުފިޔާ އަނބުރާ ދައްކާފައިވާކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.2.1. މިނުކުތާގެ ތަފްޞީލުގައި ޢަލީ އަނަސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޞާބިރާގެ ފަރާތުން މުޙައްމަދު ޢަލީއަށް ފައިސާ ޙަވާލުކުރިކަން އަންގައިދޭ ލިޔުންތަކުގެ ސައްޚަކަމާމެދު ޢަލީ އަނަސްގެ ފަރާތުން ދަށުކޯޓުގައި ސުވާލު އުފައްދާފައިވާކަމަށާއި، ނަމަވެސް އެކަރުދާސްތަކުގެ ސައްޚަކަން ކަށަވަރުނުކޮށް އެލިޔުންތަކަށް ކޯޓުން ބުރަދަންދީފައިވާ ކަމަށެވެ.
11.3. ތިންވަނަ ނުކުތާއަކީ؛ ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ގެއްލުމުގެ ބަދަލާއި ގުޅޭގޮތުން ހެކި ހުށަހެޅުމަށް ފުރުޞަތު ދީފައިވަނީ އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިނުވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.3.1. މިނުކުތާގެ ތަފްސީލުގައި ޢަލީ އަނަސްގެ ފަރާތުން ބުނެފައިވަނީ، ގެއްލުމުގެ ބަދަލާއި ގުޅިގެން މަތީ މަރުހަލާއިން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ގެއްލުމުގެ ބަދަލު ޘާބިތުކޮށްދިނުމަށް އިތުރަށް ހެކި ހުށަހަޅަން ބޭނުންވާކަމަށް ބުނެ ދަށު ކޯޓުގައި ފާހަގަކުރުމުންވެސް އެކަމާމެދު ގޮތެއް ނިންމާފައިނުވާކަމަށެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ޢަލީ އަނަސްއަށް ލިބިފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު މިހާރު ކަނޑައެޅިފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅުމުގެ ޙައްޤު ލިބެންޖެހޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
12މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ވެސް އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަ މުޙައްމަދު ޢަލީ 28 ސެޕްޓެންބަރު 2020 ގައި ސޮއިކޮށް ފުލުހުންނަށް އެޑްރެސްކޮށް ސިޓީއެއް ހުށަހެޅިކަމާއި މި ސިޓީއަށް ބަލާއިރު ވެސް ފްލެޓް ޙަވާލު ނުކުރެވުމުން އެޑްވާންސް ފައިސާ އަނބުރާ ރައްދުކުރުމާއި ގުޅޭގޮތުން ވެސް ދެ ފަރާތުން ވެސް އެއްބަސްވި ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތް ކޮންމެ މަހަކު މުޙައްމަދު ޢަލީއަށް ފައިސާ އަދާކުރަމުންދާ ކަމަށާއި، އެއްބަސްވުމާއި އެއްގޮތަށް ފްލެޓް ވިއްކުން ކުރިއަށް ނުގެންދެވުނީ ސަރުކާރުގެ ރަސްމީ އިދާރާގެ ހުއްދަތައް އެއްބަސްވުމުގެ މުއްދަތު ހަމަވީއިރު ނުލިބުމުގެ ސަބަބުންކަމަށެވެ. ގެއްލުމުގެ ބަދަލާ ގުޅިގެން އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައި ނުވާކަމަށާއި، އެއްބަސްވުމުގައިވެސް ގެއްލުމުގެ ބަދަލާ ގުޅޭ މާއްދާއެއް ނެތަތީ، އިސްތިއުނާފު ކުރާ ފަރާތުން ބުނާ ގެއްލުމުގެ ބަދަލެއް ދޭން ޖެހޭނޭ ޤާނޫނީ ހަމައެއް ނެތްކަމަށެވެ. އެދޭ ގޮތް:
13އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
13.1. އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް -/750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އަނބުރާ ދައްކާފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނާއި privity of contract ގެ މަބްދައުއާއި ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދިނުން؛
13.2. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހިމެނޭ އެއްބަސްވުމާއި އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް ދައުވާކުރުމުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުން؛ މިއެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ކަންކަމެވެ.
14.1. ޢަލީ އަނަސް އެދިފައިވާ ގޮތަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށާއި އަދި އެކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި މަދަނީ އިޖުރާއަތުގެ ހަމަތަކާއި އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުން؛
14.2. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ދެއްކުމަށް ކަނޑައަޅާފައިވާ، މިހާރު ނުދައްކައި ބާކީއޮތް -/750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ކަމުގައި ކަނޑައެޅި ފައިސާގެ އަދަދަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުން؛
14.3. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހިމެނޭ އެއްބަސްވުމާއި އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައި ނުވާއިރު، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ގެންދާކަމާއި، އެއްބަސްވުމާ ޚިލާފުވީކަމަށް ބަލައިގެން އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުން ނާޖާއިޒު ގޮތުގައި ގެއްލުމުގެ ބަދަލުގެ ނަމުގައި ނަގައިދިނުމަށް އެދޭ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުން؛ މިއެވެ. އިޖުރާއީ ފާހަގަކުރުންތައް - އިސްތިއުނާފު ފޯމު އިސްލާޙުކުރުން
15މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ފޯމުގައި ހިމެނިފައިވާ ހަތަރުވަނަ އިސްތިއުނާފީ ނުކުތާ އުނިކޮށް އަދި ދެވަނަ އިސްތިއުނާފީ ނުކުތާ އިސްލާޙުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.
16މިހުށަހެޅުމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ފޯމު ކޯޓުގެ ރަޖިސްޓްރާރ ބަލައި އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށްފަހު ފަނޑިޔާރުންގެ މަޖިލީހާ ހަމައަށް އައުމަށްފަހު، އެ ފޯމުގައިވާ ނުކުތާތައް އުނިކުރުމަށްފަހު އަލުން އިތުރު ނުކުތާތަކެއް އިތުރުކޮށް އިޞްލާޙު ކުރުމުގެ ފުރުޞަތު ޤާނޫނީ ގޮތުން ލިބިގެންނުވާ ކަމަށާއި، އެހެންކަމުން އެފަދައިން އިޞްލާޙު ކުރުމަށް އެދިފައިވާ އެދުމަށް އިންކާރުކުރާ ކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ފޯމުގައިވާ ނުކުތާއެއް ދޫކޮށްލުމަށް/އުނިކުރުމަށް އެދޭނަމަ އެކަމާމެދު އިއުތިރާޟެއ ނެތް ކަމަށެވެ.
17HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، މައްސަލަ ބަލައިގަތުމަށްފަހު އިސްތިއުނާފީ ނުކުތާތަކަށް ނުވަތަ އެ ނުކުތާތަކުގެ ރައްދަށް އިޞްލާޙެއް ގެންނަން ބޭނުންވާނަމަ، އެކަން ކުރެވޭނީ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ އިޒުނައާއެކު ކަމަށެވެ. މި އިޖުރާއަތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލަށް ބަލާއިރު، މައްސަލަ ރަޖިސްޓްރީވެ، ޝަރީޢަތުގެ މަރުޙަލާއަށް ވާޞިލުވުމަށްފަހު، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކަށް އިޞްލާޙެއް ގެނެވޭނީ ނުވަތަ އައު އިސްތިއުނާފީ ނުކުތާއެއް މައްސަލައަށް އިތުރުކުރެވޭނީ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ޚާއްޞަ އިޒުނައާއެކުގައެވެ.
18HN2މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން އަޞްލު އިސްތިއުނާފީ ފޯމުގައި ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން 4 (ހަތަރު) ވަނަ ނުކުތާ އަނބުރާ ގެންދިއުމަށް/އުނިކުރުމަށް އެދިފައިވާ އެދުމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުގެ އިއުތިރާޟެއ ނެތްކަން އެނގެއެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން މިކޯޓުގައި އެދޭ ފަރުވާތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަށް ބަލާއިރު، އެ އިސްލާޙްތަކަކީ އަސާސީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އަދި އިތުރަށް ސާފުކޮށްދީ ތަފްޞީލުކޮށްދޭ އިސްލާޙްތަކެކެވެ. އެހެންކަމުން، ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އިސްލާޙުތައް ބަލައިގަތުމަށް ނިންމަމެވެ.
ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުސޫލާ ޚިލާފުވުން
19އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމެއް ގަންނަ ފަރާތް (ޢަލީ އަނަސް) އާއި ވިއްކާ ފަރާތުގެ މެދުގައި ވެވި، އެއްބަސްވުމާ އެއްގޮތަށް ތަން ލިބިފައިނުވާތީ، އެޕާޓްމަންޓް ގަތުމަށް ދެއްކި އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން (ވިއްކި ފަރާތުން) ބުނެފައިވަނީ އެ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ ބައްޕަ (ހއ.ހޯރަފުށި މުޙައްމަދު ޢަލީ) އަށް އަނބުރާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ބައްޕައަށް ފައިސާ އަނބުރާ ދެއްކުމުން، އެއްބަސްވުމުގެ ދަށުން އޮތް އިލްތިޒާމު ޚަލާޞްވީ ކަމަށެވެ.
20މިނިންމުމާ ގުޅިގެން އިސްތިއުނާފީ އެއްވަނަ ނުކުތާގައި ޢަލީ އަނަސްގެ ފަރާތުން އުފައްދާ މައިގަނޑު ބަޙުޘަކީ، އެއްބަސްވުމުގެ ބައިވެރިއަކު ކަމުގައި ނުވާ ތިންވަނަ ފަރާތަކަށް (އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް)، ދެއްކި ފައިސާއެއްގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތަށް އަދާކުރަންޖެހޭ މާލީ އިލްތިޒާމު ފުރިހަމަވީކަމުގައި ބެލުމަކީ، 'ޕްރިވިޓީ އޮފް ކޮންޓްރެކްޓް' (Privity of Contract) އަދި 'ވޭވަރ' (Waiver) ގެ އުޞޫލުތަކާ ޚިލާފުކަމެއް ކަމަށެވެ.
21HN3ސުޕްރީމް ކޯޓުގެ އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި "ޕްރިވިޓީ އޮފް ކޮންޓްރެކްޓް"ގެ މަބްދައުއާ ގުޅޭ ގޮތުން ފަނޑިޔާރު މަޙާޒު އަލީ ޒާހިރު ބަޔާންކުރައްވާފައިވަނީ "ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމެއްގެ ދަށުން ޙައްޤުތަކެއް ލިބިގެންދާނީ އަދި ޒިންމާތަކެއް މަތިވެގެންދާނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށެވެ. މި އުޞޫލުގެ މައްޗަށް ތަރުތީބުވެގެން އަންނަ އަނެއް އުޞޫލަކީ، (ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއް ކަމުގައި ނުވާ ފަރާތަކަށް، އެ ފަރާތާ ގުޅުމެއް ނެތް ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓްރެކްޓާ ގުޅިގެން ދަޢުވާ ނުކުރެވުމާއި، (ށ) ކޮންޓްރެކްޓަކާ ގުޅިގެން، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް، ކޮންޓްރެކްޓާ ގުޅުމެއް ނެތް ފަރާތެއްގެ މައްޗަށް ދަޢުވާ ނުކުރެވުމުގެ އުޞޫލެވެ."
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ފާހަގަކޮށްފައިވަނީ ކޮންޓްރެކްޓެއްގެ ދަށުން އިލްތިޒާމެއް އުފުލަންޖެހޭނީ ނުވަތަ ޒިންމާދާރު ކުރެވޭނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ ގޮތުގައިވާ ފަރާތެއްކަމަށާއި، ކޮންޓްރެކްޓްގައި ބައިވެރިނުވާ ތިންވަނަ ފަރާތެއްގެ މައްޗަށް އެ ކޮންޓްރެކްޓެއްގެ އިލްތިޒާމެއް މަތިނުކުރެވޭނެކަމަށެވެ.
23ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލާނީ އެ އެއްބަސްވުމުގެ ބައިވެރިންނެވެ. އެހެންނަމަވެސް، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައި ނުވާ ތިންވަނަ ފަރާތަކުން އެއްބަސްވުމުގެ ދަށުން ޒިންމާ ނަގަން މެދުވެރިވާ ޙާލަތެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.
24HN4ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ކަމަށެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.
25މި މާއްދާގެ ދެ ވަނަ ޖުމްލައިގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމުގެ (waiver) ވާހަކަކަމަށާއި، ތިންވަނަ ޖުމްލައިގައި ބުނެފައިވަނީ ކޮންޓްރެކްޓުގައިވާ ކަމަކަށް ބަދަލު ގެނެސްގެން އެހެން ގޮތަކަށް ޢަމަލުކުރުމުގެ (variation) ގެ ވާހަކަކަމަށް ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމަކީ ނުވަތަ ދޫދިނުމަކީ އެއްފަރާތުގެ ޢަމަލެއްކަމަށާއި، ދޫކޮށްލާ ދޫކޮށްލުމުގެ މުޤާބިލެއް އޮތުން ލާޒިމުވެގެން ނުވާކަމަށާއި، އެ ދޫކޮށްލާ ކަމެއް ދޫކޮށްލުމުގެ ސަބަބުން މަންފާ ލިބޭ ފަރާތުން އެ ދޫކޮށްލުމަށް ބަރޯސާވެފައި އޮތުންވެސް ލާޒިމު ނުވާކަމަށް މިޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
26HN5އެއާ ޚިލާފަށް، ކޮންޓްރެކްޓުގައިވާ ވަކި ކަމަކަށް ބަދަލެއް ގެނެސް އެހެން ގޮތަކަށް އެކަމެއް ކުރާނަމަ ދެފަރާތުގެ އެއްބަސްވުން އެކަމަށް އޮންނަން ޖެހޭނެކަމަށާއި، އޭގެ މާނަކީ ކޮންޓްރެކްޓުގައިވާ ގޮތާ ތަފާތު ގޮތަކަށް ޢަމަލުކުރެވޭނީ ދެފަރާތުން އެކަމަށް އެއްބަސް ވެގެންކަމަށާއި، ކޮންޓްރެކްޓުގައިވާ ޙައްޤެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ޙައްޤު ދޫކޮށްލީ އެ ޙައްޤު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ޙައްޤު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާނަމަކަމަށްވެސް އެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
27ޙައްޤެއް ދޫކޮށްލީކަމަށް އެ މައްސަލައެއްގައި ހިމެނޭ ވާޤިއާތަކަށް ބިނާކޮށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެކަމަށާއި، އެ ޙައްޤު ދޫކޮށްލުމުގެ ނިޔަތް އޮތްކަން އެ މައްސަލައިގެ ވާޤިއާތަކުން ފާޅުވެ އެނގެން ޖެހޭނެކަމަށާއި، އެހެންކަމުން ޙައްޤެއް ދޫކޮށްލީކަން ނުވަތަ ނޫން ކަމަކީ އާޚިރުގައި ވާޤީއީ ސުވާލެއް ކަމަށް އެޤަޟިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
28މިއުޞޫލުތައް މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، އެއްބަސްވުމުގެ ބައިވެރިންނަކީ އިސްތިއުނާފު ކުރާ ޢަލީ އަނަސް އާއި އިސްތިއުނާފު ރައްދުވާ ޞާބިރާ ޢަބްދުލްޣަފޫރު ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. ދަށު މަރުޙަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ޢަލީ އަނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެފަރާތުގެ ބައްޕަ ތަމްސީލުކުރުމުގެ ގޮތުން ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަ ކަމުގައިވާ ހއ.ހޯރަފުށި މުޙައްމަދު ޢަލީ އަކީ ދަށުކޯޓުގައި ހެކިވެރިއެއްގެ ޙައިސިއްޔަތުން ހެކިބަސްވެސް އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން ދަށު ކޯޓުގައި އަދާކުރި ހެކިބަހުގައި ހެކިވެރިޔާ މުޙައްމަދު ޢަލީ ބުނެފައިވަނީ "ޢިމާރާތް ގަތުމަށް މުޢާމަލާތް ކުރީ އަޅުގަނޑެއް ނޫން. އަޅުގަނޑުގެ ދޮށީ ދަރިފުޅު އެކަން ކުރީ. ލިޔެކިޔުމާ އިދާރީ ހުރިހާ ކަމެއް ގެންދިޔައީ. އަޅުގަނޑު އެކުދިން ބުނެގެން އެކުދިންނަށް މަދުވާ ލާރިކޮޅު ހަމަޖައްސާދިނީ. ފުރަތަމަ އެކުރެވުނު މުޢާމަލާތެއް އިންނާނީ ދަރިފުޅާއެކު" ކަމަށެވެ. އެހެންކަމުން، މުޙައްމަދު ޢަލީ އަކީ މިއެއްބަސްވުމުގެ ބައިވެރިއެއް ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޤަބޫލުކުރެވެންޖެހުނު ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
29ފްލެޓް ގަތުމާގުޅޭ އެއްބަސްވުމުގެ 3 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އެއްވެސް ސަބަބަކާ ހުރެ ތަން ވިއްކާލުމަށް ދެފަރާތުގެ ދެމެދުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ޙާލަތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަސް ތެރޭގައި އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ ގަންނަ ފަރާތާ ޙަވާލުކުރުމަށް ވިއްކާފަރާތުން އެއްބަސްވެއެވެ."
30HN6އިސްވެ ބަޔާންކުރެވުނު ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލުގެ ދަށުން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަން ޖެހޭނީ ފްލެޓް ގަތް ފަރާތް ކަމުގައިވާ ޢަލީ އަނަސްއަށެވެ. ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ކަނޑައެޅިފައިވާ ފަދައިން އެއްބަސްވުމުގެ މިއިލްތިޒާމްތައް އެހެން ފަރާތަކަށް ބަދަލު ކުރުމަކީ އަދި އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެމެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ފަދައިން، މިބަދަލު މިއީ އެއްފަރާތަށް އެކަނި ގެނެވޭނެ ބަދަލެއް ނޫނެވެ. ޢަލީ އަނަސް އަށް ދައްކަންޖެހޭ ފައިސާއެއް ޢަލީ އަނަސްގެ ބައްޕައަށް ދެއްކުމަށް ބަދަލުކުރެވެންވާނީ ޢަލީ އަނަސްގެ އެނގުމާއި ފެނުމުގެ ތެރެއިން ރުހުމާއެކުއެވެ.
31އެޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން މިއީ އާޚިރުގައި ވާޤިއީ ސުވާލެކެވެ. މިމައްސަލައިގައި ދަށު ކޯޓުގައި ޢަލީ އަނަސްގެ ބައްޕަ މުޙައްމަދު ޢަލީ އަދާކޮށްފައިވާ ހެކިބަހުގައި، ފާހަގަކޮށްފައިވަނީ ފައިސާ ލިބޭކަން ކުދިންނަށް އެނގޭނެކަމަށެވެ. އެގޮތުން، "ކުދިންނަށް ވެސް އެކަން އެނގޭނެ" ކަމަށާއި ޢަލީ އަނަސް އަށް އެންގޭނެތޯ ސުވާލުކުރުމުން "ލައްބަ އެނގޭނެ ކަމަށް" މިފަދައިން ބުނެފައިވެއެވެ.
32ދަށު ކޯޓުން މިމައްސަލައިގައި ހެކި ވަޒަންކުރުމުގައި ފާހަގަކޮށްފައިވަނީ، މިބަދަލު ގެނެވިފައިވަނީ ޢަލީ އަނަސްގެ ރުހުމާއެކު ކަން އެނގެން ނެތް ކަމަށެވެ. ހެކިވެރިޔާ މުޙައްމަދު ޢަލީގެ ހެކިބަހުގައި ޢަލީ އަނަސްއަށް ލިބެންޖެހޭ ފައިސާއެއް ހެކިވެރިޔާއަށް ޙަވާލުކުރަންވީ ކީއްވެގެންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ބަޔާންކޮށްފައިވަނީ "ޢަލީ އަނަސް އާއި މުޙައްމަދު ޢަލީ އަކީ، އުޞޫލެއްގެ ގޮތުން އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅު. އެހެންވެއްޖެކަމަށްވަންޏާ، އެމުޢާމަލާތުގެ ތެރެއިން އަޅުގަނޑުގެ ފައިސާވެސް ބޭނުންކުރެވިފައިވީމަ، އަޅުގަނޑު އަދި އެފައިސާ ބޭނުންކުރުމަކުން އިތުރު މައްސަލަތަކެއް ނުކުންނާނެ ކަމަކަށް ބުއްދީގެ ހަމަތަކުން ނުފެންނާތީ އެގޮތުން ކުރެއްވި މުޢާމަލާތެއް" ކަމަށް ބަޔާންކޮށްފައިވުމުން، މިގެނެވުނު ބަދަލަކީ ކޮންމެހެން ޢަލީ އަނަސްގެ ރުހުމާއެކު، ގެނެވުނު ބަދަލެއް ކަމުގައި ނުބެލެވެއެވެ. އަދި، މިބަދަލު ގެނައުމަށް ޢަލީ އަނަސްގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތާ ކޮށްފައިވާ އެއްވެސް މުޢާމަލާތެއް އެނގެން ނެތެވެ. އަދި މިފައިސާ ޢަލީ އަނަސްއާ ޙަވާލުކުރުމުގެ ނިޔަތެއް އޮތްތޯ ބަލާއިރު، ހެކިވެރިޔާ މުޙައްމަދު ޢަލީ ދަށުކޯޓުގައި ބަޔާންކޮށްފައިވަނީ "އަޅުގަނޑު ދަރިފުޅަކަށް އެއްވެސް ފައިސާއެއް ޙަވާލެއް ނުކުރަން. އެކުދިން ކައިރީ އަޅުގަނޑު ބުނެފަ އިންނާނީ އެކޮޅުން ދޭއެއްޗެއް ލިބުނިއްޔާ ލިބުނު ވާހަކަ" މިފަދައިންނެވެ.
33HN7އިސްތިއުނާފުކުރާ ފަރާތުގެ ބައްޕައަކީ (މުޙައްމަދު ޢަލީ) އެޕާޓްމަންޓް ގަތުމުގެ އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ. އެހެންކަމުން، ވިއްކާ ފަރާތުން ޢަލީ އަނަސްގެ ބައްޕައަށް ފައިސާ ދެއްކިކަމުގައި ވީނަމަވެސް، އެއީ ކޮންޓްރެކްޓްގެ ދަށުން ޢަލީ އަނަސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުން ކަމުގައި ޤާނޫނީގޮތުން ނުބެލެވޭނެއެވެ. ޢަލީ އަނަސްގެ ފަރާތުން އޭނާގެ ބައްޕައަށް ފައިސާ ދެއްކުމަށް ލިޔުމުން ނުވަތަ ޘާބިތުވާ ގޮތެއްގައި އޭޖެންސީއެއް ނުވަތަ އިރުޝާދެއް ދީފައިވާކަން ޘާބިތުނުވާހާ ހިނދަކު، ވިއްކި ފަރާތުން އަމިއްލައަށް އިސްނަގައިގެން ޢަލީ އަނަސްގެ ބައްޕައަށް ފައިސާ ދިނުމަކުން ޢަލީ އަނަސްގެ މައްޗަށް "ފައިސާ ލިބިގަތްކަމުގެ" އިލްތިޒާމެއް މަތިނުކުރެވޭނެއެވެ. ޢަލީ އަނަސްގެ ބައްޕައަށް ލިބުނު ކަމަށް ބުނާ ފައިސާއަކީ ސީދާ ޢަލީ އަނަސްގެ މަންފާއަށްޓަކައި ލިބުނު ފައިސާއެއްކަން ނުވަތަ ޢަލީ އަނަސްއަށް އެ ފައިސާ ވާޞިލުވިކަން ޘާބިތުވެފައެއް ނުވެއެވެ.
34HN8ވުމާއެކު، މިމައްސަލައިގައި ޢަލީ އަނަސްގެ ރުހުމެއް ނެތި އެއްބަސްވުމުގެ ދަށުން އަދާ ކުރަންޖެހޭ އިލްތިޒާމް އެހެން ފަރާތަކަށް އަދާކުރުމުން، ޢަލީ އަނަސްއަށް އަނބުރާ ލިބެންޖެހޭ ފައިސާގެ އިލްތިޒާމް އަދާކުރެވުނީ ކަމުގައި ބެލުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލާ ވެއިވަރގެ އުޞޫލުގެ ދަށުން ތަންދޭ ކަމެއް ކަމުގައި ނުދެކެމެވެ.
35މިއާ ޚިލާފަށް ޢަލީ އަނަސްގެ ބަހުން އެފަރާތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން -/50,000ރ. (ފަންސާސްހާސް ރުފިޔާ) ޢަލީ އަނަސްގެ ކޮއްކޮ ކަމަށްވާ އަޙްމަދު އަނީސްގެ އެކައުންޓަށް ދިޔައީ ޢަލީ އަނަސްގެ އެނގުމުގެ ތެރެއިން ކަމަށް އެއްބަސްވެފައިވެއެވެ.
36HN9ދަށު ކޯޓުގައި ޢަލީ އަނަސްގެ ބައްޕަ ހެކިބަސް ދެމުން، އޭނާއަށް ކޮންމެވެސް ވަރަކަށް ފައިސާ ލިބުނު ކަމަށާއި ނަމަވެސް ލިބުނު އަދަދު ސާފުނުވާ ކަމަށް ބުނެފައިވުމުން އިސްތިއުނާފު ރައްދުވާ ފަރާތުން ޢަލީ އަނަސްގެ ބައްޕައަށް ދިން ކަމަށް ބުނާ ފައިސާއެއްވާނަމަ، އެ ފައިސާ އަނބުރާ ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައުވާކުރަންޖެހޭނީ ސީދާ އެ ފައިސާ ލިބުނު ތިންވަނަ ފަރާތުގެ (ޢަލީ އަނަސްގެ ބައްޕަގެ) މައްޗަށެވެ. އެކަމުގެ ސަބަބުން ޢަލީ އަނަސްގެ ޢަޤްދީ ޙައްޤަކަށް އުނިކަމެއް ނާންނާނެއެވެ. ހެއްކާބެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހެކި ވަޒަންކުރުން
37އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތު ކުރަނީ، ދަށު ކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެނގެން އޮއްވައި، ހެއްކާބެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދަށު ކޯޓުން އެ ލިޔުންތަކަށް ބުރަދަން ދީފައިވާ ކަމަށެވެ.
38އެގޮތުން ލިޔެކިޔުމުގެ ސައްޚަކަމާމެދު ސުވާލު އުފައްދާފައިވާނެކަމަށާއި، މި ލިޔެކިޔުންތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް އިސްތިއުނާފު ކުރާ ފަރާތުގެ އެދުމުގެ މަތިން ތައްޔާރުކުރެވުނު ލިޔުންތަކެއްކަން މުޙައްމަދު ޢަލީގެ ހެކިބަހުން ސާފުވާތީއާއި، މިހެކިވެރިޔާގެ ބަހުން ވެސް ޙަޤީޤަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް -/400,000.00ރ. (ހަތަރުލައްކަ ރުފިޔާ) ކަމަށް ހެކިވެރިޔާ (މުޙައްމަދު ޢަލީ) ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވަނިކޮށް، މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން (2019 ގައި) ނަޤުދު ފައިސާއިން އެއަށްވުރެ އިތުރަށް ފައިސާ ދައްކަމުންދާ ކަމަށް ބުނެ ހުށަހެޅި ލިޔުންތަކުގައި ތާރީޚު ނެތުމާއި، މިމުޢާމަލާތް ހިނގި ދުވަސްވަރު ތައްޔާރުކޮށްފައިވާ ލިޔުމަކަށް ނުވުމުގެ ސަރީޙަ ފުށުއެރުންތައް ހުރިކަން ފާހަގަކޮށްފައިވާނެކަމަށެވެ.
39HN10މިމައްސަލައަކީ ހެއްކާބެހޭ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދަށުކޯޓުން ބަލާފައިވާ މައްސަލައެކެވެ. ކުރީގެ ޢަމަލުކުރެވެމުން ދިޔަ އުޞޫލުތަކަށް ބަލާއިރު، ކޯޓަށް ހުށަހެޅޭ ކިތާބީ ހެއްކެއްގެ ސައްޚަކަމާމެދު ސުވާލު އުފެދިއްޖެނަމަ ޢަމަލުކުރެވޭ އުޞޫލު ބަޔާންކުރާ އަސާސީ އެއް ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއެވެ.
40އެޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޑޮކިއުމަންޓެއްގެ ސައްޚަކަމާމެދު ޑޮކިއުމަންޓު ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ސައްޚަކަން ޘާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށެވެ. ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓުން އަންގަންވާނީ އެ ޑޮކިއުމަންޓުގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށް ކަމަށް ވެސް އެޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
41HN11ނަމަވެސް، ލިޔުމުގެ އަޞްލު ނެތް ސަބަބު ދައުވާކުރާ ފަރާތުން މަޤްބޫލު ގޮތެއްގައި ބަޔާންކޮށްދީ، ކޯޓުން އެ ދެވަނަ ދަރަޖައިގެ ހެކި މައްސަލައަށް ބަލައިގަންނަ ޙާލަތުގައި، އެ ލިޔުމަކީ ސައްޚަ ނޫން ލިޔުމެއް ކަމަށް ބުނެ ދައުވާލިބޭ ފަރާތުން ތައުނުކުރާނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. މުޙައްމަދު އިބްރާހީމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، އެ ލިޔުން ސައްޚަނުވާ ސަބަބުތައް ބަޔާންކޮށްދީ، އެކަމާ ގުޅޭ ހެކި ހުށަހެޅުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ލިޔުމަށް ތައުނުކުރި (ދައުވާލިބޭ) ފަރާތުންނެވެ.
42HN12ދައުވާކުރާ ފަރާތުން ލިޔުމުގެ އަޞްލު ހުށަހެޅުމެއްނެތި، ދެވަނަ ދަރަޖައިގެ ހެކި ހުށަހެޅި ސަބަބު ޤާނޫނީ ގޮތުން މަޤްބޫލު މިންވަރަކަށް ބަޔާންކޮށްދެވިފައި ނުވާނަމަ، ދައުވާކުރާ ފަރާތުގެ މައްޗަށް އޮތް އިބްތިދާއީ ޘާބިތުކުރުމުގެ ބާރު ފުރިހަމަވި ކަމަކަށް ނުބެލެވޭނެއެވެ. މިފަދަ ޙާލަތެއްގައި، ދައުވާލިބޭ ފަރާތުގެ މައްޗަށް އެ ލިޔުމެއްގެ ސައްޚަކަން ނެތިގޮސްފައިވާކަން ދެއްކުމުގެ ބުރަ ބަދަލެއް ނުވާނެއެވެ.
43މިމައްސަލައިގައި ހިމެނޭ އެއްބަސްވުމާއި، މުޙައްމަދު ޢަލީއަށް ލިބިފައިވާ ފައިސާގެ އަދަދު ޘާބިތުވުމާ ގުޅޭ ގޮތުން ދަށު މަރުޙަލާއިން ފެށިގެން ޢަލީ އަނަސްގެ ފަރާތުން ދިޔައީ ސުވާލުކުރުމުންނެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، ހުށަހެޅުނު އެއްބަސްވުމާއި ފައިސާ ލިބުނު ކަމުގެ ރަސީދުތަކުގެ އަސްލެއް ހުށަހެޅިފައިނުވާކަމަށާއި، މިލިޔެކިޔުމުގައި ތާރީޚެއް ނެތްކަމާއި މިލިޔުމުގައިވާ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މުޙައްމަދު ޢަލީ ވެސް އިންކާރުކުރާ ކަމަށެވެ.
44HN13ހުށަހެޅުނު ލިޔެކިޔުންތަކަށް ޢަލީ އަނަސްގެ ފަރާތުން ތައުނު ކޮށްފައިވީނަމަވެސް، ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅިފައިވާކަން ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގެ ލިޔެކިޔުންތަކުން އެނގެން ނެތެވެ. އެހެންކަމުން، މިމައްސަލައިގައި މިހެއްކަށް ބުރަދަންދީ ގޮތެއް ކަނޑައެޅިފައިވަނީ އެންމެ ރަނގަޅަށް ކަމަށް ނުދެކެމެވެ.
45އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން މިލިޔެކިޔުންތަކުގައި ޕްރައިމާ ފާސީ މިންގަނޑުން ބަލާއިރު، ސުވާލު އުފެދޭ ކަންތައްތަކެއް ހުރިނަމަވެސް، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާދެއްކި ކަމަށް މުޙައްމަދު ޢަލީވެސް އެއްބަސްވާތީ އެނާޖާއިޒު މަންފާ ހޯދުމަށް ދައުވާކުރުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް ކަމަށް ބުރަވެވޭތީއާއި، އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ވާސިލުވި ނަތީޖާއަށް ބަލާއިރު، މިއީ މިމައްސަލައަށް މުހިއްމު ވާޤިއާއެއްކަމުގައި ނުފެންނާތީ، މިލިޔެކިޔުންތަކުގެ ސައްޚަކަމާމެދު މިކޯޓުން ނަޒަރެއް ފާޅުކުރުން ރަނގަޅުކަމުގައި ނުދެކެމެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު
46އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޢަލީ އަނަސްގެ ފަރާތުން ބުނެފައިވަނީ، ގެއްލުމުގެ ބަދަލާއި ގުޅިގެން މަތީ މަރުޙަލާއިން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ގެއްލުމުގެ ބަދަލު ޘާބިތުކޮށްދިނުމަށް އިތުރަށް ހެކި ހުށަހަޅަން ބޭނުންވާކަމަށް ބުނެ ދަށު ކޯޓުގައި ފާހަގަކުރުމުން އެފުރުސަތު ދީފައިނުވާކަމަށާއި، އަދި އައި ބަދަލާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދުމުން އެގޮތަށް ފުރުސަތުނުދީ މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
47ދަށު ކޯޓަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ދައުވާ ފޯމުގައި ބަޔާންކޮށްފައިވަނީ، "އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން 03 އޯގަސްޓް 2016 އިން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ ޖޫރިމަނާއާއި..." މިފަދައިންނެވެ.
48މައްސަލައިގެ ޚުލާސާ ބަޔާނުގައި ޖޫރިމަނާ ނެގުމުގެ އުޞޫލުތަކަށް ބަދަލު އައިސްފައިވާކަން ތަފްސީލުކޮށް ބަޔާންކުރުމަށް ފަހު އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ ......" އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އަނބުރާ ހަވާލުނުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލަށް/ ޖޫރިމަނާއަށް ދައުވާ ލިބޭ ފަރާތުން ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުވާކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ފައިސާ މިމައްސަލާގައި ހިމެނޭ ޕްރިންސިޕަލް އަދަދަށް ވުރެ ބޮޑުވާތީ ގެއްލުމުގެ ބަދަލު ޕްރިންސިޕަލް އަދަދާ އެއްވަރަށް ހަމަޖައްސަވައިދެއްވާ ޖުމްލަ -/2,900,000.00ރ (ދެމިލިއަން ނުވަލައްކަ ރުފިޔާ) އެކީ އެއްފަހަރާ ދައުވާ ކުރާ ފަރާތަށް ދެއްކުމަށް ދައުވާ ލިބޭ ފަރާތަށް އަންގާ ޙުކުމް ކޮށްދެއްވުމަށެވެ."
49މިޖޫރިމަނާ ފައިސާ ނަގައިދިނުމާމެދު ދަށުކޯޓުން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގައި އެފަދަ ޖޫރިމަނާއެއް ނަގައިދިނުމަށް ބަޔާންކޮށްފައި ނެތްކަމަށާއި، އެއްބަސްވުމުގައި ނެތް ބަދަލެއް ނުވަތަ ޖޫރިމަނާއެއް އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެ ހަމައެއް ނެތްކަމަށެވެ. އަދި، އެފަދަ ޝަރުތުތަކަކަށް ނުރުހުމުގައި ބަދަލު ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.
50އަދި ދައުވާކުރާ ފަރާތުން ގެއްލުމުގެ ބަދަލު ޘާބިތުކުރުމަށް ހެކިހުށަހެޅުމުގެ ފުރުސަތަކަށް އެދީފައިވީނަމަވެސް، މިދައުވާގައި އެދިފައިވާ އަދަދަކީ، ޖޫރިމަނާ (fine) އެއް ކަމުގައިވާއިރު، އެފަދަ ޖޫރިމަނާއެއް ގެއްލުމުގެ ބަދަލަށް ބަދަލުކޮށް އަލުން ފުރުސަތު ދޭން ނުޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
51އިސްތިއުނާފީ މިނުކުތާގައި އިސްތިއުނާފު ބިނާކޮށްފައިވަނީ މިނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފު ކަމަށް ފާހަގަކޮށެވެ. އެހެންނަމަވެސް، ދަށު ކޯޓުގެ މިނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފުވަނީ ކިހިނެއްކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބަޔާންކޮށްދީފައި ނުވެއެވެ.
ނިންމަން ފެންނަ ގޮތް
52އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން؛ (1) ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާގެ ނިންމުން ބާޠިލްކޮށް؛ އަދި (2) ޞާބިރާ ޢަބްދުލްޣަފޫރު ގެ ފަރާތުން ޢަލީ އަނަސް އަށް -/1,450,000ރ. (އެއްމިލިއަން ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ދޭންޖެހޭކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
53ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
54ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
55މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 116/Cv-C-HD/2020 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، […] ޞާބިރާ ޢަބްދުލްޣަފޫރުގެ ފަރާތުން ހއ.ހޯރަފުށި ޢަލީ އަނަސް އަށް -/1,450,000ރ. (އެއްމިލިއަން ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައަޅައި، މިފައިސާ ޢަލީ އަނަސް އަށް ލިބިދިނުމުގެ ގޮތުން، މިޙުކުމް ކުރާ ތާރީޚުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު ދައްކަމުންގޮސް، މިއަދު (18 ނޮވެންބަރު 2026) އިން ފެށިގެން މީލާދީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް […] ޞާބިރާ ޢަބްދުލްޣަފޫރަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- ޢަލީ އަނަސްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ދައުވާ ފޯމާއެކު ޑޮކިއުމެންޓް 1 "އެއްބަސްވުން"
- އެއްބަސްވުމުގެ 2 ވަނަ މާއްދާ
- ޢަލީ އަނަސްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ދައުވާ ފޯމުގެ "އެދޭ ގޮތް"
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 2
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 3
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 5
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 5
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 5
- ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 6
- ފޯމުގައިވާ ގޮތް ޝަރީޢަތުގެ މަޖިލީހުގައި އިސްލާޙުކޮށްފައި
- ހައިކޯޓުގެ ޝަރީޢަތުގެ މަޙްޟަރު ބަޔާން 26 ފެބްރުއަރީ 2025 ޞަފްޙާ 2-3
- [2022] SC 49
- [2022] SC 36
- އެބަޙުގެ ޕްރެގްރާފް 13
- [2021] SC 09
- އެބަޙު ގެ ޕްރެގްރާފް 23
- ޤާނޫނު ނަންބަރު 4/91
- [2021] SC 65
- ދަށުކޯޓަށް 23 މާރިޗު 2021 ގައި ހެކިވެރިޔާ މުޙައްމަދު ޢަލީ ދީފައިވާ ބަޔާން - ސަފްޙާ 3
- [2021] SC 09
- [2021] SC 65
- ދަށު ކޯޓަށް 23 މާރިޗު 2021 ގައި ހެކިވެރިޔާ މުޙައްމަދު ޢަލީ ދީފައިވާ ބަޔާން - ސަފްޙާ 2
- ދަށުކޯޓުގެ ރިޕޯޓުގެ ޕޮއިންޓް 5 ގެ ޕެރެގްރާފް 3- ސަފްޙާ 8
- ދަށު ކޯޓަށް 23 މާރިޗު 2021 ގައި ހެކިވެރިޔާ މުޙައްމަދު ޢަލީ ދީފައިވާ ބަޔާން - ސަފްޙާ 5
- ދަށު ކޯޓަށް 23 މާރިޗު 2021 ގައި ހެކިވެރިޔާ މުޙައްމަދު ޢަލީ ދީފައިވާ ބަޔާން - ސަފްޙާ 4
- 28 އޮކްޓޯބަރ 2020 ގައި ޢަލީ އަނަސްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ބަޔާން - ޕެރެގްރާފް 9
- ޤާނޫނު ނަންބަރު 11/2022
- 2017/SC-A/40
- 2013/SC-A/18
- ޤާނޫނު ނަންބަރު 4/91
- ޢަލީ އަނަސްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި "ދައުވާ ފޯމް" ގެ ނަންބަރު 9-"ހުށަހަޅާ ދައުވާގައި އެއްވެސް ފައިސާއެއް ނުވަތަ ގެއްލުމުގެ ބަދަލަކަށް އެދޭނަމަ ފައިސާގެ ޖުމްލަ އަދަދާއި ހިސާބު ކުރެވިފައިވާ ގޮތުގެ ތަފްޞީލް"
- 24 މެއި 2021 ގައި ޢަލީ އަނަސްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ޚުލާސާ ބަޔާން ޞަފްޙާ 14
- ދަށުކޯޓުގެ ރިޕޯޓުގެ ޕޮއިންޓް 5 ގެ ޕެރެގްރާފް 3- ސަފްޙާ 8
- ޤާނޫނު ނަންބަރު 4/91
- ޤާނޫނު ނަންބަރު 4/91
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް [2022] SC 49
- އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2022] SC 36
- ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 09
- މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް [2021] SC 65
- ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް 2017/SC-A/40
- ދައުލަތް ވ. މުޙައްމަދު އިބްރާހީމް 2013/SC-A/18
- 2021/SC-A/41
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.