ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/148

ޢަލީ ނާޒް ވ. މަޙްމޫދު ނިޔާޒް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 28 ނޮވެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 1715/Cv-C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1715/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ދަޢުވާލިބުނު ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށް، 300,000 ރުފިޔާގެ އެޑްވާންސް ކުލި އަނބުރާ ދޭންޖެހޭ ކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން އެދުނު ފައިސާއަކީ ޕެނަލްޓީ ކްލޯޒެއްގެ ދަށުން އެދޭ ފައިސާކަމަށް ބަލައި އެ ފައިސާއާއި ވަކީލު ފީ ނަގައިނުދިނެވެ.
ވާޤިޢާ
ޢިމާރާތެއްގެ ތިންވަނަ ބުރި 21 ޖުލައި 2015 އިން 20 ޖުލައި 2021 ގެ ނިޔަލަށް ޢަލީ ނާޒަށް ކުއްޔަށް ދިނުމަށް 2015 ގައި އެއްބަސްވެ، ފުރަތަމަ 5 އަހަރުގެ ކުލީގެ ގޮތުގައި 300,000 ރުފިޔާ އެޑްވާންސްކޮށް ދައްކާފައިވިއެވެ. އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބުނީ ތަން 20 ޖުލައި 2015 ގެ ކުރިން ޙަވާލުނުކުރެވިއްޖެނަމަ ލަސްވާ ކޮންމެ މަހަކަށް ކުއްޔަށްދޭ ފަރާތުން 10,000 ރުފިޔާ ދައްކަންވާނެ ކަމަށެވެ. ތަން ޙަވާލުނުކުރުމުން އެޑްވާންސް ފައިސާއާއި ގެއްލުމުގެ ބަދަލާއި ވަކީލު ފީ ހޯދުމަށް ޢަލީ ނާޒް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޔަށް ދޫކުރާ ތަން ޙަވާލުކުރުން ލަސްވާ ކޮންމެ މަހަކަށް ކުއްޔަށްދޭ ފަރާތުން ވަކި ޢަދަދެއް ދައްކަން ކުލީގެ އެއްބަސްވުމުގައިވާ ޝަރުޠަކީ ތަންފީޛުނުކުރެވޭ ޕެނަލްޓީ ކްލޯޒެއްތޯ، ނުވަތަ ޞައްޙަ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ޝަރުޠެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފު ކުރާ ފަރާތުން ބުނީ އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއް ކަމަށާއި، ސިވިލް ކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ 2020/SC-A/28، 2019/SC-A/70 އަދި 2019/SC-A/85 ޤަޟިއްޔާތަކާއި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20، 21 އަދި 23 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ ސިވިލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، ޕެނަލްޓީ ކްލޯޒަކަށް ވަނީ ޝަރުޠަކީ ގެއްލުމުގެ އެކަށޭނަ އަންދާޒާއެއް ނޫން، ޚިލާފުވާ ފަރާތަށް އަދަބު ދިނުމަށް ހިމަނާފައިވާ ޝަރުޠެއްނަމަ ކަމަށާއި، ޤާބިލު ދެފަރާތެއް މިނިވަންކަމާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގައިވާ މިފަދަ ޝަރުޠެއް ބާޠިލުކުރެވޭނީ ހަމައެކަނި ބިރުގަންނަވަން ހިމަނާފައިވާ ޢަދަދެއްނަމަ ކަމަށެވެ. ވިޔަފާރީގެ ޠަބީޢަތާއި އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއަށް ބަލާއިރު މަހަކު 10,000 ރުފިޔާއަކީ ގެއްލުމުގެ ޙަޤީޤީ އަންދާޒާއެއް ކަމަށާއި، އެއީ ޞައްޙަ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއް ކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރާ ފަރާތުން ގެއްލުން ބޮޑުވާން ދޫކޮށްލާފައި ނުވާތީ، ކުލި އެޑްވާންސްކޮށް ދައްކާފައިވާ 5 އަހަރަށް 600,000 ރުފިޔާ ނަގައިދިނެވެ. 300,000 ރުފިޔާ އަނބުރާ ދިނުމާއި ވަކީލު ފީއާބެހޭ ބައި ދެމެހެއްޓިއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ސިވިލް ކޯޓުގެ ޙުކުމް ބައެއް ބަދަލުކުރެވުނު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެއްބަސްވުމެއްގައި ހިމެނޭ ޖަޒާއީ ޝަރުޠެއް (ޕެނަލްޓީ ކްލޯޒް) ކަމަށް ވާނީ، އެ ޝަރުޠަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް (ލިކުއިޑޭޓެޑް ޑެމޭޖަސް) ކަމަށް ނުވެ، އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމަށް ވާނަމައެވެ. މިކަން ކަނޑައެޅުމަށް ތިން ކަމެއް ބަލައެވެ: (ހ) ކަމާގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯ، (ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތުގެ ތަބީޢަތާއި މިންވަރު، އަދި (ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން ހިމެނޭތޯއެވެ.

HN2 ގެއްލުން ލިބޭ ފަރާތުގެ މައްޗަށް ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމުގެ ޒިންމާ އޮވެއެވެ. ޝަރުޠު ޖަޒާއީގެ ދަށުން ބޮޑެތި ފައިސާގެ ޢަދަދުތައް ހޯދުމުގެ ނިޔަތުގައި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ މައްޗަށް ފިޔަވަޅު ނާޅައި ޖޫރިމަނާ އަރަން ދޫކޮށްލާފައި ހުރުމަކީ، ސާފު އަތަކާއެކު ޙައްޤު ހޯދަން އައުން ކަމަށް ނުބެލެވޭނެއެވެ.

HN3 ޕެނަލްޓީ ކްލޯޒްއަކަށްވާނީ، އެ ޢަދަދަކީ ޢަޤުދާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމާ ގުޅުމެއް ނެތް ނުވަތަ އެ ގެއްލުމަށް ނިސްބަތް ނުކުރެވޭ އަދި އަނެއް ފަރާތަށް އަދަބުދީ ބިރުގަންނަވަން ހިމަނާފައިވާ ޢަދަދަކަށް ވާނަމައެވެ. ނަމަވެސް، އެއީ ކުރިއާލާ ހެދިފައިވާ އަދި ލިބޭނެ ގެއްލުމުގެ ޙަޤީޤީ އަންދާޒާއެއް (Genuine Pre-estimate of Loss) ނަމަ، އެއީ ޞައްޙަ Liquidated Damages އެކެވެ.

HN4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ ދަށުން، ބުއްދި ސަލާމަތުން ހުރި، މާލީ ގޮތުން ޤާބިލު ދެފަރާތަކުން ވިޔަފާރީގެ ހިރާސްތައް (Risks) ވަޒަންކުރުމަށްފަހު، އިޚްތިޔާރާއި ރުހުމުގައި އަދި ކޮންޓްރެކްޓެއް ވުމުގެ މިނިވަންކަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައިވާ މިފަދަ ޝަރުޠެއް ބާޠިލުކުރެވޭނީ އެއީ އެއްވެސް ޙައްޤު ސަބަބެއް ނެތް، ހަމައެކަނި އަނެއް ފަރާތް ބިރުގަންނަވަން ހިމަނާފައިވާ ޣައިރު ޤާނޫނީ ޢަދަދަކަށް ވާނަމައެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ޢަލީ ނާޒް (މީގެ ފަހުން" ޢަލީ ނާޒް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވަނީ މަޙްމޫދު ނިޔާޒް (މީގެ ފަހުން " މަޙްމޫދު ނިޔާޒް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތް

215 ފެބްރުވަރީ 2015 އިން ފެށިގެން 10 އަހަރު ދުވަހަށް މަޙްމޫދު ނިޔާޒް ކުއްޔަށް ހިފާފައިވާ […] އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ސެކަންޑް ފްލޯރ (03 ވަނަ ބުރި) 21 ޖުލައި 2015 އިން ފެށިގެން 20 ޖުލައި 2021 ގެ ނިޔަލަށް ޢަލީ ނާޒުއަށް ކުއްޔަށް ދޫކުރުމާބެހޭ ގޮތުން މަޙްމޫދު ނިޔާޒް އާ ޢަލީ ނާޒުއާ ދެމެދު 21 މެއި 2015 ގައި އެއްބަސްވުމެއް ވިއެވެ.

3އެއްބަސްވުމުގައި ސޮއިކުރިއިރު އެ ޢިމާރާތަކީ ހަދަމުންދިޔަ ތަނަކަށްވާތީ ތަނުގެ މަސައްކަތް ނިންމާ ޢިމާރާތް ބޭނުންކުރެވޭނެ ފެންވަރުގައި ހެދުމަށްފަހު ލަސްވެގެން 20 ޖުލައި 2015 ގެ ކުރިން ތަން ޢަލީ ނާޒުއާ ޙަވާލުކުރުމަށް މަޙްމޫދު ނިޔާޒް އެއްބަސްވެފައިވެއެވެ. އެއްބަސްވުމުގެ ސޮއިކުރި ތާރީޚު (21 މެއި 2015)ން ފެށިގެން 21 ޖުލައި 2015 އާ ދެމެދުގައިވާ ދުވަސްތަކަކީ ކުއްޔަށްހިފާ ތަނުގެ މަސައްކަތް ނިންމުމަށް ދެވިފައިވާ މުއްދަތުކަމަށް އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

4އެ މުއްދަތުގެ ތެރޭގައި ކުއްޔަށްދޫކޮށްފައިވާ ތަނުގެ މަސައްކަތް ނިންމާ ކުއްޔަށް ހިފާފަރާތާއި ޙަވާލު ނުކުރެވިއްޖެނަމަ -/10,000 (ދިހަހާސް) ރުފިޔާގެ މަގުން މަސައްކަތް ނުނިމިގެން އިތުރަށް ހިނގާ ކޮންމެ މަހަކަށް ކުއްޔަށް ހިފާފަރާތަށް ކުއްޔަށްދޭ ފަރާތުން ދައްކަންވާނެއެވެ. އަދި މަހަކަށްވުރެ ދުވަސް މަދުވެއްޖެނަމަ ޢަމަލުކުރާނީ -/10,000 (ދިހަހާސް) ރުފިޔާ މަސް ދުވަހަށް ބަހާލުމުން ދުވަހަކަށް ޖެހޭވަރު ބަލައިގެން ކަމަށް އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ބުނެއެވެ.

5އެއްބަސްވުމާ އެއްގޮތަށް އެޕާޓްމެންޓް ޙަވާލުނުކޮށް މަޙްމޫދު ނިޔާޒް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ މަޙްމޫދު ނިޔާޒްގެ މައްޗަށް ޢަލީ ނާޒުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

6ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާއިން ބަލާފައިވާ އެ މައްސަލައިގައި ޢަލީ ނާޒް އެދިފައިވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ މަޙްމޫދު ނިޔާޒް ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމާއެކު ޢަލީ ނާޒްއަށް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި މަޙްމޫދު ނިޔާޒްއަށް އެޑްވާންސް ފައިސާއަށްވާ -/300,000 (ތިންލައްކަ) ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 72 (ހަތްދިހަ ދޭއް) މަސްދުވަހުގެ ކުލީގެ ގޮތުގައި ދޭންޖެހޭ -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އާއި ވަކީލު ފީގެ ގޮތުގައި ޚަރަދުކުރަންޖެހުނު -/150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާ އާއެކު ޖުމްލަ -/1,170,000 (އެއް މިލިއަން އެއް ލައްކަ ހަތްދިހަ ހާސް) ރުފިޔާ އެކީ އެއްފަހަރާ ދިނުމަށް މަޙްމޫދު ނިޔާޒްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގައި ނެރެންޖެހޭ އެންމެހައި އަމުރުތައް ނެރެދިނުމަށެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

7ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، […] އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ސެކަންޑް ފްލޯރ މަޙްމޫދު ނިޔާޒްއަށް ކުއްޔަށްދިނުމަށްޓަކައި ޢަލީ ނާޒް އާއި މަޙްމޫދު ނިޔާޒް އާދެމެދު 21 މެއި 2015 ގައި ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް މަޙްމޫދު ނިޔާޒްއަށް ކުއްޔަށްދީފައިވާ ތަން ހަވާލުކޮށްފައިވާކަން އެނގެން ނެތުމުން އެޕާޓްމެންޓްގެ ކުލީގެ ގޮތުގައި ޢަލީ ނާޒް، މަޙްމޫދު ނިޔާޒްއަށް ދީފައިވާ -/300,000 (ތިންލައްކަ) ރުފިޔާ އަކީ ޢަލީ ނާޒްއަށް އަނބުރާ ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޕެނަލްޓީ ކްލޯޒްއެއްގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާއަކަށްވާތީ އެ ފައިސާ ޝަރީޢަތުން ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަކީލު ފީ އާމެދު އެއްބަސްވެފައިނުވާތީ ވަކީލު ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ -/300,000 (ތިންލައްކަ) ރުފިޔާ ޢަލީ ނާޒްއަށް ލިބިދިނުމުގެ ގޮތުން، 04 އޭޕްރިލް 2022 މި ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާޞްކުރުމަށް މަޙްމޫދު ނިޔާޒްއަށް އަންގައި، މަޙްމޫދު ނިޔާޒްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ."

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

8ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަލީ ނާޒުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

8.1. ސިވިލްކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން ސިވިލްކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 21 މެއި 2015 ގައި ޤާއިމުކޮށްފައިވާ އެއްބަސްވުމާ، އިސްތިއުނާފު ރައްދުވާ ފަރާތުން ކަނޑައެޅިގެން ޚިލާފުވެފައިވާއިރު، އަދި އެކަމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެފަދަ ކަންކަމުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި އެއްބަސްވުމުގައި ހިމަނާފައިވާ ލިކުއިޑޭޓެޑް ޑެމޭޖަސް ކްލޯޒް، މިޤަޟިއްޔާގައި ސިވިލް ކޯޓުން މާނަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/70 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށްކަމުގައި ނުވާތީ، އެއީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 05 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި؛

8.2. ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން ސިވިލްކޯޓަށް ހުށަހަޅާފައިވާ 21 މެއި 2015 ގައި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުމާ ކަނޑައެޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާތީ އެފަދަ ކަންކަން ފޫބެއްދުމަށް އެއްބަސްވުމުގައި ހިމަނާފައިވާ އެއްބަސްވުމުގެ 05 ވަނަ މާއްދާ، ސިވިލް ކޯޓުން މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 04/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާ އާއި، 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަ

9އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ދެއްކި ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، 21 ޖުލައި 2015 އަށް ތަނުގެ މަސައްކަތް ނިންމައި، ތަން ކުއްޔަށް ހިފާ ފަރާތަށް ހަވާލު ނުކޮށްފިނަމަ މަސައްކަތް ނުނިމިގެން އިތުރަށްހިނގާ ކޮންމެ މަހަކަށް 10,000/- (ދިހަހާސް) ރުފިޔާ ކުއްޔަށްދޭ ފަރާތުން ކުއްޔަށް ހިފާ ފަރާތަށް ދައްކަންވާނެ ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި އެއްބަސްވުމުގެ 05 ވަނަ މާއްދާގެ ދަށުން ތަން ޙަވާލުކުރަންދެން ކޮންމެ މަހަކު ދައްކަންޖެހޭ -/10,000 (ދިހަހާސް) ރުފިޔާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ކަނޑައަޅައި އެފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވާއިރު، އެއްބަސްވުމެއްގެ އަސާސީ މާއްދާއެއްގައި ބަޔާންކޮށްފައިވާ ކަމެއް ނުކުރުމުގެ ސަބަބުން އެ އެއްބަސްވުމުގައި ހިމެނޭ މައުޞޫމް ފަރާތަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ހިމެނޭ ސާނަވީ ކޮންމެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނޫންކަމަށާއި، ޕެނަލްޓީ ކްލޯޒް އާއި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ތަފާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކޮށްދީފައިވާއިރު، މި މައްސަލައިގެ ބުނާ އެއްބަސްވުމުގެ 05 ވަނަ މާއްދާ ޕެނަލްޓީ ކްލޯޒްއަކަށްވަނީ ކިހިނެތްކަން ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ޕެނަލްޓީ ކްލޯޒް އާއި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ތަފާތު ބަޔާންކޮށް އެ ޤަޟިއްޔާގެ 37 އަދި 38 އަދި 40 43 އަދި 44 އަދި 44.1 ގެ (2) އަދި 44.1 ގެ (3) އަދި 44.2 އަދި 46 އަދި 50 ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 05 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ނުދެކޭ ކަމަށެވެ.

10.1. އެގޮތުން އެޤަޟިއްޔާގެ 37 އަދި 38 އަދި 40 ވަނަ ޕެރެގުރާފުގައި ބަޔާންކުރާ އުޞޫލުގެ އަލީގައި ބަލާއިރު އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ހިފިތަން އެއްބަސްވުމުގެ މުއްދަތު ހަމަވި އިރުވެސް އަދި މިއަދާހަމައަށްވެސް ހަވާލުކޮށްފައިނުވުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަން އޮޅުމެއްނެތި އެނގޭ ކަމަށާއި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެ ޚިލާފުވުމުގެ ސަބަބުން މައުޞޫމު ފަރާތަށް ލިބޭނެ ގެއްލުން ފޫބެއްދުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާއަކީ އެއްބަސްވުމުގެ 05 ވަނަ މާއްދާ ކަމަށްވާއިރު އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގެއްލުމުގެ ބަދަލު ލިބިދެވެންޖެހޭކަމަށް ދެކޭކަމަށެވެ.

10.2. އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޔަށްދޭތަން ކުއްޔަށްހިފާ ފަރާތަށް 20 ޖުލައި 2015 ގެ ކުރިން ޙަވާލުކުރަންވާނެ ކަމަށާއި، އަދި އެ ތާރީޚަށް ޙަވާލު ނުކުރެވިއްޖެނަމަ ކުއްޔަށްހިފާ ފަރާތަށް އެތަނުގައި ދިރިއުޅުމުގެ ފުރުޞަތު ނުވަތަ ކުއްޔަށްދިނުމުގެ ފުރުޞަތު ގެއްލިގެންދާނެތީ، މާކެޓުގައި 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ އެންމެ ދަށްވެގެން މިހާރުވެސް -/16,000 (ސޯޅަ ހާސް) ރުފިޔާ ކަމަށް ވާއިރު އެއަށްވުރެ -/6,000 (ހަހާސް) ރުފިޔާ ކުޑަ ޢަދަދެއް ކަމަށާއި އިސްތިއުނާފުކުރާ ފަރާތުން ދިރިއުޅުމަށް ނުވަތަ ކުއްޔަށްދިނުމުގެ ބޭނުމުގައި 2 ކޮޓަރީގެ އެޕާޓްމަންޓަކަށް އެޑްވާންސްކޮށް 5 އަހަރު ކުލި ދައްކައި، އަދި އެތަން 21 ޖުލައި 2015 ގެ ނިޔަލަށް ޙަވާލު ނުކޮށްފިނަމަ ދިރިއުޅޭނެތަނެއް ހަމަޖެއްސުމަށް ނުވަތަ ކުއްޔަށްދީގެން މަންފާލިބިގަތުމަށް ހުރަސް އެޅޭނެތީ، ގެއްލުން ފޫބެއްދުމަށް މަހަކު -/10,000 (ދިހަހާސް) ރުފިޔާ ދިނުމަށް ދެފަރާތުން އެއްބަސްވެ ތަން ޙަވާލުކުރަންދެން ކޮންމެ މަހަކު ދިނުމަށް އެއްބަސްވި މިންވަރަކީ ޕެނަލްޓީ ކްލޯޒްއެއްގެ ގޮތުގައި ބެލޭނެ ހަމައެއްނެތް ކަމަށެވެ.

10.3. އަދި އެ ޤަޟިއްޔާގެ 44.1 ގެ (2) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ އަލީގައި ބަލާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ -/16,000 (ސޯޅަ ހާސް) ރުފިޔާ ކަމަށް ވާއިރުގައި އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަކީ މާކެޓްގައި އެފަދަ ތަނެއްގެ ކުއްޔަށްވުރެވެސް ކުޑަ ކުއްޔަކަށްވާތީ އެމިންވަރަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ބެލޭނެ ހަމައެއްނެތްކަމަށެވެ.

10.4. އެ ޤަޟިއްޔާގެ 44.1 ގެ (3) ޕެރެގްރާފުގައި ޕެނަލްޓީ ކްލޯޒްއަށް ދީފައިވާ ތަޢުރީފު މިމައްސަލައަށް ތަޠްބީޤު ކުރާއިރު، މި މައްސަލައިގައި ޢިމާރާތްކޮށް ނިންމާ، ކުއްޔަށްދޭންޖެހޭތަން ހަވާލު ނުކުރުމުގެ ސަބަބުން ދައްކަންޖެހޭ ގެއްލުމުގެ ބަދަލަކީ ތަން ޙަވާލު ކުރަންދެން މަހުން މަހަށް ދޭންޖެހޭ އެއްޗަކަށްވާއިރު، ޙަވާލާދޭ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއަކަށް ނުވާނެކަން ސާފުކޮށް އެނގޭ ކަމަށެވެ.

10.5. އަދި އެ ޤަޟިއްޔާގެ 44.2 ވަނަ ޕެރަގްރާފުގައި ބަޔާންކޮށްފައިވާ އުސޫލުގެ އަލީގައި ބަލާއިރު، މި މައްސަލައިގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ 5 (ފަހެއް) އަހަރު ދުވަހުގެ ކުލި އެއްފަހަރާ އެޑްވާންސްކޮށް ދިނުމަށްފަހު އެމުއްދަތަށް ތަން ޙަވާލުނުކުރެވިއްޖެނަމަ މަހަކު -/10,000 (ދިހަހާސް) ރުފިޔާ ދައްކަންވާނެކަމަށް ބަޔާންކުރުމުން އަދި މާކެޓުގައި އެފަދަ ތަނެއްގެ ކުއްޔަކީ އެމިންވަރަށްވުރެ -/6000 (ހަހާސް) ރުފިޔާ ބޮޑު ކުއްޔަކަށްވާއިރު އެ އަސާސްގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ކުއްޔަކީ ޢުޤޫބާތެއްކަމަށްބެލެވި ޕެނަލްޓީ ކްލޯޒްއަކަށް ނުވާނެކަން އެނގޭކަމަށެވެ.

11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/70 ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކޯޓުތަކުން އެއްބަސްވުމާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކުގައި ގެއްލުން ދިން ފަރާތުގެ ކިބައިން ގެއްލުން ލިބުނު ފަރާތަށް އެކްޗުއަލް ޑެމޭޖަސް އާއި ނޮމިނަލް ޑެމޭޖަސް އާއި ލިކުއިޑޭޓެޑް ޑެމޭޖަސް ނަގައިދެވޭނެކަމަށާއި އެކަށީގެންވާ ޢަދަދުތަކުގެ ބަދަލު ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދެވޭނެ ކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ޤަޟިއްޔާއަށް ބަލާއިރު ވެސް މި ދެފަރާތް ދެމެދު 21 މެއި 2015 ގައި ޤާއިމުކުރި އެއްބަސްވުމުގެ 05 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ނުބެލެވޭނެކަމަށެވެ.

12ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާގައި އެއްބަސްވުމާ ޚިލާފުވާ ފަރާތުން ދެ ބާވަތެއްގެ އިލްތިޒާމު އުފުލަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، އެ އުސޫލުތަކާ އެއްގޮތަށް އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ގެއްލުމުގެ ބަދަލު ނަގައިދެވެން ޖެހޭ ކަމަށެވެ.

13އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފުސީލުގައި ބުނެފައިވަނީ އެއްބަސްވުމުގެ 05 ވަނަ މާއްދާ ދަށުކޯޓުން މާނަކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20، 21، 23 ވަނަ މާއްދާއާ ޚިލަފަށް ކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރަންވާނީ އެ ކޮންޓްރެކްޓެއްގައި ބުނެފައި އޮތް ގޮތަށް ކަމަށް ބަޔާންކުރާއިރު، އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުކޮށްފައި ނެތްކަމާއި، އިސްތިއުނާފު ކުރާ ފަރާތުން އެ ފަރާތަށް ލުޔެއް ދީފައި އޮތްތަން ފެންނާކަށެއް ނެތްކަމަށާއި، އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ޚިލާފުނުވާ ފަރާތަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު ލިބެންޖެހޭނެ ކަމަށާއި އެހެންކަމުން ސިވިލްކޯޓުން އެއްބަސްވުމުގެ 05 ވަނަ މާއްދާ އެއީ ތަންފީޛު ކުރެވޭނެ ނުވަތަ ޕެނަލްޓީ ކްލޯޒްއަކަށް ވެގެން ތަންފީޛު ނުކުރެވޭނެ މާއްދާއެއް ކަމަށް ކަނޑައެޅުމުގައި ޤާނޫނީ އުޞޫލުތަކަށް ޙަވާލާދީފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް

14އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާގެ ޙުކުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޕެނަލްޓީ ކްލޯޒްއެއްގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް އެ ޤަޟިއްޔާގައި ކަނޑައެޅި ބައި ބާޠިލުކޮށް، ދެ ފަރާތުން ޤާއިމުކުރި އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނޫން ކަމަށާއި އަދި އެއީ ލިކުއިޑޭޓެޑް ޑެމޭޖްސްގެ މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމާއެކު، 21 ޖުލައި 2015 އިން 20 ޖުލައި 2021 ގެ ނިޔަލަށް މަހަކު -/10,000 (ދިހަހާސް) ރުފިޔާގެ ރޭޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި -/360,000 (ތިންލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އިސްތިއުނާފު ކުރާ ފަރާތަށް ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި ޙުކުމް ކޮށްދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ

15އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާގެ ޙުކުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 ޖުލައި 2021 ގެ ނިޔަލަށް މަހަކު -/10,000 (ދިހަހާސް) ރުފިޔާ ހޯދުމަށް އެދިފައިވާ ފައިސާ ނަގައިނުދިނުމަށް ނިންމި ނިންމުމަކީ ރަނގަޅަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

16އެއްބަސްވުމުގެ ބަޔާންކޮށްފައިވާ މުއްދަތުގައި ތަން ނުނިމިގެން އެކަން އިސްތިއުނާފު ކުރާ ފަރާތަށް އަންގައި ލާރި ދޭނެ ކަމަށްވެސް ބުނެފައިވާނެ ކަމަށާއި އެގޮތުން އެފަރާތުން ދެއްކި ލާރި ދިނުމުގެ ގޮތުން ދެފަހަރެއްގެ މަތިން ފައިސާ ޓްރާންސްފަރވެސް ކޮށްފައިވާނެ ކަމަށެވެ.

ފާހަގަކުރެވުނު ކަންކަން

އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ޞައްޙަކަމާއި ޕެނަލްޓީ ކްލޯޒްގެ މަފްހޫމް

17ދަށު ކޯޓުން މައްސަލަ ނިންމުމުގައި، އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޕެނަލްޓީއެއް ކަމަށް ނިންމި ނިންމުމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކަށް ރިޢާޔަތްކުރަންޖެހެއެވެ. އެގޮތުން ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/70، 2019/SC-A/85 އަދި 2020/SC-A/28 ޤަޟިއްޔާތަކުގައި ޕެނަލްޓީ ކްލޯޒްއާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ.

18HN1ސުޕްރީމް ކޯޓުގެ އިރުޝާދުތަކުގެ އަލީގައި، އެއްބަސްވުމެއްގައި ހިމެނޭ ޖަޒާއީ ޝަރުޠެއް (ޕެނަލްޓީ ކްލޯޒް) ކަމަށް ވާނީ، އެ ޝަރުޠަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް (ލިކުއިޑޭޓެޑް ޑެމޭޖަސް) ކަމަށް ނުވެ، އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމަށް ވާނަމައެވެ. މިކަން ކަނޑައެޅުމަށް ތިން ކަމެއް ބަލައެވެ:

(ހ) ކަމާގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯ، (ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތުގެ ތަބީޢަތާއި މިންވަރު، އަދި (ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން ހިމެނޭތޯއެވެ.

19މިފަދަ ޖަޒާއީ ޝަރުޠެއް ކަމަށް ކަނޑައެޅިއްޖެނަމަ، އެއީ އިސްލާމީ ޝަރީޢަތުގެ "އަނިޔާ ނުދިނުމުގެ އުޞޫލު" (لا ضرر ولا ضرار) އާ ޚިލާފު ކަމެއް ކަމަށް ބަލައި، އެ ޝަރުޠު ތަންފީޒު ނުކުރެވޭނެއެވެ. ނަމަވެސް، ޖަޒާއީ ޝަރުޠެއް ތަންފީޒު ނުކުރެވުނަސް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ސީދާ އަދި ނުސީދާ ގެއްލުމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާންމު އުޞޫލުތަކުގެ ދަށުން ބަދަލު ހޯދުމުގެ ޙައްޤު ގެއްލިގެންނެއް ނުދާނެއެވެ.

20HN2މީގެ އިތުރުން، ގެއްލުން ލިބޭ ފަރާތުގެ މައްޗަށް ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމުގެ ޒިންމާ އޮވެއެވެ. ޝަރުޠު ޖަޒާއީގެ ދަށުން ބޮޑެތި ފައިސާގެ ޢަދަދުތައް ހޯދުމުގެ ނިޔަތުގައި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ މައްޗަށް ފިޔަވަޅު ނާޅައި ޖޫރިމަނާ އަރަން ދޫކޮށްލާފައި ހުރުމަކީ، ސާފު އަތަކާއެކު ޙައްޤު ހޯދަން އައުން ކަމަށް ނުބެލެވޭނެއެވެ.

21ޖަޒާއީ ޝަރުޠުތަކާ މެދު ބޭރުގެ ޤާނޫނީ ނިޒާމުތަކުގައި ޢަމަލުކުރާ ގޮތްތަކަށް ބަލާއިރު،

21.1. ކޮމަން ލޯ ނިޒާމުތަކުގައި (އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ) ޖަޒާއީ ޝަރުޠުތައް ޢާންމުކޮށް ތަންފީޒު ނުކުރެވެއެވެ. އެއީ އެފަދަ ޝަރުޠުތަކުގެ މަޤްޞަދަކީ ގެއްލުން ފޫބެއްދުމުގެ ބަދަލުގައި އަދަބު ދިނުން ކަމަށްވާތީއެވެ. މި ނިޒާމުތަކުގައި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމާ އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދެއް ކަނޑައަޅާފައިވާނަމަ، އެއީ ޖަޒާއީ ޝަރުޠެއް ކަމަށް ބެލެވޭނެއެވެ.

21.2. ސިވިލް ލޯ ނިޒާމުތަކުގައި (ފްރާންސް، ޖަރުމަން، ހަންގޭރީ) ޖަޒާއީ ޝަރުޠުތައް ޢާންމުކޮށް ތަންފީޒުކުރެވޭ ނަމަވެސް، ކޯޓުތަކަށް އެ ޢަދަދުތައް މާބޮޑުނަމަ ކުޑަކުރުމުގެ ބާރު ލިބިގެންވެއެވެ.

21.3. ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ވެސް ކޮމަން ލޯ ނިޒާމުތަކާ އެއްގޮތަށް ޖަޒާއީ ޝަރުޠުތައް ތަންފީޒު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ޚާއްޞަގޮތެއްގައި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ނުވެ، އަދަބެއްގެ ގޮތުގައި ހިމަނާފައިވާ މާއްދާއެއްނަމަ، އެ ޝަރުޠު ތަންފީޒު ނުކުރެވޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިކަން ކަނޑައެޅުމުގައި ބަލާ އުޞޫލުތައް، ޚާއްޞަގޮތެއްގައި "ޞައްޙަ މަސްލަޙަތު" ގެ އުޞޫލު، އިނގިރޭސިވިލާތުގެ Cavendish މައްސަލައިގައި ކަނޑައެޅުނު "legitimate interest"ގެ އުޞޫލާ އެއްގޮތެވެ.

22HN3ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ޕެނަލްޓީ ކްލޯޒްއަކަށްވާނީ، އެ ޢަދަދަކީ ޢަޤުދާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމާ ގުޅުމެއް ނެތް ނުވަތަ އެ ގެއްލުމަށް ނިސްބަތް ނުކުރެވޭ އަދި އަނެއް ފަރާތަށް އަދަބުދީ ބިރުގަންނަވަން ހިމަނާފައިވާ ޢަދަދަކަށް ވާނަމައެވެ. ނަމަވެސް، އެއީ ކުރިއާލާ ހެދިފައިވާ އަދި ލިބޭނެ ގެއްލުމުގެ ޙަޤީޤީ އަންދާޒާއެއް (Genuine Pre-estimate of Loss) ނަމަ، އެއީ ޞައްޙަ Liquidated Damages އެކެވެ.

23އެހެންކަމުން، އެއްބަސްވުމުގެ 5 ވަނަ މާއްދާއަށް ފުން ނަޒަރަކުން ބެލުމުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ޠަބީއަތާއި، އެ މުޢާމަލާތުގައި ހިމެނޭ ފައިސާގެ މިންވަރަށް ބަލައި، ކުރެވުނު މުޢާމަލާތުގައި އޮތް ވިޔަފާރީގެ ރިސްކާއި، އެކަމަށް ދެވިފައިވާ އަހައްމިއްޔަތަށް ބަލަންޖެހެއެވެ.

24ވިޔަފާރީގެ ޠަބީޢަތް: މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ 6 (ހައެއް) އަހަރަށް، ޢިމާރާތެއް ކުއްޔަށް ހިފުމަށް ވެފައިވާ ވިޔަފާރީގެ މުޢާމަލާތެކެވެ. މިއީ ދިރިއުޅުމުގެ ބޭނުމަކަށް ވެފައިވާ ކުލީގެ އެއްބަސްވުމެއް ނޫނެވެ. ވިޔަފާރީގެ އުޞޫލުން ކުރެވޭ މުޢާމަލާތްތަކުގައި، ޢިމާރާތް ޙަވާލުކުރުން ލަސްވާ ކޮންމެ ދުވަހަކީ ނުވަތަ މަހަކީ، ކުއްޔަށްހިފި ފަރާތަށް އެ ތަނުން ލިބެން އޮތް ވިޔަފާރީގެ ނަފާ ނުވަތަ "އޮޕޮޗުނިޓީ ކޮސްޓް" ގެއްލިގެންދާނެ ކަމެކެވެ.

25މާލީ ޒިންމާ / ނުވަތަ ހިމެނޭ މުދަލުގެ ނިސްބަތް: ކުއްޔަށްހިފި ފަރާތުން އެއްބަސްވުމުގައި ސޮއިކުރި އިރު، ފުރަތަމަ 5 (ފަހެއް) އަހަރުގެ ކުލީގެ ގޮތުގައި -/300,000 (ތިންލައްކަ) ރުފިޔާގެ ބޮޑު ޢަދަދެއް އެއްފަހަރާ ކުއްޔަށްދޭ ފަރާތާ ޙަވާލުކޮށްފައިވެއެވެ. މިފަދަ މާލީ އިންވެސްޓްމަންޓެއް ކޮށްފައިވާ މުޢާމަލާތެއްގައި، ތަން ޙަވާލުނުކޮށް ލަސްވާ ކޮންމެ މަހަކަށް -/10,000 (ދިހަހާސް) ރުފިޔާގެ ބަދަލެއް ކަނޑައެޅުމަކީ ކުއްޔަށްހިފި ފަރާތުގެ ޤާނޫނީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ހިމަނާފައިވާ، އަދި ވިޔަފާރީގެ ނަފާއާއި ގެއްލުމުގެ ނިސްބަތަށާއި އަދި އެޑްވާންސްކޮށް ދީފައިވާ ފައިސާގެ އަދަދަށް ބަލާއިރު އާދަޔާ ޚިލާފު ބޮޑު ޢަދަދެއް ކަމުގައި ނުދެކެމެވެ.

26HN4ޤާނޫނީ ޞައްޙަކަން ދެމެހެއްޓުން: ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ ދަށުން، ބުއްދި ސަލާމަތުން ހުރި، މާލީ ގޮތުން ޤާބިލު ދެފަރާތަކުން ވިޔަފާރީގެ ހިރާސްތައް (Risks) ވަޒަންކުރުމަށްފަހު، އިޚްތިޔާރާއި ރުހުމުގައި އަދި ކޮންޓްރެކްޓެއް ވުމުގެ މިނިވަންކަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައިވާ މިފަދަ ޝަރުޠެއް ބާޠިލުކުރެވޭނީ އެއީ އެއްވެސް ޙައްޤު ސަބަބެއް ނެތް، ހަމައެކަނި އަނެއް ފަރާތް ބިރުގަންނަވަން ހިމަނާފައިވާ ޣައިރު ޤާނޫނީ ޢަދަދަކަށް ވާނަމައެވެ.

27ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20، 21 އަދި 23 ވަނަ މާއްދާއިން ބާރުދެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގެ ޞައްޙަކަމާއި "ޢަޤުދުވުމުގެ މިނިވަންކަން" ޙިމާޔަތްކުރުމަށް ކަމަށްވާއިރު، މިފަދަ ވިޔަފާރީގެ މުޢާމަލާތެއްގައި، ތަން ނުލިބި ލަސްވާ ކޮންމެ މަހަކަށް 10,000/- (ދިހަހާސް) ރުފިޔާގެ ބަދަލެއް ކަނޑައެޅުމަކީ މި މައްސަލާގައި ހިމެނޭ ވިޔަފާރީގެ މުއާމަލާތުގެ ގެއްލުމުގެ ނިސްބަތުން ބަލާއިރު އާދަޔާޚިލާފު ބޮޑު، ޣައިރު ޤާނޫނީ ޢަދަދެއް ކަމުގައި ނުބެލެވެއެވެ. ސަބަބަކީ، މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަދަލަކީ، ޢަޤުދާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ މައްޗަށް ދެފަރާތުން ކުރިއާލާ ވެފައިވާ ޙަޤީޤީ އަންދާޒާއެއް ކަމުގައި މުޢާމަލާތުގެ ތަބީޢަތުން ސާފުކޮށް ދެނެގަނެވޭތީއެވެ.

28އެހެންކަމުން، ދަށު ކޯޓުން އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލުތަކާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ރޫޙާ އެއްގޮތް ނިންމުމެއް ނޫނެވެ. އަދި އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޞައްޙަ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެކެވެ.

29މި މައްސަލައިގައި 5 (ފަހެއް) އަހަރު ދުވަހުގެ ކުލި އެޑްވާންސްކޮށް ދައްކާފައިވާއިރު، ތަން އެއްގޮތަކަށްވެސް ޙަވާލުކޮށްފައިނުވާ ޙާލަތުގައި ކުލި ދައްކާފައިވާ މުއްދަތަށް އެއްބަސްވުމުގައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށާއި، މަހެއްގެ މައްޗަށް ގެއްލުން ވާނެކަމަށް ދެފަރާތުން އެއްބަސްވެފައިވާ ޢަދަދަށް ބަލާއިރު، އިންސާފުވެރިގޮތެއްކަމުގައި ފެނެއެވެ. ތަން ޙަވާލުނުކޮށް ލަސްވާ ކޮންމެ މަހަކަށް 10,000/- (ދިހަހާސް) ރުފިޔާގެ ބަދަލަކީ މުޢާމަލާތާ ނުބައްދަލު އާދަޔާޚިލާފު ބޮޑު ޢަދަދަކަށް ބެލެވެން ނެތްއިރު އެއީ ދެފަރާތުން ހިސާބުކޮށް އެއްބަސްވެފައިވާ ޢަދަދެއްކަން އެއްބަސްވުމުން އެނގެން އޮތުމުން އެއީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެފަދަ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމަށް ފެތޭ ގެއްލުމެއް ކަމުގައިވެސް ދެކެމެވެ.

30ހަމަ އެހެންމެ އެއްބަސްވުން ވެވުނު ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ފުރި 6 (ހައެއް) ވަނަ އަހަރުގެ ތެރޭގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވުމުން، އެއްބަސްވުމާއި ގުޅިގެން އެޑްވާންސް ފައިސާދައްކާފައިވާ މުއްދަތު ހަމަވުމާއިއެކު، ނުވަތަ ދާދި އަވަހަށް ދައުވާކޮށްފައިވާކަން އެނގެން އޮތުމަށާއި، އެ މުއްދަތުގައި ކޯޓުން ބޭރުން މައްސަލަ ޙައްލުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން މަސައްކަތް ކޮށްފައިވާކަން އެނގެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވި ފަރާތުގެ މައްޗަށް ފިޔަވަޅު ނާޅައި ޖޫރިމަނާ އަރަން ދޫކޮށްލާފައި ހުރީނޫންކަން ދެނެގަނެވެއެވެ.

31އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 72 (ހަތްދިހަ ދޭއް) މަސްދުވަހުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކަށް -/10,000 (ދިހަހާސް) ރުފިޔާ މަގުން -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށް އެދިފައިވީނަމަވެސް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސްގެ ގޮތުގައި ކުލި ދައްކާފައިވާ މުއްދަތަށް ރިއާޔަތްކުރާއިރު، ކުލި ދައްކާފައިވަނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށްކަން އެނގެން އޮތުމުން، މިހާލަތުގައި އެންމެ އިންސާފުވެރިގޮތަކީ، އިސްތިއުނާފު ކުރާ ފަރާތުން ކުލި ދައްކާފައިވާ މުއްދަތަށްވާ ގެއްލުމުގެ ބަދަލު ނަގައިދިނުން ކަމުގައި ދެކެމެވެ. އެހެނީ، ކުރިއާލައި އެޑްވާންސްކޮށް ކުލި ދައްކާފައިވާ މުއްދަތަކީ، ފަހުން ކުލި ދައްކަން ހުރި ނުވަތަ ކުލި ދައްކާނެ މުއްދަތާއި ޚިލާފަށް، ޤާނޫނީ ހަމަތަކުގެ މަތިން މަންފާއާއި ނަފާ ހޯދުމުގެ ޙައްޤު އެ ފަރާތަކަށް ލިބިގެންވާނެ ކަމަށް ޤަބޫލުކުރެވޭ މުއްދަތެއްކަމުން، އެ މުއްދަތަށް ބިނާކޮށް ލިބެންޖެހޭނެ ޙައްޤުތަކާއި މަންފާތައް ހޯދުމުގެ ނުވަތަ އެކަމުގެ މައްޗަށް ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނެއް އެ ފަރާތަށް އޮތް ކަމުގައި ފެންނަހިނދު، އެ މުއްދަތަށްވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ، މި މައްސަލައިގެ ހާލަތަށް ބަލާއިރު ޢަދުލުވެރި ގޮތެއްކަމުގައި އަހުރެންނަށް ފެނެއެވެ.

32އެހެންކަމުން، ގެއްލުން ބޮޑުވުމަށް ދޫކޮށްލާފައި ހުރިކަމަށް މިހާލަތުގައި ބެލެވެން ނެތުމަށް ރިޢާޔަތްކޮށް، އެޑްވާންސްގެ ގޮތުގައި ކުލި ދައްކާފައިވާ މުއްދަތުކަމުގައިވާ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައިވާ ނިސްބަތުން، ކޮންމެ މަހަކަށް -/10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖެހޭ، -/600,000 (ހަލައްކަ) ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތަށް ނަގައިދޭން ޖެހޭކަމުގައި ދެކެމެވެ.

ނިންމަން ފެންނަގޮތް

33މި ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން، ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް،

33.1. ދަށު ކޯޓުގެ ޤަޟިއްޔާގައި 5 އަހަރު ދުވަހުގެ އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ -/300,000 (ތިންލައްކަ) ރުފިޔާ ނަގައިދިނުމަށް ކަނޑައަޅާފައިވާ ބަޔަށާއި، ވަކީލު ފީއާ ގުޅޭގޮތުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރުމާއެކު،

33.2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޤާނޫނީ ގޮތުން ޞައްޙަ "ލިކުއިޑޭޓެޑް ޑެމޭޖަސް" މާއްދާއެއް ކަމަށް ކަނޑައަޅައި،

33.3. އިސްތިއުނާފު ކުރާ ފަރާތް އެދިފައިވާގޮތަށް 21 ޖުލައި 2015 އިން 20 ޖުލައި 2021 އަށް ޖުމްލަ 5 އަހަރު ދުވަހަށް (60 މަހަށް) މަހަކަށް -/10,000 (ދިހަހާސް) ރުފިޔާ ގެ މަގުން ޖެހޭ، -/600,000 (ހަލައްކަ) ރުފިޔާ އަކީ މަޙްމޫދު ނިޔާޒްގެ ފަރާތުން ޢަލީ ނާޒް އަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި،

33.4. މި ޙުކުމް ކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ބަޔާންވެދިޔަ -/600,000 (ހަލައްކަ) ރުފިޔާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އިސްތިއުނާފު ރައްދުވާ މަޙްމޫދު ނިޔާޒް އަށް އަންގައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

34މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

35މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

36ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1715/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް،

1. ސިވިލް ކޯޓުގެ ޤަޟިއްޔާގައި 5 (ފަހެއް) އަހަރު ދުވަހުގެ އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ -/300,000 (ތިންލައްކަ) ރުފިޔާ ނަގައިދިނުމަށް ކަނޑައަޅާފައިވާ ބަޔަށާއި، ވަކީލުފީއާ ގުޅޭގޮތުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރުމާއެކު،

2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ޤާނޫނީ ގޮތުން ޞައްޙަ "ލިކުއިޑޭޓެޑް ޑެމޭޖަސް" މާއްދާއެއް ކަމަށް ކަނޑައަޅައި،

3. އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާގޮތަށް، 21 ޖުލައި 2015 އިން 20 ޖުލައި 2021 އަށް ޖުމްލަ 5 (ފަހެއް) އަހަރު ދުވަހަށް (60 މަހަށް) މަހަކަށް -/10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖެހޭ، -/600,000 (ހަލައްކަ) ރުފިޔާ އަކީ މަޙްމޫދު ނިޔާޒްގެ ފަރާތުން ޢަލީ ނާޒް އަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި،

4. މި ޙުކުމް ކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ބަޔާންވެދިޔަ -/600,000 (ހަލައްކަ) ރުފިޔާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އިސްތިއުނާފު ރައްދުވާ މަޙްމޫދު ނިޔާޒް އަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

(ރިޔާސަތު)

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފުޓްނޯޓު

  1. […] ސެކަންޑް ފްލޯރ (03 ވަނަ ބުރި) ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ II ގެ (ހ)
  2. […] ސެކަންޑް ފްލޯރ (03 ވަނަ ބުރި) ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގެ 01 އަދި 04 ވަނަ މާއްދާ
  3. […] ސެކަންޑް ފްލޯރ (03 ވަނަ ބުރި) ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގެ 03 ވަނަ މާއްދާ
  4. ވިޔަފާރީގެ އެއްބަސްވުންތަކުގައި ލިކުއިޑޭޓެޑް ޑެމޭޖަސްއަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއަކީ، ބަދަލު ނަގައި ދިނުމުގައި، ޕެނަލްޓީ ކްލޯޒްއެއް ނުވަތަ އަދަބުދިނުމަށް ހިމަނާފައިވާ މާއްދާއެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަން ކުރުމާބެހޭގޮތުން ބަޔާންކޮށްފައިވާ އުޞޫލު.
  5. ފައިސާގެ އަދަދެއް ހިމެނޭ މާއްދާއެއް ޕެނަލްޓީ ކްލޯޒްއެއްތޯ ބެލިދާނެތޯ އާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުޞޫލު.
  6. ޕެނަލްޓީ ކްލޯޒްއެއްކަމަށް ބަޔާންކޮށް ދީފައިވާ ތަޢުރީފު
  7. ގެއްލުމުގެ ބަދަލު ހިސާބުކުރުމަށް ގެންގުޅޭ މިންގަނޑާ ގުޅޭގޮތުން ކެވެންޑިޝް ޓެސްޓް އަށް ހަވާލާދީ ބަޔާންކޮށްފައިވާ އުޞޫލު
  8. ކެވެންޑިޝް މައްސަލައާ ޙަވާލާދީ ޕެނަލްޓީ ކްލޯޒް އިސްތިސްނާއީ ގޮތެއްގައި ޝަރަހަކޮށް ބަޔާންކޮށްފައިވާ އުޞޫލު.
  9. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ވެއްޖެނަމަ އެގެއްލުން ފޫބެއްދުމަށްޓަކައި މާލީ ބަދަލު ދެވޭނެކަމަށާއި، އަދި އެއްބަސްވުމާ ޚިލާފުވެގެން ގެއްލުމެއް ނުވިޔަސް ރަމްޒީ ބަދަލެއް ނަގައިދެވޭނެކަމަށާއި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުރަހެއް ނެތްކަމަށް ބަޔާންކުރައްވާފައެވެ.
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ
  13. ޤާނޫނު ނަންބަރު 4/91
  14. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (2)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  • 2019/SC-A/70
  • 2019/SC-A/85
  • 2020/SC-A/28
  • Cavendish

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ