ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 4172017/HC-A/ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރ C-216/2013) (މީގެ ފަހުން "ކޮރަލްގޭޓް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/70ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އައިމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރުC-27/91 ) (މީގެ ފަހުން "އައިމާ ކޮންސްޓްރަކްޝަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އައިމާ ކޮންސްޓްރަކްޝަން ("ވިއްކާ ފަރާތް") ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ SK480-6 ކޮބެލްކޯ އެކްސްކަވޭޓަރު، (ރަޖިސްޓްރީ ނަންބަރު V1A1723) (މީގެ ފަހުން "އެކްސްކަވޭޓަރު" މިހެން އިޝާރާތްކޮށްފައިވާ) ކޮރަލްގޭޓް ("ގަންނަފަރާތް") އަށް ވިއްކުމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި 18 ޑިސެންބަރު 2014 ގައި އެއްބަސްވުން (މީގެ ފަހުން" އެއްބަސްވުން" މިހެން އިޝާރާތްކޮށްފައިވާ) ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި އަންނަނިވި ކަންކަމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްކަވޭޓަރުގެ އަގަކީ 3,300,000/-ރ. (ތިންމިލިޔަން ތިންލައްކަ ރުފިޔާ) އެވެ.
ކޮރަލްގޭޓުން އަގު ދެއްކުމަށް އެއްބަސްވެފައިވަނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
ފައިސާގެ ޢަދަދު ފައިސާ ދައްކަންޖެހޭ ތާރީޚް
/-300,000ރ. އެއްބަސްވުމުގައި ސޮއިކުރާ ވަގުތު
/-500,000ރ. 25 ޑިސެންބަރު 2014
/-500,000ރ. 25 ޖަނަވަރީ 2015
/-500,000ރ. 25 ފެބުރުވަރީ 2015
/-500,000ރ. 25 މާރިޗު 2015
/-500,000ރ. 25 އެޕްރީލް 2015
/-500,000ރ. މޭ 2015
މަތީގައި ބަޔާން ކުރެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން، އެއްބަސްވުމުގައި ސޮއިކުރާ ހިނދު،/-300,000ރ. (ތިންލައްކަ ރުފިޔާ) ދެއްކުމަށާއި، 25 ޑިސެންބަރު 2014 ގައި /-500,000ރ. (ފަސްލައްކަ ރުފިޔާ) ދެއްކުމަށް ކޮރަލްގޭޓުން ވަނީ އެއްބަސްވެފައެވެ. އަދި ބާކީ ފައިސާ 05 (ފަހެއް) ޕޭމަންޓަކަށް ބަހާލެވި، ތާވަލުގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގައި ފައިސާ ނެގޭގޮތަށް ޗެކުވަނީ ދޫކޮށްފައެވެ. ނަމަވެސް، މިގޮތުން ދޫކުރެވިފައިވާ ޗެކުތަކުގައިވާ ތާރީޚުގައި ފައިސާ ނެގުމަށްޓަކައި، ބޭންކަށް ޖަމާކުރުމުން، އެ އެކައުންޓުގައި ފައިސާ ނެތިގެން އެ ޗެކުތައްވަނީ އަނބުރާ ރައްދުވެފައެވެ. ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް އެކްސްކަވޭޓަރުގެ އަގުގެ ތެރެއިން ދައްކާފައިވާ ޖުމްލަ ޢަދަދަކީ /-500,000ރ. (ފަސްލައްކަ ރުފިޔާ) އެވެ.
އެއްބަސްވެފައިވާ ގޮތަށް އަގު ނުދައްކައިފިނަމަ، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައިވާ އުސޫލުން ކުލި ހިނގާނޭކަމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. މިގޮތުން، ފައިސާ ދައްކަން އެއްބަސްވެފައިވާ ތާރީޚުގައި، ފައިސާ ނުދައްކައިފިނަމަ، އެ ތާރީޚުން ފެށިގެން އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް 15,000/-ރ. (ފަނަރަހާސް ރުފިޔާ) ހިނގަމުންދާނެކަމަށާއި، މި ކުލީ ހޯދުމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ކޮރަލްގޭޓަށް ބިލް ހުށަހަޅާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ކޮރަލްގޭޓަށް އެ ބިލަށް ފައިސާ ދައްކަންވާނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކޮރަލްގޭޓުން އަގު އަދާކުރަންޖެހި އަގު ނުދައްކާ 01 (އެކެއް) މަސް ދުވަސް ފާއިތުވުމުން އެއްބަސްވުން ބާޠިލުކޮށް އެކްސްކަވޭޓަރ އަނބުރާ އަތުލައި އެހެން ފަރާތަކަށް ވިއްކާލުމުގެ އިޚްތިޔާރު އައިމާ ކޮންސްޓްރަކްޝަނަށް ލިބިގެންވާ ކަމަށް އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.
އެއްބަސްވެފައިވާ ގޮތަށް އެކްސްކަވޭޓަރަށް އަގު ދައްކާފައި ނުވާތީވެ، 20 ސެޕްޓެންބަރު 2016 ގައި، އައިމާ ކޮންސްޓްރަކްޝަނާ އެކްސްކަވޭޓަރު ޙަވާލުކޮށްފައިވެއެވެ. މި ތާރީޚުގައި، އެކްސްކަވޭޓަރު ޙަވާލުކުރިއިރު، ކޮރަލްގޭޓުން ވަނީ އައިމާ ކޮންސްޓްރަކްޝަނަށް/-500,000ރ. (ފަސްލައްކަ ރުފިޔާ) ދައްކާފައެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދައްކަންޖެހޭ ފުރަތަމަ ޕޭމަންޓު ދައްކަންޖެހޭ ތާރީޚުކަމުގައިވާ 25 ޑިސެންބަރު 2014 ގައި އެ ފައިސާ ދައްކާފައިނުވެއެވެ. އެހެންކަމުން މި ތާރީޚުން ފެށިގެން 630 (ހަސަތޭކަ ތިރީސް) ދުވަސް ވަނީ، އެކްސްކަވޭޓަރު ޙަވާލުކުރި ތާރީޚާ ދެމެދު ހިނގާފައެވެ.
ބަޔާންވެދިޔަ ގޮތަށް ކޮރަލްގޭޓުން އަގު އަދާކޮށްފައި ނުވާތީވެ، އެކްސްކަވޭޓަރު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮތް މުއްދަތަށް ކުލި ހޯދުމަށް އައިމާ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ އައިމާ ކޮންސްޓްރަކްޝަނާ އެއްކޮޅަށެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ކޮރަލްގޭޓުން އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ، ކޮރަލްގޭޓުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުން މި މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ، އެ ކޯޓުގެ ނަންބަރު 1378/Cv-C/2016 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
މި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަށް ކޮރަލްގޭޓުގެ ފަރާތުން އިންކާރުކުރާކަމަށާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތަކީ ވިއްކުމުގެ މުޢާމަލާތެއް ކަމުގައިވާތީވެ، ވިއްކި އެއްޗެއްގެ އަގު ފިޔަވާ އެހެން ފައިސާއެއް އައިމާ ކޮންސްޓްރަކްޝަނަށް ދޭންޖެހޭނެކަމަށް ނުދެކޭކަމަށާއި ވިއްކި މުދާ އައިމާ ކޮންސްޓްރަކްޝަނަށް އަނބުރާ ޙަވާލުކުރެވިފައިވާ ކަމަށްބުނެ ކޮރަލްގޭޓުގެ ފަރާތުން ޖަވާބު ދާރީވާކަން.
ކޮރަލްގޭޓުގެ ފަރާތުން އައިމާ ކޮންސްޓްރަކްޝަނަށް ދީފައިވާ މުޅި ޖުމްލަ ފައިސާގެ ޢަދަދަކީ /-500,000ރ. (ފަސްލައްކަ ރުފިޔާ) ކަމަށް ކޮރަލްގޭޓުން އިންކާރު ކޮށްފައިނުވާ ކަމަށާއި، އަދި އެ މިންވަރު ފިޔަވައި އެކްސްކަވޭޓަރުގެ އަގުގެ ގޮތުގައި އެއްވެސް މިންވަރެއްގެ ފައިސާއެއް ދީފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ކޮރަލްގޭޓުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައި ނުވާކަން.
އަގު ދެއްކުމުގެ ގޮތުން، އެއްބަސްވުމުގެ 3.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގައި ކޮރަލްގޭޓުގެ ފަރާތުން ދީފައިވާ ޑޭޓެޑް ޗެކްތަކަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން އެ ތާރީޚުތަކުގައި އައިމާ ކޮންސްޓްރަކްޝަނަށް ފައިސާ ލިބިފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަން.
މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުން، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކްސްކަވޭޓަރުގެ ކުލީގެ ފައިސާއަކީ ކޮރަލްގޭޓުގެ ފަރާތުން އައިމާ ކޮންސްޓްރަކްޝަނަށް ދޭންޖެހޭ ފައިސާއެއްކަން.
ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ، އެކްސްކަވޭޓަރުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރާ ވަގުތުގައި ދޭންޖެހޭ ފައިސާ ފިޔަވައި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފުރަތަމަ ޕޭމަންޓް ދައްކަންޖެހޭ ތާރީޚު ކަމުގައިވާ 25 ޑިސެންބަރު 2014 އިން ފެށިގެން އެކްސްކަވޭޓަރ އަނބުރާ ޙަވާލުކުރި ދުވަސްކަމަށް ވާ 20 ސެޕްޓެންބަރު 2016 ގެ ނިޔަލަށް ފާއިތުވެފައިވާ 630 (ހަސަތޭކަ ތިރީސް) ދުވަހަށް ދުވާލަކަށް 15,000/-ރ. (ފަނަރަހާސް ރުފިޔާ) ގެ ރޭޓުން އަރާ 9,450,000/-ރ. (ނުވަމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އަކީ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ދަޢުވާލިބޭ ކޮރަލްގޭޓުގެ ފަރާތުން އައިމާ ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި، މި ފައިސާގެ ތެރެއިން ކޮރަލްގޭޓުގެ ފަރާތުން އައިމާ ކޮންސްޓްރަކްޝަނަށް ދައްކާފައިވާ /-500,000ރ. (ފަސްލައްކަ ރުފިޔާ) އުނިކުރުމުން ބާކީވާ 8,950,000/-ރ. (އަށް މިލިއަން ނުވަލައްކަ ފަންސާސްހާސް ރުފިޔާ) އަކީ ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ ފައިސާކަމަށް ސާބިތުވާކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ޙުކުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކޮރަލްގޭޓުން އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/417 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކޮރަލްގޭޓުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ. އެއީ:
ކޮންޓްރެކްޓަކީ ވަކިގޮތަކަށް އޮތުން ލާޒިމުނޫން އެއްޗެއްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންވެފައިވީނަމަވެސް ވަކި ބާވަތެއްގެ ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ޚާއްސަ ގަވާއިދަކުން ނުވަތަ ޤާނޫނަކުން ކަނޑައެޅި ބަޔާންވެފައިވާނަމަ، އެނޫން ގޮތަކަށް އެ ބާވަތުގެ ކޮންޓްރެކްޓް ނުހެދޭނެކަމާއި، ޤާނޫނު ނުވަތަ ގަވާއިދުގައި ވަކި ސިފަތަކެއް ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންވެފައިވާ ކޮންޓްރެކްޓް ޞައްޙަވާނީ އެ ސިފަތައް ނުވަތަ ޝަރުތުތައް ހަމަވުމުން ކަމުގައި ބަޔާންކުރާ އަސާސީ ޤާނޫނީ މަބްދަޢުތަކާއި ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
އިކުއިޕްމަންޓް ނުވަތަ މެޝިނަރީގެ ކުލި ޝަރީޢަތުން ނަގައިދެވޭނީ އެ މެޝިނަރީ ނުވަތަ އިކުއިޕްމަންޓް ކުއްޔަށް ގެންދިޔަ ތާރީޚުން ފެށިގެން ގިނަވެގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ކަމުގައި ކުއްޔަށް ތަކެތިދޫކުރާ ތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ އާއި ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ އަންނަނިވި ކަންތަކުގެ މައްޗަށް ބުރަވެއެވެ.
ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ޤާނޫނަކުން ލާޒިމް ނުކުރާހާ ހިނދަކު ވަކި ގޮތަކަށް އޮތުން ލާޒިމްވާ އެއްޗެއް ނޫންކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަކިގޮތަކަށް އެއްބަސްވެވި އެ ކޮންޓްރެކްޓެއް ޞައްޙަވުމުގެ ޝަރުތުތަކާއި އެ ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެފައިވާނަމަ އެ ކޮންޓްރެކްޓެއް ކުރެވުނީކަމަށާއި، އެއަށް ޢަމަލުކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމް ވެގެންވާކަމެއްކަން އެނގެން އޮންނައިރު، ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމަކީ ޕޭމަންޓުތަކަށް ބަހާލައިގެން އަގު އަދާކުރާގޮތަށް ވެފައިވާ މުދައު ވިއްކުމުގެ އެއްބަސްވުމެއް ކަމަށާއި، މިފަދަ އެއްބަސްވުންތަކަކީ ވަކި ގޮތަކަށް އެއްބަސްވުން އޮތުން ލާޒިމުކުރާ ބާވަތުގެ އެއްބަސްވުމެއް ނޫންކަން އެނގެން އޮންނާތީ، އެއްބަސްވެފައިވާ ގޮތުގެމަތިން ވިއްކި މުދަލަށް ފައިސާ ނުދައްކާ ހާލަތުގައި ގަންނަ ފަރާތުން އެ މުދައު ބޭނުން ކޮށްފައިވާނަމަ އެ މުދައު ބޭނުންކުރި މުއްދަތަށް އެ މުދަލަށް ކުއްޔެއްގެ ގޮތުގައި ޢަދަދެއް އެއްބަސްވުމުގައި ކަނޑައެޅުމަކީ ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު ތަޠުބީޤުކުރަންޖެހޭ ފަދަ ހާލަތެއް އޮތްކަމެއް ނޫންކަން.
އައިމާ ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ ފައިސާއަކީ އެކްސްކަވޭޓަރު ބޭނުންކުރެވިފައި ނުވުމުގެ ސަބަބުން ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ކޮރަލްގޭޓުން ބުނެފައިވާއިރު، އެއްބަސްވުމުގެ 5.2 ގައި އެކްސްކަވޭޓަރާ ޙަވާލުވުމުގެ ކުރިން މެކޭނިކެއް ލައްވާ ރަނގަޅަށް ޗެކްކުރުވުމަކީ ގަންނަ ފަރާތުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވާއިރު، އެކްސްކަވޭޓަރާ ޙަވާލުވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އޭގައި މައްސަލައެއް ހުރިކަން ކޮރަލްގޭޓުން ފާހަގަކޮށްފައިވާކަން އެނގެން ނެތްކަމަށާއި، އެހެންކަމުން، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކްސްކަވޭޓަރުގެ އަގު، ގަންނަ ފަރާތުން ނުދައްކައިފިނަމަ، ފައިސާ ދައްކަން އެއްބަސްވެ ދައްކާފައިނުވާ ތާރީޚުން ފެށިގެން އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް 15000/-ރ. (ފަނަރަހާސް ރުފިޔާ) ހިނގަމުންދާނެކަމަށް ބަޔާންވެގެން އޮތުމުން މިއީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކިއްޖެނަމަ ޢަމަލުކުރުމަށް ކޮރަލްގޭޓުން އެއްބަސްވެފައިވާ ގޮތް ކަމުގައިވާތީ އެގޮތުގެ މަތިން އެ ކުންފުނިން ޢަމަލުކުރަން ޖެހޭނެކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ކޮރަލްގޭޓުން ދައްކަންޖެހޭ ކުލީގެ ފައިސާއަކީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިމާ ކޮންސްޓްރަކްޝަނަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1378/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ކޮރަލްގޭޓުގެ ފަރާތުން ހުށަހަޅާފައިވަނީ ތިރީގައި މިވާ 02 (ދޭއް) ނުކުތާއެވެ.
ފުރަތަމަ ނުކުތާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނާއި ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަން.
ދެވަނަ ނުކުތާއަކީ، މައްސަލައިގެ ޙަޤީޤަތްތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވުމުގެ ސަބަބުން ޢަދުލު އިންސާފު ގެއްލިގެން ގޮސްފައިވުން.
މި މައްސަލައިގައި ބަޔާންވެދިޔަ އިސްތިއުނާފީ 02 (ދޭއް) ނުކުތާގެ މައްޗަށް ބިނާކޮށް ކޮރަލްގޭޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށްގެން ކަމުގައި ނުވާތީވެ، ސިވިލް ކޯޓުގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށެވެ. އަދި އިސްތިއުނާފުގެ ޖަވާބުގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ކޮރަލްގޭޓުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް އެ ކޯޓުން ނިންމާފައިވާ ނިންމުން، ޤާނޫނާ ޚިލާފުވެފައިވާކަން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ގޯހެއް ހެދިފައިވާކަމަށް ނުފެންނާތީވެ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައި މިވާ އިސްތިއުނާފުގައި މައިގަނޑު ގޮތެއްގައި ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަނުން ފާހަގަކޮށްފައިވަނީ ތިރީގައި އެވާ ކަންކަމެވެ.
އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ތަފްސީލު ކޮށްދިނުމުގެ ގޮތުން ޖުމްލަ ގޮތެއްގައި 03 (ތިން) ކަމެއް ފާހަކޮށްފައިވެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނާއި ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުގައި ކުއްޔަށްގެންދާ ތަކެތީގެ ކުލި ގިނަވަގެން ނަގައިދެވޭނީ، 03 (ތިނެއް) މަސްދުވަހަށް ކަމަށް ބަޔާންކޮށްފައި އޮންނަ ހިނދު، މި މައްސަލައިގައި 630 (ހަސަތޭކަ ތިރީސް) ދުވަހުގެ ކުލި ޝަރީޢަތުން ނަގައިދީފައި ވަނީ، އެ ގަވާއިދާ ޚިލާފަށްކަމަށް ދެކޭކަން؛
ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ސިފަތަކެއް ކޮންޓްރެކްޓެއްގައި ހުރުން ބަޔާންކޮށްފައިވާ ހާލަތުގައި، އެފަދަ ސިފަތައް ހަމަނުވާ ކޮންޓްރެކްޓެއް ނުވަތަ ކޮންޓްރެކްޓެއްގައި އެފަދަ ސިފަތަކެއް ނެތް ބައެއް ބާޠިލުވާނޭ ކަމާއި، ގަނެ ވިއްކުމުގެ އެއްބަސްވުމެއްގެ ދަށުން، މުދާ ވިއްކުމަށްފަހު އެ މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތައް ދެމިއޮވެ، އެއްވެސް ބަދަލެއް ދިނުމެއް ނެތި ވިއްކި މީހާއަށް އެ މުދާ އަނބުރާ ލިބޭގޮތަށް އޮތުމުން އެއްބަސްވުން ބާޠިލު ވާނޭކަމަށް ދެކޭކަން؛ އަދި
އެކްސްކަވޭޓަރު ނުވަތަ މެޝިނަރީގެ މައްސަލައަކުން އޭތި ބޭނުން ނުކުރެވި އޮންނަ ހާލަތުގައި، އޭތި އަނބުރާ ހަވާލުކޮށްފައިނުވާ ކަމަށްބުނެ، ކުލި ނަގައިދިނުމަކީ އިކުއިޓީ ހަމަތަކުން ބަލާއިރު ހަމަ ނުޖެހޭކަމަކަށްވުން އަދި އެއްބަސްވުމުގެ ދަށުން ކުލި ނަގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އައިމާ ކޮންސްޓްރަކްޝަނުން ބިލް ފޮނުވަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ބިލެއް އައިމާ ކޮންސްޓްރަކްޝަނުން ކޮރަލްގޭޓަށް ފޮނުވާފައި ނުވާކަމާއި، މިފަދަ ބިލެއްގެ މުއްދަތަކީ 01 (އެކެއް) މަސްދުވަސްކަން ޟިމްނީ ގޮތުން އެނގެން އޮތުމުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުލި ނެގޭނީ 01 (އެކެއް) މަސްދުވަހަށްކަމަށް ދެކޭކަމެވެ.
އިސްތިއުނާފުގެ ޖަވާބުގައި އައިމާ ކޮންސްޓްރަކްޝަނުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންޓްރެކްޓަކީ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫން ކަމުގައެވެ. އެއްބަސްވުމެއް މައުޟޫޢީ ގޮތުން އެކުލަވާލުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓު ހެދުމުގެ މިނިވަންކަމުގެ ޤާއިދާއިން އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވެއެވެ. މި އިޚްތިޔާރު ޤައިދުކުރެވެނީ ހަމައެކަނި، އަމުރުކުރުވަނި ޤާއިދާ ނުވަތަ ދައުލަތުގެ ނިޡާމު ޢާންމާއި އާދާބު ޢާންމުގެ ޤާއިދާއާ ޚިލާފުވުމުންނެވެ. މި އުސޫލުން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދުގައި ވެވުނު އެއްބަސްވުމަކީ، ވިއްކުމުގެ އެއްބަސްވުމެއްކަމާއި، އެއްބަސްވެފައިވާ ގޮތަށް މުދަލުގެ އަގު ނުދެއްކޭ ހާލަތުގައި، އެ މުދާ ނަގާ ހާލަތުގައި، އެ މުދާ ގަތް މީހާ އެ އާލާތް ބޭނުންކުރާ މުއްދަތައް ކުއްޔެއް ދެއްކުމަށް އޮންނަ ޝަރުޠަކީ ޤާނޫނު މަނާ ނުކުރާ ހިނދަކު ހުއްދަކަމެއްކަމަށް ދެކޭކަމަށެވެ. މިފަދަ ހާލަތެއްގައި، ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު ތަޠުބީޤު ކުރަންޖެހޭ ހާލަތެއް ނޫންކަމާއި، އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގެ ގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މައްސަލައެއްގެ ވާޤިޢާ ބަލައި، ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރާކަމެއް ނޫންކަމާއި، މިއިސްތިއުނާފުގައި ބަލަންޖެހޭނެ ކަމަށްދެކެނީ، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ޤާނޫނާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ އާއި ޤާނޫނު ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ކަމުގައެވެ.
ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު
މި ގަވާއިދަށް ޢަމަލުކުރަން ފަށާފައި ވަނީ 02 ޖަނަވަރީ 2006 ގައެވެ. މިއީ ޖުމްލަ 11 (އެގާރަ) މާއްދާގެ މައްޗަށް އެކުލެވޭ ގަވާއިދެކެވެ. މީގެ ތެރޭގައި، ކުއްޔަށް ތަކެތި ގެންދާއިރު އެއްބަސްވުމެއް ލިޔުމުން އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމާއި، ޝަރީޢަތުން ކުލި ނަގައިދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ތަކެއްޗާއި ހަވާލު ނުވުމާއި، އަދި ކުލި ހޯދުމަށް ދަޢުވާކުރުމުގެ މުއްދަތު ބަޔާންކުރާ ފަދަ މާއްދާތައް ހިމެނެއެވެ.
މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ށ) ގައި މި ގަވާއިދަކީ ކުއްޔަށް ތަކެތި ދޫކުރާތަންތަނުން، ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި އެއްބަސްވުމުގައި، ކުއްޔަށް ގެންދިޔަ ތަކެތި އަނބުރާ ގެންނަންޖެހޭ މުއްދަތު ކަނޑައެޅިފައި އޮންނަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވިއިރު، އެ މައްސަލަ ޝަރީޢަތަށް ހުށަނާޅައި ހުރެ، އެ މުއްދަތަށް ފަހު، ކުލި ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅި ކަމުގައިވިޔަސް ޝަރީޢަތުން ކުލި ނަގައިދެވޭނީ، ކުއްޔަށް ތަކެތި އަނބުރާ ގެންނަންޖެހޭ މުއްދަތަށްފަހު ހިނގާ 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު ތަޠުބީޤު ކުރެވިދާނެތޯ
އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާ ކުރަނީ ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު މި މައްސަލައިގައި ތަޠުބީޤު ނުކުރެވޭނެކަމަށް ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެއެވެ. އެހެންކަމުން، މި ގަވާއިދު މި މައްސަލައިގައި ތަޠުބީޤު ކުރެވިދާނެތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ށ) ގައި މި ގަވާއިދަކީ ކުއްޔަށް ތަކެތި ދޫކުރާތަންތަނުން، ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުކަމަށް ބަޔާންކޮށްފައި އޮތުމުން، މި ގަވާއިދަކީ ކުއްޔަށްތަކެތި ދޫކުރާތަންތަނުން އެ ޚިދުމަތް ދިނުމުގައި އުފެދޭ ކުލި ހޯދުމުގެ މައްސަލަތަކުގައި ޢަމަލުކުރާ ގަވާއިދެއްކަން ބަޔާންކޮށްފައި އޮތުމުން، ހުށަހެޅިފައިވާ މި މައްސަލައަކީ ވިޔަފާރީގެ އުސޫލުން ތަކެތި ކުއްޔަށްދޭ ތަނަކުން އެކްސްކަވޭޓަރެއް ކުއްޔަށް ދިނުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލައެއް ނޫންކަން އެނގެއެވެ.
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި އެއްބަސްވުމުގައި، ކުއްޔަށް ގެންދިޔަ ތަކެތި އަނބުރާ ގެންނަންޖެހޭ މުއްދަތު ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަނާ ދެމެދުގައިވަނީ ކުލީގެ އެއްބަސްވުމެއް ކަމުގައި ނުވާތީވެ އެކްސްކަވޭޓަރު އަނބުރާ ރައްދުކުރަންޖެހޭ މުއްދަތެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރަމެވެ.
މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭ 03 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވިއިރު، އެ މައްސަލަ ޝަރީޢަތަށް ހުށަނާޅައި ހުރެ، އެ މުއްދަތަށް ފަހު، ކުލި ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅިކަމުގައިވިޔަސް ޝަރީޢަތުން ކުލި ނަގައިދެވޭނީ، ކުއްޔަށް ތަކެތި އަނބުރާ ގެންނަންޖެހޭ މުއްދަތަށް ފަހު، ހިނގާ 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށްކަމަށް ބަޔާންކޮށްފައި އޮތުމާއި އަދި މި ގަވާއިދުގެ ސުރުޚީއާއި މި ގަވާއިދުގެ މާއްދާތަކަށް ބެލުމުން މިއީ، ކުއްޔަށް ތަކެތި ދޫކުރުމުގެ ޚިދުމަތް ވިޔަފާރިއެއްގެ ގޮތުގައި ދެމުންގެންދާ ފަރާތްތަކުން، އެ ފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށް ތަކެތި ކުއްޔަށް ހިފި މުއްދަތުގައި ކުލި ނުދައްކައިގެން، ކުލި ހޯދުމަށް ދަޢުވާކުރާ މައްސަލަތަކުގައި ކޯޓުން ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރާ ގަވާއިދެއްކަން އެނގެއެވެ.
އެހެންކަމުން ހުށަހެޅިފައިވާ މި މައްސަލައިގައި އެ ގަވާއިދު އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތަށް ތަޠުބީޤު ކުރެވިދާނެތޯ ބަލާއިރު ދެފަރާތުގެ ދެމެދުގައިވާ މުޢާމަލާތުގެ ޒާތާއި ޠަބީޢަތަކީ މުދާ ވިއްކުމުގެ މުޢާމަލާތެއްކަމަށްވެފައި، ވިޔަފާރީގެ އުސޫލުން ތަކެތި ކުއްޔަށް ދިނުމުގެ މުޢާމަލާތެއްގައި ކުލީގެ ނިސްބަތް ކަނޑައެޅުމުގައި ކޯޓުތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދެއް ތަޠުބީޤު ކުރެވިދާނެ މަޙައްލެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
އެއްބަސްވެފައިވާ މުޢާމަލާތު
އިސްތިއުނާފީ ދެވަނަ ނުކުތާގައިވާ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވުމުގެ ސަބަބުން ޢަދުލު އިންސާފު ގެއްލިގެން ގޮސްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައިވާތީވެ ދެފަރާތުގެ ދެމެދުގައިވާ މުޢާމަލާތުގެ ތަބީޢަތާއި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައިލާނަމެވެ.
ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މަޤްޞަދަކީ އެކްސްކަވޭޓަރެއް ވިއްކުމުގެ މުޢާމަލާތެއްކަން އެ ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއްނެތެވެ. މިގޮތުން އެއްބަސްވުމުގައި ވަނީ ވިއްކުމުގެ އަޤުދެއްގައިވާ ސިފަތަކެވެ. އެއީ، އެކްސްކަވޭޓަރުގެ އަގެއް ކަނޑައެޅި، އެ އަގު އަދާކުރުމުގެ ގޮތުން، ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވުން. އަދި ހަމަ އެހެންމެ، މުދަލާ ޙަވާލުވުމުގެ ކުރިން އެ ރަނގަޅު ކޮންޑިޝަނުގައި މަސައްކަތްކުރާކަމަށް ޗެކު ކުރަންޖެހޭކަމާއި، އަދި އެކްސްކަވޭޓަރުގެ އަގު އަދާކޮށް ނިމެންދެން އޭގެ މިލްކުވެރިކަން އޮންނާނީ ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައިކަމަށް އޮތްއޮތުން. މުޅި އެއްބަސްވުމުގައި، ކުލީގެ ވާހަކަ ބަޔާންކޮށްފައިވަނީ، އެއްބަސްވެފައިވާ ގޮތަށް އެކްސްކަވޭޓަރުގެ އަގު ނުދެއްކިއްޖެނަމަ، ގަންނަ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްގެ ގޮތުގައި އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައެވެ.
އެހެންކަމުން، އައިމާ ކޮންސްޓްރަކްޝަނާއި ކޮރަލްގޭޓާއި ދެމެދުގައިވާ މުޢާމަލާތުގެ ތަބީޢަތާއި ސިފަތަކާއި ޢަމަލުކުރެވިފައިވާ ގޮތަށް ބަލައި، ޚުޞޫމަތެއް އުފެދިފައިވަނީ ވިއްކުމުގެ މުޢާމަލާތެއްގެ ތެރެއިންކަން އެނގެއެވެ.
މައިގަނޑު ޚުޞޫމަތު
ދެފަރާތުގެ ދެމެދުގައިވާ ޚުޞޫމަތު ބިނާވަނީ އެކްސްކަވޭޓަރު ވިއްކުމުގެ މުޢާމަލާތުގައި ކަނޑައެޅިފައިވާ ތާރީޚުގައި ފައިސާ ނުދެއްކިއްޖެނަމަ، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން ދުވާލަކަށް 15,000.00/-ރ. (ފަނަރަ ހާސްރުފިޔާ) ގެ މަގުން ކުލި ހިނގާނެކަމުގެ މައްޗަށެވެ. މި މާއްދާގެ ދަށުން އައިމާ ކޮންސްޓްރަކްޝަނުން ކުލި ހޯދުމަށް ދަޢުވާކުރީ އެކްސްކަވޭޓަރު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮތް 630 (ހަސަތޭކަ ތިރީސް) ދުވަހަށެވެ.
ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަން ޙައްލުކުރަން ރުޖޫޢަވާންޖެހޭނީ، ޢަޤުދަކީ ޢަޤުދުކުރާ ދެމީހުންގެ ދެމެދުގައިވާ ކަންކަން ނިންމުމަށް އޮންނަ ޤާނޫނު ކަމުގައި ބަޔާންކުރާ ޝަރުޢީ ޤާއިދާގައިވާ ގޮތުގެމަތިން ކޮންޓްރެކްޓުގެ މާއްދާތަކުގެ މައްޗަށެވެ.
މިގޮތުން މިމުޢާމަލާތާއި ގުޅުންހުރީ މައިގަނޑު ދެމާއްދާއެކެވެ. އެއީ، ކުލި ދެއްކުމާއި ގުޅޭގޮތުން އޮންނަ އެއްބަސްވުމުގެ 3.4 ވަނަ މާއްދާ އާއި ވިއްކުމުގެ މުޢާމަލާތު ރޫޅިއްޖެނަމަ ޢަމަލުކުރަން އެއްބަސްވުމުގައި އޮންނަ 3.5 ވަނަ މާއްދާއެވެ. މި 02 (ދޭއް) މާއްދާގެ ނައްސު ތިރީގައި ނަކަލު ކުރެވިފައި އެވަނީއެވެ.
އެއްބަސްވުމުގެ 3.4 ވަނަ މާއްދާ: ކުލި
އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ވަނީ؛
"މި އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކްސްކަވޭޓަރުގެ އަގު ގަންނަ ފަރާތުން ވިއްކާ ފަރާތަށް ނުދައްކައިފިނަމަ، ފައިސާ ދައްކަން އެއްބަސްވެ ދައްކާފައިނުވާ ތާރީޚުން ފެށިގެން އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް 15,000.00/-ރ. (ފަނަރަ ހާސްރުފިޔާ) ރުފިޔާ ހިނގަމުން ދާނެއެވެ. އަދި މި ކުލީގެ ފައިސާ ހޯދުމަށް ވިއްކާ ފަރާތުން ގަންނަ ފަރާތަށް ބިލް ހުށަހަޅާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ގަންނަ ފަރާތުން އެ ބިލަށް ފައިސާ ދައްކަން ވާނެއެވެ."
އެއްބަސްވުމުގެ 3.5 ވަނަ މާއްދާ: އެއްބަސްވުން ބާޠިލުކުރުން
އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި ވަނީ؛
"ގަންނަ ފަރާތުން އަގު އަދާކުރަންޖެހި، އަގު ނުދައްކާތާ 01 (އެކެއް) މަސްވުމުން، މި އެއްބަސްވުން ބާޠިލުކޮށް އެކްސްކަވޭޓަރު އަނބުރާ އަތުލާ، އެހެން ފަރާތަކަށް އެކްސްކަވޭޓަރު ވިއްކާލުމުގެ އިޚްތިޔާރު ވިއްކާ ފަރާތަށް ލިބިގެންވެއެވެ. މިފަދައިން އެހެން ފަރާތަކަށް އެކްސްކަވޭޓަރު ވިއްކާލާނަމަ، އެ ފަރާތަކުން އެކްސްކަވޭޓަރު ގަންނަ އަގުގެ ތެރެއިން އެހާތަނަށް ގަންނަ ފަރާތުން ވިއްކާފަރާތަށް އަގުގެ ގޮތުގައި ދައްކާފައިނުވާ ފައިސާ އާއި، ވިއްކާ ފަރާތުން އަލުން އެކްސްކަވޭޓަރު ވިއްކާލުމަށް ހިނގި ޚަރަދާއި ގަންނަ ފަރާތް ބޭނުންވާ ތަނަކަށް އެކްސްކަވޭޓަރު ގެންދިއުމަށްދާ ޚަރަދު އުނިކުރުމަށްފަހު ބާކީޖެހޭ ފައިސާ، ވިއްކާ ފަރާތުން ގަންނަ ފަރާތަށް 07 (ހަތެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ."
ޝަރަޙަކުރުން
ކޮންޓްރެކްޓެއްގެ މާއްދާއެއް މާނަކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ދޭހަކުރުމަށްޓަކައި ބަލާ އެއްހަމައަކީ، ކޮންޓްރެކްޓު އެ މައްޗަށް ބިނާވާ އަސާސްތައް ދެނެގަނެ ހުރިހާ މާއްދާތަކެއް އެކުގައި ކިޔައި ނިކުންނަ ޖުމްލަ ނަތީޖާގެ މައްޗަށް ބަލައި އެ ކޮންޓްރެކްޓަކަށް ވާސިލު ވާންޖެހުނު ސަބަބުތަކާއި މުޢާމަލާތް ހިނގާފައިވާ ގޮތް ދެނެގަތުމެވެ.
މި އުސޫލުން މި މައްސަލައިގައި އެއްބަސްވުމުގެ މާއްދާތަކަށް ބެލުމުން ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ އެކްސްކަވޭޓަރެއް ވިއްކުމުގެ މުޢާމަލާތެއް ކުރިޔަށް ގެންދިއުންކަން އެނގޭހިނދު، މި ދެންނެވި މުޢާމަލާތު ރޫޅިއްޖެ ހިނދަކު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ދެ މާއްދާއަކީ އެއްބަސްވުމުގެ 3.4 ވަނަ މާއްދާ އާއި 3.5 ވަނަ މާއްދާކަމާއި، އެ 02 (ދޭއް) މާއްދާ އެއްބަސްވުމުގެ އެހެނިހެން މާއްދާތަކާއި އެކުގައި ކިޔުމުން ތިރީގައި މިވާ މާނަ ދޭހަވެއެވެ.
ފުރަތަމަކަމަކީ، އެއްބަސްވެފައިވާ ގޮތަށް ގަންނަ ފަރާތުން އަގު ނުދައްކާނަމަ، ކޮންޓްރެކްޓު ނިމުމަކަށް ގެނެސް އެހެން ފަރާތަކަށް އެކްސްކަވޭޓަރު ވިއްކާލުމުގެ އިޚްތިޔާރުވަނީ އެއްބަސްވުމުގެ 3.5 ވަނަ މާއްދާއިން ވިއްކާ ފަރާތަށް ލިބިދީފައި ކަމާއި، މި އިޚްތިޔާރު ބޭނުންކުރުމަށް އެއްބަސްވުމުގެ ދަށުން ފުރުސަތު ލިބެނީ، އެއްބަސްވެފައިވާ ގޮތަށް އަގު ނުދައްކާތާ 1 (އެކެއް) މަސްދުވަސް ހަމަވުމުންކަން އެނގޭކަން.
ދެވަނަކަމަކީ، އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި، އެކްސްކަވޭޓަރު ވިއްކާލުމުގެ އިޚްތިޔާރު ވިއްކާ ފަރާތަށް ދީފައިވަނީ، ގަންނަ ފަރާތުން އެކްސްކަވޭޓަރުގެ އަގު އެއްބަސްވެފައިވާ ގޮތަށް ނުދެއްކިއްޖެނަމަ، ވިއްކުމުގެ މުޢާމަލާތު ރޫޅާލައި، އެކްސްކަވޭޓަރު ވިއްކާލުމުގެ ފުރުސަތު ދީފައިވަނީ، (1) އެ އާލާތް ވިއްކާލުމަށް ހިނގި ޚަރަދާއި، (2) އޭތި އެއްތަނުން އަނެއް ތަނަށް ގެންދަން ހިނގާނެ ޚަރަދު ކެނޑުމަށްފަހު، (3) ބާކީވާ ފައިސާއެއް ހުރިނަމަ، އެއީ ގަންނަ ފަރާތުގެ ޙައްޤެއް ކަމާއި، މިގޮތުން ފައިސާއެއް ހުރިނަމަ އެ ފައިސާއަކީ އައިމާ ކޮންސްޓްރަކްޝަނުން ކޮރަލްގޭޓަށް 07 (ހަތެއް) ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ފައިސާ އެއްކަން އެއްބަސްވުމުގެ 3.5 ވަނަ މާއްދާއަށް ބެލުމުން ދޭހަވާކަން.
ތިންވަނަކަމަކީ، އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކްސްކަވޭޓަރުގެ އަގު ގަންނަ ފަރާތުން ނުދައްކާނަމަ، ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާ ތާރީޚުން ފެށިގެން އެއްބަސްވުން ނިމުމަކަށް އަންނަދެން ދުވާލަކު 15,000/-ރ. (ފަނަރަ ހާސް ރުފިޔާ) ގެ މަގުން ކުލި ހިނގާނޭކަމާއި، މިކުލި އައިމާ ކޮންސްޓުރަކްޝަނުން ހޯދުމަށް ހުށަހަޅައިފި ހިނދަކު، 07 (ހަތެއް) ދުވަހުގެ ތެރޭގައި ކުލި ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް ދައްކަން ޖެހޭނެކަން އެއްބަސްވުމުގެ 3.4 ވަނަ މާއްދާއަށް ބެލުމުން އެނގޭކަން.
މަތީގައި ބަޔާންކޮށްފައިވާ ތިންކަންތަކުގެ ތެރެއިން، ފުރަތަމަ ދެކަންތަކުގެ މައްޗަށް ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބަހުސްކުރެވިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު
މި ރައުޔުގެ 3.2 ގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ފަދައިން އެއްބަސްވުމުގެ ފައިސާ ދައްކަން ދެފަރާތުން އެއްބަސްވެފައިވަނީ 06 (ހައެއް) މަސްދުވަހަށް ބަހާލައިގެންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދައްކަންޖެހޭ އެންމެ ފުރަތަމަ ޕޭމަންޓް 500,000/-ރ. (ފަސްލައްކަ ރުފިޔާ) ދައްކަންޖެހެނީ 25 ޑިސެންބަރު 2014 ގައެވެ. އޭގެ ފަހުން ކޮންމެ މަހަކު 500,000/-ރ. (ފަސްލައްކަ ރުފިޔާ) ދައްކައި އެންމެ ފަހު ޕޭމަންޓު ދައްކަން ޖެހެނީ 25 މޭ 2015 ގައެވެ.މި މުއްދަތަށްފަހު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމާއެކު އެކްސްކަވޭޓަރުގެ މިލްކުވެރިކަން ކޮރަލްގޭޓުގެ ނަމަށް ބަދަލު ވާނެކަން އެއްބަސްވުމަށް ބެލުމުން އެނގެއެވެ.
ނަމަވެސް، ފުރަތަމަ ޕޭމަންޓު ދައްކަންޖެހޭ ތާރީޚުކަމުގައިވާ 25 ޑިސެންބަރު 2014 މި ތާރީޚުގައި ކޮރަލްގޭޓުން ފައިސާ ދައްކާފައި ނުވާކަން އެއީ ދެބަސްނުވާ ޙަޤީޤަތެވެ. އެހެންކަމުން، 25 ޑިސެންބަރު 2014 ގައި ފުރަތަމަ ޕޭމަންޓް ނުދައްކައި 01 (އެކެއް) މަސް ފުރުމާއެކު އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އައިމާ ކޮންސްޓްރަކްޝަނަށް ލިބިފައިވާކަން ފާހަގަކުރަމެވެ. މިގޮތުން 01 (އެކެއް) މަސް ހަމަވާ ތާރީޚަކީ އެއްބަސްވުމުގެ ދެވަނަ ޕޭމަންޓު ދެއްކުމަށް އެއްބަސްވެފައިވާ 25 ޖަނަވަރީ 2015 އެވެ. މި މުއްދަތަށްފަހު އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އައިމާ ކޮންސްޓްރަކްޝަނަށް ލިބިފައިވާ ކަމުގައި ވިޔަސް އެގޮތުގެމަތިން ޢަމަލުކޮށްފައި ނުވާކަން އެނގެއެވެ.
އެއްވެސް ކޮންޓްރެކްޓަކީ އޮޓޮމެޓިކުން ނިމުމަކަށް އަންނަ އެއްޗެއް ނޫންކަމާއި ކޮންޓްރެކްޓަކާ ޚިލާފުވެގެން ކޮންޓްރެކްޓެއް ނިމުމަކަށް ގެންނަން ބޭނުންވާ ހާލަތުގައި ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން އެކަމަށް ޤަސްދުކުރާކަން އޭނާގެ ޢަމަލުން ދޭހަވާންވާނެއެވެ. ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ ޢަމަލުން އެކަން ދޭހަނުވާނަމަ، ފަހަރުގައި ކޮންޓްރެކްޓާ ޚިލާފެއްވެފައި އޮވެމެ، އެ ޚިލާފު އޮތުމާއެކުވެސް ކޮންޓްރެކްޓައިގެން ކުރިޔަށްދާން ބޭނުންވާކަން އޭނާ އިޚްތިޔާރު ކުރީކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެއެވެ.
މީގެ އިތުރުން، ފެންނަ ފެނުމުގައި ކޮންޓްރެކްޓަކާ ޚިލާފުކަމެއް ފެނުނު ނަމަވެސް އެކަމަކީ ކޮންމެހެން ކޮންޓްރެކްޓެއް ނިމުމަކަށް އަންނަ ފަދަ ހާލަތަކަށް ނުވެދާނެއެވެ. ކޮންޓްރެކްޓާ ޚިލާފެއްވެފައި އޮންނަ ހާލަތުގައި ޚިލާފުނުވާ ފަރާތަށް އެ ޚިލާފައިގެން ކުރިއަށް ދިއުން ނުވަތަ ކޮންޓްރެކްޓް ބާޠިލްކުރުމުގެ އިޚްތިޔާރު އޮންނާތީވެ، މި މައްސަލައިގައި އެއްބަސްވުމާ އެއްގޮތަށް ކޮރަލްގޭޓުން އެކްސްކަވޭޓަރުގެ އަގު ނުދެއްކުމުން އައިމާ ކޮންސްޓްރަކްޝަނަށް އެއްބަސްވުން ބާޠިލުކުރުމަށް ފުރުސަތު އޮވެ އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެކްސްކަވޭޓަރުގެ އަގު ދެއްކުމަށް އިތުރު ފުރުސަތެއް ކޮރަލްގޭޓަށް ދީފައިވާކަން އައިމާ ކޮންސްޓްރަކްޝަނުން ކޮރަލްގޭޓަށް އެ ފައިސާ ނުލިބިގެން15 ފެބުރުވަރީ 2015 ގައި ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެއެވެ. އެ ސިޓީގައި ވަނީ25 ޑިސެންބަރު 2014 ގެ ޕޭމަންޓާއި 25 ޖަނަވަރީ 2015 ގެ ޕޭމަންޓުގެ 02 (ދޭއް) ޗެކަށް ފައިސާ ނުލިބިގެން އަނބުރާ ލިބިފައިވާކަމާއި، އެ 02 (ދޭއް) ޗެކުގައިވާ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮރަލްގޭޓަށް އަންގާކަމާއި، އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާނޭ ކަމަށެވެ.
އޭގެފަހުން، އެއްބަސްވުން ބާޠިލުކުރުމެއް ނެތި ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި 630 (ހަސަތޭކަ ތިރީސް) ދުވަހު އެކްސްކަވޭޓަރު ބާއްވާފައި އޮތް މުއްދަތުގައި އައިމާ ކޮންސްޓްރަކްޝަނުން އަންގާފައިވާ ހަމަ އެކަނި އެންގުމަކީ އަގު އެއްބަސްވެފައިވާ ގޮތަށް ހޯދުމަށް އެދިފައިވާ އެންގުންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ. އެހެންކަމުން، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އައިމާ ކޮންސްޓްރަކްޝަނަށް އޮވެ، އެއްބަސްވުން ބާޠިލުކުރުމެއްނެތި، ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އެކްސްކަވޭޓަރު އޮތް މުއްދަތަކީ ވިއްކާފައި އޮތް އެއްޗެއްގެ އަގު ނުލިބިވާ މުއްދަތެއްކަމަށް ބަލަންޖެހެއެވެ.
އެހެންކަމުން، ކޮރަލްގޭޓުން އެއްބަސްވެފައިވާ ގޮތަށް އެކްސްކަވޭޓަރުގެ އަގު އައިމާ ކޮންސްޓްރަކްޝަނަށް ނުދެއްކި ކަމުގައިވިޔަސް އެ ޚިލާފު އޮވެ އެއްބަސްވުމައިގެން ކުރިޔަށްދާން އައިމާ ކޮންސްޓްރަކްޝަނުން ނިންމައި، 630 (ހަސަތޭކަ ތިރީސް) ދުވަހު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އެކްސްކަވޭޓަރު ބޭއްވުމަށްފަހު އައިމާ ކޮންސްޓްރަކްޝަނުގެ ބެލުމުގެ ދަށަށް އެ އާލާތް ގެންގޮސްފައިވަނީ 20 ސެޕްޓެންބަރު 2016 ގައެވެ.
ކުލި ހޯދުމަށް އެދުން
އައިމާ ކޮންސްޓްރަކްޝަނުން ކުލި ހޯދުމަށް ދަޢުވާކުރީ އެއްބަސްވުމުގެ 3.4 މާއްދާ ތަންފީޒުކުރުމުގެ ގޮތުން ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އެކްސްކަވޭޓަރު އޮތް 630 (ހަސަތޭކަ ތިރީސް) ދުވަހުގެ މުއްދަތަށެވެ.
މިގޮތަށް ކުލި ހޯދުމަށް ދަޢުވާކުރިއިރު، އައިމާ ކޮންސްޓްރަކްޝަނުން ވަނީ އެކްސްކަވޭޓަރުގެ ނުލިބިވާ އަގު ދެއްކުމަށް ކޮރަލްގޭޓަށް ފުރުސަތު ދީފައިވާކަމާއި، މިގޮތަށް ފުރުސަތު ދެވިފައިވަނިކޮށް، ކުލި ހޯދުމަށް ދަޢުވާކުރެވިދާނެ ކަމަކަށް ނުދެކެމެވެ.
އެއްވެސް މުޢާމަލާތެއްގައި، ކުއްޔެއް ހޯދުމަށް ދަޢުވާކުރާނަމަ ކުލި ހިނގާނެ މުއްދަތެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. މިގޮތުން ކުލި ފަށާދުވަހަކާއި އަދި ނިމޭނެ ދުވަހެއް ސާފުވާންވާނެއެވެ. އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ނައްސަށްބަލާއިރު، ކުލި އެކަށައަޅާފައިވާ މުއްދަތެއް ސާފެއްނުވެއެވެ. އަދި ހަމައެހެންމެ، ކުލި ހިނގަންފަށާނެކަމަށް ބަޔާންކޮށްފައިވަނީ، އެއްބަސްވެފައިވާ ގޮތަށް ކޮރަލްގޭޓުން އަގު ނުދެއްކިއްޖެނަމަ، ޝަރުތު ކަނޑައެޅިފައިވާ އިލްތިޒާމެއްގެ ގޮތުގައެވެ.
ކުއްޔެއް ހިނގާނެކަމަށް ބަޔާންކޮށް އެމައްޗަށް، އިތުރު ޝަރުތެއް ކަނޑައެޅި، ކުލީގެ މުއްދަތެއް ކަނޑައެޅިފައިނުވާ އަދި ކުއްޔާގުޅޭ ގޮތުން ސާފު އެއްބަސްވުމެއް ނޯންނަ ކޮންމެ މުޢާމަލާތެއްގައި ޝަރުޢީ އުސޫލުތަކުން ބަލާއިރު ޣަރަރު އެކުލެވިގެންވާ މުޢާމަލާތެއްކަމަށް ބުނުމުގެ އިޙްތިމާލު އޮތަތީވެ، އެއްބަސްވުމުގެ 3.4 ވަނަ މާއްދާއަކީ ތަންފީޒުކުރެވިދާނެ މާއްދާއެއްކަމަކަށް އަހުރެން ނުދެކެމެވެ.
އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ މަޤްޞަދާގުޅޭ ގޮތުން ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަނާ ސުވާލުކުރުމުން ބުނެފައިވަނީ، ވިއްކުމުގެ މުޢާމަލާތު ރޫޅިއްޖެނަމަ، އެކްސްކަވޭޓަރު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮންނަ މުއްދަތަށް ކުލި ލިބިދިނުމެވެ. ބަހުސްގެ ބޭނުމަށްޓަކައި، މިސާލަކަށް ވިއްކުމުގެ މުޢާމަލާތް ކުރިޔަށް ނުގޮސްފިނަމަ، އެ އާލާތް ބޭނުންކުރާ މުއްދަތަށް ނުވަތަ އެ އާލާތް ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮތް މުއްދަތަށް ދުވާލަކަށް 15,000.00/-ރ. (ފަނަރަ ހާސްރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށް އެއްބަސްވުމުގެ 3.4 ވަނަ މާއްދާ މާނަކޮށްފި ހިނދަކު ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ނަތީޖާއެއް ނުކުމެދާނެކަމަކަށް އަހުރެން ނުދެކެމެވެ. ވިއްކުމުގެ މުޢާމަލާތެއްގައި އެ ކޮންޓްރެކްޓެއްގެ ކައިފިއްޔަތު ކުލީގެ މުޢާމަލާތަކަށް ބަދަލު ނުވާނެކަމެވެ. އަދި ވިއްކުމާއި ކުއްޔަށް ދޫކުރުމަކީ ތަފާތު ދެ ޠަބީޢަތެއްގެ ދެ ކޮންޓްރެކްޓެއް ކަމަށްވާއިރު، ހުށަހެޅިފައިވާ މި މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަނުން އެއްބަސްވުމުގައިވާ ގޮތުގެމަތިން ވިއްކުމުގެ މުޢާމަލާތު ރޫޅާލުމަށްފަހު، ޝަރުޢީ ހަމަތަކުގެމަތިން ކުލި ހޯދުމަށް އެދުމަށްފަހު، މި ދަޢުވާކުރިނަމަ، އަހުރެންގެ ރައުޔު ތަފާތުވީހެވެ.
އައިމާ ކޮންސްޓަރަކްޝަނުން ދަޢުވާކުރީ އެއްބަސްވުމުގެ ދަށުން ކުލި ހޯދުމަށްކަމުގައިވާ ހިނދު، އެއްބަސްވުމުގެ ދަށުން ކުލި ނަގައިދިނުމާ ގުޅޭގޮތުން އޮންނަ 3.4 ވަނަ މާއްދާ ތަންފީޒިނުވިކަމުގައިވިޔަސް، ޝަރީޢަތުން ގޮތެއް ކަނޑައެޅިފައިވާ ނުވާކަންކަމުގެ މައްޗަށް ބިނާކޮށް، މިމުޢާމަލާތުގައި އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް ދަޢުވާކުރުމަށް މިމައްސަލަ ނިމުމަކުން ހުރަހެއްނާޅައެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވަނީ، ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މައްޗަށްކަމަށް ނުދެކޭތީވެ، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކޭހިނދު، ސިވިލް ކޯޓުގެ ނަންބަރު 1378/Cv-C/2016 ޤަޟިއްޔާ އާއި އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/417 ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ހުށަހަޅާފައިވާ ދެ އިސްތިއުނާފީ ނުކުތާގައި ކޮރަލްގޭޓުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ކޮންމެވެސް ވަރަކަށް ގުޅިލާމެހިފައިވާ ވާހަކަތަކެއް ކަމުން، ޖުމްލަ ކަންތައްތަކެއް ފާހަގަކޮށްލާނަމެވެ.
އެއްބަސްވުމުގެ ތަބީޢަތް
މި މައްސަލައިގައި ހުށަހަޅާފައިވާ އެއްބަސްވުމަކީ ގަނެ ވިއްކުމުގެ އެއްބަސްވުމެއްކަމަށާއި، އެއްބަސްވުން ކުލީގެ އެއްބަސްވުމަކަށް ބަދަލުވެގެންދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކުލީގެ އެއްބަސްވުމެއްގައި ހުންނަންޖެހޭ ޤާނޫނު ލާޒިމުކުރާ ޝަރުތުތައް ނެތުމަކީ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން ބާޠިލު މާއްދާތަކެއްކަމަށް ކޮރަލްގޭޓުގެ ފަރާތުން ބުނެފައިވެއެވެ.
އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ ޤާނޫނަކުން ވަކި ގޮތަކަށް އެއްބަސްވުމެއް އޮތުން ލާޒިމު ނުކުރާހާ ހިނދަކު، އެއްބަސްވުމުގެ ބައިވެރިންނަށް ލިބިފައިވާ މިނިވަންކަމުގެ ދަށުން، ޤާނޫނު މަނާނުކުރާ ކޮންމެ ޝަރުތަކާއެކުވެސް އެއްބަސްވުން އެކުލަވާލުން ހުއްދަވެގެންވާކަމަށެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ފަދައިން، ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަންއާ ދެމެދު ވެވުނީ އެކްސްކަވޭޓަރެއް ގަނެ ވިއްކުމުގެ އެއްބަސްވުމެކެވެ. މިކަން ދެފަރާތު ދެމެދު 18 ޑިސެންބަރު 2014 ގައި ވި އެއްބަސްވުމުގެ އެންމެ ފުރަތަމަ ޕެރެގްރާފުންނާއި، އަދި ދެފަރާތުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން ސާފެވެ. އެއްވެސް ޚިލާފުވުމެއް ނެތެވެ.
ސުވާލަކީ، ގަނެ ވިއްކުމުގެ މުޢާމަލާތެއް ފުރިހަމަ ނުކުރެވޭ ހާލަތުގައި، ކުއްޔަށް ދިނުމާބެހޭ މުޢާމަލާތަކަށް ބަދަލުކުރެވިދާނެ ހެއްޔެވެ؟ މީގެ ޖަވާބު ލިބޭނީ ދެފަރާތުގެ ނިޔަތް ދެނިގަނެވިގެންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް ވ. ދައުލަތް ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި "ކޮންޓްރެކްޓުގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭނަމަ އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާންވާނީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރެވެން އޮންނަ ގޮތުގެ މައްޗަށެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ މައުނަވީ ނިޔަތުގެ މައްޗަކަށް ނޫނެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރުކުރާނީ، ޚިލާފު އުފެދިފައިވާ އެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށް ރިއާޔަތްކޮށްގެންނެވެ."
ހުށަހެޅިފައިމިވާ މައްސަލައިގައި، ގަނެވިއްކުމުގެ މުޢާމަލާތެއް ކުރިއަށް ނުދިއުމުގެ ސަބަބުން، ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ކުލީގެ އެއްބަސްވުމަކަށް ބަދަލުވާނެކަމަށް އެ އެއްބަސްވުމުގެ 3.4 ވަނަ މާއްދާއާ ހަވާލާދީ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނާއިރު، ކޮރަލްގޭޓުގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގައި ކުއްޔެއް ނެގިދާނެކަމަށް ބުނި ނަމަވެސް، ވަކި މުއްދަތެއް ނެތް ގޮތަކަށް ކުއްޔެއް ނުހިނގާނެކަމަށެވެ. އަދި ކޮރަލްގޭޓުގެ މި ހުށަހެޅުމަށް ބާރުދެނީ ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުކަމަށެވެ.
އެއްބަސްވުމުގެ ދަށުން ނަގައިދެވޭ "ކުލި"
ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުލި ނަގައިދެވޭ ސަބަބަށް ރިޢާޔަތްކުރުމުގެ ކުރިން، އެއްބަސްވުމުގެ 3.4 ވަނަ މާއްދާ ތަކުރާރުކޮށްލާނަމެވެ. އެ މާއްދާގައި؛
މި އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކްސްކަވޭޓަރުގެ އަގު ގަންނަ ފަރާތުން ވިއްކާ ފަރާތަށް ނުދައްކައިފިނަމަ، ފައިސާ ދައްކަން އެއްބަސްވެ ދައްކާފައިނުވާ ތާރީޚުން ފެށިގެން އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް 15,000.00/-ރ. (ފަނަރަ ހާސްރުފިޔާ) ރުފިޔާ ހިނގަމުން ދާނެއެވެ. އަދި މި ކުލީގެ ފައިސާ ހޯދުމަށް ވިއްކާ ފަރާތުން ގަންނަ ފަރާތަށް ބިލް ހުށަހަޅާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ގަންނަ ފަރާތުން އެ ބިލަށް ފައިސާ ދައްކަން ވާނެއެވެ.
މި މައްސަލައިގައި ގަނެ ވިއްކުމުގެ މުޢާމަލާތް ފުރިހަމަވުމުގެ ކުރިން، އެކްސްކަވޭޓަރު ވަނީ ގަންނަ ފަރާތްކަމުގައިވާ ކޮރަލްގޭޓާއި ހަވާލުކޮށްފައެވެ. އެހެންކަމުން، އެއްބަސްވުމުގެ ދަށުން އެކްސްކަވޭޓަރު ގަތުމަށްޓަކައި ކޮރަލްގޭޓުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރުމުގެ ކުރިން، އެ އެކްސްކަވޭޓަރު ވަނީ ކޮރަލްގޭޓާއި ހަވާލުކޮށް، އެ ކުންފުނިން އެ އެކްސްކަވޭޓަރު ބޭނުންކުރަމުންދިޔުމަށް ފަހިކޮށްދީފައެވެ.
ދުވާލެއްގެ މައްޗަށް -/15,000ރ. (ފަނަރަހާސް ރުފިޔާ) ގެ ކުލީގެ ރޭޓަކީ، އެކްސްކަވޭޓަރު ގަންނަ ފަރާތުން އެކްސްކަވޭޓަރަށް ދައްކަންޖެހޭ ފައިސާ ނުދެއްކިއްޖެނަމަ ދެން ޢަމަލުކުރާނެ ގޮތެވެ. އެހެނީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ކަން ހިނގާދިޔަނަމަ، ބޭނުންހިފޭ އެކްސްކަވޭޓަރެއް ގަންނަ ފަރާތުގެ ބެލުމުގެ ދަށުގައި އޮވެމެ، އެ އެކްސްކަވޭޓަރުން މަންފާ ހާސިލުކުރުމުގެ ފުރުސަތު ފަހިވެފައިވާއިރު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގަނެ ވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށްޓަކައި ގަންނަފަރާތުން ވިއްކާ ފަރާތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ވިއްކާ ފަރާތަށް ލިބޭނެ ގެއްލުން ފޫބެއްދުމަށްޓަކައި، ދެފަރާތުން އެއްބަސްވެފައިވާގޮތް ކަމުގައިވާތީއެވެ.
ދެން އުފެދޭ ސުވާލަކީ، ގަނެ ވިއްކުމުގެ މުޢާމަލާތް ފެއިލުވުމުގެ ސަބަބުން، މުއްދަތެއް ނެތް ގޮތަކަށް ކުއްޔެއް ހިނގާފާނެ ހެއްޔެވެ؟ އަދި މި މި މައްސަލައިގައިވާ ފަދައިން، 3,300,000/-ރ. (ތިންމިލިޔަން ތިންލައްކަ ރުފިޔާ) ގެ އެކްސްކަވޭޓަރަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގަންނަ ފަރާތުން އެއްވެސް ސަބަބަކާ ހެދި ވިޔަސް ނުކުޅެދުމުން، އޭގެ ބަދަލުގައި ކުއްޔެއްގެ ގޮތުގައި ދުވާލަކަށް -/15,000ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން 9,450,000/-ރ. (ނުވަމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އެކްސްކަވޭޓަރުގެ ކުލީގެ ގޮތުގައި ނެގިދާނެ ހެއްޔެވެ؟
ވިޔަފާރީގެ ނަޒަރަކުން ވިސްނާލާނަމަ، ގަންނަން އުޅުނު އެއްޗެއް ނުގަނެވުމުގެ ސަބަބުން، އޭގެ ބަދަލުގައި ގަންނަން އުޅުނު އެތީގެ އަގުގެ ތިން ގުނަ އިތުރު އަގެއް ނެގުމަށް ދެފަރާތުން އަގުދުވެފައިވާކަމަށް ބެލުމަކީ ދެކޮޅުޖެހޭކަމެއް ނޫނެވެ. ހަމަ އެފަދައިން، އެއްބަސްވުމުގެ 3.5 ވަނަ މާއްދާގެ ދަށުން، ގަންނަ ފަރާތުން އަގު އަދާކުރަންޖެހި އަގު ނުދައްކާތާ 1 (އެކެއް) މަސްވުމުން، އެއްބަސްވުން ބާޠިލުކޮށް އެކްސްކަވޭޓަރު އެހެން ފަރާތަކަށް ވިއްކާލުމުގެ އިޚްތިޔާރު ވިއްކާފަރާތަށް ލިބިދެވިފައިވާއިރު، އައިމާ ކޮންސްޓްރަކްޝަނުން ގެއްލުން ކުޑަކުރުމުގެ ގޮތުން، މި އިޚްތިޔާރުގެ ބޭނުން ހިފާފައިނުވާއިރު، ވިޔަފާރީގެ ނަޒަރަކުން ބަލާއިރު، ފައިސާ ނުދެއްކިގެން އުޅޭ ފަރާތަކަށް ފައިސާގެ އިތުރު ތަކުލީފުތަކެއް މަތިކުރުވުމަކީ އެންމެ ހަމަޖެހޭގޮތް ކަމުގައި އަހުރެން ނުދެކެމެވެ.
އައިމާ ކޮންސްޓްރަކްޝަނުންވެސް އަދި ކޮރަލްގޭޓުގެ ފަރާތުންވެސް ޝަރުޢީ އެކި މަރުހަލާތަކުގައި ބުނެފައިވަނީ ދުވާލެއްގެ މައްޗަށް ނެގޭ ކުލީގެ ރޭޓަކީ ގަނެވިއްކުމުގެ މުޢާމަލާތް ކުރިއަށް ނުދާނަމަ، އެއިގެ ބަދަލުގައި ނެގޭ ކުއްޔެއްކަމެވެ. ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައިވެސް، ކުއްޔާ ބެހޭ މާއްދާ ހިނގަން ފަށަނީ، އެއްބަސްވެފައިވާ ގޮތަށް ގަނެ ވިއްކުމުގެ އަގު ކޮރަލްގޭޓަށް އަދާނުކުރެވޭ ހިސާބުންނެވެ. ކޮރަލްގޭޓުގެ ފަރާތުން ކުއްޔާބެހޭ މާއްދާއަކީ ލިކުއިޑޭޓަޑް ޑެމެޖަސްނޫންކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި އެ މާއްދާއިން ކުލި ނަގަނީ ކޮރަލްގޭޓުން ފައިސާ ނުދެއްކުމުގެ ސަބަބުން އަދަބެއްގެ ގޮތުގައިތޯ އައިމާ ކޮންސްޓްރަކްޝަންއާ ސުވާލުކުރުމުން، އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ އެކްސްކަވޭޓަރުގެ އަގު ހަމަ ނުކުރެވި، ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮންނައިރު، އައިމާ ކޮންސްޓްރަކްޝަނަށްވެސް އެކްސްކަވޭޓަރު ކުއްޔަށްދީގެން ނަމަވެސް ނަފާ ހޯދުމުގެ ފުރުސަތު ގެއްލިގެންދާނެތީ އެގޮތުގެ މަތިންކަމަށެވެ.
އެހެންކަމުން، ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް، އަދި ވިޔަފާރީގެ ނަޒަރަކުންމި މުޢާމަލާތަށް ބެލިކަމުގައިވިޔަސް، ކުއްޔެއް ނަގައިދިނުމުގެ މާއްދާ ހިނގަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރެވޭ ހިސާބުންކަމުގައިވާއިރު، މި މާއްދާގެ މަޤުސަދަކީ އެކްސްކަވޭޓަރަށް ދައްކަންޖެހޭ ފައިސާ އަދާނުކުރެވި، އެހެންނަމަވެސް އެކްސްކަވޭޓަރު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮންނައިރު، އައިމާ ކޮންސްޓްރަކްޝަނަށް ލިބޭނެ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ ނިޔަތުގައި ފަރުމާ ކުރެވިފައިވާ މާއްދާއެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
އެއްބަސްވުންތަކުގައި ހުންނަ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ މާއްދާތަކަކީ ކޯޓުތަކުން އެއްވެސް އިސްތިސްނާއެއް ނެތި ތަންފީޒުކޮށްދޭ މާއްދާތަކެއް ހެއްޔެވެ؟ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި މިފަދަ މާއްދާތަކާމެދު ޢަމަލުކުރަންވީ ގޮތުގެ އުސޫލު ކަނޑައަޅާފައިވެއެވެ. ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ އިބާރާތުން، މި އުސޫލުގެ ޚުލާސާއަކީ، ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން "...ހިމެނިފައިވާ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނެ އަންދާޒާއެއްތޯ (ލިކިއުޑޭޓަޑް ޑެމެޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތިކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ)..." ބެލުމަށްފަހު ގޮތެއް ކަނޑައެޅުމެވެ. އެހެންގޮތަކަށް ބުނާނަމަ، ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ ދަށުން ލިބިދާނެކަމަށް އެކަށީގެންވާ ގެއްލުމެއްކަން ސާބިތުކޮށްދެވިއްޖެނަމަ، އެފަދަ މާއްދާއެއްގެ ދަށުން ކޯޓުތަކުން ބަދަލު ނަގައިދޭނެއެވެ. އެއާ ޚިލާފަށް، އެއްބަސްވުމުގެ ދަށުން ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުމާ ނުބައްދަލު އަދަދުތަކަކީ، ކޯޓުތަކުން ނަގައިދޭނެ ބަދަލެއްނޫނެވެ.
ލިކުއިޑޭޓަޑް ޑެމެޖަސްއާއި ޕެނަލްޓީ ކްލޯޒް
ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ގެއްލުމުގެ ބަދަލަކީ ކޮބައިކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ބަދަލަކީ ގެއްލުންވީ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ގެއްލުން ދިން ފަރާތުގެ ކިބައިން ނަގައިދެވޭ ފައިސާގެ ޢަދަދުކަމުގައިވާއިރު، ކޯޓުތަކުން ނަގައިދެވޭނެ ބަދަލުތަކުގެ ތެރޭގައި އެކްޗުއަލް ޑެމެޖަސް، ނޮމިނަލް ޑެމެޖަސް އަދި ލިކުއިޑޭޓަޑް ޑެމެޖަސް ހިމެނެއެވެ.
ލިކުއިޑޭޓަޑް ޑެމެޖަސްއަކީ އެއްބަސްވުމެއްގައި، އެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ނަގައިދެވޭނެކަމަށް ބުނާ ގެއްލުމެވެ. ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައިވާ ފަދައިން، ލިކުއިޑޭޓަޑް ޑެމެޖަސް މަޤުބޫލުވާ ސަބަބަކީ، ގެއްލުން ލިބިފައިވާނަމަ، ކޯޓުގައި އެ ގެއްލުން ތަހައްމަލު ކުރި ގޮތް ސާބިތުކުރަންނުޖެހޭތީއެވެ. އޭގެ ބަދަލުގައި، ކޯޓުގައި ސާބިތުކޮށްދޭންޖެހޭނީ އެއްބަސްވުމާ ޚިލާފުވި ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުމުގެ ދަށުން ބަދަލު ލިބިދޭންޖެހޭ ހާލަތެއް މެދުވެރިވެފައިވާކަމެވެ.
ލިކުއިޑޭޓަޑް ޑެމެޖަސްއާ ބެހޭ މާއްދާތައް ހުރުމުން ގެއްލުމުގެ ބަދަލު ހަމަޖެއްސުމުގެ ކަންކަން އެއްބަސްވުމުގެ ބައިވެރިންނަށް ފަސޭހަވެގެން ދިޔަނަމަވެސް، ބައެއް ފަހަރު މިކަހަލަ މާއްދާތަކުގެ ދަށުން ލިބިދާނެ ގެއްލުމެއްކަމަށް ބެލެވޭ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދުތަކުން ފައިސާ ނެގިދާނެކަމަށް ދެފަރާތުން އެއްބަސްވެފައިހުރެއެވެ. މިސާލަކަށް އެއްބަސްވުމާ ޚިލާފުވާ ތާރީޚުން ފެށިގެން ދުވާލެއްގެ މައްޗަށް ނުވަތަ ކޮންމެ މަހެއްގެ މައްޗަށް ހިނގާ ރޭޓުތައް ހިސާބުކުރުމުން، އެކަށީގެންނުވާ ބޮޑު އަދަދުތަކަށް ވާސިލުވެއެވެ. މިފަދަ ހާލަތެއްގައި، އެއީ އެއްބަސްވުމާ ޚިލާފުވި ފަރާތަށް ޖައްސާ އުގޫބާތެއްނަމަ، ނުވަތަ އެ ފަރާތުން އެއްބަސްވުމާ ޚިލާފުވީތީ ދެވޭ އަދަބެއްގެ ނަތީޖާ އެ މާއްދާއިން ނެރެވޭނަމަ، ޢާންމު އުސޫލަކީ ކޯޓުތަކުން އެފަދަ ބަދަލުތައް ނަގައި ނުދިނުމެވެ. މިއީ ޕެނަލްޓީ ކްލޯޒް ނުވަތަ ޝަރުޠު ޖަޒާއީއެވެ.
ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ލިކުއިޑޭޓަޑް ޑެމެޖަސްއާއި ޕެނަލްޓީ ކްލޯޒް ވަކިކުރުމުގައި ވަޒަންކުރެވިދާނެ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން،Dunlop Pneumatic Tyre Co Ltd v New Garage & Motor Ltd ގަޒިއްޔާގައި ދުނިޔޭގެ އެކި ޤައުމުތަކުން ޢަމަލުކުރަމުންދިޔަ އަދި ޢަމަލުކުރަމުންދާ genuine pre-estimate of loss ޓެސްޓާއި Cavendish Square Holding BV v Talal El Makdessi and ParkingEye Ltd v Beavis ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ. ޑަންލޮޕް ޓެސްޓާއި ކެވެންޑިޝް ޓެސްޓުގެ މައިގަނޑު ތަފާތަކީ، ޑަންލޮޕް ޓެސްޓުގެ ދަށުން ބޮޑަށް ބަރޯސާވަނީ ކޮމްޕެންސޭޝަން ނުވަތަ ބަދަލުގެ ތަބީއަތަށް ކަމުގައިވާއިރު، ކެވެންޑިޝް ޓެސްޓުގެ ދަށުން ގެއްލުން ލިބުނު ފަރާތުގެ ކޮމްޕެންސޭޝަން ނުވަތަ ލިބިދާނެ ބަދަލަކީ ހަމައެކަނި އެއްބަސްވުމުގެ ދަށުން ލިބިދާނެ މާލީ ގެއްލުމަކަށްވުމުގެ އިތުރުން، އެ ނަގައިދެވޭ ޢަދަދަކީ ވިޔަފާރީގެ ޞައްޙަ މަސްލަހަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ ޢަދަދެއްކަމަށްވާނަމަ އެ ޢަދަދު ނަގައިދިނުމެވެ. އެއީ ޑަންލޮޕް ޓެސްޓުގެ ދަށުން genuine pre-estimate of loss އާއި ކެވެންޑިޝް ޓެސްޓުގެ ދަށުން legitimate interests ގެ ތަފާތެވެ.
ލެޖިޓިމެޓް އިންޓަރެސްޓުކަމުގައި ބެލެވޭނެ ކަންކަމަކީ ކޮބައިކަން އެންމެ ފަސޭހައިން ބުނެދެވޭނީ ކެވެންޑިޝްއާއި ޕާކިންގއައި މައްސަލަތަކުގެ މިސާލު ނަގައިގެންކަމުގައި އަހުރެންދެކެމެވެ. މި ދެ މައްސަލައިގައިވެސް ވިޔަފާރީގެ ލެޖިޓިމޭޓް އިންޓަރެސްޓެއް އޮތްކަމަށް ކަނޑައެޅުނެވެ. އެގޮތުން، ކެވެންޑިޝް މައްސަލައިގައި މެދު އިރުމަތީގެ އެންމެ ބޮޑު އެއް މާކެޓިން ގްރޫޕުގެ ހޯލްޑިންގ ކުންފުނީގެ ކޮންޓްރޯލިންގ ސްޓޭކް ނުވަތަ ހިއްސާ ކެވެންޑިޝް ކުންފުންޏަށް ވިއްކުމަށް ޠަލާލް އެލް މެކްޑެސީ އެއްބަސްވިއެވެ. މިދެފަރާތު ދެމެދު ވުވުނު އެއްބަސްވުމުގައި މެކްޑެސީގެ ފަރާތުން ހިއްސާ ވިއްކާތާ ވަކި މުއްދަތެއްގެ ތެރޭގައި މެކްޑެސީގެ ފަރާތުން އޭނާގެ ކުރީގެ ވިޔަފާރިއާ ވާދަކޮށް ވިޔަފާރިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއްބަސްވުމުގެ މި މާއްދާއާ މެކްޑެސީ ޚިލާފުވެއްޖެނަމަ، އެއްބަސްވުމުގެ 5.1 ވަނަ މާއްދާގެ ދަށުން ހިއްސާ ގަންނަ އަގުގެ ފައިނަލް އިންސްޓޯލްމަންޓްސް މެކްޑެސީއަށް ނުލިބޭނެކަމަށާއި، އަދި އެއްބަސްވުމުގެ 5.6 ވަނަ މާއްދާގެ ދަށުން ކެވެންޑިޝްގެ ގުޑްވިލް އެއްފަރާތްކޮށް، ކުންފުނީގެ ބާކީ ހިއްސާތައް ދަށް އަގަކަށް ކެވެންޑިޝްއަށް މެކެޑެސީ ވިއްކާލަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
އިނގިރޭސި ސުޕްރީމް ކޯޓުން ޙުކުމްކުރީ އެއްބަސްވުމުގެ މި މާއްދާތަކަކީ ކެވެންޑިޝްއަށް ހުއްދަކުރެވިފައިވާ ނުވަތަ ސައްހަ މަސްލަހަތެއް ރައްކާތެރިކުރުމަށްޓަކައި ހިމަނާފައިވާ މާއްދާތަކެއްކަމަށާއި، އަދި މިއީ ހިއްސާ ވިއްކާފަރާތަށް އުޤޫބާތެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާތަކެއް ނޫންކަމަށެވެ.
ހަމަ އެފަދައިން، ޕާކިންގއައި މައްސަލައިގައި، ޕާކިންގއައިގެ ފަރާތުން ރިޓެއިލް ޕާކްއެއްގައި ކާރު ޕާކްކުރުމުގެ އިންތިޒާމްއާ ހަވާލުވެ އެކަންކަން ހަމަޖައްސައިދިނެވެ. އެ ޕާކުގައި ކާރު ޕާކުކޮށްފައި ދެ ގަޑިއިރަށްވުރެ ގިނަވާނަމަ، ޕާކިނގް ޗާޖްގެ ގޮތުގައި 85 ޕައުންޑު ދައްކަންޖެހޭކަމަށް މުޅި ޕާކުގައި ނޯޓިސް ހަރުކޮށްފައިހުއްޓެވެ. މރ. ބީވިސް ދެ ގަޑިއިރަށްވުރެ ގިނައިރު ވަންދެން އެ ޕާކުގައި ކާރު ޕާކުކުރުމުން، 85 ޕައުންޑު ދެއްކުމަށް މރ. ބީވިސްއަށް ޕާކިންއައިގެ ފަރާތުން އެންގިއެވެ. ނަމަވެސް. މރ. ބީވިސްގެ ފަރާތުން ބުނަމުން ދިޔައީ 85 ޕައުންޑަކީ ތަންފީޒުނުކުރެވޭނެ ޕެނަލްޓީ ކްލޯޒްއެއްކަމަށެވެ. ސަބަބަކީ، ހިލޭ ޕާކު ކުރެވެން އޮތް ތަނަކަށް ޖޫރިމަނާގެ ނަމުގައި އިތުރު އަގެއް ނުނެގޭނެކަމުގައިވާތީ އެވެ.
އިނގިރޭސި ސުޕްރީމް ކޯޓުން މި މައްސަލައިގައި ޙުކުމްކުރީ 85 ޕައުންޑް ޗާޖްކުރެވިފައިވަނީ މރ. ބީވިސް ފަދަ މީހުން ގިނައިރުވަންދެން ޕާކްކޮށްފައި ވެހިކަލް ބޭއްވުން ހުއްޓުވުމުގެ ގޮތުންކަމަށެވެ. ދެގަޑިއިރަށްވުރެ ގިނައިރު ކާރު ޕާކުކޮށްފައިވާނަމަ އެއަށް އިތުރު ފައިސާ ދައްކަންޖެހޭނެކަން މރ. ބީވިސްއަށް އެނގެއެވެ. އިނގިރޭސި ސުޕްރީމް ކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރީ މިގޮތަށް ފައިސާ ނެގިދާނެކަމަށެވެ. އަދި މިއީ އަންފެއަރ ޓަރމްއެއް ނޫންކަމަށާއި، މިގޮތަށް ފައިސާ ނެގުމުގެ މަގުސަދަކީ ޕާކިންގ ޒޯން ބޭނުންކުރާ އެހެން މީހުންގެ މަސްލަހަތުގައި ބޭނުންތެރިކަމެއްކަމަށެވެ.
އެހެންކަމުން، ޑަންލޮޕް ޓެސްޓުގެ ދަށުން ރިޢާޔަތްކުރަނީ ލިބުނު ގެއްލުންކަމަށް އަންދާސާ ކުރެވޭ ޢަދަދަކަށް ކަމުގައިވާއިރު، ކެވެންޑިޝް ޓެސްޓުގެ ދަށުން ލިބުނު ގެއްލުމަށްވުރެ ބޮޑު ޢަދަދެއް އެއީ ވިޔަފާރީގެ ސައްހަ މަސްލަޙަތަށްޓަކައި ނެގިދާނެ އަދަދެއްކަމަށް ސާބިތުކޮށްދެވޭނަމަ، އެފަދަ ޢަދަދެއްވެސް ކޯޓަށް ނެގިދާނެކަން ފާހަގަކުރެވެއެވެ.
ޑަންލޮޕް ޓެސްޓާ ޚިލާފަށް، ކެވެންޑިޝް ޓެސްޓުގައި ވިޔަފާރީގެ އެކި މަސްލަހަތުތަކަށް ރިއާޔަތްކޮށް، ގެއްލުމުގެ ބަދަލާގުޅޭ ތަންކޮޅެއް ފުޅާ މާނައެއް ބޭނުންކުރާތީ، މި މައްސަލައިގައި އެންމެ އެކަށީގެންވަނީ ކެވެންޑިޝް ޓެސްޓު ތަޠުބީޤުކުރުންކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެގޮތުން، ކެވެންޑިޝް ޓެސްޓުގެ ދަށުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ އެއްބަސްވުމެއްގައިވާ މާއްދާއެއް އެއީ ޕެންލަޓީ ކްލޯޒްއެއްކަމަށް ބެލެވިދާނެއެވެ.
ކަމާ ގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމްއަކާ (primary obligation) ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއް (secondary obligation)
އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ސައްހަ މަސްލަހަތުގެ (legitimate interest) ތަބީއަތާއި މިންވަރު
ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަހައްމަލުކުރުން
އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމް
އެއްބަސްވުމެއްގެ ދަށުން އަސާސީ އިލްތިޒާމެއްކަމަށް ބަލަނީ އެ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވައުދުވާ ކަންކަމަށެވެ. މިއާ ޚިލާފަށް، ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމެވެ. ޢާންމުކޮށް އެ ހާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުންނެވެ.
މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު
މި ހާލަތުގައި ކޯޓުން ބަލާނީ ސާނަވީ އިލްތިޒާމެއް ފުރިހަމަ ކުރުމުން މަންފާ ލިބޭ ފަރާތް ނުވަތަ މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތުތަކެއް ހިމާޔަތްކުރެވިގެންދޭތޯއާއި އެ މަސްލަހަތުގެ ތަބީއަތާއި މިންވަރަށެވެ. ޑަންލޮޕް ގަޒިއްޔާގައިވާ genuine pre-estimate of loss ޓެސްޓާ ޚިލާފަށް، ސައްހަ މަސްލަހަތެއް ސާބިތުކޮށްދިނުމުގައި މައުސޫމް ފަރާތަށް ލިބޭ މާލީ ގެއްލުމުގެ އިތުރުން، އެހެނިހެން ވިޔަފާރީގެ ގެއްލުން ސާބިތުކޮށްދެވިދާނެއެވެ. ނަމަވެސް ޢަމަލީގޮތުން، އެހެނިހެން ގެއްލުން އެއީ ސާބިތުކޮށްދޭން އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ޢާންމުކޮށް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ މާއްދާއެއްގައި އެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ލިބޭ ގެއްލުމަށް ބަދަލު ހޯދުމުގެ އިތުރުން، އެހެނިހެން މަސްލަހަތުތައް ހިމެނިފައިވުމަކީ ނާދިރުކަމެކެވެ.
ނުބައްދަލު ބުރަ ނުވަތަ އުޤޫބާތް
މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށް ވެގެންނުވާނެއެވެ. އެހެންގޮތަކަށް ބުނާނަމަ، މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު ސާބިތުކޮށްދިނުމަކުން އަދި ނުފުދެއެވެ. މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތާއި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލު ވެގެންނުވާނެއެވެ.
ޕެނަލްޓީ ކްލޯޒްއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ޢަމަލުކުރަމުންދާ ގޮތާމެދު ދެފަރާތުން ދެކޭގޮތް
ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ބަލަމުންމިދާ މައްސަލައިގައި އަޑުއެހުން ނިމި އެހެންނަމަވެސް ޙުކުމްކުރުމުގެ ކުރިންނެވެ. އަދި ބުނެވުނު ގަޒިއްޔާގައި މިވަގުތު ދިވެހިރާއްޖޭގައި ލިކުއިޑޭޓަޑް ޑެމެޖަސްއާއި ޕެނަލްޓީ ކްލޯޒް ފަރަގުކުރުމުގައި ޢަމަލުކުރާނެ އުސޫލު ކަނޑައަޅާފައިވާއިރު، އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މިބާވަތުގެ ހުރިހާ މައްސަލަތަކެއްގައިވެސް މި އުސޫލު ތަޠުބީޤުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅޭ ގޮތުން މައްސަލައިގެ ދެފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދެވުމުން، ކޮރަލްގޭޓުން އެ އުސޫލުތައް ތަޠުބީޤުކުރަމުން ބުނެފައިވަނީ، އެ އުސޫލުތަކުގެ ދަށުން އައިމާ ކޮންސްޓްރަކްޝަނުން ނަގައިދިނުމަށް އެދިފައިވާ ޢަދަދަކީ ޤާނޫނީ ގޮތުން ނަގައިނުދެވޭނެ ޢަދަދެއްކަމަށެވެ.
އައިމާ ކޮންސްޓްރަކްޝަނަށް ފުރުސަތު ދެވުމުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމަކީ ރެޓްރޯއެކްޓިވް (retroactive) ނުވަތަ ރަޖުޢީ ގޮތެއްގައި ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤުކުރުންކަމަށެވެ. އަދި މީގެ ކުރީގައި އޮތް އުސޫލަކީ ދެފަރާތް އެއްބަސްވެފައި އޮތް މާއްދާ އެ އޮތްގޮތަށް ތަންފީޒުކުރުންކަމަށެވެ.
މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން ހޯދަން އެދޭ މިންވަރުގެ ގެއްލުމެއް އައިމާ ކޮންސްޓްރަކްޝަންއަށް ލިބިދާނެކަމަށާއި އެކަން ސާބިތުވެސްކޮށްދެވިދާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަން ސާބިތުކުރުމަކީ މި މަރުހަލާގައި ކުރަންޖެހޭކަމެއް ނޫންކަމަށާއި، މި މައްސަލައަކީ ދަށު ކޯޓަށް އަލުން ތަހުވީލުކުރަންޖެހޭ މައްސަލައެއްކަމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން، ޕެނަލްޓީ ކްލޯޒްއާ ގުޅޭ ގޮތުން ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް އެއްވެސް ޤާނޫނީ ބަހުސެއް އުފައްދާފައިނުވާއިރު، މިހާރު މި މައްސަލައިގައި އުސޫލުތައް ތަޠުބީޤުކުރަނީ މައްސަލަ ބަލާ ފަނޑިޔާރުން އަމިއްލައަށް އިސްވެ ކަމަށާއި، އަދި މިގޮތަށް ޢަމަލުނުކުރެވޭނެކަމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ.
އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ދައްކާފައިވާ މިވާހަކަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އަދި މިހައިތަނަށް ކޯޓުތަކުން ޢަމަލުކުރަމުން އަންނަގޮތާމެދު ޒިކުރާ އައުކޮށްލުން މުނާސަބުކަމުގައި އަހުރެން ދެކެމެވެ.
އެއްކަހަލަ މައްސަލަ ތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ބަލާއިރު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށް ވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައި އޮވެއެވެ.
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަކީ އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމުގެ ތެރެއިން އުފަންވެފައިވާ ދެ މާއްދާއެވެ. މި މަފްހޫމް ޢާންމުކޮށް ފެންނަ ކޮމަން ލޯ ނިޒާމުތަކުގައިވާ ފަދައިން، އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމަށް ބާރުއަޅާ ސަބަބަކީ، އިންސާފު ޤާއިމްކުރުމަށްޓަކައި ކޯޓުތަކުން އެއްކަހަލަ މައްސަލަތަކުގައި އެއް ޤާނޫނީ އުސޫލުތަކެއް ތަޠުބީޤުކުރުމަށް ބާރު އެޅުމުގެ އިތުރުން، މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރާނެ ގޮތް ޢާންމު ރައްޔިތުންނަށް ދުރާލައި އެނގިފައި އޮތުމުގެ ސަބަބުން، ވަކި މައްސަލައެއް ވަކި ގޮތަކަށް ފަނޑިޔާރެއް ނިންމަފާނެކަމުގެ ވަހުމާއި ޝައްކު ފިލުވައި، ދެފުށް ފެންނަ ގޮތަކަށް އެންމެންނާ މެދު ހަމަހަމަކަމާއެކު ޢަމަލުކުރުމުގެ ބޭނުމުގައެވެ.
ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޙުކުމްކުރާއިރު އައު އުސޫލުތަކެއް ތައާރުފުކުރުމުގެ ނަތީޖާ ރެޓްރޯއެކްޓިވް ނޫން ގޮތެއް ނުވާނެއެވެ .އެހެންގޮތަކަށް ބުނާނަމަ، ކޯޓުތަކުން ކަނޑައަޅާ އައު އުސޫލުތަކަކީވެސް ޙުކުމްކުރާ ގަޒިއްޔާގައި އަލަށް ތައާރުފު ކުރެވޭ އުސޫލުތަކެއް ކަމުގައިވާއިރު، ޙުކުމްކުރެވޭ ގަޒިއްޔާގެ ހާދިސާ ހިނގައިދިޔައިރު އެ އުސޫލުތަކެއް ނުހުންނާނެއެވެ. އެހެންކަމުން، އައު އުސޫލުތަކެއް އެ ގަޒިއްޔާގައި ތަޠުބީޤުކުރާއިރު ކޮންމެ ގޮތެއްވިޔަސް ތަތުބީޤުކުރެވޭނީ އުސޫލު ކަނޑައެޅުމުގެ ކުރިން ހިނގާފައިވާ ހާދިސާއަކަށެވެ. ޢާންމު ގޮތެއްގައި ގަޒިއްޔާއެއްގެ ތެރެއިން އުސޫލުތަކެއް ކަނޑައެޅެނީ ކުއްލި ގޮތަކަށް ނޫނެވެ. ކޯޓުތަކުން ކުރާ ޙުކުމްތައް ދިރާސާކުރާ ފަންނީ މާހިރުންނަށްވެސް ފާހަގަކުރެވޭނެ ފަދައިން، ގަޒިއްޔާއެއްގެ ތެރެއިން އުސޫލެއް ކަނޑައަޅާ ހިސާބަށް ދެވޭނީ އެ ބާވަތުގެ އެތައް މައްސަލަތަކެއް ތަކުރާރުކޮށް ކޯޓުތަކަށް ކުރިން ހުށަހެޅި، ޤާނޫނީ ގޮތުން ދެގޮތަކަށް ބަހުސްކުރެވޭ ކަންކަމުގައި އެކި ފަހަރު އެކި ގޮތްގޮތަށް ނިންމުން ހުއްޓުވައި، ވަކި އެއް މިންގަނޑަކަށް މައްސަލަތައް ނިންމުމަށް ބާރު އެޅުމުގެ ގޮތުންކަމެވެ.
ދުނިޔޭގެ ކޮމަންލޯ ނިޒާމު އޮންނަ ބައެއް ޤައުމުތަކުގައި ގަޒިއްޔާއެއްގައި ކަނޑައަޅާ އުސޫލު ރެޓްރޯސްޕެކްޓިވްކޮށްވެސް އަދި ޕްރޮސްޕެކްޓިވް (prospective) ކޮށްވެސް ހިނގާގޮތަށް ނިންމައެވެ. ރެޓްރޯސްޕެކްޓިވްނަމަ ޙުކުމް ކުރި ގަޒިއްޔާގެ ކުރިން ހިނގާފައިވާ ކަންކަމަށް އުސޫލު ތަޠުބީޤުކުރެވޭއިރު، ޕްރޮސްޕެކްޓިވްނަމަ ޙުކުމް ކުރާ ގަޒިއްޔާގައި އުސޫލު ތަޠުބީޤު ނުކުރެވި މުސްތަޤުބަލަށް ތަޠުބީޤުކުރުމަށް ކަނޑައަޅައެވެ.
މައްސަލައެއް ބެލުމުގެ ތެރޭގައި އުސޫލު ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް އޮންނަހިނދު، މަތީ މަރުހަލާ ކޯޓުތަކުން ކަނޑައަޅާ އުސޫލުތައް އެއްކަހަލަ މައްސަލަތަކެއްގައި ތަޠުބީޤުކުރުމުގެ ނަތީޖާއަކީ ތާ އަބަދު ތަރައްޤީވަމުން އަންނަ މުޖްތަމައުއެއްގެ އިޖްތިމާއީ އަދި އިޤްތިސާދީ ބަދަލުތަކާ އަދާހަމަ އުސޫލުތަކެއް ޤާއިމުވެ އިންސާފަށް ވާސިލުވުން ފަހިވެގެންދިއުމެވެ.
އެހެންނަމަވެސް ޙުކުމްތަކުގައި އުސޫލު ކަނޑައަޅާއިރު، މީގެ ކުރިން އެ ޤައުމުގައި އެތައް އަހަރެއްވާންދެން އިސްތިޤުރާރުވެފައިވާ އުސޫލަކަށް ބަރޯސާވެ އެ އުސޫލު ހިނގާނެކަމަށް ބަލާފައި އެ އުސޫލަކަށް ބަރޯސާވެ ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި، ކޯޓުން ކުއްލި ގޮތަކަށް އުސޫލު ބަދަލުކޮށްފިނަމަ އެންމެ އެދެވިގެންވާ ނަތީޖާ ނުނިކުންނާނެކަން އަހުރެންވެސް ޤަބޫލުކުރަމެވެ.
ކޮރަލްގޭޓާއި އައިމާ ކޮންސްޓްރަކްޝަންއާ ދެމެދު ކުރެވުނު މުޢާމަލާތާ ގުޅިގެން އުފެދިފައިވާ ޚުސޫމާތުގެ އަސާސަކީ ވިޔަފާރީގެ އަޤުދެއް ފުރިހަމަނުވުމުގެ ސަބަބުން އޭގެ ބަދަލުގައި އުފެދިފައިވާ ސާނަވީ އިލްތިޒާމެއް ކޯޓުން ތަންފީޒުކޮށްދިނުމާބެހޭ މައްސަލައެކެވެ. މި ތަބީއަތުގެ މައްސަލަތަކުގައި މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ސާފު ސަރީހަ އުސޫލުތަކެއް ކަނޑައަޅާފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އެކި މަރުހަލާތަކުގެ އެކި ކޯޓުތަކުން އެކި މައްސަލަތަކުގައި އެކި ގޮތްގޮތަށް ޢަމަލުކުރަމުން އައިސްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ތައާރުފުކޮށްފައިވާ އުސޫލަކީ، ދިވެހިރާއްޖޭގައި ޒަމާންތަކެއް ވާންދެން ކުރެވެމުން އައި ޤާނޫނީ ބަހުސަކަށް ނިމުމެއް ގެނައުމެވެ. އަދި އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ އެއްވެސް ޤާނޫނަކުންވެސް ޢަމަލުކުރެވިދާނެ ގޮތަކާމެދު ވަކި އިރުޝާދެއް ދެވިފައިނުވާ ކަމެއް ކަމުގައިވާއިރު، އަދި ކޯޓުތަކުން ޢަމަލުކުރާ ގޮތުންވެސް އިސްތިޤުރާރުވެފައިވާ އުސޫލުތަކެއް ނެތް ދާއިރާއެއްކަމުގައިވާއިރު، ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކުރުމުން ރެޓްރޯއެކްޓިވް ނަތީޖާއެއް ނިކުންނާނެކަމަށް ބުނެ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ދައްކާ ހުއްޖަތްތައް ޤާނޫނީގޮތުން ބަލިކަށި ކަމުގައި އަހުރެންދެކެމެވެ.
އަދި މަތީ މަރުހަލާ ކޯޓަކުން ޤާނޫނެއް މާނަކުރުމުގައި ނުވަތަ ޤާނޫނެއް ނެތިވިޔަސް ވަކި މައުލޫއަކާ ގުޅިގެން އުސޫލުތަކެއް ޤާއިމުކޮށްފައިވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އާންމު އުސޫލަކީ މަތީ މަރުހަލާ ކޯޓަކުން ޤާއިމުކޮށްފައިވާ އުސޫލު ކަނޑައަޅާ ދުވަހުން ފެށިގެން އެއިގެ ފަހުން ނިންމާ އެއްކަހަލަ މައްސަލަތަކުގައި އެ އުސޫލާ އެއްގޮތަށް ޢަމަލުކުރުމެވެ. ސުޕްރީމް ކޯޓުންވެސް އެއް މައްސަލައެއްގައި ވަކި އުސޫލެއް ކަނޑައަޅައިފިނަމަ، އޭގެ ފަހުން ކޯޓުން ނިންމާ އެއްކަހަލަ ހުރިހާ މައްސަލަތަކެއްގެ މައްޗަށް، އިސްތިސްނާ ހާލަތެއް ނުދެއްކޭހައި ހިނދަކު، އެ އުސޫލު ހިނގާނެކަމަށް އަހުރެންދެކެމެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕެނަލްޓީ ކްލޯޒްއާބެހޭ މައްސަލަތަކާއި ވަޒީފާއާބެހޭ މައްސަލަތަކާއި އަދި ޖިނާއީ ބައެއް ބާވަތްތަކުގެ މައްސަލަތަކުގައި ހެކި ވަޒަންކުރުން، ބަލައިގަތުން އަދި މި ނޫންވެސް އެކި މައުލޫއާ ގުޅޭ ކަންކަމުގައި ޤާނޫނު މާނަކުރަންވީގޮތުގެ އުސޫލެއް ނުވަތަ ވަކި ހާލަތެއްގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލެއް ކަނޑައެޅިއްޖެނަމަ، އޭގެ ފަހުން ނިންމާ ހުރިހާ މައްސަލަތަކެއްގައިވެސް އެ އުސޫލު ތަޠުބީޤުކުރުމަކީ އުރުފެވެ. ކަންމިހެން އޮތުމުން، ޕެނަލްޓީ ކްލޯޒްއާއި ލިކުއިޑޭޓަޑް ޑެމެޖަސްގެ ތަފާތު ވަކިކުރާނެ މިންގަނޑެއް ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] މައްސަލައިގައި ޙުކުމްކުރުމުގެ ކުރިއަށް ނެތްހިނދު، މި މައުލޫއާ ގުޅިގެން ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް، މައްސަލައިގެ ޚަސްމުންނަށްވެސް މި މައުލޫއާ ގުޅޭ އެންމެފަހުގެ ކުރިއެރުންތަކަށް ބަސްބުނުމުގެ ފުރުސަތު ދިނުމެއްނެތި، މައްސަލައިގައި ޙުކުމްކުރުމަކީ އެންމެ އިންސާފުވެރިގޮތް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މިފަދައިން ޢަމަލުކުރުންވާނީ ދިވެހިރާއްޖޭގައި އެއްކަހަލަ މައްސަލަ ތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމަށް އޮންނަ އޮތުމާވެސް ޚިލާފުކަމެއްކަމުގައި އަހުރެން ދެކެމެވެ.
މި މައްސަލައަށް އުސޫލުތައް ތަޠުބީޤުކުރުން
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނެނީ ގަނެ ވިއްކުމުގެ މުޢާމަލާތެއްކަން މައްސަލައިގެ ދެފަރާތުންވެސް ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. މިހާރު އުފެދިފައިވާ ސުވާލަކީ، އެއްބަސްވުމުގެ ދަށުން ކުލީގެ ނަމުގައި ބަދަލު ހޯދުމަށް އައިމާ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާއިރު، އެ މާއްދާއަކީ އޭގެ ޒާތުގައި ކޯޓުތަކަށް ތަންފީޒުކުރެވިދާނެ މާއްދާއެއްތޯ ނުވަތަ ޕެނަލްޓީ ކްލޯޒްއެއްގެ އަސާސީ ސިފަތައް ހުރި މާއްދާއެއްތޯއެވެ.
ކެވެންޑިޝް ޓެސްޓުގެ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ފުރަތަމަ ކަމަކަށް، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް ކުލި ދައްކަންޖެހޭކަމަށް އޮތް އޮތުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސާނަވީ އިލްތިޒާމެކެވެ. އަހުރެންގެ ރައުޔުގެ 58 ވަނަ ޕެރެގްރާފުން 62 ވަނަ ޕެރެގްރާފުގެ ނިޔަލަށް ތަފްސީލުކޮށްފައިވާ ފަދައިން، ދެފަރާތު ދެމެދު ހިނގި މުޢާމަލާތަކީ ގަނެ ވިއްކުމުގެ މުޢާމަލާތެއް ކަމުގައިވާއިރު، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން ކުއްޔާބެހޭ އިލްތިޒާމު އުފަންވަނީ އެއްބަސްވުމާ އެއްގޮތަށް އެކްސްކަވޭޓަރު ގަތުމަށް އަދާކުރަންޖެހޭ ފައިސާ ކޮރަލްގޭޓުން އައިމާ ކޮންސްޓްރަކްޝަނަށް ނުދެއްކޭ ހިސާބުންނެވެ.
އައިމާ ކޮންސްޓްރަކްޝަންގެ ޞައްހަ މަސްލަޙަތުގެ ތަބީއަތާއި މިންވަރަށް ބަލާއިރު، އައިމާ ކޮންސްޓްރަކްޝަނުން ބޭނުންވީ 3,300,000/-ރ. (ތިންމިލިޔަން ތިންލައްކަ ރުފިޔާ) އަށް އެކްސްކަވޭޓަރެއް ކޮރަލްގޭޓަށް ވިއްކާށެވެ. ކޮރަލްގޭޓަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ފައިސާ ނުދެއްކުމުން، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރީ އެކްސްކަވޭޓަރު ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮތް 630 (ހަސަތޭކަ ތިރީސް) ދުވަހަށް ކުއްޔެއްގެ ގޮތުގައި ދުވާލަކަށް15,000/- ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން 9,450,000/-ރ. (ނުވަމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) ހޯދުމަށެވެ. މިއީ އެކްސްކަވޭޓަރުގެ އަގުގެ ތިންގުނަ އިތުރު އަދަދެކެވެ.
އެކްސްކަވޭޓަރަކީ ކޮރަލްގޭޓުގެ ބެލުމުގެ ދަށުގައި އޮތް މުއްދަތުގައި އެއްވެސް ދުވަހެއް އުނިނުކޮށް،18 ޑިސެންބަރު 2014 އިން 27 ޖޫން 2016 ގެ ނިޔަލަށް ދުވާލަކަށް 15,000/-ރ، (ފަނަރަހާސް ރުފިޔާ) ގެ މަގުން ކުއްޔަށް ދެވެން އޮތް އެއްޗެއްކަން، ނުވަތަ ކަމާ ގުޅުންހުރި އެނޫންވެސް އެހެން ވިޔަފާރީގެ މަސްލަތަހެއް އައިމާ ކޮންސްޓްރަކްޝަނަށް ދެއްކިފައިނުވެއެވެ. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ ކޯޓުގައި ނަގައިދިނުމަށް އެދޭ ޢަދަދު އެއީ އެ ކުންފުންޏަށް ލިބުނު ގެއްލުންކަން ސާބިތުކޮށްދެވިދާނެކަމަށެވެ. އެހެންނަމަވެސް މިކަންކަން ބެލެވެންވާނީ ދަށު ކޯޓަށް މި މައްސަލަ ތަހުވީލުކުރެވިގެންކަމަށެވެ. ސަބަބަކީ، ދަށު ކޯޓުގައި ރިޢާޔަތްނުކުރާ ކަމަކަށް އިސްތިއުނާފީ މަރުހަލާގައި ރިއާޔަތް ކުރެވެން ނެތީމައެވެ.
އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ދައްކާ މި ވާހަކަތަކަށް އަހުރެންވެސް ތާއީދުކުރަމެވެ. އެހެންނަމަވެސް ދަށު ކޯޓުން އަލުން ބެލުމަށްޓަކައި މައްސަލައެއް ތަހުވީލުކުރަން ކަނޑައެޅޭނީ ދަށު ކޯޓުން އިތުރަށް ވަޒަންކޮށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން މަސްލަހަތު އޮތް ޚަސްމަށް ސާބިތުކޮށްދެވިގެން، ނުވަތަ އެފަދަ ކަންތައްތަކެއް ހުރިކަން ފަނޑިޔާރުންނަށް ފެންނަނަމައެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި، އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ދުވާލެއްގެ މައްޗަށް15,000/-ރ.) ފަނަރަހާސް ރުފިޔާ) ގެ ގެއްލުން ސާބިތުކޮށްދެވިދާނެކަމަށް ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ.
މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އެކްސްކަވޭޓަރަށް ކޮރަލްގޭޓުން ފައިސާ ނުދައްކާތާ 1 (އެކެއް) މަސްވުމުން، އެއްބަސްވުން ބާޠިލުކޮށް އެކްސްކަވޭޓަރު އަނބުރާ އައިމާ ކޮންސްޓްރަކްޝަންގެ ބެލުމުގެ ދަށަށް ގެނެސް، ގެއްލުން ކުޑަކުރުމުގެ ފުރުސަތުތަކެއް އައިމާ ކޮންސްޓްރަކްޝަނަށް ފަހިކޮށްދީފައިވާއިރު، އެ އިޚްތިޔާރު ބޭނުންކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
ވުމާއެކު، ކެވެންޑިޝް ޓެސްޓުގެ ދެވަނަ އޮފީގެ ދަށުން، އައިމާ ކޮންސްޓްރަކްޝަންއާއި ކޮރަލްގޭޓާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އައިމާ ކޮންސްޓްރަކްޝަނުން ހޯދުމަށް އެދިފައިވާ ކުއްޔަށް ބަލާއިރު، އެ ކުލި އައިމާ ކޮންސްޓްރަކްޝަންއަށް ލިބިގަތުމުގެ ސައްހަ މަސްލަޙަތެއް ސާބިތުކޮށްދެވިފައިނުވެއެވެ.
ކެވެންޑިޝް ޓެސްޓުގެ ތިންވަނަ އޮފީގެ ދަށުން، ކުލީގެ ގޮތުގައި ނަގައިދިނުމަށް އެދޭ މިންވަރަކީ އެކަށީގެންވާ މިންވަރެއްތޯ ބަލާއިރު، 3,300,000/- ރ. (ތިންމިލިޔަން ތިންލައްކަ ރުފިޔާ)ގެ އެކްސްކަވޭޓަރަކަށް އަގު ނުދެއްކުމުން، އޭގެ ބަދަލުގައި 9,450,000/-ރ. (ނުވަމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) ހޯދުމަށް އެދުމަކީ ދެފަރާތު ދެމެދު ހިނގި މުޢާމަލާތާ ނުބައްދަލު، އަދި ކޮރަލްގޭޓު އެއްބަސްވުމާ ޚިލާފުވުމުން، އުޤޫބާތެއްގެ ގޮތުގައި ކަނޑައެޅިގެންދާ އަދަދެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ނިންމުން
ވުމާއެކު، އައިމާ ކޮންސްޓްރަކްޝަންއާއި ކޮރަލްގޭޓާއި ދެމެދު ވެފައިވާ އެކްސްކަވޭޓަރު ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން، ގަނެ ވިއްކުމުގެ މުޢާމަލާތް ކުރިއަށް ނުދިއުމުން، ކުލި ހިނގާނެކަމަށް އޮތް އޮތުމަކީ ޕެނަލްޓީ ކްލޯޒްއެކެވެ. އެއްބަސްވުމުގެ ދަށުން "ގެއްލުމުގެ ބަދަލު" މި ލަފްޒު ބޭނުންކުރުމުގެ ބަދަލުގައި "ކުލި" މި ލަފްޒު ބޭނުންކުރި ނަމަވެސް، ކުއްޔާބެހޭ މާއްދާ (އެއްބަސްވުމުގެ 3.4 ވަނަ މާއްދާ) އަކީ ހުރިހާ ގޮތަކުންވެސް ޕެނަލްޓީ ކްލޯޒްއެއްގެ ސިފަ އާއި ނަތީޖާ ނެރެވޭ މާއްދާއެއްކަމުން، އެ މާއްދާއަކީ ކޯޓަށް ތަންފީޒުކޮށްދެވޭނެ މާއްދާއެއް ނޫންކަމުގައި އަހުރެން ދެކެމެވެ.
އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގެ 25 ވަނަ ޕެރެގްރާފްގައި ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ބަޔާންކޮށްހުރި ސަބަބުތަކަށް އަހުރެން ތާއީދުކުރަމެވެ.
މީގެ އިތުރުން، މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1378/Cv-C/2016 ގަޒިއްޔާގެ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" އަށް ބަލާއިރު، އައިމާ ކޮންސްޓްރަކްޝަންގެ މުޅި ދަޢުވާ ބިނާވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން 18 ޑިސެންބަރު 2014 އިން 27 ޖޫން 2016 އާ ހަމައަށް ކޮރަލްގޭޓުގެ ކިބައިން ކުލި ނަގައިދިނުމަށެވެ. އިތުރު އެހެން އަދަދަކަށް ދަޢުވާކޮށްފައިނުވެއެވެ. ވުމާއެކު، އަހުރެންގެ ރައުޔުގައި ގޮތް ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ދަށުން ފައިސާ ނަގައިދިނުމާގުޅޭ ގޮތުންނެވެ.
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/417 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1378/Cv-C/2016 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމުން، އެ ދެ ގަޒިއްޔާވެސް ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވާ އެއްބަސްވުމުގެ 3.4 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ކުލި ހިނގަން ފަށާނީ، އެކްސްކަވޭޓަރު ވިއްކި ފަރާތުން ބިލު ހުށަހަޅާ ހިސާބުން ނޫނެވެ. ކުލި ހިނގަން ފަށާނީ، އެއްބަސްވުމުގެ 03 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދައިން އެކްސްކަވޭޓަރު ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހިސާބުން ފެށިގެންނެވެ. މި ކަން އެނގިގެންދާނީ އެއްބަސްވުމުގެ ބައިވެރިންގެ ޢަމަލުތަކުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، މައްސަލައިގެ ވާޤިޢާތަކުގެ ތެރެއިންނެވެ.
ވިއްކާ ފަރާތުން ބިލު ހުށަހެޅުމުން ނުކުންނާނެ ނަތީޖާއަކީ ބިލު ހުށަހަޅާ ތާރީޚުން ފެށިގެން 07 ދުވަހުގެ ތެރޭގައި ގަންނަ ފަރާތުން އެ ބިލަށް ފައިސާ ދެއްކުމެވެ. މީގެ މާނައަކީ، ކުލީގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާއެއްވާނަމަ، އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް، ނުވަތަ އެ ފައިސާގެ ތެރެއިން ވަކި މިންވަރެއް ހޯދުމަށްވެސް ބިލު ހުށަހެޅިދާނެކަމެވެ. މިއީ އަހުރެންނަށް މި އެއްބަސްވުމުގެ ތިންވަނަ މާއްދާ މާނަކުރެވޭ ގޮތެވެ.
މި މާއްދާއާއި މުޅި އެއްބަސްވުމަށް ބަލާއިރު، އަހުރެންނަށް އިތުރަށް ފާހަގަވަނީ، ކުލީގެ ފައިސާއަކީ ކިހައި މުއްދަތަކަށް ނެގިގެންދާނެ ފައިސާއެއްކަން ބަޔާންވެފައި ނުވެއެވެ. މީގެ ނަތީޖާއަކީ، ވިއްކުމުގެ މުޢާމަލާތަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ އެކްސްކަވޭޓަރުގެ އަގުގެ އެތައް ގުނައަކަށް ތަބްރީރުކުރެވޭ ސަބަބެއް (Justifiable reason) ނެތި މި ފައިސާ "ކުލީގެ ފައިސާ"ގެ ނަމުގައި ހޯދުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ. މިކަން މިހެން އޮތުމުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ތަފުސީލުކޮށް ބަޔާންކުރި ފަދައިން އަހުރެންނަށް މި އެއްބަސްވުމުގެ 3.4 ވަނަ މާއްދާ މާނަކުރެވެނީ ޕެނަލްޓީ ކްލޯސްއެއްގެ ގޮތުގައެވެ. އަދި މިއީ ތަންފީޒު ކުރެވިދާނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކަން މިހެން އޮތުމުން މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އަދި މި މައްސަލައިގައި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ފާހަގަ ކުރައްވާފައިވާ ފަދައިން ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދަކީ މި މައްސަލައަށް ތަޠުބީޤު ކުރެވިދާނެ ގަވާއިދެއް ކަމުގައި އަހުރެން ވެސް ނުދެކެމެވެ. މި މައްސަލައިގައި ޝަރީޢަތުގެ ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މި މުޢާމަލާތުގައި އެއްފަރާތުން އަނެއް ފަރާތުގެ މައްޗަށް ދަޢުވަކުރުމަށް މި މައްސަލަ ނިމުމަކުން ހުރަހެއް ނާޅާ ކަމަށް ޑރ. މުޙައްމަދު އިބްރާހީމް ފާހަގަ ކުރައްވާފައިވާ ނުކުތާއަށްވެސް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/417 ގަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1378/Cv-C/2016 ގަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމުން، އެ ދެ ގަޟިއްޔާ ވެސް ބާޠިލުކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް މަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.