—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2017/SC-A/32
ދަޢުވާކުރާ ފަރާތް: ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ)
އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ރިސޯޓް ހެދުމަށް ދޫކުރި ރަށްތަކާ ގުޅޭ
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 04 މޭ 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ނޮވެންބަރު 2017
ނިމުނު ތާރީޚް: 28 މާރިޗު 2019
މައްސަލަ ނިންމި ގަޑި: 15:08
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/127
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 11 މޭ 2014
ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ) އާއި އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެއިމް) އެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައިވެސް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ) އާއި އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަދި ތަފާތު ޖުރިސްޑިކްޝަންސްތަކުގައި އިސްތިޤްރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާއަކީ، ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް 2007 ވަނަ އަހަރު އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެއިމް) އިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް އެވޯޑްކުރި 03 ރަށްކަމުގައިވާ ގދ. ރާޅެއޮޑެގައްލާއާއި، ތ. އޮޅުގިރިއާއި، އަދި ދ. މާފުއްޓަށް އެޑްވާންސް ކުލީގެ ގޮތުގައިUS$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން ނެގުމަށްފަހު، އެ ރަށްތައް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާ ޙަވާލުކޮށްފައިނުވާތީއާއި، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާއި އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޙިއްޞާވާގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަށް އެ ތިން ރަށް ޙަވާލުކުރުމަށް، ދެ ފަރާތުން ފަހުން އެއްބަސްވެ، އެ ކުންފުންޏާވެސް އެ ތިން ރަށް ޙަވާލުކޮށްފައިނުވާތީ، އެޑްވާންސް ކުލީގެ ގޮތުގައި ދެއްކި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) އާއި، 30 ސެޕްޓެންބަރު 2007 އިން 15 އޮކްޓޫބަރު 2010 އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިނޭންސް ކޮސްޓް ކަމަށްވާ US$7,390,665 (ހަތް މިލިއަން ތިންލައްކަ ނުވަދިހަހާސް ހަސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) އާއި ޤާނޫނީ ވަކީލުންގެ ފީއާއި ޑިޒައިނިން ފީކަމަށްވާ US$59,899.00 (ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަނުވަ އެމެރިކާ ޑޮލަރު) އާއި ދަތުރުފަތުރާއި އެހެނިހެން ޚަރަދުކަމަށްވާ US$7,026.00 (ހަތްހާސް ސައްބީސް އެމެރިކާ ޑޮލަރު) އާއި، އޮޕޯރޗުނިޓީ ކޮސްޓަށްވާ US$105,300,300.00 (ސަތޭކަ ފަސް މިލިއަން ތިންލައްކަ ތިންސަތޭކަ އެމެރިކާ ޑޮލަރު) އާއި އެކުޖުމްލަ US$129,657,890.00 (ސަތޭކަ އޮނަތިރީސް މިލިއަން ހަލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ނުވަދިހަ އެމެރިކާ ޑޮލަރު) ދިވެހި ދައުލަތާއި އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހޯދައިދިނުމަށް އެދި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެޑްވާންސް ކުލީގެ ގޮތުގައި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، އެ ފައިސާއަކީ ދައުލަތާއި އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން އެދިފައިވާ US$112,757,890.00 (ސަތޭކަބާރަ މިލިއަން ހަތްލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ނުވަދިހަ އެމެރިކާ ޑޮލަރު) އަކީ ނަގައިދެވޭނެ ބަދަލެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނައިރު، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް، ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/127 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛
މި މައްސަލައިގައި ޙަވާލާދޭ ރަށްތައް ތަރައްޤީކޮށް ޓޫރިސްޓް ރިސޯޓު ހިންގައިގެން ލިބޭނެކަމަށް ލަފާކޮށް 25 މޭ 2010 ގައި އަރންސްޓް އެންޑް ޔަންގް (Ernst & Young) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޖޮއިންޓް ވެންޗަރ ކުންފުނިތަކުގެ ޙިއްސާއިން ސީދާ ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް ޙައްޤުވާ މިންވަރު ސާފުކޮށް އެނގެން ނެތްކަމަށް ނިންމާފައިވަނީ އެއިމް ކުންފުންޏާއި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކާއި އަދި25 މޭ 2010 ގައި ތައްޔާރުކޮށްފައިވާ އަރންސްޓް އެންޑް ޔަންގްގެ ރިޕޯޓާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން އޮޕޯރޗުނިޓީ ކޮސްޓުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ US$105,300,300.00 (ސަތޭކަ ފަސްމިލިއަން ތިންލައްކަ ތިންސަތޭކަ އެމެރިކާ ޑޮލަރު) ގެ ޢަދަދަކީ އަރންސްޓް އެންޑް ޔަންގްގެ ރިޕޯޓުގައި ބަޔާންވެގެންވާ ޢަދަދުކަމާއި އަދި އެ ޢަދަދު ކަނޑައެޅުމުގައި މަޙްދޫދުކުރެވޭ ޝަރުޠުތަކެއް އެ ރިޕޯޓުގައި ބަޔާންވެފައިވާއިރު، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ޢަދަދުތައް އެ މިންވަރަށް ލިބުމުގައި އެ ޝަރުޠުތައް އެގޮތުގައި ހުންނަންޖެހޭނެކަމާއި އެގޮތުން މަޙްދޫދުކުރެވޭ ޝަރުޠުތަކުގެ 6 ވަނަ ނަންބަރުގައި "މުސްތަޤުބަލުގައި ބިޒްނަސް ޓެކްސްއެއް އެކުލަވާލައިފިނަމަ، ފައިނޭންޝިއަލް ފޯކާސްޓަށް އަސަރުކުރާނެކަން" ބަޔާންކޮށްފައި އޮތުމުންނާއި އަދި އެގޮތުން18 ޖަނަވަރީ 2011 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވުނު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އާއި އަދި 20 ސެޕްޓެންބަރު 2011 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވުނު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޮޕޯރޗުނިޓީ ކޮސްޓުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ US$105,300,300.00 (ސަތޭކަ ފަސްމިލިއަން ތިންލައްކަ ތިންސަތޭކަ އެމެރިކާ ޑޮލަރު) ގެ ޢަދަދުގެ މިންވަރަށް ބަދަލު އަންނާނެކަން އެނގޭކަން ކަނޑައަޅައި ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ސީދާ ގެއްލުން ސާބިތުކުރުމަށްޓަކައި ކާފީ ހެކި ހުށަހަޅާފައިނުވާތީވެ ސީދާގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ހައިކޯޓުން ނިންމިއިރު، އެޑްވާންސް ކުލީގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން އެއިމް ކުންފުންޏަށް ދެއްކި އަދި އެއިމް ކުންފުނި މެދުވެރިކޮށް ދައުލަތަށް ދެއްކި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) އަކީ ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން ވިލާ ޝިޕިންގ އިން ނެގި ލޯނެއްކަމާއި، އަދި އެ ލޯނު އަނބުރާ ދައްކަންޖެހޭ ގޮތުގެ ތަފްޞީލު އެކުލެވޭ އެއްބަސްވުމެއް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާއިރު، އަދި އެ އެއްބަސްވުމުގެ އަލީގައި ފައިނޭންސް ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި އެއިގެ ތަފްޞީލު ހިމެނޭގޮތަށް އަރންސްޓް އެންޑް ޔަންގްއިން 21 އޮކްޓޫބަރު 2010 ގައި ތައްޔާރުކުރި ރިޕޯޓު ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އަދި ފައިނޭންސް ކޮސްޓަކީ އޮޕޯރޗުނިޓީ ކޮސްޓުގެ ގޮތުގައި ނުހިމެނޭ އަދި ސީދާގޮތުން ލިބުނު ގެއްލުމެއްކަމުގައި ބަޔާންކޮށްފައިވާއިރު އަދި އެއާމެދު އެއްވެސް ޚަސްމަކު ދެކޮޅު ހަދާފައިނުވާއިރު، އެއިން އެއްވެސް ކަމަކަށް ރިޢާޔަތްނުކޮށް އަދި އެއާމެދު ގޮތެއް ނުނިންމައި ހައިކޯޓުން މައްސަލަ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާ ގުޅިގެން މި މައްސަލަ އިލްތިމާސްކުރާ ފަރާތުންނާއި އިލްތިމާސް ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ނަޒަރުކުރިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، 'އަމުރުކުރަނިވި ނުވަތަ ލާޒިމްކުރަނިވި ޤާނޫނީ ޤާޢިދާ' (القاعدة الآمرة/peremptory rule) އަކާ، ނުވަތަ މުޖްތަމަޢުގެ "ނިޒާމު ޢާންމު" ނުވަތަ "އާދާބު ޢާންމާ" (نظام العام والآداب العامة/ Public Order and Public Decency) އާ ގުޅިފައިވާ ޤާނޫނީ ޤާޢިދާއަކާ ޚިލާފު ނުވާގޮތަށް، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި (good faith/bona fide) ތަންފީޒުކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) ގެ އިތުރުން، ވަޟްޢީ ނިޒާމްތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޤާނޫނީ މަބްދައެއްކަމަށްވާ 'އަލް ޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިނި' (العقد شريعة المتعاقدين) ނުވަތަ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ގެ މަބްދައުގެ މަތިން، އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމުން މަނާވެގަތުމަކީ ނުވަތަ އަދާނުކޮށް ލަސްކުރުމަކީ ނުވަތަ އެ އިލްތިޒާމުތައް އަދާކުރުމުގައި އިހުމާލުވުމަކީ އެ ފަރާތުން "ތަޢާޤުދީ މަސްއޫލިއްޔަތު" (contractual liability) އުފުލަންޖެހޭ ކަމެއްކަމާއި، މިގޮތުން ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރުމުގެ ސަބަބުން ގެއްލުންވާ، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު އުޞޫލު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ ކަމާއި، އެ މާއްދާގެ (ހ) ގައި "ކޮންޓްރެކްޓުގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަށް އެ ޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއްކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން ކަމުގައި ބުނެވިދިޔަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނަކަމާއި، އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާ ކަމާއި، ފުރަތަމަ ބާވަތަކީ: ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުން (direct/actual damages) ކަމާއި، ދެވަނަ ބާވަތަކީ: ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަޞައްވުރު ނުވަތަ ލަފާ ކުރެވޭ ގެއްލުން (prospective damages/foreseeable) ކަން އެނގެން އޮންނައިރު، ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން، ނުވަތަ އަދާނުކޮށް ލަސްކުރުމުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރިއާލައި ރުހި އެއްބަސްވެ ކޮންޓްރެކްޓުގައި ހިމަނާ ޝަރުޠެއްގެ ދަށުން ބަދަލުގެ މިންވަރު ކަނޑައަޅައިފައި ނުވާނަމަ، އެ ބަދަލުގެ މިންވަރު ތަޢާޤުދީ މަސްއޫލިއްޔަތުގެ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކަނޑައެޅުމަކީ ކަމާބެހޭ ކޯޓަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ 5 (ފަހެއް) ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓު ތަރައްޤީކުރުމާއި، އަދި އެއިން ކޮންމެ އެއަރޕޯޓަކާ ގުޅިގެން، ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާނެ ރަށެއް ދޫކުރުމަށް ދިވެހި ސަރުކާރުން 16 ޖޫން 2007 ގައި ކުރި އިޢުލާނަކާ ގުޅިގެން، އެ މަޝްރޫޢު ޙާޞިލުކުރުމަށްޓަކައި، އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި މި ތިން ކުންފުނި ގުޅިގެން އެ ތިން ކުންފުނީގެ ޙިއްޞާ ހަމަހަމަވާގޮތަށް، 21 ޖޫން 2007 ގައި "އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" (އެއިމް) ގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހި ސަރުކާރު (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) އާ އިސްވެ އިޝާރާތްކުރެވުނު 'އެއިމް' ކުންފުންޏާ ދެމެދު 31 ޖުލައި 2007 ގައި ކުރެވުނު ވަކިވަކި ލީސް އެގްރީމެންޓުތަކުގައި ދ. މާފުށި އާއި، ތ. އޮޅުގިރި އާއި، ގދ. ރާޅެއޮޑެގައްލާ އާ، މިއިން ކޮންމެ ރަށެއްގައި 200 އެނދުގެ ރިސޯޓެއް އެއިމް ކުންފުނީގެ ފަރާތުން ތަރައްޤީކުރުމަށް އެއްބަސްވެފައިވާކަމާއި، ބުނެވުނު ލީސް އެގްރީމެންޓުތަކުގެ 57 ވަނަ މާއްދާގައިވާ ގޮތުން، އިޝާރާތްކުރެވުނު ރަށްތައް ސަބްލީސް ކުރެވޭނީ އެއިމް ކުންފުނީގެ 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނިތަކަކަށް ކަމާއި، ބުނެވުނު 57 ވަނަ މާއްދާއަށް 14 މޭ 2008 ގައި ގެނެވުނު އިޞްލާޙާ އެއްގޮތްވާ ގޮތުގެމަތިން މަދުވެގެން އެއިމް ކުންފުނީގެ 20% (ވިހި އިންސައްތަ) ޙިއްޞާވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކަށް ބުނެވުނު ރަށްތައް ސަބްލީސް ކުރުމުގެ ޙައްޤު އެއިމް ކުންފުންޏަށް ލިބިގެންވާކަން އެނގެން އޮންނައިރު، ދ. މާފުށްޓާއި، ތ. އޮޅުގިރިއާއި، ގދ. ރާޅެއޮޑެގައްލާގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި، އެއިމް ކުންފުނީގެ ފަރާތުން ފުރަތަމަ ހުޅުވާލި ބީލަމާ ގުޅިގެން ހުށަހެޅުނު ބިޑުތައް ބާޠިލުކޮށް ދެވަނަ ފަހަރަށް ހުޅުވާލި ބީލަމުގައި އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީ، އެ ރަށްތަކުގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު ދެކެވުނު ވާހަކަތަކަށް ފަހު، އެ ރަށްތަކަށް ދައްކަންޖެހޭ އެޑްވާންސް ކުލީގެ ގޮތުގައި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއިމް ކުންފުންޏަށް ދެއްކުމާގުޅިގެން، އެ ތިން ރަށް އެއިމް ކުންފުނީގެ ފަރާތުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް 30 ސެޕްޓެންބަރު 2007 ގައި އެވޯޑް ކޮށްފައިވާކަން އެނގެން އޮންނައިރު، އެއިމް ކުންފުންޏާއި ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 15 މޭ 2008 ގައި ގދ. ރާޅެއޮޑެގައްލާގެ ޖޮއިންޓް ވެންޗަރ އެގްރީމެންޓުގައި ސޮއިކުރެވިފައިވާކަމާއި، އަދި 18 ޖަނަވަރީ 2009 ގައި ދ. މާފުށްޓާއި، ތ. އޮޅުގިރީގެ ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި ސޮއިކުރެވިފައިވާކަމާ، އަދި މި އެއްބަސްވުންތަކުގެ6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން 30 (ތިރީސް) ދުވަހުގެ ތެރޭގައި އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނިތައް 28 ޖަނަވަރީ 2009 ގައި އުފައްދައި ނިމިފައިވީ ނަމަވެސް، އެއްބަސްވުންތަކުގެ 7 ވަނަ މާއްދާގެ ދަށުން ބުނެވުނު ކުންފުނިތަކާއި އެއިމް ކުންފުންޏާ ދެމެދު ކުރަންޖެހޭ ސަބްލީސް އެގްރީމެންޓުތައް ކުރެވި، އިޝާރާތްކުރެވުނު ރަށްތައް ޖޮއިންޓް ވެންޗަރ ކުންފުނިތަކާ ޙަވާލުކޮށްފައި ނުވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުންނާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރި އިސްވެ އިޝާރާތްކުރެވުނު ރަށްތަކުގެ ތެރެއިން ތ. އޮޅުގިރީގެ ލީސް އެގްރީމެންޓް 17 އޮގަސްޓު 2009 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ބާޠިލުކުރުމަށް ފަހު، ދ. މާފުށްޓާއި، ގދ. ރާޅެއޮޑެގައްލާގެ ލީސް އެގްރީމެންޓް 18 ނޮވެންބަރު 2011 ގައި ބާޠިލުކޮށްފައިވާކަންވެސް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން އެއިމް ކުންފުންޏަށް ފޮނުވާފައިވާ ކަމާގުޅޭ ސިޓީތަކުން އެނގެން އޮންނަކަމާއި، ދިވެހި ސަރުކާރާއި އެއިމް ކުންފުންޏާ ދެމެދު 31 ޖުލައި 2007 ގައި ވެފައިވާ އިޝާރާތްކުރެވުނު ލީސް އެގްރީމެންޓުތައް ދިވެހި ސަރުކާރުން ބާޠިލުކޮށްފައިވަނީ އެ އެގްރީމެންޓުތަކުގެ 67 ވަނަ މާއްދާއަށް ޙަވާލާދީކަން އެނގެން އޮންނައިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ސަރުކާރުން އެ އެގްރީމެންޓުތައް ނިމުމަކަށް ގެނެވޭނެ ޙާލަތްތައް ކަމާއި، އެއީ؛
އެގްރީމެންޓުގެ 45 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އެއިމް ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ލީސް ރެންޓް މުއްދަތުގައި ނުދެއްކުން ނުވަތަ އެއިމް ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ލީސް ރެންޓް ދައްކަންޖެހޭ މުއްދަތު ފާއިތުވުމުގެ ސަބަބުން އެގްރީމެންޓުގެ 45 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ގެއްލުމުގެ ބަދަލު ނުދެއްކުން؛ ނުވަތަ
އެގްރީމެންޓުގެ 7 ވަނަ މާއްދާގެ ދަށުން އެއިމް ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ އެޑްވާންސް ލީސް ރެންޓް މުއްދަތުގައި ނުދެއްކުން ނުވަތަ އެއިމް ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ އެޑްވާންސް ލީސް ރެންޓް ދައްކަންޖެހޭ މުއްދަތު ފާއިތުވުމުގެ ސަބަބުން އެގްރީމެންޓުގެ 8 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ގެއްލުމުގެ ބަދަލު ނުދެއްކުން؛ ނުވަތަ
އެގްރީމެންޓުގެ 11، 12، 13 އަދި/ނުވަތަ 15 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން އެއިމް ކުންފުނީގެ ފަރާތުން ފުރިހަމަކޮށްފައިނުވުން؛ ނުވަތަ
އެއްބަސްވުމުގެ 30 ވަނަ މާއްދާ އަދި 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގައި ނުވަތަ 36 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދެވޭ މުއްދަތުގައި ރިސޯޓާއި ޓްރާންސިޓް ހޮޓާތައް ހަދައި ތަރައްޤީކޮށްފައިނުވުން؛ ނުވަތަ
އެއްބަސްވުމުގެ 31 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގައި ނުވަތަ 36 ވަނަ މާއްދާ އަދި 37 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދެވޭ މުއްދަތުގައި އެއަރޕޯޓް ހަދައި ތަރައްޤީކޮށްފައިނުވުން؛ ނުވަތަ
އެގްރީމެންޓުގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސްއަށް އެއިމް ކުންފުނިން ޢަމަލުކޮށްފައިނުވުން؛ ނުވަތަ
އެއިމް ކުންފުނި ބޭންކްރަޕްޓްވުން ނުވަތަ ކުންފުނީގެ ޙިއްޞާދާރުން ބަދަލުކުރުން ނޫންގޮތަކަށް އެއިމް ކުންފުނިން އަމިއްލައަށް ނުވަތަ މަޖުބޫރުން ކުންފުނި އުވާލުން،
މި ޙާލަތްތައްކަން އެނގެން އޮންނައިރު، ލީސް އެގްރީމެންޓުގެ އިސްވެ އިޝާރާތްކުރެވުނު 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއިމް ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ލީސް ރެންޓް ދެއްކުން ފިޔަވައި، އެގްރީމެންޓުގެ އެހެން އެއްވެސް މާއްދާއަކާ އެއިމް ކުންފުނިން ޚިލާފުވެއްޖެނަމަ ސަރުކާރަށް ލީސް އެގްރީމެންޓު ނިމުމަކަށް ގެނެވޭނީ އެގްރީމެންޓުގެ 81 ވަނަ މާއްދާއާއި، 82 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި؛ އެގޮތުން އެއިމް ކުންފުނީގެ ފަރާތުން އެގްރީމެންޓާ ޚިލާފުވުމުގެ ސަބަބުން ސަރުކާރަށް ލީސް އެގްރީމެންޓް ނިމުމަކަށް ގެނެވޭނީ ފުރަތަމަ US$25,000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) އަށްވުރެ ބޮޑު ނޫން ޢަދަދަކުން އެއިމް ޖޫރިމަނާކޮށް 30 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައި ކަމަށް ލީސް އެގްރީމެންޓުގެ އިޝާރާތްކުރެވުނު 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އަދި އެ މާއްދާގައި ބުނެފައިވާ ޖޫރިމަނާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެއިމް ކުންފުނި ނުކުޅެދިއްޖެނަމަ US$100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އަށްވުރެ ބޮޑު ނޫން ޢަދަދަކުން އެއިމް ކުންފުނި ޖޫރިމަނާކޮށް 15 ދުވަހުގެ ނޯޓިސް އެއް ދިނުމަށް ފަހު އެގްރީމެންޓް ނިމުމަކަށް ގެނައުމުގެ ބާރު ސަރުކާރަށް ލިބިގެންވާކަން ލީސް އެގްރީމެންޓުގެ އިޝާރާތްކުރެވުނު 82 ވަނަ މާއްދާއިން އެނގެން އޮންނައިރު، އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް އެވޯޑުކުރި އިސްވެ އިޝާރާތްކުރެވުނު ރަށްތަކުގެ ތެރެއިން ތ. އޮޅުގިރި އާއި، ދ. މާފުށްޓާއި، ގދ. ރާޅެއޮޑެގައްލާގެ ލީސް އެގްރީމެންޓުތައް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ބާޠިލުކޮށްފައިވަނީ ދިވެހި ސަރުކާރާއި، އެއިމް ކުންފުންޏާ ދެމެދު ބުނެވުނު ރަށްތައް ކުއްޔަށްދިނުމާ ގުޅޭގޮތުން ކުރެވިފައިވާ ލީސް އެގްރީމެންޓުތަކުގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖްރާއާތުތަކާ ޚިލާފަށްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮތުމުގެ އިތުރުން، ބުނެވުނު އެގްރީމެންޓުތައް ދިވެހި ސަރުކާރުގެ ފަރާތުން ނިމުމަކަށް ގެނެސްފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލުތަކާވެސް އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ވަޤާއިޢުތަކުން އެނގެން އޮންނަގޮތުގައި، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާއި އެއިމް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ތަޢާޤުދީ އިލްތިޒާމުތައް އެފަރާތުން ފުރިހަމަކޮށްފައިވާއިރު، އެއިމް ކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް އެފަރާތުން ފުރިހަމަކޮށްފައި ނުވާކަމާއި، މިގޮތުން ބަލާއިރު، ދ. މާފުށްޓާއި، ތ. އޮޅުގިރިއާއި، ގދ. ރާޅެއޮޑެގައްލާއާއި، މިއިން ކޮންމެ ރަށެއްގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއާއި އެއިމް ކުންފުންޏާ ދެމެދު 31 ޖުލައި 2007 ވަނަ ދުވަހު ސޮއިކުރެވުނު ބަޔާންވެދިޔަ ހެޑްލީސް އެގްރީމެންޓަށް ޙަވާލާދީ، އެ އެގްރީމެންޓުގެ 57 ވަނަ މާއްދާގެ ދަށުން ދ. މާފުށްޓާއި، ތ. އޮޅުގިރިއާއި، ގދ. ރާޅެއޮޑެގައްލާގައި ރިސޯޓު ތަރައްޤީކުރުމަށް އެއިމް ކުންފުންޏާ ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނިތައް 28 ޖަނަވަރީ 2009 ގައި އުފައްދައި ނިންމާފައިވާއިރު، އެ އެއްބަސްވުންތަކުގެ 7 ވަނަ މާއްދާގެ ދަށުން އިސްވެ އިޝާރާތްކުރެވުނު ރަށްތަކަށް ދައްކަންޖެހޭ އެޑްވާންސް ކުލީގެ ގޮތުގައި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއިމް ކުންފުންޏަށް ދައްކައި ޚަލާޞްކޮށްފައި ވީނަމަވެސް، އޭގެ މުޤާބިލުގައި، ބުނެވުނު ޖޮއިންޓް ވެންޗަރ ކުންފުނިތަކާއި އެއިމް ކުންފުންޏާ ދެމެދު ކުރަންޖެހޭ ސަބްލީސް އެގްރީމެންޓުތައް ކޮށް، އިޝާރާތްކުރެވުނު ރަށްތައް ޖޮއިންޓް ވެންޗަރ ކުންފުނިތަކާ އެއިމް ކުންފުނީގެ ފަރާތުން ޙަވާލުކޮށްފައި ނުވާކަމާއި، ބުނެވުނު ރަށްތައް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާ ޙަވާލުކުރެވިފައި ނުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ޢަމަލުކުރި ގޮތުންކަމާއި، އެގޮތުން އެއިމް ކުންފުންޏާއި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއާއެކު އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކަށް ދ. މާފުށްޓާއި، ތ. އޮޅުގިރި އާއި، ގދ. ރާޅެއޮޑެގައްލާ ސަބް ލީސްކުރުމުގެ އެގްރީމެންޓުތަކުގައި ސޮއިކުރުމުގެ ހުއްދަ ދިނުމަށް އެއިމް ކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގައި އެދުމުން އެ މިނިސްޓްރީގެ ފަރާތުން ބުނެވުނު ހުއްދަތައް ނުދީ ހިފެހެއްޓުމުގައި "ތަޢައްސުފު" (arbitrariness) ވެފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 32/SC-A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އަދި މީގެ އިތުރުން، އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރި ބަޔާންކުރެވުނު ރަށްތަކުގެ ލީސް އެގްރީމެންޓުތައް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ބާޠިލުކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވުނު ފަދައިން، ދިވެހި ސަރުކާރާއި، އެއިމް ކުންފުންޏާ ދެމެދު އެ ރަށްތައް ކުއްޔަށްދިނުމާ ގުޅޭގޮތުން ވެވުނު ލީސް އެގްރީމެންޓުތަކުގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކަމާއި، އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި އެއްގޮތަށް ނޫންކަން އެނގެން އޮންނައިރު، ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއްބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކުރި ފަރާތުން ދޭންޖެހޭ އުޞޫލަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުގެ ކޮންޓްރެކްޓާބެހޭ ޤާނޫނުތަކުގަޔާއި، ޤަޟާއީ ސަވާބިޤުތަކުގައި އިސްތިޤުރާރުވެފައިވާ ޢާންމު އުޞޫލެއްވެސް ކަމާއި، މި ޢާންމު އުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރި އިސްވެ އިޝާރާތްކުރެވުނު ރަށްތަކާގުޅިގެން، ދިވެހި ސަރުކާރާއި، އެއިމް ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ ތަޢާޤުދީ އިލްތިޒާމުތައް އެފަރާތްތަކުން އަދާކޮށްފައި ނުވާކަން އިސްވެ ބަޔާންވެދިޔަ ވަޤާއިޢުތަކުން ޘާބިތުވެ އެނގެން އޮންނާތީ، އެ ފަރާތްތަކުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުމުގެ ބަދަލު ދޭންޖެހޭނެކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ބަދަލުތަކަށް ބަލާއިރު، އެއީ؛ ފައިނޭންސް ކޮސްޓްގެ ގޮތުގައި US$7,390,665 (ހަތްމިލިއަން ތިންލައްކަ ނުވަދިހަހާސް ހަސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) އާއި ޤާނޫނީ ވަކީލުންގެ ފީއާއި ޑިޒައިނިން ފީގެ ގޮތުގައި US$59,899.00 (ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަނުވަ އެމެރިކާ ޑޮލަރު( އާއި، ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ ގޮތުގައި US$7,026.00 (ހަތްހާސް ސައްބީސް އެމެރިކާ ޑޮލަރު) އާއި، އޮޕޯރޗުނިޓީ ކޮސްޓުގެ ގޮތުގައި US$105,300,300.00 (ސަތޭކަ ފަސްމިލިއަން ތިންލައްކަ ތިންސަތޭކަ އެމެރިކާ ޑޮލަރު) އާއި މި ބަދަލުތައް ކަން އެނގެން އޮންނަކަމާއި، މީގެ ތެރެއިން، އޮޕޯރޗުނިޓީ ކޮސްޓު ފިޔަވައި އެހެނިހެން ބަދަލުތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ސީދާ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުތަކެއް ކަމާއި، އަދި އޮޕޯރޗުނިޓީ ކޮސްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން، ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ދަށުން ނަގައިދިނުމަށް އެދިފައިވާ ބަދަލެއްކަން މި މައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ލިއުންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންވެދިޔަ ބަދަލުތަކުގެ މިންވަރު ޘާބިތުކުރުމަށް ހުށަހަޅާފައިވާ ދަލީލުތަކުގެ ތެރޭގައި "އާރންސްޓް އެންޑް ޔަންގް" ކިޔާ ޗާޓަޑް އެކައުންޓު އޮޑިޓު ފާރމުން 21 އޮކްޓޫބަރު ގައި ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރުމުގައި ރިޢާޔަތްކޮށްފައިވާ ބައެއް މުސްތަނަދުތައް ޝާމިލުވެގެންވާކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ޤާނޫނީ ވަކީލުންގެ ފީ (Attorney’s Fee) އާމެދު، ޤާނޫނީގޮތުން ނަޒަރުކުރާއިރު، ކޯޓަކަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން އެ ދަޢުވާ ނާކާމިޔާބުވާ ފަރާތު (losing party) ގެ އަތުން، ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި އެ ދަޢުވާގައި ހިމެނޭ އަނެއް ޚަޞްމު ކޮށްފައިވާ ޚަރަދު ނަގައިދިނުމަށް ކޯޓުތަކުން ކަނޑައަޅަނީ ޢާންމު އުޞޫލެއްގެގޮތުން ދެ އަސާސެއްގެ މައްޗަށް ބިނާކޮށް ކަމާ؛ އެއީ، އެކަން ތަންޒީމުކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ ދަޢުވާގައި ހިމެނޭ ޚަޞްމުންގެ މެދުގައި އެކަމަށް އެއްބަސްވެ ކޮށްފައިވާ ޢަޤުދެއްގެ މައްޗަށް ބިނާކޮށް ކަމާ، މިގޮތުން ބަލާއިރު، ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާޢިދު ގެ 11 ވަނަ މާއްދާގައި އެ ޤަވާޢިދުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން ކުރާ ދަޢުވާ ސާބިތުވެއްޖެނަމަ،ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް އެފަރާތުން ކުރި ޚަރަދު، ޝަރީޢަތުން ކަނޑައަޅާ ގޮތެއްގެމަތިން ނަގައިދިނުމުގެ އިޚްތިޔާރު ޝަރީޢަތަށް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ނައްޞު ފިޔަވައި، ޤާނޫނީ ވަކީލުންގެ ފީ ދަޢުވާގެ އަނެއް ޚަޞްމުގެ އަތުން ނަގައިދެވޭނެ އުޞޫލުތަކެއް ތަންޡީމުކުރާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްވިއަސް ދިވެހިރާއްޖޭގައި ނެތްކަން އެނގެން އޮތުމުގެ އިތުރުން، އެއިމް ކުންފުންޏާއި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ދެފަރާތުގެ މެދުގައި އުފެދޭ ޚުޞޫމަތްތަކާ ގުޅިގެން ކޯޓުތަކުގައި ދަޢުވާކުރުމަށް ހިނގާ ޚަރަދު ދިނުމާގުޅޭގޮތުން ދެފަރާތުގެ މެދުގައި އެއްވެސް ސިފައެއްގައި އެއްބަސްވެފައިވާކަން އެނގެން ނެތަތީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫންކަން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއަށް ސީދާ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުތަކާއި، އޮޕޯރޗުނިޓީ ކޮސްޓުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ ނަގައި ދެވޭނެ ބަދަލެއް ނޫންކަމަށް ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަ އޮތުމަށް ބަލާއިރު، ބުނެވުނު ބަދަލުތަކުގެ ތެރެއިން ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލު ފިޔަވައި އެހެން ބަދަލުތައް ނަގައި ނުދެވޭނެކަމަށް ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެއްވެސް ޙާލެއްގައި އެ ބަދަލުތައް ނަގައިދޭންޖެހޭ ޤާނޫނީ އަސާސްތަކެއް ނެތިގެން ނޫންކަމާއި، ބުނެވިދިޔަ ބަދަލުތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ޙައްޤުވާ ބަދަލުތަކެއް ކަމާމެދު ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައި އެއްވެސް މިންވަރަކަށް ޚިލާފުވެފައި ނުވާކަމާ، ނަމަވެސް، އިޝާރާތްކުރެވުނު ބަދަލުތަކަކީ ނަގައި ދެވޭނެ ބަދަލުތަކެއް ނޫންކަމަށް ހައިކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަ އޮތުން ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ބަދަލުތައް ޘާބިތުކުރުމަށްޓަކައި އެފަރާތުން ހުށަހަޅާފައިވާ "އަރންސްޓް އެންޑް ޔަންގް" އިން 21 އޮކްޓޫބަރު 2010 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅާފައިވާ ގޮތުގެ ޞައްޙަކަން ކަށަވަރުވާން ނެތުންކަން ހައިކޯޓުގެ ބުނެވުނު ނަންބަރު 2014/HC-A/127 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން، ނުވަތަ އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މަދަނީ އިޖްރާއާތުގެ ޢާންމު އުޞޫލުގެ ދަށުން، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދަޢުވާކުރާ ފަރާތުންކަމާއި، ގެއްލުމުގެ ބަދަލުގެ މިންވަރު ޘާބިތުކުރުމަށް އެފަރާތުން ހުށަހަޅާ ފަންނީ އަދި އެކްސްޕާޓް ރިޕޯޓުތައް ފަދަ ކިތާބީ މުސްތަނަދުތަކުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރު ބަލައި ތަޤުޔީމުކޮށް އޭގެ ޞައްޙަކަން ކަށަވަރުކުރުމާއެކު، އެ ބަދަލުގެ މިންވަރު ކަނޑައެޅުމަކީ ކަމާބެހޭ ކޯޓަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނައިރު، ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް 2007 ވަނަ އަހަރު އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއަށް އެވޯޑްކުރި އިސްވެ އިޝާރާތްކުރެވުނު 03 ރަށްކަމުގައިވާ ގދ. ރާޅެއޮޑެގައްލާއާއި، ތ. އޮޅުގިރިއާއި، އަދި ދ. މާފުއްޓާ ގުޅިގެން ދިވެހި ސަރުކާރާއި، އެއިމް ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ ތަޢާޤުދީ އިލްތިޒާމުތައް އެފަރާތްތަކުން އަދާކޮށްފައި ނުވާކަން، އެކަން ޘާބިތުކުރުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހެކިތަކުން ޘާބިތުވާން އޮންނާތީ، ދިވެހި ސަރުކާރާއި އެއިމް ކުންފުނީގެ ފަރާތުން ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑްއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުމުގެ ބަދަލު ދޭންޖެހޭނެކަމީ ދެބަސްވެވޭނޭ ޙަޤީޤަތެއް ނޫންކަމަށް ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ފާހަގަކުރުމަށްފަހު، ބުނެވުނު ގެއްލުމުގެ ބަދަލުގެ މިންވަރު ޘާބިތުކުރުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އަރންސްޓް އެންޑް ޔަންގްއިން ތައްޔާރުކޮށްފައިވާ ބުނެވުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރުގެ ޞައްޙަކަން، ހަމައެކަނި އެ ރިޕޯޓުގައި ހިމެނިގެންވާ ބަޔާންތަކުން ޝަރީޢަތަށް ކަށަވަރުނުވާނަމަ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް އެ ރިޕޯޓުގައި ބަޔާންވެގެންވާ ގެއްލުމުގެ ބަދަލުގެ މިންވަރު ޘާބިތުކުރުމަށްޓަކައި ކާފީހެކި އިތުރަށް ހުށަހެޅުމުގެ ފުރުޞަތުދިނުމަކާ ނުލައި، ބުނެވުނު ގެއްލުމުގެ ބަދަލު ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޢަދުލު އިންޞާފުގެ މަބާދިއުތަކާ އެއްގޮތަށް ނޫންކަމާ، ނަތީޖާއެއްގެ ގޮތުން، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޙައްޤުވާކަމަށް ހައިކޯޓުގެ ބުނެވުނު ނަންބަރު2014/HC-A/127 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެފަރާތުން އަލުން ދަޢުވާކުރަންޖެހުމަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރުވާންޖެހޭ ޙައްޤުތައް ލިބިދިނުމުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންޞާފު ޤާއިމުވެގެންދިއުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅިގެން ދިއުންކަން އެނގެން އޮންނަ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިވެހި ސަރުކާރާއި، އެއިމް ކުންފުނިން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން "އޮޕޯރޗުނިޓީ ކޮސްޓް" ގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓާ ޚިލާފުނުވިނަމަ ޙާޞިލުވާނެކަމަށް ޤަބޫލުކުރެވޭ މަންފާގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ މިންވަރު ނުވަތަ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ފާއިތުވެފައިވާ މަންފާގެ މިންވަރު ޘާބިތުކުރުމަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު "އަރންސްޓް އެންޑް ޔަންގް" ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބަދަލުގެ މިންވަރު ހިސާބުކޮށްފައިވާ އަސާސްތަކާއި މިންގަޑުތަކާއި އޭގައި ބަޔާންކޮށްފައިވާ ޢަދަދަށް ވާޞިލުވެފައިވާ ގޮތުގެ ތަފްޞީލު ކަމާބެހޭ ކޯޓުން ތަޢާޤުދީ މަސްއޫލިއްޔަތުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ބަލައި ވަޒަންކުރުމަށްފަހު ކަނޑައަޅާ ބަދަލަކަށް ވާންޖެހޭނެކަމާއި، އެގޮތަށް ކަނޑައަޅާ ބަދަލުގެ މިންވަރަކީ، އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެ ކަމާއި، އެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި "ތަޢައްސުފު" ވެ، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާ ކަނޑައެޅިގެން ތަޢާރުޟުވާ ކަމެއްކަން އެނގެން އޮންނައިރު، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "އޮޕޯރޗުނިޓީ ކޮސްޓް" ގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ އިޝާރާތްކުރެވުނު ގެއްލުމުގެ ބަދަލު ބަޔާންވެދިޔަ އަސާސްތަކުގެ މަތިން ދަށު ކޯޓުންނާއި ހައިކޯޓުން ބަލައި ތަޤުދީރުކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްއިރު، އަދި ބުނެވުނު "އަރންސްޓް އެންޑް ޔަންގް" ގެ ރިޕޯޓުގައި "އޮޕޯރޗުނިޓީ ކޮސްޓް" ގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ މިންވަރު ޙިސާބުކުރުމުގައި ރިޢާޔަތްކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވާ މުސްތަނަދުތަކާއި ސްޓޭޓްމަންޓްތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައި ނުވާއިރު، ދިވެހި ސަރުކާރާއި، އެއިމް ކުންފުނިން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން "އޮޕޯރޗުނިޓީ ކޮސްޓް" ގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ އިޝާރާތްކުރެވުނު ބަދަލުގެ މިންވަރުގެ ޞައްޙަކަން ޘާބިތުކޮށް، އެ ބަދަލު ނަގައިދިނުމަށް އެދި އަލުން ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް ސީދާ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި އެދިފައިވަނީ އިޝާރާތްކުރެވުނު ފަދައިން، ތިން ބާވަތެއްގެ ބަދަލުތަކެއް ކަމާއި؛ އެއީ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލާއި، ޤާނޫނީ ވަކީލުންގެ ފީއާއި ޑިޒައިނިން ފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލާއި، ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުކަމާއި، މީގެ ތެރެއިން ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނަގައިދެވޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަން އެނގެން އޮންނައިރު، ބުނެވުނު ބަދަލުތަކުގެ ތެރެއިން ފައިނޭންސް ކޮސްޓުގެ ގޮތުގައި ނަގައި ދިނުމަށް އެދިފައިވާ ބަދަލާއި، ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ މިންވަރު ޘާބިތުކުރުމަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު "އަރންސްޓް އެންޑް ޔަންގް" ގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މިންވަރުގެ ޞައްޙަކަމާމެދު ޚުދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައިވާކަމަށާއި، އެގޮތުން އެ ރިޕޯޓުގައި ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަން ފާހަގަކޮށް އޭގެ 3 ވަނަ ނަންބަރުގައި، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ލީގަލް ޑިޒައިނިންގ އާއި ކޮންސަލްޓެންސީއާއި، ދަތުރުފަތުރާއި އެހެނިހެން ކަންތަކަށް ދިޔަ ޚަރަދުގެ ޞައްޙަކަން ކަށަވަރުވެފައި ނުވާކަމަށް ބަޔާންކޮށްފައި އޮތުމުން، އޭގެ ޒާތުގައި އެ ރިޕޯޓުގެ ޙުއްޖިއްޔަތު ނެތިގެން ގޮސްފައިވާތީ، ސީދާ ގޮތުން ލިބުނު ގެއްލުން އެ ރިޕޯޓުން އެކަނި ޘާބިތުނުވާކަމަށް ހައިކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2014/HC-A/127 ޤަޟިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ބުނެވުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ "ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ" ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ މިންވަރަށް ވާޞިލުވުމުގައި ރިޢާޔަތްކޮށްފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކިތާބީ މުސްތަނަދުތަކާއި އެހެނިހެން ސަޕޯޓިންގ ޑޮކިއުމެންޓްތައް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެނގެން އޮންނާތީ އެ ބަދަލުގެ މިންވަރުގެ ޞައްޙަކަން ކަށަވަރުވުމަކާ ނުލައި ކޯޓުން އެ ބަދަލު ނަގައިދޭންޖެހޭ ޤާނޫނީ އަސާސެއް ނެތްކަމުގައި ވީނަމަވެސް، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް ސީދާ ލިބުނު ގެއްލުމުގެ ބަދަލުގެ ތެރެއިން ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި އެދިފައިވާ ބަދަލުގެ މިންވަރުގެ ޞައްޙަކަމާމެދު ބަޔާންވެދިޔަ ރިޕޯޓުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމުގެ ތެރޭގައި އެއްވެސް މިންވަރަކަށް ސުވާލު އުފައްދާފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ދ) އެގާރަވަނަ ކަމަކީ، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ސީދާ ލިބުނު ގެއްލުމުގެ ބަދަލުގެ ތެރެއިން ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު1065/Cv-C/2012 ޤަޟިއްޔާގައި އެދިފައިވާ އިޝާރާތްކުރެވުނު ބަދަލުގެ މައްޗަށް ޤާނޫނީގޮތުން ނަޒަރުކުރާއިރު، މި މައްސަލައިގައި ޙަވަލާދެވޭ ފައިނޭންސް ކޮސްޓް އަކީ، އެޑްވާންސް ކުލީގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން އެއިމް ކުންފުންޏަށް ދެއްކި އަދި އެއިމް ކުންފުނި މެދުވެރިކޮށް ދިވެހި ސަރުކާރަށް ދެއްކި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ލިބިގަތުމަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އިން ނެގި ލޯނުގެ ފައިސާ ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ ކްރެޑިޓް ފެސިލިޓީ އެގްރީމެންޓާ އެއްގޮތްވާ ގޮތުގެމަތިން ދެއްކުމަށްދިޔަ ޚަރަދުކަމާއި، މިގޮތުން ބަލާއިރު، އެއިމް ކުންފުނީގެ ނަންބަރު AIM/RES/MIS/2007/87 (30 ސެޕްޓެންބަރު 2007) ސިޓީއިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ދިނުމަށް ނިންމާފައިވާ ގއ. ރާޅެއޮޑެގައްލާ، ތ. އޮޅުގިރި އަދި ދ. މާފުށީގެ ޙައްޤުތައް ލިބިގަތުމަށްޓަކައި އެޑްވާންސް ކުލީގެ ގޮތުގައި ދެއްކުމަށް ބޭނުންވާ US$16,900,000 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ލިބިގަތުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އާ ދެމެދު އެ ފައިސާ ފޯރުކޮށްދިނުމުގެ ގޮތުން 30 ސެޕްޓެންބަރު 2007 ގައި ކްރެޑިޓް ފެސިލިޓީ އެގްރީމެންޓެއްގައި ސޮއިކުރެވުނުކަމާއި، އެ އެގްރީމެންޓުގެ ދަށުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ގެ ލޯނެއް ދޫކޮށްފައިވާކަމާއި، ބުނެވުނު ކްރެޑިޓް ފެސިލިޓީގެ ދަށުން ދޫކޮށްފައިވާ US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ގެ ތެރެއިން، US$15,400,000.00 (ފަނަރަ މިލިއަން ހަތަރުލައްކަ އެމެރިކާ ޑޮލަރު) ދޫކޮށްފައިވަނީ 30 ސެޕްޓެންބަރު 2007 ގައި ކަމާއި، US$1,500,000.00 (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދޫކޮށްފައިވަނީ 28 އޮކްޓޫބަރު 2007 ދުވަހުކަމާއި، ބުނެވުނު އެގްރީމެންޓުގެ ދަށުން ދޫކޮށްފައިވާ US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ގެ ލޯނަށް އަހަރަކު %12 (ބާރަ އިންސައްތަ) ގެ ރޭޓުން އިންޓްރެސްޓް ނެގޭނެކަމާއި، ލޯނުގެ ފައިސާ އަނބުރާ އަދާކުރަންޖެހޭނީ ލޯނު ދޫކުރާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަށްފަހުކަމާއި، އަދި ލޯނުގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، ޕީނަލް އިންޓްރެސްޓްގެ ގޮތުގައި އަހަރަކަށް ލޯނަށް ދައްކަންޖެހޭ އިންޓްރެސްޓް ރޭޓްގެ އިތުރަށް %5 (ފަހެއް އިންސައްތަ) ޗާޖްކުރެވޭނެކަން މި ދެ ފަރާތުގެ މެދުގައި ވެފައިވާ ކްރެޑިޓް ފެސިލިޓީ އެގްރީމެންޓަށް ބެލުމުން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ފައިނޭންސް ކޮސްޓްގެ ގޮތުގައި ދިވެހި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުރަތަމަ އެދިފައިވަނީ US$7,390,665 (ހަތް މިލިއަން ތިންލައްކަ ނުވަދިހަހާސް ހަސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) ކަމުގައި ވީނަމަވެސް، ބުނެވުނު ފައިނޭންސް ކޮސްޓްއަކީ އިޝާރާތްކުރެވުނު ލޯނުގެ ފައިސާ އަދާނުކޮށް ދެމިގެންދާހާ ހިނދަކު އަބަދުވެސް އިތުރުވަމުން ދާނެ އެއްޗެއްކަމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށް، 30 ސެޕްޓެންބަރު 2007 އިން 31 އޮގަސްޓު 2012 އަށް ފައިނޭންސް ކޯސްޓްގެ ގޮތުގައި US$13,283,482 (ތޭރަ މިލިއަން ދެލައްކަ އައްޑިހަތިން ހާސް ހަތަރުސަތޭކަ އަށްޑިހަ ދޭއް އެމެރިކާ ޑޮލަރު) އަރާފައިވާކަން ޘާބިތުކޮށްދިނުމަށް 03 ސެޕްޓެންބަރު 2012 ގައި އިޝާރާތްކުރެވުނު "އަރންސްޓް އެންޑް ޔަންގް" އިން ރިވިއުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވީ ނަމަވެސް، ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ޘާބިތުކުރުމަށް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު "އަރންސްޓް އެންޑް ޔަންގް" ގެ03 ސެޕްޓެންބަރު 2012 ގެ ރިޕޯޓުގައި ފައިނޭންސް ކޮސްޓްގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދުގެ ޞައްޙަކަން ތަޤުޔީމުކޮށް ބެލުމަކާ ނުލައި، ކާފީހެކި ހުށަހަޅާފައިނުވާތީ ކަމަށް ބުނެ ސީދާގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިނޭންސް ކޮސްޓް ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ކްރެޑިޓް ފެސިލިޓީގެ ދަށުން ދޫކޮށްފައިވާ ލޯނަށް 30 ސެޕްޓެންބަރު 2007 އިން ފެށިގެން 30 ސެޕްޓެންބަރު 2008 ގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި US$2,019,748.00 (ދެ މިލިއަން ނަވާރަހާސް ހަތްސަތޭކަ ސާޅީސް އަށެއް އެމެރިކާ ޑޮލަރު) އަރާފައިވާކަމާއި، ލޯނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ޕީނަލް އިންޓްރެސްޓްގެ ގޮތުގައި 01 އޮކްޓޫބަރު 2008 އިން ފެށިގެން %5 (ފަހެއް އިންސައްތަ) ޗާޖްކުރެވިފައިވާކަމާއި، އެގޮތުން، 01 އޮކްޓޫބަރު 2008 އިން ފެށިގެން 31 އޮގަސްޓް 2012 ގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި ލޯނަށް އަހަރަކަށް ދައްކަންޖެހޭ %12 (ބާރަ އިންސައްތަ) އާއި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ޕީނަލް އިންޓްރެސްޓްގެ ގޮތުގައި ޗާޖްކުރެވޭ %5 (ފަހެއް އިންސައްތަ) އާއެކު އިންޓްރެސްޓްގެ ގޮތުގައި، ބުނެވިދިޔަ މުއްދަތުގައި US$11,263,734.00 (އެގާރަ މިލިއަން ދެލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ތިރީސް ހަތަރެއް އެމެރިކާ ޑޮލަރު) އަރާފައިވާކަމާއި، އެހެންކަމުން30 ސެޕްޓެންބަރު 2007 އިން ފެށިގެން 31 އޮގަސްޓް 2012 ގެ ނިޔަލަށް އެކުޖުމްލަUS$13,283,482.00 (ތޭރަ މިލިއަން ދެލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ އަށްޑިހަ ދެ އެމެރިކާ ޑޮލަރު) އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާކަން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އަރންސްޓް އެންޑް ޔަންގްގެ ރިޕޯޓާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޘާބިތުވެ އެނގެން އޮންނައިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ އިސްވެ ބަޔާންވެދިޔަ ބަދަލުތަކުގެ ތެރެއިން ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް 2007 ވަނަ އަހަރު އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެއިމް) އިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް އެވޯޑްކުރި 03 ރަށްކަމުގައިވާ ދ. މާފުށްޓާއި، ތ. އޮޅުގިރިއާއި، ގދ. ރާޅެއޮޑެގައްލާއަށް އެޑްވާންސް ކުލީގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ US$ 16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) އަކީ ދައުލަތާއި އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ކަނޑައަޅައިފައި އޮތްއޮތުމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން، އިޝާރާތްކުރެވުނު ރަށްތަކުގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި، އެ ރަށްތަކަށް ދައްކަންޖެހޭ ބުނެވުނު އެޑްވާންސް ކުލީގެ ގޮތުގައި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއިމް ކުންފުންޏަށް ދެއްކުމާ ގުޅިގެން، އެ ތިން ރަށް އެއިމް ކުންފުނީގެ ފަރާތުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް 30 ސެޕްޓެންބަރު 2007 ގައި އެވޯޑްކުރުމަށްފަހު، އެއިމް ކުންފުންޏާއި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ބުނެވުނު ރަށްތަކާ ގުޅިގެން ސޮއިކުރެވުނު ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގެ 6 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން 30 (ތިރީސް) ދުވަހުގެ ތެރޭގައި އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނިތައް 28 ޖަނަވަރީ 2009 ގައި އުފައްދައި ނިމިފައިވީ ނަމަވެސް، އެ އެގްރީމެންޓުތަކުގެ 7 ވަނަ މާއްދާގެ ދަށުން ބުނެވުނު ކުންފުނިތަކާއި އެއިމް ކުންފުންޏާ ދެމެދު ކުރަންޖެހޭ ސަބް ލީސް އެގްރީމެންޓުތައް ފުރިހަމަނުކޮށް، އަދި އިޝާރާތްކުރެވުނު ރަށްތައް ޖޮއިންޓް ވެންޗަރ ކުންފުނިތަކާ ޙަވާލުކޮށްފައި ނުވާތީ، އޭގެ ސަބަބުން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއިމް ކުންފުންޏާއި ދައުލަތުން ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި އެދިފައިވާ ބަދަލުތަކުގެ ތެރެއިން ޤާނޫނީ ވަކީލުންގެ ފީއާއި ޑިޒައިނިން ފީގެ ގޮތުގައި ނަގައި ދިނުމަށް އެދިފައިވާ ބަދަލާއި، ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލާއި، އޮޕޯރޗުނިޓީ ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބަލާނެ އަސާސެއް ނެތްކަމާއި، އެހެންނަމަވެސް، ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއިމް ކުންފުންޏާއި ދައުލަތުން ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި އެދިފައިވާ ބަދަލުތަކުގެ ތެރެއިން ފައިނޭންސް ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ އެ ބަދަލުގެ މިންވަރު ޝަރީޢަތަށް ހުށަހެޅިފައިވާ ލިއުންތަކުން ސާފުކޮށް އެނގެން އޮންނަ ބަދަލަކަށްވާތީ، 30 ސެޕްޓެންބަރު 2007 އިން 31 އޮގަސްޓު 2012 އަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި US$13,283,482 (ތޭރަ މިލިއަން ދެލައްކަ އަށްޑިހަތިން ހާސް ހަތަރުސަތޭކަ އަށްޑިހަ ދޭއް އެމެރިކާ ޑޮލަރު) އަރާފައިވާކަން ޘާބިތުކޮށްދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ހުށަހަޅާފައިވާ، 03 ސެޕްޓެންބަރު 2012 ގައި "އާރންސްޓް އެންޑް ޔަންގް" އިން ރިވިއުކޮށް ތައްޔާރުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ރިޕޯޓާއި ޝަރީޢަތަށް ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކަށް ރިޢާޔަތްކޮށް އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑަށް US$13,283,482 (ތޭރަ މިލިއަން ދެލައްކަ އަށްޑިހަތިން ހާސް ހަތަރުސަތޭކަ އަށްޑިހަ ދޭއް އެމެރިކާ ޑޮލަރު) އެއިމް ކުންފުނިންނާއި ދައުލަތުން ދައްކަން ޖެހޭކަން އެނގެން އޮންނަ ކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއަރޕޯޓް އިންވެސްޓްމެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސް ކުލީގެ ގޮތުގައި US$16,900,000.00 (ސޯޅަ މިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު) ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުވާތީ އެ ފައިސާއަކީ ދައުލަތާއި އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައެޅުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ އެންމެހައި ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/127 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބަޔަކީ ބާޠިލު ބައެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1065/Cv-C/2012 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތާއި އެއިމް ކުންފުނިން ނަގައިދިނުމަށް ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ބަދަލުތަކުގެ ތެރެއިން ޤާނޫނީ ވަކީލުންގެ ފީއާއި ޑިޒައިނިން ފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ US$59,899.00 (ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަނުވަ އެމެރިކާ ޑޮލަރު) ނަގައިދޭންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތަތީ އެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫންކަމަށް ކަނޑައަޅައި، ދަތުރުފަތުރާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ US$7,026.00 (ހަތްހާސް ސައްބީސް އެމެރިކާ ޑޮލަރު) އާއި، އޮޕޯރޗުނިޓީ ކޮސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ US$105,300,300.00 (ސަތޭކަ ފަސްމިލިއަން ތިންލައްކަ ތިންސަތޭކަ އެމެރިކާ ޑޮލަރު) އާއި މި ބަދަލުތަކުގެ ޞައްޙަކަން ޘާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައި ނެތަތީ މި ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއް ނޫންކަމަށް ކަނޑައެޅުމާއެކު، ފައިނޭންސް ކޮސްޓްގެ ގޮތުގައި 30 ސެޕްޓެންބަރު 2007 އިން 31 އޮގަސްޓު 2012 އަށް US$13,283,482 (ތޭރަ މިލިއަން ދެލައްކަ އަށްޑިހަތިން ހާސް ހަތަރުސަތޭކަ އަށްޑިހަ ދޭއް އެމެރިކާ ޑޮލަރު) އަރާފައިވާކަން ޝަރީޢަތަށް ޘާބިތުވެފައިވާތީ އެ ފައިސާއަކީ ދައުލަތާއި އެއިމް ކުންފުނިން ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި އެ ފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސް ދުވަސް ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދައުލަތާއި އެއިމް ކުންފުންޏަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.