ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/01ސުޕްރީމް ކޯޓު · 2 އޭޕްރީލް 2019

—

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޭޕްރީލް 2019ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2017/SC-A/01

ދަޢުވާކުރާ ފަރާތް: އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: އިންޝުއަރެންސްއާބެހޭ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 08 ޑިސެންބަރު 2016

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 މާރިޗު 2017

ނިމުނު ތާރީޚް: 02 އެޕްރީލް 2019

މައްސަލަ ނިންމި ގަޑި: 14:16

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2016/HC-A/229

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 17 މޭ 2016

ނިމުނު ތާރީޚް: 07 ނޮވެންބަރު 2016

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާ، ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

އަދި މި ޤަޟިއްޔާގައި ޙަވާލާދިނުމުގެ ފަސޭހައަށްޓަކައި މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތްކަމުގައިވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް "އެލައިޑް" މިގޮތަށް މި ރިޕޯޓުގައި ބައެއް ފަހަރު އިޝާރާތްކުރެވިފައިވާނެއެވެ. އަދި ހަމަ އެހެންމެ މި މައްސަލައިގައި ދަޢުވާ ލިބުނު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް "ޔޮޓް ޓުއަރސް" މިގޮތަށް މި ރިޕޯޓުގައި ބައެއް ފަހަރު އިޝާރާތްކުރެވިފައިވާނެއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ދަޢުވާކުރުމުން ސިވިލް ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ރިސޯޓެއްކަމުގައިވާ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝްއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ ދަށުން އިންޝުއަރކޮށް، 30 އޮގަސްޓު 2014 އިން 15 ސެޕްޓެންބަރު 2014 އާ ދެމެދު މޫސުމް ވަރަށް ބޮޑަށް ގޯސްވެ، ހަލަބޮލިވެ ކުރިމަތިވި ޤުދުރަތީ ޙާދިޘާއެއްގައި ހއ. އަލިދޫ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ކްލެއިމް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓް ކޮށްފައިވާތީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބެންޖެހޭ ޙައްޤު ނުދިނުމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްވާތީ، އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ ދަށުން އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ކްލެއިމް ޝަރީޢަތް މެދުވެރިވެ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދިނުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އަންގައި ދިނުމަށް އެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކޮށްފައިވާ ދަޢުވާއެއްކަމާއި، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ ނިންމާފައިވަނީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ރިސޯޓެއްކަމުގައިވާހއ. އަލިދޫ ރިސޯޓް ގައި 30 އޮގަސްޓު 2014 އިން 15 ސެޕްޓެންބަރު 2014 އާ ދެމެދު ހިނގިކަމަށް ބުނެފައިވާ ޙާދިޘާއާ ގުޅިގެން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ގެއްލުމަށް ޒިންމާކުރުވުމުގެ މުއްދަތު ފާއިތުވެފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެ އިންޝުއަރެންސް އެއްބަސްވުމުގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ މައްސަލަ ސިވިލް ކޯޓުގައި އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްގެންކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢާ މެދު ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް އެ މައްސަލަ އެ ކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިލްތިމާސްކުރި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 03 (ތިން) ސަބަބެއް ހުށަހަޅައި އެ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، އިންޝުއަރެންސް ކްލެއިމް ބިނާވާ ޙާދިޘާ ހިނގާތާ 12 މަސް ދުވަސް ފަހުން ކޯޓަށް ހުށަހަޅާ ކްލެއިމަކަށް އިސްތިއުނާފުކުރާ ފަރާތުން ޒިންމާވާން ނުޖެހޭކަމަށް ބަޔާންކުރުމަށްފަހުވެސް، އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ސަރވެޔަރ ރިޕޯޓް ޙަވާލުނުކުރުމަކީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ރޫޙާ ޚިލާފުކަމެއް ކަމަށް ހައިކޯޓުގެ ނަންބަރު2016/HC-A/229 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ އެލައިޑް އިންޝުއަރެންސް އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ރައްދުވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެ ކުންފުނިން ހިންގާ ހއ. އަލިދޫ ރިސޯޓާގުޅޭ ގޮތުން ތައްޔާރުކުރި ސަރވެޔަރ ރިޕޯޓްގެ ކޮޕީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުކަމެއްކަމުގައި ނުވާއިރު، އެ ރިޕޯޓު ދިނުމަކީ ލާޒިމުކަމެއްކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، އެއްބަސްވުމުގެ 19 ވަނަ މާއްދާގައި މައްސަލަ ހުށަހެޅޭނެކަމަށް ބުނެފައިވާ މުއްދަތު ޤައިދުކޮށްފައި އޮތްއޮތުމުގެ މަޤުޞަދާ ޚިލާފަށް ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިންޝުއަރެންސް ޕޮލިސީއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި، އަދި އިންޝުއަރެންސް ޞިނާޢަތުގައި ޤަބޫލުކުރާ ޢުރުފީ މިންގަނޑުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި އަދި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީސްތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާއިން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ކޮންޓްރެކްޓާބެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބަލައި ނަޒަރުކުރާއިރު ކޮންޓްރެކްޓް ޞައްޙަވުން އެ ދެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ދެ އަސާސެއްވާ ކަމާއި، އޭގެ ތެރެއިން ފުރަތަމަ އަސާސަކީ، ކޮންޓްރެކްޓް ގެ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޭގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލު އޮތުންކަމާއި، ދެވަނަ އަސާސަކީ، ފުރަތަމަ އަސާސްގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓް ގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދި ޝަރީޢަތާއި ޤާނޫނު އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތުންކަން އެނގެން އޮތުމުގެ އިތުރުން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުންވެސް ކޮންޓްރެކްޓް ޞައްޙަވުން އެ ދެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ އިސްވެ ބަޔާންކުރެވި ދިޔަ ދެ އަސާސަކީ، ކޮންޓްރެކްޓް ޞައްޙަވުން އެމައްޗަށް ބިނާވެގެންވާ މައިގަނޑު ދެ އަސާސްކަން އެނގެން އޮންނައިރު، ބަޔާންވެދިޔަ ދެ އަސާސްގެ މައްޗަށް ބިނާވެގެން ކުރެވޭ ކޮންޓްރެކްޓެއްގައި އެ ކޮންޓްރެކްޓެއްގެ ބައިވެރިން ކޮންޓްރެކްޓްގައިވާ ގޮތާ ޚިލާފުގޮތަކަށް ޢަމަލުކުރުމަށް ފަހުން އެއްބަސް ނުވާހާ ހިނދަކު ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޢަމަލުކުރުމަކީ، ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ކޮންޓްރެކްޓް ލާޒިމްކުރާ ކަމެއްކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ބަޔާންވެގެންވާ އަޙްކާމްތަކަށާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ "مَبْدَأُ اْلوَفَاءِ بِالعَهْدِ" (ޢަހްދަށް ވަފާތެރިވުމުގެ މަބުދައު) ގެ ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢާ މެދު ފައިޞަލާކުރަނިވި ޙުކުމެއްކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކުރުމުގައި މައިގަނޑު އަސާސެއްކަމުގައި ހައިކޯޓުން ބަލާފައިވަނީ ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ އެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގިކަމަށް ބުނާ ތާރީޚްތަކުގެ ފަހުން، ޔޮޓް ޓްއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކުރެވިފައިވާ މުޢާމަލާތުތަކަށް ބެލުމަކާނުލައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަމަށް ހައިކޯޓުން ދެކޭތީ އެ އަސާސްގެ މައްޗަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ވާޞިލްވެފައިވާ ސަބަބުތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގައި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ އިސްވެ ބަޔާންކުރެވި ދިޔަ ދަޢުވާއަށް ޖަވާބުދާރީވެ، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޔޮޓް ޓުއަރސް އިން ހުށަހެޅި މި ދަޢުވާއަކީ ދެ ފަރާތުން ސޮއިކުރި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ވަގުތު ފާއިތުވެފައިވާ ދަޢުވާއެއް ކަމަށާއި އެހެންކަމުން މި ދަޢުވާއަކީ، ކޯޓުން ބަލައިގަނެ، ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް އެލައިޑް އިން ނުދެކޭކަމަށާއި ދަޢުވާކުރާ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުން އެނގެން އޮންނަ ގޮތުގައި ޔޮޓް ޓުއަރސްގެ "ކްލެއިމް" ބިނާވެގެންވަނީ30 އޮގަސްޓު 2014 އާއި 15 ސެޕްޓެންބަރު 2014 އާ ދެމެދު ހިނގި ޙާދިޘާއެއްގެ ސަބަބުން ލިބުނު ގެއްލުމެއްގެ މައްޗަށް ކަމަށްވެފައި، އެ ކްލެއިމް އާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު1794/Cv-C/2015 ޤަޟިއްޔާއިން ހިނގަމުންދާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް އެއްވެސް ކޯޓަކަށް ނުވަތަ އަރބިޓްރޭޝަން އަކަށް ހުށަހެޅިފައި ނުވާކަމަށާއި ދެފަރާތުން ސޮއިކޮށްފައިވާ ޙަވާލާދެވުނު ޕޮލިސީގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދަޢުވާކުރާ ފަރާތުން އެ މައްސަލަ، ލަސްވެގެން14 ސެޕްޓެންބަރު 2015 ގައި ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެފަރާތުން އެ ދަޢުވާ ހުށަހަޅާފައިވަނީ އެ ތާރީޚްގެ ފަހުން ކަމަށާއި، އެއީ ކްލެއިމް ބިނާވެގެންވާ ޙާދިޘާ ހިނގާ ދިޔަތާ 12 (ބާރަ) މަސް ދުވަސް ފާއިތުވި ފަހުން ކަމަށާއި އެއީ ޕޮލިސީގެ 19 ވަނަ މާއްދާގައި ދަޢުވާކުރާ ފަރާތުގެ ގެއްލުމަކަށް ޒިންމާވާންޖެހޭނޭ އެންމެ ދިގު މުއްދަތުކަމަށް ބަޔާންކުރާ މުއްދަތުކަމަށްވާ 12 މަސް ދުވަސް ފަހަނައަޅާ ދިއުމަށް ފަހު ކަމަށާއި އަދި ޕޮލިސީގެ 11 ވަނަ މާއްދާ ބުނާގޮތުން ގެއްލުމެއް ލިބުމާއެކު ވަގުތުން ދަޢުވާލިބޭ ފަރާތަށް އަންގަންޖެހޭ ކަމަށް ބުނެފައިވާއިރު، ދަޢުވާކުރާ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިނުވާ ކަމަށާއި، އަދި ގެއްލުން ލިބުނުތާ 15 ދުވަހުގެ ތެރޭގައި ތަފްޞީލް ކްލެއިމް އެއް ހުށަހަޅަންޖެހޭއިރު، އެ މުއްދަތުގެ ތެރޭގައި އެފަދަ ކްލެއިމް އެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާ ކަމަށާއި، ޕޮލިސީގެ 11 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާނަމަ ޕޮލިސީގެ ދަށުން ކުރާ ކްލެއިމް އަކަށް އެއްވެސް އެއްޗެއް ދޭން ނުޖެހޭކަމަށް އެ މާއްދާގެ އެންމެ ފަހު ޖުމްލަ ބުނާ ކަމަށާއި ދެފަރާތުން ސޮއިކޮށްފައިވާ ޕޮލިސީއަކީ ދެފަރާތް ބަނދެވޭގޮތަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކުރާފަދަ ޞައްޙަ އެއްބަސްވުމެއް ކަމަށްވެފައި، އެ އެއްބަސްވުމުގެ 11 ވަނަ މާއްދާ އާއި 19 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ މި މައްސަލައަކީ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދެވިދާނޭ މައްސަލައެއްކަމަށް ނުދެކޭ ކަމަށް ބުނެ ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން ހުށަހެޅިފައިވާ ދަޢުވާއަށް އެލައިޑް އިންޝުއަރެންސް އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރުކޮށްފައިވާކަން އެ ފަރާތުން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1794/Cv-C/2015 ޤަޟިއްޔާގައި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ބަލާއިރު އެއްވެސް ގެއްލުމެއް ލިބުމާއެކު، އެކަން އިންޝުއަރެންސްކުރާ ކުންފުންޏަށް ވަގުތުން އަންގަންވާނެ ކަމަށާއި އަދި އެ ގެއްލުމެއް ލިބޭތާ 15 ދުވަހުގެ ތެރޭގައި ނުވަތަ ކުންފުނިން ހުއްދަކުރާ އެހެން ވަގުތެއްގެ ތެރޭގައި އެ ގެއްލުމެއްގެ ކްލެއިމް ތަފްޞީލާއެކު ލިޔުމުން ކުންފުންޏަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވުމުން ގެއްލުމުގެ ކްލެއިމް، އުޞޫލެއްގެ ގޮތުން ހުށަހަޅަންޖެހޭނީ ގެއްލުން ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ކަމަށްވިޔަސް އޭގެ ފަހުންވެސް ކުންފުނިން ހުއްދަކުރާ މުއްދަތެއްގެ ތެރޭގައި ގެއްލުމާބެހޭ ކްލެއިމް ހުށަހެޅުމަކަށް އެ މާއްދާ ހުރަސްއަޅާފައި ނުވާކަން އެ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ޔޮޓް ޓުއަރސްގެ ފަރާތުން އިންޝުއަރެންސް ކޮށްފައިވަނިކޮށް 30 އޮގަސްޓް 2014 އިން 15 ސެޕްޓެންބަރު 2014 އާ ދެމެދު މޫސުމް ވަރަށް ބޮޑަށް ގޯސްވެ ހަލަބޮލިވުމުގެ ސަބަބުން ހއ. އަލިދޫ ރިސޯޓް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އެ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ކްލެއިމް ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހަޅާފައިވަނީ، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ 30 އޮގަސްޓު 2014 ގެ ތާރީޚްއާއި 15 ސެޕްޓެންބަރު 2014 ގެ ތާރީޚްއާއި މި ދެ ތާރީޚްގެ ތެރެއިން މި ފަހުގެ ތާރީޚްކަމުގައިވާ15 ސެޕްޓެންބަރު 2014 ވަނަ ދުވަހުން ފެށިގެން ފަނަރަ ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުން، އެ ތާރީޚުން ފެށިގެން 36 ވަނައަށްވީ ދުވަސްކަމުގައިވާ 20 އޮކްޓޫބަރު 2014 ވަނަ ދުވަހުކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ "ޕްރޮޕަޓީ ކްލެއިމް ފޯމް" އިންނާއި ދެފަރާތުގެ ބަހުން އެނގެން އޮތް ނަމަވެސް، ބުނެވުނު ފޯމުގެ ދަށުން ޔޮޓް ޓުއަރސް އިން އެލައިޑް އަށް ހުށަހެޅި "ކްލެއިމް" ޤަބޫލުނުކޮށް އެ ކްލެއިމް ރިޖެކްޓްކޮށްފައިވާކަން އެލައިޑް ގެ ފަރާތުން ޔޮޓް ޓުއަރސް އަށް 22 ޑިސެންބަރ 2014 ގައި ފޮނުވާފައިވާކަން އެނގެން އޮންނަ އެލައިޑް ގެ ނަންބަރު A1/TECH/2014/3447 ސިޓީއިން އެނގެންއޮތް ނަމަވެސް އެ ސިޓީއަށް ބެލުމުން އެލައިޑް އަށް، ޔޮޓް ޓުއަރސް ގެ ފަރާތުން ހުށަހެޅި މި ކްލެއިމް އެލައިޑް ގެ ފަރާތުން ޤަބޫލުނުކޮށް ރިޖެކްޓްކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ޔޮޓް ޓުއަރސް ގެ ފަރާތުން މި ކްލެއިމް ހުށަހަޅާފައި ނުވާތީ ނޫންކަމާއި އަދި ކިއެއްތަ! ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް މި ހުށަހެޅި ކްލެއިމް، އެލައިޑް ގެ ފަރާތުން ރިޖެކްޓްކޮށްފައިވަނީ އެލައިޑް ގެ ފަރާތުން އަލިދޫ ރިސޯޓަށް ފޮނުވި ސަރވެޔަރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހެޅި ބުނެވުނު ކްލެއިމް ރިޖެކްޓް ކުރުމުގެ ގޮތުން ޔޮޓް ޓުއަރސް އަށް އެލައިޑް ގެ ފަރާތުން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ސިޓީގައި އެއްވެސް މިންވަރަކަށް އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ޙަވާލާދީ އެއްވެސް އެއްޗެއް އެލައިޑް ގެ ފަރާތުން ފާހަގަކޮށްފައި ނުވާކަންވެސް ސާފުކޮށް އެނގެން އޮތުމުން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ކްލެއިމް ހުށަހެޅުމަށް ދެވިފައިވާ 15 ދުވަހުގެ މުއްދަތަށް އެލައިޑް ގެ ފަރާތުން ޔޮޓް ޓުއަރސް އަށް ލުޔެއްދީފައިވާކަން ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑަށް ހުށަހެޅި މި ކްލެއިމް އާމެދު އެލައިޑް ގެ ފަރާތުން ޢަމަލުކޮށްފައިވާގޮތް އެނގޭ އިސްވެ އިޝާރާތްކުރެވުނު އެލައިޑް ގެ 22 ޑިސެންބަރު 2014 ގެ ސިޓީއަށް ބެލުމުން އެނގެން އޮތުމުން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބުނާ 15 ދުވަހުގެ ތެރޭގައި އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ ކްލެއިމް ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހަޅާފައި ނުވުމަކީ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން ޔޮޓް ޓުއަރސް ގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ އެ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމަށް ޤާނޫނީގޮތުން ހުރަސްއެޅޭ ސަބަބެއް ނޫންކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ޔޮޓް ޓުއަރސް އާއި އެލައިޑް އާ ދެމެދު ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާއަށް ބަލާއިރު، ގެއްލުމެއް ހިނގާތާ 12 (ބާރަ) މަސް ދުވަސް ފާއިތުވާ ފަހުން ހުށަހެޅޭ އެ ގެއްލުމުގެ "ކްލެއިމް" އަކަށް ކުންފުނިން އެއްވެސް ޙާލެއްގައި މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެކަމަށާއި ނަމަވެސް އެއީ އެ ގެއްލުމުގެ ކްލެއިމް، ޕެންޑިންގ އެކްޝަން އަކަށް ނުވަތަ އަރބިޓްރޭޝަން އަކަށް ހުށަހެޅިފައި ނުވާނަމަ ކަމަށް އެ މާއްދާގައި ބަޔާންކުރެވިފައިވާކަން އެ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، ޔޮޓް ޓުއަރސްގެ ދަޢުވާގައި ބުނާ ހއ. އަލިދޫ ރިސޯޓަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ކްލެއިމް، 20 އޮކްޓޫބަރު 2014 ވަނަ ދުވަހު، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓް ކުރިކަން އެލައިޑް ގެ އިސްވެ އިޝާރާތްކުރެވުނު ސިޓީއިން22 ޑިސެންބަރު 2014 ގައި އެލައިޑް ގެ ފަރާތުން ޔޮޓް ޓުއަރސް އަށް އެންގުމުން، އެ އެންގުމަކީ ޔޮޓް ޓުއަރސް އިން ޤަބޫލުކުރާ އެންގުމެއް ނޫންކަމަށާއި އެހެންކަމުން ޔޮޓް ޓުއަރސް އިން އެދެނީ ޝަރުޢީ މަރުޙަލާއަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ދެފަރާތުން ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލެއް ހޯދޭތޯ ބެލުން ކަމުގައިވާތީ 7 (ހަތް) ދުވަހުގެ މުއްދަތުގައި ޙައްލެއް ހޯދުމަށް މަސައްކަތްކޮށްދިނުމަށް ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް ގައި އެދިފައިވާކަން، ޝަރީޢަތަށް ހުށަހެޅިފައިވާ ޔޮޓް ޓުއަރސް ގެ ނަންބަރު YTM/LGL/2015/01 (08 ޖަނަވަރީ 2015) ސިޓީ އިން އެނގެން އޮންނައިރު، އަދި މި ސިޓީއަކީ ޔޮޓް ޓުއަރސް ގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގިކަމަށް ބުނާ ތާރީޚްތަކުގެ ތެރެއިން އެންމެ ފަހު ތާރީޚްކަމުގައިވާ 14 ސެޕްޓެންބަރު 2014 ގެ ތާރީޚްގެ ފަހުން 12 މަސްވުމުގެ ކުރިން ޔޮޓް ޓުއަރސް އިން އެލައިޑް އަށް ފޮނުވާފައިވާ ސިޓީއެއްކަން މި ސިޓީ އިން އެނގެން އޮންނައިރު، ޔޮޓް ޓުއަރސް ގެ މި ސިޓީގެ ޖަވާބުގައި އެލައިޑް އިން، ޔޮޓް ޓުއަރސް އަށް ފޮނުވި އެލައިޑް ގެ ނަންބަރު AI/LC/2015/1245 (25 ޖަނަވަރީ 2015) ސިޓީއަށް ބަލާއިރު، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހަޅާފައިވާ ކްލެއިމް އެލައިޑް އިން ރިޖެކްޓް ކޮށްފައިވަނީ މި ކްލެއިމް އާ ގުޅޭގޮތުން ތަޙްޤީޤާއި ތަޙްލީލު ހިންގުމަށްޓަކައި އެލައިޑް ގެ ފަރާތުން އަލިދޫ ރިސޯޓަށް ފޮނުވި ސަރވެޔަރުން އެލައިޑް އަށް ހުށަހަޅާފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެލައިޑް ގެ ސަރވެޔަރުން އެލައިޑް އަށް ދީފައިވާ ލަފާގެ މަތިން ޔޮޓް ޓުއަރސް ގެ ފަރާތުން ހުށަހެޅި ކްލެއިމް އެލައިޑް ގެ ފަރާތުން ދެއްކެން ނެތްކަމަށާއި ނަމަވެސް ޔޮޓް ޓުއަރސް ގެ ސަރވެޔަރުންގެ މަޝްވަރާއަށް ޖާގަދީ އެލައިޑް ގެ މި ނިންމުން ބަދަލުކުރުމަށް އެކަށޭނަ ސަބަބެއް ދެއްކިއްޖެނަމަ އެލައިޑް ގެ ނިންމުން ބަދަލުކުރުމަށް އެލައިޑް އިން ތައްޔާރަށް ތިބިކަން ޔޮޓް ޓުއަރސް އަށް ޔަޤީންކަންދޭ ކަމަށާއި އެލައިޑް އިން އަދިވެސް މިތިބީ ޔޮޓް ޓުއަރސް އަށް ދެވިފައިވާ ފުރުޞަތު ޔޮޓް ޓުއަރސް އަށް ތަނަވަސްކޮށްދިނުމަށް ކަމަށާއި އަދި އެލައިޑް އަކީ އިންޝުއަރެންސްގެ ވިޔަފާރިކުރާ ކުންފުންޏަކަށް ވީހިނދު، އެއްވެސް ފަރާތަކުން ނަގާފައިވާ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ކުރާ ކްލެއިމްއަކާ ގުޅިގެން ދޭންޖެހޭ ފައިސާއެއް އަބަދުވެސް ދޭނެކަމަށް ބުނެ، ޔޮޓް ޓުއަރސް އަށް ޖަވާބުދީފައިވާކަން އެލައިޑް ގެ އިސްވެ އިޝާރާތްކުރެވުނު މިފަހުގެ ސިޓީއަށް ބެލުމުން އެނގެން އޮތުމުން، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބުނާ "އަރބިޓްރޭޝަން" ކޮންސެޕްޓްގެ ދަށުން ކޯޓު މަރުޙަލާއަށް ނުގޮސް ދެފަރާތުން ވާހަކަ ދައްކައިގެން، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހަޅާފައިވާ ބަޔާންވެދިޔަ "ކްލެއިމް" އާމެދު ޞުލްޙަވެރި ޙައްލެއް ހޯދައިދިނުމަށް އެދި ޔޮޓް ޓުއަރސް އިން އެ ކުންފުނީގެ އިސްވެ އިޝާރާތްކުރެވުނު 08 ޖަނަވަރީ 2015 ގެ ސިޓީ އިން ހުށަހެޅި ހުށަހެޅުން މުޠުލަޤު ގޮތެއްގައި އެލައިޑް އިން ރިޖެކްޓް ކޮށްފައި ނުވާކަމާއި އޭގެ ހެއްކަކީ ޔޮޓް ޓުއަރސް ގެ ސަރވޭޔަރުންގެ މަޝްވަރާއަށް ޖާގަދީ އެލައިޑް ގެ ނިންމުން ބަދަލުކުރުމަށް އެކަށޭނަ ސަބަބެއް ހުށަހަޅައިފިނަމަ، އެކަން ބަލައިގަނެ، އެލައިޑް ގެ ނިންމުން ބަދަލުކުރުމަށް އެލައިޑް އިން ތައްޔާރަށް ތިބިކަން ޔޮޓް ޓުއަރސް އަށް ޔަޤީންކޮށްދީފައިވާކަން އެލައިޑް ގެ މިބުނެވުނު ސިޓީގައި ބަޔާންކޮށްދީފައިވާކަން އެނގެން އޮންނަ އޮތުން ކަމާއި، އަދި ޔޮޓް ޓުއަރސް ގެ ފަރާތުން ހުށަހެޅި "ކްލެއިމް" ގެ މައްސަލަ އެ ކުންފުނިން ވަކިގޮތަކަށް ނިންމައި އެ ނިންމުން އެއްވެސް ޙާލެއްގައި ބަދަލުނުކުރާނެ ކަމަށް ބުނެ ޔޮޓް ޓުއަރސް ގެ ކްލެއިމް ގެ ފައިލް އެލައިޑް ގެ ފަރާތުން މުޅިން ލައްޕާލާފައިނުވާ ކަމާއި މި ކަންކަން އެލައިޑް ގެ ފަރާތުން 25 ޖަނަވަރީ 2015 ގެ ތާރީޚްގައި ޔޮޓް ޓުއަރސް އަށް ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އެލައިޑް ގެ ސިޓީ އިން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، އެލައިޑް ގެ ފަރާތުން ޔޮޓް ޓުއަރސް އަށް ފޮނުވި އިސްވެ އިޝާރާތްކުރެވުނު އެލައިޑް ގެ 25 ޖަނަވަރީ 2015 ގެ ސިޓީއާ ޙަވާލާދީ ޔޮޓް ޓުއަރސް އިން އެލައިޑް އަށް ފޮނުވި ޔޮޓު ޓުއަރސް ގެ ނަންބަރު YTM/LGL/2015/02 (29 ޖަނަވަރީ 2015) ސިޓީގައި ޔޮޓް ޓުއަރސް އިން ހުށަހެޅި ކްލެއިމް އެލައިޑް ގެ ފަރާތުން އެކުގައި ރިޖެކްޓް ކުރުމުގައި އެލައިޑް އިން އެމައްޗަށް ބެލި، އެފަރާތުގެ ސަރވެޔަރުންގެ ރިޕޯޓްތައް، ޔޮޓް ޓުއަރސް ގެ ފަރާތުން ކަނޑައަޅާ ޚަބީރުން މެދުވެރިކޮށް ދިރާސާކޮށް ގޮތެއް ނިންމުމަށް ޔޮޓް ޓުއަރސް އިން ބޭނުންވާތީ އެ ރިޕޯޓުތަކުގެ އަޞްލާއެއްގޮތް ކޮޕީ ޔޮޓް ޓުއަރސް އަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ލިބިދިނުމަށް ޔޮޓް ޓުއަރސް އިން އެލައިޑް ގައި އެދިފައިވާކަން ޔޮޓް ޓުއަރސް ގެ އިސްވެ އިޝާރާތްކުރެވުނު 29 ޖަނަވަރީ 2015 ގެ ސިޓީއަށް ބެލުމުން އެނގެން އޮންނައިރު، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ފޮނުވާފައިވާ މި ސިޓީވެސް ފޮނުވާފައިވަނީ މި މައްސަލައިގައި މި ވާހަކަދެކެވޭ ޙާދިޘާ ހިނގާދިޔަތާ 12 މަސް ދުވަސްވުމުގެ ކުރިންކަން ސާފުކޮށް އެނގެން އޮންނައިރު، މި ސިޓީއަށް އެލައިޑް ގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ޔޮޓް ޓުއަރސް ގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާއިރު، ޔޮޓް ޓުއަރސް ގެ މި ސިޓީއަށް އެލައިޑް ގެ ފަރާތުން ޖަވާބުދީފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް އެލައިޑް ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހެޅި އިސްވެ ބަޔާންކުރެވިދިޔަ ކްލެއިމް އެލައިޑް އިން ރިޖެކްޓް ކުރުމުގައި އެމައްޗަށް ބެލިކަމަށް ބުނާ އެލައިޑް ގެ ސަރވޭޔަރުން ތައްޔާރުކޮށް އެލައިޑް އަށް ހުށަހެޅި ރިޕޯޓް، އެލައިޑް އިންޝުއަރެންސް ގެ ފަރާތުން ޔޮޓް ޓުއަރސް އަށް ފޯރުކޮށްދީފައި ނުވާކަން ދެފަރާތުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޔޮޓް ޓުއަރސް ގެ 29 ޖަނަވަރީ 2015 ގެ ސިޓީ އެ ކުންފުނީގެ ފަރާތުން އެލައިޑް އަށް ފޮނުވާފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބުނާ 12 މަސް ދުވަހުގެ މުއްދަތު ފާއިތުވުމުގެ މާކުރިންކަންވެސް އެންގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ބަލާއިރު، ޔޮޓް ޓުއަރސް ގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގުމާގުޅިގެން ހއ. އަލިދޫ ރިސޯޓަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ކްލެއިމް، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް 20 އޮކްޓޫބަރު 2014 ގައި ހުށަހެޅުމުން، އެލައިޑް ގެ ފަރާތުން 22 ޑިސެންބަރު 2014 ގައި ޔޮޓް ޓުއަރސްގެ މި ކްލެއިމް ރިޖެކްޓްކުރުމާ ގުޅިގެން، އެލައިޑް ގެ އެ ނިންމުމަކީ ޔޮޓް ޓުއަރސް އިން ޤަބޫލުކުރާ ނިންމުމެއް ނޫންކަމަށާއި އެހެންކަމުން ޔޮޓް ޓުއަރސް އިން އެދެނީ ޝަރުޢީ މަރުޙަލާއަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ދެފަރާތުން ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލެއް ހޯދޭތޯ ބެލުންކަމުގައި ވާތީ 07 (ހަތް) ދުވަހުގެ މުއްދަތުގައި ޙައްލެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ޔޮޓް ޓުއަރސް ގެ އިސްވެ އިޝާރާތްކުރެވުނު އެ ކުންފުނީގެ 08 ޖަނަވަރީ 2015 ގެ ސިޓީ އިން އެލައިޑް ގައި އެދުނު އެދުމާ ގުޅިގެން، ޔޮޓް ޓުއަރސް ގެ މި ސިޓީއާ ޙަވާލާދީ، ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެލައިޑް ގެ ފަރާތުން އެ ކުންފުނީގެ އިސްވެ އިޝާރާތް ކުރެވުނު 25 ޖަނަވަރީ 2015 ގެ ސިޓީ އިން އީޖާބީ ގޮތެއްގައި ދީފައިވާ ބަޔާންކުރެވިދިޔަ ޖަވާބާ ގުޅިގެން، ޔޮޓް ޓުއަރސް ގެ ފަރާތުން ބަޔާންކުރެވިދިޔަ ގޮތުގެމަތިން 29 ޖަނަވަރީ 2015 ގައި އެލައިޑް އަށް ސިޓީ ފޮނުވާފައިވާކަން އެނގެން އޮތުމުން، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު 08 ޖަނަވަރީ 2015 ގެ ސިޓީއާއި 29 ޖަނަވަރީ 2015 ގެ ސިޓީއާ މި ދެ ސިޓީވެސް ޔޮޓް ޓުއަރސް ގެ ފަރާތުން ހުށަހަޅާފައިވަނީ މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބުނާ 12 (ބާރަ) މަސް ދުވަހުގެ މުއްދަތު ނިމުމުގެ ކުރިންކަން، ބަޔާންވެދިޔަ ގޮތުގެމަތިން އެނގެން އޮންނައިރު، އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބުނާ، 12 (ބާރަ) މަސްދުވަސް ފާއިތުވެ ގޮސްފައިވަނީ 29 ޖެނުއަރީ 2015 ގައި ޔޮޓް ޓުއަރސް އިން އެލައިޑް އަށް ފޮނުވާފައިވާ ބަޔާންކުރެވިދިޔަ ސިޓީއަށް އެއްވެސް ޖަވާބެއް އެލައިޑް ގެ ފަރާތުން ނުދީ އޮވެކަން މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން މި މައްސަލައިގެ ދަޢުވާގައި ބުނާ ގެއްލުމުގެ ޙާދިޘާ ހިނގިފަހުން، 12 މަސް ދުވަސް ހަމަވެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބުނާ އަރބިޓްރޭޝަންގެ ކޮންސެޕްޓްގެ ދަށުން، އަލިދޫ ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުމުގެ ޙާދިޘާ ހިނގިތާ 12 މަސް ދުވަސް ފާއިތުވުމުގެ ކުރިން، ޔޮޓް ޓުއަރސް ގެ ފަރާތުން އެލައިޑް އަށް ހުށަހެޅި ހުށަހެޅުންތަކުގެ ނިހާއީ ނިންމުމެއް އެލައިޑް ގެ ފަރާތުން ނިންމިކަން ޔޮޓް ޓުއަރސް އަށް އެލައިޑް ގެ ފަރާތުން އެއްވެސް މިންވަރަކަށް ނާންގައި ވަނިކޮށްކަން، ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ ބަޔާންކުރެވިދިޔަ ސިޓީތަކުގެ ޛަރީޢާއިން ކުރެވިފައިވާ މުޢާމަލާތްތަކުންނާއި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެންގެން އޮތުމުން، މި މައްސަލައިގެ ދަޢުވާގައި ބުނާ ޙާދިޘާ ހިނގިތާ 12 މަސް ދުވަސް ހަމަވުމަށްފަހު، ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން ޔޮޓް ޓުއަރސް އިން ދަޢުވާކުރި ކުރުމަކީ އެ ދަޢުވާގެ މައްސަލަ އެ ކޯޓުން ބަލައިގަނެ އެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް އެ ކޯޓުން ފައިޞަލާކުރަނިވި ޙުކުމަކުން ނިޔާކަނޑައެޅުމަށް ހުރަސްއެޅިފައިވާ ސަބަބެއް ނޫންކަން މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިންޝުއަރެންސް ޕޮލިސީގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އަޙްކާމްތަކަށާއި މި ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ އިސްވެ ބަޔާންވެދިޔަ އެންމެހައި މުޢާމަލާތްތަކަށާއި ދެފަރާތުގެ ވާހަކަތަކުގެ މައްޗަށް ނަޒަރުކޮށް ބެލުމުން ރަނގަޅަށް އެނގެން އޮންނަ ކަމެވެ.

(އ) އަށްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވި ދިޔަ ކަންކަމުގެ މައްޗަށް ނަޒަރުކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

ޙުކުމް:

އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ