ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 07 · 2021/SC-A/03, 2021/SC-A/06ސުޕްރީމް ކޯޓު · 15 ފެބުރުއަރީ 2023

އެމް-ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ފެބުރުއަރީ 2023ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އެމް-ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

ތަޢާރުފު

ހައިކޯޓުގެ ނަންބަރު 2017/HC-A/124 ޤަޟިއްޔާ ނިންމާފައިވަނީ ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެމައްސަލައިގައި ހިމެނޭ ދެފަރާތުންވެސް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/03 ޤަޟިއްޔާއިން ހުށަހެޅިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަކީ އެމް-ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0485/2010، މީގެފަހުން "އެމް-ބިލްޑަރސް" ކަމަށް ބުނެފައިވާ) ފަރާތެވެ. އެމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-24/2008، މީގެފަހުން "ޑްރީމްސް ހޯލްޑިންގ" ކަމަށް ބުނެފައިވާ) ފަރާތެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/06 ޤަޟިއްޔާއިން ހުށަހެޅިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަކީ ޑްރީމްސް ހޯލްޑިންގ އެވެ. އެމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެމް-ބިލްޑަރސް އެވެ.

މިއީ މި ދެ މައްސަލަ އެކުގައި އަޑުއެހުމަށްފަހު ސުޕްރީމް ކޯޓުން މި ދެ މައްސަލައިގައި ނިންމާ ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ޑްރީމްސް ހޯލްޑިންގ އިން ހުޅުމާލޭގައި ހަދަމުންދާ ޑްރީމް ހޮޓެލްގެ މަސައްކަތަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް އެމް-ބިލްޑަރސް އިން ޑްރީމްސް ހޯލްޑިންގއަށް ފޯރުކޮށްދީ އެދޮރުތައް ހަރުކޮށްދިނުމަށްޓަކައި 15 ފެބްރުއަރީ 2015 ގައި އެއްބަސްވުމެއްގައި، (މީގެފަހުން "އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުމުގައި) ސޮއިކޮށްފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމުގެ ގޮތުން ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާއާއި، އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށް އެމް-ބިލްޑަރސްގެ ފަރާތުން ޑްރީމްސް ހޯލްޑިންގ ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

އެމް-ބިލްޑަރސް ގެ ފަރާތުން ޑްރީމްސް ހޯލްޑިންގ ގެ މައްޗަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1191/Cv-C/2016 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ސިވިލް ކޯޓުން އަންނަނިވި ކަންކަން ނިންމާފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމުގެ ގޮތުން ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހި ނުދައްކައިވާ 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ތިރީސް ދޭއް ރުފިޔާ) އަކީ ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާކަން؛

ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް %5 (ފަހެއް އިންސައްތަ) ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނެގޭގޮތަށް ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައި ބަޔާންވެގެންވާތީ، 23 މެއި 2016 އާ ހަމައަށް ފާއިތުވެފައިވާ 118 (ސަތޭކަ އަށާރަ) ދުވަހަށް 889,318/80ރ. (އަށް ލައްކަ އަށްޑިހަނުވަ ހާސް ތިން ސަތޭކަ އަށާރަ ރުފިޔާ އަށްޑިހަ ލާރި) އާއެކު ޖުމްލަ 1,040,050/80ރ. (އެއް މިލިއަން ސާޅީސް ހާސް ފަންސާސް ރުފިޔާ އަށްޑިހަ ލާރި) އަކީ ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާކަން.

ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޑްރީމްސް ހޯލްޑިންގ އިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސްގެ މައްޗަށް ހުށަހެޅި މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2017/HC-A/124 ޤަޟިއްޔާއިންނެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އަންނަނިވި ކަންކަން ނިންމާފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމުގެ ގޮތުން ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހި ނުދައްކައިވާ 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ތިރީސްދޭއް ރުފިޔާ) އަކީ ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ތާއީދު ކޮށްފައިވެއެވެ.

ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 889,318/80ރ. (އަށް ލައްކަ އަށްޑިހަނުވަ ހާސް ތިން ސަތޭކަ އަށާރަ ރުފިޔާ އަށްޑިހަ ލާރި) ނަގައިދިނުމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލު ކޮށްފައިވެއެވެ.

ލިކުއިޑޭޓަޑް ޑެމޭޖަސް ގެ ގޮތުގައި އެމް-ބިލްޑަރސް އިން އެދިފައިވާ ޢަދަދު، އަދާކުރަންޖެހި އަދާނުކޮށްވާ އަސްލީ އިލްތިޒާމާ އެއްވަރަށް ކުޑަކޮށް، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ޢަދަދަކީ 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތްސަތޭކަ ތިރީސްދޭއް ރުފިޔާ) ކަމަށް ކަނޑައަޅާފައިވެއެވެ.

ހައިކޯޓުގެ ތަފާތުވި ރައުޔުގައި ބުނެފައިވަނީ، ދަށުކޯޓުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ބޮޑު ޢަދަދެއް ނަގައިދީފައިވާއިރު، ޑްރީމްސް ހޯލްޑިންގއިން އެކަމަށް އިޢުތިރާޟުކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާތީއާއި، ހުށަހެޅިފައިވާ އިސްތިއުނާފީ ތިން ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއެއްގައި އެކަމާގުޅޭ އެއްވެސް ވާހަކައެއް ހިމެނިފައި ނުވާތީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ ޢަދަދަށް ހައިކޯޓުން އުނިއިތުރު ގެނައުމަކީ ޑްރީމްސް ހޯލްޑިންގ އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކުރެވޭނެކަމެއް ނޫންކަމަށާއި، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށެވެ.

ހައިކޯޓުގެ ނިންމުން މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

އެމް-ބިލްޑަރސް ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

އެމް-ބިލްޑަރސް ގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ ދެ ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި އެއްވެސް ނުކުތާއެއްގައި ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާމެދު، އަދި ނަގައިދިނުމަށް ނިންމާފައިވާ ޢަދަދާމެދު އެއްވެސް އިއުތިރާޟެއް ކޮށްފައިނުވާއިރު، ހައިކޯޓުން ޖޫރިމަނާގެ ޢަދަދު ކުޑަކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، އަޤުދެއްގެ ދަށުން އަދާކުރަންޖެހޭ އަސްލީ އިލްތިޒާމު އަދާނުކޮށްގެން ޝަރުތު ޖަޒާއީގެ ދަށުން ޠަބީޢީ އިލްތިޒާމަށް ބިނާކޮށް ނަގައިދޭ ބަދަލު އަސްލީ އިލްތިޒާމަށްވުރެ ބޮޑުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ޤަޟިއްޔާތަކުގައި ނަގައިދީފައިވަނިކޮށް، ބޭރު ޤައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޙަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ފުށުއަރާފަދަ ނިންމުމެއް ހައިކޯޓުން ނިންމުމަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ނައްޞުތަކާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ފުށުއަރާފަދަ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޑްރީމްސް ހޯލްޑިންގގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެ ނުކުތާގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އެލުމިނިއަމް ދޮރާއި ދޮރުފަތް ސަޕްލައިކޮށް އިންސްޓޯލް ކުރުމާގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ 5.2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޖޫރިމަނާގެ ގޮތުގައި ހައިކޯޓުން ކަނޑައަޅާފައިވާ ޢަދަދަކީ، އެމް-ބިލްޑަރސް ގެ ފަރާތުން ޑްރީމްސް ހޯލްޑިންގ އަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ބެލުމެއްނެތި ކަނޑައަޅާފައިވާ ޖޫރިމަނާގެ ޢަދަދެއްކަމަށާއި، އެއްބަސްވުމުގެ 5.2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޖޫރިމަނާގެ ފައިސާ ނަގާދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ.

މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމާމެދު ޚިލާފެއް ނެތުން

މިމައްސަލައަކީ ޑްރީމްސް ހޯލްޑިންގ އިން ހުޅުމާލޭގައި ހަދަމުންދާ ޑްރީމް ހޮޓެލްގެ މަސައްކަތަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް އެމް-ބިލްޑަރސް އިން ޑްރީމްސް ހޯލްޑިންގ އަށް ފޯރުކޮށްދީ އެދޮރުތައް ހަރުކޮށްދިނުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެމް-ބިލްޑަރސް އިން އަދާ ކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުން، މުޤާބިލުގައި ޑްރީމްސް ހޯލްޑިންގ އިން ދޭންޖެހޭ ފައިސާ ނުދީގެން އުފެދިފައިވާ މައްސަލައެކެވެ. މިމައްސަލަ ސުޕްރީމް ކޯޓާއި ހަމައަށް އައިއިރު، މަސައްކަތާއި ޚިދުމަތުގެ އަގުގެ ގޮތުގައި ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާ ކަމަށްވާ 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ތިރީސްދޭއް ރުފިޔާ) އަކީ ޑްރީމްސް ހޯލްޑިންގ އިން އެމް-ބިލްޑަރސް އަށް ދައްކަންޖެހޭ ފައިސާކަމާމެދު ޚިލާފެއް ނެތެވެ. އިސްތިއުނާފީ ނުކުތާއެއްގައިވެސް އެވާހަކަ ނެތެވެ. އަދި އަދާކުރަން ތިބިކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ބުނެފައިވެއެވެ.

ދެ ފަރާތުގެ ދެމެދުގައި މިހާރު ޚިލާފެއް އުޅެނީ މުދަލާއި ޚިދުމަތުގެ އަގު ނުދައްކައި ލަސްވުމުން ދޭންޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންވެގެންވާ ލިކުއިޑޭޓަޑް ޑެމޭޖަސް އާމެދުގައެވެ.

ހައިކޯޓަށް ހުށަހެޅިފައި ނުވާކަމަކަށް ގޮތެއް ނިންމާފައިވުން

އެމް-ބިލްޑަރސް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި އެއްވެސް ނުކުތާއެއްގައި ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާމެދު، އަދި ނަގައިދިނުމަށް ނިންމާފައިވާ ޢަދަދާމެދު އެއްވެސް އިއުތިރާޟެއްކޮށްފައި ނުވާކަމަށެވެ.

މި އިސްތިއުނާފީ ނުކުތާއަށް ޖަވާބުދާރީ ވުމުގެ ގޮތުން ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަނޭޅި އޮތް ނަމަވެސް، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފައިސާ ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް، އެދޭ ކަންތައްތަކުގެ ތެރޭގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ޝަރީޢަތުގެ ތެރޭގައި އެވާހަކަ ދައްކާފައިވާނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. އަދި ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަނޭޅިކަމުގައިވިޔަސް، ހައިކޯޓުގެ ޝަރީޢަތުގެ ތެރޭގައި އެވާހަކަ ދެއްކިކަމުގައިވާނަމަ، އެކަމަކީ ހައިކޯޓަށް ހުށަނޭޅޭ ކަމެއްކަމަށް ނުބެލެވޭނެކަމަށް ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއް ކަމަށްވާ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައެޅިފައިވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއް ކަމަށްވާ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާ އިން ހުށަހެޅިގެން ބެލުނު މައްސަލައަކީ ވަޒީފާއާބެހޭ މައްސަލައެކެވެ. ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ނެތުމުން ވަޒީފާ އަނބުރާ އިއާދަ ކޮށްދެވެން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވެއެވެ. އެމައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަމާއި ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންވެގެންވެއެވެ. ވަޒީފާއާބެހޭ މައްސަލައެއްގައި ހިމެނޭ އަސާސީ ހުރިހާކަމެއް އެ ނުކުތާތަކުގައި ހިމެނިފައިވެއެވެ. އެކަންކަމާމެދު ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގައި ޖަދަލުކޮށްފައިވެއެވެ. މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައި ނުވުމާއި، ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ނެތްކަމަށް ބަލަންޖެހޭ ސަބަބެއް ނެތް ޙާލަތުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ހައިކޯޓުގެ ކުރިމަތީގައި އޮތްކަމެއްކަމަށް އެ ޤަޟިއްޔާގައި ބުނެފައިވެއެވެ. އަދި މިއީ ވަޒީފާއާބެހޭ މައްސަލަތަކަށް ޚާއްޞަ އުސޫލެއްކަންވެސް ފާހަގަކުރެވެއެވެ.

ލިކުއިޑޭޓަޑް ޑެމޭޖަސްއަކީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ކަނޑައަޅާފައިވާ އަސާސީ ދެ ކަމުގެ ތެރެއިން އެއްކަމެވެ. އެއަށް އިއުތިރާޟްކުރުމުގެ މަސްލަޙަތުއޮތް ފަރާތުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަނާޅާނަމަ މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދާރީ ނުވެވޭނެއެވެ. ޝަރީޢަތުގެ ތެރެއިން އެވާހަކަ ނެގުމުން އިދިކޮޅު ފަރާތުން އެއަށް ރައްދުގައި އެއްޗެއް ބުނިނަމަވެސް، ރައްދު ދިނުމަށް ތައްޔާރުވެގެން ރައްދުދިނުމުގެ ފުރުސަތު އެފަރާތަށްވާނީ ގެއްލިފައެވެ. ދަޢުވާއަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބުމަކީ ދަޢުވާރައްދުވާ ފަރާތުގެ ޙައްޤެކެވެ.

ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 3 ނުކުތާއެވެ. ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވަނީ އެމް-ބިލްޑަރސްއިން އެލްމިނިއަމް ދޮރުތައް ހަރުކުރުން ލަސްވެގެން ގޮސްފައިވަނީ ދޮރު ހަރުކުރެވޭވަރަށް އިމާރާތުގެ މަސައްކަތް ނިމިފައި ނުވާތީކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ. ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި ސޮއިކުރާތާ 55 (ފަންސާސް ފަހެއް) ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު، އެމް-ބިލްޑަރސްގެ އަޤްދީ އިލްތިޒާމް އަދާކުރެވިފައި ނުވާކަމުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓަށް އެމް-ބިލްޑަރސްއިން ހުށަހެޅި ދެ ހެކިންނަކީ އެފަރާތުގެ ދެ މުވައްޒަފުން ކަމަށްވާއިރު، އެ ދެހެކިންގެ ހެކިބަހަށް ސިވިލް ކޯޓުން ރިޢާޔަތް ކޮށްފައިވަނީ އެފަދަ ކަންކަމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަމަށެވެ. އިސްތިއުނާފީ 3 ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއެއްގައި ލިކުއިޑޭޓަޑް ޑެމޭޖަސްގެ ވާހަކަ ބަޔާންވެފައި ނުވެއެވެ. ލިކުއިޑޭޓަޑް ޑެމޭޖަސްއާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވަނީ ހައިކޯޓުގައި ބޭއްވުނު އަޑުއެހުންތަކުގައި ދެ ފަރާތުންކުރި ޖަދަލުގެ ތެރޭގައެވެ. މިހެން މިކަން އޮތުމުން ލިކުއިޑޭޓަޑް ޑެމޭޖަސް އާގުޅޭ ނުކުތާއަކީ ޑްރީމްސް ހޯލްޑިންގ އިން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާއެއްކަމަށް ނުބެލެވޭނެކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ، އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައެއްގައި އާ ހުށަހެޅުންތަކެއް ހުށަހެޅިކަމުގައި ވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމަށެވެ.

މިހެން މިކަން އޮތުމުން، ދަށުކޯޓުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ބޮޑު ޢަދަދެއް ނަގައިދީފައިވާއިރު، ޑްރީމްސް ހޯލްޑިންގ އިން އެކަމަށް އިޢްތިރާޟްކޮށް އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައި ނުވާތީއާއި، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ތިން ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއެއްގައި އެކަމާގުޅޭ އެއްވެސް ވާހަކައެއް ހިމެނިފައި ނުވާތީ، ލިކުއިޑޭޓަޑް ޑެމޭޖަސްއާއި ގުޅޭގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމަކީ ހައިކޯޓުން ގޮތެއް ނިންމޭނެކަމެއް ނޫންކަމަށް އަހުރެން ދެކެމެވެ. މިގޮތުން ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް އަހުރެން ދެކެމެވެ.

އިސްތިއުނާފަށް ހުށަހެޅިފައިވާ ދެ މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ނުކުތާތަކަކީ، ލިކުއިޑޭޓަޑް ޑެމޭޖަސް އާގުޅޭގޮތުން ހުށަހެޅިފައިވާ ނުކުތާތަކަކަށްވާތީ ދެންހުރި ނުކުތާތަކަށް ގޮތެއް ނިންމާނޭތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

މި މައްސަލައިގައި އެންމެ ފުރަތަމަ އަހުރެން ޖަވާބު ދީފައިވާނީ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައި ނުވާ ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިވާކަމަށް ބުނެ އެމް-ބިލްޑަރސްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަށެވެ. އަދި އެމް-ބިލްޑަރސްގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއާއި ޑްރީމްސް ހޯލްޑިންގގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާވެސް ބިނާވަނީ ހައިކޯޓުން ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދީފައިވާ އުޞޫލުތަކުގެ މައްޗަށް ކަމުގައިވާތީ، މި ނުކުތާތަކަށް އޭގެ ފަހުގައި ޖަވާބުދެވިފައިވާނެއެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރެވިފައި ނުވާކަމަށް ބުނާ ނުކުތާ

އެމް-ބިލްޑަރސް ގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާމެދު އިއުތިރާޒުކޮށް އެއްވެސް އިސްތިއުނާފީ ނުކުތާއެއް ޑްރީމްސް ހޯލްޑިންގ އިން ހައިކޯޓަށް ހުށަހަޅާފައިނުވާއިރު، އެ ނުކުތާއާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިވާކަމަށެވެ.

މިނުކުތާގެ ރައްދުގައި ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ބުނެފައިވަނީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރުގައި އެމް-ބިލްޑަރސް އަށް ލިކުއިޑޭޓަޑް ޑެމޭޖަސް ލިބިދޭންޖެހޭ ހަމައެއް ނެތްކަމަށް ބަޔާންކޮށްފައިވާނެކަމަށާއި، އަދި ހައިކޯޓުގައި ބޭއްވުނު އަޑުއެހުންތަކުގައި ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅިގެން ޑްރީމްސް ހޯލްޑިންގ އިން ވާހަކަ ދައްކާފައިވާނެކަމަށާއި އަދި ޑްރީމްސް ހޯލްޑިންގ އިން ހުށަހެޅި ކަންތައްތަކާއި ގުޅިގެން އެމް-ބިލްޑަރސް ގެ ފަރާތުން ވާހަކަ ދައްކާފައިވާކަމަށެވެ.

ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމަށް ބަލާއިރު، އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާގައި "ލިކުއިޑޭޓަޑް ޑެމޭޖަސް" މި ލަފްޒު ސީދާ ބޭނުންކޮށްފައި ނުވެއެވެ. ނަމަވެސް ހައިކޯޓުގައި މި މައްސަލައިގެ 3 އަޑުއެހުމެއް ބޭއްވުނުއިރު، އެ 3 އަޑުއެހުމުގައިވެސް ތަކުރާރުކޮށް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ވާހަކަ ޑްރީމްސް ހޯލްޑިންގގެ ފަރާތުން ދައްކާފައިވެއެވެ. އެގޮތުން، ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅިގެން ހައިކޯޓުގައި ޑްރީމްސް ހޯލްޑިންގ އިން ނެގި މައިގަނޑު ދަފްއުއަކީ، މި މައްސަލައިގައި ސިވިލް ކޯޓުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަކީ ކޯޓުތަކަށް ނަގައި ނުދެވޭނެ ޢަދަދެއްކަމަށެވެ. ސަބަބަކީ އެއީ ގެއްލުމުގެ ބަދަލުކަމުގައި އެމް-ބިލްޑަރސްގެ ފަރާތުން ބުނި ނަމަވެސް، ފޯރުކޮށްދިން މުދަލުގެ އަގާ ނުބައްދަލު ޢަދަދެއް ކަމުގައިވާތީއެވެ. މި ވާހަކަތަކާ ގުޅުވައިގެން ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހައިކޯޓުގައި އެކި ޖުރިސްޑިކްޝަންތަކުން ޢަމަލުކުރާގޮތް ފާހަގަކުރުމާއެކު، ބައެއް ޖުރިސްޑިކްޝަންތަކުގައި ޕެނަލްޓީ ކްލޯޒްއަކީ ތަންފީޒު ނުކުރެވޭނެ މާއްދާއެއްކަމަށް ބުނެފައިވެއެވެ. އަދި މިސާލު ނަގަމުން އިނގިރޭސި ވިލާތުގައިވެސް ލިކިއުޑޭޓަޑް ޑެމޭޖަސްކަމަށް ބަލަނީ ހަމަ ޙަޤީޤަތުގައިވެސް ލިބުނު ގެއްލުންކަމަށް އަންދާޒާ ކުރެވޭ ޢަދަދެއް (genuine estimate of loss) ކަމަށް ޑްރީމްސް ހޯލްޑިންގ އިން އިތުރަށް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން މި ހުށަހެޅި ކަންކަމުގެ ޖަވާބުގައި ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި، އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާ ނެގުމާ ގުޅޭގޮތުން ތަފާތު ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުންދާ ގޮތަށް އަލިއަޅުވާލާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުންވެސް ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން، ހައިކޯޓަށް ވާސިލުވި ނަތީޖާއަކީ، އެމް-ބިލްޑަރސް އިން ޑްރީމްސް ހޯލްޑިންގ އަށް ފޯރުކޮށްދިން މުދަލަށް ދައްކަންޖެހޭ ޢަދަދަކީ 150,732/-ރ. (އެއްލައްކަ ފަންސާސް ހާސް ހަތްސަތޭކަ ތިރީސްދޭއް ރުފިޔާ) ކަމުގައިވާއިރު، މި ޢަދަދު ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުން، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ޢަދަދަކީ މުދަލުގެ އަގުގެ ގާތްގަނޑަކަށް 6 ގުނަ އިތުރު ޢަދަދެއްކަމުގައިވާ 889,318/80ރ. (އަށް ލައްކަ އަށްޑިހަނުވަ ހާސް ތިން ސަތޭކަ އަށާރަ ރުފިޔާ އަށްޑިހަ ލާރި) ކަމާއި، ޖޫރިމަނާގެ ގޮތުގައި މިހާބޮޑު ޢަދަދެއް ނަގައިދިނުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/124 ގަޒިއްޔާގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވަނީ މި މައްސަލައިގައިވާ ޕްރިންސިޕަލް އެމައުންޓާ އެއްވަރެއްގެ ޢަދަދެއް ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށެވެ. އެހެންގޮތަކަށް ބުނާނަމަ، ޖޫރިމަނާއަށްވެސް 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތްސަތޭކަ ތިރީސްދޭއް ރުފިޔާ) ނަގައިދިނުމަށެވެ.

ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ނުކުރާ ނުކުތާއެއް ނުވަތަ ނުދައްކާ ވާހަކަތަކެއްގެ މައްޗަށްކަމުގައި ބެލެވޭކަށް ނެތެވެ. އެ ކޯޓުން ހައްލެއްދޭން މަސައްކަތްކޮށްފައިވަނީ މުޅި މި މައްސަލައިގެ މުލުގައިވާ ޤާނޫނީ ސުވާލަށެވެ. އެއީ، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ނަގައިދީފައިވާ ޖޫރިމަނާ ފައިސާ (ނުވަތަ ލިކުއިޑޭޓަޑް ޑެމޭޖަސް) އާ ގުޅޭ މާއްދާއަކީ ތަންފީޒުކުރެވިދާނެ މާއްދާއެއްކަން ނުވަތަ ނޫންކަމާމެދުގައެވެ.

ހައިކޯޓުން ކަނޑައަޅާފައިވަނީ، އެއީ ތަންފީޒު ކުރެވިދާނެ މާއްދާއެއްކަމަށާއި ނަމަވެސް އެ ކޯޓަށް ޢަދަދު ކުޑަކުރެވިދާނެކަމަށެވެ. އެމް-ބިލްޑަރސް ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާއަށާއި ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ޖަވާބުދިނުމުގެ ތެރެއިން މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅޭ މާއްދާއަކީ ތަންފީޒު ކުރެވިދާނެ މާއްދާއެއްތޯއާއި، އަދި ކޯޓުގެ އިސްނެގުމަކަށް ގެއްލުމުގެ ބަދަލު ކުޑަކުރެވިދާނެކަމާމެދު އަލިއަޅުވާލާނަމެވެ.

ވުމާއެކު، އެމް-ބިލްޑަރސް ގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.

ލިކުއިޑޭޓަޑް ޑެމޭޖަސްއާއި ޕެނަލްޓީ ކްލޯޒް

އެމް-ބިލްޑަރސް ގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާއާއި ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައިވަނީ ހައިކޯޓުން ޖޫރިމަނާގެ ގޮތުގައި ޢަދަދު ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމާމެދުގައެވެ.

އެއްކޮޅުން އެމް-ބިލްޑަރސްގެ ފަރާތުން ބުނެފައިވަނީ މީގެކުރިންވެސް އަސާސީ އިލްތިޒާމް ނުވަތަ ޕްރިންސިޕަލް އެމައުންޓަށްވުރެ ބޮޑު ޢަދަދުތައް ޖޫރިމަނާގެ ގޮތުގައި ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކުން ނަގައިދީފައިވާކަމަށާއި، އެހެންކަމުން، މި މައްސަލައިގައި މުދަލުގެ އަގާ އެއް ޢަދަދަކަށް ޖޫރިމަނާގެ ޢަދަދު ހައިކޯޓުން ކުޑަކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށެވެ. އަނެއްކޮޅުން ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން ބުނެފައިވަނީ އަސާސީ އިލްތިޒާމާ އެއްވަރަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހައިކޯޓުން ނިންމިއިރު، އެ ޢަދަދު ކަނޑައަޅާފައިވާ ހަމައެއް އެނގެން ނޯންނަކަމަށާއި އަދި މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލުނަގައިދިނުމަށް އޮންނަ ހަމަތަކާ ޚިލާފުކަމެއްކަމަށެވެ.

މި ރައުޔުގެ ޕެރެގްރާފް 26 އިން 36 އަށް "ޖޫރިމަނާ"، "ގެއްލުމުގެ ބަދަލު" އަދި "ލިކުއިޑޭޓަޑް ޑެމޭޖަސް" މި ލަފްޒުތައް ބޭނުންކޮށްފައިވާނީ މައްސަލައިގެ ދެފަރާތާއި، ސިވިލް ކޯޓާއި ހައިކޯޓަށް އިޝާރާތްކޮށް، މި އެންމެހައި ފަރާތްތަކުން އެ ލަފްޒުތައް ބޭނުންކޮށްފައިވާ ގޮތަށްކަން މި ފުރުސަތުގައި އަހުރެން ފާހަގަކުރަމެވެ.

އެއްބަސްވުމެއްގައިވާ ގެއްލުމުގެ ބަދަލު ނުވަތަ ލިކުއިޑޭޓަޑް ޑެމޭޖަސްއާބެހޭ މާއްދާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންވެސް ތަންފީޒު ކުރެވިދާނެ މާއްދާއެކެވެ. އެހެންނަމަވެސް، ލިކުއިޑޭޓަޑް ޑެމޭޖަސްކަމަށް ބުނާ މާއްދާއެއްގެ ތަބީޢަތަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ބެލެވޭނަމަ، އެ މާއްދާއަކީ ތަންފީޒު ނުކުރެވޭނެ މާއްދާއެކެވެ. ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ޕެނަލްޓީ ކްލޯޒްއެއް ކަމަށް ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވެއެވެ.

އެމް-ބިލްޑަރސްގެ ފަރާތުން ޙަވާލާދޭ ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ލިމިޓެޑް ގަޒިއްޔާއާއި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާފަދަ މައްސަލަތަކުގައި ޢަމަލުކޮށްފައިވާ އުސޫލުތަކުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާއިން މިހާރުވަނީ ހިޖުރަކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ޚުލާޞާއަކީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްގެ ދަށުން ހޯދުމަށްއެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ލިކުއިޑޭޓަޑް ޑެމޭޖަސްއަށްވާނަމަ، ފައިސާ ނަގައިދިނުމެވެ.

ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިއާއި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައިއާއި އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ގަޒިއްޔާގައި، އެއްބަސްވުމުގައިވާ މާއްދާއެއްގައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްތޯ ނުވަތަ ޕެނަލްޓީ ކްލޯޒްއެއްތޯ ފަރަޤުކުރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.

(ހ) ކަމާގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯ،

(ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ޞައްޙަ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރު،

(ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން.

(1) އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމް

އެއްބަސްވުމެއްގެ ދަށުން އަސާސީ އިލްތިޒާމެއްކަމަށް ބަލަނީ އެ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވަޢުދުވާ ކަންކަމަށެވެ. މިއާ ޚިލާފަށް، ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމެވެ. ޢާންމުކޮށް އެ ޙާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ ގޮތުންނެވެ.

(2) މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު

މި ޙާލަތުގައި ކޯޓުން ބަލާނީ ސާނަވީ އިލްތިޒާމެއް ފުރިހަމަކުރުމުން މަންފާ ލިބޭފަރާތް ނުވަތަ މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތުތަކެއް ހިމާޔަތްކުރެވިގެންދޭތޯއާއި އެ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރަށެވެ. ޞައްޙަ މަޞްލަޙަތެއް ސާބިތުކޮށްދިނުމުގައި މައުސޫމް ފަރާތަށްލިބޭ މާލީ ގެއްލުމުގެ އިތުރުން، އެހެނިހެން ވިޔަފާރީގެ ގެއްލުން ސާބިތުކޮށްދެވިދާނެއެވެ. ނަމަވެސް ޢަމަލީގޮތުން، އެހެނިހެން ގެއްލުން އެއީ ސާބިތުކޮށްދޭން އެހާފަސޭހަކަމަކަށް ނުވެދާނެއެވެ. ޢާންމުކޮށް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ މާއްދާއެއްގައި އެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ލިބޭ ގެއްލުމަށް ބަދަލު ހޯދުމުގެ އިތުރުން، އެހެނިހެން މަޞްލަޙަތުތައް ހިމެނިފައިވުމަކީ ނާދިރުކަމެކެވެ.

(3) ނުބައްދަލު ބުރަ ނުވަތަ އުޤޫބާތް

މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށްވެގެން ނުވާނެއެވެ. އެހެންގޮތަކަށް ބުނާނަމަ، މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު ސާބިތުކޮށްދިނުމަކުން އަދި ނުފުދެއެވެ. މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތާއި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލުވެގެން ނުވާނެއެވެ.

އުޞޫލު ތަޠުބީޤުކުރުން

ޑްރީމްސް ހޯލްޑިންގ އާއި އެމް-ބިލްޑަރސް އާދެމެދު އެލުމިނިއަމް ދޮރާއި ދޮރުފަތް ފޯރުކޮށްދިނުމާއި ހަރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ލިކުއިޑޭޓަޑް ޑެމޭޖަސް ބަޔާންކުރާ މާއްދާއެކެވެ. އެ މާއްދާގެ 5.2 ގައިވާ އިބާރާތް ތިރީގައި ނަކަލުކުރަމެވެ.

5.2 The client is liable to pay a fine of 5% on the unpaid contractor’s fee per day for all calendar days in default till the due payment is paid to the contractor.

އަސާސީ އިލްތިޒާމަކާ ޚިލާފުވުމުން އޮތް ސާނަވީ އިލްތިޒާމެއްތޯ: އެއްބަސްވުމުގެ 5.2 ވަނަ މާއްދާއަކީ އެއްބަސްވުމުގައިވާ ގޮތަށް އެމް-ބިލްޑަރސް އަށް ފައިސާދައްކާފައި ނުވާނަމަ، ދުވާލަކަށް ނުދައްކައިވާ ޢަދަދުގެ 5% (ފަހެއް އިންސައްތަ) އަށްވާ ފައިސާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އޮތް މާއްދާއެކެވެ. ވުމާއެކު މި މާއްދާއަކީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އަސާސީ އިލްތިޒާމުކަމަށްވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ފައިސާގެ އަގުއަދާ ނުކުރުމުގެ ސަބަބުން އުފަންވާ ސާނަވީ އިލްތިޒާމެކެވެ.

ޞައްޙަ މަޞްލަޙަތެއްވޭތޯ: އެމް-ބިލްޑަރސްއިން އެއްބަސްވުމުގެ ދަށުން ފޯރުކޮށްދީފައިވާ މުދަލަށް ނުލިބިވާ ފައިސާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1191/Cv-C/2016 ގަޒިއްޔާގައި ސާބިތުވީ 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތްސަތޭކަ ތިރީސް ދޭއް ރުފިޔާ) އެވެ. މި ޢަދަދުގެ 5% (ފަހެއް އިންސައްތަ) އަށްވާ ފައިސާ ދުވާލަކަށް ޖުރިމަނާގެ ގޮތުގައި ދައްކަން އޮންނައިރު، އެއީ ޖުރިމަނާގެ ގޮތުގައި ދުވާލަކަށް 7,536/60ރ. (ހަތް ހާސް ފަސް ސަތޭކަ ތިރީސްހައެއް ރުފިޔާ ފަސްދޮޅަސް ލާރި) އެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާދައްކާފައި ނުވުމުގެ ސަބަބުން، ޖޫރިމަނާއަށް ދުވާލެއްގެ މައްޗަށް 7,536/60ރ. (ހަތް ހާސް ފަސް ސަތޭކަ ތިރީސްހައެއް ރުފިޔާ ފަސްދޮޅަސް ލާރި) ގެ ޢަދަދެއް ލިބެންޖެހޭ ޞައްޙަ މަޞްލަޙަތެއް އޮތްތޯ ބަލާއިރު، އެމް-ބިލްޑަރސްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުން ބޭއްވުނު ދުވަހާ ހަމައަށްވެސް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ނުލިބޭކަމަށާއި، އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން އެއްބަސްވުމުގެ 5.2 ގެ ދަށުން ލިބެންޖެހޭ ލިކުއިޑޭޓަޑް ޑެމޭޖަސް ނުލިބޭނަމަ، އެއީ އިންސާފުވެރި ގޮތެއްކަމަށް ނުދެކޭކަމަށެވެ. އަދި އެއްބަސްވުމުގައި ލިކުއިޑޭޓަޑް ޑެމޭޖަސް ބަޔާންކޮށްފައިވާތީ ގެއްލުންވިކަން ސާބިތުކޮށްދޭން ނުޖެހޭކަމަށެވެ. މި ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން، ގެއްލުމުގެ ގޮތުގައި ދުވާލެއްގެ މައްޗަށް 7,536/60ރ. (ހަތް ހާސް ފަސް ސަތޭކަ ތިރީސްހައެއް ރުފިޔާ ފަސްދޮޅަސް ލާރި) ލިބެންޖެހޭ ވިޔަފާރީގެ ޞައްޙަ މަޞްލަޙަތެއް އެމް-ބިލްޑަރސްއަށް ބުނެދެވިފައި ނުވެއެވެ.

ނުބައްދަލު ބުރަ ނުވަތަ އުޤޫބާތެއްތޯ: އެއްބަސްވުމުގެ ދަށުން ނުދައްކާ އޮތް ޢަދަދުގެ ޖޫރިމަނާއަށް ދުވާލެއްގެ މައްޗަށް 7,536/60ރ. (ހަތް ހާސް ފަސް ސަތޭކަ ތިރީސްހައެއް ރުފިޔާ ފަސްދޮޅަސް ލާރި) ޖެހެއެވެ. މި އަދަދު 118 (ސަތޭކައަށާރަ) ދުވަހަށް ހިސާބުކުރުމުން، 889,318/80ރ. (އަށް ލައްކަ އަށްޑިހަނުވަ ހާސް ތިންސަތޭކަ އަށާރަ ރުފިޔާ އަށްޑިހަ ލާރި) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ނިންމިއިރު، މިއީ ޕްރިންސިޕަލް އެމައުންޓު ނުވަތަ އަސާސީ އިލްތިޒާމުގެ ގާތްގަނޑަކަށް 6 (ހައެއް) ގުނައާ ގާތްކުރާ ޢަދަދެކެވެ. މި ޢަދަދަކީ އެކަށީގެން ނުވާ ޢަދަދެއްކަން ހައިކޯޓުންވެސް ޤަބޫލުކޮށްފައިވެއެވެ.

އެހެންކަމުން، މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 5.2 ގައި ބަޔާންކުރަނީ އެއްބަސްވުމުގެ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފަންވާ ސާނަވީ އިލްތިޒާމެއް ކަމަށްވާތީ، އަދި މި ސާނަވީ އިލްތިޒާމު ތަންފީޒުކުރަން ޖެހޭކަމުގެ ޞައްޙަ މަޞްލަޙަތެއް އޮތްކަމަށް އެމް-ބިލްޑަރސް އަށް ބުނެދެވިފައި ނުވުމުގެ އިތުރުން، މިއީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އަދާކުރުމަށް ކުރިމަތިކުރުވާ މާލީ ބުރައެއް އަދި އުޤޫބާތެއް ކަމަށްވާތީ، މި މާއްދާގައި ޕެނަލްޓީ ކްލޯޒްއެއްގެ ތިން ޝަރުޠު ފުރިހަމަވެއެވެ. އެއްބަސްވުމުގައި "ލިކުއިޑޭޓަޑް ޑެމޭޖަސް" މިލަފްޒު ބޭނުންކޮށްފައިވީ ނަމަވެސް، މި މާއްދާގައި އެކުލެވިގެންވަނީ ޕެނަލްޓީ ކްލޯޒްއެއްގެ ސިފަތައްކަމުން، މި މާއްދާއަކީ ތަންފީޒުކުރެވޭނެ މާއްދާއެއްކަމަށް އަހުރެން ނުދެކެމެވެ.

ޑްރީމްސް ހޯލްޑިންގ ގެ ފަރާތުން އުފައްދާފައިވާ ސުވާލަށް ބަލާއިރު، ހައިކޯޓަށް މި ޢަދަދު ކުޑަކުރުމުގެ ބާރު ލިބިގެންވޭ ހެއްޔެވެ؟ ހައިކޯޓުން މި ޢަދަދަކީ އެކަށީގެން ނުވާ ބޮޑު ޢަދަދަކަށްވާތީ، ޢަދަދު ކުޑަކުރިއިރު ރިޢާޔަތްކޮށްފައިވަނީ މުދަލަށް ދައްކަންޖެހޭ ޢަދަދަށެވެ. އެއީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ތިރީސްދޭއް ރުފިޔާ) އެމް-ބިލްޑަރސްއަށް ނަގައިދިނުމަށެވެ.

ހައިކޯޓުން ޢަދަދު ކުޑަކުރުމަށް ނިންމީ ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަރޯސާވެގެންނެވެ. އެހެންނަމަވެސް ކުރިންވެސް ފާހަގަކުރި ފަދައިން، ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާއިން މިހާރުވަނީ އައު އުޞޫލުތަކަކަށް ހިޖުރަކޮށްފައެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭ ޢަދަދު ކޯޓުގެ އިސްނެގުމަކަށް ކުޑަ ނުކުރެވޭނެއެވެ. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައި، ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަ ނުކުރެވޭނެ ސަބަބުތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން މިބާވަތުގެ މައްސަލަތައް ބެލުމުގައި އެޑްވަސޭރިއަލް ނިޒާމެއްގައި އެކުލެވޭ ގިނަ ސިފަތައް ރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސްވާއިރު، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުންތަކުގެ ދަށުން ފަނޑިޔާރުގެ އިސްނެގުމަށް ޢަދަދު ކުޑަކުރުމަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކަށް ބިނާކޮށް ގޮތްކަނޑައެޅުމުގެ އުސޫލާ ޚިލާފުކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. ހަމަ އެފަދައިން، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބަލާއިރު، ދެފަރާތުން އެއްބަސްވާ ކަންކަމުގައި ޝަރީޢަތުގެ އިސްނެގުމަކަށް ބަދަލުގެ މިންވަރު ކުޑަކުރުމަކީ އެޤާނޫނުވެސް ތަސައްވުރުކުރާކަމެއް ނޫންކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ފަނޑިޔާރުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމަކީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް ދެވޭ ލުޔެއްކަމުގައިވާއިރު، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާގުޅޭ ލުއިދެވޭނީ އެއްބަސްވުމުގެ ބައިވެރިންނަށްކަމަށާއި، ފަނޑިޔާރުންނަށް ނޫންކަން އިތުރަށް ފާހަގަކުރައްވާފައިވެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2017/HC-A/124 ގަޒިއްޔާގެ އަޣުލަބިއްޔަތުން އެ ކޯޓުގެ އިސްނެގުމަކަށް ޖޫރިމަނާގެ ފައިސާގެ ގޮތުގައި އިތުރު 150,732/-ރ. (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ތިރީސްދޭއް ރުފިޔާ) ނަގައިދިނުމަށް ކަނޑައެޅި ކަނޑައެޅުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމުން، ހައިކޯޓުގެ ޙުކުމުގެ އެބައި ބާޠިލުކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން،

ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް އާއި އެމް-ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 15 ފެބްރުއަރީ 2015 ގައި އެއްބަސްވުމުގެ ދަށުން މުދަލާއި ޚިދުމަތުގެ އަގު ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް %5 (ފަހެއް އިންސައްތަ) ގެ މިންވަރެއް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަގާގޮތަށް އޮތް އެ އެއްބަސްވުމުގެ 5.2 ވަނަ މާއްދާއަކީ ތަންފީޒުކުރެވޭނެ މާއްދާއެއް ނޫންކަމުގައި ކަނޑައަޅައި،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2017/HC-A/124 ޤަޟިއްޔާއިންނާއި ސިވިލް ކޯޓުގެ ނަންބަރު 1191/Cv-C/2016 ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމޭޖަސް އާގުޅޭގޮތުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2017/HC-A/124 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1191/Cv-C/2016 ޤަޟިއްޔާގެ ނިންމުމުގެ އެބައި ބާޠިލުކަމަށް ކަނޑައަޅައި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ