ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 76 · 2021/SC-A/94

މުއިރީ ޕްރައިވެޓް ލިމިޓެޑް ވ. ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 ނޮވެމްބަރު 2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/32
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
C/2016-Cv/2420 ގައި ސިވިލް ކޯޓުން ޖޫރިމަނާގެ ގޮތުގައި US$1,027,996.50 ދައްކަން މުއިރީއަށް އަމުރުކުރިއެވެ. ހައިކޯޓުން (2018/HC-A/32) ދެމެހެއްޓީ، ޖޫރިމަނާ ނެގުމުގެ ޙައްޤު ނިހާއީވެފައިވަނީ އިސްތިއުނާފުނުކުރާ C/2016-Cv/383 ގެ ޙުކުމުން ކަމަށާއި، ޙަސަން އަލިމަނިކު ޤަޟިއްޔާ ތަޠުބީޤު ނުކުރެވޭނެ ކަމަށް ބުނެއެވެ.
ވާޤިޢާ
ލިއޯ ޓްރޭޑިންގއިން މުއިރީއަށް ފޯރުކޮށްދިން މުދަލާއި ޚިދުމަތުގެ ފައިސާއާ ގުޅިގެން ދެފަރާތް ސެޓްލްމަންޓް އެއްބަސްވުމަކަށް ވަޑައިގަތެވެ. C/2016-Cv/383 ގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ދެފަރާތުގެ އެއްބަސްވުމާއެކު US$162,782.01 ވަކި މުއްދަތުތަކެއްގައި ދައްކަން އަމުރުކޮށް، ނުދައްކައިފިނަމަ އެއްބަސްވުމުގައިވާ ޖޫރިމަނާ ހޯދުމުގެ ޙައްޤު ލިއޯ ޓްރޭޑިންގއަށް ލިބޭނެ ކަމަށް ޙުކުމްކުރިއެވެ. އެ ޙުކުމް އިސްތިއުނާފެއް ނުކުރެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ދެފަރާތުގެ އެއްބަސްވުމާއެކު ނިންމި، އިސްތިއުނާފުނުކުރާ ޙުކުމެއްގައި ސެޓްލްމަންޓް އެއްބަސްވުމުގެ ޖޫރިމަނާ ނެގުމުގެ ޙައްޤު ނިހާއީވެފައިވޭތޯއާއި، އެ ޙުކުމުގެ ތަންފީޛަށް ހުށަހެޅި ފަހުގެ ދަޢުވާގައި ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙް ([2021] SC 50) ގެ ޕެނަލްޓީ ކްލޯޒްގެ އުޞޫލު ތަޠުބީޤުކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުއިރީ ބުނީ ޖޫރިމަނާއަކީ ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙްގައި ކަނޑައެޅި ޕެނަލްޓީ ކްލޯޒްގެ އުޞޫލާ ޚިލާފު ކަމަށާއި، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ޝަރީޢަތެއް ނުކޮށް ނިންމި ޙުކުމެއް ނިހާއީ ނުވާނެ ކަމަށެވެ. ލިއޯ ޓްރޭޑިންގ ބުނީ އެ ޙުކުމް އިސްތިއުނާފު ނުކުރާތީ ޖޫރިމަނާއާ ބެހޭ ބަހުސް އިތުރަށް ނުކުރެވޭނެ ކަމަށާއި، ޙަސަން އަލިމަނިކު ޤަޟިއްޔާއިން މިފަދަ ފީ ބާޠިލުވީ ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޖޫރިމަނާ ނެގުމުގެ ޙައްޤު ދެފަރާތުގެ އެއްބަސްވުމާއެކު C/2016-Cv/383 ގައި ކަނޑައެޅި، އެ ޙުކުމް އިސްތިއުނާފު ނުކުރާތީ ރެސްޖުޑިކާޓާ ތަޠުބީޤުވާނެއެވެ. އެ ޙުކުމް ތަންފީޛުކުރުމަށް ހިންގާ ވަކި ޤަޟިއްޔާއެއްގެ ތެރެއިން އެ ނިންމުމަށް ބަދަލު ނުގެނެވޭތީ، ޙަސަން އަލިމަނިކު ޤަޟިއްޔާގެ އުޞޫލު ތަޠުބީޤުކޮށް ބަދަލު ނުގެނެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަދަނީ – ސެޓްލްމަންޓް އެއްބަސްވުމުގެ ޖޫރިމަނާ / ރެސްޖުޑިކާޓާ

HN1 ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި މައްސަލަ ނިންމަނީ ޝަރީޢަތެއް ނުކޮށް ގޮތް ކަނޑައެޅުމަށް ދެފަރާތް އެއްބަސްވާ ޙާލަތުގައެވެ. އެކަމަށް އެއްބަސްނުވެވިއްޖެނަމަ ޙަޤީޤަތްތަކާއި ޤާނޫނީ ނުކުތާތަކަށް ބަހުސްކުރުމުގެ ފުރުޞަތު ދީ ޝަރީޢަތް ހިންގޭނެއެވެ. ޝަރީޢަތެއް ނުހިންގާ އެ މަރުޙަލާގައި ނިންމި ޤަޟިއްޔާއެއް ކަމުގައި ވުމަކީ، އަދި ޤާނޫނީ ނުކުތާއަކަށް ބަހުސް ނުކުރެވުމަކީ، ދެފަރާތް އެއްބަސްވެގެން ކޯޓުން ކަނޑައެޅި ކަމެއް ނަފީވާ ކަމެއް ނޫނެވެ.

HN2 އާންމު އުޞޫލަކީ، މައްސަލައެއްގައި ނިންމާ ނިންމުމެއް އިސްތިއުނާފު ނުކުރާނަމަ، ޙުކުމް ތަންފީޛުކުރުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން ކޯޓުން އިތުރަށް ކަމެއް ނިންމަންޖެހޭ ނިންމުމެއް ނޫން ކަމެވެ. އެ ނިންމުމުގެ މައްޗަށް ރެސްޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރެވޭނެއެވެ.

HN3 ވަކި މުއްދަތެއްގައި ފައިސާ ދެއްކުމަށް އަންގައި، އެ އެންގުމާ ޚިލާފުވެއްޖެނަމަ ނިކުންނާނެ ނަތީޖާ (ސެޓްލްމަންޓް އެއްބަސްވުމުގެ ޖޫރިމަނާ ލިބުމުގެ ޙައްޤު) ކަނޑައަޅައި ނިންމި ނިންމުމެއް ތަންފީޛުކުރުމަށް ހުށަހަޅާ ފަހުގެ މައްސަލައެއްގެ ތެރެއިން، އެ ނިންމުމަކީ ސުވާލު އުފެދިގެން ކޯޓަށް ހުށަހެޅިފައިނުވާ ނިންމުމެއްކަމުގައި ހުރެ، ކުރިން ގޮތް ކަނޑައެޅުނު ނުކުތާއަށް ބަދަލު ގެނައުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫނެވެ.

HN4 ނިންމުމެއް ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް، ނުވަތަ އިޖުރާއަތުގައި ޢައިބެއް ހުރި ކަމަށް ޤަބޫލުކުރެވޭނަމަ، ޚަޞްމުންނަށް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އެގޮތަށް ޢަމަލުނުކޮށް، އެ ޚަޞްމުންގެ މެދުގައި ހަމަ އެ މަރުޙަލާގައި ހިންގާ އެހެން ޤަޟިއްޔާއެއްގެ ތެރެއިން ކުރިން ކަނޑައަޅާފައިވާ ގޮތް ބަދަލުކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫނެވެ.

HN5 އެހެންކަމުން، ސެޓްލްމަންޓް އެއްބަސްވުމުގައިވާ ޖޫރިމަނާ ނެގުމުގެ ޙައްޤު ކުރިން ނިންމި، އިސްތިއުނާފުނުކުރާ ޙުކުމަކުން ނިހާއީވެފައިވާއިރު، ފަހުން އެ ޖޫރިމަނާ ނަގައިދިނުމަށް ހުށަހަޅާ މައްސަލައެއްގައި ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙް ([2021] SC 50) ގައި ޕެނަލްޓީ ކްލޯޒްއާއި ގެއްލުމުގެ ބަދަލާމެދު ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކޮށް އެ ނިންމުމަށް ބަދަލު ނުގެނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 4 އޮކްޓޫބަރު 2021 · ރަޖިސްޓްރީކުރީ 9 ނޮވެމްބަރު 2021 · ނިމުނީ 21 ނޮވެމްބަރު 2022 (12.4 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މުއިރީ ޕްރައިވެޓް ލިމިޓެޑް ވ. ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/32 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މުއިރީ ޕްރައިވެޓް ލިމިޓެޑް (ދަޖިސްޓްރީ ނަންބަރު C-0471/2010) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުއިރީ ޕްރައިވެޓް ލިމިޓެޑް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/SC-A/94 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-272/2002) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ލިއޯ ޓްރޭޑިންގ") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަމުންދިޔަ މަސައްކަތަކަށް ލިއޯ ޓްރޭޑިންގ ގެ ފަރާތުން ފޯރުކޮށްދީފައިވާ މުދަލާއި ދީފައިވާ ޚިދުމަތާއި ގުޅިގެން އުފެދިފައިވާ ހުސޫމާތެކެވެ.

މިގޮތުން، މި ހުސޫމާތާއި ގުޅިގެން ސިވިލް ކޯޓުގައި ތިން ޤަޟިއްޔާއެއް ހިންގާފައިވާތީ، އެ ޤަޟިއްޔާތަކުގެ ތަފްސީލްތަކަށް ބަލާލާނަމެވެ.

ސިވިލް ކޯޓުގެ ނަންބަރު 2133/Cv-C/2014 ޤަޟިއްޔާމިއީ، ލިއޯ ޓްރޭޑިންގގެ ފަރާތުން މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ މުދަލާއި ދީފައިވާ ޚިދުމަތާއި ގުޅިގެން 5,161,228/14ރ. (ފަސްމިލިއަން އެއްލައްކަ ފަސްދޮޅަސް އެއްހާސް ދުއިސައްތަ އަށާވީސް ރުފިޔާ ސާދަލާރި) އާއި US$288,088/51 (ދެލައްކަ އަށްޑިހައަށްހާސް އަށްޑިހައަށެއް އެމެރިކާ ޑޮލަރު ފަންސާސްއެކެއް ސެންޓް) ދައްކަންޖެހި ނުދައްކާވާ ކަމުގައި ބުނެ، އެ ފައިސާ ހޯދުމަށް އެދި ލިއޯ ޓްރޭޑިންގގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި ހިމެނޭ ފައިސާ ދެއްކުމަށް ލިއޯ ޓްރޭޑިންގ އާއި މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވާ ވަކިގޮތެއް ކަނޑައަޅައި، ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ، ލިއޯ ޓްރޭޑިންގގެ އެދުމުގެ މަތިން އެ ޤަޟިއްޔާ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާމުއިރީ ޕްރައިވެޓް ލިމިޓެޑުން ފަހުން ފައިސާ ދައްކާގޮތަށް ލިއޯ ޓްރޭޑިންގގެ ފަރާތުން މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ މުދަލާއި ދީފައިވާ ޚިދުމަތަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ ޢަދަދާއި ތަފްސީލަށް ދެފަރާތުން އެއްބަސްވެ، އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް ދެފަރާތުގެ މެދުގައިވެފައިވާ ސެޓްލްމަންޓް އެއްބަސްވުމާއި އެއްގޮތަށް މުއިރީ ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައި ނުވާތީ، އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް އަމުރުކޮށް ދިނުން އެދި ލިއޯ ޓްރޭޑިންގގެ ފަރާތުން މުއިރީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. އެ ދަޢުވާ ބަލައި، އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފަހުން ފައިސާ ދައްކާގޮތަށް އެ ކުންފުންޏަށް ލިއޯ ޓްރޭޑިންގގެ ފަރާތުން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ US$162,782/01 (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ދެ ޔޫ.އެސް ޑޮލަރު އެކެއް ސެންޓު) ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް، ލިއޯ ޓްރޭޑިންގ އަށް ލިބިދިނުމަށްޓަކައި 28 އެޕްރީލް 2016 ވަނަ ދުވަހުގެ ކުރިން US$80,000/- (އަށްޑިހަ ހާސް ޔޫ.އެސް ޑޮލަރު) އަދި ބާކީ ފައިސާ 28 ޖޫން 2016 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދައްކާ ޚަލާޞް ކުރަން މުއިރީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އިސްވެ ބުނެވުނު ގޮތަށް އެ ފައިސާ މުއިރީ ޕްރައިވެޓް ލިމިޓެޑަށް ނުދެއްކިއްޖެނަމަ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ނަގައިދިނުމަށް އެއްބަސްވެފައިވާ ޖޫރިމަނާ ލިއޯ ޓްރޭޑިންގ އަށް ހޯދުމުގެ ޙައްޤު ލިބިގެންވާ ކަމަށް ޙުކުމްކޮށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާމިއީ، ލިއޯ ޓްރޭޑިންގ އިން މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ މުދަލަށާއި ޚިދުމަތުގެ އަގަށްވާ ފައިސާގެ ތެރެއިން ނުދައްކާ އޮތް US$162,782.01 (އެއްލައްކަ ފަސްދޮޅަސްދެހާސް ހަތްސަތޭކަ އަށްޑިހަ ދެޑޮލަރު އެއްސެންޓް) ދެއްކުމަށް ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާއިން އަމުރު ކޮށްފައިވާއިރު، އެ އަމުރާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާނަމަ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ފައިސާއަށް އެދި ދަޢުވާ ކުރުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ އަށް ލިބިފައިވާތީ، އެ އެއްބަސްވުމާ އެއްގޮތަށް ނުދެއްކި އޮތް ފައިސާގެ މިންވަރުން ނުދެއްކި ލަސްވާ ދުވަސްތަކަށް މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިއޯ ޓްރޭޑިންގ އަށް ދޭންޖެހޭ ޖޫރިމަނާ ދެއްކުމަށް އަމުރު ކޮށްދިނުން އެދި ލިއޯ ޓްރޭޑިންގ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް، ސެޕްޓެންބަރު، އޮކްޓޫބަރު އަދި ނޮވެންބަރު މިއިން ކޮންމެ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ލިއޯ ޓްރޭޑިންގ އަށް އަދާކުރަންޖެހޭ ފައިސާ މުއިރީ ޕްރައިވެޓް ލިމިޓެޑުން އަދާކޮށްފައި ނުވާތީ، އެކު ޖުމްލަ US$1,027,996/50 (އެއްމިލިއަން ހަތާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަޔެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) އަކީ ޖޫރިމަނާގެ ގޮތުގައި މުއިރީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާ ކަމަށާއި، އެ ފައިސާ 13 ޖޫން 2017 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞް ކުރުމަށް މުއިރީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގާ އަމުރުކޮށެވެ.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގެ ނިންމުން މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/32 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު2420/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ފަދައިން މި މައްސަލައަކީ މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ އަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގައި ދެ ފަރާތުން އެކަމާމެދު ވާހަކަ ދެއްކުމަށްފަހު ހިމަނާފައިވާ މާއްދާއަކާ ގުޅިގެން ނަގާދެވޭ ފައިސާ ކަމުގައި ވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 މައްސަލަ ތަޠުބީޤު ނުކުރެވޭނެކަން.

ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވެގެން ނިމުނު މި ބަދަލު ދިނުމުގެ އުސޫލު ވަނީ ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގެ ބައެއްގެ ގޮތުގައި ހިމަނާފައި ކަމާއި، ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކޮށްފައި ނުވާތީ، ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ބަލައިގެންފައިވާ މި ކަމުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމަށް މި ހިނދުގައި ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ބޭނުން ނުކުރެވޭނެކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައްދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/32 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢަދަދު ނަގައިދިނުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ކަނޑައެޅިގެން ޚިލާފު އުސޫލެއް ކަމުގައިވާއިރު، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ތަޠުބީޤު ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މި މައުޟޫޢުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށާއި ވަށައިގެންވާ ކަންކަމަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށްވުމުން، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

މި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ލިއޯ ޓްރޭޑިންގ ގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޖޫރިމަނާ ނުވަތަ ލިކުއިޑޭޓެޑް ޑެމޭޖަސް ނަގައިދިނުމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް ވުޖޫދުވުމާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓުތަކުން ނަގައިދީފައިވާ މި ބާވަތުގެ ފައިން / ޗާޖަސްތައް ބާތިލްވީ ކަމަށް އެ ޙުކުމުގައި ކަނޑައަޅާފައި ނުވާ ކަމަށާއި، މިހެން ކަމުން ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުމަކީ އެ ޤަޟިއްޔާގެ ބާރު ކެނޑޭނެ ކަމެއް ނޫންކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލުސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބެލުމުން، މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ސުވާލަށް ކަމުގައި އަހުރެން ދެކެމެވެ. އެއީ:

ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު ދިނުމުގެ އުސޫލު އޮތީ ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާކަން ނުވަތަ ނޫންކަން، އަދި ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކޮށްފައި ނުވާތީ، ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު މިހާރު ސުވާލު އުފެއްދިދާނެކަން ނުވަތަ ނޫންކަން؛ އަދި

މި މައްސަލައިގެ މައްޗަށް ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤު ކުރެވޭނެކަން ނުވަތަ ނޫންކަމެވެ.

ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ބަދަލު ދިނުމުގެ އުސޫލު ނިންމުމެއްގައި ނިހާއީ ވެފައިވޭތަ؟ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު ދިނުމުގެ އުސޫލު އޮތީ ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގެ ނިންމުމުގައި ނިހާއީވެފައި ކަމާމެދު މުއިރީ ޕްރައިވެޓް ލިމިޓެޑާއި ލިއޯ ޓްރޭޑިންގ އާމެދު ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ.

މުއިރީ ޕްރައިވެޓް ލިމިޓެޑުން ބަޔާން ކުރާ ގޮތުން ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ބަދަލު ދިނުމުގެ އުސޫލު ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގެ ނިންމުމުން ނިހާއީ ވެފައިވާ ކަމުގައި ބެލެވިގެން ނުވާނެއެވެ. މުއިރީ ޕްރައިވެޓް ލިމިޓެޑުން މިފަދައިން ބަޔާން ކުރަނީ އެ ޤަޟިއްޔާއަކީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ނިންމާފައިވާ މައްސަލައެއް ކަމުގައި ވާތީ، އެ މައްސަލައިގެ ތެރެއިން އެއްވެސް ޤާނޫނީ މައުލޫއަކަށް ބަހުސު ކުރެވިފައި ނުވާތީ އާއި، ޝަރީޢަތެއް ނުވަތަ ޓްރަޔަލް އެއް ހިންގުމަކާ ނުލާ ނިންމާފައިވާ އެ ޤަޟިއްޔާ ނިންމުމުގައި، އެ މައްސަލައިގައި ހިމެނޭ ޤާނޫނީ އަދި ޝަރުއީ ނުކުތާތަކަށް ރިއާޔަތް ކޮށްފައިވާކަން ބެލުމުގެ ފުރުސަތު ނެތުމުންނެވެ.

ލިއޯ ޓްރޭޑިންގ އިން ބުނާ ގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާއިން ނަގާދިނުމަށް ކަނޑައެޅި އަދަދު ބިނާވަނީ އެ ކުންފުންޏަށާއި މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފައިދާ ވާގޮތަށް އެއްބަސްވި ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ހަމަތަކުގެ މައްޗަށް ކަމުގައިވެފައި، ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގައި ސެޓްލްމަންޓް އެއްބަސްވުމުގައިވާ ފަދައިން ޖޫރިމަނާ ނަގާދިނުމަށް ކަނޑައަޅާފައިވަނީ ދައްކަންޖެހި ނުދައްކާވާ އަދަދު ލިއޯ ޓްރޭޑިންގ އަށް ދެއްކުމަށްޓަކައި މުއިރީ ޕްރައިވެޓް ލިމިޓެޑަށް (ދެފަރާތުން އެއްބަސްވި ގޮތަށް) އިތުރު ވަގުތުދީ، އެ މުއްދަތުގައި ފައިސާ ނުދެއްކިއްޖެ ހާލަތުގައިކަން އެނގެން އޮތުމުން، އަދި ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގެ ނިންމުމަކީ އިސްތިއުނާފު ކޮށްފައިވާ ނިންމުމެއް ކަމުގައި ނުވާތީ، ޖޫރިމަނާ ފައިސާ ނަގާ ދިނުމާއި ނަގާ ނުދިނުމުގެ ބަހުސަކީ އިތުރަށް ކުރެވިގެންވާނެ ބަހުސެއް ނޫނެވެ.

މުއިރީ ޕްރައިވެޓް ލިމިޓެޑާއި ލިއޯ ޓްރޭޑިންގ އާމެދު އުފެދިފައިވާ މި ހުސޫމާތާ ގުޅިގެން ސިވިލް ކޯޓުގައި ހިންގުނު ފުރަތަމަ ދެ ޤަޟިއްޔާއަށް ބެލުމުން، އެ ދެ ކުންފުނީގެ މެދުގައި ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2133/Cv-C/2014 ޤަޟިއްޔާ ހިނގަމުން ދަނިކޮށްކަން، އެ ޤަޟިއްޔާގެ ނިންމުމަށާއި ސެޓްލްމަންޓް އެއްބަސްވުމުގެ ތާރީޚަށް ބެލުމުން އެނގެއެވެ. އަދި ލިއޯ ޓްރޭޑިންގ ގެ އެދުމުގެ މަތިން އެ ޤަޟިއްޔާ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެ ސެޓްލްމަންޓް އެއްބަސްވުމުގައިވާ ފަދައިން އަމަލުކުރުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ބައިވެރިންނަށް ދިނުމުގެ ގޮތުން ކަން ދޭހަވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާ އަކީ ސެޓްލްމަންޓް އެއްބަސްވުމާއި އެއްގޮތަށް މުއިރީ ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައި ނުވުމުން ހިންގާފައިވާ މައްސަލައެއްކަން އެނގެން އޮތް ހިނދު، އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ ޖޫރިމަނާގެ ފައިސާ ނުހިމެނޭ ފަދައިން، މުއިރީ ޕްރައިވެޓް ލިމިޓެޑަށް ލިއޯ ޓްރޭޑިންގ ގެ ފަރާތުން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ ފައިސާ 28 ޖޫން 2016 ގެ ކުރިން ދެއްކުމަށް ކަމާއި، އެއްބަސްވުމާއި އެއްގޮތަށް ޖޫރިމަނާގެ ފައިސާ ހޯދުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ އަށް އެ ޤަޟިއްޔާއިން ލިބިދީފައިވަނީ މުދަލާއި ޚިދުމަތުގެ އަގުގެ ގޮތުގައި ނުދައްކާހުރި ފައިސާ، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ މުއިރީ ޕްރައިވެޓް ލިމިޓެޑުން ނުދައްކައިފި ހާލަތުގައި ކަން އެނގެން އޮވެއެވެ. އަދި މިފަދައިން މައްސަލަ ނިންމުމަށް ލިއޯ ޓްރޭޑިންގ ގެ ފަރާތުން އެއްބަސްވެފައިވަނީ، ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ފައިސާ ނުދެއްކިއްޖެނަމަ، ސެޓްލްމަންޓް އެއްބަސްވުމުގައިވާ ފަދައިން، ފައިސާ ދައްކާފައި ނުވާތީ ނެގުމަށް އެއްބަސްވެފައިވާ ޖޫރިމަނާ ފައިސާ ހޯދުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމުގައި މުއިރީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ ގުޅިގެންކަން އެނގެއެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތުގައި ލިއޯ ޓްރޭޑިންގ ގެ ކިބައިން މުއިރީ ޕްރައިވެޓް ލިމިޓެޑް ހޯދާފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ ފައިސާ ނުދައްކައިފިނަމަ، ލިއޯ ޓްރޭޑިންގ އާއި މުއިރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ނުވަތަ އެހެން ގޮތަކަށް ބުނާނަމަ، ދެ ފަރާތުން ސެޓްލްމަންޓް އެއްބަސްވުމުގައި އެއްބަސްވެފައިވާ އުސޫލުތަކާ އެއްގޮތަށް ޖޫރިމަނާ ފައިސާ ލިބުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ އަށް ލިބިގެންވާ ކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމުގައި ދެކެމެވެ.

މުއިރީ ޕްރައިވެޓް ލިމިޓެޑުން ބުނާ ފަދައިން އެ ޤަޟިއްޔާއަކީ ޝަރީޢަތެއް ހިންގުމަކާ ނުލާ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމުގައި ވުމަކީ، އަދި އެ މައްސަލައިގެ ތެރެއިން އެއްވެސް ޤާނޫނީ މައުލޫއަކަށް ބަހުސް ކުރެވިފައި ނުވުމަކީ އެކަން އެފަދައިން އޮތްކަން ނަފީވާ ކަމެއް ނޫނެވެ. މުއިރީ ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކޮށްފައިވާ މި ނުކުތާއަށް ބަލާއިރު، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި މައްސަލަ ނިންމަނީ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ޝަރީޢަތެއް ކުރުމަކާ ނުލައި މައްސަލައަށް ގޮތް ކަނޑައެޅުމަށް އެއްބަސްވާ ހާލަތުގައި ކަމުގައިވެފައި، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި އެ މައްސަލަ ނިންމާނެ ގޮތަކާމެދު ދެ ފަރާތުން އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އުފެދިފައިވާ ހުސޫމާތާ ގުޅޭ ޙަޤީޤަތްތަކާއި ޤާނޫނީ ނުކުތާތަކުގެ މައްޗަށް ބަހުސްކުރުމުގެ ފުރުސަތު ލިބިދީ ޝަރީޢަތް ހިންގޭކަން ފާހަގަ ކުރަމެވެ. އަދި މި މައްސަލައިގައިވެސް އަމަލު ކޮށްފައި ވަނީ ބުނެވުނު ފަދައިންކަން ފާހަގަކުރަމެވެ.

ދެން އޮތް ސުވާލަކީ، ސިވިލް ކޯޓުގެ އެ (ނަންބަރު383/Cv-C/2016 ޤަޟިއްޔާ) ނިންމުން އިސްތިއުނާފު ކޮށްފައި ނުވާތީ، ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު މިހާރު ސުވާލު އުފެއްދިދާނެ ކަމުގެ މައްޗަށް އުފެދޭ ސުވާލެވެ.

ލިއޯ ޓްރޭޑިންގ ނުވަތަ މުއިރީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު383/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައި ނުވެއެވެ. ކަން މިހެން އޮތް ހިނދު، އެ މައްސަލަ ހިނގިއިރު ދެ ފަރާތުން އެއްބަސްވެ، އެ މައްސަލައިގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ މުއްދަތުތަކުގައި މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ އާއި، އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ ހޯދުމަށް ލިއޯ ޓްރޭޑިންގ ގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާ ހިންގުނެވެ. އަދި އެ މައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާއިން ފައިސާ ދެއްކުމަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާނަމަ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ފައިސާއަށް އެދި ދަޢުވާ ކުރުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ އަށް ލިބިފައިވާތީ، އެ އެއްބަސްވުމާ އެއްގޮތަށް ނުދެއްކި އޮތް ފައިސާގެ މިންވަރުން ނުދެއްކި ލަސްވެފައިވާ ދުވަސްތަކަށް މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިއޯ ޓްރޭޑިންގ އަށް ދޭންޖެހޭ ޖޫރިމަނާ ނަގާދީފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގައި، ލިއޯ ޓްރޭޑިންގ އިން ހޯދުމަށް އެދިފައިވާ ފައިސާއަކީ މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދެއްކިނަމަ އެއްވެސް ޖޫރިމަނާއަކާ ނުލާ އަދާކުރުމުގެ ފުރުޞަތު ލިބޭ ގޮތަށް އޮތް ފައިސާއެއް ކަމުގައި، އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނެގުމާމެދު ފާޅުކަން ބޮޑު ގޮތެއްގައި މުއިރީ ޕްރައވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާގައި އެއްބަސްވެ، އެ މައްޗަށް ދެ ފަރާތުން ރުހުން ދީފައި އޮތް އެއްޗެއްކަން އެނގެން އޮންނާތީ، މި ނުކުތާއާ މެދު އިތުރަށް ބަހުސް ކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅާފައިވެއެވެ.

ދެ ފަރާތުގެ މެދުގައި އުފެދުނު ހުސޫމާތާ ގުޅިގެން ނަގާދިނުމަށް އެދިފައިވާ ޖޫރިމަނާއާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ކަނޑައަޅާފައިވަނީ ހަމަ މިފަދައިންނެވެ. އެއީ، ޖޫރިމަނާ ނަގާދިނުމުގެ ޙައްޤާއި ނަގާދެވޭނެ ގޮތާމެދު އެއްބަސްވުމުން އެ ކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާއިން ކަމުގައިވެފައި، އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައި ނުވުމެވެ.

އާންމު އުސޫލަށް ބަލާއިރު، މައްސަލައަކާ ގުޅިގެން ނިންމާ ނިންމުމެއް އިސްތިއުނާފު ކޮށްފައި ނުވާނަމަ، އެ ނިންމުމަކީ ޙުކުމް ތަންފީޛު ކުރުމުގެ އިތުރުން، އެ މައްސަލައާ ގުޅިގެން ކޯޓުން އިތުރަށް ކަމެއް ނިންމަން ޖެހޭ ނިންމުމެއް ނޫނެވެ. އެހެން ގޮތަކުން ބުނާނަމަ އެ ނިންމުމުގެ މައްޗަށް ރެސްޖުޑިކާޓާގެ މަބްދަޢު ތަޠުބީޤު ކުރެވޭނެއެވެ.

މި ކޯޓުގެ ކުރިމަތީގައި މި އޮތް ޙާލަތަށް ބަލާއިރު، މިއީ، ވަކި ގޮތަކަށް އަމަލު ކުރުމަށް (ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް) އަންގާފައިވާ އެންގުމެއް، އަދި އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެއިގެ ނަތީޖާ (ސެޓްލްމަންޓް އެއްބަސްވުމުގައި ދެ ފަރާތުން އެއްބަސްވެފައިވާ ފަދައިން ޖޫރިމަނާ ފައިސާ ލިބުމުގެ ޙައްޤު އޮތްކަން) ކަނޑައަޅައި ނިންމާފައިވާ ނިންމުމަކާއި އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން، އެ ނިންމުން ތަންފީޛު ކުރުމުގެ ތެރެއިން، (ކުރިން ކަނޑައަޅާފައިވާ ފަދައިން) އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ނަތީޖާއަށް އުނިއިތުރު ނުވަތަ ބަދަލު ގެނައުމަށް އެދިފައިވާ ޙާލަތެކެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ މައްސަލައަކީ އަދި އެ މައްސަލައާމެދު ހައިކޯޓުން ނިންމި ނިންމުމަކީ، ކަންކުރަން އެންގިގޮތަށް އަމަލު ނުކޮށްފިނަމަ ނިކުންނާނެ ނަތީޖާ ކަނޑައެޅުނު މައްސަލަ ކަމުގައި ނުވެފައި، މި މައްސަލައަކީ އެ މައްސަލަ އިސްތިއުނާފު ކުރެވުނު ނުވަތަ އެ މައްސަލަ އަލުން ބަލަން ހުށަހެޅިފައިވާ ހާލަތެއް ނޫންކަމުން، އަދި މިއީ އެ ފަރާތްތަކުގެ މެދުގައި ހިނގާ ތަފާތު މައްސަލައެއް ކަމުގައިވެ އޮވެމެ، މި މައްސަލައިގެ ތެރެއިން ކުރިން ގޮތް ކަނޑައެޅުނު ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މި މައްސަލައިގެ ތެރެއިން، މި މައްސަލައާ ގުޅޭ، އެހެންނަމަވެސް، އެ ނިންމުމަކާމެދު ސުވާލު އުފެދިގެން އެކަން ކޯޓަށް ހުށަހަޅާފައި ނުވާ މައްސަލައަކުން ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް ބަލަދު ގެނައުމަކީ ޤާނޫނީގޮތުން ކުރެވިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.

ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤު ކުރެވޭނެތަ؟ދެވަނައަށް މި ކޯޓުން ޖަވާބު ދޭންޖެހޭ ސުވާލެއްގެ ގޮތުގައި އޮތީ، އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނިންމުމުގައި، ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޕެނަލްޓީ ކްލޯޒްއާމެދު ޢަމަލު ކުރާނެ ގޮތުގެ އުސޫލާއި ގެއްލުމުގެ ބަދަލު ނަގާދިނުމުގެ އުސޫލު މި މައްސަލައަށް ތަޠުބީޤު ނުކުރުމަށް ނިންމާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ސުވާލެވެ.

މި ނުކުތާގައި ހައިކޯޓުން ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައިން ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށް ނިންމާފައިވަނީ، "...މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމެނޭ ޕެނަލްޓީ / ޑެމޭޖަސް ގެ މާއްދާގެ ދަށުން ބަދަލު ނެގުމާމެދު ގޮތެއް ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާގަ..." ކަމުގައިވާތީ، "... އެ ޙުކުމް އިސްތިއުނާފު ކުރުމެއް ނެތި، އެ ޙުކުމުގައި ކަނޑައެޅިފައިވާ އުސޫލެއް މި މައްސަލައިގެ ތެރެއިން ބަދަލު ކުރެވިދާނެ ޤާނޫނީ އުސޫލެއް ނެ]ތުމުންނެވެ [".

މުއިރީ ޕްރައިވެޓް ލިމިޓެޑުން މި މައްސަލައަށް ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 މައްސަލަ ތަޠުބީޤު ކުރެވެން ޖެހޭނެކަމުގައި ބުނެ ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު، އެ ކުންފުނިން ފާހަގަ ކޮށްފައި ވަނީ އަންނަނިވި ކަންކަމެވެ.

ބަދަލު ލިބިގަތުމަށް ބަރޯސާވަނީ އެއްބަސްވުމެއް ގައި ބަޔާން ކޮށްފައިވާ މާއްދާއަކަށް ނަމަވެސް، އެ ފަދަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނަމަ، އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައި ނުދެވޭނެކަން؛

ކޮންމެ މައްސަލައަކާ މެދުވެސް ގޮތް ކަނޑައެޅުމުގެ ކުރިން މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދެނެގަންނަން ޖެހޭކަން، އަދި މިގޮތުން، މައްސަލައިގެ މައުޟޫޢާގުޅޭ ހަޤީޤަތްތަކާއި ރިޢާޔަތް ކުރަންޖެހޭ ޤާނޫނީ ނުކުތާތަކަށް ބަލަންޖެހޭ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޝަރީޢަތެއް ކުރުމަކާ ނުލާކަމުން، ސެޓްލްމަންޓް އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ގުޅިގެން ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމުން، އެ މައްސަލައިގެ ހަޤީޤަތްތަކަށް ބަލާފައި ނުވާކަން؛ އަދި

އިސްތިއުނާފީ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގެ ކުރިން، ދަށު ކޯޓުން ކަން ހިނގާފައިވާގޮތް ކަށަވަރު ކޮށްދީފައި ވަނީ ފުރިހަމައަށް ކަން ބަލަންޖެހޭ ކަމާއި، އެހެން ކަން ނުކޮށްފިނަމަ، މައްސަލައިގެ ޙަޤީޤަތްތަކުން ބަޔަކަށް ރިޢާޔަތް ނުކުރުމުގެ ފުރުސަތު ނުވަތަ އެ ކަމަކަށް ދޭންޖެހޭ ބުރަދަން ނުދެވުމުގެ ފުރުސަތު އޮތުމުން، އަދި އެއިގެ ސަބަބުން އިންސާފު ޤާއިމު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެ ހިނގައިދާނެ ހިނދު، އިސްތިއުނާފު ކުރެވޭ މައްސަލަ ހައިކޯޓުން ނިންމިއިރު، ދަށުކޯޓުގައި ކަން ހިނގާފައިވާގޮތް ކަށަވަރު ކޮށްފައި ނުވާކަން.

މި އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި، ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ކުރުމާ ހަމައަށް، މުއިރީ ޕްރައިވެޓް ލިމިޓެޑާއި ލިއޯ ޓްރޭޑިންގ އާމެދު ވާހަކަ ދެކެވި، ފައިސާ ދެއްކުމަށް ދެ ފަހަރެއްގެ މަތިން ވަގުތު ދެވިފައިވާ ކަމަށާއި، ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ލިއޯ ޓްރޭޑިންގ ބުނެފައިވެއެވެ. އަދި މިގޮތުން މުއިރީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ހުރިހާ ހުށަހެޅުމެއް ލިއޯ ޓްރޭޑިންގ ގެ ފަރާތުން ޤަބޫލު ކޮށްފައިވާ ކަމަށާއި، ސެޓްލްމަންޓް އެއްބަސްވުން އެކުލަވާލާފައި ވަނީވެސް އަދި އެ އެއްބަސްވުމަށް އަމަލު ކޮށްފައި ނުވަނީވެސް މުއިރީ ޕްރައިވެޓް ލިމިޓެޑުން ކަމެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 މައްސަލަ ތަޠުބީޤު ކުރަންޖެހޭ ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، މި ރައުޔުގެ 19 ވަނަ ޕެރެގްރާފްގައި ފާހަގަ ކޮށްފައިވާ ފަދައިން، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއިން ސިވިލް ކޯޓުގެ ނަންބަރު 383/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ މުއިރީ ޕްރައިވެޓް ލިމިޓެޑާއި ލިއޯ ޓްރޭޑިންގ ގެ ފަރާތުން އެފަދައިން އެދިފައިވުމުގެ ސަބަބުން ކަމުގައިވެފައި، އެ މައްސަލައިގެ ނިންމުން ބިނާ ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރިނަމަ ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި އައިބެއް ހުރިކަމަށް ޤަބޫލު ކުރެވޭނަމަ، އެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައިގެ ހަސްމުންނަށް ލިބި އޮވެމެ، އެފަދައިން އަމަލު ކުރުމަކާއި ނުލައި، އެ ނިންމުމާ ގުޅިގެން އެ ޚަސްމުންގެ މެދުގައި ހަމަ އެ މަރުޙަލާގައި ހިންގާ އެހެން ޤަޟިއްޔާއެއްގެ ތެރެއިން، ކުރިން ކަނޑައަޅާފައިވާ ގޮތް ބަދަލުކުރުމަކީ، މި ރައުޔުގެ 24 އަދި 25 ވަނަ ޕެރެގްރާފްގައި ބަޔާން ކޮށްފައިވާ ސަބަބުތަކުގެ އަލީގައި، ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތްއިސްވެ ބަޔާން ކޮށްފައިވާ ސަބަބުތައް އެހެން ހުރުމުން، ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢަދަދު ނަގައި ދިނުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ކަނޑައެޅިގެން ޚިލާފު އުސޫލެއް ކަމުގައިވާއިރު، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ކަނޑައެޅުމުގެ ޖާގައޮތް ކަމުގައި ނުދެކެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2420/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ތަޠުބީޤު ނުކުރެވޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މި މައުޟޫޢުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ އަޙްމަދު ޖަނާޙް [2021] SC 50 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށާއި ވަށައިގެންވާ ކަންކަމަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށް، އަދި އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް އޮތްކަމުގައިވެސް ނުދެކެމެވެ.

އެހެންކަމުން، މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލު ކުރާނެ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/32 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ