ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/09
ޝަރީޢަތް ނިމުނުގޮތް
ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
20 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/378
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޢިމާދު ޔޫސުފް، އަންނާރުމާގެ،ލ.މާމެންދޫ
ޤާނޫނީ ވަކީލު: ޢުމަރު ޒާހިރު ޢަބްދުއްޞަމަދު، ދަފްތަރު ނަންބަރު 5378، މާލެ ޤާނޫނީ ވަކީލު: މުޙައްމަދު ޝާކިރު،ހިރުނދުގަސްދޮށުގެ، ގއ.ކޮލަމާފުށި
މަދަނީ – އެއްބަސްވުމާ ޚިލާފުވުން - ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38، 45 އަދި 46 ވަނަ މާއްދާ – މައްސަލަ ތަޙްވީލުކުރުން – ޕްރިވިޓީ އޮފް ކޮންޓްރެކްޓް
ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދުކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/378 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ލ.މާމެންދޫ، އަންނާރުމާގެ، ޢިމާދު ޔޫސުފް(މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢިމާދު ޔޫސުފް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލަ ރައްދުވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-100/2005 ) )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސީ އެންޑް ސަން މޯލްޑިވްސް"( އަށެވެ.
މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ (ލ.މާމެންދޫ، ފަތިސްހަނދުވަރުގެ އާ ހަވާލުކޮށްފައިވާ ކަމަށް ބުނާ ތަކެތީގެ ޒިންމާ ޢިމާދު ޔޫސުފް އުފުލަންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
ސީ އެންޑް ސަން މޯލްޑިވްސްއާއި ޢިމާދު ޔޫސުފްއާ ދެމެދު 12 ފެބްރުވަރީ 2007 ގައި ފައިބަރގްލާސް މަސް ދޯންޏެއް ބަނުމާ ބެހޭގޮތުން އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން") ވެ، އެ އެއްބަސްވުމުގެ ދަށުން 861,100/-ރ. (އަށްލައްކަ ފަސްދޮޅަސްއެއްހާސް އެއްސަތޭކަ ރުފިޔާ) ގެ ފައިބަރ މެޓީރިއަލްސް ޢިމާދު ޔޫސުފްއާ ހަވާލުކުރެވިފައި ވަނިކޮށް، ޢިމާދު ޔޫސުފް އެ ތަކެތި ވިއްކައި، އެ މުޢާމަލާތުން ލިބިފައިވާ ފައިސާ ބޭނުންކޮށްފައިވާ ކަމުގައި ބުނެ، ސީ އެންޑް ސަން މޯލްޑިވްސްއިން ޢިމާދު ޔޫސުފްއާ ހަވާލުކުރި ފައިބަރ މެޓީރިއަލްސްގެ އަގާއި، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢިމާދު ޔޫސުފް ޢަމަލުނުކުރުމުގެ ސަބަބުން ސީއެންޑް ސަން މޯލްޑިވްސްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 700,000/-ރ. (ހަތްލައްކަ ރުފިޔާ) އާއެކު ޖުމްލަ 1,561,100/-ރ. (އެއްމިލިއަން ފަސްލައްކަ ފަސްދޮޅަސްއެއްހާސް އެއްސަތޭކަ ރުފިޔާ) ލިބިގަތުމަށް އެދި ސީއެންޑް ސަން މޯލްޑިވްސް އިން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާއިންނެވެ.
ޢިމާދު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް އެއްޗެއް ސީ އެންޑް ސަން މޯލްޑިވްސްއިން އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ބުނުމަކީ ދޮގެއް ކަމަށާއި، ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޢިމާދު ޔޫސުފްއާ އެއްވެސް އެއްޗެއް ހަވާލުކޮށްފައި ނުވާކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތަކެތި އެހެން މީހަކާ ހަވާލުކުރުމަށް ވެސް ޢިމާދު ޔޫސުފް އަންގައިފައި ނުވާނެތީ، ދަޢުވާއަށް އިންކާރުކުރާ ކަމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާގައި ނިންމާފައިވަނީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށްފަހު، މި އެއްބަސްވުމުގެ ދަށުން އިތުރަށް ހިނގާފައިވާ މުޢާމަލާތްތަކުގައި ޢިމާދުގެ ޔޫސުފްގެ ބައިވެރިވުމެއް ނެތް ކަމަށާއި، މި މުޢާމަލާތްތައް ކުރެވިފައިވަނީ ސީދާ ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާއެކު ކަމުގައިވާތީ، މި ކަމުގައި ޢިމާދު ޔޫސުފްގެ ބައިވެރިވުމެއް ނުވަތަ އިޙުމާލެއް އޮތްކަން ޝަރީޢަތަށް ސާބިތުނުވާތީ، ދަޢުވާގައި ބުނާ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ޢަމަލީ މަސައްކަތް ކުރުމަށް އެއްބަސްވެފައިވަނީ ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްގެންކަން، 22 ފެބްރުވަރީ 2009 ގައި ސީ އެންޑް ސަން މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ހަބީބު (ދަފްތަރު ނަންބަރު 5501) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުންނާއި، މި މުޢާމަލާތް ހިނގިއިރު ސީ އެންޑް ސަން މޯލްޑިވްސްގެ ޑިރެކްޓަރއެއްގެ ގޮތުގައި ހުރި އަޙްމަދު ރަޝީދު ގެ ހެކިބަހުން އެންގެން އޮންނަކަން؛
ޢިމާދު ޔޫސުފްއާއެކު މި އެއްބަސްވުން ހެދުމުގެ ކުރިން އަދި ފަހުންވެސް، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ޢަމަލީ ގޮތުން ކުރުމަށް ހަމަޖެހފައިވާ ފަރާތަކީ ޔޫސުފް ޢަލީ ކަމާއި، އަދި މިފަދައިން މި މަސައްކަތް ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވަނީ ސީދާ ޔޫސުފް ޢަލީއާއި ސީ އެން ސަން މޯލްޑިވްސްއާ ކުރެވުނު މުޢާމަލާތްތަކުންކަމާއި، ޢިމާދު ޔޫސުފްއާއެކު މި އެއްބަސްވުން ވެފައިވަނީ މަސައްކަތުގެ ޝަރުޠެއްގެ ގޮތުގައި ޢިމާދު ޔޫސުފްއަށް މި އުޅަނދުގެ މިލްކުވެރިކަމުގެ ޙިއްސާ ދިނުމަށް ޔޫސުފް ޢަލީ ހުށަހެޅުމުން، މިކަމުގެ ފަރުވާއެއްގެ ގޮތުގައިކަން އަޙްމަދު ރަޝީދުގެ ހެކިބަހުން އެނގެން އޮތުން؛ އަދި
އެއްބަސްވުމުގެ ދަށުން ހަވާލުކުރެވިފައިވާ ތަކެއްޗަށް ޔޫސުފް ޢަލީ ޚިޔާނާތްތެރި ވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު LC-2008/00819 މައްސަލައިން އެ ސަރވިސްއަށް ބުރަވެވިފައިވާތީ، މިކަމުގައި ޢިމާދު ޔޫސުފްގެ ބައިވެރިވުމެއް އޮތްކަން ޝަރީޢަތަށް ސާބިތުނުވާކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއިން ބަލާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އެއްބަސްވުމުގެ ދަށުން ފޮނުވާފައިވާ ތަކެއްޗާ ޢިމާދު ޔޫސުފްގެ ފަރާތުން ޢިމާދު ޔޫސުފްގެ ބައްޕަ ހަވާލުވެފައިވާތީ، އެ ތަކެއްޗަށާއި، އަދި ޢިމާދު ޔޫސުފް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީ އެންޑް ސަން މޯލްޑިވްސްއަށް ގެއްލުން ވެފައިވާނަމަ އެ ގެއްލުމުގެ ބަދަލަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭނެ ކަމަށާއި ދޯނި ބަނުމަށް ފޮނުވުނު ތަކެތީގެ ތެރެއިން ސީ އެންޑް ސަން މޯލްޑިވްސް ނުވަތަ އެ ކުންފުނީގެ ފަރާތުން އިސްމާޢީލް ހަބީބު އަނބުރާ ހަވާލުވެފައިވާ ތަކެތީގެ ތަފްސީލު އެނގެން ނެތުމުން، ސީ އެންޑް ސަން މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް ބަޔާންކޮށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަ ބަލައި ފައިސަލާކުރުވަނިވި ޙުކުމެއް ކުރަންޖެހޭނެކަމަށް ކަނޑައަޅައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދޯނި ބަނުމަށް ބޭނުންވާ ތަކެތި ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްފައިވަނީ ޢިމާދު ޔޫސުފްގެ އެދުމުގެ މަތިންކަން ސިވިލް ކޯޓުގައި ހެކިބަސް ދީފައިވާ ދެ ހެކިންގެ ބަހުން އެނގޭތީއާއި ޢިމާދު ޔޫސުފްގެ ބައްޕަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެ ތަކެތި އޭނާއަށް ލިބިފައިވާކަމަށާއި އެކަން ޢިމާދު ޔޫސުފްއަށް އަންގާފައިވާ ކަމަށް ބުނެފައިވާކަން؛
އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން ދޯނި ބަނުމަށް ބޭނުންވާ ތަކެތި ޢިމާދު ޔޫސުފް ބުނެގެން ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުކުރުމަކީ ލިޔުމުން ސާބިތުވާން އޮތްކަމެއް އެ ލިޔުމުން ސާބިތުވާން އޮތް ގޮތާ ޚިލާފަށް ޝަފަހީ ހެކިބަހުން ސާބިތުކުރި ކުރުމެއް ކަމުގައި ނުބެލެވޭކަން؛
އެއްބަސްވުމެއްގެ ދަށުން ވަކި ފަރާތަކާއި ހަވާލުކުރަންޖެހޭ އެއްޗެއް އުސޫލެއްގެ ގޮތުން ސީދާ އެ ފަރާތަކާ ނުވަތަ އެ ފަރާތުން ކަނޑައަޅައި ފަރާތަކާ ހަވާލުކުރެވިދާނެކަމަށާއި، އެ ފަރާތުން ކަނޑައަޅާ ފަރާތާ ހަވާލުކުރެވޭ ޙާލަތަގައިވެސް އެއީ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތާއި ހަވާލުކުރެވުނީ ކަމުގައި ބަލަންޖެހޭކަން؛ އަދި
އެއްބަސްވުމުގެ ދަށުން ފޮނުވުނު ބައެއް ތަކެތި ޔޫސުފް ޢަލީ ބޭނުންކޮށްފައިވާކަން ޔޫސުފް ޢަލީ އެއްބަސްވެފައިވާކަން އެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެނގޭކަމާއި އަދި ޢިމާދު ޔޫސުފް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި މިކަމަކީ އެއްވެސް ގޮތަކުން އޭނާގެ ބައްޕަ ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށް ބަޔާންކޮށްފައި އޮތުމުން، އެއްބަސްވުމުގެ ދަށުން ޔޫސުފް ޢަލީއާ ހަވާލުކުރެވުނު ތަކެއްޗަށާއި ޢިމާދު ޔޫސުފް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުން ވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢިމާދު ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 3 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އިސްތިއުނާފީ ދަޢުވާތައް ފައިސަލާކުރުމުގައި ޢަމަލުކުރެވޭ ޢާއްމު އުސޫލަކީ އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ މައްޗަށް ގޮތްކަނޑައެޅުން ކަމުގައިވާއިރު، އިސްތިއުނާފީ ނުކުތާތަކުގައި ނުހިމެނުނަމަވެސް، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަތަކުން އެކަމަކީ ޙުކުމުގައި ހިމަނަންޖެހޭ ކަމެއްކަމަށް ފަނޑިޔާރުންނަށް ފެނިއްޖެނަމަ، އެކަން ކުރަނީ އެކަން އެގޮތަށް ކުރަންޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާންކުރުމުށްފަހުގައިކަމާއި، އިސްތިއުނާފުކުރަން ހުށަހަޅާ ނުކުތާތަކުގެ މައްޗަށް ނޫން އެހެންކަމެއްގެ މައްޗަށް ޙުކުމް ކުރެވޭނަމަ، އެކަމަކީ ދަޢުވާލިބޭ ފަރާތަށް އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތް ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމުގައިވާއިރު، ހައިކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ބޭރުން ގޮތްކަނޑައަޅާފައިވަނީ ދެންނެވުނު އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެ ފަރާތުގެ މެދުގައިވާ ކޮންޓްރެކްޓުގެ ބޭރުން، ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކުރެވިފައިވާ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް (privity of contract) ގެ މަބްދަޢުއާއި އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކިތާބީ ހެކި ދެމި އޮއްވާ ޝަފަހީ ހެއްކަށް ބުރަދަންދީގެން މައްސަލަ ނިންމުން ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
އެއްބަސްވުމުގެ ދަށުން މުދާ ހަވާލުކުރެވުނު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ފުލުހުންގެ ތަޙްޤީޤަށް ޢިމާދު ޔޫސުފްގެ ބައްޕަ ދީފައިވާ ބަޔާނެއްގެ މައްޗަށް ބުރަވެގެންކަން އެނގޭއިރު، ތަޙްޤީޤުގެ ބޭނުމަށް ދީފައިވާ ބަޔާނެއް ހެއްކެއްގެ ގޮތުގައި ބޭނުންކޮށް އެ ބަޔާނަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޢިމާދު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން މައިގަނޑު 3 (ތިނެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މަޤްޞަދު އަދި އެ ޤާނޫނުގެ ރޫހާ އެއްގޮތަށް ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ އެއްގޮތަކަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެ ފަރާތުގެ މެދުގައިވާ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ މުދާ ޢިމާދު ޔޫސުފްގެ ބައްޕައާ ހަވާލުކުރެވުނު ގޮތާއި ހަވާލުކުރަން ޖެހުނު ސަބަބު ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާއިންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއިން އެނގެން އޮތުމުގެ އިތުރުން ހެކިންގެ ހެކިބަހުންނާއި ޔޫސުފް ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އިތުރަށް ސާފުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ކަމަށާއި، މަދަނީ މައްސަލަތަކުގައި ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ހެއްކީގެ ގޮތުގައި ޤަބޫލުކުރެވޭނެ ހެއްކެތް ކަމަށާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ޖިނާޢީ މައްސަލަތަކަށް ޚާއްޞަ ވާހަކަތަކެއްކަން މި މާއްދާގެ ކުރިއަށް ތަރުތީބު ކުރެވިފައިވާ މާއްދާތަކަށް ބެލުމުން ސާފުކޮށް އެނގޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުން މުދާ ހަވާލުކުރެވުނުކަމަށް ނިންމާފައިވާ ޔޫސުފް ޢަލީގެ ބަޔާނަކީ ކިތާބީ ހެކި ދެމި އޮއްވާ ޝަފަހީ ހެއްކަށް ބުރަދަންދިނުން ކަމަށް ނުބެލެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފުރަތަމަ ނުކުތާ: އިސްތިއުނާފީ ދަޢުވާއަށް ފައިސަލާކުރުން
ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ނިންމުމުގައި އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ބޭރުން ގޮތް ކަނޑައަޅާފައިވާ ކަމަށް ޢިމާދު ޔޫސުފް ބުނެއެވެ. އިސްތިއުނާފީ ދަޢުވާތަކަށް ގޮތް ނިންމުމުގެ ޢާއްމު އުސޫލަކީ އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ މައްޗަށް ގޮތް ކަނޑައެޅުން ކަމަށާއި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަތަކުގައި އިސްތިއުނާފީ ނުކުތާތަކުގައި ނުހިމެނޭ ކަންކަން ފާހަގަކުރި ނަމަވެސް، ޙުކުމުގައި އެކަންކަން ހިމަނާނަމަ އެކަން އެ ގޮތަށް ކުރަންޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާންކުރާކަމުގައި ވެސް ޢިމާދު ޔޫސުފް ބުނެއެވެ. މީގެ އިތުރުން، އިސްތިއުނާފު ކުރަން ހުށަހަޅާ ނުކުތާތަކުގެ މައްޗަށް ނޫން އެހެން ކަމެއްގެ މައްޗަށް ނުވަތަ އިސްތިއުނާފު ނުކުތާތަކުގެ ތެރޭގައި ނުހިމެނޭ ކަމެއްގެ މައްޗަށް ޙުކުމްކުރާނަމަ، އެ އިސްތިއުނާފެއް ރައްދުވާ ފަރާތަށް ދިފާޢުވުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމުގައިވާހިނދު، މައްސަލަ ނިންމުމުގައި ހައިކޯޓަށް އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ ބޭރުން ގޮތް ކަނޑައަޅާފައިވަނީ މި އުސޫލާ ޚިލާފަށް ކަމަށް ވެސް ޢިމާދު ޔޫސުޕްގެ ފަރާތުން ބުނެއެވެ. ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން މި ނުކުތާގެ ރައްދުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ބުނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުން ހިމެނެއެވެ. އެހެންނަމަވެސް، ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވޭނީ (1) ދަށު ކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައި އޮވެގެން ނުވަތަ އެ ނިންމުން ބިނާ ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމުގައި ދެކިގެން، ނުވަތަ (2) ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ނިންމުމަށް އަސަރު ފޯރާފައިވުމާއެކު، އެ (އަސަރު ފޯރުވި) އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވާނަމަ އެވެ.
އެހެންކަމާއެކު، ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ހަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚުސަކަށް ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުން ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ 2 (ދޭއް) ނުކުތާއެވެ. އަދި އެ ދެ ނުކުތާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
އިސްތިއުނާފު ކުރި ފުރަތަމަ ނުކުތާގައި ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ދައުވާގައި ބުނާ ތަކެތި، ޢިމާދު ޔޫސުފުގެ އެދުމުގެ މަތިން ޢިމާދު ޔޫސުފުގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްފައި ވީނަމަވެސް، ޢިމާދު ޔޫސުފް މި ތަކެއްޗާއި މެދު ޒިންމާވާން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމުގައި މިފަދައިން ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ 90 (ނުވަދިހަ) ފޫޓުގެ ފައިބަރު ދޯނި ބަނުމާބެހޭ އެއްބަސްވުން ވެފައިވަނީ އެ ކުންފުންޏާއި ޢިމާދު ޔޫސުފްއާ ދެމެދުކަމާއި، އެ ފައިބަރު ދޯނި ބަނުމަށް ބޭނުންވާ ތަކެތި، ޢިމާދު ޔޫސުފްގެ އެދުމުގެ މަތިން އޭނާގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮތް ކަމުގައި ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޤަބޫލުކުރާހިނދު، ސިވިލް ކޯޓުގެ ނިންމުމުގައި މިކަން ކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެއެވެ.
މި ނުކުތާއާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، ސީ އެންޑް ސަން މޯލްޑިވްސްއާއި ޢިމާދު ޔޫސުފްއާ ދެމެދު 90 (ނުވަދިހަ) ފޫޓުގެ ފައިބަރު ދޯނި ބަނުމާބެހޭ އެއްބަސްވުމެއް އޮތް ކަމަށާއި، ޢިމާދު ޔޫސުފްގެ އެދުމުގެ މަތިން އެ ދޯނި ބަނުމަށް ބޭނުންވާ ތަކެތި ޔޫސުފް ޢަލީއާ ހަވާލުކޮށްފައިވާކަން އެނގެން އޮތްކަމުގައި ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، މި ނުކުތާ ސިވިލް ކޯޓުން ނިންމާފައިވާ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާ ސިވިލް ކޯޓުގެ ނިންމުން ޚިލާފުވާކަން ނުވަތަ ނޫންކަން، އަދި ޚިލާފުވާނަމަ، އެއީ ކިހާ މިންވަރެއްގެ ޚިލާފުވުމެއްކަން ހައިކޯޓުން ފާހަގަކޮށްފައި ނެތެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާގައި، ދެފަރާތުގެ މެދުގައިވާ އެއްބަސްވުމުގައި ޢިމާދު ޔޫސުފްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޖުމްލަކޮށް ބުނެފައިވާހިނދު، އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ސިވިލް ކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުއާ ޚިލާފުވަނީ ކިހިނަކުންކަން ތަފްޞީލުކޮށްފައި ނުވެއެވެ. ހައިކޯޓުން މައްސަލަ ނިންމުމުގައި ގޮތް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތަކަށް ހަވާލާދިނުމަށް ވުރެ ބޮޑަށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި މައްސަލައިގެ ވާޤިޢާތަކުގެ އަލީގައި އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް ޒިންމާ އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައަޅަނީނަމަ، ޢަމަލު ކުރަންޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އެ މާއްދާގައިވާ ގޮތުން، ހައިކޯޓަށް 3 (ތިނެއް) ގޮތަކަށް މައްސަލައަށް މުޤާރަބާ (approach) ކުރެވިދާނެއެވެ.
ފުރަތަމަ ގޮތަކީ، މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ކަނޑައަޅައި، މައްސަލަ ނިންމުން - މިފަދައިން މައްސަލައެއް ނިންމޭނީ، މައްސަލައަކީ މައުޟޫޢީ ގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި، މައްސަލައިގެ ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށްވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ކަނޑައެޅިއްޖެނަމައެވެ.
ދެވަނަ ގޮތަކީ، މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ތަޙުވީލުކުރުން - މިފަދައިން މައްސަލައެއް ތަޙުވީލުކުރެވޭނީ މައްސަލައަކީ ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނަމައެވެ.
ތިންވަނަ ގޮތަކީ، މުޅި މައްސަލަ ބެލުން - މިފަދައިން މައްސަލައެއް އެއްކޮށް ހައިކޯޓަށް ބެލޭނީ، އެ ކޯޓުން ދަށު ކޯޓުގައި އަލުން ބެލުމަށް މައްސަލައެއް ތަޙުވީލުކުރުމަށްފަހު، ދަށު ކޯޓުން މައްސަލަ ބަލާ ނިމުމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތުގައި، ހައި ކޯޓުން މައްސަލަ ތަޙުވީލުކުރުމުގައި ކަނޑައެޅި ޤާނޫނީ އުސޫލާ އެއްގޮތަށް ދަށުކޯޓުން އަމަލުކޮށްފައި ނުވާނަމަ، ނުވަތަ ކަން ހިނގާފައިވާ ގޮތް އަލުން ސާބިތުކުރަން ޖެހިއްޖެނަމައެވެ. މިފަދައިން މައްސަލައަކާމެދު ގޮތެއް ނިންމާއިރު، ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭނީ ހައިކޯޓުން ދަށު ކޯޓަށް މައްސަލަ ތަޙުވީލުކުރިއިރު ކަނޑައެޅި ޤާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުގައި ފުރިހަމައަށް އަދި ޞައްޙަކޮށް ކަނޑައަޅާފައި ނުވުމުގެ ސަބަބުން ތަޙުވީލުކުރެވުނު މައްސަލައެއް ނޫނެވެ. އަދި ތަޙުވީލުކުރެވުނު މައްސަލައެއް އަލުން އިސްތިއުނާފު ކުރެވިގެން ބެލުނު މައްސަލައެއްވެސް ނޫނެވެ. އެ މައްސަލައަކީ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރެވިގެން ހުށަހެޅިފައިވާ މައްސަލައެއް ކަމުން، މައްސަލަ ބެލުމަށް ހައިކޯޓުން ނިންމާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުގައި ފުރިހަމައަށް އަދި ޞައްޙަކޮށް ކަނޑައަޅާފައިވާތީ ކަމަށް ހައިކޯޓަށް ފެނިގެން ކަމުގައި ބަލަންޖެހެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލާނަމަ، އެ މައްސަލަ ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅަން ޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ. މި ޙާލަތުގައި ހައިކޯޓުގެ ދައުރަކަށްވަނީ އެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ އަލީގައި، އެ ނުކުތާތަކާމެދު ދަށު ކޯޓުން ގޮތް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އަދި ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމަށް އަސަރުކުރަނީނަމަ އެ ޙުކުމް އެއްކޮށް ނުވަތަ އެއިން ބައެއް ބާޠިލުކުރުން، ނުވަތަ ޙުކުމް ދެމެހެއްޓުމެވެ. ނުވަތަ ހައިކޯޓުން ކަނޑައަޅާ ކަނޑައެޅުމުން ދަށު ކޯޓުން މައްސަލައިގައި ކޮށްފައިވާ ޙުކުމަށް އަސަރު ނުކުރާނަމަ، ދަށު ކޯޓުން ނިންމި މައްސަލައިގައި ވަކި ކަމަކާއި ގުޅޭގޮތުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތަކީ ރަނގަޅު ގޮތްކަން ނުވަތަ ނޫން ކަމަށް ކަނޑައެޅުމެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލު ކަނޑައަޅާފައިވާ ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއިން އެ ކޯޓުން ބެލި މައްސަލައިގައި ހައިކޯޓުން ޢަމަލުކޮށްފައިވަނީ އެފަދައިން ކަމުގައި ބެލެވެން ނެތެވެ. އެހެނީ، ސީ އެންޑް ސަން މޯލްޑިވްސްއާއި ޢިމާދު ޔޫސުފްއާ ދެމެދު 90 (ނުވަދިހަ) ފޫޓުގެ ފައިބަރު ދޯނި ބަނުމާބެހޭ އެއްބަސްވުމެއް އޮތް ކަމާއި، ޢިމާދު ޔޫސުފްގެ އެދުމުގެ މަތިން އެ ދޯނި ބަނުމަށް ބޭނުންވާ ތަކެތި ޔޫސުފް ޢަލީއާ ޙަވާލުކޮށްފައިވާކަން އެނގެން އޮތްނަމަވެސް، ޔޫސުފް ޢަލީއާއި ޙަވާލުކުރެވުނު ތަކެތީގެ ތަފްސީލާއި، އެތަކެތީގެ ތެރެއިން އިސްމާއީލް ޙަބީބު، ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން، އަނބުރާ ހަވާލުވެފައިވާ ތަކެތީގެ ތަފްސީލާއި، އެ ތަކެއްޗާއި ގުޅޭ ފައިސާގެ މިންވަރުތައް ސިވިލް ކޯޓުން ބަލާފައިނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވާތީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މިކަމުގެ ފަރުވާއެއްގެ ގޮތުން، ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ބޭނުންނަމަ، ސިވިލް ކޯޓަށް ހުށަހަޅައިގެން މައްސަލައިގެ އެ ބައި ކުރިއަށް ގެންދެވިދާނެ ކަމުގައި ކަނޑައަޅާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ހަމަޖެހިފައިވާ ގޮތުން، މައްސަލައަކީ ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭގޮތަށް އޮތް މައްސަލައެއް ނަމަ، ނުވަތަ މައްސަލައިގެ ޙަޤީޤަތްތަކަކީ ކޮބައިކަން އަދި އެ ޙަޤީޤަތްތައް ފުރިހަމައަށް އަދި ޞައްޙަކޮށް ދަށު ކޯޓުގައި ބަލާފައިވާކަމުގައި ހައިކޯޓަށް ނުފެނުނަމަ، ހައިކޯޓުން ޖެހެނީ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ތަޙުވީލުކުރާށެވެ.
މިހެންކަމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން ކަންކުޅަ ގޮތުން، ޢިމާދު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އޭނާއަށް މައްސަލައިގައި އެކަށޭނަ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ގެއްލުމުގެ އިޙުތިމާލު އޮތްކަމުގައި ބުރަވެވޭކަމަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއް ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އެކުލަވާލާފައިވާ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ތަޙުވީލުކުރެވެނީ ހަމައެކަނި ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އެހެންކަމުން، އެފަދައިން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމުގެ ނަތީޖާއެއްގެ ގޮތުން މައްސަލައިގައި ހިމެނޭ ހުސޫމާތާމެދު ގޮތެއް ނުނިމި، މުޢާމަލާތާގުޅޭ ކަންކަން ކަނޑައެޅުމަށްޓަކައި މައްސަލަ ކޯޓުގައި ވެފައިވާ މުއްދަތުގެ އިތުރަށް ގިނަ ދުވަސްތަކެއް ވާނެކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ޤާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތްކަން ނުވަތަ ނޫންކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި ވެދާނެއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްވެ ދެންނެވުނު ފަދައިން ހައިކޯޓުގެ ނިންމުމަށް ތާއީދުކުރަން ނުވަތަ އެ ނިންމުން ބާޠިލުކުރުމަށް މިހިނދުގައި ވިސްނައިފިނަމަ، އެކަމުގެ ނަތީޖާއަކަށް ވެގެން ދާނީ އެއްބަސްވުމުގެ ދަށުން އަދި އޭގެ ބޭރުން ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޔޫސުފް ޢަލީއާ ޙަވާލުކުރިކަމަށް ބުނާ މަސައްކަތްތަކުގެ ބޭނުމަށް ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ރައްދުކޮށްފައިވަނީ ކިހާ އަދަދެއްގެ ކޮން ތަކެއްޗެއްކަމާއި، އެއްބަސްވުމުގެ ދަށުން ދޯނި ބަނުމަށް ތަކެތި ހަވާލުކުރެވުނު ނަމަ އެ ތަކެތި ހަވާލުކުރުމުގެ ކަންކަން ހިގައިދިޔައީ ކިހިނެއް ކަމާއި، އެ ތަކެތީގެ ތެރެއިން އެއްވެސް މިންވަރެއް ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން އަނބުރާ ގެންދިޔަކަން ނުވަތަ ނޫންކަމާއި، އަނބުރާ ގެންދިޔަނަމަ، ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ޙަވާލުވީ ކިހާ މިންވަރެއްގެ ކޮން ތަކެއްޗަކާއިކަމާއި، އަދި މި ނޫންވެސް އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތުގެ ތަފްސީލުތައް އެނގުމަކާއި ނުލައި، ސީ އެންޑް ސަން މޯލްޑިވްސްއާއި ޢިމާދު ޔޫސުފްގެ ފަރާތުން އެއްބަސްވުމެއް ވެފައިވާކަމާމެދު އިންކާރު ނުކުރާކަމަށާއި، އެ ދެފަރާތުގެ މެދުގައި ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އޮތްކަމުގައި ބުނެ، އެކަމުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެފައިވާކަމާމެދު އަދި އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެވެ. ޤާނޫނީ އުސޫލުތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލާނީ އެ އެއްބަސްވުމުގެ ބައިވެރިންނެވެ. އެހެންނަމަވެސް، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައި ނުވާ ތިންވަނަ ފަރާތަކުން އެއްބަސްވުމުގެ ދަށުން ޒިންމާ ނަގަން މެދުވެރިވާ ޙާލަތެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.
މިހިނދުގައި އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިކަމާމެދު ގޮތް ކަނޑައެޅުމުގައި، ޙަޤީޤަތްތައް ކަށަވަރުނުވުމުގެ ސަބަބުން މެދުވެރިވާ މައިގަނޑު ދައްޗަކީ، ޔޫސުފް ޢަލީއަކީ މައްސަލައިގައި ހަވާލާދޭ އެއްބަސްވުން ވުމުގެ ކުރިންވެސް ސީ އެންޑް ސަން މޯލްޑިވްސްއާއެކު ދޯނި ބަނުމުގެ މަސައްކަތް ކުރަމުންދާ ފަރާތެއްކަމުގައި ވުމުން މެދުވެރިވާ ދައްޗެވެ. އެހެނީ، އެއްބަސްވުމެއް ވެފައި އޮތް ނަމަވެސް، އެ އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވުމަކީ ނުވަތަ އެ އިލްތިޒާމު އުފުލުން އެހެން ފަރާތަކާއި މަތިވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެފައި، ޚުޞޫމަތްއުފެދިފައި މިވާ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް ޒިންމާ ނަގަންޖެހޭ ކަމެއް ނުވަތަ ކަންތައްތަކެއް ވާނަމަ، އެ ކަންކަމަކީ ކޮބައިކަމާއި، އެ އިލްތިޒާމު(ތައް) ނުއުފުލުމުގެ ނަތީޖާއަކީ ކޮބައިކަން ކަނޑައެޅުމަށްޓަކައި، އެ އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސްއިން ޔޫސުފް ޢަލީއާ އެއްވެސް އެއްޗެއް ޙަވާލުކޮށްފައިވާނަމަ، އެ ތަކެއްޗަކީ ކޮބައިކަންވެސް ސާފުވާންޖެހެއެވެ. މި މަޢުލޫމާތު ސާފުކުރުމާއި ނުލައި އެއްބަސްވުމެއް އޮތްކަމުގައާއި، އެ އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލަންޖެހޭ ފަރާތެއް ކަނޑައަޅާނަމަ، އެފަދައިން ކަނޑައެޅޭނީ މައްސަލައިގެ ޙަޤީޤަތްތަކާއި ވަކިން (in abstract)، އެއްބަސްވުންތައް މާނަކުރުމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް (exercise based on contractual theory and principles) އެކަނިކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން، ސީ އެންޑް ސަން މޯލްޑިވްސްއާއި ޢިމާދު ޔޫސުފްއާމެދު އެއްބަސްވުމެއް ވެފައިވާކަމާމެދު ޚިލާފެއް އުފެދިފައި ނެތްނަމަވެސް، ކަން ހިނގާދިޔަ ގޮތާއި، އެ އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތްތަކާބެހޭ އިތުރު މަޢުލޫމާތު އެނގުމެއް ނެތި، އެއްބަސްވުމުގެ ދަށުން ޒިންމާ އުފުލަންޖެހޭނީ ވަކި މީހެއްކަމުގައި ކަނޑައެޅުމަކީ އެންމެ އެކަށޭނަގޮތަށް ނުވެއެވެ.
އިސްވެދިޔަ ދެ ޕްރެގްރާފްގައިވާ ސަބަބުތައް އެހެން ހުރުމުން، އަހުރެން ބުރަވަނީ، މި މައްސަލައަކީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު، ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ހައިކޯޓަށް ނުފެންނަނަމަ، މައްސަލައިގެ ޙަޤީޤަތްތައް ސާފުކޮށް، ކަނޑައެޅުން؛
އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތް(ތައް) ސާފުވާ މިންވަރަށް ހެކި ހުރިކަން ނުވަތަ ނޫންކަން ކަނޑައެޅުން؛ އަދި
އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދަށު ކޯޓުގެ ނިންމުމަށް އަސަރުކުރާފަދަ ޤާނޫނީ ބުރަދަނެއް ހުރި ނުކުތާތަކެއްކަން ނުވަތަ ނޫންކަން (ސަބަބާއެކު) ކަނޑައެޅުން.
އިސްތިއުނާފީ ދެވަނަ ނުކުތާ އަދި ތިންވަނަ ނުކުތާ
އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/378 ޤަޟިއްޔާއިން އެ ކޯޓުން ބެލި މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރުމަށް ފެންނާތީ، ހައިކޯޓުގެ ބުނެވުނު މައްސަލަ އިސްތިއުނާފުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިތުރު ދެ ނުކުތާއަށް މިހިނދުގައި ގޮތެއް ކަނޑައެޅުމަކީ އެކަށީގެންވާގޮތެއް ކަމުގައި ނުދެކެމެވެ.
މައްސަލައިގެ ޙަޤީޤަތްތައް ކަނޑައެޅުމުގެ މުހިންމުކަން
ކޮންމެ މައްސަލައަކާ މެދުވެސް ގޮތް ކަނޑައެޅުމުގެ ކުރިން، އެ މައްސަލައިގެ ޙަޤީޤަތްތަކަކީ ނުވަތަ ކަން ހިނގާދިޔަ ގޮތަކީ ކޮބައިކަން (facts of the case) ދެނެގަތުމަކީ ފުރަތަމަ މަރުޙަލާގައި އެ މައްސަލައެއް ބަލާ ފަނޑިޔާރު(ން)ގެ މަސްއޫލިއްޔަތެކެވެ. އަދި މައްސަލައިގެ ޙަޤީޤަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި، އަދި އެކަންކަން ލިޔުމަށް ތިރިކުރުމުގައި، މައްސަލައިގެ މައުޟޫޢާ ގުޅޭ ޙަޤީޤަތްތަކަށް (material facts) ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ، އުފެދިފައިވާ ޚުޞޫމާތަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ރިއާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ (legal issues) ކޮބައިކަން ސާފުވާނީ މައްސަލައިގެ ޙަޤީޤަތްތައް ދެނެގަނެވުމުން ކަމުގައި ވާތީއެވެ.
މައްސަލައިގެ ޙަޤީޤަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ އެއް ފަރާތުން އެ މައްސަލައާގުޅޭ ވަކި ކަމެއް ވަކި ގޮތަކަށް ހިނގާފައިވާ ކަމަށް ބުނާނަމަ، އަދި އެކަމަށް މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން އެއްބަސްވާނަމަ، އެ ކަމުގައި އިތުރު ޚިލާފުވުމެއް ނެތެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ އެއް ފަރާތުން ކަން ހިނގާފައިވާ ކަމަށް ބުނާ ގޮތަކީ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން އެކަމާމެދު އެއްބަސްވާ ކަމެއް ކަމުގައި ނުވާނަމަ، ނުވަތަ އެކަމާމެދު ޚިލާފެއް އުފައްދާކަމެއް ކަމުގައިވާނަމަ، އެ ނުކުތާއާމެދު ފަނޑިޔާރު ގޮތެއް ކަނޑައަޅަންވާނީ ދެފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަށްފަހު، ބޮޑަށް ބުރަވެވޭ މިންގަނޑުން، ހެއްކާއި ޤަރީނާގެ އަލީގައި، އެފަދައިން ފަނޑިޔާރު ނިންމި ސަބަބު ސާފުވާ ފަދައަކުންނެވެ.
އިސްތިއުނާފީ މަރުޙަލާގައި މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން މައްސަލައިގެ ކަން ހިނގާފައިވާގޮތް ފުރަތަމަ މަރުޙަލާގައި ކަށަވަރު ކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ކަނޑައެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. އެ ނޫންގޮތަކަށް ކަން ކުރަންވެއްޖެނަމަ، މައްސަލައިގެ ޙަޤީޤަތްތަކުން ބަޔަކަށް ރިއާޔަތް ނުކޮށް، ނުވަތަ އެކަމަށް ދޭންޖެހޭ ބުރަދަން ދިނުމަކާއި ނުލައި، އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައެޅުމުގެ ފުރުސަތު ހުޅުވިގެން ދެއެވެ. އަދި އިންސާފު ލިބިދިނުމަށް ހުރަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމައްސަލައިގެ ފެށުން
އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާއިން ބެލި ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢިމާދު ޔޫސުފްއާ ދެމެދު 12 ފެބްރުވަރީ 2007 ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން 90 ފޫޓުގެ ފައިބަރ ގްލާސް މަސް ދޯންޏެއް ބަނުމަށްޓަކައި 861,100/-ރ. (އަށްލައްކަ ފަސްދޮޅަސް އެއް ހާސް އެއްސަތޭކަ ރުފިޔާ) ގެ ފައިބަރ ގްލާސް މެޓީރިއަލް ޢިމާދު ޔޫސުފްއާ ހަވާލުކުރުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދޯނި ބަނދެ ނުދީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުކޮށްފައިވާ 861,100/-ރ. (އަށްލައްކަ ފަސްދޮޅަސް އެއް ހާސް އެއްސަތޭކަ ރުފިޔާ) ގެ ތަކެއްޗަށް ޚިޔާނާތްތެރިވެ އެ ތަކެތި ވިއްކައި އޭގެ ބޭނުންކޮށްފައިވާތީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢިމާދު ޔޫސުފްއާ ހަވާލުކޮށްފައިވާ ތަކެތީގެ އަގު ކަމުގައިވާ 861,100/-ރ. (އަށްލައްކަ ފަސްދޮޅަސް އެއް ހާސް އެއްސަތޭކަ ރުފިޔާ) އާއި އެއްބަސްވުމާ އެއްގޮތަށް ޢިމާދު ޔޫސުފް ޢަމަލުނުކުރުމުގެ ސަބަބުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 700,000/- ރ. (ހަތްލައްކަ ރުފިޔާ) އާ އެކު ޖުމްލަ 1,561,100 ރ. (ފަނަރަ ލައްކަ ފަސްދޮޅަސް އެއް ހާސް އެއްސަތޭކަ ރުފިޔާ) ހޯދުމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާއެކެވެ.
އެހެންކަމުން، މި މައްސަލައާ ގުޅިގެން، ސިވިލް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި އުންސުރުތަކުގެ މައްޗަށެވެ.
(ހ) ދެފަރާތު ދެމެދު އެއްބަސްވުމެއް ވެފައިވާކަން
(ށ) 861,100/-ރ. (އަށްލައްކަ ފަސްދޮޅަސް އެއް ހާސް އެއްސަތޭކަ ރުފިޔާ) ގެ އަދަދަށްވާ ތަކެތި ހަވާލު ކުރެވުނުތޯ، އަދި ހަވާލު ކުރެވުނީ އެއްބަސްވުމާ އެއްގޮތަށްތޯ
(ނ) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 700,000/-ރ. (ހަތްލައްކަ ރުފިޔާ)ގެ ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭތޯ ނުވަތަ ނޫންތޯ.
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން
ދެފަރާތު ދެމެދު އެއްބަސްވުމެއް ވެފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން، 12 ފެބްރުވަރީ 2007 ގައި 90 ފޫޓުގެ ފައިބަރ ގްލާސް މަސް ދޯންޏެއް ބަނުމަށްޓަކައި ދެފަރާތު ދެމެދު އެއްބަސްވުމެއްވިކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމަށް ހަވާލާދެވުނު ސިވިލް ކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ.
އެއް ފަރާތުން އަނެއް ފަރާތަށް ތަކެތި ހަވާލުކުރިތޯ އަދި ހަވާލުކުރީ އެއްބަސްވުމާ އެއްގޮތަށްތޯ
މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ކަނޑައެޅީ އެއްބަސްވުން ހެދިފައިވަނީ ޢިމާދު ޔޫސުފްއާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްއާ ދެމެދު ކަމުގައިވީނަމަވެސް، ދޯނި ބަނުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރަމުން ދިޔައީ ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީކަމަށާއި، އެއްބަސްވުން ހެދުމަށްފަހު އެއްބަސްވުމުގެ ދަށުން އިތުރަށް ހިނގާފައިވާ މުޢާމަލާތް ކުރެވިފައިވަނީ ސީދާ ޔޫސުފް ޢަލީއަށް ކަމަށާއި، ޢިމާދު ޔޫސުފްގެ އިތުރު ބައިވެރިވުމެއް ނެތްކަމަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ދީފައިވާ ހެކިބަހަށް ރިޢާޔަތް ކުރުމާއެކު، ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކުރި ކަމަށް ބުނާ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. އެގޮތުން، ދޯނި ބަނުމުގެ މުޢާމަލާތްތައް އެންމެ ފުރަތަމަ ކުރީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީއާ ދެމެދުކަމަށާއި، އެ މަސައްކަތް ކުރުމުގެ ޝަރުޠެއްގެ ގޮތުން، ޢިމާދު ޔޫސުފްއަށް ބަންނަ އުޅަނދުގެ މިލްކުވެރިކަމުގެ ޙިއްޞާ ދިނުމަށް ޔޫސުފް ޢަލީ ހުށަހެޅުމުން، އެކަމުގެ ފަރުވާއެއްގެ ގޮތުން، ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްވީކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. އަދި އެހެންކަމުން، ދޯނި ބަންނަން ހަވާލު ކުރި ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭކަމަށް ކަނޑައެޅިއެވެ.
މި ނުކުތާގެ ދަށުން ހަވާލުކުރެވުނު މުދަލުގެ ތަފްޞީލެއް ނުވަތަ އެ މުދަލެއް ހަވާލުކުރެވުނު ގޮތް ފަދަ އެއްވެސް ކަމަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރަމެވެ. ސިވިލް ކޯޓުން ކަނޑައެޅީ، އެއްބަސްވުމުގެ ދަށުން ހަވާލުކުރި މުދަލަށް ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭކަމަށެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުން
މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގައި އެއްވެސް އެއްޗެއް ކަނޑައަޅާފައިނުވެއެވެ.
ހައިކޯޓު މަރުޙަލާ
ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާ ހައިކޯޓުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރަމުން ހުށަހެޅީ މައިގަނޑު ދެ ނުކުތާއެކެވެ. އެއީ؛
(ހ) ދޯނި ބަނުމަށް ހަވާލުކުރެވުނު މުދަލަށް ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ހެކިން ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބެލުމެއް ނެތި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެފަރާތު ދެމެދު އެއްބަސްވުމެއް ވެފައިވާކަން ސާބިތުވާއިރު، އަދި އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއްކަމުގައި ވީނަމަވެސް، އަދި އެ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިފައިވާއިރުވެސް، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އުސޫލުތަކަށް ބެލުމެއް ނެތިކަމަށެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ފުރަތަމަ ނުކުތާ
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަވާލާދީފައިވެއެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން ޤާނޫނާ އެއްގޮތަށް ކަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، 42 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު ކަމަށެވެ.
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މައްސަލަ ނިންމި ގޮތް ކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ޝަރީޢަތުގައި މަސް ދޯނި ބަނުމާ ބެހޭ އެއްބަސްވުމެއް ދެފަރާތު ދެމެދު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާއިރު، އަދި ޢިމާދު ޔޫސުފް އެދިފައިވާ ގޮތަށް ދޯނި ބަނުމުގެ ތަކެތި ހަވާލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭ ކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި އަދި 142 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ. އެގޮތުން، ސިވިލް ކޯޓުން މައްސަލަ ނިންމިގޮތުން ޢަދުލުވެރިކަން ގެއްލިފައިވާކަމަށާއި، އަދި މައްސަލަ ނިންމުމުގައި ޤާނޫނާށާއި ޝަރުޢީ އުސޫލުތަކަށް ރިޢާޔަތް ކުރަން އޮންނައިރު، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މަދަނީ ޙައްޤުތަކަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިތުރަށް ބުނެފައިވެއެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ދެވަނަ ނުކުތާ
ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ދެވަނަ ނުކުތާގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢިމާދު ޔޫސުފްއާ ދެމެދު 12 ފެބްރުވަރީ 2007 ގައި ވެފައިވާ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުމެއްކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިފައިވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި، މި ބާވަތުގެ މައްސަލަތައް ނިންމުމުގައި ބަލަންޖެހޭ މަދަނީ މިންގަނޑުތަކަށް ބެލުމެއް ނެތި، އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުން ކޮންޓްރެކްޓުގެ ބައިވެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ޤާނޫނީ މިންގަނޑަކުން ބެލުމެއް ނެތިކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެކޭކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތައް ދައުރުވަނީ މައިގަނޑު އެއް ކަމެއްގެ މައްޗަށެވެ. އެއީ، ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތައް ޢިމާދު ޔޫސުފް އުފުލަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މަސް ދޯނި ބަނުމުގެ މުޢާމަލާތަށް ބަލާއިރު، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މުޢާމަލާތްކުރީ ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ ކަމުގައި ވީނަމަވެސް، އެއްބަސްވުން ހެދިފައިވަނީ ޢިމާދު ޔޫސުފްއާއެކު ކަމުން، މި އެއްބަސްވުމަކީ ޤާނޫނީ ގޮތުން ޢިމާދު ޔޫސުފްގެ މައްޗަށް ބަނދެވޭ އެއްބަސްވުމެއްކަމާއި އަދި އެ އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަސް ދޯނި ބަނުމަށްޓަކައި ހަވާލުކުރަންޖެހޭ ތަކެއްޗާމެދު ޢަމަލުކުރަންވީ ގޮތް އެއްބަސްވުމުގައި ސޮއި ކުރި ދުވަހު ޢިމާދު ޔޫސުފް ބުނެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅުމެވެ.
މި މައްސަލައިގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އެދުނީ ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޢަދުލު އިންސާފުން އެއްކިބާވެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ބޭރުން ހައިކޯޓުން ގޮތް ކަނޑައެޅުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ޢިމާދު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާގައި ފަނޑިޔާރުން މައްސަލަ ނިންމާފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ވަކިވަކިން ބެލުމުގެ ބަދަލުގައި މުޅި މައްސަލަ އަލުން ބަލައިގެން ކަމަށާއި އަދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިނުވާކަންކަން ފަނޑިޔާރުން އަމިއްލައަށް ހިމަނައިގެން ކަމަށެވެ.
މި ރައުޔުގެ 40 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ދައުރުވަނީ ދެފަރާތު ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢިމާދު ޔޫސުފް ޒިންމާ އުފުލަންޖެހޭކަމާމެދުގައެވެ. އެގޮތުން، ހައިކޯޓުން ކަނޑައެޅީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މަސް ދޯނި ބަނުމަށްޓަކައި ހަވާލުކުރަންޖެހޭ ތަކެތި ޢިމާދު ޔޫސުފްގެ ބައްޕައާ ހަވާލުކުރީ ޢިމާދު ޔޫސުފް ބުނެގެންކަން ސާބިތުވާކަމަށާއި، އަދި އެ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭނެ ކަމަށާއި އަދި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުންވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަމަށެވެ. ހައިކޯޓުގެ ނިންމުމާއި އެ ނިންމުން ބިނާވާ ޤާނޫނީ ސަބަބުތަކުގެ ތަފްސީލު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ ޕެރެގްރާފް 7 އިން 9 އަކަށް ބަޔާންކުރެވިފައިވެއެވެ.
ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަކީ އެ ހުށަހެޅުނު ގޮތަށް ވުރެ ހަރުދަނާ ގޮތަކަށް ހުށަހެޅެން ހުރި ނުކުތާތަކެއްކަމަށް އަހުރެން ދެކެމެވެ. އެހެނީ، މައްސަލައިގެ މައުޟޫޢުއާ ސީދާ ގުޅުންހުރި ޤާނޫނުގެ މާއްދާތައް ނުވަތަ ޝަރުޢީ ކޯޓުތަކުން ކަނޑައަޅާފައިވާ މައުޟޫޢުއާ ގުޅޭ އުސޫލުތަކާ ހަވާލާދީ އެ ނުކުތާތައް ހުށަހެޅުމުގެ ބަދަލުގައި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގައި ޝަރީޢަތްކުރުމާބެހޭ އަދި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތާ ބެހޭ ޢާންމު މާއްދާތަކަކާ ހަވާލާދީއެވެ. އެހެންނަމަވެސް މި ނުކުތާތަކުގެ ތަފްސީލުގައި، ކުރިމަތިވެގެން އުޅޭ ޤާނޫނީ މައްސަލަ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގެ ޝަރީޢަތަށް ހުށަހަޅާދެވިފައިވެއެވެ. އަދި އެ ޤާނޫނީ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވެއެވެ. އެއީ، ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢިމާދު ޔޫސުފްގެ ބައްޕައަށް ތަކެތި ހަވާލުކުރީ ޢިމާދު ޔޫސުފްގެ އެދުމުގެ މަތިންކަމަށާއި އަދި އެ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަމެވެ.
އެހެންކަމުން، ހައިކޯޓުން މި މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރެއިންނެވެ. ދެން އުފެދޭ ސުވާލަކީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދުނުގޮތަށްތޯ ނުވަތަ ނޫންތޯއެވެ. ޢިމާދު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުން މައްސަލަ ނިންމާފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުނުގޮތާ ޚިލާފަށް ފަނޑިޔާރުން އަމިއްލައަށް އިތުރު ކަންތައްތަކެއް ހިމަނައިގެން ޢިމާދު ޔޫސުފްގެ ޙައްޤު ގެއްލޭ ގޮތަށް ކަމަށެވެ.
މުޅި މައްސަލައިގެ މައުޟޫޢު ބިނާވަނީ ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި އެންމެ ފުރަތަމަ ހުށަހެޅުނު ދަޢުވާއަށެވެ. އެއީ ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސް ދޯނި ބަންނަން ހަވާލުކުރި ތަކެއްޗަށްވާ ފައިސާ އަނބުރާ ހޯދުމަށާއި، ޢިމާދު ޔޫސުފް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކުރި ދަޢުވާއަށެވެ. މި ދަޢުވާ ސިވިލް ކޯޓަށް ސާބިތުނުވެއެވެ. އަދި އެކަމުގެ ސަބަބެއްގެ ގޮތުގައި އެ ކޯޓުން ކަނޑައަޅާފައިވަނީ ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެފައިވީނަމަވެސް، އެ އެއްބަސްވުމަށް ވާސިލުވީ ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަސް ދޯންޏެއް ބަނދެދިނުމާމެދު ކުރެވުނު މުޢާމަލާތްތަކެއްގެ ތެރެއިންކަމާއި، އަދި ދޯނި ބަނދެ ދިނުމުގެ މުޤާބިލެއްގެ ގޮތުން އުޅަނދުގެ މިލްކުވެރިކަމުގެ ޙިއްޞާ ޢިމާދު ޔޫސުފްއަށް ދޭން ޔޫސުފް ޢަލީ ހުށަހެޅުމުން، ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް ހެދީކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިތުރަށް ހިނގާފައިވާ މުޢާމަލާތްތަކުގެ ދަށުންވެސް ޢިމާދު ޔޫސުފްގެ ބައިވެރިވުމެއް ނެތަތީ، ޢިމާދު ޔޫސުފްގެ ބައްޕައާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުކުރި ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާން ނުޖެހޭކަމަށެވެ.
ހައިކޯޓުން މި މައްސަލަ ބެލި ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ދެފަރާތު ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް ޒިންމާ އުފުލަންޖެހޭކަމަށެވެ. ނަމަވެސް ޒިންމާ އުފުލަންޖެހޭ ތަކެތީގެ ތަފްޞީލު އެ މައްސަލައިގެ ތެރެއިން ބެލެވިފައިނެތީ އެކަންކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުގައިވެސް ތަފްޞީލުކޮށް ބެލެވިފައި ނެތުމުންކަމަށް ހައިކޯޓު ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ތަފްސީލުތައް ބަޔާންކޮށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ ކޯޓުން އެ މައްސަލަ ބަލައި، ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ފައިސާގެ މިންވަރާއި، އެ ފައިސާ ދައްކާނެ ގޮތް ކަނޑައަޅައި، ފައިސަލާކުރަނިވި ޙުކުމެއް ސިވިލް ކޯޓުން ކުރަންޖެހޭނެކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ހިމެނޭ އެންމެ އުންސުރަކާ ގުޅިގެންނެވެ. އެއީ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފްގެ ބައްޕައާ ހަވާލުކުރެވުނު ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމެވެ. އަދި އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކަށްވެސް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަމަށެވެ. މިކަންކަން ބިނާވަނީ މުޅި މައްސަލައިގައި އިސްތިއުނާފުކުރަމުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ.
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހައިކޯޓުން ދީފައިވާ ޙައްލަކީ ދެފަރާތު ދެމެދު ލިޔުމުން ވެވުނު އެއްބަސްވުމަކީ ސައްޙަ އެއްބަސްވުމަކަށް ވެފައި، އެ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތައް އުފުލުން ލާޒިމް އެއްބަސްވުމެއްކަމަށް ކަނޑައެޅިގެން ދިއުމެވެ. އެހެންގޮތަކަށް ބުނާނަމަ، ދޯނި ބަނުމާބެހޭ އެއްބަސްވުމަކީ ދެފަރާތު ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް ޒިންމާވާންޖެހޭކަމެވެ. އަދި ސިވިލް ކޯޓަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ ދީފައިވާ ބަޔާނުން، ދޯނި ބަނުމުގެ ތަކެތި ހަވާލުކުރަން އޮތީ ޔޫސުފް ޢަލީއަށް ކަމަށާއި އަދި ޔޫސުފް ޢަލީއަށް އޭގެން ބައެއް ތަކެތި ލިބިފައިވާކަމާއި، އަނެއްބައި ތަކެތި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަނބުރާ ގެންދިޔަކަމެވެ.
އެހެންނަމަވެސް، ސިވިލް ކޯޓުގައި ކުރި މުޅި ދަޢުވާއަށް ހައިކޯޓު މަރުޙަލާގައި ޙައްލެއް ލިބިފައިނުވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މައްސަލައިގައި ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ފޮނުވުމުގެ ބަދަލުގައި، އެ މައްސަލައިގައި މައުޟޫޢީ ގޮތުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން ބަޔާންކުރުމަށްފަހު، އެ މައްސަލަ އައު މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅިދާނެކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި އެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްތިއުނާފު ކުރުމަށް ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރިނަމަ، އެކަމަކީ އެ މައްސަލައެއް އިސްތިއުނާފު ކުރެވިދާނެ ޙާލަތެކެވެ. އެހެންގޮތަކަށްބުނާ ނަމަ، އެއީ އެ މައްސަލަ ހައިކޯޓުން ބާޠިލުކުރެވިދާނެ ސަބަބެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އައު ހުށަހެޅުންތަކެއް ހުށަހެޅިކަމުގައި ވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. އެހެންކަމުން، އިސްތިއުނާފީ ކޯޓުތަކުގައި ގޮތް ކަނޑައަޅަންޖެހެނީ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށްކަން އެނގެއެވެ.
އެހެންނަމަވެސް، މައްސަލައަކަށް ޙައްލު ދިނުމުގައި ގޮތެއް ކަނޑައަޅާއިރު ބަލަންޖެހޭނީ ހަމައެކަނި އިސްތިއުނާފު ކުރެވުނު ނުކުތާތަކަށް އެކަނި ހެއްޔެވެ؟ މައްސަލައަށް ޙައްލު ހޯދައިދިނުމުގައި އިސްތިއުނާފީ ކޯޓެއްގެ ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށެވެ. ހަމަ އެކަނި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެވުމަކުން އެ މައްސަލައެއް އަދި ޙައްލު ނުވެ ގޮސްދާނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލައެއްގައި ނުބެލި ހުރި ކަންތައްތައް ބަލައި އެ ކަންކަން ކަށަވަރުކުރުމަށްޓަކައި އަލުން އެ މައްސަލައެއް ހައިކޯޓުން ދަށު ކޯޓަށް ތަހުވީލުކުރުމުން ނިކުންނަ ނަތީޖާއާއި، އެ މައްސަލަ އަލުން ދަށު ކޯޓަށް މައްސަލައިގެ ޚަޞްމަކަށް ހުށަހެޅިދާނެކަމަށް ކަނޑައެޅުމުން ނިކުންނަ ނަތީޖާ އެއްގޮތްކަމަށް ހީވެދާނެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ (ޚަޞްމުންގެ) ނަޒަރުން ވިސްނާލައިފިނަމަ، ޤާނޫނީ ވަކީލަކު މެދުވެރިކޮށް އަލުން އައު މައްސަލައެއް ހުށަހެޅުމަށް ހޭދަވާނެ ޚަރަދާއި ވަގުތު، އެ މައްސަލައެއް ތަހުވީލުކުރުމުން ނިކުންނާނެ ނަތީޖާއާ ތަފާތުވުން އެކަށީގެންވެއެވެ.
މި ރައުޔުގެ 51 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ މާއްދާތަކުގެ އަލީގައި، އިސްތިއުނާފީ ކޯޓުތަކުންވެސް އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގައި، މައްސަލަ ހުށަހެޅި ފަރާތުން އެދޭ ހައްލަށް ރިޢާޔަތް ކުރަންވާނެއެވެ. މައްސަލަ ހުށަހެޅި ފަރާތުން އެދޭ ޙައްލަކީ ހަމަ އެކަނި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަމަށް ބަލައިގެންނުވާނެއެވެ. މައްސަލަ ބަލާ ފަނޑިޔާރުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިންސާފު ޤާއިމުކުރުން ކަމުގައިވާއިރު، މައްސަލަ ބެލުމުގައި ރިޢާޔަތް ކުރަންވާނީ ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާ ނުވަތަ ދިފާޢު ތަކަށާއި، ދަށު ކޯޓުގައި މައްސަލައިގެ ދެފަރާތުންވެސް އެދިފައިވާކަންކަމަށެވެ. ދަށު ކޯޓުގައި ކުރި ދަޢުވާއެއް ނުވަތަ އެ ދަޢުވާގެ ބައެއް ބަލަންވާ ވަރަށް ނުބަލައި އޮތްނަމަ، އެކަންކަން ބެލުމުގެ ޤާނޫނީ އުސޫލުތައް ކަނޑައަޅައި އެ މައްސަލައެއް ދަށު ކޯޓުން އަލުން ބަލަން މައްސަލަ ތަހުވީލުކުރަންވާނެއެވެ.
މިއާ ޚިލާފަށް، ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާގެ ބޭރުން، އެހެންނަމަވެސް އެ ދަޢުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ހައިކޯޓަށް ފާހަގަވާނަމަ، އަދި އެ ކަންކަމުގެ ތެރޭގައި މައްސަލައިގެ ޚަޞްމެއްގެ ޙައްޤު ހިމެނޭނަމަ، އެ ޙައްޤު ހޯދަން ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ހައިކޯޓަށް ކަނޑައެޅިދާނެއެވެ. އެހެންކަމުން، މައްސަލައެއް ތަޙުވީލުކުރުމާއި އަލުން ހުށަހެޅުމުގެ ޙައްލު ކަނޑައެޅުމުގައި ބަލަންޖެހޭ މައިގަނޑު ކަމަކީ، އަލުން ބަލަންޖެހޭ ކަންކަމަކީ ސީދާ ދަށު ކޯޓުގައި ކުރެވުނު ދަޢުވާގައި ހިމެނޭ ކަންތައްކަން ނުވަތަ ނޫންކަމެވެ. އެ ކަމަކީ ދަށު ކޯޓުގައި ކުރެވުނު ދަޢުވާގައި ހިމެނޭ ކަމެއްނަމަ، މައްސަލަ ފުރިހަމަކޮށް ބަލަން އެ މައްސަލަ އަލުން އަނބުރާ ދަށު ކޯޓަށް ފޮނުވާލަންވާނެއެވެ. އަދި އެ ކަމަކީ ދަށު ކޯޓުގައި ކުރެވުނު ދަޢުވާގެ ބޭރުން ފާހަގަވާން އޮތްކަމެއް ނަމަ، އެ މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށްޓަކައި އައު މައްސަލައެއް ހުށަހެޅިދާނެކަމަށް ކަނޑައެޅިދާނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ސިވިލް ކޯޓުގެ މުޅި ދަޢުވާ ބިނާވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަސް ދޯނި ބަނުމަށްޓަކައި ޢިމާދު ޔޫސުފްގެ ބައްޕަ، ޢަލީ ޔޫސުފްއާ ހަވާލުކުރި ތަކެއްޗަށްވާ އަގު ހޯދުމާއި އަދި ޢިމާދު ޔޫސުފް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކަމުގެ ސަބަބުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ޢިމާދު ޔޫސުފް ދޯނި ބަނުމުގެ މުޢާމަލާތަށް ޒިންމާވާންނުޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން، ހައިކޯޓުގެ އިސްތިއުނާފު ނުކުތާތައް ބިނާވީ އެކަމުގެ މައްޗަށެވެ. އެހެންކަމުން، ޢިމާދު ޔޫސުފް އެ މުދަލަށްވާ އަގަށާއި، މުޢާމަލާތާ ގުޅިގެން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލަށް ޒިންމާ އުފުލަންޖެހޭކަމަށް ހައިކޯޓުން ކަނޑައެޅިއިރު، އެންމެ ފުރަތަމަ ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ގަޒިއްޔާގައި ކުރެވުނު ދަޢުވާގައި ދެން ހިމެނޭ ކަންކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި، އެ މައްސަލަ ޖެހޭނީ ސިވިލް ކޯޓަށް ތަޙުވީލުކުރާށެވެ. ދަށު ކޯޓުގައި ކުރި ދަޢުވާގައި ހިމެނޭ ދެންހުރި ކަންތައްތައް ކަނޑައެޅުމަށްޓަކައި އަލުން އައު މައްސަލައެއް ހުށަހެޅުމަށް އެންގުމެއް ނޫނެވެ.
އެހެންކަމުން، ޢިމާދު ޔޫސުފް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާގައި އިތުރު ކަންކަން ބެލުމަށްޓަކައި އައު މައްސަލައެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅިދާނެ ކަމަށް ކަނޑައަޅާފައިވަނީ ޢިމާދު ޔޫސުފްގެ ޙައްޤު ގެއްލޭފަދަ މޭރުމަކުންކަން އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ހައިކޯޓު މައްސަލައިގައި އެންމެ އެދެވިގެންވާ ޙައްލަކީ ޙަޤީޤަތުގައި އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރުމެވެ. އެހެންނަމަވެސް، މިކަމަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް އިސްތިއުނާފުކޮށްފައިވާ ނުކުތާއެއް ނޫންކަން ފާހަގަކުރަމެވެ.
ޕްރިވިޓީ އޮފް ކޮންޓްރެކްޓް
ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ބޭރުން، ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކުރެވިފައިވާ ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް (privity of contract) ގެ މަބްދަޢުއާ ޚިލާފަށް ނިންމާފައިވާ ނިންމެއް ކަމަށް ޢިމާދު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތަކާ ޒިންމާތައް މަތިކުރުމުން ލިބޭ ގެއްލުމަށް އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތުން ޒިންމާ އުފުލަން ނުޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
12 ފެބްރުވަރީ 2007 ގައި ޢިމާދު ޔޫސުފްއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި، މެޓީރިއަލްއާއި އަދި އެހެނިހެން ހުރިހާ ތަކެއްޗެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢިމާދު ޔޫސުފްއަށް ފޯރުކޮށްދޭންޖެހޭކަމަށް އޮވެއެވެ. އަދި ދޯނި ބަނުމުގެ މަސައްކަތް 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ނިންމަދޭން ޢިމާދު ޔޫސުފް އެއްބަސްވާކަމަށް އޮވެއެވެ.
އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ދޯނި ބަނުމަށް ބޭނުންވާ ތަކެތި "ގަޑިން ގަޑިއަށް" ޢިމާދު ޔޫސުފްއަށް ފޯރުކޮށްދޭނެ ކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާކަމަށް އޮވެއެވެ. އަދި މިގޮތަށް ތަކެތި ފޯރުކޮށްދިނުން ލަސްވާނަމަ، އެ ކަމަށް ޢިމާދު ޔޫސުފް ޒިންމާ އުފުލަން]ނު[ޖެހޭނެ ކަމަށް އޮވެއެވެ.ސިވިލް ކޯޓަށް ހުށަހެޅުނު ހެކިންގެ ތެރެއިން، އާދަމްއާއި އަޙުމަދު ރަޝީދުގެ ހެކިބަހުގައި، ދޯނި ބަނުމުގެ ސާމާނު ޢިމާދު ޔޫސުފްގެ ބައްޕައާ ހަވާލުކުރީ ޢިމާދު ޔޫސުފްގެ އެދުމުގެ މަތިންކަމަށް ބުނެފައިވެއެވެ. ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާގައި މި ދެމީހުންގެ ހެކިބަހަށް ރިޢާޔަތްކުރުމާއެކު، ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި ދޯނި ބަނުމުގެ ތަކެތި އޭނާއަށް ލިބިފައިވާކަމަށް ބުނި ބުނުމަށްވެސް ރިޢާޔަތް ކޮށްފައިވާކަން އެނގެއެވެ.
ހައިކޯޓުން މި މައްސަލައިގައި ޔޫސުފް ޢަލީއަށް ހަވާލުކުރި ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ އުސޫލާ ޚިލާފަށްކަމަށް ޢިމާދު ޔޫސުފް ބުނިނަމަވެސް، ދެފަރާތު ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ދޯނި ބަނުމުގެ ސާމާނު ފޯރުކޮށްދޭންޖެހޭނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްކަން އެނގެއެވެ. އަދި ދޯނި ބަނުމުގެ މުއްދަތަކީ އެންމެ 6 (ހައެއް) މަސް ދުވަސްކަމުގައިވާއިރު، ޢިމާދު ޔޫސުފް އެކި މަރުހަލާތަކުގައި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ވާހަކަތަކުން، މި އެއްބަސްވުމުގައި ސޮއި ކުރެވުނީ ޢިމާދު ޔޫސުފް ތަޢުލީމު ހާސިލުކުރަން ސައުދީ އަރަބިއާއަށް ފުރަންވެގެން އެއަރޕޯޓަށް ގޮސް ހުރިއިރެވެ. އެހެންކަމުން، ދިގު މުއްދަތަކަށް ފުރަން އުޅުނު ޢިމާދު ޔޫސުފްއާއެކު އެ އެއްބަސްވުމުގައި ސޮއިކުރިނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ޢިމާދު ޔޫސުފް އުފުލަންޖެހޭ އިލްތިޒާމްތައް އުފުލުމަށްޓަކައި، އެހެން ގޮތްތަކެއް (އެއީ އެހެން މީހަކު މެދުވެރިކޮށްގެން ނަމަވެސް) ހަމަޖެހިފައި ހުރިކަމަށް ބުރަވެވެއެވެ. އަދި ހެކިންގެ ހެކިބަހުންވެސް މި އިލްތިޒާމްތަކާ ގުޅިގެން މުޢާމަލާތްކުރަންވީ ފަރާތަކަށް ޢިމާދު ޔޫސުފް ކަނޑައެޅީ އޭނާގެ ބައްޕަކަން އެނގެއެވެ. މިކަމަކީ އޭގެ ޒާތުގައި ދެފަރާތު ދެމެދު ވެފައި އޮތް އެއްބަސްވުމުގައި ހިމެނޭ އިލްތިޒާމްތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރުން ކަމުގައި ނުބެލެވޭނެއެވެ. އަދި ޔޫސުފް ޢަލީއާ އެ ތަކެތި ހަވާލުކުރުމަކީ ޔޫސުފް ޢަލީއާއި ޢިމާދު ޔޫސުފްއާ މެދު އިތުރު އެއްބަސްވުމެއް ވެވުނީކަމުގައިވެސް ބެލެވޭނެ ޙާލަތެއް ނޫނެވެ. އެއާ ޚިލާފަށް، ޔޫސުފް ޢަލީއާ މުދާ ހަވާލުކުރުމުގެ ނަތީޖާއަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޯނި ބަނުމުގެ ސާމާނު ހަވާލުކުރުމުގެ އިލްތިޒާމްއާ ގުޅިގެން ޢަމަލުކުރަންވީ ގޮތް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބުނެދިނުމެވެ. އަދި މިކަމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްއާ ގުޅުންހުރި ކަމެއް ނޫނެވެ.
އެހެންކަމުން ޢިމާދު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ޢިމާދު ޔޫސުފްގެ ބައްޕައާ ހަވާލުކުރި ތަކެއްޗަށް ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.
ކިތާބީ ހެކި ދެމިއޮއްވާ ޝަފަހީ ހެއްކަށް ބުރަދަން ދިނުން
މި ނުކުތާއާ ގުޅިގެން، ދެފަރާތު ދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް އޮތް ހިނދު، އެ އެއްބަސްވުމަށް ރިޢާޔަތް ކުރުމެއް ނެތި ހައިކޯޓުން ޝަފަހީ ހެކިންގެ ހެކިބަހަށް ބުރަދަން ދީފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާ (އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު) ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ޢިމާދު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާގެ 3.3 ވަނަ ނުކުތާގައި، އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން ދޯނި ބަނުމަށް ބޭނުންވާ ތަކެތި ޢިމާދު ޔޫސުފް ބުނެގެން ޢިމާދު ޔޫސުފްގެ ބައްޕަ ޔޫސުފް ޢަލީއާ ހަވާލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުކުރި ކުރުމަކީ، ލިޔުމުން ސާބިތުވާން އޮތްކަމެއް އެ ލިޔުމުން ސާބިތުވާން އޮތް ގޮތާ ޚިލާފަށް ޝަފަހީ ހެކިބަހުން ސާބިތުކުރި ކުރުމެއް ކަމުގައި ނުބެލެވޭނެކަމަށާއި، ހެކިންގެ ހެކި ބަހުން ސާބިތުކޮށްފައިވަނީ ޢިމާދު ޔޫސުފްގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެފައިވާކަމާއި އަދި ހަވާލުކުރެވުނުގޮތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމެއްގެ ދަށުން ވަކި ފަރާތަކާ ހަވާލުކުރަންޖެހޭ އެއްޗެއް އުސޫލެއްގެ ގޮތުން ސީދާ އެ ފަރާތަކާއި ނުވަތަ އެ ފަރާތުން ކަނޑައަޅައި ދައްކާ ފަރާތަކަށް ހަވާލުކުރެވިދާނެ ކަމަށާއި، އެ ފަރާތުން ކަނޑައަޅައި ދައްކާ ފަރާތަކާ ހަވާލުކުރެވޭ ޙާލަތުގައިވެސް، އެއީ އެއްބަސްވުމާ އެއްގޮތަށް އެފަރާތާ ހަވާލުކުރެވުނީ ކަމުގައި ބަލަންޖެހޭކަމަށް އެ ގަޒިއްޔާގައި އިތުރަށް ބަޔާންކޮށްފައިވެއެވެ. މިކަން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވާ ގޮތް ޢިމާދު ޔޫސުފްއަށް ބުނެދެވިފައިނުވެއެވެ.
ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރިއަށް ދާނެ ގޮތާއި އަދި ތަކެތި ހަވާލުކުރެވޭނެ ގޮތްތަކާއި، އަދި ދެފަރާތު ދެމެދު އެއްބަސްވާ ހުރިހާ ގޮތްތަކެއް ހުންނަންވާނީ ލިޔުމުންކަން ކަނޑައަޅާ އެއްވެސް މާއްދާއެއްނެތެވެ. ވުމާއެކު، އެއްބަސްވުމުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢިމާދު ޔޫސުފްއަށް ތަކެތި ހަވާލުކުރަންޖެހޭނެކަމަށް އޮންނަ އޮތުމާ ހަވާލާދީ، ޢިމާދު ޔޫސުފްގެ ބައްޕައާ އެތަކެތި ހަވާލުކުރަން ޢިމާދު ޔޫސުފް ބުނިކަމަށް ހެކިންގެ ހެކިބަހުން ސާބިތުވުމަކީ، އެއްބަސްވުމުގައި ލިޔުމުން ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ފުށުއަރާކަމެއް ނޫނެވެ. ނުވަތަ ކިތާބީ ހެކި ހުރިއިރު، އެއާ ފުށުއަރާ ޝަފަހީ ހެއްކަށް އިސްކަންދިނުމެއްވެސް ނޫނެވެ.
ތަޙުޤީޤު ބަޔާނަށް ބުރަދަން ދިނުން
އެއްބަސްވުމުގެ ދަށުން މުދާ ހަވާލުކުރެވުނު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ފުލުހުންގެ ތަޙުޤީޤަށް ޢިމާދު ޔޫސުފްގެ ބައްޕަ ދީފައިވާ ބަޔާނެއްގެ މައްޗަށް ބުރަވެގެންކަން އެނގޭއިރު، ތަޙުޤީޤުގެ ބޭނުމަށް ދީފައިވާ ބަޔާނެއް ހެއްކެއްގެ ގޮތުގައި ބޭނުންކޮށް އެ ބަޔާނަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޢިމާދު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި އިޝާރާތްކުރަނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންވާ އިޢުތިރާފުގެ މައްޗަށެވެ. އެގޮތުން އެފަދަ އިޢުތިރާފުތައް ވާންވާނީ ޝަރީޢަތުގެ މަޖިލީހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.
ހުށަހެޅިފައިވާ މައްސަލައިގައި، ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ހެކިބަހަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ މަދަނީ މައްސަލައެއްގައި، މަދަނީ މިންގަޑުން އެއްވެސް އެއްޗެއް ހަވާލުކުރެވުނުތޯ ކަނޑައެޅުމަށްޓަކައެވެ. މި މައްސަލައިގައި ހައިކޯޓުން ޔޫސުފް ޢަލީގެ ބަޔާނަށް ބުރަދަން ނުދިން ނަމަވެސް، އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ތަކެތި ޔޫސުފް ޢަލީއާ ހަވާލުކުރަން ޢިމާދު ޔޫސުފް ބުނިކަން މަދަނީ މިންގަނޑުން ސާބިތުވެއެވެ.
މީގެ އިތުރުން، ހައިކޯޓުގެ ޙުކުމުގައި ހަވާލުކުރެވުނު ތަކެއްޗާއި އެ ތަކެއްޗަށްވާ ފައިސާ ފަދަ ކަންކަން ކަނޑައެޅުމަށްޓަކައި އެހެން މައްސަލައެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަށު ކޯޓަށް ހުށަހެޅިދާނެ ކަމަށް ކަނޑައެޅުމުން، މީގެން ނިކުންނަ ނަތީޖާއަކީ، ޔޫސުފް ޢަލީއަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުކުރި ތަކެއްޗަކީ ކޮބައިކަމާއި، އެ ތަކެއްޗަކީ މި އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު ތަކެތިކަމާއި، އެ ތަކެތީގެ ތެރެއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަނބުރާ ގެންގޮސްފައިވަނީ ކޮން ތަކެއްޗެއްކަމާއި، އަދި މިނޫންވެސް އެހެނިހެން ކަންކަމަކީ އަލުން ބެލޭ މައްސަލައިގެ ދަށުން ޝަރީޢަތަށް ސާބިތުވާންޖެހޭ ކަންކަމަށްވުމެވެ.
ޔޫސުފް ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިން ބަޔާނުގެ އިތުރުން، އެހެނިހެން ފަރާތްތަކުންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި މައްސަލައާ ގުޅިގެން ބަޔާން ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ބަޔާންތަކަކީ ސިވިލް ކޯޓަށް ހުށަހެޅުނު ބަޔާންތަކެކެވެ. މި ބަޔާންތަކުގައި، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޔޫސުފް ޢަލީއަށް ރައްދުކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ ތަފްސީލު ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މި މައުޟޫޢުއާ ގުޅޭގޮތުން އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާތީ، ހައިކޯޓުން އެ ބަޔާންތަކަށް ރިޢާޔަތްނުކުރެއެވެ. ސަބަބަކީ އެކަންކަމަކީ ޝަރީޢަތުގައި އެކަމާ ގުޅޭގޮތުން މައުޟޫޢީ ގޮތުން ވާހަކަ ދެކެވި، ޝަރީޢަތުން ސާބިތުވާންޖެހޭ ކަންކަން ކަމުގައިވާތީއެވެ.
އެހެންކަމުން، ޢިމާދު ޔޫސުފްގެ ބައްޕަ، ޔޫސުފް ޢަލީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަކަށް ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާގައި ރިޢާޔަތް ކުރިނަމަވެސް، އެ ބަޔާނަށް ބަރޯސާވެ، ކޯޓުން ކަނޑައަޅާފައިވަނީ ތަކެތި ހަވާލުކުރިކަމެވެ. ހަވާލުކުރި ތަކެތީގެ ތަފްސީލާއި އަގު، އަދި ޢިމާދު ޔޫސުފް ޒިންމާވާންޖެހޭ މިންވަރާއި ގެއްލުމުގެ ބަދަލަކީ އެހެން މައްސަލައެއްގެ ތެރެއިން ބެލެން ހުރި ކަންކަމެވެ.
އެހެންކަމުން، ޢިމާދު ޔޫސުފްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/378 ގަޒިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ހުށަހަޅާފައިވާކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއަށް ހަވާލާދީ، ސިވިލް ކޯޓުގެ ނަންބަރު 1592/Cv-C/2013 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން އެކޯޓުގެ ނަންބަރު 2016/HC-A/378 ޤަޟިއްޔާއިން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތައް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިން ބެލުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.