އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2020/HC-A/41
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާތީ ވަޒީފާ އިޢާދަނުކޮށް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރާތީ 6 މަހުގެ މުސާރަ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމިއެވެ. ހައިކޯޓުގެ އަޣްލަބިއްޔަތުން ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެނައުމަކަށް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މެނޭޖަރ އާމިނަތު ސަޢީދު، ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެއް މާއްދާތަކާ ޚިލާފުވިކަމުގެ ތުހުމަތުތަކުގެ މައްޗަށް 12 ފެބުރުވަރީ 2018 ގައި ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އިޢާދަކޮށް މުސާރަ ހޯދުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާމެދު ހުށަހެޅުނު އިސްތިއުނާފުގައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރޭގައިތޯ، ނުވަތަ ނުކުތާތަކަށް ގޮތެއް ނިންމުމެއްނެތި މައްސަލައިގެ ވާޤިޢާތައް އަލުން ބަލައި ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އާމިނަތު ސަޢީދު ބުނީ ހައިކޯޓުން ނުކުތާތަކަށް ގޮތެއް ނިންމުމެއްނެތި، ޚަސްމުން ހުށަނާޅާ އައު ސަބަބުތަކެއްގެ މައްޗަށް މައްސަލަ ނިންމާފައިވާކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަން ބުނީ ޓްރައިބިއުނަލުން ކަންހިނގާފައިވާ ގޮތް ބަޔާންކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ބުނުމުން ނުކުތާތަކަށް ޖަވާބުދެވިފައިވާކަމަށް ބަލަންޖެހޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ހުށަހެޅުނު 5 އިސްތިއުނާފީ ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއަކާމެދު ގޮތެއް ކަނޑައަޅާފައި ނުވާތީ، އަދި ޓްރައިބިއުނަލްގެ ނިންމުން ރަނގަޅުކަމަށް ބުނުމަކުން ނުކުތާތަކަށް ޖަވާބުދެވިފައިވާކަމަށް ނުބެލެވޭތީ، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް ނުކުތާތަކާމެދު ނިންމުމަށް ހައިކޯޓަށް ތަޙުވީލުކުރެވުނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު، އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް ތަޙުވީލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ؛ ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވި އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުނަމަ، ޤާނޫނީ އުޞޫލުތައް ކަނޑައަޅައި މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވިދާނެއެވެ؛ އެފަދަ މަޞްލަޙަތެއް ނެތި، ދަށު ކޯޓުގެ އުނިކަން ހައިކޯޓު މަރުޙަލާގައި ފޫބެއްދިދާނެނަމަ ހައިކޯޓުން ގޮތް ކަނޑައެޅިދާނެއެވެ.
HN2 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން، މައުޟޫޢީ ގޮތުން ބެލެން އޮތް މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްފައިވާނަމަ، ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ކަނޑައަޅައި ހައިކޯޓުން މައްސަލަ ނިންމަންވާނެއެވެ.
HN3 ހައިކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލައި ގޮތް ކަނޑައަޅަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ؛ އެ ކޯޓުގެ ދައުރަކީ، އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ދަށު ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ ކަނޑައަޅައި، އެއަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރުން، ބައެއް ބާޠިލުކުރުން ނުވަތަ ދެމެހެއްޓުމެވެ.
HN4 ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން އެއްވެސް ނުކުތާއަކާމެދު ގޮތެއް ކަނޑައަޅާފައި ނުވާ، ވާޤިޢާތަކާމެދު ބަހުސްކުރި ޕެރެގްރާފްތައް އެއްވެސް އިސްތިއުނާފީ ނުކުތާއަކާ ގުޅުވާފައި ނުވާ، އަދި ޓްރައިބިއުނަލްގެ ނިންމުން ރަނގަޅުކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނުވާ ނިންމުމަކީ، އިސްތިއުނާފީ މައްސަލަތައް ބެލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުން ބަލާފައިވާ ނިންމުމެއް ނޫނެވެ.
HN5 ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ކަންހިނގާފައިވާގޮތް ބަޔާންކޮށްދީފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ބުނުމަކުން، އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދީފައިވާކަމަށް ނުބެލެވޭނެއެވެ؛ ކަންހިނގާފައިވާ ގޮތް ބަޔާންކުރީ ރަނގަޅަށްތޯ ހައިކޯޓުން ބަލާނީ އެ ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައެވެ.
HN6 ހައިކޯޓުން އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެ ޙުކުމް ބާޠިލުކޮށް، ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 ނޮވެމްބަރު 2022 · ރަޖިސްޓްރީކުރީ 4 ޑިސެމްބަރު 2022 · ނިމުނީ 22 ސެޕްޓެމްބަރު 2024 (21.6 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 48 2022/SC-A/98 ޝަރީޢަތް ނިމުނުގޮތް އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 22 ސެޕްޓެންބަރު 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/41 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ސިވިލް ސަރވިސް ކޮމިޝަން އާމިނަތު ސަޢީދު، ޑިއަރެސްޓް، ސ.ފޭދޫ ޤާނޫނީ ވަކީލު: ސީނިއަރ ލީގަލް ކައުންސެލް އާޔަތުﷲ ޙުސައިން ޤާނޫނީ ވަކީލު: ސައްފާޙު މުޙައްމަދު، ޑިއެވޮކެޓްސް ޗެމްބަރސް އެލްއެލްޕީ، ހަމްޒާ ލަޠީފް، ޑިއެވޮކެޓްސް ޗެމްބަރސް އެލްއެލްޕީ
ވަޒީފާއާބެހޭ – ތަޙުވީލު - އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތަކުގެ ތަރަހައިގެ ތެރޭގައި މައްސަލަ ނިންމުން
ފިހުރިސްތު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 5
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 8
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންތައް 9
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތައް 9
އުޞޫލުތައް ތަޠުބީޤުކުރުން 11
ޓްރައިބިއުނަލުގެ ނިންމުން ރަނގަޅުކަމަށް ބުނުމުން ފުދޭތަ؟ 13
ނިންމަން ފެންނަ ގޮތް 14
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 14
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 14
ޙުކުމް 14
` އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން [2024] SC 48 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/41 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސ. ފޭދޫ، ޑިއަރެސްޓް، އާމިނަތު ސަޢީދު1 (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ އާމިނަތު ސަޢީދު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/98 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސިވިލް ސަރވިސް ކޮމިޝަން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސިވިލް ސަރވިސް ކޮމިޝަން") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2އާމިނަތު ސަޢީދު ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މެނޭޖަރ އަދި ކޭސް ވޯކަރއެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އާމިނަތު ސަޢީދުއާ މެދު ގިނަ ތުހުމަތުތަކެއްކޮށް،
12 ފެބުރުވަރީ 2018 ގައި އާމިނަތު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
3އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރިކަން އަންގާ ސިވިލް ސަރވިސް ކޮމިޝަން އިން
12 ފެބުރުވަރީ 2018 ވަނަ ދުވަހު ފޮނުވާފައިވާ "ވަޒީފާއިން ވަކިކުރެއްވި ޗިޓް" ގައި ވަޒީފާއިން ވަކިކުރެވުނު ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ،
"ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 4 ގެ 4.2، 5 ގެ 5.2، 6 ގެ 6.1، 6.2، 8 އަދި 17 އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން"
މިފަދައިންނެވެ.
4އާމިނަތު ސަޢީދު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ އާމިނަތު ސަޢީދުއާމެދު ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކަމަށާއި، ވަޒީފާއިން ވަކިކުރި ސަބަބުތައް ކަމަށް ބުނެ 20 ސެޕްޓެންބަރު 2017 ގައި އާމިނަތު ސަޢީދަށް ފޮނުވާފައިވާ ލިޔުމުގައި އާމިނަތު ސަޢީދާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ސާބިތު ނުހިފޭ ތުހުމަތުތަކެއްކަމަށާއި، އާމިނަތު ސަޢީދު ޖަވާބުދާރީވުމުގެ ކުރިން ޖަވާބުދާރީވުމަށް އަންގައި ދިން ލިޔުމުގައި އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރަން ނިންމާފައިވުމުން، އާމިނަތު ސަޢީދު ވަޒީފާއިން ވަކި ކުރުމުގައި ރިޢާޔަތްކޮށްފައިވާ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއްކަމަށް ވާތީ، އާމިނަތު ސަޢީދު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށް ދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް އާމިނަތު ސަޢީދަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި އާމިނަތު ސަޢީދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.2
5އާމިނަތު ސަޢީދު ހުށަހެޅި މައްސަލަ ޓްރައިބިއުނަލް އިން ނިންމާފައިވަނީ، އާމިނަތު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައި ކަމަށް ބުރަވެވޭތީ، އާމިނަތު ސަޢީދު އެދިފައިވާ ފަދައިން އާމިނަތު ސަޢީދު އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ އިޢާދަކޮށް ދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައި ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެހެން ނަމަވެސް އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ މިންވަރަށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާ ކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ3 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އާމިނަތު ސަޢީދުއަށް ބަދަލެއްގެ ގޮތުގައި އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރެވުނުއިރު އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ
7,035/-ރ. (ހަތްހާސް ތިރީސްފަސް ރުފިޔާ) ގެ ނިސްބަތުން 06 (ހައެއް) މަސްދުވަހުގެ މުސާރައަށްވާ 42,210/-ރ. (ސާޅީސްދެހާސް ދުއިސައްތަ ދިހަ ރުފިޔާ) ނަގައިދިނުމަށެވެ. އަދި މި ފައިސާ 02 ޑިސެންބަރު 2019 އިން ފެށިގެން (ރަސްމީ ބަންދުނޫން) 14 (ސާދަ) ދުވަހުގެ ތެރޭގައި އާމިނަތު ސަޢީދަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 05 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އާމިނަތު ސަޢީދުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.4 މި އިސްތިއުނާފުގައި އާމިނަތު ސަޢީދުގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތައް ތިރީގައި އެ ވަނީއެވެ.
6.1- އާމިނަތު ސަޢީދުގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވިކަމަށް ބުނާ ދެ ސިޓީ ސިވިލް ސަރވިސް ކޮމިޝަން އިން ހުށަހަޅާފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 7.3.1 ގައި ބަޔާންކޮށްފައިވަނީ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައި ނުވަނީސްކަމުގައި ބުނެ ހުށަހެޅި ނުކުތާ،
6.2- އެއް ނަންބަރެއްގައި ކޯޓަށް ފޮނުވިކަމަށް ބުނާ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވެސް ނުވާއިރު، އާމިނަތު ސަޢީދުގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވިކަމަށް ބުނާ ދެ ސިޓީ ޙަޤީޤަތުގައިވެސް ކޯޓަށް ފޮނުވިތޯ ކޯޓުން ކަށަވަރުކޮށް ދެއްވުމަށް އެދިފައިވަނިކޮށް އެކަން ކުރުމަކީ މި މައްސަލައިގެ ބޭނުމަށް މުހިންމު ކަމެއް ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމައި، އެއް ނަންބަރެއްގައި ދެ ސިޓީ ތައްޔާރުކޮށްފައި އޮތުމަކީ މައްސަލައިގައި ހިމެނޭ ލިޔުމެއް އަސްލު އޮޅުވާލުންކަމަށް ވަޒީފާދިން ފަރާތުން ތުހުމަތުކުރާ ކަމަށް ކަނޑައަޅައި އެކަން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، އަސްލު އޮޅުވާލިކަމަށް ބުނާ ލިޔުމަކީ ކޮބައިކަން ބަޔާންކުރުމެއްނެތި، އަދި އަސްލު އޮޅުވާލި މަޢުލޫމާތު ހިމެނޭ ސިޓީތައްވެސް ބެލުމެއް ނެތިކަން؛
6.3- ކޯޓަށް މަޢުލޫމާތު ހިއްސާކުރި ކުރުމަކީ ޤާނޫނާ ޚިލާފަށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަކުރުމާއި ދޫކުރުން ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވާ މަޢުލޫމާތު ހާމަކުރެވުނު ފަރާތާއި، މަޢުލޫމާތު ހާމަކުރެވުނު ޙާލަތާއި ގުޅިގެން އާމިނަތު ސަޢީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަން.
6.4- ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލައިގައި އާމިނަތު ސަޢީދުގެ ފަރާތުން މަސައްކަތްކޮށްފައިވަނީ ޕްރޮސީޖަރ މެނުއަލް އާ އެއްގޮތަށް ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށާއި، އަދި ކޯޓަށް ހުށަހެޅުނު ކުދިންގެ ޙަޟާނާތާ ގުޅޭ މައްސަލައިގައި އެއްވެސް ކޮޅަކަށް ބުރަވެވޭގޮތަށް އާމިނަތު ސަޢީދު މަސައްކަތްކޮށްފައި ނުވާއިރު، އާމިނަތު ސަޢީދުގެ މަޤާމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމަލުކޮށްފައިވާގޮތް ވަކި ގޮތަކަށް މާނަކޮށް އާމިނަތު ސަޢީދު މަޤާމުގެ އިޚްތިޔާރު ގަސްދުގައި ނާޖާއިޒު ގޮތެއްގައި ވަކިފަރާތަކަށް ފައިދާވާނެ ގޮތަށް ބޭނުންކޮށްފައިވާކަމަށް ބުރަވެވޭ ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވަނީ އެއްވެސް ހެއްކެއް ޤަރީނާއެއް އެކަމުގެ މައްޗަށް ލިބިފައި ނެތް އިރުގައިކަން.
6.5- ކޯޓުން ކުދިންގެ މަންމަގެ ޞިއްޙީ ހާލަތާގުޅޭ މަޢުލޫމާތު އޭޑީކޭ ހޮސްޕިޓަލްއިން ހޯދާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ނުހޯދާކަމަށް ބަޔާންކޮށް، މި ކަމަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް މަޢުލޫމާތު ހާމަކުރުމާއި ލިބިގަތުން ކަމުގައި ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާއިރު، ކުދިންގެ މަންމަގެ ޞިއްޙީ ހާލަތާގުޅޭ މަޢުލޫމާތު އޭ.ޑީ.ކޭ ހޮސްޕިޓަލުން ހޯދުމުގައި ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ހޯދަން ޖެހޭކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލެއް ބަޔާންކޮށްފައި ނުވާކަން.
7އާމިނަތު ސަޢީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ، އާމިނަތު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާމެދު ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައެވެ. މިއީ އެ މައްސަލައިގައި ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔެވެ.
8މިއީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އާމިނަތު ސަޢީދުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލޭ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
9ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން އާމިނަތު ސަޢީދު ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
9.1- އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ5 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އަދި ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ6 ޤަޟިއްޔާގައި ޚަސްމުންގެ ފަރާތުން ހުށަހަޅާފައި ނުވާ ސަބަބުތަކުގެ މައްޗަށް ބުރަވެ މައްސަލަ ނިންމުމުގެ އުޞޫލާ ޚިލާފަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ނަގާފައި ނުވާ ދިފާޢުތަކެއް، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުރަވެފައިނުވާ އައު ސަބަބުތަކެއްގެ މައްޗަށްކަން.
10މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން އާމިނަތު ސަޢީދުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ޓްރައިބިއުނަލްއިން މި މައްސަލަ ނިންމުމުގައި އާމިނަތު ސަޢީދު ޢަމަލުކޮށްފައިވަނީ އަމިއްލަ މަސްލަޙަތުގައި ކަމަށް ކުރެވުނު ތުހުމަތު ސާބިތުވާކަމަށް ބުރަވެފައިވާ ސަބަބުތަކާއި، އެ ސަބަބުތަކަށް ރިޢާޔަތްކުރި ކުރުން ގޯސްކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާ އެއްކައިރިކޮށް، މުޅިން އައު ސަބަބުތަކެއްގެ މައްޗަށް އެ ތުހުމަތަށް ބާރުލިބޭ ކަމަށް ނިންމާފައިވުން.
(ށ) އާމިނަތު ސަޢީދުގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ސިޓީއަކީ ރަސްމީކޮށް އެފަދަ ސިޓީއެއް ފޮނުވުމަށް ނޭދެނީސް ފޮނުވާފައިވާ ސިޓީއެއްކަން ސާބިތުވާ ކަމަށް ޓްރައިބިއުނަލްއިން ބުރަވެފައިވާ ސަބަބުތަކާއި، އެ ސަބަބުތަކަށް ރިޢާޔަތްކުރި ކުރުން ގޯސްކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާ އެއްކައިރިކޮށް، މުޅިން އައު ސަބަބުތަކެއްގެ މައްޗަށް އެ ތުހުމަތަށް ބާރުލިބޭގޮތަށްކަން.
(ނ) އާމިނަތު ސަޢީދުގެ އަމިއްލަ އިސްނެގުމަށް ހޮސްޕިޓަލް އިން ކުދިންގެ މަންމަގެ މަޢުލޫމާތު ހޯދާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް، ސުޕަވައިޒަރުގެ ހުއްދަ ހޯދުމަކާ ނުލައިކަމަށް ބުނެ ކޮށްފައިވާ ތުހުމަތު ސާބިތުވާކަމަށް ޓްރައިބިއުނަލްއިން ބުރަވެފައިވާ ސަބަބުތަކާއި، އެ ސަބަބުތަކަށް ރިޢާޔަތްކުރި ކުރުން ގޯސްކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާ އެއްކައިރިކޮށް، މުޅިން އައު ސަބަބުތަކެއްގެ މައްޗަށްކަން.
(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސާބިތު ނުވާކަމަށް ނިންމާފައިވާ ތުހުމަތެއް، ދެފަރާތުންކުރެ ފަރާތަކުން އިސްތިއުނާފަށް ހުށަހަޅާފައި ނުވަނީސް، އައު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އެ ތުހުމަތަށް ބާރުލިބޭކަމަށް ނިންމާފައިވުން.
(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލުމުގައި ބަލާފައި ނުވާ ތުހުމަތެއް، ހައިކޯޓު މަރުޙަލާގައި ސާބިތުވާކަމަށް ކަނޑައަޅާފައިވުން.
11އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުން އާމިނަތު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައިވަނީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ، އާމިނަތު ސަޢީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ގޮތެއް ކަނޑައެޅުމަކާ ނުލައި ކަމުން، މިއީ، ހައިކޯޓުގެ ޤަވާއިދުގެ 45 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް7 މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލައިގެ މައުޟޫޢު އަލުން ބަލައި ނިންމާފައިވާ ނިންމުމެއްކަން.
12މި ކަންކަން ފާހަގަ ކުރުމަށްފަހު، އާމިނަތު ސަޢީދުގެ ފަރާތުން އެދިފައިވަނީ، ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައަޅައި، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ދާއިރާގެ ތެރެއިން މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކޮށް ދެއްވުމަށް، ނުވަތަ ހައިކޯޓުންނާއި ޓްރައިބިއުނަލްގެ ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށާއި، މައްސަލައިގައި އާމިނަތު ސަޢީދު އެދިފައިވާ ފަދައިން އެ ފަރާތް އަދާކުރަމުންދިޔަ މަޤާމު އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އާމިނަތު ސަޢީދުއަށް އެކީ އެއްފަހަރާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
13އާމިނަތު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާފައިވަނީ އެ މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން ކަންހިނގާފައިވާ ގޮތް ޓްރައިބިއުނަލް އިން ބަޔާންކޮށްދީފައިވަނީ ރަނގަޅަށްކަން އިތުރަށް ސާފުކޮށް ދިނުމަށްކަމުގައެވެ. އެގޮތުން އެ ވާގިއާތައް އަލުން ތަކުރާރު ކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށް ހައިކޯޓުގެ ނަންބަރު 2020/HC-A/41 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 28 ވަނަ ޕެރެގްރާފްގައި މައްސަލަ ބެލި ފަނޑިޔާރު ފާހަގަކޮށްފައިވާތީ، އުޞޫލެއްގެ ގޮތުން އެ ކޯޓަށް އިސްތިއުނާފު ކުރެވުނު ނުކުތާތަކަށް އެ ކޯޓުން ރިޢާޔަތްކޮށް އެ ނުކުތާތަކަށް ޖަވާބުދެވިފައިވާ ކަމުގައި ބަލަންޖެހޭކަމުގައެވެ. މީގެ އިތުރުން ހައިކޯޓުގެ ނިންމުމަށް ވާޞިލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބަލާފައިވާ ކަންކަން އިތުރަށް ތަފްޞީލުކޮށްދީފައިވާކަން ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 37 ވަނަ ޕެރެގްރާފަށް ބެލުމުން އެނގޭކަމުގައެވެ.
(ށ) ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކަށާއި، ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ކަމަށާއި، ހައިކޯޓުގެ ނިންމުމުގައި އައު މައުޟޫޢުތަކަށް އަލުން މައްސަލަ ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެނެސްފައިނުވާތީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ހައިކޯޓުގެ ޤަވާޢިދުގެ 45 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަން.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންތައް
14މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަން އޮތް މައިގަނޑު ސުވާލަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ އެ ކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރޭގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށެވެ.
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތައް
15HN1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ8 32 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ އަކުރުގައި އޮތީ ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައެވެ. އަދި އެ މާއްދާގެ (ނ) ގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެ ނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައެޅުމަށްފަހު އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
16ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ9 32 ވަނަ މާއްދާ އިތުރަށް ތަފުސީލު ކުރަމުން ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ10 މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވަނީ އަންނަނިވި ޢިބާރާތެވެ.
" ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓާއި ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފު ކުރެވޭ ހާލަތްތަކެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ޞަރީޙަ ނައްސުން ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ މައްސަލައެއް އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެފަދަ މައްސަލައެއް ދަށު ކޯޓުން އަލުން ބަލަން ފޮނުވާލުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. ހަމަ އެފަދައިން، އެފަދަ މަޞްލަޙަތެއް ނެތްނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ކުރާ އުނިކަމެއް އެއީ ހައިކޯޓު މަރުހަލާގައި ފޫބެއްދިދާނެކަމެއް ކަމަށް ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް ފެންނަނަމަ، އެ މައްސަލަ ދަށަށް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި، ގޮތް ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ."
17HN2ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތައް ބަޔާންކުރުމަށް ފަހު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. މި ހާލަތްތަކުގެ ތެރޭގައި، އިސްތިއުނާފު ކުރުމަށް ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރިނަމަ، އެކަމަކީ އެ މައްސަލައެއް އިސްތިއުނާފު ކުރެވިދާނެ ޙާލަތެއްކަން ބަޔާންކޮށްފައިވެއެވެ.
18ހައިކޯޓުން މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގެ އުޞޫލުތައް ބަޔާންކުރަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވަނީ، ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، އެ މައްސަލައަކީ މައުޟޫޢީގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ކަނޑައަޅައި، އެ މައްސަލަ ހައިކޯޓުން ނިންމަންވާނެ ކަމުގައެވެ. މިއީ މައުޟޫޢީ ގޮތުން މައްސަލަ ބެލުމާމެދު ހައިކޯޓުގެ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ހ) ގައި ވެސް ތަކުރާރުކޮށްފައިވާ އިބާރާތެވެ.
19HN3ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައަޅައި އެ ކޯޓުން މައްސަލަ ބެލުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައިވާ ހާލަތްތައް ތަފުސީލު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް11 މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވަނީ އަންނަނިވި ޢިބާރާތެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލާނަމަ، އެ މައްސަލަ ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅަން ޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ. މި ޙާލަތުގައި ހައިކޯޓުގެ ދައުރަކަށްވަނީ އެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ އަލީގައި، އެ ނުކުތާތަކާމެދު ދަށު ކޯޓުން ގޮތް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އަދި ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމަށް އަސަރުކުރަނީނަމަ އެ ޙުކުމް އެއްކޮށް ނުވަތަ އެއިން ބައެއް ބާޠިލުކުރުން، ނުވަތަ ޙުކުމް ދެމެހެއްޓުމެވެ. ނުވަތަ ހައިކޯޓުން ކަނޑައަޅާ ކަނޑައެޅުމުން ދަށު ކޯޓުން މައްސަލައިގައި ކޮށްފައިވާ ޙުކުމަށް އަސަރު ނުކުރާނަމަ، ދަށު ކޯޓުން ނިންމި މައްސަލައިގައި ވަކި ކަމަކާއި ގުޅޭގޮތުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތަކީ ރަނގަޅު ގޮތްކަން ނުވަތަ ނޫން ކަމަށް ކަނޑައެޅުމެވެ."12
އުޞޫލުތައް ތަޠުބީޤުކުރުން
20HN4މި މައްސަލައިގައި ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ރައުޔުގައި މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ 05 ނުކުތާގެ ތެރެއިން އެންމެ ނުކުތާއަކާމެދު ވެސް ގޮތެއް ކަނޑައަޅާފައި ނުވެއެވެ.
21އަޣްލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ރައުޔުގައި ތިން އަރިމަތީ ސުރުޚީއެއް ޖެހުމަށްފަހު، މައްސަލައިގެ ވަކިވަކި ވާޤިޢާތަކާމެދު ބަހުސްކޮށްފައިވާ ޖުމުލަ 07 ޕެރެގްރާފު ފެންނަން އެބައޮތެވެ. އެ ޕެރެގްރާފުތަކުގެ ތެރެއިން 30 ވަނަ ޕެރެގްރާފުން ފެށިގެން 32 ވަނަ ޕެރެގްރާފުގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، އޭ.ޑީކޭ ހޮސްޕިޓަލުން އާމިނަތު ސަޢީދު މަޢުލޫމާތު ހޯދިކަމަށް ބުނާ ވާހަކަތަކެކެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން މި ވާހަކަތަކާ ގުޅޭކަމަށް ބެލެވޭ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ 05 ވަނަ ނުކުތާއެވެ. އެ ނުކުތާގައި އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އާމިނަތު ސައީދު އޭ.ޑީ.ކޭ ހޮސްޕިޓަލުން މަޢުލޫމާތުތަކެއް ހޯދާފައިވަނީ، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ނުހޯދައި ކަމުގައި ޓްރައިބިއުނަލުން ނިންމީ ރަނގަޅަށް ނޫންކަމުގައެވެ. އެހެނީ އެ ފަދަ އުސޫލެއް ކަމާބެހޭ މިނިސްޓްރީއަކުން ކަނޑައަޅާފައިނުވާތީ ކަމުގައި އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަ ކުރެއެވެ.
22ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއް އޮތްކަން ނުވަތަ ނޫންކަން ވެސް އެ ނިންމުމުގައި ފާހަގަ ކޮށްފައި ނުވެއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން މަޢުލޫމާތު ހޯދުމާ ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ އެއްވެސް ނިންމުމެއް ރަނގަޅުކަން ނުވަތަ ނޫންކަން ވެސް ބަޔާން ކޮށްފައިވާތީ އެ ނިންމުމުން އަހުރެންނަށް ނުފެނެއެވެ.
23މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން، މި މައްސަލައިގައި ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ 33 ވަނަ ޕެރެގްރާފުން 34 ވަނަ ޕެރެގްރާފްގައިވާ ވާހަކަތަކީ ކޮން ވާހަކަތަކެއްކަން ސާފެއް ނޫނެވެ. އެހެނީ މި ދެ ޕެރެގްރާފުގައި އާމިނަތު ސަޢީދު ސޮއިކޮށް
20 ޖަނަވަރީ 2016 ގައި އޭ.ޑީ.ކޭ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވިކަމަށް ބުނެއެވެ. އަދި އެ ހޮސްޕިޓަލުން 10 މާރިޗު 2016 ގައި ފޮނުވި ސިޓީއެއްގެ ވާހަކަ ވެސް ބަޔާން ކޮށްފައިވެއެވެ. އެއަށްފަހު އާމިނަތު ސައީދު ޖެންޑަރ މިނިސްޓްރީއަށް 25 އޭޕްރީލް 2017 ގައި ފޮނުވި ސިޓީއެއްގެ ވާހަކަވެސް ބަޔާކޮށްފައިވެއެވެ. އަދި މި ހުރިހާ ސިޓީތަކުގައި ހިމެނިފައިވާ މަޢުލޫމާތާއި، ޝަރީޢަތަށް ކުރެވޭ ދޭހަ ބަޔާންކުރިއިރު، މިއީ ކޮން އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ކޮށްފައިވާ ބަހުސެއްކަން ސާފެއް ނޫނެވެ. މިއިން އެއްވެސް ޕެރެގްރާފެއްގައި މި މައްސަލައިގައި ދެ ފަރާތުންކުރެ ފަރާތަކުން ފާހަގަކުރިކަމެއް، ނުވަތަ ޓްރައިބިއުނަލުން ފާހަގަ ކުރިކަމެއް ބަޔާންކޮށްފައި ނުވެއެވެ. އަދި ޓްރައިބިއުނަލުގެ ނިންމުމެއް ރަނގަޅުކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ވެސް ނުވެއެވެ.
24އަޣްލަބިޔަތު ރައުޔުގެ "ނިންމުން" ގެ ކުރިއަށް އޮތް 34 ވަނަ ޕެރެގްރާފާއި 35 ވަނަ ޕެރެގްރާފްގެ ވާހަކަ ތަފުސީލު ކުރުމުގެ މާނައެއް ވެސް ނެތެވެ. އެހެނީ އެއިން އެއްވެސް ޕެރެގްރާފެއްގައި ޓްރައިބިއުނަލްގެ ނިންމުމަކާ ޙަވާލާދީ ޓްރައިބިއުނަލްގެ ވަކި ނިންމުމެއް ޤާނޫނީ ގޮތުން ރަނގަޅުކަން ނުވަތަ ނޫންކަން ބަޔާން ކޮށްފައި ނުވެއެވެ. އިސްތިއުނާފީ އެއްވެސް ނުކުތާއަކާ ޙަވާލާދީފައި ނުވެއެވެ. ދެ ފަރާތުންކުރެ ފަރާތަކުން ދެއްކި މިވެނި ވާހަކައެއް އޮތީ މިހެންކަން އެވެނި ވާހަކައެއް އޮތީ އެހެންކަން ބަޔާންކޮށް އެއްވެސް ކަމެއް މިއިން ޕެރެގްރާފެއްގައި ފާހަގަކޮށްފައި ނުވެއެވެ.
25ކަން މިހެން އޮތުމުން، މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ، އިސްތިއުނާފީ މައްސަލަތައް ބެލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުން ކަމުގައި އަހުރެންނަށް ބުރަ ނުވެއެވެ.
ޓްރައިބިއުނަލުގެ ނިންމުން ރަނގަޅުކަމަށް ބުނުމުން ފުދޭތަ؟
26HN5މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ އެއްކަމަކީ، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ޕެރެގްރާފުގައި (އަޣްލަބިއްޔަތު ރައުޔުގައި) މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރަނގަޅުކަމަށް ޓްރައިބިއުނަލުން ބަޔާންކޮށްދީފައިވަނީ ރަނގަޅަށް ކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވާ ކަމުގައެވެ. އެހެން ކަމުން އުޞޫލެއްގެ ގޮތުން އެ ކޯޓަށް އިސްތިއުނާފު ކުރެވުނު ނުކުތާތަކަށް އެ ކޯޓުން ރިޢާޔަތްކޮށް އެ ނުކުތާތަކަށް ޖަވާބުދެވިފައިވާ ކަމުގައި ބަލަންޖެހޭ ކަމުގައެވެ.
27މި ވާހަކަތަކަށް އަހުރެންނަށް އެއްވެސް ބުރަދަނެއް ނުދެވެއެވެ. ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލައެއްގައި، ދަށު މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން އެ މައްސަލައިގައި ކަން ހިނގާފައިވާގޮތް ބަޔާންކޮށްދީފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ހައިކޯޓުން ބަލާނީ އެ ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައެވެ. މި ވާހަކަތައް މި ރައުޔުގެ 18 ވަނަ ޕެރެގްރާފްގައި ތަފުސީލުކޮށް ބަޔާންކޮށްފައިވުމުން އެ ތަފުސީލުތައް އަލުން ތަކުރާރުކުރާކަށް ނެތީމެވެ.
ނިންމަން ފެންނަ ގޮތް
28HN6މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާމެދު އެ ކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި، މި މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައިވާ ކަންކަން އެފަދައިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/41 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި މައްސަލައިގައި އާމިނަތު ސަޢީދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އެ ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1
2 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 38/VTR/2018 މައްސަލަ
3 ޤާނޫނު ނަންބަރު 2016/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު
4 ހައިކޯޓުގެ ނަންބަރު 2020/HC-A/41 ޤަޟިއްޔާ
5 ޤާނޫނު ނަންބަރު 2010/22
6 [2021] SC 98
7 [2021] SC 111
8 ޤާނޫނު ނަންބަރު 22/2010
9 ޤާނޫނު ނަންބަރު 22/2010
10 [2021] SC 98
11 [2021] SC 09
1218 ވަނަ ޕެރެގްރާފް
2022/SC-A/98 [2024] SC 48
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ)
- [2021] SC 98 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)
- [2021] SC 09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 111 (އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.