ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 111 · 2020/SC-A/112

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
16 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2017/HC-A/262
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 11 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާތީ ދަޢުވާކުރުމުގެ ޙައްޤު ނުލިބޭކަމަށް ސިވިލް ކޯޓުން ނިންމިއެވެ. ހައިކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި އިސްލާމީ ޝަރީޢަތަށް ބިނާކޮށް 15 އަހަރުގެ މުއްދަތު ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް މައުޟޫޢަށް ގޮތް ކަނޑައެޅުމަށް މައްސަލަ ތަޙުވީލުކުރިއެވެ.
ވާޤިޢާ
2005 ވަނަ އަހަރު ވަޠަނިއްޔާ ޓެލެކޮމް (މިހާރު އުރީދޫ) އާ ހަވާލުކުރި ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ނުދައްކާ އަގާއި ޖޫރިމަނާ ހިމެނޭގޮތަށް US$576,422.42 ހޯދުމަށް އަމީން ކޮންސްޓްރަކްޝަނުން 2016 ވަނަ އަހަރު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދިވެހިރާއްޖޭގައި ތަޤާދުމުގެ ޤާނޫނެއް ނެތް ޙާލަތުގައި، 2005 ވަނަ އަހަރު ކުރެވުނު މުޢާމަލާތެއްގެ ފައިސާ ހޯދުމަށް 11 އަހަރު ފަހުން ކުރި ދަޢުވާ ބެލޭނެތޯ؛ އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި އިސްލާމީ ޝަރީޢަތަށް ބިނާކޮށް ޙައްޤު އުފަންވިތާ 15 އަހަރު ވަންދެން ދަޢުވާ އުފުލިދާނެކަމަށް ހައިކޯޓުން ކަނޑައެޅުމާއި، ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރި ގޮތް ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން ޤާނޫނީ އުސޫލު ބަޔާންނުކޮށް ތަޙުވީލުކުރި ކަމަށާއި، ފަރާތްތަކުން ނުހުށަހަޅާ ޝަރުޢީ މަޞްދަރުތަކަށް ބިނާކުރި ކަމަށާއި، ކުންފުނި އަދި ޓެކްސް ޤާނޫނުތަކާއި ސާބިޤާތަކަށް ރިޢާޔަތް ނުކުރި ކަމަށް އުރީދޫ ބުނެއެވެ. ތަޤާދުމުގެ ޤާނޫނެއް ނެތުމުން ޤާނޫނުއަސާސީގެ 16 އަދި 42 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ ޙައްޤު ހަނިނުކުރެވޭނެކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެއެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަކީ ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ މާއްދާއެއް ނޫންކަމާއި، ހައިކޯޓުން ބޭނުންކުރި ޝަރުޢީ މަޞްދަރުތައް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަނުކުރާކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދަޢުވާ އުފުލަންޖެހޭކަމާއި، މުޢާމަލާތުގެ ވާޤިޢާތައް ސާފުކޮށް އެ މުއްދަތު އެކަށީގެންވޭތޯ ބަލަންޖެހޭތީ ތަޙުވީލު ޞައްޙަކަމުގައި ބެލެވިއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (15 އަހަރުގެ މުއްދަތު ކަނޑައެޅުން)، ސިވިލް ކޯޓަށް ތަޙުވީލުކުރި ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަދަނީ – ކޮންޓްރެކްޓް (ދަޢުވާކުރުމުގެ މުއްދަތު / ތަޤާދުމު)

HN1 ދަށުކޯޓުން މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައަޅާފައި ނުވާނަމަ (ހަމައެކަނި ދަޢުވާކުރުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބަލައި ނިންމާފައިވާނަމަ)، މައުޟޫޢަށް ގޮތް ކަނޑައެޅުމަށް ހައިކޯޓުން މައްސަލަ ތަޙުވީލުކުރުމުގައި ވަކި ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކެއް ބަޔާންކުރަން ނުޖެހޭނެއެވެ. އެފަދަ މައްސަލައެއްގައި ވަކި އުސޫލުތަކެއްގެ އަލީގައި ބެލުމަށް އިރުޝާދުދިނުމަކީ ދަށުކޯޓުގައި ގޮތް ނުކަނޑައަޅާ ކަމެއް ވަކި ގޮތަކަށް ގެންދިއުމަށް ބާރުއެޅުމެއް ކަމުގައި ބެލެވިދާނެ ކަމެކެވެ.

HN2 ދަށުކޯޓަށް ހުށަނޭޅޭ އައު ދަޢުވާ ނުވަތަ ނުކުތާ އިސްތިއުނާފީ ކޯޓުން ބެލުމުން މަނާވެގަތުމުގެ އުސޫލަކީ (ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ. އަޙްމަދު ޙަމީދު)، އިސްތިއުނާފީ ކޯޓުން މައްސަލައާ ގުޅޭ ނުކުތާގައި ފަނޑިޔާރުން ދެކޭގޮތް ބަޔާންކުރުމަށް ޝަރުޢީ އަސާސްތަކާއި ކޭސް ލޯއަށް ހަވާލާދިނުން މަނާކުރާ އުސޫލެއް ނޫނެވެ.

HN3 އެއްކަހަލަ މައްސަލަތައް އެއްގޮތަކަށް ނިންމުމުގެ އުސޫލުގެ ދަށުން، ކުރިން ނިންމާފައިވާ މައްސަލައެއްގެ މުހިންމު ވާޤިޢާތަކާ ތަފާތުކަމަށް ބަލައި ކޯޓަކުން އެ ނިންމުމާ ތަބާނުވާނަމަ، އެއީ ތަފާތު ޙާލަތެއްކަން ބަޔާންކުރަންވާނެއެވެ. ފަރާތަކުން ހަވާލާދޭ ސާބިޤާތައް ތަޠުބީޤު ނުކުރެވޭނަމަ ސަބަބު ބަޔާންކުރުމާއި، ފަރާތަކުން ހުށަހަޅާ ޤާނޫނީ ނުކުތާއެއް ބަލައި ނުގަންނަނަމަ ހަމައެކަނި ނަތީޖާ ބުނުމުގެ ބަދަލުގައި ސަބަބާއެކު އެ ނަތީޖާއަށް ވާޞިލުވީ ގޮތް ބަޔާންކުރުމަކީ ކޯޓުން ކުރަންޖެހޭ ކަމެކެވެ. އެގޮތަށް ޢަމަލުނުކުރުމުން ޢަދުލުއިންޞާފު ލިބިދެވޭކަމާމެދު ސުވާލު އުފެދޭނެއެވެ.

HN4 ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކުރަންޖެހެނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަމުގައެވެ. ޝަރުޢީ މަޞްދަރަކަށް ހަވާލާދޭނަމަ ފޮތުގެ ނަމާއި ބާބާއި ޙަދީޘް ނަންބަރާއި ޞައްޙަކަން ވަޒަންކުރެވޭ ގޮތް ހިމެނޭގޮތަށް ފުރިހަމައަށް ހަވާލާދޭންވާނެއެވެ؛ އެފަދައިން ސާބިތުނުވާ ޙަދީޘަކީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ މާނައިގައި އިސްލާމީ ޝަރީޢަތުގައި ކަން އޮތްގޮތް ދަލީލުކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

HN5 މަޖައްލާ އަލްއަޙްކާމިލް ޢަދްލިއްޔާ (އުޘްމާނީ ޚިލާފަތުގެ ޤާނޫނު) އަކީ ވަކި ޒަމާނެއްގައި ވަކި އިޚްތިޞާޞެއްގައި ހިންގި ޤާނޫނެއް ކަމުން، އެއީ އަމިއްލައަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައިވާ 'އިސްލާމީ ޝަރީޢަތު'ގެ ތެރެއަށް ވަންނަ އެއްޗެއް ނޫނެވެ. އެއިން ވަކި އުސޫލެއް ތަޠުބީޤުކުރެވޭނީ އެ އުސޫލު ބިނާވި އިސްލާމީ މަޞްދަރަކަށް ހަވާލާދީގެންނެވެ. އަދި ޢަބްދުއްރައްޒާޤު އަލްސަންހޫރީ ފަދަ ޤާނޫނީ މާހިރެއްގެ ރައުޔު، އިސްލާމީ މަޞްދަރަކަށް ހަވާލާދިނުމެއްނެތި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގައި ނުހިމެނޭނެއެވެ. ބޭރު ޤައުމުތަކުގެ އުސޫލުތައް ބޭނުންކުރެވޭނީ އެ މައުޟޫޢުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުސޫލުތަކެއްނަމައެވެ.

HN6 މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި ދުވަސްވުމުން ނެތިދާ އެއްޗެއް ނޫނެވެ. އެއީ ދެފަރާތުގެ އެއްބަސްވުމުގެ ތެރެއިން އުފެދޭ، ޕްރައިވެޓް ލޯގެ ތަރަހައިގައި ހިމެނޭ ޙައްޤެއް ކަމުން، އެއީ ޕަބްލިކް ލޯގެ ދަށުގައިވާ އަސާސީ ޙައްޤުތަކާ ތަފާތު އުސޫލުތަކެއް ހިނގާ ކަމެކެވެ.

HN7 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަކީ މިނިވަން މުސްތަޤިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހުޅުވިގެން ބާއްވާ އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކަށަވަރުކޮށްދޭ މާއްދާއެކެވެ؛ އެއީ ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ މާއްދާއެއް ނޫނެވެ. އެހެންކަމުން، މަދަނީ ޚުޞޫމާތެއްގައި ދަޢުވާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ (ތަޤާދުމުގެ) ޤާނޫނަކުން މެނުވީ ހަނިނުކުރެވޭނެ ޙައްޤެއް ކަމަށް ބުނުމަކީ ނުބައިކޮށް މާނަކުރުމެކެވެ.

HN8 އެއްބަސްވުމެއްގެ ދަށުން ދަޢުވާކުރުމަށް އުފެދޭ ޙައްޤު މާނަކުރުމުގައި ހިނގާނީ މާނަކުރުމުގެ އާންމު އުސޫލުތަކެވެ؛ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު އެފަދަ ޙާލަތެއްގައި ތަޠުބީޤުކުރުމަށް ޤާނޫނީ ހުރަހެއް ނެތެވެ.

HN9 ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސް ޤާނޫނުތަކުގެ ދަށުން ހިސާބުތައް އެކުލެވޭ ލިޔެކިޔުންތައް ވަކި މުއްދަތަކަށް ބެލެހެއްޓުމުގެ ޒިންމާ އޮތުމަކީ، އެ މުއްދަތު ފަހަނައެޅުމުން ކުންފުންޏެއް ކޮށްފައިވާ މުޢާމަލާތެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތަކުން ބަރީޢަވާނެ ސަބަބެއް ނޫނެވެ. ލިޔެކިޔުން ބެލެހެއްޓުމާއި، މުޢާމަލާތެއްގެ ދަށުން ޙައްޤެއް ނެތިދިއުމަކީ މުޅިން ދެކަމެކެވެ.

މަދަނީ › މަދަނީ – ކޮންޓްރެކްޓް (ދަޢުވާކުރުމުގެ މުއްދަތު / ތަޤާދުމު)

HN10 މުޢާމަލާތެއްގެ ތެރެއިން އުފަންވާ ޙައްޤަކާ ގުޅޭ ޚުޞޫމާތަކަށް ގޮތް ކަނޑައަޅަންވާނީ ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބަލައިގެންނެވެ. އެއްބަސްވުމުގައި އެހެން ގޮތަކަށް ނުވާނަމަ ބައިވެރިން ޒިންމާތައް އަދާކުރަންވާނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކަމުން، އެ ޙައްޤު ހޯދުމަށް ދަޢުވާ އުފުލަންވާނީވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައެވެ. ތަޤާދުމުގެ ޤާނޫނެއް ނެތް ޙާލަތުގައި، ކަންހިނގާފައިވާ ގޮތާއި ދެފަރާތުގެ ޢަމަލުތަކަށް ބަލައި ދަޢުވާ އުފުލުނު މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ކޯޓުން ބަލަންވާނެއެވެ؛ އަދި ޢަދުލުވެރިގޮތް ކަމުގައިވާނަމަ ލަޝެޒް (doctrine of laches) ފަދަ އަދާލަތުގެ އުސޫލުތަކަށް ރިޢާޔަތްކުރެވިދާނެއެވެ.

HN11 އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ނުވާނަމަ ޙައްޤު އުފަންވިތާ 15 އަހަރު ފާއިތުވާންދެން ދަޢުވާ އުފުލިދާނެކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައިވާ މަޞްދަރުތަކަށް ބިނާނުކޮށް ކުރި، އަދި ޤާނޫނު މާނަކުރުމުގެ އެކަށީގެންވާ އުސޫލުތަކަށް ބިނާނުވާ ކަނޑައެޅުމެއް ކަމުން، އެ ކަނޑައެޅުން ބާޠިލުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 10 އޮގަސްޓް 2020 · ރަޖިސްޓްރީކުރީ 23 ޑިސެމްބަރު 2020 · ނިމުނީ 30 ނޮވެމްބަރު 2021 (11.2 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

` އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-633/2004) ގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-20/89) (މީގެ ފަހުން މި ރައުޔުގައި "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަމީން ކޮންސްޓްރަކްޝަން" ކަމަށް ހަވާލާދީފައިވާ) ގެ މައްޗަށް ރައްދުވާގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މިހާރު، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، އަދި މީގެ ފަހުން މި ރައުޔުގައި "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އުރީދޫ މޯލްޑިވްސް" ކަމަށް ހަވާލާދީފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 14 މާރިޗު 2005 ގައި އަމީން ކޮންސްޓްރަކްޝަންއާ 30 (ތިރީސް) އެންޓަނާގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި، އެ އެންޓަނާތަކާ ގުޅޭ މުވާސަލާތީ ސާމާނާއި ވަސީލަތްތައް ބެހެއްޓުމަށް 29 (ނަވާވީސް) ޝެލްޓަރގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ހަވާލުކުރި ކަމުގައި ބުނެ، މި މަސައްކަތުގެ ތެރެއިން، 19 (ނަވާރަ) ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަންޖެހި ނުދައްކަވާ US$226,619.59 (ދެ ލައްކަ ސައްބީސްހާސް ހަސަތޭކަ ނަވާރަ ޔޫ.އެސް ޑޮލަރު ފާންސާސް ނުވަ ސެންޓް) އާއި ބުނެވުނު ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ US$349,802.83 (ތިން ލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ ދޭއް ޔޫ.އެސް ޑޮލަރު އަށްޑިހަ ތިން ސެންޓް) އާއެކު ޖުމްލަ US$576,422.42 (ފަސް ލައްކަ ހަތްދިހަ ހަހާސް ހަތަރުސަތޭކަ ބާވީސް ޔޫ.އެސް ޑޮލަރު ސާޅީސް ދެ ސެންޓް) ހޯދުމަށް އެދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 1431/Cv-C/2016 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ހުށަހެޅިފައި މިވާ މައްސަލައިގެ ދަޢުވާކުރުމުގެ ޙައްޤު 2005 ގައި އުފަންވެފައިވާއިރު މި ޤަޟިއްޔާ ކޯޓަށް ހުށަހަޅާފައިވަނީ 10 ޖުލައި 2016 ގައިކަން އެނގެން އޮންނަކަމާއި، މި ޤަޟިއްޔާ ކޯޓަށް ހުށަހެޅުމުގެ ކުރިން ޙައްޤެއް އޮތްނަމަ އެ ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 11 (އެގާރަ) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާކަމާއި، ދަޢުވާ ބިނާވެފައިވަނީ ތަޢާޤުދީ ފަރުވާއެއް (contractual remedy) މައްޗަށް އެކަނި ނޫންކަމާއި، އަދާލަތުގެ (equity) ހަމަތަކުން ގޮތެއް ކަނޑައަޅަންޖެހޭ ނިސްބަތް ބޮޑުކަން ދަޢުވާފޯމުން އެނގެން އޮންނަކަމާއި، މި މައްސަލައިގެ ބާވަތާއި ޒާތަށް ބަލައި ޢަދުލުވެރިކަމުގެ މައްޗަށް ބުރަވެ ކުންފުންޏާބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ޕަބްލިކް ކުންފުންޏަކުން އެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ތައްޔާރުކުރާ ދުވަހުން ފެށިގެން 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ހަމަ މި މައްސަލައަށް ތަޠުބީޤުކޮށް، ދަޢުވާކުރާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ޙައްޤެއް އޮތްނަމަ އެ ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 11 (އެގާރަ) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާ ކަމަށްޓަކައި، މި ދަޢުވާކުރުމުގެ ޙައްޤު އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާ ކަމުގައެވެ.

ސިވިލް ކޯޓުން އިސްވެބުނެވުނު ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ދެ ފަރާތުގެ މެދުގައި ޚުޞޫމަތް އުފެދިފައިވާ މުޢާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ނުލިބިވާ ކަމަށް ބުނާ ފައިސާއާ ގުޅިގެން ސިވިލް ކޯޓަށް 10 ޖުލައި 2016 ގައި މައްސަލަ ހުށަހެޅުން ފިޔަވައި ފައިސާ ހޯދުމަށް ކޮށްފައިވާ އެއްވެސް މަސައްކަތެއް އެނގޭ ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން؛

މި ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރަންޖެހޭ މުއްދަތު ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މިއަދާ ހަމައަށް ސާފުކޮށް ކަނޑައެޅި ބަޔާންވެފައި ނުވާކަމާއި، ނަމަވެސް ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ހުންނަންވީ ތަނާއި މުއްދަތު ކުންފުންޏާބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމާއި، އެ މާއްދާގެ (ނ) ގައި ކޮންމެ ޕަބްލިކް ކުންފުންޏަކުން އެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ތައްޔާރުކުރާ ދުވަހުން ފެށިގެން 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން އެ ހިސާބުތައް އެކުލެވޭ ލިޔުންތައް އޭގެފަހުން ރައްކާކޮށް ބެހެއްޓުމުގެ ޤާނޫނީ ޒިންމާއެއް ނެތްކަން؛

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދަގެ (ނ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތައް އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ މަދުވެގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ ކަމުގައި ބަޔާންވެފައި އޮތުމުން އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ 05 (ފަހެއް) އަހަރު ދުވަސް ފަހުން ލިޔުންތައް ރައްކާކޮށް ބެހެއްޓުމުގެ ޤާނޫނީ ޒިންމާއެއް ނެތްކަން އެނގޭކަން؛

މި ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރަންޖެހޭ މުއްދަތާ މެދު ދިމިޤްރާޠީ ޤައުމުތަކުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާކުރަންޖެހޭ މުއްދަތު ކަނޑައަޅާފައިވާ ޤާނޫނުތައް ހެދުމުގެ މާކުރިން އެ ޤައުމުތަކުގެ ކޯޓުތަކުން އެ މައްސަލައެއްގެ ބާވަތާއި ޒާތަށް ބަލައި ދަޢުވާކުރަންޖެހޭ މުއްދަތު ކަނޑައަޅައި ނިންމުންތައް ނިންމައި އެ ނިންމުންތައް ތަންފީޒުކުރަމުން ތަޠުބީޤުކުރަމުން އައިސްފައިވާކަން؛

ކޮމަން ލޯގައި ޤާއިމުވެފައިވާ މަބްދަޢުތައް ކަމުގައިވާ delay defeats equity މަބްދަޢުއާއި، doctrine of laches ގެ މަބްދަޢުއާއި، މި މަބްދަޢުއާ ގުޅިފައިވާ ޤާއިދާއެއް ކަމުގައިވާ “The law assists those that are vigilant with their rights, and not those that sleep thereupon” އަދި މި ނޫންވެސް އިތުރު މަބާދިޢު ޤަޟާޢީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވުމުގެ ނަތީޖާއަކީ އެ ޤައުމުތަކުގެ ކޯޓުތަކުގެ ނިންމުންތަކުގައި ފަނޑިޔާރުން ހަމަތައް ޤާއިމުކޮށް މަބްދަޢުތައް ހަދައި ތަރައްޤީކުރެވި ޤާނޫނު ހަދާ ބާރުން ބަލައިގަނެ ކޯޓުތަކުގެ ނިންމުންތަކުގައިވާ އިންސާފުވެރި ހަމަތަކުގެ މައްޗަށް ޤާނޫނު ހެދި ތަސްދީޤުވަމުން އައިސްފައިވާކަން؛ އަދި

އަމީން ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު، އެ ދަޢުވާކުރުމުގެ ޙައްޤު 2005 ގައި އުފަންވެފައިވާ ހިނދު، އެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 10 ޖުލައި 2016 ގެ ތާރީޚުގައިކަން އެނގެން އޮންނަކަމާއި، މި ޤަޟިއްޔާ ކޯޓަށް ހުށަހެޅުމުގެ ކުރިން އެ ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއްނުކޮށް 11 (އެގާރަ) އަހަރަށްވުރެ ގިނަދުވަސް ފާއިތުވެފައިވާކަމާއި، ދަޢުވާ ބިނާވެފައިވަނީ ތަޢާޤުދީ ފަރުވާއެއް (contractual remedy) މައްޗަށް އެކަނި ނޫންކަމާއި، އަދާލަތުގެ (equity) ހަމަތަކުން ގޮތެއް ކަނޑައަޅަންޖެހޭ ނިސްބަތް ބޮޑުކަން ދަޢުވާފޯމުން އެނގެން އޮންނަކަން؛

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގައި ހިންގި މައްސަލައިގެ ނިންމުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާއިން މައްސަލަ ބަލައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1431/Cv-C/2016 ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ނުވާތީ، އެ ޙުކުމް ބާޠިލުކޮށް، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ މި ދަޢުވާ ސިވިލް ކޯޓަށް ބަލައިގަނެ، އެ މައްސަލައިގެ މަޢުޟޫޢުއާމެދު ގޮތެއް ކަނޑައަޅައި ފައިޞަލާ ކުރުވަނިވި ޙުކުމެއް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން މަދަނީ ޙައްޤުތަކާއި ގުޅިގެން އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދިފައިވާކަމާއި، ވަކިވަކި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ތަޤާދުމުގެ މުއްދަތު ފިޔަވައި، މަދަނީ އެހެން ޙައްޤުތަކާއި ގުޅިގެން އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޙައްޤު ހިފަހައްޓައިވާނަމަ، އެ ޙައްޤު ހިފެހެއްޓި މިންވަރަކަށް އެ ޙައްޤު ހިފެހެއްޓި ގޮތެއްގެ މަތިންކަމުގައާއި، އެ ނޫން ޙާލަތުގައި އެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު ކޯޓުތަކުން ހިފެހެއްޓޭނެ ޙައްޤެއް ނޫންކަން؛

ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް ބަލާއިރު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާކަންކަން ނިންމުމުގައި، ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށްކަމާއި، މި އުސޫލަށް ބަލާއިރު ދިވެހިރާއްޖޭގައި ތަޤާދުމުގެ މިންގަނޑެއް ނެތުމުން، ދެން ބަލަންޖެހެނީ އިސްލާމީ ޝަރީޢަތުގައި ތަޤާދުމުގެ އުސޫލު އޮތް މިންގަނޑަށް ކަމާއި، އެގޮތުން ބަލާއިރު، އިސްލާމީ ޝަރީޢަތުގައި ދަޢުވާކުރުމުގެ މުއްދަތާ ގުޅޭގޮތުން އޮތް އަޞްލު ގޮތަކީ، ޒަމާންތަކެއް ވުމަކީ ޙައްޤު ވެއްޓިގެންދާނެ ކަމެއް ނޫންކަން އެނގޭކަން؛

ތަޤާދުމުގެ މުއްދަތާއި ގުޅޭ ޢާންމު އުސޫލަކީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، އެ ޙައްޤު އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވެ ދިއުންކަމާއި، ޝަރުޢީ އުޛުރަކާއި ނުލައި، 15 (ފަނަރަ) އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެނަމަ، އެ ދަޢުވާ އަޑު ނޭހޭނެކަމަށް ބައެއް އިސްލާމީ ޤައުމުތަކުގެ މަދަނީ މުޢާމަލާތްތަކާބެހޭ ޤާނޫނުތަކުގައި ކަނޑައަޅާފައިވާކަން؛

ތަޤާދުމުގެ ޤާނޫނަކީ އޭގެ ޒާތުގައި ޙައްޤު ނެތިކޮށްލާ ޤާނޫނެއް ނޫންކަމާއި، އެއީ ޙައްޤު ހޯދުމަށް ދަޢުވާ ކުރުން މަނާކުރާ ޤާނޫނެއް ކަމުގައިވާއިރު، ޙައްޤަކީ އަދާ ނުކުރާހާ ހިނދަކު އަބަދުވެސް ދެމި އޮންނާނެ އެއްޗެއްކަން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި ވަޟައީ އުސޫލުތަކަށް ބެލުމުން އެނގެން އޮންނަކަން؛ އަދި

ސިވިލް ކޯޓުގެ ނިންމުމުގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 11 (އެގާރަ) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާކަމަށްޓަކައި މި ދަޢުވާކުރުމުގެ ޙައްޤު އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާކަމުގައި ކަނޑައަޅައި ޙުކުމްކުރިއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/327 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު ނަގަހައްޓަންޖެހޭކަން އެނގޭއިރު، އެކަން އެގޮތަށް ކޮށްފައިނުވާކަން އެނގޭކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުން އެދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 05 (ފަހެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

(ހ)މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމާގުޅޭ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދިފައިވާ ފުރަތަމަ ސަބަބަކީ، އަމީން ކޮންސްޓްރަކްޝަނުން ހުށަހެޅި ދަޢުވާ ސިވިލް ކޯޓަށް ބަލައިގަނެ، އެ މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައަޅައި ފައިސަލާ ކުރުވަނިވި ޙުކުމެއް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ޙުކުމްކޮށްފައި ވާހިނދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރުމުން، މައްސަލައެއް ތަޙުވީލުކުރާއިރު، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހޭ "ޤާނޫނީ އުސޫލު" އެއް ބަޔާންކުރަންޖެހޭކަން އެނގެން އޮތްނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްފައިވަނީ އެފަދަ އުސޫލެއް ބަޔާންކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

މި ނުކުތާއަށް ރައްދުދެމުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުން މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައަޅާފައި ނުވާކަމަށާއި، ސިވިލް ކޯޓުން މައްސަލަ ބަލައި ގޮތް ކަނޑައަޅާފައިވަނީ ދަޢުވާކުރުމުގެ ޙައްޤު ވުޖޫދުވެ އޮތުމާ ނެތުމުގެ މައްޗަށް ކަމުގައިވާތީ، ހައިކޯޓުން ބަލައި ޙުކުމްކޮށްފައިވަނީ އެ ނުކުތާ ކަމުގައެވެ. އަދި ހައިކޯޓުން ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރިއިރު، ސިވިލް ކޯޓުން މައްސަލަ ބެލުމުގައި ހެދިފައިވާ ޤާނޫނީ ގޯސް ފާހަގަކޮށް، އަލުން ބެލުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުސޫލު ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.

މައްސަލައެއް ތަޙުވީލުކުރުމާ ގުޅޭ ޤާނޫނީ އުސޫލަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި މައްސަލަ ބެލިއިރު، އެ މައްސަލައިގެ ތެރޭގައި ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފަހާގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަޙަތު ބޮޑުކަމުގައި ފެންނަނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި، އެ މައްސަލައެއް ބެލުމަށްޓަކައި އަލުން ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން އަމަލުކުރަން ޖެހެނީ، ދަށު ކޯޓުން މައްސަލަ ބެލުމުގައި ކަން ހިނގާފައިވާ ގޮތް ނުވަތަ މައްސަލައިގެ ޙަޤީޤަތްތަކަކީ ކޮބައިކަން ސާފުކޮށްފައިވާނަމައެވެ. އެހެނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ނުވަތަ ނުވަތަ މައްސަލައިގެ ޙަޤީޤަތްތައް ސާބިތުކުރަން ޖެހެނީ ހައިކޯޓުން މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވައި، ދަށު ކޯޓުން ބަލަންޖެހޭކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކަށް (ދެވަނަ ފަހަރު މައްސަލަ ބެލުމުގައި) ދަށު ކޯޓުން ޢަމަލުކޮށްފައި ނުވާ ޙާލަތުގައި ނުވަތަ ދަށު ކޯޓުން ދެވަނަ ފަހަރު ނިންމާ ނިންމުމުގައި އިސްތިއުނާފު ކުރުމަށް ޤާނޫނު ހުއްދަކުރާ ސަބަބެއް އޮވެގެން، އެ މައްސަލައެއް ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ޙާލަތުގައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުނުވުމުގެ ސަބަބުން، މައްސަލައިގެ ޙަޤީޤަތްތައް ސާބިތުކުރަން ޖެހިއްޖެނަމަ ކަމުގައިވާތީއެވެ.

އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި، ދަޢުވާކޮށްފައިވަނީ 30 (ތިރީސް) އެންޓަނާގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި، އެ އެންޓަނާތަކާ ގުޅޭ މުވާސަލާތީ ސާމާނާއި ވަސީލަތްތައް ބެހެއްޓުމަށް 29 (ނަވާވީސް) ޝެލްޓަރގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހި ނުދައްކަވާ US$226,619.59 (ދެ ލައްކަ ސައްބީސްހާސް ހަސަތޭކަ ނަވާރަ ޔޫ.އެސް ޑޮލަރު ފާސްސާސް ނުވަ ސެންޓް) އާއި ބުނެވުނު ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ US$349,802.83 (ތިން ލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ ދޭއް ޔޫ.އެސް ޑޮލަރު އަށްޑިހަ ތިންސެންޓް) އާއެކު ޖުމްލަ US$576,422.42 (ފަސް ލައްކަ ހަތްދިހަ ހަހާސް ހަތަރުސަތޭކަ ބާވީސް ޔޫ.އެސް ޑޮލަރު ސާޅީސް ދެ ސެންޓް) ހޯދުމަށް ކަމުގައިވާއިރު، އެ މުޢާމަލާތާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ސިވިލް ކޯޓުން ސާފުކޮށް، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވެއެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި، ގޮތް ކަނޑައަޅާފައިވަނީ، މި ރައުޔުގެ 3 އަދި 4 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އަމީން ކޮންސްޓަރަކްޝަނަށް އެ ދަޢުވާކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް ބަލައިގެންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރެވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އަމީން ކޮންސްޓަރަކްޝަނަށް އެ ދަޢުވާކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އެހެންނަމަވެސް، ސިވިލް ކޯޓުން މައްސަލަ ބެލުމުގައި މުޢާމަލާތާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ސިވިލް ކޯޓުން ސާފުކޮށްފައި ނުވާތީ، ހައިކޯޓުން އެ މައްސަލަ ތަޙުވީލުކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ކަނޑައަޅާފައިވާ ކަން ސާފުކޮށް ފެންނާކަށް ނެތެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގައި ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަކީ "... ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ނުވާތީ، އެ ޙުކުމް ބާޠިލުކޮށް، ... މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައަޅައި، ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި..." މައްސަލަ ތަޙުވީލުކުރުމަށްކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ތަޙުވީލުކުރުމުގައި ސިވިލް ކޯޓުން ކަން ކުރަންވީ އުސޫލު ބަޔާންކޮށްފައިވާ ކަމުގައި ބުރަވެވެއެވެ. އެއީ ސިވިލް ކޯޓުން މައްސަލައަށް ގޮތް ކަނޑައަޅާފައިވަނީ "... ޙައްޤެއް އޮތްނަމަ އެ ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 11 (އެގާރަ) އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާކަމަށްޓަކައި މި ދަޢުވާކުރުމުގެ ޙައްޤު އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާ.." ކަމުގެ މައްޗަށް ކަމުގައި ވުމުން، ތަޤާދުމުގެ އުސޫލު ތަޠުބީޤު ކުރެވެނީ އެފަދައިން ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމަށްފަހު، ހައިކޯޓުގެ ޙުކުމުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅުމަށް އަންގާފައިވާތީއާއި، މައުޟޫޢާމެދު އެއްވެސް މިންވަރަކަށް ގޮތް ކަނޑައަޅާފައިނުވާ މައްސަލައެއް ތަޙުވީލުކުރުމުގައި ވަކި މިވެނި ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކެއްގެ އަލީގައި މައްސަލަ ބެލުމަށް އިރުޝާދު ދީފިނަމަ، އެއީ އެކަމާމެދު ދަށުކޯޓުގައި ގޮތް ކަނޑައަޅާފައި ނުވާ ކަމެއް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބާރުއަޅަނީ ކަމުގައި ބެލުމުގެ ފުރުޞަތު އޮންނާނެ ކަމަށްޓަކައެވެ.

(ށ)ހައިކޯޓުން ފާހަގަކޮށްފައިވާ އަސާސްތަކާއި ކޭސް ލޯއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައި ނުވުމާގުޅޭ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި، ހައިކޯޓުގެ ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ޝަރުއީ އަސާސްތަކާއި ކޭސް ލޯ އަކީ، އެ ޤަޟިއްޔާގައި މައްސަލައިގެ ދެ ޚަޞްމުން ފާހަގަކުރި ކަންކަމެއް ނޫންކަމާއި، އަދި އެ ކަންކަމުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ބަހުސްކުރެވުނު ކަންކަން ނޫންކަމަށްވާތީ، އެ ކަންކަމަށް ބިނާކޮށް ޙުކުމްކުރުމަކީ އުރީދޫ މޯލްޑިވްސްގެ ޙައްޤު ގެއްލިފައިވާކަމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު ހިމެނެއެވެ. މިގޮތުން، ދަށު ކޯޓަށް ހުށަނޭޅޭ ކަންކަމުގެ މައްޗަށް ބިނާކޮށް ޙުކުމް ކުރުމަކީ ޤަޟާއީ ނިޒާމުގައި ކަނޑައަޅާފައިވާ ޤާނޫނީ ގަވާއިދުތަކާއި އިޖުރާއީ އުސޫލުތަކާއި ފުށުއަރާ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމެއް ކަމުގައިވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަޙްމަދު ޙަމީދު (ސަފުހާ 12) ގައި ބަޔާންކޮށްފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) އާއި (ރ) އާ ޚިލާފު ޙުކުމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަޙްމަދު ޙަމީދު ގެ 12 ވަނަ ޞަފްޙާގައި ކަނޑައަޅާފައިވާ އުސޫލަކީ ދަށު ކޯޓަށް ހުށަހެޅި ދަޢުވާއާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި އިސްތިއުނާފީ މަރުހަލާގައި މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އިސްތިއުނާފީ މަރުހަލާއިން ބަލައިގަތުމާ ގުޅޭ ނުކުތާތައްކަމުން މި އުސޫލު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަޙްމަދު ޙަމީދު ގެ 12 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ އުސޫލަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ބުނެވުނު ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، އެ ސަފުހާގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ޙުކުމެއް އިސްތިއުނާފީ ކޯޓަކުން ބަލާއިރު، ދަށު ކޯޓަށް ހުށަހެޅިފައިނުވާ، އައު ދަޢުވާތައް (ނުވަތަ ނުކުތާތައް) އިސްތިއުނާފީ ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުންތައް ބެލުމުން އިސްތިއުނާފީ ކޯޓުން މަނާވެގަތުމުގެ މައްޗަށްކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ޝަރުއީ އަސާސްތަކާއި ކޭސް ލޯ އަކީ، އެ ޤަޟިއްޔާގައި މައްސަލައިގެ ދެ ޚަޞްމުން ފާހަގަކުރި ކަންކަން ނޫންކަން އިސްތިއުނާފީ ނުކުތާއިން ސާފުވާ ހިނދު، ހައިކޯޓުން އެ އަސާސްތަކާއި ކޭސް ލޯއަށް ހަވާލާދިނުމަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަޙްމަދު ޙަމީދު ގެ 12 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ އުސޫލާއި ޚިލާފުވާކަމުގައި ނުފެނެއެވެ.

އެހެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާ ފާހަގަކޮށްފައިވާ ޝަރުއީ އަސާސްތަކާއި ކޭސް ލޯ އަކީ ކޮން ބޭނުމެއްގައި ހައިކޯޓުން ހަވާލާދީފައިވާ މަސްދަރުތަކެއް ކަމުގެ މައްޗަށް ބަލާއިރު:

ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރުއީ އުސޫލުތަކަށް ހަވާލާދީފައިވަނީ އިސްލާމީ ޝަރީޢަތުގައި ތަޤާދުމުގެ އުސޫލު ނުވަތަ ލިމިޓޭޝަންއާ ގުޅިގެން ކަން އޮތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރުމުގެ ގޮތުންކަން؛ އަދި

ކޭސް ލޯއަށް ހަވާލާދީފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް ތަފްސީލު ކުރުމުގެ ތެރެއިން، ސިވިލް ކޯޓުގެ ނަންބަރު 1431/Cv-C/2016 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ރާއްޖޭން ބޭރުގެ 3 (ތިނެއް) މައްސަލައަކަށް ހަވާލާދީކަން؛

އެނގެން އޮތުމުން، ބުނެވުނު ޝަރުއީ އަސާސްތަކާއި ކޭސް ލޯއަށް ހަވާލާދިނުމަކީ މައްސަލައިގެ ދެ ޚަޞްމުން ފާހަގަނުކުރާ، އެ ކަންކަމުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަންކަން ހިމަނައިގެން، މައްސަލައިގެ ޙުކުމް އެ މައްޗަށް ބިނާކުރި ކުރުމެއް ކަމުގައި ބެލެން އޮތްކަމުގައި ނުދެކެމެވެ.

(ނ)މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް (ނު)ކުރުމާގުޅޭ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާ އެކިއެކި ކަންކަމަށް އެ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ، އެ ކުންފުނީގެ ފަރާތުން ދެ އިސްތިއުނާފީ ނުކުތާއެއް ހިމަނާފައިވެއެވެ. އެގޮތުން ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަންކަމުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި ކޭސް ލޯ ހިމެނޭ ގޮތުން ހުށަހެޅި ވާހަކަތަކާއި ކަންކަމަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/255 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުސޫލަށް ހަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިފައިނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި ޚިލާފުކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި، ހައިކޯޓުގެ ނަންބަރު 2009/HC-A/327 ޤަޟިއްޔާއާ ހަވާލާދީ ނިންމާފައިވަނީ ގޯސްކޮށް ކަމުގައެވެ. އަދި އެ ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި، އެ ކޯޓުގެ ނަންބަރު 2007/HC-A/28 ޤަޟިއްޔާގައި، 06 (ހައެއް) އަހަރު ދުވަސް ފަހުން ލޯނަކާއި ގުޅިގެން އިތުރަށް އަރާފައިވާ އިންޓްރަސްޓް ފައިސާ ހޯދުމަށް ދަޢުވާކުރުމުން، ހާދިސާގެ ވަށައިގެންވާ ކަންކަމަށް ބަލައި، 06 (ހައެއް) އަހަރު ދުވަސް ފަހުން ލޯނާ ގުޅިގެން އަރާފައިވާ އިތުރު އިންޓަރެސްޓް ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތްކަމުގައި ނުބެލެވޭ ކަމުގައި ކަނޑައަޅާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ނަންބަރު 2016/HC-A/255 ޤަޟިއްޔާގައި، ޙައްޤެއް ހޯދުމުގެ ދަޢުވާކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައި ނުވާނަމަ، ވަކި މުއްދަތެއް ފާއިތުވުމަކީ ދަޢުވާ ހުށަހެޅުން މަނާވެގެންވާ ސަބަބެއް ނޫންނަމަވެސް، ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ ޙައްޤަށް ހުރަސްއެޅޭނަމަ، އެކަމާމެދު އިންކާރުކޮށް އޭނާގެ ޙައްޤު ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އެފަރާތެއްގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސްއޫލިއްޔަތު ޤަސްދުގައި އަދާ ނުކޮށް ހުރެ، އެކަމުގައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުމަކީ އެފަރާތުން އެކަމާ ޟިމްނީގޮތުން ރުހި ޤަބޫލުވެފައިވާ ކަމަށް ބެލިދާނެކަމުގައި އެ ކޯޓުން ކަނޑައަޅާފައިވާކަން އުރީދޫ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ނަމަވެސް، އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވުނު މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 2009/HC-A/327 ޤަޟިއްޔާއަށް ކަމަށާއި، އެ ޤަޟިއްޔާއަކީ ވަޒީފާއާބެހޭ މައްސަލައަކާ ގުޅިގެން ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެ ކޯޓުގެ ނަންބަރު 2009/HC-A/130 ޤަޟިއްޔާއިން، ވަޒީފާއާބެހޭ ޤާނޫނު ވުޖޫދުވުމުގެ ކުރީގެ ވަޒީފާއާގުޅޭ މައްސަލަތަކާމެދު ޢަމަލުކުރާން ކަނޑައަޅާފައިވާ ގޮތާއި ހަވާލާދީ ކަމުގައި ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނު މައްސަލައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/327 ޤަޟިއްޔާއާ ތަފާތުވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ލިޔެކިޔުން ބެލެހެއްޓުމާގުޅޭ މުއްދަތު ކަނޑައަޅާފައިވާތީ ކަމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އިން ޕްރައިވެޓް ކުންފުނިތަކުގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ބެހެއްޓުމަށް ލާޒިމު ކުރަނީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) އިން ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެހެއްޓުމަށް ލާޒިމު ކުރަނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) އަދި (ބ) އިން، ޓެކްސް ދެއްކުމުން ރެކުން އެކުލެވޭ ކުށެއް ޝަރީޢަތަށް ހުށަހެޅެނީ ނުވަތަ އެކަމަށް އަދަބެއް ކަނޑައެޅޭނީ އެ ކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި ކަމާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި، މުއްދަތު ގުނުމުގައި، ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތުގައިކަން އުރީދޫ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ނަމަވެސް، އެކަންކަމަށް ހައިކޯޓުން ގޮތް ކަނޑައެޅުމުގައި ރިޢާޔަތްތެރިކަމެއް ދީފައި ނުވާކަމުގައި އެ ކުންފުނިން ބުނެއެވެ.

މި ނުކުތާއަށް ރައްދުދެމުން، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ، މި މައްސަލަ ނިންމުމުގައި، އުރީދޫ މޯލްޑިވްސްއިން ހުށަހަޅާފައިވާ ޙުއްޖަތްތަކަށާއި، ކޭސް ލޯ ތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނީ ދަޢުވާކުރުމަށް ޤާނޫނުން މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމެއްގައި، ގިނަ ދުވަސް ވުމަކީ އެ ޙައްޤު އަމީން ކޮންސްޓްރަކްޝަނަށް ގެއްލެންޖެހޭ ސަބަބެއް ނޫންކަމުގައި ބުނެ، އެ ނުކުތާކަމުގައިވާއިރު، ހައިކޯޓުގެ ނިންމުމަށް ވާސިލުވި ޤާނޫނޫ އުސޫލު ބަޔާންކޮށްދީފައިވާ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާ އާންމު ޤާނޫނެއް މިހިނދުގައި ރާއްޖޭގައި ނެތްކަން ފާހަގަކޮށް، ވަކި ވަކި ޤާނޫނުތަކެއްގައި، އެ ޤާނޫނުތަކުގެ ބޭނުމަށް ދަޢުވާކުރުމުގެ މުއްދަތު ބަޔާންކޮށްފައި އޮތުމަކުން، އާންމު ހުރިހާ ދައުވާތަކެއްގެ މައްޗަށް އެ އުސޫލުތައް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 42 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވަކި ވަކި ޤާނޫނުތަކުގައި ދަޢުވާކުރުކުން ހުދޫދުކުރާ ޙާލަތްތަކުގައި މެނުވީ، ދަޢުވާ ކުރުމުގެ ޙައްޤު ނުހިފެހެއްޓޭނެ ކަމަށެވެ.

އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން، ވަކި ކަމަކާބެހޭ އުސޫލެއް ކަނޑައެޅިފައިވާނަމަ، އަދި މައްސަލައެއްގެ އެންމެ މުހިންމު ވާގިއާތައް އެއްގޮތް ނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމުމަކީ ޤާނޫނީ ގޮތުން ކަންކުރުމަށް އިސްތިޤުރާރުވެފައި އޮންނަ ގޮތެވެ. ކަން މިހެން އޮތް ނަމަވެސް، މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ ފަނޑިޔާރުންނަށް، ކުރިން ނިންމާފައިވާ މައްސަލައިގެ މުހިންމު ވާގިއާތަކާއި ހުށަހެޅި ބަލަމުންދާ މައްސަލައިގެ ވާގިއާތައް ތަފާތުކަމަށް ޤަބޫލުކުރެވޭނަމަ، ފަހުން ހުށަހެޅުނު މައްސަލައިގައިވަނީ ތަފާތު ޙާލަތެއްކަމަށް ބަޔާންކުރުމަށްފަހު، ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ އިޚްތިޔާރު ލިބިދެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/28 ޤަޟިއްޔާ އަދި ނަންބަރު 2016/HC-A/255 ޤަޟިއްޔާ އަށް ހަވާލާދީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތައް އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ގައި ތަޠުބީޤު ކުރެވެން ނެތްނަމަ، އޭގެ ސަބަބު ބަޔާންކުރުމަކީ ކޯޓުން މައްސަލަ ނިންމުމުގައި ކަން ކުރަން އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކެމެވެ. އެއާ ޚިލާފަށް، އެ ކޯޓުގެ ކުރީގެ ނިންމުންތަކާ ހަވާލާދީ ފާހަގަކޮށްފައިވާ ނުކުތާތަކަކީ މައްސަލައިގެ ތެރެއިން ހުށަހެޅި ކަމެއްކަންވެސް ފާހަގަކުރުމެއްނެތި ކުރިއަށް ދިއުމަކީ އެކަށީގެންވާގޮތެއް ކަމުގައި ނުދެކެމެވެ.

ހަމަ މިފަދައިން، ހައިކޯޓަށް އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު1431/Cv-C/2016 ޤަޟިއްޔާގެ ނިންމުމުގައި، ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ހަވާލާދީފައިވާތީއާއި، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން، ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާ ގުޅޭ ގޮތުން އިސްތިއުނާފު ރައްދުވި ފަރާތުން ވާހަކަ ދައްކައި، އެ ސަބަބަށްޓަކައި މިއީ މި ޙާލަތުގައި ކުރެވޭނެ ދަޢުވާއެއް ކަމާމެދު އެފަރާތުން ސުވާލު އުފައްދާފައިވާތީ، އެ ޤާނޫނުތަކާއި ހަވާލާދީ އެކަން އެގޮތަށް އޮންނަކަމަށް ފަނޑިޔާރުންނަށް ނުފެންނަނަމަ، ޖުމްލަ ގޮތެއްގައި އެކަމުގައި ފަނޑިޔާރުންނަށް ނެރެވޭ ނަތީޖާ ހާމަކުރުމުގެ ބަދަލުގައި، ސަބަބާއެކު އެ ނަތީޖާއަށް ވާސިލުވީގޮތް ސާފުކޮށް ބަޔާންކުރުމަކީ ކުރަންޖެހޭ ކަމެއް ކަމުގައިވެސް ދެކެމެވެ.

މި ރައުޔުގެ ޕެރެގްރާފް 24 އަދި 25 ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލު ނުކޮށްފިނަމަ، ނިންމި ނިންމުމާމެދު ސުވާލު އުފައްދަން ޖާގަ ދެވުމުގެ އިތުރުން، އެކަމުގެ ސަބަބުން، ހަމަހަމަކަމާއެކު އަދުލު އިންސާފު ލިބިދެވޭ ކަމާމެދު ސުވާލު އުފެއްދުމުގެ ދޮރުވެސް ހުޅުވިގެންދާކަމުގަވާތީ، ހައިކޯޓުން އަމަލުކޮށްފައިވަނީ ރަނގަޅަށްކަމުގައި ނުދެކެމެވެ.

(ރ)މައްސަލައަށް އިސްލާމީ ޝަރީޢަތް ތަޠުބީޤުކުރުމާގުޅޭ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް އަމަލުކުރުމަށް އޮތްނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކެއް ހުރެމެ، އެ ޤާނޫނުތަކަށް ރިޢާޔަތްކުރުމެއްނެތި، އެ ޤަޟިއްޔާގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ "އިސްލާމީ ޝަރީޢަތް" އަކީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ "އިސްލާމީ ޝަރީއަތް" ކަމަށް ނުބެލެވޭކަމަށް ބުނެ ހުށަހެޅި ސަބަބު ހިމެނެއެވެ.

އަމީން ކޮންސްޓަރަކްޝަންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ މައްޗަށް ހުށަހެޅި ފަދަ މަދަނީ ދަޢުވާތަކަކީ، ކޯޓަށް ހުށަހެޅުމުގައި މުއްދަތުތަކެއް ހޭދަވުމުގެ ސަބަބުން ދަޢުވާކުރުމުގެ ޙައްޤު ގެއްލޭ ކަމެއް ނޫންކަމާއި، މިއީ އެކަމާމެދު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ވަކިގޮތެއް ކަނޑައެޅިފައިވާ ކަމެއްކަމުން، މިކަމަށް ޙައްލު ހޯދަން މި ނޫން މަސްދަރަކަށް ރިޢާޔަތްކުރަން ނުޖެހޭކަމަށް ބުނެ އުރީދޫ މޯލްޑިވްސްއިން ހުށަހަޅާފައިވާ މި ނުކުތާއަށް އަމީން ކޮންސްޓަރަކްޝަނުން ރައްދު ދީފައިވެއެވެ.

އިސްތިއުނާފު ކުރެވުނު މައްސަލައިގައި އިސްލާމީ ޝަރީޢަތް ތަޠުބީޤުކޮށްފައިވަނީ އެކަށޭނަ ގޮތެއްގެ މައްޗަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް މި މައްސަލައިގައި ހިމެނޭ ދެފަރާތުން ވާހަކަ ދައްކާފައިވާއިރު، އެ ފަރާތްތަކުން މި ނުކުތާއާއި ގުޅިގެން ފާހަގަކޮށްފައިވާ ޤާނޫނީ މަސްދަރުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، އެ ޤާނޫނުއަސާސީގެ 742 ވަނަ މާއްދާގެ (ހ) ގައި "އިސްލާމީ ޝަރީޢަތް" މާނަކޮށްފައިވާ ގޮތާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 16 ވަނަ މާއްދާގެ (ހ) އާއި، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާއެވެ.

މި މާއްދާތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ ބަޔާންކުރާގޮތުން ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކަމުން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ސަރީހަ ނައްސުން، ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަސައްކަތުގައި އިސްލާމީ ޝަރީޢަތުގައި ކަންކުރާގޮތަށް ބަލަންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައިކަން ސާފެވެ.

އެހެންކަމުން، އިސްތިއުނާފު ކޮށްފައިމިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްލާމީ ޝަރީޢަތާއި ހަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިވާ ކަމަކާއި ގުޅޭ ކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް، މި ރައުޔުގެ 40 ވަނަ ޕެރެގްރާފުން 64 ވަނަ ޕްރެގްރާފުގެ ނިޔަލަށް ބަޔާންކޮށްފައިވާ ބައި (ދަޢުވާކުރުން މަނާކުރާ ޤާނޫނެއް ނެތުން) ގައި ހިމެނިފައިވާނެއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އިސްލާމީ ޝަރީޢަތާއި ހަވާލާދީ ފާހަގަކޮށްފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، އުރީދޫ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް، މިބައިގައި އަލިއަޅުވާލުން މުހިންމުކަމުގައި ދެކެމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އިސްލާމީ ޝަރީޢަތަށް ހަވާލާދީ، އިސްތިއުނާފު ކުރެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ "އެއްވެސް މުސްލިމެއްގެ ޙައްޤު ދުވަސްވުމުގެ ސަބަބުން ބާޠިލުވެގެން ނުދާނެ" ކަމުގައި ބަޔާންކުރާ ހަދީޘަކާއި، އެފަދަ ޙައްޤަކާ ގުޅިގެން ކަންކުރުމަށް "މަޖައްލާ އަލްއަޙްކާމިލް ޢަދްލިއްޔާ" ގެ 1160 ވަނަ މާއްދާއިން 1675 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، މިސްރުގެ "އަލްޤާނޫނުލް މަދަނީ" ގެ 374 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އިސްލާމީ ފިޤުހުގެ މަދަނީ މުޢާމަލާތްތަކާއި ގުޅޭގޮތުން ޢަބުއްރައްޒާޤު އަލްސަންހޫރީގެ ރައުޔަށް ހަވާލާދީފައިވެއެވެ.

ހައިކޯޓުން ހަވާލާދީފައިވާ ހަދީޘް

ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ (އިސްވެ ހަވާލާދެވުނު) ޙަދީޘްގެ ޞައްޙަކަމުގެ މައްޗަށާއި، އެ ހަދީޘްގެ ދަރަޖައާމެދު އުރީދޫ މޯލްޑިވްސްގެ ފަރާތުން ސުވާލު އުފައްދާ، ހައިކޯޓުން އެ ހަދީޘްއާ ގުޅިގެން ހަވާލާދީފައިވަނީ ޕްރައިމަރީ ސޯސްއެއް ނުވަތަ ޞައްޚަ ހަދީޘް ހިމެނޭ ފޮތަކަށް ނޫންކަމުގައި ބުނެފައިވެއެވެ. އެހެންކަމުން، ހައިކޯޓުން ހަވާލާދީފައިވާ ހަދީޘަށް ބަލާއިރު:

އެ ޙަދީޘާއި ގުޅުވާ ހައިކޯޓުގެ ޤަޟިއްޔާގައި ލިޔެފައިވާ ފުޓްނޯޓު (ނަންބަރު 2) ގައި، އެ ޙަދީޘަކީ ހަތަރު މަޛްހަބުގެ ފިޤުހު ފޮތްތަކުގައި ބަޔާންކޮށްފައިވާ ޙަދީޘެއް ކަމާއި، ޚާއްޞަކޮށް މާލިކީ މަޛްހަބުގެ ފިޤުހުގައި އެ ޙަދީޘް ހިމެނިގެންވާ ކަމާއި، އަލްޚައްޠާބުގެ مواهب الجليل لشرح مختصر خليل ގައި މިޙަދީޘް ބަޔާންކޮށްފައިވާ ކަމަށް ލިޔެފައިވެއެވެ.

ޝަރުޢީ މަޞްދަރަކަށް ހަވާލާދޭނަމަ، އެއީ ކޮން މަޞްދަރެއްކަން އެނގޭނެހެން ފުރިހަމައަށް ހަވާލާ ދޭންވާނެއެވެ. ޙަދީޘަކަށް ހަވާލާ ދޭނަމަ، އެ ޙަދީޘްއެއް ހިމެނިފައިވާ ފޮތެއްގެ ނަމާއި، ޙަދީޘް ހިމެނިގެންވާ ބާބު އަދި ޙަދީޘް ނަންބަރާއި، އެ ޙަދީޘްގެ ޞައްޙަކަން ވަޒަންކުރެވޭ ގޮތް ލިޔުމަކީ އެދެވިގެންވާގޮތް ކަމުގައިވާއިރު، ހައިކޯޓުގެ ޤަޟިއްޔާގައި ޙަދީޘްއާ ހަވާލާދީ މި އުސޫލު ދަމަހައްޓާފައިނުވެއެވެ.

އަލް ކުތުބުއް ސިއްތަ، ނުވަތަ ހަދީޘް ޢިލްމުގެ އެންމެ މަޝްހޫރު 6 (ހައެއް) ފޮތަށް، އަދި އެ ނޫންވެސް އިންޓަރނެޓުން ލިބެންހުރި މަޢުލޫމާތަށް ބަލާއިރު، ހައިކޯޓުން ހަވާލާދީފައިވާ 'ޙަދީޘް' އެ ލަފުޒުން ބަޔާންވެފައިވާތީ ފެންނާން ނެތެވެ.

އެހެންކަމުން، އަދި ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ (މާނަކުރުން) ގެ (ހ) ގައި "އިސްލާމީ ޝަރީޢަތް" މާނަކޮށްފައި އޮންނަނީ "ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަ]ށް[" ކަމުގައިވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ހަވާލާދީފައިވާ 'ޙަދީޘް' އަކީ، އިސްލާމް ޝަރީޢަތުގައި ކަން އޮތް ގޮތް ކަމަށް ބުނެ، އެކަން ދަލާލާތު ކޮށްދިނުމުގެ ގޮތުން ބޭނުން ކުރެވިދާނެ އެއްޗެއް ކަމުގައި އަހުރެން ނުދެކެމެވެ.

މަޖައްލާ އަލްއަޙްކާމިލް ޢަދްލިއްޔާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ހަވާލާދީފައިވާ "މަޖައްލާ އަލްއަޙްކާމިލް ޢަދްލިއްޔާ" އަކީ އުސްމާނީ ޚިލާފަތުގެ ޤާނޫނެއް ކަމަށާއި، މުސްލިމުން ވަކި ތަނެއްގައި އުޅުމަކީ އެ ތަނެއްގައި ހިނގާ ޤާނޫނުތަކަކީ އިސްލާމީ ޝަރީޢާއަށް ވެގެން ދިއުން ނޫންކަމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނެއެވެ.

"މަޖައްލާ އަލްއަޙްކާމިލް ޢަދްލިއްޔާ" އަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ އުޘްމާނީ ޚިލާފަތު (އޮޓޮމަން އެމްޕަޔަރ) ގައި އެކުލަވާލައި ޢަމަލުކުރެވެން ފެށި ޤާނޫނެކެވެ. އެހެންކަމުން، އެ ޤާނޫނަކީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތަށް އޮތް ޤާނޫނެއް ކަމުގައި ބެލިނަމަވެސް، އެ ޤާނޫނަކީ ވަކި ޒަމާނެއްގައި ވަކި އިޚްތިޞާޞެއްގެ ތެރޭގައި ހިންގި ޤާނޫނެއްކަން ފާހަގަކުރަމެވެ. އަދި އެ ޤާނޫނަކީ އިސްލާމީ ވެރިކަމެއްގައި ހިންގި ޤާނޫނަކަށް ވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އިސްލާމީ ޝަރީޢަތްކަމަށް ބުނެ މާނަކޮށްފައިވާ ކަންކަމުގެ ތަރަހައިގެ ތެރެއަށް އެފަދަ ޤާނޫނެއް ވަންނަކަމުގައި ބަލަންޖެހޭ ސަބަބެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ޤާނޫނުއަސާސީގައި، އިސްލާމީ ޝަރީޢަތަކީ ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތްކަމަށް ބަޔާންކޮށްފައިވާތީއެވެ.

ޢަބްދުއްރައްޒާޤު އަލް ސަންހޫރީގެ ރައުޔު

"ތަޤާދުމުގެ މުއްދަތާގުޅޭ ޢާންމު އުސޫލަކީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެޙައްޤު އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވެ ދިއުމުން އެދަޢުވާ ނުކުރެވުން ކަމާއި، މިމުއްދަތު އިސްލާމީ ފިޤުހުގެ މަދަނީ މުޢާމަލާތްތަކާއި ގުޅޭގޮތުން ޤަބޫލު ކުރެވިފައިވާކަމަށް" ޢަބުއްރައްޒާޤު އަލްސަންހޫރީ ބަޔާންކޮށްފައިވާކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި، ހައިކޯޓުން މިފަދައިން ބަޔާންކޮށްފައިވާއިރު، "ޢަބުއްރައްޒާޤު އަލްސަންހޫރީ" އަކީ ކޮން އޮތޯރިޓީއެއްކަން ސާފުނުވާކަމުގައި އުރީދޫ މޯލްޑިވްސްއިން ބަޔާންކުރެއެވެ.

ޢަބްދުއްރައްޒާޤު އަލް ސަންހޫރީ އަކީ މިސްރަށް ނިސްބަތްވާ، ފަނޑިޔާރުކަން އަދާކުރެއްވި، ޤާނޫނީ މާހިރެކެވެ. މިސްރާއި ފަރަންސޭސި ވިލާތުން ކިޔަވާ ވިދާޅުވި ޢަބްދުއްރައްޒާޤު އަލް ސަންހޫރީގެ ފަރާތުން އެ ދެ ޤައުމުގެ ޤާނޫނުތައް، އެ ދެ ޤައުމުގެ ތާރީޚާއި، އިޖްތިމާއީ އަދި ޤާނޫނީ ތަޖުރިބާގެ އަލީގައި، އަދުގެ ދުނިޔެއަށް އެކަށޭނަ އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވާ ޤާނޫނުތަކެއް ހުށަހަޅާފައިވެއެވެ. އަދި މިސްރާއި އިރާގުގެ މަދަނީ އިޖުރާއަތުވެސް އެކުލަވާލާފައިވެއެވެ. ޢަބްދުއްރައްޒާޤު އަލް ސަންހޫރީއަކީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެއް ނަމަވެސް، ތަޤާދުމުގެ އުސޫލާއި ގުޅޭގޮތުން ޢަބްދަލްރައްޒާޤު އަލް ސަންހޫރީ ހާމަކޮށްފައިވާ ކަމަށް ބުނާ ރައުޔަކީ އެ ރައުޔު އެ މައްޗަށް ބިނާވި އިސްލާމީ މަސްދަރާ ހަވާލާދިނުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ހަވާލާދޭ އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި ހިމެނިދާނެ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ.

(ބ)ދަޢުވާކުރުން މަނާކުރާ ޤާނޫނެއް ނެތުމާގުޅޭ

ދިވެހިރާއްޖޭގައި ތަޤާދުމުގެ ޤާނޫނެއް ނުވަތަ ލިމިޓޭޝަން އެކްޓެއް ނެތްކަން ފާހަގަކޮށް، ތަޤާދުމުގެ މުއްދަތާއި ގުޅޭ ޢާންމު އުސޫލަކީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، އެ ޙައްޤު އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވެ ދިއުންކަމަށާއި، ޝަރުޢީ އުޛުރަކާއި ނުލައި، 15 (ފަނަރަ) އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެނަމަ، އެ ދަޢުވާ އަޑު ނޭހޭނެކަމަށް ބައެއް އިސްލާމީ ޤައުމުތަކުގެ މަދަނީ މުޢާމަމަލާތްތަކާބެހޭ ޤާނޫނުތަކުގައި ކަނޑައަޅާފައިވާކަމުގައި ފާހަގަކޮށް، މިސަބަބަށްޓަކައި 11 (އެގާރަ) އަހަރު ދުވަސް ފަހުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ދަޢުވާކުރުމަށް ހުރަހެއް ނެތްކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވާއިރު، މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ:

ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ މަފްޙޫމާ ޚިލާފަށް ކަމަށާއި؛

މައްސަލަ ހުށަހެޅުމުގައި އަމީން ކޮންސްޓްރަކްޝަނުން ދަޢުވާ ހުށަހެޅި ލަސްމިނަށް ހައިކޯޓުން ރިޢާޔަތްކުރުމެއް ނެތިކަމާއި، މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ މަފްހޫމާ ޚިލާފުކަމެއް ކަމަށް؛

އުރީދޫ މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.

މި ނުކުތާއަށް ރައްދު ދެމުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ، ޤާނޫނޫއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެ މާއްދާގައި ކަނޑައެޅިފައިވާ މިންވަރަކަށްކަމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނުއަސާސީގެ މާއްދާތައް އޭގެ މައްޗަށް މާނަކޮށް ޙުދޫދުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑަ ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި މި އުސޫލު ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން، މަދަނީ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޙައްޤު ހަނިކުރެވޭނީ ހަމައެކަނި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން އެކަނި ކަމަށެވެ.

ޙައްޤު އުފަންވުން

ކުރެވޭ މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި ނެތިދާ އެއްޗެއް ކަމުގައި ނުވާހިނދު، މުޢާމަލާތެއްގެ ތެރެއިން އުފަންވާ ޙައްޤުތަކަކީ، އެ މުޢާމަލާތެއްގެ ދަށުން ދެފަރާތް އެއްބަސްވެފައިވާ ފަދައިން ލިބިދެވޭ، އަދި މުޢާމަލާތުގެ ބާވަތުން، އެ ޙައްޤު(ތަކު)ގެ މައްޗަށް އެކި ޤާނޫނީ އުސޫލު ހިނގާ ކަންކަމެވެ.

ހުށަހެޅިފައިވާ މިވާ މައްސަލައިގައި، އަމީން ކޮންސްޓްރަކްޝަންގެ ޙައްޤު އުފަންވެފައިވަނީ، އެފަރާތުން ބުނާ ގޮތުން، އެފަރާތާއި އުރީދޫ މޯލްޑިވްސްއާމެދު ކުރެވުނު މުޢާމަލާތެއްގެ ތެރެއިންނެވެ. ޚުޞޫމާތަކީވެސް، ބުނެވުނު މުޢާމަލާތުގެ ތެރެއިން އަމީން ކޮންސްޓްރަކްޝަން އިން މަސައްކަތްތަކެއްކޮށް، އެ މަސައްކަތަށް ލިބެންޖެހޭ އަގު ނުލިބުންކަން، އަމީން ކޮންސްޓްރަކްޝަންގެ ބަހުން އެނގެއެވެ. އެހެންނަމަވެސް، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން، އުރީދޫ މޯލްޑިވްސްގެ ފަރާތުން އެ ދަޢުވާއަށް އިންކާރުކުރުމާއެކު، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ދަޢުވާކޮށްފައިވަނީ 11 (އެގާރަ) އަހަރާއި 4 (ހަތަރެއް) މަސްފަހުން ކަން ފާހަގަކޮށް، އަމީން ކޮންސްޓްރަކްޝަނުން ކުރިކަމަށް ބުނާ މަސައްކަތް އެފަރާތާއި ހަވާލުކުރި ގޮތާއި، މަސައްކަތް ފުރިހަމައަށް ނިންމިކަމާއި، ނިންމީ ކިހިނެއްކަމާއި، މަސައްކަތް ނިންމައި އެކަން އެންގިކަމާއި، އެންގީ ކޮން ފަރާތަކަށް ކިހިނެއް ކަމާއި، އެ މަސައްކަތް ނިމުމުން އުރީދޫ މޯލްޑިވްސްގެ ފަރާތުން މަސައްކަތް ޤަބޫލުކުރިކަން އެނގެން ނެތްކަމާއި، އެ މަސައްކަތް އުރީދޫ މޯލްޑިވްސްގެ ފަރާތުން ޤަބޫލުކޮށްފައި ނުވާނަމަ އެއީ ކޮން ސަބަބަކާއި ހުރެކަމާއި، މަސައްކަތް ނިންމިނަމަ އެ މަސައްކަތަށް ފައިސާ ނުދީ މިހާ ގިނަދުވަސް ފާއިތުވެފައިވަނީ ކިހިނެއްކަން އެނގެން ނެތްކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެފަރާތުގެ ޙައްޤެއް ގެއްލިފައިވާކަން (ފައިސާ ލިބިފައި ނުވާކަން) އަދި އެ ފަރާތަށް ލިބިދޭންޖެހޭކަމަށް ބުނާ ފައިސާގެ އަދަދު ސާބިތުނުކޮށްދޭ ކަމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނެއެވެ. އަދި މަދަނީ ދަޢުވާއެއްގައި ހުށަހަޅާ ހުށަހެޅުން ސާބިތުކުރުމުގެ ބުރައަކީ އެފަދަ ހުށަހެޅުމެއް ހުށަހަޅާ ނުވަތަ އޭގެ މަންފާ ލިބިގަތުމަށް އެދޭ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ދެފަރާތެއްގެ މެދުގައި ކުރެވޭ މުޢާމަލާތެއްގެ ތެރެއިން އުފަންވާ ޙައްޤަކީ ވެސް، ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމުނުކުރާހާ ހިނދަކު، އާންމު އުސޫލެއްގެ ގޮތުން، އެ މުޢާމަލާތުގެ މައްޗަށް އެއްބަސްވުމެއް ވުޖޫދުވާ، އެ އެއްބަސްވުމުގެ ތެރެއިން އުފަންވާ ޙައްޤެއްކަން ފާހަގަކުރަމެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވެއްޖެ ކަމުގައި ނުވަތަ އެ އެއްބަސްވުމުގެ ދަށުން ބައިވެރިއަކަށް ލިބިދޭ ޙައްޤެއް (އެއްބަސްވެފައިވާ ގޮތަށް) އުފަންވެއްޖެ ކަމުގައި ބަލާނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފަށް ހުށަހެޅިފައިވާ މި މައްސަލައަށް ބަލާއިރު، އެކަމުގެ މައްޗަށް ބިނާކޮށް ފައިސާ ހޯދުމަށް އެދި ދަޢުވާކޮށްފައިވާ މަސައްކަތަކީ، އެ މުޢާމަލާތުގެ ދަށުން ކުރުމަށް ހަވާލުވި ހަމައެކަނި މަސައްކަތްކަން ނުވަތަ ނޫންކަން، އަދި އެ މަސައްކަތް ކޮށް ނިމުނުކަން ނުވަތަ ނޫންކަން ފަދަ މަޢުލޫމާތު ސާފުކޮށްފައިވާކަން ސިވިލް ކޯޓު އަދި ހައިކޯޓުގެ ރިޕޯޓުން އެނގެން ނެތުމުން، މިއީ، މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް ޝަރީޢަތުން ބަލާފައިވާ ނުކުތާއެއް ނޫންކަން ފާހަގަވެއެވެ. އަދި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަސްލަކީ ކޮށް ނިމިފައިވާކަމަށް ބުނާ މަސައްކަތެއްގެ ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ކަމުން، މަސައްކަތްކޮށް ނިމުނުކަން ނުވަތަ ނޫންކަން، ފައިސާ ދިނުމަށް އެއްބަސްވެފައިވަނީ ކިހިނެއް، ކޮން ޝަރުޠުތަކެއްގެ މަތިން، އަދި ކޮން އުސޫލަކުންކަން ސާފުކޮށް އެނގުމެއް ނެތި، ޙައްޤެއް އުފަންވަފައިވާކަން، އަދި ޙައްޤެއް އުފަންވެފައިވާނަމަ، އެ މުޢާމަލާތުގެ ދަށުން ލިބިދޭންޖެހޭ ފައިސާގެ މިންވަރު ފަދަ ކަންކަން ކަނޑައެޅޭނެ ގޮތެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

މިއާއެކު، ދެ ފަރާތެއްގެ މެދުގައިވާ އެއްބަސްވުމެއްގެ ދަށުން އުފަންވާ ޙައްޤަކީ އެއްބަސްވުމުގެ މައްޗަށް ބިނާވާ، ޕްރައިވެޓް ލޯ (ނުވަތަ އަމިއްލަ ކަންކަމާ ގުޅޭ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ފާހަގަކުރަމެވެ. މިއީ، އަސާސީ ޙައްޤުތައް އޭގެ ތަރަހައިގެ ތެރޭގައި ހިމެނޭ، ޕަބްލިކް ލޯ (ނުވަތަ އާންމު ކަންކަމާގުޅޭ ޤާނޫނު) ގެ ނިޒާމާއި ވަކި، ތަފާތު އުސޫލުތަކެއް ހިނގާ ބާވަތެއްގެ ޤާނޫނީ އޮނިގަނޑެކެވެ.

ދަޢުވާކުރުމުގެ ޙައްޤާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ

ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) އާއި، ދިމިޤްރާތީ ޤައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލައި، އަދާލަތުގެ ހަމަތަކުގެ އަލީގައި، 2005 ވަނަ އަހަރު އުފަންވެފައިވާ ކަމަށް ބުނާ ދަޢުވާކުރުމުގެ ޙައްޤު، އެ ޙައްޤު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރުމެއް ނެތި، އޭގެ 11 (އެގާރަ) އަހަރު ފާއިތުވީ ފަހުން (2016 ގައި) ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ކަނޑައެޅުމާ ގުޅިގެން، އެ ޙުކުމް އިސްތިއުނާފުކުރުމުން، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ތަޙުވީލުކޮށްފައިވަނީ، (މައިގަނޑު ގޮތެއްގައި) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން މަދަނީ ޙައްޤުތަކާއި ގުޅިގެން އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދީފައިވާ ކަމާއި، ވަކިވަކި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ތަޤާދުމުގެ މުއްދަތު ފިޔަވައި، މަދަނީ އެހެން ޙައްޤުތަކާއި ގުޅިގެން އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޙައްޤު ހިފަހައްޓައިފައިވާނަމަ ކަމުގައި ބުނެއެވެ.

ހަމަ މިއާއެކު، މި ކޯޓުން ބަލަމުން މިދާ އިސްތިއުނާފީ މައްސަލައިގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައި އިސްތިއުނާފީ ނުކުތާތަކަށް ރައްދުދިނުމުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ހަވާލާދީ، މަދަނީ ދަޢުވާތަކަކީ، ކޯޓަށް ހުށަހެޅުމުގައި މުއްދަތުތަކެއް ހޭދަވުމުގެ ސަބަބުން ދަޢުވާކުރުމުގެ ޙައްޤު ގެއްލޭ ކަމެއް ނޫންކަމުގައާއި، ޤާނޫނުއަސާސީން ލިދިބީފައިވާ ޙައްޤެއް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވާ ގޮތަށް ބެލުން މުހިންމުވާކަމުގައި ދެކެމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެ މާނަކުރުމަކީ، ސިވިލް ކޯޓުގެ ޙުކުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ ޙައްޤު، ޤާނޫނޫއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ހަނިވާގޮތަށް ޙުކުމް ކޮށްފައިވާކަމުގެ މައްޗަށް ބުރަވާ މާނަކުރުމެއްކަމުގައި ފެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، (މި ޙާލަތުގައި ތަޤާދުމުގެ ޤާނޫނަކުން) އަދި އެފަދަ ޤާނޫނެއްގައި ކަނޑައަޅާފައިވާ މިންވަރަކަށް މެނުވީ، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ މުއްދަތެއް (ނުވަތަ ދަޢުވާކުރުމުގެ މުއްދަތެއް) ކަނޑަނޭޅޭނެ ކަމުގައި އަދި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނުހިފެއްޓޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާ މާނަ ކޮށްފައިވާ ގޮތުގެ ދެ މައްސަލައެއް އޮތްކަމަށް އަހުރެން ދެކެމެވެ. އެއީ:

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ "ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ"، މިފަދައިން ނެވެ. މިއީ، ޝަރީޢަތް ކުރަންވާނީ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ވަކިން އުފެދިފައިވާ، މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން އަޑުއެހުން ބާއްވާ، އިންސާފުވެރި ޝަރީޢަތަކުން ކަމުގައި ބުނެ، އެފަދައިން (މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމުގައި) ޝަރީޢަތް ކުރެވުމަކީ ކޮންމެ މީހެއްގެ ޙައްޤެއް ކަމުގައި ބަޔާންކޮށްދޭ (fair and public hearing by a competent, and impartial court) މާއްދާއެކެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަކީ އެކި ފަރާތްތަކަށް ކޯޓުގައި ދަޢުވާކުރުމަށް ޙައްޤު ލިބިދޭކަމުގައި ބަޔާންކުރާ މާއްދާއެއް ނޫނެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، މަދަނީ ޚުޞޫމާތެއްގައި ދަޢުވާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ (ތަޤާދުމުގެ) ޤާނޫނަކުން މެނުވީ ހަނިކުރެވޭނެ ޙައްޤެއް ނޫންކަމުގައި ބުނުމަކީ، އެޙައްޤު އެކަށީގެން ނުވާގޮތެއްގައި، ނުބައިކޮށް މާނަކުރުންކަމުގައި ދެކެމެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާ އަށް ހަވާލާދީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނުއަސާސީގެ މާއްދާތައް އޭގެ މައްޗަށް މާނަކޮށް ޙުދޫދުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މިފަދައިން ބުނެފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އެ ކުންފުންޏަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ދެކިގެން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ބޭނުންހިފައި، އެ ޙައްޤަށް އުނިކަން އަންނަ ފަދައަކުން، ޙައްޤު ހަނި ނުކުރެވޭނެކަމަށް ބުނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި، އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރަންޖެހޭ ގޮތުގެ އިރުޝާދު ދީފައިވެއެވެ. އަދި މި ނުކުތާއާ ގުޅޭ ތަފްސީލު އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑަ ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި މިކޯޓުން ފާހަގަކޮށްފައިވާތީ، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމާމެދު މި މައްސަލައިގައި އިތުރު ތަފްސީލެއް ނުހިމަނާނަމެވެ.

އެހެންނަމަވެސް، މި ރައުޔުގެ 51 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ތަރަހައިގެ ތެރޭގައި އެކި ފަރާތްތަކަށް ދަޢުވާ އުފުލުމުގެ ޙައްޤު ލިބިދެވޭކަމަށް އަހުރެންނަށް ބުރަނުވެވޭތީ އާއި، އެއްބަސްވުމެއްގެ ދަށުން ޚުޞޫމާތަކާއި ގުޅިގެން ދަޢުވާ އުފުލުމަށް ނުވަތަ ކުރުމަށް އުފަންވާ ޙައްޤެއް މާނަކުރުމުގައި ހިނގާނީ މާނަކުރުމުގެ އާންމު އުސޫލުތައް ކަމުގައިވާތީ، އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތައް ވީހާވެސް އެއްގޮތަކަށް ތަރުޖަމާކުރުމަށާއި މާނަކުރުމަށާއި ތަންފީޛުކުރުމަށް ބޭނުންވާ އުސޫލުތައް އެކަށައަޅައި، ޤާނޫނީ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމާއި ތަންފީޒުކުރުމުގައި ޢަމަލުކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުމުގެ މަޤްޞަދުގައި އެކުލަވާލާ، ޢަމަލުކުރެވެމުންދާ ޤާނޫނެއް ކަމުގައިވާތީ، މި ޙާލަތުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ތަޠުބީޤު ކުރުމަށް އެއްވެސް ޤާނޫނީ ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ކުންފުންޏާއިބެހޭ ޤާނޫނާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި މިފަދަ މުޢާމަލާތްތަކާގުޅޭ ތަޤާދުމުގެ ޤާނޫނެއް ނުވަތަ ލިމިޓޭޝަން އެކްޓެއް ނެތުމުން، ޙައްޤު އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވެ ނުދާނަމަ ދަޢުވާކުރުމުގެ ޙައްޤު ދެމި އޮންނާނެ ކަމުގައާއި، މި ސަބަބަށްޓަކައި 11 (އެގާރަ) އަހަރު ދުވަސް ފަހުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ދަޢުވާކުރުމަށް ހުރަހެއް ނެތްކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގެ ރޫހާއި ޚިލާފަށްކަމަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބަލާއިރު:

ކުންފުންޏާއިބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައިވާގޮތުން، ދިވެހިރާއްޖޭގައި ކުންފުނި އުފައްދައި، ހިންގަން ވާނީ ކުންފުންޏާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންކަމުންނާއި؛

ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އިން ޕްރައިވެޓް ކުންފުނިތަކުގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ބެހެއްޓުމަށް ކުންފުނިތަކަށް ލާޒިމު ކުރަނީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމުންނާއި؛

ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) އިން ޕަބްލިކް ކުންފުނިތަކުގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ބެހެއްޓުމަށް ކުންފުނިތަކަށް ލާޒިމު ކުރަނީ 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމުންނާއި؛

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) އިން ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެހެއްޓުމަށް ކުންފުނިތަކަށް ލާޒިމު ކުރަނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމުން؛

އިސްވެ ބުނެވުނު ޤާނޫނީ މާއްދާތައް މިމައްސަލައާ ގުޅުވުމުން ނިކުންނަ ނަތީޖާއަށް ބަލަންޖެހޭކަމުގައި ފެނެއެވެ.

މި މައްސަލައިގައި ހިމެނޭ އުރީދޫ މޯލްޑިވްސް އަދި އަމީން ކޮންސްޓްރަކްޝަންއަކީ، މި މައްސަލައިގައި ބަޔާންކޮށްފައިވާ މުޢާމަލާތް ހިނގިއިރު، އަދި މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނުއިރު، ވިޔަފާރިކުރާ ދެ ޕްރައިވެޓް ކުންފުނިކަމުން، އެ ދެ ކުންފުނީގެ މައްޗަށް ކުންފުންޏާއިބެހޭ ޤާނޫނު ހިނގާނެ ކަމުގައި ދެކެމެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އެހެނިހެން ޤާނޫނުތައް ވުޖޫދުވެފައިވަނީ، މުޢާމަލާތް ހިނގި 2005 ވަނަ އަހަރަށް ވުރެ ފަހުގެ ތާރީޚެއް ކަމުގައި ވުމުން، އެ ޤާނޫނުތަކަށް އަމަލުކުރަން ފެށުމުން، މައްސަލައިގައި ހިމެނޭ ދެ ކުންފުނީގެ މައްޗަށް އެ ޤާނޫނުތައް ހިނގާނެއެވެ.

ކުންފުންޏާއިބެހޭ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް ބެލުމުން، އެ ޤާނޫނުގެ ދަށުން ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއްޓުމަށް ޕްރައިވެޓް ކުންފުންޏަކަށް ލާޒިމުވަނީ 3 (ތިނެއް) އަހަރުގެ މުއްދަތަށް ކަމުގައިވާތީ، މުޢާމަލާތް ހިނގިއިރު، އުރީދޫ މޯލްޑިވްސް އަދި އަމީން ކޮންސްޓްރަކްޝަންގެ މާލީ ހިސާބުތަކާގުޅޭ ލިޔުންތައް، އެކުންފުނިތަކުން ބަލަހައްޓަން ޤާނޫނުން ލާޒިމުކުރަނީ ހަމައެކަނި އެ މުއްދަތަށެވެ.

މާލީ ހިސާބުތަކަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ އެ ކުންފުނެޏެއްގެ ބެލެނެސް ޝީޓްއާއި، ފައިދާއާއި، ކޭޝް ފްލޯ، އަދި ހިއްސާދާރުންގެ އިކުއިޓީ އަދި މިނޫނަސް ކުންފުނީ އަރަންޏާއި ދަރަންޏާ ގުޅޭ މާލީ ރިޕޯޓުތައް ކަން ފާހަގަކުރަމެވެ. އެހެންކަމުން، އެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ޒިންމާ ކުންފުންޏެއްގެ މައްޗަށް އޮންނަނީ 3 (ތިނެއް) އަހަރުގެ މުއްދަތަށް ނުވަތަ އެނޫންވެސް މުއްދަތަކަށް ކަމުގައިވުމަކީ، އެ މުއްދަތު ފަހަނަ އަޅާ ދިއުމުން ކުންފުންޏަކުން ކޮށްފައިވާ މުޢާމަލާތެއްގެ ދަށުން އެ ކުންފުންނީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތަކުން އެ ކުންފުނި ބަރީޢަވެގެންވާ ކަމުގައި ބަލަންޖެހޭ ސަބަބެއް ކަމުގައި ނުދެކެމެވެ.

އަދި ބަހުސްގެ ބޭނުމަށްޓަކައި، މި މުޢާމަލާތުގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ތަޠުބީޤުކުރެވޭނެ ކަމުގައި ބެލިނަމަވެސް، އެ މާއްދާގައި ބުނާ ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ނުވަތަ މާލީ ހިސާބުތައް ބަހައްޓާ ބެލެހެއްޓުމާއި، އެ މުއްދަތު ފަހަނައަޅާ ދިއުމުން މުޢާމަލާތެއްގެ ދަށުން އަދާ ކުރަންޖެހޭ ޙައްޤެއް ނެތި ދިއުން، މިއީ މުޅިން ދެކަމެކެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤުކުރުން

ދިވެހިރާއްޖޭގައި ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަމުގައި އިސްލާމީ ޝަރީޢަތަށް ކަމުން، އަދި މިއީ (މި ރައުޔުގެ 44 އަދި 45 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން) ކުރެވުނު މުޢާމަލާތެއްގެ ތެރެއިން އުފަންވެފައިވާކަމަށް ބުނާ ޙައްޤަކާގުޅޭ ޚުޞޫމާތެއް ކަމުގައިވާތީ، އެފަދަ ޚުޞޫމާތަކަށް ގޮތް ކަނޑައެޅުމުގައި އަދި ހައްލު ލިބިދިނުމުގައި ބަލަންޖެހޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނަށެވެ.

މި މައްސަލައިގެ ތެރެއިން، ބަހުސްކުރެވިފައިވާ މައިގަނޑު ކަމަކީ، ތަޤާދުމުގެ ޤާނޫނެއް ނެތް ޙާލަތުގައި، ދަޢުވާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމަށް ވުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި، އެއްބަސްވުމެއްގެ ބައިވެރިއަކަށް އެ އެއްބަސްވުމެއްގެ ދަށުން ޙައްޤެއް ލިބިގެންވާ ނަމަ، އެފަދަ ޙައްޤެއް ދިގު މުއްދަތެއްގެ ފަހުން ހޯދުމަށް ހުރަސްއަޅާ މާއްދާއެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި، އެނޫންގޮތަކަށް އެއްބަސްވުމުގައި ބުނެފައި ނުވާނަމަ، އެއްބަސްވުމެއްގެ ބައިވެރިން އެ އެއްބަސްވުމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތަކަށް ޢަމަލުކުރަންވާނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަމަށް، ބަޔާންކުރާކަން ފާހަގަކުރަމެވެ. މީގެ މާނައަކީ، ހުށަހެޅިފައިވާ މައްސަލައިގައި، އަމީން ކޮންސްޓްރަކްޝަންއާއި އުރީދޫ މޯލްޑިވްސްއާ ކުރެވުނު މުޢާމަލާތާއި ގުޅިގެން މަސައްކަތްކޮށް، އެ މަސައްކަތުގެ ފައިސާ ހޯދުމުގެ ޙައްޤު އަމީން ކޮންސްޓްރަކްޝަނަށް ލިބިގެންވާނަމަ، އެ ކުންފުނީގެ ފަރާތުން އެކަމާގުޅޭ ދަޢުވާ އުފުލަންވާނީވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަމެވެ.

އެހެންނަމަވެސް، އުސޫލެއްގެ ގޮތުން، ކުރެވޭ މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި، ދުވަސްވުމުން ނުވަތަ އެ ޙައްޤު ބޭނުންނުކޮށް އޮތުމުގެ ސަބަބުން ބައުވެ ފަނާވެގެންދާ އެއްޗެއް ނޫ]ން[" ކަމުގައިވާތީ، މުޢާމަލާތާ ގުޅިގެން ކަންހިނގާފައިވާ ގޮތަށް ބަލައި، 11 (އެގާރަ) އަހަރު ދުވަހުގެ މުއްދަތަކީ، އެއްބަސްވުމެއްގެ ތެރެއިން ދަޢުވާކުރުމަށް އެކަށީގެންވާ މުއްދަތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ. އަދި މިގޮތަށް ބެލުމުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު މާނަކޮށް ތަޠުބީޤު ކުރުމުގައި ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ޤާނޫނީ އުސޫލުތަކަކީ ކޮބައިކަމުގެ މައްޗަށާއި، ދެފަރާތުގެ އަމަލުތައް ހުރި ގޮތުން މިއީ އަދާލާތުގެ އުސޫލުތަކަށް ރިޢާޔަތްކުރެވިދާނެ ޙާލަތެއް އުފަންކުރުވާ މައްސަލައެއްތޯ ބަލަންޖެހޭ ކަމުގައި ދެކެމެވެ.

ނިންމުން އަދި ނަތީޖާއަހުރެންގެ މި ރައުޔުގައި އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާގުޅޭ ގޮތުން އަހުރެންގެ ވިސްނުން ތިރީގައި ހުލާސާ ކުރަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން މަދަނީ ޙައްޤުތަކާއި ގުޅިގެން އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދީފައިވާ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އެ މާއްދާއިން ލިބިދޭ ޙައްޤު ނުބައިކޮށް މާނަކޮށް، ޤާނޫނަކުން އެ ޙައްޤު ހުދޫދުކުރެވިގެން ނުވާނަމަ، އެ މާއްދާގެ ދަށުން ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ދެކިގެންކަން؛

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ފިޔަވައި، އެ ކޯޓަށް އިސްތިއުނާފު ކުރެވުނު ނުކުތާތަކާގުޅޭ އެއްވެސް ކަމެއް ޤާނޫނުއަސާސީއާއި ޤާނޫނުގައި ހިމެނިގެން ނުވާކަމުގައި ބަލައިގެން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއަށް ހަވާލާދީ ހައިކޯޓުން މި މައްސަލައިގައި އިސްލާމީ ޝަރީޢަތް ތަޠުބީޤުކޮށްފައިވަނީ، އެފަދައިން އިސްލާމީ ޝަރީޢަތް ތަޠުބީޤުކުރުމަށް ޤާނޫނުއަސާސީގެ އެ މާއްދާގައި ބުނާ ޙާލަތުގައި ނޫންކަން؛

އިސްލާމީ ޝަރީޢަތަށް ހަވާލާދީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ތަޤާދުމުގެ މުއްދަތާއި ގުޅޭ ޢާންމު އުސޫލަކީ ޙައްޤު އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވެ ދިއުންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 742 ވަނަ މާއްދާގެ (ހ) ގައި "އިސްލާމީ ޝަރީޢަތް" މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ މަސްދަރުތައް ބޭނުންކޮށްގެން ކަމުގައި ނުވުމުގެ އިތުރުން، އެ ފަދައިން ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން މަދަނީ ޙައްޤުތަކާއި ގުޅިގެން ދަޢުވާ އުފުލުމަކީ ލިބިދެވޭ ޙައްޤެއް ކަމުގައި ހަމަ އެ ޤަޟިއްޔާގައި ކަނޑައެޅުމަށްފަހުގައި ކަމަށްވުމުން، އެ ދެ ކަނޑައެޅުމުގައި ފުށުއަރުންތަކެއް ހުރިކަން؛

ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާއަކީ މުޢާމަލާތެއްގެ ދަށުން ފައިސާ ހޯދުމުގެ ދަޢުވާއެއްކަމުން، އަދި އެފަދަ މުޢާމަލާތެއްގެ ދަށުން ޙައްޤު އުފަންވަނީ އެއްބަސްވުމުގެ ދަށުންކަމުގައިވާތީ، ބުނެވުނު މުޢާމަލާތާގުޅުން ހުރި ކަންކަން ކަނޑައެޅުމުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤު ކުރަންޖެހޭކަން؛

ހައިކޯޓުގެ ނިންމުމުން އަމީން ކޮންސްޓްރަކްޝަނަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ، )އަހުރެންގެ މި ރައުޔުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި( ޤާނޫނު މާނަކުރުމުގެ އުސޫލުތަކަށް ބަލާއިރު، އެކަށީގެންވާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން؛

ހައިކޯޓުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ނިންމާފައިވަނީ، ސިވިލް ކޯޓުން މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައެޅުމަކާއި ނުލައި، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކޯޓުގައި އުފުލި ދަޢުވާ ކުރުމުގެ ޙައްޤު އެފަރާތަށް ގެއްލިފައިވާކަމަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވުމުން ކަމުގައިވާއިރު، މައްސަލައެއްގެ މައުޟޫޢަށް ގޮތް ކަނޑައަޅާފައި ނުވުމަކީ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ފޮނުވި ދާނެ ޙާލަތެއްކަން؛ އަދި

އެއްބަސްވުމެއްގެ ދަށުން އުފަންވާ ޙައްޤެއް ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅަންޖެހޭނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ސާފުކޮށް، އެ ކަންކަމުގެ މައްޗަށް ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތަކާއި، (ދެފަރާތުގެ އަމަލުތައް ހުރި ގޮތަށް ބެލުމުން، އެއީ ޢަދުލުވެރިގޮތް ކަމުގައިވާނަމަ) އަދާލާތުގެ އުސޫލުތަކަށް ރިޢާޔަތްކޮށްގެންކަން.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގައި ތަޤާދުމުގެ ޤާނޫނެއް ނެތުމުން، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ޙައްޤެއް އުފަންވި ވަގުތުން ފެށިގެން 15 (ފަނަރަ) އަހަރު ފާއިތުވުމާއި ހަމައަށް ދަޢުވާ އުފުލިދާނެ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކުރުމާއެކު، އުރީދޫ މޯލްޑިވްސް ޕަބްލިކް ކޮމްޕެނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/262 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ