ޙަސަން ޙަލީމް ވ. ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުގެ 555/MC/2002 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން 2009 އޭޕްރީލް 28 ގައި ޙުކުމް ކޮށްފައިވެއެވެ. (ދަށުކޯޓުތަކުގެ ނިންމުމުގެ ތަފްޞީލު ޙުކުމުގައި ނެތެވެ.)
- ވާޤިޢާ
- 1982 ވަނަ އަހަރުން ފެށިގެން އިލްތިމާސްކުރި ފަރާތާއި ސިންގަޕޫރުގެ ކުންފުންޏެއްގެ މެދުގައި، ކުންފުނިން މުދާ ގަނެ ފޮނުވައި، އޭގެ އަގާއި ޚަރަދުތަކާއި ކަމިޝަން ދެއްކުމުގެ ވިޔަފާރީގެ މުޢާމަލާތްތަކެއް ލިޔެވިފައިވާ ކޮންޓްރެކްޓަކާ ނުލައި ހިނގައިފައިވެއެވެ. ކުންފުނިން ފައިސާ ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލިޔުމަކަށް ނުލައި ދެފަރާތުގެ މެދުގައި ހިނގާފައިވާ ވިޔަފާރީގެ މުޢާމަލާތްތަކުން ޞައްޙަ ކޮންޓްރެކްޓެއް ވުޖޫދަށް އައިތޯއާއި، އެ ކޮންޓްރެކްޓަށް ތަޠްބީޤުކުރާނީ ކޮން ޤާނޫނެއްތޯއާއި، އެ ކޮންޓްރެކްޓުގެ ދަށުން ފައިސާ ދައްކަން ލާޒިމުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ނޫން ޙުކުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ވިޔަފާރީގެ ކޮންޓްރެކްޓެއް ލިޔެވިފައި އޮތުން ލާޒިމު ނުކުރާތީ، ސޮއިކޮށްފައިވާ އެކައުންޓް ސްޓޭޓުމެންޓުތަކާއި އިޤުރާރުން ޟިމްނީ ކޮންޓްރެކްޓެއް ޘާބިތުވެއެވެ. ބިދޭސީ ޤާނޫނެއް އިޚްތިޔާރުކޮށްފައި ނުވާތީ ދިވެހި ޤާނޫނު ތަޠްބީޤުވެއެވެ. ކުންފުނިން އިލްތިޒާމްތައް ފުރިހަމަކުރިއިރު އިލްތިމާސްކުރި ފަރާތުން އިލްތިޒާމްތައް ފުރިހަމަނުކުރުމުން، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2006/HC-A/43
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚުޞުންގެ މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއްކަމުގައި ވީހިނދު، އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު "މަބްދައު ސުލްޠާނުލް އިރާދާ" (Freedom of Contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވެއެވެ. އެފަދަ ބާރާއި އިޚުތިޔާރު ޤާނޫނީގޮތުން ޤައިދުކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ 'އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާ' (peremptory rule) އަކާއި ނުވަތަ ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (Public Order and Public Decency) ޤާޢިދާ އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމައެވެ.
ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (good faith) ތަންފީޒު ކުރުމަކީ އެކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެކެވެ.
ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމް ނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެކެވެ. އެފަދަ ކޮންޓްރެކްޓަކީ އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭއިރު، ޘާބިތުކުރުމަށްޓަކައި ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ ކޮންޓްރެކްޓުގެ ވުޖޫދު ނަފީ ކުރެވޭނެ ކަމެއް ނޫނެވެ. ވިޔަފާރީގެ ކޮންޓްރެކްޓްތަކަކީ މަދަނީ ކޮންޓްރެކްޓްތަކަށްވުރެ ފުޅާދާއިރާއެއްގައި ވަކި ގޮތަކަށް އޮތުން ލާޒިމް ނުކުރާ ކޮންޓްރެކްޓްތަކަކަށްވާތީ، ކޮންޓްރެކްޓް ލިޔެވިފައިވާ މުސްތަނަދެއްގައި ނެތުމަކީ ދެފަރާތުން ރުހި އެއްބަސްވެފައިވާ 'ރިޟާއީ' ކޮންޓްރެކްޓެއް ނެތްކަމުގެ ދަލީލެއް ނޫނެވެ.
ލިޔެވިފައި ނެތް ކޮންޓްރެކްޓެއްގެ ވުޖޫދަކީ ޤާނޫނީ އެންމެހައި ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ ކަމެކެވެ. ކަސްޓަމަރުގެ އެކައުންޓް ސްޓޭޓުމެންޓުގެ ތަފްޞީލާއި، ނުދައްކާ ހުރި ބެލެންސަކީ ރަނގަޅު ބެލެންސެއްކަމަށް ޔަޤީންކޮށްދީ ސޮއިކޮށްފައިވާ ކިތާބީ މުސްތަނަދުތަކާއި، އެއީ އޭނާގެ ސޮއިކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޤުރާރަކީ، ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން އިލްތިޒާމްތަކެއް އުފުލުމަށް އެއްބަސްވެ ކުރެވިފައިވާ 'ޟިމްނީ' (tacit) ކޮންޓްރެކްޓެއް އޮތްކަމުގެ ކާފީ ދަލީލެކެވެ.
ޤާނޫނުގައިވާގޮތުގެމަތިން ބޭންކު މުޢާމަލާތެއްގެ ގޮތުގައި ޢަޤުދު ކުރެވޭ ލޯނު ފިޔަވައި، ވިޔަފާރިއެއްގެ ގޮތުގައި ފަހުން އަދާކުރާގޮތަށް ދޫކުރެވޭ ފައިސާގެ އެހެން މުޢާމަލާތްތަކަކީ، ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލިޔެވިފައިވާ ޢަޤުދެއްގައި އޮންނަންޖެހޭ މުޢާމަލާތަކަށް ވާން ނުޖެހެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން، ބިދޭސީ 'އެލެމެންޓް' އެއް ހިމެނޭ ކޮންޓްރެކްޓެއް ތަންފީޒުކުރުމުގައި ދިވެހި ޤާނޫނު ނޫން އެހެން ބިދޭސީ ޤާނޫނެއް އިޚުތިޔާރުކުރުމުގެ ބާރު، އެ މާއްދާގެ ޙުދޫދުގައި ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވެއެވެ. ދެބަސްވުމެއް ޙައްލުކުރުމަށްޓަކައި މިވެނި ޤާނޫނެއް ތަޠްބީޤުކުރުމަށް ދެފަރާތުން ޞަރީޙަކޮށް ނުވަތަ "ޟިމްނީ" ކޮށް ވެސް އެއްބަސްވެފައި ވާކަން ޘާބިތުވާންނެތްނަމަ، މައްސަލަ ދިވެހިރާއްޖޭގެ ކޯޓެއްގެ ކުރިމަތީގައި ބެލެވޭހިނދު، ތަޠްބީޤުކުރަންޖެހޭނީ ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކެވެ.
ދެފަރާތުން ރުހި ޤަބޫލުވެގެން ކުރެވިފައިވާ ކޮންޓްރެކްޓެއްގައި، ޙަޤީޤަތްއޮޅުން (Error)، މަކަރާއި ޙީލަތް (Fraud)، އަދި ބިރުދެއްކުމާއި ނުރަނގަޅު ނުފޫޒު (Coercion) ފަދަ ކޮންޓްރެކްޓު ބާޠިލުވާފަދަކަމަކުން ފަރާތްތަކުގެ ރުހުމަށް އަސަރުކޮށްފައި ވާކަން ޘާބިތުވެފައި ނުވާނަމަ، އަދި އެ ކޮންޓްރެކްޓަކީ 'އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާ' އަކާ ނުވަތަ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ ޤާޢިދާ އަކާ ޚިލާފު ކޮންޓްރެކްޓަކަށް ނުވާނަމަ، އެއްފަރާތުން އޭގެ އިލްތިޒާމްތައް ފުރިހަމަ ކުރުމަށްފަހު، އަނެއް ފަރާތުން އޭނާގެ އިލްތިޒާމްތައް ފުރިހަމަ ނުކުރުމަކީ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) އާއި "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) އާއި ޚިލާފު، ޣައިރު ޝަރުޢީ އަދި ޣައިރު ޤާނޫނީ ކަމެކެވެ.
އިލްތިމާސް ކުރެވޭ ޤަޟިއްޔާތަކުގައި ސުޕްރީމްކޯޓުން ބަލަނީ، ދަށު މަރްޙަލާގެ ކޯޓުން ޤާނޫނާ ޚިލާފުވެފައިވޭތޯއާއި ޤާނޫނު ގޯސްކޮށް ތަޠްބީޤު ކޮށްފައިވޭތޯ ކަމެވެ. މުސްތަނަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރްޖީޙުކުރުމާއި، މައްސަލަ ޘާބިތުކުރުމަށް އެ މުސްތަނަދުތަކާއި ދަލީލުތައް ފުދޭތޯ ބެލުމަކީ މައްސަލާގެ 'ފެކްޓްސް' ގެ ތެރޭގައި ހިމެނޭ، ދަށު މަރްޙަލާގެ ކޯޓުގެ "ތަޤްދީރީ" (discretionary) ބާރުގެ ދަށުން ކަނޑައެޅޭ، ސުޕްރީމްކޯޓުގެ "ރަޤާބާ" (review) އިން ބޭރުގައިވާ ކަންތަކެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ރ)
ފަނޑިޔާރުން
- ބެންޗު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ޢަބްދުﷲ ޢަރީފް، އަޙްމަދު މުޢުތަޞިމް ޢަދުނާނު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 43/HC-A/2006 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ނޫންގޮތަކަށް ކަމަށް ބުނެ […]، ޙަސަން ޙަލީމް ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރެވުނު، ސުޕްރީމްކޯޓުގެ ނަންބަރު 30/A-SC/2009 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް"، 100 ޖަލާން ސުލްޓާން 15-03 # ސުލްޓާން ޕްލާޒާ، ސިންގަޕޯރ 0719 އެވެ. އަދި އިސްވެދިޔަ ހައިކޯޓުގެ ނަންބަރު 43/HC-A/2006 ޤަޟިއްޔާ އަކީ، މަދަނީކޯޓުގެ ނަންބަރު 555/MC/2002ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 555/MC/2002 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 43/HC-A/2006 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މައްޗަށާއި، ކޮންޓްރެކްޓާބެހޭގޮތުން ދުނިޔޭގެ ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މަދަނީ ޤާނޫނުގައި ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޙުޞުންގެ މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއްކަމުގައި ވީހިނދު، ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު "މަބްދައު ސުލްޠާނުލް އިރާދާ" (Freedom of Contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާކަމާއި، އެފަދަ ބާރާއި އިޚުތިޔާރު ޤާނޫނީގޮތުން ޤައިދުކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ 'އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާ' (ޕަރެމްޕްޓަރީ ރޫލް/peremptory rule) އަކާއި ނުވަތަ ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (Public Order and Public Decency) ޤާޢިދާ އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމަކަމާއި، މި ޢާންމު އުޞޫލުގެ ދަށުން ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (good faith) ތަންފީޒު ކުރުމަކީ އެކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމް ނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ޘާބިތުކުރުމަށްޓަކައި ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓުގެ ވުޖޫދު ނަފީ ކުރެވޭނެ ކަމެއް ނޫންކަމާއި، ކޮންޓްރެކްޓްގެ ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ އެއްޗެއްކަން އެނގެން އޮންނަ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ޞަރީޙަ ޢިބާރާތުގައި " ކޮންޓްރެކްޓަކާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ހަމަޖެއްސުމަށްޓަކައި، އެ ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، ބައިނަލް އަޤްވާމީގޮތުން ޤަބޫލުކުރާ ޤާނޫނެއްގެ ދަށުން ޢަމަލުކުރާން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޖެހޭނަމަ އެމާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެކެވެ"؛ މިހެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބިދޭސީ 'އެލެމެންޓް' އެއް ހިމެނޭ ކޮންޓްރެކްޓެއް ތަންފީޒުކުރުމުގައި، ދިވެހި ޤާނޫނު ނޫން އެހެން ބިދޭސީ ޤާނޫނެއް އިޚުތިޔާރުކުރުމުގެ ބާރު، ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ޙުދޫދުގައި، ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާކަން އެންގެން އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިލްތިމާސް ކުރެވޭ ޤަޟިއްޔާތަކުގައި ސުޕްރީމްކޯޓުން ބަލަނީ، ދަށު މަރްޙަލާގެ ކޯޓުން އިލްތިމާސްކުރެވުނު ޤަޟިއްޔާ ބެލުމުގައި ޤާނޫނާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ ކަމާއި، އަދި ޤާނޫނު ގޯސްކޮށް ތަޠްބީޤު ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމާއި، ދަށު މަރްޙަލާގެ ކޯޓުން އެ ޤަޟިއްޔާގައި ހިމެނޭ 'ފެކްޓްސް' ތައް ބަލައި ވަޒަންކުރުމަކީ އެކޯޓުގެ "ތަޤްދީރީ" (discretionary) ބާރުގެތެރޭގައި ހިމެނޭ، ސުޕްރީމްކޯޓުން ފައިޞަލާ ކުރަންޖެހޭ ކަމެއް ނޫންކަން އެނގެން އޮންނަ ކަމެވެ.
(ބ) ފަސްވަނަކަމަކީ، ސުޕްރީމްކޯޓުގައި މިމައްސަލާގައި ދަޢުވާކުރާ ފަރާތްކަމުގައިވާ […]، ޙަސަން ޙަލީމް އާއި ދަޢުވާލިބޭ ފަރާތްކަމުގައިވާ "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް"، 100 ޖަލާން ސުލްޓާން 15-03 # ސުލްޓާން ޕްލާޒާ، ސިންގަޕޯރ 0719، އާ ދެމެދުގައި 1982 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މުޢާމަލާތްތަކުގެ މައްޗަށް ބެލިބެލުމުން، އަންނަނިވި ކަންތައް ފާހަގަކުރެވިފައިވުމެވެ.
1އެ މުދަލެއް ވިއްކައިގެން ނުވަތަ ކުއްޔަށްދީގެން ފައިދާ ހޯދުމުގެ މަޤްޞަދުގައި މުދާ ގަތުން "ކޮމަރޝަލް ލޯ" ގައި ބެލެވެނީ ވިޔަފާރީގެ މުޢާމަލާތެއް ކަމުގައި ވީހިނދު، ޙަސަން ޙަލީމް ސިންގަޕޫރު ކުންފުންޏެއްކަމަށްވާ "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" މެދުވެރިކޮށް ވިޔަފާރިކުރުމަށްޓަކައި، އެކިފަރާތްތަކުން މުދާގަތުމަކީ، އެއީ ވިޔަފާރީގެ މުޢާމަލާތެއްކަން އެނގެއެވެ. އަދި އެވިޔަފާރީގެ މުޢާމަލާތާ ގުޅިގެން ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" ގެ ދެމެދުގައި ޤާނޫނީ އިލްތިޒާމުތަކެއް އުފުލަން އެއްބަސްވެ، ކޮށްފައިވާ ކޮންޓްރެކްޓަކީ އޭގެ ޒާތުގައި ވިޔަފާރީގެ ކޮންޓްރެކްޓެއްކަމަށް ވީހިނދު، އެފަދަ ކޮންޓްރެކްޓްތަކަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި، މަދަނީ ކޮންޓްރެކްޓްތަކަށްވުރެ ފުޅާދާއިރާއެއްގައި ވަކި ގޮތަކަށް އޮތުން ލާޒިމް ނުކުރާ ކޮންޓްރެކްޓްތަކަކަށްވާތީ، ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދުގައި ކުރެވިފައިވާ ކޮންޓްރެކްޓް ލިޔެވިފައިވާ މުސްތަނަދެއްގައި ނެތުމަކީ، އެ ދެފަރާތުން ރުހި އެއްބަސްވެފައިވާ 'ރިޟާއީ' ކޮންޓްރެކްޓެއް ނެތްކަމުގެ ދަލީލެއް ނޫނެވެ.
2ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދުގައި ހިނގަމުންދިޔަ ވިޔަފާރީގެ މުޢާމަލާތާ ގުޅިގެން ދެފަރާތުން އިލްތިޒާމުތަކެއް އުފުލުމަށް އެއްބަސްވެ ކޮށްފައިވާ ކޮންޓްރެކްޓަކީ ލިޔެވިފައި ނެތް ކޮންޓްރެކްޓެއްކަމުގައި ވީނަމަވެސް، އެ ކޮންޓްރެކްޓުގެ ވުޖޫދަކީ ޤާނޫނީ އެންމެހައި ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ ކަމެއްކަމުގައި ވީހިނދު، "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ، އެ ކުންފުނީގެ ކަސްޓަމަރު ޙަސަން ޙަލީމްގެ އެކައުންޓް ސްޓޭޓުމެންޓުގެ ތަފްޞީލާ، އަދި އެއެކައުންޓުގައި 30 ޖޫން 2000 ގެ ނިޔަލަށާ، އަދި 15 މާރޗް 2001 ގެ ނިޔަލަށް ޙަސަން ޙަލީމަށް ނުދެއްކި ހުރި ބެލެންސަކީ ރަނގަޅު ބެލެންސެއްކަމަށް ޔަޤީންކޮށްދީ ޙަސަން ޙަލީމް ސޮއިކޮށްފައިވާ ދެ ކިތާބީ މުސްތަނަދާއި، އެ ދެ މުސްތަނަދުގައި އެވަނީ ޙަސަން ޙަލީމްގެ ސޮއިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޙަލީމް ވެފައިވާ އިޤުރާރަކީ، ޙަސަން ޙަލީމާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން އިލްތިޒާމްތަކެއް އުފުލުމަށް އެއްބަސްވެ ކުރެވިފައިވާ 'ޟިމްނީ' (tacit) ކޮންޓްރެކެޓެއް އޮތްކަމުގެ ކާފީ ދަލީލެކެވެ.
3މަތީގައި ބުނެވިދިޔަ 'ޟިމްނީ' ކޮންޓްރެކްޓުގެ ދަށުން "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަކީ އެކިފަރާތްތަކުން މުދާ ގަނެ ޙަސަން ޙަލީމަށް ފޮނުވުން ކަމާއި، އަދި ޙަސަން ޙަލީމްގެ ފަރާތުން އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަކީ "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އިން ޙަސަން ޙަލީމަށް ފޮނުވި މުދަލުގެ އަގާއި، އެމުދާ އިންޝުއަރެންސް ކުރުމުގެ އަގާއި، އެމުދާ ދިވެހިރާއްޖެއަށް ފޮނުވުމުގެ ޚަރަދާއި، އެ މުދާ ގަތުމަށްޓަކައި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އިން ނަގާފައިވާ ބޭންކް ލޯނުތަކަށް އެކުންފުނިން ދައްކާފައިވާ އިންޓަރެސްޓުގެ ބަދަލާއި، ޙަސަން ޙަލީމަށް މުދާ ފޮނުވައިދިނުމުގެ ޚިދުމަތުގެ އަގު (ކަމިޝަން) "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އަށް ދެއްކުންކަން، އިސްވެ އިޝާރާތްކުރެވުނު "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ، އެ ކުންފުނީގެ ކަސްޓަމަރު ޙަސަން ޙަލީމްގެ އެކައުންޓް ސްޓޭޓުމެންޓުގެ ތަފްޞީލަށް ބެލުމުން އެނގެއެވެ.
4ޤާނުނުގައިވާގޮތުގެމަތިން ބޭންކު މުޢާމަލާތެއްގެ ގޮތުގައި ޢަޤުދު ކުރެވޭ ލޯނު ފިޔަވައި، ވިޔަފާރިއެއްގެ ގޮތުގައި ފަހުން އަދާކުރާގޮތަށް ދޫކުރެވޭ ފައިސާގެ، އެހެން މުޢާމަލާތްތަކީ އޭގެޒާތުގައި – ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު- ލިޔެވިފައިވާ ޢަޤުދެއްގައި އޮންނަންޖެހޭ މުޢާމަލާތަކަށް ވާން ނުޖެހޭ ހިނދު، "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އިން ޙަސަން ޙަލީމަށް ފަހުން އަދާކުރާގޮތަށް ދެފަހަރުމަތިން ދީފައިވާ ފައިސާއަކީ އޭގެ ޒާތުގައި އިސްވެ ބަޔާންކުރެވުނުފަދަ ލޯނެއް ނޫންކަމުގައިވިއަސް، ޙަސަން ޙަލީމްވަނީ އެފައިސާއާއި، އެކުންފުނީގެ ފަރާތުން ޙަސަން ޙަލީމަށް ފައިސާދިނުމަށްޓަކައި ނަގާފައިވާ ލޯނަށް އެކުންފުނިން ދައްކަންޖެހޭ އިންޓަރެސްޓުގެ ބަދަލު ދިނުމަށް އެއްބަސްވެފައިކަން އިސްވެ އިޝާރާތްކުރެވުނު އެކައުންޓް ސްޓޭޓުމެންޓުން އެނގެއެވެ.
5ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދުގައި ކުރެވުނު ކޮންޓްރެކްޓު ތަންފީޒުކުރުމުގައި ދިމާވާ ދެބަސްވުމެއް ޙައްލުކުރުމަށްޓަކައި މިވެނި ޤާނޫނެއް ތަޠްބީޤުކުރުމަށް ދެފަރާތުން ޞަރީޙަކޮށް ނުވަތަ "ޟިމްނީ" ކޮށް ވެސް އެއްބަސްވެފައި ވާކަން ޘާބިތުވާންނެތުމުން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ އަލީގައި، މިމައްސަލަ ދިވެހިރާއްޖޭގެ ކޯޓެއްގެ ކުރިމަތީގައި ބެލެވޭހިނދު، ތަޠްބީޤުކުރަންޖެހޭނީ ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކެވެ.
6އިސްވެ ބަޔާންވެގެން ދިޔަގޮތުގެމަތިން ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދުގައި ކުރެވުނު ކޮންޓްރެކްޓަކީ، އެ ދެފަރާތުން ރުހި ޤަބޫލުވެގެން ކުރެވިފައިވާ އެއްބަސްވުމެއްކަމުގައި ވެފައި، ޙަޤީޤަތްއޮޅުން (Error)، މަކަރާއި ޙީލަތް (Fraud)، އަދި ބިރުދެއްކުމާއި ނުރަނގަޅު ނުފޫޒު (Coercion) ފަދަ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ ގެ (ހ) އާއި (ށ) އާއި، 12 ވަނަ މާއްދާއާ އަދި 13 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ، ކޮންޓްރެކްޓު ބާޠިލުވާފަދަކަމަކުން އެ ދެފަރާތުގެ ރުހުމަށް އަސަރުކޮށްފައި ވާކަން ޘާބިތުވެފައި ނުވާތީ އާ، އަދި އެ ކޮންޓްރެކްޓަކީ 'އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާ' (ޕަރެމްޕްޓަރީ ރޫލް/peremptory rule) އަކާ ނުވަތަ ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (Public Order and Public Decency) ޤާޢިދާ އަކާ ޚިލާފު ކޮންޓްރެކްޓަކަށް ނުވާތީ، އެ ކޮންޓްރެކްޓުގެ ދަށުން "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ ޤާނޫނީ އިލްތިޒާމްތައް އެކުންފުނީގެ ފަރާތުން ފުރިހަމަ ކުރުމަށްފަހު، ޙަސަން ޙަލީމް އޭނަގެ މައްޗަށް އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތައް ފުރިހަމަ ނުކުރުމަކީ ޙަޤީޤަތުގައި، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) އާއި، މަދަނީ ޤާނޫނާއި ބައިނަލްއަޤުވާމީ ޤާނޫނުގެ އަސާސީ މަބްދައެއްކަމަށްވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) އާއި ޚިލާފު ކަމަކަށްވުމުގެ އިތުރުން، ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުން ހުއްދަ ނުކުރާ ޣައިރު ޝަރުޢީ އަދި ޣައިރު ޤާނޫނީ ކަމެއްވެސް މެއެވެ.
7މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނު މުސްތަނަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރްޖީޙުކުރުމާއި، މައްސަލަ ޘާބިތުކުރުމަށްޓަކައި އެ މުސްތަނަދުތަކާއި ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ 'ފެކްޓްސް' ގެ ތެރޭގައި ހިމެނޭ، ހައިކޯޓުގެ "ތަޤްދީރީ" (discretionary) ބާރުގެ ދަށުން ކަނޑައެޅޭ، ސުޕްރީމްކޯޓުގެ "ރަޤާބާ" (review) އިން ބޭރުގައިވާ ކަންތަކެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، […]، ޙަސަން ޙަލީމް އާއި "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް"، 100 ޖަލާން ސުލްޓާން 15-03 # ސުލްޓާން ޕްލާޒާ، ސިންގަޕޯރ 0719 އާ ދެމެދުގައި 1982 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ ވިޔަފާރީގެ މުޢާމަލާތަކީ، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެފައިވާ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން ހިނގާފައިވާ މުޢާމަލާތެއްކަމަށާއި، އެ ކޮންޓްރެކްޓުގެ ދަށުން "ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ފުރިހަމަކޮށްފައި ވީނަމަވެސް، އެ ކޮންޓްރެކެޓުގެ ދަށުން ޙަސަން ޙަލީމް އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަ ކޮށްފައި ނުވާކަން ޘާބިތުވާތީ އާ، އަދި ޙަސަން ޙަލީމްގެ އެ އިލްތިޒާމުތައް ފުރިހަމަނުކޮށް ދޫކޮށްލެވިދާފަދަ ޤާނޫނީ ސަބަބެއް ފެންނަން ނެތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 43/HC-A/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެމަތިން ކޮށްފައިވާ ޙުކުމެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، ހައިކޯޓުގެ ނަންބަރު 43/HC-A/2006 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމީއެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.