ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 48 · 2023/SC-A/01

ޕަބްލިކް ސަރވިސް މީޑިއާ ވ. މިވެސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ނޮވެމްބަރު 2026ދަށު ކޯޓު: 2481/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/252، 2481/Cv-C/2019
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ އިންވޮއިސްގައިވާ މަސައްކަތް ދަޢުވާކުރި ފަރާތުން ކުރިކަން އެނގޭނެ ކާފީ ހެކި ނެތުމުން ދަޢުވާ ސާބިތު ނުވާކަމަށެވެ. ހައިކޯޓުން (އަޣްލަބިއްޔަތުން) އެ ނިންމުން ބާޠިލުކޮށް، ފަރާތްތަކުގެ މުޢާމަލާތުން ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށާއި ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅިއެވެ.
ވާޤިޢާ
ޕަބްލިކް ސަރވިސް މީޑިއާގެ ނަންބޯޑު ހެދުމާއި ސްޓޫޑިއޯ 1 ސައުންޑް ޕްރޫފްކޮށް މަރާމާތުކުރުމުގެ މަސައްކަތް އެ ކުންފުނީގެ އެދުމުގެ މަތިން ކުއްލި ޙާލަތުގައި ކުރިކަމަށް ބުނެ، މިވެސް ޕްރައިވެޓް ލިމިޓެޑުން ދެ އިންވޮއިސްގެ 1,460,468.00ރ. އާއި ޖޫރިމަނާ ހޯދުމަށް ދަޢުވާކުރިއެވެ. ފަރާތްތަކުގެ މެދުގައި ލިޔުމުން އެއްބަސްވުމެއް ނެތެވެ. ޕީ.އެސް.އެމް އިން މަސައްކަތް ޙަވާލުކުރިކަމަށް އިންކާރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން އެއްބަސްވުމެއް ނެތި، ދައުލަތުގެ ކުންފުންޏެއްގެ ހޯދުމުގެ ސިޔާސަތުގައިވާ އިޖުރާއަތު ފުރިހަމަނުކޮށް ކުރިކަމަށް ބުނާ މަސައްކަތެއްގެ އިންވޮއިސްތަކުގެ ފައިސާ ހޯދުމުގެ ދަޢުވާގައި، ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށާއި ދަޢުވާ ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅީ ސާބިތުކުރުމުގެ ބުރައާއި ހެކި ވަޒަންކުރުމުގެ އުޞޫލުތަކާއި ކޮންޓްރެކްޓް އުފެދުމުގެ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި ހައިކޯޓުން ކުރިން ނިންމާފައިވާ އެއްފަދަ މައްސަލައަކަށް ރިޢާޔަތް ނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕީ.އެސް.އެމް އިން ބުނީ ހައިކޯޓުން ސާބިތުކުރުމުގެ ބުރަ ދަޢުވާ ރައްދުވާ ފަރާތަށް ބަދަލުކޮށް، ޞައްޙަކަމާ ސުވާލު އުފެދިފައިވާ އެތެރޭގެ ލިޔުންތަކަށް ބަރޯސާވެ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ބިގް ބޮކްސް މައްސަލައަށް ރިޢާޔަތް ނުކޮށް ގޮތް ނިންމި ކަމަށެވެ. މިވެސް އިން ބުނީ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރި ފަރާތުގެ މައްޗަށް ކަމަށާއި، ޞައްޙަކަމާ ސުވާލު އުފެދުނު އެތެރޭގެ ލިޔުންތައް ލިބުނު ގޮތާއި ޞައްޙަކަން ސާބިތުނުކުރެވޭތީ އެ ލިޔުންތަކަށް ބަރޯސާނުވެވޭނެ ކަމަށާއި، ހުށަހެޅުމާއި ޤަބޫލުކުރުން ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ޕަބްލިކް ސަރވިސް މީޑިއާ ޤާނޫނުގެ ދަށުން ހަދާފައިވާ ހޯދުމުގެ ސިޔާސަތުގައި ކުއްލި ޙާލަތުގައިވެސް ލިޔުމުން އެއްބަސްވުމެއް ލާޒިމުކުރާތީ، އެ ސިޔާސަތާ ޚިލާފަށް ކުރާ ޙަވާލުކުރުމަކީ ތަންފީޒުނުކުރެވޭނެ އަލްޓްރާ ވައިރެސް ނިންމުމެއް ކަމަށާއި، ކޮންސްޓްރަކްޓިވް ނޯޓިސްގެ އުޞޫލުން މުޢާމަލާތުކުރާ ފަރާތަށް އެ އުޞޫލުތައް އެނގިފައިވާކަމަށް ބެލެވޭތީ، ކޮންޓްރެކްޓެއް ވުޖޫދުވެފައިނުވާ ކަމަށާއި ފައިސާ ދައްކަންޖެހޭނެ ސަބަބެއް ނެތްކަމަށް ކޯޓުން ނިންމިއެވެ. އަދި ބިގް ބޮކްސް މައްސަލައާ ކުރިމަތީގައި އޮތް މައްސަލައާ ދެމެދު އުޞޫލީ ތަފާތެއް ނެތުމުން، ހައިކޯޓުން އެ ޙުކުމަށް ރިޢާޔަތް ނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ކަމަކަށް ބުނުމުގެ ފުރުޞަތު ބޮޑުކަމަށް ކޯޓުން ދެކުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ ޚުސޫމަތުގައި ސާބިތު ކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިޔަތެކެވެ. އަދި މި މާނައިގެ ތެރޭގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓުގައި އުފުލާ ފަރާތް ނޫންކަމަށާއި، ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަން އެނގެއެވެ.

HN2 ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ހެކި ހުށަހެޅުމާއި އަދި ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވާންޖެހޭނެކަން އެނގެއެވެ.

HN3 ހުށަހަޅާފައިވާ ދަޢުވާ ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދަޢުވާކުރާ ފަރާތުގެ ކިބައިގައެވެ. ދަޢުވާކުރާ ފަރާތާ މަސައްކަތެއް ޙަވާލުކޮށްފައިނުވާނެކަމަށް ސާބިތުކޮށް ދިނުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ ޒިންމާއެއް ނޫނެވެ. އެހެނީ މަދަނީ ދަޢުވާއެއްގައި ދަޢުވާ ރައްދުވާ ފަރާތަކީ މައުޞޫމު ފަރާތެއްކަން ސާބިތުކޮށްދޭންޖެހޭނެ ހަމައެއް ނެތެވެ.

HN4 ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ލިޔުންތަކަކީ ޞައްޙަ މަގުން ހޯދާފައިވާ ޞައްޙަ ލިޔެކިއުންކަމަށް ބެލުމެވެ. ނަމަވެސް އެ ކަމާމެދު ސުވާލެއް އުފެދިއްޖެނަމަ އެ ލިޔުމެއް ހޯދިގޮތަކާއި އަދި ލިޔުމުގެ ޞައްޙަކަން ބަޔާންކޮށް ދިނުމުގެ ޒިންމާ އޮތީ ލިޔުމެއް ހުށަހަޅާ ފަރާތުގެ މައްޗަށެވެ.

HN5 އަނެއް ފަރާތުގެ އެތެރޭގެ ލިޔުންތަކެއް ލިބުނީ ޤާނޫނު ހުއްދަކުރާ ސީދާ މަގަކުންކަން ސާބިތުކޮށް ދިނުމަކީ އެ ލިޔުން ހުށަހަޅާ ފަރާތުގެ މައްޗަށް އޮތް ފުރަތަމަ ޒިންމާއެވެ. އެއަށްފަހު ސުވާލު އުފައްދާ ލިޔުންތައް އެއީ ޞައްޙަ ލިޔުންތަކެއްކަން ސާބިތުކޮށް ދިނުމަކީ ދެވަނަ ޒިންމާއެވެ. އެ ދެ ޒިންމާ އަދާކުރެވިފައި ނުވާ ޙާލަތުގައި އެ ލިޔުންތަކަށް ޝަރުޢީ ކޯޓަކުން ބަރޯސާވެ ގޮތް ނިންމިދާނެ ކަމަކަށް ނުދެކެމެވެ.

HN6 ލިޔެކިއުމެއް ނެތް މުޢާމަލާތެއްގައި އެކަމެއް ހިނގާދިޔަގޮތް ސާފުވާނީ ކުންފުނީގެ މުވައްޒަފުން ނުވަތަ އޮފިޝަލުންގެ ބަހުންނެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ވީތީވެ އެ ސަބަބަށްޓަކައި އެ ފަރާތްތަކުގެ ހެކިބަސް ކޯޓަށް ބަލައިނުގަތުމަށް އޮތް އުޒުރެއްވެސް ނޫންމެއެވެ.

HN7 ކޮންޓްރެކްޓަކީ ޤާނޫނުގައިވާ ފަދައިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ އެއްބަސްވުމަކަށް ވާހިނދު، ކޮންޓްރެކްޓެއްގައި ލާޒިމުކުރާ އުންޞުރުތައް ފުރިހަމަ ވާންޖެހޭނެއެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލު، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. އެ އުންޞުރުތަކަކީ، ކޮންޓްރެކްޓެއް އުފަންވުމަށް ލާޒިމު ކަންކަމެވެ. އެއީ ސާފުކޮށް ލިޔެވިފައިވާ އޮންނަ ކޮންޓްރެކްޓެއް ކަމުގައިވިޔަސް އަދި ނުލިޔެވި އޮންނަ ޟިމްނީ ކޮންޓްރެކްޓެއް ކަމުގައި ވިޔަސް ތަފާތުވާ ކަމެއް ނޫނެވެ.

HN8 ކޮންޓްރެކްޓެއްގައި ވަކި ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ކަނޑަޅާފައިވާނަމަ އެ ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ފުރިހަމަވެފައި އޮތުމަކީ ކޮންޓްރެކްޓެއް ޞައްޙަކަން މަތީ ތަންފީޒުވުމަށް ލާޒިމު ކަމެކެވެ.

HN9 މުޢާމަލާތެއްގައި އެހެން ފަރާތެއް ދަޢުވާކޮށްފައި ނެތުމަކީ ދަޢުވާކުރާ ފަރާތުގެ މައްޗަށް އެކަމުގެ ސަބަބުން ޙައްޤެއް އުފަންވާނެ ކަމެއް ނޫނެވެ. ޙައްޤެއް އުފަންވެއްޖެނަމަ، އެއާއެކު ފަރުވާއެއް އުފަންވެއެވެ. ޙައްޤެއް ނެތްނަމަ، ދަޢުވާއެއް ނޯންނާނެއެވެ. އަދި ލިބިދެވޭނެ ފަރުވާއެއް ނެތެވެ.

HN10 ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެއް ހިމެނޭ މުޢާމަލާތެއްގައި، އެ ޤާނޫނުން ބާރުލިބިގެން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލާފައިވާއިރު، އެ ކުންފުނީގެ ކޮންމެ ކޮންޓްރެކްޓަކީ ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ މުޢާމަލާތު ތަކެކެވެ.

HN11 ކުއްލި ޙާލަތެއްގައި މުދަލާއި ޚިދުމަތް ހޯދުމުގެ އުޞޫލުތައް އެކުލަވާލާފައި އޮންނައިރުވެސް ލިޔުމުން އެއްބަސްވުމެއް އޮތުން ލާޒިމުކުރާކަން އެނގެއެވެ. މި ޙާލަތުގައިވެސް މަސައްކަތް ޙަވާލުކުރިކަން އެނގޭނެ ލިޔެކިއުން ހުންނަން ވާނެއެވެ. އަދި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ގޮތެއް ފެންނަން އޮންނަން ވާނެއެވެ.

HN12 މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތާ ޚިލާފަށް ޙަވާލުކޮށްފައިވާ ކޮންމެ ކަމަކީ އަލްޓްރާ ވައިރެސް ނިންމުމަކަށް ނޫނީ ނުވާނެއެވެ. މިފަދަ ނިންމުން ތަކަކީ ޝަރުޢީ ކޯޓުތަކުން ތަންފީޒުކުރެވިދާނެ ނިންމުން ތަކެއް ނޫނެވެ.

HN13 ސަރުކާރު ކުންފުނިތަކުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ޢަމަލުކުރުން ލާޒިމު ނޫންކަމަށް ދޭހަވާ ގޮތަށް 2010/SC-C/32 ގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ނިންމުމަކުން ދައުލަތުގެ ތަންތަނަށް ބޭނުންވާނެ ތަކެތި ގަތުމަށާއި، ޚިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނުގައި ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އޮންނަ ޒިންމާއިން ސަރުކާރު ކުންފުނިތައް ބަރީއައެއް ނުވެއެވެ. މިކަމުގައި ދައުލަތުގެ އޮފީހެކޭ ނުވަތަ ސަރުކާރު ކުންފުންޏެކޭ (ވިޔަފާރީގެ އުޞޫލުން ހިންގާ ސަރުކާރު ތަންތަން ހިމެނޭހެން) ތަފާތެއް ނެތެވެ.

HN14 ކުރެވޭ ކޮންމެ ޚަރަދަކީ ލިޔެކިއުމުން ފެންނަން ހުންނަ ޚަރަދަކަށް ވާންވާނެއެވެ. އަދި ޤާނޫނުގައި އެކަށައަޅާފައިވާ ގޮތުގެ މަތިން ހިސާބު ކިތާބު ބެލެހެއްޓިފައި ހުންނަން ވާނެއެވެ. ދައުލަތުގެ މާލިއްޔާއިން ޚަރަދު ކުރެވޭ ކޮންމެ ފައިސާ ފޮއްޗަކަށް ޖަވާބުދާރީ ވެވެން ޖެހޭނެއެވެ. މިއީ ޤާނޫނުތައް ލާޒިމްކުރާ ހަމަތަކެވެ. އަދި އާންމު މަސްލަޙަތުގެ އުޞޫލުތައް ލާޒިމުކުރާ ކަންކަންމެއެވެ.

HN15 ސަރުކާރު ކުންފުނިތަކުގެ މާލީ ކަންކަން ތަރުތީބުވެފައިވަނީ އޮންނަ އިންތަކަކާއި އުޞޫލުތަކެއްގެ މައްޗަށް ކަން އެއީ އާންމުކުރެވިފައި ހުންނަ ކަންކަމެވެ. މި ކަންކަން ސަރުކާރުގެ ކުންފުންޏަކާއެކު މުޢާމަލާތް ކުރާ ކޮންމެ ފަރާތަކަށް އޮޅުން ފިލާފައި އޮންނާނެކަން އެއީ ޑޮކްޓަރިން އޮފް ކޮންސްޓްރަކްޓިވް ނޯޓިސްގެ އުޞޫލުތަކަށް ރިޢާޔަތްކުރެވި އިފްތިރާޟުކުރެވިފައި އޮންނަ ކަމެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ކުންފުންޏަކާ މުޢާމަލާތު ކުރާއިރު، އެއީ އެފަދަ ކުންފުންޏެއް ކަން އެނގޭނެކަމާއި އަދި ފައިސާ އާއި މާލީ ކަންކަމުގައި ޚާއްސަ އުޞޫލުތަކަށް އެ ކުންފުނިން ޢަމަލުކުރެވޭނެކަން، މުޢާމަލާތު ކުރާ ފަރާތަށް އެނގިފައި އޮންނާނެ ކަމަށް ޤާނޫނު ދަނެއެވެ.

HN16 ސަރުކާރު ކުންފުނީގެ ހޯދުމުގެ އުޞޫލުތަކުގެ ބޭރުން ހިނގާފައި އޮންނަ މުޢާމަލާތެއްގައި، ފޮނުވާފައިވާ އިންވޮއިސްއަށް އެ ކުންފުނިން ފައިސާ ދައްކަން ހުއްދަކުރާ ސަބަބެއް ނެތެވެ.

HN17 އިންވޮއިސް އެއް ފޮނުވައި ރައްދުވާ ފަރާތުން ހަނުހުރުމަކީ އެ އިންވޮއިސްގައިވާ ޝަރުޠުތަކަށް ޟިމްނީ ގޮތުން ރުހުނީކަމަށް ބެލުން ނޫނެވެ.

HN18 އެ ކޯޓަކުން ކުރިން ކޮށްފައިވާ ޙުކުމަކަށް މައްސަލައެއްގައި ރިޢާޔަތްކުރާއިރު، ބެލިދާނެ ކަންކަމުގެ ތެރޭގައި އެއީ، (1) އެއް ބާވަތެއްގެ މައްސަލައެއްތޯ އާއި، (2) ކުރިމަތީގައި އޮތް މައްސަލަ ނިންމުމުގައި ވާސިލުވާންޖެހޭ ސަބަބުތަކާއި ކުރިން ނިންމާފައިވާ މައްސަލަ އާ އުޞޫލީ ތަފާތުތަކެއް ހުރިތޯ އާއި، (3) ކުރިން ނިންމާފައިވާ މައްސަލައަށް ރިޢާޔަތްކުރުމަށް (ފަހުން ޤާނޫނަކަށް އައި ބަދަލެއްގެ ސަބަބުން ނުވަތަ މަތީ މަރުޙަލާއެއްގެ ކޯޓެއްގެ ނިންމުމެއްގެ ސަބަބުން) ހުރަހެއް އޮތްތޯ ބެލުން ހިމެނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ރިޟާ އިސްމާޢީލް، ޢަލީ ސަމީރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙުސްނީ މުބާރިކް، އަޙްމަދު ޝިފާޢު، އެމިކަސް ކިއުރީ އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރަފް

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ (މީގެ ފަހުން "ޕީ.އެސް.އެމް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން، ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިވެސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މިވެސް" މިހެން އިޝާރާތްކޮށްފައިވާ) އެވެ.

2ޕީ.އެސް.އެމްގެ ސްޓޫޑިއޯ 1 ގެ ސައުންޑް ޕްރޫފް ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ބަޔާންކޮށް 900,470.00ރ. (ނުވަލައްކަ ހަތަރުސަތޭކަ ހަތްދިހަ ދިވެހި ރުފިޔާ) ދައްކާ ޚަލާސްކުރުމަށާއި، ޕީ.އެސް.އެމްގެ އެމް.އެމް.އެމް ޕާކު އަދި އެމް.އެމް.އައި ލިމްކޮކްގެ ނަން ބޯޑު ހަދާފައިވާކަމަށް ބަޔާންކޮށް 559,998.00ރ. (ފަސްލައްކަ ފަންސާސްނުވަހާސް ނުވަސަތޭކަ ނުވަދިހަ އަށް ދިވެހި ރުފިޔާ) ދައްކާ ޚަލާސްކުރުމަށް އަންގައި މިވެސް އިން ޕީ.އެސް.އެމްއަށް ދެ އިންވޮއިސް އެއް ފޮނުވިއެވެ.

3މަތީގައި ބަޔާންކުރެވުނު ދެ އިންވޮއިސް ("ދެ އިންވޮއިސް") ޕީ.އެސް.އެމްއަށް ފޮނުވާފައިވަނީ 15 މޭ 2019 ގައެވެ. މި އިންވޮއިސްތަކުގައިވާ ފައިސާ ދައްކަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ އެ އިންވޮއިސްތައް ރައްދުވި ތާރީޚުކަމަށް އިންވޮއިސްގައި ލިޔެފައިވެއެވެ.

4އަދި އިންވޮއިސް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އެއްވެސް ކަމަކަށް އިންކާރުކުރާނަމަ އެކަން އަންގަންވާނެ ކަމަށް ބަޔާންކުރުމާއެކު، ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ އަދަދުގެ 2% (ދޭއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

5މި ބުނެވުނު އިންވޮއިސް ތަކުގައިވާ ޖުމްލަ 1,460,468.00ރ. (އެއްމިލިއަން ހަތަރުލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސްއަށެއް ދިވެހި ރުފިޔާ) ޕީ.އެސް.އެމް އިން ދައްކަންޖެހޭ ދުވަހަށް ދައްކާފައި ނުވާކަމަށް ބުނެ ފައިސާ ހޯދުމާއި އިންވޮއިސްތަކުގައިވާ ގޮތުގެމަތިން ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މިވެސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

6ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ ޕީ.އެސް.އެމް އާ އެއްކޮޅަށެވެ. އެއަށްފަހު، ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް މިވެސް އިން އިސްތިއުނާފު ކުރުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މިވެސް އާ އެއްކޮޅަށެވެ. މިހާރު ކުރިމަތީގައި މި އޮތީ ޕީ.އެސް.އެމްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން މި ކޯޓުން ބަލަމުންދާ މައްސަލައެވެ.

ސިވިލް ކޯޓުގެ ނިންމުން

7ޕީ.އެސް.އެމްގެ މައްޗަށް މިވެސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2481/Cv-C/2019 ޤަޟިއްޔާއިންނެވެ.

8ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ، ހޯދުމަށް އެދިފައިވާ ފައިސާއަކީ، ޕީ.އެސް.އެމް އިން މިވެސްއަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތު ނުވާ ކަމަށެވެ.

9ސިވިލް ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

9.1 "ޕަބްލިކް ސަރވިސް މީޑިއާއިން އިމަރޖެންސީ ޙާލަތުގައި މަސައްކަތް ޙަވާލުކުރިކަމުގެ ލިޔުން" މި ނަމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ލެޓަރ ހެޑެއްގައި ތައްޔާރުކޮށްފައިވާ ލިޔުން ފިޔަވައި، މިވެސްއިން ހުށަހަޅާފައިވާ އެއްވެސް ލިޔުމެއްގައި މި ދަޢުވާގައި ހިމެނޭ ކޯޓޭޝަންތަކުގައި ބަޔާންވެގެންވާ މަސައްކަތް ދަޢުވާކުރާ މިވެސްއާ ޙަވާލުކޮށްފައިވާކަމަށް ދަލާލަތުކޮށްދޭ އެއްވެސް ނައްސެއް ބަޔާންވެފައިނުވުން.

9.2 އަދި އެ ލިޔުންތަކަކީ ޕީ.އެސް.އެމްގެ އެތެރޭގެ ސެކްޝަންތަކުގެ މެދުގައި މުޢާމަލާތުކުރުމަށް ތައްޔާރުކޮށްފައިވާ އެތެރޭގެ ލިޔުންތަކެއްކަމަށް ބެލެވޭ ލިޔުންތަކެއްކަން އެނގޭ ކަމާއި އޭގެ ތެރެއިން ބައެއް ލިޔުމުގައި އެއްވެސް ފަރާތަކުން ސޮއިކޮށްފައިވެސް ނުވާކަން އެނގެން އޮންނަކަން.

9.3 ޕީ.އެސް.އެމްގެ ލެޓަރ ހެޑްގައި ތައްޔާރުކޮށްފައިވާ "އިމަރޖެންސީ ގުޑްސް އެންޑް ސަރވިސް ރެކުއިޒިޝަން ފޯމް" އަދި އިމަރޖެންސީ ގުޑްސް އެންޑް ސަރވިސް ރެކުއިޒިޝަން ފޯމް" އަކީ ޕީ.އެސް.އެމްއިން ތައްޔާރުކޮށްފައިވާ ދެލިޔުން ނޫންކަމަށް ބުނެ އެ ކުންފުނީގެ ފަރާތުން އެ ދެ ލިޔުމާމެދު ޝައްކު އުފައްދައި އެ ދެ ލިޔުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކޮށްފައިވާކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ 03 ފަރާތުގެ ތެރެއިން ދެފަރާތްކަމުގައިވާ ފާޠިމަތު ނުމާ ރަޝީދު އާ ފާޠިމަތު ޝިފާ އެ ދެ ލިޔުމުގައިވާ ސޮޔަކީ އެ ފަރާތްތަކުގެ ސޮއި ނޫންކަމަށާއި އެއީ އެ ދެފަރާތުން ސޮއިކޮށްފައިވާ ލިޔުންތަކެއް ނޫންކަމަށް ބުނެ ޝަރީޢަތުގައި ހެކިބަސް ދީފައިވާތީ، އެ ދެ ލިޔުމަކީ ޕީ.އެސް.އެމް އިން މިވެސް އާ މަސައްކަތް ޙަވާލުކޮށްފައިވާކަން އެނގޭ ދެ ލިޔުން ނޫންކަން.

9.4 ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެކިން ހާޒިރުކުރުމަށް މިވެސްއަށް ތަކުރާރުކޮށް ޝަރީޢަތުން ފުރުސަތު ދިނުމުންވެސް ޝަފަހީ ހެކިން ހާޒިރުކޮށްފައިނުވުން.

9.5. ޕީ.އެސް.އެމްއިން ހުށަހެޅި ދެ ޝަފަހީ ހެކިން، މިވެސްއިން ކޮށްފައިވާކަމަށް ބުނާ ފަދަ މަސައްކަތްތަކެއް 2018 ވަނަ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ގޯތިތެރޭގަ އާއި ޓީ.ވީ.އެމް ބިލްޑިންގ ގޯތިތެރޭގައި ކޮށްފައިވާކަން އެނގޭކަމަށް ބުނެ، އެ މަސައްކަތްކުރީ މިވެސް އިންކަން ނޭނގޭ ކަމަށާއި އަދި އެ މަސައްކަތް މިވެސް އާ ޙަވާލުކޮށްފައިވާކަން ނޭނގޭކަމަށް ބުނެފައިވުން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

10ސިވިލް ކޯޓުގެ ނަންބަރު 2481/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މިވެސްއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާއިންނެވެ.

11ދިވެހިރާއްޖޭގެ ހައިކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، 1,460,468.00ރ. (އެއްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސްއަށެއް ދިވެހި ރުފިޔާ) އަކީ ޕީ.އެސް.އެމްއިން މިވެސްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ.

12މި ދެންނެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

12.1. މިވެސް އިން ޕީ.އެސް.އެމްގެ އެމް.އެމް.އައި ވައިފައި ޕާރކް އަދި އެމް.އެމް.އައި ލިމްކޮކްވިންގ ނަން ބޯޑާއި ސްޓޫޑިއޯ އެކެއް ސައުންޑް ޕްރޫފް ކުރުމުގެ މަސައްކަތްކޮށްދީފައިވަނީ އަމިއްލަ ތަކެތީގައި، އަމިއްލަ ލޭބަރ ބޭނުންކޮށްގެންކަން އެނގެން އޮންނަކަން.

12.2. މައްސަލާގައި ހިމެނޭ އެއް ފަރާތުން ކަން ހިނގާފައިވާކަމަށް ބުނާ ގޮތަކީ މައްސަލާގައި ހިމެނޭ އަނެއް ފަރާތުން އެ ކަމާމެދު އެއްބަސްވާ ކަމެއް ކަމުގައި ނުވާނަމަ، ނުވަތަ އެ ކަމާމެދު ޚިލާފެއް އުފައްދާކަމެއް ކަމުގައިވާނަމަ، އެ ނުކުތާތަކާމެދު ފަނޑިޔާރު ގޮތެއް ކަނޑައަޅަންވާނީ ދެފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަށްފަހު، ބޮޑަށް ބުރަވެވޭ މިންގަނޑުންކަން.

12.3. މި މައްސަލާގައި މިވެސްއިން ކޮށްފައިވާ މަސައްކަތްތަކަކީ، ޕީ.އެސް.އެމްއިން އެދިގެން ކޮށްފައިވާ މަސައްކަތްތަކެއްތޯ ބަލާއިރު، ޕީ.އެސް.އެމްގެ އިންޓާރނަލް މެމޯއަށް ބެލުމުން އެ މަސައްކަތަކީ ޕީ.އެސް.އެމްއިން ބޭނުންވެގެން އެ މަސައްކަތް ކުރެވޭނެ ފަރާތަކާ ޙަވާލުކޮށްގެން ވަކި ތާރީޚެއްގެ ކުރިން ނިންމަން ބޭނުންވެފައިވާ މަސައްކަތްތަކެއްކަން އެނގޭކަން.

12.4. މިވެސްއިން ހުށަހަޅާފައިވާ "ޕަބްލިކް ސަރވިސް މީޑިއާއިން އިމަރޖެންސީ ޙާލަތުގައި މަސައްކަތް ޙަވާލުކުރިކަމުގެ ލިޔުން" މި ނަމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ލެޓަރ ހެޑްގައި ތައްޔާރުކޮށްފައިވާ ލިޔުމުން އެ މަސައްކަތް ޙަވާލުކޮށްފައިވަނީ މިވެސް އާކަން ބަލަންޖެހޭކަން.

12.5. މިވެސް އިން ހުށަހެޅި ދެ އިންވޮއިސްއަށް ބަލާއިރު އެ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި މިވެސްއިންއިން ކުރި މަސައްކަތްތަކުގެ ތަފްސީލު އާއި އިމަރޖެންސީ ގުޑްސް އެންޑް ސަރވިސް ރިކުއިޒިޝަން ފޯމް އާއި ޕަބްލިކް ސަރވިސް މީޑިއާއިން އިމަޖެންސީ ޙާލަތުގައި މަސައްކަތް ޙަވާލުކުރި ކަމުގެ ލިޔުން އަދި އިދާރީ މެމޯ އަދި ޕީ.އެސް.އެމްގެ ނަންބަރު 389 ބޯޑު ނިންމުމުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކަމުން އެ މަސައްކަތްކޮށްފައިވާކަން ބަލަންޖެހޭ ކަމާއި މި އިންވޮއިސްގައިވާ މަސައްކަތްތަކަކީ ކޮންމެވެސް ފަރާތަކުން ޕީ.އެސް.އެމްއަށް ކޮށްދީފައިވާ މަސައްކަތްތަކެއްކަމަށް ޕީ.އެސް.އެމްއިން ބުނެފައިވާތީ މަސައްކަތްކުރި ކަމާމެދު ޚިލާފެއް ނެތްކަން.

12.6. ކޮންޓްރެކްޓަކީ ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމު ނުކުރާހާ ހިނދަކު ވަކިގޮތަކަށް އޮތުން ލާޒިމުވާ އެއްޗަކަށް ނުވާތީވެ، އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް ޞަރީޙަ ބަހުން އިޖާބަދިނުމަކާ ނުލައި، އެ ހުށަހެޅުން ރައްދުވީ ފަރާތުން އެ ހުށަހެޅުން ބަލައިގަނެފައިވާކަން ދޭހަވާ ގޮތަކަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބުނާ ހަމަތަކަށް ބަލައި އީޖާބާއި ޤަބޫލުވީކަން އެނގޭކަމެއްކަން.

12.7. ދެފަރާތު ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވިނަމަވެސް، ޕީ.އެސް.އެމް އާއި މިވެސް ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލައި އެއްބަސްވުމެއް އޮތްކަމަށް ބަލަންޖެހޭކަން.

12.8. ޢާންމު އުސޫލެއްގެ ގޮތުން މަދަނީ ޚުސޫމާތް ތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވިޔަސް ދަޢުވާގެ ދިފާއުގައި ކުރާ ދިފާއީ ދަޢުވާ ސާބިތުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށްވީހިނދު، މިވެސް އިން ކޮށްފައިވާކަމަށް ބުނާ މަސައްކަތްތައް ކުރުމަށް އެ ފަރާތާ ޙަވާލުކޮށްފައިނުވާނެ ކަމަށާއި އެ މަސައްކަތްތައް އެތާނގައި ކޮށްފައިވަނީ އެހެން ފަރާތަކުން ކަމަށް ޕީ.އެސް.އެމްއިން ބުނާނަމަ މި އުޞޫލު މި މައްސަލައިގައި ތަޠުބީޤުކޮށް އެ ކަންކަން ސާބިތުކުރުމަށް ހެކި ދެއްކުމަކީ ޕީ.އެސް.އެމްއިން ކުރަންޖެހޭ ކަމެއްކަން.

12.9. ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހެކި ބަހުގައި ތުހުމަތު އުފެދޭފަދަ ކަމެއް ނެތުން ހިމެނޭއިރު، މި މައްސަލާގައި ހެކިބަސްދީފައިވާ ފާޠިމަތު ނުމާ ރަޝީދު އަދި ފާޠިމަތު ޝިފާ އަކީ ޕީ.އެސް.އެމްގައި މަސައްކަތްކުރާ ދެމީހުންކަމަށްވެސް އެ ފަރާތުން ބުނެފައިވާއިރު އެ ފަރާތްތަކުން ޕީ.އެސް.އެމްއާ އެއްކޮޅަށް ދޭ ހެކިބަހަކީ އެ ފަރާތްތަކުގެ މަސްލަޙަތުވެސް ހިމެނޭ ކަމެއްގައި ދެވޭ ހެކިބަހެއް ކަމަށްވާއިރު ދަށުކޯޓުން އެ ފަރާތްތަކުގެ ހެކިބަހަށް ބުރަދަންދީ މިވެސް އިން ކޮށްފައިވާ ކަމަށް ބުނާ މަސައްކަތްތައް ޝަރީޢަތަށް ސާބިތުނުވާކަމަށް ނިންމާފައިވަނީ އެންމެ ރަނގަޅަށް ކަމަށް ނުބެލެވޭކަން.

12.10. މި މައްސަލާގައި މިވެސްއިން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ މަސައްކަތްތަކަކީ ޕީ.އެސް.އެމްއިން އެދިގެން މިވެސްއިން ކޮށްދީފައިވާ މަސައްކަތްތަކެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލުމުން ޤަބޫލުކުރެވޭތީ، މި މައްސަލައިގެ ބަޔާންކޮށްފައިވާ އިންވޮއިސްތަކުގައިވާ ފައިސާގެ ޢަދަދަކީ ޕީ.އެސް.އެމްގެ ފަރާތުން މިވެސްއަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން.

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ތަފާތުވި ރަޢުޔު ބިނާކުރި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

13.1 ދަޢުވާ ސާބިތުކުރުމުގެ ޒިންމާއަކީ ދަޢުވާވެރިޔާގެ ޒިންމާއަކަށްވާއިރު، މި މައްސަލާގައި މިވެސްގެ ފަރާތުން ކޯޓު މެދުވެރިކޮށް އެއްވެސް ލިޔުމެއް ހޯދުމަށް އެދިފައިވާކަން އެނގެން ނެތްއިރު، މިވެސްގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ބަލާ ފަނޑިޔާރުންގެ އިސް ނެގުމަކަށް ޕީ.އެސް.އެމްއަށް އެންގުމެއް އަންގައިގެން ހޯދަންޖެހޭ ލިޔުމެއް އޮވެގެން ހޯދާފައި ނުވާކަމުގައި ބަލަންޖެހޭ ހަމައެއް އޮތްކަމުގައި ނުދެކޭކަން.

13.2 މަދަނީ މުޢާމަލާތްތަކުގައި އިންވޮއިސްއެއް ރައްދުވެފައި އެއަށް ޖަވާބުނުދީ އޮތުމަކީ އޭގައިވާ ކަންކަން ޤަބޫލުކޮށްގަތުން ކަމުގައި ބެލޭނެ ޤާނޫނީ ހަމައެއް ކަމުގައި ނުދެކޭކަން.

13.3 މިވެސް އިން ހުށަހަޅާފައިވާ ލިޔެކިއުންތަކުން މިވެސްގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަކީ ޕީ.އެސް.އެމްއިން ޙަވާލުކުރި މަސައްކަތްތަކެއްކަން އެނގެން ނެތްއިރު، ޕީ.އެސް.އެމްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ސިޔާސަތުގައިވާ ފަދައިން، އަދި ޢާންމު އުޞޫލުންވެސް މި ބާވަތުގެ މަސައްކަތްތައް ރަސްމީ އުޞޫލުން ޙަވާލުކުރެވިގެން ކުރެވޭ ފަދައަކުން މި މަސައްކަތް މިވެސް އާ ޙަވާލުކުރެވިފައިވާކަން އެނގެން ނެތުމުން، ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ ސާބިތުކުރުމަށް މިވެސްގެ ފަރާތުން އުފުލަންޖެހޭ އިލްތިޒާމް މަދަނީ މިންގަނޑުން މިވެސްގެ ފަރާތުން އުފުލަފައިވާ ކަމުގައި ބަލާނެ އަސާސެއް ނެތްކަން.

13.4 މިވެސްގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކާ ގުޅޭގޮތުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަން އެނގޭފަދަ ޝަރުޢީ ހުއްޖަތެއް މިވެސް އިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިފައި ނުވާތީ، އެ ލިޔުންތަކަށް ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައިކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕީ.އެސް.އެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަން.

(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަން.

(ނ) ތިންވަނަ ނުކުތާއަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

(ރ) ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

(ބ) ފަސްވަނަ ނުކުތާއަކީ، ދަށުކޯޓު މަރުޙަލާގައި ހުށަހަޅާފައިވާ ޤާނޫނީ ބުރަދަނެއް ނެތް ހެކިތަކާއި ޤަރީނާތަކުން ސާބިތުވާން ނެތްކަންކަން ހަމަ އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގެ ޙުކުމަށް ބަދަލު ގެންނަވާފައިވުން.

އިސްތިއުނާފުގެ ޚުލާސާ

15ޕީ.އެސް.އެމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވަނީ ފަސް ނުކުތާއެކެވެ. މި ނުކުތާތަކުގެ ފާހަގަކުރާ ކަންކަން ބެހިގެންވަނީ ދެ ބަޔަކަށެވެ.

(ހ) ފުރަތަމަ ބަޔަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި ހުށަހެޅުނު ކަންކަމަށް ބަލައި، މި ފަރާތްތަކުގެ މެދުގައި މުޢާމަލާތްކޮށް ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ހެކި ހުށަހެޅުމާއި ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް އިސްތިއުނާފީ ދެވަނަ ނުކުތާ ފިޔަވައި ދެން ހުރި ނުކުތާ ތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށެވެ.

(ށ) ދެވަނަ ބަޔަކީ، އިސްތިއުނާފީ ދެވަނަ ނުކުތާއެވެ. އެއީ، މައްސަލައެއް ނިންމާއިރު އެ ކޯޓުން ކުރިންކޮށްފައިވާ އެފަދަ އެހެން މައްސަލަތަކަށް ރިޢާޔަތްކުރަންވާނެ ކަމަށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި މި ބާވަތުގެ އެހެން މައްސަލައެއް ކަމުގައިވާ އެ ކޯޓުން ކުރިން ނިންމާފައިވާ ބިގް ބޮކްސް (މުޙައްމަދު އަރީޝް) ވ. ޕަބްލިކް ސަރވިސް މީޑިއާ ("ބިގް ބޮކްސް މައްސަލަ") އަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށެވެ.

16މި ކަންކަން ހުށަހެޅުމަށްފަހު، ޕީ.އެސް.އެމް އިން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ކަނޑައަޅައި، އެ ޙުކުމް ބާޠިލުކޮށް ދަށުކޯޓުގެ ޙުކުމް ދަމަހައްޓައި ދިނުމަށެވެ.

17މިވެސް އިން މި އިސްތިއުނާފުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

ޙަވާލާދެވޭ މުޢާމަލާތު

18މި މައްސަލާގައި ޙަވާލާދެވެނީ ޕީ.އެސް.އެމްގެ އެދުމުގެ މަތިން މިވެސް އިން ކޮށްފައިވާކަމަށް ބުނާ އަންނަނިވި ދެ މަސައްކަތެވެ.

(ހ) ފުރަތަމަ މަސައްކަތަކީ، ޕީ.އެސް.އެމްގެ އެމް.އެމް.އެމް ޕާކު އަދި އެމް.އެމް.އައި ލިމްކޮކްގެ ނަން ބޯޑު ހެދުމެވެ. މި މަސައްކަތުގެ އަގަކީ 559,998.00ރ. (ފަސްލައްކަ ފަންސާސްނުވަހާސް ނުވަސަތޭކަ ނުވަދިހައަށެއް ދިވެހި ރުފިޔާ) ކަމަށް މިވެސް އިން ބަޔާންކޮށްފައި ވެއެވެ.

(ށ) ދެވަނަ މަސައްކަތަކީ، ޕީ.އެސް.އެމްގެ ސްޓޫޑިއޯ 1 ގެ ސައުންޑް ޕްރޫފް ކުރުމާއި މަރާމާތުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ އަގަކީ 900,470.00ރ. (ނުވަލައްކަ ހަތަރުސަތޭކަ ހަތްދިހަ ދިވެހި ރުފިޔާ) ކަމަށް މިވެސް އިން ބަޔާންކޮށްފައި ވެއެވެ.

19މި ބުނެވުނު ދެ މަސައްކަތުގެ ފައިސާ ހޯދުމަށް މިވެސްއިން ޕީ.އެސް.އެމްއަށް އިންވޮއިސް ފޮނުވިއެވެ. މިވެސް އިން ބުނާ ގޮތުގައި ފުރަތަމަ އިންވޮއިސް ހުށަހެޅީ 11 ޖަނަވަރީ 2019 ގައެވެ. މި އިންވޮއިސްއަށް އިޖާބައެއް ނުދިނުމުން ޕީ.އެސް.އެމްއަށް އިންވޮއިސް އަލުން ފޮނުވާފައިވަނީ 15 މޭ 2019 ގައެވެ. އެއަށްފަހު، 15 ޖުލައި 2019 ގައި ދަށުކޯޓަށް މައްސަލަ ހުށަހެޅީކަމަށް މިވެސް އިން ބަޔާންކުރެއެވެ.

އުފުލުނު ދަޢުވާ

20ދަށުކޯޓަށް މި މައްސަލާގައި ހުށަހެޅިފައި އޮތް ދަޢުވާގައި ބަޔާންކޮށްފައިވަނީ މިވެސްގެ ފަރާތުން ޕީ.އެސް.އެމްއަށް ޚިދުމަތް ފޯރުކޮށްދިނުމަށްފަހު، 15 މޭ 2019 ވަނަ ދުވަހު ވަގުތުން ޖުމްލަ 1,460,468.00ރ. (އެއްމިލިޔަން ހަތަރު ލައްކަ ފަސްދޮޅަސްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އަށެއް ރުފިޔާ) ދައްކާ ޚަލާސްކުރުމަށް އަންގާ ޕީ.އެސް.އެމްއަށް ފޮނުވި ދެ އިންވޮއިސް ރައްދުވެފައިވާ ހިނދު، އެ އިންވޮއިސްތަކަށް ފައިސާ ދައްކާފައި ނުވާތީވެ، އެ ފައިސާ ހޯދުމަށެވެ. މިވެސްގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބަޔާންކުރެވުނު ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކާފައިނުވާތީވެ އެ ފައިސާ ދައްކާ ތާރީޚާއި ހަމައަށް އިންވޮއިސްތަކުގައިވާ ރޭޓުން ޖަޒާއީ ޝަރުޠުގެ ގޮތުގައި ޖެހޭ ޖޫރިމަނާ ފައިސާ މިވެސްއަށް ލިބިދިނުން އެދިފައިވެއެވެ.

21ދަޢުވާކޮށްފައިވަނީ ދެ އިންވޮއިސްއެއްގެ ފައިސާ ހޯދުމަށެވެ. ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ މިވެސް އިން ކޮށްފައިވާ ކަމަށް ދެ އިންވޮއިސްގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އެ ފަރާތުން ކޮށްފައިވާ މަސައްކަތެއްކަން އެނގޭނެފަދަ ކާފީ ހެކި ހުށަހަޅާފައިނުވާތީވެ، ދަށުކޯޓަށް ހުށަހެޅުނު ދަޢުވާ ސާބިތު ނުވާކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ދަށުކޯޓުގެ މި ނިންމުން ބާޠިލުކޮށް މިވެސްއިން ހުށަހެޅި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

ހެކި ހުށަހެޅުމާއި ސާބިތުކުރުމުގެ ޒިންމާ

22HN1HN2މަދަނީ ޚުސޫމަތުގައި ސާބިތު ކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިޔަތެކެވެ. އަދި މި މާނައިގެ ތެރޭގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓުގައި އުފުލާ ފަރާތް ނޫންކަމަށާއި، ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަން އެނގެއެވެ. ހަމަ މިއާއެކު، ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ހެކި ހުށަހެޅުމާއި އަދި ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވާންޖެހޭނެކަން އެނގެއެވެ. މި ބުނެވުނު ކަންކަމަކީ މި ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ އާއި މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް މި ދެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ކަންކަމެވެ.

23ޙަވާލާދެވޭ މަސައްކަތް "ޙަވާލުކޮށްފައިނުވާނޭ ކަމަށާއި އެ މަސައްކަތްތައް އެތާނގައި ކޮށްފައިވަނީ އެހެން ފަރާތަކުން ކަމަށް" ޕީ.އެސް.އެމްއިން ބުނާނަމަ އެކަން ސާބިތުކުރުމަށް ހެކި ދެއްކުމަކީ ޕީ.އެސް.އެމްގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ޕީ.އެސް.އެމް އިން ބަޔާންކޮށްފައިވެއެވެ. ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަކީ މިވެސްގެ ޒިންމާއެއްކަމަށް ޕީ.އެސް.އެމް އިން ބުނެއެވެ. އަދި ދަޢުވާއެއް ކުރެވޭއިރު ދަޢުވާ ސާބިތުކުރުމަށް ހެއްކާއި ޤަރީނާ ހުންނަންވާނޭ ކަމާއި، މި މައްސަލާގައި އެ ނިސްބަތަށް ހެކި ނެތްކަމަށް ދަށުކޯޓުން ނިންމާފައިވާކަމަށް ޕީ.އެސް.އެމްއިން މި އިސްތިއުނާފުގައި ތަކުރާރުކޮށް ބުނެއެވެ.

24އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން އަޙްމަދު ނާޝިދު މައްސަލަ އާއި މުޙައްމަދު ސަޢީދު މައްސަލާގައި ބަޔާންކޮށްފައިވާ މަދަނީ މައްސަލަތައް ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފުކަމަށް ޕީ.އެސް.އެމް އިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައި އޮންނަ އޮތުމާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވާކަމަށް ޕީ.އެސް.އެމް އިން ދެކޭކަމަށް ބަޔާންކުރެއެވެ.

25HN3ކުރިމަތީގައި މި އޮތް މައްސަލައަށް ބަލައިފިނަމަ، އިންވޮއިސްގައިވާ ފައިސާ ހޯދުމަށް ދަޢުވާކުރީ މިވެސް އިންނެވެ. އިންވޮއިސްގައިވާ މަސައްކަތް ކުރިންކަން ސާބިތުކޮށްދިނުމަކީ މިވެސްގެ ޒިންމާއެކެވެ. ޕީ.އެސް.އެމް އިން އަގަށް އެއްބަސްވިކަމަށް ސާބިތުކޮށްދިނުމަކީ ވެސް މިވެސްގެ ޒިންމާއެކެވެ. މި ދަޢުވާއަށް ޕީ.އެސް.އެމް އިން ވަނީ އިންކާރުކުރުމުގެ އިތުރަށް ހެކިވެސް ހުށަހަޅާފައެވެ. ހުށަހަޅާފައިވާ ދަޢުވާ ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ މިވެސްގެ ކިބައިގައެވެ. މިވެސް އާ މަސައްކަތެއް ޙަވާލުކޮށްފައިނުވާނެކަމަށް ސާބިތުކޮށް ދިނުމަކީ ޕީ.އެސް.އެމްގެ ޒިންމާއެއް ނޫނެވެ. އެހެނީ މަދަނީ ދަޢުވާއެއްގައި ދަޢުވާ ރައްދުވާ ފަރާތަކީ މައުޞޫމު ފަރާތެއްކަން ސާބިތުކޮށްދޭންޖެހޭނެ ހަމައެއް ނެތެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މިވެސް އާ މަސައްކަތެއް ޙަވާލުކޮށްފައި ނުވާނެކަމަށް ޕީ.އެސް.އެމް އިން ބުނާނަމަ، އެކަމުގެ މައްޗަށް ހެކި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ ޢަމަލުކުރެވޭ އުޞޫލުތަކާ އެއްގޮތަށް ކަމަކަށް ނުދެކެމެވެ.

ހެއްކަށް ރިޢާޔަތްކޮށްފައި ނުވާކަން

26ދިވެހިރާއްޖޭގެ ހައިކޯޓުން މިވެސް އިން އެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައިއެވެ.

27މިގޮތުން، އެ ކޯޓުން ބަޔާންކޮށްފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނެނީ މިވެސް އިން މަސައްކަތުގެ އަގު ހޯދުމަށް ހުށަހަޅާފައިވާ ދެ އިންވޮއިސް އާއި، އަދި އެ ދެ އިންވޮއިސްގައި ޙަވާލާދޭ ދެ ކޯޓޭޝަނާއި، ޕީ.އެސް.އެމްގެ "އެމެޖެންސީ ގުޑްސް އެންޑް ސަރވިސް ރިކިއުސިޓްސް ފޯމު" ގެ ކޮޕީއެއްކަމަށް ބުނާ ލިޔުމަކާއި، "ޕަބްލިކް ސަރވިސް މީޑިއާއިން އިމަރޖެންސީ ޙާލަތުގައި މަސައްކަތް ޙަވާލުކުރިކަމުގެ ލިޔުން" މި ސުރުޚީ ޖަހާފައި އޮންނަ ލިޔުމަކާއި، އިދާރީ މެމޯ އަކާއި، ޕަބްލިކް ސަރވިސް މީޑިއާގެ ބޯޑުގެ ނިންމުމެއް ގޮތަށް އޮތް ލިޔުމެކެވެ.

28HN4މި ބަޔާންކުރެވުނު ލިޔުންތަކުން މިވެސް އާ މަސައްކަތް ޙަވާލުކޮށްފައިވާކަން ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާކަމަށް ޕީ.އެސް.އެމް އިން ބަޔާންކުރެއެވެ. އެ ލިޔުންތަކަށް ބަލާއިރު ދެ ކޯޓޭޝަނާއި އިންވޮއިސް ފިޔަވައި ދެން ހުރި ލިޔުންތަކަކީ ޕީ.އެސް.އެމްގެ އެތެރޭގެ ލިޔުންތަކެއް ކަމަށް ބުނާ ލިޔުމެވެ. ޕީ.އެސް.އެމްގެ އެތެރޭގެ ލިޔުންތަކެއް މިވެސް އާ ޙަވާލު ނުކުރާކަމަށް ޕީ.އެސް.އެމްއިން ބުނެއެވެ. އަދި އެ ލިޔުންތަކުގެ ޞައްޙަ ކަމާމެދު ޕީ.އެސް.އެމް އިން ސުވާލު އުފައްދައެވެ. އަސްލަކީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ލިޔުންތަކަކީ ޞައްޙަ މަގުން ހޯދާފައިވާ ޞައްޙަ ލިޔެކިއުންކަމަށް ބެލުމެވެ. ނަމަވެސް އެ ކަމާމެދު ސުވާލެއް އުފެދިއްޖެނަމަ އެ ލިޔުމެއް ހޯދިގޮތަކާއި އަދި ލިޔުމުގެ ޞައްޙަކަން ބަޔާންކޮށް ދިނުމުގެ ޒިންމާ އޮތީ ލިޔުމެއް ހުށަހަޅާ ފަރާތުގެ މައްޗަށެވެ.

29HN5މި މައްސަލައަށް ބަލައިފިނަމަ، ޕީ.އެސް.އެމްގެ އެތެރޭގެ ލިޔުންތަކެއް މިވެސްއަށް ލިބުނީ ޤާނޫނު ހުއްދަކުރާ ސީދާ މަގަކުންކަން ސާބިތުކޮށް ދިނުމަކީ މިވެސްގެ މައްޗަށް އޮތް ފުރަތަމަ ޒިންމާއެވެ. އެއަށްފަހު ސުވާލު އުފައްދާ ލިޔުންތައް އެއީ ޞައްޙަ ލިޔުންތަކެއްކަން ސާބިތުކޮށް ދިނުމަކީ ދެވަނަ ޒިންމާއެވެ. ނަމަވެސް އެ ދެ ޒިންމާ މިވެސްއަށް އަދާކުރެވިފައި ނުވެއެވެ. މި ޙާލަތުގައި އެ ލިޔުންތަކަށް ޝަރުޢީ ކޯޓަކުން ބަރޯސާވެ ގޮތް ނިންމިދާނެ ކަމަކަށް ނުދެކެމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ލިޔުންތަކަށް ބަރޯސާވެފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ.

30ޕީ.އެސް.އެމްގެ ފަރާތުން އެ ފަރާތުގެ ދެ މުވައްޒަފަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ލިޔުންތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި އޭގެ ތެރެއިން ބައެއް ލިޔެކިއުމުގައި އޮތީ އެ ފަރާތްތަކުގެ ސޮއިކަމަށް ފެންނަން އޮންނާތީވެ އެ ސޮއިއާމެދު ވެސް އެ ދެ މުވައްޒަފުން ސުވާލު އުފައްދާފައިވެއެވެ. އަދި އެ ފަރާތްތަކުގެ ހެކިބަހުން 2018 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ގޯތިތެރޭގަ އާއި ޓީ.ވީ.އެމް ބިލްޑިންގ ތެރޭގައި މި މުޢާމަލާތުގައި ޙަވާލާދެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާކަން އެނގޭ ކަމާއި، މިއިން އެއްވެސް ފަރާތެއްގެ ބަހުން އެ މަސައްކަތް ކުރީ މިވެސްއިން ކަން އެނގެން ނެތްކަން އެނގެއެވެ.

31HN6ކުރިން ބަޔާންކުރި ދެ މުވައްޒަފުން ޕީ.އެސް.އެމްއާ އެއްކޮޅަށް ދޭ ހެކިބަހަކީ އެފަރާތުގެ މަސްލަޙަތު ހިމެނޭ ކަމެއްގައި ދެވޭ ހެކިބަހެއްގެ ގޮތުގައި ދެކި އެފަދަ ހެކި ބަހަކަށް ބުރަދަން ނުދެވޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިޝާރާތްކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، ލިޔެކިއުމެއް ނެތް މުޢާމަލާތެއްގައި އެކަމެއް ހިނގާދިޔަގޮތް ސާފުވާނީ ކުންފުނީގެ މުވައްޒަފުން ނުވަތަ އޮފިޝަލުންގެ ބަހުންނެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ވީތީވެ އެ ސަބަބަށްޓަކައި އެ ފަރާތްތަކުގެ ހެކިބަސް ކޯޓަށް ބަލައިނުގަތުމަށް އޮތް އުޒުރެއްވެސް ނޫންމެއެވެ. ކަންމިހެން އޮތްއިރު، ޕީ.އެސް.އެމްގެ ފަރާތުން ހުށަހެޅި އެ ފަރާތުގެ މުވައްޒަފުންގެ ހެކި ބަހާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވާ އިސްވެ ބުނެވުނު ކަންކަމަކީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ރިޢާޔަތްކުރެވި ފާހަގަކޮށްފައިވާ ކަންކަމެއް ނޫނެވެ.

ކޮންޓްރެކްޓެއް ވުޖޫދުވެފައިވޭތޯ؟

32HN7ކޮންޓްރެކްޓަކީ ޤާނޫނުގައިވާ ފަދައިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ އެއްބަސްވުމަކަށް ވާހިނދު، ކޮންޓްރެކްޓެއްގައި ލާޒިމުކުރާ އުންޞުރުތައް ފުރިހަމަ ވާންޖެހޭނެއެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލު، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. ހަމަމިއާއެކު ކޮންޓްރެކްޓެއް ވުމަށްފަހު އެ ކޮންޓްރެކްޓަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އެއްބަސްވެފައިވާ ގޮތަށް ދެފަރާތުން ރުހިގެން ގެނެވޭ ބަދަލަކަށް ވާންވާނެއެވެ. ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް އެހެން ގޮތަކަށް ބަދަލެއް އައިސްފައިވާ ކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެގޮތަށް ބުނާ ފަރާތެއްގެ ޒިންމާ އެކެވެ.

33HN8އިސްވެ ބަޔާންވެދިޔަ އުންޞުރުތަކަކީ، ކޮންޓްރެކްޓެއް އުފަންވުމަށް ލާޒިމު ކަންކަމެވެ. އެއީ ސާފުކޮށް ލިޔެވިފައިވާ އޮންނަ ކޮންޓްރެކްޓެއް ކަމުގައިވިޔަސް އަދި ނުލިޔެވި އޮންނަ ޟިމްނީ ކޮންޓްރެކްޓެއް ކަމުގައި ވިޔަސް ތަފާތުވާ ކަމެއް ނޫނެވެ. މީގެ އިތުރުން ކޮންޓްރެކްޓެއްގައި ވަކި ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ކަނޑަޅާފައިވާނަމަ އެ ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ފުރިހަމަވެފައި އޮތުމަކީ ކޮންޓްރެކްޓެއް ޞައްޙަކަން މަތީ ތަންފީޒުވުމަށް ލާޒިމު ކަމެކެވެ.

34މި މައްސަލައަށް ބަލައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލައި ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ފާހަގަކުރާ ކަމަކީ ޕީ.އެސް.އެމް އިން ހުށަހެޅުމެއް ހުށަހަޅައި އެ ހުށަހެޅުން މިވެސް އިން ޤަބޫލުކޮށްފައިވާކަން ދޭހަވާ ގޮތަށް ޢަމަލުކޮށްފައިވާކަމަށް އެނގޭކަމަށް ބުނެފައިވެއެވެ. ލިޔުމުން އެއްބަސްވުމެއް ނެތްކަމުގައި ވިޔަސް މި މައްސަލާގައި ޙަވާލާދެވޭ މަސައްކަތްކުރުމަށް މިވެސް އާ ޙަވާލުކޮށްފައިވާކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައި އޮވެއެވެ.

35މިހެން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރިކަމުގައި ވިޔަސް ޕީ.އެސް.އެމްގެ ފަރާތުން ޙަވާލާދެވޭ މަސައްކަތްކުރުމަށް މިވެސް ކިބައިން އެދުނު ކަމެއް އެނގޭކަށް ނެތެވެ. މިވެސްގެ ފަރާތުން މަސައްކަތުގެ ދެ ކޯޓޭޝަނެއް ހުށަހަޅާފައި އޮވެއެވެ. ނަމަވެސް ޕީ.އެސް.އެމް އިން މަސައްކަތްތަކެއް ކުރަން ބޭނުންވެ، ޕާޗޭސް އޯޑަރު ހަދައި، ކޯޓޭޝަންތަކަށް އެދިފައިވާ ކަމެއް އެނގެން ނެތެވެ. އަދި މިކަމާގުޅޭ ގޮތުން ޕީ.އެސް.އެމް އިން މިވެސްއާ މުޢާމަލާތްކޮށްފައިވާކަން އެނގެން ނެތެވެ. މި ޙަޤީޤަތްވަނީ ދަށުކޯޓުގައި ސާބިތުވެފައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި އީޖާބާއި ޤަބޫލު ފުރިހަމަވެފައިވާކަމަށް ބަޔާންކޮށްފައިވަނީ މައްސަލައިގައި ސާބިތުވެފައިހުރި ވާޤިޢާތަކުގެ އަލީގައި ރަނގަޅަށް ކަމަކަށް ނުދެކެމެވެ. އަދި ޤާނޫނުގައި ބުނާ ކޮންޓްރެކްޓެއްގައި ފުރިހަމަވާންޖެހޭ އެހެނިހެން ރުކުންތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތެއް އެ ކޯޓުގެ ނިންމުމުން އެނގެން ނެތެވެ.

36މި މައްސަލައިގައި ޙަވާލާދެވޭ މުޢާމަލާތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިވެސް އާ ސުވާލުކުރެވުނެވެ. މިގޮތުން ކޯޓޭޝަނާ ގުޅޭގޮތުން ބުނެފައިވަނީ ޕީ.އެސް.އެމް އިން ފޯނުކޮށްފައި ކޯޓޭޝަނެއް ހުށަހެޅުމަށް އެދުނު ކަމަށެވެ. ގުޅި މީހާގެ ނަމެއް އެނގޭތޯ އެހުމުން އޭގެ ޖަވާބެއް މިވެސްގެ ކިބައިގައި ނެތެވެ. ކޯޓޭޝަން ހުށަހެޅީ ކޮންތާކަށްތޯ އެހުމުން، އޭގެ ޖަވާބުގައި ބުނެފައިވަނީ ޕީ.އެސް.އެމްގެ ކައުންޓަރަށް ކަމުގައެވެ. މި ދެ ކޯޓޭޝަނަށް ބަލާއިރު:

(ހ) ފުރަތަމަ ކޯޓޭޝަންގައި އޮތީ 8 މޭ 2018 ތާރީޚެވެ. މި ކޯޓޭޝަންގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތަކީ ކުރިން ތަފްސީލު ދެވިފައިވާ ސްޓޫޑިއޯ މަސައްކަތެވެ. ހުށަހަޅާފައިވާ ފައިސާގެ ޖުމްލައަކީ 900,470.00ރ. (ނުވަލައްކަ ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ) އެވެ. މަސައްކަތް ނިންމުމަށް ހުށަހަޅާފައިވަނީ 10 ދުވަހެވެ.

(ށ) ދެވަނަ ކޯޓޭޝަނުގައި އޮތީ 19 ޖުލައި 2018 ތާރީޚެވެ. މި ކޯޓޭޝަނުގައި ކުރުމަށް ހުށަހަޅާފައިވަނީ ކުރިން ތަފްސީލު ދެވިފައިވާ ނަންބޯޑު ހެދުމުގެ މަސައްކަތެވެ. އަދި ހުށަހަޅާފައިވާ ފައިސާގެ ޢަދަދަކީ 559,998.00ރ. (ފަސްލައްކަ ފަންސާސް ނުވަހާސް ނުވަ ސަތޭކަ ނުވަދިހަ އަށްރުފިޔާ) އެވެ. މި މަސައްކަތް ނިންމުމަށް ހުށަހަޅާފައިވަނީ 10 ދުވަހެވެ.

37ފުރަތަމަ ކޯޓޭޝަން ހުށަހަޅާފައި އޮތީ 8 މޭ 2018 ގައެވެ. ކޯޓޭޝަންގައި މަސައްކަތް ނިންމަން ބަޔާންކޮށްފައިވަނީ 10 ދުވަހެވެ. މި ކޯޓޭޝަންގައި އޮތް މަސައްކަތް ނިމުނު ތާރީޚެއް މިވެސްއަށް ބަޔާންކޮށްދެވިފައި ނުވެއެވެ. ދެވަނަ ކޯޓޭޝަންގައި އޮތް ތާރީޚަކީ 19 ޖުލައި 2018 އެވެ. މި ކޯޓޭޝަންގައި އޮތް މަސައްކަތް ނިންމުމަށް ހުށަހަޅާފައި އޮތީ 10 ދުވަހެވެ. މި މަސައްކަތް ނިމުނު ތާރީޚެއް މިވެސްއަށް ބަޔާންކޮށް ދެވިފައި ނުވެއެވެ. މި ދެ ކޯޓޭޝަންގައި މަސައްކަތްކުރަން މުއްދަތަކަށް އެއްބަސްވެފައިވޭތޯ ސުވާލުކުރުމުން އޭގެ ޖަވާބެއްވެސް މިވެސް ކިބައިގައި ނެތެވެ. މަސައްކަތް ނިންމި ކަމުގެ ލިޔުމެއް އޮތްތޯ ސުވާލު ކުރުމުން އެފަދަ ލިޔުމެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިވެސް އިން ބަޔާންކޮށްފައިވެއެވެ.

38މަސައްކަތް ކުރުމުގައި އުޅުނު އެއްވެސް ފަރާތެއްގެ ނަމެއް އެނގޭތޯ މިވެސް އާ ސުވާލުކުރުމުން އޭގެ ސާފު ޖަވާބެއްވެސް މިވެސްއިން ދީފައި ނެތެވެ. މަސައްކަތްކޮށްފައިވާ ގޮތުގެ ފޮޓޯ އެއް އޮތްތޯ ސުވާލުކުރުމުން އޭގެ ޖަވާބެއްވެސް މިވެސް ކިބައިގައި ނެތެވެ. މަސައްކަތް ކުރިކަން އެނގޭނެ ޕީ.އެސް.އެމްގެ މުވައްޒަފެއް އެނގޭތޯ އެހުމުން އޭގެ ޖަވާބެއް ނެތެވެ. މަސައްކަތުގެ އަގަށް އެއްބަސްވެފައިވޭތޯ އެހުމުން އޭގެ ޖަވާބެއްވެސް ނެތެވެ.

39HN9ކަން މިހެން އޮތްކަމުގައި ވިޔަސް، ޙަވާލާދޭ ކަންކަމާގުޅޭ މަސައްކަތްތަކެއް 2018 ވަނަ އަހަރު ކުރެވިފައިވާކަމާމެދު މި ފަރާތްތަކުގެ މެދުގައި ޚިލާފެއް ނެތެވެ. ޚިލާފު އޮތީ މަސައްކަތްކުރީ މިވެސް ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. ޕީ.އެސް.އެމް އިން ބަޔާންކުރާ ގޮތުގައި ޕީ.އެސް.އެމްއަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅުވައި ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކުން ކުރަމުން ދިޔައެވެ. މީގެ ތެރޭގައި ޕީ.އެސް.އެމްގެ މުވައްޒަފުންވެސް ހިމެނޭކަމަށް ޕީ.އެސް.އެމް ބުނެއެވެ. ނަމަވެސް ޙަވާލާދެވޭ މަސައްކަތް މިވެސް އިން ކުރިކަން އެނގެން ނެތްކަމަށް ޕީ.އެސް.އެމް އިން ބުނެފައިވެއެވެ. މިވެސް އިން ބުނާ ގޮތުގައި އެ ފަރާތުން ފިޔަވައި މި މަސައްކަތަށް ދަޢުވާކޮށްފައި ނުވެއެވެ. މުޢާމަލާތެއްގައި އެހެން ފަރާތެއް ދަޢުވާކޮށްފައި ނެތުމަކީ ދަޢުވާކުރާ ފަރާތުގެ މައްޗަށް އެކަމުގެ ސަބަބުން ޙައްޤެއް އުފަންވާނެ ކަމެއް ނޫނެވެ. ޙައްޤެއް އުފަންވެއްޖެނަމަ، އެއާއެކު ފަރުވާއެއް އުފަންވެއެވެ. ޙައްޤެއް ނެތްނަމަ، ދަޢުވާއެއް ނޯންނާނެއެވެ. އަދި ލިބިދެވޭނެ ފަރުވާއެއް ނެތެވެ.

40HN10ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގެއެވެ.

41ނަމަވެސް ކުރިމަތީގައި މި އޮތް މައްސަލާގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެއް ހިމެނޭ މުޢާމަލާތެކެވެ. ޕަބްލިކް ސަރވިސް މީޑިއާ ޤާނޫނުގެ ދަށުން އުފައްދާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ އެވެ. ޕީ.އެސް.އެމް ހިންގާނެ ހަމަތަކާއި އުޞޫލުތައް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގައެވެ. އެ ޤާނޫނުގެ ދަށުން އުޞޫލުތަކާއި ޕޮލިސީތައް އެކުލަވާލުމުގެ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވެއެވެ. މިގޮތުން، "ޕަބްލިކް ސަރވިސް މީޑިއާގެ ބޭނުން ތަކަށް މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތު" އެކަށައަޅައި ޢަމަލު ކުރަމުންދާކަން އެނގެއެވެ. މިއީ ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ސިޔާސަތެކެވެ. އެހެންކަމުން، ޕީ.އެސް.އެމްގެ ކޮންމެ ކޮންޓްރެކްޓަކީ ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ މުޢާމަލާތު ތަކެކެވެ.

42HN11ޕީ.އެސް.އެމް އިން މާލީ ކަންކަމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލައި، ވަކި އަދަދަކަށްވުރެ މުދަލާއި ޚިދުމަތުގެ އަގު އިތުރުވާނަމަ، އެ މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަތުމަށްޓަކައި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ހުއްދަ ލިބުމާއެކު ކުންފުނީގެ ބޯޑުގެ ހުއްދަވެސް އޮންނަން ޖެހެއެވެ. މިއަށްފަހު، މި އިޖުރާއަތުގެ ފަހު މަރުޙަލާއަކީ އުޞޫލުގައިވާ ގޮތުގެމަތިން، ލިޔުމުން ވެވޭ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރުމެވެ. ކުއްލި ޙާލަތެއްގައި މުދަލާއި ޚިދުމަތް ހޯދުމުގެ އުޞޫލުތައް އެކުލަވާލާފައި އޮންނައިރުވެސް ލިޔުމުން އެއްބަސްވުމެއް އޮތުން ލާޒިމުކުރާކަން އެނގެއެވެ.

43HN12މަތީގައި ބަޔާންކުރެވިފައިވާ ޕީ.އެސް.އެމްގެ މާލީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މިވެސް އާ މަސައްކަތެއް ޙަވާލުކުރިކަން އެނގޭނެ ލިޔުމެއް ނެތެވެ. ހެދިފައިވާ އެއްބަސްވުމެއް ނެތެވެ. މި މައްސަލާގައި ބަހުސްކުރެވެނީ މިވެސް އިން ޙަވާލާދޭ މަސައްކަތްކޮށްފައިވަނީ ޕީ.އެސް.އެމްގެ އެދުމުގެ މަތިން ކުއްލި ޙާލަތުގައި ކަމަށެވެ. މި ޙާލަތުގައިވެސް މަސައްކަތް ޙަވާލުކުރިކަން އެނގޭނެ ލިޔެކިއުން ހުންނަން ވާނެއެވެ. އަދި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ގޮތެއް ފެންނަން އޮންނަން ވާނެއެވެ. މި މުޢާމަލާތުގައި އޮތީ މިވެސްގެ ފަރާތުން މަސައްކަތް ކުރުމަށް އެދި ހުށަހެޅިކަމަށް ބުނާ ދެ ކޯޓޭޝަނާއި މަސައްކަތް ނިންމުމަށްފަހު ހުށަހެޅިކަމަށް ބުނާ ދެ އިންވޮއިސްއެވެ. މައްސަލައާ ގުޅިގެން އިތުރަށް މިވެސްގެ ފަރާތުން ހުށަހަޅާފައިވަނީ ޞައްޙަކަމާމެދު ސުވާލު އޮތް ޕީ.އެސް.އެމް އެތެރޭގެ ލިޔެކިއުންތަކެވެ. މި ލިޔުންތަކަކީ ބަހުސްގެ ބޭނުމަށްޓަކައި ޞައްޙަ ލިޔުންތަކެއްކަމަށް ބެލިކަމުގައިވިޔަސް އެ ލިޔުންތަކުން ޕަބްލިކް ސަރވިސް މީޑިއާގެ ބޭނުންތަކަށް މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތުގައިވާ އިޖުރާއަތު ފުރިހަމަކޮށް މިވެސް އާ މަސައްކަތް ޙަވާލުކޮށްފައިވާކަން ސާބިތު ނުވެއެވެ. އެ ސިޔާސަތާ ޚިލާފަށް ޙަވާލުކޮށްފައިވާ ކޮންމެ ކަމަކީ އަލްޓްރާ ވައިރެސް ނިންމުމަކަށް ނޫނީ ނުވާނެއެވެ. މިފަދަ ނިންމުން ތަކަކީ ޝަރުޢީ ކޯޓުތަކުން ތަންފީޒުކުރެވިދާނެ ނިންމުން ތަކެއް ނޫނެވެ.

44މި ބުނެވުނު ކަންކަމަށް ރިޢާޔަތްކޮށް ޙަވާލާދެވޭ މުޢާމަލާތުގައި ޕީ.އެސް.އެމް އާއި މިވެސް އާދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ބުނެވިދާނެ ކަމަކަށް ނުދެކެމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މި ފަރާތްތަކުގެ މެދުގައި ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ބަޔާންކޮށްފައިވަނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކެމެވެ.

ފައިސާ ދައްކަންޖެހޭތޯ

45މިވެސްގެ ފަރާތުން ޕީ.އެސް.އެމްގެ ކިބައިން 1,460,468.00ރ. (އެއްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށެއް ދިވެހި ރުފިޔާ) ހޯދުމަށް އެދިފައިވާއިރު، ކުރިން ބަޔާންކުރެވިފައިވާ ފަދައިން ފައިސާ ހޯދުމަށް އެދޭ މުޢާމަލާތެއް ކުރެވިފައިވާކަން އެނގޭނެ ހެއްކެއް އަދި ލިޔެކިއުން ފެންނަން ނެތެވެ. އަދި ފައިސާ ހޯދުމަށް އެދޭ މަސައްކަތް މިވެސް އިން ކޮށްފައިވާކަން ސާބިތު ނުވެއެވެ. ފައިސާ ދައްކަން އެއްބަސްވިކަމެއް އެނގެން ނެތެވެ.

46HN13ސަރުކާރު ކުންފުނިތަކުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު އަށް ޢަމަލުކުރުން ލާޒިމު ނޫންކަމަށް ދޭހަވާ ގޮތަށް އެޓަރނީ ޖެނެރަލް އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލަ (2010) މި ޤަޟިއްޔާގައި ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ނިންމުމަކުން ދައުލަތުގެ ތަންތަނަށް ބޭނުންވާނެ ތަކެތި ގަތުމަށާއި، ޚިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނުގައި ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އޮންނަ ޒިންމާއިން ސަރުކާރު ކުންފުނިތައް ބަރީއައެއް ނުވެއެވެ. މިކަމުގައި ދައުލަތުގެ އޮފީހެކޭ ނުވަތަ ސަރުކާރު ކުންފުންޏެކޭ (ވިޔަފާރީގެ އުޞޫލުން ހިންގާ ސަރުކާރު ތަންތަން ހިމެނޭހެން) ތަފާތެއް ނެތެވެ.

47HN14ކުރެވޭ ކޮންމެ ޚަރަދަކީ ލިޔެކިއުމުން ފެންނަން ހުންނަ ޚަރަދަކަށް ވާންވާނެއެވެ. އަދި ޤާނޫނުގައި އެކަށައަޅާފައިވާ ގޮތުގެ މަތިން ހިސާބު ކިތާބު ބެލެހެއްޓިފައި ހުންނަން ވާނެއެވެ. ދައުލަތުގެ މާލިއްޔާއިން ޚަރަދު ކުރެވޭ ކޮންމެ ފައިސާ ފޮއްޗަކަށް ޖަވާބުދާރީ ވެވެން ޖެހޭނެއެވެ. މިއީ ޤާނޫނުތައް ލާޒިމްކުރާ ހަމަތަކެވެ. އަދި އާންމު މަސްލަޙަތުގެ އުޞޫލުތައް ލާޒިމުކުރާ ކަންކަންމެއެވެ. މިހާރަށް ބަލައިފިނަމަ، ސަރުކާރު ކުންފުނިތަކުން މާލީ ކަންކަން ތަރުތީބުކުރުމުގައި ޢަމަލުކުރަންޖެހޭ ނަމޫނާ ހަމަތަކެއް ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓުކުރުމުގެ ޤާނޫނު ގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓެޝަން ބޯޑުން ވަނީ އެކުލަވާލާ އާންމުކޮށްފައެވެ.

48HN15އިސްވެ ބަޔާންކުރެވިފައިވާ ކަންކަން މިހެން އޮންނަ ހިނދު، ސަރުކާރު ކުންފުނިތަކުގެ މާލީ ކަންކަން ތަރުތީބުވެފައިވަނީ އޮންނަ އިންތަކަކާއި އުޞޫލުތަކެއްގެ މައްޗަށް ކަން އެއީ އާންމުކުރެވިފައި ހުންނަ ކަންކަމެވެ. މި ކަންކަން ސަރުކާރުގެ ކުންފުންޏަކާއެކު މުޢާމަލާތް ކުރާ ކޮންމެ ފަރާތަކަށް އޮޅުން ފިލާފައި އޮންނާނެކަން އެއީ ޑޮކްޓަރިން އޮފް ކޮންސްޓްރަކްޓިވް ނޯޓިސްގެ އުޞޫލުތަކަށް ރިޢާޔަތްކުރެވި އިފްތިރާޟުކުރެވިފައި އޮންނަ ކަމެވެ. ކަންމިހެން އޮންނައިރު، ޕީ.އެސް.އެމް އާ މުޢާމަލާތު ކުރާއިރު، ޕީ.އެސް.އެމް އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ކުންފުންޏެއް ކަން އެނގޭނެކަމާއި އަދި ފައިސާ އާއި މާލީ ކަންކަމުގައި ޚާއްސަ އުޞޫލުތަކަށް އެ ކުންފުނިން ޢަމަލުކުރެވޭނެކަން މިވެސްއަށް އެނގިފައި އޮންނާނެ ކަމަށް ޤާނޫނު ދަނެއެވެ.

49HN16HN17ބަޔާންވެދިޔަ އުޞޫލުތަކުގެ ބޭރުން ހިނގާފައި އޮންނަ މުޢާމަލާތެއްގައި، މިވެސް އިން ފޮނުވާފައިވާ ދެ އިންވޮއިސްއަށް ޕީ.އެސް.އެމް އިން ފައިސާ ދައްކަން ހުއްދަކުރާ ސަބަބެއް ނެތެވެ. އަދި އިންވޮއިސް އެއް ފޮނުވައި ރައްދުވާ ފަރާތުން ހަނުހުރުމަކީ އެ އިންވޮއިސްގައިވާ ޝަރުޠުތަކަށް ޟިމްނީ ގޮތުން ރުހުނީކަމަށް ބެލުން ނޫން ކަމަށް މި ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް [2021] SC 99 މި ޤަޟިއްޔާގައި ބަޔާންކޮށްފައި އޮތުމާއެކު މި މައްސަލާގައި ޙަވާލާދޭ ދެ އިންވޮއިސް އާ ގުޅިގެން ޕީ.އެސް.އެމް އިން އުފުލަންޖެހިދާނެ އިތުރު އިލްތިޒާމެއްވެސް ނެތެވެ. އަދި ދައްކަން ޖެހިދާނެ ފައިސާއެއް ނެތެވެ.

50ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ޙަވާލުކުރެވިފައިނުވާ ޙާލަތުގައި، އެ މަސައްކަތެއް ކުރީ ސަރުކާރު ކުންފުންޏެއްގެ އެދުމުގެ މަތިން، އެއްބަސްވެގެން ކަމުގައިވާނަމަ، އެ މަސައްކަތުގެ މަންފާ އަގެއް ނެތި އެ ކުންފުންޏަކަށް ލިބުމަކީ ނުޙައްޤު މުއްސަނދިކަމެއް ލިބުންކަމަށް ބުނުމުގެ ފުރުސަތު އޮންނާތީވެ ކޮށްފައިވާ މަސައްކަތަށް އެކަށީގެންވާ އަދި ޢަދުލުވެރި އަގެއް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެން ވެއެވެ. މި ޙާލަތުގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް މުޢާމަލާތަކީ އެ މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތަށް ބަލައި ހަމަ ހަޤީޤަތުގައިވެސް ކޮށްފައިވާ މަސައްކަތެއްކަމާއި، ހެޔޮ ނިޔަތުގައި އިޖުރާއަތު ފުރިހަމަކުރުމަށް މަސައްކަތްކޮށްފައިވާ މުޢާމަލާތެއްކަން ސާފުވާން ވާނެއެވެ. އަދި ކޮރަޕްޝަނާއި އެ ނޫންވެސް އެފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް އެއްކިބާވެފައިވާ މުޢާމަލާތެއްކަމަށް ފަނޑިޔާރަށް ހުށަހެޅިފައިވާ ކަންކަމުން ޤަބޫލުކުރެވެން ވާނެއެވެ.

51މި މައްސަލާގައި، އެ ހިސާބަށް ދިއުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ، ޙަވާލާދޭ މަސައްކަތްތަކަކީ މިވެސް އިން ކޮށްފައިވާ މަސައްކަތެއްކަން ޝަރީޢަތަށް ސާބިތު ނުވާތީއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ޙުކުމަށް ރިޢާޔަތްކޮށްފައި ނުވުން

52މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މި ބާވަތުގެ މައްސަލަތަކުގެ ނިންމުންތަކަށް ކުރިމަތީގައި މި އޮތް މައްސަލައިގައި ޙުކުމްކުރުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ޕީ.އެސް.އެމް އިން ބުނެއެވެ. މި ސަބަބަށްޓަކައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފު ކަމަށް ޕީ.އެސް.އެމް އިން ދެކެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވަނީ "މައްސަލަ އާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓުން ކޮށްފައިވާ ޙުކުމްތަކަށް" ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ނިންމުމެއް ކަމުގައިވާ "ބިގް ބޮކްސް މައްސަލަ" މި މައްސަލަ އާ ޚިލާފުކަމަށެވެ.

53ބިގް ބޮކްސް މައްސަލައިގެ ޚުލާސާއަކީ ކުރިމަތީގައި މި އޮތް މައްސަލައިގެ އެއް ޚަސްމުގެ ގޮތުގައި އޮތް ޕީ.އެސް.އެމް އާއި އެހެން ފަރާތަކާ ދެމެދު ހިނގާފައިވާ މި ބާވަތުގެ މައްސަލައެކެވެ. ބިގް ބޮކްސް މައްސަލާގައި ބިގް ބޮކްސް އިން ދަޢުވާކުރީ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް ޕީ.އެސް.އެމްގެ ކިބައިން 2,300,000.00ރ. (ދެމިލިޔަން ތިން ލައްކަ ރުފިޔާ) ހޯދުމަށެވެ. އަދި ދަޢުވާގައި ފައިސާ ނުދެއްކުމުން ޖޫރިމަނާވެސް ހިމަނާފައިވެއެވެ.

54ބިގް ބޮކްސް މައްސަލާގައިވެސް އެ ފަރާތަށް މަސައްކަތް ޙަވާލުކުރިކަން އެނގޭނެ ލިޔެކިއުމެއް ނެތެވެ. ހުށަހެޅިފައި އޮންނަނީ އިންވޮއިސް އެކެވެ. މި އިންވޮއިސްގައި ބަޔާންކޮށްފައި ވަނީ ޕީ.އެސް.އެމްގެ އެދުމަކަށް ޓީ.ވީ.އެމް ބިލްޑިންގ ތެރޭގައި ޕޮލިސް ޕޯސްޓެއް ރޭނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ސާބިތުކުރުމަށް ބިގް ބޮކްސްގެ ފަރާތުން ހުށަހަޅާފައިވަނީ މިވެސް އިން ހުށަހެޅި ބާވަތުގެ ކުންފުނީގެ އެތެރޭގެ ލިޔުންތަކެވެ. އިތުރަށް އެ ކުންފުނިން ޝަފަހީ ހެއްކެއް ހުށަހެޅިއެވެ. ބިގް ބޮކްސް މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ބިގް ބޮކްސްގެ ފަރާތުން ކަމަށެވެ. އަދި ބިގް ބޮކްސްގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްގައިވާ މަސައްކަތް ޕީ.އެސް.އެމްގެ ފަރާތުން ޙަވާލުކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ ޤާނޫނުގެ ދަށުން ޕީ.އެސް.އެމްއިން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އުޞޫލުތަކާ އެއްގޮތަށް އެއްބަސްވުމެއް ހެދިފައި ނުވާ ކަމަށެވެ. އެހެންކަމުން، ދަޢުވާ ސާބިތުކުރުމުގައި މަދަނީ މިންގަނޑުން ބިގް ބޮކްސް އިން އުފުލަންޖެހޭ އިލްތިޒާމް އުފުލާފައި ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. ދަށުކޯޓުގެ ނިންމުމަކީ ބިގް ބޮކްސް އިން ޙަވާލާދޭ މަސައްކަތް ޕީ.އެސް.އެމްގައި އެ ފަރާތުން ކޮށްފައިވާކަން ސާބިތު ނުވާކަމަށެވެ.

55HN18އެ ކޯޓަކުން ކުރިން ކޮށްފައިވާ ޙުކުމަކަށް މައްސަލައެއްގައި ރިޢާޔަތްކުރާއިރު، ބެލިދާނެ ކަންކަމުގެ ތެރޭގައި އެއީ، (1) އެއް ބާވަތެއްގެ މައްސަލައެއްތޯ އާއި، (2) ކުރިމަތީގައި އޮތް މައްސަލަ ނިންމުމުގައި ވާސިލުވާންޖެހޭ ސަބަބުތަކާއި ކުރިން ނިންމާފައިވާ މައްސަލަ އާ އުޞޫލީ ތަފާތުތަކެއް ހުރިތޯ އާއި، (3) ކުރިން ނިންމާފައިވާ މައްސަލައަށް ރިޢާޔަތްކުރުމަށް (ފަހުން ޤާނޫނަކަށް އައި ބަދަލެއްގެ ސަބަބުން ނުވަތަ މަތީ މަރުޙަލާއެއްގެ ކޯޓެއްގެ ނިންމުމެއްގެ ސަބަބުން) ހުރަހެއް އޮތްތޯ ބެލުން ހިމެނެއެވެ.

56ބިގް ބޮކްސް މައްސަލައަށް ނަޒަރުކުރާއިރު، ކުރިމަތީގައި މި އޮތް މައްސަލަ އާ ހުރި ތަފާތަކީ ކޮބައިތޯއެވެ. ހުށަހެޅުނު ދަޢުވާއަކީ އެއް ބާވަތެއްގެ ދަޢުވާއެކެވެ. ހުށަހެޅުނީ އެއް ބާވަތެއްގެ ހެކިތަކެކެވެ. ބަހުސްކުރެވުނީ އުޞޫލީ އެއް ޚުސޫމަތަކަށެވެ. ދެ މައްސަލާގައިވެސް ދަޢުވާ ރައްދުވީ ޕީ.އެސް.އެމްގެ މައްޗަށެވެ. އަދި ބިގް ބޮކްސް މައްސަލައަށް ކުރިމަތީގައި މިއޮތް މިވެސް މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރުމަށް ޤާނޫނަކަށް އައި ބަދަލެއްގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުން ހުރަހެއް އޮތްކަން އެނގެން ނެތެވެ. މި ކަންކަން މި މަގުން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި މި އޮތް މިވެސް މައްސަލާގައި ބިގް ބޮކްސް މައްސަލައިގެ ޙުކުމަށް ރިޢާޔަތްކޮށްފައި ނުވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު އާ ޚިލާފަށްކަމަށް ބުނުމުގެ ފުރުޞަތު ބޮޑެވެ.

ނިންމުން އަދި ނަތީޖާ

57ބުނެވުނު ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ޕީ.އެސް.އެމް އާއި މިވެސް އާ ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އުޞޫލުތަކާ އެއްގޮތަށް ކަމަކަށް އަހުރެން ނުދެކެމެވެ. އަދި މި ބާވަތުގެ އެހެން މައްސަލައެއް ކަމުގައިވާ ބިގް ބޮކްސް މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް މި އިސްތިއުނާފުގައި ޙަވާލާދެވޭ މައްސަލާގައި ގޮތެއް ނިންމުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނުމުގެ ފުރުޞަތު ބޮޑުކަމަށް ދެކެމެވެ.

58އަދި މި ނަތީޖާއަށް ވާސިލުވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ޖެހޭކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

59މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

60މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0732/2017
  2. ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-496/2014
  3. ނަންބަރު Mives-INV/001/2019 އިންވޮއިސް އަދި ނަންބަރު Mives-INV/002/2019 އިންވޮއިސް
  4. 2021/HC-A/224
  5. މިވެސްގެ ވަކީލު އަލްއުސްތާޛު ޙުސްނީ މުބާރިކް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިނުމުނުގޮތުގެ ރިޕޯޓުގެ 47 ވަނަ ސަޕްހާ)
  6. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/13 ޤަޟިއްޔާ
  8. ޕީއެސްއެމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާ
  9. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 27 ވަނަ ޕެރެގްރާފް
  10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 18 ވަނަ ޕެރެގްރާފް
  11. މި ލިޔުންތަށް ލިބުނު ގޮތަކާ ބެހޭގޮތުން، 01 އޮކްޓޫބަރު 2026 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިވެސްގެ ވަކީލު އަޙްމަދު ޝިފާޢު އާ ސުވާލުކުރުމުން ސާފު ޖަވާބެއް ނެތެވެ. ނަމަވެސް މި ލިޔުންތަށް ލިބުނީ ޕީއެސްއެމްގެ މުވައްޒަފަކު ޙަވާލުކުރުމުންކަމަށް މިވެސް އިން ދަށުކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ މުވައްޒަފާ ޕީ.އެސް.އެމް އިން ސުވާލުކުރުމުން އެކަމަށް އިންކާރުކޮށްފައިވާކަމަށް ޕީ.އެސް.އެމް އިން 31 ސެޕްޓެންބަރު 2019 ގައި ދަށުކޯޓަށް ހުށަހަޅާފައި އޮންނަ ބަޔާނުގައި ބުނެއެވެ.
  12. ސިވިލް ކޯޓުގެ ނަންބަރު 2481/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް (ނ)
  13. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތެރޭ ހެންގް ޕްރައިވެޓް ލިމިޓެޑް (2009/SC-A/30) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2022] SC 87 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް [2024] SC 10
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތެރޭ ހެންގް ޕްރައިވެޓް ލިމިޓެޑް (2009/SC-A/30)
  15. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/252 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 25 އަދި 26 ވަނަ ޕެރެގްރާފް
  16. ޕީ.އެސް.އެމްގެ ވަކީލު ޢަލީ ރިޟާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 26 އެޕްރީލް 2026 ގައި ދައްކާފައިވާ ވާހަކަ އަދި ޕީ.އެސް.އެމްގެ ވަކީލު ޢަލީ ސަމީރު 01 އޮކްޓޫބަރު 2026 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ.
  17. 'ubi jus ibi remedium' (where there is a right, there is a remedy)
  18. ޤާނޫނު ނަންބަރު 09/2015
  19. ޕަބްލިކް ސަރވިސް މީޑިއާ ޤާނޫނުގެ 1 ވަނަ މާއްދާ
  20. އބމ ގެ 57 ވަނަ މާއްދާ
  21. ސިޔާސަތުގެ ރިފަރެންސް ނަންބަރު PSM-P/PP-09/16 (02 ފެބުރުވަރީ 2017)
  22. އބމ، 3.5.10 ވަނަ މާއްދާ
  23. އބމ، 3.5.10 ވަނަ މާއްދާގެ (ހ)
  24. އބމ، 3.11 ވަނަ މާއްދާ
  25. ޤާނޫނު ނަންބަރު 3/2006
  26. 2010/SC-C/32
  27. Public Policy Principles
  28. ޤާނޫނު ނަންބަރު 03/2013
  29. Quantum Meruit
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ