ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 87 · 2020/SC-A/38

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު (1477/Cv-C/2014)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-A/352، 1477/Cv-C/2014
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސެންޓަރ އެންޓަރޕްރައިސަސް ސިވިލް ކޯޓުގައި ދަޢުވާކުރުމުން، 1477/Cv-C/2014 ޤަޟިއްޔާގައި ޓްރޮޕިކް އިންވެސްޓްމަންޓް އެއްބަސްވުމާ ޚިލާފުވި ކަމަށް ކަނޑައަޅައި، ޓަގު ބޯޓުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް 23,500,000 ރުފިޔާއަށް ޒިންމާވާން ޖެހޭނެ ކަމަށް ނިންމިއެވެ. ޓްރޮޕިކް އިންވެސްޓްމަންޓް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 2016/HC-A/352 ޤަޟިއްޔާގައި އެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބުނެ އެ ބައި ބާޠިލުކުރިއެވެ. ދެން ސެންޓަރ އެންޓަރޕްރައިސަސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު 2008 ގައި ޓަގު ބޯޓެއް ބަނުމަށް އެއްބަސްވުމެއް ވެ، އެ އެއްބަސްވުމަށް ހަތަރު ފަހަރު އިޞްލާޙު ގެނެވުނެވެ. އެ ބޯޓު ބަނުމަށް ސެންޓަރ އެންޓަރޕްރައިސަސް، ޓްރޮޕިކް އިންވެސްޓްމަންޓާއެކު 2010 ގައި އިތުރު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ އެއްބަސްވުމުގެ މުއްދަތުގައި ބޯޓު ބަނދެ ނިންމައި ސެންޓަރ އެންޓަރޕްރައިސަސްއާ ޙަވާލުކޮށްފައި ނުވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތެއްކަން ކަނޑައެޅުމަކާނުލައި، ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅޭ ނުކުތާތަކާމެދު އިސްތިއުނާފީ ކޯޓަށް ގޮތެއް ނިންމިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސެންޓަރ އެންޓަރޕްރައިސަސް ބުނީ، ސިވިލް ކޯޓަށް ހުށަހެޅި ކޯޓޭޝަނާއި ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ނުކުރި ކަމަށާއި، އަދަދު އެކަށީގެން ނުވާކަމުގެ ނުކުތާއަކީ ދަށު މަރުޙަލާގައި ދެކެވިފައިނުވާ ނުކުތާއެއް ކަމަށެވެ. ޓްރޮޕިކް އިންވެސްޓްމަންޓް ބުނީ، ހައިކޯޓުން ހުރިހާ ހެކިތަކަށް ރިޢާޔަތްކުރި ކަމަށާއި، ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާގައިވާ ގޮތުން ގެއްލުމުގެ ބަދަލު ކަނޑައެޅުމުގެ ކުރިން އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތެއްކަން ކަނޑައަޅަންޖެހޭ ނަމަވެސް، ހައިކޯޓުން އެކަން ކަނޑައަޅާފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން، އަސާސީ ކަމެއްގެ ގޮތުގައި ޚިލާފުވީ ކޮން ފަރާތެއްކަން ދެނެގަންނަންޖެހޭ ކަމަށެވެ. ސެންޓަރ އެންޓަރޕްރައިސަސްއާއި ޓްރޮޕިކް އިންވެސްޓްމަންޓާ ދެމެދު އޮތް އެއްބަސްވުމާ ޚިލާފުވީ ކާކުކަމާމެދު ދެފަރާތުގެ ހުށަހެޅުންތަކަށް ހައިކޯޓުން ފައިސަލާކުރަނިވި ނިންމުމެއް ނިންމާފައި ނުވާތީ، ގެއްލުމުގެ ބަދަލާ ގުޅޭ އިސްތިއުނާފީ ނުކުތާތަކާމެދު އިންސާފުވެރިކަމާއެކު ގޮތެއް ނިންމޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފީ ނުކުތާތަކާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގެ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) އާއި ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ފަދަ މައްސަލަތަކަށް ބަލާއިރު، ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ނަގައިދޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން އަސާސީ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓްގެ ބައިވެރިންގެ ތެރެއިން ކޮންޓްރެކްޓާ ޚިލާފުވީ ކޮން ފަރާތަކުންކަން ދެނެގަންނަންޖެހޭނެ ކަން ސާފުކޮށް އެނގެއެވެ.

HN2 އެ ނުކުތާތަކަކީ، އެއްބަސްވުމަކާ ޚިލާފުވެގެން ލިބިފައިވާ ގެއްލުމުގެ ބަދަލާ ގުޅިފައިވާ ނުކުތާތަކެއް ކަމުގައިވާއިރު، އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުން ކަން ކަނޑައެޅިފައި ނުވާ ހާލަތުގައި އެ ނުކުތާތަކާމެދު ޝަރީޢަތުން އިންސާފުވެރި ކަމާއެކު ގޮތެއް ނިންމޭނެ ހާލަތެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.

HN3 ކަންމިހެން އޮތުމުން މި މައްސަލައަކީ، ހައިކޯޓުގެ ނަންބަރު 2016/HC-A/352 ޤަސިއްޔާގައި އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ދެ ފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައެޅުމަށްފަހު، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދޭނެ ތަނެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި މި މައްސަލައިގައި އެ ކޯޓަށް ހުށަހެޅިފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މަޙާޒު ޢަލީ ޓާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ.

މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) މައްސަލައިގެ ފަސްފަހަތް

1މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ (މީގެ ފަހުން "ސެންޓަރ އެންޓަރޕްރައިސަސް") ދެމެދު ޓަގު ބޯޓެއް ބަނުމަށްޓަކައި 18 ނޮވެމްބަރު 2008 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެވިފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން ބަނދެ ދިނުމަށް ހަމަޖެހުނު ޓަގު ބޯޑު ބަނުމަށްޓަކައި އެ ކުންފުންނާއި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު (މީގެ ފަހުން "ޓްރޮޕިކް އިންވެސްޓްމަންޓް") އިތުރު އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. 1 ކުންފުނި ރަޖިސްޓްރީ ނަންބަރު C-C-486/2008 2 ކުންފުނި ރަޖިސްޓްރީ ނަންބަރު C-292/2006 3 ޓަގު ބޯޓު ބަނުމުގެ އެއްބަސްވުން 4 ފަހަރެއްގެ މަތިން އިޞްލާހުކުރެވި 4 އެމެންޑްމެންޓެއްގައި ސޮއިކުރެވިފައި ވެއެވެ. މިގޮތުން ފުރަތަމަ އެމެންޑްމެންޓްގައި ސޮއިކުރީ 18 ނޮވެންބަރު 2009 ގައެވެ. ދެވަނަ އެމެންޑްމެންޓްގައި ސޮއިކުރީ 14 ފެބުރުވަރީ 2010 ގައެވެ. ތިންވަނަ އެމެންޑެމެންޓްގައި ސޮއިކުރީ 15 ޖޫން 2011 ގައެވެ. އަދި ހަތަރުވަނަ އެމެންޑްމެންޓްގައި ސޮއި ކޮށްފައިވަނީ 31 ޖުލައި 2012 ގައެވެ.

2ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމަންޓާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި އޮތް މުއްދަތުގެ ތެރޭގައި ޓްރޮޕިކް އިންވެސްޓްމަންޓަށް ޓަގު ބޯޓު ބަނދެ ނިންމައި އެ އުޅަނދު ސެންޓަރ އެންޓަރޕްރައިސަސް އާ ޙަވާލު ކުރެވިފައި ނުވެއެވެ. މި ކަމާ ގުޅިގެން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސިވިލް ކޯޓުގައި ޓްރޮޕިކް އިންވެސްޓްމަންޓާ ދެކޮޅަށް ދަޢުވާ ކުރިއެވެ.

3ސިވިލް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހެޅި ދަޢުވާގައި މައިގަނޑު ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ޓްރޮޕިކް އިންވެސްޓްމަންޓުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ އަދި ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމެވެ. ދެވަނަ ކަމަކީ، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލައި، ޓްރޮޕިކް އިންވެސްޓްމަންޓްގެ ބެލުމުގެ ދަށުގައިވާ ޓަގު ބޯޓު ސެންޓަރ އެންޓަރޕްރައިސަސް އާ ޙަވާލު ކޮށްދިނުމަށް ޓްރޮޕިކް އިންވެސްޓްމަންޓްގެ މައްޗަށް އަމުރު ކޮށްދިނުމެވެ.

4ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށް ޓްރޮޕިކް އިންވެސްޓްމަންޓް އިން އިންކާރު ކޮށްފައިވެއެވެ. އަދި މި ދަޢުވާގެ ރައްދުގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ޢަމަލު ކޮށްފައި ނުވުމުގެ ސަބަބުން އެ އެއްބަސްވުން ބާޠިލުވެއްޖެ ކަމުގައި ކަނޑައަޅައި ދިނުމަށާއި، ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން އެ އެއްބަސްވުމުގެ ދަށުން ޓްރޮޕިކް އިންވެސްޓްމަންޓަށް ލިބުން ޙައްޤު -/20,798,416ރ. (ވިހި މިލިއަން ހަތްސަތޭކަ ނުވަދިހަ އަށްހާސް ހަތަރުސަތޭކަ ސޯޅަ ރުފިޔާ) ސެންޓަރ އެންޓަރޕްރައިސަސް ގެ ކިބައިން ހޯދަން އެދޭ ކަމުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ.

5ސެންޓަރ އެންޓަރޕްރައިސަސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ސެންޓަރ އެންޓަރޕްރައިސަސް އާ އެއްކޮޅަށެވެ. މި ފަދައިން ނިންމުމުގައި ދެ ފަރާތުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމާ ޓްރޮޕިކް އިންވެސްޓްމަންޓް އިން ޚިލާފުވެފައިވާ ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އެ ކަމުގެ ސަބަބުން ޓަގު ބޯޓު ބަނުމުގެ މަސައްކަތުގެ ތެރެއިން ފުރިހަމަ ކުރެވިފައިނުވާ މަސައްކަތް ފުރިހަމަ ކުރުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި -23,500,000ރ. (ތޭވީސް މިލިއަން ފަސްލައްކަ ރުފިޔާ) އަށް ޓްރޮޕިކް އިންވެސްޓްމަންޓުން ޒިންމާވާން ޖެހޭނެ ކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވެއެވެ. އަދި މި ފައިސާ، މައްސަލަ ނިންމި ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞް ކުރުމަށާއި، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ފުރިހަމަ ނުކުރެވި އޮތް ޓަގު ބޯޓު ސެންޓަރ އެންޓަރޕްރައިސަސް އާ ޙަވާލު ކުރުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފައިވެއެވެ.

6ޓްރޮޕިކް އިންވެސްޓްމަންޓާ ދެކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިމުމުން އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފު އެ ކުންފުނީގެ ފަރާތުން ކޮށްފައިވަނީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށް ބިނާ ކޮށެވެ. ފުރަތަމަ ނުކުތާއަކީ، އެއްބަސްވުމާ ޓްރޮޕިކް އިންވެސްޓްމަންޓުން ޚިލާފުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތް ނުކޮށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ، ޓަގު ބޯޓު ބަނުމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް -23,500,000ރ. (ތޭވީސް މިލިއަން ފަސްލައްކަ ރުފިޔާ) ހިނގާނެ ކަމުގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ރިޢާޔަތް ނުކޮށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

7ހައިކޯޓުން މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުގެ ޙުކުމުގައި ޓަގު ބޯޓުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް އިން -23,500,000ރ. (ތޭވީސް މިލިއަން ފަސްލައްކަ) ރުފިޔާއަށް ޒިންމާ ވާންޖެހޭ ކަމަށް ކަނޑައަޅާފައި އޮތް ބައި ބާޠިލު ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ. މިފަދައިން ކަނޑައެޅުމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ އެ ޢަދަދަކީ (ޓަގު ބޯޓުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ) އެކަށީގެންވާ އަދަދެއް ނޫން ކަމުގައެވެ. އަދި ބޯޓުގެ ހަލް އާއި ސްޕަރސްޓްރަކްޗަރ ނިމިފައިވާ ކަމަށް ޓްރޮޕިކް އިންވެސްޓްމަންޓް އިން ބުނާ ބުނުމާއި، އެ ބޯޓު ބަނުމުގެ ޖުމުލަ އަގަކީ -25,400,000ރ. (ފަންސަވީސް މިލިއަން ހަތަރު ލައްކަ ރުފިޔާ) ކަމުގައި ވުމަކީ، އެ ޢަދަދަކީ އެކަށީގެންވާ ޢަދަދެއް ނޫންކަމަށް ބުރަވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަން އެ ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފީ ނުކުތާތައް

8ހައިކޯޓުން ސެންޓަރ އެންޓަރޕްރައިސަސް އަށް މައްސަލަ ކާމިޔާބު ނުވުމުން އެ ކުންފުނީގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ތިރީގައި މިވަނީ މި އިސްތިއުނާފުގައި އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކެވެ.

8.1- ފުރަތަމަ ނުކުތާއަކީ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ. މި ގޮތުން މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުންތަކާއި، ޓަގު ބޯޓުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ޚަރަދުވާނެ މިންވަރު އެނގޭނެ ކޯޓޭޝަން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި، އެ ކޯޓޭޝަނުގައިވާ އަގާމެދު ޓްރޮޕިކް އިންވެސްޓްމަންޓް އިން އިންކާރުކޮށް، އެ އަގަކީ އެކަށޭނެ އަގެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ވާހަކަ ދައްކާފައި ނުވާކަމުގައެވެ. ނަމަވެސް، މި ކަން ކަމަށް ހައިކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ. 8-2- ދެވަނަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ގޮތުން މި މައްސަލަ ނިންމުމުގައި ޓަގު ބޯޓު ބަނުމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ހޭދަވާނެ ފައިސާގެ އަދަދަކީ އެ މަސައްކަތަށް އެކަށޭނެ ޢަދަދެއް ނޫންކަމުގައި ހައިކޯޓުން ނިންމިއިރު، އެކަމަކީ، ސިވިލް ކޯޓުގައި އެ މޭރުމުން ވާހަކަ ދެކެވިފައިވާ ނުކުތާއެއް ނޫންކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ފާހަގަ ކުރެއެވެ. 8-3- ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި "އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީ ނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެ ކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ،" ކަމަށް އޮންނަ އޮތުމާ ޚިލާފަށް ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ސިވިލް ކޯޓުން ނަގައިދީފައިވާ ފައިސާގެ އަދަދަކީ، ޓަގު ބޯޓުގައި ނުނިމިހުރި މަސައްކަތް ނިންމުމަށް އެކަށޭނެ ޢަދަދެއް ނޫންކަމުގައި ހައިކޯޓުން ނިންމި ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ. މިގޮތުން ހައިކޯޓުގެ މި ނިންމުމަކީ ހައިކޯޓަށް އަލަށް ހުށަހެޅުނު ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް އެ ކޯޓުން ނިންމި ނިންމުމެއްކަން އެ ކުންފުނީގެ ފަރާތުން ފާހަގަ ކުރެއެވެ.

8.4- ހަތަރުވަނަ ނުކުތާއަކީ، މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ތަފުސީލު ކުރަމުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގެ އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާން ވެފައިވާ ކަމުގައެވެ. ނަމަވެސް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވެ، އިސްތިއުނާފު ކުރެވޭނެ ހާލަތެއް އިސްތިއުނާފީ ނުކުތާތަކުން ފެންނަން ނެތްކަމުގައެވެ. ނަމަވެސް މި ކަމަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ.

9މި ނުކުތާތައް ފާހަގަ ކުރުމަށްފަހު ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

10ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން އަންނަނިވި ކަންކަން ހުށަހަޅާފައިވެއެވ.

10.1- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާ ހަވަލާދީ މި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނި ނަމަވެސް، މި މައްސަލައިގައި ހުށަހެޅިފައިވާ ހުރިހާ ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ވާކަން ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި ވަކި ހެއްކަކަށް ރިޢާޔަތް ކޮށްފައި ނުވާނަމަ، އެ ހެއްކަށް ރިޢާޔަތް ކުރަންޖެހޭ ސަބަބާއި، އަދި ހެއްކަކަށް ރިޢާޔަތް ކުރި ގޮތް ޤާނޫނާ ޚިލާފުވާނަމަ، އެ ޚިލާފުވާ ގޮތެއް ތަފުސީލުކޮށް ބަޔާން ކޮށްދޭންޖެހޭނެ ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ. އަދި މި އިސްތިއުނާފީ ނުކުތާގައި އެ ފަދަ ތަފުސީލެއް ނެތްކަން ވެސް އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

10.2- އިސްތިއުނާފީ ދެވަނަ ނުކުތާގައި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން..." ކަމުގައި އޮންނަ އުސޫލާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމި ކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ފާހަގަ ކުރި ނަމަވެސް، ވަކި ދިފާއެއް އަސާސަކަށް ބަލައިގެން ހައިކޯޓުން ހަދާފައިވާ ގޯހެއް އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައި ނުވާކަމުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި މި ނުކުތާގައި ޓަގު ބޯޓުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ޚަރަދުވާނެ ކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ޢަދަދަކީ އެ މަސައްކަތް ނިންމުމަށް ހިނގާނެ ކަމަށް ބެލެވޭފަދަ އެކަށީގެންވާ ޢަދަދެއް ނޫންކަމުގައި ނިންމި ސަބަބު ހައިކޯޓުގެ ނިންމުމުން ސާފުވާ ކަމަށާއި، 14 ޤާނޫނު ނަންބަރު 13/2010 15 ޤާނޫނު ނަންބަރު 22/2010 ހައިކޯޓުގެ ނިންމުމުގައި އެކަމުގެ ތަފުސީލު ބަޔާން ކޮށްފައި ވާކަން ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

10.3- ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މި މައްސަލަ ހައިކޯޓުން ނިންމި ކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ބުނި ނަމަވެސް، އެ އަކުރުގައިވާ ފަދައިން އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އާ ހުށަހެޅުންތަކެއް މި މައްސަލައިގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ނުވާތީ، ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއް މި މައްސަލައިގައި ނެތް ކަމުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.

10.4- މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ބުނި ނަމަވެސް، އެ މާއްދާ އާ ހައިކޯޓުގެ ނިންމުން ޚިލާފުވި ގޮތެއް އެ ކުންފުންޏަށް ބުނެދެވިފައިނުވާ ކަމަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ. އަދި މި ނުކުތާއަކީ ރަނގަޅަށް ޖަވާބު ދެވޭނެ ފަދައަކުން ހުށަހަޅާފައިވާ ނުކުތާއެއް ނޫން ކަމުގައި ވެސް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.

11މި ކަންކަން ފާހަގަ ކުރުމަށްފަހު ޓްރޮޕިކް އިންވެސްޓްމަންޓްގެ ފަރާތުން ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމާ ޚިލާފުވެފައި ނުވާނެ ކަމަށާއި، މި މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައަޅާފައި ނުވާކަން އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ މައްސަލަ ފަދަ މައްސަލަތަކަށް ބަލާއިރު، އެއްބަސްވުމަކާ ޚިލާފުވެގެން ގެއްލުމުގެ ބަދަލެއް ކަނޑައެޅުމުގެ ކުރިން އެއްބަސްވުމާ ޚިލާފުނުވާ މައުސޫމު ފަރާތަކީ ކޮބައިކަން ކަނޑައަޅަންޖެހޭ އިރު، އެފަދައިން މި މައްސަލައިގައި ހައިކޯޓުން ޢަމަލު ކޮށްފައި ނުވާތީ، މި މައްސަލައަކީ އަލުން އެ ކޯޓުން ބަލަންޖެހޭނެ މައްސަލައެއް ކަމުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ދެކޭކަން އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ. ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

12މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މި ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ، މި މައްސަލައިގައި ޓަގު ބޯޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ އަދަދަކީ އެކަށޭނެ އަދަދެއް ނޫންކަމުގައި ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައެވެ. ވުމާއެކު، ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ އަލީގައި މި މައިގަނޑު ނުކުތާއާ މެދު ގޮތެއް ކަނޑައަޅަން ގަސްދު ކުރަމެވެ. ޓަގު ބޯޓުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ޚަރަދު

13ސިވިލް ކޯޓުގައި ސެންޓަރ އެންޓަރޕްރައިސަސް އިން -23,500,000ރ. (ތޭވީސް މިލިއަން ފަސްލައްކަ ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ އެ ޢަދަދަކީ ޓަގު ބޯޓުގެ މަސައްކަތް އެހެން ފަރާތަކާ ޙަވާލު ކޮށްގެން "މަސައްކަތް ފުރިހަމަ ކޮށްދެވޭނެ ކަމަށް އެފަދަ މަސައްކަތްކުރާ ފަރާތްތަކުން" ލަފާކުރާ ޢަދަދެއް ކަމުގައިވާތީއެވެ. އަދި މިފަދައިން އެހެން ފަރާތެއް ލައްވައި މި މަސައްކަތް ކުރުވަން ޖެހިފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް، އެއްބަސްވުމުގައިވާ މުއްދަތަށް، ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ޓަގު ބޯޓުގެ މަސައްކަތް ނިންމާފައި ނުވާތީ ކަމުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ބުނެއެވެ.

14ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ކަމާބެހޭ މާއްދާތަކާ ޙަވާލާދީ އެ ނުކުތާތަކުގައި ފާހަގަ ކޮށްފައިވަނީ، މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަމުގައެވެ. އަދި ޓަގު ބޯޓުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދީފައިވާ ޢަދަދަކީ އެ މަސައްކަތަށް އެކަށޭނެ އަދަދެއް ނޫންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވީ ނަމަވެސް، އެއީ ދަށު މަރުޙަލާގައި އެ ފަދައިން ދެކެވުނު ވާހަކައެއް ނޫން ކަމުގައެވެ. އަދި މިފަދަ ކަމެއް ހައިކޯޓަށް އަލަށް ހުށަހެޅުނު ކަމުގައިވީ ނަމަވެސް އެ ކަމެއް ހައިކޯޓުގެ އިސްނެގުމަށް އެ ކޯޓުން ނުބެލޭނެ ކަމުގައި ކަނޑައަޅަންވާނެ ކަމުގައެވެ. ޖުމުލަ ގޮތެއްގައި އިސްތިއުނާފީ ނުކުތާގެ ތަފުސީލުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި ތިން ނުކުތާގައިވެސް ވާހަކަ ދެކެވެނީ، މި މައްސަލައިގައި ސިވިލް ކޯޓުން ގެއްލުމުގެ ބަދަލުގައި ނަގައިދިން ފައިސާގެ ޢަދަދާއި، އެ ޢަދަދު ނަގައި ދިނުމުގައި ސިވިލް ކޯޓުން ރިޢާޔަތް ކުރި ކޯޓޭޝަންގެ މައްޗަށެވެ.

15މި ނުކުތާތަކުގެ ރައްދުގައި ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކުރާ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ހުށަހެޅުނު ހުރިހާ ހެއްކަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައި އެ ކުންފުނީގެ ފަރާތުން ބުނެއެވެ. އަދި ޓަގު ބޯޓުގައި ނުނިމި ހުރި މަސައްކަތްތަކެއް ނިންމުމަށް ހިނގާނެ ޚަރަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދީފައި ވަނީ ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ކޯޓޭޝަނެއްގެ މައްޗަށް ބިނާކޮށް ކަމުގައްޔާއި، މުޅި ދަޢުވާއަށް ސިވިލް ކޯޓުގެ މަރުޙަލާގައި އެ ކުންފުނީގެ ފަރާތުން އިންކާރު ކޮށްފައިވުމުން އެ ޢަދަދަށް ކޮންމެހެން ވަކިން އިޢުތިރާޟު ކުރަން ޖެހޭނެ ކަމުގައި އެ ކުންފުނީގެ ފަރާތުން ނުދެކޭ ކަމުގައި ބުނެފައިވެއެވެ. ހައިކޯޓުން އެ ޢަދަދަކީ އެކަށޭނެ ޢަދަދެއް ނޫންކަމުގައި ނިންމާފައިވަނީ، އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ކަމުގައިވާތީ، އެއީ ހައިކޯޓުގައި އަލަށް ދެއްކި ވާހަކައެއް ކަމުގައި ނުބުނެވޭނެ ކަމުގައެވެ. އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ހައިކޯޓުން ކަނޑައެޅިބާ؟

16އިތުރަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ، އެ ކުންފުނީގެ ފަރާތުންވެސް ހިތްހަމަޖެހޭ ޙުކުމެއް ނޫންކަމުގައްޔާއި، އެ ޙުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި ކަމުގައެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ސުޕްރީމް ކޯޓުން ލިބިފައިނުވާ ކަމުގައެވެ. އަދި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ހައިކޯޓުގެ ޙުކުމް ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމުގައި އެ ކުންފުނީގެ ފަރާތުން ދެކެނީ، މި މައްސަލައިގައި މި ވާހަކަ ދެކެވެނީ އެއްބަސްވުމަކާ ޚިލާފުވެގެން ލިބިފައިވާ ގެއްލުމުގެ ބަދަލަކާމެދު ކަމުގައިވާއިރު، ސިވިލް ކޯޓާއި، ހައިކޯޓުގައި ވެސް ތަކުރާރުކޮށް އެ ކުންފުނީގެ ފަރާތުން ޓަގު ބޯޓު ބަނުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފު ވެފައި ނުވާނެ ކަމުގައި ބުނެ ތަފުސީލުކޮށް ވާހަކަ ދައްކާފައިވާނެ ކަމުގައްޔާއި، އެކަމާ ގުޅުންހުރި ލިޔުންތައް ވެސް ހުށަހަޅާފައިވާނެ ކަމުގައެވެ. ނަމަވެސް، ކޯޓުތަކުން އެ ކުންފުނީގެ ފަރާތުން އެކަމާ ގުޅިގެން ދެއްކި އެއްވެސް ވާހަކައަކަށް ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ. މިކަން ހައިކޯޓުގެ ނިންމުމަށް ބެލުމުން އެނގޭނެ ކަމުގައްޔާއި، ހައިކޯޓުގައި އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ފާހަގަ ކުރި ފުރަތަމަ ނުކުތާއަކީ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައި ނުވާނެކަން ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ނުކުތާއެއް ނަމަވެސް، ހައިކޯޓުގެ ނިންމުމުގައި މި މައްސަލައިގައި ވާހަކަދެކެވޭ އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައަޅާފައި ނުވާ ކަމުގައެވެ.

17އެއްބަސްވުމާ ޚިލާފުވެގެން ލިބޭ ގެއްލުމުގެ ބަދަލަކާމެދު ގޮތެއް ނިމޭނީ އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުން ކަމާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރެވި އެއްބަސްވުން ނިމުމަކަށް އައުމުގައި، މައުސޫމު ފަރާތަކަކީ ކޮބައިކަން ކަނޑައެޅިގެން ކަން ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ 25 މައްސަލަ ފަދަ މައްސަލަތަކުގެ ނިންމުންތަކުން އެނގޭކަން ޓްރޮޕިކް އިންވެސްޓްމަންޓްގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ. ވުމާއެކު މި ކަމަށް ރިޢާޔަތް ކޮށްދިނުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން އެދިފައިވެއެވެ.

18އެއްބަސްވުމާ ޚިލާފުވެފައިވާ ފަރާތް ހައިކޯޓުން ކަނޑައަޅާފައި ނުވާކަން ފާހަގަކޮށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ސިވިލް ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާކަން އެ ދެ ކޯޓުގެ ނިންމުމުން އެނގޭ ކަމުގައެވެ. އަދި ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ 26 މައްސަލައަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ޙަވާލާދޭ ނަމަ، އެ މައްސަލައިގައި އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމާމެދު ބަޔާން ވެފައިވާ އުސޫލުތަކަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ޢަމަލު ކުރަންޖެހޭނެ ކަމުގައްޔާއި، ނަމަވެސް މި މައްސަލައިގައި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމެއްނެތި އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައެޅުމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދެވޭނެ ކަމުގައި އެ ކުންފުނިން ނުދެކޭ ކަމުގައެވެ. 27 އެއްބަސްވުމާ ޚިލާފުވީ ފަރާތް ކަނޑައެޅުމާއި، ގެއްލުމުގެ ބަދަލު ނަގައި ދިނުން

19HN1ސުޕްރީމް ކޯޓުގެ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) 28 އާއި ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ 29 ފަދަ މައްސަލަތަކަށް ބަލާއިރު، ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ނަގައިދޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން އަސާސީ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓްގެ ބައިވެރިންގެ ތެރެއިން ކޮންޓްރެކްޓާ ޚިލާފުވީ ކޮން ފަރާތަކުންކަން ދެނެގަންނަންޖެހޭނެ ކަން ސާފުކޮށް އެނގެއެވެ.

20އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާއަށް ބަލާއިރު، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމާ ޓްރޮޕިކް އިންވެސްޓްމަންޓް އިން ޚިލާފުވި ކަމުގައި ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ އިސްތިއުނާފީ ނުކުތާއެއް އެ ޤަޟިއްޔާގައި ހުށަހަޅާފައިވެއެވ. އެ ނުކުތާގެ ތަފުސީލުގައި ޓަގު ބޯޓު ބަނުމަށް ޕޯޓްސް އޮތޯރިޓީ އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދު ވެވުނު މައި އެއްބަސްވުމަށް އެކިފަހަރު މަތިން އިސްލާހުތައް ގެނެވި ބޯޓު ބަނުމުގެ މުއްދަތު އިތުރު ކުރެވިގެން ދިޔައިރު، ބޯޓު ބަނުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމެންޓް އާ ދެމެދު ވެވުނު އެއްބަސްވުމަށް ބަދަލު އައިސްފައި ނުވާކަން އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މައި ކޮންޓްރެކްޓަށް އަންނަ ބަދަލު ސަބް 27 މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު، މުޙައްމަދު ފައިސަލް 30 އޮކްޓޯބަރު 2019 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދެއްކި ވާހަކަ ތަކުގެ މަޙްޟަރު ބަޔާން. [2021] SC 47 28 [2021] SC 52 29 ކޮންޓްރެކްޓަށް އަންނަން ޖެހޭނެކަން ސަބް ކޮންޓްރެކްޓްގެ މާއްދާތަކަށް ބެލުމުން އެނގޭކަން އެ ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

21ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން އެއްބަސްވުމާ ޚިލާފު ނުވާކަމުގައި ބުނެ އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހައިކޯޓުގައި ތަފުސީލުކޮށް ވާހަކަ ދައްކާފައި ވެއެވެ. އެ ވާހަކަތަކުގެ ޚުލާޞާއަކީ، ޓަގު ބޯޓު ބަނުމާ ގުޅިގެން ޕޯޓްސް އޮތޯރިޓީ އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކަށް އަންނަ ބަދަލު ތަކަކީ، ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމަންޓް އާ ދެމެދު އޮތް އެއްބަސްވުމަށް އަންނަން ޖެހޭނެ ބަދަލުތަކެއް ކަމުގައި އެ ކުންފުނިން ނުދެކޭ ކަމެވެ. އަދި ޓްރޮޕިކް އިންވެސްޓްމަންޓް އާއި އެ ކުންފުންޏާ ދެމެދު އޮތް އެއްބަސްވުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން ޢަމަލު ކުރަންޖެހޭނެ ކަމުގައްޔާއި، ޓްރޮޕިކް އިންވެސްޓްމަންޓް ގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ހުށަހެޅި ހުރިހާ އިންވޮއިސް ތަކަކަށް އެ ކުންފުނިން ފައިސާ ދޫކޮށްފައިވާނެ ކަމެވެ.

22މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި ޓަގު ބޯޓު ބަނުމަށް ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމެންޓް އާ ދެމެދު އޮތް އެއްބަސްވުމާ ޓްރޮޕިކް އިންވެސްޓްމަންޓް އިން ޚިލާފު ވެފައިވާ ކަމުގައި ބެލެވެން ނެތްކަމުގައި ބުނެ ފާހަގަ ކުރި އިސްތިއުނާފީ ނުކުތާއަށް ދެ ފަރާތުން ތަފުސީލުކޮށް ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމާފައި ނުވެއެވެ. މި ގޮތުން ހައިކޯޓުގެ ނިންމުމުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ މައި އެއްބަސްވުމަށް އަންނަ ބަދަލުތައް ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމަންޓް އާ ދެމެދު އޮތް އެއްބަސްވުމަށް އަންނަން ޖެހޭނެކަން ނުވަތަ ނޫންކަމާމެދު ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާމެދު ހައިކޯޓުގެ ނިންމުމުގައި ވަކިކަމެއް ފާހަގަ ކޮށްފައި ނުވެއެވެ.

23އެހެން ނަމަވެސް، ސެންޓަރ އެންޓަރޕްރައިސަސް އާއި ޓްރޮޕިކް އިންވެސްޓްމަންޓް އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ޓަގު ބޯޓުގެ މަސައްކަތް ފުރިހަމަކޮށް ނިންމައި ސެންޓަރ އެންޓަރޕްރައިސަސް އާ އެ ބޯޓު ޙަވާލު ކުރުމަށް އޮތް މުއްދަތުގައި ބޯޓުގެ މަސައްކަތް ފުރިހަމަކޮށް ހަވާލު ކޮށްފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ. މި މިންވަރަށް ހައިކޯޓުގެ ނިންމުމުގައި އޮތުމުން އެއްބަސްވުމާ ޚިލާފު ނުވާކަމުގައި ބުނެ ޕޯޓްސް އޮތޯރިޓީ އާއި ސެންޓަރ އެންޓަރޕްރައިސަސް އާއި ދެމެދު އޮތް އެއްބަސްވުމާ ޙަވާލާދީ ޓްރޮޕިކް އިންވެސްޓްމެންޓް ގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި، އެ ކުންފުންޏާއި ސެންޓަރ އެންޓަރޕްރައިސަސް އާއި ދެމެދު އޮތް އެއްބަސްވުމުގައިވާ މުއްދަތަށް ޓަގު ބޯޓުގެ މަސައްކަތް ނުނިމުނު ސަބަބުތަކާމެދު އެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެ ވާހަކަތަކުގެ ރައްދުގައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ހައިކޯޓުން ފައިސަލާ ކުރަނިވި ނިންމުމެއް ނިމިފައި އޮތްކަމުގައި އަހުރެން ނުދެކެމެވެ.

24HN3ކަންމިހެން އޮތުމުން މި މައްސަލައަކީ، ހައިކޯޓުގެ ނަންބަރު 2016/HC-A/352 ޤަސިއްޔާގައި އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ދެ ފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައެޅުމަށްފަހު، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދޭނެ ތަނެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި މި މައްސަލައިގައި އެ ކޯޓަށް ހުށަހެޅިފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ.

25HN2މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަކީ، ގެއްލުމުގެ ބަދަލާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައިވާތީ، އެ ނުކުތާތަކުގައި މި ކޯޓުން މި ކަނޑައެޅޭނެ ތަނެއް އޮތްކަމުގައި ނުދެކެވެ. އެހެނީ އެ ނުކުތާތައް އިސްތިއުނާފު ކުރާ ފަރާތާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ނިމުނު ނަމަވެސް، އެ ނުކުތާތަކަކީ، އެއްބަސްވުމަކާ ޚިލާފުވެގެން ލިބިފައިވާ ގެއްލުމުގެ ބަދަލާ ގުޅިފައިވާ ނުކުތާތަކެއް ކަމުގައިވާއިރު، އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުން ކަން ކަނޑައެޅިފައި ނުވާ ހާލަތުގައި އެ ނުކުތާތަކާމެދު ޝަރީޢަތުން އިންސާފުވެރި ކަމާއެކު ގޮތެއް ނިންމޭނެ ހާލަތެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުން ކަމާމެދު ހައިކޯޓަށް އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިފައި ނެތްނަމަ، ނުވަތަ އެފަދަ ނުކުތާއެއް ހުށަހެޅި އެ ނުކުތާއާމެދު އެ ކޯޓުން ފައިސަލާ ކުރަނިވި ނިންމުމެއް ނިންމާފައި އޮތްނަމަ، މި ކަމުގައި އަހުރެންގެ ރައުޔު ތަފާތުވީހެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

26މި ސަބަބުތަކަށްޓަކައި، ހައިކޯޓުގެ ނަންބަރު 2016/HC-A/352 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، އެ ޤަޟިއްޔާގައި އެ ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އެ ކޯޓުން އަލުން ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/352 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލައިގައި އެ ޤަޟިއްޔާގައި އެ ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އެ ކޯޓުން އަލުން ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ކުންފުނި ރަޖިސްޓްރީ ނަންބަރު C-174/2009
  2. ސެންޓަރ އެންޓަރޕްރައިސަސް އާ ޓްރޮޕިކް އިންވެސްޓްމެންޓާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 24 ފެބުރުވަރީ 2010 ގައެވެ.
  3. ސިވިލް ކޯޓުގެ ނަންބަރު 1477/Cv-C/2014 ޤަޞިއްޔާ
  4. ހައިކޯޓުގެ ނަންބަރު 2016/HC-A/352 ޤަޝިއްޔާ
  5. ޓަގު ބޯޓު ބަނުމުގެ ޖުމްލަ އަގު ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ، 25,400,000/- (ފަންސަވީސް މިލިއަން ސާޅީސް ލައްކަ ދިވެހި ރުފިޔާ) މިފަދައިންނެވެ. އަދި 24 ފެބްރުއަރީ 2010 ގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގައި ބޯޓު ބަނުމުގެ ޖުމްލަ އަދަދުކަމަށް ހިސާބު އަދަދުން ބަޔާންކޮށްފައިވަނީ -25,400,000/- މިފަދައިން ކަމަށްވެފައި ބަޔާންކުރެވުނު އެގްރިމެންޓްގައި އެ ހިސާބު އަދަދު ދިވެހި ބަހުން ބްރެކެޓްގައި ލިޔެފައިވާ ގޮތަކީ، ފަންސަވީސް މިލިއަން ސާޅީސް ލައްކަ ކަމަށްވީ ނަމަވެސް، އަހުރެންގެ މި ރައުޔުގައި ބަޔާންކޮށްފައި މިވަނީ ބަޔާންވެދިޔަ އެގްރިމެންޓްގައި ހިސާބު އަކުރުން ބަޔާންކޮށްފައިވާ ޢަދަދުގެ ދިވެހި ބަހުން ރަނގަޅު ގޮތަށްކަން ފާހަގަ ކުރަމެވެ.
  6. ޤާނޫނު ނަންބަރު 13/2010
  7. ޤާނޫނު ނަންބަރު 22/2010
  8. އިބިމ
  9. އިބަމ
  10. އިބަމ
  11. އިބަމ.
  12. އިބަމ.
  13. އިބަމ.
  14. SC 52 [2021]
  15. މި މައްސަލައާ ގުޅިގެން 5 ސެޕްޓެންބަރު 2021 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ޓްރޮޕިކް އިންވެސްޓްމަންޓްގެ ވަކީލު ޙަސަން ފަލާޙް ދައްކާފައިވާ ވާހަކަ ތަކުގެ މަޙްޝަރު ބަޔާން.
  16. ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާ އާއި މައްސަލަ ހުށަހަޅާ ފޯމު" ގެ 8.1.1 ވަނަ ނުކުތާ.
  17. ޤާނޫނު ނަންބަރު 13/2010
  18. ޤާނޫނު ނަންބަރު 22/2010
  19. މައްސަލަ ރައްދުވާ ފަރާތުގެ ވަކީލު، ޙަސަން ފަލާޙް 12 ސެޕްޓެންބަރު 2022 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ ޢަޑުޖެހުމުގައި ދަޑުވެހިންގެ މައްސަލަ ވާހަކަ ތަކުގެ މަޙްޝަރު ބަޔާން.
  20. ޤާނޫނު ނަންބަރު 22/2010
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ