ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 47 · 2019/SC-A/59ސުޕްރީމް ކޯޓު · 26 އޭޕްރީލް 2021 · މަދަނީ – ކޮންޓްރެކްޓް ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލު

ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް)

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
8 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޭޕްރީލް 2021ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނާ އެއްކޮޅަށް ޙުކުމްކޮށް އެއްބަސްވުމުގެ ބާކީ ފައިސާ 13,416,359/68ރ. ނަގައިދިނެވެ. ދައުލަތުގެ އިސްތިއުނާފު ހައިކޯޓުން (މުއްދަތު ހަމަވުމަށްފަހު) ބަލައިގަނެ، އެ ފައިސާ ނަގައިދިނުމުގެ ބައި ބާޠިލުކުރިއެވެ.
ވާޤިޢާ
2011 ޖެނުއަރީގައި ޅ. ކުރެންދޫ ބަނދަރު ހެދުމަށް ޔޫމެޓް ކޮންސްޓްރަކްޝަނާއި ވަރކްސް ކޯޕަރޭޝަނާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ވެއެވެ. އެއްބަސްވުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 2013 ގައި ބާޠިލުކޮށް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ޙަވާލުކުރުމުން، ޔޫމެޓް ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލާއި ލިބެންޖެހޭ ފައިސާއަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މުއްދަތު ހަމަވުމަށްފަހު ދައުލަތުގެ އިސްތިއުނާފު ބަލައިގަތުމަށް ހައިކޯޓުން ނިންމުމާއި، ސިވިލް ކޯޓުން ނަގައިދީފައިވާ 13,416,359/68ރ. އަކީ ގެއްލުމުގެ ބަދަލެއްތޯ ކަމާއި، އެސެސްމަންޓް ރިޕޯޓަށް ބުރަދަން ދިނުމުގައި ހައިކޯޓުން ޤާނޫނީ އުސޫލު ރަނގަޅަށް ތަޠުބީޤުކުރިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޔޫމެޓް ކޮންސްޓްރަކްޝަން ބުނީ ހައިކޯޓުން މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފު ބަލައިގަތުމަކީ ރަނގަޅެއް ނޫންކަމާއި، އެ ފައިސާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދީފައިވާ ގެއްލުމުގެ ބަދަލުކަމާއި، އެސެސްމަންޓް ރިޕޯޓަށް ބުރަދަން ނުދެވޭނެކަމެވެ. ދައުލަތުން ބުނީ ލިޔެކިޔުންތައް ލިބުން ލަސްވުމުން މުއްދަތު ފާއިތުވީކަމާއި، އެ ފައިސާއަކީ ކުރެވިފައިނުވާ މަސައްކަތަކަށް ދެވުނު ފައިސާއެއްކަމާއި، ރިޕޯޓުގައިވާ ކަންކަމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން އިންކާރުކޮށްފައި ނުވާކަމެވެ.
ކޯޓުގެ ސަބަބުތައް
ގެއްލުމެއް ލިބުނުކަން ސާބިތުނުވާ ފައިސާއަކީ ގެއްލުމުގެ ބަދަލެއް ނޫނެވެ؛ އެ ފަދައިން ނަގައިދީފައިވާ ފައިސާއަކީ ފާޅުކަން ބޮޑު ގޮތެއްގައި އިންސާފުގެ ހަމަތަކުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމުން ހައިކޯޓުން އިސްތިއުނާފު ބަލައިގަތުމަކީ ޤާނޫނާ އެއްގޮތެވެ. ނަމަވެސް ރިޕޯޓު ތައްޔާރުކޮށްފައިވަނީ މަސްލަހަތު ފުށުއަރާ ކުންފުންޏަކުންކަމުން، އެ ރިޕޯޓަށް ބުރަދަން ދިނުމުގައި ހައިކޯޓުން ނެކްސްބިޒް މައްސަލައިގެ އުސޫލު ތަޠުބީޤުކުރުމަކީ ރަނގަޅެއް ނޫނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HCA/297
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ފައިސާ ނަގައިދިނުން ބާޠިލުކުރި ހައިކޯޓުގެ ނިންމުމުގެ ނަތީޖާ ޤާއިމް؛ އެސެސްމަންޓް ރިޕޯޓަށް ބުރަދަން ދިނުމުގައި ނެކްސްބިޒް އުސޫލު ތަޠުބީޤުކުރުން ރަނގަޅެއް ނޫން

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި، ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭ މުއްދަތަކީ 10 (ދިހައެއް) ދުވަހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައި މި މުއްދަތަށް އިސްތިސްނާއެއް ދީފައިވެއެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވުމެވެ. (ޕެރ. 12)

އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފީ ހުށަހެޅުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. (ޕެރ. 13)

މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ އިސްތިއުނާފަށް ހުށަހަޅާ ފަރާތުންކަންވެސް މި ގަވާއިދަށް ބެލުމުން އެނގެއެވެ. (ޕެރ. 13)

އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކެއް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފާހަގަ ކޮށްފައިވެއެވެ. މި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ: ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުން؛ ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން؛ ޠަބީޢީ ކާރިސާތަކާއި ހަނގުރާމައިގެ ޙާލަތާއި، މަދަނީ ހަމަނުޖެހުންތަކާއި، ޢާންމުވެގެންވާ ރޯގާ ބަލިމަޑުކަމުގެ ހާލަތު؛ އިސްތިއުނާފު ކުރާ ފަރާތަށް ދަށު ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުން ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން؛ އިސްތިއުނާފުކުރާ ފަރާތުގެ ބަލި ހާލަތުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުން؛ ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން. (ޕެރ. 16)

ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކުރިކަން ނުވަތަ އެއްބަސްވުމުގެ ވަކި ފަރާތަކުން އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކޮށްދިނުމާއި، އެފަދަ ޢަމަލެއްގެ ސަބަބުން ގެއްލުމެއް ލިބުނުކަން ނުވަތަ ލިބިދާނެކަން ސާބިތުކޮށް ދިނުމަކީ ތަފާތު ދެ ކަމެކެވެ. އަދި އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިކަން ސާބިތުވުމަކީ، ހުރިހާ ޙާލަތެއްގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބުނީކަމުގައި ނުވަތަ ލިބިދާނެ ކަމުގައި ބަލަންޖެހޭނެ ކަމެއް ނޫނެވެ؛ އަދި އެއީ އަނެއް ބައިވެރިޔާގެ ކިބައިން ގެއްލުމެއްވިނަމަ، އެކަން ސާބިތުކުރުމުގެ ބުރަ ނެތިގެންދާނެ ކަމެއްވެސް ނޫނެވެ. (ޕެރ. 36)

އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިނަމަވެސް، އެ ކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ސާބިތުނުވާނަމަ، އެ ގެއްލުމުގެ ބަދަލެއް ޝަރީޢަތުން ނަގައި ނުދެވޭނެއެވެ. (ޕެރ. 36)

ގެއްލުމުގެ ބަދަލުގައި ނަގައިދެވޭ ފައިސާއަކީ، އެއްބަސްވުމާ އެއްގޮތަށް، އެއްބަސްވުމުގެ އިލްތިޒާމުތައް ފުރިހަމަކުރުންމަތީ ދެމިހުރި ފަރާތަށް އެކަމުގެ އިނާމެއްގެ ގޮތުން ނަގައިދެވޭ އެއްޗެއް ނޫނެވެ. (ޕެރ. 37)

ގެއްލުމުގެ ބަދަލަކީ ޝަރީޢަތުގައި ކަންކަން ސާބިތުކުރުމަށް އޮންނަ ހަމަތަކުގެ މަތިން، އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިކަމާއި، އެ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއްވި ކަމާއި، އެ ގެއްލުންވުމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ހިއްސާވާ މިންވަރަކީ ކޮބައިކަމާއި، ގެއްލުން ކުޑަކުރުމަށް މަސައްކަތެއް ކުރިނަމަ އެ މަސައްކަތަކީ ކޮބައިކަމާއި، ގެއްލުމުގެ ބަދަލުގައި އެދޭ މިންވަރާއި، އެއްބަސްވުމުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ހިމެނިފައިވާ އުސޫލު ފަދަ، އެ ގެއްލުމަކާ ގުޅިގެން ޝަރީޢަތަށް ސާބިތުވާންޖެހޭ އަދި ރިޢާޔަތް ކުރަންޖެހޭ އެންމެހައި ކަންކަން ޝަރީޢަތަށް ސާބިތުވެ، އެކަންކަމަށް ރިޢާޔަތް ކުރެވިގެން މެނުވީ ކަނޑައެޅޭނެ އެއްޗެއް ނޫނެވެ. (ޕެރ. 37)

ގެއްލުމެއް ލިބުނުކަން ސާބިތު ވުމެއްނެތި ނަގައިދީފައިވާ ފައިސާއަކީ، ފާޅުކަން ބޮޑު ގޮތެއްގައި އިންސާފުގެ ހަމަތަކުން ބޭރުން ފުރަތަމަ މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުމެކެވެ. އެއީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަމުގައި ބަލައި، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފު ބަލައިގަތުމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމުމެކެވެ. (ޕެރ. 39)

HN10މަދަނީ › މަދަނީ – ކޮންޓްރެކްޓް ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލު

އެއްބަސްވުމެއްގައި މަސްލަހަތުގެ ގޮތުން ދެ ފަރާތް ހަމަހަމަ ނުވާނީ، އެ ގައުމެއްގެ ޤާނޫނުގައި އެފަދަ އެއްބަސްވުންތަކުގައި ހުރުން ލާޒިމު ބަނދެވުންތަކެއް ބަޔާންކޮށްފައިވާ ނަމައެވެ. (ޕެރ. 42)

HN11މަދަނީ › މަދަނީ – ކޮންޓްރެކްޓް ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލު

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ދައުލަތާއި ޢާންމު ފަރުދުންނާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި، އެއްބަސްވުމެއްގައި ކޮންމެ ގޮތަކަށް ބަޔާންވެފައިވީ ނަމަވެސް، ކުރާ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށްޓަކައި ދައުލަތުން ބޭނުންވާ ވަގުތަކު ބޭނުންވާ މިންވަރެއްގެ އެސެސްމަންޓެއް ހެދުންފަދަ ކަންކަމުގެ ބާރާއި އިޚްތިޔާރުތައް ދީފައިވާ ޤާނޫނެއް ރާއްޖޭގައި ނެތެވެ. މިފަދަ ޤާނޫނުތަކެއް ނެތް ހާލަތުގައި އެއްބަސްވުމާ ގުޅިގެން ނިންމާ ނިންމުންތަކުގެ އަސާސަކަށްވާނީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެވެ. (ޕެރ. 43)

ރިޕޯޓެއް ތައްޔާރުކުރި ފަރާތަކީ މަސްލަހަތު ފުށުއަރާ ފަރާތެއްކަން ބެލުމުގައި މުހިންމީ ޙަޤީޤަތާ ޚިލާފު ރިޕޯޓެއް ހަދައި މަންފާ ލިބިފައިވުމެއް ނޫނެވެ. މަންފާއެއް ލިބިދާނެކަމަށް ބެލެވުން ފުދެއެވެ. (ޕެރ. 47)

HN13މަދަނީ › މަދަނީ – ކޮންޓްރެކްޓް ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލު

ރިޕޯޓެއްގައިވާ ވާޤިޢާތަކަށް ރިޢާޔަތް ކުރެވޭނީ، އޭގެ ކުރިން އެ ރިޕޯޓު ބަލައިގަތުމާމެދު އުފެދޭ ސުވާލަށް ޖަވާބު ހޯދުމަށްފަހު އެ ރިޕޯޓު ބަލައިގަތުމަށް ނިންމޭ ހާލަތުގައެވެ. (ޕެރ. 49)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2015/SCRU/01 ރޫލިންގ (27 ޖަނަވަރީ 2015)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރ (27 ޖަނަވަރީ 2015)
  • 2012/SCA/26 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
  • 2010/SCA/11 (ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފު ޒާކިރު)
  • 2018/SCA/46 (ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް)
  • 2018/SCA/21 (ފާޠިމަތު ވ. އާމިނަތު ޙުސައިން)
  • 2008/SCA/09 (އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު)
  • Burns v The Financial Conduct Authority [2017] EWCA Civ 2140

ފަނޑިޔާރުން

ބެންޗު
ޢަލީ ރަޝީދު ޙުސައިން، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ދެކިގެން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C173/2006) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު އިސްތިއުނާފީ މައްސަލައެކެވެ.

2މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) އަށެވެ.

ކަންހިނގާފައިވާ ގޮތް

3ޅ. ކުރެންދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްޓަކައި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން މި ކުންފުންޏަށް ޙަވާލާ ދީފައިވަނީ "ޔޫމެޓް ކޮންސްޓްރަކްޝަން" މި ގޮތަށެވެ.) އާއި ވަރކްސް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން މި ކުންފުންޏަށް ޙަވާލާ ދީފައިވަނީ "ވަރކްސް ކޯޕަރޭޝަން" މި ގޮތަށެވެ.) (ރަޖިސްޓްރީ ނަންބަރު C550/2009) ދެމެދު 27 ޖެނުއަރީ 2011 ގައި އެއްބަސްވުމެއްގައި (Joint Venture Agreement with respect to Harbour Construction of LH. Kurendhoo Maldives) ސޮއިކުރެވުނެވެ.

4މިއީ ޖޮއިންޓް ވެންޗަރ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ބަނދަރު ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށްފަހު، މި އެއްބަސްވުމުގެ ދަށުން ވަރކްސް ކޯޕަރޭޝަންގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލު ކުރާނެ ކަމަށް ވަރކްސް ކޯޕަރޭޝަނުންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނުމުން އެކަމުގެ މައްޗަށް ބަރޯސާވެ، ވަރކްސް ކޯޕަރޭޝަނުން ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދަނިކޮށް، ސަރުކާރުގެ ފަރާތުން 18 މާރޗް 2013 ގައި މި ޕްރޮޖެކްޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (C-680) އާ ޙަވާލުކޮށްފައިވެއެވެ. އަދި މި ފަދައިން ޙަވާލުކުރުމުގެ ކުރިން، ޔޫމެޓް ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުން ބާޠިލުވީ ކަމުގައި 10 މާރޗް 2013 ގައި އެ ފަރާތަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގާފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

5ޔޫމެޓް ކޮންސްޓްރަކްޝަނާއި، ވަރކްސް ކޯޕަރޭޝަނާ ދެމެދު ކުރެވުނު އެއްބަސްވުން، ބާޠިލު ކުރުމާ ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގައި ވަރކްސް ކޯޕަރޭޝަން ލިމިޓެޑާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މައްޗަށް 30 އޭޕްރިލް 2013 ގައި ދަޢުވާ ކުރިއެވެ. މި ދަޢުވާގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެދިފައިވަނީ ދެ ކަމަކަށެވެ.

5.1- ފުރަތަމަ ކަމަކީ، ޖޮއިންޓް ވެންޗަރ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމެވެ.

5.2- ދެވަނަ ކަމަކީ، މި އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމެވެ.

6ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ކުރި ދަޢުވާއަށް ދައުލަތުން އިންކާރު ކޮށްފައިވެއެވެ. އަދި ޔޫމެޓް ކޮންސްޓްރަކްޝަންއާއެކު ހެދިފައިވާ އެއްބަސްވުން އުވާލަން މެދުވެރިވީ، އެ ކުންފުނިން ޅ. ކުރެންދޫ ބަނދަރުގައި ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ މަސައްކަތް އިތުރަށް އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިނަމަ، ދައުލަތަށް ނުހަނު ބޮޑެތި ގެއްލުން ވާނެކަމަށް ފެންނާތީ ކަމަށް ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަންޖެހުމާއި، އަދި ފުރިހަމަ ކުރެވިފައިނުވާ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ގާބިލުކަން އެ ކުންފުނީގެ ކިބައިގައި ނެތްކަމަށް ފެންނާތީއާއި، އެ ކުންފުނި މެދުވެރިކޮށް ކުރެވިދާނެ ބައެއް މަސައްކަތްތައް ކުރުވުމަށްޓަކައި އެ ކުންފުންޏާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާ ދެމެދު އައު އެއްބަސްވުމެއް ހެދުމަށް ފުރުސަތު ދިނުމުން އެކަމަށް އެ ކުންފުނިން އެއްބަސްވެފައި ނުވާތީކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

7ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 883/CvC/2013 ޤަޟިއްޔާ އިންނެވެ. މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ޔޫމެޓް ކޮންސްޓްރަކްޝަންއާ އެއްކޮޅަށެވެ. އަދި މި ފަދައިން ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

7.1- ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން މި ޕްރޮޖެކްޓްގައި ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެއްޗަކީ ވަރކްސް ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށް ދޭންޖެހޭ ތަކެތި ކަމަށްވާއިރު، މަސައްކަތް ނުނިމި ލަސްވެފައިވަނީ ވަރކްސް ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށް ދޭންޖެހޭ ބައެއް ތަކެތި ފޯރުކޮށް ނުދެވިގެންކަން ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތުން.

7.2- ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ކުރަމުންދިޔަ މަސައްކަތުގެ ފެންވަރު ދަށްވެގެން ނުވަތަ މަސައްކަތް ކުރަމުންދާ ސްޕީޑް ލަސްވެގެން އެފަދަ ކަމެއް ރަނގަޅު ކުރުމަށް ޔޫމެޓް ކޮންސްޓްރަކްޝަނަށް އެންގުމަކާނުލައި، އަދި އެފަދަ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތެއް ނުދީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިގެންވާ ޙައްޤުތަކަށް އުނިކަން އަންނާނެ ގޮތަށް އަދި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެ ކުންފުންޏަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުނުވާ ގޮތަށްކަމާއި، އަދި މި ކަމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަރކްސް ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ބަދަލު ދޭންޖެހޭކަން.

7.3- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުމުގެ ޖުމުލަ އަގު ކަމުގައިވާ 21,109,351/57ރ. (އެކާވީސް މިލިޔަން އެއްސަތޭކަ ނުވަހާސް ތިންސަތޭކަ ފަންސާސް އެއްރުފިޔާ ފަންސާސްހަތް ލާރި) ގެ ތެރެއިން އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ 7,692,991/89ރ. (ހަތްމިލިޔަން ހަލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ އެއްރުފިޔާ އަށްޑިހަނުވަ ލާރި) އުނިކުރުމުން ބާކީވާ 13,416,359/68ރ. (ތޭރަމިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ވަރކްސް ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން.

7.4- ވަރކްސް ކޯޕަރޭޝަނުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަންޖެހޭ ތާރީޚާ ހަމައަށް ޕްރޮޖެކްޓަށް ތަކެތި ހުސްކޮށްގެން ތިބެން ޖެހުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދުވާލަކަށް 47,584/-ރ. (ސާޅީސް ހަތްހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) ގެއްލުން ވެފައިވާކަމަށް ބުނެ އެ ރޭޓުން ޕްރޮޖެކްޓްގެ މުއްދަތު ހަމަވި ދުވަސްކަމުގައިވާ 12 މާރޗް 2012 އިން ފެށިގެން ކޮންޓްރެކްޓް ބާޠިލުވި ދުވަހާ ހަމައަށް ހިނގާފައިވާ ޖުމުލަ 416 (ހަތަރުސަތޭކަ ސޯޅަ) ދުވަހަށް ޖެހޭ 19,794,944/-ރ. (ނަވާރަ މިލިޔަން ހަތްސަތޭކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާއި، މި ޕްރޮޖެކްޓަށް ޚާއްޞަކޮށްގެން ޔޫމެޓް ކޮންސްޓްރަކްޝަނުން އެލޮކޭޓް ކޮށްފައިވާ އާލާތްތަކާއި ވެހިކަލްތަކަކީ އެ ތަކެތި ކުއްޔަށް ދީގެން ދުވާލަކަށް -/39000ރ. (ތިރީސް ނުވަހާސް ރުފިޔާ) ލިބޭނެ ތަކެތި ކަމަށް ބުނެ އެ ރޭޓުން ޕްރޮޖެކްޓްގެ މުއްދަތު ހަމަވި ދުވަސްކަމުގައިވާ 12 މާރޗް 2012 އިން ފެށިގެން ކޮންޓްރެކްޓް ބާޠިލުވި ދުވަހާ ހަމައަށް ހިނގާފައިވާ ޖުމުލަ 416 (ހަތަރުސަތޭކަ ސޯޅަ) ދުވަހަށް ޖެހޭ 16,224,000/-ރ. (ސޯޅަ މިލިޔަން ދެލައްކަ ސައުވީސްހާސް ރުފިޔާ) އާއެކު، ޖުމުލަ 36,018,944/-ރ. (ތިރީސްހަމިލިޔަން އަށާރަހާސް ނުވަސަތޭކަ ސަޅީސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުން ހޯދުމަށް ދަޢުވާ ކުރިނަމަވެސް، އެ ޢަދަދުތަކަކީ އެ ފަރާތަށް އެ މުއްދަތުގައި ލިބޭނެކަމަށް ލަފާކޮށް އެ ފަރާތުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއް ކަމަށްވާތީ، އެ ފައިސާއަކީ އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ ސީދާ ގެއްލުމެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ލިބިފައި ނުވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

8ސިވިލް ކޯޓުގެ ނަންބަރު 883/CvC/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާ އިންނެވެ.

9މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ސިވިލް ކޯޓުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސްނުވަ ރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ޔޫމެޓް ކޮންސްޓްރަކްޝަނަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކަމަށެވެ. މި ފަދައިން ނިންމުމުގައި އަންނަނިވި ކަންކަމަށް އެ ކޯޓުން ބަލާފައިވެއެވެ.

9.1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SCA/26 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއެއް ނުވަތަ މުއައްސަސާއަކުން ދައުލަތުގެ ޢާންމު ޔޫޓިލިޓީއެއް ނުވަތަ ޢާންމު ޚިދުމަތެއް ހިންގުމަށް ނުވަތަ އިންތިޒާމު ކުރުމުގެ މަޤުޞަދުގައި އަމިއްލަ ފަރާތަކާ ނުވަތަ އަމިއްލަ ކުންފުންޏަކާ ދެމެދު ކުރެވޭ ކޮންޓްރެކްޓްތަކަކީ މަސްލަހަތުގެ ގޮތުން ހަމަހަމަ ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ ކޮންޓްރެކްޓް ތަކަކަށް ނުވާނެކަމާއި، މި ފަދަ ކޮންޓްރެކްޓްތައް ތަންފީޛު ކުރެވޭ މިންވަރު ބަލައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ޖަޒާއީ ފިޔަވަޅުތައް އެޅުމުގެ ޙައްޤާއި އިމްތިޔާޒުތަކެއް އޭގެ ޒާތުގައި ދައުލަތަށް ލިބިގެންވާކަން.

9.2- ޔޫމެޓް ކޮންސްޓްރަކްޝަނާއި ވަރކްސް ކޯޕަރޭޝަނާދެމެދު ވެފައިވާ މި އެއްބަސްވުމަކީ މަތީގައި ބުނެވުނު ޒާތުގެ އެއްބަސްވުމެއް ކަމުގައިވާތީ، މި އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނުން ކޮށްފައިވާ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށް އެސެސްމަންޓެއް ހެދިއިރު، މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މި މަސައްކަތް އިތުރަށް ޔޫމެޓް ކޮންސްޓްރަކްޝަން މެދުވެރިކޮށް ކުރިއަށް ގެންގޮސް ނިންމައިފިނަމަ، ދައުލަތަށް އިތުރު ގެއްލުންތަކެއް ކުރިމަތިވާނެކަން އެނގޭކަން.

9.3- އެއްބަސްވުމުގެ ދަށުން ކުރަންޖެހި، ނުކުރެވިވާ އިތުރު މަސައްކަތްތައް ޔޫމެޓް ކޮންސްޓްރަކްޝަން މެދުވެރިކޮށް ކުރުމަށްޓަކައި އިތުރު އެއްބަސްވުމެއް ހެދުމަކީ ކުރިން ހަވާލާ ދެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2012/SCA/26 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ އުސޫލުތައް ތަޠުބީޤު ކުރާއިރު، ދައުލަތުން ކޮށްފައިވާ ޣައިރު ޤާނޫނީ ކަމެއްގެ ގޮތުގައި ބެލެވެން ނެތްކަން.

9.4- ޔޫމެޓް ކޮންސްޓްރަކްޝަނާއި ވަރކްސް ކޯޕަރޭޝަނާދެމެދު ވެފައިވާ އެއްބަސްވުން އުވާލުމަށް މެދުވެރިވި ސަބަބަކީ ދެވަނަ އެއްބަސްވުމެއް ހެދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން އިން އެއްބަސްނުވުމުންކަން އެނގޭއިރު، ސިވިލް ކޯޓުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ދިނުމަށް ނިންމާފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ އެހައިތަނަށް އެ ކުންފުނިން ކޮށް ނިންމާފައިވާ މަސައްކަތްތަކެއްގެ ބަދަލުގެ މިންވަރުކަން އެނގެން ނެތުމުގެ އިތުރަށް އެ ފައިސާއަކީ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން އެއްބަސްވުމުގެ ދަށުން ވަކި އުސޫލަކުން ދޫކުރުމަށް ނިންމާފައިވާ ފައިސާއެއްކަމުގައިވާތީ، އެ ފައިސާއަކީ ވަރކްސް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުވާން ނެތް އިރު، ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު

10ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ދެކިގެން ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަ ކޮށްފައިވަނީ މައިގަނޑު ތިން ސަބަބެކެވެ. އެ ތިން ސަބަބު ތިރީގައި މި ވަނީއެވެ.

10.1- ފުރަތަމަ ސަބަބަކީ، އިސްތިއުނާފުގެ މުއްދަތު ހަމަވިފަހުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SCRU/01 ރޫލިންގއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ ބޭރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

10.2- ދެވަނަ ސަބަބަކީ ސިވިލް ކޯޓުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާ ހަމަތަކުގެ މަތިން ނަގައިދީފައިވާ ގެއްލުމުގެ ބަދަލެއްކަން އެނގޭއިރު، އެކަމަށް ރިޢާޔަތް ނުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

10.3- ތިންވަނަ ސަބަބަކީ، މި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ ޅ. ކުރެންދޫ ބަނދަރުގެ އެސެސްމަންޓް ރިޕޯޓަކީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލު ކުރުމަށްޓަކައި ބުރަދަނެއް ދެވޭނެ އެއްޗެއްކަމުގައި ނުވިނަމަވެސް، އެ ރިޕޯޓަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

11ބުނެވިދިޔަ ކަންތައްތަކަށް ޖަވާބު ދެމުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

11.1- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SCRU/01 ރޫލިންގއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރއިން ކަނޑައަޅާފައިވާ 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި މި މައްސަލަ އިސްތިއުނާފު ކުރެވިފައިނުވާ ސަބަބަކީ މި މައްސަލައިގައި ހިމެނޭ މުހިންމު ލިޔެކިޔުންތަކެއް ކަމުގައިވާ އިންވޮއިސްތަކާއި، އެ އިންވޮއިސްތަކަށް ފައިސާ ދައްކާފައިވާކަން އަންގައިދޭ ލިޔެކިޔުންތައް ދައުލަތަށް ލިބިފައިނުވާތީ ކަމަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފާއިތުވުމަށް ފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ހުށަހަޅައިފިނަމަ، އެކަމެއްގެ އިސްތިއުނާފު ޤަބޫލު ކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާކަން.

11.2- ސިވިލް ކޯޓުން މި މައްސަލައިގައި ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސްނުވަ ރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާ ފައިސާއެއް ނޫންކަމަށާއި، އެ ފައިސާއަކީ އެއްބަސްވުމުގެ ޖުމުލަ އަގުގެ ތެރެއިން ޔޫމެޓް ކޮންސްޓްރަކްޝަނުން ކުރި މަސައްކަތަށް ދައްކާފައިވާ 7,692,991/89ރ. (ހަތްމިލިޔަން ހަލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ އެއްރުފިޔާ އަށްޑިހަނުވަ ލާރި) ކެނޑުމުން ބާކީ އަންނަ ޢަދަދު ކަމަށާއި، އެއީ އެ ކުންފުނިން ކޮށްފައިނުވާ މަސައްކަތަކަށް ނަގައިދީފައިވާ ފައިސާއެއްކަމުގައިވާތީ، އެ ފައިސާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭނެ ތަނެއް ނެތްކަން.

11.3- މި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓަކީ މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން ނުވަތަ ނޫންކަން ވަޒަންކުރުމަށްޓަކައި ހެދިފައިވާ އެސެސްމަންޓް ރިޕޯޓެއްކަމަށާއި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން އިންކާރުކޮށްފައި ނުވާކަމަށާއި، ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާ ޙަވާލު ކުރުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޙުއްޖިއްޔަތު ނެތިދާނެފަދަ ސަބަބެއް ނޫންކަމުގައި ދެކޭކަން.

އިސްތިއުނާފުގެ މުއްދަތު

12HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SCRU/01 ރޫލިންގއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރއަށް ބަލާއިރު، ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި، ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭ މުއްދަތަކީ 10 (ދިހައެއް) ދުވަހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައި މި މުއްދަތަށް އިސްތިސްނާއެއް ދީފައިވެއެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވުމެވެ.

13HN2HN3އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފީ ހުށަހެޅުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އަދި މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ އިސްތިއުނާފަށް ހުށަހަޅާ ފަރާތުންކަންވެސް މި ގަވާއިދަށް ބެލުމުން އެނގެއެވެ.

14އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ 2015 އޮގަސްޓް 18 ވަނަ ދުވަހުގައެވެ. ތިރީގައި މިވަނީ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން މި މައްސަލަ ނިންމި ދުވަހުން ފެށިގެން ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރުމާ ދެމެދު ފާހަގަ ކުރެވޭ މުހިންމު ތާރީޚުތަކެވެ.

14.1- އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިނުވާ ސަބަބު ބަޔާންކޮށް މި މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާކަން ދައުލަތުގެ ފަރާތުން (އެޓަރނީ ޖެނެރަލްގެ އޮފީހުން) ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއަކުން އަންގާފައިވަނީ 13 އޭޕްރިލް 2016 ގައެވެ.

14.2- ބުނެވިދިޔަ ސިޓީއަށް ބަލައި، މި މައްސަލައިގައި ހުށަހަޅާފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމުގައި ބަލައި، މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވަނީ 23 މެއި 2016 ގައެވެ.

14.3- މި މައްސަލަ އިސްތިއުނާފު ކުރެވިފައިވަނީ 05 ޖޫން 2016 ގައެވެ. އަދި އިސްތިއުނާފު ގަބޫލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ 2016 ޖުލައި 19 ވަނަ ދުވަހުގައެވެ.

15ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު ޤަބޫލު ކުރުމަށް ނިންމާފައިވަނީ "އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް" އޮވެގެންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި، މަޤުބޫލު ސަބަބުތަކަކީ ކޮބައިކަމާއި، އިސްތިއުނާފު ބަލައިގަތުމުގައި ހައިކޯޓުން ދައްކާފައިވާ ސަބަބުތަކަށާއި، ދައުލަތުގެ ފަރާތުން މިކަމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ކަންކަމަށް ބަލަންޖެހެއެވެ.

އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތައް

16HN4އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކެއް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފާހަގަ ކޮށްފައިވެއެވެ. މި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

16.1- ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުން.

16.2- ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން.

16.3- ޠަބީޢީ ކާރިސާތަކާއި ހަނގުރާމައިގެ ޙާލަތާއި، މަދަނީ ހަމަނުޖެހުންތަކާއި، ޢާންމުވެގެންވާ ރޯގާ ބަލިމަޑުކަމުގެ ހާލަތު.

16.4- އިސްތިއުނާފު ކުރާ ފަރާތަށް ދަށު ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުން ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން.

16.5- އިސްތިއުނާފުކުރާ ފަރާތުގެ ބަލި ހާލަތުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުން.

16.6- ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.

އިސްތިއުނާފު ޤަބޫލުކުރި ސަބަބުތައް

17އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުން ދައުލަތަށް ދިނުމަށް ނިންނި ނިންމުން ރަނގަޅު ނޫންކަމުގައި ބުނެ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެކަން ބަލައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މިކަމާގުޅިގެން ސުޕްރީމް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނަށް އަންގާފައިވަނީ އެކަމަކީ، އެ ކުންފުނީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިފިނަމަ، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން އެކަމާމެދު ގޮތެއް ނިންމަންޖެހޭފަދަ ކަމެއް ކަމުގައިވާތީ އެ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށެވެ.

18ސުޕްރީމް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދީފައިވާ ޖަވާބާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާމެދު ނިންމި ނިންމުން ރަނގަޅު ނޫންކަމުގައި ބުނެ އެ ދަފްޢު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައި އެކަމާމެދު ޝަރީޢަތުގެ މަޖިލީހުގައި ތަފުސީލުކޮށް ވާހަކަ ދައްކާފައިވެއެވެ.

19ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި މި ދަފްޢުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފު ކުރުން ލަސްވެފައިވަނީ އިސްތިއުނާފު ކުރުމަށް ބޭނުންވާ ބައެއް ލިޔުންތައް (ޕްރޮޖެކްޓްގެ ދަށުން ކޮށްފައިވާ މަސައްކަތުގެ އަގު އެނގޭނެ އިންވޮއިސްތަކާއި އެހެނިހެން ލިޔުންތައް) ދައުލަތަށް (އެޓަރނީ ޖެނެރަލްގެ އޮފީހަށް) ލިބިފައިނުވާތީއާއި މިކަން މި ގޮތަށް މެދުވެރިވެފައިވަނީ މި ލިޔުންތަކަކީ ދައުލަތުގެ ކުންފުންޏަކުން ކުރި މުޢާމަލާތަކާ ގުޅޭ ލިޔުންތަކަކަށްވެފައި، އެ ކުންފުނީގެ މަސައްކަތް ދައުލަތުގެ ވަކި ވުޒާރާއަކާ ޙަވާލުކުރުމުގެ ސަބަބުން އެ ލިޔުންތައް ހޯދުމުގައި ކުރިމަތިވި ދަތިތަކެއްގެ ސަބަބުންކަމުގައި ބުނެފައިވެއެވެ. އަދި މިފަދަ ހާލަތުގައި ޝަރީޢަތުން ހަމައެކަނި ބަލަންޖެހޭނީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފަހަނައަޅާފައިވާ ކަމުގެ މައްޗަށް އެކަނި ނޫންކަމަށާއި، މައްސަލައިގައި ދަށު މަރުޙަލާގެ ކޯޓުން ފާޅުކަން ބޮޑު ގޮތެއްގައި އިންސާފަށް ހުރަސްއެޅޭ ގޮތަށް މައްސަލަ ނިންމާފައި އޮންނަ އޮތުމާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލަންޖެހޭނެކަމުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ.

20ދައުލަތުގެ ފަރާތުން މި މައްސަލައަކީ އިންސާފަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިވާ މައްސަލައެއް ކަމުގައި ދެކޭ ނުކުތާ ހައިކޯޓުގައި ތަފުސީލުކުރަމުން މި މައްސަލައިގައި ސިވިލް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ނަގައިދިފައިވާ ފައިސާއަކީ އެ ކުންފުނިން ކޮށްފައިނުވާ މަސައްކަތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާއެއްކަމަށާއި، އެކަން އެ ގޮތުގައި ތަންފީޒުވުމަށް ދޫކޮށްލެވިއްޖެނަމަ، އެ ކުންފުންނަށް ނުޙައްޤު މަންފާއެއް ލިބިގެންދާނެ ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SCA/09 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކާ ޚިލާފު ކަމެއް ކަމުގައިވެސް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

21ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ހުށަހެޅުންތަކަށް ރިޢާޔަތް ކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާމެދު ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި މި މައްސަލަ އެ ކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

22މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ދައުލަތުގެ ކުންފުންޏެއްގެ މަސައްކަތް ވަކި އިދާރާއަކާ ޙަވާލުކޮށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތަކާ ގުޅުންހުރި ވަކި ލިޔުންތަކެއް ހޯދުމަކީ އެކަމަށްޓަކައި ވަގުތުތަކެއް ހޭދަވެދާނެ ކަމެއްކަމުގައި ފެނެއެވެ. އިސްތިއުނާފު ކުރުމަށް ބޭނުންވާ ލިޔުންތައް ހޯދުމަށްފަހު މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް ދައުލަތުން އެދިފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތުކަމުގައި ހަމަޖެހިފައިވާ 10 ދުވަހުގެ މުއްދަތު ފާއިތުވި ފަހުންނެވެ.

23ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން މި މައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ޖެހޭނެކަމަށް ބުނެ ދައްކާފައިވާ ދެވަނަ މައިގަނޑު ވާހަކައަކީ މި މައްސަލައިގައި ސިވިލް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ނަގައިދީފައިވާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކުރަންޖެހޭ މަސައްކަތް ކަނޑައެޅިފައިވާ އުސޫލުން ކޮށް ނިންމުމުން އެ މަސައްކަތުގެ މުޤާބިލުގައި ދޫކުރެވޭ ފައިސާ ކަމުގައިވާއިރު، އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފުރިހަމަނުކުރެވި، އެ ފައިސާ އެ ކުންފުންޏަށް ނަގައިދިނުމަކީ އެ ކުންފުންޏަށް ޙައްޤު ނޫން މަންފާއެއް ހޯދައިދިނުންކަމަށާއި، މިއީ އިންސާފުގެ އުސޫލުން ބޭރުން ނަގައިދީފައިވާ ފައިސާއެއްކަމުގައެވެ.

24މި ނުކުތާއަކީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޔޫމެޓް ކޮންސްޓްރަކްޝަނުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައިވާތީ، މި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި ފާޅުކަން ބޮޑު ގޮތެއްގައި އިންސާފަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިއޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައަޅައި، އަދި އިންސާފަށް ހުރަސްއެޅޭ ގޮތަށް އޮތްނަމަ، އެކަމަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަމުގައި ކަނޑައެޅޭނީ މި މައްސަލައިގެ އިސްތިއުނާފީ މައިގަނޑު ދެވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށްފަހު ކަމުގައިވާތީ، މި ނުކުތާއާމެދު ނިންމާ ގޮތް ފަހުން އެބަ ބަޔާން ކުރަމެވެ.

ސިވިލް ކޯޓުން ނަގައިދީފައިވާ ފައިސާ

25ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަ ކުރާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ބުނަނީ ސިވިލް ކޯޓުން މި މައްސަލައިގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާ ހަމަތަކުގެ މަތިން ނަގައިދިފައިވާ ގެއްލުމުގެ ބަދަލެއްކަމުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކުރިއިރު މިކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށެވެ. މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި ސިވިލް ކޯޓުން ނަގައިދީފައިވާ ފައިސާއަކީ ކޮން ފައިސާއެއްކަމާއި، އެ ފައިސާ ނަގައިދީފައިވަނީ ކޮން އުސޫލަކުން ކަމުގައި ބަލަންޖެހެވެ. އަދި މީގެ އިތުރުން މި ފައިސާއާމެދު ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަށްވެސް ބަލަންޖެހެއެވެ.

26ސިވިލް ކޯޓުން ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ، އެ ފައިސާއަކީ،

"... އެހައިތަނަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޅ. ކުރެންދޫ ބަނދަރުގައި ކޮށް ނިންމާފައިވާ މަސައްކަތްތަކެއްގެ ބަދަލުގެ މިންވަރުކަން އެނގެން ނެތުމާއި، ބުނެވުނު ފައިސާއަކީ މަސައްކަތް ނިމުމުން ވަކި އުސޫލަކުން އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެމަތިން ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާކަމުގައިވާއިރު، މިއީ އެއްބަސްވުމުމާއި، ވަރކްސް ކޯޕަރޭޝަން ލިމިޓެޑުން އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޚިލާފުވެފައިވާކަން ސާބިތުވާން ނެތްއިރު ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރުގެ ފައިސާގެ ޢަދަދުގެ މިންވަރެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ."

މި ފަދައިންނެވެ.

27މި ވާޤިޢާއާގުޅޭ ޤާނޫނީ އުސޫލުތަކަށް ބަލާއިރު އެންމެ ފުރަތަމަ ފާހަގަ ކުރެވެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއެވެ. އެ މާއްދާ ގައިވަނީ އަންނަނިވި ޢިބާރާތެވެ.

ގެއްލުމަށްބަދަލު ދިނުން 23- (ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ:

(1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން.

(2) އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން.

28މި މައްސަލައިގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ނަގައިދީފައިވާ ފައިސާއަކީ ކޮން ފައިސާއެއްކަމާއި، އެ ފައިސާ ނަގައިދީފައިވާ އުސޫލު ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ އަށްވަނަ ނުކުތާގައެވެ. އެ ނުކުތާގައި މައްސަލަ ބެލި ފަނޑިޔާރު ލިޔެފައިވާ ޢިބާރާތް ތިރީގައި މިވަނީއެވެ.

"ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ވާރކްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވެފައިވާ ޖޭވީ އެގްރިމެންޓްގައި ހިމެނޭ ޖުމުލަ ފައިސާގެ މިންވަރު ކަމުގައިވާ 21,109,351/57ރ. (އެކާވީސް މިލިޔަން އެއްލައްކަ ނުވަހާސް ތިންސަތޭކަ ފަންސާސް އެއްރުފިޔާ ފަންސާސްހަތް ލާރި) ގެ ތެރެއިން އެއްބަސްވުމުގެ ދަށުން މިހާތަނަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ 7,692,991/89ރ. (ހަތްމިލިޔަން ހަލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ އެއްރުފިޔާ އަށްޑިހަ ނުވަލާރި) އުނިކުރުމުން ބާކީވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސްނުވަ ރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ބަޔާންވެދިޔަ އެގްރިމެންޓް ބާޠިލުކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ގެއްލިފައިވާ މަންފާއެއްކަމުން މި ފައިސާއަކީ ޔޫމެޓްގެ ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގަށާއި، އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއްކަން ޢަދުލު އިންސާފުގެ ހަމަތަކުގެ މަތިން އެނގެން އޮންނަ އޮތުން."

29ސިވިލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރު، މި މައްސަލައިގައި ނަގައިދީފައިވާ ޢަދަދު ތަބްރީރު (Justify) ކުރުމުގައި ދެ ސަބަބެއް ދައްކާފައިވެއެވެ. ފުރަތަމަ ސަބަބަކީ، މި ފައިސާއަކީ ޔޫމެޓް ކޮންސްޓްރަކްޝަނުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ގޮތުގައި ނަގައިދެވޭ ފައިސާއެއްކަމުގައި ބުނާ ސަބަބެވެ. ދެވަނަ ސަބަބަކީ މިއީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި ނަގައިދީފައިވާ ފައިސާއެއް ކަމުގައި ބުނެ ދައްކާފައިވާ ސަބަބެވެ. ތިރީގައި މިވަނީ މި ސަބަބުތަކާމެދު އަހުރެންނަށް ފާހަގަ ކުރެވޭ ކަންކަމެވެ.

30ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަ ކުރެވޭ ފުރަތަމަ ނުކުތާގައި މައްސަލަ ބެލި ފަނޑިޔާރު މި ފައިސާއަކީ އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

31މީގެ އިތުރުން، ވަރކްސް ކޯޕަރޭޝަނުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަންޖެހޭ ތާރީޚާ ހަމައަށް ޕްރޮޖެކްޓަށް ތަކެތި ހުސްކޮށްގެން ތިބެން ޖެހުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދުވާލަކަށް 47,584/-ރ. (ސާޅީސް ހަތްހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) ގެއްލުން ވެފައިވާކަމަށް ބުނެ އެ ރޭޓުން ޕްރޮޖެކްޓްގެ މުއްދަތު ހަމަވި ދުވަސްކަމުގައިވާ 12 މާރޗް 2012 އިން ފެށިގެން ކޮންޓްރެކްޓް ބާޠިލުވި ދުވަހާ ހަމައަށް ހިނގާފައިވާ ޖުމުލަ 416 (ހަތަރު ސަތޭކަ ސޯޅަ) ދުވަހަށް ޖެހޭ 19,794,944/-ރ. (ނަވާރަ މިލިޔަން ހަތްސަތޭކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާއި، މި ޕްރޮޖެކްޓަށް ޚާއްޞަކޮށްގެން ޔޫމެޓް ކޮންސްޓްރަކްޝަނުން އެލޮކޭޓް ކޮށްފައިވާ އާލާތްތަކާއި ވެހިކަލްތަކަކީ އެ ތަކެތި ކުއްޔަށް ދީގެން ދުވާލަކަށް 39,000/-ރ. (ތިރީސް ނުވަހާސް ރުފިޔާ) ލިބޭނެ ތަކެތި ކަމަށް ބުނެ އެ ރޭޓުން ޕްރޮޖެކްޓްގެ މުއްދަތު ހަމަވި ދުވަސްކަމުގައިވާ 12 މާރޗް 2012 އިން ފެށިގެން ކޮންޓްރެކްޓް ބާޠިލުވި ދުވަހާ ހަމައަށް ހިނގާފައިވާ ޖުމުލަ 416 (ހަތަރުސަތޭކަ ސޯޅަ) ދުވަހަށް ޖެހޭ 16,224,000/-ރ. (ސޯޅަ މިލިޔަން ދެލައްކަ ސައުވީސްހާސް ރުފިޔާ) އާއެކު، ޖުމުލަ 36,018,944/-ރ. (ތިރީސްހަމިލިޔަން އަށާރަހާސް ނުވަސަތޭކަ ސަޅީސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުން ހޯދުމަށްވެސް ސިވިލް ކޯޓުގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެދިފައިވެއެވެ.

32ސިވިލް ކޯޓުން ގެއްލުމުގެ ބަދަލުގައި ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ އެއްބަސްވުމުގައި ހިމެނޭ ޖުމުލަ ފައިސާގެ ޢަދަދުގެ ތެރެއިން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ ފައިސާ އުނިކުރުމުން ބާކީވާ ފައިސާކަން އެނގެއެވެ. މި ފައިސާއަކީ، ދެ ފަރާތުން އެއްބަސްވެފައިވާ ޕޭމަންޓް ޝެޑިއުލަކާ އެއްގޮތްވާ ގޮތުގެމަތިން، ވަކި އުސޫލެއްގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނުން މަސައްކަތް ފުރިހަމަކުރުމުން އެ މަސައްކަތުގެ މުގާބިލުގައި ދޫކޮށް ޚަލާޞްކުރެވޭ ފައިސާއެއްކަމާމެދު މި މައްސަލައިގައި ޚިލާފެއް އުފެދިފައިނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ މި ކޮންޓްރެކްޓްގެ މުގާބިލު (consideration) ގެ ތެރެއިންވާ ފައިސާއެކެވެ. މި މުގާބިލު ފުރިހަމައަށް އެ ފަރާތަށް ލިބޭނެ ގޮތް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންވެފައިވެއެވެ.

33މިކަން އިތުރަށް ކަށަރުވެގެންދާ އެއްކަމަކީ އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާކަމަށް އެ ކުންފުނިން ބުނާ 7,692,991/89ރ. (ހަތްމިލިޔަން ހަލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ އެއްރުފިޔާ އަށްޑިހަނުވަ ލާރި) އަކީ އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ލިބިފައިވާ ފައިސާކަމާމެދު ސިވިލް ކޯޓާއި ހައިކޯޓުގެ މަރުޙަލާގައި ޚުޞޫމަތެއް އުފެދިފައި ނުވެއެވެ. އަދި ވަކިން ޚާއްޞަކޮށް މި ފައިސާއަކީ މި ފަދައިން ދޫކުރެވިފައިވާ ފައިސާއެއްކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ކުންފުނީގެ ފަރާތުން 2018 ޖުލައި 25 ވަނަ ދުވަހާއި 2018 އޮގަސްޓް 13 ވަނަ ދުވަހު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

34މި މައްސަލައިގައި ސިވިލް ކޯޓުން ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ޔޫމެޓް ކޮންސްޓްރަކްޝަނުން ޅ. ކުރެންދޫ ބަނދަރުގައި ކޮށް ނިންމާފައިވާ މަސައްކަތެއްގެ މުގާބިލުގައި ލިބެންޖެހޭ ފައިސާއެއްކަން ސިވިލް ކޯޓާއި ހައިކޯޓުގެ މަރުޙަލާގައި ސާބިތުވެފައި ނުވެއެވެ. ކަންމިހެން އޮތްއިރު، މި ފައިސާއަކީ ޔޫމެޓް ކޮންސްޓްރަކްޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ކަމުގައިވެސް ބެލެވޭނެ ހަމައެއް ނެތެވެ.

35ސިވިލް ކޯޓުން ގެއްލުމުގެ ބަދަލުގައި ނަގައިދީފައިވާ ބާކީވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ކޮން ގެއްލުމެއް ލިބުނުކަން ޝަރީޢަތަށް ސާބިތުވެގެން އެކަމުގެ ބަދަލުގައި ކޮން ގޮތަކަށް ހިސާބުކޮށްގެން ވާސިލުވެވިފައިވާ ޢަދަދެއްކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތެވެ. ނަމަވެސް، މި ރައުޔުގެ 31 ވަނަ ޕެރެގްރާފުގައިވާ ފަދައިން ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެދޭ އެހެނިހެން ގެއްލުމުގެ ބަދަލުތަކުގެ ތަފުސީލާއި، އެ ގެއްލުމުގެ ބަދަލުގައި ހޯދަން އެދޭ ފައިސާގެ ޢަދަދަށް ވާސިލުވި ގޮތް އެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައި އެކަން ސާބިތުކުރުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި އެ ޢަދަދުތައް ނަގައި ދީފައި ނުވަނީ، އެ ޢަދަދުތަކަކީ ޔޫމެޓް ކޮންސްޓްރަކްޝަނުން އަމިއްލައަށް ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދުތަކެއް ކަމަށްވެފައި، އެ ފައިސާއަކީ އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ ސީދާ ގެއްލުމެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ލިބިފައި ނުވާކަން މައްސަލަ ބެލި ފަނޑިޔާރު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 09 ވަނަ ނުކުތާގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ.

36HN5HN6ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ "ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް..." މި ޢިބާރާތާއި އެ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ތަފުސީލުތަކަށް ބަލާއިރު، ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކުރިކަން ނުވަތަ އެއްބަސްވުމުގެ ވަކި ފަރާތަކުން އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކޮށްދިނުމާއި، އެފަދަ ޢަމަލެއްގެ ސަބަބުން ގެއްލުމެއް ލިބުނުކަން ނުވަތަ ލިބިދާނެކަން ސާބިތުކޮށް ދިނުމަކީ ތަފާތު ދެ ކަމެއްކަން އެނގެއެވެ. އަދި އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިކަން ސާބިތުވުމަކީ، ހުރިހާ ޙާލަތެއްގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބުނީކަމުގައި ނުވަތަ ލިބިދާނެ ކަމުގައި ބަލަންޖެހޭނެ ކަމެއް ނޫނެވެ. އަދި އެއީ އަނެއް ބައިވެރިޔާގެ ކިބައިން ގެއްލުމެއްވިނަމަ، އެކަން ސާބިތުކުރުމުގެ ބުރަ ނެތިގެންދާނެ ކަމެއްވެސް ނޫނެވެ. އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިނަމަވެސް، އެ ކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ސާބިތުނުވާނަމަ، އެ ގެއްލުމުގެ ބަދަލެއް ޝަރީޢަތުން ނަގައި ނުދެވޭނެއެވެ.

37HN7HN8ގެއްލުމުގެ ބަދަލުގައި ނަގައިދެވޭ ފައިސާއަކީ، އެއްބަސްވުމާ އެއްގޮތަށް، އެއްބަސްވުމުގެ އިލްތިޒާމުތައް ފުރިހަމަކުރުންމަތީ ދެމިހުރި ފަރާތަށް އެކަމުގެ އިނާމެއްގެ ގޮތުން ނަގައިދެވޭ އެއްޗެއް ނޫނެވެ. މިއާ ޚިލާފަށް ގެއްލުމުގެ ބަދަލަކީ ޝަރީޢަތުގައި ކަންކަން ސާބިތުކުރުމަށް އޮންނަ ހަމަތަކުގެ މަތިން، އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިކަމާއި، އެ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއްވި ކަމާއި، އެ ގެއްލުންވުމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ހިއްސާވާ މިންވަރަކީ ކޮބައިކަމާއި، ގެއްލުން ކުޑަކުރުމަށް މަސައްކަތެއް ކުރިނަމަ އެ މަސައްކަތަކީ ކޮބައިކަމާއި، ގެއްލުމުގެ ބަދަލުގައި އެދޭ މިންވަރާއި، އެއްބަސްވުމުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ހިމެނިފައިވާ އުސޫލު ފަދަ، އެ ގެއްލުމަކާ ގުޅިގެން ޝަރީޢަތަށް ސާބިތުވާންޖެހޭ އަދި ރިޢާޔަތް ކުރަންޖެހޭ އެންމެހައި ކަންކަން ޝަރީޢަތަށް ސާބިތުވެ، އެކަންކަމަށް ރިޢާޔަތް ކުރެވިގެން މެނުވީ ކަނޑައެޅޭނެ އެއްޗެއް ނޫނެވެ.

38މި މައްސަލައަށް ބަލާއިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ މި އުސޫލުން ގެއްލުމުގެ ބަދަލަކާ ގުޅިގެން ޝަރީޢަތަށް ސާބިތުވާންޖެހޭ ކަންކަން ސާބިތުވެގެން ނަގައިދީފައިވާ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެ ފަރާތުން ތިން މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތެވެ. ކަން މިހެން އޮތުމުން، މި ފައިސާއަކީ ގެއްލުމެއްގެ ބަދަލުގައި ނަގައިދީފައިވާ ފައިސާއެއްކަމުގައި ޤާނޫނީ ހަމަތަކުގެ މަތިން ބަލާނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

39HN9އަދި މިއީ ވަރކްސް ކޯޕަރޭޝަނުން ނުވަތަ އެ ކުންފުނީގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލު ކުރިފަހުން އެ މިނިސްޓްރީއިން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ސާބިތު ވުމެއްނެތި ނަގައިދީފައިވާ ފައިސާއެއްކަމުން، މިއީ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފު ޒާކިރު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް، ފާޠިމަތު ވ. އާމިނަތު ޙުސައިން ގައި ބަޔާންކޮށްފައިވާފަދަ، ފާޅުކަން ބޮޑު ގޮތެއްގައި އިންސާފުގެ ހަމަތަކުން ބޭރުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ. އަދި މިއީ، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަމުގައި ބަލައި، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު މި މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ދެކެމެވެ. މި ނުކުތާގައި ގޮތެއް ކަނޑައެޅުމުން މި ރައުޔުގެ 23 ވަނަ ޕެރެގްރާފުގައި ކުރިން އިޝާރާތްކުރި ނުކުތާއާމެދު ގޮތެއް ކަނޑައެޅުނީއެވެ.

ޅ. ކުރެންދޫ ބަނދަރުގެ އެސެސްމަންޓް ރިޕޯޓު

40މި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް ކޮށްފައިވާ ގޮތާމެދު ތައްޔާރު ކޮށްފައިވާ އެސެސްމަންޓް ރިޕޯޓަކީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލު ކުރުމަށްޓަކައި ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން ކަމުގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ. ކަންމިހެން އޮތްއިރު، މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ހައިކޯޓުން ކަނޑައެޅުމުގައި އެ ރިޕޯޓަށް އެ ކޯޓުން ރިޢާޔަތްކޮށްފައިވާ ކަމުގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

41ޅ. ކުރެންދޫ ބަނދަރުގައި ޔޫމެޓް ކޮންސްޓްރަކްޝަނުން ކޮށްފައިވާ މަސައްކަތާމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުރަދަނެއް ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SCA/26 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާއަކާ ޙަވާލާދީއެވެ. އެ ނުކުތާގައި ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި، ފާހަގަ ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"(އ) އަށްވަނަ ކަމަކީ، ދައުލަތުގެ "ޕަބްލިކް ލޯ" ގެޝަޚްޞެއް އެބަހީ، ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއެއް ނުވަތަ މުއައްސަސާއަކުން ދައުލަތުގެ ޢާންމު ޔުޓިލިޓީއެއް (މިރްފަޤު ޢާންމުއެއް) ނުވަތަ ޢާންމު ޚިދުމަތެއް ހިންގުމަށް ނުވަތަ އިންތިޒާމްކުރުމުގެ މަޤްޞަދުގައި އަމިއްލަ ފަރާތަކާ ނުވަތަ އަމިއްލަ ކުންފުންޏަކާ ދެމެދުގައި ކުރެވޭ މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ މުޖުތަމަޢުގެ ނުވަތަ ދައުލަތުގެ ޢާންމު މަސްލަޙަތަށްޓަކައި، ދައުލަތުގެ އިދާރާއަކާއި އަމިއްލަ ޚާއްސަ މަސްލަޙަތަށްޓަކައި މަސައްކަތްކުރާ އަމިއްލަ ފަރާތަކާއި ދެމެދުގައި ކުރެވޭ ކޮންޓްރެކްޓްތަކަކަށް ވާއިރު، މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ މަސްލަޙަތުގެ ގޮތުން ހަމަހަމަ ދެ ފަރާތެއްގެ މެދުގައި ކުރެވޭ ކޮންޓްރެކްޓް ތަކެއްކަމުގައި ނުވާތީ އަމިއްލަ ޚާއްސަ މަސްލަޙަތުތަކަށްޓަކައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުޠްލަޤް "ސިވިލް ކޮންޓްރެކްޓްތަކާ ޚިލާފަށް މިފަދަ އިދާރީ ކޮންޓްރެކްޓްތަކުގައި "އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން" (pacta sunt servanda) ގެ އުޞޫލު ހިނގަނީ އެއްވެސް ޤައިދެއް ނުވަތަ ބަނދެވުމެއް ނެތި ނޫންކަމާއި، އިދާރީ ކޮންޓްރެކްޓްތަކުގައި ކޮންޓްރެކްޓްކުރާ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއިން އެ ފަރާތަކާއެކު ކޮންޓްރެކްޓްކުރާ ފަރާތް އިޚުތިޔާރުކުރުން ފަދަ ކަންތަކުގައި އިދާރީ ޤާނޫނު ނުވަތަ ޢާންމު މާލިއްޔަތުގެ ޤާނޫނު ފަދަ ޕަބްލިކް ލޯ ގެ ޤާނޫނެއްގެ ދަށުން ތަބައުވާންޖެހޭ ބަނދެވުންތަކެއް ހުންނަކަމާއި، މިފަދަ އިދާރީ ކޮންޓްރެކްޓްތަކުގެ ތެރޭގައި ކޮންސެޝަން އެގްރީމެންޓް، ސަޕްލައި ކޮންޓްރެކްޓްސް، ކޮންޓްރެކްޓްސް އޮފް ޕަބްލިކް ވަރކްސް ފަދަ ކޮންޓްރެކްޓްތައް ހިމެނޭކަމާއި، މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ އެ ކޮންޓްރެކްޓްގެ އެއް ބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިއަކު ކަމުގައިވާ އިދާރާއަށް ކޮންޓްރެކްޓްގެ ޝަރުޠުތަކަށް ބަދަލުގެނައުމާއި، ކޮންޓްރެކްޓް ތަންފީޒުކުރުވޭ މިންވަރު ބަލަހައްޓައި އަދި އެ ކަމާގުޅިގެން އަޅަންޖެހޭ ޖަޒާއީ ފިޔަވަޅުތައް އެޅުމުގައި ޙައްޤުތަކާއި އިމްތިޔާޒްތަކެއް އޭގެ ޒާތުގައި ލިބިދޭ އަދި އެ ކޮންޓްރެކްޓްގެ ބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިއަކު ކަމުގައިވާ އިދާރާގެ އެކަނި އަމިއްލަ އިޚުތިޔާރުގައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުން ފަދަ ބާރުތަކާއި އިޚްތިޔާރުތައް ކޮންޓްރެކްޓުގެ ބައިވެރިންކަމުގައިވާ، ދައުލަތަށާއި އިދާރާއަށް ލިބިގެންވާ ކޮންޓްރެކްޓްތަކެއްކަން އެނގެން އޮންނައޮތުމެވެ.

42HN10ބުނެވިދިޔަ ޤަޟިއްޔާގައި އެއްބަސްވުމެއްގައި މަސްލަހަތުގެ ގޮތުން ދެ ފަރާތް ހަމަހަމަ ނުވާނީ ކޮން ހާލަތެއްގައިކަން ސާފުކޮށް ބުނެދީފައިވެއެވެ. އެއީ އެ ގައުމެއްގެ ޤާނޫނުގައި އެފަދަ އެއްބަސްވުންތަކުގައި ހުރުން ލާޒިމު ބަނދެވުންތަކެއް ބަޔާންކޮށްފައިވާ ނަމައެވެ. މިކަން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ، "އަލްޢަޤުދު ޝަރީޢަތުލް މުތަޢާޤިދައިނިގެ އުސޫލު ހިނގާނީ އެއްވެސް ޤައިދެއް ނުވަތަ ބަނދެވުމެއްނެތި ނޫންކަމާއި، އިދާރީ ކޮންޓްރެކްޓަކުގައި ކޮންޓްރެކްޓްކުރާ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއިން އެ ފަރާތަކާއެކު ކޮންޓްރެކްޓް ކުރާ ފަރާތް އިޚްތިޔާރު ކުރުންފަދަ ކަންތަކުގައި އިދާރީ ޤާނޫނު ނުވަތަ ޢާންމު މާލިއްޔަތުގެ ޤާނޫނުފަދަ ޕަބްލިކް ލޯގެ ޤާނޫނެއްގެ ދަށުން ތަބާވާންޖެހޭ ބަނދެވުންތަކެއް ހުންނަކަމާއި.." މި ޢިބާރާތުން އެނގެއެވެ.

43HN11ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ރަށްރަށުގެ ފަޅު ފުން ކުރުމާއި، ބަނދަރު ހެދުމާއި، ނަރުދަމާ އެޅުންފަދަ ކަންކަން ކުރުމަށްޓަކައި ދައުލަތާއި ޢާންމު ފަރުދުންނާ ދެމެދު ވެވޭ އެއްބަސްވުން ތަކުގައި، ސާފު ޢިބާރާތުން ލިޔެފައިނެތް ނަމަވެސް، ޟިމްނީ ގޮތެއްގައި (Impliedly) އެ ފަދަ އެއްބަސްވުންތަކުގައި އެ ޝަރުޠުތަކަށް ޢަމަލުކުރުން ލާޒިމުވާ ޝަރުޠުތަކެއް ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. މިސާލަކަށް އެއްބަސްވުމެއްގައި ކޮންމެ ގޮތަކަށް ބަޔާންވެފައިވީ ނަމަވެސް، ކުރާ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށްޓަކައި ދައުލަތުން ބޭނުންވާ ވަގުތަކު ބޭނުންވާ މިންވަރެއްގެ އެސެސްމަންޓެއް ހެދުންފަދަ ކަންކަމުގެ ބާރާއި އިޚްތިޔާރުތައް ދީފައިވާ ޤާނޫނެއް ރާއްޖޭގައި ނެތެވެ. މިފަދަ ޤާނޫނުތަކެއް ނެތް ހާލަތުގައި އެއްބަސްވުމާ ގުޅިގެން ނިންމާ ނިންމުންތަކުގެ އަސާސަކަށްވާނީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެވެ.

44މި މައްސަލައަށް ބުނެވިދިޔަ އުސޫލު ތަޠުބީޤު ކުރާއިރު، އެއްބަސްވުން ނިމުމަކަށް ގެނައުމާ ހަމައަށް، އެއްބަސްވުމުގެ ދަށުން ކުރަމުންދިޔަ މަސައްކަތުގެ ފެންވަރާމެދު އެއްވެސް ފަރާތަކުން ހިތްހަމަ ނުޖެހިގެން އެކަން ޔޫމެޓް ކޮންސްޓްރަކްޝަންގެ ސަމާލުކަމަށް ގެނައިކަން މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ. އަދި ތިންވަނަ ފަރާތެއް މެދުވެރިކޮށް މަސައްކަތުގެ ފެންވަރު ބެލުމަށް އެސެސްމެންޓެއް ހެދުމަށް އެއްބަސްވެފައިވާކަން ވެސް އެނގެން ނެތެވެ.

45ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ ޅ. ކުރެންދޫ ބަނދަރުގައި މަސައްކަތްކޮށްފައިވާ ގޮތުގެ ފެންވަރު އަންގައިދޭ އެސެސްމަންޓް ރިޕޯޓަށް ބުރަދަނެއް ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްސަލައިގައި ކަނޑައަޅާފައިވާ ކަމާގުޅުންހުރި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެންނަށް ނުފެނެއެވެ.

އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިވަނީ މަސްލަހަތު ފުށުއަރާ ފަރާތަކުންކަން ނުވަތަ ނޫންކަން

46މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް ކޮށްފައިވާ ގޮތާމެދު ތައްޔާރު ކޮށްފައިވާ އެސެސްމަންޓް ރިޕޯޓާމެދު ޔޫމެޓް ކޮންސްޓްރަކްޝަނުން ފާހަގަކުރާ އެއް ކަމަކީ އެ ރިޕޯޓަކީ މަސްލަހަތު ފުށުއަރާ، ވާދަވެރި ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމުގައިވާތީ، އެ ރިޕޯޓަށް ބުރަދަނެއް ދެވިގެން ނުވާނެ ކަމަށެވެ.

47HN12މައްސަލައާ ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރަކީ ސަރުކާރެވެ. އަދި އެ ކުންފުންޏަކީ ޔޫމެޓް ކޮންސްޓްރަކްޝަންއިން ޅ. ކުރެންދޫ ބަނދަރު ހެދުމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށްފަހު، އެ މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުންޏެވެ. އެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ އެ ކުންފުނިން ހެދި އެސެސްމަންޓްގެ ނަތީޖާގެ މައްޗަށް ކަމުގައިވުމުން އެ ނަތީޖާ އެ ކުންފުނީގެ މަސްލަހަތަށް ފަހިވާގޮތަށް ނެރުމުގެ ފުރުސަތު އޮންނާނެއެވެ. މި ތަނުގައި މުހިންމީ ޙަޤީޤަތާ ޚިލާފު ރިޕޯޓެއް ހަދައި މަންފާ ލިބިފައިވުމެއް ނޫނެވެ. މަންފާއެއް ލިބިދާނެކަމަށް ބެލެވުން ފުދެއެވެ. ކަންމިހެން އޮތުމުން، ވާހަކަ ދެކެވޭ އެސެސްމަންޓް ރިޕޯޓަކީ މަސްލަހަތު ފުށުއަރާ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމުގައި ބަލަންޖެހެއެވެ.

48މި އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިވަނީ، އެއްބަސްވުމުގައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް ނޫން އެހެން ކުންފުންޏަކުން ކަމުގައިވީނަމަ، ނުވަތަ އެ ކުންފުނިން މި ރިޕޯޓު ހެދުމަށްފަހު އެ ބަނދަރު ހެދުމުގެ މަސައްކަތް އެކުންފުންޏާ ގުޅުމެއްނެތް އެހެން ކުންފުންޏަކާ ޙަވާލުކުރިނަމަ މި ނަތީޖާ ތަފާތުވީހެވެ.

49HN13މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ ވާޤިޢާތަކަކީ އެ ކަންކަމާމެދު ސުވާލު ނުއުފެދޭ އަދި އެކަންކަން އެނޫން ގޮތަކަށް ހުރިކަން ސާބިތުކުރެވިފައިވާ ވާޤިޢާތަކެއް ކަމުގައި ނުވާތީ އެކަންކަމަށް ރިޢާޔަތް ކުރެވެންޖެހޭނެ ކަމަށް މި މައްސަލައިގައި ދައުލަތުން ވަކާލާތު ކޮށްފައިވެއެވެ. ނަމަވެސް، މި ކަންކަމަށް ރިޢާޔަތްކުރެވޭނީ އޭގެ ކުރިން އެ ރިޕޯޓު ބަލައިގަތުމާމެދު އުފެދޭ ސުވާލަށް ޖަވާބު ހޯދުމަށްފަހު އެ ރިޕޯޓު ބަލައިގަތުމަށް ނިންމޭ ހާލަތުގައެވެ. މި މައްސަލައިގައި އެ ރިޕޯޓު ބަލައިގަތުމުގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ މަސްލަހަތު ފުށުއަރާ، ވިޔަފާރީގެ ވާދަވެރިއެއްގެ ރިޕޯޓު ބަލައިގަތުމުގެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ލިބިފައިވަނީ މި ރައުޔުގެ 47 ވަނަ ޕެރެގްރާފުގައިވާ ފަދައިން އީޖާބީ ގޮތެއްގައި ނޫނެވެ. ވުމާއެކު، އެ ރިޕޯޓުން ލިބޭ ހެކީގެ ބުރަދަން ވަޒަން ކުރަންޖެހޭނެ ކަމުގައި ނުދެކެމެވެ.

ހިޖުރީ ތާރީޚާއި މީލާދީ ތާރީޚު ފުށުއެރުން

50މި މައްސަލައާ ގުޅިގެން 07 ޖެނުއަރީ 2021 ގައި މި ކޯޓުގައި ބޭއްވުނު އިސްތިއުނާފީ ޝަރީޢަތުގެ އަޑުއެހުމުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ ޖޮއިންޓް ވެންޗަރ އެއްބަސްވުން ބާޠިލުކުރި ތާރީޚު ސާފު ކުރުމަށްފަހު އެކަން ލިޔުމުން އެންގުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ދައުލަތަށް) ފުރުސަތު އެރުވިފައިވެއެވެ. މި ދެވުނު ފުރުސަތުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެ އޮފީހުގެ ނަންބަރު 32CLDB1/197/2021/15 (20 ޖެނުއަރީ 2021) ސިޓީއިން އެ ތާރީޚާމެދު އެ އޮފީހަށް ފެންނަ ގޮތް ބަޔާން ކޮށްދީފައިވެއެވެ.

51މި ތާރީޚު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދިފައިވަނީ މި އެއްބަސްވުން ބާޠިލުކުމުގައި ދައުލަތުން ބަރޯސާވިކަމަށް ބެލެވޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީން ތައްޔާރުކޮށްފައިވާ ޅ. ކުރެންދޫ ބަނދަރުގެ އެސެސްމަންޓް ރިޕޯޓުގައިވާ ތާރީޚަކީ 17 އަދި 18 ޑިސެމްބަރ 2012 ގެ ތާރީޚަށްވެފައި އޭގެ ކުރިން 10 މާރޗް 2012 ގައި އެއްބަސްވުން ބާޠިލު ކުރިކަން އަންގައި ސިޓީ ފޮނުވާފައި އޮތުމުންނާއި، އަދި އެ ތާރީޚުގެ ފަހުން 17 އޭޕްރިލް 2012 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެ ދުވަސްވަރު އެފަދަ މަސައްކަތް ކުރަމުންދާ އެއްވެސް ރަށެއްގެ މަސައްކަތް ހުއްޓުވަން އެ މިނިސްޓްރީން ނިންމާފައި ނުވާކަމަށް ޔޫމެޓް ކޮންސްޓްރަކްޝަނަށް އެ މިނިސްޓްރީގެ ނަންބަރު 138ES2/PRIV/2012/480 (17 އޭޕްރިލް 2012) ސިޓީއިން އަންގާފައިވާކަމަށް ލިޔެކިޔުންތަކުން ފެންނާތީ މި ފުށުއެރުންތައް ސާފު ކުރުމުގެ ގޮތުންނާއި، މި މައްސަލައަކީ އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާމެދު ބަހުސްކުރެވޭ މައްސަލައެއް ކަމުގައިވާތީ އެ ތާރީޚު ސާފުވެފައި އޮތުމަކީ މުހިންމު ކަމެއްކަމުގައި ފެންނާތީއެވެ.

52އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެ ސިޓީއަށް ބަލާއިރު، އެއްބަސްވުން ބާޠިލު ކުރިކަން އަންގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފޮނުވި އެ މިނިސްޓްރީގެ ނަންބަރު 138ES2/PRIV/2012/108 ސިޓީގައި 10 މާރޗް 2012 ޖެހިފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި، ރަނގަޅު ތާރީޚަކީ 10 މާރޗް 2013 ކަމުގައި ބުނެފައިވެއެވެ. އަދި މި ކަން ސާފުވަނީ، މީލާދީ ތާރީޚެއްގެ ގޮތުގައި 10 މާރޗް 2012 ލިޔެވިފައިވާއިރު، އެ ސިޓީގައި ހިޖުރީ ތާރީޚެއްގެ ގޮތުގައި 28 ރަބީޢުލްއާޚިރާ 1434 ލިޔެފައިވުމުން ކަމަށާއި، ހިޖުރީ މި ތާރީޚު މީލާދީ ގޮތުން ދިމާވަނީ 10 މާރޗް 2013 އަށް ކަމުގައި އެ ސިޓީގައި ބުނެފައިވެއެވެ.

53ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ހިޖުރީ ތާރީޚު ކަމުގައިވާ 28 ރަބީޢުލްއާޚިރާ 1434 ދިމާވަނީ މީލާދީ ގޮތުން 2013 މާރޗް 10 ވަނަ ދުވަހާއެވެ. ކަން މިހެން އޮތުމުން މި ތާރީޚާމެދު ދެފަރާތުން ދަށު މަރުޙަލާގައި ވާހަކަ ދެކެވިފައިވާކަން ނުވަތަ ނޫންކަމާއި، އެ މަރުޙަލާތަކުގައި ޝަރީޢަތުން މި ތާރީޚާމެދު ނިންމާފައިވާ ގޮތް ބެލުން މުހިންމު ކަމުގައި ދެކެމެވެ. ތިރީގައި މިވަނީ މި ގޮތުން ފާހަގަ ކުރެވޭ ބައެއް މުހިންމު ކަންކަމެވެ.

53.1- އެއްބަސްވުން ނިމުމަކަށް ގެނައި ތާރީޚާމެދު ސިވިލް ކޯޓާއި ހައިކޯޓުގައިވެސް ދެ ފަރާތުން ވާހަކަ ދައްކާފައިވާކަން އެ ދެ މަރުޙަލާގެ ޝަރީޢަތުގެ ބަޔާންތަކުން އެނގެއެވެ. މި ވާހަކަތަކުގެ ތެރޭގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުން ނިމުކަމަށް ގެނެސްފައިވަނީ 10 މާރޗް 2012 ގައި ކަމަށެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނައިކަން އަންގައި ފޮނުވި ސިޓީ އެ ކުންފުންޏަށް ލިބިފައިވަނީ 07 މެއި 2013 ގައި ކަމަށެވެ. އަދި 10 މާރޗް 2012 ގައި އެއްބަސްވުން ނިމުމަކަށް ގެނައި ނަމަވެސް އެ ކުންފުންޏާއި ދައުލަތުގެ އިދާރާތަކާމެދު މި ޕްރޮޖެކްޓާ ގުޅިގެން ތަފާތު މުޢާމަލާތުތަކެއް ކުރެވިފައިވާކަމަށް އެ ކުންފުނީގެ ފަރާތުން ބުނަމުން ގޮސްފައިވެއެވެ.

53.2- ދައުލަތުގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގެ މަރުޙަލާގައި މި ނުކުތާގައި ތަކުރާރުކޮށްފައިވަނީ އެއް ވާހަކަތަކެކެވެ. އެއީ މި އެއްބަސްވުން ނިމުމަކަށް ގެނައިކަން އަންގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ފޮނުވި ސިޓީގައި 10 މާރޗް 2012 ޖެހިފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި، ރަނގަޅު ތާރީޚަކީ 10 މާރޗް 2013 ކަމަށެވެ.

53.3- ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެއްބަސްވުން ނިމުމަކަށް ގެނައި ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ 07 މެއި 2013 ވަނަ ދުވަހެވެ. މިއީ ޔޫމެޓް ކޮންސްޓްރަކްޝަނަށް އެއްބަސްވުން ނިމުމަކަށް ގެނައިކަން އެންގުމަށް ފޮނުވި ސިޓީ އެ ކުންފުންޏަށް ލިބުނުކަމަށް އެ ކުންފުނިން ބުނާ ތާރީޚެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މި އެއްބަސްވުން ބާޠިލުކުރި ތާރީޚު ކަމުގައި ކަނޑައަޅާފައިވަނީ 10 މާރޗް 2013 އެވެ.

54އެއްބަސްވުން ބާޠިލުކުރި ތާރީޚާ މެދު އުފެދިފައިވާ ޚިލާފުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، ދެ ފަރާތުން ދެއްކި ވާހަކަތަކުގައި، ވަރކްސް ކޯޕަރޭޝަންގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލު ކުރެވިފައިވާކަމަށް ވާހަކަ ދެކެވިފައިވާތީ އެކަން ހިނގާފައިވަނީ އެ ފަދައިން ކަން ނުވަތަ ނޫންކަން ޝަރީޢަތުން ބެލުނެވެ. މި ބެލުމުން އެނގިގެން ދިޔައީ 21 ޖޫން 2012 ގައި ވަރކްސް ކޯޕަރޭޝަންގެ މަސައްކަތް، "ޕަބްލިކް ވަރކްސް ސަރވިސަސް" ގެ ނަމުގައި އުފައްދާފައިވާ އިދާރާއެއްގެ ދަށަށް ބަދަލު ކޮށްފައިވާކަމެވެ. އަދި މި އިދާރާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާކަމެވެ. އަދި މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2012/41 ދެންނެވުން (1 ޝަޢުބާން 1433، 21 ޖޫން 2012) އެ އޮފީހުން ނެރެފައިވާކަމެވެ.

55ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ތަފުސީލުކޮށް، ވަރކްސް ކޯޕަރޭޝަނުން ކުރަމުން އައި މަސައްކަތް، 21 ޖޫން 2012 ގެ ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖެހުނު "ޕަބްލިކް ވަރކްސް ސަރވިސަސް" އަށް ބަދަލު ކުރެވިފައިވާކަން ބަޔާންކޮށްފައިވެއެވެ.

56ކަންމިހެން އޮތުމުން، 21 ޖޫން 2012 ގެ ކުރިން، 10 މާރޗް 2012 ގައި ވަރކްސް ކޯޕަރޭޝަނާއި ޔޫމެޓް ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރެއް އެ މިނިސްޓްރީއަށް ލިބިގެންވާކަމުގައި ބެލެވެން ނެތެވެ.

57މި ނުކުތާއާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުގައި 21 ޖޫން 2012 ގެ ފަހުން ވޯކްސް ކޯޕަރޭޝަނުން މި ޕްރޮޖެކްޓާ ގުޅިގެން މުޢާމަލާތުތަކެއް ކޮށްފައިވާކަން ފާހަގަ ކުރި ނަމަވެސް، މި މައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު، 10 މާރޗް 2012 ގެ ފަހުން ޔޫމެޓް ކޮންސްޓްރަކްޝަނާއި ވަރކްސް ކޯޕަރޭޝަނާ ދެމެދު މުޢާމަލާތު ތަކެއް ކުރެވިފައިވީނަމަވެސް، 21 ޖޫން 2012 ގެ ފަހުން ވަރކްސް ކޯޕަރޭޝަންގެ ނަމުގައި އެކުންފުނިން ޔޫމެޓް ކޮންސްޓްރަކްޝަނާ މުޢާމަލާތު ކުރިކަން އެނގޭނެ ލިޔުމެއް ސިވިލް ކޯޓާއި ހައިކޯޓުގެ މަރުޙަލާގައި ހުށަހެޅިފައި ނެތްކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ސިވިލް ކޯޓު މަރުޙަލާގައި ފެންނަން ހުރި ލިޔެ ކިޔުންތަކުން އެންމެ ފަހުން ވަރކްސް ކޯޕަރޭޝަނުން ޔޫމެޓް ކޮންސްޓްރަކްޝަނާ މުޢާމަލާތު ކޮށްފައިވަނީ 11 ޖޫން 2012 ގައި ކަމާއި އެ މުޢާމަލާތުގައި ވާހަކަ ދެކެވިފައިވަނީ އެ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލު ކުރެވޭނެ ވާހަކަ ޔޫމެޓް ކޮންސްޓްރަކްޝަނާ ހިއްސާކުރުމަށް ކަން އެނގެއެވެ.

58މީގެ އިތުރުން، ވަރކްސް ކޯޕަރޭޝަނުން ހިންގަމުންދިޔަ ޕްރޮޖެކްޓްތައް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން މި ޕްރޮޖެކްޓްތައް ހިންގުމަށް ދަތިތަކެއް ހުރިކަން މީޑިއާގައި ދެކެވުނު ވާހަކަތަކާގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ފޮނުވި އެ ކުންފުނީގެ ނަންބަރު UCL/2012/114 (28 މާރޗް 2012) ސިޓީގެ ޖަވާބުގައި "މަސައްކަތް ހިނގަމުންދާ އެއްވެސް ރަށެއްގެ މަސައްކަތް ހުއްޓުވަން މި މިނިސްޓްރީއިން ނިންމާފައިނުވާ ކަމުގައި" އެ މިނިސްޓްރީގެ ނަންބަރު 138ES2/PRIV/2012/480 (17 އޭޕްރިލް 2012) ސިޓީގައި ބުނެފައިވެއެވެ.

59ވުމާއެކު، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ 10 މާރޗް 2013 ގައި ކަމުގައްޔާއި، އެއްބަސްވުން ނިމުމަކަށް ގެނެވިފައިވާކަން އެންގުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޔޫމެޓް ކޮންސްޓްރަކްޝަނަށް ފޮނުވާފައިވާ ސިޓީގައި 10 މާރޗް 2012 ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމުގައި ދެކެމެވެ.

ނިންމުންތަކުގެ ޚުލާޞާ

60މަތީގައި ތަފުސީލު ކުރެވުނު ކަންކަމުގެ އަލީގައި އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެން ދެކެމެވެ.

60.1- އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާގެ އިސްތިއުނާފު ޤަބޫލުކުރުމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން.

60.2- އަދި ސިވިލް ކޯޓުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތެއްގެ މުގާބިލުގައި އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްކަމުގައިވާއިރު، އެ ފައިސާ ނަގައިދީފައިވަނީ އެ ފަދައިން ކޮށްފައިވާ މަސައްކަތެއްގެ މުޤާބިލުގައިކަން އެނގެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން.

61މީގެ އިތުރުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތުގެ ފެންވަރު އަންގައިދޭ އެސެސްމަންޓް ރިޕޯޓަށް ބުރަދަނެއް ދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ ކަމާގުޅުންހުރި ޤާނޫނީ އުސޫލުތައް ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ.

62ޔޫމެޓް ކޮންސްޓްރަކްޝަނާއި ވަރކްސް ކޯޕަރޭޝަނާ ދެމެދު ވެވުނު ޖޮއިންޓް ވެންޗަރ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރި އަސާސް ނެތި ދިއުމުން އެ ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ދެމި އޮންނާނެ ކަމުގައި އަހުރެން ދެކެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 883/CvC/2013 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައި ނުވާ ކަންކަމާމެދު ދަޢުވާ ކުރުމުގެ ޙައްޤު ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިގެންވާ ކަމުގައިވެސް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

63މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

64މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން؛

އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ކޯޓުން ދީފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 883/CvC/2013 ޤަޟިއްޔާގައި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ނަގައިދީފައިވާ 13,416,359/68ރ. (ތޭރަ މިލިޔަން ހަތަރުލައްކަ ސޯޅަހާސް ތިންސަތޭކަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސްއަށް ލާރި) އަކީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާ ފައިސާގެ ޢަދަދެއް ނޫންކަމާއި، އެ ފައިސާއަކީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަރކްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތެއްގެ މުގާބިލުގައި އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްކަން އެނގެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދު ކޮށްފީމެވެ.

އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކޮށްފައިވާ ޅ. ކުރެންދޫ ބަނދަރުގައި މަސައްކަތްކޮށްފައިވާ ގޮތުގެ ފެންވަރު އަންގައިދޭ އެސެސްމަންޓް ރިޕޯޓަށް ބުރަދަން ދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SCA/26) މައްސަލައިގައި ކަނޑައަޅާފައިވާ ކަމާގުޅުންހުރި ޤާނޫނީ އުސޫލުތައް ތަޠުބީޤު ކޮށްފައިވަނީ، ރަނގަޅަށް ނޫންކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން

މަޙާޒު ޢަލީ ޒާހިރު

މުޙައްމަދު އިބްރާހީމް

(ރިޔާސަތު)

ފުޓްނޯޓު

  1. ދަޢުވާގެ ޖަވާބުގައި 29 ޖުލައި 2013 ގައި ދައުލަތުން ހުށަހަޅާފައިވާ ފޯމުގެ 7.11 ވަނަ ޕެރެގްރާފް
  2. މިއީ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން މި އެއްބަސްވުމުގެ ތަފުސީލު އެނގެން އޮތް މިންވަރެވެ.
  3. ޤާނޫނު ނަންބަރު 4/91
  4. އބމ.
  5. ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން (ދައުލަތް)
  6. އބމ.
  7. ރަބީޢުލްއާޚިރު 1436 / 27 ޖަނަވަރީ 2015 ވަނަ ދުވަހު ނެރެފައިވާ ރޫލިންގ
  8. ރަބީޢުލްއާޚިރު 1436 / 27 ޖަނަވަރީ 2015 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ
  9. މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދި ހުށަހެޅި ފޯމުގައި، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ފުރަތަމަ ތިން ސަބަބުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ މި ނުކުތާއެވެ.
  10. ޤާނޫނު ނަންބަރު 4/91
  11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  12. އބމ.
  13. އބމ (ރ)
  14. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 32B/2016/373 (13 އޭޕްރިލް 2016) ސިޓީ
  15. ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު، ސަފުހާ 7
  16. އބމ.
  17. ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފު ޒާކިރު (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SCA/11 ޤަޟިއްޔާ)، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތު (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SCA/46 ޤަޟިއްޔާ)، ފާޠިމަތު ވ. އާމިނަތު ޙުސައިން (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SCA/21 ޤަޟިއްޔާ)
  18. ސުޕްރީމް ކޯޓުގެ ނަންބަރު 197BA1/95/2017/2 ސިޓީ (06 ފެބްރުއަރީ 2017)
  19. އޮކްޓޯބަރ 2017 ގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާން
  20. އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު
  21. އޮކްޓޯބަރ 2017 އަދި 14 އޮގަސްޓް 2017 ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާން
  22. އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2016/HCA/297 ޤަޟިއްޔާގެ ފާހަގަކުރެވޭ ފުރަތަމަ ނުކުތާ، ސަފުހާ 7-8
  23. ޤާނޫނު ނަންބަރު 4/91
  24. ޤާނޫނު ނަންބަރު 4/91
  25. ޤާނޫނު ނަންބަރު 4/91
  26. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SCA/11 ޤަޟިއްޔާ
  27. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SCA/46 ޤަޟިއްޔާ
  28. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SCA/21 ޤަޟިއްޔާ
  29. ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން
  30. ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ހަތަރުވަނަ އަދި ފަސްވަނަ ނުކުތާ، ސަފުހާ 12 އިން 12 އަށް
  31. ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން، 2012/SCA/26، އަޣްލަބިއްޔަތު ރައުޔުގެ ފާހަގަ ކުރެވުނު 08 ވަނަ ނުކުތާ
  32. ނަންބަރު 2012/SCA/26 ޤަޟިއްޔާ
  33. މި ޕްރޮޖެކްޓް އެމް.ޓީ.ސީ.ސީއާ ހަވާލުކުރި 2013 ވަނަ އަހަރު ކުންފުނީގެ 47.8% ހިއްސާގެ ހިއްސާދާރަކީ ސަރުކާރެވެ. އަދި 7.5% ހިއްސާކުރަނީ ސަރުކާރުގެ 100% ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ އެމް.އެން.އެސް.އެލް އިންކަން ކުންފުނީގެ އަހަރީ ރިޕޯޓު 2013 އިން އެނގެއެވެ.
  34. Burns v The Financial Conduct Authority [2017] EWCA Civ 2140
  35. އޭޕްރިލް 2014 ގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
  36. އޮގަސްޓް 2018 ގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރު ބަޔާން
  37. މެއި 2013 ގައި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގެ 11 ވަނަ ޕެރެގްރާފު އަދި 27 ނޮވެމްބަރ 2013 ގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގެ 05 ވަނަ ޕެރެގްރާފު
  38. އޮގަސްޓް 2013 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މަޙުޟަރު ބަޔާން.
  39. ފާހަގަ ކުރެވުނު ނުވަވަނަ ނުކުތާ، އަދި ސިވިލް ކޯޓުގެ ޙުކުމް
  40. ފާހަގަ ކުރެވުނު ދެވަނަ ނުކުތާ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސަފުހާ 10
  41. ވަރކްސް ކޯޕަރޭޝަންގެ ނަންބަރު WCLOD/MIS/2012/50 (11 ޖޫން 2012) ސިޓީ
  42. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SCA/26 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ