ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2018/HC-A/407
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1260/Cv-C/2017 ޤަޟިއްޔާގައި ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފްރީޒްކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ނިންމިއެވެ. ހައިކޯޓުގެ 2018/HC-A/407 ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކުރުމުން، ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ހއ. އަލިދޫއާއި ހއ. ބީނާފުށްޓާއި ކަނޑާލިފިނޮޅު ރިޒޯޓަށް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ ކުލީގެ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދެއްކުމުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން 16 މާރިޗު 2017 ގައި ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރިއެވެ. އެކަން ގަވާއިދު ނަންބަރު 2010/R-20 ގެ 6 ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) އާއި 50 ވަނަ މާއްދާގެ ދަށުން ކުރެވުނީ ޤާނޫނާ ޚިލާފަށްތޯ ބެލުމަށް ކުރި ދަޢުވާއެކެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރިޒޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ ކުލީގެ އެއްބަސްވުންތަކުގައި ކުލި ނުދައްކައިފިނަމަ ލިބޭ ހައްލުތައް ސަރީޙަކޮށް ބަޔާންކޮށްފައިވާއިރު، ގަވާއިދު ނަންބަރު 2010/R-20 އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ބިނާކޮށް ކުއްޔަށް ހިފި ފަރާތުގެ ބޭންކް އެކައުންޓްތައް މީރާއަށް ފްރީޒްކުރެވިދާނެތޯއާއި، އެ ގަވާއިދުގެ ހައްލުތަކަކީ އެއްބަސްވުމުގެ ޒިމްނީ މާއްދާތަކެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ، ކުލި ނުދައްކައިފިނަމަ ލިބޭ ހައްލުތައް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާއިރު އެކައުންޓް ފްރީޒްކުރުމަކީ އެއްބަސްވެފައިވާ ހައްލެއް ނޫން ކަމަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާއާއި 50 ވަނަ މާއްދާގެ ބާރު ކުލި ފަދަ ނޮން-ޓެކްސް ފައިސާއަށް ނުހިނގާ ކަމަށެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ބުނީ، ގަވާއިދު ނަންބަރު 2010/R-20 ގެ 6 ވަނަ މާއްދާއިން ކުލި ހޯދުމުގެ ޒިންމާ އެ އޮތޯރިޓީއަށް ލިބިދީފައިވާ ކަމަށާއި، އިދާރީ ކޮންޓްރެކްޓްތަކުގައި ޤާނޫނުން ލާޒިމްކުރާ ޒިމްނީ މާއްދާތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މިއީ ވިޔަފާރީގެ ކޮންޓްރެކްޓެއް ކަމުން، ދައުލަތަކީ ބައިވެރިޔަކަށް ވިޔަސް ކޮންޓްރެކްޓުގެ ބޭރުން އިތުރު އިސްކަމެއް ނުލިބޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ޒިމްނީ މާއްދާއެއް އުފެދެނީ ކޮންޓްރެކްޓުގައި ސަރީޙަކޮށް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި ކަމުން، ކުލި ނުދައްކައިފިނަމަ ލިކުއިޑޭޓަޑް ޑެމެޖަސްއާއި އެއްބަސްވުން ބާޠިލުކުރުމުގެ ހައްލު ސަރީޙަ މާއްދާތަކުން ބަޔާންކޮށްފައިވާއިރު، ގަވާއިދަކުން ތަޢާރުފުކުރާ އިތުރު ހައްލެއް ހިނގާނީ ދެފަރާތުން ސަރީޙަކޮށް އެއްބަސްވެއްޖެނަމަ ކަމަށާއި، އެއީ ޒިމްނީ މާއްދާއެއް ކަމުގައި ނުބެލެވޭނެ ކަމަށް ނިންމިއެވެ. އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާ ގުޅޭ ނުކުތާތަކަށް ޖަވާބުދޭކަށް ނުޖެހޭ ކަމަށް ބަޔާންކޮށް، ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމްތައް އިއްތިފާޤުން ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް (2018/HC-A/407) އާއި ސިވިލް ކޯޓުގެ ޙުކުމް (1260/Cv-C/2017) ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޒިމްނީ މާއްދާއެއް އުފަންވާނީ ކޮންޓްރެކްޓުގައި ދެފަރާތް އެއްބަސްވާ ގޮތް ސަރީޙަ އިބާރާތުން ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި، އަދި އެފަދަ މާއްދާއަކާ ނުލައި ކޮންޓްރެކްޓަށް ފުރިހަމައަށް ޢަމަލުކުރެވެން ނެތް ހާލަތްތަކުގައެވެ.
HN2 ޒިމްނީ މާއްދާއެއް އުފަންވޭތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން [2021] SC 79 ގައި ކަނޑައަޅާފައިވާ އުސޫލުތަކަށެވެ: ބުއްދީގެ ހަމަތަކަށް ފެތޭ އިންސާފުވެރި ގޮތަކަށް ވުން، ކޮންޓްރެކްޓުގެ ވިޔަފާރީގެ މަޤްޞަދު ޙާޞިލުކުރަނިވި ގޮތަކަށް ވުން، ސަރީޙަ ބަހުން ނުބުނިނަމަވެސް ހާމައަށް ފެންނަ ގޮތަކަށް ވުން، ސާފުކޮށް ބުނެދެވޭ ގޮތަކަށް ވުން، އަދި ސަރީޙަ މާއްދާއަކާ ތަޢާރުޟު ނުވުން؛ އަދި ޒިމްނީ މާއްދާ ތިން ބާވަތެއް (ކޯޓުތަކުން ދޭހަކުރާ، އާދަކާދައިން ދޭހަކުރާ، ޤާނޫނުގައި ކަނޑައަޅާ) ހުރެއެވެ.
HN3 ރިޒޯޓު ތަރައްޤީކުރުމަށް ދައުލަތާއެކު ވެފައިވާ ކުލީގެ އެއްބަސްވުމަކީ ވިޔަފާރީގެ މުޢާމަލާތެކެވެ. ވިޔަފާރި އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެފަރާތުގެ ރުހުމާއި ޤާނޫނުގެ ކުރިމަތީގައި ބައިވެރިން ހަމަހަމަވުމެވެ؛ ކޮންޓްރެކްޓުގެ ބައިވެރިއަކީ ދައުލަތް ކަމުގައިވިޔަސް، މަދަނީ އެއްބަސްވުމެއްގައި ހައިސިއްޔަތުގެ ނުވަތަ މަޤާމުގެ ސަބަބުން ކޮންޓްރެކްޓުގެ ބޭރުން އިތުރު އިސްކަމެއް ނުވަތަ ފައިދާއެއް ނުލިބޭނެއެވެ.
HN4 ކުލި ނުދައްކައިފިނަމަ ލިބޭ ހައްލުތައް (ލިކުއިޑޭޓެޑް ޑެމެޖަސް، ދެން އެއްބަސްވުން ބާޠިލުކުރުން) އެއްބަސްވުމުގެ ސަރީޙަ މާއްދާތަކުން ބަޔާންކޮށްފައިވާއިރު، ދައުލަތަށް އެ ހައްލުތަކުގެ ބޭނުން ނުހިފައި ގަވާއިދެއްގެ ދަށުން އެހެން ގޮތްތަކެއް ޚިޔާރު ނުކުރެވޭނެއެވެ.
HN5 ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ދައުލަތަށް ބާރުތަކެއް ލިބިދިނުމަކުން، ދެފަރާތް ވަކި ގޮތަކަށް އެއްބަސްވެފައިވާ އެއްބަސްވުންތަކަށް އަސަރެއް ނުކުރާނެއެވެ. ކަނޑައެޅިގެން ޤާނޫނާ ޚިލާފުނުވާހާ ހިނދަކު ދެފަރާތަށް ބޭނުން ގޮތަކަށް އެއްބަސްވުމުގެ މިނިވަންކަން ލިބިގެންވާއިރު، ކޮންޓްރެކްޓުގެ މައްސަލައެއް ހައްލުކުރުމުގައި ކޯޓުތަކުން އެންމެ ފުރަތަމަ ރިޢާޔަތްކުރަންޖެހޭނީ އެ އެއްބަސްވުމަށެވެ.
HN6 ދައުލަތަކީ އެއްބަސްވުމުގެ ފަރާތެއް ކަމުގައިވާއިރު، ޤާނޫނާއި ގަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެއްބަސްވެފައިވާ ގޮތް އެއްފަރާތުން ބަދަލުކުރެވިދާނެކަމަށް ބަލައިގަތުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމުގެ މަބްދައާ ޚިލާފު ކަމެކެވެ. ގަވާއިދެއްގައިވާ އިތުރު ހައްލުތައް (މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒްކުރުން ފަދަ) އެއްބަސްވުމެއްގެ މައްޗަށް ހިނގާނީ ދެފަރާތުން ސަރީޙަކޮށް އެއްބަސްވެ އެއްބަސްވުމަށް އިޞްލާޙު ގެނެސްފިނަމައެވެ؛ އެފަދަ ހައްލުތަކަކީ ޒިމްނީ މާއްދާތަކެއް ކަމުގައި ނުބެލެވޭނެއެވެ.
HN7 އެހެންކަމުން، ކުލި ނުދައްކައިފިނަމަ ޢަމަލުކުރާނެ ގޮތް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާއިރު، ގަވާއިދު ނަންބަރު 2010/R-20 އަށް ހަވާލާދީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ލިބޭކަމަށް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެކެވެ. ޢަމަލުކުރާނެ ގޮތް އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާތީ ޒިމްނީ މާއްދާގެ ބަހުސަކަށް ނުވަތަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 އާއި 50 ވަނަ މާއްދާގެ ތަރަހައަށް ދާކަށް ނުޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 6 ޖޫން 2022 · ރަޖިސްޓްރީކުރީ 19 ސެޕްޓެމްބަރު 2022 · ނިމުނީ 12 ފެބުރުއަރީ 2025 (28.8 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 06 2022/SC-A/78 ޝަރީޢަތް ނިމުނުގޮތް ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 12 ފެބްރުއަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/407 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-135/1995) ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މަރިޔަމް ޔާޝާ، ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ސިނާޒް، ބިޝާމް އެންޑް ސިނާޒް އެލްއެލްޕީ ބޭންކް އެކައުންޓް ފްރީޒްކުރުން، ޒިމްނީ މާއްދާ، އެއްބަސްވުމުގައި ނެތް ހައްލެއް ގަވާއިދެއްގެ ދަށުން ދެވިދާނެތޯ
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 2
ހައިކޯޓުގެ ނިންމުން 5
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 7
ދެފަރާތުން ދައްކާފައިވާ ވާހަކަތައް 8
މި މައްސަލައިގައި އުފައްދާފައިވާ ސުވާލު 11
އެއްބަސްވުންތައް 12
ސުވާލު އުފައްދާ ގަވާއިދު 13
ބޭންކް އެކައުންޓް ފްރީޒްކުރުން 15
ޒިމްނީ މާއްދާ 15
އެއްބަސްވުމުގައި ނެތް ހައްލެއް ނުދެވޭނެކަމަށް ބުނާ ބުނުން 19
އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާ 23
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 23
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 24
ޙުކުމް 24
` ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2025] SC 06 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
C-135/1995، މީގެ ފަހުން "ޔޮޓް ޓުއާރޒް") އާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުންތަކުގެ ދަށުން ޔޮޓް ޓުއާރޒްއިން ދައްކަންޖެހޭ ރިޒޯޓްތަކުގެ ކުއްޔާއި ޖުރިމަނާ ނުދެއްކުމުގެ ސަބަބުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ ނަންބަރު AFN/ECD/2017/63 (16 މާރިޗް 2017) އެންގުމުން ޔޮޓް ޓުއާރޒްގެ އެކައުންޓްތައް ފްރީޒްކުރިއެވެ. އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި1، ކޮންޓްރެކްޓާބެހޭ ޤާނޫނާއި2 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާ3 ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޔޮޓް ޓުއާރޒްގެ ފަރާތުން ސިވިލް ކޯޓުގައި މީރާގެ މައްޗަށް ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ސިވިލް ކޯޓުން ނިންމީ ޔޮޓް ޓުއާރޒްގެ އެކައުންޓްތައް ފްރީޒްކުރި ކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށެވެ.
2ޔޮޓް ޓުއާރޒްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައިވެއެވެ.
3މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޔޮޓް ޓުއާރޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ނިންމި ގޮތެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މީރާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
4މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔޮޓް ޓުއާރޒްއާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުންތަކުގެ ދަށުން ޔޮޓް ޓުއާރޒްއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖުރިމަނާގެ ފައިސާ ނުދެއްކުމުން، ދިވެހިރާއްޖޭގެ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޔޮޓް ޓުއާރޒްގެ އެކައުންޓްތައް މީރާއިން ފްރީޒްކުރި ކުރުމަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށާއި، ރިޒޯޓުތަކުގެ ކުއްޔާއި ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އެކައުންޓްތައް ފްރީޒްކުރުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޔޮޓް ޓުއާރޒްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާގައި ދަޢުވާކުރިއެވެ. އެ ގަޒިއްޔާގައި ނިންމީ މީރާއިން ޔޮޓް ޓުއާރޒްގެ އެކައުންޓްތައް ފްރީޒްކުރި ކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
4.1- ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު އެ ގަވާއިދު ތަންފީޒުކުރުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖުރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، މީރާއިންކަން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާއިބެހޭ ގަވާއިދުގެ4 6 ވަނަ މާއްދާއިން އެނގެން އޮތުމުން، ޔޮޓް ޓުއާރޒްގެ ބޭންކް އެކައުންޓްތައް ހިފަހައްޓާފައިވަނީ ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތުން؛
4.2- ޤާނޫނު މާނަކުރަނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތަކަށްކަމާއި، ޤާނޫނަކަށް ހަވާލާދޭ ފަހަރުތަކުގައި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށްވެސް ހަވާލާދެވޭނެކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާއިންނާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ5 20 ވަނަ މާއްދާގެ (ނ) އިން އެނގެން އޮތުމުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާއިބެހޭ ގަވާއިދާ ޚިލާފުވެފައިވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަން؛
4.3- ހއ. އަލިދޫއާއި ހއ. ބީނާފުށްޓާއި އަދި ކަނޑާލިފިނޮޅު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާ ޔޮޓް ޓުއާރޒްއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ޔޮޓް ޓުއާރޒްއާ މެދު ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާ މާއްދާއެއް ނެތްކަން؛
4.4- މިނިސްޓްރީ އޮފް ޓޫރިޒަމުން ޔޮޓް ޓުއާރޒްއާއެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހއ. އަލިދޫއާއި ހއ. ބީނާފުށްޓާއި އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ފައިސާ ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު6 އެ މައްޗަށް ހިނގާ ބޭންކްތަކަށް އެންގުމަށްޓަކައި މީރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގެ (1) އިން އެނގެން އޮތުމުން، ޔޮޓް ޓުއާރޒްއާމެދު މީރާއިން އަޅާފައިވާ ފިޔަވަޅަކީ ޤާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްކަން ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން އޮތުން؛
4.5- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން މަހުދޫދުކޮށް ހަނިކުރެވޭނެކަމުގައި ބަޔާންކޮށްފައިވާގޮތަށް އެކަން އޮތުމެވެ.
ހައިކޯޓުގެ ނިންމުން
5ޔޮޓް ޓުއާރޒްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
5.1- މިބާވަތުގެ އެއްބަސްވުންތަކުގައި ސަރީހަ ޢިބާރާތުން ބަޔާންކޮށްފައި ނުވިނަމަވެސް، އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ޤާނޫނުގެ ދަށުން ލާޒިމުވާ ކަންތައްތަކަކީ އެއްބަސްވުމުގެ ޒިމްނީ މާއްދާތަކެއް ކަމުގައި ބެލެވޭކަމަށާއި، ޔޮޓް ޓުއާރޒްއާ ދައުލަތާ ދެމެދު ކުރެވިފައިވަނީ ޤާނޫނަކާއި ގަވާއިދުތަކެއްގެ ދަށުން ގައިދުކުރެވޭ މުޢާމަލާތެއްގެ އެއްބަސްވުމެއް ކަމަށާއި، ޤާނޫނުން ލާޒިމުކުރާ ޞައްޙަ އިޖުރާއަތެއްގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ އެއްބަސްވުމުގެ ބޭރުން އެޅޭ ފިޔަވަޅުތަކެއް ކަމުގައި ބަލައި އެ ފިޔަވަޅުތަކަކީ އެއްބަސްވުމާ ޚިލާފު ފިޔަވަޅުތަކެއް ކަމުގައި ނުބެލެވޭނެކަން؛
5.2- ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދުގެ 6 ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، ޓެކުހަށް ނުވިނަމަވެސް، ޤާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައި، ޓެކްސް ފައިސާ ހޯދުމުގައި ޢަމަލުކުރުމުގައި އަޅާ ފިޔަވަޅުތައް އެޅުމުގެ ބާރު އޭރު ޢަމަލުކުރަމުންދިޔަ ޤާނޫނާއި ގަވާއިދުން މީރާއަށް ލިބިދީފައިވާކަން؛
5.3- "ޤާނޫނު" މި ލަފުޒު މާނަކުރުމުގައި ސިވިލް ކޯޓުން ޤާނޫނުއަސާސީގައި މި ލަފުޒު މާނަކޮށްފައިވާގޮތަށް ރިޢާޔަތްކޮށް ހުއްޖަތް ގާއިމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ނުބެލެވޭކަމަށާއި، ޤާނޫނުއަސާސީގައި ލަފުޒު މާނަކުރުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ މި ގޮތަށް ބަޔާންވެފައިވުމަކީ އެހެން ޤާނޫނެއްގައި އެ ލަފުޒު މާނަކުރުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭކަމެއް ނޫންކަމާއި، މިކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ މާއްދާތަކުން ސާފުކަން؛
5.4- ސުޕްރީމް ކޯޓުގެ އާދަމް ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ7 ގަޒިއްޔާއާއި ޒުލައިޚާ ޙަފީޡާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ8 ގަޒިއްޔާ އަދި މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ9 ގަޒިއްޔާތަކާ ޚިލާފަށް މި މައްސަލައިގައި މީރާއިން ހޯދުމަށް މަސައްކަތްކޮށްފައިވާ ފައިސާއަކީ ޓޫރިޒަމާބެހޭ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފައިސާކަމަށާއި، އެހެންކަމުން އެ ގަޒިއްޔާތަކުގައި ކަނޑައެޅިފައިވާ އުސޫލު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭކަން؛
5.5- މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ދައްކަންޖެހޭ ފައިސާ ދައްކަންވީ އިޖުރާއަތެއް ބަޔާންކޮށްފައި ނުވާކަމަށާއި، އެހެންނަމަވެސް، މިބާވަތުގެ މުޢާމަލާތުތައް ރެގިއުލޭޓްކުރެވޭ ގަވާއިދުގައި ބަޔާންކޮށްފައިވަނީ މި ފައިސާ ދައްކަންޖެހެނީ މީރާއަށްކަމަށާއި އަދި މީރާއަށް ފައިސާ ހޯދުމުގައި އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަމަށާއި، އެހެންކަމުން، އެ ޤާނޫނުން ބާރުލިބިގެން އެ ޤާނޫނުގެ ތަރަހައިގެ ތެރޭގައި އެޅޭ ފިޔަވަޅުތަކަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓަށް އޮތް އިސްތިސްނާއީ ހާލަތެއްގެ ތެރެއިން އެޅިފައިވާ ފިޔަވަޅުތަކެއްކަން؛
5.6- މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔޮޓް ޓުއާރޒްއާ ދެމެދު އެއްބަސްވެވުނު ފަހުން (ބައެއް ރަށްރަށް، މިސާލަކަށް ހއ. އަލިދޫ 35 އަހަރަށް ކުއްޔަށްދިނުން) ޤާނޫނަށް އަންނަ ބަދަލަކުން އެފަދަ ކުލި ހޯދުމަށް އޮތް އިޖުރާއަތަށް އަންނަ ބަދަލުތައް އެ އެއްބަސްވުމަށް ތަޠުބީޤުކުރުމީ ރެޓްރޯސްޕެކްޓިވްކޮށް ޤާނޫނު ތަޠުބީޤުކުރުން ކަމުގައި ނުބެލެވޭނެކަމާއި، މިބާވަތުގެ ކޮންޓްރެކްޓްތަކަށް ހިންގުން ލާޒިމު އިފްތިރާޟީ އިލްތިޒާމުތަކުގެ ތެރޭގައި ޤާނޫނުން ބާރުލިބިގެން އެޅޭ ފިޔަވަޅުތަކަކީ އެއް ޚިލާފާއި ގުޅިގެން ދެ އަދަބު ނުދިނުމުގެ މަބާދިއުގެ އުސޫލާ ޚިލާފުކަމެއްކަމުގައި ބެލެވިދާނެކަމަށް ނުދެކޭކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
6ޔޮޓް ޓުއާރޒްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާ އިސްތިއުނާފު ކުރަމުން އިސްތިއުނާފީ 03 (ތިނެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާމެދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.
6.1- ޤާނޫނު އިމްޕްލައިކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި 12 ވަނަ މާއްދާއާ ޚިލާފުވެފައިވުމާއި ކޮންޓްރެކްޓުގައި ނެތް ރެމެޑީތަކެއް ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ނަގައިދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
6.2- ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ ތަރަހަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ10 މައްސަލައިގައި ނިންމާފައި އޮންނަ ގޮތާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާ.
6.3- މީރާގެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އަސާސެއް އޮވެގެންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެފަރާތުން ދައްކާފައިވާ ވާހަކަތައް
7މި މައްސަލައިގެ ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޔޮޓް ޓުއާރޒްގެ ފަރާތުން ބުނެފައިވަނީ ކޮންޓްރެކްޓާ ގުޅޭ ކަންކަން އިންތިޒާމު ކުރެވެންވާނީ އެ ކޮންޓްރެކްޓުން ކަނޑައަޅާ ހަތަރު ފާރުގެ ތެރޭގައިކަމަށާއި، ކޮންޓްރެކްޓްގައި އެ ކޮންޓްރެކްޓްގެ ބައިވެރީންގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައި، އެ ވާޖިބުތަކާއި ޚިލާފުވެއްޖެނަމަ، އެ ޚިލާފަކާއި ގުޅިގެން މައުސޫމް ފަރާތަށް ލިބޭނެ ރެމެޑީ ނުވަތަ ހައްލުތައް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އެ ހައްލުތަކުގެ ބޭރުން ކޮންޓްރެކްޓާއި ޚިލާފުވެގެން އެއްވެސް ހައްލެއް އެއްބަސްވުމުގެ ބައިވެރިއަކަށް ލިބިނުދެވޭނެކަމަށެވެ. މި މައްސަލައިގައިވާ އެއްބަސްވުންތަކުގައި ކުލި ނުދައްކައިފިނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ވާކަމަށާއި، އެކައުންޓް ފްރީޒް ކުރުމަކީ ދެފަރާތުން އެއްބަސްވެފައިވާ ހައްލެއް ނޫންކަމަށެވެ.
8މީގެ ރައްދުގައި މީރާގެ ފަރާތުން ބުނެފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގައި ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު އެ ގަވާއިދު ތަންފީޒުކުރުމާއި ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މީރާއިން ކަމަށް ބަޔާންކޮށްފައި އޮތުމުން، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ނެގޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައުލަތަށް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤާނޫނީގޮތުން މީރާގެ މައްޗަށް ހުރަހެއް ނެތްކަމަށެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއްގެ ދަށުން މީރާއަށް ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ރޯޔަލްޓީއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ އެ ފައިސާ ހޯދުމުގައި މީރާއިން ޢަމަލުކުރަންޖެހޭނީ ޓެކްސްގެ ޤާނޫނުގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާއޮތް ޓެކުހެއް އެފަރާތުން ހޯދުމުގައި މީރާއިން ޢަމަލުކުރާ އުސޫލުންކަން އެނގޭކަމަށެވެ. އެހެންކަމުން، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގައި ބުނާ އުސޫލުން ޢަމަލުކުރުމުގެ ބާރު އޭރު ވުޖޫދުގައި އޮތް ޤާނޫނާއި ގަވާއިދުގެ ދަށުން ލިބޭ ކަމަށެވެ.
9މީގެ އިތުރުން، އިދާރީ ކޮންޓްރެކްޓްތަކުގައި ޤާނޫނުން ލާޒިމްކުރާ ޒިމްނީ މާއްދާތަކުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ލިބޭކަމަށާއި، މީރާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާއިބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅު ތަކެއްކަމަށާއި، އެ ފިޔަވަޅުތައް އެޅުމަށް އެގްރިމަންޓުން އެއްވެސް ހުރަހެއްނެތްކަމަށް މީރާއިން ބުނެއެވެ.
10ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޔޮޓް ޓުއަރޒްއިން ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރަނީ ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ނޮން-ޓެކްސްއާ މެދު ޢަމަލުކުރަންޖެހޭ އުސޫލުކަމަށާއި، މި މައްސަލައިގައިވަނީ ޓެކުހެއް ނޫންކަމަށެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި "ޤާނޫނު" މި ގޮތަށް ބަޔާންކޮށްފައިވަނިކޮށް އޭގެ ތެރެއަށް ވެރިކަން ހިންގުމުގެ ބާރުގެ އަމިއްލަ އިސްނެގުމުން އެކުލަވާލާ ގަވާއިދުތަކާ ޕޮލިސީތައް ވެއްދުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފުކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ11 ގަޒިއްޔާއިން މީރާއަށް ޤާނޫނީގޮތުން މަސައްކަތްކުރެވޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަން ލާޒިމްކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ ކަމަށާއި، ޔޮޓް ޓުއާރޒްއަށް ފައިސާ ދެއްކުން ލާޒިމްކުރާ މަސްދަރަކީ ލީޒް އެގްރިމަންޓް ކަމަށާއި، އެއްބަސްވުމުގައި މީރާއަށް ކުލި ދެއްކުން ލާޒިމްކޮށްފައިނުވާކަމަށެވެ.
11މި ނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާއި އެހެން ގަޟާއީ ނިޒާމުތަކުގައި ޤާނޫނު މާނަކުރުމުގައި ރިޢާޔަތްކުރުމުގެ ޢާންމު އުސޫލަކީ ޤާނޫނެއް ކިޔުމުގައި އެ ޤާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދާ އެކުއެކީގައި ކިޔުންކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި، ޤާނޫނަށް ހަވާލާދެވޭ ފަހަރުތަކުގައި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށްވެސް ހަވާލާދެވޭ ކަމަށާއި، މި މައްސަލައިގައި މީރާއިން ހޯދުމަށް މަސައްކަތްކޮށްފައިވާ ފައިސާއަކީ ޓޫރިޒަމާބެހޭ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދަކުން މީރާއަށް ދައްކަންޖެހޭ ފައިސާކަމަށެވެ.
12އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ޔޮޓް ޓުއަރޒްއިން ބުނެފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގައި ސާފުކޮށް އެ މާއްދާގައިވާ ބާރު ރައްދުކުރެވޭނީ ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ މައްޗަށްކަމަށް ބަޔާންކޮށްފައި އޮންނަކަމަށާއި، މިއީ ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ލިބެންޖެހޭ ކުއްޔާއި ޖުރިމަނާއާ ގުޅިގެން ނުވަތަ މިނޫންވެސް ނޮން-ޓެކްސްއާ ގުޅިގެން އެޅޭނެ ފިޔަވަޅެއް ނޫންކަމަށެވެ.
13މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ 2010 ގައި ދިވެހިރާއްޖެއަށް ޓެކްސްގެ ނިޒާމު ތަޢާރަފުވުމާ ގުޅިގެން ދައުލަތުގެ އިދާރީ އޮނިގަނޑަށް އައި ބަދަލުގެ ތެރޭގައި ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމުގެ ޒިންމާ އެ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދުގެ ދަށުން މީރާއަށް ހަވާލުކުރެވިފައިވާ ކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޮޓް ޓުއާރޒްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޔޮޓް ޓުއާރޒްއިން ދައްކަންޖެހޭ ފައިސާ ހޯދުމުގައި މީރާއިން ޢަމަލުކޮށްފައިވާނީ މި ދެފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށާއި، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާއި، 50 ވަނަ މާއްދާއާއި 47 ވަނަ މާއްދާއަށް ބެލުމުން، ޓެކުހަށްނުވާ، ޤާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ އެހެނިހެން ފައިސާ ހޯދުމުގައި، ޓެކްސްގެ ފައިސާ ހޯދުމަށް ޢަމަލުކުރާ އުސޫލުން ޢަމަލުކުރުމުގެ ބާރު އޭރު ވުޖޫދުގައި އޮތް ޤާނޫނާއި ގަވާއިދުގެ ދަށުން މީރާއަށް ލިބިދޭކަމަށެވެ.
މި މައްސަލައިގައި އުފައްދާފައިވާ ސުވާލު
14ހުށަހެޅިފައިވާ މައްސަލައިގައި ޔޮޓް ޓުއާރޒްއިން އުފައްދާ މައިގަނޑު ސުވާލަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއާ ޔޮޓް ޓުއާރޒްއާ ދެމެދު ރިޒޯޓު ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ޔޮޓް ޓުއާރޒްއިން ދައްކަންޖެހޭ ކުލި މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ދައުލަތަށް ނުދެއްކުމުން، ޓޫރިޒަމް ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން މީރާއަށް ބާރުލިބިދޭ ކަމަށް ބުނެ، މީރާއަށް ޔޮޓް ޓުއާރޒްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރެވިދާނެތޯއެވެ. ޔޮޓް ޓުއާރޒްގެ ޝަކުވާއަކީ ދެފަރާތް ދެމެދު ޢަމަލުކުރާ ގޮތް އެއްބަސްވުމެއްގައި ބަޔާންކޮށްފައި އޮއްވައި، ޔޮޓް ޓުއަރޒްއިން އެއްބަސްވުމާ ޚިލާފުވުމުން، ގަވާއިދެއްގެ ދަށުން މީރާއިން ފިޔަވަޅުތަކެއް އެޅުމެވެ.
15މި ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިން މައްސަލައިގެ ވާގިއާތަކަށް އަލިއަޅުވާލާނަމެވެ.
އެއްބަސްވުންތައް
165 މޭ 2005 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޓްރޭންކުއިލިޓީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެމެދު ހއ. އަލިދޫ ކުއްޔަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ބަޔާންކުރާ ކުއްޔަށް ހިފާ ފަރާތުގެ ޙައްޤުތައް ފަހުން ނަޤުލުވެފައިވަނީ ޔޮޓް ޓުއާރޒްއަށެވެ.12 މި އެއްބަސްވުމުގެ 33 ވަނަ މާއްދާގެ ދަށުން ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކިއްޖެނަމަ، ނުދެއްކި އޮތް އަދަދުގެ %0.5 ގެ ރޭޓުން ދުވާލެއްގެ މައްޗަށް ލިކުއިޑޭޓަޑް ޑެމެޖަސް ދައްކަންޖެހޭކަމަށް އޮވެއެވެ. ކުއްޔާއި ލިކުއިޑޭޓަޑް ޑެމެޖަސްގެ އަދަދު ކުލި ދައްކަން އޮތް ތާރީޚުގެ 30 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އެއްބަސްވުމުގެ 44.1 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެއްބަސްވުން ބާޠިލުކުރުމުގެ ބާރު ލިބިފައިވެއެވެ.
17އެހެންކަމުން، ޔޮޓް ޓުއާރޒްއިން ވަކި މުއްދަތެއްގެ ތެރޭގައި ކުލި ނުދައްކައިފިނަމަ، ދެން ފިޔަވަޅު އަޅަންވާ ގޮތް ހއ. އަލިދޫ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.
18މި މައްސަލައިގައި ހިމެނޭ ދެވަނަ އެއްބަސްވުމަކީ ހއ. ބީނާފުށި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމެވެ. ބީނާފުށްޓަކީ އަލިދޫއާ 10 ކިލޯމީޓަރަށްވުރެ ދުރުނޫން ހިސާބެއްގައި އޮތް 5 ހެކްޓަރަށްވުރެ ކުޑަ ރަށެއްކަމަށްވެފައި، އެއިރުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރިޒޯޓު ތަރައްޤީކުރާ ފަރާތްތަކަށް 10 ކިލޯމީޓަރަށްވުރެ ދުރު ނޫން އަދި 5 ހެކްޓަރަށްވުރެ ކުދި ރަށްތައް ކުއްޔަށް ދޫކުރުމުގެ އުސޫލެއް ގެންގުޅޭތީ، ޔޮޓް ޓުއާރޒްއަށް ބީނާފުށި ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި އެ ރަށާއެކު އެ ރަށާ ޖެހިގެން އޮތް ފިނޮޅު (ކަނޑާލިފިނޮޅު) ވެސް ކުއްޔަށް ދޫކޮށްފައިވެއެވެ.13
19ހއ. ބީނާފުށި އަދި ކަނޑާލިފިނޮޅު ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 އޮކްޓޯބަރު 2013 ގައެވެ. އެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ސީ) ގައި ކުލި ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ ނުދައްކާވާ ކޮންމެ ދުވަހެއްގެ މައްޗަށް %0.5 ގެ ލިކުއިޑޭޓަޑް ޑެމެޖަސް އަރާނެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އަދި 20 ވަނަ މާއްދާގެ (އޭ) ގެ ދަށުން ކުލި ދައްކަން އޮތް ތާރީޚުގެ 60 (ފަސްދޮޅަސް) ދުވަސް ފަހުން ކުއްޔާއި ލިކުއިޑޭޓަޑް ޑެމެޖަސް ނުދައްކާވާނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބިދެވިފައިވެއެވެ.
ސުވާލު އުފައްދާ ގަވާއިދު
20މި މައްސަލައިގައި ސުވާލު އުފައްދާ ގަވާއިދަކީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010/R-20) އެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 30 ޑިސެންބަރު 2010 ގައެވެ.14 މި ގަވާއިދަކީ މިހާރު އުވާލެވިފައިވާ ގަވާއިދެއް ނަމަވެސް، މި ގަވާއިދުގެ ދަށުން 1 ޖަނަވަރީ 2021 ގެ ކުރިން ދައްކަންޖެހޭ ކުއްޔާ ގުޅިގެން އަރާފައިވާ ކުއްޔާއި ޖޫރިމަނާއާއި އަދާކުރަންޖެހޭ އެހެނިހެން އިލްތިޒާމުތައް އެފަހުން ޢަމަލުކުރަންފެށި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ހިނގާނެކަމަށް، ފަހުން ޢަމަލުކުރަންފެށި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.15
21ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010/R-20) އަށް 30 ޑިސެންބަރު 2010 ގައި ޢަމަލުކުރަންފެށި އިރު އެ ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
މި ގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މި ގަވާއިދު ތަންފީޒު ކުރުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.
22މި މާއްދާއަށް އިސްލާހެއް ގެނެވި އެ އިސްލާހަށް ޢަމަލުކުރަން ފަށާފައިވަނީ 21 އޭޕްރިލް 2011 ގައެވެ.16 އެ އިސްލާހަށް އިތުރު ކުރެވިފައިވަނީ 1 ޖަނަވަރީ 2011 ގެ ކުރިން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ފަދަ ތަންތަނުން ދައްކަމުން އައި ކުލީގެ ތެރެއިން ދައްކަންޖެހި ނުދައްކާވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާއިން ކަމަށެވެ.
ބޭންކް އެކައުންޓް ފްރީޒްކުރުން
2316 މާރޗް 2017 ގައި މީރާއިން ޔޮޓް ޓުއަރޒްއަށް ފޮނުވާފައިވާ ނަންބަރު AFN/ECD/2017/63 "ބޭންކް އެކައުންޓް ހިފެހެއްޓުމަށް ފޮނުވިފައިވާކަން އެންގުން" ގައި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ޢަދަދެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އެފަދަ ފަރާތެއްގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ ބާރު، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު17 އެ މައްޗަށް ހިނގާ އެންމެހައި ބޭންކުތަކަށް އެންގުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީއަށް އެންގުމުގެ އިޚްތިޔާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގެ ދަށުން މީރާއަށް ލިބިގެންވާކަމަށް ފާހަގަކޮށްފައިވެއެވެ.
24އަދި އެހެންކަމުން ޔޮޓް ޓުއާރޒްގެ ފަރާތުން ހއ. ބީނާފުށްޓާއި ކަނޑާލިފިނޮޅު އަދި ހއ. އަލިދޫގެ ކުލި އަދި ޖުރިމަނާއަށް ނުދައްކާވާ ފައިސާ ހޯދުމަށްޓަކައި ޔޮޓް ޓުއާރޒްގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށް އަންގާ އެންގުން ބޭންކުތަކަށް ފޮނުވިފައިވާކަމަށް އަންގާފައިވެއެވެ. އަދި ނުދައްކާވާ ފައިސާ ދައްކާ އެއްކޮށް ޚަލާސްކުރުމާ ހަމައަށް ނުވަތަ ފައިސާ ދައްކަންވާ ގޮތުގެ އެއްބަސްވުމެއްގައި މީރާއާއެކު ސޮއިކުރުމާ ހަމައަށް، ހިފެހެއްޓިފައިވާ އެކައުންޓްތައް ދޫނުކުރެވޭނެކަމަށް އެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ.
ޒިމްނީ މާއްދާ
25އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާގައި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010/R-20) ޔޮޓް ޓުއަރޒްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ހިނގާފައިވާ މުޢާމަލާތުގެ މައްޗަށް ހިނގާނެކަމަށް ކަނޑައަޅާފައިވާ ސަބަބު ބިނާވަނީ އެ ގަވާއިދުގައިވާ ކަންކަމަކީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ޒިމްނީ މާއްދާއެއްކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
26އަދި ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑު ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން18 ގަޒިއްޔާގައިވެސް ކޮންޓްރެކްޓް ތަކުގައި އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން (pacta sunt servanda) ގެ އުސޫލު ނުވަތަ އެއްބަސްވުމެއްގެ ބައިވެރިންގެ މައްޗަށް އެއްބަސްވި ކަންކަން ބަނދެވިގެންދާކަމުގެ އުސޫލު އިދާރީ ކޮންޓްރެކްޓުގެ މައްޗަށް ހިނގަނީ އެއްވެސް ގައިދުވުމެއް ނެތިކަމަށް އޮންނަ އޮތުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވެއެވެ. އަދި އެ ގަޒިއްޔާގައި އިދާރީ ކޮންޓްރެކްޓްތަކަކީ އެ ކޮންޓްރެކްޓްގެ އެއް ބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ އިދާރާއަށް ކޮންޓްރެކްޓުގެ ޝަރުޠުތަކަށް ބަދަލު ގެނައުމާއި، ކޮންޓްރެކްޓް ތަންފީޒު ކުރެވޭ މިންވަރު ބަލަހައްޓައި އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ޖަޒާއީ ފިޔަވަޅުތައް އެޅުމުގައި ޙައްޤުތަކާއި އިމްތިޔާޒުތަކެއް އޭގެ ޒާތުގައި ލިބިދޭ ކޮންޓްރެކްޓް ތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ.19
27ހައިކޯޓުން އިތުރަށް ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ20 ގަޒިއްޔާގައި ނެކްސްބިޒް މައްސަލަ ތަފްސީލުކޮށްދީފައިވާ ކަމަށާއި، އެގޮތުން މަސްލަހަތުގެ ގޮތުން ދެފަރާތް ހަމަހަމަ ނުވަނީ ޤައުމެއްގެ ޤާނޫނުގައި އެފަދަ އެއްބަސްވުންތަކުގައި ހުރުން ލާޒިމު ބަނދެވުންތަކެއް ބަޔާންކޮށްފައިވާނަމަ ކަމަށެވެ.
28ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ބިނާވަނީ އިނގިރޭސި ކޯޓުތަކުން ނިންމާފައިވާ ކޮންޓްރެކްޓާގުޅޭ ހަމަތަކަށް ކަމުން، ކޮންޓްރެކްޓާބެހޭ ޢާންމު އުސޫލުތައް މާނަކުރުމުގައި އިނގިރޭސި ވިލާތުގެ ކޯޓުތަކުން ބޭނުންކުރާ ކޮންޓްރެކްޓާ ގުޅޭ ޢާންމު އުސޫލުތަކަށް މިފަހުގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ރިޢާޔަތްކޮށްފައިވެއެވެ.21
29ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޒިމްނީ މާއްދާގެ މަފްހޫމް ބޭނުންކޮށްފައިވާތީ، ޒިމްނީ މާއްދާއަކީ ކޮބައިކަން ބަލައިލަންޖެހެއެވެ.
30ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް22 ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 22 ވަނަ ޕެރެގްރާފުގައިވާ އިބާރާތް ތިރީގައި ނަކަލުކުރަމެވެ.
"ކޮންޓްރެކްޓާބެހޭ ގާނޫނުގެ އަސާސީ ފަލްސަފާ އަކީ ދެފަރާތުން އަމިއްލަ އިޚްތިޔާރުގައި އެއްބަސްވެފައިވާ އެއްބަސްވުން އެ އޮތްގޮތަށް ކޯޓުން ތަންފީޒުކޮށް ދިނުމެވެ. ނަމަވެސް ކޮންޓްރެކްޓުގައި ސަރީހަ ބަހުން މާއްދާއެއް ލިޔެފައި ނެތްނަމަވެސް، ކޮންޓްރެކްޓުގެ ދަށުން އުފެދިފައިވާ ޚުސޫމަތަށް ހައްލެއް ހޯދައިދިނުމުގެ ޒަރޫރަތްތެރިކަން އުފެދޭ ހާލަތުތަކުގައި ކޮންޓްރެކްޓުގައި ސަރީހަބަހުން ހިމަނާފައި ނުވާ ޒިމްނީ މާއްދާތައް ބޭނުންކޮށްގެން އެ ޚުސޫމަތަށް ހައްލެއް ގެނައުމަށް ކޮންޓްރެކްޓާބެހޭ ގާނޫނުގެ އާންމު އުސޫލުތައް ހުއްދަކުރެއެވެ. މިފަދަ ޒިމްނީ މާއްދާތަކެއް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނާއި މުދާ ވިއްކުމާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުރުމުގެ އިތުރުން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ކޮންޓްރެކްޓާބެހޭ ބައެއް ގަޒިއްޔާތަކުގައިވެސް ކޮންޓްރެކްޓުގައި ހިމެނޭ ބައެއް ޒިމްނީ މާއްދާތައް ދޭހަކޮށް ތަތުބީގުކޮށްފައިވެއެވެ."
31HN1އެހެންކަމުން، ޒިމްނީ މާއްދާއެއް އުފަންވާނީ ކޮންޓްރެކްޓްގައި ސަރީހަ އިބާރާތުން ދެފަރާތުން އެއްބަސްވާ ގޮތް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައެވެ. އަދި އެފަދަ ޒިމްނީ މާއްދާއަކާ ނުލައި އެންމެ ފުރިހަމައަށް ކޮންޓްރެކްޓަށް ޢަމަލުކުރެވެން ނެތް ހާލަތްތަކުގައެވެ.
32HN2ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި، ޒިމްނީ މާއްދާއެއްގެ ބޭނުން ހިފިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް، ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ދެނެގަތުމަށްޓަކައި ޒިމްނީ ޝަރުތު ދޭހަކުރުމުގައި ރިއާޔަތްކުރުމުގައި އިސްކަންދޭންޖެހޭ ބައެއް ކަންކަން ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި؛
(ހ) ޒިމްނީ މާއްދާ ބޭނުންކުރުމަކީ ބުއްދީގެ ހަމަތަކަށްފެތޭ އަދި އިންސާފުވެރި ގޮތެއް ކަމަށް ވުން.
(ށ) އެގޮތަކީ ކޮންޓްރެކްޓުގެ ޒަރީއާއިން ކުރާ ވިޔަފާރީގެ މަގްސަދު ހާސިލުކުރަނިވި ގޮތް ކަމަށްވުން.
(ނ) އެކަމަކީ ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައި ނެތް ނަމަވެސް ކަންވާންޖެހޭ ގޮތް ކަމަށް ހާމައަށް ފެންނަން އޮތް ގޮތް ކަމަށްވުން.
(ރ) އެކަމަކީ އެކަން އޮތްގޮތް ސާފުކޮށް ބުނެދެވެން އޮތް ގޮތެއް ކަމަށްވުން.
(ބ) ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައިވާ ކަމަކާއި އެ ޒިމްނީ މާއްދާ ތައާރަޒުނުވުން.
މިކަންކަން ބަޔާންކޮށްފައިވެއެވެ.
33ކޮންޓްރެކްޓުގައި ތިން ބާވަތެއްގެ ޒިމްނީ މާއްދާ ހުންނަކަމަށް ބުނެވިދިޔަ ގަޒިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.23 އެއީ،
(ހ) ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތަކާއި،
(ށ) އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތަކާއި، އަދި
(ނ) ގާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތައް
ކަމަށް ބަޔާންކޮށްފައިވެއެވެ.
34ޤާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތަކަށް ރިޢާޔަތްކުރާއިރު، އަތަމާ މެރިން އިންޓަރނޭޝަނަލް ގަޒިއްޔާގައި މިސާލެއްގެ ގޮތުގައި ނަގާފައިވަނީ މުދާ ގަނެވިއްކުމާބެހޭ ޤާނޫނުތަކެވެ.24 އެއީ ކޮންމެ ދުވަހަކު ހިނގާ މުޢާމަލާތްތައް ކަމުގައިވާއިރު އެފަދަ ކޮންމެ މުޢާމަލާތެއްގައި ބޮޑު އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ލިޔުމުން ނޯވެދާނެއެވެ. އަދި ލިޔުމުން އެއްބަސްވުމެއް އޮންނަ ހާލަތުގައިވެސް ޤާނޫނުގައި ބަޔާންކުރާ ބައެއް ޒިމްނީ ޝަރުޠުތައް އެއްފަރާތް ކުރުމުގެ ބާރު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.
35ޤާނޫނަކުން އުފެދޭ ޒިމްނީ ޝަރުޠުތަކުގެ އެހެން މިސާލެއް ނަގާނަމަ ވަޒީފާއާބެހޭ ޤާނޫނުގައިވާ ޒިމްނީ ޝަރުޠުތައް މިސާލަކަށްވާނެއެވެ. ދެފަރާތް ދެމެދު އޮތް ވަޒީފާއާބެހޭ އެއްބަސްވުމުގައި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ ސާފު އުސޫލެއް ބަޔާންކުރެވިފައި ނުވާ ހާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކަށް ޓްރައިބިއުނަލްއާއި ކޯޓުތަކުން ރުޖޫއަވެއެވެ.
އެއްބަސްވުމުގައި ނެތް ހައްލެއް ނުދެވޭނެކަމަށް ބުނާ ބުނުން
36ކުރިންވެސް ފާހަގަކުރި ފަދައިން، މި މައްސަލައިގައި ޔޮޓް ޓުއަރޒްގެ ޝަކުވާއަކީ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކައިފިނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތް ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި އޮތް ކަމަށާއި، އަދި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010/R-20) އާ ހަވާލާދީ، މީރާއަށް ޔޮޓް ޓުއަރޒްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ ބާރު ނެތްކަމަށް ބުނާ ބުނުމެވެ.
37HN3މީރާއަށް ޔޮޓް ޓުއަރޒްގެ އެކައުންޓް ފްރީޒްކުރުމަށް ބާރު ލިބޭކަމަށް ދައްކާ ޤާނޫނީ ހުއްޖަތްތައް ބަލިކަށި ކަމުގައި އަހުރެން ދެކެމެވެ. ފުރަތަމަ ކަމަކަށް، މި މައްސަލައިގައި ހިމެނެނީ ވިޔަފާރީގެ މުޢާމަލާތެކެވެ. އިދާރީ ކޮންޓްރެކްޓް މިއީ ރާއްޖޭގައި ވުޖޫދުވެ އޮންނަ އެއްޗެއްތޯއާއި އިދާރީ ކޮންޓްރެކްޓްގެ ތަބީއަތާ ގުޅޭ ބަހުސަކަށް ދާކަށް ނެތީމެވެ. މި މައްސަލައިގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓު ތަރައްޤީ ކުރުމާ ގުޅޭ ފަތުރުވެރިކަމުގެ ވިޔާފާރިއާ ގުޅޭ ވިޔަފާރީގެ ކޮންޓްރެކްޓެކެވެ. މިއީ ވިޔަފާރީގެ މުޢާމަލާތެކެވެ. ވިޔަފާރި އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެފަރާތުގެ ރުހުމާއި ކޮންޓްރެކްޓުގެ މާއްދާތަކާއި ކޮންޓްރެކްޓުގެ ބައިވެރިން ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުމެވެ. ކޮންޓްރެކްޓުގެ ބައިވެރިއަކީ ދައުލަތްކަމުގައި ވިޔަސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓުގެ ވަކި ބައިވެރިއަކަށް ކޮންޓްރެކްޓުގެ ބޭރުން، އޭނާގެ ހައިސިއްޔަތުގެ ސަބަބުން ނުވަތަ މަޤާމުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނެތުމެވެ.
38HN4ދެވަނަ ކަމަކަށް، ކުލި ދެއްކުމާ ގުޅޭ ގޮތުން ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކުރުމަށް ކުލި ލިބެންވާ ފަރާތްކަމުގައިވާ ދިވެހި ދައުލަތް ނުކުޅެދިފައިވޭތޯ އާއި ދެފަރާތް ދެމެދުވި އެއްބަސްވުންތަކުގައި މިކަމަށް ހައްލެއް ލިބިދެވިފައި ނުވޭތޯ ކުރާ ސުވާލަށް ޖެހިލާނަމަ، އެއްބަސްވުންތަކުގެ ސާފު ސަރީހަ އިބާރާތްތަކުން ކުއްޔަށް ހިފި ފަރާތުން ކުލި ނުދައްކައިފިނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުންތަކުގައި ކުލި ނުދެއްކުމުން، ދެން ދައުލަތުން ޢަމަލުކުރަންވީ ގޮތް ސަރީޙަ މާއްދާތަކުން (express terms) ބަޔާންކޮށްފައިވެއެވެ. ދެފަރާތުގެ ނިޔަތަކީ ކޮބައިކަމާއި، މި އެއްބަސްވުންތައް ތަންފީޒު ކުރަން ދެން ޢަމަލުކުރަންޖެހޭ ގޮތާ މެދު އެއްވެސް ސުވާލެއް އުފެދިފައިނުވެއެވެ. އެގޮތުން، ޔޮޓް ޓުއަރޒްގެ ފަރާތުން ކުލި ނުދައްކައިފިނަމަ، އެންމެ ފުރަތަމަ މި އަރަނީ ލިކުއިޑޭޓަޑް ޑެމެޖަސްއެވެ. މިވެސް އަރަނީ ވަކި މުއްދަތަކަށެވެ. އެއްބަސްވުންތަކުގައި ބަޔާންކުރާ މުއްދަތުތައް ފާއިތުވާ ފަހުންވެސް އެ ފައިސާ ޔޮޓް ޓުއަރޒްއިން ނުދައްކައިފިނަމަ، ދައުލަތަށް އެއްބަސްވުންތައް ބާޠިލުކުރުމުގެ ބާރު ލިބިގެންވެއެވެ. މި މައްސަލައިގައި ޔޮޓް ޓުއަރޒްގެ ފަރާތުން ބުނަނީވެސް މިހެންނެވެ. ދެ ފަރާތް ދެމެދު އެއްބަސްވި ގޮތަށް ދައުލަތަށް ރެމެޑީތަކެއް ނުވަތަ ހައްލުތަކެއް ލިބިގެންވާއިރު އެ ހައްލުތަކުގެ ބޭނުން ހިފުމެއް ނެތި ގަވާއިދެއްގެ ދަށުން އެހެން ގޮތްތަކެއް ޚިޔާރު ނުކުރެވޭނެކަމެވެ.
39HN5ތިންވަނަ ކަމަކަށް، ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުންވެސް ދައުލަތާ އެކިއެކި ފަރާތްތަކާ މެދު ވެފައިވާ އެއްބަސްވުންތަކުގައި ފިޔަވަޅު އެޅުމަށް ދައުލަތަށް ވަކި ބާރުތަކެއް ލިބިފައިވާކަމަށް ކަނޑައެޅުމަކުން، ދެފަރާތް ދެމެދު ވަކި ގޮތަކަށް އެއްބަސްވެފައިވާހާ ހިނދަކު، އެފަދަ އެއްބަސްވުންތަކަށް އަސަރުކުރާނެކަމުގައި އަހުރެން ނުދެކެމެވެ. ކަނޑައެޅިގެން ޤާނޫނަކާ ޚިލާފުނުވާހާ ހިނދަކު، ދެފަރާތުން ބޭނުން ގޮތަކަށް އެއްބަސްވުމުގެ މިނިވަންކަން ދެފަރާތަށް ލިބިގެންވެއެވެ. ދައުލަތް ކަމުގައިވިޔަސް ކޮންޓްރެކްޓެއްގެ ދަށުން އުފެދިދާނެ މައްސަލައެއް ހައްލު ކުރުމަށް ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ، އަދި އެއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފުކަމެއް ކަމުގައިނުވާނަމަ، ކޯޓުތަކުންވެސް ދެފަރާތް ދެމެދު އޮތް މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ މަސްދަރެއްގެ ގޮތުގައި ރިޢާޔަތްކުރަންޖެހޭނީ އެ އެއްބަސްވުމަށެވެ. އަދި އެ އެއްބަސްވުމުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ޒިމްނީ މާއްދާއެއް އުފަންވާ ފަދަ ހާލަތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ އަތަމާ މެރިން އިންޓަރނޭޝަނަލް25 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށެވެ.
40HN6މި މައްސަލައިގައިވާ ފަދައިން، ކުލި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތް އެއްބަސްވުންތަކުގައި އެއްވެސް އޮޅުމެއްނެތި ސަރީހަކޮށް ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ގަވާއިދަކުން ތައާރުފުކުރާ އެހެން ހައްލެއް އެއްބަސްވުންތަކުގެ މައްޗަށް ހިނގަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއްނެތެވެ. އަދި މި ނޫންގޮތަކަށް މާނަކުރުމަކީ ވިޔަފާރީގެ ނަޒަރިއްޔާތަކުންވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ. އެހެނީ ދައުލަތަކީ އެއްބަސްވުމުގެ އެއް ފަރާތް ކަމުގައިވީތީ، ދައުލަތަށް އެއްބަސްވުންތަކުގެ ބޭރުން ޤާނޫނާއި ގަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދެފަރާތުން އެއްބަސްވެފައިވާ ގޮތް އަމިއްލައަށް ނުވަތަ ޔުނިލެޓަރަލީ (unilaterally) ބަދަލުކުރެވިދާނެކަމަށް ކޯޓުތަކުން ބަލައިގަތުމަކީ، ކޮންޓްރެކްޓާބެހޭ މައި އުސޫލުކަމުގައިވާ ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމުގެ މަބްދައުއާ ޚިލާފު، އަދި ދެފަރާތު ދެމެދު ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މުޅި މަޤުސަދާ ޚިލާފު ކަމެއް ކަމުގައިވާތީއެވެ.
41މި މައްސަލައިގައި ކުލި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތް ސާފުކޮށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާއިރު، މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒްކުރުމުގެ ހައްލު ދައުލަތަށް ދެން ބޭނުންކުރެވޭނީ ދެފަރާތް ދެމެދުވި އެއްބަސްވުންތަކުގައި ގަވާއިދުގައިވާ އެ ހައްލު ބޭނުންކުރުމަށް ދެފަރާތުން އެއްބަސްވެ، އެއްބަސްވުންތަކަށް އިސްލާހެއް ގެނެވުނުނަމައެވެ. އެހެން ގޮތަކަށް ބުނާނަމަ، ދެފަރާތުން އެންމެ ފުރަތަމަވި އެއްބަސްވުންތަކުގައި ކުލި ނުދައްކައިފިނަމަ އެއްބަސްވެފައިވާ ހައްލުތަކަކީ ޤާނޫނަކުން މަނާކޮށްފައިވާ ކަންކަން ކަމުގައި ނުވާ ހިނދު، ގަވާއިދެއްގެ ތެރޭގައި ހިމެނިފައިވާ އިތުރު ހައްލުތައް އެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ، އެ ހައްލުތަކަށް ދެފަރާތުން ސަރީހަކޮށް އެއްބަސްވާނަމައެވެ. އެފަދަ ހައްލުތަކަކީ ޒިމްނީ މާއްދާތަކެއް ކަމުގައި ނުބެލެވޭނެއެވެ.
42HN7އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާއާއި، އެ ގަޒިއްޔާއަށް ތާއީދުކުރި ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާގައިވެސް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔޮޓް ޓުއަރޒްއާ ދެމެދު ރިޒޯޓުތަކަށް ކުލި ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެފައިވަނިކޮށް، އަދި އެ ކުލި ނުދައްކައިފިނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތް ދެފަރާތު ދެމެދުވި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުންތަކުގެ ބޭރުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010/R-20) އާ ހަވާލާދީ، މީރާއަށް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފިޔަވަޅުތަކެއް އެޅުމަށް ބާރު ލިބިފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ.
އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާ
43މި މައްސަލައިގެ ކަން ހިނގި ގޮތަށް ރިޢާޔަތްކޮށް، މީރާއިން ޔޮޓް ޓުއަރޒްގެ އެކައުންޓް ފްރީޒްކުރުމުގެ ބާރު ނެތްކަމަށް ބުނެ ހުށަހެޅި ޝަކުވާއަށް ޖަވާބު ދެވިފައިވާކަމަށް ޤަބޫލުކުރަމެވެ. އެހެންކަމުން އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާގައި ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނާ ހަވާލާދީ، މީރާގެ ބާރުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންކަމަށް އިތުރަށް ޖަވާބެއް ދިނުމުގެ މަހައްލު މި މައްސަލައިގެ ތެރޭގައި މިހާރު އޮތްކަމުގައި އަހުރެން ނުދެކެމެވެ. ސަބަބަކީ އެ ބަހުސް ހުޅުވިގެންދާނީ ޒިމްނީ މާއްދާއެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ތެރޭގައި ކަމުގައިވާތީއެވެ. ކުރިންވެސް ފާހަގަކުރި ފަދައިން، މި މައްސަލައިގައި ޢަމަލުކުރަންޖެހޭ ގޮތް ސާފުކޮށް ދެފަރާތުންވި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވުމުން، ޒިމްނީ މާއްދާއެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ބަހުސަކަށް ދާކަށް ނުޖެހެއެވެ.
44ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާއާއި، އެ ގަޒިއްޔާއަށް ތާއީދުކުރި ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމުން، އެ ދެ ގަޒިއްޔާ ބާޠިލުކަމުގައި ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
45މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1260/Cv-C/2017 ގަޒިއްޔާއާއި، އެ ގަޒިއްޔާއަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/407 ގަޒިއްޔާގައި ނިންމާފައިވާ ނިންމުންތަކަކީ، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމުން، އެ ނިންމުންތައް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ޤާނޫނު ނަންބަރު 2/99
2 ޤާނޫނު ނަންބަރު 4/91
3 ޤާނޫނު ނަންބަރު 3/2010
4 ނަންބަރު 2010/R-20
5 ނަންބަރު 4/2011
6 ޤާނޫނު ނަންބަރު 24/2010
7 [2021] SC 23
8 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/12ގަޒިއްޔާ
9 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41ގަޒިއްޔާ
10 އބމ
11 ފުޓް ނޯޓު 9
12 އެއްބަސްވުމުގައި ބަޔާންކުރާ ކުއްޔަށް ހިފާފަރާތުގެ ޙައްޤުތައް ޑީޑް އޮފް އެސައިންމަންޓުން 26 އޮގަސްޓް 2010 ގައި ބަދަލުކުރެވިފައިވެއެވެ.
13 ބީނާފުށި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި "ރަށް" މި ލަފުޒުގެ މާނައިގެ ތެރޭގައި ބީނާފުށިއެވެ ކިޔުނު ރަށުގެ އިތުރުން އެ ރަށާ އިންވެގެން އޮތް ފިނޮޅު ހިމެނެއެވެ.
14 މިއީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ދުވަހެވެ. ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރަނީ ގަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.
15 ގަވާއިދު ނަންބަރު 2022/R-33 ގެ 15 ވަނަ މާއްދާގެ (ރ)
16 ގަވާއިދު ނަންބަރު 2011/R-17 ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (2010/R-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
17 ޤާނޫނު ނަންބަރު 2010/24
18 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ގަޒިއްޔާ
19 އބމ، އަޣުލަބިއްޔަތު ރައުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (އ)
20 [2021] SC 47 ، ޕެރެގްރާފް 42
21 ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 ޕެރެގްރާފް 23، ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 2013/SC-A/34 ޕެރެގްރާފް 18
22 [2021] SC 79
23 އބމ، 23 އަދި 24 ވަނަ ޕެރެގްރާފް
24 އބމ، ޕެރެގްރާފް 28
25 އބމ
2022/SC-A/78 [2025] SC 06
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ)، 47 ވަނަ މާއްދާގެ (ރ)، 50 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު)
- ގަވާއިދު ނަންބަރު 2010/R-20 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2011/R-17 (2010/R-20 އަށް 1 ވަނަ އިޞްލާޙު)
- ގަވާއިދު ނަންބަރު 2022/R-33 ގެ 15 ވަނަ މާއްދާގެ (ރ)
- ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79، ޕެރ. 22–24، 28
- ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/34)
- ނެކްސްބިޒް ލިމިޓެޑް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން (2012/SC-A/26) (ހައިކޯޓު ރިޢާޔަތްކުރި)
- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ [2021] SC 47، ޕެރ. 42 (ހައިކޯޓު ރިޢާޔަތްކުރި)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.