ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/26ސުޕްރީމް ކޯޓު · 16 ސެޕްޓެމްބަރު 2013

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ސެޕްޓެމްބަރު 2013ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-A/26

ދަޢުވާކުރާ ފަރާތް: ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ)

ދަޢުވާ ލިބޭ ފަރާތް: އެންޓި-ކޮރަޕްޝަން ކޮމިޝަން (ދައުލަތް)

މައްސަލައިގެ ބާވަތް: އިސްތިއުނާފު މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު

ހުށަހެޅުނު ތާރީޚް: 26 ސެޕްޓެންބަރ 2012

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 އޮކްޓޯބަރު 2012 26262626

ނިމުނު ތާރީޚް: 16 ސެޕްޓެމްބަރ 2013

މައްސަލަ ނިންމި ގަޑި: 15:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:

ނަންބަރު: 2012/HC-A/105

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 80 އޭޕްރީލް 2012

ނިމުނު ތާރީޚް: 17 ސެޕްޓެންބަރ 2012

މައްސަލައިގެ ޚުލާޞާ:

މި މައްސަލައަކީ ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު 17 އޮކްޓޯބަރ 2010 ގައި ވެފައިވާ އެއްބަސްވުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެ ކޮމިޝަނުގެ ފަރާތުން ބެލިބެލުމުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކޮށް، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް އާރު.އެފް.ޕީ (ރިކުއެސްޓް ފޯރ ޕްރޮޕޯސަލް) ތައްޔާރުކޮށް، އަލުން ބިޑުކޮށްގެން ކުރިއަށް ގެންދިއުމަށް 24 ޖެނުއަރީ 2011 ވަނަ ދުވަހު ކޮމިޝަނުން އަންގާފައިވަނިކޮށް، 31 އޮކްޓޯބަރ 2011 ވަނަ ދުވަހު ނެރެފައިވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި "2011 އޮކްޓޯބަރ 18 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވި ކަންތައްތައް" މި ސުރުޚީގެ ދަށުން 08 ވަނަ ނަންބަރުގައި މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ މަސައްކަތް ހިންގުމަށްޓަކައި ނެކްސްބިޒް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް ކެބިނެޓުން ނިންމަވާފައިވާކަމަށް ބަޔާންކޮށްފައިވާތީ، 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެންގި އެންގުމަށް ޢަމަލުކުރުމަކީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ދަޢުވާލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން ދަޢުވާލިބޭ ފަރާތަށް އަންގަވާފައިވާ އެންގުމަށް ޢަމަލުކުރުމުގެ ނަތީޖާއަކީ ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލުވުންކަން އެނގޭކަމަށާއި، ބުނެވިދިޔަ އެންގުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާނީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އިން މުޠުލަޤު ގޮތެއްގައި ދަޢުވާކުރާ ފަރާތަށް ލިބިދޭ ބާރުގެ ދަށުންކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި އެ ކޮމިޝަނުގެ ބާރުތައް ކަނޑައަޅާފައި އޮންނަންވާނެކަމަށް ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވުމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި އެ ކޮމިޝަނުގެ ބާރުތައް ކަނޑައެޅި ބަޔާންވެފައި އޮތްއިރު، މުޠުލަޤު ގޮތެއްގައި ކޮމިޝަނަށް ބާރު ލިބިދެނީ ތަޙުޤީޤުކުރުމާއި މައްސަލަ ބެލުމަށްޓަކައިކަން ބުނެވިދިޔަ ޤާނޫނުން އެނގެން އޮތުމާއެކު، ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލުވާގޮތަށް، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ދަށުން އެ އެއްބަސްވުމުގެ ބައިވެރިންނަށް ލިބިދޭ ރައްކާތެރިކަން ނެތިގެންދާގޮތަށް ކަމެއްކުރުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންނުވާތީ، ކޮމިޝަނުގެ ނަންބަރު123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާ އެންގުމަށް ޢަމަލުކުރުމަކީ ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ޙުކުމް ކުރުމުން، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގެ ނަންބަރު 2012/HC-A/105 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން 17 އޮކްޓޯބަރ 2010 ގައި ފޮނުވި އެ ކޮމިޝަނުގެ ނަންބަރު123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން " ބޯރޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޢަމަލު ކޮށްފައިވާގޮތާބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން ވަކި އެއްޗެއް އެންގުމުގެ ކުރިން އެ މަސައްކަތް އެއްވެސް ފަރާތަކާ ޙަވާލު ނުކުރުމަށް އަންގާފައިވަނިކޮށް، އަދި އެ އެންގުން އަންގާފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެކްސް ބިޒް ލިމިޓެޑާ ދެމެދު ދިވެހިރާއްޖޭގައި ބޯރޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމް ކުރުމަށް ސޮއިކުރުމުގެ ކުރިންކަމާ އަދި، އެ އެންގުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޢަމަލުނުކޮށް، ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހިރާއްޖޭގައި ބޯރޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމް ކުރުމަށް އެއްބަސްވުމުގައި 17 އޮކްޓޯބަރ ގައި ސޮއިކޮށްފައިވާތީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބެލުމަށްފަހު 24 ޖެނުއަރީ 2011 ގައި އެ ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަންގާފައިވާ އެންގުމަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އަންގާފައިވާ އެންގުމެއްކަމަށްވާތީ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ކޮރަޕްޝަން ހުއްޓުވުމުގެ ބާރަކީ ކޮރަޕްޝަންގެ އެންމެ ތަނަވަސް މާނައިގައި ކޮރަޕްޝަނާ ގުޅޭ ޤާނޫނުތަކުންނާއި ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ލިބިގެންވާ ބާރެއްކަން އެނގެން އޮތުމުން، އެ އެންގުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޢަމަލު ކުރަން ޖެހޭނެކަމަށް ކަނޑައަޅައި ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ، ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލާގައި ޚަސްމުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/105 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓާއި ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، މި މައްސަލައަކީ ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ނެކްސްބިޒް ލިމިޓެޑާ ދެމެދު 17 އޮކްޓޯބަރ 2010 ގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެ ކޮމިޝަނުގެ ފަރާތުން ބެލިބެލުމުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކޮށް، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް އާރު.އެފް.ޕީ (ރިކުއެސްޓް ފޯރ ޕްރޮޕޯސަލް) ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް 24 ޖެނުއަރީ 2011 ވަނަ ދުވަހު ކޮމިޝަނުން އަންގާފައިވަނިކޮށް، 31 އޮކްޓޯބަރ 2011 ވަނަ ދުވަހު ނެރެފައިވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި "2011 އޮކްޓޯބަރ 18 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވި ކަންތައްތައް" މި ސުރުޚީގެ ދަށުން 08 ވަނަ ނަންބަރުގައި މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ މަސައްކަތް ހިންގުމަށްޓަކައި ނެކްސްބިޒް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް ކެބިނެޓުން ނިންމަވާފައިވާކަމަށް ބަޔާންކޮށްފައިވާތީ، 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެންގި އެންގުމަށް ޢަމަލުކުރުމަކީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ދަޢުވާލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ ކަމަށްވާތީ މި މައްސަލައަކީ 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ މައްޗަށް އެންގި އެންގުމަކީ އެ ޑިޕާޓްމަންޓްގެ މައްޗަށް ލާޒިމްކުރާ ކަމެއްކަން ކަނޑައަޅައި ދިނުމުގެ މައްސަލަކަމާއި މި މައްސަލާގެ އަޞްލު ޚަސްމުންނަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ދައުލަތް ކަމުގައި ވިޔަސް ނެކްސްބިޒް ލިމިޓެޑްއަކީ ފުރަތަމަ މަރުޙަލާގެ ކޯޓުން ފެށިގެން މި މައްސަލާގައި އިންޟިމާމީ މުތަދައްޚިލެއްގެ ((Joint Intervention ޙައިޘިއްޔަތުން، ތަދައްޚުލުވުމުގެ ޙައްޤު ލިބިފައިވާ ފަރާތަކަށްވެފައި، ބުނެވި ދިޔަ ހައިކޯޓުގެ ނަންބަރު2012/HC-A/105 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށާއި ޙުކުމުގެ ސަބަބުން އެ ފަރާތުގެ ޙައްޤުތަކަށް ސިދާ އަޘަރުކުރާކަމަށް ދެކިގެން، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނެކްސްބިޒް ލިމިޓެޑުން އިލްތިމާސްކުރުމުން މި މައްސަލައިގެ އަޞްލު ޚަސްމަކު ޙުކުމް ޠަޢުނުކޮށްފައި ނުވިނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖްރާޢާތުތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ރިޢާޔަތްކުރެވި ނެކްސްބިޒް ލިމިޓެޑުން ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަނެ، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލައެއްކަމެވެ.

(ށ) ދެވަނަކަމަކީ، ހައިކޯޓުގެ ނަންބަރު2012/HC-A/105 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާގައި ހައިކޯޓުގައި މި މައްސަލަ ބެލެމުން ދިޔައިރު، ހައިކޯޓުގެ ނަންބަރު (OTHR) 95-B2/94/2012/1 އަމުރު ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން އިލްތިމާސްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21ޤަޟިއްޔާގައި އެ މައްސަލަ ބެލުމުގައި ރިޢާޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާއަށް އެކަނިކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުގެ ޙުކުމް ބިނާކުރި ސަބަބުތަކާއި ސުޕްރީމް ކޯޓުގެ ޙުކުމާ ތަޢާރުޟުވާގޮތަށް ހައިކޯޓުގެ ނަންބަރ 2012/HC-A/105 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާގައި ފާހަގަކޮށްފައިވާ ދެވަނަ ނުކުތާގައި ރިވިޔު ކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބައުވާންވާނެ ކަމަށް އޮތް ނައްޞާ އެއްގޮތަށް ކަމަށް ނުވާތީ، އެ ނުކުތާއަކީ އޭގެ ޒާތުގައިވެސް ބާޠިލު ނުކުތާއެއްކަމާއި ސުޕްރީމް ކޯޓުން މައްސަލައެއްބަލައި ނިންމުމުގައި ކަމަކާ ގުޅޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ މާއްދާތަކުގެ ތެރެއިން، ވަކި މާއްދާތަކަކަށް ރިޢާޔަތްކުރުމަށްފަހު، އަނެއްބައި މާއްދާތަކަށް ރިޢާޔަތްނުކޮށް ޙުކުމް ކުރުމަކީ ސުޕްރީމް ކޯޓުން ޢަމަލުކުރާ އުޞޫލެއް ނޫންކަން ފާހަގަކުރެވޭކަމެވެ.

(ނ) ތިންވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު2158/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަންގާފައިވާ އެންގުމަށް ޢަމަލުކުރުމުގެ ނަތީޖާއަކީ ދެ ފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުވުންކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަނުގެ ޤާނޫނު) ގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤު ފުރިހަމަ ނުކޮށް، ދެފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލު ކުރުމަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށާއި، ކަމާ ބެހޭ އިދާރާއިން ފުރިހަމަ ކުރަންޖެހޭ ތަޙުޤީޤު ފުރިހަމަނުކޮށް، ހަމައެކަނި ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ދެފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލު ކުރުމަށް އަންގާ އެންގުމަކަށް ތަބައުވުމުގެ ނަތީޖާއެއް ކަމަށްވާނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ދަށުން ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިދޭ ރައްކާތެރިކަން ނެތިގެން ދިއުން ކަމަށާއި އެ އެއްބަސްވުން ބާޠިލުކުރުމަށް ލާޒިމްކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް އަންގާފައިވާ އެންގުމަކީ ޑޮކްޓްރިން އޮފް އަލްޓްރާ ވައިރަސް އަދި ޕްރިންސިޕަލް އޮފް ލީގަލިޓީގެ މަފްހޫމާ ޚިލާފަށް އެ އިދާރާ ހިންގުމުގައި ޤާނޫނުގައި ކަނޑައެޅި ޤަރާރުކުރެވިފައިވާ ގޮތާ ޚިލާފަށް އަންގާފައިވާ އެންގުމެއްކަމަށް ދައުލަތުގެ ބަންޑާރަނާއިބުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވާކަމާ އަދި، މި ފިޔަވަޅަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާ މެދު އެ ފަރާތުން ބުނާއެއްޗަކަށް ބެލުމެއް ނެތި، އަޅާފައިވާ ފިޔަވަޅެއްކަމަށް، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ބަޔާންކޮށްފައިވާކަމާއި 24 ޖެނުއަރީ 2011 ގައި އެންޓި-ކޮރަޕްޝަނުން އަންގާފައިވާ އެންގުން، އެންގި މައްސަލައަކީ ޖިނާއީ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުރަމުން ގެންދިޔަ ތަޙުޤީޤެއްކަމަށާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯދުމަށް ފަހުގައި އަންގާފައިވާ އެންގުމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބަޔާންކޮށްފައިވާކަމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ އެންގުން އެންގި އިރު، ތަޙުޤީޤު ފުރިހަމަވެފައި ނުވާކަމަށާއި ތަޙުޤީޤުގައި އެހައި ތަނަށް ކުރެވިފައިވާ ކަމަކީ ދެ ދާއިރާއަކުން މަޢުލޫމާތު ހޯދުން ކަމަށާއި އެ އެންގުން އެންގިއިރު ކޮރަޕްޝަނުގެ ޢަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ ބަޔަކު ކަނޑައެޅިފައި ނުވާކަމަށް ސިވިލް ކޯޓުގެ ޝަރީޢަތުގައި ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ބަޔާންކޮށްފައިވާކަން އެންގެން އޮންނައޮތުމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02(24 ޖެނުއަރީ 2011) ސިޓީން އަންގާފައިވާ އެންގުމަކީ އެ އިދާރާ ހިންގުމުގައި ޤާނޫނުގައި ކަނޑައެޅި ޤަރާރު ކުރެވިފައިވާގޮތާ ޚިލާފަށްކަމަށް އަންގާފައިވާ އެންގުމެއްކަމަށް ދައުލަތުގެ ބަންޑާރަނާއިބުގެ ފަރާތުން ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ އެންމެހައި އިދާރާތަކުން ކޮރަޕްޝަން ނައްތާލުމަށް އެންޓި-ކޮރަޕްޝަނުން ޖެހިލުމެއްނެތި މަސައްކަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ (ބ) ގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށްޓަކައި، ޤާނޫނުން ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންވެފައިވާކަމަށާއި މިގޮތުން ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނަކީ ރިޝްވަތުދިނުމާއި، ރިޝްވަތު ހިފުން ހުއްޓުވުމާއި، މަޤާމުގެ ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައި ދިނުން ހުއްޓުވުމާއި އެކަންކަން މަނާކުރާ ޤާނޫނު ކަމުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގައި ކޮރަޕްޝަން މަނާކުރުމާއި ހުއްޓުވުމާ ގުޅޭގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކުގައިވާ މަޤުޞަދުތައް ޙާޞިލުކުރުމައްޓަކައި ތަޙުޤީޤުކުރުމާއި މައްސަލަ ބެލުމައްޓަކައި ކޮމިޝަނަށް ބޭނުންވާ އެހެނިހެން ބާރުތައް ކޮމިޝަނަށް ލިބިގެންވާކަމަށާއި ކޮމިޝަނުން 24 ޖެނުއަރީ 2011 ގައި ޑިޕާޓްމަންޓްއޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަންގާފައިވާ އެންގުމަކީ ބުނެވިދިޔަ ޤާނޫނުތަކުން މުޠުލަޤް ގޮތެއްގައި ކޮމިޝަނަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން އަންގާފައިވާ އެންގުމެއްކަމަށް ކޮމިޝަނުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި އެ ކޮމިޝަނުގެ ބާރުތައް ކަނޑައަޅާފައި އޮންނަންވާނެކަމަށް ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާކަމާ އެގޮތުން ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެ ކޮމިޝަނުގެ ބާރުތައް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި އަދި އެ މާއްދާގައި ބުނެފައިވާ ކަންކަން ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވަނީ ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤަކާ ގުޅިގެން ޖިނާއީ އިޖުރާއާތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާގޮތުގެ މަތިންކަމަށް އެ މާއްދާގައި ބަޔާންވެފައިވުމުން މި ބާރުތައް ބޭނުންކުރެވޭނީ ޖިނާއީ އިޖުރާއާތާ އެއްގޮތްވާގޮތުގެ މަތިން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިންކަން ސާފުކޮށް އެނގޭކަމާއި، އެ ޤާނޫނުގައި ކޮރަޕްޝަންކަމަށް ބުނެފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނެފައިވާ ކުށްތައް ކަމަށް އެ ޤާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވުމުން ކޮމިޝަނަށް އެ ކުށްތައް ބެލުމުގެ ބާރު ލިބިފައިވާ ކުށްތަކަކީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައްކަން އެނގޭކަމާއި، އެ ޤާނޫނުގެ މަޤްޞަދު ޙާޞިލުކުރުމައްޓަކައި އެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއި ކޮމިޝަނުން ކުރާ އެންމެހައި މަސައްކަތްތައް ހިންގޭ ދާއިރާތައް ނުވަތަ ފަރާތްތައް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ކަމާއި އެ މާއްދާގައި އެ ޤާނޫނުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި އެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއި އެ ކޮމިޝަނުން ކުރާ އެންމެހައި މަސައްކަތްތައް ހިންގޭނެ ދާއިރާތައް ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައްޗަށް، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤަކާ ގުޅިގެން ޖިނާއީ އިޖުރާއާތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު ނުވާގޮތުގެމަތިން އެ މާއްދާގައިވާ ކަންކަންކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު، އެ މާއްދާގައި ކޮރަޕްޝަނުގެ ކުށްތައް ތަޙްޤީޤުކުރުން ފަދަ ޖިނާއީ އިޖުރާއާތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، ދިރާސާތައްކޮށް އަޅަންޖެހޭ ކަމަށް ފެންނަ ފިޔަވަޅުތަކާ ބެހޭ ލަފާތައް ދިނުންފަދަ ޕްރިވެންޓިވް ފިޔަވަޅުތައް ހިމެނޭތީ މިފަދަ ފިޔަވަޅުތަކަކީ ރިކަމެންޑޭޓަރީ ޠަބީޢަތުގެ ކަންތައްތައްކަން އެނގޭކަމާ އަދި އެ ޤާނޫނުގައި ކޮރަޕްޝަނުގެ ކުށްތައް ތަޙްޤީޤުކުރަން ޖެހޭނީ ޖިނާއީ އިޖުރާއާތުގެ އުޞޫލުން ޖިނާއީ ތަޙުޤީޤުކުރުމާ ގުޅޭ އެންމެހައި ދުސްތޫރީ ގެރެންޓީތަކާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ޤަވާޢިދުތަކާ އަދި އުޞޫލުތަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިންކަން އެނގޭކަމާއި އެގޮތުން ކޮރަޕްޝަނުގެ ކުށުގެ ޖިނާއީ މަސްއޫލިއްޔަތަކީ ޖިނާއީ ޤާނޫނުގެ ޢާންމު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އެ ކުށެއްކުރި މީހެއްގެ ޝަޚްޞީ މަސްއޫލިއްޔަތެއްކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު ޢަމަލުކުރަންވާނީ އެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމާ އެގޮތުން، ފުރަތަމަގޮތަކީ، މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާމައްސަލައެއްނަމަ، އެ މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމުންކަން އެ މާއްދާގެ (ހ) ގެ (1) އިން އެނގޭކަމާއި އަނެއްގޮތަކީ އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށްވެފައި، ޝަރީޢަތަށް ހުށަހަޅައިގެން ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުންކަން އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން އެނގެން އޮންނަކަމާއި މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ އިތުރުން އެ މައްސަލައަކީ އެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާއެއް ހިންގުމުގެ ދާއިރާގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ އެކަން އިސްލާޙު ކުރަން އެ މުއައްސަސާ އަކަށް އެންގުން ހިމެނޭކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމް ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު 17 އޮކްޓޯބަރ 2010 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެ ކޮމިޝަނުން ބެލިބެލުމުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަކޮށް، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އާރް.އެފް.ޕީ ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިޔުމަށް 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 (24 ޖެނުއަރީ 2011) ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަންގާފައިވަނިކޮށް، 2011 އޮކްޓޯބަރު 18 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ މަސައްކަތް ހިންގުމަށްޓަކައި ނެކްސްބިޒް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް ނިންމަވައި، 31 އޮކްޓޯބަރ 2011 ދުވަހު ނެރެފައިވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައި ވުމުން އެ އެގްރީމެންޓަށް ޢަމަލުކުރުމަށް ނިންމާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02(24 ޖެނުއަރީ 2011) ސިޓީން އެންގި އެންގުމުގެ ފަހުގެ ތާރީޚެއްގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ކަމަށްވާއިރު، ދައުލަތުގެ ސިޔާދަތީ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ދައުލަތުގެ ހިންގުމުގެ ބާރުން އެ ކޮންޓްރެކްޓް ކުރިއަށް ގެންދިޔުމަށް ނިންމާފައިވުމުން، ދެން އެ އެގްރީމެންޓާ މެދު އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކަން ނުވަތަ ކޯޓު ޙުކުމަކުން ކަން އެނގެން އޮންނަ އޮތުމާއި، އެ އެގްރީމެންޓަކީ ދައުލަތުގައި އަމަލުކުރެވޭ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބޭ ޤަވާޢިދަކާ ޚިލާފު ކޮންޓްރެކްޓެއްކަމުގެ މައްސަލައެއް ކަމާބެހޭ ކޯޓަކަށް މިހާތަނަށް ހުށަހެޅި ކޯޓަކުން އެ އެގްރީމެންޓަކީ ޤާނޫނީގޮތުން ސައްޙަ ނޫން އެގްރީމެންޓެއްކަން ސާބިތުވާކަމަށް ކަނޑައަޅާފައިވާ އެގްރީމެންޓެއްނޫންކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަކަމަކީ، ދައުލަތުގެ "ޕަބްލިކް ލޯ" ގެ ޝަޚްޞެއް އެބަހީ، ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއެއް ނުވަތަ މުއައްސަސާއަކުން ދައުލަތުގެ ޢާންމު ޔުޓިލިޓީއެއް (މިރްފަޤު ޢާންމުއެއް) ނުވަތަ ޢާންމު ޚިދުމަތެއް ހިންގުމަށް ނުވަތަ އިންތިޒާމްކުރުމުގެ މަޤްޞަދުގައި އަމިއްލަ ފަރާތަކާ ނުވަތަ އަމިއްލަ ކުންފުންޏަކާ ދެމެދުގައި ކުރެވޭ މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ މުޖުތަމަޢުގެ ނުވަތަ ދައުލަތުގެ ޢާންމު މަސްލަޙަތަކަށްޓަކައި، ދައުލަތުގެ އިދާރާއަކާއި އަމިއްލަ ޚާއްޞަ މަސްލަޙަތަށްޓަކައި މަސައްކަތްކުރާ އަމިއްލަ ފަރާތަކާއި ދެމެދުގައި ކުރެވޭ ކޮންޓްރެކްޓްތަކަކަށް ވާއިރު، މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ މަސްލަޙަތުގެ ގޮތުން ހަމަހަމަ ދެފަރާތެއްގެ މެދުގައި ކުރެވޭ ކޮންޓްރެކްޓް ތަކެއްކަމުގައި ނުވާތީ އަމިއްލަ ޚާއްޞަ މަސްލަޙަތުތަކަކަށްޓަކައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުޠްލަޤް ސިވިލް ކޮންޓްރެކްޓްތަކާ ޚިލާފަށް މިފަދަ އިދާރީ ކޮންޓްރެކްޓްތަކުގައި "އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން" (pacta sunt servanda) ގެ އުޞޫލު ހިނގަނީ އެއްވެސް ޤައިދެއް ނުވަތަ ބަނދެވުމެއްނެތި ނޫންކަމާއި، އިދާރީ ކޮންޓްރެކްޓްތަކުގައި ކޮންޓްރެކްޓްކުރާ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއިން އެ ފަރާތަކާއެކު ކޮންޓްރެކްޓް ކުރާ ފަރާތް އިޚުތިޔާރުކުރުން ފަދަ ކަންތަކުގައި އިދާރީ ޤާނޫނު ނުވަތަ ޢާންމު މާލިއްޔަތުގެ ޤާނޫނު ފަދަ ޕަބްލިކް ލޯގެ ޤާނޫނެއްގެ ދަށުން ތަބައުވާން ޖެހޭ ބަނދެވުންތަކެއް ހުންނަކަމާއި، މިފަދަ އިދާރީ ކޮންޓްރެކްޓްތަކުގެ ތެރޭގައި ކޮންސެޝަން އެގްރީމެންޓް، ސަޕްލައި ކޮންޓްރެކްޓްސް، ކޮންޓްރެކްޓްސް އޮފް ޕަބްލިކް ވޯކްސް ފަދަ ކޮންޓްރެކްޓްތައް ހިމެނޭކަމާ މިފަދަ އިދާރީ ކޮންޓްރެކްޓްތަކަކީ އެ ކޮންޓްރެކްޓްގެ އެއްބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިއަކު ކަމުގައިވާ އިދާރާއަށް ކޮންޓްރެކްޓްގެ ޝަރުޠުތަކަށް ބަދަލު ގެނައުމާއި، ކޮންޓްރެކްޓް ތަންފީޒުކުރުވޭ މިންވަރު ބަލަހައްޓައި އަދި އެ ކަމާގުޅިގެން އަޅަންޖެހޭ ޖަޒާއީ ފިޔަވަޅުތައް އެޅުމުގައި ޙައްޤުތަކާއި އިމްތިޔާޒްތަކެއް އޭގެ ޒާތުގައި ލިބިދޭ އަދި އެ ކޮންޓްރެކްޓްގެ ބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިއަކު ކަމުގައިވާ އިދާރާގެ އެކަނި އަމިއްލަ އިޚުތިޔާރުގައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުން ފަދަ ބާރުތަކާއި އިޚްތިޔާރުތައް ކޮންޓްރެކްޓުގެ ބައިވެރިންކަމުގައިވާ، ދައުލަތަށާއި އިދާރާއަށް ލިބިގެންވާ ކޮންޓްރެކްޓް ތަކެއްކަން އެނގެން އޮންނައޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2012/HC-A/105 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ޙުކުމަކަށް ނުވާތީ އެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާގޮތުގެ މަތިން ކޮށްފައިވާ ޙުކުމަކަށް ވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ތަފާތުވި ރަޢުޔު.

މިއީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލަ ކަމުގައިވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމުކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (މީގެ ފަހުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން) އާއި ނެކްސްބިޒް ލިމިޓެޑް (ނޯތް ސިޑްނީ އޮސްޓްރޭލިއާ) ކުންފުންޏާ (މީގެ ފަހުން ނެކްސްބިޒް) ދެމެދު 17 އޮކްޓޯބަރ 2010 ގައި ހަދާފައިވާ އެއްބަސްވުމުގެދަށުން ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ، ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން، އެ ފަރާތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އާރު.އެފް.ޕީ ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް 24 ޖެނުއަރީ 2011 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (މީގެ ފަހުން ކޮމިޝަން)ގެ ނަންބަރު 123-B/94/2011/02 ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް އެންގި އެންގުމަށް ޢަމަލުކުރުމަކީ އެ ޑިޕާޓްމަންޓުގެ މައްޗަށް ލާޒިމުކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، އެ ކޮމިޝަނުން ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލަ އެ ކޯޓުން ބެލުމަށްފަހު، ނިންމިގޮތް ޤާނޫނާއި ޤަވާޢިދާ ޚިލާފުކަމަށް ބުނެ، އެ ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2012/HC-A/105 ޤަޟިއްޔާގައި ތަދައްޚުލުވި ފަރާތް ކަމުގައިވާ ނެކްސްބިޒްގެ ފަރާތުން (ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް ދަޢުވާ ލިބޭގޮތަށް) މި ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ މައްސަލައެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުންނާއި ނެކްސްބިޒްގެ ފަރާތުން މި މައްސަލާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެކަށައަޅާފައިވާ ގޮތުގެ މައްޗަށާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، "ބޯޑަރ ކޮންޓޮރޯލް ސިސްޓަމް" ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ޢަމަލުކޮށްފައިވާގޮތާ ބެހޭގޮތުން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުން އެ މައްސަލާގައި އެ ކޮމިޝަނުން ވަކި އެއްޗެއް އެންގުމުގެ ކުރިން "ބޯޑަރ ކޮންޓްރޯލް ސިސްޓަމް" ޤާއިމުކުރުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ޙަވާލު ނުކުރުމަށް، އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން، 17 އޮކްޓޯބަރ 2010 ގައި އެ ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް އަންގާފައި ވަނިކޮށް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި ނެކްސްބިޒާ ދެމެދު 17 އޮކްޓޯބަރ 2010 ގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ، ކޮމިޝަނުން އެ މައްސަލަ ބެލުމަށްފަހު، 24 ޖެނުއަރީ 2011 ގައި އެ ކޮމިޝަންގެ ނަންބަރު 123-B/94/2011/02 ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް އެންގި އެންގުމަކީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަންގާފައިވާ އެންގުމެއް ކަމަށް ވާތީ، ކޮމިޝަނަށް ލިބިގެންވާ ކޮރަޕްޝަން ހުއްޓުވުމުގެ ބާރަކީ ކޮރަޕްޝަންގެ އެންމެ ތަނަވަސް މާނާގައި ކޮރަޕްޝަނާގުޅޭ ޤާނޫނުތަކުންނާއި ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ލިބިގެންވާ ބާރެއްކަމަށް، މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ، 24 ޖެނުއަރީ 2011 ގައި ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް އެންގި އެންގުމަށް ޢަމަލުކުރަންޖެހޭނެ ކަމަށް ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، ދެ ފަރާތެއްގެ ދެމެދުގައި ހެދިފައިވާ މަދަނީ އެއްބަސްވުމެއް ބާޠިލްވާގޮތަށް އަދި އެފަދަ އެއްބަސްވުމުގެ ބައިވެރިންނަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަން ނެތިގެންދާގޮތަށް ކަމެއްކުރުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެން ނުވާކަމަށް މި މައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ކޮމިޝަނުން އަންގާފައިވާ އެންގުމާއި އެއްގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ޢަމަލުކޮށްފިނަމަ، އެ ޑިޕާޓްމަންޓާއި ނެކްސްބިޒާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް އަތުވެދާނެ ނަތީޖާއަކަށް ބަލައިގެންކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން އެ ކޮމިޝަނަށް ލިބިގެންވާ ބާރަކީ މުޠްލަޤު ގޮތެއްގައި ތަޙުޤީޤުކުރުމަށާއި، މައްސަލަ ބެލުމަށްޓަކައި ލިބިފައިވާ ބާރެއްކަމަށްވެސް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާކަމާއި، އެ ކޯޓުގެ ޙުކުމުގައި މިގޮތަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި އެ ކޮމިޝަންގެ ބާރުތައް ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށްކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއްކަމަށް ބަޔާންކޮށް، އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބަޔާންކޮށް، ބުނެވުނު މާއްދާގެ (ނ) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ހިންގާނީ އެ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށާއި، އެ ޤާނޫނުގައި އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި މަސައްކަތުގެ ދާއިރާ ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ހަމައެކަނި ޤާނޫނުއަސާސީ އާއި އެ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްއޫލިޔަތުތައްކަން ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަކަމާއި، ކޮމިޝަން ހިންގަންވާނީ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށް ބުނެވިދިޔަ މާއްދާގެ ބުނެވިދިޔަ އަކުރުގައި ބަޔާންކޮށްފައި އޮންނަ އޮތުމުން އެނގެނީ، ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ބޭނުންކުރަންވާނީ ޤާނޫނުގައި ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ގޮތުގެމަތިންކަމާއި، ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާއަށް ބަލާއިރުވެސް އެނގެނީ ކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ކުރެވޭ އެންމެހައި ތަޙުޤީޤުތައް ކުރަންވާނީ ޖިނާއީ އިޖުރާއާތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެމަތިންކަމާއި އެފަދަ ތަޙުޤީޤުތަކާ ގުޅިގެން އަޅާ އެންމެހައި އިޖުރާޢީ ފިޔަވަޅުތައް އަޅަންވާނީ ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކުގެ ތެރެއިންކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި (ހ) ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި (ށ) ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަން ޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި (ނ) ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ދިރާސާތައްކޮށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމާއި (ރ) ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާއްމުން ހޭލުންތެރިކުރުވުމާއި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމާއި (ބ) ކޮރަޕްޝަން ނައްތާލުމަށްޓަކައި ޤާނޫނުން ކަނޑައަޅާފައިވާ އެހެނިހެން ކަންތައްތައްކުރުން ހިމެނޭކަމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަކީ ހަމައެކަނި ޤާނޫނުއަސާސީންނާއި ޤާނޫނުއަސާސީގެ ބާރުގެ ދަށުން ހެދޭ ޤާނޫނަކުން ލިބޭ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަމުގައިވާތީ، ކޮމިޝަނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތުގެ ބާވަތުން ނުވަތަ ކޮމިޝަނުގެ ޒާތުން ބާރެއް ލިބިގެން ނުވާކަމާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައިވިއަސް ކޮމިޝަނަށް ހުށަހެޅި ހިނގަމުންދާ ތަޙުޤީޤަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހޯދޭ ކޯޓު އަމުރެއްގެ ދަށުން ނޫން ގޮތަކަށް preventive injunctions ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިފައި ނުވާކަން ޤާނޫނުއަސާސީއަށާއި ކޮމިޝަނުގެ ޤާނޫނަށް ބެލުމުން އެނގޭކަމާއި، އިސްވެ ބުނެވިދިޔަ މާއްދާތަކުން އެނގެނީ ކޮމިޝަނަށް ލިބިދީފައިވަނީ ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުޙުމަތުކުރެވޭ ކަންތައްތައް ތަޙުޤީޤުކުރުމާއި އެ ތަޙުޤީޤަށް މަގުފަހިކޮށްދޭނެ ކަންތައްތައް ޖިނާއީ އިޖުރާއަތުގެ އުޞޫލުތަކުގެ ތެރެއިން ކުރުމާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އިދާރީގޮތުން ހިންގަންހުރި ކަންތައްތައް ހިނގުންކަން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ (ހ) ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި (ށ) ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި ޝަރީޢަތަށް ހުށަހަޅަންޖެހޭ ކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި (ނ) ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމާއި (ރ) މަސައްކަތު ބައްދަލުވުމާއި ސެމިނަރ އާއި އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުވައި އެކަމާބެހޭ އެކިއެކި ދިރާސާކޮށް، އެ ދިރާސާތައް ޝާއިޢުކުރުމާއި (ބ) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާއްމުކޮށް ހާމަކުރަންޖެހޭ އެންމެހައި ކަންކަންކުރުމާއި އެކަމާ ގުޅޭގޮތުން ޝާޢިއުކުރަންޖެހޭ ބަޔާންތައް ޝާޢިއުކުރުމާއި (ޅ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަންކުރުމާއި (ކ) ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާއްމުން ހޭލުންތެރިކުރުވައި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމާއި (އ) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓައި އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދައި ހިންގުންކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބާރުތައް ލިބިދީފައިވަނީ އެ ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤުތަކާ ގުޅިގެން ޖިނާއީ އިޖުރާއާތާގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެމަތިން (ހ) ހެކިންގެ ގޮތުގައި ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޮމިޝަނަށް ޙާޟިރުކޮށް ހެކިބަސް ނެގުމާއި (ށ) ތަޙުޤީޤާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިޝަނަށް ޙާޟިރުކޮށް އެމީހުންގެ ބަޔާން ނެގުމާއި (ނ) ތަޙުޤީޤަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި ބެލުމާއި ގެނައުމާއި (ރ) ތަޙުޤީޤަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތްތަކުގެ އެންމެހައި ތަންތަނަށް ކޮމިޝަނުގެ މުވައްޒަފުން ގޮސް އެ ތަންތަނާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ބަލައި ތަޙުޤީޤު ކުރުމާއި ބޭނުންވެއްޖެނަމަ، އެ ތަކެތި ކޮމިޝަނަށް ގެނައުމާއި (ބ) ތަޙުޤީޤަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ޚާއްޞަ މަޢުލޫމާތެއް ދެވިދާނެކަމަށް ކޮމިޝަނަށް ފެންނަ ފަރާތްތަކުން އެ މަޢުލޫމާތެއް ލިޔުމަކުން ދިނުމަށް އެންގުމާއި (ޅ) ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތްތަކުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިޝަނަށް މަޢުލޫމާތެއް ދިނުމަށް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެ މުއްދަތުގެ ތެރޭގައި އެ މައްސަލައަކާބެހޭ އެ މަޢުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިޝަނުން އެ މައްސަލައެއް އަމިއްލައަށް ބެލުމާއި (ކ) ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިޝަނުން ސުވާލު ކުރެވެމުންދާ މީހަކު ރާއްޖޭން ފުރައިގެންދާނަމަ، ކޮމިޝަނުން ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށް އެންގުމާއި (އ) ޢާއްމުކޮށް ހުޅުވާލައިގެން ނުވަތަ ހުޅުވާ ނުލައި ތަޙުޤީޤުކުރުމާއި (ވ) ކޮމިޝަނުގެ މެންބަރަކު ނުވަތަ ގިނަ މެންބަރުންގެ ކޮމެޓީއެއްގެ ބެލުމުގެ ދަށުން މައްސަލަ ބަލައި ތަޙުޤީޤުކުރުމާއި (މ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ތަކެއްޗާއި ވަޞީލަތްތައް ހޯދުމާއި ބޭނުންހިފުމާއި (ފ) މީގެ އިތުރުންވެސް ޤާނޫނުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކުގައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ތަޙުޤީޤުކުރުމާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަނަށް ބޭނުންވާނެ އެހެނިހެން ބާރުތައް ލިބިގެންވާކަމަށް، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއާތާގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެމަތިން ކަމަށްވުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކަށް ތަބާވުން ކޮމިޝަނުގެ މައްޗަށް ލާޒިމްވެގެން ވާކަން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަކަމަކީ، މައްސަލައެއް ބެލުމަށްފަހު، ކޮމިޝަނުން ޢަމަލުކުރަން ޖެހޭގޮތަކީ (1) އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްނަމަ، އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމުން ކަމާއި (2) އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށްވެފައި، ޝަރީޢަތަށް ހުށަހަޅައިގެން ސާބިތު ކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން ކަމާއި (3) އެ މައްސަލައަކީ ކޮމިޝަނުގެ ބާރު ހިނގާ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން އިޞްލާޙުކުރަން އެ މުއައްސަސާއަކަށް އެންގުމާއި (4) އެ މައްސަލައެއް ހުށަހެޅި ފަރާތަކުން އެ މައްސަލައަކާބެހޭ ރިޕޯޓަކަށް އެދިއްޖެ ހިނދެއްގައި އެ ފަރާތަކަށް އެ ރިޕޯޓެއް ދިނުމާއި، އެ މައްސަލައެއްގައި ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ފަރާތަށް މައްސަލައިގެ ރިޕޯޓުގެ ކޮޕީއެއް ދޫކުރަންޖެހޭކަން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާއިން އެނގެން އޮންނައިރު، މި މާއްދާގައި ވާގޮތުގެމަތިން، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދުވެސް ޢަމަލުކުރެވޭނީ އެ މައްސަލަ ބަލައި ނިންމުމަށްފަހުގައި އިދާރީ ހިންގުމުގެ ދާއިރާއިން އިޞްލާޙުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކަންތައްތައް އެ ފަރާތަކަށް އެންގުންކަން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަ ކަމަކީ، ކޮމިޝަނަށް ޙާޟިރުވުމަށް ނުވަތަ މަޢުލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް ޢަމަލުކުރުމަކީ ދިވެހިރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގައިވާ މީހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި އޮންނަ އޮތުން، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ މައްޗަށް ތަޠްބީޤު ނުކުރެވޭކަމާއި 27 ވަނަ މާއްދާ ޚާއްޞަވެގެންދަނީ ފަރުދުންގެ މައްޗަށް ލާޒިމުކުރާ ކަމެއްގެ ގޮތުގައިކަން އެނގެން އޮންނަކަމެވެ.

ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިސްވެ ބަޔާންކޮށްފައިވާ މާއްދާތަކަށާއި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ ބަޔާންކުރެވުނު މާއްދާތަކަށް ރިޢާޔަތްކުރާއިރު، 24 ޖެނުއަރީ 2011 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 ސިޓީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް އަންގާފައިވާ އެންގުމަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 24 އަދި 25 ވަނަ މާއްދާގެ ދަށުން އެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާއާ އެއްގޮތަށް އަންގާފައިވާ އެންގުމަކަށް ނުވާތީ، އެ އެންގުމަށް ޢަމަލުކުރުން ޤާނޫނީގޮތުން ލާޒިމުކަމަށް ކަނޑައެޅިދާނެކަމަށް ނުފެނެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ނޯޓް: ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ޤަޟިއްޔާގެ ޙުކުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤު ޙުކުމެއް ކަމަށް ބަޔާންކުރެވިފައިވީ ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން އެ ޙުކުމަށް ތާޢީދުކޮށްފައި ނުވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ