ޢަބްދުއްރަޙީމް ޙަސަން ވ. ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/455
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރިޒޯޓެއްގެ ލީސް ރައިޓްސް ވިއްކުމުގައި މެދުވެރިއަކަށް އުޅުމުގެ މުޤާބިލުގައި ދޭން އެއްބަސްވި US$200,000 ޙައްޤުވުމަށް ލީސް ރައިޓްސް ގަތުމުގެ މުޢާމަލާތް ފުރިހަމަވުން ޝަރުޠެއްތޯ (އެއްބަސްވުމުގައި ޞަރީޙަ ޢިބާރާތެއް ނެތް ހާލަތުގައި)، އަދި ހައިކޯޓުގައި އިސްތިއުނާފު ނުކުރެވުނު ޖުރިމަނާގެ ނުކުތާ އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުގައި ސުޕްރީމް ކޯޓުގައި ނެގޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (ރ.300,000 ދެއްކުމަށް ތާއީދު؛ US$200,000 ނުލިބޭ؛ ޖުރިމަނާގެ ނުކުތާއާމެދު ގޮތެއް ނުކަނޑައަޅާ)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްބަސްވުމުގައި ޚިލާފު އުފެދިފައިވާ ޢިބާރާތެއް މާނަކުރުމުގައި، ޢިބާރާތުގެ މާނަ ކިތަންމެ ސާފުކަމަށް ފެނުނު ނަމަވެސް އެ މާއްދާގެ ވަށައިގެންވާ ހާލަތަށް ބަލަންޖެހޭނެއެވެ؛ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތް ކަނޑައެޅުމުގައި ކޮންޓްރެކްޓުގެ ވަށައިގެންވާ ވާޤިޢާތަކަކީ އެންމެ މުހިންމު އެއްޗެކެވެ (މެރިޓައިމް އެކަޑަމީ ވ. ދައުލަތް ޤަޟިއްޔާއަށް ބުރަވެ).
HN2 ކޮންޓްރެކްޓުގައި ދެފަރާތުން އެއްބަސްވާ ގޮތް ސަރީޙަ ޢިބާރާތުން ބަޔާންކޮށްފައި ނުވާ ހާލަތުގައި ޚުޞޫމަތަށް ޙައްލެއް ހޯދުމަށް ޒިމްނީ މާއްދާއެއް ދޭހަކުރެވިދާނެއެވެ؛ އޭގެ ޝަރުޠުތަކަކީ އެ މާއްދާ ބުއްދީގެ ހަމަތަކަށް ފެތޭ އިންސާފުވެރި ގޮތަކަށްވުމާއި، ކޮންޓްރެކްޓުގެ ވިޔަފާރީގެ މަޤްޞަދު ޙާޞިލުކުރަނިވި ގޮތަކަށްވުމާއި، ބުނެފައި ނެތް ނަމަވެސް ކަންވާންޖެހޭ ގޮތް ކަމަށް ހާމައަށް ފެންނަ ގޮތަކަށްވުމާއި، ސާފުކޮށް ބުނެދެވެން އޮތް ގޮތަކަށްވުމާއި، ކޮންޓްރެކްޓުގެ ސަރީޙަ މާއްދާއަކާ ތަޢާރުޟު ނުވުމެވެ (ދައުލަތް ވ. އަތަމާ މެރިން އަދި ޔޮޓް ޓުއަރޒް ވ. އެމް.އައި.އާރު.އޭ ޤަޟިއްޔާތަކަށް ބުރަވެ).
HN3 އެއްބަސްވުމުގެ މަޤްޞަދަކީ ރިޒޯޓެއްގެ ލީސް ރައިޓްސް ގަތުން ކަމުގައި ވާއިރު، އެ މުޢާމަލާތް ފުރިހަމަވާންޖެހޭ ކަމަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި ނުވިނަމަވެސް، ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަވުމަކީ މެދުވެރިއަކަށް އުޅުމުގެ އުޖޫރަ ޙައްޤުވުމަށް ފުރިހަމަވާންޖެހޭ ޝަރުޠެކެވެ؛ ހަމައެކަނި މެދުވެރިއަކަށް އުޅުނުކަމަށްޓަކައި ޝަރުޠެއް ނެތި އެ ފައިސާ ދޭންޖެހޭ ގޮތަށް މާނަކުރުމަކީ އެއްބަސްވުން ވީއިރު ދެފަރާތުގެ ނިޔަތަށް ނުބެލެވޭ، ބުއްދީގެ ހަމަތަކުން އިންސާފާ ދުރު މާނަކުރުމެކެވެ.
HN4 ހައިކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަން ދައްކައިދޭ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައި ނުވާނަމަ، އެ ނުކުތާ ޤަބޫލުނުކުރެވޭނެއެވެ.
HN5 ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ނުނެގި، އަދި ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަނެވި ނިމިފައިވާ، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިތުރު އިސްތިއުނާފެއް ހުށަހަޅާފައި ނުވާ ނުކުތާއެއް (ޖުރިމަނާ)، އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ދާއިރާއާއި މަޞްލަޙަތުގައި ނުހިމެނޭނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ރައްދުގެ ތެރެއިން އެ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ނުކަނޑައަޅާނެއެވެ؛ އިސްތިއުނާފީ ރައްދު ދަޢުވާ ބަލައިގަތުމުގައި އެއީ ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާއެއްތޯއާއި މައްސަލައިގެ ޠަބީޢަތަށް ރިޢާޔަތްކުރެވިދާނެއެވެ (އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....17
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....17
ޙުކުމް.....18 بِسْمِ الرَّحْمَنِ ޢަބްދުއްރަޙީމް ޙަސަން ވ. ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް [2026] SC 24 ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (މި ރައުޔަށް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާޢީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ. އިނގުރައިދޫ، […] ޢަބްދުއްރަޙީމް ޙަސަން ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ނޫރާނީ ކެޕިޓަލް") އެވެ.
މައްސަލައިގެ ފަސްފަހަތް
2ޢަބްދުއްރަޙީމް ޙަސަންއާ ނޫރާނީ ކެޕިޓަލްއާ ދެމެދު 01 ޖުލައި 2017 ގައި އެއްބަސްވުމެއްވިއެވެ. މި އެއްބަސްވުމުގައި ރ. ބޮޑުފަރު އެވެ ކިޔާ ރަށުގެ ރިޒޯޓްގެ ލީސް ރައިޓްސް ގަތުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމަށް ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ނޫރާނީ ކެޕިޓަލްއަށް -/300,000ރ. (ތިން ލައްކަ ރުފިޔާ) ދިނުމަށާއި، އެއްބަސްވުމުގައިވާ ފަދައިން ނޫރާނީ ކެޕިޓަލްގެ ފަރާތުން އެ -/300,000ރ. (ތިން ލައްކަ ރުފިޔާ) ޢަބްދުއްރަޙީމް ޙަސަންއަށް ރައްދުކުރުމަށާއި، 1 އައިޑީ2 ރަޖިސްޓްރޭޝަން ނަންބަރު C-0823/2016 3 ރ. ބޮޑުފަރު ރިޒޯޓް ގަތުމަށްޓަކައި ޢަބްދުއްރަޙީމް ޙަސަންއާއި ނުރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު 01 ޖުލައި 2017 ގައި އެއްބަސްވުމުގެ 1 ވަނަ މާއްދާ، އަދި 2 ވަނަ މާއްދާގެ (ހ) ރިޒޯޓުގެ ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް ޢަބްދުއްރަޙީމް ޙަސަން އުޅުމުގެ މުޤާބިލުގައި -/US$200,000 (ދެލައްކަ ޔޫއެސް ޑޮލަރު) ދިނުމަށް ނޫރާނީ ކެޕިޓަލްއިން އެއްބަސްވިއެވެ.
3މިގޮތުން، އެއްބަސްވުމުގައި ސޮއިކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް ޙަސަންއަށް -/300,000ރ. (ތިން ލައްކަ ރުފިޔާ) އަނބުރާ ނުދެއްކިއްޖެނަމަ، ފައިސާ ނުލިބި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެއްބަސްވުމުގެ 2 ވަނަ މާއްދާގެ
(ށ) ގެ ދަށުން -/3,000ރ. (ތިންހާސް ރުފިޔާ) ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
4މި އެއްބަސްވުމުގެ ދަށުން ފައިސާ ލިބިފައިނުވާތީ، މި ފައިސާއާއި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ހޯދުމަށް ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާގައެވެ.
ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާ
5ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާގައި ނިންމާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން -/300,000ރ. (ތިން ލައްކަ ރުފިޔާ) އާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި -/663,000ރ. (ހަލައްކަ ފަސްދޮޅަސް ތިންހާސް ރުފިޔާ) އާއި، އެ މާއްދާގެ (ނ) ގެ ދަށުން އެއްބަސްވެފައިވާ -/US$200,000 (ދެލައްކަ ޔޫއެސް ޑޮލަރު) އަކީ ނޫރާނީ ކެޕިޓަލްއިން ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އެ ފައިސާ ޢަބްދުއްރަޙީމް ޙަސަންއަށް ލިބިދިނުމަށްޓަކައި، 04 ޖުލައި 2019 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު ދައްކަމުންގޮސް 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އަންގައެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
5.1. ބޮޑުފަރު ރިޒޯޓް ގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ނޫރާނީ ކެޕިޓަލްއަށް ޝަރުޠުތަކާއެކު -/300,000ރ. (ތިން ލައްކަ ރުފިޔާ) ދިނުމަށް ޢަބްދުއްރަޙީމް ޙަސަންއާ ނޫރާނީ ކެޕިޓަލްއާ ދެމެދު 01 ޖުލައި 2017 ގައި އެއްބަސްވުމެއް ވެފައިވާކަން.
5.2 ދަޢުވާގައިވާ -/200,000US (ދެލައްކަ ޔޫއެސް ޑޮލަރު) ޢަބްދުއްރަޙީމް ޙަސަންއަށް ދިނުމަށް ނޫރާނީ ކެޕިޓަލްއިން އިންކާރުކުރާ ސަބަބަކީ، އެ ފައިސާއަކީ ދެފަރާތު ދެމެދުގައި ވެފައިވާ މުޢާމަލާތް ނިމުމުން ދޭންޖެހޭ ފައިސާއެއްކަމަށް އެ ކުންފުނިން ޤަބޫލުކުރުން ކަމުގައިވެފައި، އެ ފައިސާ ދިނުމަށް ޝަރުޠުކޮށްފައިވާ މާއްދާތަކާއި އެ މާއްދާތައް ބިނާކޮށްފައިވާ ގޮތާމެދު ދެފަރާތު ދެމެދުގައި ޚިލާފެއް ނެތްހިނދު، ދެފަރާތު ދެމެދު އުފެދިފައިވާ ޚިލާފަކީ މި އެއްބަސްވުމުގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ ފައިސާ ދޭންޖެހޭ ޙާލަތު އުފަންވާ ވަގުތާމެދު އުފެދިފައިވާ ޚިލާފެއްކަން ދެފަރާތުގެ ބަޔާންތަކުން އެނގޭކަން.
5.3 އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުން، އެއްބަސްވުމުގައިވާ -/300,000ރ. (ތިން ލައްކަ ރުފިޔާ) އާއި 200,000US (ދެލައްކަ ޔޫއެސް ޑޮލަރު) ލިބުމަށްޓަކައި ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަމެއް ނެތުމުން، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން އެ ފައިސާއަކީ ނޫރާނީ ކެޕިޓަލްގެ ފަރާތުން ދައްކަންޖެހި ނުދައްކައިވާ ފައިސާތަކެއްކަން އެނގެންއޮތުން.
5.4 ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/50,000ރ. (ފަންސާސް ހާސް ރުފިޔާ) ޚަރަދުކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތުމުން، އެ ހިނދަށް އެފައިސާ ނަގައިދެވެން ނެތްކަން.
6ނޫރާނީ ކެޕިޓަލްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބެލީ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާގައެވެ.
ހައިކޯޓުގެ ނިންމުން
7ދިވެހިރާއްޖޭގެ ހައިކޯޓުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ކުރި އިސްތިއުނާފުގައި ސިވިލް ކޯޓުން -/300,000ރ. (ތިން ލައްކަ ރުފިޔާ) ދެއްކުމަށް ޙުކުމްކޮށްފައިވާ ބަޔަށް އިންކާރުކޮށްފައި ނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާގައި ޙުކުމްކުރީ ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް ޙަސަންއަށް -/300,000ރ. (ތިން ލައްކަ ރުފިޔާ) އާއި އެ ރުފިޔާ ދެއްކުމާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް ޙަސަންއަށް -/200,000$US (ދެލައްކަ ޔޫއެސް ޑޮލަރު) ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
7.1 އެއްބަސްވުމުގައިވާ -/200,000$US (ދެލައްކަ ޔޫއެސް ޑޮލަރު) ޙައްޤުވުމަށްޓަކައި މަސައްކަތްކޮށް ނިމިފައިވާންޖެހޭކަން އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، ޢަބްދުއްރަޙީމް ޙަސަން ކުރުމަށް އެއްބަސްވެފައިވާ މަސައްކަތާއި އެ މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ލިބޭ އަގުގެ މިންވަރަށް އާދައިގެ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، މިއީ މަސައްކަތް ނިމުމުން ޙައްޤުވާ ފައިސާއެއްކަމަށް ބެލެވޭކަމަށާއި، މުޢާމަލާތަކީ ރިޒޯޓެއްގެ ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތެއް ކަމުގައިވާއިރު، އެއްވެސް ޝަރުޠެއް ނެތި، 60 (ފަސްދޮޅަސް) ދުވަސް ވުމުން -/200,000$US (ދެލައްކަ ޔޫއެސް ޑޮލަރު) ގެ ބޮޑު އުޖޫރައެއް ޢަބްދުއްރަޙީމް ޙަސަންއަށް ހައްޤުވުމަކީ މިފަދަ ވިޔަފާރި މުޢާމަލާތަކަށް ފަހި، މުޢާމަލާތުގެ މަޤުޞަދު ޙާޞިލުކުރެވޭނެ މާނަކުރުމެއްކަމަށް ނުބެލެވޭކަން.
7.2 މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން އެއްބަސްވުން ތަންފީޒުކުރުން މުސްތަހީލުވުން ފަދަ ބަހުސެއް ނޫރާނީ ކެޕިޓަލްގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައި ނުވާކަމާއި، ސިވިލް ކޯޓުން މައްސަލަ ހިންގުމުގައި ނެޗުރަލް ޖަސްޓިސްގެ މަފްހޫމާ ޚިލާފުވާގޮތެއް އިސްތިއުނާފީ ނުކުތާއިން ސާފުނުވާކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އިސްތިއުނާފީ 2 (ދޭއް) ނުކުތާއާމެދު ސުޕްރީމް ކޯޓުގައި ވާހަކަދައްކާފައިވެއެވެ.
8.1 ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ US$200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) އަކީ ޢަބްދުއްރަޙީމް ޙަސަނަށް ލިބެންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަން.
8.2 ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މަޤްޞަދު މާނަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ވ. އޯ ޕްލައިސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް 7 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަން.
ދެފަރާތުން ދައްކާފައިވާ ވާހަކަ
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ބުނެފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ރ. ބޮޑުފަރު ރިޒޯޓްގެ ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް އުޅުމުގެ ސަބަބުން އުޖޫރައެއްގެ ގޮތުގައި ޢަބްދުއްރަޙީމް ޙަސަންއަށް US$200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ދޭންޖެހޭކަން އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ޢަބްދުއްރަޙީމް ޙަސަން މަސައްކަތް 6 ޤާނޫނު ނަންބަރު 13/2010 7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/139 ޤަޟިއްޔާ ފުރިހަމަކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގެ ދަށުން ވަކި ކަމެއް ޢަބްދުއްރަޙީމް ޙަސަން ފުރިހަމަކުރަންޖެހޭކަމަކަށް ނުވަތަ އެ ފައިސާ ޙައްޤުވާނީ ރިޒޯޓްގެ ލީސް ރައިޓްސްނޫރާނީ ކެޕިޓަލްއަށް ލިބުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި އޮތީ އެ ފައިސާއަކީ ޢަބްދުއްރަޙީމް ޙަސަން، ރިޒޯޓް ލީސް ރައިޓްސް ވިއްކުމުގެ މަސައްކަތުގައި އުޅުމުގެ ސަބަބުންދޭންޖެހޭ ފައިސާއެއް ކަމުގައި ކަމަށާއި، ޢަބްދުއްރަޙީމް ޙަސަން މި މަސައްކަތުގައި އުޅުނުކަން މި އެއްބަސްވުމުން އެނގޭކަމަށެވެ.
10މީގެ ރައްދުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ބުނެފައިވަނީ ރ.ބޮޑުފަރު ރިޒޯޓުގެ ހެޑް ލީސް ރައިޓްސް ނޫރާނީ ކެޕިޓަލުން ގަތުމަށްޓަކައި އެ ކުންފުންޏާއި ޢަބްދުއްރަޙީމް ޙަސަންއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ލީސް ރައިޓްސް ލިބިގަތުމާގުޅޭ މުޢާމަލާތް ކުރިއަށް ގެންދަނިކޮށް، އެ ރަށަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (މީގެ ފަހުން "އެމް.އެމް.ޕީ.އާރު.ސީ") އަށް ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާ ރަށަކަށްވާތީވެ އެ ރަށާގުޅޭ މުޢާމަލާތްތައް މަޑުޖައްސާލާފައިވާކަން ނޫރާނީ ކެޕިޓަލްއަށް އެނގުމުން، މުޢާމަލާތް ނުކުރެވުނު ކަމަށާއި، އެހެންކަމުން، ލީސް ރައިޓްސް ހޯދުމުގެ މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތަކަށް ނުވާތީ، އެއްބަސްވުމުގައި ބަޔާންކުރާ US$200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) އަކީ ޢަބްދުއްރަޙީމް ޙަސަންއަށް ނޫރާނީ ކެޕިޓަލްއިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
11މީގެ އިތުރުން، އެއްބަސްވުމުގައިވާ ފަދައިން ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް ޙަސަންއަށް ދައްކަންޖެހޭ -/300,000ރ. (ތިން ލައްކަ ރުފިޔާ) ނުދައްކާ ހިނގާ މުއްދަތަށް، ދުވާލަކު -/3,000ރ. (ތިންހާސް ރުފިޔާ) ގެ މަގުން ޖުރިމަނާ އަރާގޮތަށް ހިމަނާފައި އޮތުމުން، ޖޫރިމަނާގެ ގޮތުގައި -/663,000ރ. (ހަލައްކަ ފަސްދޮޅަސް ތިންހާސް ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޖުރިމަނާ ނެގުމާގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ޤަޟިއްޔާއާއި ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް ޤަޝިއްޔާގައި ޤާއިމުކޮށްފައިވާ އުސޫލާއި ޚިލާފަށްކަމަށް ނޫރާނީ ކެޕިޓަލްގެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
12ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ދެ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ US$200,000/- (ދެލައްކަ އެމެރިކާ ޑޮލަރު) އަކީ ޢަބްދުއްރަޙީމް ޙަސަންއަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަމާމެދު އެވެ. އެއަށްފަހު، އިސްތިއުނާފުގެ ރައްދުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ހައިކޯޓުން ޖުރިމަނާ ނެގުމާގުޅޭގޮތުން ނިންމާފައިވާ ނިންމުމާމެދު ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން ގޮތެއް ކަނޑައަޅާނަމެވެ.
ދެފަރާތު ދެމެދުވި އެއްބަސްވުން
13ޢަބްދުއްރަޙީމް ޙަސަންއާ ނޫރާނީ ކެޕިޓަލްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުމަކީ ނޫރާނީ ކެޕިޓަލް (އެއްބަސްވުމުގެ ދަށުން "ފައިސާ ލިބޭ ފަރާތް") އާއި ޢަބްދުއްރަޙީމް ޙަސަން (އެއްބަސްވުމުގެ ދަށުން "ފައިސާ ދޭ ފަރާތް") އާ ދެމެދު ރ. ބޮޑުފަރު ރިޒޯޓްގެ ލީސް ރައިޓްސް ގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުމަށް ޢަބްދުއްރަޙީމް ޙަސަން ދޭން އެއްބަސްވެފައިވާ -300,000ރ. (ތިން ލައްކަ ރުފިޔާ) ދިނުމުގައި ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވާ އުޞޫލު ބަޔާންކުރާ އެއްބަސްވުންކަމަށް ބަޔާންކޮށްފައިވެއެވެ.
14އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އެގްރިމެންޓް ކުރެވޭ މަޤުސަދު ބަޔާންކޮށްފައިވެއެވެ. އެގޮތުން އެގްރިމަންޓް ކުރެވޭ މަޤުސަދަކީ ނޫރާނީ ކެޕިޓަލްގެ ފަރާތުން ރ.ބޮޑުފަރުގެ ލީސް ރައިޓްސް ގަތުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ޢަބްދުއްރަޙީމް ޙަސަންގެ އަތުން -/300,000ރ. (ތިން ލައްކަ ރުފިޔާ) ހޯދުމަށްފަހު ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ގަތުމުގެ ކަންކަން ކުރުމަށާއި، އަދި އެ ފައިސާއާއި މި އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ޙަސަން ރިޒޯޓްގެ ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް އުޅުމުގެ ސަބަބުން އުޖޫރައެއްގެ ގޮތުން ދެވޭ -/200,000US (ދެލައްކަ ޔޫއެސްޑޮލަރު) ދިނުމުގެ އުޞޫލުތައް ކަނޑައަޅާ އެއްބަސްވުމެއްކަމަށް ބަޔާންކުރެއެވެ.
15އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ނ) ގައި، އެއްބަސްވުމުގައި ސޮއިކުރާތާ 60 (ފަސް ދޮޅަސް) ދުވަހުގެ ތެރޭ ނެގޭނެހެން -/200,000US (ދެލައްކަ ޔޫއެސްޑޮލަރު) ގެ ޑޭޓެޑް ޗެކެއް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ޢަބްދުއްރަޙީމް ޙަސަންއަށް ދޭން ނޫރާނީ ކެޕިޓަލްއިން އެއްބަސްވާކަމަށް ބަޔާންކޮށްފައިވެއެވެ.
16އެއްބަސްވުމުގެ 3 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ނޫރާނީ ކެޕިޓަލްގެ ފަރާތުން ކުރަން އެއްބަސްވާ ކަންތައްތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި -/300,000ރ. (ތިން ލައްކަ ރުފިޔާ) އަދި -/200,000US (ދެލައްކަ ޔޫއެސްޑޮލަރު) އެއްބަސްވުމުގައި ސޮއިކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނޫރާނީ ކެޕިޓަލްއަށް ލިބޭނެގޮތް ހެދުމަށާއި، މިކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ (ފައިސާ ދައްކަން އޮތް މުއްދަތަށް ވުރެ ފައިސާ ނުދެއްކި ހިނގާ ކޮންމެ ދުވަހަކަށް -/3,000ރ. (ތިންހާސް ރުފިޔާ) ގެ މަގުން) ޖުރިމަނާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެއްބަސްވުމުގެ ޚިލާފު އުފެދިފައިވާ ޢިބާރާތް މާނަކުރުން
17ޢަބްދުއްރަޙީމް ޙަސަންއާއި ނޫރާނީ ކެޕިޓަލްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ މަޤުޞަދު ކަމުގައި އެއްބަސްވުމުގެ 1 ވަނަ މާއްދާއިން ފެންނަންއޮތީ، ރ. ބޮޑުފަރު ރިޒޯޓްގެ ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް އުޅުމުގެ -/US$200,000 (ދެލައްކަ ޔޫއެސް ޑޮލަރު) ދިނުމެވެ. މެދުވެރިއަކަށް އުޅުމަކީ ކޮބައިކަމެއް ނުވަތަ ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން މެދުވެރިއަކަށް އުޅުމަށް ކުރަންޖެހޭ މަސައްކަތުގެ ތަފުޞީލެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވެއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ހަމައެކަނި މި މިންވަރަށެވެ.
18ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ފައިސާ ޙައްޤުވުމުގައި މަސައްކަތްކޮށް ނިމިފައިވާންޖެހޭ ކަމާމެދު އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، ޢަބްދުއްރަޙީމް ޙަސަން ކުރުމަށް އެއްބަސްވެފައިވާ މަސައްކަތާއި އެ މަސައްކަތުގެ އުޖޫރައަށް ބަލާއިރު، އާދައިގެ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން، -/US$200,000 (ދެލައްކަ ޔޫއެސް ޑޮލަރު) އަކީ މަސައްކަތް ނިމުމުން ޙައްޤުވާ ފައިސާއެއްކަމަށް ބެލެވޭކަމަށާއި، މިއީ ރިޒޯޓެއްގެ ލީސްހޯލްޑް ރައިޓްސް ގަނެވިއްކުމުގެ މުޢާމަލާތަކަށްވާއިރު، އެއްވެސް ޝަރުޠެއް ނެތި މިފަދަ ބޮޑު ޢަދަދެއް ޢަބްދުއްރަޙީމް ޙަސަންއަށް ޙައްޤުވުމަކީ މިފަދަ ވިޔަފާރީގެ މުޢާމަލާތަކަށް ފަހި، މުޢާމަލާތުގެ މަޤުޞަދު ޙާޞިލުކުރެވޭނެ މާނަކުރުމެއްކަމަށް ނުބެލެވޭކަމަށެވެ. ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެއްބަސްވުމުގައި އޭނާގެ މަސައްކަތެއްކަމަށް ބަޔާންކޮށްފައި އޮންނަނީ ރިޒޯޓް ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް އުޅުން ކަމަށާއި، ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން މެދުވެރިއަކަށް އުޅެފައިވާތީ، އެ ފައިސާއަކީ އޭނާއަށް ނަގައިދޭންޖެހޭ ފައިސާއެއް ކަމަށާއި، އެ -/US$200,000 (ދެލައްކަ ޔޫއެސް ޑޮލަރު) ލިބިދިނުމަށްޓަކައި އެއްބަސްވުމުގެ ދަށުން ރިޒޯޓްގެ ލީސް ރައިޓްސް ނޫރާނީ ކެޕިޓަލްއަށް ލިބުން ލާޒިމު ނުވާކަމަށެވެ. ނަމަވެސް، މިނުކުތާގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ބުނެފައިވަނީ މި މުޢާމަލާތަކީ ފުރިހަމަވެފައިވާ މުޢާމަލާތަކަށް ނުވާތީ އެ ފައިސާއަކީ ނޫރާނީ ކެޕިޓަލްއިން ޢަބްދުއްރަޙީމް ޙަސަންއަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
19ވުމާއެކު މި މައްސަލައިގައި ދެފަރާތު ދެމެދު ޚިލާފު އުފެދިފައިވަނީ އެއްބަސްވުމުގައިވާ US$200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ގެ މުޤާބިލު ޢަބްދުއްރަޙީމް ޙަސަންއަށް ލިބުން ޙައްޤުވާ ވަގުތާމެދުއެވެ. އެހެންގޮތަކަށް ބުނާނަމަ، އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ޙަސަން ފުރިހަމަކުރަންޖެހޭ މަސައްކަތާމެދުއެވެ. ޚިލާފު އުފެދުނު ސަބަބަކީ އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ފުރިހަމަކުރަންޖެހޭ މަސައްކަތް ސާފުކޮށް އެނގެންނެތުމެވެ.
20HN1އެއްބަސްވުމުގައި ޚިލާފު އުފެދިފައިވާ ޢިބާރާތް މާނަކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) ޤަޟިއްޔާގައި ބަޔާކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "..... އެ ސަބަބަށްޓަކައި މާނަކުރުމުގެ މަސައްކަތް ޚިލާފު އުފެދިފައިވާ އިބާރާތުން ފެއްޓި ނަމަވެސް، އިސްވެ ބަޔާންކުރި ފަދައިން، ސަމާލުކަން ދޭންޖެހޭ ކަމަކީ، އިބާރާތުގެ މާނަ ކިތަންމެ ސާފުކަމަށް ފެންނަން އޮތް ނަމަވެސް، އެ މާއްދާގެ ވަށައިގެންވާ ހާލަތަށް ބަލައިފިނަމަ، އެއީ އެހާ ސާފު ސާދާ މާނައެއް ނޫންކަމަށް ފެނިގެން ހިނގައިދާނެ ކަމެވެ. އެހާތަނުން އިބާރާތުގެ ވަށައިގެންވާ ހާލަތު ވެގެންދާނީ ޚިލާފު އުފެދިފައިވާ އިބާރާތް މާނަކުރުމުގެ ވަރަށް ބޮޑު އެހީތެރިއަކަށެވެ. ވީމާ، ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ކަނޑައެޅުމުގައި ކޮންޓްރެކްޓުގެ ވަށައިގެންވާ ވާގިއާތަކަކީ އެ ހާލަތުގައި އެންމެ މުހިންމު އެއްޗަކަށް ވެގެންދެއެވެ.14..
21HN2ކޮންޓްރެކްޓުގައި ދެފަރާތުން އެއްބަސްވާ ގޮތް ސަރީޙަ އިބާރާތުން ބަޔާންކޮށްފައިނުވާ ޙާލަތުގައި، ޚުޞޫމަތަށް ޙައްލެއް ހޯދުމުގެ ބޭނުމުގައި ކޮންޓްރެކްޓުގައި ޞަރީޙަ ޢިބާރާތުން ނުހިމެނޭ ޒިމްނީ މާއްދާއެއް ދޭހަކުރެވިދާނެކަން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއިން އެނގެއެވެ.
22ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ޒިމްނީ މާއްދާއެއްގެ ބޭނުން ހިފިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް، ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ދެނެގަތުމަށްޓަކައި ޒިމްނީ ޝަރުތު ދޭހަކުރުމުގައި އިސްކަންދޭންޖެހޭ ބައެއް ކަންކަން ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި:
(ހ) ޒިމްނީ މާއްދާ ބޭނުންކުރުމަކީ ބުއްދީގެ ހަމަތަކަށްފެތޭ އަދި އިންސާފުވެރި ގޮތެއް ކަމަށް ވުން.
(ށ) އެގޮތަކީ ކޮންޓްރެކްޓުގެ ޒަރީއާއިން ކުރާ ވިޔަފާރީގެ މަގްސަދު ހާސިލުކުރަނިވި ގޮތް ކަމަށްވުން.
(ނ) އެކަމަކީ ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައި ނެތް ނަމަވެސް ކަންވާންޖެހޭ ގޮތް ކަމަށް ހާމައަށް ފެންނަން އޮތް ގޮތް ކަމަށްވުން.
(ރ) އެކަމަކީ އެކަން އޮތްގޮތް ސާފުކޮށް ބުނެދެވެން އޮތް ގޮތެއް ކަމަށްވުން.
(ބ) ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައިވާ ކަމަކާއި އެ ޒިމްނީ މާއްދާ ތައާރަޒުނުވުން. މިކަންކަން ބަޔާންކޮށްފައިވެއެވެ.
23އަދި އެ ޤަޟިއްޔާގައި ކޯޓުތަކުން ދޭހަ ކުރާ ތިން ބާވަތެއް ޒިމްނީ މާއްދާ ހުންނަކަމަށާއި، އޭގެ ތެރޭގައި ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާއާއި، އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާއާއި ޤާނޫނުން ދޭހަކުރާ ޒިމްނީ މާއްދާ ހުންނަކަމަށް ބަޔާންކޮށްފައިވެއެވެ.
24ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓުގެ ބައިވެރިންނަށް ކޮންޓްރެކްޓް ލިޔުމުގައި ހެދޭ އޮޅުމަކުން ނުވަތަ ހަނދާންނެތިގެން ނޫންނަމަ ކޮންޓްރެކްޓު ފުރިހަމަކުރުމަށް ކޮންޓްރެކްޓުގައި ހިމަނާނެކަމަށް ޔަޤީންކުރެވޭ އެހެންނަމަވެސް ކޮންޓްރެކްޓުގައި ހިމެނިފައިނުވާ މާއްދާތައް ކަމަށާއި، އެހެންކަމުން، އެއީ އެފަދަ ޙާލަތްތަކުގައި މުޢާމަލާތުން ކުރެވޭ ވިޔަފާރީގެ މަގުސަދު ތަންފީޒުކޮށް ވިޔަފާރީގެ ނަތީޖާ ތަންފީޒުކުރުމުގެ ގޮތުން ކޯޓުތަކުން ދޭހަކުރާ މާއްދާތައް ކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޯޓުތަކުން ދޭހަކޮށްފައިވާ ބައެއް ޒިމްނީ މާއްދާތަކުގެ މިސާލު ގެންނަވާފައިވެއެވެ. އެގޮތުން، ކޮންޓްރެކްޓުގައި ދޯނީގެ ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމުން ދޯނި ޙަވާލުކުރަނީ ކޮން ބަނދަރަކުން ކަމެއް ސަރީހަ ބަހުން ބަޔާންކޮށްފައިނުވާ ހާލަތުގައި، ކުއްޔަށް ހިފި ފަރާތާއި ދޯނި ޙަވާލުކޮށްފައިވަނީ ނ. ނަރުދޫ ބަނދަރުންކަމަށްވާތީ، އެއްބަސްވުން ނިމުމަކަށް އަންނައިރު ދޯނި އަނބުރާ ވެރިފަރާތާ ހަވާލުކުރަންވާނީ ނ. ނަރުދޫ ބަނދަރުންކަމަށް ކޯޓުގެ ޤަޟިއްޔާއަކުން މީގެ ކުރިން ކަނޑައަޅާފައިވާކަމަށާއި، އެ ގޮތަށް ކަނޑައެޅީ އެ މާއްދާއާ ނުލައި ކޮންޓްރެކްޓު މަސައްކަތް ނުކުރާނެތީކަމަށާއި، ބުއްދި ޤަބޫލުކުރާ ގޮތަކީ އެގޮތްކަމަށްވާތީ ކަމަށާއި އަދި އިންސާފުވެރިގޮތަކީވެސް އެއީ ކަމަށްވާތީކަމަށް އެ ޤަޟިއްޔާގައި ފަނޑިޔާރު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ކުއްޔަށް ދިން އެތި ކުއްޔަށް ހިފާ ފަރާތާއި ޙަވާލުކުރަންވާނީ އެ އެތީގެ މަންފާ ހާސިލުކުރެވޭފަދަ ރަނގަޅު ޙާލަތުގައިކަމަށްވުމަކީ ޒިމްނީ 21 ޝަރުޠެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޖަމީލު ވ. ސީ ރެޓްރީޓްސް ޕިވިޓ ލިޓިޑި ޤަޝިއްޔާއިން އެނގޭކަމަށް ފާހަގަކުރައްވާފައިވެއެވެ.
25HN3ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ޢަބްދުއްރަޙީމް ޙަސަންއާއި ނޫރާނީ ކެޕިޓަލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން، US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ނޫރާނީ ކެޕިޓަލްއިން ޢަބްދުއްރަޙީމް ޙަސަންއަށް ދޭން އެއްބަސްވާކަމަށް ބަޔާންކޮށްފައިވަނީ ރ. ބޮޑުފަރު ލީސް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއަކަށް އުޅުމުންނެވެ. އެއްބަސްވުމުގެ ދަށުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މުގާބިލުގައި US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ދިނުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާއިރު، އެއްބަސްވުމުގެ މަގުސަދުގެ ގޮތުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ގަތުމުގެ ކަންކަންކުރުމެވެ. މުޢާމަލާތުގެ ވަކި ހިސާބަކުން ރ. ބޮޑުފަރު ރިޒޯޓްގެ ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތް ކުރިއަށް ނުގެންދެވުނެވެ. މުޢާމަލާތް ކުރިއަށް ނުގެންދުވެނު ސަބަބަކީ އެ ރަށަކީ ޤަވާއިދާ ޚިލާފަށް ދޫކޮށްފައިވާ ރަށެއްކަމަށް މަޢުލޫމާތު ލިބުމުންކަމަށް ނޫރާނީ ކެޕިޓަލްއިން ބުނެއެވެ. ދެ ފަރާތު ދެމެދު އެއްބަސްވުން ވެފައިވަނީ ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ގަތުމުގެ ގަސްދުގައިކަން އެއްބަސްވުމުގެ 1 ވަނަ މާއްދާއިން އެނގެންއޮންނައިރު، ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހަމައެކަނި މެދުވެރިއަކަށް އުޅުނު ކަމަށްޓަކައި US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ދޭންޖެހޭގޮތަށް އެ މާއްދާ މާނަކުރުމަކީ އެއްބަސްވުން ވީއިރު ދެފަރާތުގެ ނިޔަތްކަމަށް ބެލިދާނެކަމަށް އަހުރެން ނުދެކެމެވެ.
26އެހެނީ، ދެފަރާތު ދެމެދު ވި އެއްބަސްވުމުގެ މަޤުޞަދަކީ ނޫރާނީ ކެޕިޓަލްއަށް ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ހޯދުމެވެ. އޭގެ މުޤާބިލުގައި ޢަބްދުއްރަޙީމް ޙަސަންއަށް US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ދިނުމެވެ. އެއްބަސްވުމުގައި ބުނާ ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތެއް ކުރިއަށް ނުދެއެވެ. ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަވާންޖެހޭ ކަމަށް އެއްބަސްވުމުގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި ނުވިނަމަވެސް، ރ. 21 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/49 ޤަޝިއްޔާ ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަވުމަކީ އެއްބަސްވުމުގައި ބުނާ US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއްކަމަށް އަހުރެން ދެކެމެވެ. އަދި އެއީ މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ޙަސަންއަށް ލިބޭ ޢަދަދަށް ބަލާއިރު، ހައިކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާގޮތަށް އެއީ އާންމު ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ޤަބޫލުކުރެވޭ ކަމެއްކަމަށް ނުބެލެވެއެވެ.
27މީގެ އިތުރުން، ދެފަރާތު ދެމެދުވި އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އެއްބަސްވުމުގެ މަޤުޞަދަކީ ރ. ބޮޑުފަރު ރިޒޯޓުގެ ލީސް ރައިޓްސް ގަތުމުގެ ކަންކަން ކުރުންކަމަށް ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގެ ދަށުން އެއްވެސް ޝަރުޠެއް ނެތި، US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ދޭންޖެހޭކަމަށް މާނަކުރުން ބުއްދީގެ ހަމަތަކުން ބަލާއިރު އިންސާފާ ދުރުކަމަށް އަހުރެން ދެކެމެވެ.
28HN4އެހެންކަމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި، އެއްވެސް ޝަރުޠެއް ނެތި، US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ޢަބްދުއްރަޙީމް ޙަސަންއަށް އަށް ޙައްޤުވުމަކީ މިފަދަ ވިޔަފާރީގެ މުޢާމަލާތަކަށް ފަހި، މުޢާމަލާތެއްގެ މަޤުޞަދު ޙާޞިލުކުރެވޭ މާނަކުރުމެއްނޫންކަމަށް ކަނޑައަޅާފައިވަނީ އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް ކަމަށް ދެކެމެވެ. އަދި އެ ނިންމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފުވާ ސަބަބެއް ޢަބްދުއްރަޙީމް ޙަސަންއަށް ބުނެދެވިފައިނުވެއެވެ.
ރައްދުގައި ފާހަގަކުރި ޖުރިމަނާ ނުކުތާއާ ގުޅޭ
29ސިވިލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޖުރިމަނާ ނެގުމާގުޅޭގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަމަށް ނޫރާނީ ކެޕިޓަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. މި ނުކުތާގެ ރައްދުގައި ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ބުނެފައިވަނީ މި ނުކުތާއަކީ ނޫރާނީ ކެޕިޓަލްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އިރު ހުށަހެޅި ނުކުތާއެއް ނޫންކަމަށާއި އެހެންކަމުން، އެ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅިދާނެކަމަށް ޤަބޫލުނުކުރާކަމަށެވެ.
30HN5ޖޫރިމަނާއާ ގުޅޭ ނުކުތާއަކީ ނޫރާނީ ކެޕިޓަލްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރި އިރު، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާއެއްނޫނެވެ. ނަމަވެސް، ސިވިލް ކޯޓުން ޖުރިމަނާ ނަގާދިނުމަށް ނިންމި ނިންމުމަށް އިންކާރުކޮށް އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލުގައި ހައިކޯޓުގައި ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.
31މި މައްސަލައަކީ ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލަމުންދާ މައްސަލައެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާ އެ ކޯޓުން ނިމުމުން، ނޫރާނީ ކެޕިޓަލްގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް، ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ދެވުނު މުއްދަތުގައި އެންގުމާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްފައިނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ނިންމިއެވެ. އަދި ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ނޫރާނީ ކެޕިޓަލްގެ ފަރާތުން ހުށަހެޅުމުން، ފޯމާއި ގުޅިގެން އިޞްލާޙުކުރަންޖެހޭ ކަންކަން ހުށަހެޅުމަށް ދެވުނު މުއްދަތުގައި އެކަންކަން އިސްލާޙުކޮށް ހުށަނޭޅުނުކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ބެލެވެން ނެތަތީއާއި، ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައިވާ ސަބަބުތައް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ހުށަހެޅިފައިނުވާތީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވެއެވެ. ފަނޑިޔާރުންގެ ނިންމުން އަލުން ބަލައި ދިނުމަށް އެފަރާތުން ހުށަހަޅާފައިނުވެއެވެ.
32މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނުއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ނޫރާނީ ކެޕިޓަލްގެ ފަރާތުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅާފައިނުވެއެވެ. އިތުރު އިސްތިއުނާފުގެ ދަޢުވާގެ ދާއިރާއަކީ، މި ވަގުތު އަހުރެންގެ ކުރިމަތީގައި އޮތް ބަހުސެއްކަމަށް ނުވާތީ، އޭގެ ތަފުސީލަކަށް އަހުރެން ނުދާނަމެވެ. މިކަންކަން އަހުރެން މި ފާހަގަކުރަނީ، ނޫރާނީ ކެޕިޓަލްގެ ފަރާތުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާގައި ޖޫރިމަނާއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އިސްތިއުނާފުކުރުމުގެ ޙައްޤު ބޭނުން ހިފުމުގައި ޢަމަލުކޮށްފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުންނެވެ.
33އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ ފަރާތުގެ އިސްތިއުނާފު ދައުރުވަނީ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން، US$ 200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ޢަބްދުއްރަޙީމް ޙަސަންއަށް ލިބެންޖެހޭކަމަށް ބުނާ ބުނުމަށެވެ. ޖޫރިމަނާއާ ގުޅޭ ނުކުތާއަކީ ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ބަހުސްގައި ހިމެނޭ ނުކުތާއަކަށްނުވާއިރު، އެކަމަކީ ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ހިމެނޭ ކަމެއް ނޫނެވެ. އަދި އެފަރާތުގެ މަސްލަޙަތުގައި އޮތް ކަމަކަށް ނުވާއިރު، ޢަބްދުއްރަޙީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ މައްސަލައިގެ ތެރެއިން ޖޫރިމަނާއާ ގުޅޭ ނުކުތާއަށް ފުރުޞަތު ހުޅުވައިދިނުމަކީ، މި މައްސަލައިގެ އިސްތިއުނާފީ ދާއިރާއާއި، އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތާއި އަދި މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކުގެ އަލީގައި އެންމެ އިންސާފުވެރި ގޮތްކަމަށް އަހުރެން ނުދެކެމެވެ.
34އެހެންކަމުން، ނޫރާނީ ކެޕިޓަލްގެ ފަރާތުން ފާހަގަކޮށްފައިވާ ޖުރިމަނާ ނުކުތާއާ ގުޅޭ ގޮތުން، މި މައްސަލައިގައި، ގޮތެއް ކަނޑައެޅިދާނެކަމަކަށް ނުދެކެމެވެ.
ނިންމަން ފެންނަގޮތް
35މަތީގައި ފާހަގަކުރެވުނު ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާގައި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް ޙަސަންއަށް -/300,000ރ. (ތިން ލައްކަ ރުފިޔާ) ދައްކަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރަން ފެނެއެވެ. އަދި އެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވުމުގެ ސަބަބުން، އަރާފައިވާ ޖޫރިމަނާއާ ގުޅޭގޮތުން ރައްދުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، މަތީގައި ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި، މި މައްސަލައިގެ ތެރެއިން ގޮތެއް ކަޑައަޅާނެ ތަނެއް ނެތްކަމަށް ދެކެމެވެ.
36އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން -/200,000 US$ (ދެލައްކަ ޔޫއެސް ޑޮލަރު) ޢަބްދުއްރަޙީމް ޙަސަންއަށް ނަގައިދޭންޖެހޭތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ބަޔަށް ތާއީދުކޮށް މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
37މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
38މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު، (1) އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާގައި ރ.އިނގުރައިދޫ، […] ޢަބްދުއްރަޙީމް ޙަސަން (އައި.ޑީ އާއި ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު C-0823/2016) އާދެމެދު 01 ޖުލައި 2017 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޙީމް ޙަސަންއަށް -/300,000ރ. (ތިން ލައްކަ ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރުމާއެކު، (2) އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން، އަރާފައިވާ ޖޫރިމަނާއާ ގުޅޭގޮތުން، މި މައްސަލައިގެ ތެރެއިން ގޮތެއް ކަޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، (3) ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ޙަސަންއަށް US$200,000/- (ދެލައްކަ ޔޫއެސް ޑޮލަރު) ނަގައިދޭންޖެހޭތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ބަޔަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްޠިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- އައިޑީ
- ރަޖިސްޓްރޭޝަން ނަންބަރު C-0823/2016
- ރ. ބޮޑުފަރ ރިޒޯޓު ގަތުމަށްޓަކައި ޢަބްދުއްރަޙީމް ޙަސަންއާއި ނުރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު 01 ޖުލައި 2017 ގައި ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާ، އަދި 2 ވަނަ މާއްދާގެ (ހ)
- އބމ 2 ވަނަ މާއްދާގެ (ށ)
- އބމ 3
- މި މައްސަލައާ ގުޅިގެން 15 ޖެނުއަރީ 2025 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްގެ ވަނީ އިބްރާހީމް ޢަލީ ދައްކާފައިވާ ވާހަކަ
- މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް [2022] SC 85 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/36,2021/SC-A/38 ޤަޟިއްޔާ)
- ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ)
- އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޞިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
- މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން [2021] SC 65 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/34 ޤަޟިއްޔާ) ޕެރެގްރާފު 65
- Wood v Capita Insurance Services Limited [2017] UKSC 24, para 11 -15
- ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ)
- ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2025] SC 06 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/78 ޤަޟިއްޔާ)
- ފުޓްނޯޓު 15 ގެ 23 ވަނަ ޕެރެގްރާފު. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ' ' (ދިވެހިރާއްޖޭދަ އިބްރާހީމްމަނިކު [2022] SC 60 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާ) ގައި އެއްބަސްވުމުގައި ނުހިމެނޭ ކަމެއް އިފްތިރާޝުކުރުމުގައި ނަގަހައްޓަންޖެހޭ މި އުޞޫލުތައް އިތުރަށް ތަފުޞިލުކޮށްދީފައިވެއެވެ (ޕެރެގްރާފު 22.6).
- ފުޓްނޯޓު 15 ގެ 24 ވަނަ ޕެރެގްރާފު
- އބމ
- އބމ ގެ ޕެރެގްރާފް
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/455 ޤަޟިއްޔާއާ ގުޅިގެން 11 އޮކްޓޫބަރު 2023 ގައި ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްގެ ވަކީލު އަލްއުސްތާޛު ޙުސްނީ މުބާރިކް ދައްކާފައިވާ ވާހަކަ، ހައިކޯޓު ރިޕޯޓުގެ ސަފުހާ 27
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC-197/REG/2024/59 "ރަޖިސްޓްރާރގެ ނިންމުން" 07 އޮކްޓޫބަރު 2024
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-LRD/02 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު 08 ގަންވާރީ 2025
- އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު [2023] SC 48 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/33 ޤަޟިއްޔާ) އަށް: ބެލުމުން، އިސްތިއުނާފީ ރައްދު ދަޢުވާ ބަލައިގަތުމުގައި، އެއީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާއެއްތޯއާއި، މައްސަލައިގެ ޠަބީޢަތާއި އަދި-އިސްތިއުނާފީ ނުކުތާތަކުގައި ހިމެނޭކަމެއްތޯ ބެލުން، ފަދަ ކަންކަމަށް ރިޢާޔަތްކުރެވިދާނެކަން އެނގެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1
- މަދަނީ އިޖުރާއަތުގެ ޤާނޫނު (އިތުރު އިސްތިއުނާފު)
- މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) [2021] SC 65 (2020/SC-A/34)، ޕެރ. 65
- ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 (2020/SC-A/46)
- ޔޮޓް ޓުއަރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2025] SC 06 (2022/SC-A/78)
- ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު [2022] SC 60 (2021/SC-A/53)، ޕެރ. 22.6
- މުޙައްމަދު ޖަމީލު ވ. ސީ ރިޓްރީޓްސް ޕވޓ ލޓޑ (ހައިކޯޓު 2017/HC-A/49)
- އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު [2023] SC 48 (2022/SC-A/33)
- Wood v Capita Insurance Services Limited [2017] UKSC 24, paras 11–15
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.