ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 60 · 2021/SC-A/53ސުޕްރީމް ކޯޓު · 22 ސެޕްޓެމްބަރު 2022

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު

ސުޕްރީމް ކޯޓު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ މުޙައްމަދު އިބްރާހީމްމަނިކު

[2021] SC 60

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0158/2014) (މީގެ ފަހުން "ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން ހުޅުމާލެ ގޯތި 11329، މުޙައްމަދު އިބްރާހީމްމަނިކު ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މުޙައްމަދު އިބްރާހީމްމަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭ ލޮޓް ނަންބަރު 11329 ގޯތީގައި (މީގެ ފަހުން "ހުޅުމާލޭ ލޮޓް 11329") އިމާރާތް ކުރާގޮތަށް، އެ ގޯތި 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އާއި މުޙައްމަދު އިބްރާހީމް މަނިކުއާއި ދެމެދު 08 ޑިސެންބަރު 2015 ގައި އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން") ވިއެވެ.

އެއްބަސްވުމުގައި ސޮއިކުރިއިރު ފުރަތަމަ އަހަރުގެ ކުލީގެ ގޮތުގައި 192,000/-ރ. (އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ) މުޙައްމަދު އިބްރާހީމްމަނިކު ނެގުމަށްފަހު، އެއްބަސްވުމާއި ޚިލާފަށް މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލެ ލޮޓް 11329 އެހެން (ތިންވަނަ) ފަރާތަކަށް ކުއްޔަށްދީ އެ ގޯތީގައި އިމާރާތް ކުރަމުންދާ ކަމުގައިބުނެ، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމްމަނިކުގެ މައްޗަށް އަންގާ އަމުރުކޮށްދިނުމަށް އެދި، އަދި ހުޅުމާލެ ލޮޓް 11329 ކުއްޔަށް ދިނުމަށް އެ ތިންވަނަ ފަރާތްތަކާއެކު މުޙައްމަދު އިބްރާހީމްމަނިކު ކޮށްފައިވާ އެންމެހާ އެގްރީމެންޓްތަކާއި މުޢާމަލާތްތަކަކީ ބާޠިލު ކަންކަން ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން މުޙައްމަދު އިބްރާހީމްމަނިކަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓު (ހުޅުމާލެ ޑިވިޜަން) ގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނިންމުން

ސިވިލް ކޯޓުގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް 11329 ގައި ކުރަން ލާޒިމުކޮށްފައިވާ ފަދައިން، އެ ގޯތީގައި ކުރަންޖެހޭ އިމާރާތް އެއްބަސްވުމުގައިވާ މުއްދަތުގައި އިމާރާތްކުރަން ނުފަށައި އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކާ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށް، އެ ޚިލާފުވުން މަތީ ދެމިތިއްބައި، އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު އިބްރާހީމްމަނިކުއަށް އަމަލުކުރުމަށް އަދި މި ގޯއްޗާއި ގުޅޭގޮތުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ނޫން ފަރާތަކާއި އެކު މުޙައްމަދު އިބްރާހީމްމަނިކު ކޮށްފައިވާ މުޢާމަލާތްތައް ބާޠިލުކަމަކަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފައެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ލޮޓް 11329 ގައި އިމާރާތްކުރުމަށް ދީފައިވާ މުއްދަތަކީ 01 (އެކެއް) އަހަރު ދުވަސް ކަމާއި، އެ މުއްދަތު ގުނާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިމާރާތް ކުރުމުގެ ހުއްދަ ލިބޭ ދުވަހުންކަމުގައި އެއްބަސްވުމުގެ 6.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ ކުރެހުން ފާސްކުރި ތާރީޚް ކަމުގައިވާ 27 ޑިސެންބަރު 2015 އިން ފެށިގެން 01 (އެކެއް) އަހަރު ހަމަވާ ދުވަސްކަމުގައި ވީހިނދު، އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އިމާރާތް 27 ޑިސެންބަރު 2016 ގައި ނިންމާފައި ނުވުން.

އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ހުޅުމާލޭ ލޮޓް 11329 ގައި ކުރަންޖެހޭ އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ޖައްލޭސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 16 ޖުލައި 2017 ގައިކަން އެނގެން އޮތުމުން، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުރަންޖެހޭ އިމާރާތުގެ މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ފަށާފައިވެސް ނުވުން.

އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރު(27 ޑިސެންބަރު 2016 އިން 27 ޑިސެންބަރު 2016 އަށް) ދުވަހަކީ ކުލި ދައްކަން ޖެހޭ އަހަރެއް ނޫން ކަމުގައި އެއްބަސްވުމުގައި ބަޔާންވެގެންވުމަކީ، އިމާރާތް ނުކޮށް ކުލިވެސް ނުދައްކާ އެ ގޮތުގައި ދެމިތިބެވޭނެ ކަމަށް ބަޔާންކުރުން ނޫންކަމާއި، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ދައްކާފައިވާ ކުލީގެ ފައިސާއަކީ އެއްބަސްވުމުގައި ސޮއިކޮށް އިމާރާތްކުރުމަށް ނުފަށާ ވޭތުވި ފުރަތަމަ އަހަރަށް ދައްކާފައިވާ ކުލީގެ ފައިސާގެ ގޮތުގައި ބެލޭކަމާއި، އޭގެފަހުން އިމާރާތް ކުރަން ނުފަށާ ހިނގާދިޔަ ދުވަސްތަކަށް ދައްކަންޖެހޭ ކުލި ދައްކާފައިވާކަމަށް ބެލެވޭނެ ހެއްކެއް ހުށަހެޅިފައި ނުވުމުން، ކުލި ދައްކާފައިވާ ކަމުގައި ބެލެވެން ނެތްކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

ސިވިލް ކޯޓުގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް 11329 ގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުރަންޖެހޭ އިމާރާތްކުރުމުގެ މަސައްކަތް، ޖައްލޭސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ، 16 ޖުލައި 2017 ގައި ކަމުގައިވެފައި، އެ ތާރީޚަކީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދެވިފައިވާ 1 (އެކެއް) އަހަރުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްކަމުން، އިމާރާތްކުރުމަށް ދެވިފައިވާ މުއްދަތުގައި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ ނުވާކަން.

ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފުރަތަމަ އަހުރުގެ ކުލި ކަމުގައިވާ 192,000/-ރ. (އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ) މުޙައްމަދު އިބްރާހީމްމަނިކަށް ލިބިފައިވާކަމާއި، އަދި މި ފައިސާއަކީ 27 ޑިސެންބަރު 2016 އިން 27 ޑިސެންބަރު 2017 ގެ ނިޔަލަށް ހިނގާ 1 (އެކެއް) އަހަރު ދުވަހުގެ ކުލީގެ ގޮތުގައި ބެލެވޭނެ ފައިސާކަން.

27 ޑިސެންބަރު 2017 ގެ ފަހުން ހިނގަމުންދާ ދުވަސްތަކަކީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުލި ދައްކަންޖެހޭ މުއްދަތުކަމާއި، އެ މުއްދަތުގެ ފަހުން ހިނގާފައިވާ ދުވަސްތަކަށް ކުލި ދައްކާފައިވާކަން އެނގޭނެ ދަލީލެއް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ ނުވާކަމާއި، ކުލި ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމަކާ ޚިލާފުވުން ކަމުގައިވާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލުކުރުން ޖާއިޒުކަން.

އެއްބަސްވުމުގެ ދަށުން އިމާރާތުގެ ވެރިފަރާތުގެ ހައިސިއްޔަތުން ސަރުކާރުގެ އެންމެހައި ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމުގެ ބާރާއި އިޚްތިޔާރު ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއަށް މުޙައްމަދު އިބްރާހީމްމަނިކު ލިބިދީފައިވާތީ، އިމާރާތް ކުރުމާ ގުޅިގެން ސަރުކާރުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ އެންމެހައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރކަން އެނގޭކަމާއި، އިބްރާހީމްމަނިކުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްވެސް ރަސްމީ ލިޔުމެއް ފޯރުކޮށް ނުދީ އޮތްކަމަށް ބެލެވެން ނެތްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ފަރާތުން 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:

2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ކުލި އެޑްވާންސްކޮށް ދައްކާފައިވާކަން ސާބިތުވާ ލިޔުން ޝަރީޢަތަށް ހުށަހަޅާފައި އޮތުމާއި، ކުލި އަތުލި އަހަރު ގުނަން ފެށުމުގެވެސް ކުރިން (19 އޮކްޓޫބަރު 2016 ގައި) ތަން އެހެން ބަޔަކަށް ދީފައިވާކަން އެނގެން އޮތުމުންނާއި، މައްސަލައިގެ ޙުކުމަށް ވާސިލުވެފައިވަނީ މައްސަލައިގެ ހުށަހެޅިފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމުގައިވާތީ، އެ ނިންމުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވާ ގޮތުގެ މަތިންކަމާއި އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދިނުމުން ކަމަށް ބަޔާންކުރާއިރު ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އާއި މުޙައްމަދު އިބްރާހީމްމަނިކާއި ދެމެދުވި އެއްބަސްވުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 157/Cv-CHD/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

ހުޅުމާލެ ލޮޓް 11329 25 (ފަންސަވީސް) އަހަރަށް ކުއްޔަށް ހިފުމުގެ ގޮތުން ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން މުޙައްމަދު އިބްރާހީމްމަނިކު ބާޠިލުކުރިކަން ނުވަތަ ކުރާނެކަން ނުވަތަ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއިން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކޮށްގެން އެއްވެސް ކަހަލަ ނޯޓިސްއެއް ދީފައިނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 157/Cv-CHD/2017 ޤަޟިއްޔާގައި ކަނޑައަޅައި، އެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފައިވަނީ ހުށަހެޅިފައިވާ ހެއްކާއި އަދި ކަންހިނގާފައިވާ ގޮތާއި ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ މާއްދާތަކަށް ރިޢާޔަތްކުރުމެއް ނެތިކަމުން އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ޝަރީޢަތުން މައްސަލަ ނިންމަން ޖެހެނީ ހުށަހެޅޭ ހެއްކާއި ޤަރީނާގެ މައްޗަށް ކަމަށްވާއިރު، މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކި ހުށަހެޅުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއަކަށްވެފައި އަދި ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ ދަށުން މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހަޅަން އެކަށީގެންވާ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ދޭންޖެހޭނެ ކަމަށް ބަޔާންކުރާއިރު، ސިވިލް ކޯޓާއި ހައިކޯޓުން އެ ފުރުޞަތު ނުދިނުމަކީ ޙަވާލާދެވުނު މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

މި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން 25 ނޮވެންބަރު 2021 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އަނގަބަހުން ޖަވާބުދާރީވެފައިވެއެވެ. އެގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި އެ ފަރާތުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ދައްކާފައިނުވުމާއި، އެއްބަސްވުމުގެ ދަށުން އިމާރާތް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މާއްދާއާ އެއްގޮތަށް އިމާރާތްކޮށްފައި ނުވުމަކީ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ޖައުހަރީ ދެ ކަންތައް ކަމުގައިވާތީ، އެކަމުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ކަމަށް ބަލައި، ސިވިލް ކޯޓުންނާއި ހައިކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވާ އެއްވެސް ކަމެއް ޤާނޫނާ ޚިލާފަށް ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް އޮތް ކަމަކަށް މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ނުދެކޭ ކަމަށެވެ.

އިސްތިއުނާފު ނުކުތާތަކާމެދު އަހުރެން ބަހެއް ބުނުމުގެ ކުރިން، އެއްބަސްވުމުގައި ހުރި ކަމާގުޅޭ މާއްދާތަކާއި، އެއްބަސްވުން މާނަކުރުމާގުޅޭ ޤާނޫނީ އުސޫލުތަކުގެ މައްޗަށް އަލިއަޅުވާލުން މުހިންމު ކަމުގައި ފެނެއެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ (ޚުޞޫމާތާގުޅޭ) ކަންކަންއެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން، އެއްބަސްވުމުގައި ހިމެނޭ، މި މައްސަލައިން ހުށަހަޅާފައިވާ ޚުޞޫމާތާގުޅޭ މާއްދާތައް ފާހަގަކުރަމެވެ.

އެއްބަސްވުމުގައިވާ ގޮތުން މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލޭ ލޮޓް 11329 ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އަށް ކުއްޔަށްދީފައިވަނީ އިމާރާތްކުރުމަށް ދެވޭ މުއްދަތު ނުހިމަނައި، 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައިވާ ގޮތުން އެ ގޯތި އިމާރާތްކުރުމަށް ލިބިދީފައިވަނީ 01 (އެކެއް) އަހަރުގެ މުއްދަތެކެވެ. އަދި އިމާރާތްކުރުމަށް ލިބިދީފައިވާ މުއްދަތު ގުނާނީ "އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމުގެ ހުއްދަ" ލިބޭ ދުވަހުން ފެށިގެންނެވެ. ކުލީގެ މުއްދަތު ފެށެނީ، އިމާރާތްކުރުމަށް ލިބިދީފައިވާ، ބުނެވުނު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

އެއްބަސްވުމުގައި، އިމާރާތުގެ ކުއްޔަކީ "...އިމާރާތް ކުރުމަށްޓަކައި ހޭދަވާ ޖުމްލަ ފައިސާއާއި، ތަން ބެލެހެއްޓުމަށް ހިނގާ އެންމެހާ ޚަރަދާއި، ކޮންމެ މަހަކު ވެރިފަރާތަށް ދައްކަންޖެހޭ ކުއްޔާއި އެންމެހާ ކަންކަން ހިމެނޭގޮތަ]ށް[" ކަމުގައި ބަޔާންކުރުމަށްފަހު، އިމާރާތް ކުރުމަށް ހޭދަވާ 01 (އެކެއް) އަހަރު ފުރިހަމަވުމަށްފަހު ދެން ހިނގާ 20 (ވިހި) އަހަރު ދުވަހުގެ ކުއްޔަކީ މަހަކަށް 16,000/-ރ. (ސޯޅަހާސް ރުފިޔާ) ކަމުގައި، އަދި ކުލި ހިނގާ ފުރަތަމަ 20 (ވިހި) އަހަރު ނިމި، 21 (އެކާވީސް) ވަނަ އަހަރުން ފެށިގެން 25 (ފަންސަވީސް) ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ މަހު ކުއްޔަކީ 25,000/-ރ. (ފަންސަވީސް ހާސް ރުފިޔާ) ކަމުގައި ބަޔާންކޮށްފައިވެއެވެ.

އިމާރާތްކުރުމަށް ދެވޭ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގައި ކުލި ނުހިނގާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކުރުމާއެކު، އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ފުރަތަމަ އަހަރުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު ކަމުގައިވާ 192,000/-ރ. (އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ) ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން މުޙައްމަދު އިބްރާހީމްމަނިކަށް ދައްކަންޖެހޭނެ ކަމުގައި ބަޔާންކޮށް، އެއްބަސްވުމުގައި ސޮއިކުރިއިރު މި ފައިސާ ދައްކާފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެއްބަސްވުމުގައި ހިމަނާފައިވާ ކުލި ދައްކަންޖެހޭ ގޮތުގެ ތަފްސީލަށް ބެލުމުން، އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދައްކާފައިވާ ފުރަތަމަ އަހަރުގެ ކުއްޔަކީ އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން، އެއާ ވިދިގެން ހިނގާ 01 (އެކެއް) އަހަރު ދުވަހުގެ ކުލިކަން އެނގެން އޮވެއެވެ.

އެއްބަސްވުމުގައިވާ ފަދައިން، ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން މުޙައްމަދު އިބްރާހީމްމަނިކު ކަނޑައަޅާ ބޭންކް އެކައުންޓަކަށް ކުލި ނުދައްކައިފިނަމަ، ކުލި ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް، ދައްކަންޖެހި ނުދައްކާވާ ފައިސާގެ %3 (ތިނެއް އިން ސައްތަ) ގެ ޖޫރިމަނާއެއް ވާނެއެވެ. އަދި ކުލި ނުދައްކާ ވިދިވިދިގެން 3 (ތިނެއް) މަސްދުވަސް ވެއްޖެނަމަ، ޖޫރިމަނާ ފައިސާއާއި ކުލީގެ ފައިސާ ހިމެނޭގޮތުން، ދައްކަންޖެހި ނުދައްކާވާ އެންމެހާ ފައިސާ 14 (ސާދަ) ދުވަސް ތެރޭގައި އެއްފަހަރާ ދެއްކުމަށް އެންގުމުގެ އިޚްތިޔާރު މުޙައްމަދު އިބްރާހީމްމަނިކަށް ލިބިގެންވެއެވެ. މިފަދައިން ދައްކަންޖެހި ނުދައްކާވާ އެންމެހާ ފައިސާ ދެއްކުމަށް އެންގުމަށްފަހު، އެފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، (އެ އެންގުން އަންގާ ދުވަހުން ފެށިގެން) 15 (ފަނަރަ) ވަނަ ދުވަހުގެ 0 (ސުމެއް) ގަޑީގައި، އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި، އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ތަނުގެ ނުވަތަ އިމާރާތުގެ ފްލޯތަކުގެ ތެރެއިން މުޙައްމަދު އިބްރާހީމްމަނިކު ބޭނުން ފްލޯއެއް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އަދި މިގޮތަށް މުޙައްމަދު އިބްރާހީމްމަނިކު ފްލޯއެއް އޭނާގެ ބާރުގެ ދަށަށް ގެންދިއުމަކީ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ދައްކަންޖެހޭ ކުލީގެ ނިސްބަތަށް ބަދަލެއް އަންނާނެ ކަމެއް ނޫންކަމުގައިވެސް އެއްބަސްވުމުގައި އޮވެއެވެ.

އެއްބަސްވުމުގެ މުއްދަތުގައި މުޙައްމަދު އިބްރާހީމްމަނިކުގެ ބެލުމުގެ ނުވަތަ ބާރުގެ ދަށަށް ހުޅުމާލޭ ލޮޓް 11329 ގެންދިއުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.

އެއްބަސްވުމުގެ މުއްދަތުގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ތަނަށް ދައްކަން އެއްބަސްވެފައިވާ ކުލި ދައްކަމުންދާނަމަ އެތަން އަތުލުމުގެ ހައްޤު މުޙައްމަދު އިބްރާހީމްމަނިކަށް ލިބިގެން ނުވާކަން.

އެއްބަސްވުމުގައިވާ ފަދައިން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުލި ނުދައްކައިފިނަމަ، ވަކި ހާލަތުތަކެއްގައި، ވަކި އިޖުރާއަތުތަކެއް ފުރިހަމަކުރުމަށްފަހު، އިމާރާތްކުރާ ތަނުގެ ނުވަތަ އިމާރާތުގެ ފްލޯތަކުގެ ތެރެއިން މުޙައްމަދު އިބްރާހީމްމަނިކު ބޭނުން ފްލޯއެއް، މުޙައްމަދު އިބްރާހީމްމަނިކުގެ ބާރުގެ ދަށަށް ގެންދިއުން.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ތަން ދޫކޮށްލުން.

އެއްބަސްވުމުގައި ކުއްޔަށް ހިފާ ފަރާތުގެ ހައިސިއްޔަތުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ޒިންމާގެ ގޮތުގައި ހުރި ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށް، އެ ކަންތައްތައް އެގޮތުގައި ކުރާނެކަމުގެ ޔަޤީންކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި (އެނޫން ކަންކަން ހިމެނޭ ގޮތުން)، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގޯތި އިމާރާތް ކުރާނެކަމާއި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ބަރާބަރަށް ކުލި ދައްކާނެކަން ހިމެނިފައިވެއެވެ.

އަދި އެއްބަސްވުމުގެ ބައިވެރިއަކަށް (މުޙައްމަދު އިބްރާހީމްމަނިކު ނުވަތަ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ) އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެއް އަދާ ނުކުރެވިވަނީ އެ ފަރާތުގެ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން ނުވަތަ ޤުދުރަތީ ކާރިސާއަކާއި ގުޅިގެން ކަމުގައިވާނަމަ، އެކަން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިޔުމުން އަންގަންޖެހޭނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލުކުރާނީ ދެފަރާތުން ވާހަކަދައްކައިގެން ކަމާއި، ދެފަރާތުން ވާހަކަދައްކައިގެން އެފަދަ ކަމެއް ހައްލު ނުވެއްޖެނަމަ، އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިދީފައިވެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި އެއްބަސްވުން މާނަކުރުން

ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ގޮތުން ކޮންޓްރެކްޓެއްގައި ބައިވެރިވާ މީހުން އެ ކޮންޓްރެކްޓެގައި ބައިވެރިވާންވާނީ އެ ކޮންޓްރެކްޓަކަށް ރުހި ގަބޫލުވެގެން، އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ. އެހެންކަމުން، ކޮންޓްރެކްޓްގެ ބައިވެރިންނަކީ ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ގަބޫލު ކުރާފަދަ މީހުން ކަމުގައިވެފައި، އެ އެއްބަސްވުން ބިނާވާ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮވެ، އެ ފަރާތްތަކުން އެ ކޮންޓްރެކްޓްގައިވާ ކަންކަމުގެ މައްޗަށް ޤާނޫނީގޮތުން ބަނދެވުމުގެ ނިޔަތާއެކު، މުޤާބިލެއް ހިމެނޭފަދައަކުން އެއްބަސްވުމަކަށް އައިސްފިނަމަ، ޤާނޫނީ ގޮތުން ބަލައިގަންނަ ތަންފީޒުކުރެވޭ އެއްބަސްވުމެއް ވެވުނީއެވެ. އަދި މި ފަދައިން އެއްބަސްވުމެއްވުމުގެ މާނައަކީ އެ އެއްބަސްވުމުގައި ހިމެނިފައިވާ ފަދައިން އެއްބަސްވުމުގެ ބައިވެރިން ކަންކުރުމަށް އަގުދުވުމެވެ.

އެއްބަސްވުމެއް ވެފައިވަނީ ލިޔުމުން ކަމުގައިވެފައި، އެއްބަސްވުމުގެ (އިސްވެ ބުނެވުނު) ރުކުންތައް ފުރިހަމަނަމަ، އެއްބަސްވުމާގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅޭ ހާލަތުގައި، ފަނޑިޔާރު ބަލަންޖެހޭނީ އެ އެއްބަސްވުމަށެވެ. އަދި އޭގެ އިތުރުން އެ ޚުޞޫމާތަކާގުޅޭ ޤާނޫނަށާއި ޤާނޫނީ ޤާއިދާތަކަށެވެ.

މިގޮތުން، ފަނޑިޔާރެއްގެ ކުރިމައްޗަށް އެއްބަސްވުމަކާ ގުޅިގެން ޚުޞޫމާތެއް ހުށަހެޅޭ ހިނދު، އެއްބަސްވުން މާނަކުރުމުގެ އަސާސީ އުސޫލުތަކަށް ފަނޑިޔާރު ވިސްނަންޖެހެއެވެ. މިގޮތުން ފަނޑިޔާރު ބަލަންޖެހޭ ކަންކަން ތިރީގައި ފާހަކުރަމެވެ.

އެއްބަސްވުމުގައި ވަކި ބަހަކަށް ދެވޭ މާނަ ބަޔާންކޮށްފައިނުވާނަމަ، އެއްބަސްވުމުގައި ބުނާ އެއްޗެއް ދެނެގަންނާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި ބަސްތަކުގެ އާންމު މާނަ ބޭނުންކޮށްގެނެވެ.

އެއްބަސްވުން މާނަކުރާއިރު ގެންގުޅޭނީ އެއްބަސްވުން ވީއިރު ކަންހިނގާދިޔަ ގޮތާއި ވަށައިގެންވާ ކަންކަން އެނގިހުރި އާދައިގެ ސަބަބުވެރި އިންސާނަކު އެއްބަސްވުން ކިޔުމުން އޭގެން ދޭހަވާ މާނަ ދެނެގަތުމުގެ މިންގަޑެވެ.

އެއްބަސްވުން ކިޔުމުން، ވަކިކަމަކާމެދު އެއް މާނައަށް ވުރެ ގިނަ މާނަ އޭގެން ދޭހަވާނަމަ (ambiguity)، އަދި އެއީ ވިޔަފާރި މުޢާމަލާތެއްނަމަ، ކޯޓުން އެފަދަ ހާލަތެއްގައި އެކަމެއް މާނަކޮށް ކަނޑައަޅަންވާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްތަކާއި ލަފުޒުތަކާއި ފުށުނާރާ، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ (business common sense) މާނައެކެވެ. މިފަދަ ހާލަތެއްގައި ކޯޓުން އެއްބަސްވުން މާނަކުރުމުގައި ކަންހިނގާދިޔަ ގޮތުގެ ހަޤީޤަތްތަކާއި، ވަށައިގެންވާ ކަންކަމަށް ބަލައި، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ މާނައެއް ކުރުމަށް ފަނޑިޔާރު މަސައްކަތްކުރަންވާނެއެވެ.

އެއްބަސްވުމުގެ މާއްދާތައް ކިޔާ މާނަކުރަންވާނީ އެކުއެކީގައެވެ. އެއްބަސްވުމުގެ ވަކި ވަކި މާއްދާތައް (އެހެން މާއްދާތަކަށް ސަމާލުކަން ނުދީ) ކިޔައި މާނަކުރުމަކީ އެއްބަސްވުމުގެ ބައިވެރިން އޭގެން ހާސިލުކުރަން ބޭނުންވި ނަތީޖާ ހާސިލު ނުވާފަދައަކުން ކަންކުރުން ކަމުގައި ބެލެވެއެވެ.

އެއްބަސްވުމެއް ވުޖޫދުވެ، އޭގައި ސޮއިކުރުމުގެ ކުރިއަށް ދެކެވުނު ވާހަކަތަކާއި ކުރެވުނު މުޢާމަލާތްތަކަކީ އާންމު އުސޫލެއްގެ ގޮތުން އެއްބަސްވުމެއް މާނަކުރުމުގައި ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ނުވަތަ މަޢުލޫމާތެއް ނޫނެވެ. މިކަން މިހެން އޮންނަނީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެއް ބައިވެރިއަކު އަނެއް ބައިވެރިއެއްގެ މައްޗަށް އިލްތިޒާމު މަތިކުރަން މަސައްކަތް ކުރިނަމަވެސް، އެއީ އާޚިރުގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތްކަމުގައި ބެލޭނެ ހަމައެއް ނެތީމައެވެ.

އެއްބަސްވުމެއްގައި ވަކިކަމަކާއި ގުޅިގެން ވަކި ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެފައިނުވާ ޙާލަތެއްގައި، ވަކި ކަމަކީ އެ އެއްބަސްވުމުގައި އިފްތިރާޟުކުރެވޭ ކަމެއް (imply) ކަމުގައި ބެލޭނީ ޤާނޫނެއްގައި ނުވަތަ ޝަރުޢީ މަރުޙަލާތަކުން ނިމިފައިވާ ޤަޟިއްޔާތަކުގައި އެ އުސޫލު ބަޔާންކޮށްފައިވާނަމަ، އެ ބިނާގެ މައްޗަށެވެ. މި ފަދައިން އެއްބަސްވުމުގައި ނުހިމެނޭ ކަމެއް އިފްތިރާޟު ކުރުމަކީ ޤާނޫނީ ގޮތުން އޮޅުން ބޮޅުން ބޮޑު، އެފަދައިން ކަންކުރުމުގައި އަދި ނިންމުމުގައި ފަރުވާތެރިވާންޖެހޭ ކަމެކެވެ. އަދި އެއްބަސްވުމުގައި ނުހިމެނޭ ކަމެއް އިފްތިރާޟު ކުރުމުގައި އަންނަނިވި އަސާސީ އުސޫލުތައް ނަގަހައްޓަންޖެހެއެވެ.

އިފްތިރާޟު ކުރެވޭ ކަމަކީ އެކަމުގެ މައްޗަށް އެއްބަސްވުން ބިނާވާ ވިޔަފާރި މުޢާމަލާތުން އެއްބަސްވުމުގެ ބައިވެރިން ހޯދަން ބޭނުންވި ނަތީޖާ ނެރުމަށް (business efficacy) ނުވަތަ އެ ކަމެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތްނަމަވެސް އެއީ އެއްބަސްވުމުގައި ހިމެނޭނެކަމަށް ބެލެވޭ ފަދަ ކަމެއް (officious bystander test) ކަމުގައި ވާންޖެހެއެވެ. އަދި އެފަދައިން އިފްތިރާޟު ކުރެވޭ ކަމަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއަކާ ފުށުއަރާ ނުވަތަ ތައާރުޒުވާކަމެއް ކަމުގައި ވެގެން ނުވާނެއެވެ.

ވަކި ކަމަކީ އެއްބަސްވުމަކާ ގުޅުވާ އިފްތިރާޟު ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ބަލާނީ ބޭރުފުށުން ކަށަވަރުކުރެވޭ ފަދައިން (objectively)، އެއްބަސްވުންވީ އިރުގައި އެއްބަސްވުމުގެ ބައިވެރިންގެ ހައިސިއްޔަތުގައި އާންމު ސަބަބުވެރި އިންސާނަކު ހުރިނަމަ އެފަރާތަކުން އަމަލުކުރާނެ ކަމަށް ބެލެވޭ ގޮތުގެ މައްޗަށް ބިނާކޮށެވެ. މިހެންކަމުން، އެއްބަސްވުމަކަށް ކަމެއް އިފްތިރާޟު ކުރުމުގައި އެއްބަސްވުން ވީއިރު، އެއްބަސްވުމުގެ ދެ (ނުވަތަ ހުރިހާ) ބައިވެރިންގެ އެނގުމުގެ ތެރޭގައިވާ ހަޤީޤަތްތަކާއި ވަށައިގެންވާ ކަންކަމަށް ބަލަންވާނެއެވެ.

ފުރަތަމަ އިސްތިއުނާފީ ނުކުތާސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފުރަތަމަ އިސްތިއުނާފީ ނުކުތާ ބިނާވަނީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އެއްބަސްވުމުގެ ދަށުން ކުލި ދައްކަންޖެހޭ ފުރަތަމަ އަހަރަށް އެއްބަސްވުމުގައި ސޮއިކުރިއިރު ކުލި ދައްކާފައިވާކަން ސާބިތުވާ ލިޔެކިޔުން ޝަރީޢަތަށް ހުށަހަޅާފައި ވާހިނދު، ކުލި ދައްކަންޖެހޭ އެ ފުރަތަމަ އަހަރު ގުނަން ފެށުމުގެވެސް ކުރިން، އިމާރާތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލޭ ލޮޓް 11329 އެހެން ތިންވަނަ ފަރާތަކަށް ދީފައިވުމުގެ މައްޗަށެވެ.

އެއްބަސްވުމުގައި އިމާރާތްކުރުމަށްދޭ މުއްދަތާއި ކުލި ދެއްކުމާގުޅިގެން ހުރި މާއްދާތަކަށް ބަލާއިރު، މި ރައުޔުގެ 12 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ލޮޓް 11329 އިމާރާތްކުރުމަށް މުއްދަތު ގުނަން ފަށާފައިވަނީ "އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމުގެ ހުއްދަ" ލިބުނު 27 ޑިސެންބަރު 2015 ދުވަހުން ފެށިގެން ކަމުން، އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރުގެ މުއްދަތު ހަމަވެފައިވަނީ 27 ޑިސެންބަރު 2016 ގައެވެ. އަދި މި ރައުޔުގެ 13 އަދި 14 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ކުލި ހިނގަނީ އިމާރާތް ކުރުމަށް ލިބިދީފައިވާ އަހަރު ފުރިހަމަވުމަށްފަހު ކަމުންނާއި، އިމާރާތް ކުރުމަށް ލިބިދީފައިވާ މުއްދަތުގައި ކުލި ނުހިނގާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވުމުން، ކުލީގެ މުއްދަތު ހިނގަން ފަށަނީ 28 ޑިސެންބަރު 2016 ގައެވެ. އެއްބަސްވުމުގެ ދަށުން ކުލި ދައްކަންޖެހޭ ފުރަތަމަ އަހަރުގެ ކުލި (28 ޑިސެންބަރު 2016 އިން 27 ޑިސެންބަރު 2017 އަށް) އެއްބަސްވުމުގައި ސޮއިކުރި ހިނދު ދައްކަންޖެހޭކަން، އަދި އެގޮތުގެ މަތިން އެފައިސާ ދައްކާފައިވާކަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން އެބައޮތެވެ. އަދި މި ފައިސާ ދައްކާފައިވާ ކަމުގެ މައްޗަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އެއްވެސް ޚުޞޫމާތެއް ނެތެވެ.

މި އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން (އެއްބަސްވުމުގެ ދަށުން ކުލި ދައްކަންޖެހޭ ފުރަތަމަ އަހަރަށް އެއްބަސްވުމުގައި ސޮއިކުރިއިރު ކުލި ދައްކާފައިވަނިކޮށް، އިމާރާތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އަދި ކުލި ދައްކަންޖެހޭ އެ ފުރަތަމަ އަހަރު ގުނަން ފެށުމުގެ ކުރިން، ހުޅުމާލޭ ލޮޓް 11329 މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެހެން ތިންވަނަ ފަރާތަކަށް ދީފައިވުން) ސިވިލް ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

ސިވިލް ކޯޓު

އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން އިމާރާތް ކުރުމުގެ މަސައްކަތް ނިންމާފައި ނުވުމުގެ އިތުރުން، އެ މުއްދަތުގައި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވެސް ނުވުމުން، އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދީފައިވާ މުއްދަތުގައި ކުލި ދައްކަން ނުޖެހޭ ކަމަށް ބަޔާންކޮށްފައި އޮތުމަކީ އިމާރާތް ނުކޮށް ކުލިވެސް ނުދައްކާ އެ ގޮތުގައި ދެމިތިބެވޭނެ ކަމަށް ބަޔާންކުރުން ނޫންކަން.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު ދައްކާފައިވާ ކުލީގެ ފައިސާއަކީ އިމާރާތްކުރުމަށް ނުފަށާ ވޭތުވި ފުރަތަމަ އަހަރުގެ ދައްކާފައިވާ ކުލީގެ ފައިސާގެ ގޮތުގައި (ކޯޓުން) ކަނޑައަޅައި، އިމާރާތް ކުރަން ނުފަށާ އޭގެފަހުން ހިނގާދިޔަ ދުވަސްތަކަށް ކުލި ދައްކާފައިވާ ނުވާކަން.

ހައިކޯޓު

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުރަންޖެހޭ އިމާރާތްކުރުމުގެ މަސައްކަތް ޖައްލޭސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދެވިފައިވާ 1 (އެކެއް) އަހަރުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްގައި ކަމުން، އިމާރާތްކުރުމަށް ދެވިފައިވާ މުއްދަތުގައި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ ނުވާހިނދު، (ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް) އެއްބަސްވުމުގައި ސޮއިކުރިއިރު ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ގެ ފަރާތުން މުޙައްމަދު އިބްރާހީމްމަނިކަށް ހަވާލުކޮށްފައިވާ 1 (އެކެއް) އަހަރު ދުވަހުގެ ކުއްޔަށްވާ 192,000/-ރ. (އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ) އަކީ އިމާރާތްކުރުމުގެ މުއްދަތު ނިމުމަށްފަހު ވިދިގެން އައި އަހަރު ދުވަހުގެ (އެއީ އެއްބަސްވުމުގައި ކުލި ދައްކަންޖެހޭ ފުރަތަމަ އަހަރުގެ ގޮތުގައި ބަޔާންކޮށްފައިވާ، 27 ޑިސެންބަރު 2016 އިން 27 ޑިސެންބަރު 2017 ގެ ނިޔަލަށް) ކުލީގެ ގޮތުގައި ބެލެވޭނެ ފައިސާކަން.

ކުލި ދައްކަންޖެހޭ ފުރަތަމަ އަހަރުގެ (27 ޑިސެންބަރު 2017 ގެ) ފަހުން ހިނގަމުންދާ ދުވަސްތަކަށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުލި ދައްކަންޖެހި ކުލި ދައްކާފައިވާކަން އެނގޭނެ ދަލީލެއް ނެތަތީ، އަދި ކުލި ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމަކާ ޚިލާފުވުން ކަމުގައިވާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލުކުރުން ޖާއިޒުކަން.

މިހެންކަމުން، ހައިކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅައި ޙުކުމް ކުރުމުގައި ސިވިލް ކޯޓުގެ ޙުކުމް ދަމަހައްޓާފައިވާ ނަމަވެސް، ކުލި ދައްކަންޖެހޭ މުއްދަތާ މެދު ހައިކޯޓުން ނިންމާފައި ނިންމުން ސިވިލް ކޯޓުގެ ނިންމުމާއި ތަފާތުކަން ސާފެވެ.

މި އިސްތިއުނާފީ ނުކުތާގައި ހިމެނޭ އަނެއް ބަޔަށް ބަލާއިރު، އިމާރާތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހުޅުމާލޭ ލޮޓް 11329 އެހެން ތިންވަނަ ފަރާތަކަށް މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހަވާލުކޮށްފައިވާ ކަމަށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ބުނެފައިވާ ބުނުމާމެދު ސިވިލް ކޯޓުން އަދި ހައިކޯޓުންވެސް އެއްވެސް ބަހެއް ބުނެފައި ނުވާކަން ފާހަގަވެއެވެ.

ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ވަގުތީ އަމުރެއް ހޯދުމަށް އެދި ހުށަހަޅާފައިވަނީ މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލޭ ލޮޓް 11329 އެހެން ތިންވަނަ ފަރާތަކާއި ހަވާލުކޮށްފައިވާތީކަން އެނގެން އޮވެއެވެ. ސިވިލް ކޯޓުން އެ ވަގުތީ އަމުރު ނެރެދީފައި ނުވުމުގެ ސަބަބުން، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން އެ އިސްތިއުނާފާ މެދު ގޮތް ކަނޑައަޅާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެފަދައިން ހައިކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި، ތިންވަނަ ފަރާތަކަށް ހުޅުމާލޭ ލޮޓް 11329 އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއާ މުޙައްމަދު އިބްރާހީމްމަނިކާމެދު ވެފައިވާ އެއްބަސްވުމަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުވެސް ފާއިތު ނުވަނީސްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، 29 ނޮވެންބަރު 2018 ވަނަ ދުވަހު ނިންމާފައިވާ ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާގައި، ސިވިލް ކޯޓުން މައްސަލަ މައުޟޫޢީ ގޮތުން ބެލުމުގައި، މައްސަލައިގައި ހިމެނޭ ތިންވަނަ ފަރާތަށް އެ ފަރާތުގެ މަސްލަހަތު ދިފާޢު ކުރުމުގެ ފުރުސަތު ދޭންވާނެކަމުގައި ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކަން މިހެން އޮތްއިރު، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުންޏަކުން މައްސަލައިގެ ތެރެއަށް ވަނުމަށްއެދި ހުށަހަޅާ ފޯމެއް ހިމެނިފައިވެއެވެ. އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ހިނގަމުން ދިޔަ އެ މައްސަލައިގެ ތެރެއަށް ވަނުމަށްއެދި ހުށަހަޅާފައިވަނީ، އެ ކުންފުންޏާއި މުޙައްމަދު އިބްރާހީމްމަނިކާމެދު 19 އޮކްޓޫބަރު 2016 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭ ލޮޓް 11329 އިމާރާތްކޮށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި އެދެ ފަރާތުން ސޮއިކޮށް، އެފަރާތުން އެ ތަނުގައި އިމާރާތްކުރުމުގެ މަސައްކަތްފަށައި، 2 (ދޭއް) ފްލޯ ނިމިފައިވާތީ، އަދި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމަށް ވަދެ، މަސައްކަތް ކުރުމުގެ ތެރޭގައިވެސް އެހެން ފަރާތަކަށް އެ ތަން އިމާރާތްކޮށް ދިގުމުއްދަތަށް ކުއްޔަށްދީފައިވާކަން އެ ކުންފުންޏަށް އެނގިފައި ނުވާތީ، އެ ފަރާތުގެ މަސްލަހަތާއި ޙައްޤު ރައްކާތެރިކޮށްދިނުން އެދިއެވެ.

އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މައްސަލައިގެ ތެރެއަށް ވަނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ފަރާތަށް ތަދައްޚުލުވުމުގެ ހުއްދަ ލިބިދީފައި ނުވާކަމާއި، އެކަމާގުޅޭ މަޢުލޫމާތާއި ސަބަބަށް މައްސަލަ ނިންމުމުގައި އަލިއަޅުވާލާފައި ނުވާކަން ފާހަގަވެއެވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށްއެދި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ފޯމުގައި "އަޑުއެހުން ނިންމާފައިވާތީ ހުއްދަ ނުދޭގޮތަށް" މިފަދައިން ލިޔެފައިވެއެވެ.

އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި އިސްވެ ބަޔާންކުރި ފޯމަށް ބެލުމުން، އެ ކުންފުންޏާއި މުޙައްމަދު އިބްރާހީމްމަނިކާމެދު ހުޅުމާލޭ ލޮޓް 11329 އިމާރާތްކޮށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި 19 އޮކްޓޫބަރު 2016 ގައި ސޮއިކޮށްފައިވާކަން ބަޔާންކޮށްފައި އޮތުމުން، އެއީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކާދެމެދު އުފެދިފައިވާ ޚުޞޫމާތަށް ހައްސާސީ މަޢުލޫމާތެއް ކަމުގައި ދެކެމެވެ. އެހެނީ، އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމްމަނިކާމެދު19 އޮކްޓޫބަރު 2016 ގައި އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުން ވެފައިވަނީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އާއި މުޙައްމަދު އިބްރާހީމްމަނިކާމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއަށް ހުޅުމާލޭ ލޮޓް 11329 އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރުގެ މުއްދަތު 27 ޑިސެންބަރު 2016 ގައި ހަމަވުމުގެ ކުރިން ކަމުގައިވާތީއެވެ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު މި ނުކުތާ ފާހަގަކޮށްފައިވާ ހިނދު، މި ނުކުތާއާމެދު ހައިކޯޓުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވެއެވެ. އަދި ހައިކޯޓުން މައްސަލައިގެ ގޮތް ކަނޑައަޅުމުގައި ބުރަދަންދީފައިވަނީ 27 ޑިސެންބަރު 2017 ގެ ފަހުން ހިނގަމުންދާ ދުވަސްތަކަށް (އެއްބަސްވުމުގައިވާ ގޮތުންނަމަ، ކުލި ދައްކަންޖެހޭ ދެވަނަ އަހަރަށް) ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ކުލި ދައްކާފައިވާކަން އެނގެން ނެތުމުގެ މައްޗަށެވެ. އެހެންނަމަވެސް، ހައިކޯޓުން މި ފަދައިން ކަނޑައެޅުމުގައި، 27 ޑިސެންބަރު 2017 އަކީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލި ތާރީޚް ކަމުގައިވާ 23 އޮގަސްޓް 2017 ގެ ފަހުގެ ތާޜީޚެއްކަން، އަދި، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އުފުލާފައިވާ ދައުވާއަކީ އެ ފަރާތުން އިމާރާތްކޮށް ދިގު މުއްދަތަށް ކުއްޔަށްހިފިތަން މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ކުއްޔަށްދީފައިވުމުގެ ސަބަބުން ހުށަހެޅި ދަޢުވާއެއްކަމުގެ މައްޗަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްކޮށް، ބުރަދަންދީފައިވާ ކަމުގައި އަހުރެން ނުދެކެމެވެ.

އިސްވެ ބަޔާންކުރި ކަންކަން އެގޮތުގެ މަތިން ހުރުމުން، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލޭ ލޮޓް 11329 އިމާރާތްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށްޓަކައި ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބެލުމެއް ނެތި، މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ނުދެކެމެވެ.

ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ދެވަނަ ނުކުތާ ބިނާވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ މައްޗަށެވެ. އެ މާއްދާގައިވާ ގޮތުން، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވާ ގޮތުގެ މަތިންކަމާއި އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދިނުމުންނެވެ. އެހެންކަމުން، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކާއި ދެމެދުވި އެއްބަސްވުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށް ސިވިލް ކޯޓުގެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއިން ބުނެއެވެ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ އިސްތިއުނާފީ ނުކުތާ ބިނާވަނީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ އިން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކޮށްގެން މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެއްވެސް ކަހަލަ ނޯޓިސްއެއް ދީފައި ނުވުމުގެ މައްޗަށާއި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެއްބަސްވުން ބާޠިލުކުރިކަން ނުވަތަ ކުރާނެކަމުގެ އެއްވެސް އިޝާރާތެއް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއަށް ދީފައި ނުވާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި، އެ ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފައިވުމުގެ މައްޗަށެވެ.

އެއްބަސްވުމުގެ ބައިވެރިން އަމަލުކުރަންޖެހެނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށްކަމުގައި ވެފައި، އެއްބަސްވުމުގައި ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފިނަމަ ކަންހިނގާނެ ގޮތާއި، ތަން މުޙައްމަދު އިބްރާހީމްމަނިކަށް ހަވާލުވެވޭނެ ގޮތް ބަޔާންކޮށްފައި އޮވެމެ، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކޮށްފައި ނުވާކަން ސާފުކޮށް އެނގެން އޮތްހިނދު، އެއްބަސްވެފައިވާ އިޖުރާއަތަށް ބެލުމެއް ނެތި، އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަންތައްތަކެއް ކޯޓުގެ ފަރާތުން މާނަކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމުގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއިން ބުނެއެވެ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، މައްސަލައާމެދު ސިވިލް ކޯޓުން ގޮތް ނިންމުމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ބައެއް ކަންކަމަކީ އެއްބަސްވުމުގައި ހިމެނޭ ބައިތަކެއް ކަމުގައި ބަލައިގެން މައްސަލައިގެ ގޮތް ކަނޑައަޅާފައިވާކަން ފާހަގަވެއެވެ. އަދި އެއްބަސްވުމުގައި ދެފަރާތުން ކަންކުރަން އެއްބަސްވެފައިވާ ގޮތާއި، މައްސަލައާ ގުޅޭ މުހިންމު މައުލޫމާތު އެއްފަރާތްކޮށް، ކޯޓުން މަސައްކަތް ކޮށްފައިވަނީ މައްސަލައިގެ ހަޤީޤަތްތަކުގެ މައްޗަށް ޤާނޫނު ތަތުބީގުކުރުމުގެ ބަދަލުގައި އުފެދިފައިވާ ހުސޫމާތަށް ހައްލެއް ހޯދާދިނުމަށް ކަމަށް އަހުރެންނަށް ދޭހަވެއެވެ. ހަމައެއާއެކު، ހައިކޯޓުން މައްސަލަ ނިންމުމުގައިވެސް، ޤާނޫނީގޮތުން މިކަމުގައި އަރާފައިވާ އޮޅުން ހަމަމަގަށް އެޅުވުމުގެ އެއްވެސް އިރުޝާދެއްދީ، މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލު ކަނޑައަޅާފައި ނުވާކަން ފާހަގަވެއެވެ.

މިހެންކަމުން، ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގައި އެއްބަސްވެފައިވާ ފަދައިން ކުލި ނުދެއްކުމަކީ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވާ ފަދައިން ކޮށްފައިވާ އަމަލެއްކަމުގައި ކަނޑައަޅާފައިވާއިރު، އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމާބެހޭ ގޮތުން ހުރި މާއްދާތަކަށާއި، އެއްބަސްވުމުގައިވާ ފަދައިން ކުލި ނުދައްކައިފިނަމަ އަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތާއި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އިމާރާތްކޮށް ކުއްޔަށްދީފައިވާ ތަނާއި ހަވާލުވެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ މައްޗަށް، އަދި އެއްބަސްވުން މާނަކުރުމުގައި ގެންގުޅެންޖެހޭ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށްފައިވާކަމަށް ނުފެންނާތީ، އެކަންކަމުގެ މައްޗަށް ބެލުމެއް ނެތި މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ނުދެކެމެވެ.

ހަތަރުވަނަ އިސްތިއުނާފީ ނުކުތާއިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ގޮތުގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވަނީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ތަފްސީލު ކުރަމުން، މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކި ހުށަހެޅުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއަކަށްވެފައި، މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހަޅަން އެކަށީގެންވާ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ދޭންޖެހޭހިނދު، ސިވިލް ކޯޓާއި ހައިކޯޓުން އެ ފުރުޞަތު ދީފައިނުވާކަމުގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ބުނެއެވެ.

މިގޮތުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ސިވިލް ކޯޓަށް ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ބަސް ހޯދާފައި ނުވުމުގެ އިތުރުން، އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމްމަނިކާދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ޝަރީޢަތަށް ހުށަހެޅުމަށް ކޯޓުން އަންގާދިނުމަށް އެ ކުންފުނިން އެދިފައިވާ ހިނދު، އެއިން އެއްވެސް ކަމެއް ކުރުމަކާއި ނުލާ، އެކަންކަން އެއްފަރާތް ކުރުމަށްފަހު މައްސަލަ ނިންމާފައިވާކަމުގައި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރއިން ބުނެއެވެ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ޝަފަހީ ހެކި ހުށަހަޅާފައިވާކަން އަދި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމްމަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ޝަރީޢަތަށް ހުށަހެޅުމަށް އަންގާދިނުމަށް އެ ކުންފުނިން ކޯޓުގައި އެދިފައިވާކަން އެނގެން އެބައޮތެވެ. އެހެންނަމަވެސް، އެ ހެކިން ހާޟިރުކޮށްފައިވާކަން އަދި އެއްބަސްވުން ހޯދުމަށް ކޯޓުން އަންގާފައިވާކަން އެނގެން ނެތްހިނދު، އެކަމާގުޅިގެން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. ހަމަ އެއާއެކު، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ހެއްކާ ގުޅޭގޮތުން މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ހިނދު، އެ ނުކުތާގައި ހައިކޯޓުންވެސް އެއްޗެއްބުނެ، ގޮތެއް ކަނޑައަޅާފައި ނުވެއެވެ.

ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރގެ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރުމަށް އެދި ހުށަހެޅި ހެކި މެދުވެރިކޮށް ސާބިތުކުރަން ބޭނުންވި ކަންކަމުގެ މައްޗަށް ބަލާއިރު، އެކަންކަމަކީ މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައެޅުމަށްޓަކައި މުހިންމު ހެކިތަކެއް ކަމަށް އަހުރެން ގަބޫލުކުރާހިނދު، އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިނުވުމުގެ އިތުރުން، އެ ފުރުސަތު ލިބިދީފައި ނުވާ ސަބަބު ބަޔާންކޮށްފައި ނުވުމަކީ އެކަށީގެންވާ ގޮތެއްކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތްއިސްތިއުނާފުކޮށްފައިވާ މި މައްސަލައަށް ބަލާއިރު:

ސިވިލް ކޯޓުންނާއި ހައިކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ ހުޅުމާލޭ ލޮޓް 11329 އިމާރާތްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށްޓަކައި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބެލުމެއް ނެތި ކަމުގައިވާތީއާއި؛

ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި، އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމާބެހޭ ގޮތުން ހުރި މާއްދާތަކަށާއި، އެއްބަސްވުމުގައިވާ ފަދައިން ކުލި ނުދައްކައިފިނަމަ އަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތަށާއި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އިމާރާތްކޮށް ކުއްޔަށްދީފައިވާ ތަނާއި ހަވާލުވެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާތީއާއި؛

މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައެޅުމަށްޓަކައި މުހިންމު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިނުވެ، އެ ފުރުސަތު ލިބިދީފައި ނުވާ ސަބަބު ބަޔާންކޮށްފައިނުވާތީ؛

މި މައްސަލައަކީ އެ (އިސްވެ ބަޔާންކޮށްފައިވާ) ކަންކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނަށާއި، މި ރައުޔުގެ 20 ވަނަ ޕްރެގްރާފުން ފެށިގެން 22 ވަނަ ޕްރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކަށާއި، ދައުލަތް ވ. ވިލާ އެއަރ ޕވޓ. ލޓޑ [2021] SC 52 (ސުޕްރީމް ކޯޓުގެ ންނަބަރު 2019/SC-A/85 ޤަޟިއްޔާ) ގައި އެއްބަސްވުމާއި ޚިލާފުވެގެން އެއްބަސްވުން ނިމުމަކަށް ގެނައުމާގުޅޭގޮތުން ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ކަންކަމުގެ އަލީގައި، އަލުން ބަލަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ދެކެމެވެ.

އެހެންކަމުން، އަހުރެންނަށް ފެންނަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާއަށް ހަވާލާދީ، އެ މާއްދާގެ (ނ) ގައިވާ ފަދައިން މައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާއަށް ހަވާލާދީ، ސިވިލް ކޯޓު )ހުޅުމާލެ ޑިވިޜަން( ގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ގޮތުން އެ ކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތައް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކުގެ ތަރަހައިގެ ތެރެއިން، ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ބެލުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްރިޔާސަތު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ