ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 48 · 2022/SC-A/33ސުޕްރީމް ކޯޓު · 16 ނޮވެމްބަރު 2023

އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ނޮވެމްބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 48 2022/SC-A/33 ޝަރީޢަތް ނިމުނުގޮތް އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު 16 ނޮވެމްބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/105 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޢަލީ މަނިކު، ހ. އަންދަރުސަވާ، މާލެ އިބްރާހީމް ޝަރީފް، ރަތްކެޔޮގެ، ހއ. ކެލާ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ފާތިމަތު ޝިފާނާ، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ

އަޙްމަދު މުޢިއްޒު، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ ޙުސްނީ މުބާރިކް، އެމިކަސް ކިއުރޭ އެލް.އެލް.ޕީ މަދަނީ – ބިމާއި ޢިމާރާތް ކުއްޔަށްދިނުމާބެހޭ މައްސަލަ - އެއްބަސްވުމެއްގައި ހުރުން ލާޒިމު އުންޞުރުތައް – އެއްބަސްވުން އެކުލަވާލި މަޤުޞަދާމެދު ސުވާލު އުފެދުން – voidable contracts - ތަޙުވީލުކުރުން

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 2

ތަޢާރުފު 2

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2

ސިވިލް ކޯޓުން ނިންމިގޮތް 5

ހައިކޯޓުން ނިންމިގޮތް 7

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 9

އިސްތިއުނާފީ ފުރަތަމަ ނުކުތާ 10

އިސްތިއުނާފީ ދެވަނަ ނުކުތާ 14

އިސްތިއުނާފީ ތިންވަނަ ނުކުތާ 16

ރައްދު އިސްތިއުނާފެއް ހުށަހަޅާފައިވުން 17

ޕަވަރ އޮފް އެޓާރނީ އާމެދު ސުވާލު އުފައްދާފައިވުން 18

މައްސަލަ ނިންމަން ފެންނަ ގޮތް 19

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 19

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 35

ޙުކުމް 35

` އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު [2023] SC 48 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު ތަޢާރުފު

1. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/105 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ގަޟިއްޔާ ހއ. ކެލާ، ރަތްކެޔޮގެ، އިބްރާހީމް ޝަރީފް1 (މީގެ ފަހުން "އިބްރާހީމް ޝަރީފް" ކަމަށް ބުނެފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ހ. އަންދަރުސަވާ، ޢަލީ މަނިކު2 (މީގެ ފަހުން "ޢަލީ މަނިކު" ކަމަށް ބުނެފައިވާ) ފަރާތެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2. 27 ސެޕްޓެންބަރު 2004 ގައި ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަތް ބުރީގެ ޢިމާރާތެއްގެ ފައުންޑޭޝަން އެޅުމަށާއި، އެ ޢިމާރާތުގެ ފުރަތަމަ ތިންބުރި ފުރިހަމަ ކުރުމަށްޓަކައި އިބްރާހީމް ޝަރީފް އާއި، ޢަލީ މަނިކު އާދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އޭގެ ތެރެއިން ފުރަތަމަ ދެބުރި، ޢިމާރާތްކުރާ އަދި ކުއްޔަށް ހިފާ އިބްރާހީމް ޝަރީފް އަށް، އަދި ތިންވަނަބުރި ޢަލީ މަނިކުއަށް ލިބޭގޮތަށް އެއްބަސްވުމުގައި ބަޔާންވެފައިވެއެވެ. ކުއްޔަށް ހިފި ފަރާތްކަމުގައިވާ އިބްރާހީމް ޝަރީފް އަށް ބިން ޙަވާލުކުރާ ތާރީޚެއްގެ ގޮތުގައި އެއްބަސްވުމުގައި ބަޔާންވެފައިވަނީ 1 ޖެނުއަރީ 2005 އެވެ. މިތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ތެރޭގައި ޢިމާރާތުގެ ތިންވަނަ ބުރި ޢަލީ މަނިކު އާ ޙަވާލުކުރަން ޖެހޭނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހެއްގެ 10 (ދިހަ) ވަނަ ދުވަހުގެ ކުރިން -/9,000ރ. (ނުވަ ހާސް ރުފިޔާ) ކުލީގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޔަށްދޭ މުއްދަތަކީ އެއްބަސްވުމުގައި ވާގޮތުން 1 ޖެނުއަރީ 2010 އިން ފެށިގެން 119 (ސަތޭކަނަވާރަ) މަސްދުވަހެވެ. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ، ހަތް ބުރީގެ ފައުންޑޭޝަނާއި ފުރަތަމަ ތިންބުރި ފުރިހަމަ ކުރުމަށްދާ ޚަރަދެވެ. އަދި މިއެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 30 ނޮވެންބަރު 2019 އެވެ.

3. ހ. އުލިގަމުގެ އިން އިބްރާހީމް ޝަރީފް އަށް ލިބިފައިވާ ފުރަތަމަ ދެބުރި، ނ. ހެނބަދޫ، ކަނީރުގެ، މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް 10 ފެބްރުއަރީ 2005 ގައި މުޙައްމަދު މޫސާއާއި އިބްރާހީމް ޝަރީފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ މުއްދަތު ގުނަންފަށާ ތާރީޚަކީ 1 މެއި 2005 ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ތާރީޚުން ފެށިގެން ބަޔާންވެދިޔަ ދެބުރި ހުންނާނީ ނ. ހެނބަދޫ، ކަނީރުގެ، މުޙައްމަދު މޫސާ ގެ ބެލުމުގެ ދަށުގައި ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

4. 20 ފެބްރުއަރީ 2005 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމަކީ 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމުގެ މުއްދަތު ކަމަށް ކަނޑައަޅާފައިވާ 60 މަސް، 72 މަހަށް ބަދަލުކުރުމަށާއި، ކުއްޔަށް ހިފާ މުއްދަތު ފެށޭ ތާރީޚު 1 ފެބުރުއަރީ 2011 އަށް ބަދަލުކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. ކުއްޔަށް ހިފާ މުއްދަތު ބަދަލުވީ ނަމަވެސް ކުއްޔަށްދޭ މުއްދަތު ކަމަށްވާ 119 މަހަށް ބަދަލެއް ނާންނާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

5. އޭގެފަހުން ހ. އުލިގަމުގޭގެ ތިރީ ދެބުރި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި 10 މާރޗް 2005 ގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމަކީ "ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރި އިމާރާތުގެ ތިރީ ދެބުރި ކުއްޔަށް ދިނުމުގެ އެއްބަސްވުން" މި ނަމުގައި ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ 1 މެއި 2004 އިން ފެށިގެން 30 އެޕްރީލް 2014 ގެ ނިޔަލަށެވެ. އެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް އެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ. ކުލި ދައްކަންޖެހޭގޮތް 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުލީގެ މުއްދަތުން ފުރަތަމަ 2 މަހަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި، އެ 2 މަސް ދޫކޮށް، ދެންއޮންނަ ފުރަތަމަ 24 (ސައުވީސް) މަސްދުވަހަށް ކުއްޔަކީ މަހަކު -/35,000ރ. (ތިރީސްފަސް ހާސް ރުފިޔާ) ކަމަށާއި، އޭގެފަހުން ކޮންމެ މަހަކު ކުއްޔަކީ -/40,000ރ. (ސާޅީސް ހާސް ރުފިޔާ) ކަމަށް ބަޔާންކޮށްފައިވެއެވެ.

6. އެ މުއްދަތުގެ ތެރެއިން ފުރަތަމަ 3 މަހުގެ ކުއްޔަށްވާ -/105,000ރ. (އެއް ލައްކަ ފަސް ހާސް ރުފިޔާ) އިބްރާހީމް ޝަރީފުގެ ފަރާތުން ދައްކާފައިވާކަމަށާއި، އޭގެފަހުން ކުލީގެ މުއްދަތުގައި ދައްކަންޖެހޭ -/2,520,000ރ. (ދެ މިލިއަން ފަސް ލައްކަ ވިހި ހާސް ރުފިޔާ) އިބްރާހީމް ޝަރީފް ދައްކާފައި ނުވާކަމަށް ޢަލީ މަނިކުގެ ފަރާތުން ބުނެފައިވެއެވެ.

7. 1 މެއި 2005 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު އިތުރު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމަކީ، 27 ސެޕްޓެންބަރު 2004 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަންފެށި ޢިމާރާތުގެ ހަތަރުވަނަ ބުރިއާއި ފަސްވަނަބުރި ފުރިހަމަ ކުރުމަށާއި، އެކަމަށް ލޯނު ހޯދުމަށާއި އަދި އެލޯނާމެދު ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އެއްބަސްވުމެކެވެ.

8. 24 ޖެނުއަރީ 2006 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމަކީ، 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމާއި، 1 މެއި 2005 ގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ހަތް ބުރިއަށް ފައުންޑޭޝަން އަޅައި، ފަސް ބުރިއަށް ކޮށްފައިވާ ޢިމާރާތުގެ ކުލީގެ މުއްދަތު 30 ނޮވެންބަރު 2024 އާހަމައަށް އިތުރުކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެވެ.

9. އޭގެފަހުން، 10 މާރޗް 2005 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާދެމެދު ވުޖޫދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް، އިބްރާހީމް ޝަރީފް ކުއްޔަށް ހިފާފައިވާ ތަން ބޭނުންކުރުމުގެ މުޤާބިލްގައި ދައްކަންޖެހޭ މަހުކުލި ދައްކަމުން ނުދާކަމަށް ބުނެ، 25 ޖެނުއަރީ 2018 ގައި އިބްރާހީމް ޝަރީފް އާ ދެކޮޅަށް ޢަލީ މަނިކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

10. ޢަލީ މަނިކުގެ ފަރާތުން އިބްރާހީމް ޝަރީފް އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 360/Cv-C/2018ގަޟިއްޔާއިންނެވެ. މި ގަޟިއްޔާގައި އަންނަނިވި ކަންކަން ނިންމާފައިވެއެވެ.

10.1. 10 މާރޗް 2005 ގައި ވެފައިވާ އެއްބަސްވުމަކީ ރަމްޒީ އެއްބަސްވުމެއް ކަމުގައި އިބްރާހީމް ޝަރީފް ބުނެފައިވީ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިކަމާމެދު އިބްރާހީމް ޝަރީފް އިޤުރާރުވެފައިވާކަމާއި، އެއްބަސްވެފައިވާ ގޮތްނޫން ގޮތަކަށް ކޮންޓްރެކްޓަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްވާ ކަމަކަށް ދުލެއް ދީފިނަމަ، ނުވަތަ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަ ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ3 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، 10 މާރޗް 2005 ގައި ވެފައިވާ އެއްބަސްވުމަކީ، އެއްބަސްވުމުގައި ބަޔާންވެފައިވާ މަޤުޞަދުން ބޭރުން، އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ކަމެއް ޙާޞިލްކުރުމުގެ ބޭނުމުގައި ވެފައިވާ ރަމްޒީ އެއްބަސްވުމެއްކަމަށް ބެލެވެން ނެތްކަން؛

10.2. 27 ސެޕްޓެމްބަރު 2004 ގައި ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވި މިއެއްބަސްވުން ދެމިއޮންނާނެކަމަށް 24 ޖެނުއަރީ 2006 ގައި ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، 27 ސެޕްޓެންބަރު 2004 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މުއްދަތު ގުނަން ފަށާ ތާރީޚް ކަމުގައިވާ 1 ޖެނުއަރީ 2010 އާ ހަމައަށް، 10 މާރޗް 2005 ގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ކުލީގެ ފައިސާ ހިނގާނެކަމާއި، 1 ޖެނުއަރީ 2010 އިން ފެށިގެން، 10 މާރޗް 2005 ގެ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފް އަދާކުރަންޖެހޭ ކުލި އަދާކުރުން ނިމުމަކަށް އައިސް، 10 މާރޗް 2005 ގެ އެއްބަސްވުން ބާޠިލްވާނެކަން؛

10.3. އެހެންކަމުން 10 މާރޗް 2005 ގައި ވުޖޫދުވެފައިވާ އެއްބަސްވުމުގެ ކުލީގެ މުއްދަތަކީ، އޭގައި އެއްބަސްވުމަށް ޢަމަލުކުރަން ފެށޭ ތާރީޚު ކަމުގައި ބަޔާންކޮށްފައިވާ 1 މެއި 2004 އިން ފެށިގެން 1 ޖެނުއަރީ 2010 ގެ ނިޔަލަށްކަން؛

10.4. 10 މާރޗް 2005 ގެ އެއްބަސްވުމަކީ 68 މަސްދުވަހަށް ދެމިގެންދާ އެއްބަސްވުމެއްކަން އެނގޭކަމާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން ފުރަތަމަ ދެ މަހަށް ކުލިދައްކަން ނުޖެހޭ ގޮތަށް އެއްބަސްވެފައިވާކަމާއި، ކުލިދައްކަން ފަށާ ފުރަތަމަ ދެ މަހަށް ދައްކަންޖެހޭ ކުއްޔަކީ މަހެއްގެ މައްޗަށް -/35,000ރ. (ތިރީސްފަސް ހާސް ރުފިޔާ) ކަން އެނގޭކަމާއި، ބާކީ ހުރި ކޮންމެ މަހަކަށް ކުލީގެ ގޮތުގައި އެއްބަސްވެފައިވަނީ މަހެއްގެ މައްޗަށް

-/40,000ރ. (ސާޅީސް ހާސް ރުފިޔާ) ކަމަށްވާތީ، އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ -/2,520,000ރ. (ދެމިލިއަން ފަސްލައްކަ ވިހިހާސް ރުފިޔާ) ކަން އެނގޭކަން؛

10.5. އަދި ޢިމާރާތުގެ ތިރީ ދެބުރި ނިންމުމަށް ދާނެ ޚަރަދު ކުލިން އުނި ކުރުމަށް 10 މާރޗް 2005 ގެ އެއްބަސްވުމުގައި ބަޔާންވެފައި ވީނަމަވެސް އެޚަރަދުގެ ތަފްޞީލް އިބްރާހީމް ޝަރީފް ހުށަހަޅާފައި ނުވާކަމާއި، 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ އެނެކްސް 2 އަށް ބެލުމުން ތިންބުރި ޢިމާރާތް ކުރުމަށް ހިނގާނެ ޚަރަދަކީ -/2,000,000ރ. (ދެމިލިއަން ރުފިޔާ) ކަމުގައި އެނގޭތީ، މިނިސްބަތުން ދެބުރީގެ ޚަރަދުގެ ގޮތުގައި ޖެހޭ 33/933,333ރ. (ނުވަލައްކަ ތިރީސްތިންހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސްތިން ލާރި) އާއި، ފައުންޑޭޝަނަށް ދާނެ ޚަރަދުކަމަށް އެނެކްސް 2 ގައި ބަޔާންކޮށްފައިވާ -/600,000ރ. (ހަ ލައްކަ ރުފިޔާ) އެއްކުރުމުން، ދެބުރީގެ ޚަރަދުގެ ގޮތުގައި ޖުމްލަ 33/1,533,333ރ. (އެއް މިލިއަން ފަސް ލައްކަ ތިރީސްތިން ހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސްތިން ލާރި) ޖެހޭކަން؛

10.6. އެހެންކަމުން 10 މާރޗް 2005 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޖުމްލަ ކުލިން ދެބުރިއަށްވާ ޚަރަދާއި، އަދި ޢަލީ މަނިކު އަށް އެހާތަނަށް ކުލީގެ ގޮތުގައި ލިބުނުކަމަށް ބުނާ -/105,000ރ. (އެއްލައްކަ ފަސްހާސް ރުފިޔާ) އުނިކުރުމުންޖެހޭ ބާކީ 67/881,666ރ. (އަށް ލައްކަ އަށްޑިހައެއް ހާސް ހަ ސަތޭކަ ފަސްދޮޅަސްހަޔެއް ރުފިޔާ ފަސްދޮޅަސްހަތެއް ލާރި) އަކީ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފް ކުލީގެ ގޮތުގައި އަދާކުރަންޖެހި، އަދާ ނުކޮށްހުރި ފައިސާކަން އެނގެން އޮންނަކަން.

11. މި ނިންމުން އިބްރާހީމް ޝަރީފް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

12. ސިވިލް ކޯޓުގެ ނިންމުން އިބްރާހީމް ޝަރީފް ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/105 ގަޟިއްޔާއިންނެވެ. މި ގަޟިއްޔާގައި އަންނަނިވި ކަންތައްތައް ހައި ކޯޓުން ނިންމާފައިވެއެވެ.

12.1. 10 މާރޗް 2005 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު ވެވުނު އެއްބަސްވުމަކީ އެއްބަސްވުމުގައި ބަޔާންވެފައިވާ މަޤުޞަދުން ބޭރުން، އެއްބަސްވުމުގައި ބަޔާންވެފައިނުވާ ކަމެއް ޙާޞިލްކުރުމަށް ވެފައިވާ ރަމްޒީ އެއްބަސްވުމެއް ކަމުގައި އިބްރާހީމް ޝަރީފް ބުނާނަމަ އެކަންތައް ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އިބްރާހީމް ޝަރީފް ގެ ޒިންމާއަކަށް ވީހިނދު، އެކަންތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވެސް ހުށަހަޅާފައިވާކަން އެނގެން ނެތަތީ، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ4 ގަޟިއްޔާގައި ކަނޑައަޅާފައިވާ މަދަނީ މައްސަލަ ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަން؛

12.2. އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ބަލާއިރު 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ މުއްދަތު ގުނަން ފަށާ ތާރީޚަކީ 1 ޖެނުއަރީ 2010 ކަން އެންގެން އޮންނާތީ، 10 މާރޗް 2005 ގެ އެއްބަސްވުމުގެ މުއްދަތަކީ، އޭގައި ބަޔާންކޮށްފައިވާ އެއްބަސްވުން ފެށޭ ތާރީޚް ކަމުގައިވާ 1 މެއި 2004 އިން ފެށިގެން 1 ޖެނުއަރީ 2010 އާދެމެދުކަމާއި، އެ މުއްދަތުގައި ހ. އުލިގަމުގޭގެ ފުރަތަމަ ދެބުރިއަށް ކުލި ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ5 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަން؛

12.3. ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި ވެވޭ އެއްބަސްވުމެއްކަމާއި، އަދި އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްވެސް ވާންވާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއިން އެނގެން އޮތްހިނދު، މިއީ އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމެއްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި، ދެފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮންނާތީ، އިބްރާހީމް ޝަރީފް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފައިސާއަކީ އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަން އެނގެން އޮންނާތީ، މިއީ ޢަދުލު އިންސާފު ނިޒާމުގެ ބޭނުންކޮށްގެން، ނާޖާއިޒް މަންފާއެއް މީހަކަށް ލިބޭގޮތަށް ނުވަތަ ނުޙައްޤު މުއްސަނދިކަމެއް ހޯދުމަށް މީހަކަށް މަގުފަހިވާގޮތަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމެއްކަމަށް ބުނެވޭނެ ޤާނޫނީ ހަމައެއް ނެތްކަން.

13. އެހެންކަމުން ހައިކޯޓުން ވަނީ މިމައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ. އަދި މި ނިންމުން އިބްރާހީމް ޝަރީފް ގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

14. އިބްރާހީމް ޝަރީފްގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު އިސްތިއުނާފީ ތިން ނުކުތާ ހުށަހަޅާފައިވެއެވެ.

15. ފުރަތަމަ ނުކުތާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންވާނެކަމަށް ބަޔާންކުރުމަށްފަހު، ޤާނޫނުން ބާރުނުދޭ ރަމްޒީ އެއްބަސްވުމެއް، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމެއް ކަމުގައި ސިވިލް ކޯޓުން ކުރި ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ސަބަބެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16. ދެވަނަ ނުކުތާއަކީ، ކޮންޓްރެކްޓެއްގެ މުޤާބިލް އެކުލަވާފައިވޭތޯ ދެނެގަތުމުގައި، ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެކަމަށް، ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް6 ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ގަޟިއްޔާއަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ބަޔާންވެދިޔަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް7 ގަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

17. ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމްގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ ފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ނަގައިދިނުމަށް ކަނޑައަޅާފައިވާ ފައިސާ ކަމުގައި ނިންމި ނިންމުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން ބުނެފައިވަނީ، ބަޔާންވެފައިވާ އެއްބަސްވުމުގެ ހަޤީޤަތް ދެނެގަނެވޭނެ އެތައް ޑޮކިއުމެންޓްތައް ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ޑޮކިއުމެންޓްތަކަށް ރިޢާޔަތް ކުރަންވީ ވަރަށް ރިޢާޔަތް ކުރުމާނުލާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާ

18. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިބްރާހީމް ޝަރީފް ގެ ފަރާތުން ބުނެފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންވާނެކަމަށް ބަޔާންކުރުމަށްފަހު، ޤާނޫނުން ބާރުނުދޭ ރަމްޒީ އެއްބަސްވުމެއް، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމެއް ކަމުގައި ސިވިލް ކޯޓުން ކުރި ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ސަބަބެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. މިނުކުތާ އިތުރަށް ތަފްޞީލު ކުރަމުން އިބްރާހީމް ޝަރީފްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

18.1. 10 މާރޗް 2005 ގެ އެއްބަސްވުމަށް ޢަމަލުކުރާނަމަ އެތާރީޚުގެ ކުރިންނާއި، އެތާރީޚުގެ ފަހުން އިބްރާހީމް ޝަރީފް އާއި، ޢަލީ މަނިކު އާ ދެމެދު ސޮއިކުރެވުނު އެހެނިހެން އެއްބަސްވުންތަކާ ފުށުއަރާނެކަން؛

18.2. 27 ސެޕްޓެންބަރު 2004 ގައި ސޮއިކުރެވުނު އެއްބަސްވުމުގައި، 1 ޖެނުއަރީ 2005 އިން ފެށިގެން ހ. އުލިގަމުގޭގެ ބިން އިބްރާހީމް ޝަރީފް އާ ޙަވާލުކުރަންޖެހޭކަން އެނގެން އޮންނާތީ، އެ ތާރީޚުން ފެށިގެން އެއީ އިބްރާހީމް ޝަރީފް ގެ ބެލުމުގެ ދަށުގައި އޮތް ބިމެއްކަން ބަލަންޖެހޭނެކަން؛

18.3. 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ 1 ވަނަ މާއްދާއަށް ބެލުމުން، ޢިމާރާތްކުރުމުގެ މުއްދަތަކީ ބިން ޙަވާލުކުރާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) މަސްދުވަސްކަން އެނގޭކަމާއި، މި މުއްދަތުގައި ހަދާ ޢިމާރާތުގެ ތިރީ ދެބުރިއަކީ، އެގްރީމެންޓުގެ މުއްދަތަށް ކުއްޔަކާނުލާ އިބްރާހީމް ޝަރީފް އަށް ލިބޭ ދެބުރިކަން އެނގެން އޮންނަކަން؛

18.4. 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، ހ. އުލިގަމުގޭގައި ހަދާ 7 ބުރީގެ ޢިމާރާތުގެ ތިރީ ދެބުރިއަށް އެގްރީމެންޓްގެ މުއްދަތަށް ހިނގާ ކުއްޔަކީ، އެ ޢިމާރާތުގެ ތިރީ ތިންބުރި ފުރިހަމަކުރުމަށް ހިނގާ ޚަރަދުކަމަށް ބަޔާންކޮށްފައިވާތީ، 10 މާރޗް 2005 ގައި ދޫކޮށްފައިވާ ލިޔުމުން ތިރީ ދެބުރި އަލުން ކުއްޔަށް ހިފަންޖެހޭނެކަމަށް ސަބަބުވެރި އިންސާނަކު ޤަބޫލެއް ނުކުރާނެކަން؛

18.5. 10 މާރޗް 2005 ގެ ލިޔުމުގައި، ކުލީގެ މުއްދަތު ގުނަން ފަށާ ތާރީޚަކީ 1 މެއި 2004 ކަން އެނގެން އޮތްއިރު، 1 މެއި 2004 ގައި ޢިމާރާތް ވުޖޫދުގައިވެސް ނުވާކަމަށާއި، އަދި އިބްރާހީމް ޝަރީފްއާއި ޢަލީ މަނިކުއާ ދެމެދު އެފަދަ މުޢާމަލާތެއްވެސް އެދުވަސްވަރު ކޮށްފައި ނުވާކަމުން، ވުޖޫދުގައި ނުވާ ޢިމާރާތަކަށް ކުލި ދަންކަންޖެހޭ ގޮތަށް އޮތްއޮތުމަކީ، 10 މާރޗް 2005 ގެ ލިޔުމަކީ ރަމްޒީ އެއްބަސްވުމެއްކަން ދަލާލަތުކޮށްދޭ ކަމެއްކަން؛

18.6. 10 ފެބްރުއަރީ 2005 ގައި މުޙައްމަދު މުސާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އިބްރާހީމް ޝަރީފް ހ. އުލިގަމުގޭގެ ތިރީ ދެބުރި ދިގުމުއްދަތަށް ކުއްޔަށް ދީފައިވަނީ، 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުން އިބްރާހީމް ޝަރީފް އަށް ލިބިފައިވާ ޙައްޤަށް ބިނާކޮށް ކަމަށާއި، 10 މާރޗް 2005 ގެ ލިޔުން ތައްޔާރުކޮށްފައިވަނީ 10 ފެބްރުއަރީ 2005 ގެ ލިޔުން އަސްލަށް ބަލައިގެންކަން މިދެލިޔުން ކިޔާލުމުން އެނގޭނެކަން.

19. މިނުކުތާއަށް ރައްދު ދެމުން ޢަލީ މަނިކުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.

19.1. 10 މާރޗް 2005 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ ކޮންޓްރެކްޓްގެ ބައިވެރިން ރުހި ޤަބޫލުވެގެން، އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްވާތީ މި އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގައިވާ ފަދަ އެއްބަސްވުމެއްކަމަށް ވާތީ، އެއްބަސްވުމަކީ ޞައްޙަ ނޫން، "ރަމްޒީ" އެއްބަސްވުމެއްކަމުގައި ބުނުމުގެ ޖާގަ ނެތްކަން؛

19.2. 27 ސެޕްޓެންބަރު 2004 ގައި ސޮއިކުރި އެއްބަސްވުމުގައި ކުލީގެ މުއްދަތު ގުނަން ފަށާ ތާރީޚަކީ 1 ޖެނުއަރީ 2010 އިން ފެށިގެންކަމުން، ޢިމާރާތްކުރުމަށް ހިނގާ 60 (ފަސްދޮޅަސް) މަހުގެ މުއްދަތަށް ކުއްޔަކީ ކޮބައިކަން މި އެއްބަސްވުމުން ފެންނަން ނެތް ކަމާއި، އެ މުއްދަތު ހިމެނޭގޮތަށް ދައްކަންޖެހޭ ކުލި ބަޔާންކުރާ އެއްބަސްވުމަކީ ދެފަރާތުން 10 މާރޗް 2005 ގައި ސޮއިކުރި އެއްބަސްވުންކަން؛

19.3. 10 މާރޗް 2005 ގެ އެއްބަސްވުމުގެ ދަށުން ކުލި ކަނޑައަޅާފައިވާ ގިނަ ދުވަސްތަކަކީ އެހެން އެއްވެސް އެއްބަސްވުމަކުން ކުލި ކަނޑައަޅާފައިވާ މުއްދަތެއް ނޫންކަމާއި، 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމަށް ބެލުމުން، 1 ޖެނުއަރީ 2010 ގެ ކުރިން ހިނގި މުއްދަތަށް ކުލި ދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާކަމުންނާއި، ތަން އޮތީ އިބްރާހީމް ޝަރީފް އާ ޙަވާލުކޮށްފައި ކަމަށްވާތީ އެތަން ބޭނުންކުރުމުގެ މުޤާބިލްގައި ކުލި ދައްކަންޖެހުމަކީ ޤަބޫލުކުރެވޭނެ ޙަޤީޤަތެއްކަން.

20. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވަނީ؛

"ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސް ވުމެކެވެ. އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސް ވުމަކަށް ވާންވާނެއެވެ."

މިހެންނެވެ.

21. ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފުކަމަށް އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިބްރާހީމް ޝަރީފުގެ ފަރާތުން ބުނެފައިވާއިރު، ސުވާލު އުފެދިފައިވާ އެއްބަސްވުމުގައި އިބްރާހިމް ޝަރީފު ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަން އިބްރާހީމް ޝަރީފުގެ ބަހުން އެނގެން އެބައޮތެވެ. އެއްބަސްވުމުގެ ދަށުން ބަދަލުވާ މުޤާބިލެއް އޮތްކަން ދެފަރާތުގެ ބަހުންނާއި އެއްބަސްވުމުން އެނގެއެވެ. އެއްބަސްވުމުގެ ހުރިހާ ރުކުންތަކެއް ފުރިހަމަވެފައިވާކަންވެސް އެނގެއެވެ. މިހެން މިކަން އޮތްއިރުވެސް މި އެއްބަސްވުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އުފަންކުރުވާ އެއްބަސްވުމެއް ނޫން ކަމަށާއި މިއީ ރަމްޒީ ނުވަތަ ޞުވަރީ އެއްބަސްވުމެއް ކަމަށް އިބްރާހީމް ޝަރީފުގެ ފަރާތުން ބުނާ ވާހަކަތަކަށް ބަލާއިރު ފާހަގަކުރެވެނީ އެންމެ ކަމެކެވެ. އެއީ މި އެއްބަސްވުމާއި ދެފަރާތުގެ ދެމެދު ހެދިފައިވާ އެހެން އެއްބަސްވުންތަކާއި ދެމެދު ތާރީޚުތަކުގައި ފުށުއެރުމެއް ހުރިކަމެވެ. އެ ފުށުއެރުންތައް ޖެހޭނީ ޙައްލު ކުރާށެވެ. އޭގެ ސަބަބުން އެއްބަސްވުންތަކުގެ ބާރު ކެނޑިގެން ނުދާނެއެވެ.

22. ދެފަރާތުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއް ހެދިފައިވާއިރު، އެ ހުރިހާ އެއްބަސްވުންތައް ޑްރާފްޓްކުރީ އިބްރާހިމް ޝަރީފް ކަމަށާއި، އިބްރާހިމް ޝަރީފް ލިޔެގެން ގެނައުމުން ޢަލީ މަނިކު އޭގައި ސޮއިކޮށްލަނީ ކަމަށާއި، ޤާނޫނީ މަބްދައެއް ކަމުގައިވާ ކޮންޓްރާ ޕްރޮފެރެންޓަމް

(contra proferentem)ގެ އުސޫލުން، އެއްބަސްވުން މާނަ ކުރުމުގައި ދެބަސްވުމެއް އުފެދޭ ޙާލަތުގައި މާނަކުރަންޖެހޭނީ ޢަލީ މަނިކުގެ މަސްލަޙަތަށް ކަމަށް ޢަލީ މަނިކުގެ ފަރާތުން ބުނެފައިވެއެވެ.

23. ކޮންޓްރާ ޕްރޮފެރެންޓަމް، މި މަބްދައުއަކީ އެއްބަސްވުމެއްގައި ހިމެނޭ ފުށުއެރުމަކާ ނުވަތަ ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގައި، އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްބަސްވުން އެކުލަވާލެވުނުއިރު، އެއަށް ބަދަލެއް ގެނައުމުގެ ބާރު ނެތް ފަރާތުގެ މަސްލަޙަތާ އެއްކޮޅަށް އެއްބަސްވުން މާނަކުރަން ޖެހޭނެ ކަމަށް ބުނާ މަބްދައުއެކެވެ. މި މަބްދައުއާ އެއްގޮތްވާ ގޮތުގެމަތިން އެއްބަސްވުން މާނަކުރަނީ އެއްބަސްވުން އެކުލަވާލި ފަރާތުން އެއްބަސްވުން ތައްޔާރުކުރުމުގައި އެފަރާތުގެ މަސްލަޙަތު އެއްބަސްވުން އެކުލަވާލުމުގައި ރައްކާތެރިކުރާނެ ކަމުގައި ބަލައިގެންނެވެ.

24. ހުރިހާ އެއްބަސްވުންތައް ޑްރާފްޓްކުރީ އިބްރާހިމް ޝަރީފް ކަމަށާއި، އިބްރާހިމް ޝަރީފް ލިޔެގެން ގެނައުމުން ޢަލީ މަނިކު އޭގައި ސޮއިކޮށްލަނީ ކަމަށް ޢަލީ މަނިކުގެ ފަރާތުން ބުނި ވާހަކަތަކަށް އިބްރާހީމް ޝަރީފުގެ ފަރާތުން އިންކާރުކޮށްފައިނުވެއެވެ. އެހެންކަމުން އެކަން ހިނގީ އެގޮތަށް ކަމަށް ބަލަން ޖެހެއެވެ. މި ގޮތުން މި އެއްބަސްވުންތަކުގައިވާ ފުށުއެރުންތަކާއި އޮޅުންއަރާކަންކަމާމެދު ގޮތެއް ނިންމަންވާނީ ޢަލީ މަނިކުގެ މަސްލަޙަތަށެވެ.

25. މި އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގެ ހުށަހެޅުމާއި ޤަބޫލުކުރުން ޤާނޫނުގައި ބުނެފައިވާ މަގުން ހިނގާފައިވާކަން އެބައެނގެއެވެ. ދެފަރާތުގެ ދެމެދުގައި ބަދަލުވާ މުޤާބިލެއް އޮތްކަން އެބައެނގެއެވެ. އިބްރާހީމް ޝަރީފް ބޭނުން ގޮތަކަށް އިސްތިޣްލާލް ކުރެވޭގޮތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތަން ވަނީ އިބްރާހީމް ޝަރީފްގެ ފުރިހަމަ ބެލުމުގެ ދަށުގައިކަން އެނގެއެވެ. މުޤާބިލުގައި ތަނުގެ ވެރިފަރާތަށް ލިބެންޖެހޭކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކުލި ދޭންނުޖެހޭ ސަބަބެއް އިބްރާހީމް ޝަރީފް އަށް ދެއްކިފައި ނުވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

26. އިސްތިއުނާފީ ދެވަނަ ނުކުތާގައި އިބްރާހީމް ޝަރީފުގެ ފަރާތުން ބުނެފައިވަނީ، ކޮންޓްރެކްޓެއްގެ މުޤާބިލް އެކުލަވާފައިވޭތޯ ދެނެގަތުމުގައި، ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެކަމަށް، ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް8 ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ގަޟިއްޔާއަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް9 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ. މިނުކުތާ ތަފްޞީލްކުރަމުން އިބްރާހީމް ޝަރީފްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައެވެ.

26.1. 10 މާރޗް 2005 ގެ ލިޔުން 1 މެއި 2004 އިން ފެށިގެން އިބްރާހީމް ޝަރީފް ގެ ފަރާތުން ތަންފީޒުކުރަންޖެހޭ ޤާނޫނީ ސަބަބެއް ސިވިލް ކޯޓުން ސާފުކޮށްފައިނުވާ ކަމާއި، އެކަން ސާފުކޮށްފައިވޭތޯ ހައިކޯޓުން ކަށަވަރުކޮށްފައި ނުވާކަން؛

26.2. 10 މާރޗް 2005 ގެ ލިޔުމުން އިބްރާހީމް ޝަރީފް އަދާކުރަންޖެހޭ ކަމަށް ދަޢުވާކޮށްފައިވާ މުޤާބިލް ޙައްޤުވާކަން ކަނޑައެޅޭނީ، އެލިޔުމުގެ ދަށުން ޢަލީ މަނިކު ވަޢުދުވީ ކޮންކަމަކަށް ކަމާއި، ފުއްދުން މުސްތަޙީލުނޫން އެކަށީގެންވާ ވުޢުދެއްކަން އެނގިގެން ކަމާއި، އަދި ޢަލީ މަނިކުގެ ފަރާތުން އެވަޢުދު ފުއްދާފައިވާކަން ބުއްދީގެ ހަމަތަކުންނާއި ޤާނޫނީ ހަމަތަކުން ސާބިތުކޮށްދެވިގެން ކަމަށްވާއިރު، އެކަމާ ގުޅިގެން ދަޢުވާކުރާ ފަރާތުގެ ޙައިޞިއްޔަތުން ޢަލީ މަނިކު އަށް ސާބިތު ކޮށްދޭންޖެހުނު އެއްވެސް ކަމެއް ނެތްކަމާއި، އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ޑޮކިއުމެންޓަކަށް އެކަށީގެންވާ ހަމަތަކުން ރިޢާޔަތްކޮށްފައިނުވާކަން؛

26.3. 10 މާރޗް 2005 ގެ އެއްބަސްވުމުގެ ދަށުން 1 މެއި 2004 އިން ފެށިގެން ކުލި ލިބެންޖެހޭކަމަށް ކަނޑައަޅާފައިވާއިރު، ކުލި ހޯދުމަށް ދަޢުވާކޮށްފައިވަނީ 25 ޖެނުއަރީ 2018 ގައި ކަމާއި، އޭގެ ކުރިން ކުލި ނުދައްކައިގެން ނޯޓިސްއެއް ފޮނުވާފައިނުވާކަމާއި، ކުލި ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ސަބަބު ޝަރީޢަތުން ސާފުކޮށްފައިނުވާކަން.

27. އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ މިނުކުތާއަށް ރައްދު ދެމުން ޢަލީ މަނިކުގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށްބަލާއިރު، 10 މާރޗް 2005 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ ޢަލީ މަނިކު އެޗް.ޑީ.އެފް.ސީ އިން ލޯނެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެއްކަމަށް އެކި މަރްޙަލާތަކުގައި ބުނިނަމަވެސް، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ސިވިލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓަށްވެސް އިބްރާހީމް ޝަރީފްގެ ފަރާތުން ހެއްކެއް ހުށަހަޅާފައިނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

28. ކޮންޓްރެކްޓެއްގެ މުޤާބިލް އޮތްތޯ ދެނެގަތުމުގައި، ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެކަމަށް، ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ޙަވާލާދީ އިބްރާހީމް ޝަރީފްގެ ފަރާތުން ބުނެފައިވާއިރު، އެމަޤްޞަދު އޮތްކަން ސާބިތުކޮށްދިނުމަކީ އިބްރާހީމް ޝަރީފްގެ ޒިންމާއެއް ކަމަށްވާއިރު، އެކަން ސާބިތުކޮށް ދެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެއްބަސްވުމަށް ބެލުމުން މި އެއްބަސްވުމުގައި ބަދަލުވާ މުޤާބިލެއް އޮތްކަން އެނގެއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ

29. އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ޙުކުމްގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ ފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ނަގައިދިނުމަށް ކަނޑައަޅާފައިވާ ފައިސާ ކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން ބުނެފައިވަނީ، ބަޔާންވެފައިވާ އެއްބަސްވުމުގެ ހަޤީޤަތް ދެނެގަނެވޭނެ ޑޮކިއުމެންޓްތަކެއް ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ޑޮކިއުމެންޓްތަކަށް ރިޢާޔަތް ކުރަންވީ ވަރަށް ރިޢާޔަތް ކުރުމާނުލައިކަމަށެވެ.

30. މި ނުކުތާގައި އިބްރާހީމް ޝަރީފް ބުނާ ޑޮކިއުމަންޓްތަކަކީ ކޮބައިކަން އެ ނުކުތާގެ ތަފްސީލުގައި ބުނެފައި ނުވެއެވެ. ދަޢުވާއާއެކު ޑޮކިއުމަންޓްތަކެއް ހުށަހެޅިފައިވާއިރު ރިޢާޔަތް ނުކޮށްވަނީ އެއިން ކޮން ޑޮކިއުމަންޓެއްގެ ކޮންބަޔަކަށްކަން ބުނެދީފައިނުވެއެވެ.

31. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް10 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން11 ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެއެވެ. މި ގޮތުން މިނުކުތާ ބަލައިނުގަތުމަށް އަހުރެން ނިންމަމެވެ.

ރައްދު އިސްތިއުނާފެއް ހުށަހަޅާފައިވުން

32. މި މައްސަލައިގައި ޢަލީ މަނިކުގެ ފަރާތުން ރައްދު އިސްތިއުނާފެއް ހުށަހަޅާފައިވެއެވެ. މިގޮތުން ޢަލީ މަނިކުގެ ފަރާތުން ބުނެފައިވަނީ،

32.1. 27 ސެޕްޓެންބަރު 2004 ގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުން 1 ޖެނުއަރީ 2010 އިން ފެށިގެން ހިނގާ 119 މަސްދުވަހަށް ޢިމާރާތުގެ ތިރީ ދެބުރީގެ ކުއްޔަކީ، އެޢިމާރާތުގެ ތިރީ ތިންބުރި ހަދާފުރިހަމަ ކުރުމަށް ދާޚަރަދުކަމަށް އެއްބަސްވުމުގެ އެނެކްސް 2 ގައި 2,000,000.00ރ. (ދެ މިލިއަން ރުފިޔާ) ބަޔާންކޮށްފައިވާކަމީ މައްސަލައިގައި ހިމެނޭ ދެޚަޞްމުންވެސް އޭގެ މައްޗަށް އެއްބަސްވާ ޙަޤީޤަތަކަށްވީއިރު، މި ޢަދަދުން ސިވިލް ކޯޓުން 1,533,333.33ރ. (އެއް މިލިއަން ފަސްލައްކަ ތެއްތިރީސްހާސް ތިން ސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) އުނިކޮށްފައިވާކަށާއި،

32.2. މިކަން ޢަލީ މަނިކުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ޖަވާބު ފޯމުގައި ބަޔާންކޮށްފައި ވީނަމަވެސް ޙުކުމް ކުރުމުގައި އެނުކުތާއާ ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމާއި، އެފައިސާ ނަގައިނުދިނުމަށް ނިންމި ސަބަބެއް ޝަރީޢަތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައި ނުވާކަމީ ރައްދު އިސްތިއުނާފަކާމެދު ޝަރީޢަތުން ގޮތެއް ނިންމަންވާނެކަމަށް ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް12 ގަޟިއްޔާ ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ނިންމުމެއްކަމަށެވެ.

33. އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން ޢަލީ މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގައި ރައްދު އިސްތިއުނާފުގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށްބަލާއިރު އަންނަނިވިކަންކަން ފާހަގަކުރެވެއެވެ.

33.1. ސިވިލް ކޯޓުގެ ނިންމުމުގައި ބައެއް އުނިވެފައިވާނަމަ އެކަން އިސްތިއުނާފު ކުރުމުގެ ފުރުސަތު އަލީ މަނިކުއަށް އޮތް ނަމަވެސް އިސްތިއުނާފު ކޮށްފައިނުވާކަން؛

33.2. ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖު ޙުސައިން13 ގަޟިއްޔާއާ ޙަވާލާދީފައިވާއިރު، އެއީ އެހެން ތަބީޢަތެއްގެ މައްސަލައެއް ކަމާއި، އެމައްސަލައިގައި އިސްތިއުނާފު ރައްދުވި ފަރާތުގެ މަސްލަޙަތު އޮތްކަންތައް އިސްތިއުނާފު ކުރިފަރާތުން ހުށަހެޅި ނުކުތާތަކުގެތެރޭގައި ހިމެނޭކަމާއި، މި މައްސަލައިގައި އެކަންއޮތީ އެގޮތަށް ނޫންކަން.

34. މިކަންކަން މިގޮތަށް ހުރުމުން، ރައްދު އިސްތިއުނާފުގެ ގޮތުގައި ޢަލީ މަނިކުގެ ފަރާތުން ހުށަހަޅާފައިވާ މިކަމަކީ ސުޕްރީމް ކޯޓަށް ބަލައިގަނެ ގޮތެއް ނިންމޭނެ ކަމެއް ކަމަށް އަހުރެން ނުދެކެމެވެ.

ޕަވަރ އޮފް އެޓާރނީ އާމެދު ސުވާލު އުފައްދާފައިވުން

35. 10 މާރޗް 2005 ގައި ދެފަރާތުން ސޮއިކުރި އެއްބަސްވުމުގައި އެއްބަސްވުމުގެ މުއްދަތަކީ 1 މެއި 2004 އިން ފެށިގެން 30 އެޕްރީލް 2014 ގެ ނިޔަލަށް ކަމަށް ބަޔާންވެގެންވާއިރު، އެއްބަސްވުމުގައި ސޮއިކުރުމަށް ގޭގެ ވެރިފަރާތުން ޢަލީ މަނިކުއަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ ދީފައިވާ ތާރީޚަކީ 22 އޮގަސްޓް 2004 ކަމަށްވާއިރު، އޭގެ ކުރީގެ ތާރީޚެއްގައި އެއްބަސްވުމުގެ މުއްދަތު ހިނގާ ގޮތަށް އެއްބަސްވުން ހެދިފައިވަނީ ޢަލީ މަނިކު އަށް ލިބިފައިނެތް ބާރެއް ބޭނުންކޮށްގެން ކަމަށް އިސްތިއުނާފު ކުރާ އިބްރާހިމް ޝަރީފުގެ ފަރާތުން ބުނެފައިވެއެވެ.

36. އިސްތިއުނާފު ރައްދުވާ ޢަލީ މަނިކުގެ ފަރާތުން ބުނެފައިވަނީ އިބްރާހިމް ޝަރީފުގެ ފަރާތުން ފާހަގަކުރާ އެކަމަކީ ސިވިލް ކޯޓުގައި އަދި ހައިކޯޓުގައި ވެސް އެފަރާތުން ބުނެފައިވާ ވާހަކައެއް ކަމަށްނުވާތީ އެކަމަކީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

37. މި ޕަވަރ އޮފް އެޓާރނީއަކީ އެއްބަސްވުން އޭގެ މައްޗަށް ބިނާވެފައިވާ މިމައްސަލައިގެ ޖައުހަރީ ކަމެއް ކަމަށްވާއިރު އެކަން އޮތީ އެގޮތަށްތޯ ޝަރީޢަތުން ނުބަލައި ދޫކޮށްލެވޭނެ ކަމެއް ކަމަށް ނުވާތީ އެކަން އޮތްގޮތް ބެލިއިރު، އެތާރީޚުތައް އޮތީ އެގޮތަށްކަން ފާހަގަކުރެވިފައިވެއެވެ.

38. ނަމަވެސް މި ޕަވަރ އޮފް އެޓާރނީ ދިންތާ ދިގުމުއްދަތެއް ފާއިތުވެގެން ގޮސްފައިވުމާއި، މި ޕަވަރ އޮފް އެޓާރނީގެ ދަށުން ބާރު ލިބިގެން ޢަލީ މަނިކުއަށް މިބާރު ދިން ދެ މީހުންގެ ފަރާތުން ޢަލީ މަނިކު ވަރަށް ގިނަކަންކަން ކޮށްފައިވާއިރު ޢަލީ މަނިކު އަށް މިބާރު ދިން ދެމީހުންގެ އެއްވެސް ޝަކުވާއެއް އޮތްކަން އެގެން ނެތުމުން މިކަމަކީ ޢަމަލުން ތަސްދީޤުވެފައިވާ ކަމެއް ކަމަށް ބަލަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

39. އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީން ހުރުމުން، 10 މާރޗް 2005 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު ވުޖޫދުވެފައިވާ އެއްބަސްވުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް ވުޖޫދުވެފައިވާ އެއްބަސްވުމެއް ނޫން ކަމަށް އިބްރާހިމް ޝަރީފްގެ ފަރާތުން ބުނިނަމަވެސް، އެ އެއްބަސްވުމަކީ އޭގެ ރުކުންތައް ފުރިހަމަވެ، ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އުފަންވެފައިވާ އެއްބަސްވުމެއް ކަމަށް އަހުރެން ދެކެމެވެ.

40. މި އެ އެއްބަސްވުމުގެ ދަށުން ޢަލީ މަނިކުއަށް 881,666/67ރ. (އަށްލައްކަ އަށްޑިހަ އެއްހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަތްލާރި) އިބްރާހީމް ޝަރީފް ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

41. މި މައްސަލައަކީ ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯތި ޢިމާރާތް ކުރުމަށްޓަކައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު 10 މާރޗް 2005 ގައި ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށް ދިޔައިރު، އަދި އެ ކޯޓުން މައްސަލައަށް ގޮތް ކަނޑައެޅުމުން، އެ ނިންމުން އިބްރާހީމް ޝަރީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ ކުރިއަށް ދިޔައިރު، އަދި ހައިކޯޓުން ޙުކުމް ކުރުމުން، އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، އިބްރާހީމް ޝަރީފްގެ ފަރާތުން ތަކުރާރުކޮށް ބުނަމުން އަންނަ އެއް ވާހަކައެއް އޮވެއެވެ. އެއީ، އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު 10 މާރޗް 2005 ގައި ވެފައިވާ އެއްބަސްވުމަކީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އިން ލޯނެއް ނެގުމަށް ޢަލީ މަނިކު ބޭނުންވެގެން، އޭނާއަކީ އާމްދަނީ ލިބޭ މީހެއް ކަމުގައި ދެއްކުމަށްޓަކައި، އެކަމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ވެފައިވާ ރަމްޒީ، އަދި އެ މައްޗަށް ޢަމަލުކުރެވޭނެ އެއްބަސްވުމެއް ނޫންކަމުގައެވެ.

42. އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކު އާ ދެމެދު 10 މާރޗް 2005 ގައި ވެފައިވާ އެއްބަސްވުމަކީ އެ މައްޗަށް މައްސަލަ ބިނާވާ އެއްބަސްވުން ކަމުގައި ބުނެ ޢަލީ މަނިކުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތް ނަމަވެސް، ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާ ގުޅިގެން އިތުރު 4 (ހަތަރެއް) އެއްބަސްވުމެއް ވުޖޫދުގައި އޮތްކަން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ ތެރެއިން އެނގެން އޮތުމުން، މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އެއްޗެއް ބުނުމުގެ ކުރިން، ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާ ގުޅިގެން ވެފައިވާ އެއްބަސްވުންތަކަކީ ކޮބައިކަމާއި، އެ އެއްބަސްވުންތަކުގެ (ކަމާގުޅޭ) ތަފްސީލުތަކަށް ފުރަތަމަ ބަލާލާނަމެވެ.

43. ހ. އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާގުޅޭ ގޮތުން ވެފައިވާ 5 (ފަހެއް) އެއްބަސްވުމާއި، އެއިން ކޮންމެ އެއްބަސްވުމަކާބެހޭ ކުރު ޚުލާޞާއެއް ތިރީގައި ހިމަނަމެވެ.

43.1. 27 ސެޕްޓެމްބަރ 2004 ގައި އިބްރާހީމް ޝަރީފް އާއި ޢަލީ މަނިކުއާ ދެމެދު ވެފައިވާ "ހ. އުލިގަމްގެ އޭކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރި ޢިމާތުގެ ތިރީ ދެ ބުރި ކުއްޔަށް ދިނުމުގެ އެއްބަސްވުން"14 (މީގެ ފަހުން "27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުން" ނުވަތަ "ގޯތީގެ ތިރީ ދެ ބުރި ކުއްޔަށް ދިނުމަށްވި ފުރަތަމަ އެއްބަސްވުން")

(ހ) މި އެއްބަސްވުމަކީ ހ. އުލިގަމުގޭގެ އުތުރުފަރާތުގައި އޮތް 1633 (ސޯޅަ ސަތޭކަ ތެއްތިރީސް) އަކަފޫޓުގައި 7 (ހަތެއް) ބުރި ޢިމާރާތެއްގެ ފައުންޑޭޝަން އެޅުމަށާއި، އެ ޢިމާރާތުގެ ފުރަތަމަ ތިން ބުރި ފުރިހަމަ ކުރުމަށްފަހު، އިބްރާހީމް ޝަރީފް އަށް ތިރީ ދެ ބުރި ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.15

(ށ) މި އެއްބަސްވުމުގައި ބުނާގޮތުން، ޢިމާރާތްކުރުމަށްޓަކައި ޢަލީ މަނިކުގެ ފަރާތުން އިބްރާހީމް ޝަރީފް އަށް ބިން ޙަވާލުކުރަންޖެހެނީ 01 ޖަނަވަރީ 2005 ގައެވެ.16 ބިން ޙަވާލުކުރާ ދުވަހުން ފެށިގެން ހިނގާ ފުރަތަމަ 60 (ފަސްދޮޅަސް) މަސް ދުވަހަކީ ޢިމާރާތްކުރުމަށް ދެވޭ މުއްދަތު ކަމުގައްޔާއި، ބިން ހަވާލުކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި އިމާރާތުގެ 3 (ތިނެއް) ވަނަ ބުރި ޢަލީ މަނިކުއާ ޙަވާލުކުރަންވާނެ ކަމުގައްޔާއި، މި ދުވަސްތަކުގައި ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން 9,000/-ރ. (ނުވަހާސް ރުފިޔާ) ޢަލީ މަނިކުއާ ޙަވާލުކުރަންވާނެ ކަމުގައިވެސް އެއްބަސްވުމުގައި އޮވެއެވެ.17

(ނ) ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ 01 ޖެނުއަރީ 2010 އިން ފެށިގެން

30 ނޮވެމްބަރ 2019 ގެ ނިޔަލަށް ހިނގާ 119 (އެއްސަތޭކަ ނަވާރަ) މަސްދުވަސް ކަމުގައްޔާއި،18 އެ މުއްދަތުގެ ކުއްޔަކީ އެ ޢިމާރާތުގެ ތިރީ ތިންބުރި ހަދާ ފުރިހަމަކުރުމަށް ހިނގާ ޚަރަދުކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެއެވެ.19

(ރ) މީގެ އިތުރުން އެއްބަސްވުމުގައި ހިމަނާފައިވަނީ ޢިމާރާތުގެ ކުރެހުން ތައްޔާރުކުރުމާއި އެކަމަށް ހިނގާ ޚަރަދާގުޅޭ ކަންކަމާއި،20 ޢިމާރާތްކުރުމަށް ބޭނުންކުރާނެ ތަކެތީގެ ފެންވަރާއި ސާމާނުގެ ތަފްސީލާއި،21 ހުއްދަތައް ހޯދުމުގައި އެއްބާރުލުމާބެހޭ ކަންކަމާއި،22 ފާޚާނާ ހޮޅިއާއި ކަރަންޓު ވަޔަރުކުރުމާއި، ފެންހޮޅިލުމާބެހޭ ކަންކަމާއި،23 އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމާއި،24 ޢިމާރާތް ބެލެހެއްޓުމާގުޅޭ ކަންކަމާއި،25 މައްސަލަ ޙައްލުކުރުމާގުޅޭ ކަންކަމާއި،26 އެއްބަސްވުމުގެ ބައިވެރިއަކު ނިޔާވާ ޙާލަތުގައި ކަންކުރާނެ ގޮތާގުޅޭ27 މާއްދާތަކެވެ.

43.2. 10 ފެބްރުއަރީ 2005 ގައި އިބްރާހީމް ޝަރީފްއާއި މުޙައްމަދު މޫސާ އާދެމެދު ވެފައިވާ "(ހ)އުލިގަމްގެ އޭކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރި އިމާތުގެ ތިރީދެބުރި ކުއްޔަށް ދިނުމުގެ އެއްބަސްވުން"28 (މީގެ ފަހުން "10 ފެބްރުއަރީ 2005 ގެ އެއްބަސްވުން" ނުވަތަ "ގޯތީގެ ތިރީ ދެ ބުރި ކުއްޔަށް ދިނުމަށްވި ދެވަނަ އެއްބަސްވުން")

(ހ) މި އެއްބަސްވުމަކީ ހ. އުލިގަމުގެއާ ގުޅޭގޮތުން ޢަލީ މަނިކުއާއި އިބްރާހީމް ޝަރީފް އާދެމެދު 27 ސެޕްޓެމްބަރ 2004 ގައި ވެފައިވާ އެއްބަސްވުމަށް ޙަވާލާދީ، އެ ގޯތީގައި ހަދާ ޢިމާރާތުގެ ތިރީ ދެ ބުރި އިބްރާހީމް ޝަރީފްގެ ފަރާތުން މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.29

(ށ) މި އެއްބަސްވުމުގެ މުއްދަތަކީ 01 މެއި 2005 އިން ފެށިގެން 30 އޭޕްރީލް 2014 ގެ ނިޔަލަށް ހިނގާ 120 (އެއްސަތޭކަ ވިހި) މަސްދުވަސް ކަމަށާއި، މި މުއްދަތުގެ ތެރެއަށް 1 މެއި 2014 އިން 30 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާ 55 (ފަންސާސް ފަހެއް) މަސްދުވަސް އިތުރުކުރެވޭނެ ކަމުގައި ބަޔާންކޮށްފައި އޮވެއެވެ.30

(ނ) އެއްބަސްވުމުގެ މުއްދަތު ފެށުމުން، އިބްރާހީމް ޝަރީފްގެ ފަރާތުން ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު، ކުއްޔަށްދޭ ދެބުރި މުޙައްމަދު މޫސާއާ ޙަވާލު ކުރަންވާނެ ކަމަށާއި، ކޮންކްރީޓް މަސައްކަތްކޮށް ނިމުމަށްފަހު ޢިމާރާތުގެ ކުރެހުމުގައިވާ ފަދައިން އެ ތަން ނިންމުމަކީ މުޙައްމަދު މޫސާގެ މަސްއޫލިއްޔަތެއް ކަމަށާއި، (ކޮންކްރީޓް މަސައްކަތް ފިޔަވައި) ޢިމާރާތް ނިންމުމަށް މަސައްކަތް ފެށުމުގެ ކުރިން، އެކަމަށް ހިނގާނެ ޚަރަދާމެދު ދެފަރާތުން އެއްބަސްވެ ސޮއިކުރަންވާނެކަމުގައި އެއްބަސްވުމުގައި ވެއެވެ.31

(ރ) ޢިމާރާތުގެ ތިރީ ދެ ބުރީގެ ކުލީގެ ގޮތުގައި ފުރަތަމަ 2 (ދޭއް) މަސް ދުވަހު ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެ މުއްދަތަކީ ތަން ހެދުމަށް ދެވޭ މުއްދަތު ކަމުގައްޔާއި، ކުލީގެ މުއްދަތުގެ ފުރަތަމަ 2 (ދޭއް) މަހަށްފަހު ހިނގާ 24 (ސައުވީސް) މަހަށް، މަހަކު 35,000/-ރ. (ތިރީސްފަސްހާސް ރުފިޔާ) ގެ މަގުން، އަދި އެއަށްފަހު ހިނގާ ކޮންމެ މަހަކަށް 40,000/-ރ. (ސާޅީސްހާސް ރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށާއި، ތަން ހެދުމަށް ހިނގާ ޖުމްލަ ހަރަދު 48 (ސާޅީސް އެކެއް) މަސްދުވަހަށް އެއްވަރަށް ބަހާލުމަށްފަހު މަހަކަށް ޖެހޭވަރު އެ މަހެއްގެ ކުލިން ކެނޑުމަށްފަހު، ބާކީބައި ކޮންމެ މަހެއްގެވެސް 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.32

(ބ) ހ. އުލިގަމުގޭގެ ވެރިފަރާތާ (ޢަލީ މަނިކުއާ) މި އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތާ (އިބްރާހީމް ޝަރީފްއާ) ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ ޢިމާރާތުގެ ތިރީ ދެބުރިއާ ގުޅޭގޮތުން އެއްބަސްވެފައިވާ ކަންކަމަށް އިޚްތިރާމްކުރަންވާނެ ކަމުގައި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.33

43.3. 10 މާރޗް 2005 ގައި އިބްރާހީމް ޝަރީފްއާއި ޢަލީ މަނިކު އާދެމެދު ވެފައިވާ "(ހ)އުލިގަމްގެ އޭކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރި އިމާތުގެ ތިރީދެބުރި ކުއްޔަށް ދިނުމުގެ އެއްބަސްވުން"34 (މީގެ ފަހުން "10 މާރޗް 2005 ގެ އެއްބަސްވުން" ނުވަތަ "ގޯތީގެ ތިރީދެބުރި ކުއްޔަށް ދިނުމަށްވި ތިންވަނަ އެއްބަސްވުން")

(ހ) މި އެއްބަސްވުމަކީ ހ. އުލިގަމުގޭގައި ހަދާ 7 (ހަތެއް) ބުރީގެ ޢިމާރާތުގެ ތިރީ ދެ ބުރި ޢަލީ މަނިކުގެ ފަރާތުން އިބްރާހީމް ޝަރީފަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.35

(ށ) މި މުއްދަތަކީ 01 މެއި 2005 އިން ފެށިގެން 30 އޭޕްރީލް 2014 ގެ ނިޔަލަށް ހިނގާ 120 (އެއްސަތޭކަ ވިހި) މަސްދުވަސް ކަމަށާއި، މި މުއްދަތުގެ ތެރެއަށް 1 މެއި 2014 އިން 30 ނޮވެމްބަރ 2018 ގެ ނިޔަލަށް ހިނގާ 55 (ފަންސާސް ފަހެއް) މަސްދުވަސް އިތުރުކުރެވޭނެ ކަމުގައި ބަޔާންކޮށްފައި އޮވެއެވެ.36

(ނ) އެއްބަސްވުމުގެ މުއްދަތު ފެށުމުން، ޢަލީ މަނިކުގެ ފަރާތުން ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު، ކުއްޔަށްދޭ ދެ ބުރި އިބްރާހީމް ޝަރީފްއާ ޙަވާލު ކުރަންވާނެ ކަމަށާއި، ކޮންކްރީޓް މަސައްކަތްކޮށް ނިމުމަށްފަހު ޢިމާރާތުގެ ކުރެހުމުގައިވާ ފަދައިން އެ ތަން ނިންމުމަކީ އިބްރާހީމް ޝަރީފްގެ މަސްއޫލިއްޔަތެއް ކަމަށާއި، (ކޮންކްރީޓް މަސައްކަތް ފިޔަވައި) ޢިމާރާތް ނިންމުމަށް މަސައްކަތް ފެށުމުގެ ކުރިން، އެކަމަށް ހިނގާނެ ޚަރަދާމެދު ދެފަރާތުން އެއްބަސްވެ ސޮއިކުރަންވާނެކަމުގައި އެއްބަސްވުމުގައި ވެއެވެ.37

(ރ) ޢިމާރާތުގެ ތިރީ ދެ ބުރީގެ ކުލީގެ ގޮތުގައި ފުރަތަމަ 2 (ދޭއް) މަސް ދުވަހު ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެ މުއްދަތަކީ ތަން ހެދުމަށް ދެވޭ މުއްދަތު ކަމުގައްޔާއި، ކުލީގެ މުއްދަތުގެ ފުރަތަމަ 2 (ދޭއް) މަހަށްފަހު ހިނގާ 24 (ސައުވީސް) މަހަށް، މަހަކު 35,000/-ރ. (ތިރީސްފަސްހާސް ރުފިޔާ) ގެ މަގުން، އަދި އެއަށްފަހު ހިނގާ ކޮންމެ މަހަކަށް 40,000/-ރ. (ސާޅީސްހާސް ރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށާއި، ތަން ހެދުމަށް ހިނގާ ޖުމްލަ ޚަރަދު 48 (ސާޅީސް އަށެއް) މަސްދުވަހަށް އެއްވަރަށް ބަހާލުމަށްފަހު މަހަކަށްޖެހޭވަރު އެ މަހެއްގެ ކުލިން ކެނޑުމަށްފަހު، ބާކީބައި ކޮންމެ މަހެއްގެވެސް 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.38

(ބ) މީގެ އިތުރުން އެއްބަސްވުމުގައި ހިމަނާފައިވަނީ ޤާނޫނަކަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްޔަށްހިފާ ތަނަށް ފީއެއް ނުވަތަ ކުއްޔެއް ދައްކަންޖެހޭނަމަ އެ ކަމަށް އިބްރާހީމް ޝަރީފް ޒިންމާވާންޖެހޭނެ ކަމަށް ބުނާ މާއްދާއަކާއި،39 ޢިމާރާތް ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ ޒިންމާއާބެހޭ ކަންކަމާއި،40 އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ޒިންމާއާ ގުޅޭ ކަންކަމާއި،41 އެއްބަސްވުމުގެ ބައިވެރިއަކު ނިޔާވާ ޙާލަތުގައި ކަންކުރާނެ ގޮތާގުޅޭ42 މާއްދާތަކެވެ.

43.4. 01 މެއި 2005 ގައި އިބްރާހީމް ޝަރީފްއާއި ޢަލީ މަނިކު އާދެމެދު ވެފައިވާ "(ހ)އުލިގަމްގެ އޭކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރި އިމާތުގެ 4 އަދި 5 ވަނަ ބުރި 189 މަސްދުވަހަށް ދިނުމަށްވެވޭ އެއްބަސްވުން"43 (މީގެ ފަހުން "01 މެއި 2005 ގެ އެއްބަސްވުން" ނުވަތަ "ގޯތީގެ 4 އަދި 5 ވަނަ ބުރި ކުއްޔަށް ދިނުމަށްވި ފުރަތަމަ އެއްބަސްވުން")

(ހ) މި އެއްބަސްވުމަކީ ހ. އުލިގަމުގޭގައި ހަދާ 7 (ހަތެއް) ބުރީގެ ޢިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރި ޢަލީ މަނިކުގެ ފަރާތުން އިބްރާހީމް ޝަރީފްއަށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.44

(ށ) މި އެއްބަސްވުމުގެ މުއްދަތަކީ 01 މެއި 2005 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ހިނގާ 188 (އެއްސަތޭކަ އަށްޑިހައަށެއް) މަސްދުވަސް ކަމަށާއި، އެ ޢިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރިންކުރެ ކޮންމެ ބުރިއެއްގައި 2 (ދޭއް) އަދި 3 (ތިނެއް) ކޮޓަރީގެ އެޕާޓްމަންޓެއް ހުންނާނެ ކަމަށާއި، އޭގެ ތެރެއިން 5 (ފަހެއް) ވަނަ ބުރީގައި ހުންނަ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓް 01 މެއި 2010 އިން ފެށިގެން އިބްރާހީމް ޝަރީފްގެ ފަރާތުން ޢަލީ މަނިކުއާ ޙަވާލުކުރަންވާނެ ކަމަށާއި، ޢިމާރާތުގެ ބުނެވުނު ތަންތަން އެ މުއްދަތުތަކުގެ ތެރޭގައި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންކުރުމުގެ ހުއްދަ އިބްރާހީމް ޝަރީފް އަށް ލިބިގެންވާނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެއެވެ.45

(ނ) ހ. އުލިގަމުގޭގައި ހަދާ ޢިމާރާތުގެ ތިރީ ދެ ބުރިއާ ގުޅޭގޮތުން ޢަލީ މަނިކުއާއި އިބްރާހީމް ޝަރީފް 27 ސެޕްޓެމްބަރ 2004 ގައި ވެފައިވާ އެއްބަސްވުމާ ޙަވާލާދީ، އެ ގޯތީގެ އެ ބައި (ޢިމާރާތުގެ ތިރީ ދެ ބުރި) މޯގޭޖްކުރުމަށްފަހު ޢަލީ މަނިކުގެ ފަރާތުން ހޯދާ 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) ގެ ތެރެއިން 800,000/-ރ. (އަށްލައްކަ ރުފިޔާ) ޢިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރި ހެދުމަށްޓަކައި ޢަލީ މަނިކުގެ ފަރާތުން އިބްރާހީމް ޝަރީފްއާ ޙަވާލުކުރަންވާނެ ކަމުގައި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.46

(ރ) ޢިމާރާތް ހެދުމަށް ޢަލީ މަނިކުގެ ފަރާތުން ނަގާ ލޯނު، އެ ލޯނުގެ އެއްބަސްވުމާ އެއްގޮތަށް އިންޓްރެސްޓާއެކު ދައްކަންޖެހޭނީ އިބްރާހީމް ޝަރީފް ކަމުގައްޔާއި، ލޯނު ނުދެއްކިގެން ނުވަތަ ލޯނު އެއްބަސްވުމާ ޚިލާފުވެގެން ދިމާވާ ހުރިހާ މައްސަލައެއްގެ ޒިންމާ ނަގަންވާނީ ޢަލީ މަނިކު ކަމުގައްޔާއި،47 އިބްރާހީމް ޝަރީފުއާ ޢަލީ މަނިކު މަޝްވަރާކޮށް ދެފަރާތުން އެއްބަސްވެގެން މެނުވީ އުލިގަމުގޭގެ 7 (ހަތެއް) ބުރީގެ ޢިމާރާތް އެއްބަސްވުމުގެ މުއްދަތުގައި ޢަލީ މަނިކުގެ ފަރާތުން ރަހުނު ނުކުރެވޭނެ ކަމުގައިވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.48

(ބ) އެއްބަސްވުމުގައި އިތުރަށް ބަޔާންކޮށްފައި ހުރީ ޢިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރީގެ މަސައްކަތް ކުރާނެ ފެންވަރުގެ ތަފްސީލުތަކާއި،49 މަސައްކަތްކުރުމުގައި ދަތި ނުވާނެ ފަދައިން މަސައްކަތްކުރުމާއި ނަގަންޖެހޭ ހުއްދަތައް ނެގުމާގުޅޭ ކަންކަމާއި،50 އެ ދެ ބުރިއަށް ދެވޭ އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާގުޅޭ މައުލޫމާތާއި،51 ޢިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރި ބެލެހެއްޓުމާގުޅޭ ކަންކަމާއި،52 އެއްބަސްވުމާ ގުޅިގެން ޚިލާފެއް އުފެދިއްޖެ ޙާލަތުގައި ޢަމަލުކުރާނެ ގޮތާގުޅޭ ކަންކަމާއި،53 އެއްބަސްވުމުގެ ބައިވެރިއަކު ނިޔާވެއްޖެ ޙާލަތެއްގައި ކަންކުރާނެ ގޮތާގުޅޭ54 މާއްދާތަކެވެ.

43.5. 24 ޖެނުއަރީ 2006 ގައި އިބްރާހީމް ޝަރީފްއާއި ޢަލީ މަނިކު އާދެމެދު ވެފައިވާ "ހ.އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި 7 ބުރިއަށް ފައުންޑޭޝަން އަޅާ 5 ބުރިއަށް ހަދާފައިވާ ޢިމާރާތް އެ ހެދިފަރާތަށް މީލާދީ 5 އަހަރުގެ މުއްދަތު އިތުރު ކޮށް ދިނުމަށްވެވޭ އެއްބަސްވުން"55 (މީގެ ފަހުން "24 ޖެނުއަރީ 2006 ގެ އެއްބަސްވުން" ނުވަތަ "ގޯތި ކުއްޔަށް ދިނުމަށްވި ފަސްވަނަ އެއްބަސްވުން")

(ހ) މި އެއްބަސްވުމަކީ ހ. އުލިގަމުގޭގައި 7 (ހަތެއް) ބުރިއަށް ފައުންޑޭޝަން އަޅާ ހެދި 5 (ފަހެއް) ބުރީގެ ޢިމާރާތްކުރުމަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް ޚަރަދު ހިނގާފައިވާތީ، 'ގެ ހެދުމަށް ދިން' ޢަލީ މަނިކު އާއި 'ގެ ހެދި' އިބްރާހީމް ޝަރީފު އާދެމެދު 20 ފެބްރުއަރީ 2005 ގައާއި 01 މެއި 2005 ގައި ހަދާފައިވާ އެއްބަސްވުމަށް 5 (ފަހެއް) އަހަރު އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މުއްދަތު އިތުރުކުރުމުން، މުއްދަތު އިތުރުކުރެވޭ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާ ތާރީޚަކީ 30 ނޮވެމްބަރ 2024 ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެއެވެ.56

(ށ) ޢިމާރާތުގެ ފުރަތަމަ ތިންބުރި ހެދުމަށް އަންދާޒާކުރި އަދަދަކީ 2,000,000/-ރ. (ދެމިލިއަން ރުފިޔާ) އަދި އިމާރާތުގެ 4 (ހަތަރެއް) އަދި 5 (ފަހެއް) ވަނަ ބުރި ހެދުމަށް އަންދާޒާކުރި އަދަދަކީ 1,000,000/-ރ. (އެއްލިއަން ރުފިޔާ) ކަމުގައިވީ ނަމަވެސް، އިބްރާހީމް ޝަރީފްގެ ފަރާތުން ޢިމާރާތުގެ 5 (ފަހެއް) ބުރި ހެދުމަށް ޖުމްލަ 3,650,000/-ރ. (ތިންމިލިއަން ހަލައްކަ ފަންސާސްހާސް ރުފިޔާ) ޚަރަދުކޮށްފައިވާ ކަމަށް އެއްބަސްވުމުގައި އޮވެއެވެ.57

(ނ) މި އެއްބަސްވުން ހެދުމަކުން، 01 މެއި 2005 ގެ އެއްބަސްވުމުގައި ބުނާ، ޢިމާރާތުގެ 5 (ފަހެއް) ވަނަ ބުރީގެ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓް ހަދާ، 01 މެއި 2010 ގައި ޢަލީ މަނިކުއާ ޙަވާލުކުރުމަށް އޮންނަ އޮތުމަށް ބަދަލު ނާންނާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.58

(ރ) މި އެއްބަސްވުމުގެ ނަތީޖާއަކީ ހަމައެކަނި 27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުމާއި، 20 ފެބްރުއަރީ 2005 ގެ އެއްބަސްވުމާއި، 01 މެއި 2005 ގެ މުއްދަތު އިތުރުކުރުން އެކަނި ކަމުގައި އެއްބަސްވުމުގައި ވެއެވެ.59

(ބ) މި އެއްބަސްވުމުގެ ދަށުން، އިބްރާހީމް ޝަރީފްގެ ފަރާތުން ޢަލީ މަނިކުއަށް، ނުވަތަ އޭނާ އަންގާ އެހެން ފަރާތަކަށް، 1 ފެބްރުއަރީ 2006 އިން ފެށިގެން 5 (ފަހެއް) އަހަރު ދުވަހަށް، ކޮންމެ އަހަރަކަށް 40,000/-ރ. (ސާޅީސްހާސް ރުފިޔާ) ގެ މަގުން ފައިސާ ދައްކަންޖެހެއެވެ.60

(ޅ) އިސްވެ ބުނެވުނު ކަންކަމުގެ އިތުރުން، އެއްބަސްވުމުގައި ހިމެނިފައިވަނީ އެއްބަސްވުމުގެ ބައިވެރިއަކު ނިޔާވެއްޖެ ޙާލަތެއްގައި ކަންކުރާނެ ގޮތާގުޅޭ މާއްދާއެކެވެ.61

44. ދެންނެވުނު ހުރިހާ އެއްބަސްވުމެއް ވުޖޫދުގައި ހުރިއިރު، އަދި 10 މާރޗް 2005 ގައި ސޮއިކޮށްފައިވާ ގޯތީގެ ތިރީ ދެ ބުރި ކުއްޔަށް ދިނުމަށްވި އެއްބަސްވުމަކީ ލޯނެއް ނެގުމަށްޓަކައި އެ ދެފަރާތުގެ މެދުގައި ވެފައިވާ ރަމްޒީ އަދި އެ އެއްބަސްވުމުގެ މައްޗަށް ޢަމަލުކުރުމުގެ ނިޔަތެއް އެއްބަސްވުމުގެ ދެ ބައިވެރިންކުރެ ފަރާތެއްގައި ނެތި ސޮއިކުރި އެއްބަސްވުމެއް ކަމުގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބުނަމުން ދަނިކޮށް، 10 މާރޗް 2005 ގެ އެއްބަސްވުން ފިޔަވާ އެހެން އެއްބަސްވުންތަކަށް ބެލުމެއް ނެތި، ޢަލީ މަނިކު އުފުލާފައިވާ ދަޢުވާގައިވާ ފަދައިން 10 މާރޗް 2005 ގެ އެއްބަސްވުމަކީ ޞައްޙަ އަދި ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ކަމުގައި ބަލައިގެން ކުރިއަށް ގޮސްފައިވާކަން ސިވިލް ކޯޓުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

45. އެ ގޮތުން ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި، މަދަނީ އިލްތިޒާމުތަކުގެ އެންމެ މުހިންމު މަސްދަރަކީ ކޮންޓްރެކްޓް ކަމަށާއި، ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ރަނގަޅު ނިޔަތުގައި އަދާކުރުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާއިދާއެއްކަމުގައިވާ އަޙުދަށް ވަފާތެރިވުމުގެ ޤާއިދާއާއި ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ 'ޕެކްޓާ ސަންޓް ސަރވެންޑާ' ގެ މަބްދައުގެ ދަށުން، ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވާ ކަމެއް ކަމުގައިވާތީ، ކޮންޓްރެކްޓެއް ވެފައިވާނަމަ، ކޮންޓްރެކްޓްގެ ބައިވެރިން ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމުގައާއި، ދެފަރާތުން އެއްބަސްވެފައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް ލިބިދީފައިވާނަމަ ކަމުގައެވެ. އަދި އެހެންކަމުން، 10 މާރޗް 2005 ގެ އެއްބަސްވުމަކީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަޤްޞަދުގެ ބޭރުން އެހެން ބޭނުމެއް ޙާސިލުކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް ނުބެލެވޭނެ ކަމަށާއި، އެ އެއްބަސްވުމަކީ ރަމްޒީ، އަދި އެ މައްޗަށް ޢަމަލުކުރަން ނުޖެހޭ އެއްބަސްވުމެއް ކަމުގައި ބެލެވެން ނެތްކަމަށެވެ.62

46. ސިވިލް ކޯޓުގެ މި ނިންމުން އިބްރާހީމް ޝަރީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާޢީދުކޮށްފައިވެއެވެ. އަދި މިފަދައިން އެ ކޯޓުން ސިވިލް ކޯޓުގެ ނިންމުން ނަގަހައްޓާފައިވަނީ، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ63 ޤަޟިއްޔާގައި މަދަނީ ޚުޞޫމާތެއްގައި ސާބިތުކުރުމުގެ ބުރައަކީ ދަޢުވާ ކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މާނައިގެ ތެރޭގައި ދަޢުވާގެ ދިފާޢުގައި ހުށަހަޅާ ކަންކަން ސާބިތުކުރުމުގެ ބުރަ ދަޢުވާ ރައްދުވާ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައިވުން ހިމެނޭ ކަމުގައި ބަޔާންކޮށެވެ.64 އަދި 10 މާރޗް 2005 ގެ އެއްބަސްވުމަކީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަޤްޞަދުގެ ބޭރުން ލޯނެއް ނެގުމުގެ ބޭނުމުގައި ސޮއިކުރި އެއްބަސްވުމެއް ކަމުގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބުނާއިރު، އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.65 މީގެ އިތުރުން، ލިޔުމުންވެފައިވާ އެއްބަސްވުމެއް ވުޖޫދުގައި އޮތް އިރު، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތް ފިޔަވައި އެހެން ގޮތަކަށް ޢަމަލުކުރަނީނަމަ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ލުޔެއް ލިބިފައި އޮންނަންވާނެ ކަމަށާއި، އެހެން ނޫންނަމަ އޭގެ ބައިވެރިންނަށް ޢަމަލުކުރުން ލާޒިމުވަނީ ކޮންޓްރެކްޓްގެ ޝަރުތުތަކާ އެއްގޮތަށް ކަމަށެވެ.66

47. ތެދެކެވެ. އެއްބަސްވެފައިވާ ފަދައިން އެއްބަސްވުމަށް އުނިއިތުރެއް ނުގެންނަނަމަ، ނުވަތަ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމަކާ ގުޅިގެން ލުޔެއް ލިބިދީފައި ނުވާނަމަ، އެއްބަސްވުމެއްގެ ބައިވެރިން ޢަމަލުކުރުން ލާޒިމުވަނީ އެފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށެވެ. އެކަމުގައި ދެބަސްވުމެއް ނެތެވެ.

48. އެހެންނަމަވެސް، އެއްބަސްވުމަކާ ގުޅޭ ޚުޞޫމަތެއް އުފެދި، އެއްބަސްވުން އެކުލަވާލި މަޤްޞަދާ މެދު ސުވާލު އުފައްދާނަމަ، އެކަމާ ގުޅިގެން އެއްބަސްވުމުގެ ބައިވެރިން ދައްކާ ވާހަކަތަކާއި ހެކިތަކުގެ އަލީގައި، އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)67 މައްސަލައިގައްޔާއި އެހެނިހެން މައްސަލަތަކުގައި68 ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ އުންސުރުތައް ފުރިހަމަވާކަން ނުވަތަ ނޫންކަމަށް ބަލަންވާނެއެވެ. އެހެނީ، އެއްބަސްވުމަކީ ލިޔެފައިވާ އެއްބަސްވުމެއް ނަމަވެސް، އެއީ ހުސްކަމެއްގެ ތެރޭގައި ވުޖޫދުވެ އޮންނަ އެއްޗެއް ނޫނެވެ. އަދި އެހެންކަމުން، އެއްބަސްވުމެއް ވުޖޫދުވެ އޮތްކަމާމެދު ސުވާލު އުފައްދައިފިނަމަ، އެ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްބަސްވުމެއް ކަމުގައި ކަނޑައެޅޭނީ، އެއީ އެއްބަސްވުމުގެ އުންސުރުތައް ފުރިހަމަވާ އެއްބަސްވުމެއް ކަމުގައިވަނީ ނަމައެވެ.

49. މި މައްސަލައަށް ބަލާއިރު، ތަންފީޒުކުރުމަށް އެދިފައިވަނީ 10 މާރޗް 2005 ގެ އެއްބަސްވުމެވެ. އެހެންނަމަވެސް، ދަޢުވާއަށް އިންކާރުކޮށް، އެ އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫންކަމުގައި ބުނެ، ކަންހިނގާދިޔަ ގޮތް ޚުލާޞާ ކުރުމާއެކު، 27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުމާއި، 10 ފެބްރުއަރީ 2005 ގެ އެއްބަސްވުމާއި، 01 މެއި 2005 ގެ އެއްބަސްވުމާއި، 24 ޖެނުއަރީ 2006 ގެ އެއްބަސްވުން އިބްރާހީމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ބުނެވުނު އެއްބަސްވުންތަކަކީ ޢަލީ މަނިކުއާ އިބްރާހީމް ޝަރީފް އާމެދު ކޮށްފައިފައިވާ މުޢާމަލާތްތައް ވަރަށް ސާފުކޮށް ދައްކުވައިދޭ އެއްބަސްވުންތަކެއް ކަމުގައިވާހިނދު، އިތުރު އެހެން ކަމެއް ފާހަގަކުރުމަކާ ނުލައި، 10 މާރޗް 2005 ގެ އެއްބަސްވުން ވުމާއެކު އެ ދެ ފަރާތުގައި

27 ސެޕްޓެމްބަރ 2004 ގައި ވެފައި އޮތް އެއްބަސްވުން ބާޠިލުވާނެ ކަމުގައި ބުނެ، 10 މާރޗް 2005 ގެ އެއްބަސްވުން ނެގެހެއްޓުމަކީ ޖުމްލަގޮތެއްގައި މައްސަލައިގައި ކަންވެފައިވާ ގޮތް ނުބަލާ އޮތްކަން ދަލާލަތު ކޮށްދޭ ކަމެކެވެ. އެހެނީ، ބަހުސްގެ ބޭނުމަށްޓަކައި 10 މާރޗް 2005 ގެ އެއްބަސްވުން ވުމުގެ ނަތީޖާއަކީ އެއީ ކަމުގައިވާނަމަ، 24 ޖެނުއަރީ 2006 ގެ އެއްބަސްވުން ވާންޖެހުނު ސަބަބެއް އޮޅުމެއް ނުފިލައެވެ.

50. ހަމައެއާއެކު، 10 މާރޗް 2005 ގެ އެއްބަސްވުމަށް ބާރުދީ މައްސަލަ ނިންމާފައިވާ ބިނާއަކީ ޤާނޫނީގޮތުން ހަމަޖެހޭ ބިނާއެއް ކަމުގައިވާނަމަ، 10 މާރޗް 2005 ގެ އެއްބަސްވުން ވުމާއެކު ބާޠިލުވި ކަމަށް ކަނޑައަޅާފައިވާ 27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުން ހިމެނޭގޮތަށް ވެފައިވާ 24 ޖެނުއަރީ 2006 ގެ އެއްބަސްވުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ތަންފީޒުކުރުމަށް ހުރަހެއް ނެތްހިނދު، މި ނަތީޖާއަކީ ދެކޮޅުޖެއްސިދާފަދަ ނަތީޖާއެއްކަމުގައި އަހުރެން ނުދެކެމެވެ.

51. އިސްވެ ފާހަގަކޮށްފައިވާ ފަދައިން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ69 މައްސަލައަށް ޙަވާލާދީ އިބްރާހީމް ޝަރީފްގެ ފަރާތުން ބުނަމުންދިޔަ ކަންކަން ސާބިތުކުރުމަށްޓަކައި ސިވިލް ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގައި މައްސަލައަށް ޖަވާބުދާރީވަމުން މި ރައުޔުގެ 49 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ އެއްބަސްވުންތައް އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވުމުން،70 އެ ކޯޓުން އެފަދައިން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ރައުޔުގެ 48 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންކަން އެހެން ހުރުމުން، 10 މާރޗް 2005 ގެ އެއްބަސްވުމުގައި، އެއްބަސްވުމެއްގައި ހުރުން ލާޒިމު އުންޞުރުތައް ފުރިހަމަވެފައިވާކަން ބެލުމަކާ ނުލައި، އަދި ދަޢުވާގެ ޖަވާބާއެކު ހުށަހެޅުނު 27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުމާއި، 10 ފެބްރުއަރީ 2005 ގެ އެއްބަސްވުމާއި، 01 މެއި 2005 ގެ އެއްބަސްވުމާއި، 24 ޖެނުއަރީ 2006 ގެ އެއްބަސްވުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމަކާއި ނުލައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ 10 މާރޗް 2005 ގެ އެއްބަސްވުމުގައިވާ ފަދައިން ޢަމަލުކުރުން ލާޒިމުކަމުގައި ކަނޑައަޅާފައިވަނީ އެކަށޭނަ ޤާނޫނީ އަސާސެއްގެ މައްޗަށް ބުރަވެކަމުގައި އަހުރެން ނުދެކެމެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އެ ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ހައިކޯޓުން ބަލާފައިވާކަމަކަށް އަހުރެން ނުދެކެމެވެ.

52. މިހެންކަމުން، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި މިހިނދުގައި މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުމަކީ އަދުލުވެރި އަދި އެކަށޭނަ ގޮތެއް ކަމުގައި އަހުރެންނަށް ބުރަނުވެވޭތީ، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ އެއްބަސްވުންތަކަށް އެކުގައި ރިޢާޔަތްކުރުމާއެކު، މި ރައުޔުގައި ހިމަނާފައިވާ ކަންކަމުގެ އަލީގައި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، މި މައްސަލަ ހައިކޯޓަށް ތަޙުވީލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

53. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 360/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/105 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށްޓަކައި، ޤާނޫނު ނަންބަރު

2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއާ ހަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1

2

3 ޤާނޫނު ނަންބަރު 91/4

4 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ގަޟިއްޔާ

5 ޤާނޫނު ނަންބަރު 2010/13

6 ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ގަޟިއްޔާ

7 އބމ

8 އބމ 6

9 އބމ

10 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ގަޟިއްޔާ

11 ޤާނޫނު ނަންބަރު 22/2010

12 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/35 ގަޟިއްޔާ

13 އބމ

14 ސިވިލް ކޯޓުގެ ނަންބަރު 360/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 34 އިން ފެށިގެން 36 ވަނަ ސަފުހާގެ ނިޔަލަށް ހިމަނާފައި.

15 27 ސެޕްޓެމްބަރ 2004 ގެ އެއްބަސްވުމުގެ ފެށުން (2 ވަނަ ޕެރެގްރާފް)

16 އބމ ގެ 1 ވަނަ މާއްދާ

17 އބމ

18 އބމ

19 އބމ 15 ގެ 2 ވަނަ މާއްދާ

20 އބމ 15 3 ވަނަ މާއްދާ

21 އބމ 15 ގެ 4 ވަނަ މާއްދާ

22 އބމ 15 5 ވަނަ މާއްދާ

23 އބމ 156 ވަނަ މާއްދާ

24 އބމ 15 7 ވަނަ މާއްދާ

25 އބމ 15 ގެ 9 ވަނަ މާއްދާ (އެއްބަސްވުމުގައި 8 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައި ނުވާކަން ފާހަގަވެއެވެ)

26 އބމ 15 ގެ 10 ވަނަ މާއްދާ

27 އބމ 15 ގެ 11 ވަނަ މާއްދާ

28 އބމ 14 ގެ 42 ވަނަ ސަފުހާއިން ފެށިގެން 44 ވަނަ ސަފުހާގެ ނިޔަލަށް ހިމަނާފައި.

29 10 ފެބްރުއަރީ 2005 ގެ އެއްބަސްވުމުގެ ފެށުން (ފުރަތަމަ 2 ޕެރެގްރާފް)

30 އބމ ގެ 1 ވަނަ މާއްދާ

31 އބމ ގެ 2 ވަނަ މާއްދާ

32 އބމ ގެ 3 ވަނަ މާއްދާ

33 އބމ ގެ 6 ވަނަ މާއްދާ

34 މި އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު 360/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/105 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ހިމަނާފައި ނުވެއެވެ.

35 10 މާރޗް 2005 ގެ އެއްބަސްވުމުގެ ފެށުން (1 ވަނަ ޕެރެގްރާފް)

36 އބމ ގެ 1 ވަނަ މާއްދާ

37 އބމ ގެ 2 ވަނަ މާއްދާ

38 އބމ ގެ 3 ވަނަ މާއްދާ

39 އބމ ގެ 4 ވަނަ މާއްދާ

40 އބމ ގެ 5 ވަނަ މާއްދާ

41 އބމ ގެ 7 ވަނަ މާއްދާ

42 އބމ ގެ 6 ވަނަ މާއްދާ

43 އބމ 14 ގެ 45 ވަނަ ސަފުހާއިން ފެށިގެން 47 ވަނަ ސަފުހާގެ ނިޔަލަށް ހިމަނާފައި.

44 01 މެއި 2005 ގެ އެއްބަސްވުމުގެ ފެށުން (ފުރަތަމަ ދެ ޕެރެގްރާފް)

45 އބމ ގެ 1 ވަނަ މާއްދާ

46 އބމ ގެ 2 ވަނަ މާއްދާ

47 އބމ ގެ 3 ވަނަ މާއްދާ

48 އބމ ގެ 4 ވަނަ މާއްދާ

49 އބމ ގެ 5 ވަނަ މާއްދާ

50 އބމ ގެ 6 ވަނަ މާއްދާ

51 އބމ ގެ 7 ވަނަ މާއްދާ

52 އބމ ގެ 9 ވަނަ މާއްދާ (އެއްބަސްވުމުގައި 8 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމެނިފައި ނުވާކަން ފާހަގަވެއެވެ).

53 އބމ ގެ 10 ވަނަ މާއްދާ

54 އބމ ގެ 11 ވަނަ މާއްދާ

55 އބމ 14 ގެ 39 ވަނަ ސަފުހާއިން ފެށިގެން 40 ވަނަ ސަފުހާގެ ނިޔަލަށް ހިމަނާފައި.

56 24 ޖެނުއަރީ 2006 ގެ އެއްބަސްވުމުގެ ފެށުން (ފުރަތަމަ ދެ ޕެރެގްރާފް)

އެއްބަސްވުމުގެ ފެށުމުގައި ދެ އެއްބަސްވުމަކަށް ހަވާލާދީފައިވާ ނަމަވެސް، 20 ފެބްރުއަރީ 2005 ތާރީހުގެ އެއްބަސްވުމެއް މި މައްސަލައާ ގުޅިގެން ހުށަހަޅާފައިނުވާކަން ފާހަގަވެއެވެ. މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި 10 ފެބްރުއަރީ 2005 ގެ އެއްބަސްވުމެއް ހިމެނިފައިވެއެވެ. އެހެންނަމަވެސް، 10 ފެބްރުއަރީ 2005 ގެ އެއްބަސްވުމަކީ އިބްރާހީމް ޝަރީފްއާއި ތިންވަނަ ފަރާތެއްކަމުގައިވާ މުޙައްމަދު މޫސާއާއެކު ވެފައިވާ އެއްބަސްވުމެކެވެ.

57 އބމ ގެ 1 ވަނަ މާއްދާ

58 އބމ ގެ 2 ވަނަ މާއްދާ.

މި މާއްދާގައި ހަވާލާދީފައިވަނީ 01 މެއި 2005 އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބުނާ އެޕާޓްމަންޓް ހަވާލުކުރުމަށެވެ.

59 އބމ ގެ 3 ވަނަ މާއްދާ.

މި މާއްދާގައި 3 އެއްބަސްވުމަކަށް ހަވާލާދީފައިވާއިރު، އެއްބަސްވުމުގެ ފެށުމުގައި ހަވާލާދީފައިވަނީ 2 އެއްވަސްވުމަކަށެވެ (އބމ 43)

60 އބމ ގެ 4 ވަނަ މާއްދާ.

61 އބމ ގެ 5 ވަނަ މާއްދާ.

62 އބމ 14 ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ށ) (ސަފުހާ 9 އިން 10 އަށް)

63 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ

64 ހައިކޯޓުގެ ނަންބަރު 2019/HC-A/105 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 12 ވަނަ ޕެރެގްރާފް.

65 އބމ ގެ 15 ވަނަ ޕެރެގްރާފް.

66 އބމ ގެ 14 ވަނަ ޕެރެގްރާފް.

67 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/16 ޤަޟިއްޔާ، 16 ވަނަ ޕެރެގްރާފް.

68 ސުޕްރީމް ކޯޓުގެ ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް [2021] SC 85 (ނަންބަރު 2019/SC-A/56) ގަޟިއްޔާ

69 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ

70 އބމ 14 ގެ 26 އިން ފެށިގެން 30 ވަނަ ސަފުހާގެ ނިޔަލަށް ހިމަނާފައިވާ 'ވިޔަފާރިއާ ބެހޭ ބަޔަށް ހުށަހަޅާ ދައުވާއާއި މައްސަލައިގެ ޖަވާބު ފޯމު' ގެ 7.1، 7.3، 7.5 އަދި 7.6.

2022/SC-A/33 [2023] SC 48

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ