—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2013/SC-A/34
ދަޢުވާކުރާ ފަރާތް:
ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާލިބޭ ފަރާތް:
ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
26 ޖުލައި 2013ރަޖިސްޓްރީ ކުރެވުނު ތާރީޚު:
30 ޖުލައި 2013ނިމުނު ތާރީޚު:
06 އޮގަސްޓް 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދުއިސްތިއުނާފު ކުރެވުނު ނިންމުން
ނަންބަރު:
2010/HC-A/249
ހުށަހެޅުނު ތާރީޚު:
06 ޑިސެމްބަރ 2010ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
20 ފެބްރުއަރީ 2013
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރަފް
މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ވެވެން ނެތިގެން ކޮންޓްރެކްޓެއް ނިމުމަކަށް އަތުވެއްޖެތޯ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓަކަށް އަމަލުކުރެވެން ނެތިގެން ކޮންޓްރެކްޓު ނިމުމަކަށް އަންނަ ހިނދު ކޮންޓްރެކްޓުގެ ބައިވެރިންނަށް ގާނޫނީ ގޮތުން ލިބޭނެ ހައްލުތަކާމެދު ސުވާލު އުފެދިގެން ހުށަހެޅިފައިވާ މައްސަލައެކެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު: C0216/2003) (މީގެ ފަހުން 'ކޮރަލްގޭޓް') އިން އެދިގެން ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު: C-45/2008) (މީގެ ފަހުން 'ބީއެމްސީ') ގެ ބާޖެއްގައި އިންޑިއާގެ ޓުޓިކޮރިން އިން ހއ. އަލިދޫއަށް 3000 މެޓްރިކް ޓަނުގެ ބޮޑުހިލަ އުފުލައި ދިނުމަށް މި ދެފަރާތުގެ ދެމެދުގައި އެއްބަސްވެވުނެވެ.ކޮރަލްގޭޓާއި ބީއެމްސީއާ ދެމެދުގައި ވެވިފައިވާ ކޮންޓްރެކްޓުގެ ޝަރުތުތައް ބަޔާންކޮށްފައިވަނީ ބީއެމްސީއިން މި މުޢާމަލާތާ ބެހޭގޮތުން 7 ޖޫން 2008 ގައި ކޮރަލްގޭޓްއަށް ފޮނުވާފައިވާ BMCT&P-122/08 ޕްރޮފޯމާ އިންވޮއިސްގައި ކަމަށް މި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވެއެވެ.
7 ޖޫން 2008 ގައި ބީއެމްސީއިން ކޮރަލްގޭޓްއަށް ފޮނުވާފައިވާ BMCT&P-122/08 ޕްރޮފޯމާ އިންވޮއިސް ގައި ބަޔާންކޮށްފައިވާ ގޮތުން ދެފަރާތުން އެއްބަސްވެފައިވަނީ އަންނަނިވި ކަންކަމަށެވެ.
(ހ) ބީއެމްސީއިން އިންޑިއާގެ ޓުޓިކޮރިން އިން ހއ. އަލިދޫއަށް 3000 މެޓްރިކް ޓަނުގެ ބޮޑު ހިލަ އުފުލައި ދިނުން.
(ށ) ހިލަ އުފުލުމަށް އެއްބަސްވެފައިވާ އަގަކީ ޓަނަކަށް 41.00 ޔޫއެސް ޑޮލަރު (3000 މެޓްރިކްޓަން ނުވަތަ އޭގެ %10 އުނިއިތުރު ވެދާނެ ކަމަށް ބަލައިގެން).
(ނ) ޓުޓިކޮރިން ބަނދަރުން ހިލަ ބަރުކުރުމުން ދައްކަންޖެހޭ ފައިސާގެ %50 ދިނުން. ބަކީ %50 ފައިސާ މުދާ ރާއްޖޭގެ ބަނދަރަށް ގެންނަތާ 24 ގަޑިއިރުގެ ތެރޭގައި ދިނުން.
(ރ) މުދަލުގެ އިންޝުއަރަންސް ހަމަޖައްސާނީ ޝިޕަރ ކަން.
ބީއެމްސީ ގެ ބާޖެއްގައި ޓުޓިކޮރިން އިން އަލިދޫއަށް އުފުލަންޖެހޭ 3000 މެޓްރިކްޓަނުގެ ބޮޑުހިލަ އަކީ ކޮރަލްގޭޓް އާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝްނާ އެންޑް ކޯ އެކްސްޕޯޓް ހައުސްއާ ދެމެދު އެއްބަސްވި އެއްބަސްވުމެއްގެ ދަށުން ކޮރަލްގޭޓުން ގަނެފައިވާ ހިލަތަކެކެވެ.
ބީއެމްސީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ އެއްބަސްވެފައިވާ ގޮތުގެ މަތީން އިންޑިއާގެ ޓުޓިކޮރިން އިން 3000 މެޓްރިކް ޓަނުގެ ހިލަ އެ ކުންފުނީގެ ބާޖެއް ކަމުގައިވާ ASL 73 އަށް ބަރުކުރި ކަމަށާއި، އެ ހިލަ ހިފައިގެން ރާއްޖެއަށް އައުމަށް ދަތުރު ފަށައިގެން ރާއްޖެއާ ވަރަށް ކައިރި ހިސާބަކަށް އާދެވިފައިވަނިކޮށް، 24 ޖޫން 2008 ގައި ކުއްލިއަކަށް އައި ވަރަށް ގަދަ ވިއްސާރައެއްގައި ޖެހި ކަނޑު ގަދަވެގެން ދިޔަ ވަގުތު ބާޖު ބަންޑުންޖެހިގެން ކަނޑަށް ފެތިގެން ދިޔަ ދިއުމުގައި އެ މުދައުވަނީ ކަނޑުވެ ފެތިގެން ގޮސްފައި ކަމަށެވެ.
މުދާ އުފުލުމުގެ އަގުގެ ގޮތުގައި ކޮރަލްގޭޓުން ބީއެމްސީއަށް ދައްކަންޖެހޭ ޖުމްލަ އަދަދު ކަމުގައިވާ 123,000 ޔޫއެސް ޑޮލަރު ވަނީ، އެ މުދާ ކަނޑުވުމުގެ ހާދިސާ ހިނގުމުގެ 2 ދުވަސްކުރިން (22 ޖޫން 2008 ގައި) ބީއެމްސީގެ ބޭންކް އެކައުންޓަށް އެކުގައި ޖަމާކޮށް ޚަލާސްކޮށްފައެވެ.
މަދަނީ ކޯޓަށް ހުށަހެޅުނު ދައުވާ
މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާގައި މި ހާދިސާއާ ގުޅިގެން ކޮރަލްގޭޓުން ބީއެމްސީގެ މައްޗަށް ދައުވާކުރީ އަންނަނިވި ފައިސާ ބީއެމްސީގެ ކިބައިން ހޯދުމަށެވެ.
(ހ) މުދާ އުފުލުމުގެ އަގުގެ ގޮތުގައި 22 ޖޫން 2008 ދުވަހު ކޮރަލްގޭޓް ގެ ފަރާތުން ބީއެމްސީގެ ބޭންކް އެކައުންޓަށް ޖަމާކުރި 123،000 ޔޫއެސް ޑޮލަރު.
(ށ) 3000 މެޓްރިކްޓަނުގެ ހިލައިގެ އަގު ކަމުގައިވާ 27،500 ޔޫއެސް ޑޮލަރު.
(ނ) ގާނޫނީ ވަކީލުގެ ފީ.
ދައުވާގެ ޖަވާބުގައި ބީއެމްސީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، އެއްބަސްވެފައިވާ ގޮތުގެ މަތީން އިންޑިއާގެ ޓުޓިކޮރިން އިން 3000 މެޓްރިކް ޓަނުގެ ހިލަ އެ ކުންފުނީގެ ބާޖެއް ކަމުގައިވާ ASL 73 އަށް ބަރުކުރި ކަމަށާއި، އެފަހަރު އެ ހިލަ ހިފައިގެން ރާއްޖެއަށް އައުމަށް ދަތުރު ފަށައިގެން ރާއްޖެއާ ވަރަށް ކައިރި ހިސާބަކަށް އާދެވިފައިވަނިކޮށް ކުއްލިއަކަށް އައި ވަރަށް ގަދަ ވިއްސާރައެއްގައި ޖެހި ކަނޑު ގަދަވެގެން ދިޔަ ވަގުތު ބާޖު ބަންޑުންޖެހިގެން ކަނޑަށް ފެތިގެން ދިޔަ ދިއުމުގައި އެ މުދާ ކަނޑަށް ފެތުނީ ކަމަށެވެ. އެހެންކަމުން މި ދައުވާއަކީ އެފަރާތުގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ.
ބީއެމްސީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި އިތުރަށް ބުނެފައިވަނީ، މުދާ އުފުލުމުގެ އަގު އެކީގައި އެފަރާތަށް ލިބިފައިވާ ކަމަށާއި، އެ ކުންފުނިން އެ އަގަށް ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކޮށްދީފައިވާ ކަމަށާއި، އެ މުދާ ގެއްލުމުގައި ނުވަތަ ނެތިވެ ދިއުމުގައި ބީއެމްސީގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި އެތަކެތި ރައްދުކުރެވިފައި ނުވަނީ ދިމާވި ގުދްރަތީ ހާދިސާއަކުން އެ މުދާ ގެއްލުމުން ކަމަށާއި އެކަމުގައި ބީއެމްސީގެ އެއްވެސް އިހުމާލެއް ނެތްކަން އެ ހާދިސާ ހަމަ އެވަގުތު ފުލުހުން ބަލައި ތަހުގީގު ކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންކަމުން، އެ ކުންފުނީގެ ފަރާތުން ކޮށްދިން މަސައްކަތުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތުމުން ކޮރަލްގޭޓަށް ބީއެމްސީގެ ފުށުން ވެފައިވާ އަދި ވަމުންދާ ގެއްލުމެއްވެސް ނެތް ކަމަށެވެ.
އަންނަނިވި ކަންކަން ޝަރިއަތަށް ސާބިތުވާ ކަމަށް މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
(ހ) ބޭންކް އޮފް ސިލޯނުގެ ނަންބަރު ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ނަންބަރު BCM/0828308617 މެދުވެރިކޮށް 22 ޖޫން 2008 ދުވަހު ކޮރަލްގޭޓް ގެ ފަރާތުން މުދާ އުފުލުމުގެ އަގު ކަމުގައިވާ 123،000 ޔޫއެސް ޑޮލަރު ބީއެމްސީގެ އެކައުންޓަށް ބޭންކުން ޖަމާކޮށްފައިވާ ކަމާއި، އެފަދައިން ބޭންކް އޮފް ސިލޯން އިން ބީއެމްސީއަށް ފައިސާ ދައްކާފައިވަނީ ކޮރަލްގޭޓް އިން މުދާ ލިބިއްޖެ ކަމަށް ބުނެ، 19 ޖޫން 2008 ދުވަހު ބޭންކް އޮފް ސިލޯނަށް ލިޔުމުން އެނގުމުންކަން.
(ށ) ASL 73 ބާޖު ބަންޑުން ޖަހާފައިވަނީ 24 ޖޫން 2008 ގައި ކަން. އެހެންކަމުން ކޮރަލްގޭޓުން ބީއެމްސީއަށް ދެއްކުމަށް އެއްބަސްވެފައިވާ ފައިސާ ބީއެމްސީއަށް ދައްކާފައިވަނީ ބާޖު ބަންޑުން ޖަހާލައި މުދާ ގެއްލުމުގެ ކުރިންކަން.
(ނ) މި މުދާ ކްރިޝްނާ އެންޑް ކޯ އިން ކޮރަލްގޭޓަށް ވިއްކާފައިވަނީ ސީއެންޑިއައި (C&I) މަގުން ކަމަށް ބީސީއެމްސީ ގެ ފަރާތުން ޝަރިއަތަށް ހުށަހަޅާފައިވާ ކްރިޝަނާ އެންޑް ކޯ ގެ 047 ނަންބަރު އިންވޮއިސްގައި ބުނެފައިވީ ނަމަވެސް، އެ މުދާ ރާއްޖެއަށް ގެނައުމުގެ ބޭނުމަށް ބީއެމްސީ އާއި ކޮރަލްގޭޓްއާ ދެމެދު ވަކި އެއްބަސްވުމެއް ވެފައިވާތީ އާއި، ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ކޮރަލްގޭޓް އާއި ކްރިޝްނާ އެންޑް ކޯއާ ދެމެދު އީމެއިލްގެ ޒަރީއާއިން ކޮށްފައިވާ މުއާމަލާތްތަކުން ކްރިޝްނާ އެންޑް ކޯ ހައުސްގެ ފަރާތުން އެ މުދާ ކޮރަލްގޭޓަށް ވިއްކާފައިވަނީ އެފްއޯބީ (FOB) މަގުންކަން.
(ރ) ކްރިޝްނާ އެންޑް ކޯ އިން ކޮރަލްގޭޓަށް މުދާ ވިއްކާފައިވަނީ އެފްއޯބީ މަގުންކަން އެނގޭ ކަމަށާއި އެފްއޯބީ މަގުން މުދާ ގަންނަ ނަމަ ވިއްކާ ފަރާތުން ޒިއްމާ އުފުލަން ޖެހެނީ މުދާ ބަރުކުރަން އެ މުދާ ބަނދަރާއި ހަމައަށް ގެންދިއުމާއި ހަމައަށް ނުވަތަ މުދާ ބަރުކުރުމާއި ހަމައަށް ކަމަށާއި މި ހާލަތުގައި މުދާ އުފުލައި، ރާއްޖެއާއި ހަމައަށް ގެނައުމުގެ މަސައްކަތާއި ހަވާލުވެފައިވަނީ ބީއެމްސީ ގެ ފަރާތުންކަން އެނގޭ ކަމަށާއި، އެއްބަސް ވުމުގައިވާ ގޮތުން "ޝިޕަރ" ގެ ފަރާތުން މުދާ އިންޝުއަރ ކުރަންޖެހޭ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ހާލަތުގައި "ޝިޕަރ" ކަމަށް ބެލެވިދާނެ ކްރިޝްނާ އެންޑް ކޯ އެކްސްޕޯޓް ހައުސް އިން މުދާ ވިއްކާފައިވަނީ އެފްއޯބީ މަގުން ކަން އެނގެން އޮތަތީ އެފަރާތުން އިންޝުއަރަންސްގެ ޒިއްމާ ނަގަން ނުޖެހޭނެކަން.
މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.
(ހ) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ފްރަސްޓްރޭޝަން" ގެ ހާލަތުކަމަށާއި، ފްރަސްޓްރޭޝަންގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ހާލަތެއް މެދުވެރިވާ ވަގުތު އެއްބަސްވުން ބާތިލުވާނެ ކަމަށް.
(ށ) ފްރަސްޓްރޭޝަންގެ އުސޫލު މަސައްކަތްކުރާ ގޮތަށް ބަލާއިރު ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ފަރާތުން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައިވާ ނަމަ، އަދި އެފަރާތުން ފައިސާ ދެއްކި ފަހުން އޭގެ މުގާބިލުގައި އެއްބަސްވުމުގައި ބައިވެރިވާ އަނެއް ފަރާތުން އެއްވެސް މަންފާއެއް ލިބިފައިނުވާނަމަ، ނުވަތަ އެ ފަރާތުން އެދިފައިވާ ކަންތައްތަކުން ކުރެ އެއްވެސް ކަމެއް ނުވާނަމަ، ފްރަސްޓްރޭޝަންގެ ސަބަބުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދައްކާފައިވާ ހުރިހާ ފައިސާއެއް އެފަރާތަކަށް ނަގައިދެވިދާނެކަން Fibrosa Spolka Akcyjna v Fairbairn Lawson Combe Barbour Ltd [1942] ގަޒިއްޔާ އިން އެނގޭ ކަމަށް.
(ނ) ބީއެމްސީ އާއި ކޮރަލްގޭޓްއާ ދެމެދުގައިވާ އެއްބަސްވުން ކަމަށް އެ ދެފަރާތުން ބަލާފައިވަނީ ބީއެމްސީގެ ފަރާތުން ފޮނުވާފައިވާ BMCT&P-122/08 ޕްރޮފޯމާ އިންވޮއިސް ކަމަށާއި އެ ޕްރޮފޯމާ އިންވޮއިސްގައިވާ ގޮތުން އިންޝުއަރ ކުރަންޖެހޭނީ 'ޝިޕަރ' ކަމަށާއި 'ޝިޕަރ' އަކީ ކްރިޝަނާ އެންޑް ކޯ ކަމަށްވާ ހިނދު ޝިޕަރ މުދާ ވިއްކާފައިވަނީ އެފްއޯބީ އުސޫލުންކަމަށް ބުރަވެވޭތީވެ، އެއްބަސްވުމުގެ ދަށުން ބީއެމްސީ އިން އުފުލާ މުދާ އިންޝުއަރ ކުރަންޖެހޭ ކަމުގައި ބަޔާންކޮށްފައި ނެތަތީ، އަދި މުދާ ހުރީ ނެޝަނަލް އިންޝުއަރަންސް ކޮމްޕެނީ ލިމިޓެޑްގައި އިންޝުއަރ ކުރެވިފައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޮރަލްގޭޓް ގެ ފަރާތުން މައުލޫމާތު ދީފައިވާތީވެ އެ 3000 މެޓްރިކްޓަނުގެ ހިލައިގެ އަގުގެ ގޮތުގައި ކޮރަލްގޭޓުން ހޯދަން ދައުވާކޮށްފައިވާ 27،500 ޔޫއެސް ޑޮލަރު ޝަރީއަތުގެ ފަރާތުން ނަގައި ނުދެވޭނެ ކަމަށް.
(ރ) އިންޑިއާގެ ޓުޓިކޮރިން އިން ހއ. އަލިދޫއަށް މުދާ ގެނެސް ދިނުމަށްޓަކައި ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކް އޮފް ސިލޯނުގެ އެލްސީއެއް މެދުވެރިކޮށް 22 ޖޫން 2008 ދުވަހު ކޮރަލްގޭޓުން ބީއެމްސީގެ އެކައުންޓަށް 123،000 ޔޫއެސް ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، މި ފައިސާ ފޮނުވާފައިވަނީ މުދާ އުފުލި އުޅަނދު ބަންޑުންޖަހާލައި މުދާ ކަނޑުވުމުގެ ކުރިން ކަމަށް ވެފައި، އެއްބަސްވުމުގެ ދަށުން ކޮރަލްގޭޓުން ބީއެމްސީ އަށް ފައިސާ ދައްކާފައިވާތީވެ، މިކަމުގެ މުގާބިލުގައި ކޮރަލްގޭޓަށް އެއްވެސް މަންފާއެއް ނުވަތަ އެއްޗެއް ލިބިފައިނުވާތީވެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ އުސޫލުގެ ދަށުން މުދާ ރާއްޖެއަށް ގެނައުމަށްޓަކައި ކޮރަލްގޭޓުގެ ފަރާތުން ބީއެމްސީއަށް ދައްކާފައިވާ 123،000 ޔޫއެސް ޑޮލަރު ބީއެމްސީގެ ފަރާތުން ކޮރަލްގޭޓަށް ދޭން ޖެހޭނެ ކަމަށް.
(ބ) ކޮރަލްގޭޓުން ދައުވާކޮށްފައިވާ ފައިސާގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުގެ ފީ ދެއްކުމާބެހޭ ގޮތުން ބީއެމްސީ ގެ ފަރާތުން އެ ޚަރަދު އުފުލުމަށް ކޮރަލްގޭޓާއި ބީއެމްސީގެ ދެމެދުގައި އެއްބަސްވެފައިވާކަން އެނގެން ނެތުމުންނާއި އެ ޚަރަދާބެހޭ ގޮތުން ވަކީލާއި މުވައްކިލާއި ދެމެދުގައި ވާ އެއްބަސްވުމެއް ކޯރަލްގޭޓް ގެ ފަރާތުން ޝަރިއަތަށް ހުށަހަޅާފައި ނުވާތީވެ، އެ ޚަރަދު ކޯޓުން ނަގައިދެވެން ނެތް ކަމަށް.
ހައިކޯޓުން ބެލި އިސްތިއުނާފުގެ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/249 އިސްތިއުނާފުގެ ގަޒިއްޔާގައި، މަދަނީ ނަންބަރު 2328/MC/2009 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ތާއީދުކުރަމުން، ހައިކޯޓުން ބުނެފައިވަނީ، ކޮރަލްގޭޓާއި ބީއެމްސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެޑްވާންސްއަށް ދައްކަންޖެހޭ އަގުގެ %50 އާއި ބާކީ ދައްކަންޖެހޭ %50 ގެ ފައިސާ ދެއްކުމުން އެއްވެސް މަންފާއެއް ކޮރަލްގޭޓަށް ލިބިފައި ނުވާ ކަމަށާއި، އެ މުދަލުގެ އިންޝުއަރަންސް ނެގުމަކީ ބީއެމްސީގެ ޒިއްމާއެއްކަން ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް ބެލުމުން އެނގެން އޮންނާތީވެ، މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާގައި ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން މުދާ ރާއްޖެ ގެނައުމަށްޓަކައި ކޮރަލްގޭޓުން ބީއެމްސީއަށް ދައްކާފައިވާ 123،000 ޔޫއެސް ޑޮލަރު ބީއެމްސީ ގެ ކިބައިން ކޮރަލްގޭޓަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް 10 ފެބްރުއަރީ 2013 ގައި ކޮރަލްގޭޓުގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ:
"މުދާ އަޅުގަނޑުމެންނަށް ސަޕްލައި ކުރަނީ ކްރިޝްނާ އެންޑް ކޯ އިން. ދެން އާއްމުކޮށް އިންވޮއިސްކުރަނީ ސީއެންއައި ނުވަތަ ސީއައިއެފް އިންވޮއިސްއެއް. ސަބަބަކީ މިކޮޅު ކަސްޓަމުން ބޭނުންވާނެ ހުރިހާ ކޮމްޕޯނެންޓެއް އެނގެން، (ޑިއުޓީ ދެއްކުމަށް) އަގު ފާސްކުރާއިރު. ދެން ގިނަފަހަރު މިކަހަލަ މުދަލެއް އިންޝުއަރ އެއް ނުކުރޭ. އެއީ ހިލަވެލި، ކަހަލަ ބައެއް އެއްޗެހި މުދާ އިންޝުއަރ ނުކޮށްވެސް ފޮނުވާ. އެކަމަކު ސަޕްލަޔަރު އޭގެ ރައްކާތެރިކަން ބޭނުންވާތީ ކަންނޭނގެ، އިންޝުއަރ ކޮށްފައި ފޮނުވާފައި އެއޮތީ."
ބީއެމްސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2010/HC-A/249 އިސްތިއުނާފު ކުރުމަށް މައިގަނޑު ގޮތެއްގައި ބީއެމްސީގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ގާނޫނީ ނުކުތާއެކެވެ. އެ ދެ ނުކުތާ ތިރީގައި މިވަނީއެވެ.
(ހ) ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވާ ގޮތުގެ މައްޗަށް އޮޅުން އަރާފައިވުން.
(ށ) ކޮންޓްރެކްޓުގެ ދަށުން ބީއެމްސީގެ ދަށުން ކުރި މަސައްކަތަށް ދީފައިވާ އަގު އަނބުރާ ނަގައިދޭނެ ގާނޫނީ ހަމައެއް ނެތްކަން.
ސުޕްރީމް ކޯޓުގައި ދެފަރާތުން ދެއްކި ވާހަކަ
މަތީގައި ބަޔާންކުރެވުނު ދެ ނުކުތާއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ބީއެމްސީގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާއަކީ ކޮރަލްގޭޓާއި ބީއެމްސީއާ ދެމެދު ކުރެވުނު މުދާ އުފުލުމުގެ ކޮންޓްރެކްޓު ނިމުމަކަށް ދިޔައީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އެ ކުންފުނީގެ ބާޖަށް ކުރިމަތިވެ އެ ބޮޑުހިލަތަކާ އެކު އެ ބާޖު ކަނޑަށް ފެތިންގެން ކަމަށާއި، އެކަމުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި، އެ ކުންފުންޏަށް އަގުދިން މަސައްކަތް އެވަނީ ކޮށްފައި ކަމަށާއި، ކޮންޓްރެކްޓު ނިމުމަކަށް ދިޔުމަކީ ކޮންޓްރެކްޓު ބާތިލުވުން ނޫން ކަމަށާއި، ކޮންޓްރެކްޓު ބާތިލުކޮށްފިނަމަ ނުވަތަ ބާތިލުވެއްޖެ ނަމަ އެ ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން އެ ކޮންޓްރެކްޓުގައިވާ މަސައްކަތަށް ދިޔަ އަގު ދޭންޖެހިދާނެ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓު ނިމުމަކަށް އައި ކަމުގައި ވިޔަސް އެ ކޮންޓްރެކްޓުގެ ދަށުންކުރި މަސައްކަތަށް ދީފައިވާ އަގު ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކައިގެ ޖަވާބުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ރައްދުވާ ކޮރަލްގޭޓުގެ ފަރާތުން ޚުލާސާ ގޮތެއްގައި ބުނެފައިވަނީ ދަށުކޯޓުންނާއި ހައިކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅުކަމަށާއި، ކޮންޓްރެކްޓް ފްރަސްޓްރޭޓްވާ ހާލަތުގައި، ފްރަސްޓްރޭޝަންގެ ސަބަބުން ކޮންޓްރެކްޓު ބާތިލުކުރުމުގެ ކުރިން ދައްކާފައިވާ ހުރިހާ ފައިސާއެއް އެފަރާތަކަށް ނަގައިދެވިދާނެކަން Fibrosa Spolka Akcyjna v Fairbairn Lawson Combe Barbour Ltd [1942] އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްއިން ނިންމާފައިވާ ގަޒިއްޔާއިން އެނގޭ ކަމަށާއި، ފްރަސްޓްރޭޝަންގެ ސަބަބުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދައްކާފައިވާ ހުރިހާ ފައިސާއެއް ނަގައިދެވޭނެ ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ކޯޓުން ނިންމާފައިވާ ގަޒިއްޔާއަށް މި މައްސަލައިގައި މަދަނީ ކޯޓުގެ ހުކުމުގައި ބަރޯސާވެފައިވަނީ ރަނގަޅަށް ކަމަށެވެ.
ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން ދިވެހިރާއްޖޭގައި ބަލައިގެންފައިވާ ގޮތް
ކޮންޓްރެކްޓު ފްރަސްޓްރޭޓްވުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކަކީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓާބެހޭ އެހެން ހަމަތަކެކޭ އެއްގޮތަށް، އިނގިރޭސި ކޮމަން ލޯގައި ގާއިމުވެފައިވާ ކޮންޓްރެކްޓު ފްރަސްޓްރޭޓްވުމުގެ އާއްމު ހަމަތަކެވެ.
ކޮންޓްރެކްޓާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ 3 ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެފަރާތެއްގެ ދެމެދުގައިވާ ކޮންޓްރެކްޓަކީ އެމައްޗަށް އަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް ބެލެވޭނެ ކަމަށެވެ. އެ ތިން ހާލަތަކީ:
(ހ)ކޮންޓްރެކްޓެއްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައްކޮށް ނިންމުން.
(ށ)ކޮށްޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވުން.
(ނ)ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭން އަމުދުންނެތުން. ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އަމަލުކުރެވެން ނެތުން.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތު ތަފްސީލުކޮށް އޮޅުން ފިލުވައިދީފައި ވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގައެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"(ހ) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ."
ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އިން އެނގެނީ ކޮންޓްރެކްޓުގައިވާ ގޮތަށް އަމަލުކުރެވެން ނެތް ކަމަށް ބެލެވޭނީ ދެ ހާލަތެއްގައި ކަމެވެ. އެއީ:
(1) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ނަމަ.
(2) ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ނަމަ.
މި ހުކުމުގައި މައިގަނޑުގޮތެއްގައި މި ބަލާލަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި، ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެދާނެ ކަމަށް ނުވަތަ ކޮންޓްރެކްޓަކަށް އަމަލުކުރެވެން ނެތުމުގެ ސަބަބުން ކޮންޓްރެކްޓު ނިމުމަކަށް އަންނާނެ ކަމަށް ބަޔާންކުރާ ދެ ހާލަތުގެ ތެރެއިން ފުރަތަމަ ހާލަތަށެވެ. އެއީ ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށް ވެއްޖެ ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް އަންނާނެ ކަމަށް އެ މާއްދާގައި ބަޔާން ކޮށްފައި އޮންނަ އޮތުމުގެ މައްޗަށެވެ. މި ހާލަތު މެދުވެރިވެގެން ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނީ ދެ ކަމެއް ފުރިހަމަވެގެންކަން މި މާއްދާއިން އެނގެއެވެ. އެއީ:
(1) މެދުވެރިވި ހާލަތަކީ ކޮންޓްރެކްޓު ކުރިއިރު އެ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް ކަމުގައިވުން.
(2) އަދި މެދުވެރިވި ހާލަތުގެ ސަބަބުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށްވުން.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ކޮންޓްރެކްޓަކީ "އަމަލުކުރެވެން ނެތް" ކޮންޓްރެކްޓަކަށް ވެއްޖެ ކަމަށް ބަލާނެ މިންގަނޑަކީ "ހީނުކުރާފަދަ ހާލަތެއް" މެދުވެރިވެގެން އޭގެ ބައިވެރިންގެ މައްޗަށް "ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ" ނަމައެވެ. މިދެ މަފްހޫމުގެ ތައުރީފެއް ނުވަތަ ތަފްސީލެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ދީފައި ނުވެއެވެ. ނަމަވެސް ކޮންޓްރެކްޓުގައިވާ އިލްތިޒާމް އަދާކުރުން އަގު ބޮޑުވުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރެވެން ނެތް ހާލަތެއް ކަމަކަށް ނުބެލެވޭނެ ކަމާއި، ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ހާލަތަކާހުރެ، އެ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ އަމަލެއް ކުރެވެންނެތީ ކަމަށް ނުބެލެވޭނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާ ގެ (ށ) އަދި (ނ) އިން އެނގެއެވެ.
ހީނުކުރާފަދަ ހާލަތަކާ ގުޅިގެން ކޮންޓްރެކްޓަށް އަމަލުކުރެވެން ނެތުން
ކުރިންވެސް ބަޔާން ކުރި ފަދައިން ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓު ނިމުމަކަށް އައުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެދާނެ ދެގޮތުން ކުރެ އެއްގޮތެވެ. ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހީނުކުރާފަދަ ހާލަތެއް" މެދުވެރި ވެގެން ކޮންޓްރެކްޓެއް އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ "ވެވެންނެތް ކަމަކަށް" ވެގެން އެ ކޮންޓްރެކްޓު ނިމުމަކަށް އަތުވެއްޖެތޯ ބަލާނޭ ސާފު މިންގަނޑެއް ނެތުމުން އިންސާފު ދިނުމުގައި އެކިފަހަރު އެކިގޮތަށް މާނަކުރެވި ކޮންޓްރެކްޓުގެ ބައިވެރިންނަށް އިންސާފު ގެއްލޭގޮތް ދިމާވެއެވެ. އަދި މީގެ އިތުރުން،"ހީނުކުރާފަދަ ހާލަތެއް" މެދުވެރި ވެގެން ކޮންޓްރެކްޓެއް ނިމުމަކަށް އަންނަ ހިނދު، އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓުގެ ބައިވެރިން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތައް އަދާކުރުމުން އެކުގައި ވީއްލިއްޖެތޯ އާއި އެ އިލްތިޒާމުތަކުން ކޮންޓްރެކްޓުގެ ބައިވެރިން އެކުގައި ނުވީއްލޭނަމަ، އެ އިލްތިޒާމުތައް އުފުލަންޖެހިދާނެ މިންވަރަކީ ކޮބައިތޯ އެނގެން ނެތްނަމަ، މުއާމަލާތް ކުރުމުގެ މާހައުލުގައި ނުތަނަވަސްކަން އުފެދެއެވެ. އަދި ހީނުކުރާފަދަ ކަމަކާ ގުޅިގެން ކޮންޓްރެކްޓަށް ވާނެގޮތް ކުރިއަށް ލަފާ ނުކުރެވޭނެމަ ވިޔަފާރިކުރުމުގެ މުއާމަލާތްތައް ކުރުމަށް ލިބިފައި އޮންނަންވާނޭ ޔަގީންކަން ކުޑަވެދެއެވެ.
"ހީނުކުރާފަދަ ހާލަތެއް" މެދުވެރި ވެގެން އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ "ވެވެންނެތް ކަމަކަށްވެގެން"، ކޮންޓްރެކްޓެއް ނިމުމަކަށް އަތުވެއްޖެތޯ ބަލާނޭ ސާފު މިންގަނޑެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ނުވަތަ ކުރިން ދިވެހިރާއްޖޭގެ ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއްގައި ބަޔާންކޮށްފައި ނެތުމުން އިނގިރޭސި ކޮމަން ލޯ ގައި ޚާއްސަކޮށް އިނގިރޭސި ކޯޓުތަކުން ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން ތަތުބީގު ކުރުމުގައި ބޭނުންކުރާ ހަމަތަކުގެ މައްޗަށް ބަލައިލުމަކީ އެންމެ ރަނގަޅުކަމެކެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ އުސޫލުތަކުގެ މަސްދަރަކީ އެއީ ކަމުގައިވާތީއެވެ.
ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓްކުރި އިރު ކޮންޓްރެކްޓުގެ ބައިވެރިން ގެ ވިސްނުމުގައި ނެތް ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ކޮންޓްރެކްޓަށް އަމަލު ކުރުމަކީ ޣައިރު ގާނޫނީ ކަމަކަށްވުމުން، ނުވަތަ މުސްތަހީލު ކަމަކަށްވުމުން ނުވަނަ ކޮންޓްރެކްޓު ކުރިއިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ހައްގުތައް، އެ މެދުވެރިވި ހާލަތެއްގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އައު ހާލަތުގައި އެ ކޮންޓްރެކްޓުގައިވާ ކަންކަން އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެ ކޮންޓްރެކްޓަށް އަމަލުކުރެވެން ނެތުމުން، އެ ކޮންޓްރެކްޓުގައިވާ އިލްތިޒާމުތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތުން އެ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދިއުމެވެ. ހަގީގަތުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވީ ކަމަށް ބުނެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ކުރާ ދައުވާއެއް ގައި ދަފްއެއްގެ ގޮތުގައި ބޭނުންކުރާ މަފްހޫމެކެވެ.
ކޮންޓްރެކްޓަށް އަމަލުކުރަން ފެށުމަށްފަހު ކޮންޓްރެކްޓު ތަންފީޒުކުރުމުގެ ތެރޭގައި މެދުވެރިވެދާނެ ރިސްކުތަކާ ގުޅިގެން ކަންކުރާނޭ ގޮތް ކޮންޓްރެކްޓުގައި އެކަށައަޅައި (މިސާލަކަށް ފޯސް މޭޖަރ މާއްދާގައި) އެއްބަސްވެފައި އޮތުމުން، ފްރަސްޓްރޭޝަންގެ ޑޮކްޓްރީން ތަތުބީގުކުރުމުގެ ދާއިރާވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
މަތީގައި ބަޔާންކުރި ގޮތަށް، ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން ތަތުބީގުކުރުމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި އެކަށާއަޅާފައިވާ ޓެސްޓު ގައި ބަޔާންކޮށްފައިވާ އެއް އުންސުރުކަމުގައިވާ، "އެހާލަތަކީ ކޮންޓްރެކްޓުކުރި އިރު ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް" ތޯ ކަނޑައަޅަން ބަލާއިރު "ހީނުކުރާފަދަ ހާލަތް" މިއީ އިންތިހާއަށް ކިލަނބު މަފްހޫމެކެވެ. އަމަލީ މައްސަލައެއްގައި ތަތުބީގުކުރަން ފިސާރި އުނދަގޫ މަފްހޫމެކެވެ. އެހެނީ ކޮންޓްރެކްޓުކުރާ ވަގުތު ކޮންޓްރެކްޓުގެ ބައިވެރިޔާއަކީ ވަހުމުން ފުރިގެންވާ މީހެއް ކަމުގައިވާ ނަމަ ކޮންޓްރެކްޓަށް އަމަލުކުރުމުގެ ތެރޭގައި މެދުވެރިވެދާނެ ކަމަށް އޭނާ ހީނުކުރާ އެއްވެސް ރިސްކެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރަށް އެ ހާލަތަކީ މެދުވެރިވެދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާ ހާލަތުގައިވެސް، ކޮންޓްރެކްޓުގެ ބައިވެރިން ނުވަތަ ބައިވެރިއަކު އެނގިހުރެ ރިސްކު ނެގުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިސާލަކަށް މި މައްސަލައިގައި އިންޝުއަރަންސް ނުނަގައި ކަނޑުމަގުން ބާޖެއްގައި ކަނޑުގަދަ މޫސުމެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ބޮޑުހިލަ އުފުލުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާ ކަމެއް ހެއްޔެވެ. ނުވަތަ އެއީ އެފަރާތްތަކަށް އެކަން އެނގިތިބެ ނެގި ރިސްކެއް ހެއްޔެވެ. ވީމާ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން ތަތުބީގުކުރުމުގައި އެންމެ އަދުލުވެރި ގޮތަކީ ކޮބައިކަން ހޯދޭތޯ މަސައްކަތްކުރަން ޖެހެއެވެ. އަދުލުއިންސާފު ހޯދަން އޮތް މަގު އަލިކުރުމަށެވެ.
އިނގިރޭސި ކޮމަން ލޯގައި ބޭނުންކުރާ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަންގެ އެންމެ މަގުބޫލު ތައުރީފަކީ National Carriers Ltd v. Panalpina (Northern) Ltd ގަޒިއްޔާގައި ލޯޑް ސައިމަން ބަޔާންކޮށްފައިވާ ތައުރީފް ނުވަތަ ޓެސްޓެވެ:
“Frustration of a contract takes place where there supervenes an event (without default of either party and for which the contract makes no sufficient provision) which so significantly changes the nature (not merely the expense or onerousness) of the outstanding contractual rights and/or obligations from what the parties could reasonably have contemplated at the time of its execution that it would be unjust to hold them to the literal sense of its stipulations in the new circumstances: in such case, the law declares both parties to be discharged from further performance.” (Emphasis added)
"ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވާނީ ކޮންޓްރެކްޓުކޮށްފައި ވަނިކޮށް މެދުވެރިވާ ކަމެއްގެ ސަބަބުން (އެކަމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ޚިލާފުވުމެއް ނެތި ހިނގާފައިވާ، އަދި އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަދާނެ ގޮތެއް ސަރީހަގޮތެއްގައި ކޮންޓްރެކްޓުގައި ބަޔާންކޮށްފައި ނެތީސް ހިނގާ ކަމެއްގެ ސަބަބުން) ކޮންޓްރެކްޓުގައި، އެހާތަނަށް އަދާނުކުރެވި ހުރި ހައްގުތަކާއި ވާޖިބުތަކުގެ ޠަބީޢަތް، ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓު ކުރި އިރު އެކަމާމެދު އެކަށީގެންވާ ގޮތެއްގައި ވިސްނާފައި އޮވެދާނޭ ގޮތަށްވުރެ މާބޮޑުތަނުން ބަދަލުވުމުން، އެ އައު ހާލަތުގައި ކޮންޓްރެކްޓުގައި ކަންކަން ކުރަން ބަޔާންކޮށްފައި އޮތް ގޮތަށް އެ ކޮންޓްރެކްޓު ތަންފީޒުކުރުމަކީ ބޭއިންސާފަކަށް ވާނޭ ހާލަތުގައެވެ: އެހާލަތުގައި ގާނޫނު ބަޔާންކުރަނީ ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ފުރިހަމަ ކުރުމުން ނުވަތަ އިތުރަށް އަދާކުރުމުން ވީއްލުނީ ކަމަށެވެ."
އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ Davis Contractors Ltd v. Fareham UDC ގަޒިއްޔާގައި ލޯޑް ރެޑްކްލިފް ފްރަސްޓްރޭޝަންއާ ބެހޭގޮތުން އެކަށައަޅާފައިވާ އާއްމު ޓެސްޓަކީ ވެސް މަގްބޫލު ޓެސްޓެކެވެ. ލޯޑް ރެޑްކްލިފް ވިދާޅުވެފައިވަނީ:
“...frustration occurs whenever the law recognises that without default of either party a contractual obligation has become incapable of being performed because the circumstances in which performance is called for would render it a thing radically different from that which was undertaken by the contract. Non haec in foedera veni. It was not this that I promised to do.”
"ފްރަސްޓްރޭޝަން މެދުވެރިވަނީ ދެ ފަރާތުން ކުރެ ފަރާތެއްގެ ޚިލާފުވުމެއްނެތި ކޮންޓްރެކްޓުގައި ކުރަން އެއްބަސްވެފައިވާ ކަމެއް ކުރުމަކީ ކުރެވޭން ނެތް ކަމެއްކަމަށް ގާނޫނު ގަބޫލުކުރުމުން ކަމަށާއި، ސަބަބަކީ އެ ހާލަތުގައި އެކަމެއް ކުރާންވެއްޖެ ނަމަ އެކަމަކީ ކޮންޓްރެކްޓުގައި އެއްބަސްވެފައިވާ ގޮތާ އިންތިހާ ދަރަޖައަށް ތަފާތު ގޮތަކަށް ވާނެތީއެވެ."
މި ގޮތުން، Canary Wharf (BP4) T1 Ltd v European Medicines Agency ގަޒިއްޔާއަކީ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަންއާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ހައިކޯޓުން 2019 ވަނަ އަހަރު ނިންމާފައިވާ ގަޒިއްޔާ އެކެވެ. މި ގަޒިއްޔާ އަކީ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން ތަތުބީގު ކުރެވިފައިވާ މައްސަލަތަކުގެ ސިލްސިލާގައި އެންމެ ފަހުން ނިންމާފައިވާ އެންމެ ނުފޫޒުގަދަ ނިންމުމެވެ. މި ގަޒިއްޔާގައި މިސްޓަރ ޖަސްޓިސް މާކަސް ސްމިތު ވަރަށް ތަފްސީލީ ގޮތެއްގައި އިނގިރޭސި ގާނޫނުގެ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަންގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. މި ގަޒިއްޔާގެ ހުކުމުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އިންސާފުވެރިކަމާއެކު ތަތުބީގު ކުރުމަށް އެންމެ ކަމުދާ ގޮތަކީ މަލްޓިފެކްޓޯރަލް އެޕްރޯޗް ބޭނުން ކުރުން ކަމަށް ބަޔާންކޮށްފައިވެއެވެ. ތިރީގައި މި ތަފްސީލުކުރަނީ އެ ގޮތް މިސްޓަރ ޖަސްޓިސް މާކަސް ސްމިތު އޮޅުންފިލުވައި ދެއްވާފައިވާ ގޮތެވެ.
މަލްޓި-ފެކްޓޯރަލް ގޮތް
މަތީގައި މިހަވާލާދިން Canary Wharf (BP4) T1 Ltd v European Medicines Agency ގަޒިއްޔާގައި މިސްޓަރ ޖަސްޓިސް މާކަސް ސްމިތު މި ގޮތް އޮޅުންފިލުއްވައި ދެއްވުމަށްޓަކައި އެ ހުކުމުގައި ފުރަތަމަ ނަކަލުކު ކުރައްވާފައިވަނީ Edwinton Commercial Corporation v. Tsavliris Russ (Worldwide Salvage and Towage) Ltd, The “Sea Angel” ގަޒިއްޔާގެ ހުކުމުގައި ލޯޑް ޖަސްޓިސް ރިކްސް ލިޔުއްވާފައިވާ ޕެރެގްރާފް ނަންބަރު 110، 111، އަދި 112 އެވެ. އެ ޕެރެގްރާފްތައް މި ތަނުގައި ނަކަލު ކޮށްލާނަމެވެ.
“110. In the course of the parties’ submissions we heard much to the effect that such and such a factor “excluded” or “precluded” the doctrine of frustration, or made it “inapplicable”; or, on the other side, that such and such a factor was critical or at least amounted to a prima facie rule. I am not much attracted by that approach, for I do not believe that it is supported by a fair reading of the authorities as a whole. Of course, the doctrine needs an overall test, such as that provided by Lord Radcliffe, if it is not to descend into a morass of quasi-discretionary decisions. Moreover, in any particular case, it may be possible to detect one, or perhaps more, particular factors which have driven the result there. However, the cases demonstrate to my mind that their circumstances can be so various as to defy rule-making.
ޚަސްމުންގެ ހުށަހެޅުންތަކުން އަޅުގަނޑުމެންނަށް އަޑުއިވެގެން ދިޔައީ އެވެނި ކަމެއްގެ ސަބަބުން ނުވަތަ މިވެނި ކަމެއްގެ ސަބަބުން ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އެ މައްސަލައިގައި ތަތުބީގުކުރުމުން އެއްކިބާވާ ކަމަށް ނުވަތަ ތަތުބީގު ނުކުރެވޭނެ ކަމަށް ބުނާ ބުނުންތަކާއި އަނެއް ޚަސްމުގެ ފަރާތުން، އެވެނި ކަމަކާއި މިވެނި ކަމަކީ ކޮންމެހެން ބަލައި އެއަށް ރިއާޔަތްކުރަންޖެހޭ ނުވަތަ ފެންނަ ފެނުމުގައި ގަވައިދެއް ކަމަށް ބުނާ ބުނުންތަކެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރިމަތިލާންޖެހޭ ގޮތަކީ އެއީ ކަމަށް އަޅުގަނޑު ނުދެކެމެވެ. ސަބަބަކީ އެފަދަ މޭރުމަކުން މި މައްސަލައާ ކުރިމަތިލުމަށް ކަމާބެހޭ ހުރިހާ ގާނޫނީ މަސްދަރުތަކުން ބާރުލިބިދޭ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ އެވެ. ޝައްކެއްވެސް ނެތެވެ. ދުރާލައި ކަނޑައެޅި ބަޔާންވެގެންވާ ދާއިރާއެއްގެ ތެރޭގައި އިޚްތިޔާރުކުރުން ލާޒިމުވާ ހަމައެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ނިންމާ ނިންމުންތަކެއްގެ ކިލަނބު އޮޅަކަށް ފެތެން ބޭނުން ނުވާނަމަ، ލޯޑް ރެޑްކްލިފް ދީފައިވާފަދަ އިޖުމާލީ ޓެސްޓެއް މި ޑޮކްޓްރީންއަށް ބޭނުންވެއެވެ. ވަކި ޚާއްސަ ގަޒިއްޔާއެއްގައި އެ މައްސަލައިގައި ނިކުތް ނަތީޖާއާ ދިމާއަށް ދަތުރުކުރަން ލާޒިމުކުރުވި ކަމެއް ނުވަތަ ކަންތައްތަކެއް ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެ މައްސަލަތަކުގެ ހާލަތުތައް ތަފާތުވާ މިންވަރު ބޮޑުކަމުން އެއިން ވަކި އެއް އުސޫލު ނެރުމަކީ ގޮންޖެހުމެކެވެ.
111. In my judgment, the application of the doctrine of frustration requires a multi-factorial approach. Among the factors which have to be considered are the terms of the contract itself, its matrix or context, the parties’ knowledge, expectations, assumptions and contemplations, in particular as to risk, as at the time of the contract, at any rate so far as these can be ascribed mutually and objectively, and then the nature of the supervening event, and the parties’ reasonable and objectively ascertainable calculations as to the possibilities of future performance in the new circumstances. Since the subject matter of the doctrine of frustration is contract, and contracts are about the allocation of risk, and since the allocation and assumption of risk is not simply a matter of express or implied provision but may also depend on less easily defined matters such as “the contemplation of the parties”, the application of the doctrine can often be a difficult one. In such circumstances, the test of “radically different” is important: it tells us that the doctrine is not to be lightly invoked; that the mere incidence of expense or delay or onerousness is not sufficient; and that there has to be as it were a break in identity between the contract as provided for and contemplated and its performance in the new circumstances.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ފްރަސްޓްރޭޝަންގެ ޑޮކްޓްރީން ތަތުބީގުކުރުމަށް ބޭނުންވަނީ ގިނަ ކަންކަން ޝާމިލުވާނޭ ގޮތަކަށް އެކަށައެޅިފައިވާ އުސޫލެއް ބޭނުންކުރުމެވެ. އެފަދަ އުސޫލެއްގައި ރިއާޔަތްކުރެވޭ ކަންކަމުގެ ތެރޭގައި ކޮންޓްރެކްޓު ކުރާ ވަގުތު، ޚާއްސަ ގޮތެއްގައި އެ މުއާމަލާތާ ގުޅޭ ރިސްކުތަކާބެހޭ ގޮތުން، ކޮންޓްރެކްޓުގައިވާ މާއްދާތަކާއި، ކޮންޓްރެކްޓުގެ ވަށައިގެންވާ ހާލަތާއި، ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ކަންކަމާއި، އެފަރާތުން އެ ކޮންޓްރެކްޓުން ހާސިލުކުރަން އުއްމީދުކުރާ ކަންކަމާއި، ވާނެކަމަށް ނުވަތަ ހިނގާނެ ކަމަށް އެފަރާތްތަކުން ގަބޫލުކޮށްފައިވާ ކަންކަމާއި، ކޮންޓްރެކްޓު ކުރިފަހުން ކުރިމަތިވި ކަމުގެ ތޮބީއަތާއި އެފަދަ ކަމެއް މެދުވެރިވުމުން އެ އައު ހާލަތުގައި ކަންކުރުމަށް ދެފަރާތުން އެކަށީގެންވާ މިންގަނޑަކުން ޔަގީންކުރެވޭނެ މޭރުމަކުން ކޮށްފައިވާ އަންދާޒާތައް ހިމެނެއެވެ. ފްރަސްޓްރޭޝަންގެ ޑޮކްޓްރީންގެ މައުޟޫއު އަކީ ކޮންޓްރެކްޓު ކަމުގައި ވެފައި، ކޮންޓްރެކްޓެގެ ބޭނުމަކީ އެ ކޮންޓްރެކްޓު ތަންފީޒުކުރުމުގައި ހިމެނޭ ރިސްކުތައް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ހިއްސާކޮށް އެކަށައެޅުން ކަމަށް ވެފައި، އަދި ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ރިސްކުތައް ހިއްސާކޮށް އެކަށައަޅައި ހަވާލުވެ ހެދުމަކީ ހަމައެކަނި ލިޔެ ބަޔާންކުރެވިފައިވާ ނުވަތަ ދޭހަކުރެވޭ ޝަރުތަކަށް ނުވެފައި އަދި ބައެއް ފަހަރު އެކަމަކީ ބަޔާންކޮށްދިނުމަށް ދަތި ކަމެއްކަމަށްވާ އަދި ކޮންޓެރެކްޓުގެ ބައިވެރިންގެ ވިސްނުމުގައިވާ ކަމަކަށް ބިނާވެގެންވާ ކަމަކަށް ވެދާނެ ކަމަށްވާއިރު، މި ޑޮކްޓްރީން ތަތުބީގުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެ ހާލަތުގައި، " އިންތިހާއަށް ތަފާތުވެފައި ވުމުގެ" ޓެސްޓުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެނީ އެ ޓެސްޓުން ބުނެދެނީ މި ޑޮކްޓްރީންގެ ބޭނުން އެހާ ލުއިގޮތަކަށް ނުހިފުމަށެވެ؛ ޚަރަދު ބޮޑުވުން ނުވަތަ ލަސްވުން ނުވަތަ ބުރަބޮޑުވުން އެއީ ކޮންޓްރެކްޓެއް ފުރަސްޓްރޭޓްވުމަށް ފުދޭނެ ކަންކަމެއް ނޫނެވެ. އެއީ، ކޮންޓެރެކްޓު ކުރެވުނު އިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ވިސްނުމުގައިވާ ގޮތާއި އައު ހާލަތުގައި ކޮންޓްރެކްޓަށް އަމަލުކުރަންޖެހޭ ގޮތް އިންތިހާ ދަރަޖައަށް ތަފާތުވުން ކަމަށް ވާންޖެހޭނެއެވެ.
112. What the “radically different” test, however, does not in itself tell us is that the doctrine is one of justice, as has been repeatedly affirmed on the highest authority. Ultimately the application of the test cannot safely be performed without the consequences of the decision, one way or the other, being measured against the demands of justice. Part of that calculation is the consideration that the frustration of a contract may well mean that the contractual allocation of risk is reversed. A time charter is a good example. Under such a charter, the risk of delay, subject to express provision for the cessation of hire under an off-hire clause, is absolutely on the charterer. If, however, a charter is frustrated by delay, then the risk of delay is wholly reversed: the delay now falls on the owner. If the provisions of a contract in their literal sense are to make way for the absolving effect of frustration, then that must, in my judgment, be in the interests of justice and not against those interests. Since the purpose of the doctrine is to do justice, then its application cannot be divorced from considerations of justice. Those considerations are among the most important of the factors which a tribunal has to bear in mind.
ނިމިފައިވާ އެކިއެކި ގަޒިއްޔާތަކުން ތަކުރާރުކޮށް ކަށަވަރުވެފައިވާ ފަދައިން، ކުރީގެ ހާލަތު އިންތިހާ ދަރަޖައަށް ތަފާތުވެފައިވޭތޯ ބެލުމުގެ ޓެސްޓަކީ އޭގެ ޒާތުގައި މި ޑޮކްޓްރީން އަކީ ކޮންމެހެން އަދުލުވެރި ޑޮކްޓްރީންއެއް ކަމަށް ބުނެދޭ ޓެސްޓެއް ނޫނެވެ. އެހެންކަމުން އެއްގޮތަކަށް ނުވިއްޔާ އަނެއްގޮތަކަށް، އަދުލު އިންސާފަށް ވާންވެދާނޭ ނަތީޖާތަކެއް ނުނިކުންނާނެ ގޮތަކަށް، މުޅިން ރައްކާތެރި ކަމާއެކު މި ޑޮކްޓްރީން ތަތުބީގު ނުކުރެވޭނެއެވެ. އެގޮތުން ވެދާނެ އެއްގޮތަކީ، ދެފަރާތުން ކޮންޓްރެކްޓުގައި ވަކި ހާލަތެއްގައި ކުރިމަތިވެދާނޭ ރިސްކު ހިއްސާކުރަން ނުވަތަ ރިސްކާ ހަވާލުވާން އެކަށައަޅާފައި އޮތް ގޮތް އެހެން ގޮތަކަށް ފުރޮޅިގެން ދިއުމެވެ. ޓައިމް ޗާޓަރ އެގްރީމަންޓަކީ މީގެ ރަނގަޅު މިސާލެކެވެ. މި ކަހަލަ ޗާޓަރ އެގްރީމަންޓެއްގައި، އޯފް-ހަޔަރ މާއްދާއެއްގެ ދަށުން ކުއްޔަށް ހިފި ހިފުން ނިމުމަކަށް އަންނާނެ ކަމަށް ސަރީހަ ބަހުން ލިޔެ އެއްބަސްވެފައި ނުވާނަމަ، ލަސްވުމުގެ ރިސްކު މުތުލަގު ގޮތެއްގައި އޮންނާނީ ޗާޓަރަރ ގެ މައްޗަށެވެ. ނަމަވެސް ލަސްވުމުގެ ސަބަބުން ޗާޓަރ އެގްރިމަންޓު ފްރަސްޓްރޭޓްވެއްޖެ ނަމަ، ލަސްވުމުގެ ރިސްކު ފުރޮޅިގެންގޮސް އެ ރިސްކުގެ ބުރަ އެ އުޅަނދުގެ ވެރިފަރާތުގެ ކޮނޑުގައި އެޅޭނެއެވެ. ނަމަވެސް މި ފަދަ ހާލަތުގައި ފްރަސްޓްރޭޓްވުމުގެ ނަތީޖާއެއްގެ ގޮތުން ނިކުންނާނެ މައްސަލަތައް ހައްލުކުރާނެ ގޮތް ދެފަރާތުން ކޮންޓްރެކްޓުގައި ދުރާލައި ބަޔާންކޮށް އެއްބަސްވެފައިވާނަމަ، އަދުލުއިންސާފުގެ މަސްލަހަތު އޮތީ އެގޮތުގައެވެ. މި ޑޮކްޓްރީންގެ މަގްސަދަކީ އިންސާފު ގާއިމުކުރުން ކަމަށްވުމުން، މި ޑޮކްޓްރީން ތަންފީޒުކުރުމުގައި އަދުލުވެރި ކަމަށް ރިއާޔަތް ކުރުމާ ވަތްކެއް ނުވެވޭނެއެވެ. އެހެން ކަމުން، މައްސަލަ ފައިސަލާ ކުރުމުގައި މި ކަންކަމަށް ރިއާޔަތްކުރުމަކީ އެންމެ މުހިންމު ބަހާ ކަން މަހްކަމާތަކުގެ ވިސްނުމުގައި ބަހައްޓަން ޖެހޭނެއެވެ.
މަތީގައި ބަޔާންކޮސްފައިވާ ޕްރެގްރާފްތަކުގައި ލޯޑް ޖަސްޓިސް ރިކްސް ބަޔާންކުރައްވާފައިވާ ކަންކަމަށް ރިއާޔަތްކޮށް Canary Wharf (BP4) T1 Ltd v European Medicines Agency ގަޒިއްޔާގައި މިސްޓަރ ޖަސްޓިސް މާކަސް ސްމިތު ވިދާޅުވެފައިވަނީ ފްރަސްޓްރޭޝަންގެ ހާލަތު މެދުވެރިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ޓެސްޓަކީ މަތީގައި ބަޔާންކުރެވުނު ޕެރެގްރާފްތަކުގައި ލޯޑް ޖަސްޓިސް ރިކްސް ބަޔާންކުރައްވާފައިވާ މަލްޓި-ފެކްޓޯރަލް ގޮތް ކަމަށެވެ.
ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން މި މައްސަލައަށް ތަތުބީގުކުރުން
މި ގަޒިއްޔާގައި ބެލެވޭ މައްސަލައިގެ މައުޟޫއު ކަމުގައިވާ ކޮރަލްގޭޓާއި ބީއެމްސީގެ މެދުގައި ކުރެވިފައިވާ ކޮންޓްރެކްޓު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެދާނެ ކަމަށް ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ އެއްގޮތް ކަމުގައިވާ، "ހީނުކުރާފަދަ ހާލަތެއް" މެދުވެރި ވެގެން ކޮންޓްރެކްޓެއް އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެގެން އެ ކޮންޓްރެކްޓު ނިމުމަކަށް އަތުވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް މަގު ހޯދުމުގައި އަޅުގަނޑު ބޭނުންކުރާނީ، ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެއްޖެތޯ ނުވަތަ ނޫންތޯ ބެލުމަށް Edwinton Commercial Corporation v. Tsavliris Russ (Worldwide Salvage and Towage) Ltd, The “Sea Angel” ގަޒިއްޔާގެ ހުކުމުގައި ލޯޑް ޖަސްޓިސް ރިކްސް އެކަށައަޅުއްވާފައިވާ، އަދި މަތީގައި ތަފްސީލުކޮށްދީފައިވާ މަލްޓި-ފެކްޓޯރަލް ގޮތެވެ.
މި މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓު ފްރަސްޓްރޭޓްވެފައި ވޭތޯ ބެލުމުގައި، މި މައްސަލައިގައި ސާބިތުވާން ހުރި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށް، މި މުއާމަލާތް ކުރަން ކޮރަލްގޭޓާއި ބީއެމްސީ އިން އެއްބަސްވިއިރު މުއާލާތް ތަންފީޒުކުރުމުގެ ތެރޭގައި މެދުވެރިވެދާނޭ ރިސްކުތަކާ ބެހޭ ގޮތުން ދެ ފަރާތުގެ އުއްމީދަކީ ކޮބައި ކަމާއި، އަދި އެގޮތުން އިންތިހާއަށް ތަފާތު ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެފަރާތުން، އެ ތަފާތު ހާލަތާއި ކުރިމަތިލުމަށް، ޔަގީންކުރެވޭނެ މޭރުމަކުން ކަނޑައަޅާފައިވާ ގޮތްތަކަށް ރިއާޔަތްކުރަން ޖެހެއެވެ.
ކަނޑުގަދަވެ ބޯޓު ބަންޑުންޖަހާލައި ބޯޓު އަޑިއަށް ގޮސްފާނެ ކަމަށް ލަފާކުރެވޭތަ؟
މޫސުން ގޯސްވުމުގެ ސަބަބުން ASL 73 ބާޖު ބަނޑުންވެ ނުވަތަ އަޑިއަށް ދިއުމުގެ ސަބަބުން އެ ބާޖުގައި ހުރި 3000 މެޓްރިކް ޓަނުގެ ހިލަ ގެއްލިގެން ހިނގައިދާނެ ކަމަށް، ދެފަރާތަށް އެނގިފައިވޭތޯ އާއި އެ ރިސްކާބެހޭގޮތުން އެ ފަރާތްތަކުން ވިސްނާފައިވާ ގޮތް އެއީ މި މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓު ފްރަސްޓްރޭޓް ވެފައިވޭތޯ ބެލުމުގައި މުހިންމު ކަންކަމެވެ. އެފަދަ ހާދިސާއެއް ކުރިމަތިވެދާނެކަން އެކަށީގެންވާ މިންވަރަކަށް ލަފާކުރެވޭނަމަ އެކަމުން ރައްކާތެރިވުމަށް އާންމުގޮތެއްގައި ކޮންޓްރެކްޓުގައި ފިޔަވަޅު އަޅާފައި އޮންނާނެއެވެ. އެފަދަ ހާލަތެއް ދިމާވެދާނެ ކަމަށް އެކަށީގެންވާ މިންވަރަކަށް ލަފާކުރެވޭނަމަ، އެކަމުން ރައްކާތެރިވުމުގެ ގޮތުން އިންޝުއަރަންސް ނަގަން ޖެހޭނެ ކަމާއި އިންޝުއަރަންސް ނެގުމުގެ ޒިއްމާ އުފުލާނީ ކޮން ފަރާތަކުން ކަން ކޮންޓްރެކްޓުގައި ބަޔާންކުރާނެއެވެ. ކޯޓުން ބޮޑަށް ބުރަވުން ގާތީ އެކަން އެފަރާތްތަކަށް ލަފާކުރެވޭ ނަމަ އެކަން ކޮންޓްރެކްޓުގައި ބަޔާންކުރީސް ކަމަށެވެ. ގިނަ މައްސަލަތަކުގައި، އެ ފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮވެދާނެ ކަމަށް ލަފާކުރެވެން ޖެހޭނެ ކަމަށް އުސޫލެއްގެ ގޮތުން ބުނާނެ ޖާގައޮތް ނަމަވެސް، އެފަދަ ރިސްކުތަކަށް ރިއާޔަތް ނުކުރެވި އޮތުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ކުށެއްކަމަށް ބަލައިގެންނުވާނެއެވެ. އޭގެ ބަދަލުގައި ކޯޓުން އަހަން ޖެހެނީ ކޮންޓްރެކްޓު ކުރެވުނު އިރު ކޮންޓްރެކްޓަށް އަމަލުކުރަން އޮތް ގޮތް މި މެދުވެރިވި ހާދިސާގެ ސަބަބުން އިންތިހާއަށް ބަދަލުވެއްޖެ ހެއްޔެވެ. މި ސުވާލެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ASL 73 ބާޖު އަޑިއަށް ދިއުމުގެ ސަބަބުން އެ ބާޖުގައި ހުރި 3000 މެޓްރިކް ޓަނުގެ ހިލަ ގެއްލިގެން ހިނގައިދާނެ ކަމަށް، ދެފަރާތަށް އެނގިފައިވޭތޯ އާއި އެ ރިސްކާބެހޭގޮތުން އެ ފަރާތްތަކުން އެކަށީގެންވާ މިންވަރަކަށް ވިސްނާފައިވޭތޯ ނުވަތަ އެފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް ލަފާކުރެވިފައި އޮތްތޯ ނުވަތަ ނޫންތޯ ބެލުމުގައި މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ކޮންމެހެން ރިއާޔަތް ކުރަންޖެހޭ ދެކަމެއް ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން ފާހަގަކުރެވެއެވެ. އެ ދެ ކަމަކީ:
(ހ) ދެފަރާތުގެ ވާހަކައިން އެނގެނީ މުދާ އުފުލުމަށް އިންޝުއަރަންސް ނަގާފައި ނެތީ ގިނަ ފަހަރު މިކަހަލަ މުދާ އިންޑިއާ އިން ރާއްޖެއަށް އުފުލާއިރު އިންޝުއަރ އެއް ނުކުރާތީ ކަމާއި އެއީ ހިލަވެލި، ކަހަލަ ބައެއް އެއްޗެހި އިންޝުއަރ ނުކޮށްވެސް ފޮނުވާ ކަމަށާއި އެކަމަކު މި މައްސަލައިގައި ހިމެނޭ މުދާ ސަޕްލަޔަރު އޭގެ ރައްކާތެރިކަން ބޭނުންވާތީ އެފަރާތުން ވިއްކި މުދާހުރީ އިންޝުއަރ ކޮށްފައި ކަމާއި، މުދާ އުފުލުން އިންޝުއަރ ކުރުމަށް ދެފަރާތުންވެސް ސަމާކަން ދީފައި ނެތް ކަމެވެ. އެހެން ކަމުން މިފަދަ ހާދިސާއެއް ހިނގާފާނެ ކަން މި ކޮންޓްރެކްޓުގެ ބައިވެރިން އެކަށީގެންވާ މިންވަރަކަށް ވިސްނާފައި ނެތްކަން މިކަމުން ދޭހަކުރެވެއެވެ.
(ށ) އަނެއް ކަމަކީ، މި ހާދިސާ ހިނގާފައިވަނީ 24 ޖޫން 2008 ގައެވެ. ކޮންޓްރެކްޓުގައި އޮތް ގޮތުން ޕޭމަންޓު ގެ ބާކީ %50 ދޭންޖެހެނީ އަލިދޫ ބަންދަރަށް މުދާ ގެނައުމުން ކަމަށް ބަޔާންކޮށްފައި އޮތް އިރު، މުދާ ކަނޑުއަޑިއަށް ދިއުމުގެ ދެ ދުވަސްކުރިން މުދާ އުފުލުމުގެ އަގު ބީއެމްސީއަށް އެކުގައި ލިބިފައިވަނީ، ބީއެމްސީއިން ވަރަށް ބޮޑަށް އެދިގެން ބޭންކުގެ ލަފަޔާވެސް ޚިލާފަށް ރާއްޖެއަށް އެމުދާ ނާންނަނީސް އެ މުދާ ލިބިއްޖެކަމަށް ބަޔާންކޮށް އެފައިސާ ބީއެމްސީއަށް އެކުގައި ދޫކުރުމަށް ކޮރަލްގޭޓުން ބޭންކަށް އިންސްޓްރަކްޝަން ދިނުމުން ކަން އެނގެއެވެ. މި ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ކޮންޓްރެކްޓު ކުރި އިރު ކޮރަލްގޭޓަށް އެކަށީގެންވާ މިންވަރަށް ލަފާކުރެވިފައި އޮތް ނަމަ، މުދާ ރާއްޖެއަށް އައުމުގެ ކުރިން ފައިސާ އެކުގައި ބީއެމްސީއަށް ދޫކުރަން ރުހިފައި އޮތުމަކީ އެކަށީގެންވާ ގޮތަކަށް ނުވާތީ އާއި، މަތީގައި އިސްވެ ބަޔާންކުރި ނުކުތާގައި ފާހަގަކުރިހެން ހިލަވެލިފަދަ ތަކެތި އުފުލުމުގައި އިންޝުއަރަންސް ނަގާނީ ކޮންފަރާތަކުން ކަން ސާފުކޮށް ކޮންޓްރެކްޓުގައި ކަނޑައަޅައި ބަޔާންކޮށް އެ ރިސްކު ކޮންޓްރެކްޓުގެ ބައިވެރިން ހިއްސާކޮށް ޒިއްމާނަގާނެ ފަރާތެއް އެކަށައެޅުމަށް ސަމާލުކަން ދީފައި ނެތުމުން އެއިން ދޭހަވަނީ މި ފަދަ ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ކޮންޓްރެކްޓުގެ ބައިވެރިން އެކަށީގެންވާ މިންވަރަށް ވިސްނާފައި ނެތް ކަމެވެ.
ފޯސް މޭޖަރ ކްލޯސް އެއް ނެތުން
ދެފަރާތުންކުރެ ފަރާތެއްގެ ބާރުނުފޯރާ ހާދިސާއެއްގެ ސަބަބުން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރެވެން ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އަމަލުކުރާނޭ ގޮތެއް ކޮންޓްރެކްޓުގައި ބަޔާންކޮށްފައި ނެތުމުން، މިފަދަ ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ކޮންޓްރެކްޓުގެ ބައިވެރިން ކޮންޓްރެކްޓުކުރި އިރު އެކަށީގެންވާ މިންވަރަކަށް ވިސްނާފައި ނެތް ކަން ދޭހަކުރެވެއެވެ.
މެދުވެރިވި ހާދިސާގެ ޠަބީޢަތް
ބީއެމްސީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ އެއްބަސްވެފައިވާ ގޮތުގެ މަތީން އިންޑިއާގެ ޓުޓިކޮރިން އިން 3000 މެޓްރިކް ޓަނުގެ ހިލަ އެ ކުންފުނީގެ ބާޖެއް ކަމުގައިވާ ASL 73 އަށް ބަރުކުރި ކަމަށާއި، އެފަހަރު އެ ހިލަ ހިފައިގެން ރާއްޖެއަށް އައުމަށް ދަތުރު ފަށައިގެން ރާއްޖެއާ ވަރަށް ކައިރި ހިސާބަކަށް އާދެވިފައިވަނިކޮށް، ކުއްލިއަކަށް އައި ވަރަށް ގަދަ ވިއްސާރައެއްގައި ޖެހި ކަނޑު ގަދަވެގެން ދިޔަ ވަގުތު ބާޖު ބަންޑުންޖެހިގެން ކަނޑަށް ފެތިގެން ދިޔަ ދިއުމުގައި އެ އެމުދާ ކަނޑުވީ ކަމަށެވެ. އިންޑިއާގެ ޓުޓިކޮރިން އިން 3000 މެޓްރިކްޓަނުގެ ހިލަ ހިފައިގެން ASL 73 ބާޖު ދަތުރު ކުރަމުން ދަނިކޮށް ހދ. ކުޅުދުއްފުއްޓާއި 62 މޭލު ދުރުން ASL 73 ބާޖު ބަންޑުން ޖަހާލި ކަމާއި ASL 73 ބާޖު ބަންޑުން ޖަހާލުމާއި ގުޅިގެން އެ ބާޖުގައިހުރި މުދާ ކަނޑުފެތިފައިވާ ކަމާއި، ASL 73 ބާޖު ބަންޑުން ޖަހާލުމުގެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެގެންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-CID(GUI)PRE/2008/58 (8 ޖުލައި 2008) ޕޮލިސް ރިޕޯޓު ކަށަވަރުކޮށްދެއެވެ. މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލާފައިވާ ހާދިސާ ހިނގިގޮތުގެ ރިޕޯޓަށް ބަލާއިރު، މުދާ ކަނޑުވެ ގެއްލުމުގައި ބީއެމްސީގެ އިހުމާލެއް ނުވަތަ ގަސްތުގައި ކަމެއް ކޮށްފައިވާ ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.
މެދުވެރިވި ހާލަތަކީ އިންތިހާއަށް ތަފާތު ހާލަތެއް
މަތީގައި ބަޔާންކުރި ޕެރެގްރާފުން އެނގެނީ ކޮންޓްރެކްޓު ކުރިއިރު އޮތް ހާލަތު އިންތިހާއަށް ތަފާތުވެފައިވާ ކަމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ކޮންޓްރެކްޓަކީ "އަމަލުކުރެވެން ނެތް" ކޮންޓްރެކްޓަކަށް ވެއްޖެ ކަމަށް ބަލާނެ މިންގަނޑަކީ "ހީނުކުރާފަދަ ހާލަތެއް" މެދުވެރިވެގެން އޭގެ ބައިވެރިންގެ މައްޗަށް "ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ" ނަމައެވެ. އެކަމެއް ވެވެން ނެތްކަމަށް ވުމަކީ ކޮންމެހެން އެކަމެއް ކުރުން މުސްތަހީލުވުމެއް ނޫނެވެ. އެއީ ކަމެއް މުސްތަހީލުވުމަށްވުރެ ލުއި މިންގަނޑެކެވެ. އަދި، އެއީ، ކަމެއް ކުރަންޖެހޭ ގޮތް އަގު ބޮޑުވެގެން ޚަރަދު ބޮޑުވެގެން އެކަމެއް ވެވެން ނެތުމެއް ވެސް ނޫނެވެ. އެހެންކަމުން އެކަމެއް ވެވެން ނެތްކަމަށް ބެލެވިދާނެ މިންގަނޑަކީ އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ Davis Contractors Ltd v. Fareham UDC ގަޒިއްޔާގައި ލޯޑް ރެޑްކްލިފް ބަޔާންކުރައްވާފައިވާ ޓެސްޓާ އެއްގޮތްވާ ގޮތުގެ މަތިން ކޮންޓްރެކްޓުކުރި އިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތާއި އިންތިހާއަށް ތަފާތުގޮތަކަށް އައު ހާލަތުގައި އަމަލުކުރަންޖެހޭތޯ ބެލުމެވެ.
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މިއީ ކޮންޓްރެކްޓު ކުރެވުނު އިރު އޮތް ހާލަތު ނޫންކަން ސާފުކޮށް އެނގެއެވެ.
ރެލަޓިވް ޖަސްޓިސް
ބީއެމްސީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ މުދާ އުފުލުމުގެ އަގު އެކީގައި އެފަރާތަށް ލިބިފައިވާ ކަމަށާއި، އެ ކުންފުނިން އެއަގަށް ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދީފައިވާ ކަމަށާއި އެ މުދައު ގެއްލުމުގައި ނުވަތަ ނެތިވެ ދިއުމުގައި ބީއެމްސީގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި އެތަކެތި ހަވާލުކުރެވިފައި ނުވަނީ ދިމާވި ގުދްރަތީ ހާދިސާއަކުން އެ މުދާ ގެއްލުމުން ކަމަށާއި އެކަމުގައި ބީއެމްސީގެ އެއްވެސް އިހުމާލެއް ނެތްކަން އެ ހާދިސާ ހަމަ އެވަގުތު ފުލުހުން ބަލައި ތަހުގީގު ކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންކަމުން، އެ ކުންފުނީގެ ފަރާތުން ކޮށްދިން މަސައްކަތުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތުމުން ކޮރަލްގޭޓަށް ބީއެމްސީގެ ފުށުން ވެފައިވާ އަދި ވަމުންދާ ގެއްލުމެއްވެސް ނެތް ކަމަށެވެ. އަނެއްކޮޅުން ކޮރަލްގޭޓުން ބުނެފައިވަނީ ކޮރަލްގޭޓާއި ބީއެމްސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މުދާ ރާއްޖެ ގެނައުމަށްޓަކައި ކޮރަލްގޭޓުން ބީއެމްސީއަށް ދައްކާފައިވާ 123،000 ޔޫއެސް ޑޮލަރު ދެއްކުމުން އެއްވެސް މަންފާއެއް ކޮރަލްގޭޓަށް ލިބިފައި ނުވާ ކަމަށާއި އެކަމުން ވިޔަފާރިއަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ. އިތުރަށް ކޮރަލްގޭޓުން ބުނެފައިވަނީ އެފަރާތުން ބީއެމްސީއަށް ދެއްކި ފައިސާ ބީއެމްސީއަށް ހައްގުވީ ކަމަށް ބެލެވޭނަމަ، އެއީ ތާކުންތާކު ޖެހޭގޮތެއް ނޫންކަމަށެވެ. "ފައިސާ އަޅުގަނޑުމެންނަށް އެކޮޅަށް ދެވިފައި، އެކޮޅުން އަޅުގަނޑުމެންނަށް މުދާ ލިބެންޖެހޭނެއެވެ. މުދާ އަޅުގަނޑުމެންނަކަށް ނުލިބެއެވެ." އެފަރާތުން ކުރަންޖެހޭ މަސައްކަތް ފުރިހަމަނުވެއެވެ. އެހެންކަމުން އެފައިސާ އެފަރާތަކަށް ހައްގެއް ނުވެއެވެ. ކޮރަލްގޭޓުން އިތުރަށް ބުނެފައިވަނީ އެފަރާތުގެ އިހުމާލެއް ނުވާކަމަށް އެބުނާ ބުނުމަކާ ކޮރަލްގޭޓުން ދެއްކި ފައިސާ އަނބުރާ ދިނުމަކާ ގުޅުމެއް ނެތް ކަމަށެވެ. ސަބަބަކީ މިކަމުގައި ކޮރަލްގޭޓުގެ ވެސް އިހުމާލެއް ނެތެވެ.
ދެފަރާތުގެ ވާހަކައިން އެނގެނީ އިންޑިއާގެ ކްރިޝްނާ އެންޑް ކޯ އިން ކޮރަލްގޭޓަށް ކްރެޑިޓަށް ވިއްކި ބޮޑުހިލަތަކުގެ މިލްކުވެރިކަން އެ ހިލަތަށް ކޮރަލްގޭޓަށް ލިބެންދެން އެ ތަކެތީގެ މިލްކުވެރިކަން އޮތީ ކްރިޝްނާ އެންޑް ކޯ އަށް ކަމުގައިވާތީވެ، އެ ބޮޑުހިލަތައް ކްރިޝްނާ އެންޑް ކޯއިން އިންޝުއަރ ކޮށްފައިވާކަމެވެ. އަދި ބީއެމްސީއިން އެ ފަރާތުގެ ޓަގާއި ބާޖަށް ވޮއެޖް އިންޝުއަރަންސް ނަގާފައިވެއެވެ. ނަމަވެސް މުދާ އުފުލުމަށް އެއްވެސް ފަރާތަކުން އިންޝުއަރަންސް ނަގާފައެއް ނެތެވެ. ކްރިޝްނާ އެންޑް ކޯ އަށާއި ބީއެމްސީއަށް އިންޝުއަރަންސް އިން ގެލުން ރިކަވަރ ކުރުމުގެ ފުރުސަތު އެބައޮތެވެ. މައިގަނޑު ގެއްލުމެއްވެފައިވަނީ ކޮރަލްގޭޓަށް ކަން އެނގެއެވެ.
ކޮރަލްގޭޓާއި ބީއެމްސީއާ ދެމެދުގައިވާ ކޮޓްރެކްޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތީން އިންޑިއާގެ ޓުޓިކޮރިން އިން 3000 މެޓްރިކް ޓަނުގެ ހިލަ ބީއެމްސީގެ ބާޖެއް ކަމުގައިވާ ASL 73 އަށް ބަރުކުރި ކަމާއި، އެ ހިލަ ހިފައިގެން ރާއްޖެއަށް އައުމަށް ދަތުރު ފަށައިގެން ރާއްޖެއާ ވަރަށް ކައިރި ހިސާބަކަށް އާދެވިފައިވަނިކޮށް ކުއްލިއަކަށް އައި ވަރަށް ގަދަ ވިއްސާރައެއްގައި ޖެހި ކަނޑު ގަދަވެގެން ދިޔަ ވަގުތު ބާޖު ބަންޑުންޖެހިގެން ކަނޑަށް ފެތިގެންދިއުމުގެ ސަބަބުން، އެ ދެފަރާތުގެ ދެމެދުގައިވާ ކޮންޓްރެކްޓު ކުރެވުނު އިރު އޮތް ހާލަތު ކޮންޓްރެކްޓު ފްރަސްޓްރޭޓްވާ މިންވަރުކަމުގައިވާ މިންވަރަށް "އިންތިހާއަށް ބަދަލުވެފައިވާތީ" އާއި އަދި އެގޮތަށް އިންތިހާއަށް ހާލަތު ތަފާތުވެދާނެ ކަމަށް ދެފަރާތުން އެކަށީގެންވާ މިންވަރަކަށް ވިސްނާފައިވާކަން އެނގެން ނެތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ކޮންޓްރެކްޓް ފްރަސްޓްރޭޓްވެ އެ ކޮންޓްރެކްޓަކީ "އަމަލުކުރެވެން ނެތް" ކޮންޓްރެކްޓަކަށް ވެފައިވާ ކަމަށް ގަބޫލުކުރެވެއެވެ.
ކޮންޓްރެކްޓު ފްރަސްޓްރޭޓް ވުމުގެ ނަތީޖާ
ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވާއިރު، ކޮންޓްރެކްޓު ފްރަސްޓްރޭޓްވެއްޖެ ނަމަ ހަދަންޖެހޭނެ ގޮތް ނުވަތަ ގޮތްތައް އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ނަމަ އެ މަގުން އަމަލުކުރާނީއެވެ.
ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވާ އިރު، ކޮންޓްރެކްޓު ފްރަސްޓްރޭޓްވެއްޖެ ނަމަ ހަދަންޖެހޭނެ ގޮތް ނުވަތަ ގޮތްތައް އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައި ނުވާނަމަ، ކޮންޓްރެކްޓާބެހޭ ގާނޫނުގައި ބަޔާންކުރާ ހައްލުހޯދުމަށް ދައުވާ ކުރެވޭނެއެވެ.
އެގޮތުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"(ރ) ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ލާޒިމުކުރާ ޢަމަލެއް ކުރެވެންނެތްކަން އެނގުމުގެ ކުރީގައި، އޭނާއަށް ލިބެންއޮތް ފައިސާއެއް، ނުވަތަ އޭނާ ދިން ފައިސާއެއް ހޯދުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ޢަމަލެއް ކުރެވެން ނެތުމުގެ ފަހަކަށް، އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއްގައި އޭނާއެއް ނުބަނދެވޭނެއެވެ."
އިސްވެ ބުނެވިދިޔަ 22 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހަމަތަކަށް ބަލާއިރު، ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމުގެ ހާދިސާ ހިނގުމުގެ ކުރީގައި އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ފައިސާއެއް ހޯދުމަކީ ކުރެވިދާނެ ކަމަކެވެ. މި މާއްދާގައި ކޮންޓްރެކްޓު ފްރަސްޓްރޭޓް ވުމުގެ ކުރިން ލިބެން އޮތް ފައިސާއެއް ލިބޭނީ އެކުގައި ކަން ނުވަތަ އެ ފައިސާގެ ތެރެއިން ބައެއް އުނިކުރެވިދާނެ ކަން އަދި މިގޮތަށް ފައިސާ ނަގައިދޭން ކޯޓުން އަމުރުކުރާ އިރު ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ސާފު ނުވެއެވެ. މި ނުކުތާއާ ބެހޭ ގޮތުން މި މައްސަލަ މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާއިން ނިންމަވަމުން، މަދަނީކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، "ފްރަސްޓްރޭޝަންގެ އުސޫލު މަސައްކަތްކުރާ ގޮތަށް ބަލާއިރު ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ފަރާތުން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައިވާ ނަމަ، އަދި އެފަރާތުން ފައިސާ ދެއްކި ފަހުން އޭގެ މުގާބިލުގައި އެފަރާތަށް އެއްވެސް މަންފާއެއް ލިބިފައި ނުވާނަމަ، ނުވަތަ އެ ފަރާތުން އެދިފައިވާ ކަންތައްތަކުންކުރެ އެއްވެސް ކަމެއް ނުވާނަމަ، ފްރަސްޓްރޭޝަންގެ ސަބަބުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދައްކާފައިވާ ހުރިހާ ފައިސާއެއް އެފަރާތަކަށް ނަގައިދެވިދާނެކަން Fibrosa Spolka Akcyjna v Fairbairn Lawson Combe Barbour Ltd [1942] ގަޒިއްޔާ އިން އެނގޭ" ކަމަށެވެ. ފިބްރޯސާ ގަޒިއްޔާގެ ހުކުމަށް ބަލާއިރު ފްރަސްޓްރޭޓްވުމުގެ ހާދިސާ ހިނގުމުގެ ކުރިން ދީފައިވާ ފައިސާ ލިބޭނީ، އެފަރާތުން ފައިސާ ދެއްކި ފަހުން އޭގެ މުގާބިލުގައި އެފަރާތަށް އެއްވެސް މަންފާއެއް ލިބިފައި ނުވާނަމަ އެވެ. ކޮންމެވެސް މިންވަރެއްގެ ފައިދާއެއްވެފައިވާ ނަމަ ވެގެންދާނެ ގޮތް ފިބްރޯސާ ގަޒިއްޔާގެ ހުކުމުން ސާފެއް ނުވެއެވެ.
އިނގިރޭސި ކޯޓުތަކުން މި މައްސަލަ އަށް ހައްލު ހޯދާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕާލިމެންޓުން ފާސްކުރި ލޯ ރިފޯމް (ފްރަސްޓްރޭޓެޑް ކޮންޓްރެކްޓްސް) އެކްޓް 1943 ގެ އެހީގައެވެ. އެ ގާނޫނުގައި ކޮންޓްރެކްޓު ފްރަސްޓްރޭޓް ވެގެންދާ ހާލަތުގައި ނިކުންނަ ނަތީޖާތަކާ ކުރިމަތިލާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ ހަމަތައް BP Exploration Co (Libya) v Hunt (No 2) [1983] 2 AC 352 ގަޒިއްޔާއާއި Gamerco SA v ICM/Fair Warning (Agency) Ltd [1995] 1 W.L.R. 1226 ފަދަ ގަޒިއްޔާތަކުގައި ތަތުބީގުކޮށްފައި ވެއެވެ. މި ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވަނީ ފިބްރޯސާ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލު ކަމުގައިވާ "ފައިސާ ދެއްކި ފަހުން އޭގެ މުގާބިލުގައި އެފަރާތަށް އެއްވެސް މަންފާއެއް ލިބިފައި ނުވާނަމަ" މި ޝަރުތު ލުއިކޮށް ދައުވާކުރާ ފަރާތުން ފައިސާ ދެއްކިފަހުން އެފަރާތަށް މަންފާގެ ބައެއް ލިބިފައިވާނަމަ، އެގޮތުން ލިބިފައިވާ މަންފާގެ ނިސްބަތުން ފައިސާ އުނިކުރުމަށްފަހު އެފައިސާގެ ތެރެއިން ހައްގުވާ މިންވަރެއް ހޯދުމަށް ދައުވާކުރެވިދާނެ ކަމަށެވެ. ބަލަމުން މިދާ މައްސަލައިގައި ކޮންޓްރެކްޓު ފްރަސްޓްރޭޓްވުމުގެ ހާދިސާ ހިނގުމުގެ ކުރިން މި މައްސަލައިގައި ދައުވާކުރި ފަރާތް ކަމަށްވާ ކޮރަލްގޭޓުން ބީއެމްސީ އަށް ދީފައިވާ ފައިސާގެ މުގާބިލުގައި އެއްވެސް މަންފާއެއް ކޮރަލްގޭޓަށް ލިބުނުކަން މި މައްސަލައިގައި ހުށަހެޅިފައިވާ އެއްވެސް ހެއްކަކުން އެނގެން ނެތެވެ.
ވީމާ، މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތަށް، އިންޑިއާގެ ޓުޓިކޮރިން އިން ހއ. އަލިދޫއަށް މުދާ ގެނެސް ދިނުމަށްޓަކައި ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކް އޮފް ސިލޯނުގެ އެލްސީއެއް މެދުވެރިކޮށް 22 ޖޫން 2008 ދުވަހު ކޮރަލްގޭޓުން ބީއެމްސީގެ އެކައުންޓަށް 123،000 ޔޫއެސް ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، މި ފައިސާ ފޮނުވާފައިވަނީ މުދާ އުފުލި އުޅަނދު ބަންޑުންޖަހާލައި މުދާ ކަނޑުވުމުގެ ކުރިން ކަމަށް ވާތީވެ، އަދި މި ފައިސާގެ މުގާބިލުގައި ކޮރަލްގޭޓަށް އެއްވެސް މަންފާއެއް ނުވަތަ އެއްޗެއް ލިބިފައިނުވާތީވެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންވެފައިވާ އުސޫލުގެ ދަށުން މުދާ ރާއްޖެއަށް ގެނައުމަށްޓަކައި ކޮރަލްގޭޓުގެ ފަރާތުން ބީއެމްސީއަށް ދައްކާފައިވާ 123،000 ޔޫއެސް ޑޮލަރު ބީއެމްސީގެ ފަރާތުން ކޮރަލްގޭޓަށް ދޭން ޖެހޭނެ ކަމަށް މަދަނީ ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/249 ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ތާއީދުކުރެވެއެވެ.
މަތީގައި އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން އަހުރެންނަށް ފެންނަނީ މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ބީއެމްސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ގަޒިއްޔާ އިސްތިއުނާފުކުރުމުން، ހައިކޯޓުން ބައްލަވާފައިވާ ހައިކޯޓުގެ ނަންބަރު 2010/HC-A/249 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަޞިމްގެ ރައުޔު:
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ ރައުޔު:
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން މަދަނީ ކޯޓުގެ ނަންބަރު 2328/MC/2009 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ބީއެމްސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ގަޒިއްޔާ އިސްތިއުނާފުކުރުމުން، ހައިކޯޓުން ބައްލަވާފައިވާ ހައިކޯޓުގެ ނަންބަރު 2010/HC-A/249 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދްނާން ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.