ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 23 · 2020/SC-A/70

އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ޖުލައި 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އީ.އައި.އޭ ރިޕޯޓު އީ.ޕީ.އޭ އިން ފާސްނުކުރުމުން ށ. ފަރުކޮޅު އެއަރޕޯޓު އެއްބަސްވުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފްރަސްޓްރޭޓްވީތޯ، އޭގެ މުޤާބިލުގައި ވެވުނު ގއ. އިންނަރެހާ ރިޒޯޓު އެއްބަސްވުން ނިމުމަކަށް ގެނައުން ޤާނޫނީތޯ، އަދި ދަޢުވާކުރާ ފަރާތުގެ ހެކިން ޙާޟިރުނުކުރުން ރަނގަޅުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (ގެއްލުމުގެ ބަދަލު ނުލިބޭ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވީތޯ ބަލަންވާނީ މަލްޓިފެކްޓޯރިއަލް ހަމަ ތަޠުބީޤުކޮށް، ކޮންޓްރެކްޓް ނިމުމަކަށް އަންނަން ޖެހުނު ހާދިސާތަކާއި ވަށައިގެންވާ ކަންކަން ދެނެގަނެ، ނިމުމަކަށް އައި ސަބަބަކީ ކޮންޓްރެކްޓް ވެވުނުއިރު ބައިވެރިންގެ ވިސްނުމުގައި ނެތް ޙާލަތެއްތޯ ބަލައިގެންނެވެ (ބީ.އެމް.ސީ ޓްރާންސްޕޯޓް ވ. ކޮރަލްގޭޓް؛ ފާސްޓް ކޮންސްޓްރަކްޝަން ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން)؛ އަދި ކޯޓުން ކުރަންޖެހޭ ސުވާލަކީ ކޮންޓްރެކްޓް ވެވުނުއިރު ޢަމަލުކުރަން އޮތް ގޮތް އެ ހާދިސާގެ ސަބަބުން އިންތިހާއަށް ބަދަލުވެއްޖެތޯއެވެ.

HN2 ފްރަސްޓްރޭޓްވާފަދަ ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތްކަން ލަފާކުރެވެން ޖެހޭނެ ކަމަށް ބުނެވިދާނެ ނަމަވެސް، އެފަދަ ރިސްކަކަށް ރިޢާޔަތްނުކުރެވި އޮތުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ކުށެއްކަމަށް ނުބެލެވޭނެއެވެ (ބީ.އެމް.ސީ ޓްރާންސްޕޯޓް، ޕެރ. 36).

HN3 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓުގެ އިލްތިޒާމްތަކުން ބައިވެރިން ވީއްލެނީ ތަފާތު ދެ ކަމަކުންނެވެ: ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމާއި، ޤާނޫނެއް ހިންގުމެވެ؛ ހާދިސާ ހީނުކުރާފަދަ ޙާލަތެއް ނޫން ކަމަށް ބެލި ނަމަވެސް، ތިމާވެއްޓަށް އިޢާދަނުކުރެވޭ ގެއްލުން ލިބިދާނެ ހާލަތުގައި މަޝްރޫޢު ކުރިއަށް ނުދިއުމަށް ޤާނޫނުން ލިބިދޭ ބާރު (އީ.އައި.އޭ ގަވާއިދު 2012 ގެ 14 (ށ) (3)) ބޭނުންކުރި ހިސާބުން ޤާނޫނު ހިނގަން ފަށައި ކޮންޓްރެކްޓް ނިމުމަކަށް ދެއެވެ.

HN4 ޤާނޫނާ ޚިލާފަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ޣައިރު ޤާނޫނީ، އަދި (ނ) ގެ ދަށުން ބާޠިލު ކޮންޓްރެކްޓެކެވެ؛ އެހެންކަމުން އީ.އައި.އޭ ފާސްނުވުމުން އެއްބަސްވުން ފްރަސްޓްރޭޓްވީ ކަމަށް ދައުލަތުން ނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.

HN5 ދެ އެއްބަސްވުމެއްގެ ތެރެއިން އެއް އެއްބަސްވުމަކީ އަނެއް އެއްބަސްވުމުގެ މަޝްރޫޢުގެ މުޤާބިލުގައި ވެވި، އެ މަޝްރޫޢަށް ބަރޯސާވެފައިވާ އެއްބަސްވުމެއްނަމަ، މައި މަޝްރޫޢު ކުރިއަށް ނުގެންދެވޭ ހާލަތުގައި ދެވަނަ އެއްބަސްވުން ވުޖޫދުގައި އޮތުމުގެ ބޭނުން ކެނޑިގެންދާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ޤާނޫނާ ޚިލާފެއް ނޫނެވެ.

HN6 ދަށުކޯޓުން ހެކިން ޙާޟިރުނުކުރުމަށް ނިންމި ސަބަބުތައް (ސާބިތުކުރަން އެދޭ ކަންކަން ކިތާބީ ހެކިން ސާބިތުވާން އޮތުމާއި، ގެއްލުމުގެ ބަދަލު ދޭންޖެހޭކަން ސާބިތުނުވާއިރު ބަދަލުގެ މިންވަރާ ގުޅޭ ހެކި ބޭނުން ނުވުން) ނަފީކުރާ ޤާނޫނީ ބަހުސެއް އިސްތިއުނާފުކުރާ ފަރާތުން ހުށަނާޅައިފިނަމަ، އެ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު

1.... ސަލީމް ތާއީދު ކުރައްވާފައި).

1..... ތަޢާރުފު.

1..... ކަންހިނގާފައިވާ ގޮތް.

3.... ސިވިލް ކޯޓުން ނިންމާފައިވާ ގޮތް.

5.... ހައިކޯޓުން ނިންމިގޮތް.

6.... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް.

8.... ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނާބުނުން.

12..... ގއ. އިންނަރެހާ އެއްބަސްވުން ނިމުމަކަށް ގެނައުން ޤާނޫނާ ޚިލާފުކަމަށް ބުނާބުނުން

14..... ހެކިން ހާޒިރުކޮށްފައި ނުވާކަމަށް ބުނާބުނުން.

16..... މައްސަލަ ނިންމަން ފެންނަގޮތް.

17..... ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު.

17..... ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.

17..... ޙުކުމް. بِسْدَالْرَحْمَىٰ އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) [2026] SC 23

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އަރާމް ޓްރެވަލް" ކަމަށް ބުނެފައިވާ ފަރާތް) އިން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް (މީގެފަހުން "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.

ކަންހިނގާފައިވާ ގޮތް

2. ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި 25 އަހަރު ދުވަހުގެ މުއްދަތަށް ށ. ފަރުކޮޅު ކުއްޔަށް ދިނުމަށްޓަކައި، 25 ޖޫން 2013 ގައި ދިވެހި ސަރުކާރާއި އަރާމް ޓްރެވަލްއާ ދެމެދު އެއްބަސްވުމެއް (މީގެފަހުން "ށ. ފަރުކޮޅު އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުން) ގައި ސޮއިކުރިއެވެ. އަދި ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި 50 އަހަރުގެ މުއްދަތަށް ގއ. އިންނަރެހާ، އަދި ގއ. އިންނަރެހާއާ ގުޅިފައިވާ ގއ. މެދުހެރާއާއި، ގއ. މައްތުހެރާއާއި، ގއ. މެދުބުރިޔައާއި، އަދި ގއ. މާފެހެލާ ކުއްޔަށް ދިނުމުގެ ގޮތުން، މި ދެ ފަރާތުގެ ދެމެދުގައި 5 އޮގަސްޓް 2013 ގައި ދެވަނަ އެއްބަސްވުމެއް (މީގެފަހުން "ގއ. އިންނަރެހާ އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުން) ގައި ސޮއިކުރިއެވެ.

3. […] އެއްބަސްވުމުގެ 5.3 އަދި 5.4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަރާމް ޓްރެވަލްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭޝަނަށް، އެންވަޔަރމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ރިޕޯޓު 06 މެއި 2014 ގައި ހުށަހެޅިއެވެ. މިގޮތުން އަރާމް ޓްރެވަލްގެ ފަރާތުން ހުށަހެޅި ރިޕޯޓާ ގުޅިގެން އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ނެރެފައިވާ އެންވަޔަރމެންޓަލް ޑިސިޝަން ސްޓޭޓްމަންޓްގައި ބަޔާންވެފައިވަނީ، އަރާމް ޓްރެވަލް އިން ހުށަހަޅާފައިވާ ގޮތަށް […] އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ، އެރަށުގެ ތިމާވެއްޓަށް އިޢާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށާއި، ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެއްޓާއި ޤުދުރަތީ ވަޞީލަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ ވާޖިބަކަށް ވީހިނދު، އަރާމް ޓްރެވަލް އިން ހުށަހަޅާފައިވާ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާ ޚިލާފުވާނެ ކަމެއްކަމުން، އެ މަޝްރޫޢު ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.

4. އަރާމް ޓްރެވަލްގެ ފަރާތުން އީ.ޕީ.އޭ ގެ މި ނިންމުން ދެވަނަ ނަޒަރަކުން ބަލައި ގޮތެއް ނިންމައި ދިނުމަށްއެދި 5 ޖޫން 2014 ގައި މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީއަށް ހުށަހެޅިއެވެ. މި ހުށަހެޅުމާއި ގުޅިގެން އެ މިނިސްޓްރީ އިން 23 ޖުލައި 2014 ގައި އަރާމް ޓްރެވަލްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އީ.ޕީ.އޭ ގެ ނިންމުން ރަނގަޅު ކަމަށެވެ.

5. […] އެއަރޒޯޓު ހެދުމަށް އަރާމް ޓްރެވަލް އިން ހުށަހެޅި އީ.އައި.އޭ ރިޖެކްޓް ކުރުމާ ގުޅިގެން، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން […] އެއްބަސްވުން ނިމުމަކަށް ގެނެވިފައިވާތީ، […] އަރާމް ޓްރެވަލްގެ އެއްވެސް މުދަލެއް ހުރިނަމަ އެކަން އެންގުމަށާއި، 30 ދުވަހުގެ ތެރޭގައި ތަން ހުސްކޮށްދިނުމަށް އަންގައި، 21 އޮކްޓޫބަރު 2014 ގައި މިނިސްޓްރީއިން އަރާމް ޓްރެވަލްއަށް ސިޓީ ފޮނުވިއެވެ. އަދި […] އެއްބަސްވުން ނިމުމަކަށް އައިސްފައިވާއިރު، ގއ. އިންނަރެހާ އެއްބަސްވުމަކީ، […] އެއަރޒޯޓު ތަރައްޤީކޮށް ހިންގާކަމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމަކަށްވާތީ، 24 ސެޕްޓެންބަރު 2014 އިން ފެށިގެން މި އެއްބަސްވުންވެސް ނިމުމަކަށް އައިސްފައިވާކަން، 26 ނޮވެންބަރު 2014 ގައި މިނިސްޓްރީއިން އަރާމް ޓްރެވަލްއަށް އެންގިއެވެ.

6. ބަޔާންކުރެވުނު ދެ އެއްބަސްވުން މިނިސްޓްރީއިން ނިމުމަކަށް ގެނެސްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އަރާމް ޓްރެވަލްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.

ސިވިލް ކޯޓުން ނިންމާފައިވާ ގޮތް

7. އަރާމް ޓްރެވަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1165/Cv-C/2015 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެ އެ ކޯޓުން ނިންމާފައިވަނީ، އަރާމް ޓްރެވަލްގެ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވެގެން ނެތްކަމަށެވެ.

7.1 އީ.އައި.އޭ ރިޕޯޓް އީ.ޕީ.އޭ އިން ފާސްކޮށްދީފައިނުވާތީ، އެއްބަސްވުމާ އެއްގޮތަށް […] އެއަރޑޯޓެއް ތަރައްޤީ ކުރުމުގެ ފުރުސަތު ގެއްލިފައިވާކަމާއި، އެއްބަސްވުމުގައި މި ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވާތީ މި ހުއްދައަކީ މި އެއްބަސްވުން ވެވުނުއިރު ދުރާލާ ލިބިފައިވާ ހުއްދައެއް ނޫންކަން މިއެއްބަސްވުމުގެ ބައިވެރިންނަށް ސާފުވެފައިވާކަމާއި، މިހުއްދަ އަރާމް ޓްރެވަލްއަށް ނުލިބުމަކީ، ދިވެހި ސަރުކާރުގެ އިހުމާލެއް އޮތްކަމެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި، މިފަދައިން އެރަށުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީ ކުރެވެން ނެތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ ޙަވާލާދީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ތަންފީޛުކުރެވެން ނެތް ޙާލަތެއް މެދުވެރިވެގެން އެ އެއްބަސްވުން ބާޠިލްކުރެވިފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ޝަރީޢަތަށް ބުރަވެވޭކަން؛

7.2 ގއ. އިންނަރެހާ އާއި އެރަށާ އެއްފަޅުގައިވާ ރަށްތައް އަރާމް ޓްރެވަލްއަށް ދިވެހި ސަރުކާރުން ކުއްޔަށް ދީފައިވަނީ […] ޑޮމެސްޓިކް އެއަރޕޯޓެއް އަރާމް ޓްރެވަލް އިން ތަރައްޤީ ކުރުމަށް އެއްބަސްވުމުން، އެކަމުގެ ކޮންސިޑެރޭޝަނެއްގެ ގޮތުގައިކަން އެ އެއްބަސްވުމުގެ 3 ވަނަ ޞަފްޙާގައިވާ ބެކްގްރައުންޑުން ސާފުވާކަމާއި، […] ޑޮމެސްޓިކް އެއަރޕޯޓެއް އަރާމް ޓްރެވަލް އިން ތަރައްޤީ ކުރުމަށް އެއްބަސްވުމުން އެކަމުގެ ކޮންސިޑަރޭޝަނެއްގެ ގޮތުގައި ގއ. އިންނަރެހާ އާއި އެރަށާ އެއްފަޅުގައިވާ ރަށްތައް އަރާމް ޓްރެވަލް އަށް ދިވެހި ސަރުކާރުން ކުއްޔަށްދީފައިވާ މަޤުޞަދު ނެތިގޮސްފައިވާކަމާއި، އެ އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (d) އިން އަރާމް ޓްރެވަލް އަށް ލިބިގެންދާ ޙިމާޔަތަކީ، އެ އެއްބަސްވުން ތަންފީޒުވެ، ގއ. އިންނަރެހާ އާއި އެރަށާ އެއްފަޅުގައިވާ ރަށްތަކުގައި އަރާމް ޓްރެވަލްއިން އިންވެސްޓްކޮށްފައިވާ ޙާލަތުގައި އެ އިންވެސްޓްމަންޓް ކުރެވިގެންދިއުން ކަމުގައިވާތީ، ގއ. އިންނަރެހާ އެއްބަސްވުން ތަންފީޒުވުމުގެ ކުރިން، […] އެއްބަސްވުން އެ އެއްބަސްވުމުގެ ބައިވެރިންގެ ކިބައިން މެދުވެރިވި ސަބަބެއްނެތި، ނިމުމަކަށް އައިސްފައިވާ ޙާލަތުގައި، އެ އެއްބަސްވުމުގެ ސަބަބުން އުފަންވެފައިވާ އެއްބަސްވުމެއް ދެމިއޮންނާނެކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަން.

8. ސިވިލް ކޯޓުގެ މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ އަރާމް ޓްރެވަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުން ނިންމިގޮތް

9އަރާމް ޓްރެވަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާއިންނެވެ. އަދި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

9.1 މި މައްސަލައިގައި ށ. ފަރުކޮޅުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ސަރުކާރުގެ ފަރާތުން ނިންމާފައިވަނީ، ކުރިން ހީކުރެވިފައިނުވާ ޙާލަތެއް މެދުވެރިވެގެން ކަމާއި، އަދި އެ ޙާލަތް މެދުވެރިވެފައިވަނީ ސަރުކާރުގެ އިހުމާލުން ނުވަތަ ކުރި ކުށުގެ ޢަމަލެއްގެ ސަބަބުން ނޫންކަން އެނގޭކަމާއި، އެހެންކަމުން މި މައްސަލައިގައި ކަންހިނގާފައިވާ ވާޤިޢާތަކަށާއި ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޚިލާފަށްކަމަށް ޤަބޫލުނުކުރެވޭކަން.

9.2 އަރާމް ޓްރެވަލްއާއެކު ވެފައިވާ މި ދެ އެއްބަސްވުމަކީ، އެއް އެއްބަސްވުމުގެ މައްޗަށް އަނެއް އެއްބަސްވުން ބަރޯސާވެފައިވާ ދެ އެއްބަސްވުންކަން އެނގޭކަމާއި، ނ. ފަރުކޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުގައި، ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުން ވެސް މިޙާލަތުގައި ނިމުމަކަށް ގެނެވިދާނެކަން އެނގޭކަމާއި، މިއީ ދިވެހި ސަރުކާރުގެ މައްޗަށް އެ އެއްބަސްވުމުގެ ދަށުން ލާޒިމްކޮށްފައިވާ ޝަރުޠަކާ އެއްގޮތަށް ޢަމަލުނުކުރީ ކަމުގައި ބެލެވޭނެ ސަބަބެއް ކަމުގައި ނުފެންނަކަން؛

9.3 އަރާމް ޓްރެވަލްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިންގެ ފަރާތުން ސާބިތުކޮށްދިނުމަށް އެދިފައިވާ ކަންކަމަކީ، އެ މައްސަލައިގައި ހުށަހެޅިފައިވާ ކިތާބީ ހެކިން ސާބިތުވާން އޮތްކަމެއް ކަމުގައިވުމާއެކު، އެ ހެކިން ޙާޟިރުނުކުރުމަށާއި، އަދި ގެއްލުމުގެ ބަދަލެއް ދޭންޖެހިފައިވާކަން ސާބިތުނުވާތީ، އެ ޙާލަތުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހުށަހެޅި ހެކިން ޝަރީޢަތަށް ޙާޟިރު ނުކުރުމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން.

10ހައިކޯޓުގެ މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ އަރާމް ޓްރެވަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

11ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، އަރާމް ޓްރެވަލްގެ ފަރާތުން ހަތަރު ނުކުތާއެއް ހުށަހަޅާފައިވެއެވ.

11.1 ފުރަތަމަ ނުކުތާއަކީ، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާ އާ އެއްގޮތަށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ކަނޑައެޅުމުގައި ޤާނޫނު ތަޠުބީޤު ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.2. ދެވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތަށްކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އެއްބަސްވުމަށް ރިޢާޔަތްކުރުމެއްނެތި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.3. ތިންވަނަ ނުކުތާއަކީ، ށ. ފަރުކޮޅުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ސަރުކާރުގެ ފަރާތުން ނިންމާފައިވަނީ ކުރިން ހީކުރެވިފައިނުވާ ޙާލަތެއް މެދުވެރިވެގެންކަމާއި، އަދި އެ ޙާލަތް މެދުވެރިވެފައިވަނީ ސަރުކާރުގެ އިހުމާލުން ނުވަތަ ކުރި ކުށުގެ ޢަމަލެއްގެ ސަބަބުން ނޫންކަމަށް ކަނޑައަޅާފައިވަނީ އަރާމް ޓްރެވަލްގެ ފަރާތުން ދަށު ކޯޓާއި ހައިކޯޓަށް ހުށަހެޅި ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށް ވުމުން އެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ (ށ) ގެ (1) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.4. ހަތަރުވަނަ ނުކުތާއަކީ، މައްސަލައެއްގައި ހިމެނޭ ފަރާތުން ބޭނުންވާ ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އެދުމާއި އެ ހެކިންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ ފަރާތަކަށް ލިބިދޭ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުގެ މުހިއްމު އަސާސަކަށް ވީހިނދު އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ ހެކިން ޙާޟިރުކުރުމަކާ ނުލައި އެ ހެކިބަހާމެދު ފަނޑިޔާރަށް ގޮތެއް ނުނިންމޭނެކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ސިވިލް ކޯޓުން އެ ޙައްޤުން މަޙްރޫމްކޮށްފައިވުމާއި، އެ ނިންމުން ނިންމާފައިވަނީ ޖާއިޒު ސަބަބަކަށްޓަކައި ކަމަށް ހައިކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނާބުނުން

12އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ތިން ވަނަ ނުކުތާ ތަފްޞީލުކުރަމުން އަރާމް ޓްރެވަލްގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ އެއްބަސްވުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ

(ހ) ގައި ބަޔާންކުރާ ފަދައިން ފްރަސްޓްރޭޓްވާ ޙާލަތެއް މެދުވެރިނުވާ ކަމަށެވެ. ސަބަބަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިންގެ އިހުމާލުން ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ އެ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ ޢަމަލެއް ކުރެވެންނެތް ކަމަކަށް އޭނާ ބަލައިގެން ނުވާނެ ކަމަށް ކަމުގައިވީއިރު، މި މައްސަލައިގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް އަރާމް ޓްރެވަލްގެ ފަރާތުން ބުނެއެވެ.

13HN1ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެއްޖެކަމަށް ބުނެ، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ނަގާ ދަފްޢާމެދު ކޯޓުން ޢަމަލުކުރަންޖެހޭ ގޮތް ސުޕްރީމް ކޯޓުގެ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. ކޮންޓްރެކްޓް ފްރަސްޓްރޭޓް ވެފައިވޭތޯ ބެލުމުގެ މިންގަނޑުކަމުގައި އެ ޤަޟިއްޔާގައި ބަޔާންވެފައިވާ މަލްޓިފެކްޓޯރިއަލް ހަމަ ތަޠުބީޤު ކުރާއިރު، އެ ކޮންޓްރެކްޓް ނިމުމަކަށް އަންނަން ޖެހުނު ހާދިސާތަކާއި ކަންހިނގާދިޔަ ގޮތާއި ވަށައިގެންވާ ސަބަބުތައް ދެނެގަނެ، ކޮންޓްރެކްޓް ނިމުމަކަށް އައި ސަބަބަކީ ކޮންޓްރެކްޓް ވެވުނުއިރު އެއްބަސްވުމުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ޙާލަތެއްތޯ ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި، ސުޕްރީމް ކޯޓުގެ ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ.

14HN3ށ. ފަރުކޮޅު އެއްބަސްވުމުގެ 5.3 އަދި 5.4 އަށް ބަލާއިރު، އީ.އައި.އޭ ރިޕޯޓަކީ މި އެއްބަސްވުމުގައިވާ ޕްރޮޖެކްޓް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުމެއްކަން އެނގެއެވެ. މިނިސްޓްރީގެ ނަޒަރުގައި މަޝްރޫޢުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ލިބިދާނެކަމަށް ފެނިއްޖެ ޙާލަތެއްގައި އެ ހުށަހެޅުމެއް ޤަބޫލުނުކުރުމުގެ ބާރު މިނިސްޓްރީއަށް އޮތްކަން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 14 ވަނަ މާއްދާގެ (ށ) ގެ (3) އިން އެނގެއެވެ. މި ގަވާއިދަކީ މައްސަލައިގައި ހިމެނޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް ޢަމަލުކުރެވެމުން އައި ގަވާއިދެއް ކަމަށް ވުމުން، މިއީ މެދުވެރިވެދާނެ ޙާލަތެއްކަން އެނގެން އޮވެއެވެ.

15HN2ގިނަ މައްސަލަތަކުގައި އެ ފަދަ (ކޮންޓްރެކްޓް ފްރަސްޓްރޭޓްވާފަދަ) ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮވެދާނެ ކަމަށް ލަފާކުރެވެން ޖެހޭނެ ކަމަށް އުސޫލެއްގެ ގޮތުން ބުނާނެ ޖާގައޮތް ނަމަވެސް، އެފަދަ ރިސްކުތަކަށް ރިޢާޔަތް ނުކުރެވި އޮތުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ކުށެއްކަމަށް ބަލައިގެންނުވާނެ ކަމަށް ބީ.އެމް.ސީ ޓްރާންސްޕޯޓް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ [2022] SC 06 14 ގަވާއިދު ނަންބަރު 2012/R-27 އބމ 12 އބމ، ޕެރެގްރާފް 36 ކުރިމަތީގައި މިވާ މައްސަލައަށް ބަލާއިރު، ށ. ފަރުކޮޅަކީ 2009 ވަނަ އަހަރުން ފެށިގެން ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްކަން އެނގިތިބެ އެ ސަރަޙައްދު ކުއްޔަށްދިނުމަށް އެއްބަސްވުމުން ސަރުކާރުގެ އިހުމާލު މިކަމުގައި ވާކަމުގައި އަރާމް ޓްރެވަލްގެ ފަރާތުން ބުނާއިރު، ދައުލަތުން ބުނެފައިވަނީ، ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނުގެ ގޮތުގައި އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ ތަންތަނަކީ އެ ތަންތަނުގައި އެއްވެސް މަޝްރޫޢުއެއް ނުހިންގޭނެ ކަމަށް ޤާނޫނަކުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ވިޔަސް ކަނޑައަޅާފައިވާ ތަންތަން ނޫންކަމާއި، އެފަދަ ތަންތަނަކީ ކަމާބެހޭ މުއައްސަސާތަކުން ދިރާސާކުރުމަށްފަހު ފުރަތަމަ ނަޒަރުން ބަލާލުމުން ފެންނަން ހުންނަ ކަންތައްތަކެއްގެ މައްޗަށް ނުވަތަ preliminary ދިރާސާއަށް ބިނާކޮށް އެ ސަރަޙައްދުގެ ތިމާވެށީގައި ޚާއްޞަ ސިފަތަކެއް ހުރުމުގެ ސަބަބުން ފާހަގަކުރެވިފައި ހުންނަ ތަންތަން ކަމަށާއި، އެ ތަންތަނުގައި މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު އޮންނަ ކަމުގައެވެ.

16މި މައްސަލައިގައި ހިމެނޭ މުޢާމަލާތު ހިންގިއިރު ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު ގެ ދަށުން ފަޅުރަށްރަށާބެހޭ ގަވާއިދެއް ވުޖޫދުގައި ނުވެއެވެ. ފަޅުރަށްރަށާބެހޭ ޤާނޫނުގައި ވާގޮތުން ފަޅުރަށްތައް ކުއްޔަށް ދޭންވާނީ އެ ޤާނޫނު ގެ 11 ވަނަ މާއްދާގައި ބަޔާންވެފައިވާ ދެ ގޮތުންކުރެ ގޮތަކަށެވެ. އެއީ، (ހ) ކަމާބެހޭ މިނިސްޓްރީއިން ޢާންމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް، ނުވަތަ ފަރާތަކަށް ދިނުން، ނުވަތަ (ށ) ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްޞީލު ރިޕޯޓަކާއެކު، އެ ރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެރަށެއް ކުއްޔަށް ދިނުމެވެ. މި ޤާނޫނުގެ އެއްވެސް ހިސާބެއްގައި ތިމާވެށީގެ ގޮތުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ރަށަކަށްވުން، ނުވަތަ ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދެއް ހިމެނޭ ފަޅުރަށެއް ކުއްޔަށް ނުދެވޭނެ ކަމަށް ބަޔާންވެފައި ނުވެއެވެ.

17މިފަދަ ޙާލަތްތަކުގައި ކޯޓުން ކުރަންޖެހޭ ސުވާލެއް ކަމުގައި ބީ.އެމް.ސީ ޓްރާންސްޕޯޓް 18 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓު ކުރެވުނު އިރު ކޮންޓްރެކްޓަށް ޢަމަލުކުރަން އޮތް ގޮތް، މި މެދުވެރިވި ހާދިސާގެ ސަބަބުން އިންތިހާއަށް ބަދަލުވެއްޖެތޯ ނުވަތަ ނޫންތޯއެވެ. މިގޮތުން، މި މައްސަލައިގައި ހިމެނޭ ށ. ފަރުކޮޅު އެއްބަސްވުން ކުއްޔަށް ދީފައިވަނީ ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޤުޞަދުގައެވެ. އެއަރޕޯޓު ތަރައްޤީކުރުމަށް ހުރަހަކަށް ވެގެން ދިޔައީ މިނިސްޓްރީ އިން އީ.އައި.އޭ ރިޕޯޓު ފާސްނުކުރުމަށް ނިންމުމާ ގުޅިގެންނެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވަނީ، "ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ." މިހެންނެވެ. މި މާއްދާގައިވާ ޢިބާރާތަށް ބެލުމުން ކޮންޓްރެކްޓުގެ އިލްތިޒާމްތަކުން އޭގެ ބައިވެރިން ވީއްލެނީ ތަފާތު ދެ ކަމެއް މެދުވެރިވުމުންކަން އެނގެއެވެ. ފުރަތަމަ ކަމަކީ، ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމެވެ. އަދި ދެވަނަ ކަމަކީ، ޤާނޫނެއް ހިންގުމެވެ.

18HN4ބަހުސްގެ ބޭނުމަށް މި މައްސަލައިގައި ދިމާވެފައިވަނީ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް ނޫން ކަމުގައި ބެލި ނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ދެވަނަ ޙާލަތު ކަމުގައިވާ، ޤާނޫނު ހިނގަން ފެށުން މި މައްސަލައަށް ތަޠުބީޤު ކުރެވެއެވެ. އެގޮތުން، މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ މައްޗަށް ޤާނޫނު ހިނގަން ފަށާފައިވަނީ އީ.އައި.އޭ ރިޕޯޓު ފާސްނުވި ހިސާބުންނެވެ. 18 އިބް 12 19 އިބްމް ޕެރެގްރާފް 36 ތިމާވެއްޓަށް އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ޙާލަތެއްގައި ޕްރޮޖެކްޓް ކުރިއަށް ނުދިއުމަށް މިނިސްޓްރީއަށް ޤާނޫނުން ލިބިދީފައިވާ ބާރު ބޭނުންކުރި ހިސާބުންނެވެ. ކޮންޓްރެކްޓަށް ޢަމަލު ކުރެވިގެންދަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާނަމަ އެއީ ޢައިރު ޤާނޫނީ ކޮންޓްރެކްޓެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ. އަދި ޢައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ބާޠިލު ކޮންޓްރެކްޓެއްކަން އެ މާއްދާގެ

(ނ) އަށް ބެލުމުން އެނގެއެވެ.

19މިކަންކަމަށް ރިޢާޔަތްކުރާއިރު ށ. ފަރުކޮޅު އެއްބަސްވުން ފްރަސްޓްރޭޓްވެފައިވާކަމަށް ދައުލަތުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތުމާއެކު، ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ފެނެއެވެ. ގއ. އިންނަރެހާ އެއްބަސްވުން ނިމުމަކަށް ގެނައުން ޤާނޫނާ ޚިލާފުކަމަށް ބުނާބުނުން

20އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި އަރާމް ޓްރެވަލްގެ ފަރާތުން ބުނެފައިވަނީ، ށ. ފަރުކޮޅު އެއްބަސްވުން ބާޠިލުވުމުގެ ސަބަބުން ނުވަތަ ނިމުމަކަށް އައުމުގެ ސަބަބުން ގއ. އިންނަރެހާ އެއްބަސްވުންވެސް ބާޠިލުކުރުމުގެ ނުވަތަ ނިމުމަކަށް ގެނައުމުގެ އެއްވެސް ބާރެއް ނުވަތަ އިޚްތިޔާރެއް ގއ. އިންނަރެހާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގެ ދަށުން ސަރުކާރަށް ދީފައި ނުވާކަމަށާއި، ގއ. އިންނަރެހާ އެއްބަސްވުން ސަރުކާރުން ނިމުމަކަށް ގެނައީ އެއްވެސް ޤާނޫނެއްގެ ދަށުން ކަމަށް ސަރުކާރުން އިސްތިއުނާފުކުރާ އަރާމް ޓްރެވަލްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިނުވާތީ، ސަރުކާރުން ގއ. އިންނަރެހާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ބާރު ލިބިގެން ނޫންކަމުގައި ސާފުކޮށް އެނގެން އޮންނަކަމަށެވެ.

21މި ނުކުތާއަށް ޖަވާބުދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ގއ. އިންނަރެހާ އެއްބަސްވުމުގެ 8 ވަނަ ނަންބަރުގެ (iii) އަށް ބަލާއިރު، ރިޒޯޓު އޮޕަރޭޓިންގ ލައިސެންސް ދޫކުރެވެނީ އެއަރޕޯޓު ތަރައްޤީކޮށް ނިމުމުންކަން އެނގޭކަމާއި، އެ އެއްބަސްވުމުގެ 20 ވަނަ ނަންބަރުގެ (i) ގެ (d) އަށް ބަލާއިރު، ށ. ފަރުކޮޅު ގެ އެއަރޕޯޓު ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއަރޕޯޓު ތަރައްޤީ ނުކުރެވުމަކީ، ގއ. އިންނަރެހާ އާއި އެރަށާ އެއްފަޅުގައި އޮތް އިތުރު ރަށްތަކުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވެވުނު އެއްބަސްވުން ބާޠިލުކުރެވޭނެ ޙާލަތެއްކަން އެނގޭ ކަމަށެވެ.

22މި ނުކުތާގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ ށ. ފަރުކޮޅު އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެ އެއްބަސްވުމައިގެން ކުރިއަށް ދިއުމަކީ ތިމާވެއްޓަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމެއް ކަމުގައި ވުމުން އެއްބަސްވުން ތަންފީޒުކުރެވެން ނެތުމުން ކަމަށާއި، ށ. ފަރުކޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ކޮންސިޑަރޭޝަނެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުން ވެސް މި ޙާލަތުގައި ނިމުމަކަށް ގެނެވިދާނެކަން އެނގޭކަމަށެވެ.

23HN5ގއ. އިންނަރެހާ އެއްބަސްވުމުގެ "ބެކްގްރައުންޑް" ގައި، އެ އެއްބަސްވުމަކީ ށ. ފަރުކޮޅުގައި އެއަރޑޯޓެއް ޤާއިމުކޮށް ތަރައްޤީކުރުމުގެ މުޤާބިލުގައި ވެވޭ އެއްބަސްވުމެއް ކަމަށް ބަޔާންވެފައިވަނީ، މި ދެ އެއްބަސްވުމުގެ މައިގަނޑު ލަނޑުދަނޑިއަކީ، ށ. ފަރުކޮޅުގައި އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުން ކަން، އާރް.އެފް.ޕީގެ ޕްރެގްރާފްތަކަށް ބެލުމުން އެނގެއެވެ. ގއ. އިންނަރެހާ އެއްބަސްވުމުގެ ބޭނުމަކީ، ށ. ފަރުކޮޅުގައި އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށްދާ ޚަރަދު، ރިޒޯޓު ތަރައްޤީކޮށް ހިންގައިގެން ލިބޭ އާމްދަނީއިން އަވަސް ފުރުސަތެއްގައި އިޔާދަކުރުމުގެ ފުރުޞަތު ދިނުންކަން ދޭހަވެއެވެ. އެހެންކަމަށް ވާއިރު، ށ. ފަރުކޮޅުގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެން ނެތް ޙާލަތުގައި އެ ޕްރޮޖެކްޓަކަށް ބަރޯސާވެފައިވާ ގއ. އިންނަރެހާ އެއްބަސްވުން ވުޖޫދުގައި އޮތުމުގެ ބޭނުން ކެނޑިގެންދާނެކަމީ މަދަނީ މިންގަނޑުން ބަލާއިރު ޤަބޫލުކުރެވޭ ޙަޤީޤަތެކެވެ.

24ވުމާއެކު، ގއ. އިންނަރެހާ އެއްބަސްވުން ބާޠިލުކުރި ކުރުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ ގޮތުން ގޯސްވާ ސަބަބެއް އަރާމް ޓްރެވަލް އަށް ދެއްކިފައި ނުވެއެވެ.

ހެކިން ހާޒިރުކޮށްފައި ނުވާކަމަށް ބުނާބުނުން

25އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްޞީލުގައި އަރާމް ޓްރެވަލްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓަށް ހާޟިރުކޮށް ހެކިބަސް ނަގައިދިނުމަށް އެދި ހުށަހެޅި ހެކި ލިސްޓުގައި ޝަފަހީ ހެކިންގެ ގޮތުގައި 3 ފަރާތެއް ޙާޟިރުކޮށް ހެކިބަސް ނަގައި ދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، ސާބިތުކުރަން ހުށަހެޅި ކަންކަން ވެސް ހިމަނާފައިވާނެ ކަމަށާއި، އެހެން ނަމަވެސް ހެކިންގެ ހެކިބަސް އަޑުއެހުމަކާ ނުލައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

26މި ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، ކިތާބީ ހެކީގެ ވަޞީލަތުން ސާބިތުވާން އޮންނަ ކަންކަމުގައި އިތުރަށް ހެކިން ޙާޟިރުކޮށް ހެކިބަސް ނެގުމަކީ ކުރުން ލާޒިމްކަމެއް ނޫން ކަމަށާއި، މިގޮތުން ހެކި ވަޒަންކުރުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއްކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާއިން އެނގެން އޮންނައިރު، އަދި އަރާމް ޓްރެވަލްއަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކި ނަފީކުރުމަށްޓަކައި އެއާ އެއްފަދަ ކިތާބީ ހެކި ހުށަހެޅުމުގެ ފުރުޞަތު އޮތްހިނދު، މި ޙާލަތުގައި ޝަފަހީ ހެކި ހުށަހަޅަން ނުޖެހޭކަމަށް ސިވިލް ކޯޓުން ނިންމުމަކީ ޤާނޫނުއަސާސީއާ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބުނެވޭނެ ޝަރުޢީ އަސާސެއް ނެތްކަމަށެވެ.

27ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހެކިން ޙާޟިރު ނުކުރުމަށް ނިންމި ސަބަބު، ދަށު ކޯޓުގެ ޤަޟިއްޔާގެ 3.5 ގައި ބަޔާންވެފައިވާ ކަމާއި، އަރާމް ޓްރެވަލް އިން ހެކިން ހުށަހަޅައިގެން ސާބިތުކޮށްދިނުމަށް އެދިފައިވާ ކަންކަމަކީ އެ މައްސަލައިގައި ހުށަހެޅިފައިވާ ކިތާބީ ހެކިން ސާބިތުވާން އޮތް ކަންކަން ކަމުގައްޔާއި، ގެއްލުމުގެ ބަދަލެއް ދޭންޖެހިފައިވާކަން ސާބިތުނުވާތީ، އެ ޙާލަތުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހުށަހެޅި ހެކިން ޙާޟިރު ނުކުރުމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅު ސަބަބުތަކަށް ބިނާކޮށްގެން ކަމަށެވެ.

28އަރާމް ޓްރެވަލް އިން ފުރަތަމަ ހެކި ހުށަހެޅުމުގެ ބޭނުމެއް ކަމުގައި އިސްތިއުނާފުގައި ބަޔާންކޮށްފައިވަނީ، އީ.ޕީ.އޭ އިން ރިޖެކްޓް ކުރީ ށ. ފަރުކޮޅުގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމާއި، ށ. ފަރުކޮޅަކީ ކުރިއްސުރެއްވެސް ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދަކަށްވާތީ، ށ. ފަރުކޮޅުގައި އެއަރޕޯޓް ފަދަ މަޝްރޫޢު ތަރައްޤީ ކުރުމަށް އީ.ޕީ.އޭ އިން އިޢުތިރާޟުކުރާކަން ނުވަތަ އެހެން ސަރަޙައްދެއްގައި އެއަރޕޯޓު ތަރައްޤީކުރުމަށް މީގެކުރިން އީ.ޕީ.އޭ އިން ލަފާދީފައިވާނެކަމާއި، އަދި އެކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް އެނގޭނެކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. ދެވަނަ ހެކި ހުށަހެޅުމުގެ ބޭނުމަކީ، އީ.ޕީ.އޭ އިން ރިޖެކްޓްކުރީ ށ. ފަރުކޮޅުގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމާއި، އީ.އައި.އޭ ރިޒޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް އޮވެގެން ނޫންކަމާއި، ށ. ފަރުކޮޅުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކާ އަސާސީ ގޮތެއްގައި އީ.ޕީ.އޭ / އެންވަޔަރމެންޓް މިނިސްޓްރީ އިން އެޕްރޫވްކޮށްފައިވާ މަޝްރޫޢެއްކަމާއި، އީ.އައި.އޭ ގެ ތިންވަނަ ހެކި ހުށަހަޅާފައިވަނީ، 4 ޑިސެންބަރު 2014 ގައި އަރންސްޓް އެންޑް ޔަންގް އިން ދޫކޮށްފައިވާ 'ރިވިއު އޮފް ލޮސް އެސެސްމަންޓް' އާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ އޮޑިޓަރ ޖެނެރަލްގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން ލޮސް އެސެސްކޮށްފައިވާ އަސާސާއި، ސްޓެންޑަރޑްގެ މަޢުލޫމާތު ދިނުމަށް ކަމަށެވެ.

29HN6މި މައްސަލައިގައި ދަށުކޯޓަށް ޙާޟިރުކުރަން އަރާމް ޓްރެވެލްގެ ފަރާތުން އެދުނު ހެކިން ޙާޟިރުކޮށްފައި ނުވާ ސަބަބުތަކެއްގެ ގޮތުގައި އެ ކޯޓުން ފާހަގަކޮށްފައިވާ ފުރަތަމަ ސަބަބަކީ، އީ.އައި.އޭ ރިޕޯޓު ރިވިއު ކުރުމަކީ މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެންވާކަމެއް ނޫންކަމާއި، އެ ރިޕޯޓާ ގުޅިގެން އީ.ޕީ.އޭ އިން ނިންމިގޮތް ޝަރީޢަތަށް އެނގެން އޮތް ޙާލަތުގައި، އެ ރިޕޯޓާ ގުޅިގެން އަރާމް ޓްރެވަލް އިން ޙާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިންނަކީ މި ޙާލަތުގައި ޙާޟިރުކުރަންޖެހޭ ބައެއް ކަމުގައި ނުވުމެވެ. ދެވަނަ ސަބަބަކީ، މި މައްސަލައިގައި ގެއްލުމުގެ ބަދަލެއް ދިވެހި ސަރުކާރުން ދޭންޖެހޭކަން ސާބިތުވެފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ މިންވަރު ހިސާބުކޮށްފައިވާ އޮޑިޓް ފަރމްގެ ފަރާތުން ހެއްކެއް ޙާޟިރުކުރަންޖެހޭ ސަބަބެއް ނެތުމެވެ.

30ސިވިލް ކޯޓުން ފާހަގަކޮށްފައިވާ މި ސަބަބުތައް ނަފީވެގެންދާ ފަދަ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އަރާމް ޓްރެވަލްގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން މި ނުކުތާގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

31ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތުމުން، ހައިކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0641/2004
  2. އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން 3 ޖޫން 2014 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ 'އެންވަޔަރމެންޓަލް ޑިސިޝަން ސްޓޭޓްމަންޓް'، ސިވިލް ކޯޓުގެ ނަންބަރު 1165/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 219
  3. އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު AT-19/MISC/2014 (5 ޖޫން 2014) ގެ ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 1165/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 221
  4. މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީގެ ނަންބަރު 438-AU/PRIV/2014/469 (23 ޖުލައި 2014) ސިޓީ''ސިވިލް ކޯޓުގެ AU/PRIV/2014/469 ނަންބަރު 1165/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 226
  5. ޤާނޫނު ނަންބަރު 4/91
  6. ރީޖަނަލް އެއަރޕޯޓްސްގެ ނަންބަރު 448/PRIV/2014/86 (21 އޮކްޓޫބަރު 2014) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 1165/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 169
  7. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2014/2131 (26 ނޮވެންބަރު 2014) ސިޓީ، ސިވިލް 1165/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 172
  8. ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ
  9. ޤާނޫނު ނަންބަރު 13/2010
  10. ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާ
  11. ޤާނޫނު ނަންބަރު 22/2010
  12. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާ
  13. [2022] SC 06
  14. ގަވާއިދު ނަންބަރު 2012/R-27
  15. އބމ 12
  16. އބމ، ޕެރެގްރާފް 36
  17. ޤާނޫނު ނަންބަރު 20/98
  18. އބމ، ޕެރެގްރާފް 36
  19. އބމ 10
  20. އބމ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ