ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 06 · 2020/SC-A/50ސުޕްރީމް ކޯޓު · 17 ފެބުރުއަރީ 2022

ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 ފެބުރުއަރީ 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-414/2008) (މީގެ ފަހުން "ފާސްޓް ކޮންސްޓްރަކްޝަން" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު2020/SC-A/50 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރުC-0575/2013) (މީގެ ފަހުން "ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

މި މައްސަލައިގައި އުފެދިފައިވާ ޚުސޫމަތު އުފަންވެފައިވަނީ ފުލުހުންނަށް ކެއުމުގެ ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ޙަވާލުކޮށްފައި ވަނިކޮށް، އެ ކުންފުނިން ފާސްޓް ކޮންސްޓްރަކްޝަންއަށް އެ ޚިދުމަށް ސަބް-ކޮންޓްރެކްޓު ކުރުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ފަރާތާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓު ބާޠިލުކުރުމާއެކު ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އިންސަބް-ކޮންޓްރެކްޓް ބާޠިލުކޮށްފައި ވާތީއެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކެއުން ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އާއި ދެމެދު 07 އޮގަސްޓު 2018 ގައި އެއްބަސްވުމެއްގައި ("މައި ކޮންޓްރެކްޓް") ސޮއިކުރިއެވެ. މި މައި ކޮންޓްރެކްޓުގެ މުއްދަތަކީ 1 އޮކްޓޫބަރު 2018 ވަނަ ދުވަހުން ފެށިގެން30 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެވެ.

މައި ކޮންޓްރެކްޓުގައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ޙަވާލުކުރެވިފައިވާ މަސައްކަތްތައްސަބް-ކޮންޓްރެކްޓު ކުރުމަށްޓަކައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދު 16 އޮގަސްޓު 2018 ގައި އެއްބަސްވުމެއްގައި ("ސަބް-ކޮންޓްރެކްޓް") ސޮއިކޮށް ފާސްޓް ކޮންސްޓްރަކްޝަންއާ މަސައްކަތް ޙަވާލުކުރިއެވެ. މި ސަބް-ކޮންޓްރެކްޓުގެ މުއްދަތު ކަމުގައި ބަޔާންކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދު ވެފައިވާ މައި ކޮންޓްރެކްޓުގެ މުއްދަތެވެ.

ސަބް-ކޮންޓްރެކްޓުގެ 01 ވަނަ މާއްދާގައި ފާސްޓް ކޮންސްޓްރަކްޝަންއިން މައި ކޮންޓްރެކްޓަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މައި ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެ ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން 10 (އެކެއް) މަސްދުވަހުގެ ނޯޓިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެނެވިދާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ.

ސަބް-ކޮންޓްރެކްޓް ނިމުމަކަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެން އެ ކޮންޓްރެކްޓް ނިމުމަކަށް ގެނެވިދާނެ ކަމަށް ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އާއި ދެމެދުގައިވާ މައި ކޮންޓްރެކްޓު ބާޠިލުކުރުމަށް އެ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމާ ގުޅިގެން، މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެ އެއްބަސްވުން ބާޠިލްކުރުމަށްޓަކައި 01 (އެކެއް) މަސް ދުވަހުގެ ނޯޓިސްއެއް 18 އޮކްޓޫބަރު 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އަށް ސިޓީއެއް ފޮނުވިއެވެ.

މިއާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ދީފައިވާ ނޯޓިހަށް ޢަމަލުކުރުމަށް އެދި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއަށް 18 އޮކްޓޫބަރު 2018 ގައި ސިޓީއެއް ފޮނުވިއެވެ. މި ސިޓީއާ ގުޅިގެން ފާސްޓް ކޮންސްޓްރަކްޝަންއިން ބުނެފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން އެއްބަސްވުން އުވާލަން ނިންމާފައިވަނީ ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާއާއި ޚިލާފަށް ކަމަށާއި، އެއްބަސްވުން އުވާލުމަށް ނޯޓިސް ފޮނުވިއިރު އެއްވެސް ވަރަކަށް ފާސްޓް ކޮންސްޓްރަކްޝަންއާ މަޝްވަރާކޮށްފައި ނުވާކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ފާސްޓް ކޮންސްޓްރަކްޝަންއިން ބަރާބަރަށް ޒިންމާ އަދާކުރަމުން ދަނިކޮށް އެއްބަސްވުން އުވާލާނަމަ ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ފާސްޓް ކޮންސްޓްރަކްޝަން އަށް ލިބޭނެކަމަށް ލަފާކުރެވޭ ފައިދާއަށްވާ 2,948,400/-ރ. (ދެމިލިއަން ނުވަލައްކަ ސާޅީސްއަށްހާސް ހަތަރުސަތޭކަ ރުފިޔާ) ދިނުމަށްފަހު އެއްބަސްވުން އުވާލުމާމެދު އިޢުތިރާޟު ނުކުރާކަމަށާއި، ބަދަލު ދިނުމާމެދު ގޮތެއް ނިންމައި 01 ނޮވެންބަރު 2018 ގެ ކުރިން އެންގުމަށާއި، މިކަމާ ގުޅިގެން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ނިންމާ ގޮތެއް ބަލައި މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށް ބުނެ ފާސްޓް ކޮންސްޓްރަކްޝަނުގެ ފަރާތުން ޕޮލިސް ވެލްފެއަރއަށް ޖަވާބު ދިނެވެ.

އިސްވެ ބުނެވުނު ފާސްޓް ކޮންސްޓްރަކްޝަނުގެ ސިޓީގެ ޖަވާބުގައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބުނެފައިވަނީ ފާސްޓް ކޮންސްޓްރަކްޝަންއަށް ނޯޓިސް ފޮނުވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ބެލި މައްސަލައަކަށްފަހު އެއްބަސްވުން ބާޠިލްކުރުމަށް އެ ކޮމިޝަންއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާތީ ކަމަށާއި، އެހެންކަމުން، އެ ނޯޓިސްއަކީ ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބޭނުންވެގެން މަސައްކަތް ހުއްޓުވުމަށްޓަކައި ދެވުނު ނޯޓިސްއެއް ނޫންކަމަށާއި، މި ހާލަތުގައި އެއްބަސްވުން ބާޠިލްކުރުމަށް ނިންމާފައިވާތީ އެއްބަސްވުމާ ގުޅިގެން ފާސްޓް ކޮންސްޓްރަކްޝަންއަށް ލިބިފައިވާ މާލީ ގެއްލުންތަކަށް ބަދަލުދެވެން ނެތް ކަމުގައެވެ.

މެޖިސްޓްރޭޓް ކޯޓުގެ ނިންމުން

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ ސަބް-ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި ނޯޓިސް ފޮނުވާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވުނު ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާއާއި މުޅި އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ، އެއްބަސްވުން އުވާލައިފިނަމަ ލިބޭ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/2,948,400ރ. (ދެމިލިއަން ނުވަލައްކަ ސާޅީސްއަށްހާސް ހަތަރުސަތޭކަ ރުފިޔާ) ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނުގެ ފަރާތުން ނަގައިދިނުމަށް އެދި ފާސްޓް ކޮންސްޓްރަކްޝަނުގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް 15 ނޮވެންބަރު 2018 ގައި މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 231/P2C/2018 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

މަދަނީ އިލްތިޒާމުތަކުގައި އެންމެ މުހިންމު މަސްދަރަކީ ދެފަރާތުގެ ދެމެދުގައިވާ ޢަޤުދުކަމާއި އެ ޢަޤުދާ އެއްގޮތަށް ޢަމަލުކުރުމަކީ ޝަރުޢީ ޤާއިދާއެއް ކަމުގައިވާ "ޤާޢިދަތު އަލްވަފާއު ބިލް އަހުދު" އަދި "އަލް ޢަޤުދު ޝަރީޢަތުލް މުތަޢާޤިދައިނި" ގެ މަބުދައުގެ ދަށުން ޢަޤުދުގެ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކަމެއް ކަމާއި، އެއްބަސްވުމުގެ ބައިވެރިޔަކަށް ގެއްލުމެއް ދީގެން ނުވާނެކަން އެނގެން އޮންނަކަން.

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން އެއްބަސްވުން ރޫޅާލާފައިވަނީ ފާސްޓް ކޮންސްޓްރަކްޝަންއިން އެއްބަސްވުމާ ޚިލާފު އެއްވެސް ޢަމަލެއް ކުރުމުގެ ސަބަބުން ނޫންކަމާއި، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން އުފުލަންޖެހުނު ޤާނޫނީ ސަބަބުތަކާ ހުރެކަން އެނގެން އޮންނާތީވެ، އެކަމުގެ ސަބަބުން އެއްބަސްވުން އުވާލައިފި ހިނދަކު، ފާސްޓް ކޮންސްޓްރަކްޝަން އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު އެކަމަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން އިންކާރު ކުރިކަމުގައިވިޔަސް ދޭންޖެހޭނެކަން.

ފާސްޓް ކޮންސްޓްރަކްޝަންއިން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ފަސް އަހަރު ދުވަހު އެއްބަސްވުމުގެ ދަށުން ލިބިދޭ ޖުމްލަ 14,742,000/-ރ. (ސާދަ މިލިއަން ހަތްލައްކަ ސާޅީސްދެހާސް ރުފިޔާ) ގެ ތެރެއިން ފައިދާގެ ގޮތުގައި މި ނިސްބަތުގެ 20% (ވިހި އިންސައްތަ) އަށްވާ 2,948,400/-ރ. (ދެމިލިއަން ނުވަލައްކަ ސާޅީސްއަށްހާސް ހަތަރުސަތޭކަ ރުފިޔާ) ކަމަށްވާތީ، މިއީ އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވިދާނެ އެކަށީގެންވާ ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 231/P2C/2018 ޤަޟިއްޔާގެ ނިންމުމާ ވިދިގެން އެ މައްސަލަ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-S-A/17 ޤަޟިއްޔާ އިންނެވެ.

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 231/P2C/2018 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި ޙުކުމްކޮށްފައި ވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޢަދުލުވެރިކަމާ އެކުގައި ނޫންކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކޮންޓްރެކްޓާބެހޭ ޤާނޫނޫގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަންގެ އުސޫލުކަމާއި، މި އުސޫލުގެ ދަށުން އެ ކޮންޓްރެކްޓެއް ވެވެން ނެތް ހިނދެއްގައި އެ ކޮންޓްރެކްޓެއް ނިމުމަކަށް އައީކަން އެނގެން އޮންނަކަމާއި، ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެދާނެ އެތައް ޙާލަތެއް ވާކަމަށެވެ.

މި އުސޫލުން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް އުވާލެވުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރި މައްސަލައަކަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އެންގި އެންގުމެއްގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓު އުވާލުމަށް ނޯޓިސް ދިނުމާ ގުޅިގެންކަން އެނގެން އޮންނަ ކަމާއި މިއީ އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދެފަރާތުން ކުރެ ފަރާތެއް ކުރި ކަމެއްގެ ސަބަބަކުން ކުރިމަތިވި ޙާލަތެއް ނޫންކަމުގައެވެ.

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި ދެވަނަ ނުކުތާއަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 231/P2C/2018 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ނުކުރާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދުގައިވާ އެއްބަސްވުން (ސަބް-ކޮންޓްރެކްޓް) ބާޠިލުކޮށްފައިވަނީ އެއްބަސްވުން ފްރަސްޓްރޭޓް ވެގެންކަމަށް ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަން.

އެއްބަސްވުމުގެ ދަށުން ދަށު ކޯޓުން ބަދަލު ނަގައިދެވިފައިވަނީ ޕޮލިސް ވެލްފެއާރ ކޯޕަރޭޝަންއިން އެއްބަސްވުމާ ޚިލާފުވެގެން ކަމަށް ބެލިޔަސް، ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން 5 (ފަހެއް) އަހަރު ދުވަހަށް ލިބިދޭ ޖުމްލަ14,742,000/- ރ. (ސާދަ މިލިއަން ހަތްލައްކަ ސާޅީސްދެހާސް ރުފިޔާ) ގެ ތެރެއިން ފައިދާގެ ގޮތުގައި މި ނިސްބަތުގެ 20% (ވިހި އިންސައްތަ) އަށްވާ 2,948,400/-ރ. (ދެމިލިއަން ނުވަލައްކަ ސާޅީސްއަށްހާސް ހަތަރުސަތޭކަ ރުފިޔާ) ނަގައިދިނުމަށް ހިސާބުކުރުމުގައި ޢަމަލުކޮށްފައިވާ ފޯމިއުލާއެއް ނުވަތަ ވަޒަންކުރެވިފައިވާ ގޮތެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން އެނގެން ނެތްކަން.

ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 231/P2C/2018 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2019/HC-S-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ތިރީގައިވާ 03 (ތިނެއް) ނުކުތާ ހުށަހެޅިއެވެ.

ފުރަތަމަ ނުކުތާއަކީ، ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުވެފައިވާ ނަންބަރު POLWEC/AG/2018/11 އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ މި އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން ކުރިކަމެއްގެ ސަބަބުން ކުރިމަތިވި ހާލަތެއްގެ ސަބަބުން ނޫންކަމާއި، އެއީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމާފައިވާތީ ކުރިމަތިވި ހާލަތެއްކަމަށް ކަނޑައަޅައި އެއްބަސްވުން ފްރަސްޓްރޭޓް ވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމުގައިވުން.

ދެވަނަ ނުކުތާއަކީ، ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ފޮނުވާފައިވާ ނޯޓިހުގެ ސައްޙަކަމާމެދު ޗެލެންޖުކޮށްފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމަށް ރިޢާޔަތްނުކޮށްކަން.

ތިންވަނަ ނުކުތާއަކީ، ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލު ހިސާބުކުރާނެ ފޯމިއުލާއެއް ނެތި ގެއްލުމުގެ ބަދަލެއް ނަގައިދީފިނަމަ ލިބުނު ގެއްލުމާ ނުބައްދަލު އެކަށީގެންވާ ބޮޑު މިންވަރެއްގެ ބަދަލެއް ނަގައިދެވުމުގެ ބިރު އޮތްކަމަށް ކަނޑައަޅާފައިވަނީ ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދީފައިވާ ޚިދުމަތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުވެފައިވާ އެއްބަސްވުމުގައި އަގުތަކެއް ކަނޑައަޅާފައި އޮންނަ އޮތުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްގެން ކަމުގައިނުވުން.

ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދޭގޮތް

މަތީގައި ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރާ ފާސްޓް ކޮންސްޓްރަކްޝަންއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި އިސްތިއުނާފުގައި އެދިފައިވަނީ02 (ދޭއް) ކަމެއްގެ މައްޗަށެވެ. އެއީ؛ (1) އެއްބަސްވުން ދެމެހެއްޓުން ނުވަތަ (2) އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ފާސްޓް ކޮންސްޓްރަކްޝަންއަށް ބަދަލު ލިބިދިނުމަށެވެ.

މި 02 (ދޭއް) ކަންތަކުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްބަސްވުން ދެމެހެއްޓުމަކީ އެ ފަރާތުން ދަށު ކޯޓުގައި ވެސް އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން ދަށު ކޯޓުގައި ފަރުވާއަކަށް ނޭދޭކަމެއް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސް ނުކުރެވޭ އައުކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައިވަނީ ފާސްޓް ކޮންސްޓްރަކްޝަންއިން މި އިސްތިއުނާފުގެ ދެވަނައަށް އެދިފައިވާ ފަރުވާ ބަދަލު ހޯދުމުގެ މައްޗަށް އެކަނިކަން ފާހަގަކުރަމެވެ.

އިސްތިއުނާފުގެ ތަފްސީލު

އިސްތިއުނާފުގެ ޖަވާބުގައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ސަބަބެއް ނެތް ކަމުގައެވެ.

މިރައުޔުގެ 17 ވަނަ ޕެރެގްރާފުގައި ތަފްސީލު ދެވިފައިވާ ފަދައިން އިސްތިއުނާފު ކުރުމަށްޓަކައި ފާސްޓްކޮންސްޓްރަކްޝަންއިން ހުށަހަޅާފައިވަނީ 30 (ތިނެއް) ނުކުތާއެވެ. މީގެ ތެރެއިން ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދު ވެފައިވާ ސަބް-ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއަށް ފޮނުވާފައިވާ ނޯޓިހުގެ ސައްޙަކަމާމެދު ޗެލެންޖުކޮށްފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމަށް ރިޢާޔަތްނުކޮށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. މި ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފާސްޓް ކޮންސްޓްރަކްޝަންއިން އެ ނޯޓިސްއަށް ދަށު ކޯޓާއި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ތައުނުކޮށްފައިވާކަމީ ހުދު އެ ފަރާތަށް ވެސް އެނގޭ ޙަޤީޤަތެއް ކަމުގައިވާތީވެ، އެ ޙަޤީޤަތުގެ މައްޗަށް އިތުރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ނުކުތާއެއް ނޫންކަމަށް ދެކެމެވެ.

އެހެންކަމުން މިބުނެވުނު އިސްތިއުނާފީ 03 (ތިނެއް) ނުކުތާގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ 02 (ދޭއް) ނުކުތާއެއްގެ މައްޗަށެވެ. އެއީ ފުރަތަމަ ނުކުތާއާއި އަދި ތިންވަނަ ނުކުތާއަށެވެ. މި ދެނުކުތާގައި ދައުރުވާ ޤާނޫނީ ބަހުސް ބިނާވަނީ:

(ހ) އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިވެގެންތޯ

އާއި،

(ށ) އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ފާސްޓް ކޮންސްޓްރަކްޝަންއަށް ބަދަލެއް ޙައްޤުވޭތޯ މިކަމުގެ މައްޗަށެވެ.

މިދެނުކުތާގެ މައްޗަށް ވަކިވަކިން ބަލައިލުމަށްޓަކައި އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

(ހ) އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިވެގެންތޯ

މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ފާސްޓް ކޮންސްޓްރަކްޝަންއިން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަކީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ސަބް-ކޮންޓްރެކްޓު ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިގެން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

ފާސްޓް ކޮންސްޓްރަކްޝަންއިން މިކަމާ ގުޅިގެން ފާހަގަކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބާޠިލުކޮށްފާނެ ކަމީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ތަސައްވަރު ނުކޮށް އޮތްކަމެއް ނޫނެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް މައި ކޮންޓްރެކްޓް ބާޠިލުކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވަނީ އުޒުރެއްގެ ގޮތުންނެވެ. މައި ކޮންޓްރެކްޓް ބާޠިލުކުރެވޭ ހިނދު، ސަބް-ކޮންޓްރެކްޓު ވުޖޫދުގައި ނޯންނާނެ ކަމީ ފާސްޓް ކޮންސްޓްރަކްޝަންއަށް ނޭނގި އޮތް ކަމެއްވެސް ނޫންމެއެވެ. އެހެންކަމުން މިއީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެދާނެފަދަ ޙާލަތެއް ނޫންކަމަށް ދެކޭކަމަށެވެ.

ކޮންޓްރެކްޓް ފްރަސްޓްރޭޓްވުން

ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ އިހުމާލެއްނެތި ކޮންޓްރެކްޓަކަށް ޢަމަލުކުރުމުގައި ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ކޮންޓްރެކްޓުގެ އިލްތިޒާމުތައް އަދާކުރުން މުސްތަހީލުވެ، އެއްބަސްވުން ނިމުކަށް އައުމެވެ. މިފަދަ ޙާލަތްތަކުގެ ބައެއް މިސާލަތުކަށް ބަލާލާނަމަ (1) ކޮންޓްރެކްޓެއް ކުރެވުނު އެއްޗެއް ހަލާކުވުން ނުވަތަ (2) ކޮންޓްރެކްޓެއް ވުމަށްފަހު ދިމާވި ނާދިރު ކަމެއްގެ ސަބަބުން އެ ކޮންޓްރެކްޓުގެ މަޤުސަދުތައް ފުރިހަމަނުވުން (3) ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުން (4) ޤާނޫނަކަށް ގެނެވުނު ބަދަލަކާ ގުޅިގެން އެއްބަސްވެވުނު ކަމެއް ކުރެވެން ނެތުން ނުވަތަ ޣައިރު ޤާނޫނީ ވުމެވެ. ކޮންޓްރެކްޓެއްގައި އިންސާނުންނަށް ބާރުނުފޯރާ ކަންކަމުން ރައްކާތެރިވުމަށްޓަކައި ފޯސް މޭޖަރު ވުމާގުޅޭ މާއްދާއެއް ކޮންޓްރެކްޓެއްގައި އޮންނަ ޙާލަތުގައި ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވުމުގެ ސަބަބުން ނިމުމަކަށް އަންނަ ޙާލަތްތައް މަދުވުމުގެ އިޙްތިމާލު އޮވެދާނެއެވެ.

ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވާގޮތް ތަފްސީލުކޮށްދީފައި ވަނީ ތިރީގައި އެވާ ގޮތަށެވެ.

"ކޮންޓްރެކްޓްކުރި އިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ކޮންޓްރެކްޓަށް ޢަމަލުކުރުމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމުން، ނުވަތަ މުސްތަހީލު ކަމަކަށްވުމުން ނުވަތަ ކޮންޓްރެކްޓު ކުރިއިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ހައްގުތައް، އެ މެދުވެރިވި ހާލަތެއްގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އައު ހާލަތުގައި އެ ކޮންޓްރެކްޓުގައިވާ ކަންކަން އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެ ކޮންޓްރެކްޓަށް ޢަމަލުކުރެވެން ނެތުމުން، އެ ކޮންޓްރެކްޓުގައިވާ އިލްތިޒާމުތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތުން އެ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދިއުމެވެ. ހަޤީޤަތުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވީ ކަމަށް ބުނެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ކުރާ ދަޢުވާއެއް ގައި ދަފްއެއްގެ ގޮތުގައި ބޭނުންކުރާ މަފްހޫމެކެވެ."

ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބުނާ ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިއްޖެކަމަށް ބަލާ 03 (ތިނެއް) ޙާލަތުން ކުރެ އެއް ޙާލަތެވެ. ފުރަތަމަ ޙާލަތަކީ، ކޮންޓްރެކްޓުގެ ބައިވެރިން އެއްބަސްވެވުނު ޝަރުޠުތަކުގެ މައްޗަށް ޢަމަލުކޮށް ނިމުމެވެ. ދެވަނަ ޙާލަތަކީ، ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓު ނިމުނީކަމަށް އެއްބަސްވުމެވެ. ނުވަތަ ރުހުމެވެ. އަދި ތިންވަނަ ޙާލަތަކީ، ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވުމެވެ. މި ޙާލަތްތައް އިތުރަށް ތަފްސީލުކޮށްދީފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަންނަނިވި ފަދައިންނެވެ.

"ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެ ކޮންޓްރެކްޓެއް ނިމުމަކަށް ދިޔައީ ކަމުގައެވެ."

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަށް ބަލައި ކޮންޓްރެކްޓަކަށް ޢަމަލުނުކުރެވޭ 02 (ދޭއް) ޙާލަތަކީ:

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެންނެތް ކަމެއް ކަމުގައިވުން؛ ނުވަތަ

(ށ) ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށްވުމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފުރަތަމަ ޙާލަތު، ހީނުކުރާފަދަ ޙާލަތެއް ދިމާވެގެން ކޮންޓްރެކްޓެއްގައި އެ މައްޗަށް އެއްބަސްވި ކަންކަން ވެވެން ނެތުމަކީ ކޮބައިކަން ޤާނޫނުގައި ބުނެދީފައި ނުވެއެވެ. އެހެންކަމުން ހީނުކުރާފަދަ ޙާލަތަކީ ކޮބައިތޯ އާއި އަދި އެފަދަ ޙާލަތެއް މެދުވެރިވެގެން އެއްބަސްވި ކަންކަން ވެވެން ނެތުމަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ކުރިމަތިވި ކަމަކީ ކޮންޓްރެކްޓުގެ ބައިވެރިން ވިސްނުމުގައި ނެތް ކަމެއްތޯ އާއި، އެކަމުގެ ސަބަބުން ކޮންޓްރެކްޓުގެ އިލްތިޒާމުތައް އެހެން ގޮތަކަށް ބަދަލުވެފައިވޭތޯ އާއި، މި ޙާލަތު މެދުވެރިވީ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އިހުމާލުންތޯ އާއި ކޮންޓްރެކްޓެއް އެ މައްޗަށް އެއްބަސްވި ކަންކަން ވެވެން ނެތީ ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެންކަން ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންކަމެވެ. މި ކަންކަން ވަޒަންކުރަން ޖެހެނީ ކޮންމެ މައްސަލައެއްގައި ވަކިވަކިން އެ ކޮންޓްރެކްޓެއްގައި ކަން ހިނގާދިޔަ ގޮތްތަކުގެ މައްޗަށް ބަލައިގެނެވެ.

ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ހީނުކުރާފަދަ ޙާލަތެއް މެދުވެރިގެން ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެފައިވޭތޯ ބެލުމަށްޓަކައި ތަޠުބީޤުކޮށްފައިވަނީ އިނގިރޭސި ކޮމަން ލޯއަށް ރިޢާޔަތްކޮށް މަލްޓި ފެކްޓޯރިއަލް ހަމައެވެ.

ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވެފައިވޭތޯ ބެލުމަށްޓަކައި މަލްޓި ފެކްޓޯރިއަލް ހަމަ ތަޠުބީޤުކުރާއިރު، އެ ކޮންޓްރެކްޓް ނިމުމަކަށް އަންނަން ޖެހުނު ހާދިސާތަކާއި ކަންހިނގާދިޔަ ގޮތާއި ވަށައިގެންވާ ސަބަބުތައް ދެނެގަނެ، ކޮންޓްރެކްޓު ނިމުމަކަށް އައި ސަބަބަކީ ކޮންޓްރެކްޓް ވެވުނުއިރު އެއްބަސްވުމުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ޙާލަތެއްތޯ ބަލައި ގޮތެއް ކަނޑައެޅުމެވެ.

މިގޮތުން ހުށަހެޅިފައިވާ މި މައްސަލައިގައި މަލްޓި ފެކްޓޯރިއަލް ހަމަ ތަޠުބީޤުކުރާއިރު، ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމުގެ ސަބަބެއްގެ ގޮތުގައި، އެ އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދު ވެފައިވާ މައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށްޓަކައި މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން 01 (އެކެއް) މަސްދުވަހުގެ ނޯޓިސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ފޮނުވާފައިވާތީވެ، އެ ނޯޓިސްގައިވާ ގޮތަށް ފާސްޓް ކޮންސްޓްރަކްޝަންއިން ޢަމަލުކުރުމަށް އެދޭކަމަށް ބަޔާންކޮށް 10 (އެކެއް) މަސްދުވަހުގެ ނޯޓިސް ދޭކަމަށެވެ. މި ނޯޓިސް ދޭންޖެހޭ އަސާސީ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ކުރި ތަޙުޤީޤަކަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓުގައި އެ ކޮންޓްރެކްޓުގައިވާ ޒިންމާތައް ތިންވަނަ ފަރާތެއް މެދުވެރިކޮށް ކުރެވިދާނެކަމަށް ބަޔާންކޮށްފައި ނުވާތީވެ އެއީ މައި ކޮންޓްރެކްޓުގެ 15 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށް އެ ކޮމިޝަންއިން ފާހަގަކޮށްފައިވުމެވެ.

ފާސްޓް ކޮންސްޓްރަކްޝަންއިން ސަބް-ކޮންޓްރެކްޓަށް ޢަމަލުކުރުމަށް އެއްބަސްވީ މައި ކޮންޓްރެކްޓުގައިވާ މާއްދާތަކާ އެކީގައި ކަމާއި، ސަބް-ކޮންޓްރެކްޓަކީ މައި ކޮންޓްރެކްޓުގެ ބައެއް ކަމަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދު ދެބަސްވުމެއް ނެތްކަން އެނގެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާސްޓް ކޮންސްޓްރަކްޝަންއިން ބުނެފައިވަނީ ސަބް-ކޮންޓްރެކްޓް ބާޠިލުކުރީ ކޮންޓްރެކްޓް ފްރަސްޓްރޭޓު ވާނެ ފަދަ ޙާލަތެއް އޮވެގެން ނޫންކަމަށެވެ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައި ކޮންޓްރެކްޓު ނިމުމަކަށް ގެންނަ ޙާލަތުގައި ސަބް-ކޮންޓްރެކްޓް ބާޠިލުވާނެކަން އެނގޭކަމާއި، މި ކަމަކީ އެއްބަސްވުމުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް ނޫންކަމާއި، އެއްބަސްވުން ވެވުނީ އެ ރިސްކު އޮވެގެން ކަމަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނިންމުމަކާ ގުޅިގެން އެއްބަސްވުން ބާޠިލުކުރާ ކަމަށް ބުނެފައިވަނީ އެއްބަސްވުން ބާޠިލުކުރުމަށް އުޒުރެއް ދެއްކުމުގެ ގޮތުންނެވެ.

އެހެންކަމުން، ސަބް-ކޮންޓްރެކްޓް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ނިމުމަކަށް ގެނައީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ އެއްބަސްވުމުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ހީނުކުރާފަދަ ޙާލަތެއް މެދުވެރިގެން ނޫންކަމަށް ދެކެމެވެ. ފާސްޓް ކޮންސްޓްރަކްޝަން އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓުގައި ސޮއިކުރެވުނު ހިނދު، މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) ގައި ވާ އުޞޫލުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮންމެ ހިނދަކުވެސް 10 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެނެސްފާނެކަން އެއީ ތަސައްވަރުނުކޮށް އޮތް ކަމެއް ނޫންކަން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނުގެ ބަހުންނާއި ފާސްޓް ކޮންސްޓްރަކްޝަނުގެ ބަހުން ދޭހަވެއެވެ. އަދި ހަމަ އެހެންމެ އެފަދަ ކަމެއް ހިނގައިފިނަމަ، ސަބް-ކޮންޓްރެކްޓް ބާޠިލުވާނެކަން އެއީ އެއްބަސްވުން ވެވުނުއިރުވެސް ދެފަރާތަށް އެނގި، އެކަމުގެ ނަތީޖާ އެނގޭ ކަމެކެވެ.

ކޮންޓްރެކްޓް ފްރަސްޓްރޭޓް ވެފައި ނުވާކަން

ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ޕޮލިސްވެލްފެއަރ ކޯޕަރޭޝަންއާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް ނިމުކަމަށް އައިސްފައިވަނީ ކޮންޓްރެކްޓް ފްރަސްޓްރޭޓް ވެގެންކަމަށް ބަޔާންކޮށްފައެވެ. މިގޮތުން މި ރައުޔުގެ ޕްރެގްރާފް 13.2 ގައިވާ ފަދައިން ސަބް-ކޮންޓްރެކްޓް ނިމުމަކަށް އައީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރި މައްސަލައަކަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އެންގި އެންގުމެއްގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓް އުވާލުމަށް ނޯޓިސްދިނުމާ ގުޅިގެންކަމާއި އެއީ އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދެފަރާތުން ކުރެ ފަރާތެއް ކުރިކަމެއްގެ ސަބަބުން ކުރިމަތިވި ޙާލަތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ހިނދު، ދަށު ކޯޓުގައި ކޮންޓްރެކްޓް ފްރަސްޓްރޭޓްވުމާ ގުޅޭގޮތުން ބަހުސްކުރެވި ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަ ކޮށްފައިވާކަން އެކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ބެލުމުން އެނގެއެވެ.

ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ފައިސަލާކުރަނިވި ޙުކުމެއް ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ކުރާނީ، އެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާއާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމަށްފަހު ކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފު ކުރެވުނު ކޯޓުން (ހައިކޯޓުން) މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށެވެ. މި އުޞޫލުން މައުޟޫޢީގޮތުން ބެލެން އޮތް މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް ކަށަވަރު ކޮށްދީފައި ނުވާނަމަ، އެ ޙާލަތުގައި އެކަން އަލުން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭނެކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ބެލުމުން އެނގެއެވެ.

ހުށަހެޅިފައިވާ މި މައްސަލައަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުން ފްރަސްޓްރޭޝަންއާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ދެކޭނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެމައްސަލައެއް ބެލި ދަށު ކޯޓަށް ތަހުވީލު ކުރުމަކީ މިކަމުގައި އޮންނަ ހަމައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މިގޮތުގެ މަތިން ޢަމަލުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިންސަބް-ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިވެގެން ނޫންކަމާއި، މި މައްސަލައިގައި ކޮންޓްރެކްޓު ފްރަސްޓްރޭޓްވެފައިވާ ކަމަށް ދެކި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކެމެވެ.

(ށ) އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ފާސްޓް ކޮންސްޓްރަކްޝަންއަށް ބަދަލެއް ޙައްޤުވޭތޯ

އިސްތިއުނާފުކުރާ ފާސްޓް ކޮންސްޓްރަކްޝަންއިން ހުށަހަޅާފައިވާ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމާ ގުޅިގެން ބަދަލު ހޯދުމަށް ކަމުގައިވާތީވެ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

މައި ކޮންޓްރެކްޓު ބާޠިލުކުރުމުގެ ނޯޓިސް

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައި ކޮންޓްރެކްޓު ބާޠިލުކުރުމަށްޓަކައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ނޯޓިސް ފޮނުވާފައިވަނީ 18 އޮކްޓޫބަރު 2018 ގައެވެ. މި ނޯޓިސްގައި ވަނީ މިފަދައިންނެވެ.

"މި ޕްރޮޖެކްޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނުން ކުރި ތަޙުޤީޤުތަކަށްފަހު އެއްބަސްވުމުގެ 15 ވަނަ މާއްދާއާ ތިޔަ ފަރާތުން ޚިލާފުވެ، މި ސަރވިސްއަށް އެންގުމަކާއި ނުލައި ތިންވަނަ ފަރާތަކާއި އެ މަސައްކަތް ޙަވާލުކޮށްފައި ވުމާއި އަދި ސެކިއުރިޓީ ސަބަބުތަކަށްޓަކައި ދެންނެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށް އަންގާފައިވާތީވެ، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި 01 (އެކެއް) މަސްދުވަހުގެ ނޯޓިސް 18 އޮކްޓޫބަރު 2018 ވަނަ ދުވަހުން ފެށިގެން ދެވިފައިވާ ވާހަކަ ދަންނަވަމެވެ."

ސަބް-ކޮންޓްރެކްޓު ބާޠިލުކުރުމުގެ ނޯޓިސް

ބުނެވުނު ނޯޓިސް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ލިބުނު ދުވަހު )18 އޮކްޓޫބަރު 2018( ގައި ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމުގެ ނޯޓިސް ފާސްޓް ކޮންސްޓްރަކްޝަންއަށް ފޮނުވިއެވެ. މި ނޯޓިސްގައި ވަނީ މިފަދައިންނެވެ.

"މި އެއްބަސްވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި ކުންފުންޏާ ޙަވާލުކޮށްގެން، މި ކުންފުނިން 3 ވަނަ ފަރާތެއްގެ ގޮތުގައި ތިޔަ ކުންފުންޏާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި ޕްރޮޖެކްޓާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެކޮމިޝަނުން ކުރި ތަޙުޤީގުތަކަށްފަހު މި އެއްބަސްވުން ބާޠިލުކުރުމަށް އަންގާފައިވާތީ، މި މަސައްކަތުގެ އެއްބަސްވުން ބާޠިލުކުރުމަށްޓަކައި 2018 އޮކްޓޯބަރު 18 ވަނަ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ނޯޓިސް މި ކުންފުންޏަށް ވަނީ ދީފައެވެ. މިކުންފުނީގެ ފަރާތުން މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ތިޔަފަރާތަށް ކަމަށްވާތީ، މި ނޯޓިސް އާއި އެއްގޮތަށް ޢަމަލުކޮށްދެއްވުމަށް އެދި ދެންނެވީމެވެ. ވީމާ، މި ކުންފުންޏާއި ތިޔަ ފަރާތާއި އެކުވެފައިވާ އެއްބަސްވުމަށް ޢަމަލުކުރެވޭނެ އެންމެ ފަހު ތާރީޚަކީ 16 ނޮވެންބަރު 2018 ވާ ހުކުރު ދުވަހުގެ 23:59 ކަމުގައި ދެންނެވީމެވެ."

ސަބް-ކޮންޓްރެކްޓް ބާޠިލުކުރީ އެއްބަސްވެފައިވާ ގޮތުގެ މަތިންތޯ

ސަބް-ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ 16 އޮގަސްޓު 2018 ގައެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ 01 އޮކްޓޫބަރު 2018 އެވެ. 18 އޮކްޓޫބަރު 2018 ގައި ސަބް-ކޮންޓްރެކްޓު ބާޠިލުކުރުމަށް ދީފައިވާ ނޯޓިހަށް ބަލައި އެ ނޯޓިސް ފާސްޓް ކޮންސްޓްރަކްޝަންއަށް ލިބިފައިވަނީ ސަބް-ކޮންޓްރެކްޓަށް ޢަމަލުކުރަން ފެށިތާ 18 (އަށާރަ) ދުވަހުގެ ތެރޭގައި ކަން ފާހަގަކުރަމެވެ. މި ނޯޓިސްގެ ޖަވާބުގައި ފާސްޓް ކޮންސްޓްރަކްޝަންއިން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ މުއްދަތަކީ 50 (ފަހެއް) އަހަރުކަން ސަބް-ކޮންޓްރެކްޓުގެ 02 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ. އޭގެކުރިން އެއްބަސްވުން އުވާލާނަމަ ސަބް-ކޮންޓްރެކްޓުގެ04 ވަނަ މާއްދާގައިވާ ފަދައިން ޢަމަލުކޮށް ދެފަރާތުން މަޝްވަރާ ކުރެވިގެން އެއްބަސްވުން ނިމުމަކަށް ގެނެވިދާނެކަމަށެވެ. ނަމަވެސް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން އެގޮތަށް ޢަމަލުކޮށްފައި ނުވާކަމާއި، އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބިދިނުމަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންގެ ކިބައިން އެދޭކަމަށެވެ. ވީމާ، ސަބް-ކޮންޓްރެކްޓް އުވާލެވިފައިވަނީ އެއްބަސްވެފައިވާ ގޮތުގެމަތިންތޯ ބަލާއިރު، އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.

ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭގޮތް ބަޔާންކޮށްފައިވަނީ އެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައެވެ. ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގައިވަނީ ތިރީގައި އެވާ ގޮތަށެވެ.

"މި އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި މި އެގްރީމެންޓާއި އެއްގޮތަށް މަސައްކަތް ޙަވާލުވި ފަރާތުގެ އަމިއްލަ ތަކެތީގައި އެއްވެސް މިންވަރަކަށް މެދުކެނޑުމެއްނެތި މި އެގްރީމެންޓުގައި ބުނާ ޚިދުމަތްދޭން ވާނެއެވެ. މި އެގްރީމެންޓާއި އެއްގޮތަށް މަސައްކަތް ޙަވާލުވި ފަރާތުން ޚިދުމަތް ދެމުންދަނިކޮށް އެއްވެސް ސަބަބަކާއި ހުރެ މި އެއްބަސްވުން ދެފަރާތުންކުރެ ފަރާތަކުން މި އެގްރީމެންޓް އުވާލަން ބޭނުންވެއްޖެ ހިނދެއްގައި، ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން އެއްބަސްވުން އުވާލެވިދާނެއެވެ."

ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގެ ނައްސަށް ބަލައި، ފާސްޓް ކޮންސްޓްރަކްޝަންއިން ޢަމަލުކުރަމުން ދަނިކޮށް ދެފަރާތުން ކުރެ ފަރާތަކުން އެއްބަސްވުން ބާޠިލުކުރަން ބޭނުންވާނަމަ، ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން އެއްބަސްވުން އުވާލެވިދާނެކަމަށެވެ. ނަމަވެސް ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމުގައި ޢަމަލުކޮށްފައި ވަނީ ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގެ ދަށުން ނޫންކަން އެނގެއެވެ.

ސަބް-ކޮންޓްރެކްޓް އުވާލި ސަބަބުކަމަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބަޔާންކޮށްފައިވަނީ، އެ ފަރާތާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެފައިވާ މައި ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ފާސްޓް ކޮންސްޓްރަކްޝަންއާއެކު ވެފައިވާ ސަބް-ކޮންޓްރެކްޓް ނިމުމަކަށް ގެންނަ ކަމަށެވެ. އަދި މިއީ އެއްބަސްވެފައިވާ ގޮތުގެމަތިން މަޝްވަރާކުރެވިގެން ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާއާ އެއްގޮތަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބޭނުންވެގެން އެއްބަސްވުން ނިމުމަކަށް ގެންނަ ޙާލަތެއް ނޫންކަމަށް ދެކޭކަމާއި އަދި މި ޙާލަތުގައި ބަދަލެއް ދެވެން ނޯންނާނެ ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ މައި ކޮންޓްރެކްޓް އުވާލުމާ ގުޅިގެން ސަބް-ކޮންޓްރެކްޓް ނިމުމަކަށް އަންނަ ޙާލަތުގައިވެސް ސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާގައިވާ އުޞޫލުން ދެފަރާތުން މަޝްވަރާ ކުރަންޖެހޭތޯއެވެ.

ސަބް-ކޮންޓްރެކްޓުގެ ދަށުން ފާސްޓް ކޮންސްޓްރަކްޝަންއިން ޚިދުމަތް ދެމުން ދިޔައީ މައި ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން އެ ކޮންޓްރެކްޓުގައިވާ އެންމެހައި ޝަރުޠުތައް ޤަބޫލުކޮށްގެންކަންސަބް-ކޮންޓްރެކްޓުގެ 01 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. މިގޮތުން އެ މާއްދާގައި ވަނީ، މައި ކޮންޓްރެކްޓުގެ އެނެކްސް (a) ގައި ހިމަނާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-G1(b)/AG/2018/092(07 އޮގަސްޓު 2018) ގެ އެއްބަސްވުމަށް ފާސްޓް ކޮންސްޓްރަކްޝަންއިން ޢަމަލުކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށްޓަކައިއެ ދެފަރާތުން ޢަމަލުކުރަންޖެހޭ މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) އަކީވެސް ފާސްޓް ކޮންސްޓްރަކްޝަންއިން ތަބާވާންޖެހޭ މާއްދާ އެއްކަން އެނގެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ މައި ކޮންޓްރެކްޓް ބާޠިލުކޮށް މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ނޯޓިސް ފޮނުވުމުން ހަމަ އެ ނޯޓިސް ތަންފީޒުކުރުމަށްޓަކައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއަށް އެންގީކަމަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ބުނެފައިވެއެވެ. އެ މާއްދާގައި ވަނީ މި ފަދައިންނެވެ.

"ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ފަށާ ތަނުންވެސް ޚިދުމަތްދޭ ފަރާތުން އެއްބަސްވާ ގޮތަށް ކެއުމުގެ ކަންތައް ޚިދުމަތްދޭ ފަރާތުން ހަމަޖައްސަވައިދެވެން ނެތިގެން އެކަން ހުއްޓާލަން ގަސްދުކުރާނަމަ ގަސްދުކުރާ ތާރީޚުގެ 10 (އެކެއް) މަސްދުވަހުގެ ކުރިން ލިޔުމުން އެކަން ޚިދުމަތް ހޯދާ ފަރާތަށް ހުށަހަޅަންވާނެއެވެ. އަދި މިކަން ޚިދުމަތް ހޯދާ ފަރާތުން ވަކި ގޮތަކަށް ނިންމަންދެން ކައްކާ ކާންދިނުމުގެ ކަންތައް ޚިދުމަތްދޭ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ. އަދި ޚިދުމަތް ދޭފަރާތް ޚިދުމަތުން ވަކިކުރަން ޚިދުމަތް ހޯދާފަރާތުން ބޭނުން ވެއްޖެނަމަ، 01 (އެކެއް) މަސްދުވަހުގެ ނޯޓިސް އެއް ޚިދުމަތްދޭ ފަރާތަށް ދިނުމަށްފަހު އެ ފަރާތް ވަކިކުރެވިދާނެއެވެ."

މައި ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 10 (އެކެއް) މަސްދުވަހުގެ ނޯޓިސް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއަށް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެނައުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ އިޚްތިޔާރެއް ކަމާއި، މި އިޚްތިޔާރު ބޭނުން ހިފައިފި ހިނދަކު ސަބް-ކޮންޓްރެކްޓް ނިމުމަކަށް އަންނާނެކަމީ ފާސްޓް ކޮންސްޓްރަކްޝަނާ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނާ ދެމެދު އެއްބަސްވެފައިވާގޮތް ކަމާއި، މި ޙާލަތުގައި މައި ކޮންޓްރެކްޓް ބާޠިލުކުރުމަށް އޮންނަ 20 ވަނަ މާއްދާގެ (ށ) ގައިދުކުރެވޭ ގޮތަކަށްސަބް-ކޮންޓްރެކްޓުގެ 04 ވަނަ މާއްދާ ތަންފީޒުކުރެވިދާނެ މަޙައްލެއްކަމަކަށް އަހުރެން ނުދެކެމެވެ.

ބަދަލު ދޭން ނުޖެހޭކަން

އިސްވެބުނެވުނު ކަންކަން އެހެން ހުރުމާއެކު، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން އާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދު އެއްބަސްވެވިފައިވާ ސަބް-ކޮންޓްރެކްޓް ބާޠިލު ކުރެވިފައިވަނީ އެއްބަސްވެފައިވާ ގޮތުގެ މަތިންކަމާއި އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއަށް ދޭންޖެހިދާނެ ބަދަލެއް އޮތްކަމަކަށް ނުދެކެމެވެ. އަދި ހަމަ އެހެންމެ ސަބް-ކޮންޓްރެކްޓް ބާޠިލުކުރުމަށްފަހުވެސް އެ އެއްބަސްވުމުގެ އަސާސްތައް މަތީ ދެފަރާތުން ޢަމަލުކުރަމުން ގޮސްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި ސަބް-ކޮންޓްރެކްޓު ބާޠިލުކުރުމަށް ނޯޓިސް ދިނީ 18 އޮކްޓޫބަރު 2018 ކަމުގައި ވިޔަސް އޭގެ ފަހުން 25 ޑިސެންބަރު 2019 ގެ ނިޔަލަށް ފާސްޓް ކޮންސްޓްރަކްޝަންއިންސަބް-ކޮންޓްރެކްޓުގައިވާ އަސާސްތަށް މަތީ ޚިދުމަތް ދެމުން ގޮސްފައިވާ ކަމަށް ދެފަރާތުގެ ބަހުންވެސް ދޭހަވާކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަމަށް ކަނޑައެޅުން

ވީމާ ބަޔާންވެދިޔަ ކަންކަމުގެ އަލީގައި:

މި އިސްތިއުނާފުގައި ދައުރުވާ ފުރަތަމަ ނުކުތާގައި ބަޔާންކުރާ ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް ނިމުމަކަށް ގެނެވިފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާ ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކަމަށް ދެކި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް، އެފަދަ ޙާލަތެއް ހުށަހެޅިފައިވާ މައްސަލައިގައި އުފަންވެފައި ނުވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަމަށް އަހުރެން ދެކެމެވެ.

މި އިސްތިއުނާފުގައި ދައުރުވާ ދެވަނަ ނުކުތާގައި ބަޔާންކުރާ ފާސްޓް ކޮންސްޓްރަކްޝަންއާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ސަބަބުން ބަދަލުދޭންޖެހޭކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާތީވެ އެބައި ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި އޮތް އޮތުމަށް ތާއީދުކުރިކަމުގައިވިޔަސްއެ ނަތީޖާއަށް ވާޞިލުވި ސަބަބުތައް ބިނާކޮށްފައިވަނީ ހަރުދަނާ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ނޫންކަމާއި، މިގޮތުން ފާސްޓް ކޮންސްރަކްޝަން އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާ ދެމެދުގައިވާ ސަބް-ކޮންޓްރެކްޓް ފްރަސްޓްރޭޓްވުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ބުނެފައިވާތީވެ، އެގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދެކޭނަމަ، އެ ޙާލަތުގައި އެކަން އަލުން ކަށަވަރު ކުރުމަށްޓަކައި އެމައްސަލަ ބެލުމަށްޓަކައި ދަށު ކޯޓަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަހުވީލު ކުރަން ޖެހޭނެކަމަށް ދެކޭހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-S-A/17 ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/17 ޤަޟިއްޔާ ނިންމުމަށް ވާޞިލުވި ސަބަބުތައް ބިނާވަނީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ވާތީވެ، އެޤަޟިއްޔާ ބާޠިލުކަމަށާއި؛

(ށ) ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންއާއި ފާސްޓް ކޮންސްޓްރަކްޝަންއާ ދެމެދުގައި16 އޮގަސްޓް 2018 ގައި ސޮއިކޮށްފައިވާ ނަންބަރު POLWEC/AG/2018/11 އެއްބަސްވުން ބާޠިލުކުރެވިފައިވަނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައި، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ޕޮލިސްވެލްފެއާރ ކޯޕަރޭޝަންއިން ފާސްޓް ކޮންސްޓްރަކްޝަންއަށް ދޭންޖެހިނދާނެ ބަދަލެއް ނެތްކަމަށް؛

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ