ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/15, 2025/SC-L/68

މުޙައްމަދު ދާއޫދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ސެޕްޓެމްބަރު 2025ދަށު ކޯޓު: ހައިކޯޓު HC-IH/2025/12ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2025/12، 98/Cr-C/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި ކްރިމިނަލް ކޯޓުގެ 98/Cr-C/2021 ގައި 03 ސެޕްޓެންބަރު 2024 ގައި 12 އަހަރުގެ ޖަލު ޙުކުމެއް ކުރިއެވެ. އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހު ހުށަހެޅި އިސްތިއުނާފުކުރުމުގެ ހުއްދަ، ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/12 ގައި އިއްތިފާޤުން ނުދިނެވެ.
ވާޤިޢާ
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުން ދަޢުވާކުރިއެވެ. ދަށު ކޯޓުގައި އަނިޔާ ލިބުނު ކުދިން ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނުނަގައެވެ. ޙުކުމްކޮށް ގާތްގަޑަކަށް 9 މަސްފަހުން، 6 ޖޫން 2025 ގައި މުޙައްމަދު ދާއޫދު ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖެއްގެ ތަޙްޤީޤީ ކިޔައިދިނުމުގެ ރެކޯޑިންގ ހުށަހެޅިފައިވާ ހާލަތުގައި އިލްހާމް ޤަޟިއްޔާގެ އުޞޫލު ނުހިނގާ ކަމަށް ނިޔާޒު ޤަޟިއްޔާއަށް ބަލައި، މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން ނުދިނުން ޞައްޙަތޯ؛ އަދި ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގެ ބަޙުޘު ސުޕްރީމް ކޯޓުގައި ބަލަމުންދާއިރު ހުއްދަ ނުދިނުމަކީ ޢަދުލުވެރި ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ މާލީ ދަތިކަމާއި، އާއިލާގެ އެހީ ނުލިބުމާއި، ހިލޭ ވަކީލަކު ހޯދަން ލަސްވުމުން ކަމަށާއި، ކުދިން ހާޒިރުނުކޮށް މައްސަލަ ހިންގުމުން އިލްހާމް ޤަޟިއްޔާއާ ޚިލާފަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ޙައްޤު ގެއްލުނު ކަމަށް ބުނެއެވެ. ނިޔާޒު ޤަޟިއްޔާއަށް ބަލައި ހުއްދަ ނުދިނުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 145 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
އަޣްލަބިއްޔަތު ރައުޔުގައި، ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބެއްގެ މައްޗަށް ޙުކުމް ބިނާވުމަކީ މުއްދަތު ފަހުން އިސްތިއުނާފު ބަލައިގަނެވޭ މަޤްބޫލު ސަބަބެކެވެ. ހައިކޯޓުން ހުއްދަ ނުދިނީ ނިޔާޒު ޤަޟިއްޔާއަށް ބަލައެވެ. ނަމަވެސް ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގެ ބަޙުޘު އިލްހާމް ޤަޟިއްޔާގެ އިސްތިއުނާފުގައި (2024/SC-A/05) ސުޕްރީމް ކޯޓުގައި ބަލަމުންދާތީ، އެ ނިންމުން އިސްތިއުނާފުކުރާ ފަރާތަށް ފަހިވެދާނެއެވެ. ހުއްދަ ނުދިނުން ބޭއިންސާފުވާއިރު ހުއްދަ ދިނުމުން ދައުލަތަށް އުނިކަމެއް ނާދެއެވެ. ޑރ. މުޙައްމަދު އިބްރާހީމްގެ ތަފާތު ރައުޔުގައި، ހުއްދަ ދޭންޖެހޭ ސަބަބެއް ބުނެދެވިފައި ނުވާ ކަމަށް ދެކެވަޑައިގެންނެވިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ކްރިމިނަލް ކޯޓުގެ 98/Cr-C/2021 ގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/12 ގައި ނިންމި ނިންމުން އަޣްލަބިއްޔަތުން ބާޠިލުކޮށް، މިއީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 25 ސެޕްޓެންބަރު 2025 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅުމުގެ ފުރުޞަތު މުޙައްމަދު ދާއޫދަށް ލިބިގެންވާކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުމަކީ، އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހުގައިވެސް މައްސަލަ އިސްތިއުނާފަށް ބަލައިގަތުން ހުއްދަކުރާ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެކެވެ.

HN2 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ނެގުމާ ގުޅޭ ޤާނޫނީ ބަޙުޘު ސުޕްރީމް ކޯޓުގައި ބަލަމުންދާ ޙާލަތުގައި، އެ މައްސަލައިގައި ނިންމާ ނިންމުމަކީ ފަހަރުގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފަށް ފަހިވާ ގޮތަށް ނިމޭ ނިންމުމެއް ކަމުގައިވުން އެކަށީގެންވާތީ، އެ ބަޙުޘު ހިމެނޭ އިސްތިއުނާފެއް ބަލައިނުގަތުމަށް ނިންމޭ ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް އުނިކަން ލިބޭނެ އަދި އެ ފަރާތުގެ ނިސްބަތުން ބޭއިންސާފު ނިންމުމެކެވެ.

HN3 މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އިސްތިއުނާފެއް ބަލައިގަތުމަށް ހުއްދަ ދިނުމާމެދު ނިންމާއިރު، ހުއްދަ ނުދިނުމުން އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް ލިބޭނެ އުނިކަމާއި، އަނެއްކޮޅުން، އިސްތިއުނާފު ބަލައިގަތުމުން ދައުލަތުގެ ޙައްޤަކަށް ނުވަތަ މަޞްލަޙަތަށް އަންނާނެ އުނިކަމަށް ބަލަންވާނެއެވެ. އިސްތިއުނާފު ބަލައިގަތުމުން ދައުލަތުގެ ޙައްޤަކަށް ނުވަތަ މަޞްލަޙަތަށް އުނިކަމެއް ނާންނަ ޙާލަތުގައި، އިސްތިއުނާފު ބަލައިގަތުމަށް ހުއްދަ ދިނުމަކީ އެންމެ ޢަދުލުވެރި، އިންސާފާ އެންމެ ގާތް ގޮތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ޑރ. މުޙައްމަދު އިބްރާހީމް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/15

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/68

ހުށަހެޅުނު ތާރީޚު: 30 އޮގަސްޓް 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: މުޙައްމަދު ދާއޫދު

ޢާންމު ނަން: މުޙައްމަދު

ދާއިމީ އެޑްރެސް: [REDACTED]

މިހާރުގެ އެޑްރެސް: [REDACTED]

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2025/12

ހުށަހެޅުނު ތާރީޚު: 11 ޖޫން 2025

ނިމުނު ތާރީޚު: 21 ޖުލައި 2025

4. ހުށަހެޅިފައިވާ މައްސަލަ

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

[1]4.1 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން [REDACTED]، މުޙައްމަދު ދާއޫދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލިއެވެ.

[2]4.2 މުޙައްމަދު ދާއޫދުގެ މައްޗަށް ދައުލަތުން ކުޅަ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް 03 ސެޕްޓެންބަރު 2024 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާއިން ޙުކުމްކޮށްފައިވެއެވެ.

[3]4.3 އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުން، މާލީ ތަނަވަސްކަން ނެތުމާއި، ކުށުގެ ބާވަތުން އާއިލާގެ އެހީތެރިކަން ނުލިބުމާއި، ދައުލަތުގެ ފަރާތުން ވަކީލެއްގެ އެހީ ހޯދުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލާއި މައުލޫމާތުވެސް ލިބިފައިނެތުމާއި، އަދި ހިލޭ ސާބަހަށް ލަފާދޭނެ ވަކީލެއް ހޯދުމަށް ދުވަސްތަކެއް ހޭދަވުމުގެ އިތުރުން، ދަށު ކޯޓުން މައްސަލަ ހިންގުމުގައި އަނިޔާ ލިބުނު ކުދިން ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައިނުވާ ނުވުމަކީ، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކުން މަހްރޫމްވެގެންދާ ގޮތަށް ދަށު ކޯޓުން މައްސަލަ ނިންމި ނިންމުމަކީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މުޙައްމަދު ދާއޫދުގެ ފަރާތުން 6 ޖޫން 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.

[4]4.4 ދަށު ކޯޓުން މައްސަލަ ހިންގުމުގައި އަނިޔާ ލިބުނު ކުއްޖާ ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައިނުވާ ނުވުމަކީ، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާއާ ޚިލާފަށް މުއްތަހަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދޭ ޙައްޤެއް ގެއްލިގެންދާ ކަމަށް ބުނާ ބުނުމަކީ، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބުތައް ބަޔާންކޮށްދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން [ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން] މި މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވީނަމަވެސް، ޙަވާލާދެވުނު ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލު ހިނގާނީ ކުއްޖާގެ އަސާސީ އެއްވެސް ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާ ޙާލަތުގައިކަމާއި، އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވާ ޙާލަތްތަކުގައި އެ އުސޫލު ތަޠުބީޤު ނުކުރެވޭނެ ކަމަށް، ޙަވާލާދޭ ޤަޟިއްޔާގެ ފަހުން ހައިކޯޓުން ނިންމި އެ ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައި މިވާ މައްސަލާގައި އަނިޔާ ލިބުނު ކުދިން ހާޒިރުނުކޮށް މައްސަލަ ހިންގާފައިވުމަކީ، ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބެއް އޮތްކަމަށް ބެލެވެން ނެތަތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2025/12 [އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] ގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.

[5]4.5 މިއީ، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2025/12 ނިންމުން، މުޙައްމަދު ދާއޫދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.

[6]4.6 އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ މުޙައްމަދު ދާއޫދުގެ ފަރާތުން ހުށަހެޅި ނުކުތާގައި ފާހަގަކޮށްފައިވަނީ، މުޙައްމަދު ދާއޫދުގެ އިސްތިއުނާފު ބިނާވެފައިވަނީ ދަށުކޯޓުގެ ނިންމުމަކީ، މުޙައްމަދު ދާއޫދުގެ ޙައްޤެއް ގެއްލޭފަދަ ޖައުހަރީ ސަބަބެއްގެ މައްޗަށް ކަމަށް އެއްބަސްވެވަޑައިގަންނަވާ ޙާލަތުގައި، އިސްތިއުނާފީ ނުކުތާއާމެދު މިވަޤުތު ދިވެހިރާއްޖޭގެ ހައިކޯޓުން މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ނިންމަވާފައިވާ ގޮތުގެ ސަބަބުން އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ނިންމި ނިންމުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) އިން ސުޕްރީމް ކޯޓަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާ ދެބަސްވެ އެހެން ގޮތެއް ކަނޑައެޅުމަށް ލިބިފައިވާ ވިރާސީ ބާރުގެ ތަޞައްވުރާއި، ޤާނޫނު އަސާސީގެ 145 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިފައިވާ ފަހުބަސް ބުނުމުގެ ތަޞައްވުރާ ޚިލާފު ނިންމުމެއް ކަމަށެވެ.

[7]4.7 [ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން] ފަދަ ސަބަބެއް އޮތުމަކީ، އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހުގައިވެސް މައްސަލަ އިސްތިއުނާފަށް ބަލައިގަތުން ހުއްދަކުރާ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުގައި ބަޔާންކޮށްފައިވެއެވެ.

[8]4.8 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާއާ ޙަވާލާދީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުނު ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާގައި އަނިޔާ ލިބުނު ކުއްޖާ ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައިނުވާ ނުވުމަކީ، [ޚަޞްމެއްގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން] މި މާނައިގެ ތެރޭގައި ހިމެނޭ އިސްތިއުނާފީ މުއްދަތު ފާއިތުވުމަށްފަހުވެސް އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއްކަމާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ޚިލާފެއްނެތެވެ.

[9]4.9 އިސްވެ ފާހަގަކުރި ސަބަބު އެގޮތުގެ މަތިން އޮތްނަމަވެސް، މި މައްސަލާގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްޠިފާޤުވެވުނީ، އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވާ ޙާލަތްތަކުގައި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤު ނުކުރެވޭނެ ކަމަށް، އެ މައްސަލައިގެ ފަހުން ހައިކޯޓުން ނިންމި އެ ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް ކަން އިސްތިއުނާފު ކުރެވިފައިމިވާ ހައިކޯޓުގެ ނަންބަރު HC-IH/2025/12 ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ.

[10]4.10 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ނަގާނެގޮތް އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ކުޑަކުދިންގެ ހެކިބަސް ނެގުމުގައި، ގެންނަންޖެހޭ ބަދަލުތަކެއް ގެނައިކަމުގައިވިޔަސް، މިސާލަކަށް މުއްތަހަމާ ކުޑަކުއްޖާއާ ބައްދަލުނުވާނެ ނުވަތަ ނުފެންނާނެ ނުވަތަ އޭނާގެ އަޑު ނުއިވޭނެ ގޮތެއް ހެދުންފަދަ، އިޖުރާއަތުތަކެއް އިތުރުކުރިނަމަވެސް، މައްސަލަ ފައިޞަލާކުރާ ފަނޑިޔާރުގެ ޣައިރު ހާޒިރުގައި އަދި މުއްތަހަމުގެ ފަރާތުން ތަމްސީލުކުރާނެ ފަރާތެއްނެތި، ޝަރީޢަތެއްގެ ބޭނުމަށް ހެކިބަސް ނެގުމުގެ އަސާސީ އުޞޫލުތައް އެއްފަރާތްކޮށް، ކުޑަކުއްޖާ ތަޙްޤީޤަށް ކިޔައިދޭ ކިޔައިދިނުން ވީޑިއޯ ކޮށްގެން ޝަރީޢަތަށް ހުށަހަޅާ ހުށަހެޅުން، އެއީ ކުޑަކުއްޖާގެ ހެކިބަސްކަމަށް ބުރަވެ، މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ކުރެވިދާނެކަމެއް ކަމަކަށް ބުރަނުވެވޭ ކަމަށް، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

[11]4.11 އަނިޔާ ލިބުނު ކުއްޖާ ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނެގުމާގުޅޭގޮތުން، އިސްވެ ބަޔާންކުރި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ބަޔާންކުރާ އުސޫލު ހިނގާނީ ކުއްޖާގެ އަސާސީ އެއްވެސް ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާ ޙާލަތުގައިކަމާއި، އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވާ ޙާލަތްތަކުގައި އެ އުސޫލު ތަޠުބީޤު ނުކުރެވޭނެ ކަމަށް، ޙަވާލާދޭ ޤަޟިއްޔާގެ ފަހުން ހައިކޯޓުން ނިންމި އެ ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުން ނިންމިއިރު، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ މި މައްސަލައިގައި ޙަވާލާދޭ ކުޑަކުއްޖެއްގެ ހެކިބަސް ނެގުމާގުޅޭ ބަޙުޘަކީ، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގެ އިސްތިއުނާފުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 ޤަޟިއްޔާއިން ބަލަމުންދާ މައްސަލާގައި ހިމެނޭ ޤާނޫނީ ބަޙުޘެކެވެ.

[12]4.12 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ނެގުމާގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 ޤަޟިއްޔާގައި ނިންމާ ނިންމުމަކީ، ފަހަރުގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފަށް ފަހިވާ ގޮތަށް ނިމޭ ނިންމުމެއް ކަމުގައިވުންވެސް އެކަށީގެންވެއެވެ. އެޙާލަތުގައި މި އިސްތިއާފު ބަލައިނުގަތުމަށް ނިންމޭ ނިންމުމަކީ، އިސްތިއުނާފުކުރާ މުޙައްމަދު ދާއޫދުގެ މަޞްލަޙަތަށް އުނިކަން ލިބޭނެ އަދި އެ ފަރާތުގެ ނިސްބަތުން ބޭއިންސާފު ނިންމުމެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ. އޭގެ އަނެއްކޮޅުން ބަލާއިރު، މި އިސްތިއުނާފު މިވަގުތަށް އަދި ބަލައިގަތުމަކީ، ދައުލަތުގެ ޙައްޤަކަށް ނުވަތަ މަޞްލަޙަތަށް އުނިކަމެއް އަންނާނެ ކަމެއްވެސް ނުމެ ނޫންމެއެވެ.

[13]4.13 ވީމާ، މުޙައްމަދު ދާއޫދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ބަލައިގަތުމަށް ހުއްދަ ދިނުމަކީ، މިހިނދަށް އެންމެ ޢަދުލުވެރި، އިންސާފާ އެންމެ ގާތް ގޮތްކަމުގައި ދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

[14]4.14 މި މައްސަލައިގައި އަޅުގަނޑު ރައުޔު ތަފާތެވެ. މައްސަލައިގައި ފެންނަ ފެނުމަށް އޮތީ އެންމެ ސުވާލެކެވެ. މި މައްސަލައަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 3 ވަނަ ދުވަހު ދަށު ކޯޓުން ނިމުނު މައްސަލައެއް ކަމަށްވެފައި، އިސްތިއުނާފު މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާފަރާތަށް ހުށަހެޅިފައިވޭތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ.

[15]4.15 އިސްތިއުނާފުކުރާފަރާތުން ހައިކޯޓަށް އިސްތިއުނާފު ހުށަހަޅާފައިވަނީ ދަށު ކޯޓުން މައްސަލަ ނިންމިތާ ގާތްގަޑަކަށް 9 މަސްފަހުން 2025 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެފަރާތުން އިސްތިއުނާފު މުއްދަތުގައި ހުށަނޭޅުނު ސަބަބެއް ކަމަށް ބުނެފައިވާ މައިގަނޑު ސަބަބަކީ، ވަކީލަކު ހަމަ ނުޖެހުމެވެ. އަދި މި މައްސަލަ އިސްތިއުނާފު ހުއްދަދޭންޖެހޭކަމަށް ދެކި ފާހަގަކުރާ އިތުރު ކަމަކީ، ދަށު ކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރާފަރާތުގެ ހައްޤެއް ގެއްލިފައިވާކަމަށް ދެކި އިޝާރަތްކޮށްފައިވާ ބައެއްކަންކަމެވެ. ނަމަވެސް، މިއިން އެއްވެސް ސަބަބެއްގެ މައްޗަށް ބިނާކޮށް މި މައްސަލައިގެ ތަބީޢަތާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށްބަލައި، މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާފަރާތަށް ބުނެދެވިފައި ނުވެއެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މުޙައްމަދު ދާއޫދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ހައިކޯޓުގެ ނަންބަރު HC-IH/2025/12 [އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] ބާޠިލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މުޙައްމަދު ދާއޫދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 98/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރަން އެދޭނަމަ، މިއަދު (25 ސެޕްޓެންބަރު 2025) ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މުޙައްމަދު ދާއޫދަށް ލިބިގެންވާ ކަމުގައި ކަނޑައަޅައި، މި މައްސަލަ ބެލި ފަނޑިޔާރުން އަޣްލަބިއްޔަތުން ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

މުޙައްމަދު އިބްރާހީމް

މުޙައްމަދު ސަލީމް

ޢަބްދުﷲ ޙަމީދު

03 ރަބީޢުލްއާޚިރު 1447

25 ސެޕްޓެމްބަރ 2025

ފުޓްނޯޓު

  1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ
  2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ނަގަންޖެހޭނެ ގޮތް ބަޔާންކޮށްފައިވެއެވެ.
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/52 ޤަޟިއްޔާ
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/11 ޤަޟިއްޔާ (ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފް ޒާކިރު) އާއި، ސުޕްރީމް ކޯޓުގެ 2018/SC-A/46 ޤަޟިއްޔާ (ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އާއި، ސުޕްރީމް ކޯޓު ނަންބަރު 2018/SC-A/21 ޤަޟިއްޔާ (ފާޠިމަތު ޙުސައިން ވ. އާމިނަތު ޙުސައިން) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/73 ޤަޟިއްޔާ (މޫސާ ޤާސިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/59 ޤަޟިއްޔާ (ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) ޤަޟިއްޔާ ފަދަ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.
  5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2025/12 [އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް]
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 38 ވަނަ ނުކުތާ
  7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ މައްސަލަ ބަލަމުންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 ޤަޟިއްޔާއިންނެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ