ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/52

ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 29 މޭ 2025ދަށު ކޯޓު: ކޯޓުގެ ނަން ސިއްރު ކުރެވިފައިބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކޯޓުގެ ނަން ސިއްރު ކުރެވިފައި
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަށުކޯޓުން ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށްވެރިކޮށް، އެ މާއްދާގެ (ށ) ގެ ދަށުން 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކުރިއެވެ. ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޟިރުނުކޮށް އެ ރިޕޯޓަށް ބުރަދަން ދިނީ 2018/SC-A/24 ޤަޟިއްޔާއަށް ބިނާކޮށެވެ.
ވާޤިޢާ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ގޮތުން އަތްލި ކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގައި ކުށްވެރިކުރުމުގައި، ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ދަށުކޯޓުން ކަށަވަރުކޮށްފައިވޭތޯއާއި، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނުނަގާ އެ ރިޕޯޓަށް ބުރަދަން ދިނުމަކީ ޞައްޙަ ކަމެއްތޯ؛ އަދި ދަޢުވާގައި ތާރީޚާއި ވަގުތު ނެތުމާއި ކުއްޖާގެ ބަސް ޝަރީޢަތުގައި ނުނެގުމުގެ ސަބަބުން ޙުކުމް ބާޠިލުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ބަހެއްކަން 2019/SC-A/77 ޤަޟިއްޔާއާ އެއްގޮތަށް ކަށަވަރުނުކުރާ ކަމަށާއި، ކުއްޖާގެ ބަސް ޝަރީޢަތުގައި ނުނަގާ ކަމަށާއި، ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޟިރުނުކޮށް ރިޕޯޓަށް ބުރަދަން ދިން ކަމަށާއި، ދަޢުވާގައި ތާރީޚާއި ވަގުތު ނެތުމުން އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ދަޢުވާއެއް ކަމަށެވެ. ދައުލަތުން ބުނީ ކުއްޖާގެ ބަސް އިންޓަރވިއު ވީޑިއޯ ރެކޯޑިންގއިން ޝަރީޢަތުން ކަށަވަރުކޮށްފައިވާ ކަމަށާއި، 2018/SC-A/24 ޤަޟިއްޔާއާ އެއްގޮތަށް ރިޕޯޓަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާއާ ބެހޭ ނުކުތާ ދަށުކޯޓުގައި ނުނަގާތީ އަދި ކުއްޖާގެ އަސާސީ ކިޔައިދިނުމުގެ ރެކޯޑިންގ ހުށަހެޅިފައިވާތީ ކުއްޖާގެ ބަސް ނުނެގުމާ ބެހޭ ހައިކޯޓުގެ ޤަޟިއްޔާތައް ތަފާތުވާތީ އެ ނުކުތާތައް ކޯޓުން ޤަބޫލުނުކުރިއެވެ. ނަމަވެސް ތަހުޤީޤަށް ދިން ކިޔައިދިނުމަށްވުރެ ގިނަ ތަފްޞީލު ހިމެނޭ ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނުނަގާ އެ ރިޕޯޓަށް ބުރަދަން ދީފައިވާތީ، ކުއްޖާގެ ކިޔައިދިނުން 2019/SC-A/77 ގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ ގޮތެއްގައި ވަޒަންކޮށްފައި ނުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙުކުމް ބާޠިލުކޮށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް ތަޙްވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން، އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލާއިރު، ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންވާނެއެވެ. ކުއްޖާގެ ކިޔައިދިނުން އެތެރެފުށުން އެއްގޮތް ވުމަކީ (Internal Consistency) ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްޞީލުތައް ހުރުމެވެ. ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ (External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައި ގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުމެވެ.

HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ދަޢުވާއެއްގައި ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި، ތަން ބަޔާންކުރަންވާނެ ކަމަށް ބުނެފައިވީނަމަވެސް، ދަށު ކޯޓުގެ އިބްތިދާއީ މަރުހަލާގައި ދައުވާ ސާފުނުވާކަން ނުވަތަ އެ މާއްދާއާ ޚިލާފު ދައުވާއެއްކަމަށް ބުނެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ، އަދި ދައުވާ ސާފުކޮށްދެވުނު އިރުވެސް އެފަދަ އިއުތިރާޟެއް ކޮށްފައި ނުވާ ޙާލަތެއްގައި، އެ ބުނުމަކީ ބުރަދަނެއް ދެވޭނެ ހުށަހެޅުމެއް ނޫން ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާއިރު، އެ ކަނޑައެޅުން ޚިލާފުވާ ޤާނޫނީ ހަމައެއް އިސްތިއުނާފުގައި ބަޔާންކޮށްފައި ނުވާނަމަ، އެއީ އިސްތިއުނާފީ މަރުހަލާގައި އިތުރަށް ގޮތް ކަނޑައަޅާނެ ޤާނޫނީ ޖާގައެއް އޮތް ނުކުތާއެއް ނޫނެވެ.

HN3 ދަށު ކޯޓުން ޙުކުމް ކުރުމުގެ ފަހުން ހައިކޯޓުން ނިންމި ޤަޟިއްޔާތަކުގައި ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް، ދަށު ކޯޓުން މައްސަލަ ނިންމި އިރު ދަށުކޯޓުގެ މައްސަލަ ނިންމޭނެ ޖާގައެއް ނޯންނާނެއެވެ.

HN4 ކުޑަކުދިންގެ ހެކިބަސް ނެގުމާމެދު 2019/HC-A/557 އާއި 2022/HC-A/407 ޤަޟިއްޔާތަކުގައި ކަންކަން ބަޔާންކޮށްފައިވަނީ އެ ދެ ޤަޟިއްޔާގައިވެސް ކުއްޖާގެ އަސާސީ އެއްވެސް ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާތީއެވެ. ކުއްޖާ ތަހުޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވާ މައްސަލައެއްގެ ވާގިއާ އެ މައްސަލަތަކުގެ ވާގިއާ ތަފާތު ކަމަށްޓަކައި، އެ މައްސަލަތަކުގައި ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުމާމެދު ބަޔާންކޮށްފައިވާ ކަންކަން އެފަދަ މައްސަލައަކަށް ތަޠުބީޤުނުކުރެވޭނެއެވެ.

HN5 ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ބަހެއްތޯ ކަށަވަރުކުރާނެ ގޮތް ބަޔާންކޮށްދީފައިވާ 2019/SC-A/77 ޤަޟިއްޔާގައިވެސް، އަދި އޭގެ ފަހުން ނިންމާފައިވާ 2020/SC-A/94 ޤަޟިއްޔާގައިވެސް، ކުއްޖާގެ އަސާސީ ކިޔައިދިނުމެއްކަމުގައި ބެލެވޭ ކިޔައިދިނުމެއް ޝަރީޢަތަށް ލިބިފައިވާ ހާލަތުގައި ކުއްޖާގެ ބަސް ޝަރީޢަތުގައި އަލުން ނަގަންޖެހޭކަމަށް ކަނޑައެޅިފައި ނެތެވެ.

HN6 ކުއްޖާގެ އަސާސީ ކިޔައިދިނުމެއްގެ ގޮތުގައި ކުއްޖާ ކިޔައިދިން ގޮތަށް ކަމަށް ބަޔާންކޮށް ބަހުން ބަހަށް ލިޔެފައިވާ ތަފްސީލުތައް ހިމެނޭ ސައިކޮލޮޖިކަލް ރިޕޯޓެއްގައި، ތަހުޤީޤަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާ އަޅާ ބަލާއިރު ގިނަ ތަފްސީލުތަކެއް ހިމެނޭ ޙާލަތުގައި، އެއީ ހަމަ ޙަޤީޤަތުގައިވެސް ކުއްޖާއާމެދު ކަންކުރެވުނުކަމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމެއްތޯއާއި، އެއީ ކޮންގޮތަކުން ހޯދި މައުލޫމާތެއްކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

HN7 2018/SC-A/24 ޤަޟިއްޔާގެ 41 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާމެދު ބަޔާންކޮށްފައިވާ ބަޔާންކުރުމެކެވެ. ކުއްޖާގެ އަސާސީ ކިޔައިދިނުމެއް އޭގައި ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ފަރާތުގެ ހެކިބަސް، ދައުލަތާއި ދިފާއުންވެސް ނެގުމަށް އެދިފައިވަނިކޮށް ނަގާފައިނުވާ މައްސަލައެއްގެ ވާގިއާ ތަފާތުވެފައިވާތީ، އެއީ އެ ނުކުތާގައި ބަޔާންކޮށްފައިވާ ހާލަތު އެބީދައިން ތަޠުބީޤުކުރެވިދާނެ މައްސަލައެއް ނޫނެވެ.

HN8 ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ހިމެނޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކުރިފަރާތުގެ ހެކިބަސް ނުނަގާ އެ ރިޕޯޓަށް ބުރަދަން ދީފައިވާ ޙާލަތުގައި، ކުއްޖާގެ ކިޔައިދިނުމަކީ 2019/SC-A/77 ޤަޟިއްޔާގައި ބަޔާންކޮށްފައިވާގޮތަށް އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ އެކަށީގެންވާގޮތެއްގައި ވަޒަންކުރެވިފައެއް ނުވެއެވެ. އެފަދަ ޙާލަތެއްގައި، ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރިފަރާތުގެ ހެކިބަސް ދަށު ކޯޓުގައި ނަގައި، ދިފާއުންވެސް އެ ހެކިވެރިޔާއާ ކުރަން ބޭނުން ސުވާލުތައް ކުރުމުގެ ފުރުޞަތު ދިނުމަށްފަހު، އެ ރިޕޯޓުގައިވާ ވާހަކަތައް ހިމެނޭހެން މައްސަލައިގައި ހުރި އެންމެހާ ހެކިތައް އަލުން ވަޒަންކޮށް ދައުވާއާމެދު ގޮތެއް ކަނޑައަޅައިގެން މެނުވީ އިންސާފަށް ވާސިލުނުވެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ސަލީމް
ރިޔާސަތު
ޙުސައިން މަޒީދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރައްވާފައި)

މައްސަލައިގެ ތަޢާރަފު

1މިއީ، (ޤަޟިއްޔާ ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް (އެޑްރެސް އުނިކޮށްފައި) މުޙައްމަދު ނިޔާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

2މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، އެ ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި ރިޕޯޓު ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.

މައްސަލައިގެ ފަސްފަހަތް

3(ނިންމި ކޯޓާއި ޤަޟިއްޔާ ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގައި މުޙައްމަދު ނިޔާޒްގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރިއެވެ.

4މި ދައުވާ ކޮށްފައިވަނީ (އަހަރު އުނިކޮށްފައި) ވަނަ އަހަރުގެ ފަހުކޮޅުގައި މުޙައްމަދު ނިޔާޒް، އޭނާގެ އުފަންދަރިއެއްކަމަށްވާ (ކުއްޖާގެ މައުލޫމާތު އުނިކޮށްފައި) (6 އަހަރު) (ގޭގެ ނަން އުނިކޮށްފައި) ގެއަށްގޮސް، އެގޭގެ ފާޚާނާ ތެރޭގައި ކުއްޖާގެ ކުރިމަތީފަރާތުގައާއި މޭމަތީގައި އަތްލާފައިވާތީ ކަމަށް ބަޔާންކޮށެވެ.

ދަށު ކޯޓުގެ ޙުކުމް

5އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުން ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތުން (އެޑްރެސް އުނިކޮށްފައި) މުޙައްމަދު ނިޔާޒްގެ މައްޗަށް ކޮށްފައިވާ އިތުބާރުހިފޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މި ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުން ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިތުބާރުހިފޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ކުށުން (އެޑްރެސް އުނިކޮށްފައި) މުޙައްމަދު ނިޔާޒް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކަމުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުން ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން (އެޑްރެސް އުނިކޮށްފައި) މުޙައްމަދު ނިޔާޒް (ދރއ ކާޑު ނަންބަރު އުނިކޮށްފައި) 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ."

6އިސްވެ ނަކަލުކުރެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ނިޔާޒްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

7މުޙައްމަދު ނިޔާޒްގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވަނީ އަންނަނިވި 02 (ދޭއް) އިސްތިއުނާފީ ނުކުތާއެވެ.

ފުރަތަމަ ނުކުތާ އަކީ: ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އަދި ބުނެވިދިޔަ މާއްދާގައި ބުނެފައިވާ މިންވަރަށް ހެކި ލިބިފައި ނުވަނީސް މައްސަލަ ސާބިތުވާކަމަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާ އަކީ: ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ

8މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މުޙައްމަދު ނިޔާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައި ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއްކަން ވަޒަންކުރުމަށް އޮންނަ އުސޫލާ ޚިލާފަށް، އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/557 ޤަޟިއްޔާ އާއި ނަންބަރު 2022/HC-A/407 ޤަޟިއްޔާއާ ޚިލާފަށް މި މައްސަލައިގައި ދަށު ކޯޓުން ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ބަހެއް ކަން ކަށަވަރުކޮށްފައިނުވާކަމަށެވެ. އެގޮތުން ކުއްޖާގެ ބަޔާނެއް ނަގާފައި ނުވާކަމަށެވެ. ހަމައެހެންމެ ކުއްޖާގެ ކިޔައިދިނުމަށް ބަލާއިރު، އެގޭގެ ފާހާނާގައި ހާދިސާ ހިނގި ކަމަށް ބަޔާންކޮށްފައިވާއިރު، އެ ގޭގައި ހުންނަނީ ގިފިއްޔެއް ކަމަށެވެ. މީގެ އިތުރުން ކުއްޖާ ހީސްދޮއްވާއިރު އެކުއްޖާގެ ގައިގައި އަތްނުލާ އެކަންކުރެވޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި ކުއްޖާ ބެލި ޑޮކްޓަރުގެ ރިޕޯޓުގައި ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން އެނގެން ނެތުމާއި، ކުއްޖާގެ މަންމަގެ ބަޔާނަށް ބަލާއިރު، ކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ މަންމަގެ ނޭދެވޭ ސުވާލުތަކާ ގުޅިގެން ކުއްޖާ ބުނި ބުނުމެއްކަމަށް ބެލެވޭ ކަމަށާއި ކުއްޖާގެ ބައްޕަ ދެކެ ހިތްހަމަނުޖެހިގެންހުރެ ކުއްޖާގެ މަންމަ ދިން ބަޔާނެއްކަން އެނގޭއިރު ކުއްޖާގެ މަންމަގެ ހެކިބަހާމެދު ސުވާލު އުފެދޭ ކަމަށެވެ. މީގެ އިތުރުން ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި ފަރާތް ހާޟިރުނުކޮށް އެ ރިޕޯޓުގެ މައްޗަށް ޝަރީޢަތުން ގޮތް ނިންމުމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ކޮށްފައިވާ ދައުވާގައި ހާދިސާ ހިނގި ތާރީޚެއް ވަގުތެއް ނެތުމުން އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ކަމެއް ކަން ވެސް މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

9މުޙައްމަދު ނިޔާޒްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުން ކަމަށެވެ.

ދައުލަތުގެ ޖަވާބު

10އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ކުއްޖާގެ ކިޔައިދިނުމުގައި އެގޭގެ ފާހާނާގައި ހާދިސާ ހިނގި ކަމަށް ބަޔާންކޮށްފައި ވުމުން އެކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފެއްދި ނަމަވެސް ގިފިއްޔާއި ފާހަނާއަކީ އެއް ބޭނުމެއްގައި ބޭނުންކުރާ ތަނަކަށް ކިޔާ ދެ ނަމަކަށް ވާތީ އެއީ ކުއްޖާ ދައްކާ ވާހަކަ އާދަޔާ ޚިލާފަށް ޤަބޫލުނުކުރެވޭ ސަބަބެއް ނޫން ކަމަށެވެ. ހަމައެހެންމެ ކުއްޖާގެ ކުރިމަތިފަރާތުގައި ބައްޕަ އަތްލި ކަމަށް ކުއްޖާ ބުނެފައިވުމުން އެއީ ހީސްދޮއްވުމުގެ ތެރޭގައި ކުއްޖާގެ އަތްޖެހުނު ޖެހުމެއް ނޫންކަން އެނގޭ ކަމަށެވެ. އަދި ކުއްޖާގެ މަންމަ ކުރި ސުވާލަކާ ގުޅިގެންވެސް މިފަދަ ވާހަކައެއް އެ އުމުރުގެ ކުއްޖަކު ހަދަހަދައިގެން ދެއްކުމަކީ ނާދިރު ކަމެއް ކަމަށެވެ. މީގެ އިތުރުން ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ކުއްޖާއަށް އަނިޔާއެއް ލިބިފައިވާކަން ނުދެއްކުމަކީ ކުއްޖާގެ ކިޔައިދިނުން ބަލައިނުގަނެވޭ ސަބަބެއް ނޫން ކަމަށެވެ. އެއާ ޚިލާފަށް ހަމައެކަނި އަތްލުމުން ގެއްލުމެއް ވެފައިވާކަން އެނގެން ނެތުމަކީ ކުއްޖާގެ ކިޔައިދިނުމަށް ބާރުލިބޭ ކަމެއް ކަމަށެވެ. ހަމައެހެންމެ މައްސަލައިގައި ސީދާ ކުއްޖާގެ ބަޔާން ޝަރީޢަތުން ނުނެގި ނަމަވެސް ކުއްޖާގެ ބަސް ޝަރީޢަތުން ކަށަވަރުކޮށްފައިވާކަމަށެވެ. އެގޮތުން ކުއްޖާގެ އިންޓަރވިއު ވީޑިއޯ ރެކޯޑިންގ ދަށު ކޯޓަށް ހުށަހެޅުނު ކަމަށެވެ. ހަމައެހެންމެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރިފަރާތުގެ ހެކިބަސް ނުނެގިނަމަވެސް އެ ރިޕޯޓަށް ރިޢާޔަތްކުރެވޭނެކަން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/24 ޤަޟިއްޔާއާ ޙަވާލާދީ ދަށު ކޯޓުން ބަޔާންކޮށްފައިވާތީ އެ ނިންމުންވެސް ޤާނޫނާ ޚިލާފު ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

11ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ހެކިވަޒަންކުރުމުގެ ހަމަ

12HN1ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި ބަލާނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.

13އެގޮތުން ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން، އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލާނެ ގޮތް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. ކުއްޖާގެ ކިޔައިދިނުން އެތެރެފުށުން އެއްގޮތް ވުމަކީ (Internal Consistency) ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްޞީލުތައް ހުރުމެވެ. އަދި ކުއްޖާގެ ކިޔައިދިނުން ބޭރުފުށުން އެއްގޮތް ވުމަކީ ކޮބައިކަން ސީދާ އެ ޤަޟިއްޔާގައި ބަޔާންކޮށްދެއްވާފައި ނުވި ނަމަވެސް، އެ ސުރުޚީގެ ދަށުން ހުރި ނުކުތާތަކުގައި ހުރީ ކުއްޖާގެ ކިޔައިދިނުމަށް ބާރު ލިބޭ އެހެނިހެން ހެކިބަސްތަކުގެ ސަބަބުންނާއި މައްސަލައިގައި ހުށަހެޅުނު ހެކި ޤަރީނާތަކުގެ ސަބަބުން ކުއްޖާގެ ކިޔައިދިނުން ޤަބޫލުކުރެވުމުގެ މައްޗަށް ކަންކަން ބަޔާންކުރައްވާފައެވެ. އަދި އެ މައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު މައްސަލައިގައި ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ (External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައި ގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުން ކަމަށް ބަޔާންކުރައްވާފައިވެއެވެ.

14ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމަތަކާ ޚިލާފަށް ދަށު ކޯޓުން ކުއްޖާގެ ބަސް ވަޒަންކޮށްފައިވާކަމަށް މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކުރެއެވެ.

ދައުލަތުން ކުރި ދައުވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފުކަމަށް ފާހަގަކުރާކުރުން

15އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ، ދައުލަތުން ދަށު ކޯޓުގައި ކުރި ދައުވާ އަކީ ހާދިސާގެ ތަފްސީލު ނެތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ދައުވާއެއް ކަމަށެވެ. އެގޮތުން ހާދިސާއަކީ ވަކި އަހަރެއްގެ ފަހުކޮޅުގައި ހިނގި ހާދިސާއެއް ކަމަށް ބުނެފައިވުމަކުން ދައުވާއިން ދިފާއު ވުމަށް ނޭނގޭނެކަމަށާއި ދައުވާ ސާފުނުވާނެ ކަމަށެވެ.

16HN2މި ނުކުތާއަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރަނީ "ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި، ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަން ވާނެއެވެ." މިފަދައިންނެވެ. ނަމަވެސް ދަށު ކޯޓުގެ އިބްތިދާއީ މަރުހަލާގައި މުޙައްމަދު ނިޔާޒްގެ ފަރާތުން މި ދައުވާއާ ގުޅޭގޮތުން ދައުވާ ސާފުނުވާކަން ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ދައުވާއެއްކަމަށް ބުނެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ. އަދި ދަށު ކޯޓުގައި ދައުވާ ސާފުކޮށްދެވުނު އިރުވެސް އެފަދަ އިއުތިރާޟެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. ދަށު ކޯޓުގެ ރިޕޯޓުގެ 66 ވަނަ ނުކުތާގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދިފާއުގެ އެ ބުނުމަކީ ބުރަދަނެއް ދެވޭނެ ހުށަހެޅުމެއް ނޫން ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި އެ ކަނޑައެޅުން ޚިލާފުވާ ޤާނޫނީ ހަމައެއް މުޙައްމަދު ނިޔާޒްގެ ފަރާތުން މި އިސްތިއުނާފުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން މިއީ މި މަރުހަލާގައި އިތުރަށް ގޮތް ކަނޑައަޅާނެ ޤާނޫނީ ޖާގައެއް އޮތް ނުކުތާއެއް ނޫނެވެ.

ޝަރީޢަތުން ކުއްޖާގެ ބަސް ނަގާފައިނުވުމާ ގުޅޭ

17ދަށުކޯޓުގެ މަރުހަލާގައި ޝަރީޢަތުން ކުއްޖާގެ ބަސް ނަގާފައިނުވަނީ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރަފީޢު (2019/HC-A/557) ޤަޟިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް (2022/HC-A/407) ޤަޟިއްޔާ އާ ޚިލާފަށްކަން މި އިސްތިއުނާފުގައި މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކުރެއެވެ.

18HN3ނަމަވެސް މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކުރި އެ ދެ ޤަޟިއްޔާއަކީ ދަށު ކޯޓުން މި މައްސަލައިގައި ޙުކުމް ކުރުމުގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ދެ ޤަޟިއްޔާއެވެ. އެހެންކަމުން ދަށު ކޯޓުން މައްސަލަ ނިންމި އިރު، އެ ޤަޟިއްޔާތަކުގައި ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ދަށުކޯޓުގެ މައްސަލަ ނިންމޭނެ ޖާގައެއް ނޯންނާނެއެވެ.

19HN4ނަމަވެސް، ބަހުސްގެ ބޭނުމަށްޓަކައި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރަފީޢު ޤަޟިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައެޅުނު އުސޫލުތަކަށް ބަލާއިރު، ކުޑަކުދިންގެ ހެކިބަސް ނެގުމާމެދު އެ ޤަޟިއްޔާތަކުގައި ކަންކަން ބަޔާންކޮށްފައިވަނީ އެ ދެ ޤަޟިއްޔާގައިވެސް ކުއްޖާގެ އަސާސީ އެއްވެސް ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާތީއެވެ. އެއާ ޚިލާފަށް މިހާރު އިސްތިއުނާފުގައި މި ބެލޭ މައްސަލައިގައި ކުއްޖާ ތަހުޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވެއެވެ. އެހެންކަމުން އެ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ނެގުމާމެދު ބަޔާންކޮށްފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރެވޭ ގޮތެއް މުޙައްމަދު ނިޔާޒް އަށް ބުނެދެވިފައި ނުވެއެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 50 ވަނަ ނުކުތާއަށް ރިޢާޔަތްކޮށް ބަލާއިރުވެސް، މި މައްސަލަ އާއި އެ ދެ މައްސަލައިގެ ވާގިއާ ތަފާތު ކަމަށްޓަކައި، އެ މައްސަލަތަކުގައި ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުމާމެދު ބަޔާންކޮށްފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރެވިދާނެކަމަށް އަހުރެން ނުދެކެމެވެ.

20HN5މީގެ އިތުރުން ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ބަހެއްތޯ ކަށަވަރުކުރާނެ ގޮތް ބަޔާންކޮށްދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ވެސް ކުއްޖާގެ އަސާސީ ކިޔައިދިނުމެއްކަމުގައި ބެލެވޭ ކިޔައިދިނުމެއް ޝަރީޢަތަށް ލިބިފައިވާ ހާލަތުގައި ކުއްޖާގެ ބަސް ޝަރީޢަތުގައި އަލުން ނަގަންޖެހޭކަމަށް ކަނޑައެޅިފައި ނެތެވެ. ހަމައެހެންމެ އެ މައްސަލައަކީވެސް ޝަރީޢަތުގައި ކުއްޖާގެ ހެކިބަސް ނެގުނު މައްސަލައެއް ނޫނެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު މައްސަލަ އަށް ބަލާއިރުވެސް އެފަދަ އުސޫލެއް ކަނޑައެޅިފައި ނެތެވެ.

ކުއްޖާގެ ބަސް އާދަޔާ ޚިލާފު ތެދު ބަހެއްތޯ ކަށަވަރުކުރުމާ ގުޅޭ

21މި އިސްތިއުނާފީ މައްސަލައިގައި މުޙައްމަދު ނިޔާޒްގެ މައިގަނޑު ޝަކުވާއަކީ ކުއްޖާ އެކި ފަރާތަތްތަކަށް ކިޔައިދިން ކިޔައިދިނުމަކީ ހަމަ ހަޤީޤަތުގައިވެސް ކުއްޖާ ބުނި ބުނުމެއްތޯ ދަށު ކޯޓުން ކަށަވަރު ކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާ ޝަކުވާއެވެ. އެގޮތުން ކުއްޖާގެ މަންމަގެ ބަޔާނާމެދު ސުވާލު އުފެދޭ ކަމާއި، މެޑިކޯ ލީގަލް ރިޕޯޓާއި ކުއްޖާގެ ކިޔައިދިނުމާ ފުށުއަރާކަން މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކުރެއެވެ. ހަމައެހެންމެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމެއްނެތި އެ ރިޕޯޓަށް ބުރަދަންދިނުމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް މި އިސްތިއުނާފުގައި މުޙައްމަދު ނިޔާޒްގެ ފަރާތުން ފާހަގަކުރެއެވެ.

22މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ކުއްޖާގެ އުމުރުން 5 (ފަހެއް) އަހަރުގައި (އަހަރު އަދި ތަފްސީލު އުނިކޮށްފައި) ހިނގި ކަމަށް ކުއްޖާ ބުނާ ހާދިސާގެ ވާހަކަ ކުއްޖާ ކިޔައިދީފައިވާކަން އެނގެން އޮތީ އަންނަނިވި ފަރާތްތަކަށެވެ.

22.1. ކުއްޖާގެ މަންމަ

22.2. ކުއްޖާގެ މަންމަ ފަރާތު މާމަ

22.3. ޖެންޑަރ އޮފީހުގެ އޮފިސަރުގެ ހާޟިރުގައި ތަހްޤީޤުކުރި ފަރާތް

22.4. ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތް، މިއެވެ.

23HN6HN7HN8ކުއްޖާގެ އަސާސީ ކިޔައިދިނުމަށާއި، ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދިން ކަމަށް ބުނެ ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ތަހުޤީޤަށް ކުއްޖާ ދިން ބަޔާން

23.1. މި މައްސަލައިގައި ފެންނަން އޮތް ކުއްޖާގެ އަސާސީ ކިޔައިދިނުން ކަމަށްވާ ތަހުޤީޤަށް ކުއްޖާ ދިން ބަޔާނަށް ބަލާއިރު، މައިގަނޑުގޮތެއްގައި ކުއްޖާ ބުނެފައިވަނީ (ކުއްޖާގެ މޭމަތި އަދި ކުރިމަތިފަރާތަށް އިޝާރަތްކޮށް) އެތަނުގައި ބައްޕަ އަތްލިއަސް ނުބުނާށޭ ބައްޕަ ބުނި ކަމަށެވެ. އަދި ކުއްޖާ ހީސްލާން ދާން ބުނުމުން ފާޚާނާއަށް ގެންގޮސް (ކުއްޖާގެ މޭމަތި އަދި ކުރިމަތިފަރާތަށް އިޝާރަތްކޮށް) އެތަނުގައި ބައްޕަ އަތްލި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ބުނެފައިވަނީ ބައްޕަ ގެއަށް ގޮސް ހީސްލާއިރު ހީސްދޮއްވައިދެނީ ބައްޕަ ކަމަށެވެ. އެގޮތަށް 3 ދުވަހު ބައްޕަ އެހެން ހެދި ކަމަށެވެ. މިކަން ހިނގީ ކުއްޖާ އެލް.ކޭ.ޖީ ގައި އުޅުނު އިރު ކަމަށެވެ. އަދި ބައްޕަ އުޅެނީ އަބަދުވެސް ޖީބަށް ވަޅިއެއް ލައިގެން ކަމަށް ބުނެފައިވެއެވެ.

ކުއްޖާގެ މަންމަގެ ހެކިބަސް

23.2. ދެން އޮތީ ކުއްޖާގެ މަންމަގެ ހެކިބަހެވެ. ދަށު ކޯޓަށް 23 ޖަނަވަރީ 2023 ތާރީޚުގައި ދީފައިވާ އެ ހެކިބަހުގައި ބަޔާންކޮށްފައިވަނީ ކުއްޖާގެ ބައްޕައާއި މަންމައާ ދެމީހުން ވަކިވެފައިވާކަމަށާއި، ކުއްޖާ ނިދީގައި ބައްޕަ ތިހެން ނުހަދާށޭ ބުނެ މިހެން ކިޔާތީ ޝައްކުވާން ފެށުމުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބައްޕަކައިރިއަށް ގޮސް އައުމުން "ބައްޕަ އެއްވެސްތަނަކު އަތްލާތޯ" އާއި "ބައްޕައަށް އެއްވެސް ތަނަކު އަތެއް ނުލެވޭނެޔޭ ކަމެއް ފެންނަންޔާ މަންމަ ގާތުގައި ބުނައްޗޭ" މިހެން ސުވާލުކުރާ ކަމަށާއި، އެއް ދުވަހަކު އެގޮތަށް ސުވާލުކުރުމުން ބައްޕަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތަފްސީލުތައް ކުއްޖާ ކިޔައިދީފައިވާކަމަށެވެ. އެގޮތުން އެއްދުވަހަކު (އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފުވާހަކަތައް ހުރުމުން އުނިކުރެވިފައި) ބިރުން ކުއްޖާ ރުއި ކަމަށާއި ހޮޑުލެވުނުކަމަށާއި އެއިރު މާމަ އާއި ކާފަ ގޭގައި ނޫޅޭ ކަމަށް ބުނި ކަމަށެވެ. އެދުވަހު އެވާހަކަ ކުއްޖާ ކިޔައިދިނީ ވަރަށް އަހައިގެން ކަމަށާއި ކުއްޖާގެ ބައްޕަގެ ފޯނުން ކުއްޖާއަށް ހަޑި ވީޑިއޯ ދެއްކި ކަމަށްވެސް ކުއްޖާ ބުނިކަމަށެވެ. އަދި މިކަމާހެދި ކުއްޖާގެ ބައްޕައާމެދު ހިތްހަމަނުޖެހި ވަރަށް ދެރަވި ކަމަށެވެ.

23.3. ކުއްޖާގެ މަންމަ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު ދެބަޔާނެއް ދީފައިވާކަން އެނގެން އޮވެއެވެ. އެގޮތުން ކުއްޖާގެ މަންމަ 08 އޮގަސްޓު 2018 ދުވަހު ތަހުޤީޤަށް ދިން ފުރަތަމަ ބަޔާނުގައި ބަޔާންކޮށްފައިވަނީ ކުއްޖާގެ މޭމަތި އަދި ކުރިމަތިފަރާތުގައި ބައްޕަ އަތްލިނަމަވެސް ނުބުނާށޭ ބައްޕަ ބުނިކަމަށް ކުއްޖާ ކިޔައިދިން ކަމަށެވެ. އެފަދަ ތަނެއްގައި ދުވަހަކުވެސް ބައްޕަ އަތްލިތޯ ނުވަތަ އެފަދަ ވާހަކައެއް ދެއްކިތޯ އެހުމުން ކުއްޖާ ބުނެފައިވަނީ އެފަދަ ވާހަކައެއް ބައްޕަ ދުވަހަކުވެސް ނުދައްކާ ކަމަށާއި އެފަދަ ތަނެއްގައި ބައްޕަ އަތްނުލާ ކަމަށެވެ. އަދި ބައްޕަ އަބަދުވެސް އުޅެނީ ޖީބަށް ވަޅިއެއް ލައިގެން ކަމަށް ކުއްޖާ ބުނި ކަމަށެވެ. އޭގެ ފަހުން ކުއްޖާގެ މަންމަ 16 އޮގަސްޓު 2018 ދުވަހު ތަހުޤީޤަށް ދީފައިވާ ދެވަނަ ބަޔާނުގައި ވަނީ ކުއްޖާ ހީސްލާން ދިއުމުން ބައްޕަ އައިސް ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައިގެން ހީސްދޮއްވައި ފެންވަރަން ހެދުން ބާލާށޭ ކިޔައި ކުއްޖާ ހެދުން ބޭލުވި ކަމަށެވެ. އަދި އެއަށްފަހު ކުއްޖާއާމެދު ޖިންސީ އެކި އަމަލުތައް ހިންގާފައިވާކަމަށާއި ކުއްޖާ ލައްވާވެސް އެފަދަ އަމަލުތަކެއް ހިންގުވިކަމަށް ކުއްޖާ ކިޔައިދިން ކަމަށެވެ. އެވާހަކަ މަންމަ ގާތު ނުބުނީ އެއްވެސް މީހެއް ކައިރީ އެވަހާކަ ނުބުނާށޭ ބައްޕަ ބުނެފަ އޮތީމަ ބިރުން ކަމަށެވެ.

ކުއްޖާގެ މަންމަ ފަރާތު މާމަގެ ހެކިބަސް

23.4. ކުއްޖާގެ މަންމަ ފަރާތު މާމަ ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ކުއްޖާގެ މާމަ ބުނެފައިވަނީ ކުއްޖާގެ ބައްޕަގެ ގެއަށް ގޮސް ފާހަނާއަށް ދާން ބުނީމަ، ބައްޕަ ކުއްޖާ ފާހާނައަށް ވައްދާފަ ބައްޕަ ގައިގަ ހުރި އެއްޗެހި ބާލާފަ ބައްޕަ ތިމަންނަ ގަޔަށް އަތްލަނީ ކަމަށާއި ތިމަންނަ އެހެން ހަދާކަށް ނުވާނޭ ބުނީމަވެސް އަތްލަނީ ކަމަށް ކުއްޖާ ކިޔައިދިން ކަމަށެވެ. އަދި ބައްޕަގެ ގައިގަ ހުރި އެއްޗިހިވެސް ބާލާފަ އަތްލާން ބުނިކަމަށާއި ތިމަންނަ ހުރީ ބިރުން ކަމަށް ބުނި ކަމަށެވެ. މީގެ އިތުރުން ކުއްޖާ ބައްޕަގެއަށް ގެންގޮއްސަ އަނބުރާ ގެންނައިރު ހުންނަނީ ބިރުން ހަލާކުވާވަރު ވެފަ ކަމަށެވެ.

23.5. ކުއްޖާގެ މަންމަފަރާތު މާމަ ތަހުޤީޤަށް ދިން ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ މޭމަތި އަދި ކުރިމަތިފަރާތަށް އިޝާރާތްކޮށް އެތަންތަނުގައި ބައްޕަ އަތްލި ނަމަވެސް މަންމަ ގާތުގައި ނުބުނާށޭ ބައްޕަ ބުނި ކަމަށެވެ. އަދި އެހެން ބުނުމަށްފަހު އެއިން ތަނެއްގައި ބައްޕަ އަތްލިތޯ ސުވާލުކުރުމުން ދުވަހަކުވެސް އެފަދަ ތަނެއްގައި ބައްޕަ އަތްނުލާ ކަމަށާއި އެފަދަ ވާހަކައެއް ނުދައްކާ ކަމަށް ކުއްޖާ ބުނި ކަމަށެވެ. އެހެންކަމުން ކުއްޖާގެ މަންމަފަރާތުގެ މާމަ ތަހުޤީޤަށް ދިން ބަޔާނާއި ޝަރީޢަތަށް ދިން ހެކިބަހުގައި ހުރި ތަފްސީލުތަކުގައި ފުށުއެރުން ހުރިކަން ފާހަގަވެއެވެ.

23.6. މި މައްސަލައަށް ބަލާއިރު، ކުއްޖާގެ މަންމަ އާއި ބައްޕަ ވަކިވެފައި ތިބުމާއެކު، ކުއްޖާގެ މަންމަ އާއި މަންމަ ފަރާތުގެ މާމަ ކުއްޖާގެ ބައްޕައާމެދު ނުރުހުންތެރި ވެދާނެ ކަމުގެ އިހުތިމާލު އެބައޮތެވެ. އަދި ހަމަ އެގޮތަށް ކުއްޖާއާމެދު މުޙައްމަދު ނިޔާޒްގެ ފަރާތުން ނުރަނގަޅު ކަންތައްތަކެއް ދިމާވެފައި ހުރިކަމަށް ބަޔާންކޮށް އެކަމާގުޅިގެން މުޙައްމަދު ނިޔާޒްއާމެދު ނުރުހުންތެރިކަން އޮތްކަން އެ ދެފަރާތުގެ ހެކިބަހުގައިވެސް ބުނެފައިވެއެވެ. ދަށު ކޯޓުން ކަނޑައަޅާފައި ވަނީ ކުއްޖާގެ މަންމަ އާއި މަންމަފަރާތު މާމަގެ ހެކިބަހުގައި، ކުއްޖާގެ ކިޔާދިނުމާ ފުށުއަރާ ބޮޑެތި ކަންތައްތަކެއް ހުރުމުން އެ ދެހެކިންގެ ހެކިބަސް މުޅިން އެއްކޮށް އެއްފަރާތް ކުރިނަމަވެސް ކުއްޖާގެ ކިޔައިދިނުމާ ދިމާވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ހެކިބަސް މުޅިން އެއްފަރާތް ކުރަން ނުޖެހޭ ކަމަށެވެ.

ސައިކޮލޮޖިސްޓަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުން

23.7. ދެން އޮތީ މި މައްސަލައިގައި ކުއްޖާ އެންމެ ތަފްސީލީ ގޮތެއްގައި ހާދިސާ ކިޔައިދީފައިވާކަމަށް ފެންނަން އޮތް ސައިކޮލޮޖިކަލް ރިޕޯޓެވެ. މި ރިޕޯޓުގައި ހުރި ތަފްސީލުތަކަށް ބަލާއިރު ތަހުޤީޤުގައި ކުއްޖާ ނުދައްކާ ގިނަ ވާހަކަތަކެއް ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި ފަރާތަށް ކުއްޖާ ކިޔައިދީފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން ބައްޕަ ކުއްޖާ ލައްވާ ޖިންސީ ޢަމަލުތަކެއް ހިންގުވި ކަމާއި، ކުއްޖާއާމެދު އެފަދަ ކަންތައްތަކެއް ކުރި ކަމާއި، ކުއްޖާއަށް ހަޑި ވީޑިއޯ ދައްކާ ކަމަށްވެސް ކުއްޖާ ބުނެފައިވާކަމަށް ތަފްސީލުތަކާއެކު އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން "(އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަތައް ހުރުމުން އުނިކޮށްފައި)" މިފަދައިން ކުއްޖާ ކިޔައިދީފައިވާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. މިއީވެސް ކުއްޖާގެ އަސާސީ ކިޔައިދިނުމެއްގެ ގޮތުގައި ކުއްޖާ ކިޔައިދިން ގޮތަށް ކަމަށް ބަޔާންކޮށް ބަހުން ބަހަށް ލިޔެފައިވާ ތަފްސީލުތަކަށްވާތީ، މިއީ ހަމަ ޙަޤީޤަތުގައިވެސް ކުއްޖާއާމެދު ކަންކުރެވުނުކަމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމެއްތޯ ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ކުއްޖާގެ މާމަ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިއިރު، މި މައްސަލައިގައި ކުއްޖާގެ އަސާސީ ކިޔައިދިނުމެއްގެ ގޮތުގައި ފެންނަން އޮތް ކުއްޖާ ތަހުޤީޤަށް ކިޔައިދިން ކިޔައިދިނުމާ އަޅާ ބަލާއިރު، ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި ސައިކޮލޮޖިސްޓަށް ކިޔައިދީފައިވާ ވާހަކަތަކުގައި ގިނަ ތަފްސީލުތަކެއް ހިމެނެއެވެ.

23.8. ހެކިވަޒަންކުރުމުގައި ދަށު ކޯޓުން ނިންމާފައިވަނީ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތް ހާޟިރުނުކޮށް، އެ ރިޕޯޓަށް ބުރަދަން ދިނުމަށެވެ. އެ ރިޕޯޓު ތައްޔާރުކުރިފަރާތުގެ ބަސް ދަށު ކޯޓުން ނަގާފައި ނުވާ ސަބަބު މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނެތެވެ. ނަމަވެސް މައްސަލައިގެ ބަޔާންތަކަށް ބަލާއިރު، އެފަދައިން ޝަރީޢަތުން ނިންމާފައިވަނީ ދިފާއާއި ދައުލަތުންވެސް އެކަމާމެދު އިއުތިރާޟްކޮށްފައިވަނިކޮށް، އެފަރާތް ހާޟިރުކުރުމަށް ދިގު މުއްދަތެއް ނަގާތީ ކަން އެނގެން އޮވެއެވެ. ޚުލާސާ ބަޔާނުގައިވެސް އެކަމާމެދު ދިފާއުން އިއުތިރާޟް ކޮށްފައިވެއެވެ. އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޟިރުނުކުރި ސަބަބު ދަށު ކޯޓުގެ ބަޔާނުން އެނގެން އޮތް ގޮތަށް ބަލާއިރު، ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވަނީ؛

"ދައުލަތުން މައްސަލައާ ގުޅިގެން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރެއްވި ފަރާތުގެ އެއީ (ނަން ބަޔާންކޮށްފައި) ގެ ހެކިބަސް ނެގުމަށް އަޅުގަނޑުމެން މަސައްކަތްކޮށް އެފަރާތް ހާޟިރުނުވެވޭތީ، އެކަމާ ގުޅޭގޮތުން ދައުލަތުން ނިންމާ ގޮތެއް ސާފުކުރުމަށް ކޯޓުން ދައުލަތުގައި އެދުމުން ދައުލަތުން އެދިފައިއޮތީ އެ ... ރިޕޯޓާމެދު ދިފާއުން، ސުވާލު އުފައްދާފައި ނުވާކަމުގައި ވަނީނަމަ ހެކިވެރިޔާ ހާޟިރުނުކޮށް މައްސަލަ ނިންމައިދިނުމަށް. އަދި ސުވާލު އުފައްދާފައިވާނަމަ ހެކިވެރިޔާ ހާޟިރުކުރުމަށް ނުވަތަ ބަދަލުގައި އެހެން ޚަބީރަކު ހާޟިރުކުރުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް އެދިފައިވަނީ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން އެންމެފަހުން ބޭއްވުނު އަޑުއެހުމުގައި އެރިޕޯޓާގުޅޭގޮތުން ސުވާލު އުފައްދާކަމަށް ދިފާއުން ފާހަގަކޮށްފައިވޭ. އެހެންނަމަވެސް މިހެކިވެރިޔާ ހާޟިރުކުރާކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް އަދި އަވަހަކަށް އެހެކިވެރިޔާ ހާޟިރުކުރެވޭނެކަމަކަށް ނުފެނޭ. އެހެންވީމާ އެކަމަށް އިތުރު ދިގު މުއްދަތުތަކެއް ފާއިތުވެގެން ހިނގައިދާނެކަމަށް ފެންނާތީ ޝަރީޢަތުން އެ ހެކިވެރިޔާގެ ހެކިބަސް ނުނަގާ އެރިޕޯޓުގެ މައްޗަށް ބަލައިގެން މި އަޑުއެހުން ކުރިއަށް ގެންދަން މި މައްސަލަ ކުރިއަށް ގެންދިއުމަށް ޝަރީޢަތުން މި ނިންމާފައިވަނީ އިނގޭތޯ..." މިފަދައިންނެވެ.

މީގެ އިތުރުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 46 ވަނަ ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2018/SC-A/24) ޤަޟިއްޔާގެ 41 ވަނަ ނުކުތާއާ ހަވާލާދީ ބަޔާންކޮށްފައިވަނީ، އެ ރިޕޯޓު ތައްޔާރުކުރިފަރާތް ހާޟިރުނުކުރި ނަމަވެސް އެފަދަ ރިޕޯޓެއް ދޫކުރުމުގެ ހުއްދަ އޮތް ފަރާތަކުން ދޫކުރާ ރިޕޯޓެއް ކަމަށްވާތީ އެއީ ސައްހަ ރިޕޯޓެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.

23.9. މި މައްސަލައިގައި ދަށު ކޯޓުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2018/SC-A/24) ޤަޟިއްޔާގެ 41 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާމެދު ބަޔާންކޮށްފައިވާ ބަޔާންކުރުމެކެވެ. އެއާ ޚިލާފަށް މި މައްސަލައިގައި އޮތީ ކުއްޖާގެ އަސާސީ ކިޔައިދިނުމެއް އޭގައި ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ފަރާތުގެ ހެކިބަސް ދަށު ކޯޓަށް ނަގާފައިނުވުމާ ގުޅޭ ނުކުތާއެކެވެ. އަދި ދައުލަތާއި ދިފާއުންވެސް އެފަރާތުގެ ހެކިބަސް ނެގުމަށް އެދިފައިވަނިކޮށް، އެފަރާތުގެ ހެކިބަސް ނެގުމެއް ނެތި އެ ރިޕޯޓަށް ރިޢާޔަތްކޮށް ބުރަދަންދީފައިވުމެވެ. ކުއްޖާ ތަހުޤީޤަށް ކިޔައިދިން ކިޔައިދިނުމުގައި ހަމައެކަނި ހީސްދޮއްވިއިރު ބައްޕަ ކުއްޖާގެ މޭމަތި އަދި ކުރިމަތިފަރާތުގައި އަތްލިކަމަށް ބުނެފައިވީނަމަވެސް ސައިކޮލޮޖިކަލް އެސެސްމަންޓުގައި ކުއްޖާއާ ޙާވާލާދީ ކުއްޖާ ކިޔައިދިންކަމަށް ބަޔާންކޮށްފައިވާ ޖިންސީގޯނާގެ ވާހަކަތަކެއް ގިނަ ތަފްސީލުތަކާއެކު އެބަހުއްޓެވެ. އެހެންކަމުން މި މައްސަލައިގައި އޮތީ ހަމަ ހަޤީޤަތުގައިވެސް ކުއްޖާއާމެދު ކުއްޖާގެ ބައްޕަ ހިންގި ޖިންސީ ޢަމަލެއްތޯ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދެނެގަތުމުގެ ބޭނުމަށް، ސައިކޮލޮޖިކަލް އެސެސްމަންޓް ހެދިފަރާތަށް ކުއްޖާ ކިޔައިދިން ވާހަކަތައްކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ ހަމަ ޙަޤީޤަތުގައިވެސް ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކެއްތޯއާއި، އެއީ ކޮންގޮތަކުން ހޯދި މައުލޫމާތެއްކަން ދެނެގަތުން މުހިންމުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަށް ރިޢާޔަތްކޮށް ބަލާއިރު، މިހާރު މިބެލޭ މައްސަލައިގެ ވާގިއާ ތަފާތުވެފައިވާތީ، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2018/SC-A/24) ޤަޟިއްޔާގެ 41 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ހާލަތު އެބީދައިން ތަޠުބީޤުކުރެވިދާނެ މައްސަލައެއް ކަމުގައި އަހުރެން ނުދެކެމެވެ.

23.10. ކަންމިހެން އޮތުމުން މި މައްސަލައިގައި ކުއްޖާގެ ކިޔައިދިނުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާގޮތަށް އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ އެކަށީގެންވާގޮތެއްގައި ވަޒަންކުރެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން އަހުރެންނަށް ބުރަވެވެނީ، ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރިފަރާތުގެ ހެކިބަސް ދަށު ކޯޓުގައި ނަގައި، ދިފާއުންވެސް އެ ހެކިވެރިޔާއާ ކުރަން ބޭނުން ސުވާލުތައް ކުރުމުގެ ފުރުޞަތު ދިނުމަށްފަހު، އެ ރިޕޯޓުގައިވާ ވާހަކަތައް ހިމެނޭހެން މި މައްސަލައިގައި ހުރި އެންމެހާ ހެކިތައް އަލުން ވަޒަންކޮށް ދަށު ކޯޓުގައި ކުރެވުނު ދައުވާއާމެދު އަލުން ދަށު ކޯޓުން ގޮތެއް ކަނޑައަޅައިގެން މެނުވީ މި މައްސަލައިގައި އިންސާފަށް ވާސިލުނުވެވޭނެ ކަމަށެވެ.

ނިންމަން ފެންނަގޮތް

24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށް، މި ޤަޟިއްޔާގައި ދީފައިވާ އިރުޝާދާ އެއްގޮތަށް މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ދަށު ކޯޓަށް ތަހުވީލު ކޮށް މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛

25ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު؛

26ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، (ނިންމި ކޯޓާއި ޤަޟިއްޔާ ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި ޤަޟިއްޔާގައި ދީފައިވާ އިރުޝާދާ އެއްގޮތަށް އެ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓަށް ތަޙްވީލްކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު މުޙައްމަދު ނިޔާޒް

ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ސަލީމް

ފުޓްނޯޓު

  1. މި ދައުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
  2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/94 ޤަޟިއްޔާ
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  5. ޤާނޫނު ނަންބަރު 12/2016
  6. ޤާނޫނު ނަންބަރު 12/2016
  7. ޤާނޫނު ނަންބަރު 12/2016
  8. ހައިކޯޓުގެ ނަންބަރު 2019/HC-A/557 ޤަޟިއްޔާ
  9. ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/94 ޤަޟިއްޔާ
  13. ކުއްޖާގެ ކިޔައިދިނުން، ތަހުޤީޤު ރިޕޯޓު، ދައުވާ ފޯމާއި އެފޯމާއެކު ހުށަހެޅުނު ހެކިތައް
  14. ދަށުކޯޓުގައި ކުއްޖާގެ މަންމަ ދީފައިވާ ހެކިބަސް އަދި ތަހުޤީޤު ބަޔާން
  15. ދަށުކޯޓުގައި ކުއްޖާގެ މަންމަފަރާތުގެ މާމަ ދީފައިވާ ހެކިބަސް އަދި ތަހުޤީޤު ބަޔާން
  16. ތަހުޤީޤަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އަދި ކުއްޖާގެ އިޖުތިމާޢީ ހާލަތު ދެނެގަތުމާބެހޭ ރިޕޯޓު
  17. ސައިކޮލޮޖިކަލް ރިޕޯޓު
  18. ތަހުޤީޤަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ
  19. ދަށުކޯޓުގައި ކުއްޖާގެ މަންމަ ދީފައިވާ ހެކިބަސް
  20. ކުއްޖާގެ މަންމަ ތަހުޤީޤަށް ދިން ފުރަތަމަ ބަޔާން
  21. ކުއްޖާގެ މަންމަ ތަހުޤީޤަށް ދިން ދެވަނަ ބަޔާން
  22. ދަށުކޯޓުގައި ކުއްޖާގެ މަންމަފަރާތުގެ މާމަ ދީފައިވާ ހެކިބަސް އަދި ތަހުޤީޤު ބަޔާން
  23. ދަށުކޯޓުގެ ރިޕޯޓުގެ 56 ވަނަ ނުކުތާ
  24. ސައިކޮލޮޖިކަލް ރިޕޯޓު
  25. ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 46 ވަނަ ނުކުތާ
  26. މުޙައްމަދު ނިޔާޒްގެ ފަރާތުން ހުށަހެޅި ޚުލާސާ ބަޔާން
  27. މަހުޟަރު ބީ03 ގެ 11 ގެ ސަފްހާ 205، އަޙްމަދު ވަހީދުގެ ބަޔާން (13 އޮކްޓޫބަރު 2022)
  28. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
  29. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ