ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/119

އަޙްމަދު އިމްތިޔާޒް ޒުކާ (އެޑްރެސް އުނިކޮށްފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2025/SC-L/92)ޙުކުމުގެ ހާލަތު
ހައިކޯޓު · 7 އޮކްޓޫބަރު 2025ދަށު ކޯޓު: ކޯޓުގެ ނަން ސިއްރު ކުރެވިފައިބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކޯޓުގެ ނަން ސިއްރު ކުރެވިފައި
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަށު ކޯޓުން ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކޮށް، ޖަލު ބަންދުގައި ހޭދަކުރި މުއްދަތު އެ އަދަބުން އުނިކުރިއެވެ.
ވާޤިޢާ
އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ދަށު ކޯޓުގައި ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުވާގައި ބުނެފައިވަނީ ކުއްޖާ ނިދާފައި އޮއްވާ އޭނާގެ ގައިގައި އަތްލި ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ދަށު ކޯޓުން ކުއްޖާގެ ހެކިބަސް ވަޒަންކޮށްފައިވޭތޯ، އަދި ޝަރީޢަތުގައި ދިން ހެކިބަހުގައި ތަފްޞީލު މަދުވުމާއި އެހެން ކިޔައިދިނުންތަކާ ފުށުއެރުމެއް ހުރުމުން ކުއްޖާގެ ހެކިބަހަކީ އެތެރެފުށާއި ބޭރުފުށުން އެއްގޮތް ނޫން ހެކިބަހެއް ކަމަށް ބެލެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ 2019/SC-A/77 ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށާއި، ކުއްޖާ ޝަރީޢަތުގައި އެއްވެސް ތަފްޞީލެއް ކިޔައިނުދީ، ތަޙުޤީޤަށާއި އެހެން މީހުންނަށް ކިޔައިދިން ކިޔައިދިނުންތަކާ ފުށުއަރާތީ، ކުއްޖާގެ ކިޔައިދިނުމަކީ އެތެރެފުށާއި ބޭރުފުށުން އެއްގޮތް ކިޔައިދިނުމެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ ކުއްޖާ ތަޙުޤީޤަށް ތަފްޞީލީ ބަޔާނެއް ދީފައިވާ ކަމަށާއި، ދިފާޢުން ދަށު ކޯޓުގައި ކުއްޖާއާ އެއްވެސް ސުވާލެއް ނުކުރާތީ އިސްތިއުނާފީ މަރުޙަލާގައި ތަފްޞީލު މަދުކަމުގެ ނުކުތާ ނެގޭނެ ކަމެއް ނޫން ކަމަށާއި، ފުށުއެރުން ކަމަށް ބުނާ ކަންކަން ކުއްޖާ ޝަރީޢަތުގައި ދިން ހެކިބަހުން ނަފީވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2019/SC-A/77 އަދި 2020/SC-A/94 ޤަޟިއްޔާތަކުގެ ދަށުން، ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލަންވާނީ އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލައިގެން ކަމަށާއި، ތަޙުޤީޤަށާއި އެކި މީހުންނަށް ކުއްޖާ ކިޔައިދިން ކިޔައިދިނުންތަކަކީވެސް ބުރަދަން ދޭންޖެހޭ ހެކި ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. ދިފާޢަށް ފުރުޞަތު ލިބިހުރެ ދަށު ކޯޓުގައި ކުއްޖާއާ ސުވާލުނުކުރާތީ ތަފްޞީލު މަދުކަމުގެ ނުކުތާ އިސްތިއުނާފީ މަރުޙަލާގައި ނުނެގޭނެ ކަމަށާއި، ކުއްޖާގެ ކިޔައިދިނުންތަކުގައި މައިގަނޑު ގޮތެއްގައި ހުރީ އެއް ވާހަކަ ކަމަށާއި އެހެން ހެކިތަކުން އެކަމަށް ބާރުލިބޭ ކަމަށް ފާހަގަކުރިއެވެ. އެހެންކަމުން ދަށު ކޯޓުން ސުޕްރީމް ކޯޓުގެ އުޞޫލަކާ ޚިލާފުވެފައި ނުވާތީ، ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް އިއްތިފާޤުން ކަނޑައެޅުނު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން، އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލަންވާނީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލައިގެންނެވެ.

HN2 ކުއްޖާގެ ކިޔައިދިނުން އެތެރެފުށުން އެއްގޮތް ވުމަކީ (Internal Consistency) ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްޞީލުތައް ހުރުމެވެ. ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ (External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައިގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުމެވެ.

HN3 ހެކިވަޒަންކުރުމުގައި އެ ހެކިބަހެއްގައި އެމީހަކު ރުހޭ ތަންކޮޅުކޮޅުގައި ހިފައި އެ އެކަންކަން އެކަނި ފާހަގަކޮށް މުޅި ހެކިބަސް އެގޮތުގައި އޮތް ކަމަށް ބަލައި ބުރަދަން ނުދެވޭނެއެވެ. ހެކިވަޒަންކުރުމުގައި ހެއްކަށް ބާރުލިބިދޭ އަދި/ނުވަތަ އެ ހެކި ބަލިކަށިކޮށްދޭ އެހެނިހެން ހެކިޤަރީނާތައް ހުރިނަމަ އެ ހެކިޤަރީނާތަކަށްވެސް ރިޢާޔަތްކުރަން ޖެހެއެވެ.

HN4 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ބަލާއިރު، މިފަދަ މައްސަލަތަކާ ގުޅިގެން ކުއްޖާ ތަޙުޤީޤަށާއި، އެކި މީސްމީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުންތަކަކީވެސް ހެކިވަޒަންކުރުމުގައި ބުރަދަން ދޭންޖެހޭ ހެކިތަކެކެވެ.

HN5 ކުއްޖާއާ ސުވާލުކުރުމަށް ޝަރީޢަތަށް ސުވާލު ފޮނުވުމުގެ ފުރުޞަތު ދިފާޢަށް ދަށު ކޯޓުގެ ޝަރީޢަތުން ދީފައިވާއިރު، ކުއްޖާ ދަށު ކޯޓުގެ ޝަރީޢަތުގައި ފާހަގަކުރި ކަންކަމާމެދު ދަށު ކޯޓުގައި ސުވާލު އުފެއްދުމެއްނެތި، އެ މަރުޙަލާގައި ކުއްޖާއާ އެއްވެސް ސުވާލެއް ނުކޮށް، ހައިކޯޓުގައި އެ ނުކުތާ ފާހަގަކުރެވިދާނެކަމަށް ނުދެކެމެވެ. އެހެނީ ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުސަތު ލިބި، ފާހަގަނުކުރާ ކަންކަން އާންމުއުސޫލުން އިސްތިއުނާފީ މަރުހަލާގައި ހުށަނޭޅޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
ފަނޑިޔާރު ޙުސައިން މަޒީދު
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ތާއީދުކުރައްވާފައި)

މައްސަލައިގެ ތަޢާރަފު

1މިއީ، (ކޯޓުގެ ނަމާއި ޤަޟިއްޔާ ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް (އެޑްރެސް އުނިކޮށްފައި) އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

2މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، އެ ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި މައްސަލަ ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.

ދަށު ކޯޓަށް ހުށަހެޅުނު ދައުވާ

3އަޙްމަދު އިމްތިޔާޒް ޒުކާގެ މައްޗަށް ދަށު ކޯޓުގައި ހުށަހެޅުނު ދައުވާ އަކީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާކޮށްފައިވަނީ އަޙްމަދު އިމްތިޔާޒް ޒުކާގެ އާއިލީ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާތީ ކަމަށް ބަޔާންކޮށެވެ. އެގޮތުން ދައުލަތުން ކުރި ދައުވާގެ ތަފްސީލު ތިރީގައި މިވަނީއެވެ.

3.1. މި ދައުވާ ކޮށްފައިވަނީ އަޙްމަދު އިމްތިޔާޒް ޒުކާ 01 ނޮވެންބަރު 2021 ދުވަހުގެ ދަންވަރު 03:00 ހާއިރު (އެޑްރެސް އުނިކޮށްފައި)ގެ ސިޓިންގ ރޫމް ސޯފާގައި މީނާގެ (ކުއްޖާގެ މައުލޫމާތު އުނިކޮށްފައި) ނިދާފައި އޮއްވާ މީނާގެ (ތަފްސީލު އުނިކޮށްފައި) އަތްލާފައިވާތީ ކަމަށް ބަޔާންކޮށެވެ.

ދަށު ކޯޓުގެ ޙުކުމް

4މިމައްސަލައިގައި ދަށުކޯޓުން ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދެންފަހެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ...އަޙްމަދު އިމްތިޔާޒް ޒުކާ ... ގެ މައްޗަށް ދަޢުވާކޮށްފައިވާ، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މިދަޢުވާ މަތީގައި ބަޔާންވެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އަޙްމަދު އިމްތިޔާޒް ޒުކާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، މިމައްސަލަގައި އަޙްމަދު އިމްތިޔާޒް ޒުކާ ޖަލު ބަންދުގައި 01 އަހަރާއި 09 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، މިމުއްދަތު އޭނާގެ ޖަލު އަދަބުން އުނިކޮށް، އަޙްމަދު އިމްތިޔާޒް ޒުކާ ތަންފީޛު ކުރަން ޖެހެނީ 13 އަހަރާއި، 03 މަހާއި 11 ދުވަހުގެ ޖަލު އަދަބެއް ކަމުގައި އަންގައި ޙުކުމްކުރީމެވެ."

އިސްތިއުނާފީ ނުކުތާތައް

5މި މައްސަލައިގައި އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) އިސްތިއުނާފީ ނުކުތާއެވެ.

އެ ނުކުތާ އަކީ: ދަށު ކޯޓުގެ ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 03 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ

6އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/645 ޤަޟިއްޔާއާ ޚިލާފު ކަމަށެވެ. އެގޮތުން ކުއްޖާ އަކީ މުމައްޔަޒު އުމުރުގެ ކުއްޖެއްކަމުގައިވެފައި، އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، އެ ކުއްޖާ ޝަރީޢަތުގައި ޖިންސީ ޢަމަލުގެ އެއްވެސް ތަފްޞީލެއް ކިޔައިދީފައިނުވާކަމަށެވެ. އެހެންކަމުން ތަހުޤީޤު ބަޔާނާއި ކުއްޖާގެ މަންމަ އަދި ބޮޑުދައިތަ އަށް ކިޔައިދިން ކިޔައިދިނުންތަކާވެސް ފުށުއަރާކަމަށެވެ. އަދި ކުއްޖާގެ ބޮޑުދައިތަ ގާތުގައި ކުއްޖާ ބުނެފައިވަނީ ހީވި ހީވުމެއްގެ ގޮތުގައި ކަން ބޮޑު ދައިތަގެ ހެކިބަހަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ކުއްޖާގެ މަންމަ އަށް ކިޔައިދީފައިވަނީ އެފަދަ ޢަމަލެއް އަޙްމަދު އިމްތިޔާޒް ޒުކާ ކުރަން އުޅުނުކަމަށް ކަން ކުއްޖާގެ މަންމަގެ ހެކިބަހުން އެނގޭ ކަމަށެވެ. މިކަންކަން މިހެން ހުރުމުން ކުއްޖާގެ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތް ނޫން ކަމަށެވެ. އެއީ އަދަޔާ ޚިލާފު ތެދު ބަހެއް ނޫން ކަން އެނގޭ ކަމަށެވެ.

7ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގެ ޝަރީޢަތުގައި ކުއްޖާއާ ސުވާލުކުރުމުގެ ފުރުސަތު ދިން ނަމަވެސް، ކުއްޖާއާ ޝަރީޢަތުގައި އެއްވެސް ސުވާލެއް ކޮށްފައިނުވާނެ ކަމަށެވެ.

8އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފު ޙުކުމެއް ކަމަށް ކަނޑައަޅައިދީ، އެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.

ދައުލަތުގެ ޖަވާބު

9ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ކުއްޖާ ތަޙުޤީޤަށް ތަފްސީލީ ބަޔާނެއް ދީފައިވާކަމަށެވެ. އަދި ޝަރީޢަތުގައި ކުއްޖާ ތަފްސީލު ކިޔައިނުދިން ނަމަވެސް އެ ކުއްޖާގެ ގައިގައި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާގެ ނުރުހުމުގައި އަތްލިކަމަށް ބުނެފައިވާކަމަށެވެ. އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ޝަރީޢަތުގައި ކުއްޖާއާ އިތުރަށް އެއްވެސް ސުވާލެއް ކޮށްފައިނުވާއިރު، އިސްތިއުނާފީ މި މަރުހަލާގައި އެ ކުއްޖާގެ ހެކިބަހުގައި ތަފްސީލު ކިޔައިނުދޭކަމަށް ނުބުނެވޭނެ ކަމަށެވެ. ހަމައެހެންމެ ކުއްޖާ ލޯބީގެ ގޮތުން އެހެން ކުއްޖަކާ ގުޅިގެން އުޅޭކަމަށް ބަޔާންކޮށް ކޮންމެ މަޙައްލެއްގައި ކުއްޖާ އެއްގޮތަކަށް ބަޔާންދޭންޖެހޭ ކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

10މީގެ އިތުރުން ކުއްޖާގެ ބޮޑުދައިތަގެ ހެކިބަހުގައި ކުއްޖާ ބުނެފައިވަނީ އެކަމަކީ ހީވި ހީވުމެއްގެ ގޮތުގައި ކަމަށް ވީނަމަވެސް، އޭގެ ފަހުން ކުއްޖާ ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހުގައި ކުއްޖާ ނިދާފައި އޮއްވައި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާގެ ގައިގައި ނުރުހުމުގައި އަތްލި ކަމަށް ބުނެފައިވުމުން އެކަން ނަފީވެގެންދާ ކަމަށެވެ. މިކަން ދަށު ކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަމަށެވެ.

11ހަމައެހެންމެ، ކުއްޖާގެ މަންމަގެ ގާތުގައި ކުއްޖާ ކިޔައިދިން އިރު ތިމަންނައާ ބެހުނީ ކީއްވެގެންހޭ ބުނެފައި އޮތުމުން، އަޙްމަދު އިމްތިޔާޒް ޒުކާ އެފަދަ ޢަމަލެއް ކުރަން އުޅުނީ ނޫން ކަމާއި ކުއްޖާ އާމެދު އަޙްމަދު އިމްތިޔާޒް ޒުކާ އެފަދަ ޢަމަލެއް އެދުވަހު ހިންގާފައިވާކަން އެނގޭ ކަމަށެވެ.

12އެހެންކަމުން ދަށުކޯޓުގެ ޙުކުމް ދަމަހައްޓައިދިނުން އެދޭ ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ހެކިވަޒަންކުރުމުގެ ހަމަ

13HN1ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި ބަލާނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

14HN2އެގޮތުން ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން، އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލާނެ ގޮތް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޖާގެ ކިޔައިދިނުން އެތެރެފުށުން އެއްގޮތް ވުމަކީ (Internal Consistency) ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްޞީލުތައް ހުރުމެވެ. އަދި ކުއްޖާގެ ކިޔައިދިނުން ބޭރުފުށުން އެއްގޮތް ވުމަކީ ކޮބައިކަން ސީދާ އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވި ނަމަވެސް، އެ ސުރުޚީގެ ދަށުން ހުރި ނުކުތާތަކުގައި ހުރީ ކުއްޖާގެ ކިޔައިދިނުމަށް ބާރު ލިބޭ އެހެނިހެން ހެކިބަސްތަކުގެ ސަބަބުންނާއި މައްސަލައިގައި ހުށަހެޅުނު ހެކި ޤަރީނާތަކުގެ ސަބަބުން ކުއްޖާގެ ކިޔައިދިނުން ޤަބޫލުކުރެވުމުގެ މައްޗަށް ކަންކަން ބަޔާންކޮށްފައެވެ. އަދި އެ މައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު މައްސަލައިގައި ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ (External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައިގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.

15ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ދަށު ކޯޓުން ކުއްޖާގެ ބަސް ވަޒަންކޮށްފައިވާކަމަށް އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ފާހަގަކުރެއެވެ.

ޝަރީޢަތުން ރިޢާޔަތްކުރިގޮތް

16މި މައްސަލައިގައި ކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ތެދު ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ބުނެ އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި 2 ކަމެވެ.

16.1 ފުރަތަމަ ކަމަކީ: ކުއްޖާ ތަހްޤީޤަށް ދިން ބަޔާނުގައި ކަންހިނގިގޮތް ކަމަށް ބުނެ ތަފްސީލު ކިޔައިދީފައިވީނަމަވެސް، ޝަރީޢަތުގެ މަޖިލީހަށް ދިން ހެކިބަހުގައި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާގެ ގައިގައި އަތްލިކަމަށް ބުނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ދީފައިނުވާކަމެށެވެ.

16.2 ދެވަނަ ކަމަކީ: ކުއްޖާގެ ބޮޑުދައިތަ އަށް ކިޔައިދިން އިރު އެއީ ހީވި ހީވުމެއް ކަމަށް ބުނެފައިވުމާއި، ކުއްޖާގެ މަންމަ އަށް ކިޔައިދިނުމުގައި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާގެ ގައިގައި އަތްލާން އުޅުނީ ކަމަށް ބުނެފައިވުމުން އެއީ ކުއްޖާގެ ބަހުގައި ހުރި ފުށުއެރުމެއްކަމަށެވެ.

17HN3ހެކިވަޒަންކުރުމުގައި އެ ހެކިބަހެއްގައި އެމީހަކު ރުހޭ ތަންކޮޅުކޮޅުގައި ހިފައި އެ އެކަންކަން އެކަނި ފާހަގަކޮށް މުޅި ހެކިބަސް އެގޮތުގައި އޮތް ކަމަށް ބަލައި ބުރަދަން ނުދެވޭނެއެވެ. ހެކިވަޒަންކުރުމުގައި ހެއްކަށް ބާރުލިބިދޭ އަދި/ނުވަތަ އެ ހެކި ބަލިކަށިކޮށްދޭ އެހެނިހެން ހެކިޤަރީނާތައް ހުރިނަމަ އެ ހެކިޤަރީނާތަކަށްވެސް ރިޢާޔަތްކުރަން ޖެހެއެވެ.

18HN4ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު ފަދަ ޤަޟިއްޔާތަކަށް ބަލާއިރު، މިފަދަ މައްސަލަތަކާ ގުޅިގެން ކުއްޖާ ތަޙުޤީޤަށާއި، އެކި މީސްމީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުންތަކަކީވެސް ހެކިވަޒަންކުރުމުގައި ބުރަދަން ދޭންޖެހޭ ހެކިތަކެއްކަން އެނގެއެވެ.

19މި މައްސަލައިގައި ކުއްޖާ ތަޙްޤީޤު މަރުހަލާގައި ތަފްސީލީ ބަޔާނެއް ދީފައިވާކަން އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުންވެސް ފާހަގަކުރެއެވެ. ކަން ހިނގައިދިޔަގޮތް ކަމަށް ބަޔާންކޮށް ކުއްޖާ ވަނީ ފުލުހުންގެ ތަޙްޤީޤަށާއި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި ފަރާތަށް ތަފްސީލުކޮށް ކިޔައިދީފައެވެ. ކުއްޖާ ތަހުޤީޤަށް ދިން ބަޔާނުގައި ތަފްސީލުތައް ކިޔައިދެމުން (ކުއްޖާ ކިޔައިދިން ތަފްސީލުތައް އުނިކޮށްފައި)" މިފަދައިން ކުއްޖާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެ ހާދިސާގެ ވާހަކަ ދައްތަ އާއި މަންމަ ކައިރީގައިވެސް ބުނިކަމަށް ކުއްޖާ ތަޙުޤީޤުގައި ބުނެފައިވެއެވެ.

20އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ސުވާލު އުފައްދާ ކަމަކީ އެ ބަޔާން އެފަދައިން ދިނުމަށްފަހު މުމައްޔަޒު އުމުރުގެ ކުއްޖެއް ކަމަށް ވީ ނަމަވެސް، ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ތަފްސީލުކޮށް ކަން ހިނގި ގޮތް ކިޔައިދީފައިނުވުމެވެ. ހަމައެކަނި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާގެ ގައިގައި އަތްލިކަމަށް ޝަރީޢަތުގައި ބުނެފައި އޮތުމެވެ.

21HN5ދަށު ކޯޓުގައި ކުއްޖާގެ ހެކިބަސް ނެގުމުގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، ކުއްޖާއާ ސުވާލުކުރުމަށް ޝަރީޢަތަށް ސުވާލު ފޮނުވުމުގެ ފުރުޞަތު ދައުލަތާއި ދިފާއަށް ދަށު ކޯޓުގެ ޝަރީޢަތުން ދިން ނަމަވެސް، ސުވާލުތައް ކޯޓަށް ފޮނުވާފައިވަނީ ދައުލަތުން އެކަނި ކަމާއި، ކުއްޖާއާ ކުރެވުނު ސުވާލުތަކަކީ ދައުލަތުން ހުށަހެޅި ސުވާލުތައް އެކަނި ކަން ކުއްޖާގެ ހެކިބަސް ހިމެނޭ ބަޔާނަށް ބެލުމުން އެނގެއެވެ. ދަށު ކޯޓަށް ކުއްޖާ ދިން ހެކިބަހުގައި "ގައިގަ އަތްލީ ނިދާފައޮއްވާ" މިގޮތަށް ބުނުމަށްފަހު، އެކަން ތަކުރާރުކޮށް ހިނގާތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި "އަނެއްހެން ނުރުހުމުގައި އަތްނުލާ ލޯބިން ބޮލުގަ ފިރުމާހަދާ ފަހުން އެއްރޭ ދަންވަރު އައިސް އެގޮތަށް އަތްލީ... ސިޓިންގރޫމްގަ އޮއްވާ" މިފަދައިން ބުނެފައިވެއެވެ. އަދި އެކަން ހިނގީ ކުއްޖާ ދިރިއުޅެމުންދާ ގޭގައި ކުއްޖާ އެކަނި ގޭގައި އޮއްވާ ކަމަށްވެސް ބުނެފައިވެއެވެ. އެހާދިސާ ހިނގިރޭގެ ދުވަހު (ފަހުދުވަހު) އެވާހަކަ ބައްޕައާ އެއްބަނޑު ދައްތަ ކައިރީގައިވެސް ބުނިކަމަށް ބުނެ ކުއްޖާ ޝަރީޢަތަށް ހެކިބަސްދީފައިވެއެވެ. ޝަރީޢަތުގައި ދިފާއުން ކުއްޖާއާ އެއްވެސް ސުވާލެއް ކުރިމަތިކޮށްފައިނުވެއެވެ. ދަށު ކޯޓަށް އެފަދައިން ސުވާލެއް ހުށަހަޅާފައިނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން ކުއްޖާ ދަށު ކޯޓުގެ ޝަރީޢަތުގައި ފާހަގަކުރި ކަންކަމާމެދު ދަށު ކޯޓުގައި ސުވާލު އުފެއްދުމެއްނެތި، އެ މަރުޙަލާގައި ކުއްޖާއާ އެއްވެސް ސުވާލެއް ނުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އެ ނުކުތާ ފާހަގަކުރެވިދާނެކަމަށް ނުދެކެމެވެ. އެހެނީ ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުސަތު ލިބި، ފާހަގަނުކުރާ ކަންކަން އާންމުއުސޫލުން އިސްތިއުނާފީ މަރުހަލާގައި ހުށަނޭޅޭނެއެވެ.

22ބަހުސްގެ ބޭނުމަށް ކުއްޖާގެ ކިޔައިދިނުމުގައި ފުށުއެރުމެއް ހުރިތޯ ބަލާއިރު، ތަޙްޤީޤަށާއި، ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި ފަރާތަށް ކުއްޖާ ކިޔައިދީފައިވާ ތަފްސީލުތަކާއި ޝަރީޢަތުގައި ކުއްޖާ ދިން ހެކިބަހަށް ބަލާއިރުވެސް ކުއްޖާގެ ކިޔައިދިނުމުގައި މައިގަނޑުގޮތެއްގައި ހުރީ އެއްވާހަކަތަކެކެވެ. ޝަރީޢަތުގައި ދިން ހެކިބަހުގައި ތަފްސީލު މަދު ނަމަވެސް، ކުއްޖާގެ އެހެން ކިޔައިދިނުންތަކާ އެއްވެސް ފުށުއެރުމެއް ނެތެވެ.

23ދެން އޮތީ، ކުއްޖާގެ މަންމަ އަށް ކުއްޖާ ކިޔައިދިނުމުގައި އަޙްމަދު އިމްތިޔާޒް ޒުކާ ކުއްޖާ ގައިގައި އަތްލާން އުޅުނީކަމަށް ކުއްޖާ ބުނެފައި އޮތްކަމަށް ކުއްޖާގެ މަންމަ ދިން ހެކިބަހެވެ. އެ ހެކިބަހުގައި އިތުރަށް ކުއްޖާ ފާހަގަކޮށްފައިވާ ކަންކަންވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްޖާ އާ ބެހުނީ ކީއްވެހޭ ކުއްޖާގެ މަންމަ ގާތު ކުއްޖާ އެދުވަހު ސުވާލުކޮށްފައިވާކަން އެނގެން އެބަ އޮތެވެ. އެހެންކަމުން ކުއްޖާގެ ތަހުޤީޤު ބަޔާނަށާއި ކުއްޖާ ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރު ކުރިފަރާތަށާއި، ޝަރީޢަތަށް ކުއްޖާ ދިން ހެކިބަހަށް ބާރުލިބެއެވެ. ހަމަ އެހެންމެ ކުއްޖާގެ ބޮޑު ދައިތަގެ ހެކިބަހުގައި، ކުއްޖާ ކިޔައިދިން އިރު އެއީ ހީވި ހީވުމެއް ކަމަށް ބުނެފައިވާކަމަށް ހެކިބަސް ދިން ނަމަވެސް، ފުލުހުންގެ ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަން ޝަރީޢަތުގައި ހެކިބަސްދެމުން ކުއްޖާގެ ބޮޑުދައިތަ ފާހަގަކޮށްފައިވެއެވެ. އެ ތަޙްޤީޤް ބަޔާނަށް ބެލިއިރު، ކުއްޖާގެ ކިޔައިދިނުމަށް އިތުރަށް ބާރުލިބިދޭކަން ފާހަގަކުރެވެއެވެ. އެގޮތުން ހާދިސާގެ ވާހަކަ ކުއްޖާ ކިޔައިދިނުމުގެ ކުރިން "ބޮޑުދޮން ކޮންއިރަކުތޯ ގެއިން ދަނީ" މިފަދައިން ކުއްޖާ އެހި ކަމަށާއި، ކިހިނެތްވީތޯ ސުވާލުކުރުމުން "ކިޔައިދީފިއްޔާ ކުޑަދޮން ގެއިން ނެރެލާނެ ދޯއޭ" މިކަހަލަ ވާހަކަތައް ކުއްޖާ ބުނެފައިވާކަމަށް ކުއްޖާގެ ބޮޑުދައިތަ ބުނެފައިވެއެވެ. އަދި ކުއްޖާ ޝަރީޢަތުގެ މަޖިލީހުގައި ތަކުރާރުކޮށް ކުއްޖާގެ ގައިގައި އަޙްމަދު އިމްތިޔާޒް ޒުކާ އަތްލިކަމަށް ބުނެ ހެކިބަސް ދީފައިވެއެވެ. އެހެންކަމުން ކުއްޖާގެ ބޮޑުދައިތަގެ ހެކިބަހުގައި އޮތް "ހީވި ހީވުމުގެ" ބައިވެސް ނަފީވެގެން ދާ ކަމުގައި ދެކެމެވެ.

24މި ހާދިސާއާ ގުޅިގެން އަޙްމަދު އިމްތިޔާޒް ޒުކާ، ކުއްޖާގެ މަންމައަށް މެސެޖުތަކެއް ފޮނުވާފައިވާކަން އެނގެއެވެ. އޭގެ ތެރޭގައި އަންނަނިވި އިބާރާތުން ކޮށްފައިވާ މެސެޖުތައް ހިމެނެއެވެ.؛

"ބޮޑުކަމެއް އަނިޔާއެއް ހިނގާފަ އޮތްނަމަ ރަނގަޅު ޕޮލިސް އަށް ގޮސް މުޅި އާއިލާ ބަދުނާމު ކުރަން. މިކަމަކީ ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭވަރުގެ ކަމެއް ނޫން. މުޅި އާއިލާގެ ހައްގަށްޓަކާ މިއަދު މިކަމުގެ ހައްލެއް އޮތީ ...ގެ އަތްމަތީގަ. ޕލޒ ވިސްނާފަ ކުރާކަމެއް ކުރާތި."

"އަހަރެން މިދުވަސްކޮޅުގެ ކޮންޑިޝަން އެހާ ރަނގަޅު ނޫންކަން އަހަންނަށް އިނގޭ، އަދި އިންސާނަކަށް ކުށެއް ކުރެވިދާނެ ނޭނގިވެސް، އަހަންނަކީ މިޒާޖުގަ އެކަހަލަ ގޯސް މީހެއް ނޫންކަން އަހަރެންގެ އާއިލާއަށް އިނގޭނެ، ކުރާނެ އަދި ނުކުރާނެ ކަންތައް. މާފު ދިނުމަކީ ﷲ އެމީހަކަށް ސަވާބު އިތުރުކުރާ ކަމެއް. ﷲ ގަންދީ ބުނަން އަހަރެންގެ ނިޔަތް ގޯސް ނޫންކަން. ވީ ކަމެއް ވީ. އިހުތިޔާރުގަ އެއްވެސް ގޯސް ކަމެއް ނުކުރާނަން އިންޝާﷲ ދުވަހަކުވެސް"

"މަޖަލަކަށް ކުރާ ކަމެއް ސީރިއަސްކޮށް ދެކެންޔާ ވަރަށް ދެރަ. ދެން އެކަމް ސަމާސާއެއްވެސް ނުކުރާނަން. އައި އެމް ރިއަލީ ސޮރީ."

25އެހެންކަމުން ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތް ނޫންކަމަށް ނުވަތަ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއް ނޫން ކަމަށް ބުނެވިދާނެ ސަބަބެއް މި މައްސަލައިގައި އޮތް ކަމަކަށް އަހުރެންނަށް ނުފެނެއެވެ. އަދި ދަށު ކޯޓުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަކާ ޚިލާފު ވެފައިވާކަމަށް ބުނެވިދާނެ ޖާގައެއް މި މައްސަލައިގައި ނެތެވެ.

26ހަމައެހެންމެ، ދަށު ކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް އަޙްމަދު އިމްތިޔާޒް ޒުކާގެ ފަރާތުން ބުނާ ބުނުން ފިޔަވައި، އެކަން އޮތީ އެގޮތުގައި ކަން މި މައްސަލައިގައި ސާބިތުކޮށް ދެވިފައިނުވެއެވެ.

27މިކަންކަން މިހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.

ނިންމަން ފެންނަގޮތް

28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛

29ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު؛

30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް (ކޯޓުގެ ނަމާއި ޤަޟިއްޔާ ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު މުޙައްމަދު ނިޔާޒް

ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފުޓްނޯޓު

  1. […]
  2. […]
  3. ލިޔުމުގައިވާގޮތަށް ނަކަލުކުރެވިފައި
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/94 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/94 ޤަޟިއްޔާ
  9. ކުއްޖާގެ ތަޙްޤީޤް ބަޔާން އަދި ސައިކޮލިޖިކަލް އެސެސްމަންޓާއި، އެ އެސެސްމަންޓް ތައްޔާރުކުރިފަރާތުން ދަށު ކޯޓަށް ދިން ހެކިބަސް
  10. ކުއްޖާގެ ތަޙްޤީޤް ބަޔާން
  11. ކުއްޖާގެ ތަޙްޤީޤް ބަޔާން
  12. ދަށު ކޯޓުގައި 10 ނޮވެންބަރު 2022 ދުވަހު ފުލުހެއްގެ ހެކިބަސް ނެގި އަޑުއެހުމުގައި، ކުޑަކުދިންނާ ކުރަން ބޭނުން ސުވާލުތައް ކުރިއަށް އޮތް ހަފްތާތެރޭގައި ހުށަހެޅުމަށް ދައުލަތާއި ދިފާއަށް ޝަރީޢަތުން އަންގާފައިވާ ކަމާއި، ސުވާލުތައް ހުށަހަޅާނެ ކަމަށް ޝަރީޢަތުގައި ދިފާއުން ބުނެފައިވާކަން އެނގެއެވެ. (10 ނޮވެންބަރު 2022، މަޙްޟަރު B3/3 ގެ 26) ނަމަވެސް ދަށު ކޯޓުގައި ނެގުނު ކުއްޖާގެ ހެކިބަހުގެ ބަޔާނަށް ބެލުމުން ކޯޓަށް ސުވާލުތައް ހުށަހެޅީ ހަމައެކަނި ދައުލަތުން ކަމާއި، ކުއްޖާއާ ކުރެވުނީ ދައުލަތުން ހުށަހެޅި ސުވާލުތައް އެކަނިކަން އެނގެން އޮވެއެވެ.
  13. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް (2021/SC-A/87)، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ ފާޠިމަތު ޙަލީމް (2022/SC-A/38) އަދި އިތުރު ޤަޟިއްޔާތައް ހިމެނެއެވެ.
  14. ކުއްޖާގެ މަންމަ ދަށު ކޯޓަށް ދިން ބަޔާން
  15. ކުއްޖާގެ ބޮޑުދައިތަ ދަށު ކޯޓަށް ދިން ބަޔާން
  16. ފުލުހުންގެ ތަހުޤީޤް ބަޔާން- ޑޮކިއުމަންޓް 5
  17. ދަށު ކޯޓަށް ހުށަހެޅުނު ބައެއް ޓެކްސްޓް މެސެޖުތައް
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ