އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 42 2022/SC-A/38 ޝަރީޢަތް ނިމުނުގޮތް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 16 އޮކްޓޯބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/06 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ފާޠިމަތު ޙަލީމް، ހ. އަވިހި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-27/91) ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޙަސަން ޞަފްވާން، ބިޝާމް އެންޑް ސިނާޒް އެލް.އެލް.ޕީ ޙުސްނީ މުބާރިކް، އެމިކަސް ކިއުރިއޭ އެލް.އެލް.ޕީ
ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާކަމެއް ހައިކޯޓުގައި ފާހަގަކުރުން، ރެސް ޖުޑިކާޓާ، ނުޙައްޤު މަންފާ، ޤާނޫނާ ޚިލާފަށް ކުރެވިފައިވާ އެއްބަސްވުން
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ދެފަރާތު ދެމެދު ކުރެވުނު މުޢާމަލާތް 2
އެއްބަސްވުމުގެ މުއްދަތު 2
މިހާރު ހުށަހެޅިފައިވާ މައްސަލަ 3
ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާ 4
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް 5
ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައިކޯޓުގައި ފާހަގަކުރުން 7
އިންސާފަށްޓަކައި ރެސް ޖުޑިކާޓާގެ މަބްދައު މި މައްސަލައަށް ތަޠުބީޤު ކުރަންޖެހޭތޯ 10
އެއްބަސްވުމުގެ މުޤާބިލު 14
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 17
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 18
ޙުކުމް 18
` އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް [2023] SC 42 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މި މައްސަލައަކީ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން، "އައިމާ ކޮންސްޓްރަކްޝަން") އާ ހ. އަވިހި، ފާޠިމަތު ޙަލީމް އާ ދެމެދު ވެވުނު އިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން ދެފަރާތު ދެމެދު އުފެދިފައިވާ ޚުޞޫމާތަކާ ގުޅޭ މައްސަލައެކެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާއިން ފާޠުމަތު ޙަލީމް އައިމާ ކޮންސްޓްރަކްޝަންގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ. އެ މައްސަލަ ފާޠިމަތު ޙަލީމްއާ އެއްކޮޅަށް ނިމުމުން، އައިމާ ކޮންސްޓްރަކްޝަނުން އެ މައްސަލަ އިސްތިއުނާފުކުރީ ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާއިންނެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
3. މިއީ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުން ބެލި މައްސަލައެވެ.
ދެފަރާތު ދެމެދު ކުރެވުނު މުޢާމަލާތް
4. އައިމާ ކޮންސްޓްރަކްޝަންއާ ފާޠިމަތު ޙަލީމްއާ ދެމެދު 31 އޮގަސްޓް 2000 ގައި އެއްބަސްވުމެއްވިއެވެ. މި އެއްބަސްވުން ވެވުނީ ހ. އަވިހި އެވެ ކިޔާ ބަންޑާރަ ގޯތީގައި އޭރު ހުރި ޢިމާރާތް ތަޅާލައި ކުރެހުމާ އެއްގޮތަށް ފަސްބުރިއާއެކު ޓެރަސް ކޮމްޕްލީޓް ކުރުމުން ތިރީ 03 (ތިނެއް) ފްލޯރ އައިމާ ކޮންސްޓްރަކްޝަންއަށް ކުއްޔަށް ދިނުމަށެވެ.
5. 31 އޮގަސްޓް 2000 ގައި ވެފައިވާ އެއްބަސްވުމަށް 9 ޖަނަވަރީ 2005 ގައި އިޞްލާޙެއް ގެނެވުނެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ހ. އަވިހި އެވެ ކިޔާ ގޯތި ޢިމާރާތްކުރުމުގެ މަސައްކަތް ކުރެހުމާ އެއްގޮތަށް ފެށުމަށް އައިމާ ކޮންސްޓްރަކްޝަންއަށް ދީފައިވާ ތާރީޚު ބަދަލުކޮށް، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތަކީ، ޢިމާރާތް ހެދުމަށް ހޭދަވާ އެއް އަހަރު ނުހިމަނާ، 16 (ސޯޅަ) އަހަރު ދުވަސްކަމަށް އިޞްލާޙު ގެނެވުނެވެ.
އެއްބަސްވުމުގެ މުއްދަތު
6. އެއްބަސްވުމުގެ މުއްދަތާ މެދު ޚިލާފު އުފެދިގެން 2014 ވަނަ އަހަރުގައި ފާޠިމަތު ޙަލީމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ ޢިމާރާތުގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ތިބި ނަމަ ތިބި ބަޔަކު ނެރެ، އެތަން ހުސްކޮށް، އެ ޢިމާރާތް ފާޠިމަތު ޙަލީމްއާ ޙަވާލުކުރުމަށް އަމުރެއް ނެރެދިނުމަށް އެދި އެވެ.
7. ސިވިލް ކޯޓުން އެ ގަޒިއްޔާގައި ޙުކުމްކުރީ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 24 މާރޗް 2021 ކަމުގައިވާތީ، ފާޠިމަތު ޙަލީމްގެ ފަރާތުން އެދިފައިވާ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
8. ފާޠިމަތު ހަލީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2015/HC-A/242 ގަޒިއްޔާގައި އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 31 ޖުލައި 2015 ކަމަށް ކަނޑައެޅިއެވެ.
9. ހައިކޯޓު ގަޒިއްޔާ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016)1 ގަޒިއްޔާގައި ހައިކޯޓުގެ ޙުކުމަށް ތާއީދުކުރުމާއެކު، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން 31 ޖުލައި 2015 އަށް ނިމިފައިވާތީ، އެ ތާރީޚަށް ފަހު ހ. އަވިހި އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތުގެ ބޭނުންކޮށް އިސްތިޣުލާލް ކުރުމުގެ ޙައްޤު ހ. އަވިހިގެ ވެރިފަރާތްކަމުގައިވާ ފާޠިމަތު ޙަލީމްގެ ރުހުމާއި ނުލައި، އައިމާ ކޮންސްޓްރަކްޝަންއަށް ލިބިގެން ނުވާތީ، އެ ގަޒިއްޔާގައި ޙުކުމްކުރި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެތަނުގައި ތިބި ބަޔަކު ނެރެ ތަން ހުސްކޮށް، ޢިމާރާތް ފާޠިމަތު ޙަލީމްއާ ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމްކުރީ 07 މާރޗް 2017 ގައެވެ.
މިހާރު ހުށަހެޅިފައިވާ މައްސަލަ
10. މި އެއްބަސްވުމުގެ ދަށުން ފާޠިމަތު ޙަލީމްގެ ފަރާތުން މިހާރު ހުށަހަޅައިގެން އުޅޭ މައްސަލައަކީ، ސުޕްރީމް ކޯޓުން ޙުކުމްކުރި ފަހުން، އައިމާ ކޮންސްޓްރަކްޝަނުން ފާޠިމަތު ޙަލީމްއާ ޢިމާރާތް ޙަވާލުކޮށްފައިވަނީ 17 އެޕްރިލް 2017 ގައި ކަމުގައި ވާތީ، 31 ޖުލައި 2015 އިން ފެށިގެން ތަން ޙަވާލުކުރުމާއި ހަމައަށް ހިނގާ ކުއްޔާއި، ކަރަންޓާއި ފެނުގެ ބިލުތަކަށްވާ ފައިސާއާއި، އަދި ތަން މަރާމާތުކުރުމަށް ކޮށްފައިވާ ޚަރަދު ހޯދުމަށް އެދި ހުށަހެޅި މައްސަލައެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާ
11. ސިވިލް ކޯޓުން ޙުކުމްކުރީ އެއްބަސްވުމުގެ މުއްދަތު 2015 ޖުލައި 31 ވަނަ ދުވަހު ހަމަވުމަށްފަހު، އިތުރު 20 (ވިހި) މަސް ދުވަހު ފާޠިމަތު ޙަލީމްއަށް ކުލި ނުދައްކާ އެ 3 (ތިނެއް) ފްލޯރ އައިމާ ކޮންސްޓްރަކްޝަނުން ބޭނުންކޮށްފައިވާތީ، އެ މުއްދަތުގެ ކުލީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 1,600,000/-ރ. (އެއް މިލިއަން ހަލައްކަ ރުފިޔާ) އަކީ އައިމާ ކޮންސްޓްރަކްޝަނުން ފާޠިމަތު ޙަލީމްއަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.
12. އަދި ހ. އަވިހި އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުން އައިމާ ކޮންސްޓްރަކްޝަނުން ބޭނުންކުރި 03 (ތިނެއް) ފްލޯރގެ ކަރަންޓު އަދި ފެން ބިލަށްވާ ފައިސާއަކީ އައިމާ ކޮންސްޓްރަކްޝަންގެ އިޢުތިރާފުން ފާޠިމަތު ޙަލީމްއަށް ލިބިދެވެންޖެހޭ ޢަދަދެއްކަމުން، އެ ޢަދަދަށްވާ 11,257/72ރ. (އެގާރަހާސް ދުއިސައްތާ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ދެ ލާރި) އައިމާ ކޮންސްޓްރަކްޝަނުން ފާޠިމަތު ޙަލީމްއަށް ދައްކަންޖެހޭކަމަށެވެ.
13. ތަން މަރާމާތުކޮށްފައިވަނީ އައިމާ ކޮންސްޓްރަކްޝަނުން ފާޠިމަތު ޙަލީމްއާ ތަން ހަވާލުކުރިއިރު ޢިމާރާތް ހުންނަންޖެހޭ ފެންވަރަށް ޢިމާރާތް ނެތުމުންކަމަށް ފާޠިމަތު ޙަލީމްއަށް ސާބިތުކޮށްދެވިފައިނުވުމުގެ ސަބަބުން، ތަން މަރާމާތުކުރުމަށް ދިޔަ ޚަރަދުގެ ގޮތުގައި އެދިފައިވާ 291,950/-ރ. (ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
14. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެގޮތުން އެ ގަޒިއްޔާއަކީ ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ސިވިލް ކޯޓަށް އަލުން ހުށަނޭޅޭނެ މައްސަލައެއްކަމަށް އައިމާ ކޮންސްޓްރަކްޝަންއިން ބުނި ބުނުމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އެ ނުކުތާއަކީ ސިވިލް ކޯޓުގައި އައިމާ ކޮންސްޓްރަކްޝަނުން ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމުން ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށެވެ.
15. ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން 31 ޖުލައި 2015 ގައި ނިމުމަކަށް އައިސް އޭގެ ފަހުން ޢިމާރާތް ބޭނުންކުރި ކުރުމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ފާޠިމަތު ޙަލީމްއަށް ކުލި ދޭންޖެހުމަކީ ފާޠިމަތު ޙަލީމްއަށް ލިބޭ ޙައްޤު ނޫން މަންފާއެއްކަމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ދެކޭނަމަ، އެއްބަސްވުން 31 ޖުލައި 2015 ގައި ނިމުމަކަށް އައުމަށްފަހު އޭގެ ފަހުން އެއްވެސް ކުއްޔަކާއި ނުލައި އިތުރު 01 (އެކެއް) އަހަރު އައިމާ ކޮންސްޓްރަކްޝަންއަށް ހ. އަވިހިން ހިފާފައިވާ ފްލޯރތައް ލިބިދެވޭނަމަ ހަމަ އޭގެ ނަތީޖާއަކީވެސް އައިމާ ކޮންސްޓްރަކްޝަންއަށް ޙައްޤު ނޫން މަންފާއެއް ލިބުންކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
16. އަދި 31 އޮގަސްޓް 2000 ގައި ވެފައިވާ އެއްބަސްވުމާއި 19 ޖަނަވަރީ 2005 ގައި ވެފައިވާ އެއްބަސްވުމުގެ މާއްދާއެއް ޤާނޫނާ ޚިލާފުވުމުގެ ސަބަބުން، ޤާނޫނާ ޚިލާފުވާ މިންވަރު ބާޠިލުވުމަކީ، އެކަމުގެ ސަބަބުން ޢިމާރާތުގެ ވެރިފަރާތުގެ ރުހުމަކާ ނުލައި، އަދި އެކަށީގެންވާ ބަދަލެއް ދިނުމަކާ ނުލައި، ޢިމާރާތް ބޭނުންކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
17. ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާ ނިންމާފައިވާ ގޮތް ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި 05 (ފަހެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާމެދު ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛
17.1 ސިވިލް ކޯޓުން ކުލި ނަގައިދިނުމަށް ކޮށްފައިވާ ޙުކުމަކީ 'ކަނޑައެޅި ނިޔާގެ ބާރު' ގެއްލޭގޮތަށް، 'ރެސް ޖުޑިކާޓާ' (res judicata) ގެ މަބްދައާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ހައިކޯޓުގައި ފާހަގަކުރުމުން، ހައިކޯޓުން އެކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްނުކޮށް ދޫކޮށްލި ދޫކޮށްލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ2 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
17.2 މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ޝަރުޢީ ނުވަތަ ޤާނޫނީ އަސާސް ތަޠުބީޤުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް3 ގަޒިއްޔާގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށް، އަދި މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައިގެ އެއްވެސް ޚަޞްމަކު ފާހަގަނުކުރާ، އެހެންނަމަވެސް ޤާނޫނީގޮތުން ފާޅުކަންބޮޑު ކަމެއް ފާހަގަކުރެވެން އޮތްނަމަ ދެން ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން، އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ4 މައްސަލައިގައި ފާހަގަކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ،
17.3 ފަނޑިޔާރުންގެ ދައުރަކީ ޢަދުލު އިންސާފު ޤާއިމުކޮށްދިނުންކަމަށްވާ ހިނދު، ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ޚަޠައު (mistake) ގެ ބާވަތްތަކުގެ ތެރެއިން 'ޢާއްމު ޚަތަޢު' (common mistake) ގެ ޝަރުޢީ އަދި ޤާނޫނީ ފަރުވާ (remedy) މި މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަންއަށް ލިބިފައިނުވާކަމަށް ބުނެ ހައިކޯޓުގައި އައިމާ ކޮންސްޓްރަކްޝަނުން އިސްތިއުނާފުކުރި ނުކުތާއަކީ ޤާނޫނީގޮތުން ބަހުސެއް އޮތް ނުކުތާއެއްކަމަށްވާއިރުވެސް، އެ ނުކުތާއަށް ފުރިހަމައަށް ނަޒަރުކޮށްފައިނުވުމުން އިންސާފު ޤާއިމުކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
17.4 ފާޠިމަތު ޙަލީމްއަށް 'ޙައްޤު ނޫން މަންފާ' އެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ އިސްތިއުނާފުކުރި ނުކުތާއާ ގުޅިގެން ހައިކޯޓުން މި މައްސަލައަށް އެ އުޞޫލު ތަޠުބީޤު ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ، އަދި
17.5 'ބާޠިލު' (void) ނުވަތަ 'އުފެދުމުގައިވެސް ބާޠިލު' (void ab ab initio) ކަންކަމުގެ ޤާނޫނީ ނަތީޖާއާމެދު ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއާ ގުޅިގެން ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ބުރަދަނެއް ނުދެވޭފަދަ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައިކޯޓުގައި ފާހަގަކުރުން
18. ސިވިލް ކޯޓުގެ ޙުކުމަކީ 'ކަނޑައެޅި ނިޔާގެ ބާރު' ގެއްލޭގޮތަށް، 'ރެސް ޖުޑިކާޓާ' (res judicata) ގެ މަބްދައާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ހައިކޯޓުގައި ފާހަގަކުރުމުން، ހައިކޯޓުން އެކަމަށް ރިޢާޔަތްނުކޮށް ދޫކޮށްލި ދޫކޮށްލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ5 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފުކަމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
19. އެގޮތުން، ރެސް ޖުޑިކާޓާގެ މަބްދައު ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކަނޑައަޅާފައިވަނީ ރެސް ޖުޑިކާޓާއާބެހޭ ދިފާއެއް ނުވަތަ އެއްވެސް ނުކުތާއެއް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިނުވާތީ، އަލަށް އެ ދިފާއު ހައިކޯޓު މަރުހަލާގައި ނުނެގޭނެކަމަށެވެ.
20. އައިމާ ކޮންސްޓްރަކްޝަން އިން ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންދާ މައްސަލައިގައި ބުނެފައިވަނީ، ސަރީޙަކޮށް "ރެސް ޖުޑިކާޓާ" އެ ލަފްޒު ދަށު ކޯޓުގައި ބޭނުން ނުކުރިނަމަވެސް، އެ ދިފާއުއާ ގުޅޭގޮތުން ސިވިލް ކޯޓުގައި ވާހަކަ ދައްކާފައިވާނެކަމަށެވެ. އަދި މިކަންކަން ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާގެ ދަޢުވާގެ ޖަވާބު ފޯމުގެ 7.1.8 ވަނަ ޕެރެގްރާފްއާއި، 15 ޖުލައި 2018 ގައި އައިމާ ކޮންސްޓްރަކްޝަންއިން ހުށަހެޅި ބަޔާނުގެ 1.8 އަދި 1.14 ވަނަ ޕެރެގްރާފްއާއި އަދި ފަހު ބަޔާނުގެ 9، 20 އަދި 25 ވަނަ ޕެރެގްރާފްއަށް ބެލުމުން އެނގެން އޮންނާނެކަމަށެވެ.
21. ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާގެ ދަޢުވާގެ ޖަވާބު ފޯމުގެ 7.1.8 ވަނަ ޕެރެގްރާފްގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016)6 ގަޒިއްޔާގައި ތަން ހަވާލުކުރާ ދުވަހާ ހަމައަށް އެތަން ބޭނުންކުރި ދުވަސްތަކަށް އައިމާ ކޮންސްޓްރަކްޝަންއިން ފާޠިމަތު ޙަލީމްއަށް ކުލި ދައްކަންޖެހޭކަމަށް ކަނޑައަޅާފައިނުވާކަމަށާއި، ނުވަތަ އެ ކުލި ހޯދުމަށް ފާޠިމަތު ޙަލީމްއަށް އިތުރު ދަޢުވާކުރެވިދާނެކަމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައިދިނުމަށްވެސް ފާޠިމަތު ޙަލީމްގެ ފަރާތުން އެ މައްސަލައިގެ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި އެދިފައިނުވާކަމަށެވެ.
22. ސިވިލް ކޯޓު މަރުހަލާގައި 15 ޖުލައި 2018 ގައި އައިމާ ކޮންސްޓްރަކްޝަނުން ހުށަހެޅި ބަޔާނުގެ 1.8 އަދި 1.14 ވަނަ ޕެރެގްރާފްއާއި އަދި އެ ކުންފުނިން ހުށަހެޅި ފަހު ބަޔާނުގެ 9، 20 އަދި 25 ވަނަ ޕެރެގްރާފްގައި މިވާހަކަތައް ވަނީ ތަކުރާރުކޮށްފައެވެ.
23. ސުވާލަކީ މި ވާހަކަތަކަކީ ދަށު ކޯޓުގައި ރެސް ޖުޑިކާޓާގެ ދިފާއު ނެގުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވިދާނެ ހެއްޔެވެ؟ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ7 ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، ނިޔާ ކަނޑައެޅި ކަމަކާ ގުޅިގެން، އިސްތިއުނާފީ މަރުހަލާގެ ބޭރުން، އެފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވިދާނެ ކަމެއް ނޫންކަމަށް އޮންނަ އޮތުމެވެ.8 ތިލަ ގޮތަކަށް ބުނާނަމަ، ރެސް ޖުޑިކާޓާއަކީ އެއް ކަމަކަށް އެއް ބަޔަކު ދެވަނަ ފަހަރަށް ދަޢުވާކުރުން މަނާކުރާ މަބްދައުއެވެ. ބުނެވިދިޔަ ގަޒިއްޔާގައި ރެސް ޖުޑިކާޓާ ތަޠުބީޤު ކުރެވިދާނެ މައިގަނޑު ތިން ހާލަތެއް ބަޔާންކޮށްފައިވާއިރު، އެ ތިން ހާލަތްވެސް ޖުމްލަ ގޮތެއްގައި ދައުރުވަނީ ތަކުރާރުކޮށް އެއް މައްސަލައެއް އަލުން ހުށަހެޅުން ހުއްޓުވުމުގެ މައްޗަށެވެ.
24. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، އެއްވެސް ފަހަރަކު މިއީ ކުރިން ކޯޓުން ޙުކުމެއް ކޮށްފައިވާ މައްސަލައެއް ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުންކަމަށް ބުނެފައިނުވެއެވެ. އޭގެ ބަދަލުގައި، އައިމާ ކޮންސްޓްރަކްޝަނުން ނެގި މައިގަނޑު ދިފާއަކީ، ކުރިން ސުޕްރީމް ކޯޓުން ޙުކުމްކުރި މައްސަލައިގެ ތެރެއިން ކުލި ހޯދުމުގެ ހައްޤު ފާޠިމަތު ޙަލީމްއަށް ލިބިފައިވާކަމަށް ކަނޑައަޅާފައިނުވާކަމަށް ބުނާ ބުނުމެވެ. ނުވަތަ ކުރިން ހުށަހެޅި މައްސަލައިގައި ކުލި ހޯދުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައިދިނުމަށް ފާޠިމަތު ޙަލީމް ހުށަހަޅާފައިނުވާކަމަށް ބުނާ ބުނުމެވެ.
25. އެންމެ ތަނަވަސް މާނަކުރުމެއް ނެގިކަމުގައިވީނަމަވެސް، އައިމާ ކޮންސްޓްރަކްޝަންއިން ސިވިލް ކޯޓުގައި ދައްކާފައިވާ މި ވާހަކަތަކަކީ ރެސް ޖުޑިކާޓާގެ ދިފާއު އެ ކުންފުނިން ސިވިލް ކޯޓުގައި ބޭނުންކުރިކަމަށް ބެލެވިދާނެ ކަމެއްކަމަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ވަކި ގަޒިއްޔާއެއްގައި ގޮތެއް ކަނޑައަޅާފައި ނުވުމަކީ، ނުވަތަ ގޮތެއް ކަނޑައަޅައިދިނުމަށް ޚަސްމަކު އެދިފައިނުވުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ރެސް ޖުޑިކާޓާގެ ދިފާއު ނަގައިފައިވާކަމަށް ބެލެވިދާނެ ހުއްޖަތެއް ނޫނެވެ.
26. ވުމާއެކު، ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާގައި އައިމާ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓުގައި އެއްވެސް ވަރަކަށް ނުނަގާ ދިފާއެއް ހައިކޯޓުގައި އަލަށް ނުނެގޭނެކަމަށް ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އަހުރެން ދެކެމެވެ.
އިންސާފަށްޓަކައި ރެސް ޖުޑިކާޓާގެ މަބްދައު މި މައްސަލައަށް ތަޠުބީޤު ކުރަންޖެހޭތޯ
27. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި، ޤާނޫނީ ގޮތުން ފާޅުކަން ބޮޑުކަމެއް ފާހަގަކުރެވެން އޮތްނަމަ އެކަމަކަށް ޝަރީޢަތުން ރިޢާޔަތްކުރެވިދާނެކަމަށް ބުނެ ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް9 ގަޒިއްޔާއާއި އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ10 ގަޒިއްޔާ މިސާލެއްގެ ގޮތުގައި ނަގާފައިވެއެވެ. އަދި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް11 ގަޒިއްޔާގައި ޝަރުޢީ އަސާސްތަކާއި ކޭސް ލޯއަށް ފަނޑިޔާރުން ހަވާލާދިނުމަކީ މައްސަލައިގެ ދެ ޚަސްމުން ފާހަގަނުކުރާ، އެ ފަރާތްތަކުގެ ބަހެއް ހޯދުމަކާ ނުލައި އައު ކަމަކަށް ރިއާޔަތްކުރުންކަމަށް ނުބެލެވޭނެކަމަށް ބަޔާންކޮށް އޮތް އޮތުމުގެ މައްޗަށް ހަވާލާދީ، އައިމާ ކޮންސްޓްރަކްޝަނުން ބުނެފައިވަނީ މި މައްސަލައިގައި ހައިކޯޓުންވެސް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރުމަށް ހުރަހެއް ނެތްކަމަށެވެ.
28. މި މައްސަލައިގައި ފާޅުކަން ބޮޑު ގޮތަކަށް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރަންޖެހޭ ފަދަ ހާލަތެއް އޮތްތޯ ބަލާއިރު، ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 1900/Cv-C/2014 ގަޒިއްޔާގެ ދަޢުވާއަކީ ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަނާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ބުނެ، ހ. އަވިހި އެވެ ކިޔާ ގޯތިން އައިމާ ކޮންސްޓްރަކްޝަން ކުއްޔަށް ހިފި ފްލޯރތަކުން އެ ކުންފުނީގެ މީހުން ނެރެދީ، ތަން ހުސްކޮށް، އެ ޢިމާރާތް ފާޠިމަތު ޙަލީމްއާ ހަވާލުކޮށްދިނުމަށް އެދި ފާޠިމަތު ޙަލީމްކުރި ދަޢުވާއެކެވެ. އެ ދަޢުވާކުރި ތާރީޚަކީ 14 ސެޕްޓެމްބަރު 2014 އެވެ.
29. އެ މައްސަލަ ޝަރުޢީ ކޯޓުތަކުގެ ތިން މަރުހަލާ ކަޑައްތުކޮށް، މައްސަލައިގައި ނިހާއީ ނިންމުމެއް އައިސްފައިވަނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ޙުކުމްކުރި ދުވަސްކަމުގައިވާ 7 މާރޗް 2017 ގައެވެ.12 ސުޕްރީމް ކޯޓުން ކަނޑައެޅީ ފާޠިމަތު ޙަލީމްއާއި އައިމާ ކޮސްޓްރަކްޝަނާ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ 31 ޖުލައި 2015 ގައި ކަމަށެވެ.
30. 7 މާރޗް 2017 ގައި ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އައިމާ ކޮންސްޓްރަކްޝުން ތަން ހުސްކޮށްފައިވަނީ 17 އޭޕްރިލް 2017 ގައެވެ. ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ގަޒިއްޔާއާއި އެ މައްސަލަ ބެލި ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގެ ދަޢުވާގެ މައިގަނޑު އަސާސް ބިނާވީ ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަނާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ފާޠިމަތު ޙަލީމް ބުނާ ބުނުމުގެ މައްޗަށާއި، ތަން ހުސްކޮށްދިނުމަށް އެދިފައި އޮތް އޮތުމުގެ މައްޗަށެވެ.
31. ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016) ގަޒިއްޔާގައި މި ދެފަރާތު ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ތާރީޚުކަމަށް ކަނޑައަޅާފައިވަނީ އެ ގަޒިއްޔާގައި މުއްދަތު ހަމަވެފައިވާކަމަށް ފާޠިމަތު ޙަލީމް ބުނާ ތާރީޚުކަމުގައިވާ 31 ޖުލައި 2014 އަށް ވުރެ އެއް އަހަރު ފަހުގެ ތާރީޚެކެވެ. އަނެއްކޮޅުން، އެ ގަޒިއްޔާގެ ޝަރީޢަތްތަކުގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމަށް ބަލަންޖެހޭނީ 31 ޖަނަވަރީ 2023 ކަމުގައެވެ. އެއްބަސްވުމުގެ މުއްދަތު ގުނާނެ ގޮތާމެދު ސުވާލު އުފެދުނީ ދެ ފަރާތު ދެމެދު ދެ ތާރީޚެއްގައި އެކި ކަންކަމަށް އެއްބަސްވެ ދެ ލިޔުމެއްގައި ސޮއިކޮށްފައިވާތީއެވެ. އެއިގެ ތަފްސީލަކީ މިހާރު ބަލަމުންދާ މައްސަލައިގެ ބޭނުމަށް މުހިންމު ކަންކަން ކަމުގައިނުވާތީ، އެ ތަފްސީލު މި ރިޕޯޓުގައި ހިމަނާފައި ނުވާނެއެވެ.
32. ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016) ގަޒިއްޔާގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ތާރީޚަކީ އެ މައްސަލަ ފާޠިމަތު ޙަލީމްގެ ފަރާތުން ސިވިލް ކޯޓަށްވެސް ވެއްދުމުގެ މާފަހުގެ ތާރީޚެއް ކަމުގައިވާއިރު، އެ ނިންމުމަމަށް ބިނާކޮށް މިހާރު ހުށަހެޅިފައިމިވާ މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާގައި ފާޠިމަތު ޙަލީމް ދަޢުވާކޮށްފައިވަނީ 31 ޖުލައި 2015 އިން ފެށިގެން އިތުރު 20 (ވިހި) މަސް ދުވަހު އައިމާ ކޮންސްޓްރަކްޝަނުން ތަން ބޭނުންކޮށްފައިވާތީ، އެ ތަނަށްވާ ކުލި ހޯދުމަށެވެ.
33. ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާގައި ފާޠިމަތު ޙަލީމް ދަޢުވާކުރީ ހަމައެކަނި އިތުރުވި 20 (ވިހި) މަސް ދުވަހުގެ ކުލި ހޯދާކަށެއްނޫނެވެ. އައިމާ ކޮންސްޓްރަކްޝަނުން ތަން ފާޠިމަތު ޙަލީމްއާ ހަވާލުކުރިއިރު، ތަނަށް ލިބިފައިވާ ގެއްލުން މަރާމާތުކުރުމުގެ އިތުރުން ތަނަށް ނުދައްކާހުރި ކަރަންޓާއި ފެން ބިލަށްވާ ފައިސާވެސް ހޯދުމަށް ދަޢުވާ ކޮށްފައިވެއެވެ.
34. މި އެންމެހައި ކަންކަމަކީ ރެސް ޖުޑިކާޓާގެ މަބްދަޢުގެ ދަށުން އެއް ކަމެއްގައި ދެވަނަ ފަހަރަށް ދަޢުވާކުރުން ކަމާއި، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތް ނުކުރުން ވާނީ ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ޢައިބަކަށް ވާގިދިނުންކަން އައިމާ ކޮންސްޓްރަކްޝަނަށް ބުނެދެވިފައިނުވެއެވެ.
35. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން ހަވާލުކުރާ ތާރީޚާ ހަމައަށް ކުލި ހޯދުމަށް ފުރަތަމަ ގަޒިއްޔާގެ ތެރެއިން ފާޠިމަތު ޙަލީމް އެދިފައި ނެތުމަކީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރެވިދާނެފަދަ ހާލަތެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ކުރިން ހުށަހެޅި މައްސަލައިގައި އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅުމުގެ ފުރުސަތު އޮތް ނުކުތާއެއް އޮތުމަކީ ކޯސް އޮފް އެކްޝަން އެސްޓޮޕަލްގެ އުންސުރުތަކުގެ ތެރޭގައި ފުރިހަމަވާން ޖެހޭ ކަންކަމުގެ ތެރެއިން އެންމެ ކަމެކެވެ.13
36. ކޯސް އޮފް އެކްޝަން އެސްޓޮޕަލްގެ ދަށުންވެސް ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި އެންމެ މައިގަނޑު އެއް ކަމަކީ ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައިގައި ފަރަޤެއް ނެތުމެވެ.
37. ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016) ގަޒިއްޔާގައި ބެލީ ދެފަރާތު ދެމެދުވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވޭތޯ އާއި ތަން ހުސްކޮށް ފާޠިމަތު ޙަލީމްއަށް ތަން ހަވާލުކުރުމާ ގުޅޭ މައްސަލަ ކަމުގައިވާއިރު، މިހާރު ބަލަމުން މިދާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަށްފަހު ތަން ހުސްކޮށް ޙަވާލުކުރުމުން، ކުރީ ނިންމުމުގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ކަނޑައެޅި ތާރީޚުން ފެށިގެން ތަން ހުސްކުރި ތާރީޚުގެ ނިޔަލަށް ހިނގާ ކުއްޔާއި ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެވެ.
38. ވުމާއެކު، ހައިކޯޓުން ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރަންޖެހޭ ފަދަ ފާޅުކަން ބޮޑު ސަބަބެއް އޮތްކަމަށް އައިމާ ކޮންސްޓްރަކްޝަނުން ބުނިނަމަވެސް، އެފަދަ ހާލަތެއް އައިމާ ކޮންސްޓްރަކްޝަނަށް ދެއްކިފައިނުވެއެވެ.
އެއްބަސްވުމުގެ މުޤާބިލު
39. އައިމާ ކޮންސްޓްރަކްޝަނުން ހުށަހެޅި ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ އިސްތިއުނާފީ ނުކުތާތަކުގައިވެސް ހުށަހަޅާ ބަހުސް ބިނާވަނީ އެއް މައުލޫއެއްގެ މައްޗަށެވެ. ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމުގެ މުއްދަތަކީ ޖުމްލަ 16 އަހަރު ދުވަސް ކަމުގައިވާއިރު14 ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016) ގަޒިއްޔާގައި އެ 16 އަހަރުގެ މުއްދަތަށް ދެފަރާތުން އެއްބަސްވެފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ15 27 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ މުއްދަތުން 15 އަހަރަށްވުރެ އިތުރުވާ އެއް އަހަރަކީ ބާޠިލު މުއްދަތެއް ކަމަށް ކަނޑައަޅާފައިވެއެވެ. އައިމާ ކޮންސްޓްރަކްޝަންގެ މައިގަނޑި ޝަކުވާއަކީ، އިތުރުވާ އެއް އަހަރަކީ ދެފަރާތުން އެންމެ ފުރަތަމަ އެއްބަސްވުމެއް ވިއިރު، އެ އެއްބަސްވުމުގެ މުޤާބިލުގެ ތެރޭގައި ހިމެނޭ އަހަރެއް ކަމުން، އެ އެއް އަހަރަށް މުޤާބިލުން ޖެހޭ މިންވަރު އައިމާ ކޮންސްޓްރަކްޝަނަށް އަނބުރާ ދިނުމެއްނެތި، އައިމާ ކޮންސްޓްރަކްޝަންގެ ކިބައިން އެ މުއްދަތަށްވާ ކުލި ނަގައިދިނުމަކީ ބޭއިންސާފުކަމެއް ކަމަށްވުމެވެ. އަދި މިއީ ފާޠިމަތު ޙަލީމްއަށް ލިބޭ ނުޙައްޤު މަންފާއެއްކަމަށް އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެފައިވެއެވެ.
40. ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލަކީ އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވެސް ބުނާ އާންމު އުޞޫލަކީ ކޮންޓްރެކްޓެއްގެ ބައިވެރިއަކު، ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޚިލާފުވި ފަރާތަކުން އަނެއް ފަރާތަށް ގެއްލުމުގެ ބަދަލު ދިނުމެވެ. ނަމަވެސް، ކޮންޓްރެކްޓަކީ ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފަށް ކުރެވިފައިވާ ކޮންޓްރެކްޓެއްނަމަ އޭގެ ނަތީޖާ ތަފާތުވެއެވެ. ޤާނޫނާ ޚިލާފަށް ކުރެވިފައިވާ ކޮންޓްރެކްޓެއްގެ ނަތީޖާއަކީ މުޅި ކޮންޓްރެކްޓް ނުވަތަ އެ ކޮންޓްރެކްޓުން ޤާނޫނާ ޚިލާފުވާ މިންވަރު ބާޠިލުވުމެވެ. ބާޠިލު ކޮންޓްރެކްޓަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާއެއް ނުކުރެވޭނެއެވެ.
41. އެހެންނަމަވެސް، މިފަދަ ހާލަތެއްގައިވެސް ކޮންޓްރެކްޓެއްގެ އެއް ފަރާތުން ކޮށްފައިވާ ޚަރަދެއްގެ ސަބަބުން އެ ފަރާތުގެ ހެވަތުގައި ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭނަމަ، ފަރުވާއެއްގެ ގޮތުން ރެސްޓިޓިޔުޝަން ނުވަތަ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަށް، ޚަރަދުކުރި ފަރާތަށް ހުށަހެޅިދާނެއެވެ.16
42. ހުށަހެޅިފައިމިވާ މައްސަލައިގައި ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމުގެ ދަށުން އައިމާ ކޮންސްޓްރަކްޝަނުގެ އަމިއްލަ ޚަރަދުގައި ހ. އަވިހި ޢިމާރާތް ކުރުމުން މުޤާބިލުގެ ގޮތުގައި 16 އަހަރު ދުވަހުގެ މުއްދަތަށް ކުލި ދެއްކުމަކާ ނުލައި ޢިމާރާތުގެ ތިން ފްލޯރ އައިމާ ކޮންސްޓްރަކްޝަންގެ ބޭނުމަށް ދިނުމަށް ހަމަޖެހިފައިވާކަން އެނގެއެވެ. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި 16 ވަނަ އަހަރަށް އެ ކުންފުނިން ފާޠިމަތު ޙަލީމްއަށް ކުލި ދެއްކުންވާނީ ނުޙައްޤު މުއްސަނދިކަމެއް ކަމަށް ބުނާއިރު، އެކަން ނުޙައްޤު މުއްސަނދިކަމަކަށް ވާގޮތް މި މައްސަލައިގެ ޝަރުޢީ އެއްވެސް މަރުހަލާއެއްގައި އައިމާ ކޮންސްޓްރަކްޝަނަށް ބުނެދެވިފައިނުވެއެވެ.
43. ސުޕްރީމް ކޯޓުގައި އައިމާ ކޮންސްޓްރަކްޝަންއާ މި ސުވާލުކުރުމުން، އެ ކުންފުނިން ކޮށްފައިވާ ޚަރަދުތަކުގެ ވާހަކަ ދައްކާފައިވެއެވެ. އަދި ހ. އަވިހި އިމާރާތް ކުރަމުން ދިޔައިރު ފާޠިމަތު ހަލީމް އުޅުނު ތަނަށްވެސް ޚަރަދުތަކެއް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ތަފްސީލުތަކަކީ ދަށު އެއްވެސް މަރުހަލާއެއްގައި ހުށަހެޅުނު ތަފްސީލުކަމުގައި ނުވުމުގެ އިތުރުން، އައިމާ ކޮންސްޓްރަކްޝަނުން ކުރި ޚަރަދުތަކުގެ ތެރެއިން އަނބުރާ ލިބުނު އަދަދު ކަނޑައި، 16 ވަނަ އަހަރުގެ މުޤާބިލަކީ ކޮބައިކަން އެ ކުންފުންޏަށް ސާފުކޮށް ބުނެދެވިފައިނުވެއެވެ.
44. ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކުގައި ދެފަރާތުން އެއްބަސްވާ މުއްދަތަކީ ހަމައެކަނި ތަން ޢިމާރާތްކުރި ފަރާތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ކަނޑައަޅާފައިވާ މުއްދަތަކަށްވުން މުސްތަހީލެވެ. އެހެނީ ކޮންމެ ވިޔަފާރިއެއްގެވެސް މައިގަނޑު އެއް އަމާޒަކީ ސާފު ފައިދާ ހޯދުން ކަމުގައިވާއިރު، މި މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަންއާއި ފާޠިމަތު ޙަލީމްއާ ދެމެދުވި އެއްބަސްވުމަކީ އައިމާ ކޮންސްޓްރަކްޝަނަށް އެއްވެސް ފައިދާއެއް ނުވާގޮތަށް، ހަމައެކަނި އެ ކުންފުނިން ކުރި ޚަރަދު ފޫބެއްދުމަށްޓަކައި ކަނޑައަޅާފައިވާ މުއްދަތެއްކަމުގައި ބަލަންޖެހޭ އެއްވެސް ސަބަބެއްނެތެވެ. އަދި އެނޫންގޮތަކަށް އައިމާ ކޮންސްޓަރަކްޝަނުން މި މައްސަލައިގެ ވާގިއާއެއް ޝަރުޢީ އެއްވެސް މަރުހަލާއެއްގައި ސާބިތުކޮށްދިނުމަށްވެސް މަސައްކަތްކޮށްފައިނުވެއެވެ.
45. މިވަގުތު ކޯޓުގެ ކުރިމަތީގައި އޮތީ 16 ވަނަ އަހަރަށް ކުލި ނަގައިދިނުމަކީ ފާޠިމަތު ޙަލީމްއަށް ލިބިދެވޭ ނުޙައްޤު މުއްސަނދިކަމެއްކަމަށް ހަމައެކަނި އައިމާ ކޮންސްޓްރަކްޝަނުން ބުނާ ބުނުމެވެ. އައިމާ ކޮންސްޓްރަކްޝަނުން ކުރި ޚަރަދާއި، ޢަދަދުގެ ގޮތުން ނުޙައްޤު މުއްސަނދިކަން ފާޠިމަތު ޙަލީމްއަށް ޖެހޭ މިންވަރު ފަދަ އެއްވެސް ތަފްސީލަކާ ގުޅިގެން ދަށު އެއްވެސް މަރުހާލައެއްގައި ވާހަކަ ދައްކާފައިނުވެއެވެ.
46. މީގެ އިތުރުން އައިމާ ކޮންސްޓްރަކްޝަނުން ފާޠިމަތު ޙަލީމްއަށް ކުލި ނުދައްކަންޖެހޭ ހުއްޖަތެއްގެ ގޮތުގައި ޢާއްމު ޚަތަޢު (common mistake) ގެ ޝަރުޢީ އަދި ޤާނޫނީ ފަރުވާ (remedy) ކަމުގައިވާ ކުރިން ހުރި ހާލަތަށް ދެފަރާތް ގެންގޮސްދިނުމަކާ ނުލައި، އައިމާ ކޮންސްޓްރަކްޝަންގެ ކިބައިން ކުލި ނުނެގޭނެކަމަށް ބުނެފައިވެއެވެ. އައިމާ ކޮންސްޓްރަކްޝަނުން ހުށަހަޅާ މި ނުކުތާ ބިނާވަނީ އެއްބަސްވުމުގެ ދަށުންވާ މުޤާބިލު ފާޠިމަތު ޙަލީމްއަށް އެއްކޮށް ބަދަލުވެފައިވާއިރު، އެ މުޤާބިލު އަނބުރާ އައިމާ ކޮންސްޓްރަކްޝަނަށް ދިނުމަކާ ނުލައި، އެ ކުންފުނިން ފާޠިމަތު ޙަލީމްއަށް އިތުރުވާ 1 އަހަރަށް (16 ވަނަ އަހަރަށް) ކުލި ދައްކަން ނުޖެހޭނެކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
47. ދެފަރާތު ދެމެދުވެފައިވާ އެއްބަސްވުމުގެ މުއްދަތަކީ 15 އަހަރު ކަމަށް ކުރިން ބެލި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާއިރު، 16 ވަނަ އަހަރަކީ ޤާނޫނާ ޚިލާފަށް އެއްބަސްވެފައިވާ އަހަރެއްކަމަށް ކަނޑައަޅާފައިވެއެވެ. 16 ވަނަ އަހަރަށް މުޤާބިލެއް ބަދަލުވެފައިވާނަމަ، އެކަމެއް ސާބިތުކޮށްދިނުމުގެ ބުރަ އޮތީ އައިމާ ކޮންސްޓްރަކްޝަނަށެވެ. އެހެން ގޮތަކަށް ބުނާނަމަ، މި މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަނުގެ އަމިއްލަ ޚަރަދުގައި ހ. އަވިހި އެވެ ކިޔާ ގޯތީގައި ޢިމާރާތް ކޮށްފައިވާއިރު، 16 ވަނަ އަހަރަށްވާ މުޤާބިލުގެ އަގު (value) އަކީ ކޮބައިކަން އައިމާ ކޮންސްޓްރަކްޝަނުން ބުނެދޭންޖެހެއެވެ.
48. އަދި ބާޠިލު އެއްބަސްވުމެއްގެ ދަށުން ޢަމަލުކޮށް ނިމިފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤެއްވެސް ފާޠިމަތު ޙަލީމްއަށް ލިބިފައިނުވާކަމަށް އައިމާ ކޮންސްޓްރަކްޝަނުން ބުނާއިރު، މިހާރު ހުށަހެޅިފައި މިވާ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ފާޠިމަތު ޙަލީމް އެދިފައިވަނީ ދެފަރާތު ދެމެދުވި އެއްބަސްވުމުގެ ދަށުން ނޫންކަން ފާހަގަކުރަމެވެ.
49. ވުމާއެކު ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާއަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އައިމާ ކޮންސްޓްރަކްޝަނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހެޅިފައިވާކަމަށް އަހުރެންނަށް ޤަބޫލު ނުކުރެވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
50. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
51. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/06 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 2016/SC-A/22
2 ޤާނޫނު ނަންބަރު 22/2010
3 [2021] SC 111
4 [2021] SC 98
5 ފުޓްނޯޓު ނަންބަރު 2
6 ފުޓްނޯޓު ނަންބަރު 1
7 2016/SC-A/25
8 އބމ، ޕެރެގްރާފް 12
9 [2021] SC 94
10 [2021] SC 98
11 [2021] SC 111
12 ފުޓްނޯޓު ނަންބަރު 1 ގައިވާ ގަޒިއްޔާ
13 ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ފުޓްނޯޓު ނަންބަރު 7) ގެ 13.2 ވަނަ ޕެރެގްރާފް
14 މި މައްސަލައާ ގުޅިގެން މީގެ ކުރިން ސުޕްރީމް ކޯޓުން ބެލި ގަޒިއްޔާގައި މި 16 އަހަރުގެ މުއްދަތު ގުނަންފެށޭ ތާރީޚާމެދު ގޮތް ކަނޑައަޅާފައިވެއެވެ.
15 ޤާނޫނު ނަންބަރު 1/2002
16 މުޙައްމަދު ޔޫސުފް ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް [2021] SC 39، ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް [2022] SC 56، މުޙައްމަދު ޔާސިރު ވ. އިބްރާހީމް ޙަސަން [2021] SC 02
2022/SC-A/38 [2023] SC 42
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.