ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/562 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. މި އިސްތިއުނާފު ރައްދުވަނީ ޚުޒައިމަތު ނަޢީމް އަށެވެ.
މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގައިވާ ގޮތަށް މަސްތުވާތަކެތީގެ ބަރުދަން ބަލާނީ ކިހިނަކުންތޯ މި ސުވާލެވެ. މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން މި އިސްތިއުނާފީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކުރުގޮތަކަށް ބަޔާން ކުރާނަމެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މި މައްސަލައިގައި ދައުލަތުން ޚުޒައިމަތު ނަޢީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ 2016 އޮކްޓޯބަރ 10 ވަނަ ދުވަހު 22:46 އެހައިކަށްހައިއިރު ކެނެރީމަގުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ޚަބަރު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ޚުޒައިމަތު ނަޢީމް މަސްތުގެ ހާލަތުގައި ހުއްޓާ ފެނިގެން ޚުޒައިމަތު ނަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޚުޒައިމަތު ނަޢީމްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، ޚުޒައިމަތު ނަޢީމް ލައިގެން ހުރި ޖަނގިޔާގެ ތެރެއިން މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާތީއެވެ.
މި ފެނުނު ދަޅުގައި ހުރި މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބަލާއިރު، އެ ދަޅުގައި ހުރި މަސްތުވާތަކެތީގައި ޖުމުލަ 17.2872 ގްރާމް ހުއްޓެވެ. މި މަސްތުވާތަކެތީގައި އެކުލެވިގެންވަނީ 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 1.0554 ގްރާމް ކެނެބިނޯލްއެވެ. ދައުލަތުން ޚުޒައިމަތު ނަޢީމްގެ މައްޗަށް އުފުލި ދަޢުވާ ފަރުމާ ކުރުމުގައި ބުރަވެފައިވަނީ މި ހާދިސާގައި ފެނުނު ދަޅުގައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަށެވެ.
ޚުޒައިމަތު ނަޢީމްގެ މައްޗަށް އުފުލުނު ދަޢުވާއަށް އޭނާ އިންކާރު ކޮށްފައިވެއެވެ. އަދި އިންކާރު ކުރާ ސަބަބު ތަފުސީލު ކުރަމުން އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، އޭނާ އަތުން ފެނުނު ތަކެއްޗަކީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށާއި، ނަމަވެސް އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްޓަކައި ގެންގުޅުނު އެއްޗެއްކަމުގައި ނުވާތީ ޓްރެފިކް ކުރުމުގެ ދަޢުވާއަށް އިންކާރު ކުރާކަމަށާއި، އަދި ފެނުނު ތަކެތީގެ ޖުމުލަ ބަރުދަން ކަމުގައި ދައުލަތުން ބުނާ އަދަދަށް އޭނާ އިންކާރު ކުރާ ކަމުގައި ބުނެފައިވެއެވެ.
ފެނުނު މަސްތުވާތަކެތީގެ ބަރުދަނަށް ޚުޒައިމަތު ނަޢީމް އިންކާރު ކުރުމާގުޅިގެން މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ތަޙްލީލު ކުރި ފުލުހުންގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ހެކިބަސް ދެމުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ތަޙްލީލު ރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމުގައްޔާއި، އެ ރިޕޯޓުގައިވާ މަސްތުވާތަކެތީ ޖުމުލަ ބަރުދަނާއި، އެކުލެވިގެންވާ ބަރުދަނުގެ ޢަދަދުތަކާމެދު އޭނާއާ ދެ ފަރާތުން ކުރި ސުވާލުތަކުގެ ޖަވާބުދީ، ތަފުސީލުކޮށް ހެކިބަސް ދީފައިވެއެވެ.
މި މައްސަލަ ނިންމުމުގައި ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރު މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ އަކުރުގައި "މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަން" ކަން ފާހަގަ ކޮށް މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ، ޖުމުލަ ބަރުދަން ކަމުގައި ބަލައި، މި މައްސަލައިގައި ޚުޒައިމަތު ނަޢީމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން ޚުޒައިމަތު ނަޢީމް އުމުރަށް ޖަލަށްލުމާއެކު، 100,000/-ރ. (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ޖޫރިމަނާގެ ފައިސާ ޙުކުމް ކުރި ތާރީޚުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާޞްކުރުމަށް ޚުޒައިމަތު ނަޢީމްގެ މައްޗަށް އަންގައި ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޚުޒައިމަތު ނަޢީމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ މި މައްސަލަ ހައިކޯޓުގައި ޚުޒައިމަތު ނަޢީމްގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވިފައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ ބަރުދަނަކީ މަސްތުވާތަކެތީގެ ތަހްލީލު ރިޕޯޓުގައިވާ "ޖުމުލަ ބަރުދަން" ކަން ނުވަތަ "އެކުލެވިގެންވާ ބަރުދަން" ކަމުގެ މައްޗަށެވެ. މި ބަހުސްގައި ހައިކޯޓުން ފާހަގަ ކޮށްފައިވާ މުހިންމު ކަންކަން ތިރީގައި މިވަނީއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި މަސްތުވާތަކެތީގެ ބަރުދަން ބަލާފައިވަނީ މަސްތުވާތަކެތި އަޅާފައިވާ ފިލްމު ހުސްކުރި ދަޅުގެ ބަރުދަން ހިމަނައިގެންކަން ނުވަތަ ނޫންކަމާމެދު އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވާކަން.
ފެނުނު މަސްތުވާތަކެތީގައި މަސްތުވާތަކެއްޗާ އެކުވެފައިވާ އިމްޕިއުރިޓީސްއެއް ނުވަތަ ކެމިކަލެއް ނުވަތަ އެއްވެސް އެހެން ކެމިކަލް މާއްދާއެއް ހިމެނޭކަން ބަޔާންކޮށްފައި ނުވާކަން.
މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ހާޒިރު ކުރެވުނު މުޙައްމަދު އިނާސް ޢަބްދުއްލަޠީފް މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ނެތް ކަންކަން ފާހަގަކޮށް ޝަރީޢަތަށް ދީފައިވާ ހެކިބަހަކީ އާ ހެއްކެއް ކަމުގައި ބަލައިގަނެވޭނެ ޤާނޫނީ ހަމައެއް ނެތްކަން.
މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ހާޒިރު ކުރެވުނު މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޝަރީޢަތުގައި ހެކިބަސް ދެމުން އެ ރިޕޯޓުގައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ އިމްޕިއުރިޓީސް ނުހިމަނާ ކިރިއިރު ހުރި ބަރުދަންތޯ ސުވާލު ކުރުމުން އެއީ އެ ބަރުދަން ކަމުގައި ބުނެފައިވާކަން.
ތަޙްލީލު ރިޕޯޓުގައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަންގެ ގޮތުގައި ޖަހާފައިވާ 17.2872 ގްރާމަކީ ކޮން ގޮތަކުން އައި ޢަދަދެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާކަން. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ރިޕޯޓުން މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނެއް ކަމުގައި ފާހަގަވަނީ އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނެބިނޯލްގެ ޖުމުލަ ބަރުދަން ކަމުގައިވާ 12.4008 ގްރާމު ކަން. އަދި މި މިންވަރު ޚުޒައިމަތު ނަޢީމްގެ އަތުން މި މައްސަލައިގައި ފެނިފައިވުމުން މި ޢަދަދުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދަޢުވާ ސާބިތުވާ މިންވަރަށް ދަށު ކޯޓަށް ހެކި ހުށަހެޅިފައި ނުވާކަން.
މި ބުނެވުނު ކަންކަން ފާހަގަ ކުރުމަށްފަހު ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން މި މައްސަލައިގައި ޚުޒައިމަތު ނަޢީމްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 69/Cr-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއް ގޮތަށް ނޫންކަމުގައި ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ތިން ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ. އެ ނުކުތާތައް ތިރީގައި މިވަނީއެވެ.
ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ތަޙްލީލު ކުރި ފަރާތް ކްރިމިނަލް ކޯޓަށް ހާޒިރުވެ ދީފައިވާ ހެކިބަހުގައި މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ހިމެނިފައިނެތް ކަންތައްތަކެއް ޝަރީޢަތުގައި ހާމަކުރުމަކީ އައު ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓާ ގުޅިގެން މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމުގައި ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ މި މައްސަލައިގައި ހައިކޯޓުން މަސްތުވާތަކެތީގެ ބަރުދަން ކަނޑައަޅާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ޚުޒައިމަތު ނަޢީމް ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި މަސްތުވާތަކެތި ފެނުނު ކަމަށް އޭނާ އިންކާރު ނުކުރާ ކަމަށާއި، އެހެން ނަމަވެސް، މަސްތުވާތަކެތި ކިރިއިރު ބަރުދަންކަމަށް ބަޔާންކޮށްފައިވާ 17 ގްރާމްއަކީ އިމްޕިއުރިޓީސްއާ ނުލައި އަންނާނެ ޖުމްލަ ބަރުދަންކަމަށް ޤަބޫލު ނުކުރާނެކަމަށާއި، ސަބަބަކީ، މި މައްސަލައިގައި ޚަބީރެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ފެނުނު މަސްތުވާތަކެތީގެ ބަރުދަނާ ގުޅިގެން ކުރި ސުވާލުތަކާ ގުޅިގެން ދެ ގޮތަކަށް ޖަވާބުދީފައިވުމެވެ.
ގުޅުންހުރި ހެކި ބަލައިގަތުން
ދައުލަތުގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ތަޙްލީލު ކުރި ފަރާތް ކްރިމިނަލް ކޯޓަށް ހާޒިރުވެ ދީފައިވާ ހެކިބަހުގައި މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ހިމެނިފައިނެތް ކަމެއް ޝަރީޢަތުގައި ހާމަކުރުމަކީ އައު ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.
ދައުލަތުން މި ނުކުތާގައި ހަވާލާދޭ ހައިކޯޓުގެ ނިންމުމުގައި އޮތީ، "މުޙައްމަދު އިނާސް ޢަބްދުއްލަޠީފަކީ، އެ މަސްތުވާތަކެތި ތަޙްލީލު ރިޕޯޓުގެ ޞައްޙަކަން ކަށަވަރު ކުރުމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތެއްގެ ހައިސިއްޔަތުން ދަށު ކޯޓަށް ހާޒިރުކުރެވުނު ހެއްކެއް ކަމަށްވާއިރު، ރިޕޯޓުގައި ބަޔާންކޮށްފައި ނެތްކަމެއް ޝަރީޢަތުގައި އެ ފަރާތުން ބަޔާންކުރި ނަމަވެސް، އެ ކަމަކީ އާ ހެއްކެއް ކަމުގައި ބަލައިގަނެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކެމެވެ." މި ފަދައިންނެވެ. ހައިކޯޓުން މިފަދައިން ފާހަގަ ކޮށްފައިވަނީ، ހެއްކާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައިވާ، "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ." މި ނައްޞަށް ޙަވާލާ ދިނުމަށްފަހު މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައިވާ ނަތީޖާއަކީ، އެ ރިޕޯޓުން ފެންނަން އޮތް ނަތީޖާ ކަމުގައި ބަލަންޖެހޭނެ ކަމަށް ނިންމުމަށްފަހުގައެވެ.
ހެއްކާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ،
"އެއްވެސް ޤަޟިއްޔާއެއް ނުވަތަ މައްސަލައެއްގައި ހެކިދެވޭނީ ނުވަތަ ދެއްކޭނީ އެކަމަކާ ގުޅުމެއްހުރި ހަގީގަތްތަކާ ބެހޭގޮތުންނެވެ. އެހަގީގަތްތަކަކީ އަސްލުގައި ބަލަމުންދާ ކަންތައްތަކެއް ނޫންނަމަވެސް، އެކަންތައްތައް ބަލަމުންދާ ކަމަކާ ގުޅިފައިވާލެއް ބޮޑުކަމުން އެއީ އެ މުޢާމަލާތުގެ ތެރެއިންވާ ބައެއް ކަމުގައި ބެލޭފަދަ ކަންތައްތަކަކަށް ވާނަމަ އެއީވެސް މައްސަލައާ ގުޅުމެއްހުރި ކަންތައްތަކެކެވެ. ބަލަމުންދާ މައްސަލައިގެ ނުވަތަ އެއާ ގުޅުމެއްހުރި ކަމެއްގެ ސަބަބުން ކަމުގައިވާ ނުވަތަ ނަތީޖާ ކަމުގައިވާ ކޮންމެ ހަގީގަތަކީވެސް އަސްލު މައްސަލައާ ގުޅުމެއްހުރި ކަމެއް ކަމުގައި ބެލޭނެއެވެ." މި ފަދައިންނެވެ.
ހެއްކާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާގައި ބަޔާންވެފައި މިވަނީ ގުޅުންހުރި ހެކި (Relevancy of facts) ދެނެގަންނާނެ ގޮތުގެ އުސޫލުތަކެވެ. މި ގޮތުން މި މާއްދާގައި ދެ އުސޫލެއް ބަޔާންވެފައި ވެއެވެ. ފުރަތަމަ އުސޫލަކީ މައްސަލައާ ނުވަތަ ވާޤިޢާއަކާ ސީދާ ގުޅުން ހުރި ހެއްކެއް ކަމުގައި ވާނަމަ އެއީ ގުޅުން ހުރި ހެއްކެއް ކަމުގައި ބަލަންވާނެކަން ބަޔާން ކުރާ އުސޫލެވެ. ދެވަނަ އުސޫލަކީ، މައްސަލައިގެ ވާޤިޢާއާ ނުވަތަ ޝަރީޢަތުގެ ކުރިމަތީގައި އެ ވާޤިޢާއެއް ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާ ވާޤިޢާ އާއި އެ ހެއްކާ ސީދާ ގުޅުމެއް ނެތް ނަމަވެސް، އެ ހެކީގެ ސަބަބުން އެ ވާޤިޢާއާމެދު ގޮތެއް ނިންމުމަށް ޝަރީޢަތަށް ފަސޭހަވެގެން ދިއުމުގެ ސަބަބުން، ނުވަތަ އެ ހެކީގެ ސަބަބުން ހުށަހެޅިފައިވާ އެހެން ހެއްކަކަށް ދެވޭ ބުރަދަން ބޮޑު ވުމުގެ ސަބަބުން އެ ހެއްކަކީ ގުޅުން ހުރި ހެއްކެއް ކަމުގައި ކަނޑައެޅިދާނެ ކަމަށް ބަޔާންކުރާ އުސޫލެވެ.
ހެއްކާބެހޭ ޤާނޫނު އިތުރަށް ބަލާއިރު، އެ ޤާނޫނުގައި ޝަފަހީ ހެއްކާއި، ކިތާބީ ހެއްކަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ. މި ގޮތުން ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ޝަފަހީ ހެކި ކަމުގައި އެ ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އަދި "ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީ، ކިތާބީ ހެކި ކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޝަރީޢަތުން ނުވަތަ ޤާނޫނުން ވަކި ބާވަތެއްގެ ހެއްކެއް އޮތުން ލާޒިމުކުރާ ހާލަތުގައި، އެ ފަދައިން ލާޒިމު ހެއްކަށް ބާރު ދޭ، މައްސަލައާ ގުޅުންހުރި ހެއްކަކީ އެ އެކި ބަލައިގަނެ އެ ހެއްކަށް ބުރަދަނެއް ދިނުމަކީ ޤާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫނެވެ. މި މޭރުމުން ބަލާއިރު، ހެއްކާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގެ ދަށުން ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ ބުނާ ބުނުމަކީ، އެހެނިހެން ހެކިތަކުން އެ ލިޔުމަށް ބާރުދޭ ދިނުން ޤާނޫނީ ގޮތުން މަނާވެގެން ދާނެ ކަމެއް ނޫނެވެ.
އުސޫލު ތަޤުބީޤު ކުރުން
މި މައްސަލައިގައި ދައުލަތުން މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ، އޭނާއަކީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި ތަޙްލީލުކޮށް، އެ ފެނުނު މަސްތުވާތަކެއްޗާބެހޭ ރިޕޯޓެއް ތައްޔާރު ކުރި ފަރާތް ކަމުގައިވާތީއެވެ. މި ރިޕޯޓު ވެސް ވަނީ ދައުލަތުން ޚުޒައިމަތު ނަޢީމްއާ ދެކޮޅަށް ހުށަހަޅާފައެވެ.
ހާދިސާގައި ފެނުނު މަސްތުވާތަކެތި ތަޙްލީލުކޮށް، މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ތައްޔާރުކޮށްފައިވާ ރިޕޯޓަކީ މައްސަލައާ ގުޅުން ހުރި ރިޕޯޓެކެވެ. އެހެނީ އެ ރިޕޯޓުގައިވަނީ ފެނުނު މަސްތުވާތަކެތީގެ ތަފުސީލުތަކެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަމާއި، އެއިގެ ބަރުދަން ފަދަ މުހިންމު ތަފުސީލުތަކެވެ. މި ރިޕޯޓަކީ، ހެއްކާބެހޭ ޤާނޫނު ބުނާ "ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން" ތައްޔާރު ކޮށްފައިވާ ލިޔުމެއްކަމުގައިވާތީ މިއީ މައްސަލައިގެ އެންމެ މުހިންމު އެއް ވާޤިޢާއާ ގުޅުންހުރި، ކިތާބީ ހެއްކެކެވެ.
މުޙައްމަދު އިނާސް ޢަބްދުއްލަޠީފަކީ، މި ހާދިސާގައި ފެނުނު މަސްތުވާތަކެތި ތަޙްލީލު ކުރި ފަރާތެއެވެ. އޭނާ ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަހަށް ބަލާއިރު މަސްތުވާތަކެއްޗާބެހޭ ރިޕޯޓުގައި ހުރި ކަންކަމުގެ އިތުރަށް މަސްތުވާތަކެތި ތަޙްލީލު ކުރުމުގެ ކުރިން އެ ތަކެއްޗާ ޙަވާލު ވުމުގައި ޢަމަލުކުރާ ގޮތާއި، މަސްތުވާތަކެތީގެ ބަރުދަން ބެލުމަށްފަހު ރިޕޯޓު ތައްޔާރުކުރާ ގޮތުގެ ތަފުސީލު ފަދަ މަސްތުވާތަކެއްޗާބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ނުހިމެނޭ، އެހެން ނަމަވެސް އެ ރިޕޯޓާ ގުޅުންހުރި ކަންކަމާބެހޭ ގޮތުން އޭނާއާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. މިފަދައިން އޭނާ ދީފައިވާ ހެކިބަހަކީ، ހެއްކާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން މައްސަލައާ ގުޅުން ހުރި ހެކިބަހެއް ކަމުގައިވާތީއާއި، އެއީ މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބާރު ލިބޭ ހެކިބަހެއް ކަމުގައިވާތީ، ޖުމުލަ ގޮތެއްގައި އެ ކަންކަމާ މެދު އޭނާ ދީފައިވާ ހެކިބަސް ބަލައިގަންނަން ޖެހޭނެކަމުގައި ދެކެމެވެ. އަދި މި ނުކުތާއާ ގުޅިގެން މަސްތުވާތަކެއްޗާބެހޭ ގޮތުން މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ނުހިމެނޭ ކަންކަމާބެހޭ ގޮތުން އޭނާ ދީފައިވާ ހެކިބަހަކީ އާ ހެއްކެއްކަމުގައި ނުބެލެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
ހެކިބަސް ފުށުއެރުން
އިސްތިއުނާފީ ދެވަނަ ނުކުތާގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައިވާއިރު، މި މައްސަލައިގައި މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހުގައި ފުށުއެރުމެއް ހުރިކަމުގައި ހައިކޯޓުން ފާހަގަ ކުރިނަމަވެސް، އެކަމަކީ ޚުޒައިމަތު ނަޢީމްގެ ފަރާތުން ދަށު ކޯޓުގައި ވެސް ފާހަގަކޮށްފައިނުވާ އަދި ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުގައިވެސް ޚުޒައިމަތު ނަޢީމް ފާހަގަ ކޮށްފައިވާ ކަމެއް ނޫންކަމުގައެވެ.
އިތުރަށް މި ނުކުތާއާމެދު ވާހަކަ ދައްކަމުން ދައުލަތުން ފާހަގަ ކޮށްފައިވަނީ، މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހާމެދު ހައިކޯޓުން ފާހަގަކުރާ ފުށުއެރުމަކީ، "މިހާރު އިމްޕިއުރިޓީސް އެއްޗިހި ނުހިމަނާ އެހެން ނަމަވެސް މުޅިއެތި ކިރިއިރު ޖުމުލަ ބަރުދަންކަމަށް މި އިންނަނީ 17 ގްރާމް ލިޔުއްވާފައި" މި ފަދައިން ދައުލަތުން ކުރި ސުވާލުގެ ޖަވާބުގައި "ލައްބަ" ބުނެފައިވާ ބުނުން ކަމުގައެވެ. ނަމަވެސް، ހެކިވެރިޔާގެ ހެކިބަހުގެ ތަފުސީލުތަކަށް ބެލުމުން މިއީ ފާޅުކަންބޮޑު ފުށުއެރުމެއް ނޫންކަން ސާފުކޮށް އެނގޭކަން ދައުލަތުން ބުނެއެވެ. އަދި ހެކިވެރިޔާއާ ސުވާލު ކުރުމުގެ ތެރޭގައި މިއީ ފުށުއެރުމެއްކަމުގައި ފާހަގަކޮށް ޚުޒައިމަތު ނަޢީމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މި ނުކުތާ ފާހަގަކޮށްފައި ނުވާކަމަށް ވެސް ދައުލަތުން ބުނެއެވެ.
މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މައިގަނޑު ދެ ކަމެއް ސާފުވާންޖެހޭނެ ކަމުގައި ދެކެމެވެ. ފުރަތަމަ ކަމަކީ، މިއީ ޚުޒައިމަތު ނަޢީމްގެ ފަރާތުން ދަށު ކޯޓުގައި ފާހަގަ ކުރި ނުކުތާއެއްކަން ނުވަތަ ނޫންކަމެވެ. ދެވަނަ ކަމަކީ، ހެކިވެރިޔާގެ ހެކިބަހުގައި ފުށުއެރުމެއް ހުރިކަން ނުވަތަ ނޫންކަމެވެ. އަދި ފުށު އެރުމެއް ހުރިނަމަ، އެކަމުގެ ނަތީޖާއަކީ ކޮބައިކަމެވެ.
އަދި މި އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި މަސްތުވާތަކެތީގެ ބަރުދަން ބެލުމާ ގުޅިގެން ބަޔާންވެފައިވާ އުސޫލުތަކަށް ރުޖޫޢަވާންޖެހޭނެތީ، މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގައި ދައުލަތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއާ މެދުގައިވެސް ގޮތެއް ކަނޑައެޅިގެން ދާނެއެވެ.
ދަށު ކޯޓުގައި ފާހަގަކުރިކަމެއްތޯ؟
ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައި ބަޔާންވެފައިވެއެވެ. މި މާއްދާއަށް ބަލާއިރު، ހައިކޯޓުން މައްސަލަ ބެލުމުގައި ބަރޯސާ ވާންޖެހޭނީ ދެ ކަމަކަށެވެ. އެއީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި، ދިފާޢު ތަކަށެވެ.
ހެކިވެރިޔާގެ ހެކިބަހުގައިވާ ފުށުއެރުމަކީ، ދައުލަތުން ބުނާފަދައިން، ކްރިމިނަލް ކޯޓުގައި ޚުޒައިމަތު ނަޢީމްގެ ފަރާތުން ފާހަގަ ކޮށްފައިނުވާ، އަދި ހައިކޯޓަށް ޚުޒައިމަތު ނަޢީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ވެސް ހިމެނިފައި ނުވާކަމެއް ކަމުގައި ދައުލަތުން މި ބުނާ ބުނުން ފެތިގެން އަންނަނީ، ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ދިފާޢު" ގެ ތެރެއަށެވެ. އެހެން ގޮތަކަށް ބުނާނަމަ، މި ވާހަކައަކީ ޚުޒައިމަތު ނަޢީމްގެ ދިފާޢުގައި އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދެއްކި ވާހަކައެއް ނޫން ކަމުގައެވެ.
ކަންއޮތީ ދައުލަތުން ބުނާގޮތަށްކަން ނުވަތަ ނޫންކަމަށް ބަލާއިރު، 12 އޭޕްރިލް 2017 ގައި މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ފަހުން ބޭއްވުނު އަޑުއެހުން ތަކުގައި ވެސް ޚުޒައިމަތު ނަޢީމްގެ ފަރާތުން މަސްތުވާތަކެތީގެ ބަރުދަން ކަމުގައި ބަލަންވާނީ މަސްތުވާތަކެތީގެ "ޚާލިޞް ބަރުދަން" ކަމުގައްޔާއި، މަސްތުވާތަކެތި ކިރުމުގެ ތެރޭގައި ފާހަގަވާ އެހެނިހެން ބައިތައް ނުވަތަ އިމްޕިއުރިޓީސް ހިމެނިގެން ނުވާނެ ކަމުގައި އޭނާގެ ފަރާތުން ބުނެފައިވާކަން ފާހަގަވެއެވެ. އަދި ޚުޒައިމަތު ނަޢީމްގެ ފަރާތުން ދިފާޢީ ވަކި ހުށަހެޅުމެއްގެ ގޮތުގައި، ނުވަތަ ދިފާޢުގައި ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ނަމަވެސް، މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހުގައި ފުށުއެރުމެއް ނުވަތަ ތަފާތެއް ހުރިކަމުގައި ބަޔާން ކޮށްފައި ނުވެއެވެ.
ޚުޒައިމަތު ނަޢީމްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަ ކޮށްފައިވާ މައިގަނޑު ނުކުތާއަކީ ވެސް، މި މައްސަލައިގައި މަސްތުވާތަކެތީގެ ބަރުދަން ބަލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައްޔާއި، ބަރުދަން ބެލުމުގައި މަސްތުވާތަކެތި ކިރުމުގެ ތެރޭގައި ފާހަގަވާ އެހެނިހެން ބައިތައް ހިމެނިގެން ނުވާނެ ކަމުގައެވެ. ޚުޒައިމަތު ނަޢީމްގެ އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން 01 ޖޫން 2021 ގައި ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި، މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓުގައި ދެއްކި ވާހަކަތަކުގައިވާ ފުށުއެރުން ފާހަގަ ކޮށްފައިވެއެވެ.
މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހަކީ، ދަށު ކޯޓުގައި ނެގިފައިވާ ހެކިބަހެއް ކަމުގައިވެފައި، އަދި މަސްތުވާތަކެތީގެ ބަރުދަން ބެލުމާބެހޭ ގޮތުން ޚުޒައިމަތު ނަޢީމްގެ ފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި އެ ހެކިބަހުގައި ހުރި ފުށުއެރުމެއް ކަމުގައި ޚުޒައިމަތު ނަޢީމަށް ބެލެވޭ ކަންތައްތަކެއް ފާހަގަ ކޮށްފައިވުމުން، އެއީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސްއިން ބޭރުން އެ ކޯޓުން ބަލައިގަނެ، ގޮތެއް ކަނޑައަޅާފައިވާ ނުކުތާ އެއްކަމުގައި ނުދެކެމެވެ.
ހެކިބަހުގައި ހުރި ފުށުއެރުން
ހައިކޯޓުން މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހުން ފާހަގަ ކޮށްފައިވާ ތަފާތަކީ، ހެކިބަސް ދެމުން މި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ، މަސްތުވާތަކެތީގައި ހިމެނޭ އިމްޕިއުރިޓީސްގެ ބަރުދަނާ އެކުގައި 17.28 ގްރާމު ކަމުގައި ބުނުމަށްފަހު، 'ޖުމުލަ ބަރުދަން' ކަމުގައިވާ 17.28 ގްރާމަކީ، އިމްޕިއުރިޓީސް ނުހިމަނައި މަސްތުވާތަކެތި ކިރިއިރު ހުރި ބަރުދަންތޯ ދައުލަތުން ސުވާލު ކުރުމުން 'ލައްބަ' އޭ ބުނެފައިވާ ބުނުމެވެ.
މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހުގައި ޖުމުލަ ބަރުދަން ބެލުމުގައި، މަސްތުވާތަކެތި އަޅާފައިވާ ދަޅު ނުހިމެނޭކަން ސާފުކޮށް ބުނެފައިވެއެވެ. އަދި ޖުމުލަ ބަރުދަނުގައި މަސްތުވާތަކެއްޗާ އެއްވެފައިވާ އިމްޕިއުރިޓީސް ހިމެނޭނެ ކަމުގައި ސާފުކޮށް ބުނެފައިވެއެވެ. އަދި މި މަސްތުވާތަކެތީގައި އެކުލެވިގެންވާ ބަރުދަނަކީ، 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް އާއި، 1.0554 ގްރާމް ކެނެބިނޯލް ކަމުގައި ބުނުމަށްފަހު، 'އެކުލެވިގެންވާ ބަރުދަނަކީ' ބަރުދަން ބެލުނު މަސްތުވާތަކެތީގެ ސާމްޕަލްގައި ހިމެނޭ އިމްޕިއުރިޓީސްއާ ނުލައި ހަމައެކަނި މަސްތުވާތަކެތީގެ ބަރުދަންކަމުގައި ތަކުރާރުކޮށް ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތް
ސުވާލަކީ، ޤާނޫނީ ގޮތުން މި ބަރުދަން ބަލާނީ ކިހިނަކުން ހެއްޔެވެ؟ މި ހާދިސާގައި ފެނިފައިވާ ކެނެބިހަކީ ޖަދުވަލު 01 ގައިވާ މަސްތުވާއެއްޗެއް ކަމުގައިވާތީ، މި ހާލަތަށް ތަޠުބީޤުވާނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގައިވާ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތެވެ.
މި މާއްދާގެ (ށ) އަށް ބަލާއިރު، "މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަން" ކަމުގައި ބުނެފައި އޮތުމުން ޤާނޫނުގެ ބޭނުމަށްޓަކައި، މަސްތުވާތަކެތީގެ ބަރުދަން ސާފުވުމުގައި، އެނގެން ޖެހެނީ؛
ފެނުނު މަސްތުވާތަކެއްޗަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްކަން ނުވަތަ ނޫންކަމާއި،
އެ ފެނުނު އެތީގެ ބަރުދަނަކީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ހުރިއެއްޗެއްކަން ނުވަތަ ނޫންކަމެވެ.
މަސްތުވާތަކެއްޗަށް އެއްކޮށްފައިވަނީ ކޮން ބާވަތެއްކަން، ނުވަތަ ކޮންބާވަތްތަކެއްކަން ބަރުދަން ބެލުމުގައި ބެލިފައި އޮތުމަކީ ޤާނޫނު ލާޒިމު ކުރާ ކަމެއް ނޫންކަން މި އަކުރުން ސާފުކޮށް އެނގެއެވެ. އަދި މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ، އެ މަސްތުވާތަކެއްޗަށް ކޮންމެ ބާވަތެއްގެ އެއްޗެއް އެއްކޮށްފައި ވީނަމަވެސް، މަސްތުވާތަކެއްޗާއި، އެއާ އެއްކޮށްފައިހުރި ހުރިހާ އެއްޗެއްގެ ޖުމުލަ ބަރުދަން ކަމެވެ.
މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހުން މަސްތުވާތަކެތީގެ ބަރުދަން ބެލުމުގައި ޤާނޫނު ލާޒިމުކުރާ ކަންކަން ސާފުވާކަން ނުވަތަ ނޫންކަމަށް ބަލާއިރު، ހެކިބަސް ދެމުން ވަރަށް ސާފުކޮށް، މި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ 17.28 ގްރާމު ކަމުގައި ދެ ފަހަރު ބުނެފައިވެއެވެ. އަދި އެއީ މަސްތުވާތަކެތި އަޅާފައިވާ ދަޅުގެ ބަރުދަން ނުހިމަނައި، ނަމަވެސް މަސްތުވާތަކެއްޗާ އެއްކޮށްފައިވާ ކަމަށް ބެލެވޭ ބާވަތްތައް ނުވަތަ އިމްޕިއުރިޓީސްއާއެކު ހުރި ބަރުދަންކަމުގައި ބުނެފައިވެއެވެ. މީގެ އިތުރަށް އިމްޕިއުރިޓީސް ނުލައި ފެނުނު މަސްތުވާތަކެތީގައި އެކުލެވިގެންވާ ބަރުދަން ނުވަތަ ޚާލިޞް ބަރުދަނަކީ ކޮބައިކަން ތިން ފަހަރު އެއްގޮތަކަށް ބުނެދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އެކުލެވިގެންވާ ބަރުދަނުގައި ހިމެނެނީ 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 1.0554 ގްރާމް ކެނެބިނޯލް ކަމުގައި ކަމުގައްޔާއި، މި އެކުލެވިގެންވާ ބަރުދަނުގައި މަސްތުވާތަކެތީގެ އިތުރުން އެއަށް އެއްކޮށްފައިވާ އެހެން އެއްވެސް ބާވަތެއްގެ ބަރުދަން ނުހިމެނޭނެ ކަމުގައި ބުނެފައިވެއެވެ.
މަތީގައި ބުނެވުނު ފަދައިން ތަފުސީލުކޮށް ބަރުދަން ބަލާފައިވާ ގޮތް ކިޔައިދިނުމުގެ ތެރޭގައި ދައުލަތުން ކުރި ސުވާލެއްގެ ޖަވާބުގައި 17.28 ގްރާމަކީ، އިމްޕިއުރިޓީޒް ނުހިމަނައި މަސްތުވާތަކެތީގައި ހުރި ބަރުދަންކަމުގައި މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ބުނެފައިވެއެވެ. ނަމަވެސް މިއީ ތަފުސީލީ ޖަވާބެއްގައި ބުނެފައިވާ ބުނުމެއް ނޫނެވެ. މިއީ ދައުލަތުން ކުރި ސުވާލެއްގެ ޖަވާބުގައި "އާނއެކޭ" ބުނެ ދީފައިވާ ޖަވާބެކެވެ. އަދި މި ސުވާލާ ވިދިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުންވެސް، ޖުމުލަ ބަރުދަނާއި، އެކުލެވިގެންވާ ބަރުދަން ބަލާފައިވާ ގޮތް އެއްގޮތަކަށް ކިޔައިދީފައިވާކަން ފާހަގަ ކުރެވެއެވެ.
ހެކިބަހުގައިވާ ފުށުއެރުމުގެ ނަތީޖާ
މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ހެކިބަހުގައިވާ ފުށުއެރުމުގެ ނަތީޖާއަކީ، އެ ހެކިބަހަށް ބުރަދަނެއް ނުދީ އެއްފަރާތް ކުރުން ހެއްޔެވެ؟ ނުވަތަ އެ ފުށުއެރުމަކީ ހެކިބަހަށް އަސަރު ނުކުރާ ފުށުއެރުމެއް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ލިބޭނީ ހެކިބަހުގައިވާ ތަފާތަށް ބަލައިގެންނެވެ.
މުހައްމަދު އީނާސް ޢަބްދުއްލަޠީފްގެ ހެކިބަހުގައިވާ ތަފާތަށް ބަލާއިރު، އެ ހެކިބަހުގައި މައްސަލައިގެ ދެ ފަރާތުންމެ ކުރި ސުވާލުތަކުގެ ޖަވާބުގައި، ތަފުސީލުކޮށް، ތަކުރާރުކޮށް، އެއްގޮތަށް އެއްގޮތަކަށް މަސްތުވާތަކެތީގެ ބަރުދަން ބެލުމުގައި އެ ތަކެތި އަޅާފައިވާ ދަޅުގެ ބަރުދަން ހިމެނިފައި ނުވާނެކަމުގައްޔާއި، ޖުމުލަ ބަރުދަނުގައި ތަހުލީލު ކުރެވުނު ތަކެތީގައި ހިމެނޭ އިމްޕިއުރިޓީޒް ހިމެނޭނެކަމުގައި ބުނެފައިވެއެވެ. މި ފަދައިން ހެކިބަސް އަދާކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތީގެ 'ޖުމުލަ ބަރުދަން' ކަމުގައިވާ 17.28 ގްރާމަކީ، އިމްޕިއުރިޓީސް ނުހިމަނައި މަސްތުވާތަކެތި ކިރިއިރު ހުރި ބަރުދަންތޯ ދައުލަތުން ސުވާލު ކުރުމުން 'ލައްބަ' އޭ ބުނެފައިވާ ބުނުމަކީ، ކުރިން އެ ދައްކާފައިވާ ވާހަކަތައް ނަފީވާފަދަ ބުނުމެއް ނޫނެވެ. އެހެނީ ހެކިވެރިޔާ ފަހުން ބުނެފައިވާ ބަހަކީ، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާއާ ސުވާލުކޮށް އެއިގެ ތަފުސީލު ހޯދާފައިވާ ބުނުމެއް ނޫނެވެ. މި ފަދައިން މައްސަލައިގެ ޚަޞްމުން ހެކިވެރިޔާއާ ސުވާލުކޮށް ދެ ފަހަރު ދެ ގޮތަކަށް ހެކިވެރިޔާ ބުނަން މެދުވެރި ސަބަބެއް ތަފުސީލު ކުރެވިފައިވީނަމަ، އެ ތަފާތެއް ވެގެންދާނީ، ހެކިބަހަށް އަސަރު ކުރާ ތަފާތެއްކަމުގައެވެ. އަދި ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި ތަޙްލީލު ކުރުމުގައި، ތަޙްލީލު ކުރެވޭ މަސްތުވާތަކެތީގެ ސާމްޕަލެއްގައި އިމްޕިއުރިޓީސް ހުރުމާއި ނެތުމަކީ، އެ ސާމްޕަލުން ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ފެންނަ ޙާލަތުގައި އިތުރު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. އެހެނީ އެ ޙާލަތުގައި އިމްޕިއުރިޓީސް ވަކިކުރުމެއްނެތި މުޅި ސާމްޕަލަކީ ޖަދުވަލު 01 ގައިވާ މަސްތުވާތަކެތި ކަމަށް ޤާނޫނު އިފްތިރާޟު ކުރެއެވެ.
އަދި ފެނުނު މަސްތުވާތަކެއްޗާ އެއްކޮށްފައިވާ ބާވަތަކީ ނުވަތަ ބާވަތްތަކަކީ ކޮބައިކަން ތަޙްލީލު ރިޕޯޓުގައި ބަޔާންވެފައި ނެތުމަކީ ޤާނޫނީ ގޮތުން އެ ރިޕޯޓުގައި ހުރި އުނިކަމެއްވެސް ނޫނެވެ. އަދި އެ ރިޕޯޓުގައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ، ހަމައެކަނި 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 1.0554 ގްރާމް ކެނެބިނޯލްގެ ޖުމުލަ ކަމުގައިވާ 12.4008 ގްރާމެއްވެސް ނޫނެވެ. އެހެނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ޢިބާރާތުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާ އެހެން ބާވަތެއް އެއްކޮށްފައިވާ ހާލަތުގައި، އެ މަސްތުވާތަކެތީގެ ބަރުދަނަކީ އެ ހުރިހައި އެއްޗެއްގެ ޖުމުލަ ބަރުދަންކަމުގައި ބަޔާންކޮށްފައި އޮތުމުން، މި ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ، 17.28 ގްރާމު ކަން އެ ރިޕޯޓުން ފެންނަން އޮތުމުންނާއި، އެ ޢަދަދު ގެނެވިފައިވާ ގޮތް ރިޕޯޓު ތައްޔާރުކުރި ފަރާތުން އެއްގޮތަކަށް ސާފުކޮށް ބުނެދީފައި އޮތް އޮތުން ޤާނޫނުގެ ބޭނުމަށްޓަކައި ފުދެއެވެ.
ކަންމިހެން އޮތުމާއެކު، މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ މި ހާދިސާގައި ފެނުނު މަސްތުވާތަކެތީގައި ހިމެނޭ 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 1.0554 ގްރާމް ކެނެބިނޯލްގެ ޖުމުލަ ކަމުގައިވާ 12.4008 ގްރާމް ކަމުގައި ހައިކޯޓުން ނިންމާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 69/Cr-C/2017 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/562 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 69/Cr-C/2017 ޤަޟިއްޔާގައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން ޚުޒައިމަތު ނަޢީމް ކުށްވެރިވެއްޖެކަމުގައި ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ޚުޒައިމަތު ނަޢީމް އުމުރަށް ޖަލަށް ލުމާއެކު، 100,000/-ރ. (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ޖޫރިމަނާގެ ފައިސާ ޙުކުމް ކުރި ތާރީޚުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާޞްކުރުމަށް ޚުޒައިމަތު ނަޢީމްގެ މައްޗަށް އަންގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.