ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 16 · 2020/SC-A/94

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 މާރިޗު 2022ދަށު ކޯޓު: އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު (111/S2C/2016)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-S-A/02، 111/S2C/2016
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ އުފުލިއެވެ. އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ 111/S2C/2016 ޤަޟިއްޔާގައި، އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ފަސް ބާވަތެއްގެ ހެކި ނުލިބޭތީ ދަޢުވާ ސާބިތުނުވާ ކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2019/HC-S-A/02 ޤަޟިއްޔާގައި، އަޣްލަބިއްޔަތު ރައުޔުން އެ ޙުކުމަށް ތާއީދުކުރިއެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
2013 އޮކްޓޯބަރު މަހު، ދަޢުވާ ލިބުނު ފަރާތުގެ ދެ ކުޑަ ދަރިން މާމަމެންގެ ގޭގައި ތިއްބައި، ހަގު ކުއްޖާއަށް ބައްޕަ ޖިންސީ ގޯނާކުރާ މަންޒަރު ދެ ފަހަރަކު ކުދިންގެ ބޮޑު ދައިތައަށް ފެނުނު ކަމަށް އޭނާ ހެކިބަސް ދިނެވެ. ސޯފާއެއްގައި ތިބިއިރު ބައްޕަގެ އަތް ކުއްޖާގެ ހެދުމުގެ މަތިން ކުރިމަތި ފަރާތާ ދިމާލަށް އޮއްވާ ފެނުނު ކަމަށް އެހެން ހެކިވެރިއަކު ބުންޏެވެ. ކުދިން ވެސް އެކި މީހުންނަށް ބައްޕަ ކަންތައް ކުރި ގޮތް ކިޔައިދީފައިވާއިރު، ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ރިޕޯޓުތަކާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ރިޕޯޓުތައް ވެސް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް، ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ސާބިތުވާ ހެކި ލިބިފައިވޭތޯ؛ އަދި ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދާ ހެކިވެރިއެއްގެ ހެކިބަހަށް އެ ސަބަބަށްޓަކައި ބުރަދަން ނުދިނުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ)، (ނ)، (އ) އަދި (ވ) ގައިވާ ހެކި ލިބިފައިވާ ކަމަށާއި، އެ ހެކިތަކަށް ދެ މަރުޙަލާގައި އެކަށީގެންވާ ބުރަދަނެއް ނުދިން ކަމަށެވެ. ދަޢުވާ ލިބުނު ފަރާތުން ބުނީ، މެޑިކަލް ރިޕޯޓުގައި ޖިންސީ އަނިޔާއެއް ބަޔާންކޮށްފައި ނުވާކަމަށާއި، ބޮޑު ދައިތައަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދާ މީހެއް ކަމަށާއި، ބައްޕައަކު ދަރިއަކާ ލޯބިން ބައްދާލާއިރު އަތް އެކި ތަންތަނުގައި އޮވެދާނެ ކަމަށާއި، ކުދިންގެ ބަޔާނެއް ނަގާފައި ނުވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ އެއް މަޤްޞަދަކީ ހެކީގެ މިންގަނޑު ލުއިކުރުން ކަމަށާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ވަސީލަތްތައް ބޭނުންކޮށް، ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ވަޒަންކުރަން ޖެހޭ ކަމަށެވެ. ހެކިވެރިއަކު ހެކިބަސް ދިނުމަށް ނުފެށޭ ޙާލަތެއް ކުރިމަތިވެފައިވާކަން ބަޔާންކޮށްދިނުމުގެ ޒިންމާ އޮތީ އެހެން ބުނާ ފަރާތުގެ މައްޗަށެވެ. ބޮޑު ދައިތަގެ ބަލި، ފެނުނު މަންޒަރު ސިފަކޮށްދިނުމަށް ހުރަސްއަޅާ ކަމެއް ކަމަށް ނުފެންނާތީ، އޭނާގެ ހެކިބަހަށް ބުރަދަން ނުދިނުން ޞައްޙަ ނޫނެވެ. ހެކިވެރިންގެ ހެކިބަހާއި ސެންޓަރުގެ ރިޕޯޓާއި މެޑިކަލް ރިޕޯޓުތަކުން ކުދިންގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވާތީ، އެ ބަސް އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެކަށީގެންވާ ޝައްކެއްނެތި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން 20 އަހަރުގެ ޖަލު ޙުކުމްކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު؛ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ އެއް މަޤުޞަދަކީ، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. މި މަޤުޞަދު ހާސިލުކުރުމަށްޓަކައި، މި ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ބާވަތެއްގެ ހެކި ބަޔާން ކުރުމަށްފަހު، އެ ބާވަތްތަކުގެ ތެރެއިން "މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެ" ކަމުގައި ބަޔާން ކޮށްފައިވެއެވެ.

HN2 ކުޑަކުދިންގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްކަން ނުވަތަ ނޫންކަން ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެ ކަމުގައްޔާއި، އެ ކުދިންގެ "ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ" ކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ފަނޑިޔާރު ޙުއްސުއްސުޢޫދު ފާހަގަ ކުރައްވާފައިވެއެވެ.

HN3 މިފަދަ މައްސަލަތަކުގައި ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ(External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައި ގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުމެވެ. ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަކީ(Internal Consistency) ޝަކުވާކުރި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފުސީލުތައް ހުރިނެތް ގޮތް ބެލުމެވެ.

HN4 ހެކިބަހަކީ، މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އޭނާގެ ފަސް ހިއްސުގެ ތެރެއިން ހިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤުރާރުވުމެވެ. ޢާންމު އުސޫލަކީ، ނުވަތަ އިފްތިރާޟަކީ، އެ މީހަކާ ކުރެވޭ ސުވާލުތައް ފަހުމުވެ، އެ ސުވާލުތަކުގެ ޖަވާބު ދެވޭ ކޮންމެ މީހަކީ ހެކިބަސް ދެވޭފަދަ މީހަކު ކަމުގައިވުމެވެ. މިއާ އިދިކޮޅު ސާބިތު ކުރެވޭނީ އެހެނިހެން އިފްތިރާޟުތަކެކޭ އެއްފަދައިން ހެކި ހުށަހަޅައިގެންނެވެ. މި އުސޫލުން، ހެކިވެރިއެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭފަދަ ހާލަތެއް ކުރިމަތިވެފައިވާކަމަށް ބެލެވޭނަމަ، އެކަމެއް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ބަޔާން ކޮށްދިނުމަކީ އެފަދައިން ބުނާ ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 19 ޖުލައި 2020 · ރަޖިސްޓްރީކުރީ 6 ޑިސެމްބަރު 2020 · ނިމުނީ 9 މާރިޗު 2022 (15.0 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ދާއިމީ އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އުނިކުރެވިފައި) މުޙައްމަދު ނަޞީރު ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލުނު މައްސަލައެކެވެ. މި މައްސަލައިގައި ހެކި ނެތުމުގެ ސަބަބުން މުޙައްމަދު ނަޞީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދެ މަރުޙަލާއިން ނިންމާފައިވެއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ، މި މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް މި މައްސަލައިގައި ހެކި އެބަހުރި ހެއްޔެވެ؟ މި ސުވާލެވެ.

2މި މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެއީ އެ ކޯޓުގެ ނަންބަރު 111/S2C/2016 ޤަޟިއްޔާގައެވެ. އެއަށްފަހު މި މައްސަލަ އިސްތިއުނާފު ކުރެވުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށެވެ. ހައިކޯޓުން މި މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު2019/HC-S-A/02 ޤަޟިއްޔާއިންނެވެ.

3މިއީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ކަމުގައިވާތީ، އެ ކުދިންނަކީ ކޮން ކުދިންނެއްކަން އެނގިދާނެ އެންމެހައި މައުލޫމާތު މި ރައުޔުގައިވާނީ ސިއްރު ކުރެވިފައެވެ.

ކަން ހިނގާފައިވާ ގޮތް

42013 އޮކްޓޯބަރު މަހު ޝަކުވާކުރި ކުދިންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިޔައެވެ. މާލެ ދިޔައީ ޝަކުވާކުރި ދެ ކުދިން އެ ކުދިންގެ މަންމަ ފަރާތު މާމަމެން ގޭގައި (އެޑްރެސް އުނިކުރެވިފައި) ބޭތިއްބުމަށް ފަހުގައެވެ. އެ ގޭގައި އެ ކުދިންގެ މާމައާއި، މަންމަ ފަރާތު ބޮޑު ދައިތައެއް އުޅެއެވެ. މި ދުވަސްވަރުގައި (މި ދެ ކުދިންގެ ބައްޕަ ކަމުގައިވާ) މުޙައްމަދު ނަޞީރު މި ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާ (06 އަހަރު) އެ ގޭގެ ސޯފާއެއްގައި ބައިންދައިގެން އެ ކުއްޖާ ލައިގެން ހުރި ޖަނގިޔަލުގެ ތެރެއަށް އަތް ކޮއްޕައިގެން ހުއްޓާ މި ކުދިންގެ މަންމަ ފަރާތު ބޮޑު ދައިތަ އަށް ފެނިފައިވެއެވެ. މި ހާދިސާގައި އެ ކުއްޖާ ހަޅޭ ލަވައި "ބައްޕަ އުޅެނީ މޮޔަވެގެންހޭ އަބަދު ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާ ހަދަނީ" މިހެން ބުނިއަޑުވެސް ބޮޑުދައިތަ އަހާފައިވެއެވެ.

5މި ދުވަސްވަރު މި ގޭގައި ހިނގި ދެވަނަ ހާދިސާއަކީ ވެސް މި ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާ (06 އަހަރު) އަށް ކުރިމަތިވި ހާދިސާއެވެ. މި ހާދިސާވެސް ފެނުނީ މި ކުދިންގެ މަންމަ ފަރާތު ބޮޑުދައިތަ އަށެވެ. މި ހާދިސާގައި ރޭގަނޑުގެ ވަގުތެއްގައި އެ ކުއްޖާ ހުން އައިސްގެން ކޮޓަރިއެއްގެ އެނދުގައި އޮތެވެ. މިހެން އޮއްވައި އެ ކުއްޖާގެ ބައްޕަ މުޙައްމަދު ނަޞީރު އެ ކުއްޖާގެ ފުރަގަހުން އެ ކުއްޖާގެ ޖަނގިޔަލުގެ ތެރެއަށް އަތް ކޮއްޕައި ހެދިއެވެ. އެއިރު އެ ކުއްޖާ އޮތީ އެނދުގައި މޫނުވަތަށް، ބަންޑުންކަމަށާއި، އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައި ކަމަށާއި، މި ކަމެއް ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓް ވަންދެން މުޙައްމަދު ނަޞީރު ކުރިކަމަށް ބޮޑު ދައިތަ ބުނެއެވެ.

6ހަމަ މި ދުވަސްވަރު ހަގު ކުއްޖާއާއި އެ ކުއްޖާގެ ބައްޕަ އެ ގޭގެ ސޯފާއެއްގައި ތިބިއިރު، އެ ކުއްޖާގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތި ފަރާތާ ދިމާލަށް މުޙައްމަދު ނަޞީރުގެ އަތް ބާއްވައިގެން އިންދާ އެހެން މީހަކަށް ފެނިފައިވެއެވެ. އަދި އެ މަންޒަރު ފެނުމުން މުޙައްމަދު ނަޞީރުގެ ނިޔަތް ރަނގަޅު ނޫންކަން އެނގޭކަމަށް އެ މީހާ ބުނެއެވެ.

7މި ހާދިސާ ހިނގުމުން ކުދިންގެ ބޮޑު ދައިތަ މިކަންތައް އެގޭގައި އުޅޭ މީހުންގެ ގާތުގައި ބުނެފައިވެއެވެ. އަދި އާއިލާގެ ތެރޭގައި މި ވާހަކަ ދެއްކުމުގެ ތެރޭގައި މި ކުދިންގެ ފަހަރިއެއް މި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއާ ސުވާލުކުރުމުން މުޙައްމަދު ނަޞީރު އެ ކުއްޖާގެ ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާ ހަދާކަމަށާއި، އެ ކުއްޖާއާ ބެހިހަދާ ކަމަށް ފަހަރި ގާތުގައި ބުނެފައިވެއެވެ. އަދި މި ކުއްޖާއަކީ، އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް ވަރަށް މަޑުން ހުންނަ ކުއްޖެއްކަމުގައި މި ފަހަރި ބުނެއެވެ.

8ކުދިންގެ އާއިލާ ތެރޭގައި މި ހާދިސާގެ ވާހަކަ ދެކެވި އެންމެފަހުން މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް މައްސަލަ ތަޙްޤީޤުކޮށް، މި ކުދިންގެ ބައްޕަގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލިއެވެ.

9މި ދަޢުވާއަށް މުޙައްމަދު ނަޞީރު އިންކާރު ކުރުމުން ދައުލަތުން މި ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅިއެވެ. މި ހެކިތަކަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ތެރެއިން 05 ބާވަތެއްގެ ހެކި ލިބިފައިނުވާތީ، މުޙައްމަދު ނަޞީރުގެ މައްޗަށް އެ ދަޢުވާ "އަދި މި ވަގުތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް" އެ މައްސަލަ ނިންމާފައިވެއެވެ.

10މި މައްސަލަ މި ގޮތަށް ނިމުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ، މި މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވީ ނަމަވެސް، ކުށް ސާބިތުނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ފާހަގަ ކުރި ނުކުތާއެވެ. މި މައްސަލަ ހައިކޯޓުން ނިންމުމުގައި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތު ވެފައިވެއެވެ. އެ ގޮތުން މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް އަޤައްލިއްޔަ ރައުޔުގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އަޣްލަބިއްޔަތު ރައުޔުގައިވާ ގޮތުން މި މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވެއެވެ. ވުމާއެކު މި މައްސަލައިގައި ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ

11މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ދައުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ފާހަގަކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (އ) އާއި (ވ) ގައި ބުނާ މިންވަރަށް މި މައްސަލައިގައި ހެކި ލިބިފައިވާ ކަމުގައްޔާއި، މި ހެކިތަކަށް ދެ މަރުޙަލާގައި އެކަށީގެންވާ ބުރަދަނެއް ދީފައި ނުވާކަމަށެވެ.

12މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން އަންނަވި ކަންކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ޝަކުވާ ކުރި ދެ ކުދިންގެ މެޑިކޯ ލީގަލް ރިޕޯޓުގައި ވެސް އެ ދެ ކުދިންނަށް ލިބިފައިވާ އަނިޔާ ބަޔާން ކޮށްފައިވާކަން.

ޝަކުވާކުރި ހަގު ކުއްޖާއާއި އެ ކުއްޖާގެ ބައްޕަ ސޯފާއެއްގައި ތިބިއިރު، އެ ކުއްޖާގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތިފަރާތާ ދިމާލަށް މުޙައްމަދު ނަޞީރުގެ އަތް ބާއްވައިގެން އިންދާ ފެނުނު ހެކިވެރިޔާގެ ހެކިބަހަށް ހައިކޯޓުން އެކަށީގެންވާ ބުރަދަނެއް ދީފައިނުވާކަން.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ހެކި ނެތްކަމަށް ހައިކޯޓުން ނިންމާފައިވީނަމަވެސް، މި މައްސަލައިގައި އެ ފަދަ ހެކި ލިބިފައިވާކަން.

އިސްތިއުނާފީ ނުކުތާގެ ރައްދު

13ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން މުޙައްމަދު ނަޞީރު ފާހަގަކޮށްފައިވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާކަމުގައެވެ. މި ގޮތުން އަންނަނިވި ކަންކަން މުޙައްމަދު ނަޞީރު ފާހަގަ ކުރެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޖިންސީ ޢަމަލެއް ހިންގާފައިވާކަން އަންގައިދޭ ރަސްމީ ލިޔުމަކީ ކޮބައިކަން ނޭނގޭ ކަމަށާއި، ނަމަވެސް އެ ލިޔުމަކީ މި މައްސަލައިގައި ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓުކަމުގައި ހައިކޯޓުން ކަނޑައެޅި ނަމަވެސް، އެ ރިޕޯޓުގައި ޖިންސީ އެއްވެސް އަނިޔާއެއް ދީފައިވާކަމަށް ބަޔާންކޮށްފައި ނުވާކަމަށާއި، ކުރިމަތިފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ޔަޤީންވާވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން. އަދި މި ރިޕޯޓަކީ މުޙައްމަދު ނަޞީރަށް އެއްވެސް މަރުޙަލާއެއްގައި ދޫކޮށްފައިވާ ރިޕޯޓެއް ނޫންކަމަށާއި، ކަންމިހެން އޮތްއިރު މިއީ އެހެން ހެއްކަކާ ކޮރޮބަރޭޓް ކުރެވިދާނެ ރިޕޯޓެއް ނޫންކަން.

ޝަކުވާކުރި ހަގު ކުއްޖާއަށް މުޙައްމަދު ނަޞީރު ޖިންސީ ގޯނާކުރި ތަފާތު ދެ ހާދިސާއެއް ފެނުނު މި ކުދިންގެ ބޮޑުދައިތައަކީ، ސިކުނޑީގެ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހެއްކަމަށާއި، އޭނާގެ ހެކިބަހަކީ ފުރިހަމަ ހެކިބަހެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން.

ޝަކުވާކުރި ހަގު ކުއްޖާއާއެކު މުޙައްމަދު ނަޞީރު ސޯފާއެއްގައި އިންއިރު، މުޙައްމަދު ނަޞީރުގެ އަތްއޮތީ އެ ކުއްޖާގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތި ފަރާތުގައި ކަމަށް ބުނެ ހެކިބަސް ދީފައިވީ ނަމަވެސް، ބައްޕައަކު ދަރިން ގެންގުޅޭއިރު، ދަރިންނާ ލޯބިން ބައްދާލުމާއި އުނގަށްލުން ފަދަ ކަންކަމުގައި އުޅޭއިރު ދަރިއެއްގެ ޖިންސީ ގުނަވަނަކާ ދިމާލުގައި އަތް އޮވެދާނެ ކަމަށާއި، އެއީ ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމަށް ކުރެވޭ ކަމެއްކަމުގައި ބަލާނަމަ، އެއީ ނުޙައްޤުން ދެވޭނެ އަނިޔާއެއް ކަމުގައި މެނުވީ ނުވާނެކަން.

މި މައްސަލައިގައި ޝަކުވާކުރި ކުދިންގެ ބަޔާނެއް ނަގާފައިނުވާކަމަށާއި، ޤާނޫނުގެ 47 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށްޓަކައި އެފަދަ ބަޔާނެއް އޮންނަންޖެހޭނެކަން. އަދި މި ފަދައިން ބަޔާނެއް ނެތުމަކީ މި ތަޙްޤީޤު ފުރިހަމަ ނުވާކަމެއްކަން.

ޤާނޫނު

14މި މައްސަލައިގައި ދައުލަތުގެ ފަރާތުން ފާހަގަކުރާ މައިގަނޑު ކަމަކީ މި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައިވީނަމަވެސް އެ ހެކިތަކަށް އެކަށީގެންވާ ބުރަދަނެއް ދީފައި ނުވާކަމެވެ.

15HN1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ އެއް މަޤުޞަދަކީ، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. މި މަޤުޞަދު ހާސިލުކުރުމަށްޓަކައި، މި ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ބާވަތެއްގެ ހެކި ބަޔާން ކުރުމަށްފަހު، އެ ބާވަތްތަކުގެ ތެރެއިން "މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެ" ކަމުގައި ބަޔާން ކޮށްފައިވެއެވެ.

16ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކީގެ ލުއި މިންގަނޑެއް ޤާނޫނުގައި ބަޔާންކުރުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު އަންނަނިވި ފަދައިން ބަޔާން ކޮށްފައިވެއެވެ.

"ކުޑަކުދިންނާ ދޭތެރޭގައި ކުރެވޭ ޖިންސީ ކުށްތަކަކީ އެކަހެރި ތަންތަނުގައި ސިއްރުން ކުރާ ކުށްތަކެއް ކަމަށްވާތީވެ، އެފަދަ ކުށްތައް، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އާންމު މިންގަނޑުން ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އާންމު މިންގަނޑުން ކުޑަކުދިންނާމެދު ކުރެވޭ މިފަދަ ކުށްތައް ޝަރީއަތުން ސާބިތުކުރުމަކީ އުނދަގޫކަމެއް ކަމަށްވާތީ، އަދި ކުޑަކުދިންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެތީ، އެކަން ހައްލުކުރުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ސާބިތުކުރުމުގެ ހެކީގެ މިންގަނޑު ލުއިކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ އެއް މަގްސަދެވެ. އެމަގްސަދު ހާސިލުކުރުމުގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން، ޝަރީއަތުގެ މަޖިލީހަށް އާންމުކޮށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތްބާވަތުގެ ހެކި ބަލައިގަނެވޭނެ ކަމަށާއި، އެގޮތުން އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 12 ބާވަތުގެ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެއްކެއް ހުރެއްޖެ ނަމަ އެ މިންވަރުން ކުށް ސާބިތުކުރުމަށް ފުދޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ."

17ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެފައިވާ ހެކީގެ އުސޫލު ތަފުސީލު ކޮށްދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު އިތުރަށް ފާހަގަ ކުރައްވާފައިވަނީ،

"ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަންކުރުމެވެ. ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ގަބޫލުކުރެވޭ ހެކިތަކަކަށް ވާނަމައެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތްތަކެއްގެ ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ." މި ފަދައިންނެވެ.

18HN2ކުޑަކުދިންގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްކަން ނުވަތަ ނޫންކަން ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެ ކަމުގައްޔާއި، އެ ކުދިންގެ "ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ" ކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ފަނޑިޔާރު ޙުއްސުއްސުޢޫދު ފާހަގަ ކުރައްވާފައިވެއެވެ.

ހެކި ވަޒަންކުރުން

19ޖިނާއީ ކޮންމެ މައްސަލައެއްގައިމެ ހެކި ލިބިފައި ހުންނަނީ އެކި ގޮތަށެވެ. އެ ހެކިތަކުން ލިބޭ ބުރަދަންވެސް އެކި މައްސަލަތަކުގައި ތަފާތުވެއެވެ. މި އުސޫލުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައިވެސް ހެކި ހުންނަނީ އެކިފަހަރު އެކި ގޮތަށެވެ.

20ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި ކަނޑައެޅިފައިވާ ހެކިބަސް އެތެރެފުށާއި ބޭރު ފުށުން އެއްގޮތްވޭތޯ ބެލުމުގެ އުސޫލުތައް ތަޠުބީޤު ކުރާނީ މި މައްސަލައިގެ ހާދިސާ ތަރުތީބުވެފައިވާ ގޮތަށް ބަލައިގެންނެވެ. އެ ގޮތުން މި މައްސަލައިގައި އެންމެ ފުރަތަމަ ބަލާނީ ބޭރުފުށުން ހެކި އެއްގޮތް ވާކަން ނުވަތަ ނުވާކަމުގެ މައްޗަށެވެ. ސަބަބަކީ މި މައްސަލަ ފެށިގެން އަންނަނީ ޝަކުވާކުރި ދެ ކުދިންގެ ތެރެއިން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މަންޒަރު މީހަކަށް ފެންނަ ހިސާބުންނެވެ.

ބޭފުށުގެ ހެކީގެ އެއްގޮތްކަން

21HN3މިފަދަ މައްސަލަތަކުގައި ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ(External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައި ގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުމެވެ. ތިރީގައި މި ބަޔާންކުރަނީ މި މައްސަލައިގައި ބޭރު ފުށުން ލިބިފައިވާ ހެކިތަކުން ދޭހަވާ ކަންކަމެވެ.

(ހ) މަންޒަރު ފެނުނު ދެ ހެކިން

22މި މައްސަލައަށް ބަލާއިރު، މުޙައްމަދު ނަޞީރު ޝަކުވާކުރި ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާއާމެދު 2013 އޮކްޓޯބަރ މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޖިންސީ ޢަމަލެއް ހިންގަނިކޮށް މި ކުދިންގެ މަންމަ ފަރާތު ބޮޑު ދައިތައަކަށް ފެނިފައިވެއެވެ. އޭގެ އިތުރުން އެހެން މީހަކަށް މުޙައްމަދު ނަޞީރު މި ކުއްޖާއަށް ޖިންސީ ގޯނާ ކުރަނިކޮށް ފެނިފައިވެއެވެ. މި ދެ މީހުންމެ، މި މައްސަލައިގައި ޝަރީޢަތަށް ހާޒިރުވެ، ހެކިން ކުރަންޖެހޭ ހުވައިކޮށް، އެ މީހުންނަށް މަންޒަރު ފެނުނު ގޮތް ބަޔާންކޮށްދީ ހެކިބަސް ދީފައިވެއެވެ.

23މި ދެ މީހުންގެ ތެރެއިން ޝަކުވާ ކުރި ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަގެ ހެކިބަހަށް ބަލާއިރު، ދެ ހާދިސާއަކާ ގުޅޭ ތަފުސީލުތައް ޝަރީޢަތަށް ހާމަކޮށްފައިވެއެވެ. މި ގޮތުން؛

ފުރަތަމަ ހާދިސާގައި، މުޙައްމަދު ނަޞީރު ޝަކުވާކުރި ހަގު ކުއްޖާ ސޯފާއެއްގައި ބައިންދައިގެން އެ ކުއްޖާގެ ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕައިގެން ހުއްޓާ ފެނުނު ކަމަށާއި، އެ ކުއްޖާ ހަޅޭއް ލަވައި،

"ބައްޕަ އުޅެނީ މޮޔަވެގެންހޭ އަބަދު ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާ ހަދަނީ"،

މިހެން ބުނި އަޑު އެހިކަމަށް ބޮޑު ދައިތަ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވެއެވެ.

ދެވަނަ ހާދިސާގައި ހަމަ އެ ކުއްޖާ ބަލިވެ ހުންއައިސްގެން ކޮޓަރީގެ އެނދުގައި އޮއްވައި މުޙައްމަދު ނަޞީރު އެ ކުއްޖާގެ ފުރަގަހުން ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާ ހެދި މަންޒަރު ފެނުނު ކަމަށާއި، އެއިރު އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައިކަމަށާއި، ފަސް މިނެޓް ވަންދެން މުހައްމަދު ނަޞީރު އެ ގޮތަށް އެކަން ކުރިކަމަށާއި، އެއީ ރޭނގަޑުގެ ވަގުތެއް ކަމަށާއި، މިހެން މިކަންތައް މެދުވެރިވުމުން މި ވާހަކަ އެ ގޭގެ މީހުންގެ ގާތުގައި ބުނިކަމަށް ކުއްޖާގެ ބޮޑު ދައިތަ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

24ޝަކުވާ ކުރި ހަގު ކުއްޖާއާމެދު މުޙައްމަދު ނަޞީރު އެހެން ހާދިސާއެއްގައި ކަންތައް ކުރި ގޮތާމެދު ހާޒިރު ކުރެވުނު ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ،

"އަޅުގަނޑު (ގޭގެ ނަން އުނިކުރެވިފައި) ގެ އަށް ދިޔައިރު، (ކުއްޖާ އާއި) އޭނާގެ ބައްޕަ މުޙައްމަދު ނަޞީރުއާ ދެމީހުން ތިބީ އެ ގޭގެ ސޯފާގައެވެ. އެ ސޯފާގައި ދެ މީހުން ތިބިއިރު، މުޙައްމަދު ނަޞީރުގެ އަތް އޮތީ (ކުއްޖާ) ގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތިފަރާތާ ދިމާލަށެވެ. އެހެންކަމުން މުޙައްމަދު ނަޞީރުގެ ނިޔަތް ރަނގަޅު ނޫންކަން އަޅުގަނޑަށް އެނގެއެވެ." މި ފަދައިންނެވެ.

25މި ދެ މީހުންގެ ތެރެއިން ކުއްޖާގެ ބޮޑުދައިތަގެ ހެކިބަހަށް ދެ މަރުހަލާއިން ބުރަދަނެއް ދީފައިނުވަނީ، އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާ ކުރަމުންދާ އަދި އެކަމުގެ ސަބަބުން ނުކުޅެދޭ މީހުންގެ ލިސްޓްގައި ހިމެނިފައިވާ މީހެއް ކަމުގައިވާތީއެވެ. މި ނުކުތާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަ ކޮށްފައިވަނީ ކުއްޖާގެ ބޮޑުދައިތަގެ ބަޔާނުން އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއްކަން އެނގޭ ކަމަށެވެ. މި ނުކުތާގައި ހައިކޯޓުން އިތުރަށް ފާހަގަ ކޮށްފައިވަނީ، "މި ހެކިވެރިޔާއަކީ ބުއްދި ސަލާމަތުންހުރި، އަދި އޭނާގެ ހެކިބަސް ޤަބޫލު ކުރެވޭފަދަ ހާލަތެއްގައި ހުރި މީހެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގައި ބަޔާން ކޮށްދެވިފައިނުވާކަން އެނގޭ" ކަމަށެވެ.

26HN4ހެކިބަހަކީ، މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އޭނާގެ ފަސް ހިއްސުގެ ތެރެއިން ހިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤުރާރުވުމެވެ. ޢާންމު އުސޫލަކީ، ނުވަތަ އިފްތިރާޟަކީ، އެ މީހަކާ ކުރެވޭ ސުވާލުތައް ފަހުމުވެ، އެ ސުވާލުތަކުގެ ޖަވާބު ދެވޭ ކޮންމެ މީހަކީ ހެކިބަސް ދެވޭފަދަ މީހަކު ކަމުގައިވުމެވެ. މިއާ އިދިކޮޅު ސާބިތު ކުރެވޭނީ އެހެނިހެން އިފްތިރާޟުތަކެކޭ އެއްފަދައިން ހެކި ހުށަހަޅައިގެންނެވެ. މި އުސޫލުން، ހެކިވެރިއެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭފަދަ ހާލަތެއް ކުރިމަތިވެފައިވާކަމަށް ބެލެވޭނަމަ، އެކަމެއް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ބަޔާން ކޮށްދިނުމަކީ އެފަދައިން ބުނާ ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް މި ޒިންމާ އެ ފަރާތަކުން އަދާކޮށްފިނަމަ، އެކަމާބެހޭ ގޮތުން ހެކި ހުށަހަޅާ ފަރާތުން ހުށަހެޅުންތައް ހުށަހަޅައި، އެކަމާމެދު ޝަރީޢަތުން ގޮތެއް ނިންމިދާނެއެވެ.

27މި މައްސަލައަށް ބަލާއިރު، މުޙައްމަދު ނަޞީރު މި ހެކިވެރިޔާއާމެދު ފާހަގަ ކޮށްފައިވަނީ، އޭނާއަކީ

"ނުކުޅެދުންތެރިކަން ހުރި ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހަކަށް ވެފައި އަދި ސަރުކާރުން ނުކުޅެދޭ މީހުންނަށް ދެއްވާ ޚާއްޞަ އިނާޔަތް މިހާރުވެސް ލިބެމުންދާ މީހަކަށްވާތީއާއި، އޭނާއަށްވެސް އަޅުގަނޑު އުފަން ކުއްޖަކާ ބެހިފައިވާތަނެއް ފެނިފައިނުވާނެތީ..."

އެ ހެކިބަހަށް އިޢުތިރާޟު ކުރާކަމަށެވެ. އަދި މި ކަމާގުޅިގެން ކުއްޖާގެ ބޮޑުދައިތަ ޝަރީޢަތަށް ދީފައިވާ ބަޔާނުގައިވަނީ އޭނާއަކީ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހެއްކަމަށާއި، އޭނާގެ އަތުގައި ޑޮކްޓަރު ދީފައިވާ ލިޔުންތައް ހުންނާނެ ކަމަށެވެ. ހެކިވެރިޔާގެ ބަލި ހާލަތާމެދު ދައްކާފައިވާ މި ވާހަކަތަކަށް ބަލާއި، ދަށު މަރުޙަލާގެ ކޯޓުގައި ހެކިވެރިޔާއަކީ، ހެކިބަސް ޤަބޫލު ނުކުރެވޭފަދަ އެއްވެސް ބައްޔެއް، އަދި ވަކިން ޚާއްޞަކޮށް ސިކުނޑީގެ ނުވަތަ ވިސްނުމުގެ އުނިކަމެއް ކުރިމަތިވެފައިވާ މީހެއްކަން އެނގެން ނެތެވެ. އަދި މި މައްސަލައިގައި ހެކިވެރިޔާ ތަޙްޤީޤުގައި އޭނާއަށް މުޙައްމަދު ނަސީރު ހިންގި ޢަމަލު ފެނުނު ގޮތް ކިޔައިދިންތާ 04 (ހަތަރެއް) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވީ ފަހުން އެ އަމަލުތައް ހަމަ އެފަދައިން ނުވަތަ އެއަށްވުރެ ތަފުސީލާއެކު ޝަރީޢަތަށް ކިޔައިދީފައި ވުމުން، ބަހުސްގެ ބޭނުމަށްޓަކައި އޭނާއަށް ބަލި ހާލަތެއް މެދުވެރިވި ނަމަވެސް، އެ ހާލަތަކީ، އޭނާގެ ވިސްނުމާއި، އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދިނުމަށް ހުރަސް އަޅާފަދަ ހާލަތެއް ނޫންކަން އެނގެއެވެ. ވުމާއެކު، މި ހެކިވެރިޔާގެ ހެކިބަހަށް ބުރަދަން ނުދިނުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

28ދެވަނަ ހެކިވެރިޔާގެ ހެކިބަހުގެ ޞައްހަކަމާމެދު ހައިކޯޓުން ސުވާލު އުފައްދާފައިވަނީ، ތަހްޤީޤުގައި، ހެކިވެރިޔާއަށް މުޙައްމަދު ނަޞީރު ފެނުނުއިރު، މުޙައްމަދު ނަޞިރު އިނީ "ކުއްޖާގެ ހެދުމުން ނިވާވާ ގޮތަށް ކުއްޖާގެ ކުރިމަތި ފަރާތުގައި އަތް އަޅައިގެން" ކަމުގައި ބުނުމަށްފަހު، ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ނަޞީރުގެ އަތް އޮތީ "ހެދުމުގެ މަތިން ކުރިމަތިފަރާތާ ދިމާއަށް" ކަމުގައި ބުނެފައި ވުމުގެ ސަބަބުންނެވެ.

29މި ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ނަޞީރުގެ އަތް އޮތީ "ހެދުމުގެ މަތިން ކުރިމަތިފަރާތާ ދިމާއަށް" ކަމުގައި ބުނުމަށްފަހު، މުޙައްމަދު ނަޞީރުގެ ނިޔަތް ރަނގަޅު ނޫންކަން އޭނާއަށް އެނގޭކަމުގައި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. މިކަމުގެ އިތުރު ތަފުސީލެއް މި ހެކިވެރިޔާގެ ކިބައިން ޝަރީޢަތުން ސާފުކޮށްފައި ނުވެއެވެ. އަދި މި ހެކިވެރިޔާގެ މި ބުނުމުން މުޙައްމަދު ނަޞީރުގެ މި ޢަމަލަކީ، އާދައިގެ މީހަކު އާންމު އުސޫލުން އޭނާގެ އަމިއްލަ އުފަން ދަރިއަކާމެދު އަމަލުތައް ބަހައްޓާ އިމުން ބޭރުން މުޙައްމަދު ނަޞީރުގެ ޢަމަލުތައް ހުރުމުން ފާހަގަވި އަމަލެއްކަމުގައި ބެލެވިދާނެއެވެ. ވުމާއެކު، މި ހެކިވެރިޔާގެ ހެކިބަހަށް ބުރަދަނެއް ދިނުމުގައި މައްސަލައިގައި ލިބިފައިވާ ހެކިތަކުން ބާރު ލިބޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ.

(ށ) ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ރިޕޯޓުތައް

30މި މައްސަލައިގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ހިއުމަން ރައިޓްސްގެ، ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން ޝަކުވާކުރި ދެ ކުދިންގެ އެސެސްމަންޓެއް ހަދައި ކޮންމެ ކުއްޖަކާމެދު އެ ސެންޓަރަށް ފެންނަ ގޮތް ބަޔާންކޮށް ރިޕޯޓެއް ތައްޔާރު ކޮށްފައިވެއެވެ.

31ޝަކުވާކުރި ހަގު ކުއްޖާއާބެހޭ ގޮތުން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، "މި ސެންޓަރަށް ފެންނަ ގޮތުގައި (ދާއިމީ އެޑްރެސް އުނިކުރެވިފައި) މުޙައްމަދު ނަޞީރު، (ކުއްޖާގެ ނަން އުނިކުރެވިފައި) ޖިންސީ ގުނަވަނުގައި އެކި ދުވަސްމަތިން އަތްލައި ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވެއެވެ. އަދި މުޙައްމަދު ނަޞީރު މި ޢަމަލު ހިންގާފައިވަނީ ކުއްޖާއަށް އޮޅުވާލައިގެން ކަމަށްވެސް ސެންޓަރުން ކުރެވުނު މަސައްކަތުން ފާހަގަވެއެވެ." މި ފަދައިންނެވެ.

32މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މި ކުއްޖާއާ ވާހަކަ ދެއްކުމުން މުޙައްމަދު ނަޞީރުގެ މި ޢަމަލަކީ ގޯސް ޢަމަލެއްކަން މި ކުއްޖާއަށް އެނގިފައި ނުވާކަމަށް ކުއްޖާ ބުނާކަމަށެވެ.

33ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު ތައްޔާރުކޮށްފައިވާ ޝަކުވާކުރި ދޮށީ ކުއްޖާގެ ރިޕޯޓަށް ބަލާއިރު، "މި ސެންޓަރަށް ފެންނަ ގޮތުގައި (ދާއިމީ އެޑްރެސް އުނިކުރެވިފައި) މުޙައްމަދު ނަޞީރު، (ކުއްޖާގެ ނަން އުނިކުރެވިފައި) ކުއްޖާގެ ނުރުހުމުގައި ކުއްޖާގެ ޖިންސީ ގުނަވަނުގައި އެކި ދުވަސްމަތިން އަތްލައި ބަދު އަޚްލާޤީ ޢަމަލު ހިންގާފައި" ވާކަމަށް އެ ސެންޓަރަށް ފާހަގަ ކުރެވޭ ކަމުގައި ބަޔާން ކޮށްފައިވެއެވެ.

(ނ) ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ރިޕޯޓުތައް

34މި މައްސަލައިގައި ޝަކުވާކުރި ދޮށީ ކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އެ ހޮސްޕިޓަލުން 06 އޮކްޓޯބަރ 2013 ގައި ތައްޔާރުކޮށްފައިވާ މެޑިކަލް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، "ކުރިމަތި ފަރާތުގެ ބޭރުގެ މަސްކޮޅުގައި ކުޑަކޮށް ދިޔަ އައިސްފައި ހުއްޓެވެ. ކުރިމަތި ފަރާތުގައި ހުޅުވިފައިވާ ތަނުގައި ކުޑަކޮށް ލޭ އެއްވެފައި ހުރިކަމަށް ބެލެވޭ، ބިކުރު ކެނޑިފައިނުވޭ، ފުރަގަސްފަރާތް އާދަޔާ ޚިލާފު ކަމެއް ފެނިފައިނުވޭ." މިފަދައިންނެވެ. މީގެ އިތުރުން، ކުރިމަތި ފަރާތުގައި ހުޅުވިފައިވާ ތަނުގައި ކުޑަކޮށް ލޭ އެއްވެފައި ހުރިކަމަށް ބެލެވޭކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ފުރަގަސް ފަރާތް، ކުރިމަތި ފަރާތް، ދެފައި ދޭތެރޭގެ ވަށައިގެންވާ ތަނަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމަށް ފެނިފައިނުވާކަމަށް (މަށައިގެން ގޮސްފައި ނުވާކަމަށް) ވެސް އެ ރިޕޯޓުގައި ވެއެވެ.

35ޝަކުވާކުރި ހަގު ކުއްޖާގެ މެޑިކަލް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި، "ގާތްގަނޑަކަށް ދެ މިލިމީޓަރު ދިގުމިން ހުރި ކުޑަ ތަނެއް ސީދަލަށް ކެނޑިފައި، ރަނގަޅުވަމުންދާ ތަނެއް ކުރިމަތި ފަރާތުގެ ތިރީ މަސްގަނޑުގައި ހުރި، ބިކުރު ކެނޑިފައިނުވޭ." މި ފަދައިން ބަޔާންކޮށްފައިވެއެވެ.

36ޝަކުވާކުރި ކުދިންގެ މެޑިކަލް ރިޕޯޓުތައް މުޙައްމަދު ނަޞީރަށް ލިބިފައިނުވާތީ، އެ ލިޔުންތަކަކީ އެހެން ހެކިތަކާ ކޮރޮބޮރޭޓް ނުކުރެވޭނެ ހެކިތަކެއް ކަމުގައި މުޙައްމަދު ނަޞީރު ފާހަގަކުރި ނަމަވެސް، އެ ލިޔުންތައް މުޙައްމަދު ނަޞީރާ ހިއްސާކޮށް، އެ ލިޔުންތަކާމެދު މުޙައްމަދު ނަޞީރުގެ ފަރާތުން ތަފުސީލުކޮށް ވާހަކަ ދައްކާފައިވާކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

އެތެރެފުށުގެ ހެކީގެ އެއްގޮތްކަން

37ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަކީ(Internal Consistency) ޝަކުވާކުރި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފުސީލުތައް ހުރިނެތް ގޮތް ބެލުމެވެ. މި މައްސަލައިގައި ޝަކުވާކުރި ކުޑަ ދެ ކުދިންގެ ވާހަކަތަކަށް ބަލާއިރު، އެކި މީސްމީހުންނަށް އެ ކުދިންނާމެދު އެ ކުދިންގެ ބައްޕަ ޢަމަލު ކުރި ގޮތް ކިޔައިދީފައި ވެއެވެ. ތިރީގައި މިވަނީ އެ ކުދިންނާމެދު އެ ކުދިންގެ ބައްޕަ ކަންތައް ކޮށްފައިވާ ގޮތް އެ ކުދިން ކިޔައިދީފައިވާ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކެވެ.

(ހ) ކުއްޖާގެ ފަހަރި (ފުރިހަމަ ނަމާއި އެޑްރެސް އުނި ކުރެވިފައި)

38ކުއްޖާގެ ފަހަރި ޝަރީޢަތުގެ މަޖިލީހުގައި ހުވާކޮށްގެން ހުރެ ބުނެފައިވަނީ މުޙައްމަދު ނަޞީރު އޭނާގެ އުފަންދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގި މަންޒަރު ފެނިފައި ނުވިނަމަވެސް، ކުއްޖާގެ ފަހަރީގެ ގާތުގައި މި ކުދިންގެ މަންމަ ފަރާތު ބޮޑު ދައިތައަށް މުޙައްމަދު ނަޞީރު އެ ފަދަ ޢަމަލެއް ހިންގިތަން ފެނިގެން އެ ވާހަކަ ބުނިކަމުގައެވެ. އަދި މި ބޮޑު ދައިތަގެ އިތުރުން އެހެން ބޮޑު ދައިތައެއް ވެސް 2013 އޮކްޓޯބަރ 05 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި މިފަދަ ވާހަކައެއް ބުނިކަމުގައެވެ. އަދި މުޙައްމަދު ނަޞީރުގެ މި ޢަމަލުތަކާ ގުޅިގެން ޝަކުވާކުރި ދޮށީ ކުއްޖާއާ ސުވާލުކުރުމުން "ސ. ހިތަދޫ (އެޑްރެސް އުނިކުރެވިފައި) އުޅުނު އިރު އެކި ދުވަސްމަތިން ޖަނގިޔާ ތެރެއަށް ބައްޕަ އަތްކޮއްޕާ ހަދާކަމަށާއި، ބައްޕަ ބެހި ހަދާ ކަމަށް" އެ ކުއްޖާ ބުނި ކަމުގައެވެ. މި ކުއްޖާއާމެދު އިތުރަށް ފަހަރި ބުނެފައިވަނީ މި ކުއްޖާއަކީ އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް "ވަރަށް މަޑުމަޑުން" އުޅޭ ކުއްޖެއްކަމުގައެވެ.

(ށ) އާމިނަތު ސަޢީދު، ޑިއަރެސްޓް، ސ. ހިތަދޫ

39އާމިނަތު ސަޢީދަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ހިއުމަން ރައިޓްސްގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ސޯޝަލް ސަރވިސް އޮފިސަރެކެވެ. ޝަކުވާކުރި ކުދިންނާ އާމިނަތު ސަޢީދު ވާހަކަ ދައްކާފައިވަނީ މި ހާދިސާގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ލިބުމުން ކަންހިނގައިދިޔަ ގޮތް ކުދިންގެ ކިބައިން އޮޅުންފިލުވުމަށެވެ. އަދި މި ހާދިސާގައި މި ކުދިން ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ހަރަކާތްތެރި ވެފައިވަނީ ވެސް އާމިނަތު ސަޢީދެވެ.

40އާމިނަތު ސަޢީދު ދީފައިވާ ހެކިބަހަށް ބަލާއިރު، ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއާ ސުވާލު ކުރުމުން، "ގޭތެރޭގައި ކުޅެން އުޅޭ އިރު ތިމަންނަގެ ކުރިމަތި ފަރާތުގައި ބައްޕަ އަތްލާކަމަށް" އެ ކުއްޖާ ބުނި ކަމަށް އާމިނަތު ސަޢީދު ބުނެފައިވެއެވެ. އަދި ކުޑަ އަންހެން ކުއްޖާގެ ޖަނގިޔަލުގެ ތެރެއަށް މުޙައްމަދު ނަޞީރު އަތްލާކަމަށާއި، އެ ކުއްޖާ ހަޅޭލަވާ އަޑު އިވޭކަމަށް ޝަކުވާކުރި ދެ ކުދިންގެ އެއްބަނޑު އެއްބަފާ ދައްތަ ބުނިކަމުގައި އާމިނަތު ސަޢީދު ބުނެފައިވެއެވެ.

(ނ) ފަޞާޙަތު ޙުސައިން، ރާޅުވެލި، ސ.ހިތަދޫ

41ފަޙާޞަތު ޙުސައިންއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ހިއުމަން ރައިޓްސްގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރެކެވެ. ޝަކުވާކުރި ކުދިންނާ ފަޞާޙަތު ޙުސައިން ވާހަކަ ދައްކާފައިވަނީ އާމިނަތު ސަޢީދުއެކޭ އެއްފަދައިން މި ހާދިސާގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ލިބުމުން ކަންހިނގައިދިޔަ ގޮތް ކުދިންގެ ކިބައިން އޮޅުންފިލުވުމަށެވެ.

42މި މައްސަލައިގައި ފަޞާޙަތު ޙުސައިން ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ޝަކުވާކުރި ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާއާ ދެއްކި ވާހަކައިގައި "އެކި ދުވަސްމަތިން އެ ކުއްޖާ ލައިގެން ހުންނަ ޖަނގިޔަލުގެ މަތިން ކުރިމަތި ފަރާތުގައި ބައްޕަ އަތްލާފައިވާ ކަމަށާއި، އަދި އެއް ދުވަހު ޖަނގިޔަލުގެ ތެރެއިންވެސް އެ ކުއްޖާގެ ކުރިމަތި ފަރާތުގައި ބައްޕަ އަތްލާފައިވާކަމަށް ބުނެފައިވާ" ކަމަށް ބުނެފައިވެއެވެ.

43މި މައްސަލައިގައި ޝަކުވާކުރި ކުޑަ ދެކުދިންގެ ފަރާތުން މަޢުލޫމާތު ލިބުނު މީހުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައިވާ އެއް ގޮތްކަމަށް ބަލާއިރު، މުޙައްމަދު ނަޞީރު އެ ދެ ކުދިންގެ ޖަނގިޔަލުގެ މަތިންނާއި، ޖަނގިޔަލުގެ އެތެރެއިން އެ ކުދިންގެ ކުރިމަތި ފަރާތުގައި އަތްލާ ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.

44އާދަޔާ ޚިލާފަށް ތެދުކަމުގައި ޤަބޫލު ކުރެވޭތަ؟މި މައްސަލައިގައި މުޙައްމަދު ނަޞީރާ ދެކޮޅަށް ލިބިފައިވާ ހެކިތަކަކީ މި ބާވަތުގެ އެހެން މައްސަލަތަކަށްވުރެ ވަރުގަދަ ހެކިތަކެކެވެ. މި ހެކިތަކުގެ ތެރޭގައި މުޙައްމަދު ނަޞީރު ޝަކުވާކުރި ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ހިމެނެއެވެ. މި ތަނުގައި ދެ މީހުންގެ ހެކިބަހޭ މި ބުނަނީ ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަގެ ހެކިބަހާއި، އަދި ހަގު ކުއްޖާއާއެކު މުޙައްމަދު ނަޞީރު ސޯފާއެއްގައި ތިބިއިރު، މުޙައްމަދު ނަޞީރުގެ އަތް އޮތީ (ކުއްޖާ) ގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތިފަރާތާ ދިމާލަށް ކަމުގައްޔާއި އެހެންކަމުން މުޙައްމަދު ނަޞީރުގެ ނިޔަތް ރަނގަޅު ނޫންކަމަށް ހެކިބަސް ދީފައިވާ ހެކިވެރިޔާގެ ހެކިބަހަށެވެ. ފަހުން މި ބުނި ހެކިވެރިޔާގެ ހެކިބަހުގައި އޭނާ ޝަރީޢަތަށް ސިފަކޮށްދީފައިވާ މުޙައްމަދު ނަޞީރުގެ ޢަމަލަކީ ޖިންސީ ގޯނާގެ ޢަމަލެއް ކަމުގައި އަންނަނިވި ފޮޅުވަތްތަކުގައިވާ ހެކިތަކުގެ ތަފުސީލު ތަކުން އަހުރެންނަށް ބުރަވެވެއެވެ.

45މި މައްސަލައިގައި ޝަކުވާކުރި ދެ ކުދިންމެ އެ ކުދިންނާމެދު އެ ކުދިންގެ ބައްޕަ މުޙައްމަދު ނަޞީރު ކަންތައް ކުރިގޮތް އެއްވެސް ޚިލާފެއްނެތި އެ ކުދިންނާ ސުވާލު ކުރި ތިން މީހަކަށް އެއް ގޮތަކަށް ކިޔައިދީފައިވެއެވެ. މި ތިން މީހުންވެސް ޝަރީޢަތުގެ މަޖިލީހުގައި އެ ކުދިން ކިޔައިދިން ގޮތަށް ހެކިބަސް ދީފައިވެއެވެ. ފަހަރެއްގައިވެސް މި ތިން މީހުންގެ ހެކިބަހަކީ، ހައިކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން އެއް ހެއްކެއް ނޫނެވެ. ނަމަވެސް މިއީ މި ހާދިސާގައި ޝަކުވާ ކުރި ކުދިން ބުނާ ބުނުންތައް ހުރި ނެތް ގޮތް ދެނެގަތުމުގެ ނުވަތަ އެ ކުދިން ބުނާ ބުނުމަކީ ތެދު ބުނުމެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ވަސީލަތް ތަކެކެވެ.

46މި މައްސަލައިގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައި މި ކުދިންނަށް މުޙައްމަދު ނަޞީރު ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭކަމަށް ބަޔާންކޮށްފައިވެއެވެ.

47ދެ ކުދިންގެ މެޑިކަލް ރިޕޯޓަށް ބަލާއިރު ޝަކުވާކުރި ހަގު ކުއްޖާގެ ކުރިމަތި ފަރާތުގެ ތިރީ މަސްގަނޑުގައި ސީދަލަށް ކެނޑިފައިހުރި ރަނގަޅުވަމުން އަންނަ ދެ މިލިމީޓަރުގެ ތަންކޮޅެއް އިންކަން ފާހަގަ ކޮށްފައިވާއިރު، މި ރިޕޯޓަކީ 2013 އޮކްޓޯބަރ 14 ވަނަ ދުވަހު މި ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. މި ކުއްޖާއަށް މުޙައްމަދު ނަޞީރު ޖިންސީ ގޯނާ ކުރި މަންޒަރު ފެނުނު ހެކިން ބުނެފައިވަނީ އެ ޢަމަލުތައް އެ ކުއްޖާއާމެދު މުޙައްމަދު ނަޞީރު ހިންގާފައިވަނީ 2013 އޮކްޓޯބަރ މަހު ކުރީ ކޮޅުގައި ކަމުގައެވެ. ސަބަބެއް ނެތި މި ޢުމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި ރަނގަޅުވަމުން އަންނަ މިފަދަ ޒަޚަމެއް ހުރެގެން ނުވާނެއެވެ. މުޙައްމަދު ނަޞީރުގެ މުޑުދާރު ޢަމަލު ފެނުނު ހެކިން ހެކިބަސް ދިނުމަށްފަހު، އަދި ޝަކުވާކުރި ކުޑަކުއްޖާ އޭނާއަށް ލިބުނު އަނިޔާ އެކި މީހުންގެ ގާތުގައި ބުނެފައިވާއިރު، އެ ކުޑަ ކުއްޖާ ހަށިގަނޑު ޑޮކްޓަރުން ބެލުމުން ފެނިފައިވާ މި ޒަޚަމަކީ، މުޙައްމަދު ނަޞީރުގެ ފަރާތުން އެ ކުޑަކުއްޖާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާގެ ނިޝާނެއް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

48ޝަކުވާކުރި ދޮށީ ކުއްޖާގެ މެޑިކަލް ރިޕޯޓަށް ބަލާއިރު، މި ރިޕޯޓު ތައްޔާރު ކޮށްފައިވަނީ 06 އޮކްޓޯބަރ 2013 ގައެވެ. މި ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރަށް މި ކުއްޖާގެ ބޮޑު ދައިތަ ދިން މަޢުލޫމާތު ތަކުގެ ތެރޭގައި މި ކުއްޖާއާ އެންމެ ފަހުން މުޙައްމަދު ނަޞީރު މި ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވަނީ ޑޮކްޓަރާ ބައްދަލުވުމުގެ ދެ ދުވަސް ކުރިންނެވެ. އަދި ޑޮކްޓަރުގެ ގާތުގައި އޭނާގެ ބައްޕަ އޭނާގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް އަތް ކޮއްޕާ ހަދާ ކަމަށް ބުނެފައިވެއެވެ.

49މި ރިޕޯޓުގައި މި ކުއްޖާގެ ކުރިމަތި ފަރާތުގައި ހުޅުވިފައިވާ ތަނުގައި ކުޑަ ލޭކޮޅެއް އެއްވެފައި ހުރިކަމަށާއި، ކުރިމަތި ފަރާތުގެ ބޭރު މަސްކޮޅުގައި ކުޑަކޮށް ދިޔަ އައިސްފައި ހުރިކަމަށް ބަޔާންކޮށްފައިވާއިރު، މި ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ އިތުރުން، މި މައްސަލައިގައި ހެކިބަސް ދީފައިވާ ދެ މީހެއްގެ ގާތުގައި މި ކުއްޖާއަށް މުޙައްމަދު ނަޞީރު ޖިންސީ ގޯނާ ކުރާކަމުގައި ބުނެފައިވެއެވެ. ކަންމިހެން އޮތުމުން މި މެޑިކަލް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަކީ މުޙައްމަދު ނަޞީރުގެ ފަރާތުން ލިބިފައިވާ ޖިންސީ އަނިޔާގެ އަސަރު ކަމުގައި އަހުރެންނަށް ޤަބޫލު ކުރެވެއެވެ. އެހެނީ ސަބަބެއްނެތި، މި ޢުމުރުގެ ކުއްޖެއްގެ ކިބައިން މިފަދަ އަނިޔާގެ އަސަރެއް ފެންނާނެ ކަމުގައި އަހުރެން ނުދެކެމެވެ.

50މި މައްސަލައިގައި މުޙައްމަދު ނަޞީރުގެ މުޑުދާރު ޢަމަލުތައް ފެނުނު ހެކިންގެ ހެކިބަހާއި، މުޙައްމަދު ނަޞީރުގެ އަނިޔާގެ ޝިކާރައަކަށްވި އޭނާގެ އުފަން ދެ ދަރިން އެ ކުދިންނާ މެދު މުޙައްމަދު ނަޞީރު ކަންތައް ކުރި ގޮތް ކިޔައި ދިނުމުގައި އެއްވެސް ތަފާތެއްވާތީ އެ މީހުންގެ ހެކިބަހުން އަހުރެންނަށް ނުފެނުނެވެ. އެހެން ގޮތަކަށް ބުނާނަމަ، އެތެރެ ފުށުގެ ހެކީގައި ތަފާތެއް ނެތެވެ.

51މީގެ އިތުރުން އެ ކުދިންގެ ހާލަތު ދެނެގަތުމަށް ހެދިފައިވާ ރިޕޯޓުތަކުންނާއި، މެޑިކަލް ރިޕޯޓުތަކުން އެ ކުދިންގެ ޖިންސީ ގުނަވަނަށް އެކި ޒާތުގެ އަނިޔާ ލިބިފައިވާކަން ފެންނަން އޮތުމުން ޝަފަހީ ހެކިންގެ ހެކިބަހާއި، މި ރިޕޯޓުތަކުން ލިބޭ ހެކި ފުރިހަމައަށް ގުޅިގެންދެއެވެ. އަދި މި ހެކިތަކުން ކުދިން ބުނާ ބުނުމަށް ބާރުލިބެއެވެ. މި ގޮތުން މި މައްސަލައިގައި ބޭރު ފުށުގެ ހެކި އެއްގޮތް ކަން އެނގެއެވެ.

52އެތެރެ ފުށުގެ ހެއްކާއި ބޭފު ފުށުގެ ހެކި އެއް ގޮތްވުމުން މި މައްސަލައިގައި ޝަކުވާކުރި ދެ ކުދިންނާމެދު މުޙައްމަދު ނަޞީރު ޖިންސީ ޢަމަލެއް ހިންގިކަމަށް އެ ކުދިން ބުނާ ބުނުމަކީ އާދަޔާ ޚިލާފަށް ތެދު ކަމުގައި ޤަބޫލުކުރެވޭ (Unusually Convincing) ބުނުމެއް ކަމުގައްޔާއި، މި މައްސަލައިގައި ލިބިފައިވާ ހުރިހާ ހެކިތައް ވަޒަންކުރާއިރު، މުޙައްމަދު ނަޞީރު އޭނާގެ އުފަން ދެ ދަރިންނާމެދު ޖިންސީ ޢަމަލެއް ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމުގައި އަހުރެން ދެކެމެވެ.

53މައްސަލަ ނިންމަން ފެންނަ ގޮތްވުމާއެކު، މި މައްސަލައިގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 111/S2C/2016 ޤަޟިއްޔާގެ ޙުކުމާއި، އެ ޤަޟިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2019/HC-S-A/02 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމަށް އަހުރެންނަށް ފެނެއެވެ.

54އަދި މި މައްސަލައިގައި ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު ނަޞީރު ކުށްވެރި ވެއްޖެކަމުގައި ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާއާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ނަޞީރު 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މި މައްސަލަ ނިންމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 111/S2C/2016 ޤަޟިއްޔާގެ ޙުކުމާއި، އެ ޤަޟިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2019/HC-S-A/02 ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން (ދާއިމީ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އުނިކުރެވިފައި) މުޙައްމަދު ނަޞީރު 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ