ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2026] SC 33 · 2021/SC-A/55ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2026 · ޖިނާއީ – ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން (ހެކި، އިޢުތިރާފު، އަދަބު ކަނޑައެޅުން)

ޙުސައިން ޔަޙްޔާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2026ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކާފީ ހެކި ނުލިބޭތީ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ. ދައުލަތުން ކުރި އިސްތިއުނާފުގައި ހައިކޯޓުން އެ ނިންމުން ބާޠިލުކޮށް، ކުށް ސާބިތުވާކަމަށް ކަނޑައަޅައި 14 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
2014 އާއި 2015 ވަނަ އަހަރު ކުޑަކުއްޖަކާމެދު އެކި ދުވަސްތަކުގައި ޖިންސީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުސައިން ޔަޙްޔާގެ މައްޗަށް 2017 ގައި މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގިކަމުގެ މައްސަލައެއްގައި ކުއްޖާގެ ކިޔައިދިނުމާއި ހެކިބަސް ވަޒަންކުރާނީ ކިހިނެއްތޯއާއި، ތަޙްޤީޤުގައި ދިން އިޢުތިރާފު ބަޔާނަށް ބަރޯސާވެވޭނީ ކޮން ޙާލަތެއްގައިތޯއާއި، ކުށް ސާބިތުވާކަމަށް ފުރަތަމަ ކަނޑައަޅާ ހައިކޯޓުން އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުޞަތު ދޭން ޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙުސައިން ޔަޙްޔާ ބުނީ ކުއްޖާގެ ކިޔައިދިނުން ލަސްވެފައިވާކަމަށާއި، ކުއްޖާގެ ބަޔާނަކީ ބިރުދައްކައިގެން ރޭވި ކަމެއްކަމަށާއި، ކުއްޖާއާއި މައިންބަފައިންގެ ބަޔާންތަކުގައި ފުށުއެރުންތައް ހުރިކަމަށެވެ. އަދި ހައިކޯޓުން އަދަބު ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ ބާބާ ޚިލާފަށް ކަމަށާއި، ތަޙްޤީޤު ބަޔާން ނެގީ މަޖުބޫރުކޮށްގެން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުއްޖާގެ ކިޔައިދިނުން ލަސްވެފައި ނުވާކަމަށާއި، ބަޔާންތަކުގައި ޖައުހަރީ ފުށުއެރުމެއް ނެތްކަމަށާއި، ތަޙްޤީޤު ބަޔާނާމެދު މަޖުބޫރުކުރި ވާހަކަ ދަށު ކޯޓުގައި ދައްކާފައި ނުވާތީ އެ ބަޔާނަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނެގި ބަޔާނެއް ނޫންކަމަށް ކޯޓުން ނިންމިއެވެ. ނަމަވެސް ކުށް ސާބިތުކުރީ ހައިކޯޓުގައި ކަމަށްވާތީ އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުޞަތު ނުދީ އަދަބު ކަނޑައެޅުމަކީ ގޯސް ކަމަކަށްވާތީ، އަދަބުގެ ބައި ބާޠިލުކޮށް ހައިކޯޓަށް ތަޙްވީލުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/242
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމުގެ ކުށް ސާބިތުވާ ބައި ޤާއިމް؛ އަދަބުގެ ބައި ބާޠިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށް ހައިކޯޓަށް ތަޙްވީލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުއްޖާގެ ކިޔައިދިނުން ލަސްވެފައިވޭތޯ ބަލާނީ ވަގުތު ނުވަތަ މުއްދަތު ގުނާ ހަމައަކުން ނޫނެވެ؛ ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ނަފްސާނީ، ޖިސްމާނީ އަދި ދިރިއުޅުމުގެ ޙާލަތާއި ކުއްޖާގެ ޢުމުރާއި މިޒާޖެވެ. އެފަދަ ވާހަކައެއް ކިޔައިދިނުމަށް ދުވަސްތަކެއް، މަސްތަކެއް ނުވަތަ އަހަރުތަކެއް ފާއިތުވުމަކީ އެކަށީގެންވާ ކަމެއް ކަމުން، ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވާ ސަބަބެއް ނޫނެވެ. (ޕެރ. 13-15)

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ގިނައިން ހިނގަނީ އެކަހެރި ތަންތަނުގައި ސިއްރުން، ކުއްޖާއާ ގުޅުމެއް އޮންނަ ފަރާތްތަކުގެ ފަރާތުން ކަމަށްވާތީއާއި، އެ ޢުމުރަކީ ކުއްޖާގެ ސިކުނޑި ފުރިހަމަވަމުން އަންނަ ދުވަސްވަރު ކަމުން، ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްޞީލު ހަނދާން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޖައުހަރީ ފުށުއެރުމެއް ނެތްނަމަ، ކުއްޖާ ކުރިން ކިޔައިދިން ކިޔައިދިނުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ވަޞީލަތަކުން ނުވަތަ ވަޞީލަތްތަކަކުން ބާރު ލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަންވާނެއެވެ. (ޕެރ. 17-18)

ކުށް ސާބިތުވާކަމަށް ފުރަތަމަ ކަނޑައަޅަނީ ހައިކޯޓުގެ މަރުޙަލާގައި ކަމަށްވެފައި، ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ވަކި ދެ މިންވަރެއްގެ ދެމެދުގެ އަދަބަކަށްވެ، އަދަބާމެދު ބަހުސްކުރުމުގެ ޖާގަ އޮތްނަމަ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގައިވާ އިޖުރާއަތަކީ ހައިކޯޓަށްވެސް ލާޒިމް އިޖުރާއަތެކެވެ. އެހެންކަމުން ތުހުމަތުކުރެވޭ މީހާ ކުށްވެރިވާކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު، އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުޞަތު ދޭންޖެހޭނެއެވެ. (ޕެރ. 19-20)

އަދަބާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ސުޕްރީމް ކޯޓުގެ މަރުޙަލާގައި ދީފިނަމަ އިސްތިއުނާފުގެ އެއް ފުރުޞަތު ދެފަރާތަށް ގެއްލޭނެތީ، ހައިކޯޓުން އެ ފުރުޞަތު ނުދީ ކަނޑައަޅާފައިވާ އަދަބު ބާޠިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަޙްވީލުކުރަންވާނެއެވެ. އަދަބު ބާޠިލުވުމުން ތުހުމަތުކުރެވޭ މީހާ ބަންދުން ދޫވާނެ ޙާލަތުގައި، ހައިކޯޓުން އަލުން އަދަބު ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެވޭނެއެވެ. (ޕެރ. 21-22، 28-29)

ޖިނާއީ މައްސަލަތަކުގައި އިޢުތިރާފަކީ ޝަރީޢަތުގެ މަޖިލީހުގައިވާ ޤަޟާއީ އިޢުތިރާފާއި ޝަރީޢަތުގެ މަޖިލީހުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފެވެ. ޤަޟާއީ އިޢުތިރާފަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމުގެ އެންމެ ވަރުގަދަ ހެއްކެވެ؛ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ. (ޕެރ. 24)

ޝަރީޢަތުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފަކީ، އޭގެ މައްޗަށް ބާރު ލިބިދޭ އިތުރު ދަލީލުތައް ހުރިނަމަ ޤަރީނާއެކެވެ. އެފަދަ އިޢުތިރާފެއް ޝަރީޢަތަށް ހުށަހެޅެނީ ހެކިބަހެއްގެ ސިފައިގައި ނުވަތަ މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައެވެ؛ އަދި އޭގެ މައްޗަށް ބިނާކޮށް ދަޢުވާ ސާބިތުވާނީ އެހެން ހެކިތަކާ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފާމެދު އިޤްތިނާޢުވެވިގެނެވެ. ތަޙްޤީޤުގައި އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އިންކާރުކުރި ނަމަވެސް، ތަޙްޤީޤު ބަޔާނަށް ބާރުލިބޭ އިތުރު ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރެވިދާނެއެވެ. (ޕެރ. 25)

ތަޙްޤީޤަށް ދިން ބަޔާނަކީ ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ސޮއިކުރުވި ބަޔާނެއް، ނުވަތަ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަޔާނެއް ކަމަށް ތުހުމަތުކުރެވޭ މީހާ ބުނާނަމަ، އެ ނުކުތާ ދަށު ކޯޓުގައި ނަގަންޖެހޭނެއެވެ؛ ފުލުހުން އަނިޔާކޮށް މަޖުބޫރުކޮށްގެން ނެގި ބަޔާނެއްކަމަށް ބުނެ އިޢުތިރާފުން ރުޖޫޢަވާނަމަ، އަނިޔާކުރި ނުވަތަ މަޖުބޫރުކުރި ކަމުގެ ޝަކުވާއެއް ކޮށްފައި އޮންނަންޖެހޭނެއެވެ. ދަށު ކޯޓުގައި މިފަދަ ކަމެއް ފާހަގަކޮށްފައި ނުވާނަމަ އަދި ތަޙްޤީޤު ބަޔާނަށް އިންކާރުކޮށްފައި ނުވާނަމަ، އެ ބަޔާނަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަމަށް ނުބެލެވޭނެއެވެ. (ޕެރ. 26-27)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)، 2 ވަނަ މާއްދާގެ (ނ) އާއި (ރ)، އަދި 47 ވަނަ މާއްދާ [(ކ)، (ދ)، (ޅ)]
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ ބާބު
  • ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ހައިކޯޓުގައި ދައުލަތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ
  • 2020/SC-A/42 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލް މުހައިމިން)
  • 2011/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް)
  • 2009/SC-A/18 (އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
  • 2019/SC-A/77 (ސުޕްރީމް ކޯޓު)

ފަނޑިޔާރުން

ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރަފު

1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޙުސައިން ޔަޙްޔާ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙުސައިން ޔަޙްޔާ" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

2މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައިވާތީ، މި މައްސަލައިގެ ނިންމުން ޢާންމު ކުރުމުގައި އެ ކުއްޖާއަކީ ކޮން ކުއްޖެއްކަން އެނގިދާނެ އެންމެހައި މައުލޫމާތު ވާނީ ސިއްރު ކުރެވިފައެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

3ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުސައިން ޔަޙްޔާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 30 އެޕްރީލް 2017 ގައި [REDACTED] މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

4ޙުސައިން ޔަޙްޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ކަމުގައިވާ [REDACTED] (މީގެފަހުން "ކުއްޖާ" ނުވަތަ "އަނިޔާ ލިބުނު ކުއްޖާ" ކަމަށް ބުނެފައިވާ ކުއްޖާ) [REDACTED] ފުޓުބޯޅަ ދަނޑާ ދިމާ އިރަށްވާގޮތަށް އޮންނަ ހޭޅި ސަރަޙައްދަށް ގެންގޮސް، ތަފާތު އެކި ދުވަސްތައް މަތިން އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާކަމަށެވެ.

5މި ދަޢުވާއަށް ޙުސައިން ޔަޙްޔާ އިންކާރު ކުރުމުން ދައުލަތުން މި ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅިއެވެ. މި ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ކ) އަދި (ދ) ގެ ދަށުން ކަން ހިނގިގޮތްކަމަށް ބުނެ ކުއްޖާ ދައްކާފައިވާ ވާހަކަތަކާއި، އެ މާއްދާގެ (ޅ) ގެ ދަށުން ކުއްޖާއާމެދު ޙުސައިން ޔަޙްޔާ މި ޢަމަލު ހިންގިގޮތުގެ ވާހަކަތައް ކިޔައިދީފައިވާ ފަރާތުގެ ގޮތުން ކުއްޖާގެ މަންމައާއި ކުއްޖާގެ ބައްޕައާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ބަޔާނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތްތަކުގެ ބަޔާނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީން އޮފް ކްރައިމްސް އޮފިސަރސް ރިޕޯޓާއި މި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ބަޔާނާއި [REDACTED] އާއި [REDACTED] ކިޔާ މީހެއްގެ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

6މި ހެކިތަކަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ތެރެއިން 05 ބާވަތެއްގެ ހެކި ލިބިފައިނުވާކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކުރެވޭ މިންވަރަށް ކާފީ ހެކި ލިބިފައިނުވާތީ، ޙުސައިން ޔަޙްޔާގެ މައްޗަށް އެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި އެ މައްސަލަ ދަށު ކޯޓުން ނިންމާފައިވެއެވެ.

7ޙުސައިން ޔަޙްޔާގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައި ނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށޮހަޅޭފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

8ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާއިންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި މައިގަނޑު ދެ ނުކުތާއެއް އިސްތިއުނާފު ކޮށްފައިވެއެވެ. އެއީ؛

8.1 މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/17C/2017 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.2 މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/17C/2017 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

9މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، ޙުސައިން ޔަޙްޔާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށް އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ ގޮތުން 14 (ސާދަ) އަހަރަށް ޖަލަށްލުމަށެވެ.

10ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ޙުސައިން ޔަޙްޔާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

11ޙުސައިން ޔަޙްޔާގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފީ ތިން ނުކުތާ ހުށަހަޅާފައިވެއެވެ.

11.1 ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

11.2 ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 22 ވަނަ ބާބުގައި އަދަބު ކަނޑައެޅުމާބެހޭ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

11.3 ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 52 މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

އިސްތިއުނާފީ ފުރަތަމަ ނުކުތާ

12އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ޙުސައިން ޔަޙްޔާގެ ފަރާތުން މައިގަނޑު ގޮތެއްގައި ތިންކަމަކާ ގުޅިގެން ސުވާލު އުފައްދާފައިވެއެވެ. ފުރަތަމަ ކަމަކީ އަނިޔާ ލިބުނު ކުއްޖާ ކިޔާދީފައިވާ ކިޔާދިނުމަކީ ޙާދިޘާ ހިނގުމުން ދާދި އަވަހަށް ކިޔާދީފައިވާ ކިޔާދިނުމެއް ނޫން ކަމަށް ބުނާބުނުމެވެ. ދެވަނަ ކަމަކީ ކުއްޖާ އޭނާއާ ދެކޮޅަށް ދީފައިވާ ބަޔާނަކީ ކުއްޖާއަށް ބިރު ދައްކައިގެން ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށް ބުނާބުނުމެވެ. ތިންވަނަ ކަމަކީ ކުއްޖާ ކިޔައިދީފައިވާ ކިޔާދިނުމާއި ކުއްޖާގެ މަންމައާއި ބައްޕަ ދީފައިވާ ބަޔާނުގައި ބޮޑެތި ފުށު އެރުންތަކެއް ހުރިކަމަށް ބުނާބުނުމެވެ.

13HN1އަނިޔާ ލިބުނު ކުއްޖާ ކިޔާދީފައިވާ ކިޔާދިނުމަކީ ޙާދިޘާ ހިނގުމުން ދާދި އަވަހަށް ކިޔާދީފައިވާ ކިޔާދިނުމެއް ނޫން ކަމަށް ޙުސައިން ޔަޙްޔާގެ ފަރާތުން ބުނެފައިވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައިވަނީ؛

"އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް" ކުއްޖާގެ ފަރާތުން ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން" މިފަދައިންނެވެ.

14މިކަމާ ގުޅޭގޮތުން މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލް މުހައިމިން ޤަޟިއްޔާގައި މިބާވަތުގެ މައްސަލަތަކުގައި ކުއްޖާ ކިޔާދޭ ކިޔާދިނުން އެއީ ދާދި އަވަހަށް ކިޔާދީފައިވާ ކިޔާ ދިނުމެއްތޯ ބަލާނީ ކޮން ގޮތަކަށްކަން ވަރަށް ތަފްޞީލީ ގޮތެއްގައި ސުޕްރީމް ކޯޓުން ނިންމަވާފައި އެބައޮތެވެ. އެ ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފްގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛

"މިފަދަ ކޮންމެ މައްސަލައެއްގައި ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުމުގައި ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ޙާލަތެވެ. މާނައަކީ ކުއްޖާގެ ނަފްސާނީ، ޖިސްމާނީ، ދިރިއުޅުމުގެ ޙާލަތަށެވެ. އަދި ކުއްޖާގެ އުމުރާއި މިޒާޖު ފަދަ ކަންކަމެވެ. ވަރަށް ގިނަފަހަރު އަމިއްލައަށް އިސްވެ މިފަދަ ވާހަކަތައް ހިއްސާކުރުމަށް ކުދިން ޖެހިލުންވެއެވެ. މިފަދަ މައްސަލައެއްގައި އަވަސް ނުވަތަ ލަސްމިން ވަޒަންކުރެވޭނީ އާންމު ގޮތެއްގައި މުއްދަތު ނުވަތަ ވަގުތު ގުނާ ހަމައަކުން ނޫނެވެ. މިފަދަ މައްސަލައެއްގެ ވާހަކަ އެހެން ފަރާތަކާ ޙިއްސާކޮށް ކިޔައިދިނުމަށް ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ ބައެއް ފަހަރު އަހަރުތަކެއް ވެސް ފާއިތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހާދިސާ ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވެގެންދާ ސަބަބެއް ނޫނެވެ." މިފަދައިންނެވެ.

15މިގޮތުން މި މައްސަލައަށް ބަލާއިރު މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު ކުއްޖާއާ ސުވާލުކޮށް ބަޔާން ނަގާފައިވަނީ 23 މާރިޗު 2015 ގައެވެ. ކުއްޖާގެ ބަޔާނުގައި ބުނެފައިވަނީ ކުއްޖާއާ މެދު ޙުސައިން ޔަޙްޔާގެ ފަރާތުން މި ޢަމަލުތައް ހިންގާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރު އެކި ދުވަސް މަތިންކަމަށެވެ. ކުއްޖާގެ މަންމައަށް ކުއްޖާ އެންމެ ފުރަތަމަ މި ވާހަކަ ކިޔާދީފައިވަނީ 09 މާރިޗު 2015 ގައެވެ. އެހެންކަމުން މި ތާރީޚްތަކަށް ބެލުމުން ކުއްޖާއަށް މިކަންތައް ދިމާވީ 2015 ވަނަ އަހަރުގެ ދުވަހެއްގައިކަން ވަރަށް ސާފުކޮށް އެނގެއެވެ. މިގޮތުން ކުއްޖާ މި ވާހަކަތައް ކިޔާދިނުމުގައި ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށް ބުނެވޭނެ ޖާގަ ނެތްކަން ފާހަގަކުރެވެއެވެ. ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވަނީ ކުއްޖާއަށް ހަދިޔާ ދީގެން ހައްލާލައިގެން ކަމަށްވާއިރު ޖެހިގެން އަންނަ ދުވަހު އަމިއްލައަށް އިސްވެގެން އެވާހަކަ ދެއްކުމަކީ ދުރު ކަމެއްކަން ފާހަގަކުރެވެއެވެ.

16ދެވަނަ ކަމަކަށް ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުއްޖާގެ ބަޔާނަކީ ކުއްޖާއަށް ބިރު ދައްކައިގެން ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށެވެ. މިހެން ޙުސައިން ޔަޙްޔާގެ ފަރާތުން ބުނެފައިވަނީ ކުއްޖާ ކަންހިނގާދިޔަގޮތް ކިޔައިދިނީ ކުއްޖާގެ މަންމަ ކުއްޖާއާ ސުވާލު ކުރުމުން ކަމަށްވާތީކަން ފާހަގަކުރެވެއެވެ. ކުއްޖާގެ މަންމަގެ ބަޔާނަށްބަލާއިރު، އޭނާ ކުއްޖާއާ ސުވާލު ކުރަންޖެހުނީ ކުއްޖާގެ މިޒާޖަށް ބަދަލެއް އައިސްފައިވާ ކަމަށް ކުއްޖާގެ ޓީޗަރަކަށް ފާހަގަވެގެން ގޭތެރޭގައި ކަމެއް ދިމާވެފައިވޭތޯ ޓީޗަރު ސުވާލު ކުރުމުންކަން އެނގެއެވެ. މަންމަ ޓީޗަރަށް ޖަވާބު ދީފައިވަނީ ގޭތެރޭގައި އެއްވެސް ކަމެއް ދިމާ ނުވާ ކަމަށާއި، ކުއްޖާ ވަރަށް ގިނައިން ޙުސައިން ޔަޙްޔާއާއެކު ބޭރަށް ގޮސް އުޅޭ ކަމަށާއި، ޙުސައިން ޔަޙްޔާ ކުއްޖާ ގޮވައިގެން ބޯވަނަގަން ވެސް ދާކަމަށެވެ. މިގޮތުން ގޭތެރޭގައި އެއްވެސް ނޭދެވޭ ކަމެއް ދިމާ ނުވާތީ ޔަޙްޔާއާއެކު ގޮސް އުޅުމުގެ ތެރޭގައި ކަމެއް ދިމާވީތޯ ބަލަން މަންމަ ސުވާލުކުރީކަން އެބަޔާންތަކުން އެނގެއެވެ. ކުއްޖާއާމެދު ޙުސައިން ޔަޙްޔާ ހިންގި ޢަމަލުތައް އެހާ ތަފްޞީލީ ގޮތެއްގައި ކުއްޖާ ކިޔާދީފައިވަނީ ހަމަ ޙަޤީޤަތުގައި ވެސް އެ ޢުމުރުގެ ކުއްޖަކަށް (ފުފުދަ) ކަމެއް ދިމާވުމުން މެނުވީ ކިޔާދޭން ނޭނގޭ ފަދަ ގޮތަކަށްކަން ފާހަގަކުރެވެއެވެ. އެ ޢުމުރުގެ ކުއްޖަކަށް ކުރިން ބަޔަކު އަދި ވަކިން ޚާއްޞަކޮށް ކުއްޖާގެ މަންމައާ ބައްޕައަށް އެފަދަ ހަޑިހުތުރު ވާހަކައެއް ހަދަހަދައިގެން ކިޔާދޭނެކަމަށް ޤަބޫލުނުކުރެވެއެވެ.

17HN2ތިންވަނަ ކަމަކަށް ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުއްޖާ ކިޔައިދީފައިވާ ކިޔާދިނުމާއި ކުއްޖާގެ މަންމައާއި ބައްޕަ ދީފައިވާ ބަޔާނުގައި ބޮޑެތި ފުށު އެރުންތަކެއް ހުރި ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ދީފައިވާ ކިޔާދިނުމާއި އެކުއްޖާގެ މަންމައާ ބައްޕައަށް ކިޔާދީފައިވާ ކިޔާދިނުމާއި، އެ ކުއްޖާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ސޯޝަލް ވޯކާއަށް ކިޔާދީފައިވާ ކިޔާދިނުމުގައި ޖައުހަރީ އެއްވެސް ތަފާތެއް ނެތް ކަން ފާހަގަކުރެވެއެވެ. ޙުސައިން ޔަޙްޔާ ކުއްޖާއާމެދު އެފަދަ ޢަމަލެއް ހިންގީ ގާތްގަނޑަކަށް 20 ވަރަކަށް ފަހަރު ކަމަށް ކުއްޖާގެ މަންމައާއި ބައްޕަ ގާތުގައި ބުނެފައި އޮތް އޮތުމާއި ކުއްޖާ ސޯޝަލް ވޯކާއަށް ކިޔާދިންއިރު ކުއްޖާއާމެދު ޙުސައިން ޔަޙްޔާ އެފަދަ ޢަމަލެއް ހިންގީ ބުނެދޭން ވެސް ނޭނގޭހާ ގިނަ ދުވަސްމަތިންކަމަށް އޮތް އޮތުމުގައި ފުށުއެރުމެއް އޮތްކަމަށް ނުބެލެވެއެވެ. ޖުމްލަކޮށް ބަލާއިރު ބަޔާންތަކުގައި ޖައުހަރީ ފުށުއެރުންތަކެއް ހުރި ކަމަށް ނުބެލެވެއެވެ.

18ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ގިނައިން ހިނގަނީ އެކަހެރި ތަންތަނުގައި ސިއްރިއްޔާތުގައި ކަމަށްވެފައި އަދި އެފަދަ ޢަމަލުތައް ހިންގާ މީހުންނަކީ އެޙާދިޘާ ހިނގުމުގެ ކުރިން ވެސް ކުއްޖާއާ ކޮންމެވެސް ވަރަކަށް ގުޅުމެއް އޮންނަ ފަރާތްތަކެއް ކަމަށްވާތީއާއި އަދި ބައެއް ފަހަރު އެކުދިންނަށް ޚަރަދުކޮށް ބަލަހައްޓަނީ އެ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މީހާ ނުވަތަ އެފަރާތާ ޢާއިލީ ގުޅުމެއް ނުވަތަ އެ ނޫން ވެސް ބާރުވެރި ގުޅުމަކުން ގުޅިފައިވާ މީހެއްކަމަށް ވުމުންނާއި އެ ޢުމުރަކީ ކުއްޖާގެ ސިކުނޑި އުފެދި ފުރިހަމަވަމުން އަންނަ ދުވަސްވަރު ކަމުން މިއިން ސަބަބަކާ ހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްޞީލު ހަނދާން ނެތުމަކީ ވަރަށް އެކަށީގެންވާކަމެއް ކަމުގައިވާތީ ކުއްޖާ ކުރިން ކިޔާދިން ކިޔާ ދިނުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޞީލަތަކުން ނުވަތަ ވަޞީލަތްތަކަކުން ބާރު ލިބޭނަމަ ހެކިބަސް ބަލައިގަންނަން ވާނެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

19HN3އިސްތިއުނާފީ ދެވަނަ ނުކުތާގައި ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 22 ވަނަ ބާބުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމާބެހޭ އުސޫލާ ޚިލާފަށް މި މައްސަލައިގައި އަދަބު ކަނޑައަޅުއްވާފައިވާ ކަމަށެވެ. މި މައްސަލަ މެޖިސްޓްރޭޓް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމަވާފައިވާތީ ދަށު ކޯޓުގެ މަރުޙަލާގައި އަދަބާ ގުޅިގެން ވާހަކަ ދެކެވިފައިނުވާކަން ފާހަގަކުރެވެއެވެ. ސަބަބަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ވެސް ބަޔާންކޮށްފައިވަނީ އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަނޑިޔާރު ފުރުޞަތު ދޭންވާނީ މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގައި ކަމަށްވާތީއެވެ. އޭގެފަހުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާފައި ވެއެވެ. އެހެންނަމަވެސް މި މައްސަލަ ހައިކޯޓުން ނިންމިއިރު، ދަށުކޯޓުގައި ކަންކުރާ ފަދައިން ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުސަތު ދީފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެއެވެ.

20ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގައި ބަޔާންވެގެން އެވަނީ ދަށުކޯޓުގައި ޝަރީޢަތް ހިންގާއިރު ޢަމަލު ކުރަންޖެހޭ ގޮތެވެ. އިސްތިއުނާފު މަރުޙަލާގައި ކަންކުރާނެ ގޮތް ޤަވާޢިދުގައި ބަޔާންކޮށްފައިނެތެވެ. ނަމަވެސް މިމައްސަލާގައި ކުށްސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓުގެ މަރުޙަލާގައި ކަމަށްވުމާއި، މި މައްސަލާގައި ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އަދަބެއް ކަމަށްވެފައި، އަދަބާމެދު ބަހުސްކުރުމުގެ ޖާގަ އޮތުމުން، އަދަބު ކަނޑައެޅުމުގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުސަތު ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގައި ބަޔާންވެގެންވާ އިޖުރާއަތަކީ މިޙާލަތުގައި ހައިކޯޓަށް ވެސް ލާޒިމް އިޖުރާއަތެއް ކަމުގައި އަހުރެން ދެކެމެވެ. މިގޮތުން ތުހުމަތު ކުރާމީހާ ކުށްވެރިވާކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު، އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާމެދު ވާހަކަދައްކަން ދެފަރާތަށް ފުރުސަތު ދޭންޖެހޭނެއެވެ.

21HN4އަދަބާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ސުޕްރީމް ކޯޓު މަރްޙަލާގައި ސުޕްރީމް ކޯޓުން ދީފިނަމަ އިސްތިއުނާފުގެ އެއްފުރުސަތު ދެފަރާތަށް ގެއްލިގެން ދާނެއެވެ. މިގޮތުން ހައިކޯޓުން ކަނޑައަޅާފައިވާ އަދަބު ބާޠިލުކޮށް، ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަލުން އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ހައިކޯޓަށް ތަޙްވީލުކުރަން އަހުރެންނަށް ފެނެއެވެ.

22އަދި އަދަބު ބާޠިލުކުރުމުން ޙުސައިން ޔަޙްޔާ ބަންދުން ދޫވާނެތީ، ހައިކޯޓަށް ތަޙްވީލުކުރާ މިމައްސަލާގައި ހައިކޯޓުން އަލުން ގޮތެއް ނިންމަންދެން ޙުސައިން ޔަޙްޔާ ބަންދުގައި ބެހެއްޓުމަށްޓަކައި ސުޕްރީމް ކޯޓުން އަމުރެއް ނެރެން ޖެހޭނެކަމުގައި ވެސް އަހުރެން ދެކެމެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ

23އިސްތިއުނާފީ ތިންވަނަ ނުކުތާއެއްގެ ގޮތުގައި ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކޮށްފައި ވަނީ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. މި ނުކުތާއާ ގުޅިގެން މައިގަނޑު ގޮތެއްގައި ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކުރާކަމަކީ ޙުސައިން ޔަޙްޔާ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ޙުސައިން ޔަޙްޔާއަށް ބިރު ދައްކައިގެން މަޖުބޫރުކޮށްގެން ދީފައިވާ ބަޔާނެއް ކަމަށެވެ.

24HN5ޖިނާއީ މައްސަލަތަކުގައި އިޢުތިރާފް ދެ ބަޔަކަށް ބެހިގެންވެއެވެ. މީގެ ތެރެއިން ފުރަތަމަ ބަޔަކީ ޝަރީޢަތުގެ މަޖިލިސްގައިވާ ޤަޟާއީ އިޢުތިރާފެވެ. ދެވަނަ ބަޔަކީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފެވެ. މިގޮތުން ޤަޟާއީ އިޢުތިރާފަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމުގެ އެންމެ ވަރުގަދަ ހެއްކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންވެގެންވާގޮތުން ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފު ތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ.

25HN6ޝަރީޢަތުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެ އިޢުތިރާފުގެ މައްޗަށް ބާރު ލިބިދާނެ އިތުރު ދަލީލުތައް ހުރިނަމަ ޤަރީނާއެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް ޤަޟިއްޔާގައި ނިންމާފައިވާ ފަދައިން ޤަޟާއީ ނޫން އިޢުތިރާފަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ތަޙުޤީޤުކުރާ ފަރާތެއްގެ ކުރިމަތީގައި ތަޙުޤީޤު މަރުޙަލާގައިވާ އިޢުތިރާފު ކަމާއި، މިފަދަ އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ފުރަތަމަ ގޮތަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހެއްގެ ސިފައިގައި ކަމާއި، ދެވަނަ ގޮތަކީ މުއްތަހަމު އިޢުތިރާފުވިކަން ބަޔާންކޮށް މަޙްޝަރު ކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ކަމާއި މިއިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމު މައްޗަށް ދަޢުވާ ސާބިތުވާނީ ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލުތަކާ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފާ މެދު އިޤުތިނާޢު ވެވިގެނެވެ. ހަމަ މި މޭރުމުން އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ކަންކަމަށް ބަލާއިރު ތަޙުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފު ވުމަށްފަހު ޝަރީޢަތުގައި އެ ކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެން ހެކިތަކާއި ޤަރީނާގެ މައްޗަށް ބަލައި، ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް ބަލައި ބާރުލިބޭ ފަދަ އިތުރު ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވިދާނެ ކަމަށެވެ.

26HN7މި މައްސަލައަށް ބަލާއިރު، ޙުސައިން ޔަޙްޔާއާ މި މައްސަލައިގެ ތަޙްޤީޤުގައި ސުވާލުކުރުމުން އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން ވަނީ މި މައްސަލަ ސާބިތުކުރުމަށްޓަކައި ކިތާބީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައެވެ. އަދި އެ ބަޔާނަކީ ޙުސައިން ޔަޙްޔާއަށް ބިރު ދައްކައިގެން ސޮއިކުރުވާފައިވާ ބަޔާނަކަށްވާނަމަ ނުވަތަ އެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަޔާނެއްކަމަށްވާނަމަ ނުވަތަ އެ ބަޔާނަށް ބަރޯސާވެ ދައުލަތުގެ ފަރާތުން ބުނާ ކަންކަމަކީ ކަން ހިނގާދިޔަ ގޮތް ނޫންކަމަށް ބަޔާންކުރާނަމަ އެ ނުކުތާ ދަށު ކޯޓުގައި ނަގާ އެކަން ހިނގާފައިވާ ގޮތް ދަށު ކޯޓުގައި ޙުސައިން ޔަޙްޔާގެ ފަރާތުން ފާހަގަކުރަންޖެހޭނެއެވެ. މިފަދަ މައްސަލައެއްގައި މުއްތަހަމު ތަޙްޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާނުން ޝަރީޢަތުގައި ރުޖޫޢަ ވިޔަސް ކުއްޖާ ކިޔާދީފައިވާ ފަދައިން އެ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގާފައިނުވާނަމަ އޭނާ އެކަން އެގޮތަށް ކުރިކަމަށް ތަޙްޤީޤުގައި އިޢުތިރާފްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މުއްތަހަމު ތަޙްޤީޤުގައިވާ އިޢުތިރާފުން ރުޖޫޢަވެފައިވަނީ އޭނާ ތަޙްޤީޤު ބަޔާނަކީ ފުލުހުން އަނިޔާކޮށްގެން މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ބުނެކަމަށްވާނަމަ އޭނާއަށް އަނިޔާކުރި ކަމެއް އަނިޔާ ކުރަން ކުރި ކަމެއް ނުވަތަ ބަޔާން ދިނުމުގައި މަޖުބޫރުކުރި ކަމުގެ ޝަކުވާއެއް ކޮށްފައި އޮންނަންޖެހޭނެއެވެ.

27މި މައްސަލައިގައި ޙުސައިން ޔަޙްޔާގެ ފަރާތުން އޭނާއަށް ތަޙްޤީޤުގައި މަޖުބޫރުކުރުވި ވާހަކައެއް ދަށު ކޯޓުގައި ދައްކާފައިނުވުމާއި، ޙުސައިން ޔަޙްޔާ ދަށު ކޯޓުގައި ދަޢުވާއަށް އިންކާރުކުރި ނަމަވެސް، އޭނާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކޮށްފައިނުވުމާއި، އަދި ބަޔާނާ ގުޅިގެން އެއްވެސް ކަމެއް ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާތީ، އެބަޔާނަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

28އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާގައި ޙުސައިން ޔަޙްޔާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއީދުކޮށް، އަދަބު ކަނޑައަޅާފައިވަނީ އަދަބާމެދު ވާހަކަ ދައްކަން ދެފަރާތަށް ފުރުސަތު ނުދީ ކަމަށްވާތީ، އަދަބުގެ ބައި ބާޠިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ހައިކޯޓަށް ތަޙްވީލުކުރަން ފެނެއެވެ.

29އަދި އަދަބުގެ ބައި ބާޠިލުކުރުމުން، ޙުސައިން ޔަޙްޔާ ބަންދުން ދޫވާނެތީ، ހައިކޯޓުން އަލުން އަދަބު ކަނޑައަޅަންދެން ޙުސައިން ޔަޙްޔާ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމަށް ފެނެއެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

13HN1މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

14މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/242 ޤަޟިއްޔާގައި ޙުސައިން ޔަޙްޔާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއީދުކޮށް، ޙުސައިން ޔަޙްޔާގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ އަދަބާމެދު ވާހަކަ ދައްކަން ދެފަރާތަށް ފުރުސަތު ނުދީ ކަމަށްވާތީ، އަދަބުގެ ބައި ބާޠިލުކޮށް، އިސްވެ ބަޔާންވެދިޔަ ގޮތުގެ މަތީން އަލުން އަދަބު ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއާ ހަވާލާދީ މި މައްސަލަ ހައިކޯޓަށް ތަޙްވީލުކޮށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަބްދުﷲ ޙަމީދު

ޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

މުޙައްމަދު ސަލީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ