—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/23
ދަޢުވާކުރާ ފަރާތް: ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާލިބޭ ފަރާތް: 1. ޙަސަން ޢަބްދުﷲ
2. ސަޢީދު ޙަސަން
3. ޝަހްނީޒު މުޙައްމަދު
4. ޝަހުރުޔާޒު ރަހާ
5. މުޙައްމަދު ފިރުދައުސް
6. ފަތްޙުﷲ ޖަމީލު
މައްސަލައިގެ ބާވަތް: ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 20 ފެބްރުއަރީ 2011
ނިމުނު ތާރީޚް: 11 ޖޫން 2012
މައްސަލަ ނިންމި ގަޑި: 11:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/93
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 08 އޭޕްރީލް 2009
ނިމުނު ތާރީޚް: 10 މެއި 2010
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާއަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނޫންކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 23/SC-A/2011 މި ޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތްތަކަކީ ޙަސަން ޢަބްދުﷲ، ދިލްކަޝްވިލާ، ގއ. ވިލިނގިލި އާއި އަންވަރު ސާދާތު، ދިލްކަޝްވިލާ، ގއ. ވިލިނގިލި އާއި ސަޢީދު ޙަސަން، ސޯސަންމާގެ، ގއ. ވިލިނގިލި އާއި ޝަހްނީޒު މުޙައްމަދު، ހަނދުފެންނަގެ، ގއ. ވިލިނގިލި އާއި ޝަހުރުޔާޒު ރަހާ، ޖަނަވަރީގެ، ގއ. ވިލިނގިލި އާއި މުޙައްމަދު ފިރުދައުސް، ހަނދުވަރުދޭގެ، ގއ. ވިލިނގިލި އާއި ފަތްޙުﷲ ޖަމީލު، ޙުސްނީގެ، ގއ. ވިލިނގިލި އެވެ.
އިސްވެ ބަޔާންވެދިޔަ ދަޢުވާ ލިބޭ ފަރާތްތަކުގެ ތެރެއިން އަންވަރު ސާދާތު، ދިލްކަޝްވިލާ، ގއ. ވިލިނގިލި، 8 މާރޗް 2008 ދުވަހު ރާއްޖެއިން ބޭރަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އައިސްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަޢުލޫމާތު ދީފައިވުމާއެކު، މިޤަޟިއްޔާގައި ހިމެނޭ އަންވަރު ސާދާތުގެ ބައި އުނިކޮށް މައްސަލަ ކުރިއަށް ގެންދިއުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިޢުތިރާޟެއް ނެތްކަމަށް ހުށަހަޅާފައިވާތީ، އެގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދިއުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެމަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގައި ބަލައި ނިންމާފައިވާ މައްސަލައަކީ، ޢަލީ ފިކުރީ، ބުލޫހައުސް، ގއ ވިލިގިނލި، ގެ މިލްކެއްކަމަށްވާ "ސާޅިހާ" ދޯނީގައި އަލިފާންޖަހައި ރޯކޮށްލުމުގައި، ޙަސަން ޢަބްދުﷲ، ދިލްކަޝްވިލާ، ގއ. ވިލިގިނލި އާއި އަންވަރު ސާދާތު، ދިލްކަޝްވިލާ، ގއ. ވިލިގިނލި އާއި ސަޢީދު ޙަސަން، ސޯސަންމާގެ، ގއ. ވިލިގިނލި އާއި ޝަހްނީޒު މުޙައްމަދު، ހަނދުފެންނަގެ، ގއ. ވިލިނގިލި އާއި ޝަހުރުޔާޒު ރަހާ، ޖަނަވަރީގެ، ގއ. ވިލިނގިލި އާއި މުޙައްމަދު ފިރުދައުސް، ހަނދުވަރުދޭގެ، ގއ. ވިލިނގިލި އާއި ފަތްޙުﷲ ޖަމީލު، މި 07 މީހުން ބައިވެރިވެފައިވާތީ، ދައުލަތުގެ ފަރާތުން އެ ހަތް މީހުންގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަ ނަންބަރާއި ޙަވާލާދީ އެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެކަމުގެ ސަބަބުން ގ.އ ވިލިނގިލި، ޢަލީ ފިކުރީއަށް ލިބުނު ގެއްލުމުގައި އެ 07 މީހުން ޒިންމާވާންޖެހޭ މިންވަރު އެ މީހުންގެ އަތުން ހޯދުމަށް ޢަލީ ފިކުރީ އެދޭ މައްސަލަ ބަލައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅި މައްސަލަކަން އެނގެން އޮންނައިރު، އިސްވެދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގެ ޙުކުމުގައި "ބުނެވިދިޔަ 07 މީހުންގެ ތެރެއިން އެއްވެސް މީހަކު ޢަލީ ފިކުރީގެ "ސާޅިހާ" ނަމަކަށްކިޔާ ދޯނީގައި އަލިފާން ޖަހައި ރޯކުރިކަން ނުވަތަ އެދޯނީގައި އަލިފާން ޖަހައި ރޯކުރުމުގައި ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުކުރެވޭވަރުގެ ކާފީ ހެކި ލިބިފައިނުވާތީ، ޙަސަން ޢަބްދުﷲ އާއި، އަންވަރު ސާދާތު އާއި، ސަޢީދު ޙަސަން އާއި، ޝަހުރިޔާޒު ރަހާ އާއި، މުޙައްމަދު ފިރުދައުސް އާއި، ޝަހްނީޒު މުޙައްމަދު އާއި، ފަތްޙުﷲ ޖަމީލު ގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފީމެވެ"، މިފަދައިން ކަނޑައަޅައިފައިވާކަމާ، އަދި ޖިނާއީ ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ އެކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާކަން ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ރަނގަޅަށް އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ ސަބަބަކީ، އެޤަޟިއްޔާއިން އިސްތިއުނާފކުރެވުނު މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 2002 ވަނަ އަހަރުކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ނިންމުމުގައި މިހާރު ޢަމަލުކުރެވެމުންދާ 07 އޯގަސްޓް 2008 ދުވަހު ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށާއި، ދަޢުވާ އުފުލިފައިވާ މީހުންނަށް ލިބިދީފައިވާ ޙައްޤުތަކަށް ރިޢާޔަތް ކޮށްފައިވާއިރު، މިމައްސަލައަކީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަޞްދީޤުކުރުމުގެ ކުރިން ހިނގާފައިވާ ޙާދިސާއަކާ ގުޅިގެން ދަޢުވާ އުފުލިފައިވާ މައްސަލައަކަށްވާތީ، މި މައްސަލައިގެ މައްޗަށް ހިންގަންވާނީ މައްސަލައިގެ ޙާދިސާ ހިނގިއިރު ޢަމަލުކުރެވެމުންދިޔަ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތައްކަމަށްވާއިރު، މިކަންތައްތަކަށް ރިޢާޔަތްނުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވުން؛ މި ސަބަބުކަން އެނގެން އޮވެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގައި ދަޢުވާރައްދުވި 7 މީހުންގެ މައްޗަށް ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ، އެ 7 މީހުން ތަޙްޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާންތަކަކީ އަނިޔާކޮށް ބިރުދައްކައިގެން ނަގާފައިވާ ބަޔާންތަކެއްކަމަށް އެ 7 މީހުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި އެ ދަޢުވާ ސާބިތުވާފަދަ އެހެން ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް ދައުލަތަށް ހުށަހެޅިފައި ނުވާކަމަށް ޖިނާއީ ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރު ފާހަގަކޮށްފައިވާކަން ބުނެވިދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮވެއެވެ.
ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތައް ތަޤްޔީމްކޮށް (evaluate) ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރެވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިހެން ކަނޑައެޅި ބަޔާންވެގެން ވެއެވެ.
ޖިނާއީ ޤާނޫނުގެ އިޞްޠިލާޙުގައި އިޢުތިރާފް (Confession) އަކީ މުއްތަހަމު އޭނާއަށް ތުހުމަތުކުރެވިފައިވާ ކުށުގައި ޝާމިލުވާ ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިޤްރާރެއްކަން އެނގެން އޮންނައިރު، އިޢުތިރާފަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތްކަން އެނގެން އޮންނަކަމާއި، މިގޮތުން ޖިނާއީ އިޢުތިރާފު އަސާސީގޮތަކަށް ބެހިގެންވަނީ ދެބަޔަކަށްކަމާއި، އެއީ ޤަޟާއީ އިޢުތިރާފު (Judicial Confession) އާއި، ޤަޟާއީ ނޫން އިޢުތިރާފު (Extrajudicial Confession) ކަމާއި؛ ޤަޟާއީ އިޢުތިރާފަކީ މުއްތަހަމު ޝާރީޢަތުގެ މަޖިލީހުގެ ކުރިމަތީގައިވާ އިޢުތިރާފުކަމާއި، އަދި ޤަޟާއީ ނޫން އިޢުތިރާފަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ތަޙުޤީޤުގެ މަރްޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް ފަރާތެއްގެ ކުރިމަތީގައި ވާ އިޢުތިރާފުކަމާއި، ޤަޟާއީ ނޫން އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ދެގޮތެއްވާކަމާއި؛ ފުރަތަމަ ގޮތަކީ މުއްތަހަމު އިޢުތިރާފުވީކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފާގައި ކަމާއި، ދެވަނަގޮތަކީ މުއްތަހަމުގެ އިޢުތިރާފު ބަޔާންކޮށް މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ކަމާއި، މިއިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުވާނީ، ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލުތަކެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފަކާމެދު އިޤްތިނާޢު ވެވިގެންކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
މަދަނީ އިޖްރާއާތުގެ ޤާނޫނުގައި އިޢުތިރާފަކީ ނުވަތަ އިޤްރާރަކީ އިޤްރާރުވާ މީހާގެ މައްޗަށްވާ ޤަޠްޢީ ޙުއްޖަތެއް ކަމުގައި ވީނަމަވެސް، ޖިނާއީ އިޢުތިރާފަކީ ޖިނާއީ ދަޢުވާ ސާބިތުކުރެވޭ ދަލީލުތަކުގެ ތެރެއިން، މައްސަލަ ބަލާ ފަނޑިޔާރުގެ އިޤްތިނާޢުގެ މައްޗަށް ބިނާކޮށް ޤާއިމުވެވޭ ދަލީލެއްކަމާ، އެހެންކަމުން މަދަނީ އިޢުތިރާފާއި ޚިލާފަށް ޖިނާއީ އިޢުތިރާފުން ރުޖޫޢަވުމަކީ މުއްތަހަމަށް ތަފާތު ޖުރިސްޑިކްޝަންތަކުގައި މަނާކަމެއް ނޫންކަމާ، ނަމަވެސް މުއްތަހަމު އޭނާވެފައިވާ އިޢުތިރާފުން ރުޖޫޢަވުމާއި، އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްޔީމުކުރުމަކީ މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮނަނައިރު، ބައެއް - އެންގްލޯ އެމެރިކަން ޤައުމުތައް ފަދަ - ޤައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރު ވެފައިވާ، ޤަޟާއީ ނޫން އިޢުތިރާފް، ނުވަތަ ހަމައެކަނި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ވެފައިވާ އިޢުތިރާފެއްގެ މައްޗަށް ކުށް ސާބިތު ނުވުމުގެ މަބްދައަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގެންފައިވާ މަބްދައެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން އެނގޭކަމާ، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖްބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ." މިހެން ކަނޑައެޅި ބަޔާންވެގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމުގައި ޝަރީޢަތުގެ މަޖިލީހުގައި އޭނާ ޞަރީޙަކޮށް އިޤްރާރު ނުވާހާ ހިނދަކު، އެފަދަ އިޢުތިރާފަކީ ހަމައެކަނި އޭގެމައްޗަށް ބިނާކޮށް ޖިނާއީ މައްސަލަތައް ސާބިތުކުރެވޭ މިންވަރުގެ ކާފީ ހެއްކެއް ނޫންކަން އެނގެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތްތަކުން ޝަރީޢަތުން ބޭރުގައި ތަޙުޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާންތަކަކީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ހެއްކެއްގެ ގޮތުގައި ބެލެވިދާނެ ބަޔާންތަކެއް ނޫންކަމަށް ބުނެވިދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާއިންނާއި، މި މައްސަލަ އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު93/HC-A/2009 ޤަޟިއްޔާއިން ކަނޑައަޅާފައި އޮންނައިރު، މި މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 2002 ވަނަ އަހަރު ކަމަށްވެފައި، މިމައްސަލައަކީ މިހާރު ޢަމަލުކުރެވެމުންދާ 07 އޯގަސްޓް 2008 ގެ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން ހިނގާފައިވާ ޙާދިސާއަކާ ގުޅިގެން ދަޢުވާ އުފުލިފައިވާ މައްސަލައަކަށްވާތީ، މި މައްސަލައިގެ މައްޗަށް ހިނގަންވާނީ މައްސަލައިގެ ޙާދިސާ ހިނގިއިރު ޢަމަލުކުރެވެމުންދިޔަ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތައްކަމަށާ، މިގޮތުން ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ 269 ނަންބަރުގައި ބަޔާންވެގެންވާ އުޞޫލުތަކަށް މި މައްސަލާގައި ކޯޓުން ރިޢާޔަތްކުރަންވާނެކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގެ މައްޗަށް ޤާނޫނީގޮތުން ނަޒަރުކޮށް ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ 269 ނަންބަރުގައި "ދައުލަތުގެ ރަސްމީ ފަރާތަކުންކުރި ތަޙުޤީޤެއްގައި މީހަކު ކުށަކަށް އިޢުތިރާފުވެ އެ އިޢުތިރާފުގެ ބަޔާނުގައި ސޮއިކޮށްފައި އޮތުމާއެކު އެ ބަޔާނުގައި ތަޙުޤީޤުކުރި ފަރާތުގެ ސޮއި އޮތްނަމަ ތަޙުޤީޤުގައި އިޢުތިރާފުވެ ސޮއިކޮށްފައިވާ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުކޮށް ސުވާލުކުރުމުން ތަޙުޤީޤުގައި އިޢުތިރާފު ނުވާކަމަށާއި، މައްސަލަ ތަޙުޤީޤު ނުކުރާކަމަށް ބުނެފިނަމަ އެ މައްސަލަ ތަޙުޤީޤުކުރިއިރު ތިބި މީހުން، ހެކިންގެ ގޮތުގައި ޝަރީޢަތަށް ޙާޒިރުކޮށް، ޝަރުޢީ އުޞޫލުން އެކަން ބެލުން." މިހެން ބަޔާންވެގެން އޮންނައިރު، ބުނެވިދިޔަ 269 ވަނަ ނަންބަރުގައި ކަނޑައެޅިގެން އެވަނީ، ޙަޤީޤަތުގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު މީހާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމާއި އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްޔީމުކުރުމުގައި މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރާއި ބާރުކަން އެނގޭކަމާ، އަދި ބުނެވިދިޔަ 269 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރުމާއި އެކުވެސް މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުވާނީ މައްސަލަ ބަލާ ފަނޑިޔާރަށް އިޤްތިނާޢުވެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިގެންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލާގައި ޖިނާއީ ކޯޓުންނާއި ހައިކޯޓުން 07 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތައް ބުނެވިދިޔަ ތާރީޚަށްވުރެ ކުރީން 2002 ވަނަ އަހަރު ހިނގާފައިވާ ޙާދިސާއަކާ ގުޅިގެން އުފުލިފައިވާ ދަޢުވާއެއްގެ މައްޗަށް "ރަޖްޢީ" (retrospective) ކޮށް ތަޠްބީޤު ކޮށްފައި އޮތުމުގެ ޤާނޫނީ އަސާސްގެ މައްޗަށް ބަލާއިރު، ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކެއްގެ މައްޗަށް ތަޠްބީޤު ނުކުރުމުގެ މަބްދައަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެ، ތަފާތު ދީމްޤުރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގައި ކަނޑައެޅިފައިވާ މަބްދައެއްކަން އެނގެން އޮންނައިރު، މި ދުސްތޫރީ މަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ޝާމިލުވެ ބަޔާންވެގެންވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައު ބިނާވެގެންވަނީ "ޖިނާއީ ޝަރްޢިއްޔަތު" (Criminal Legality) ގެ މަބްދައުގެ މައްޗަށްކަމާއި، މިގޮތުން އެއްވެސް ޢަމަލެއް ކުށެއްކަމަށް ކަނޑައަޅައި އެއަށް އަދަބު ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމާއި، އަދި ހަމަ އެފަދައިން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް، އެޤާނޫނަށް ޢަމަލުކުރަންފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާއެއްގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެކަމާއި، މިއުޞޫލަށް ޢަމަލުކުރުމުގައި ރިޢާޔަތްކުރުން ލާޒިމުވެގެންވާ އަސާސީ ޝަރްޠަކީ އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްލަހަތު ގޯސް ޤާނޫނަކަށް ވުންކަމާއި، ނަތީޖާއެއްގެ ގޮތުން އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނު މާޟީގައި ހިނގާފައިވާ، އޭގެ މައްޗަށް ފައިޞިލާކުރުވަނިވި ނިހާއީ ޙުކުމެއް ނައަންނަ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ އުޞޫލަކީ އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައާއި ގުޅިލާމެހިފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މަބްދައެއްކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޖިނާއީ ޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤުކުރުމުގެ މަބްދައަށް ބަލާއިރު، މުއްތަހަމުގެ މަޞްލަޙަތަށް ކުރީގެ ޤާނޫނަށްވުރެ ރަނގަޅު ޙާލަތެއް ނުވަތަ މަރްކަޒެއް ޤާއިމުކޮށްދޭ ޤާނޫނަކީ އޭނާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނުކަމާ، އަދި މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޖިނާއީ ޤާނޫނު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކެއް ވާކަމާއި، މިގޮތުން ޖަރީމާއާއި ޢުޤާބާތް ބަޔާންކުރާ ޤާނޫނީ ނައްޞުތަކަށް ބަލާއިރު، ކުރީގައި ޖަރީމާއެއްކަމުގައި ބެލެވޭ ކަމެއް ޖަރީމާއެއް ނޫންކަމުގައި ކަނޑައެޅުން، ނުވަތަ ޖަރީމާއަށް ކަނޑައެޅިފައިވާ ދަރަޖަ "ޖިނާޔަތު" (felony) އަކުން "ޖުންޙާ" (misdemeanor) އަކަށް ބަދަލުކުރުން، ނުވަތަ ޖަރީމާއަކަށް ކަނޑައެޅިފައިވާ ޢުޤޫބާތްތަކުގެ ތެރެއިން ޢުޤޫބާތެއް އުވާލުން، ނުވަތަ ޢުޤޫބާތުގެ މިންވަރު ކުޑަކުރުން ފަދަ ޖަރީމާ އާއި ޢުޤޫބާތުގެ ޙުދޫދު މުއްތަހަމުގެ މަޞްލަހަތަށް ހަނިކޮށް، އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ކޮންމެ ޤާނޫނަކީ މުއްތަހަމު މީހާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ބެލެވޭކަމާއި، އަދި ހަމައެއާއެކު، ސީދާ ޖަރީމާއާއި ޢުޤޫބާތް ކަނޑައަޅާ ޤާނޫނީ ނައްޞެއްކަމުގައި ނުވިނަމަވެސް، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖްރާއާތާއި ގުޅޭ، އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމު މީހާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނެއް ކުރީގައި ހިނގާފައިވާ ޖިނާއީ ވާޤިޢާތައް ސާބިތުކުރުމުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ކުރެވުމުގެ އަސާސަކީ ޞައްޙަ އަސާސެއްކަން އެނގޭކަމާއި، އެހެނީ ކުރީގައި ޢަމަލުކުރަމުން ދިޔަ ޤާނޫނެއްގެ ދަށުން ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަ އިޖްރާއާތަކީ ނުވަތަ ވަސީލަތަކީ އެފަދަ މައްސަލަ ސާބިތުކުރުމަށް މުޖްތަމަޢަށް ޤަބޫލުނުކުރެވޭ އިޖްރާއާތަކަށް ނުވަތަ ވަސީލަތެއްކަމުގައި އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކުން ކަނޑައެޅިއްޖެނަމަ، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކުރީގައި ޢަމަލުކުރަމުން އައި ޤާނޫނު ތަޠްބީޤު ކުރުމަކީ ޤާނޫނީ މަންޠިޤު ޤަބޫލުނުކުރާ އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޝަރްޢިއްޔަތުގެ އުޞޫލާއި ޚިލާފުކަމެއްކަން އެނގެން އޮންނަކަމެވެ.
މިކަންކަން މިހެން ހުރުމާއި އެކު، 26 ޑިސެމްބަރ 2002 ގައި ހިނގާފައިވާ ޙާދިސާއަކާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްގައި ޖިނާއީ ކޯޓުންނާއި ހައިކޯޓުން 07 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތައް "ރަޖްޢީ" ކޮށް ތަޠްބީޤުކޮށްފައިވަނީ، އެ އުޞޫލުތަކަކީ ޖިނާއީ ކުށް ސާބިތުކުރުމާއިބެހޭ އުޞޫލުތަކަކަށް ވެފައި، އެ އުޞޫލުތަކަކީ މުއްތަހަމު މީހާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު އުޞޫލުތަކަކަށް ވާތީކަން ރަނގަޅަށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތްކަން އެނގެން އޮވެއެވެ.
މި މައްސަލާގައި ދަޢުވާ ސާބިތުކުރުމަށްޓަކާ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކަކީ ދަޢުވާލިބުނު ހަތް މީހުން ފުލުހުން ކުރި ތަޙްޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާންތައްކަމާއި، އެ އިޢުތިރާފު ބަޔާންތަކަށް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ހަތް މީހުން އިންކާރުކޮށްފައިވާކަމާއި، އަދި އެދަޢުވާ ސާބިތުވާފަދަ އެހެން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ޖިނާއީ ކޯޓާއި ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު ހެކިތަކާއި ދަލީލުތައް ވަޒަންކޮށް ތަޤްޔީމުކުރުމަށްފަހު، މައްސަލަ ބެލި ފަނޑިޔާރުންގެ ޝަޚްޞީ އިޤްތިނާޢާއި ޤަބޫލުކުރެވުމުގެ މައްޗަށް ބިނާކޮށް ވާޞިލުވެވުނު ޙަޤީޤަތަކީ ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ ދަޢުވާ އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުގެ މައްޗަށް ސާބިތު ނުވާކަމަށް ކަމުގައި ވާހިނދު، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ޖިނާއީ ޢާންމު ޤާނޫނީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމާއި އެކު، ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/260 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/2009 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބަލާނެ ހަމައެއް ނެތްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.