ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނޫރާ މޫސާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 547/Cr-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ތަޙްޤީޤުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި 2017/HC-A/189 އަށް ރިޢާޔަތްކޮށް ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރި.
- ވާޤިޢާ
- ޖަލަށް މަސްތުވާތަކެތި ވެއްދުމަށް އުޅޭކަމުގެ މަޢުލޫމާތާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރެއްގެ ދަށުން ހަށިގަނޑު ބަލައި ފާސްކުރުމުން ދެ ކޮންޑަމެއްގެ ތެރެއިން ޖުމުލަ ގާތްގަނޑަކަށް 19 ގްރާމް ޑައިމޯފިން ފެނުނު. ޕޮލިސް ސްޓޭޝަނުގައި އަންހެން ފުލުހަކު ނެތުމުން ބަލައި ފާސްކުރީ ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުން.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޯޓު އަމުރެއްގެ ދަށުން އަންހެނަކު ބަލައި ފާސްކުރުމުގައި ފުލުހުންގެ އަންހެން އޮފިސަރަކު ނެތުމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުން ލައްވާ ބަލައި ފާސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) އާ ޚިލާފު ކަމެއްތޯ، އަދި އެ ސަބަބުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ 38 (ވ) ގައި އެއް ޖިންސުގެ 'މީހަކު' ކަމަށް ބުނެފައިވާތީ ފުލުހަކަށްވުން ލާޒިމުނުވާކަމަށާއި ބަލައި ފާސްކުރީ ފުލުހުންގެ އިރުޝާދުގެ މަތިން ކަމަށް. ދިފާޢުން ބުނީ ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށާއި، ކަރެކްޝަނުގެ މުވައްޒަފުންނަށް ފުލުހުންގެ ތަނުގައި ބަލައި ފާސްކުރުމުގެ ހުއްދައެއް ނެތްކަމަށް.
- ކޯޓުގެ ސަބަބުތައް
- ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން، ބަންދުގައި ނޫން ހުރި މީހެއް ކަމުން ހިނގަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ ކަމަށާއި، އެ މާއްދާގައި އެއް ޖިންސުގެ މީހަކު ހާޒިރުކުރުމަށް ހުއްދަ ދޭތީއާއި، ކަރެކްޝަނުގެ އޮފިސަރުންނަކީ ބަލައި ފާސްކުރުމުގެ ތަމްރީނު ލިބިފައިވާ ބަޔަކު ކަމުން، 38 (ވ) އާ ޚިލާފެއް ނުވާކަމަށް ކަނޑައަޅައި ނިންމުން ބާޠިލުކޮށް މައްސަލަ ތަޙްވީލުކުރި.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މީހުން ބަލައި ފާސްކުރުމުގައި އެންމެ މައިގަނޑު އަސާސަކީ ބަލައި ފާސްކުރެވޭ މީހާގެ ކަރާމަތަށާއި އަބުރަށް ގެއްލުމެއް ނުވާނެ ގޮތަށް، ފުރިހަމަ އިޙްތިރާމާއެކު އެކަން ކުރުމެވެ.
HN2 މައްސަލައެއްގެ ޙަޤީޤަތްތަކަށް ތަޠުބީޤުކުރަންޖެހޭނީ ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތުތަކެވެ. ހިނގާފައިވާ ހާދިސާއަކަށް ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމަކީ ޢާންމު އުޞޫލެކެވެ.
HN3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަލައި ފާސްކުރުމުގެ ދެ ޙާލަތެއް ވަކިކޮށްފައިވެއެވެ: 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމާއި، 53 ވަނަ މާއްދާގެ ދަށުން ބަންދުގައި ހުންނަ މީހުން ބަލައި ފާސްކުރުމެވެ. ޤާނޫނު ނަންބަރު 21/2020 އިން 53 ވަނަ މާއްދާ އިޞްލާޙުކޮށް ބަންދުގައިވާ މީހުން ބަލައި ފާސްކުރަންވާނީ އެއް ޖިންސުގެ އޮފިސަރަކު ކަމަށް ލާޒިމުކޮށްފައިވީނަމަވެސް، 38 ވަނަ މާއްދާއަށް އެފަދަ އިޞްލާޙެއް ގެނެސްފައިނުވާތީ، 38 ވަނަ މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި އެއް ޖިންސުގެ އޮފިސަރަކު ނެތްނަމަ އެއް ޖިންސުގެ 'މީހަކު' ހާޒިރުކުރުމުން އިޖުރާއަތު ފުރިހަމަވީކަމުގައި ބެލެވޭނެއެވެ.
HN4 ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ފުލުހުންގެ ބާރުތަކުގެ ގަވާއިދުގެ ދަށުން، އަންހެނަކު ބަލައި ފާސްކުރަންޖެހޭ ތަނެއްގައި އަންހެން ފުލުހަކު ނެތްނަމަ ޑިއުޓީ އިންޗާޖު ކަނޑައަޅާ ކޮންމެ އަންހެނަކު ލައްވާވެސް ބަލައި ފާސްކުރެވިދާނެއެވެ.
HN5 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަކީ ޤާނޫނުގެ ދަށުން މީހުން ބަލައި ފާސްކުރުމުގެ ބާރާއި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދައުލަތުގެ މުވައްސަސާއެއްގެ އޮފިސަރުންނެވެ؛ ފުލުހުންގެ އަންހެން އޮފިސަރަކު ނެތުމުން ތަޙްޤީޤުކުރާ ފަރާތުގެ އެދުމުގެ މަތިން އެ އޮފިސަރުން ލައްވާ އަންހެނަކު ބަލައި ފާސްކުރުމަކީ 38 ވަނަ މާއްދާގެ (ވ) ގެ މަޤްޞަދާއި ރޫޙާ ޚިލާފު ކަމެއް ނޫނެވެ.
HN6 ބައެއް ހެކިންގެ ހެކިބަހުން މައްސަލަ ނިންމުމަށް ވާސިލުވެ ދައުލަތުގެ އިތުރު ހެކިން ހާޒިރުނުކޮށް ދަށުކޯޓުން ނިންމި ނިންމުމެއް ބާޠިލުވާ ޙާލަތުގައި، މައްސަލަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކުރިއަށްގެންގޮސް މައުޟޫޢާމެދު ގޮތެއް ނިންމުމަށް ދަށުކޯޓަށް ތަޙްވީލުކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2019/HC-A/534
އިސްތިއުނާފުކުރި ފަރާތް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް: ނޫރާ މޫސާ، ރަންބުސްތާނުގެ/ ބ.ތުޅާދޫ
މައްސަލައިގެ ބާވަތް:ޑައިމޯފިން ޓްރެފިކްކުރުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު ޙުސައިން ޝަހީދު
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 ޞަފަރު 1441 28 އޮކްޓޯބަރު 2019 -----------------------------------------------------------------------------------------------------
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 547/Cr-C/2018
ނިންމި ތަން: ކްރިމިނަލް ކޯޓް
ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2018 ނިމުނު ތާރީޚް: 25 ސެޕްޓެމްބަރު 2019
ބަލައި ފާސްކުރުން- ބަލައި ފާސްކުރުމުގައި "އެއް ޖިންސެއްގެ މީހަކު" ހާޒިރުކުރުމުގައި ޖިނާއީ އިޖުރާއަތު ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) ގައި އޮންނަ އޮތުން.
ޙުޒައިފާ މުޙައްމަދުގެ ރައުޔު: މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދުކުރެއެވެ.
މައްސަލައިގެ ތަޢާރުފު
1ބ. ތުޅާދޫ ރަންބުސްތާނުގެ، ނޫރާ މޫސާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A107944) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ނޫރާ މޫސާ") 15 ޖުލައި 2018 ގެ 9:58 އެހައިކަންހާއިރު، ކ.މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކ.މާފުށީ ޖަލު 1 ނަންބަރު ގޭޓުކައިރިން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކ.މާފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކުރަން ފެށުމުން، ނޫރާ މޫސާ ލައިގެން ހުރި ޖަންގިޔާ ތެރެއިން ނަގައި މީނާ ޙަވާލުކުރި، 02 (ދޭއް) ކޮންޑަމުގެ ތެރެއިން އެއް ކޮންޑަމް ތެރޭގައި އޮތް 02 (ދޭއް) ރަބަރު ޕެކެޓުގައި 9.4020 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، ދެވަނަ ކޮންޑަމް ތެރޭގައި އޮތް ރަބަރު ޕެކެޓެއްގައި 9.6893 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލިއެވެ. މި މައްސަލަ ބަލައިފައިވަނީ އެކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާއިންނެވެ.
2މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ނޫރާ މޫސާއެވެ.
ކްރިމިނަލް ކޯޓުން ނިންމިގޮތް
3ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކޮށްފައިވަނީ،
"ދެންފަހެ، ދައުލަތުން ބ.ތުޅާދޫ/ ރަންބުސްތާނުގެ ނޫރާ މޫސާގެ މައްޗަށް ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ނޫރާ މޫސާ، 15 ޖުލައި 2018 ދުވަހު 9:58 އެހައިކަންހާއިރު، ކ.މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކ.މާފުށީ ޖަލު 1 ނަންބަރު ގޭޓުކައިރިން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކ.މާފުށީ ޕޮލިސްޓޭޝަނަށް ޙާޟިރުކޮށް، ކޯޓު އަމުރެއްގެ ދަށުން މީނާގެ ހަށިގަނޑު ބަލައި ފާސްކުރަން ފެށުމުން، މީނާ ލައިގެން ހުރި ޖަންގިޔާ ތެރެއިން ނަގައި މީނާ ޙަވާލުކުރި، 02 (ދޭއް) ކޮންޑަމުގެ ތެރެއިން އެއް ކޮންޑަމް ތެރޭގައި އޮތް 02 (ދޭއް) ރަބަރު ޕެކެޓުގައި 9.4020 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި ދެވަނަ ކޮންޑަމްތެރޭގައި އޮތް ރަބަރު ޕެކެޓެއްގައި 9.6893 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީކަމަށް ބުނެ، ނޫރާ މޫސާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މިދަޢުވާ ތަޙްޤީޤުކުރުމުގައި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގައި ޚިލާފަށް ޢަމަލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނާތީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2017/HC-A/189 އަށް ރިޢާޔަތްކޮށް، ބ.ތުޅާދޫ/ ރަންބުސްތާނުގެ ނޫރާ މޫސާގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
4ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
4.1 ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ވ) އާ ޚިލާފަށްކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5މި ނުކުތާ ތަފްޞީލުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) ގައި މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ ޖިންސުގެ "މީހަކު" އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ބަލައި ފާސްކުރެވިދާނެކަމުގައި ބަޔާންކޮށްފައިވާކަމަށެވެ. މި މާއްދާގެ އިބާރާތަށް ބަލާއިރު، މި މާއްދާގައި ފުލުހުން މި މާނައިގައި ބޭނުންކޮށްފައިވަނީ "އޮފިސަރުން"ކަން އެނގެން އޮންނަކަމާއި، އަދި މި މާއްދާއަށް ބެލުމުން "ފުލުހުން" ނޫން އިތުރު ފަރާތަކަށް "މީހުން" މިހެން މުޚާތަބުކޮށްފައިވާކަން އެނގެން އޮންނަކަމެވެ. މި މާއްދާގެ ބޭނުމަކީ ބަލައި ފާސްކުރެވޭ މީހައާ އެއް ޖިންސުގެ ފުލުހަކު، ބަލައި ފާސްކުރެވޭ ތަނުގައި ހާޒިރުވެނެތްނަމަ ޢަމަލުކުރާނެގޮތް ބަޔާންކޮށްދިނުންކަމަށްވެފައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި މީހުން ބަޔާންކޮށްފައިވާ ހުރިހާ ތަނެއްގައިވެސް މީހުން ނިސްބަތްކޮށްފައިވަނީ ފުލުހުން ނޫން އިތުރު މީހުންނަށްކަމަށްވެފައި، ބަލައި ފާސްކުރެވޭ ތަނުގައި އެއް ޖިންސުގެ ފުލުހަކު ނެތް ޙާލަތުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމުގައި "އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި" މިހެން އޮތުމުން، ބަލައި ފާސްކުރުމަށް ހާޒިރުކުރެވޭ މީހަކީ ފުލުހަކަށްވުން ލާޒިމުނުވާ ކަމަށް ދޭކެކަމަށެވެ.
6ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ އެހެން މީހެއްގެ ހާޒިރުގައި ބަލައި ފާސްކުރެވިދާނެ ކަމަށްވީއިރު، މި މައްސަލައިގައި ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވަނީ ޤާނޫނުގެ ތެރެއިން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންގެ އެންގުމަކަށް ފުލުހުންގެ އިރުޝާދުގެ މަތިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންކަމަށާއި، މީގެ އިތުރުން ބަލައި ފާސްކުރުމުގައި ހެކީގެ ވެލިޑިޓީއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކަރެކްޝަންގެ އޮފިސަރުން ކޮށްފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަދި ތަޙުޤީޤުގެ މަރުޙަލާގައިވެސް ފާހަގަކޮށްފައިނުވާތީ، ބަލައި ފާސްކޮށްގެން ހޯދާފައިވާ މަސްތުވާތަކެއްޗާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.
710 މާރިޗް 2021ގައި މި ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައި ކަނޑައަޅައި، މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް ކަމުގައި ބުނެފައިވެއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
8ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ)އާ އެއްގޮތަށްކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، މި ޤާނޫނުގައި ވަރަށް ސާފުކޮށް މީހުން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށްކަމަށް ބަޔާންކޮށްފައިވަނިކޮށް، ނޫރާ މޫސާ ބަލައި ފާސްކޮށްފައިވަނީ ފުލުހުންނޫން ފަރާތެއްކަމުގައި ނޫރާ މޫސާގެ ފަރާތުން ބުނެފައިވެއެވެ. ފުލުހުންނަކީ ޚާއްޞަ ޓްރޭނިންގ ތަކެއް ފުރިހަމަކޮށް، ހުވައެއްކޮށްގެން ތިބޭ ބަޔަކަށްވާއިރު، މި ޓްރައިނިންގގައި ބަލައި ފާސްކުރުމުގެ ކިޔަވައިދިނުންތައްވެސް ހިމަނާފައިވާނެކަމުގައި ނޫރާ މޫސާގެ ފަރާތުން ބުނެފައިވެއެވެ.
9ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) ގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެކަމަށް ބަޔާންކޮށްފައި އެވަނީ، އެއް ޖިންސުގެ ފުލުހެއް ހާޒިރުކުރުވާ ވާހަކަ ކަމަށާއި، އެއްވެސް ޙާލެއްގައި މަގުމަތިން ހިނގާފަދާ އެއް ޖިންސުގެ މީހަކު ޕޮލިސް ސްޓޭޝަން ތެރެއަށް ހާޒިރުކޮށް ހައްޔަރުކޮށްފައިވާ މީހާ ބަލައި ފާސްކުރާ ވާހަކައެއްނޫންކަމަށެވެ.
10ކޮންމެ މުއައްސަސާއަކަށް ވަކި ޤާނޫނުތަކާއި ގަވާއިދުތަކެއް ފާސްކޮށް އެ ޤާނޫނުތަކުގެ ދަށުން ހިނގަމުންދާއިރު، އެ ޤާނޫނުތަކާއި ގަވާއިދުތަކުން އެ މުވައްސަސާއަށް ބޭރުނުވެވޭނެކަމަށާއި، ނޫރާ މޫސާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓަމުންދާ ތަނަކުން ކަމަށް ނުވާއިރު، ފުލުހުންގެ އިމާރާތުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އާންމުންގެ މީހަކު ބަލައި ފާސްކުރުމަކީ އެ ސަރވިސްގެ ޤާނޫނުގައިވެސް ހުއްދަކަމެއް ނޫންކަމަށެވެ.
އެހެންކަމުން، ނޫރާ މޫސާގެ ފަރާތުން އެދެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ދެކޭގޮތް
މީހުން ބަލައި ފާސްކުރުން
12HN1މީހުން ބަލައި ފާސްކުރުމުގައި އެންމެ މައިގަނޑު އަސާސަކީ އެ ބަލައި ފާސްކުރެވޭ މީހާގެ ކަރާމަތަށް ގެއްލުން ނުވާނެ ގޮތަށް އެ މީހަކު ބަލައި ފާސްކުރުމެވެ. އަދި ބަލައި ފާސްކުރާއިރު، ބަލައި ފާސްކުރެވޭ މީހާގެ އިންސާނީ ކަރާމާތަށާއި އަބުރަށް ރައްކާތެރިވެ، ފުރިހަމަ އިޙްތިރާމާއި އެކު އެކަން ކުރުމަށެވެ. އެއްވެސް މީހަކާމެދު އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިންގައިގެންނުވާނެކަމުގައި ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި ބަޔާންކުރެއެވެ. މިނިވަންކަން ހިފެހެއްޓިފައިވާ ކޮންމެ މީހަކާމެދުވެސް ޢަމަލުކުރަންވާނީ އިންސާނިއްޔަތުކަމާއިއެކު، އެ މީހެއްގެ ޝަޙްސަށާއި ކަރާމާތަށް އިޙްތިރާމް ލިބިދެވޭ ފަދައަކުންނެވެ.
މީހުން ބަލައި ފާސްކުރުމާގުޅޭ ގޮތުން ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތައް
13މީހުން ބަލައި ފާސްކުރުން ހުއްދަކުރެވޭ ޙާލަތްތަކާއި، އެކަން ކުރުމުގައި ބަލަންޖެހޭ މިންގަނޑު ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި ބަޔާންކުރެއެވެ. މި ހާދިސާ ހިނގާފައިވަނީ 15 ޖުލައި 2018 ގައެވެ. މި ހާދިސާ ހިނގިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދަނީ ޢަމަލުކުރަމުންނެވެ. މި ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ "މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ" މިފަދައިންނެވެ. މި މާއްދާގެ (ރ) ގައި ކޯޓު އަމުރަކާ ނުލައި މީހަކު ބަލައި ފާސްކުރެވޭނެ ޙާލަތްތައް ބަޔާންކޮށް، މި މާއްދާގެ (ކ) ގައި މި މާއްދާގެ (ރ) ގެ ދަށުން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލަންވާނީ، އަދި އޭނާ ބަލައި ފާސްކުރެވޭއިރު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސުގެ މީހުން އެކަނި ކަމުގައި ބަޔާންކުރެއެވެ. މި މާއްދާގެ (ވ) ގައި ބަޔާންކުރަނީ "މި މާއްދާގެ (ކ) ގައިވާ ގޮތުން ޢަމަލުކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ޙާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ." މިފަދައިންނެވެ.
14މި ހާދިސާ ހިނގިއިރު، ފުލުހުން ޢަމަލުކުރަމުންދިޔައީ ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/5) އަށެވެ. ފުލުހުންގެ ޤާނޫނު އުވުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2020/34) އަށް 27 މާރިޗް 2021ގައި ޢަމަލުކުރަން ފެށުމުންނެވެ. ފުލުހުންގެ ޤާނޫނުގައި "ފުލުހުން"ނަކީ ފުލުހުންގެ ހުވާ ކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުން ކަމުގައި ބަޔާންކުރެއެވެ.
15HN2ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނާއި، ގަވާއިދާއި އަދި ފުލުހުން ޢަމަލުކުރަމުންދިޔަ އިޖުރާއަތުތައް މުހިންމުވަނީ މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ތަޠުބީޤުކުރަންޖެހޭނީ ހާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކާއި، ގަވާއިދުތަކާއި އިޖުރާއަތުތައް ކަމަށްވާތީއެވެ. އެހެނީ، ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމަކީ (retrospective application of law) ޢާންމު އުޞޫލަކަށްވާތީއެވެ.
16ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ވަކި ޙާލަތްތަކެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއީގެ މަންފާ ފިޔަވައި ނުވަތަ ޤާނޫނަކުން ސަރީހަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތުގައި މެނުވީ، ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އޭގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިގެން ނުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ ގައި ފާހަގަކޮށްފައިވެއެވެ.
17މި ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ފުލުހުންގެ ޤާނޫނުގައި މީހުން ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައިވާ މީހުން ހިފާ ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރުމާއި ކުށުގެ ތުހުމަތުގައިވާ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމަކީ ފުލުހުންނަށް ލިބިފައިވާ ބާރެއްކަމުގައި ބަޔާންކުރެއެވެ. މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދެއް އެކުލަވާލާފައިވެއެވެ.
18HN4ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދަށް ބަލާއިރު، މި ގަވާއިދުގައި ފުލުހުންނަށް އޮތް ބަލައި ފާސްކުރުމުގެ ބާރުތަކާއި، ބަލައި ފާސްކުރެވޭނެ ޙާލަތްތަކާއި އަދި ބަލައި ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރެވެއެވެ. މިގޮތުން ފުލުހުންގެ ބެލުމުގައި ހުރި ނުވަތަ ބަންދުގައި ހުރި މީހާގެ ހަށިގަނޑުގައި ނުވަތަ ހަށިގަނޑުގެ ތެރޭގައި މަސްތުވުމަށް ބޭނުންކުރެވިދާނެ އެއްޗެއް ފޮރުވަފައިވާކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭނަމަ، ޑިއުޓީ އިންޗާޖުގެ ހުއްދަ ހޯދުމަށްފަހު، އެ މީހާގެ ހަށިގަނޑު ބަލައި ފާސްކުރެވިދާނެ ކަމާއި، މި ހުއްދައަކީ އަނގަބަހުންވެސް ދެވިދާނެ ހުއްދައެއްކަމުގައި މި ގަވާއިދުގައި ބަޔާންކުރެއެވެ. އަދި މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި އަންހެނަކު ބަލައި ފާސްކުރަންވާނީ އަންހެން ފުލުހެއްކަމާއި، އަދި ފިރިހެނަކުނަމަ ބަލައި ފާސްކުރަންވާނީ ފިރިހެން ފުލުހެއްކަމާއި، އަންހެން ފުލުހަކު ނެތް ޙާލަތްތަކުގައި، ޑިއުޓީ އިންޗާރޖް ކަނޑައަޅާ ކޮންމެ އަންހެނަކަށްމެ އެ އަންހެން މީހާ ގާތުން ބަލައި ފާސްކުރެވިދާނެކަމުގައި ބަޔާންކުރެއެވެ.
19މި މާއްދާއިން އެނގިގެންދާ ޙަޤީޤަތަކީ ބަލައި ފާސްކުރުމުގެ މިންގަނޑަކީ ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ ފުލުހެއް އެ މީހަކު ބަލައި ފާސްކުރުމެވެ. ފިރިހެނެއް ބަލައި ފާސްކުރާނަމަ، ފިރިހެން ފުލުހެއް އެ މީހަކު ބަލައި ފާސްކުރުން ލާޒިމުވެއެވެ. އެހެނަސް، އަންހެނެއް ބަލައި ފާސްކުރަން ޖެހިއްޖެނަމަ، އަދި އެ ވަގުތު އެ ތަނުގައި އަންހެން ފުލުހެއްނެތްނަމަ، ޑިއުޓީ އިންޗާރޖް ހުއްދަ ދޭ "ކޮންމެ އަންހެނަކަށްމެ" ގާތުން ބަލައި ފާސްކުރެވިދާނެކަމެވެ.
ބަލައި ފާސްކުރުމުގައި "އެއް ޖިންސެއްގެ މީހަކު" އެތަނަށް ހާޒިކުރުމަށް އޮންނަ އޮތުން - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) އާއި އެއިރު އެ ޤާނޫނުގެ 53 ވަނަ މާއްދާ އޮތް ގޮތާއި، ޤާނޫނު ނަންބަރު 2020/21 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)އިން 53 ވަނަ މާއްދާއަށް ގެނެވިފައިވާ އިސްލާހު އަދި އޭގެ ނަތީޖާ
20HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއަކީ މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާއެކެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައިވެސް މި މާއްދާގައި ފުލުހުންނަށް ކަންކަން ކުރުމަށް ލިބިދޭ ބާރު ލިބިގެންވެއެވެ. ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 53 ވަނަ މާއްދާ ޚާއްޞަވެފައިވަނީ ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ މައްޗަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު 2 މޭ 2016 ގައި ފާސްކުރެވުނުއިރު މި ޤާނޫނުގެ 53 ވަނަ މާއްދާ އޮތީ މީހަކު ބަލައި ފާސްކުރުމުގައި އެއް ޖިންސުގެ އޮފިސަރަކު ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރާގޮތަށެވެ. މިއީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) އާ އެއް ހަމަ ގޮތެކެވެ. އެހެނަސް، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 53 ވަނަ މާއްދާއަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (އެހެނީ؛ ޤާނޫނު ނަންބަރު: 2020/21) އިން އިޞްލާޙު ގެނެވިފައިވެއެވެ. މި އިޞްލާޙުގައި މި މައްސަލައާ ގުޅޭ އަކުރުތައް ކަމަށްވާ 53 ވަނަ މާއްދާގެ (ޅ) އަދި (ކ) އެކުލަވާލާފައިވާގޮތް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލާންވާނީ، އަދި، އޭނާ ބަލައި ފާސްކުރެވޭހިނދު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން މީހަކު ބަލައި ފާސްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނަށް ހާޒިރުކުރުވައިގެން، އެ އޮފިސަރަކު މެދުވެރިކޮށެވެ. އެ ޙާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
21ޤާނޫނު ނަންބަރު 2020/21 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގައި ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނަށް ހާޒިރުކުރުވައިގެން، އެ އޮފިސަރަކު މެދުވެރިކޮށް ކަން ވަރަށް ސާފުކޮށް އެނގެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަލައި ފާސްކުރުމާ ގުޅޭ ދެ ޙާލަތެއް ބަޔާންކުރެއެވެ. އެއީ މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި (ކޯޓު އަމުރެއްގެ ދަށުންވެސް މީހުން ބަލައި ފާސްކުރުން ހިމެނޭ ގޮތަށް) އަދި ބަންދުގައި ހުންނަ މީހުން ބަލައި ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތެވެ. މީހުން ހުއްޓުވައި ނުވަތަ ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އޭނާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަކީ މިކަމުގައި ޢަމަލުކުރަން އޮންނަ އިޖުރާއަތުކަން އެނގެއެވެ. މި ޙާލަތު، ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި އިތުރަށް ތަފްޞީލުކޮށްދީފައިވެއެވެ. އެއީ އަންހެނެއް ބަލައި ފާސްކުރަންޖެހޭއިރު، އެތަނުގައި އަންހެން ފުލުހަކު ނެތްނަމަ، ޑިއުޓީ އިންޗާރޖް ކަނޑައަޅާ ކޮންމެ އަންހެނަކަށްމެ، އެ އަންހެން މީހާ ގާތުން ބަލައި ފާސްކުރެވިދާނެކަމެވެ.
22މި ޙާލަތާއި ޚިލާފަށް ބަލައި ފާސްކުރެވޭ މީހާއަކީ ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރި މީހެއްނަމަ، އެ މީހާ ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރެއްކަމަށް ބަޔާންކުރެއެވެ. އިސްވެ ބަޔާންކޮށްފައިވާ ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވިއިރު، މީހަކު ބަލައި ފާސްކުރުމުގައި އޭނާއާ އެއް ޖިންސުގެ އޮފިސަރެއް ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު ހާޒިރުކޮށް ބަލައި ފާސްކުރެވިދާނެ ކަމުގައި މި ޤާނޫނުގެ 53 ވަނަ މާއްދާގައި އޮތް އޮތުން، ޤާނޫނު ނަންބަރު 2020/21 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ބަދަލުވެ، މީހަކު ބަލައި ފާސްކުރުމުގައި "އެއް ޖިންސުގެ އޮފިސަރެއް" ހާޒިރުކުރުވައި ބަލައި ފާސްކުރުމަށް ލާޒިމުވާގޮތަށް ބަދަލުވެގެން ގޮސްފައިވެއެވެ.
23މި މައްސަލައިގައި ނޫރާ މޫސާ ބަލައި ފާސްކޮށްފައިވަނީ މާލެއަތޮޅު މަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H12C/MHB/2018/04 (15 ޖުލައި2018 ) މީހުން ހުއްޓުވާ ބަލައި ފަސްކުރުމުގެ ކޯޓު އަމުރުންނެވެ. ނޫރާ މޫސާ ބަލައި ފާސްކޮށްފައިވަނީ 15 ޖުލައި 2018ގެ 10:25ގައިކަން އެނގެއެވެ. ނޫރާ މޫސާ ބަންދުކޮށްފައިވަނީ 15 ޖުލައި 2018ގެ 15:10ގައި ކަން ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާއި ގުޅޭ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާ ފޯމުން އެނގެއެވެ. އެހެންކަމުން، ނޫރާ މޫސާގެ މައްޗަށް ތަޠުބީޤުކުރެވޭނެ ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެވެ. އެހެނީ ނޫރާ މޫސާ ބަލައި ފާސްކުރެވިފައިވަނީ މި މާއްދާގެ (މ) ގެ ދަށުން ކޯޓު އަމުރެއްގެ ދަށުންކަމަށްވެފައި، މި ނޫރާ މޫސާ ބަލައި ފާސްކުރެވުނުއިރު، އޭނާ ހުރީ އެއިރު ހައްޔަރުކޮށް ބަންދުގައި ނޫންކަން އިސްވެ ބަޔާންކުރަނިވި ލިޔެކިޔުންތަކުން އެނގޭތީއެވެ.
މީހުން ބަލައި ފާސްކުރުމުގައި ޢަމަލުކުރަމުންދާ އެހެނިހެން އިޖުރާއަތުތައް
24ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ތަޙުޤީޤުކުރުމާގުޅޭ ކަންކަން ތަންޒީމުކުރުމުގެ ގޮތުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު2019/R-1052 ) އެކުލަވާލާފައިވަނީ 2 ސެޕްޓެމްބަރ 2019ގައެވެ. އެއީ މިހާރު މި ބެލެވޭ މައްސަލައިގެ ހާދިސާ ހިނގާދިޔަފަހުންނެވެ. އެހެނަސް، މީހުން ބަލައި ފާސްކުރުމުގައި މި ގަވާއިދުގެ ދަށުން އިޖުރާއަތު ބަދަލުވެފައިވޭތޯ ބެލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ. މީހުން ބަލައި ފާސްކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރަނީ މި ގަވާއިދުގެ 104 ވަނަ މާއްދާގައެވެ. މި މާއްދާއަށް ބަލާއިރު، މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސުގެ ފުލުހަކު ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި އެ މީހަކު ލައްވާ ބަލައި ފާސްކުރެވިދާނެކަން ބަޔާންކުރެއެވެ. ވީމާ، މިހާރު ޢަމަލުކުރަމުންދާ ގޮތާއި މި ހާދިސާ ހިނގިއިރު ޢަމަލުކުރެވުނުގޮތުގެ ފަރަޤެއްނެތެވެ.
25HN5ބަލައި ފާސްކުރުމުގެ ޤާނޫނީ ބާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށްވެސް ލިބިދެއެވެ. މިގޮތުން ޤައިދީންނާއި ބަންދު މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެއްޗާއި ޖަލަށް ވަދެނިކުމެ ހަދާ އެންމެހައި ފަރާތްތަކާއި އެ މީހުން ގެންނަ ތަކެތި ބަލައި ފާސްކުރުމުގެ ބާރު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި (ޤާނޫނު ނަންބަރު 2013/14) ކަނޑައަޅާފައިވާގޮތުގެ މަތިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ލިބިދެއެވެ. މި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައި އަންހެނަކު ބަލައި ފާސްކުރާނީ އަންހެން އޮފިސަރެއްކަމާއި، އަދި ފިރިހެނަކު ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެއްކަން ބަޔާންކުރެއެވެ.
26އިސްވެ ބަޔާންކުރަނިވި ނައްސުތަކުން އެނގިގެންދާ ޙަޤީޤަތަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަކީ ދައުލަތުގެ މުވައްސަސާއެއްގެ އޮފިސަރުންނަށްވެފައި، އެ އޮފިސަރުންނަކީ ޤައިދީންނާއި ބަންދު މީހުން ބަލައި ފާސްކުރުމުގެ ބާރު ޤާނޫނީ އިމުގެ ތެރެއިން ލިބިފައިވާ ބައެއްކަމާއި، އެ ފަރާތަކީ މީހުން ބަލައި ފާސްކުރުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ، ޤާނޫނުން އެކަށައަޅާފައިވާ ވުޒާރާއެއްގެ އޮފިސަރުންކަމެވެ.
ނިންމަން ފެންނަ ގޮތް
27ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި މި ޤާނޫނަށް ޢަމަލުކުރަން ފެށިއިރު މި ޤާނޫނުގެ 53 ވަނަ މާއްދާގައި ބަލައި ފާސްކުރުމާ ގުޅޭ ގޮތުން އޮތް އިޖުރާއަތަކީ ބަލައި ފާސްކުރާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު ނެތްނަމަ، އެ މީހާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކޮށް ބަލައި ފާސްކުރުމަށެވެ. މި ޤާނޫނުގެ 38 ވަނަ މާއްދާގައި މިފަދައިން ޢަމަލުކުރުމަށް އޮތް އޮތުމަށް އިޞްލާޙެއް ގެނައުމެއްނެތި، މި ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ބަންދުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގައި އޭނާއާ އެއް ޖިންސުގެ އޮފިސަރެއް އެތަނުގައި ނެތްނަމަ، އެއް ޖިންސުގެ އޮފިސަރެއް ހާޒިރުކޮށް، އެ އޮފިސަރު އެ މީހާ ބަލައި ފާސްކުރުމަށް ލާޒިމުކޮށް، މި 53 ވަނަ މާއްދާ އިޞްލާޙުކޮށްފައިވަނީ ބަންދުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ ކަންކަން އެއް ޖިންސުގެ އޮފިސަރެއް ލައްވާ ކުރުވުމަށެވެ. އެއާ ޚިލާފަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި، އަދި ކޯޓު އަމުރެއްގެ ދަށުން މީހުން ބަލައި ފާސްކުރުމުގައި އެ މީހާއާ އެއް ޖިންސުގެ އޮފިސަރަކު ނެތްނަމަ، އެއް ޖިންސުގެ މީހަކު ހާޒިރުކުރުމުން އެ އިޖުރާއަތު ފުރިހަމަވީކަމުގައި ބެލެވޭނެއެވެ.
28ނޫރާ މޫސާ ބަލައި ފާސްކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެކެވެ. މިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީހުން ބަލައި ފާސްކުރުމާބެހޭ ފޯރމްއިން އެނގެއެވެ. މީގެ އިތުރުން ނޫރާ މޫސާގެ ތުހުމަތުކުރެވުނު މައްސަލަ ތަޙުޤީޤުކުރަމުން ދިޔަ ފުލުހުންގެ ބަހުންވެސް މިކަން އެނގެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓާފް ސާރޖަންޓް ސަޢުދުﷲ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް ޙަސަން ޖަލީލު ޢަބްދުﷲ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ހޯދައި، އެ ވަގުތު ކ.މާފުށި ޕޮލިސް ސްޓޭޝަންގައި އަންހެން މުވައްޒަފެއް ނޫޅޭތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އަންހެން އޮފިސަރުން ހާޒިރުކޮށް އެ މީހުން ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާކަން އެނގެއެވެ. މިކަން ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ލާންސް ކޯޕްރަލް ފާޠިމަތު ރަމްޒީނާ އާއި ޕްރިޒަން ލާންސް ކޯޕްރަލް ފާޠިމަތު ޝަފީނާ އާއި ޕްރިޒަން ނާރސް ސަބްލާ ޙަސަންގެ ބަހުން އިތުރަށް ސާފުވެގެން ދެއެވެ. މިކަން މިގޮތަށް ކުރަންޖެހުނީ އެކަން ތަޙުޤީޤުކުރަމުން ދިޔަ ފަރާތުގެ އެދުމަކަށް، ކ.މާފުށީގައި އަންހެން އޮފިސަރެއް ނެތުމުންކަން މި ފަރާތްތަކުގެ ބަހުން އެނގެއެވެ.
29ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކުރުމާގުޅޭ އިޖުރާއަތު ހިނގާފައިވާ މި ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތަށެވެ. އެހެނީ، މި ގަވާއިދުގައިވާ ފަދައިން ނޫރާ މުސާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ އަމުރެއް ހޯދައި، ކ.މާފުށި ފޮލިސް ސްޓޭޝަންގައި އަންހެން އޮފިސަރެއް ނެތުމުން، ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކުރުމަށްޓަކައި އެކަން ތަޙުޤީޤުކުރަމުން ދިޔަ ފަރާތުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ގުޅައި، އެ ފަރާތްތައް ހާޒިރުކޮށްފައިވެއެވެ.
30މީގެ އިތުރުން، މީހުން ބަލައި ފާސްކުރުމުގައި މިހާރު ޢަމަލުކުރަމުންދާ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވެސް ބަޔާންކުރަނީ ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސުގެ ފުލުހަކު ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި އެ މީހަކު ލައްވާ ބަލައި ފާސްކުރުމަށެވެ.
31އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، މޯލްޑިވްސް ކަރެންޝަނަލް ސަރވިސްގެ އޮފިސަރުން ނޫރާ މޫސާގެ ހަށިގަނޑު ބަލައި ފާސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) މަޤުޞަދާއި ރޫހާއި ޚިލާފު ކަމެއްކަމަށް އަހުރެން ނުދެކެމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާގެ އެ ނިންމުން ބާޠިލުކުރަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
32HN6ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާގެ، ޤަޟިއްޔާ ނިމުނު ރިޕޯޓަށް ބެލުމުން، ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިން ޙާޟިރުކޮށް، ހާޒިރުކުރެވުނު ބައެއް ހެކިންގެ ހެކިބަހުން މައްސަލަ ވަކި ގޮތަކަށް ނިންމުމާ ހަމައަށް ވާސިލުވެފައިވާކަމާއި، އެ ނިންމުމަށް އިތުރު ބަދަލެއް އަންނަންނެތްކަމަށް ފާހަގަކޮށް، ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކިން ހާޒިރުނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަން އެނގެންއޮތަތީ، މި މައްސަލަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންގޮސް، މި މައްސަލައިގެ މައުޟޫއާމެދު ގޮތެއް ނިންމުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއިދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއިދު ކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތައް އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 547/Cr-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، އެ މައްސަލައަކީ މައުޟޫޢީ ގޮތުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް ކަމަށްވާތީ، މި މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ށ)، (ރ)، (ކ)، (މ)، (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 21/2020 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 5 ވަނަ މާއްދާ
- އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 10 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާ އަދި 76 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 135 ވަނަ މާއްދާ
- ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާ (ހ) (2)، (ނ)، (ރ)
- ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (2019/R-1052) ގެ 104 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ރ)
- ޤައިދީންނާއި ހައްޔަރުގައި ތިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުންގެ ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު (2015/R-3) ގެ 8 ވަނަ މާއްދާ
- 2014/SC-A/41
- 2011/SC-A/23
- 2020/SC-A/97
- 2017/HC-A/189
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.