ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 93 · 2020/SC-A/97ސުޕްރީމް ކޯޓު · 6 އޮކްޓޫބަރު 2021

ޙުސައިން ޞަބާޙް ވ. ޢާއިޝަތު ނަފީސާ

ސުޕްރީމް ކޯޓު
8 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 އޮކްޓޫބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މުޙައްމަދު ޞަބާޙް ވ ޢާއިޝަތު ނަފީސާ

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2018/HC-A/243 ޤަޟިއްޔާ އިސްތިއުނާފު މުޙައްމަދު ޞަބާޙް (މީގެ ފަހުން "މުޙައްމަދު ޞަބާޙް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ޢާއިޝަތު ނަފީސާ (މީގެ ފަހުން " ޢާއިޝަތު ނަފީސާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މާލޭގައި އޮންނަ ހ. ތޮއްޑޫގެ އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު ބ.14835) 1847 (އެއްހާސް އަށްސަތޭކަ ސާޅީސް ހަތެއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗަކީ އެ ގޭ ޙަސަން ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައި އޮތް ގޯއްޗެކެވެ.

ޙަސަން ޙަލީމް ނިޔާވުމާ ގުޅިގެން އޭނާގެ ތަރިކައިގެ މައްސަލަ ޝަރީޢަތުން ނިންމިއިރު، އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކަ ލިބިފައިވަނީ އޭނާގެ ދެ ފިރިހެން ދަރީން ކަމުގައިވާ ޢަލީ ޝަރީފް އާއި މުޙައްމަދު ޞަބާޙްއަށާއި، އަންހެންދަރި ފާޠިމަތު ޙަސަންއަށާއި، އަނބި ޙަރީރާ އަބޫބަކުރަށެވެ. ޙަސަން ޙަލީމްގެ ވާރިޘުންނަށް ޙަސަން ޙަލީމްގެ ތަރިކައިން ލިބިގެންދިޔަ ނިސްބަތް ތަފާތު ނަމަވެސް، ހ.ތޮއްޑޫގެ އެވެ ކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗެއް ކަމުގައިވާތީ، އަލްމަރުޙޫމް ޙަސަން ޙަލީމްގެ ތަރިކައިން ލިބޭ 4 (ހަތަރު) ފަރާތަށް މި ގޯތީގެ ބިން ބެހިގެން ދިޔައީ ހަމަހަމަ އުސޫލުންނެވެ.

މިއަށްފަހު، ޙަރީރާ އަބޫބަކުރު ނިޔާވުމުން، އޭނާގެ ވާރިޘުންގެ ގޮތުގައި ތިބީ އޭނާގެ ބައްޕައާއި، 02 (ދޭއް) ފިރިހެން ދަރިންނާއި، 02 (ދޭއް) އަންހެން ދަރިންނެވެ. އަދި ޙަރީރާ އަބޫބަކުރުގެ ތަރިކައިގެ މައްސަލައިގައި، ހ.ތޮއްޑޫގެއިން ޙަރީރާ އަބޫބަކުރަށް ލިބިފައި އޮތް ބައިން ޙަރީރާ އަބޫބަކުރުގެ ބައްޕައަށް ޙައްޤުވީ ބައި އޭގެ ޒާތުން ޙަރީރާ އަބޫބަކުރުގެ 04 (ހަތަރެއް) ދަރިންނަށް ހަމަހަމައަށް ޙަރީރާ އަބޫބަކުރުގެ ބައްޕަގެ ފަރާތުން ހަދިޔާކޮށް ދޫކޮށްލުމުން، ޙަރީރާ އަބޫބަކުރުގެ 02 (ދޭއް) ފިރިހެން ދަރިން ކަމުގައިވާ މުޙައްމަދު ޞަބާޙްއާއި ޢަލީ ޝަރީފްއާއި، އަންހެން ދަރި ފާޠިމަތު ޙަސަންގެ ފަރާތުން (ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ތަންތަނުން ޙަރީރާ އަބޫބަކުރަށްވާ ބައިން އެ މީހުންނަށް ހަދިޔާކުރެވުނު ބައިތައް)، މި ތިން މީހުންނާއި އެއްބަނޑު ޢާއިޝަތު ނަފީސާއަށް އޭގެ ޒާތުން ހަދިޔާކޮށް ދޫކޮށްލިއެވެ.

އެހެންކަމުން، ހ.ތޮއްޑޫގެ އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކައިގައި ހިމެނުނު ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޙަރީރާ އަބޫބަކުރަށް ލިބުނު ބައި، އޭގެ ޒާތުން ލިބިގެން ގޮސްފައިވަނީ އޭނާގެ އަންހެން ދަރި ޢާއިޝަތު ނަފީސާއަށެވެ.

ޙަރީރާ އަބޫބަކުރުގެ ތަރިކައިގެ މައްސަލަ މިފަދައިން ނިމުމުން، ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރެވުނެވެ. އަދި ގޯތީގެ މިލްކުރެވިންގެ ގޮތުގައި އެ ރަޖިސްޓަރީގައި މުޙައްމަދު ޞަބާޙްއާއި، ޢަލީ ޝަރީފްއާއި، ފާޠިމަތު ޙަސަންގެ އިތުރުން، (ޙަރީރާ އަބޫބަކުރުގެ ބަދަލުގައި) ޢާއިޝަތު ނަފީސާ ހިމަނާފައިވެއެވެ.

އަދި، މިފަދައިން ހ. ތޮއްޑޫގެއިން ޙަރީރާ އަބޫބަކުރަށް ލިބުނު ބައި ޢާއިޝަތު ނަފީސާއަށް ނަގުދުވީ ފަހުން، ހ. ތޮއްޑޫގެ އެވެ ކިޔާ ގޯތީގައި އައު އިމާރާތެއް ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) (މީގެ ފަހުން "އެސް.ބީ.އައި") އިން މުޙައްމަދު ޞަބާޙް އާއި، ޢަލީ ޝަރީފް އާއި، ފާޠިމަތު ޙަސަން އާއި، ޢާއިޝަތު ނަފީސާގެ ނަމުގައި 4,156,000/-ރ. (ހަތަރު މިލިޔަން އެއްލައްކަ ފަންސާސް ހަހާސް ރުފިޔާ) ގެ ޓަރމް ލޯނެއް ނަގާފައިވެއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން

ހ. ތޮއްޑޫގެ އެވެ ކިޔާ ގޯތީގައި ކޮށްފައިވާ އިމާރާތުގެ 08 (އަށެއް) ފްލޯރ ޢައްޔަންކޮށްދިނުމަށް އެދި، މުޙައްމަދު ޞަބާޙުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހެޅިއެވެ. މިގޮތުން، މުޙައްމަދު ޞަބާޙުގެ ފަރާތުން ހުށަހަޅާފައިވަނީ، ފާޠިމަތު ޙަސަންއަށް ފަސްޓް އަދި ފޯތު ފްލޯ، ޢަލީ ޝަރީފަށް ސެކަންޑް އަދި ފިފްތު ފްލޯ، މުޙައްމަދު ޞަބާޙަށް ތަރޑް އަދި ސެވަންތް ފްލޯ، ޢާއިޝަތު ނަފީސާއަށް ސިކްސްތު ފްލޯ، އަދި މުޙައްމަދު ޞަބާޙް އާއި، ޢަލީ ޝަރީފް އާއި، ފާޠިމަތު ޙަސަން އަށް ގްރައުންޑް ފްލޯ ލިބިދިނުމަށެވެ.

މުޙައްމަދު ޞަބާޙުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 964/Cv-C/2017 ޤަޟިއްޔާއިންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ހ.ތޮއްޑޫގެ އެވެ ކިޔާ ގޯތީގައި ކޮށްފައިވާ އިމާރާތުގެ މައްޗަށް މި ގޯތީގައި މިހާރު ހިމެނޭ 4 (ހަތަރެއް) ބެހެނިވެރިންގެ ޙައްޤު ހަމަހަމަ ވެގެންވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލުމުން އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ގޮތަށް ފްލޯރތައް އައްޔަންކޮށްދީފިނަމަ، ވަކި ބެހެނިވެރިއަކަށް ލިބޭ ފްލޯރގެ މިންވަރު އެހެން ބެހެނިވެރިނަށް ލިބޭ ފްލޯރގެ މިންވަރަށްވުރެ ކުޑަވެ، އެ ފަރާތުގެ ޙައްޤަށް އުނިކަމެއް އަތުވެދާނޭކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމާއެކު، ހ.ތޮއްޑޫގެ އެވެ ކިޔާ ގޯތީގައިވާ އިމާރާތުގެ ފްލޯރތައް ހުށަހަޅާފައިވާ ގޮތަށް ޢައްޔަންކޮށްދެވެން ނެތްކަމަށް ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 964/Cv-C/2017 ޤަޟިއްޔާގެ ނިންމުން މުޙައްމަދު ޞަބާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/243 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވުނު ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

"ހ.ތޮއްޑޫގެ ޙަސަން ޙަލީމްގެ ތަރިކަ" އާއި "ހ.ތޮއްޑޫގެ ޙަރީރާ އަބޫބަކުރުގެ ތަރިކަ" ބެހެވިގެންދިޔަ ގޮތާއި ހ.ތޮއްޑޫގެއަކީ ބަންޑާރަ ގޯއްޗެއްކަން ބަޔާންކޮށްފައި އޮތުމުން، ސިވިލް ކޯޓުގެ ނިންމުމުގައި "ތަރިކައިން ލިބުނު 4 ފަރާތުގެ މެދުގައި މި ގޯތީގެ ބިން ބެހިގެންވަނީ ހަމަހަމަ އުސޫލުން" ކަމަށް ކަނޑައަޅައި މައްސަލަ ނިންމި ޤާނޫނީ އަދި ޝަރުޢީ ހަމަ ސާފުކޮށް އެނގެން އޮންނަކަން؛

އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކައިގައި ހުރި ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބެހިގެން ގޮސްފައިވަނީ 40 (ސާޅިސް) ބައިކުޅައިން ކަމާއި، ކޮންމެ ފިރިހެން ދަރިއަކަށް 40/14 (ސާޅީސް ބައިކުޅަ ސާދަ) ބައި އަދި އަންހެން ދަރިއަށް 40/07 (ސާޅީސް ބައިކުޅަ ހަތެއް) ބައި އަދި އަނބި ޙަރީރާ އަބޫބަކުރަށް 40/05 (ސާޅީސް ބައިކުޅަ ފަހެއް) ބައި ލިބިފައިވާއިރު، މިއީ، ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ލިބިދިންގޮތް ނޫންކަމާއި، މިއީ ހ.ތޮއްޑޫގެ އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވާރިޘުންނަށް ލިބިދިން ގޮތްކަން؛

ޙަރީރާ އަބޫބަކުރު ނިޔާވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ތިބީ އޭނާގެ ބައްޕައާއި، 02 (ދޭއް) ފިރިހެން ދަރިންނާއި، 02 (ދޭއް) އަންހެން ދަރިން ކަމުގައާއި؛ ޙަރީރާ އަބޫބަކުރުގެ ތަރިކައިގެ މައްސަލައިގައި، (ހ.ތޮއްޑޫގެ އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކަ މައްސަލައިގައި) ހ.ތޮއްޑޫގެއިން ޙަރީރާ އަބޫބަކުރަށް ލިބިފައި އޮތް ބައިން ޙަރީރާ އަބޫބަކުރުގެ ބައްޕައަށް ޙައްޤުވީ ބައި އޭގެ ޒާތުން ޙަރީރާ އަބޫބަކުރުގެ 04 (ހަތަރެއް) ދަރިންނަށް ހަމަހަމައަށް ޙަރީރާ އަބޫބަކުރުގެ ބައްޕަގެ ފަރާތުން ހަދިޔާކޮށް ދޫކޮށްލުމުން، (ކޮންމެ ފިރިހެން ދަރިއަކަށް 72/23 ބައި އަދި ކޮންމެ އަންހެން ދަރިއަކަށް 72/13 ބައި) ޙަރީރާ އަބޫބަކުރުގެ 02 ފިރިހެން ދަރިން ކަމުގައިވާ މުޙައްމަދު ޞަބާޙްއާއި ޢަލީ ޝަރީފްއާއި، އަންހެން ދަރި ފާޠިމަތު ޙަސަންގެ ފަރާތުން ވެސް، ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ތަންތަނުން ޙަރީރާ އަބޫބަކުރަށްވާ ބައިން އެ މީހުންނަށް ހަދިޔާކުރެވުނު ބައި، މި ތިން މީހުންނާއި އެއްބަނޑު ޢާއިޝަތު ނަފީސާއަށް އޭގެ ޒާތުން ހަދިޔާކޮށް ދޫކޮށްލީކަން އެނގެން އޮތުމުން، ހ.ތޮއްޑޫގެ އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކައިގައި ހިމެނުނު ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އަލްމަރްޙޫމާ ޙަރީރާ އަބޫބަކުރަށްވީ ބައި، އޭގެ ޒާތުން ލިބިގެން ގޮސްފައިވަނީ އޭނާގެ އަންހެން ދަރި ޢާއިޝަތު ނަފީސާއަށް ކަމާއި؛ ޙަރީރާ އަބޫބަކުރުގެ ތަރިކައިގެ މައްސަލަ މިފަދައިން ނިމުމުން، ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބެހެނިވެރިންގެ ތެރެއިން އަލްމަރުޙޫމާ ޙަރީރާ އަބޫބަކުރުގެ ބަދަލުގައި 04 ވަނަ މީހަކަށް އޮންނާނީ ޢާއިޝަތު ނަފީސާ ކަމާއި، ގޯތީގެ ރަޖިސްޓްރީ އެގޮތަށް ހަދާފައިވާކަން؛

ބަންޑާރަ ބިމަކީ ތަރިކައިގެ އުސޫލުން ބަހައިދެވޭނެ ތަރިކަ ދޫކުރި މީހާގެ ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމާއި؛ ތަރިކައިގައި ހިމެނޭ ނުއުފުލޭ މުދައު ހުރި ބިން ވާރިޘުންގެ މެދުގައި ބަހައިދެނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ބިމުން ލިބިދެވޭނެ މީހުންގެ މެދުގައި ހަމަހަމަކޮށްކަން ދިވެހިރާއްޖޭގެ ބިމާބެހޭގޮތުން ޢަމަލުކުރަމުންދިޔަ ޤާނޫނާއި ގަވާއިދުތަކުން އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" އާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުން މި އުސޫލު ނަގަހައްޓާފައިވާކަން އެނގޭކަން؛ އަދި

ހ.ތޮއްޑޫގެ އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކައާގުޅޭ ޤަޟިއްޔާގެ ޙުކުމާއި، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-C/47/93/85 (10 މެއި 1993) ސިޓީ އާއި، ހ.ތޮއްޑޫގެ އަލްމަރްޙޫމާ ޙަރީރާ އަބޫބަކުރުގެ ތަރިކައާގުޅޭ ޤަޟިއްޔާގެ ޙުކުމާއި، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-C/144/2005/193 (24 ޖުލައި 2005) ސިޓީއަށް ބެލުމުން، ހ.ތޮއްޑޫގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ވާރިޘުންގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވަނީ ތަރިކައިގެ އުސޫލު ކަމުގައިވާ އަންހެން ދެ ދަރިންނަށް ލިބޭ ވަރުގެ ބައެއް ފިރިހެން ދަރިއަކަށް ލިބޭ ގޮތަށް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/243 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ޞަބާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 2 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

(ހ) ބިމާބެހޭ ޤާނޫނު ތަޠުބީޤުކުރުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް މުޙައްމަދު ޞަބާޙްގެ ފަރާތުން ހުށަހެޅި ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ވުޖޫދުވުމުގެ ކުރިން، 1993 ގައި ނިންމާފައިވާ ނިންމުމެއްގެ މައްޗަށް، އެ ޤާނޫނުގެ ދަށުން ބަންޑާރަ ގޯތި ބެހުމުގައި ޢަމަލުކުރާ އުސޫލަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައަށް އެ އުސޫލުތައް ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

މި ނުކުތާއާ ގުޅިގެން، ޢާއިޝަތު ނަފީސާގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ބިމާބެހޭ ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، މި މައްސަލަ ނިންމުމުގައި ތަޠްބީޤުކޮށްފައި ނުވަނީ ބިމާބެހޭ ޤާނޫނުގެ ކޮން މާއްދާއެއްކަން ބުނެދީފައި ނުވަނީ، މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބިމާބެހޭ ޤާނޫނު ފުރިހަމައަށް ޠަޠްބީޤުކޮށްފައިވާތީ ކަމަށެވެ.

މި ނުކުތާގައި މުޙައްމަދު ޞަބާޙްގެ ފަރާތުން ހުށަހަޅާފައިވަނީ، އަލްމަރްޙޫމް ޙަސަން ޙަލީމްގެ ތަރިކަ ބެހިއިރު، އެ މަރްޙޫމްގެ ތަރިކައިގައި ހިމެނިގެންވީ ހ.ތޮއްޑޫގެ އެވެ ކިޔާ ގޯތި، ވާރިޘުންގެ މެދުގައި ބެހިގެންދިޔައީ ހަމަހަމަ އުޞޫލުންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ތަޠުބީޤުކޮށް ކަމުގައާއި، އެއީ ޤާނޫނީގޮތުން ކަން ކުރެވޭނެ ގޮތެއް ނޫންކަމެވެ.

ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި ބޭނުންތަކަށް އެކަށައެޅުމާއި، ދޫކުރުމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މި ކަންކަމާ ގުޅޭ އެހެނިހެން ކަންތައް ޤާނޫނީ ނިޒާމުގެ ތެރެއިން ތަރުތީބުވެގެންވާ ގޮތް ކަނޑައަޅުމަށް އެކުލަވާލެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ އެ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރާތާ 1 (އެކެއް) އަހަރު ފަހުން، 23 މެއި 2003 ގައެވެ.

ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމަކީ (retrospective application of law) ޢާންމު އުޞޫލެވެ. އަދި މި ސަބަބަށްޓަކައި، ޤާނޫނަކުން ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އޭގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިގެން ނުވާކަމުގައި ނުވަތަ އުފުލަން ނުޖެހޭނެކަމުގައި ފާހަގަކުރަމެވެ.

ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމަކީ ޤާނޫނު ތަޠުބީޤުކުރުމުގެ އާންމު އުސޫލެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ޢަމަލުކޮށްފައިވާކަމަށް މުޙައްމަދު ޞަބާޙް ބުނާބުނުމުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޙަވާލާދީ އެ ކޯޓުން ބުނެފައިވަނީ ކޮން އެއްޗެއްކަން ބަލަންޖެހެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ:

"...ބަންޑާރަ ބިމަކީ ތަރިކައިގެ އުޞޫލުން ބަހައިދެވޭނެ ތަރިކަ ދޫކުރި މީހާގެ ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމާއި ތަރިކައިގައި ހިމެނޭ ނުއުފުލޭ މުދައު ހުރި ބިން ވާރިޘުންގެ މެދުގައި ބަހައިދެނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ބިމުން ލިބިދެވޭނެ މީހުންގެ މެދުގައި ހަމަހަމަކޮށްކަން ދިވެހިރާއްޖޭގެ ބިމާބެހޭ ގޮތުން ޢަމަލު ކުރަމުންދިޔަ ޤާނޫނާއި ޤަވާއިދު ތަކުން އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" އާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުން ތަކުންވެސް މި އުޞޫލު ނަގަހައްޓާފައިވާކަން އެނގެން އޮންނަކަމާއި..."

މިފަދައިންނެވެ. ހައިކޯޓުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ގުޅިގެން ފާހަގަކޮށްފައިވާ ކަމަކީ، އެ ކޯޓުން މައްސަލަ ނިންމުމުގެ އަސާސެއްގެ ގޮތުގައި ބިމާބެހޭ ޤާނޫނު ހިމެނިގެންވާ ކަމަށް ބެލެވޭފަދަ ކަމެއް ކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ. އެއާ ޚިލާފަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބިމާބެހޭ ޤާނޫނަށް ޙަވާލާދީފައިވަނީ، އޭގެ ކުރިން ޢަމަލުކުރެވެމުން ދިޔަ ޤާނޫނާއި ޤަވާއިދުތަކުގައި ހުރި ކަންކަން، ބިމާބެހޭ ޤާނޫނުގައި ހިމަނައި އެ އުޞޫލުތައް ދަމަހައްޓާފައިވާ ކަމުގައި ބުނުމުގެ ގޮތުންކަމުގައި އަހުރެންނަށް ފެނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބިމާބެހޭ ޤާނޫނަށް ޙަވާލާދީފައިވާ މި ޙާލަތަކީ، ފަހުން ވުޖޫދުވި ޤާނޫނެއް، އޭގެ ކުރިން ހިނގާފައިވާ ހާދިސާއަކަށް ނުވަތަ ނިންމުމަކަށް ތަޠުބީޤުކޮށްފައިވާ ޙާލަތެއް ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.

(ށ) ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް މުޙައްމަދު ޞަބާޙްގެ ފަރާތުން ހުށަހެޅި ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

މުޙައްމަދު ޞަބާޙްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަށް ރައްދުދިނުމުގެ ގޮތުން ޢާއިޝަތު ނަފީސާގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އެ ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، އެ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، މި މައްސަލައާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށާއި މިފަދަ މައްސަލަތައް ހިންގުމުގައި ޢަމަލުކުރާ އުސޫލުތަކަށް ފަނޑިޔާރުން ފުރިހަމައަށް ރިޢާޔަތްކޮށްފައިވާތީ، މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް މުޙައްމަދު ޞަބާޙްގެ ފަރާތުން ބަޔާންކުރި ނަމަވެސް، އެ ނުކުތާއާ ގުޅޭ ތަފްޟީލެއް އެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އަދި އެހެންކަމުން، މިއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.

ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/243 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ، އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ނުވަތަ ބަދަލުކުރަންޖެހޭ ސަބަބެއް ކުރިމަތިކުރާ ނުކުތާތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި ޤަޟިއްޔާގައި އިސްތިއުނާފު ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/243 ޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ