ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 32 · 2020/SC-A/42

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
13 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 މާރިޗު 2021ދަށު ކޯޓު: މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓު (02/C2C/2015)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-A/281، 02/C2C/2015
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ (ށ) ގެ ދަށުން ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން، ނޫމަރާ މެޖިސްޓްރޭޓް ކޯޓުގެ 02/C2C/2015 ޤަޟިއްޔާއިން ޢަބްދުލްމުހައިމިން އާދަމް ކުށްވެރިކޮށް 20 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2016/HC-A/281 ޤަޟިއްޔާއިން އެ ޙުކުމް ބާޠިލުކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޮޑު ޢީދު ބަންދުގައި، ކުއްޖާގެ މަންމަގެ ބޭބެ ކަމަށްވާ ޢަބްދުލްމުހައިމިން އާދަމް ކުއްޖާ ދިރިއުޅޭ ގޭގައި ހުއްޓާ، އެއްރެއަކު 13 އަހަރުގެ ކުއްޖާ ނިދާ ކޮޓަރިއަށް ވަދެ ގަދަކަމުން ޖިންސީ ޢަމަލު ހިންގި ކަމަށް ދަޢުވާކުރިއެވެ. ކުއްޖާ މި ވާހަކަ ފުރަތަމަ ކިޔައިދިނީ ގާތްގަނޑަކަށް ދެ މަސް ފަހުން 16 ޑިސެންބަރު 2013 ގައި އޭނާގެ ދައްތައަށެވެ. އޭގެފަހުން މަންމައަށާއި ޢާއިލާގެ ރައްޓެއްސަކަށް ކިޔައިދީ، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް މައްސަލަ ހުށަހެޅިއެވެ. ތުހުމަތުކުރެވުނު މީހާ ތަޙުޤީޤުގައި އިޢުތިރާފުވި ނަމަވެސް ޝަރީޢަތުގައި އެ އިޢުތިރާފުން ރުޖޫޢަވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، ހާދިސާ ހިނގިތާ ދެ މަސް ފަހުން ކުއްޖާ ކިޔައިދިނުމުން އެ ބަހުގެ ބާރު ދެރަވެ ކުށް ސާބިތުނުވާނެތޯ، ނުވަތަ ކުއްޖާގެ ބަސް އެހެން ހެކިތަކާއި ތަޙުޤީޤުގައިވާ އިޢުތިރާފުން ކޮރަބޮރޭޓްވާނަމަ ކުށް ސާބިތުވާނެތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ހައިކޯޓުގެ ޙުކުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 47 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް ޤަޟިއްޔާތަކާ ޚިލާފު ޙުކުމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހައިކޯޓުން ބުރަވެފައިވަނީ، ކުއްޖާ ކިޔައިދިނީ ދެ މަސް ފަހުން ކަމުން އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައިވާ "ގިނަ ދުވަސްތަކެއް ނުވަނީސް" ކިޔައިދިނުމަކަށް ނުވާކަމާއި، މެޑިކަލް ލީގަލް ރިޕޯޓުން ދަޢުވާއަށް ބާރެއް ނުލިބޭ ކަމާއި، ފަސް ބާވަތުގެ ހެކި ހަމަނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކީގެ ބާވަތްތަކަކީ ކުއްޖާގެ ބަސް ކޮރަބޮރޭޓްކުރާ ވަސީލަތްތައް ކަމަށާއި، ކުއްޖާ ކިޔައިދިނުން ލަސްވިތޯ ބަލަންޖެހޭނީ ކުއްޖާގެ ޙާލަތަށް ބަލައި ކޮންމެ މައްސަލައެއްގައި ވަކިން ކަމަށާއި، ލަސްވުމަކީ ބަހުގެ ބާރު ދެރަވާ ސަބަބެއް ނޫން ކަމަށެވެ. ތުހުމަތުކުރެވުނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ޢާއިލާގެ މީހަކަށްވާތީއާއި ކުއްޖާގެ ޙާލަތަށް ބަލާއިރު، ދެ މަސް ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށް ކަނޑައެޅިއެވެ. ކުއްޖާގެ ބަސް މަންމަގެ ބަހާއި، މުޙައްމަދު އިޙްސާނުގެ ބަހާއި، ސޯޝަލް ވޯކަރުގެ ބަހާއި، އެސެސްމަންޓް ރިޕޯޓާއި މެޑިކަލް ލީގަލް ރިޕޯޓާ އެއްގޮތްވާކަމާއި، ތަޙުޤީޤުގައިވާ އިޢުތިރާފުން ރުޖޫޢަވި ނަމަވެސް މަޖުބޫރުކުރިކަމުގެ ޝަކުވާއެއް ނުކުރާތީ އެ އިޢުތިރާފު ޤަރީނާއެއްގެ ގޮތުގައި ބެލެވޭކަމާއި، އެހެންކަމުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ބާޠިލުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ބާޠިލު؛ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށްޓަކައި އިޝާރަތްކުރެވިފައިވާ ޤާނޫނުގައި 12 (ބާރަ) ވައްތަރެއްގެ ހެކި ބަޔާންކޮށްފައި ވެއެވެ. މި ހެކިތަކުގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ޤާނޫނުގެ މަޤުސަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މިފަދަ މައްސަލަތައް ސާބިތުކުރުމުގައި އަސާސަކަށް ބެލުމާއެކު އެ ނޫން ހެކިތަކަކީ ކުއްޖާ ދީފައިވާ ހެކިބަސް ކޮރަބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ.

HN2 އެ ހާދިސާއެއް ނުވަތަ އެ ކަމެއް ހިނގިތާ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަތަ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދޭ ކިޔައިދިނުމަކީ ކޮންމެ މައްސަލައެއްގައި ވަކިވަކިން ބަލައި ވަޒަންކުރަން ޖެހޭނެ ކަމެކެވެ. މިފަދަ ކޮންމެ މައްސަލައެއްގައި ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުމުގައި ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ޙާލަތެވެ. މާނައަކީ ކުއްޖާގެ ނަފްސާނީ، ޖިސްމާނީ، ދިރިއުޅުމުގެ ޙާލަތަށެވެ. އަދި ކުއްޖާގެ އުމުރާއި މިޒާޖު ފަދަ ކަންކަމެވެ.

HN3 މިފަދަ މައްސަލައެއްގައި އަވަސް ނުވަތަ ލަސްމިން ވަޒަންކުރެވޭނީ އާންމު ގޮތެއްގައި މުއްދަތު ނުވަތަ ވަގުތު ގުނާ ހަމައަކުން ނޫނެވެ. މިފަދަ މައްސަލައެއްގެ ވާހަކަ އެހެން ފަރާތަކާ ޙިއްސާކޮށް ކިޔައިދިނުމަށް ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ ބައެއް ފަހަރު އަހަރުތަކެއް ވެސް ފާއިތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހާދިސާ ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވެގެންދާ ސަބަބެއް ނޫނެވެ.

HN4 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޚާއްޞަ އުޞޫލުތަކެއް ޤާނޫނުގައި ލިޔަން ޖެހުނީ އެފަދަ މައްސަލަތަކުގައި ދިމާވާކަންކަން ޙައްލުކުރުމަށް ކަމަށްވެފައި އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ އަކުރުތައް ކިޔުމުގައި ބަލަންޖެހޭ ޙައްލު ހޯދައިދިނުމުގެ އުޞޫލުތައް ކުރިޔަށް ނެރެން ޖެހެއެވެ. ހެކި ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަސް ކަމަށްވެފައި، އެންމެ އަވަހަށް ނުވަތަ އެކަން ހިނގި ވަގުތު އެ ކުއްޖާއަށް އެހެން ފަރާތަކާ އެކަން ޙިއްސާނުކުރެވޭ ފަދަ ސަބަބެއް މެދުވެރިވާ ޙާލަތެއްގައި އެ ކުއްޖާއަށް އިންސާފުގެ ދޮރު ބަންދުވުމަކީ ޤާނޫނުގެ މަޤުސަދެއް ނޫނެވެ.

HN5 ޝަރީޢަތުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެ އިޢުތިރާފުގެ މައްޗަށް ބާރު ލިބިދާނެ އިތުރު ދަލީލުތައް ހުރިނަމަ ޤަރީނާއެކެވެ. ހަމަ މި މޭރުމުން އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ތަޙުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފު ވުމަށްފަހު ޝަރީޢަތުގައި އެ ކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެން ހެކިތަކާއި ޤަރީނާގެ މައްޗަށް ބަލައި، ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް ބަލައި ބާރުލިބޭ ފަދަ އިތުރު ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވިދާނެ ކަމަށެވެ.

HN6 މިފަދަ އިޢުތިރާފެއް ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވެއްޖެނަމަ، ރުޖޫޢަވި ސަބަބު ވަޒަންކޮށް ތަޤުޔީމު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. މިފަދައިން އިޢުތިރާފުން ރުޖޫޢަވާ ސަބަބުތައް ވަޒަންކޮށް ބަލާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ އުޞޫލުން މުއްތަހަމު ތަޙުޤީގުގައި އިޢުތިރާފުވެފައިވަނީ އަމިއްލަ އިޚުތިޔާރުގައި ނޫން ކަމަށް ފަނޑިޔާރަށް އިޤުތިނާޢު ވެއްޖެނަމަ، އެފަދަ އިޢުތިރާފަށް އެއްވެސް ބުރަދަނެއް ދެވިގެން ނުވާނެއެވެ. އެ ނޫން ޙާލަތްތަކުގައި ވަޒަން ކުރާއިރު އިޢުތިރާފުން ރުޖޫޢަވިކަމުގައި ވިޔަސް، ތަޙުޤީޤުގައި މުއްތަހަމު އިޢުތިރާފުވެފައިވާ ކަންކަމަކީ ޙަޤީގަތެއް ކަމަށް ބުރަދަނެއް ދެވިދާނެ އިތުރު ދަލީލުތަކާއި ވާޤިޢާތަށް ހުރިނަމަ، ކޮންމެ މައްސަލައެއް ހިނގާފައިވާ ގޮތަށް ބަލައި އިންސާފު ގާއިމުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގައި އެފަދަ ކޮންމެ އިޢުތިރާފެއް މައްސަލަ ބަލާ ފަނޑިޔާރަށް ބަލައި ގަނެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 14 އޮކްޓޫބަރު 2019 · ރަޖިސްޓްރީކުރީ 21 ޖޫން 2020 · ނިމުނީ 24 މާރިޗު 2021 (9.1 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/42

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

24 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/281

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޢަބްދުލްމުހައިމިން އާދަމް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު: އަލްއުސްތާޛު އަޙްމަދު ޝާފިޢު، ހއ. އިހަވަންދޫ، އުދަރެސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު މުޙައްމަދު ނާޞިރު،ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު ނަބާހާ، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު ޝިފާޒާ

ޖިނާއީ - ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާ - 47 ވަނަ މާއްދާ (ޅ) އަދި (އ) - ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދުތައް – ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި – ހާދިސާ ހިނގައިދިޔަ ގޮތް ކުއްޖާ ކިޔައިދީފައިވުން ނުވަތަ ބަޔާން ދިނުމުގައި ލަސްވެފައިވޭތޯ ބެލުން – ހެކިބަސް އެއްގޮތް ތޯ ބެލުން – ތަޙުޤީޤުގައިވާ އިޢުތިރާފް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/281 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/42 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުލްމުހައިމިން އާދަމް، ށ. ނޫމަރާ، ލިލީގެ، (އައިޑީ ކާޑު ނަންބަރު A305776) (މީގެ ފަހުން "ޢަބްދުލްމުހައިމިން އާދަމް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

22013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ޢަބްދުލްމުހައިމިން އާދަމަށް ބޮޑުބޭބެ ކިޔާ ކުޑަ އަންހެން ކުއްޖަކު (މީގެ ފަހުން "ކުއްޖާ" ނުވަތަ "ކުޑަ ކުއްޖާ" މިހެން އިޝާރާތްކޮށްފައިވާ) އާ އެއްކޮށް ގަދަކަމުން ޖިންސީ ޢަމަލެއް ހިންގާފައިވާތީވެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރުމުން، އޭނަގެ މައްޗަށް އެ ކުށުގެ އަދަބެއްގެ ގޮތުން، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ޙުކުމްކޮށްފައި ވަނިކޮށް، ޢަބްދުލްމުހައިމިން އާދަމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ، ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައެވެ.

3މިއީ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ކަނޑައެޅުނު ނިޔާއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

4ޢަބްދުލްމުހައިމިން އާދަމަކީ ކުއްޖާގެ މަންމަ ފަރާތުގެ ބޮޑު ބޭބެއެވެ. ކުއްޖާގެ މަންމަގެ ކޮއްކޮ އެކެވެ. 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ޢަބްދުލްމުހައިމިން އާދަމް އެ އަހަރުގެ ބޮޑު ޢީދު ބަންދުގައި އޭނަގެ ދައްތައަށް ޒިޔާރަތް ކުރުމަށްޓަކައި ދައްތަ ދިރިއުޅެމުން ދިޔަ ރަށަށް ގޮސް ދައްތަގެ ގޭގައި ހުރެފައިވެއެވެ. ކުއްޖާވެސް ދިރިއުޅެމުން ދިޔައީ މި ގޭގައެވެ. މި ހުރުމުގެ ތެރޭގައި، އެއްރެއަކު ކުއްޖާ ނިދާ ކޮޓަރިއަށް ޢަބްދުލްމުހައިމިން އާދަމް ވަދެ، އެ ކުއްޖާއާ ގަދަކަމުން ވަނީ ޖިންސީ ޢަމަލު ހިންގާފައެވެ. މިގޮތުން، ޢަބްދުލްމުހައިމިން އާދަމް އެ ކުއްޖާ ނިދާ ކޮޓަރިއަށް ވަދެ، އެ ކުއްޖާގެ ގައިމައްޗަށް އަރައި، އެ ކުއްޖާ ލައިގެން ހުރި، ޓީޝާޓު ތިރިކޮށް ދެ އުރަމަތި އާއި ތުންފަތް ބޮއެ ހެދުމަށްފަހު އެ ކުއްޖާގެ ބަނޑު މައްޗަށް ވަނީ ޢަބްދުލްމުޙައިމިން އާދަމްގެ އެދުންވެރިކަން ބޭރު ކޮށްލާފައެވެ.

5އެންމެ ފުރަތަމަ މި ވާހަކަ ކިޔައިދީފައިވަނީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ އުމުރުން 15 އަހަރުގެ ދައްތައަށެވެ. އެއީ އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 02 (ދޭއް) މަސް ފަހުން،16 ޑިސެންބަރު 2013 ގައެވެ. ކުއްޖާގެ ދައްތަ ބުނެގެން މި ވާހަކަތައް ފޯނުން، ކުއްޖާގެ ދައްތަގެ ރައްޓެއްސެއް ކަމުގައިވާ ހއ.އިހަވަންދޫ، ހޯރަ، މުޙައްމަދު އިޙްސާނަށް ވަނީ ވަރަށް ތަފުޞީލުކޮށް ކިޔައިދީފައެވެ. އޭގެފަހުން، އެ ދައްތަގެ ފަރާތުން މި ވާހަކަތައް މަންމައަށް އެނގުމުން، މަންމަ ސުވާލު ކުރުމުން މަންމަ ކައިރީގައި މި ހާދިސާ ހިނގިކަމަށް ވަނީ ބުނެފައެވެ.

6ކުއްޖާގެ މަންމައަށް މި ހާދިސާ އެނގުމާއެކު، 17 ޑިސެންބަރު 2013 ގައި މި މައްސަލަ ކުއްޖާގެ ޢާއިލާ ދިރިއުޅެމުން ދިޔަ ސަރަޙައްދުގައި ޤާއިމުވެފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރަށް ހުށަހެޅިއެވެ. އެ ސެންޓަރުން މިކަން ބަލަން ފަށައި، 19 ޑިސެންބަރު 2013 ގައި އެ ކުއްޖާ ހޮސްޕިޓަލަށް ދައްކައި، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް ބަލާފައި ވެއެވެ.

ދަޢުވާ ބިނާކުރާ ހެކިތައް

7ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ބިނާކޮށްފައިވަނީ ތިރީގައި މިވާ ހެކިތަކުގެ މައްޗަށެވެ.

(ހ) ކުއްޖާގެ ބަޔާން

(ށ) ކުއްޖާގެ މަންމަގެ ބަޔާން

(ނ) ހާދިސާ ކިޔައިދީފައިވާ ކުއްޖާގެ އާއިލީ ރައްޓެއްސަކު(ހއ. އިހަވަންދޫ، ހޯރަ، މުޙައްމަދު އިޙްސާން) ދީފައިވާ ބަޔާން

(ރ) މެޑިކަލް ލީގަލް ރިޕޯޓް

(ބ) ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓް

(ޅ) ޢަބްދުލްމުހައިމިން އާދަމް ޝަރީޢަތަށް ދީފައިވާ ބަޔާން

(ކ) ޢަބްދުލްމުހައިމިން އާދަމް ތަޙުޤީޤުގައި ދީފައިވާ އިޢުތިރާފީ ބަޔާން

ދަޢުވާ

8ބަޔާންވެދިޔަ ހެކިތަކުގެ މައްޗަށް ބިނާކޮށް ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

9މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ވަނީ، ޢަބްދުލްމުހައިމިން އާދަމް 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ކުއްޖާ ދިރިއުޅެމުން ދިޔަ ރަށަށް ގޮސް ކުއްޖާ ދިރިއުޅެމުން ދިޔަ ގޭގައި، ހުރިއިރު އެއްރެއެއްގައި ޢަބްދުލްމުހައިމިން އާދަމަށް ބޮޑުބޭބެ ކިޔާ 13 އަހަރުގެ އެ ކުއްޖާގެ ނިދާ ކޮޓަރިއަށް ވަދެ، ޖިންސީ ޢަމަލު ހިންގާފައި ނުވާ ކަމަށް ޢަބްދުލްމުހައިމިން އާދަމް ބުނި ކަމުގައި ވިޔަސް، ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ސާބިތުވާ ކަމަށެވެ.

10މިގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި މިފަދަ މައްސަލަތައް ސާބިތުކުރުމަށްޓަކައި އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ހެކީގެ ތެރެއިން އެ މާއްދާގެ (ހ)، (ށ)، (ޅ)، (ކ)، (އ)، (ވ) އަދި (ދ) ގައި ހިމެނޭ ބާވަތްތަކުގެ ހެކި ފުރިހަމަވެފައިވާތީ، ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ދައުލަތުން ކުޅަ ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ ފަދައިން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢަބްދުލްމުހައިމިން އާދަމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޢަބްދުލްމުހައިމިން އާދަމް 20 (ވިހ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/C2C/2015 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

11މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުން ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާތިލު ކޮށްފައެވެ. އެ ޙުކުމް ބާތިލު ކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

(ހ) ބުނެވިދިޔަ ޤާނޫނުގައި 50 (ފަހެއް) ބާވަތެއްގެ ހެކި ހުންނަން ޖެހޭނެކަމަށް ލާޒިމުކޮށްފައިވާއިރު، މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ 30 (ތިނެއް) ބާވަތެއްގެ ހެއްކެއް ކަމާއި، މިގޮތުން އެ ހެކިތަކަކީ، އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައިވާ ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި އަދި އެ މާއްދާގެ (ށ) ގައިވާ އުޞޫލުން ސައިންޓިފިކް ތަޙުލީލުތަކުން ދައްކާ ނަތީޖާގެ ގޮތުގައި، މެޑިކަލް ލީގަލް ރިޕޯޓު ކަމާއި، މި ރިޕޯޓުގައި ކުއްޖާއަށް ދިގު މުއްދަތަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ހާދިސާއާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިނުވާ ކަމާއި، ކުއްޖާ ޑޮކްޓަރަށް ދައްކާފައިވަނީ އެ ހާދިސާ ހިނގިތާ ދެ މަސް ފަހުން، 19 ޑިސެންބަރު 2013 ގައި ކަމާއި، އެ ރިޕޯޓުގައި އެ ހާދިސާ ހިނގިކަމަށް ބަޔާންކޮށްފައިވާ ތާރީޚު ކަމުގައިވާ 19 އޮކްޓޫބަރު 2013 ގައި ކަން؛

(ށ) މެޑިކަލް ލީގަލް ރިޕޯޓުގައި ކުއްޖާގެ އުރަމަތީގައި ސްޓްރެޗް މާރކް ހުރި ކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ކިހާ ދުވަހެއް ވެފައިވާ މާކެއްކަން ނޭނގޭ ކަމާއި، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ކުއްޖާގެ އުރަމަތި ރަތްވެފައި ހުރި ކަމަށް ބަޔާންކޮށްފައިވާއިރު، މީހަކު ކުއްޖާގެ އުރަމަތީގައި ހިފައި ބޮއި ހަދައިގެން އުފެދޭ ރަތްކަން ދެ މަސްދުވަން ވަންދެން ހުރެދާނެ ކަމާމެދު ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭތޯ ސުވާލު އުފެދިފައިވާއިރު، ޑޮކްޓަރީ ގޮތުން އެހެން ވެދާނެކަމަށް އެ ރިޕޯޓުން އެނގެން ނެތް ކަން؛

(ނ) އެ ރިޕޯޓުގައި އެ ކުއްޖާ ދަންނަ އެހެން މީހަކު 2012 ވަނަ އަހަރު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ކުއްޖާ ބުނެފައިވާ ކަން އެނގެން އޮންނަ ކަމާއި، އަދި އެ ކުއްޖާގެ ކުރިމަތި ފަރާތަށް އިނގިލި ވެއްދިކަމަށް ކުއްޖާ ބުނެފައިވާއިރު އެކަން ކޮށްފައިވަނީ ކާކު ކަމެއްކަން ބަޔާންކޮށްފައި ނެތް ކަމާއި، އެހެންކަމުން މި ރިޕޯޓުގައި ބަޔާންކުރާ ދިގު މުއްދަތަކަށް ހާނިއްކަ ކޮށްފައިވާ ކަމަށް ބަޔާންކުރަނީ ދެ މަސް ކުރިން ކުރިކަމެއްގެ ވާހަކަތޯ ނުވަތަ 2012 ވަނަ އަހަރު ހިނގާދިޔަ ހާދިސާތޯ މިއިން ކަމެއް ސާފުވާން ނެތުމުން މިއީ ސައިންޓިފިކް ތަޙުލީލުތަކުން މި މައްސަލައަށް ބާރުދޭ ގޮތަށް ހޯދާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަން؛

(ރ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލު ތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ކަމެއް ހިނގުމުން އެކަމެއް ހިނގުމާއިމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ގާތްތިމާގެ މީހަކަށް ނުވަތަ ރަޙުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ނުވަތަ ސައިކޮލޮޖިސްޓަކަށް ނުވަތަ ސައިކޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުއްޖާ ދީފައިވާ ބަޔާނުގެ ގޮތުގައި، މި ހާދިސާގައި އަނިޔާވި ކުއްޖާގެ މަންމައަށް ކިޔައިދީފައިވާ ގޮތަށް މަންމަ ދީފައިވާ ބަޔާނަށް ބަލައި، އެ ހާދިސާ ކުއްޖާގެ މަންމައަށް ކިޔައިދީފައިވަނީ، އެ ހާދިސާ ހިނގިތާ ދެ މަސް ފަހުން ކަމާއި، އެހެން ކަމުން އެއީ ޤާނޫނުގައި ބުނާ "އެކަމެއް ހިނގުމުން އެކަމެއް ހިނގުމާއި މެދު ގިނަ ދުވަސްތަކެއް ނުވަނީސް" ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށް ބަލަންޖެހޭނެ ގޮތެއް ދައުލަތުން ބަޔާންކޮށްފައި ނެތް ކަމާއި، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހަކީ 13 އަހަރުގެ ކުއްޖަކު އެ ވާހަކަ އެހެން މީހެއްގެ ގާތުގައި ކިޔައިދިނުމަށް ގިނަ ދުވަސްތަކެއް ކަމަށް ބަލަންޖެހޭ ކަން؛

(ބ) މި ހާދިސާ އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް، ހއ.އިހަވަންދޫ، ހޯރަ، މުޙައްމަދު އިޙްސާނަށް ދީފައިވާ ބަޔާނަށް ބަލާއިރު ކުއްޖާ މުޙައްމަދު އިޙްސާނަށް އެ ވާހަކަތައް ކިޔައިދީފައިވަނީ ދެ މަސް ފަހުންކަން އެނގޭ ކަން؛

(ޅ) މި ހާދިސާގައި ކުއްޖާގެ އެސެސްމެންޓް ހަދާފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ވޯކަރ ޒުލައިޚާ ނަޢީމުގެ ބަޔާނުގައި "މި ހާދިސާ ހިނގި ތާރީޚާއި ކުއްޖާ ހާދިސާ ކިޔައިދިން ތާރީޚާއި ދެމެދު ދުވަސްކޮޅެއް ވާނޭ ކަމަށް" ބަޔާންކޮށްފައި އޮތުމުން، އިސްވެ ދެންނެވުނު ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެ ފަރާތުގެ ހެކިބަސް ބަލައި ގަނެވޭނީ، އެއީ "ގިނަ ދުވަސްތަކެއް ނުވަނީސް" ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށް ދައުލަތުން ބަޔާންކޮށް ދިނުމުން ކަން؛

(ކ) މި ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހެއް ނުވަތަ ފޮރެންސިކް ނިޝާން ތަކުންނާއި ތަޙުލީލުތަކުން ލިބޭ ހެއްކެއްވެސް ނެތް ކަމާއި، މީގެ އިތުރުން ހާދިސާއާ ގުޅޭ މާއްދީ ހެއްކެއް ނެތް ކަން؛

(އ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (ދ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 50 (ފަހެއް) ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކި ތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ކަމުގައި ބެލެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01ޤަޟިއްޔާ އިން ކަނޑައަޅާފައިވާތީވެ، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ހެކި ބަލައި ގަނެފައިވަނީ ބުނެވިދިޔަ ޤަޟިއްޔާ އާ ޚިލާފަށް ދެކޭ ކަން.

12ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލު ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

13މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކަނޑައަޅައި، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/C2C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާތިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/281 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 47 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް ޤަޟިއްޔާއާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށެވެ.

14އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގެ މައިގަނޑު ބިނާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

ޤާނޫނު

15ދައުލަތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޙަވާލާދީފައިވާ ޤާނޫނީ ނައްސުތަކަށް ބަލައިލުމުގެ ގޮތުން އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤުސަދުތައް

16ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 2 ވަނަ މާއްދާގެ އަލީގައި، އެ ޤާނޫނުގެ މަޤުސަދަކީ ކުޑަކުދިންނާ ގުޅޭ ގޮތުން ކުރެވޭ ނޭދެވޭ މިފަދަ ޢަމަލުތައް ހުއްޓުވުމާއި، އެފަދަ ކަންކަން ކުރާ މީހުންގެ ކިބައިން އެ ކުދިން ސަލާމަތްކޮށް ދިނުމެވެ. އަދި ހަމަ އެހެންމެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމާއެކު، އެ ބާވަތުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ހެކި ވަޒަން ކުރުމުގައި ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅުމެވެ. މިފަދަ ކަންކަން ކުރާމީހުން އާންމުންނަށް އެނގޭނެ ގޮތް ހެދުމާއި އެ ބާވަތުގެ ކަންކަން ކުރާމީހުންނަށް ދައުލަތުން ފާރަވެރިވުމުގެ ނިޒާމެއް ކަނޑައެޅުމެވެ.

17މި ޤާނޫނުގެ މަޤުސަދު ތަފްސީލުކޮށްދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު އާއި ދިވެހި ދައުލަތް ވ. ޢަލީ ޝާހް މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރިޔާތުގައި ކަމަށް ވުމާއެކު، އެފަދަ ކުށްތައް ސާބިތު ކުރުމުގައި ލުއި ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ޝަރީޢަތަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނޭ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި

18ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު ކަމަށް ނުވަތަ ޝަރީއަތަށް ގަބޫލުކުރާ ހެކީގެ ބާވަތް ކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާ އެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތު ކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތު ކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ މިންވަރަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެ ކަމަށެވެ. އެ ބާވަތްތަކުގެ ހެކިތަކަކީ:

(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަހުލީލުތަކުން ލިބޭ ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.

(ކ) އޭނާއާ މެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.

(އ) މީހަކާ ބެހޭގޮތުން ޙަޤީގަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދިން ކިޔައިދިނުމެއް.

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެ ކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަޙުލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.

(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.

(ފ) މާއްދީ ހެކި.

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.

19HN1ކުރިންވެސް އިޝާރަތްކުރެވިފައިވާ ފަދައިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ ތަފްސީލުކޮށް މާނަ ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ އާއި ދިވެހި ދައުލަތް ވ. ޢަލީ ޝާހް ޤަޟިއްޔާގައެވެ. މި ދެ ޤަޟިއްޔާގައި ވެސް ބަޔާންކޮށްފައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ހިންގަނީ އެކަހެރިކޮށް ސިއްރިޔާތުގައި ކަމާއި، މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށްޓަކައި އިޝާރަތްކުރެވިފައިވާ ޤާނޫނުގައި 12 (ބާރަ) ވައްތަރެއްގެ ހެކި ބަޔާންކޮށްފައި ވެއެވެ. މި ހެކިތަކުގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ޤާނޫނުގެ މަޤުސަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މިފަދަ މައްސަލަތައް ސާބިތުކުރުމުގައި އަސާސަކަށް ބެލުމާއެކު އެ ނޫން ހެކިތަކަކީ ކުއްޖާ ދީފައިވާ ހެކިބަސް ކޮރަބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ.

20ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (ދ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 50 (ފަހެއް) ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކިކަމުގައި ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01ޤަޟިއްޔާ އިން ކަނޑައަޅާފައިވާ ކަނޑައެޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން އެ މައްސަލަ ވަނީ ދިވެހި ދައުލަތް ވ. ޢަލީ ޝާހް ޤަޟިއްޔާގައި ބާތިލުކޮށްފައެވެ.

ހާދިސާ ހިނގައިދިޔަ ގޮތް ކުއްޖާ ކިޔައިދީފައިވުން ނުވަތަ ބަޔާން ދިނުމުގައި ލަސްވެފައިވޭތޯ ބެލުން

21HN2HN3HN4ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ. މިފަދަ މައްސަލަތައް ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަހެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ވައްތަރެއްގެ ހެކި ލިސްޓުކުރެވިފައި ވެއެވެ. މީގެ ތެރެއިން 40 (ހަތަރު) ވައްތަރެއްގެ ހެކި ބިނާކޮށްފައިވަނީ ކުއްޖާގެ ބަހުގެ މައްޗަށެވެ. މިގޮތުން އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ)، (އ) އަދި (ދ) ގައި ބަޔާންކޮށްފައިވަނީ ކުއްޖާ ހާދިސާ ކިޔައިދޭ ގޮތްތަކުގެ މައްޗަށެވެ. މި ދެންނެވި ދެ އަކުރުގެ ތެރެއިން (ޅ) އާއި (އ) ގައި އެ ކަމެއް ނުވަތަ ހާދިސާއެއް ހިނގިތާ ލަސްވުމެއްނެތި ކުއްޖާ އެ ވާހަކަތަށް ކިޔައިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީވެ އެ ކަމަށް ބަލާއިރު މި ދެންނެވި ދެ އަކުރުގައިވާ ކަންކަމަށް ބަލާލަމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައިވަނީ؛

"އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް" ކުއްޖާގެ ފަރާތުން ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ސިއްހީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން"

މި ފަދައިންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގައި ވަނީ؛

"މީހަކާ ބެހޭގޮތުން ހަގީގަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުން ކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދިން ކިޔައިދިނުމެއް"

މި ފަދައިންނެވެ.

ބަޔާންވެދިޔަ ދެ އަކުރަށް ބަލާއިރު (ޅ) ގައި "އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް" އާއި (ކ) ގައި "ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދިން ކިޔައިދިނުމެއް" ދެ އަކުރުގައި ލަސްނުވެ ކިޔައިދިނުމަށް އޮންނައިރު (ޅ) އާއި (އ) އާ ދެމެދުގައި ބަޔާންކޮށްފައިވާ (ކ) ގައި ކުއްޖާ އާ ދޭތެރޭ ކަންވީގޮތް ކިޔައިދޭން ވަކި ވަގުތެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

މި އަކުރުގެ (ދ) ގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާދޭ އިންޓަވިއުއެއް ކަން އެނގެއެވެ. އެހެންކަމުން، މި އަކުރުގެ (ޅ)، (އ) އަދި (ކ) އެއީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ކިޔައިދީފައިވާ ކިޔައިދިނުމެވެ.

ކުޑަކުދިންނާ ދޭތެރޭ ހިނގާ މިފަދަ ޖިންސީ ޢަމަލުތައް މެދުވެރިވަނީ މަދު ފަހަރެއްގައި ނޫނީ އިތުބާރުކުރެވޭ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުންނެވެ. އެހެންކަމުން އެ ހާދިސާއެއް ނުވަތަ އެ ކަމެއް ހިނގިތާ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަތަ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދޭ ކިޔައިދިނުމަކީ ކޮންމެ މައްސަލައެއްގައި ވަކިވަކިން ބަލައި ވަޒަންކުރަން ޖެހޭނެ ކަމެކެވެ. މިފަދަ ކަމެއް މެދުވެރިވާއިރު އެ ވާހަކަ އެހެން މީހަކަށް ކިޔައިދިނުމަށް މިފަދަ ޖިންސީ ޢަމަލެއްގެ ޝިކާރައަކަށްވެފައި ތިބޭ ކުޑަކުދިން ޖެހިލުންވާނެއެވެ. އަދި ހަމަ އެހެންމެ އިތުބާރުކުރެވޭ މަގާމެއްގައި ހުންނަ މީހެއްގެ ފުށުން މިފަދަ ކަމެއް މެދުވެރިވާއިރު ދެން އެފަދަ ކަމެއް ކިޔައިދެވިދާނެ ނުވަތަ ކުއްޖާގެ ކޮޅަށް ބުރަވެ އެކަންކަން ބަލައިގަނެފާނެ އިތުބާރު ހިފޭ މަގާމެއްގައި އެހެން މީހަކު ހުރެދާނެ ކަމާމެދު ކުއްޖާއަށް ޝައްކު އުފެދުމަކީ މި ބާވަތުގެ މައްސަލަތައް އެހެން ފަރާތަކާ ހިއްސާކުރުން ލަސްވާ ސަބަބަކަށް ވެދާނެއެވެ.

މިފަދަ ކޮންމެ މައްސަލައެއްގައި ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުމުގައި ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ޙާލަތެވެ. މާނައަކީ ކުއްޖާގެ ނަފްސާނީ، ޖިސްމާނީ، ދިރިއުޅުމުގެ ޙާލަތަށެވެ. އަދި ކުއްޖާގެ އުމުރާއި މިޒާޖު ފަދަ ކަންކަމެވެ. ވަރަށް ގިނަފަހަރު އަމިއްލައަށް އިސްވެ މިފަދަ ވާހަކަތައް ހިއްސާކުރުމަށް ކުދިން ޖެހިލުންވެއެވެ. މިފަދަ މައްސަލައެއްގައި އަވަސް ނުވަތަ ލަސްމިން ވަޒަންކުރެވޭނީ އާންމު ގޮތެއްގައި މުއްދަތު ނުވަތަ ވަގުތު ގުނާ ހަމައަކުން ނޫނެވެ. މިފަދަ މައްސަލައެއްގެ ވާހަކަ އެހެން ފަރާތަކާ ޙިއްސާކޮށް ކިޔައިދިނުމަށް ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ ބައެއް ފަހަރު އަހަރުތަކެއް ވެސް ފާއިތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހާދިސާ ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވެގެންދާ ސަބަބެއް ނޫނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޚާއްޞަ އުޞޫލުތަކެއް ޤާނޫނުގައި ލިޔަން ޖެހުނީ އެފަދަ މައްސަލަތަކުގައި ދިމާވާކަންކަން ޙައްލުކުރުމަށް ކަމަށްވެފައި އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ އަކުރުތައް ކިޔުމުގައި ބަލަންޖެހޭ ޙައްލު ހޯދައިދިނުމުގެ އުޞޫލުތައް ކުރިޔަށް ނެރެން ޖެހެއެވެ. ހެކި ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަސް ކަމަށްވެފައި، އެންމެ އަވަހަށް ނުވަތަ އެކަން ހިނގި ވަގުތު އެ ކުއްޖާއަށް އެހެން ފަރާތަކާ އެކަން ޙިއްސާނުކުރެވޭ ފަދަ ސަބަބެއް މެދުވެރިވާ ޙާލަތެއްގައި އެ ކުއްޖާއަށް އިންސާފުގެ ދޮރު ބަންދުވުމަކީ ޤާނޫނުގެ މަޤުސަދެއް ނޫނެވެ.

ތަޙުޤީޤުގައިވާ އިޢުތިރާފް

22ޖިނާއީ މައްސަލަތަކުގައި އިޢުތިރާފް ދެ ބަޔަކަށް ބެހިގެންވެއެވެ. މީގެ ތެރެއިން ފުރަތަމަ ބަޔަކީ ޝަރީޢަތުގެ މަޖިލިސްގައިވާ ޤަޟާއީ އިޢުތިރާފެވެ. ދެވަނަ ގޮތަކީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފެވެ.

23މިގޮތުން ޤަޟާއީ އިޢުތިރާފަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމުގެ އެންމެ ވަރުގަދަ ހެއްކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފު ތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ.

24HN5ޝަރީޢަތުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެ އިޢުތިރާފުގެ މައްޗަށް ބާރު ލިބިދާނެ އިތުރު ދަލީލުތައް ހުރިނަމަ ޤަރީނާއެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް ގައި ބަޔާންކޮށްފައިވާ ފަދައިން ޤަޟާއީ ނޫން އިޢުތިރާފަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ތަޙުޤީޤުކުރާ ފަރާތެއްގެ ކުރިމަތީގައި ތަޙުޤީޤު މަރުހަލާގައިވާ އިޢުތިރާފު ކަމާއި، މިފަދަ އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ފުރަތަމަ ގޮތަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހެއްގެ ސިފައިގައި ކަމާއި، ދެވަނަ ގޮތަކީ މުއްތަހަމު އިޢުތިރާފުވިކަން ބަޔާންކޮށް މަޙްޟަރު ކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ކަމާއި މިއިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމު މައްޗަށް ދަޢުވާ ސާބިތުވާނީ ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލުތަކާ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފާ މެދު އިޤުތިނާޢު ވެވިގެނެވެ. ހަމަ މި މޭރުމުން އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ތަޙުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފު ވުމަށްފަހު ޝަރީޢަތުގައި އެ ކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެން ހެކިތަކާއި ޤަރީނާގެ މައްޗަށް ބަލައި، ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް ބަލައި ބާރުލިބޭ ފަދަ އިތުރު ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވިދާނެ ކަމަށެވެ.

25HN6މިފަދަ އިޢުތިރާފެއް ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވެއްޖެނަމަ، ރުޖޫޢަވި ސަބަބު ވަޒަންކޮށް ތަޤުޔީމު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. މިފަދައިން އިޢުތިރާފުން ރުޖޫޢަވާ ސަބަބުތައް ވަޒަންކޮށް ބަލާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ އުޞޫލުން މުއްތަހަމު ތަޙުޤީގުގައި އިޢުތިރާފުވެފައިވަނީ އަމިއްލަ އިޚުތިޔާރުގައި ނޫން ކަމަށް ފަނޑިޔާރަށް އިޤުތިނާޢު ވެއްޖެނަމަ، އެފަދަ އިޢުތިރާފަށް އެއްވެސް ބުރަދަނެއް ދެވިގެން ނުވާނެއެވެ. އެ ނޫން ޙާލަތްތަކުގައި ވަޒަން ކުރާއިރު އިޢުތިރާފުން ރުޖޫޢަވިކަމުގައި ވިޔަސް، ތަޙުޤީޤުގައި މުއްތަހަމު އިޢުތިރާފުވެފައިވާ ކަންކަމަކީ ޙަޤީގަތެއް ކަމަށް ބުރަދަނެއް ދެވިދާނެ އިތުރު ދަލީލުތަކާއި ވާޤިޢާތަށް ހުރިނަމަ، ކޮންމެ މައްސަލައެއް ހިނގާފައިވާ ގޮތަށް ބަލައި އިންސާފު ގާއިމުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގައި އެފަދަ ކޮންމެ އިޢުތިރާފެއް މައްސަލަ ބަލާ ފަނޑިޔާރަށް ބަލައި ގަނެވިދާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ ސާބިތުވޭތޯ ބެލުން

26ބަޔާންވެދިޔަ ހަމަތަކުގެ އަލީގައި މި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑަށް ބަލާ އަސާސަކީ ކުއްޖާ ކިޔާދޭ ކިޔައިދިނުން ކަމަށްވާ ހިނދު ކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތް ވޭތޯ ބަލާ ހިނދު އަންނަނިވި ކަންކަން ސާބިތުވެއެވެ.

ހެކިބަސް އެތެރެ ފުށުން އެއްގޮތް ވޭތޯ ބެލުން

27ކުއްޖާ ކިޔައިދީފައިވާ ގޮތަށް ބަލައި، މި ހާދިސާ އަންނަނިވި ގޮތަށް ރިޕޯޓް ކޮށްފައިވެއެވެ. 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު އެއްރެއަކު، ކުއްޖާއަށް ހޭލެވުނީ، ޢަބްދުލްމުހައިމިން އާދަމް އެ ކުއްޖާ ނިދާ ގޮދަޑި މަތީގައި އޮއްވައެވެ. މީހަކު އޮތްތަން ފެނުމާ ގުޅިގެން ހަޅޭލަވައި ގަތުމުން، ޢަބްދުލްމުހައިމިން އާދަމް ކުއްޖާ ކައިރީ ހަޅޭ ނުލެވުމަށް ބުނެ އަނގަމަތީގައި އަތް އެޅިއެވެ. އޭގެ ފަހުން، އެ ކުއްޖާ ގޮދަޑި މަތީގައި ބާއްވައި، ޢަބްދުލްމުހައިމިން އާދަމްގެ ޓީޝާޓު ބޭލުމަށްފަހު، އެ ކުއްޖާގެ ގައިމައްޗަށް އަރައި، އެ ކުއްޖާ ލައިގެން ހުރި ޓީޝާޓް ކަރާ ހަމައަށް މައްޗަށް ނަގައި ދެ އުރަމަތި އާއި ކަރުދަށް ބޮއެ ހެދުމަށްފަހު، ޢަބްދުލްމުހައިމިން އާދަމް ލައިގެން ހުރި ބޮކްސާއާއި ޖީންސު ބޭލުމަށްފަހު ކުއްޖާ ލައިގެން، ހުރި ސޯޓު ބޭލުމަށް އުޅުމުން އެކަމަށް އެ ކުއްޖާ ދެކޮޅު ހެދުމުން، އެ ކުއްޖާގެ ބަނޑު މައްޗަށް ޢަބްދުލްމުހައިމިން އާދަމްގެ އެދުންވެރިކަން ބޭރުކޮށްލިއެވެ. އޭގެ ފަހުން، ކުޑައިރު ކޮޅަކުން ޢަބްދުލްމުހައިމިން އާދަމް އެ ކޮޓަރީގައި އޮވެފައި، ޖީންސާއި ޓީޝާޓު ލައިގެން ނިކުމެގެން ދިޔައީއެވެ. މިކަން ހިނގުމުގެ ކުރިން، ހަމަ އެ ހަފްތާގެ ކުރީކޮޅު އެއް ރެއަކު 9 ޖަހާއިރު ކުއްޖާގެ މަންމަ ފިހާރައަކަށް އެއްޗެއް ގަންނަން ދިޔަ ވަގުތު، ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ހުންނަ ޖޯލި ފަތީގައި މީހަކު އިން ކަމަށް ފެންނާތީވެ، ސިޓިންގ ރޫމުގައި ހުރެފައި، ކުޑަދޮރުގެ ފަރުދާ ކަހާލުމަށްފަހު ބޭރު ބަލާލިއިރު ޢަބްދުލްމުހައިމިން އާދަމް އިނެވެ. ކުއްޖާ އެކަނި ގޭގައި ހުރިކަން އެނގުމުން، އޭނަ ގޭތެރެއަށް ވަދެ، އެ ކުއްޖާ ކޮޓަރިއަށް ވަންނަން ދަނިކޮށް ހިފަހައްޓައި އެ ކުއްޖާގެ އުރަމަތީގައި އަތްހާކާފައި ވެއެވެ. ދެން ބޭރުން، ސައިކަލެއްގެ އަޑު އިވުމުން އޭނާ ގެއިން ނިކުމެގެން ދިޔައީއެވެ.

28މި ހާދިސާ މިހެން ދިމާވުމަށްފަހު، ކުއްޖާ ގޭތެރޭގައި މީހުންނާ ވާހަކަ ނުދައްކައި މަޑުން ހުންނާތީވެ ކުއްޖާގެ ދައްތަ 2013 ޑިސެންބަރު 16 ވަނަ ދުވަހު ސުވާލުކުރުމުން ޢަބްދުލްމުހައިމިން އާދަމް ގަދަކަމުން ބަދުއަޚްލާގީ އަމަލެއް ހިންގިކަމަށް ކިޔައިދީފައިވެއެވެ. ކުއްޖާގެ ދައްތަ ފުށުން މަންމައަށް މިކަން އެނގުމުން މަންމަ އެކަމާ ސުވާލުކުރުމުން ޢަބްދުލްމުހައިމިން އާދަމް ބެހިފައިވާ ކަމާއި އެ ވާހަކަ މަންމައަށް ކިޔައިދޭން ނުކެރޭނެ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށް ކިޔައިދީފައިވެއެވެ. ހަމަ މި ދުވަހު ދައްތަގެ ރައްޓެއްސެއް ކަމުގައިވާ މުޙައްމަދު އިޙްސާނަށް މި ވާހަކަ ކިޔައިދީފައިވާނެ ކަމަށް ކުއްޖާ ކިޔައިދީފައި ވެއެވެ.

ހެކިބަސް ބޭރު ފުށުން އެއްގޮތް ވޭތޯ ބެލުން

29ކުއްޖާ ކިޔަދިނުން ނުވަތަ ބަޔާން ބޭރު ފުށުން އެއްގޮތް ވޭތޯ ބަލާއިރު މުއްތަހަމު، ޢަބްދުލްމުހައިމިން އާދަމް ވަނީ ތުހުމަތު ކުރެވިފައިވާ ކުށަށް ތަޙުޤީޤުގައި އިޢުތިރާފުވެފައެވެ. 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބޮޑު ޢީދު ބަންދު ތެރޭގައި، ކުއްޖާ ދިރިއުޅެމުންދާ ގޭގައި ހުރި ކަމަށް ޢަބްދުލްމުހައިމިން އާދަމް ވަނީ ތަޙުޤީޤުގައި އިޢުތިރާފު ވެފައެވެ. ތަޙުޤީޤުގައި ޢަބްދުލްމުހައިމިން އާދަމް ބުނެފައިވާ ގޮތަށް ބަލައި، އޭނާ އެ ކުއްޖާގެ ރުހުމުގައި، ޖިންސީ ޢަމަލު ހިންގިއެވެ. މިގޮތުން އެ ކުއްޖާގެ އުރަމައްޗާއި ތުންފަތް ބޮއެފައިވާ ކަމަށް ވަނީ އިޢުތިރާފު ވެފައެވެ. ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި، ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައިވާ ޖިންސީ ޢަމަލު ހިންގިކަމަށް އޮންނަ ބައިން އޭނާ ރުޖޫޢަ ވެފައިވެއެވެ. ނަމަވެސް އެ ދުވަސްވަރު އެ ގޭގައި ހުރިކަމަށް އިންކާރުކޮށްފައި ނުވެއެވެ. އަދި އެ ގޭގެ ސިޓިންގ ރޫމުގައި އެ ދުވަސްވަރު ނިދަމުން ދިޔަކަމަށްވެސް ޝަރީޢަތުގެ މަޖިލިސްގައި ވަނީ އިޢުތިރާފު ވެފައެވެ. އަދި ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް ޢަބްދުލްމުހައިމިން އާދަމް ޝަރީޢަތުގައި ރުޖޫޢަ ވިޔަސް އޭނާ ތަޙުޤީޤުގައި ކުއްޖާ ކިޔައިދީފައިވާ ފަދައިން އެ ކުއްޖާ އާއެކު ޖިންސީ ޢަމަލެއް ހިންގާފައި ނުވާނަމަ އިޢުތިރާފުވާންޖެހޭ ސަބަބެއް ނެތެވެ. އަދި އިޢުތިރާފުން ރުޖޫޢަވެފައިވަނީ މި ބަޔާނަކީ ޕޮލިހުން އަނިޔާ ކޮށްގެން މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ބުނެއެވެ. ނަމަވެސް އޭނާއަށް އަނިޔާ ކުރި ކަމެއް ނުވަތަ ބަޔާން ދިނުމުގައި މަޖުބޫރުކުރިކަމުގެ ޝަކުވާއެއް ކޮށްފައިވާ ކަން އެނގިފައި ނުވެއެވެ.

30މި ހާދިސާ އެންމެ ފުރަތަމަ ކުއްޖާގެ ފަރާތުން ހިއްސާކޮށްފައިވަނީ ކުއްޖާގެ 15 އަހަރުގެ ދައްތައަށެވެ. ކުއްޖާ އެކަހެރިކޮށް އުޅޭތީވެ އެކަމާ އެންމެ ފުރަތަމަ ސުވާލު އުފެދުނީ ކުއްޖާގެ މި ދައްތައަށެވެ. ދައްތަ މި ވާހަކަ މަންމަ ކައިރީ ހިއްސާކުރުމުން ކުއްޖާގެ މަންމަ އޭނާއަށް ގޮވައި ގެނެސް އެކަމާބެހޭ ގޮތުން އޮޅުން ފިލުވުމުން ޢަބްދުލްމުހައިމިން އާދަމް އޭނާ އާ ބެހިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެ ވާހަކަތަށް ކިޔައިދޭން ނުކެރޭނެ ކަމަށް ކުއްޖާ ބުނެފައިވެއެވެ. ކުއްޖާގެ މަންމަ ޝަރީޢަތުގެ މަޖިލިސްގައި ދީފައިވާ ބަޔާނާއި ކުއްޖާގެ ކިޔައިދިނުމާ އެއްގޮތް ކަން ފާހަގަކުރަމެވެ. މިގޮތުން 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ވަކި ތާރީޚެއް ނޭނގޭ ދުވަހަކު ކުއްޖާގެ ދައްތަ، މަންމަ ކައިރީގައި އޭނަގެ ކޮއްކޮ އާ ޢަބްދުލްމުހައިމިން އާދަމް ބެހުނު ކަމަށް ބުނުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މަންމައަށް އެ ވާހަކަތަށް ކިޔައިދޭން ނުކުރޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެއްކަކީ އެ ހާދިސާއަށް ފަހު ކުއްޖާ މީހުން މަތިން ފޫހިވެ ރަށުގައި ހުންނަންވެސް ފޫހިވެ މީހުން ތެރެއަށް ނުކުމެ އުޅެން ފޫހިވެގެން ދިޔުމެވެ. އަދި މީހަކު ފެނުނަސް ބިރުން އުޅެއެވެ. ކުއްޖާ ދިރިއުޅޭ ކޮޓަރިއަށް މީހަކު ވަނަސް ފުންމައިގެން ތެދުވެއެވެ. އަބަދުމެ އޮންނަނީ ކަންފަތް މަތީ ބާލީސް އަޅައިގެނެވެ. އެ ކުއްޖާއަށް ހަމަނިދި ނުލިބިއެވެ. މި ހުރިހާ ކަމެއް ދިމާވީ އެ ހާދިސާއަށްފަހު ގައި ކަމުން ޢަބްދުލްމުހައިމިން އާދަމް ޖިންސީ ޢަމަލު އެ ކުއްޖާއާ އެކީ ހިންގާފައިވާކަން އެނގެއެވެ.

31ކުއްޖާ ކިޔައިދީފައިވާ ގޮތަށް އެ ހާދިސާ ވަނީ ކުއްޖާގެ ދައްތަގެ ރައްޓެއްސެއް ކަމުގައިވާ މުޙައްމަދު އިޙްސާނަށް ދައްތައާ ހިއްސާކުރި ދުވަހު ފޯނުން ކިޔައިދީފައެވެ. މިގޮތަށް މުޙައްމަދު އިޙްސާނަށް ކިޔައިދޭން ޖެހުނީ ކުއްޖާގެ ދައްތައަށް ތަފުޞީލު ޙިއްސާކުރުމަށް ނުކެރުމުން، ދައްތަގެ އެދުމުގެ މަތިން މުޙައްމަދު އިޙްސާން ކުއްޖާއަށް ގުޅުމުންނެވެ. މިގޮތުން ކިޔައިދީފައިވާ ކިޔައިދިނުން ކުއްޖާގެ ބަހާއި މުޙައްމަދު އިޙްސާނަށް މި ވާހަކަތަށް ކިޔައިދީފައިވާ ގޮތާއި އެއްގޮތްކަން އެނގެއެވެ. މުޙައްމަދު އިޙްސާން ބުނެފައިވާ ގޮތަށް ބަލައި، އޭނާއަށް ކުއްޖާ މި ހާދިސާ ކިޔައިދީފައިވަނީ އެކަން ހިނގިތާ 02 (ދޭއް) މަސް ފަހުން ކަމަށް ބުނެފައިވެއެވެ. މުޙައްމަދު އިޙްސާނުގެ ބަހަށް ބަލައި، އެ ހާދިސާ އަކީ 2013 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ކުރީކޮޅު އެއްރެއަކު ކުއްޖާ ނިދަން އޮއްވައި، ޢަބްދުލްމުހައިމިން އާދަމް ވަދެ، ކުއްޖާގެ އަނގަމަތީގައި އަތް އެޅުމަށްފަހު ހަޅޭ ނުލަވައްޗޭ ބުނި ކަމާއި، އެއަށްފަހު ޢަބްދުލްމުހައިމިން އާދަމް ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު، ކުއްޖާގެ ނުރުހުމުގައި ކުއްޖާ ލައިގެން ހުރި ޓީޝާޓު އުރަމައްޗާ ހަމައަށް ހިއްލައި، ދެ ފަރާތުގެ އުރަމަތީގައި އަނގަޖަހައި ބުއި ކަމާއި، އެއަށްފަހު ޢަބްދުލްމުހައިމިން އާދަމް ލައިގެން ހުރި ޖީންސާ ބޮކްސާ ތިރިކޮށް ކުއްޖާގެ ގައި މައްޗަށް އަރައި ޖިންސީ ގޯނާކުރި ކަމަށް ބުނެފައިވެއެވެ.

32މުޙައްމަދު އިޙްސާން ޝަރީޢަތުގެ މަޖިލީހުގައި ބަޔާން ދިނުމާ ގުޅިގެން އެ ވާހަކަތަކުގެ ރައްދުގައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި މުޙައްމަދު އިޙްސާން ކިޔައިދީފައިވަނީ އެއްގޮތަކަށް ކަމަށް ބުނުމުގެ ގޮތުން ތިރީގައި މިވާ ގޮތަށް ޚުދު ޢަބްދުލްމުހައިމިން އާދަމް ޝަރީޢަތުގެ މަޖިލިސްގައި ބަޔާންކޮށްފައިވާ ކަން އޭނާ ދީފައިވާ ބަޔާނަށް ބެލުމުން އެނގެއެވެ.

" ... އަޅުގަނޑު މި މައްސަލައިގައި މުޙައްމަދު އިޙްސާނާއި ކޮށްލަން ބޭނުންވާ ސުވާލަކީ [{ކުއްޖާ} މި ވާހަކަ ކިޔައިދީފައިވަނީ ހަމައެކަނި މުޙައްމަދު އިޙްސާނަށްތޯ؟ އެހެން މި ދަންނަވަނީ މުޙައްމަދު އިޙްސާން ކިޔާފައިވާ އެއްޗެއްސާއި {ކުއްޖާ} ކިޔާފައިވާ އެއްޗެހި އެއީ ހަމަ އެކައްޗެއް ކަމަށްވާތީވެ."

މިހެން ބުނެފައިވެއެވެ.

33ހާދިސާގައި ކުއްޖާގެ އެސެސްމެންޓް ހެދި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ ޒުލައިޚާ ނަޢީމްގެ ބަހަށް ބަލާއިރު، އެ ހާދިސާ އޭނާއަށް ކިޔައިދީފައިވަނީ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ތައްޔާރުކޮށްފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓަކީ ކުއްޖާ ކިޔައިދިން ގޮތަށް ލިޔެފައިވާ ޙަޤީގަތާ އެއްގޮތް ރިޕޯޓެކެވެ. ކުއްޖާ ދައްކާ ވާހަކަ ތަކަކީ ތެދު ހަޤީގަތްކަމަށް އޭނާ ބުނެފައިވެއެވެ. ކުއްޖާގެ ބޭބެއަކާ ގުޅޭގޮތުން ހަދަހަދައިގެން ސާބިތު ނުހިފޭ ދޮގު ވާހަކައެއް ދައްކަފާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެ އުމުރުގެ ކުއްޖަކު އެފަދަ ގޮތަކަށް އެ ވާހަކަ ދައްކާނީ އެފަދަ ކަމެއް ދިމާވެފައި ހުރީމައެވެ. މިގޮތުން ކުއްޖާ ކިޔައިދީފައިވާ ގޮތަށް ކަމަށް ޒުލައިޚާ ނަޢީމު ދީފައިވާ ބަޔާނަށް ބަލާއިރު، ކުއްޖާއަށް ހޭލެވުނީ ޢަބްދުލްމުހައިމިން އާދަމް ގޮދަޑި މަތީގައި އޮއްވާ ކަމާއި، ދެން އެ ކުއްޖާ ހަޅޭލަވައިގަތުމުން އަނގަމަތީގައި އަތްއަޅާފައި، ކުއްޖާ ލައިގެން ހުރި ޓީޝާޓު މައްޗަށް ނަގައި އޭނަގެ އުރަމަތީގައި އަދި ކަރުގައި އަނގަޖަހާ ހެދި ކަމަށް ބުނެފައިވެއެވެ. ޒުލައިޚާ ނަޢީމް ޝަރީޢަތުގެ މަޖިލިސްގައި ބަޔާންދިނުމުން އެކަމާ ގުޅިގެން ޢަބްދުލްމުހައިމިން އާދަމް އާ ވަނީ ތިރީގައި މިވާ ސުވާލުކޮށްފައެވެ.

{..އެ ކޮޓަރިއަށް ވަތްގޮތެއް ކުއްޖާ ނުބުނުއްވާތޯއެވެ.؟ ތި ފަރާތުން ވަން ގޮތާމެދު ސުވާލު ނުކުރައްވަންތޯއެވެ؟}

މި ސުވާލުގެ ޖަވާބުގައި އެ ކޮޓަރިއަށް ޢަބްދުލްމުހައިމިން އާދަމް ވަތްގޮތެއް ރިޕޯޓުގައި ލިޔެފައިވާނޭ ކަމަށް ބުނެފައިވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ އޭނާ އެ ކޮޓަރިއަށް ވަނީ، ތަޅުނުލައި ހުރީމައި ކަމަށެވެ. އެހެންކަމުން، ޢަބްދުލްމުހައިމިން އާދަމް ޝަރީޢަތުގެ މަޖިލިސްގައި އެ ކޮޓަރިއަށް ދަންވަރު ވަން ކަމަށް އިންކާރުކޮށްފައި ނުވެއެވެ.

34މި މައްސަލައިގައި ތައްޔާރުކޮށްފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓަށް ބަލައި، ކުއްޖާއަށް ޖިންސީ ހާނިއްކަ ލިބިފައިވާކަމުގެ އަލާމަތްތައް ހުރިކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޖާގެ ފުށުން ޖިންސީ ހާނިއްކަ ލިބިފައިވާ ކުދިންގެ ފުށުން ފެންނަ އަލާމަތްތައް ފެންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޖާ އަމިއްލަ ނަފުސަށް އިތުބާރު ނުކުރުމާއި، މީހުންނާއި އެކަހެރިކޮށް ދިރި އުޅެމުން ގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ، ކުއްޖާއަކީ ކުއްޖާއަށް ދިމާވާ ކަންތައްތައް ސިއްރުކޮށް ވަންހަނާކުރާ ކުއްޖެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. ސަބަބެއްގެ ގޮތުން މި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ތިރީގައި އެވާ އިބާރާތުންނެވެ.

"މި ހުރިހާ ކަމެއް ދިމާވުމުންވެސް އެއްވެސް ކަމެއް ކުއްޖާ އަމިއްލައަށް އިސްނަގައިގެން ކިޔައިދީފައި ނުވާތީއެވެ..... ކުއްޖާގެ އެންމެ ގާތް މީހުންކަމުގައިވާ މަންމަ އާއި 2 ދައްތައާއި އެއްވެސް ކަމެއް ހިއްސާކުރުމަށް ޖެހިލުންވާކަން ފާހަގަކުރެވިފައިވެއެވެ."

35ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓަށް ބަލާއިރު ކުއްޖާއަށް ދިގު މުއްދަތަކަށް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

36ބަޔާންވެދިޔަ ހެކިތަކާއި ޤަރީނާގެ މައްޗަށް ބިނާކޮށް، ކުއްޖާ ކިޔައިދީފައިވާ ކިޔާ ދިނުމާއި އެ ހެކިތަކާ ކޮރަބްރޭޓުކުރެވޭ ހިނދު، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަކީ ތެދު ކަމަށް ޤަބޫލުކުރެވެއެވެ. އަދި ޢަބްދުލްމުހައިމިން އާދަމް ކުއްޖާއާ ޖިންސީ ޢަމަލެއް ހިންގާފައިވާ ކަމަށް ސާބިތުވާ ކަމަށް އަހުރެން ދެކެމެވެ.

ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުން

37މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވަނީ، ކުއްޖާ ކިޔައިދިނުން ލަސްވިކަމުގެ މައްޗަށް ބިނާކޮށެވެ. ކޮންމެ މައްސަލައެއްގައި މިކަން ބަލަންޖެހޭނީ ވަކިންނެވެ. މި މައްސަލައަށް ބަލާއިރު ކުއްޖާ ހުރި ޙާލަތަށް ރިޢާޔަތްކުރާއިރު ކުއްޖާއާ ޖިންސީ ޢަމަލެއް ހިންގާފައިވަނީ ކުއްޖާގެ ބޮޑުބޭބެއެވެ. މަންމަގެ ކޮއްކޮއެވެ. ބޮޑުބޭބެ އައީ ޢީދު ޗުއްޓީގައި ކުއްޖާގެ މަންމަ ކައިރީގައި ހުންނާށެވެ. ބޮޑުބޭބެއަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެކެވެ. އެހެންކަމުން ކުއްޖާގެ މަންމަގެ ކޮއްކޮއަކާ އިދިކޮޅަށް އެފަދަ ކަމެއް ތުހުމަތުކޮށް ބުނުމަށް ޖެހުލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމާއި، އެ ހާދިސާ ދިމާވި ފަހުން ކުއްޖާ އެކަހެރިކޮށް އުޅޭކަން ކުއްޖާގެ މަންމަގެ ބަހުންނާއި، އެސެސްމަންޓް ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދި މި ވާހަކަ ދައްކަން ކެރުނީ ކުއްޖާ އިސްވެ ނޫންކަން ފާހަގަކުރަމެވެ.

38ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގައި ކުއްޖާގެ މިޒާޖުވަނީ ބަޔާންކޮށްދީފައެވެ. އަދި ނަފުސާނީ ޙާލަތުވެސް ވަނީ ބަޔާންކޮށްދީފައެވެ. ކުއްޖާގެ މިޒާޖަށް ބަލާއިރު ކުއްޖާއަކީ ކަންކަން ވަންހަނާ ކުރާ ކުއްޖެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ނަފްސާނީ ޙާލަތު ރިޕޯޓުގައި ބަޔާންކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުށުން ޖިންސީ ހާނިއްކަ ލިބިފައިވާ ކުދިންގެ ފުށުން ފެންނަ އަލާމަތްތައް ފެންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޖާ އަމިއްލަ ނަފުސަށް އިތުބާރު ނުކުރުމާއި، މީހުންނާއި އެކަހެރިކޮށް ދިރި އުޅެމުން ގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެ ވާހަކަތައް ދެއްކުމަށް ޖެހިލުންވިކަން ފާހަގަކޮށްފައިވެއެވެ.

39ކުއްޖާގެ ދައްތައަށް އާދަޔާ ޚިލާފު ކަންތައްތަކެއް ކުއްޖާގެ ކިބައިން ފާހަގަވާން ފެށީ އެ ހާދިސާ ހިނގިތާ 02 (ދޭއް) މަސް ވާން އުޅެނިކޮށެވެ. ކުއްޖާގެ ދައްތަ އެހުމުން އެ ވާހަކަތަށް ފުރަތަމަ ބުނަން ޖެހިލުން ވިއެވެ. އަދި މަންމަ އެހުމުންވެސް ކިޔައިދޭން ނުކެރޭނެ ކަމަށް ބުންޏެވެ. މި ބުނެވުނު ޢާއިލާގެ ދެ މެންބަރުންނަށް ކިޔައިދިނުމުގެ ބަދަލުގައި ކުއްޖާގެ ދައްތަގެ އެދުމުގެ މަތިން އެ ހާދިސާ ކިޔައިދިނީ ދައްތަގެ ރައްޓެއްސެއް ކަމުގައިވާ މުހައްމަދު އިޙްސާނަށެވެ. ކުއްޖާގެ ދައްތައަށް އާދަޔާ ޚިލާފު ކަންތައްތަކެއް ކުއްޖާގެ ކިބައިން ކުރިން ފާހަގަކުރެވުނުނަމަ މި މައްސަލަ ކިޔައިދިނުން އަވަސް ވުމުގެ ފުރުސަތު އޮތް ކަމަށް ދެކެމެވެ. ފަހަރުގައި ކުއްޖާ ދައްތައަށް އެކަން ފާހަގަނުކުރެވުނުނަމަ ކުއްޖާ އެ ހާދިސާ އެހެން ފަރާތަކަށް ކިޔައިދިނުން 20 (ދޭއް) މަހަށް ވުރެ އިތުރު ވުމަކީވެސް ވެދާނެ ކަމެކެވެ. އެހެންކަމުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ފަދައިން ދާދި އަވަހަށް ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށް އަހުރެން ދެކެމެވެ. އަދި 02 (ދޭއް) މަސް ދުވަހަކީ މި ބާވަތުގެ މައްސަލައެއް ރިޕޯޓުކުރެވެން ވަރަށް ކުރު މުއްދަތެކެވެ.

ނިޔާކަޑައެޅުން

40ބަޔާންވެދިޔަ ކަންތައްތަކަށް ބިނާކޮށް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-A/281 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ބާތިލުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ޢަބްދުލްމުހައިމިން އާދަމް ހިންގާފައިވާ ކަމާއި އެ ކުށުގެ އަދަބެއްގެ ގޮތުން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުލްމުހައިމިން އާދަމް ޖަލަށްލުމަށް މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް އަހުރެން ދެކެމެވެ.

41ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

42މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/281 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ކަމާބެހޭ ޤާނޫނުތަކާ އެއްގޮތަށް ކަމަށް ނުވާތީވެ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/281 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/C2C/2015 ޤަޟިއްޔާއިން ޢަބްދުލްމުހައިމިން އާދަމް 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޞައްޙަ ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމް ތަންފީޒުކުރުމަށް އަމުރުކުރަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ އަދި 2 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ (ޅ)، (ކ)، (އ) އަދި (ދ) ހިމެނޭ ގޮތުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (ސުޕްރީމް ކޯޓު)
  • ދިވެހި ދައުލަތް ވ. ޢަލީ ޝާހް (ސުޕްރީމް ކޯޓު)
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 ފަރާތެއް (ސުޕްރީމް ކޯޓު)
  • އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ