ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 22 · 2024/SC-A/05

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2025ދަށު ކޯޓު: 2022/HC-A/407ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-A/407
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މީދޫ މެޖިސްޓްރޭޓް ކޯޓުން އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާ ސާބިތުކޮށް، ކުޑަކުދިންނާބެހޭ ދެ ދަޢުވާ ކުއްޖާގެ ހެކިބަހެއް، ތަޙްޤީޤު ބަޔާނެއް ނުވަތަ ކޮރަޕްޓްވެފައިވާ އިންޓަވިއު ރެކޯޑިންގ ހުށަނާޅާތީ ސާބިތުނުވާކަމަށް ނިންމިއެވެ. ހައިކޯޓުގެ އަޣްލަބިއްޔަތުން (އެއް ފަނޑިޔާރަކު ތަފާތު ރައުޔަކާއެކު) ދަށުކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
2019 ވަނަ އަހަރު އިލްހާމް ޢަބްދުއްރަޙްމާން ދިރިއުޅޭ ގޭގައި، އޭނާއަށް 'ބޮޑުދައިތަ' ކިޔާ 5 އަހަރުގެ ކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގައި، ކުއްޖާއަށް އޮރިޔާން ވީޑިއޯ ދައްކާ، އޭނާގެ ޕެންޑްރައިވް އަދި ފޯނުން އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފެނުނުކަމަށްބުނެ ދައުލަތުން 3 ދަޢުވާ ކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހާޒިރުނުކޮށް، ކުއްޖާގެ ލިޔުމުން އޮތް ތަޙްޤީޤު ބަޔާނެއް ނުވަތަ އިންޓަވިއު ރެކޯޑިންގއެއް ހުށަނާޅާ ހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ލުއި މިންގަނޑާއި މުޚްތާރު ޤަޟިއްޔާގެ އުޞޫލުން ހެކި ވަޒަންކުރެވޭނެތޯ، އަދި ކުއްޖާގެ ބަސް ބަލައިގަނެވޭނީ ޝަރީޢަތުގައި ދޭ ހެކިބަހުގެ ގޮތުގައި ހުށަހަޅައިގެން ހެއްޔެވެ؟
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ 12/2009 ގެ 2 ވަނަ މާއްދާގެ (ނ)، (ކ) އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 (ރ) ގެ ދަށުން ތަބާވާންޖެހޭ މުޚްތާރު ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން އެދުނީ ހައިކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.
ކޯޓުގެ ސަބަބުތައް
ކުއްޖާގެ ޝަކުވާ ތަޙްޤީޤަށް ތަސްޖީލުކުރެވި، ފުލުހުންގެ ތަޙްޤީޤު ބަޔާނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތުމުން، މުޚްތާރު ޤަޟިއްޔާގެ އުޞޫލުން ހެކި ވަޒަންކުރުމަށް ހުރަހެއް ނެތެވެ. ކުއްޖާގެ ބަސް ޝަރީޢަތުގައި ދޭ ހެކިބަހަށް ގައިދުކުރުމަކީ ޤާނޫނުގެ މަޤުޞަދާއި އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފެވެ. މާއްދީ ހެކިވެސް ހުށަހަޅާފައިވެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު، ދެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓު ނިންމި ބައި ބާޠިލު، ހެކި ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، މިފަދަ ކުށްތައް އާންމުކޮށް ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުން ކަމަށްވާތީ، އެ ކުށްތައް ސާބިތުކުރުމަށް އިތުރު ބާވަތްތަކުގެ ހެކި ހުއްދަކޮށް ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނެއެވެ.

HN2 ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިތައް ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވާ ކުއްޖާގެ ބަސް އަސާސަކަށް ބަލައި، އެހެން ހެކިތައް ބޭނުންކުރަނީ ކުއްޖާގެ ބަސް ކޮރަބަރޭޓްކުރުމަށެވެ.

ޕެރ. 18، މުޚްތާރު ޤަޟިއްޔާއަށް ތަބާވެމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN3 ކުއްޖާގެ ލިޔުމުން އޮތް ބަޔާނެއް ނެތުމާއި، އިންޓަވިއު ރެކޯޑިންގ ނެތުމާއި ނުވަތަ ކޮރަޕްޓްވުމަކީ ވެދާނެ ކަންކަމެވެ؛ އެ ކޮންމެ ޙާލަތެއްގައިވެސް ތަޙްޤީޤަށް ރެކޯޑުކުރެވި ތަސްޖީލުކުރެވިފައިވާ ކުއްޖާގެ ޝަކުވާ ދެމިއޮންނާނެއެވެ. ފުލުހުންގެ ތަޙްޤީޤު ބަޔާނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން ކުއްޖާގެ ޝަކުވާ ތަފްސީލުތަކާއެކު ސާފުކޮށް އެނގެން އޮތްނަމަ، ކުއްޖާގެ ބަޔާނެއް ނެތްކަމަށް ބަލައިގެން 47 ވަނަ މާއްދާގެ ލުއި މިންގަނޑާއި މުޚްތާރު ޤަޟިއްޔާގެ އުޞޫލުން ކުއްޖާގެ ބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްތޯ ބެލުމަށް ހުރަހެއް ނެތެވެ.

HN4 ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) ގައިވާ ކުއްޖާގެ ކިޔައިދިނުންތަކަކީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުންތަކެވެ. (ދ) ގައިވަނީ 48 ވަނަ މާއްދާގެ އިޖުރާއާތާ އެއްގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ކުރާ އިންޓަވިއުއެވެ. އެހެންކަމުން ކުއްޖާގެ ބަސް ޝަރީޢަތުން ނޫން ގޮތަކަށް ނުނެގޭނެކަމަށް ދެކުމުގެ ނަތީޖާއަކީ ޚާއްޞަ ޤާނޫނުގެ މަޤުޞަދު ގެއްލި 47 ވަނަ މާއްދާގެ އެ އަކުރުތައް ވާގިނެތުމެވެ.

HN5 ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ) އާއި 48 ވަނަ މާއްދާގެ އަލީގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ނެގުމަށް ކުއްޖާ ޝަރީޢަތަށް ހާޒިރުކުރުމަކީ ވަރަށް އިސްތިސްނާ މަދު ޙާލަތެއްގައި އެހެން ގޮތެއް ނެތިގެން ކުރާ އިޚްތިޔާރީ ކަމެކެވެ؛ ޤާނޫނުގެ މަޤުޞަދަކީ ކުދިން ޝަރީޢަތަށް ހާޒިރުނުކުރުމެވެ.

HN6 މުޚްތާރު ޤަޟިއްޔާގައި ބުނާ ކުއްޖާގެ ކިޔައިދިނުމަކީ 48 ވަނަ މާއްދާއަށް ގައިދުވެފައިވާ ކުއްޖާގެ ބަހެއް ނޫނެވެ؛ ސުޕްރީމް ކޯޓުން ބަލާފައިވަނީ ޝަރީޢަތުގެ ކުރީ މަރުޙަލާތަކުގައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި ބަޔާނާއި ތަފްސީލުތަކާއެކު އޮންނަ ޝަކުވާގެ މައްޗަށެވެ. މުޚްތާރު ޤަޟިއްޔާގެ އުޞޫލު އެއްކިބާކޮށް ކުއްޖާގެ ބަހަކީ ޝަރީޢަތުގެ ކުރިމަތީގައި ދޭ ހެކިބަހަށް ގައިދުކުރުމަކީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު

ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި).....1 ތަޢާރުފު.....1 ކަންހިނގާފައިވާ ގޮތުގެ ޚުލާސާ .....1 ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް.....4 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު.....6 ކުއްޖާގެ ބަޔާން.....7 ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި .....8 ހެކިބަސް.....12 ޙައްލު އަދި ނަތީޖާ.....14

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު .....16

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު .....16

ޙުކުމް .....16 بِسْمِ الرَّحْمَنِ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން [2025] SC 22

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު

ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުގެ ނަންބަރު 2024/SC-A/05 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިލްހާމް ޢަބްދުއްރަޙްމާން އެވެ.

ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ

22019 ވަނަ އަހަރުގެ އެކި ދުވަސްމަތިން އިލްހާމް ޢަބްދުއްރަޙްމާން ދިރިއުޅޭ ގޭގައި މީނާގެ އަނބިމީހާއަށް ބޮޑުދައިތަ ކިޔާ 05 އަހަރުގެ ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލައި ކުއްޖާ ލައްވައި މީނާގެ ޖިންސީ ގުނަވަނުގައި އަތްލުވައި ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ އާއި މީނާ ދިރިއުޅޭ ކޮޓަރީގައި އެ ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކާފައިވާތީ އާއި މީނާ ދިރިއުޅޭ ކޮޓަރިން ފެނުނު ޕެންޑްރައިވް އަދި ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާތީ، ދައުލަތުން އިލްހާމް ޢަބްދުއްރަޙްމާންގެ މައްޗަށް ރައްދުވާ ގޮތަށް 03 (ތިނެއް) ދައުވާއެއް ދަށުކޯޓުގައި ކުރިއެވެ.

(ހ) ފުރަތަމަ ދައުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.

(ށ) ދެވަނަ ދައުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާއެވެ.

(ނ) ތިންވަނަ ދައުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 422 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

3މަތީގައި ބަޔާންކުރެވިފައިވާ ތިން ދައުވާގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އިލްހާމް ޢަބްދުއްރަޙްމާނުގެ މައްޗަށް އުފުލުނު އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވަނީ ސާބިތުވެފައެވެ. ނަމަވެސް، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ދަށުކޯޓުން ޙުކުމްކޮށްފައި ވެއެވެ.

4އިސްވެ ބަޔާންކުރެވުނު ގޮތަށް ދަށު ކޯޓުން ޙުކުމްކޮށްފައި ވަނީ އެ ދެ ދައުވާގައި އަނިޔާ ލިބުނު ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާތީ އާއި، އެ ކުޑަކުއްޖާގެ ބަސް ކިތާބީ ހެއްކެއްގެ 2 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) 3 އިބިމ 4 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގޮތުގައިވެސް ހުށަހަޅާފައިނުވާތީ އާއި، އެ ކުއްޖާގެ ތަޙްޤީޤު ބަޔާންވެސް ދައުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމަނާފައި ނުވާތީއާއި، އެ ކުއްޖާގެ އިންޓަވިއު ރިކޯޑުކޮށްފައިވާ ސީޑީ ކޮރަޕްޓްވެފައިވުމުގެ ސަބަބުން ފުލުހުން މި ދެ ދައުވާ ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއިރު އެ ކުއްޖާގެ އިންޓަވިއު ރިކޯޑިންގ ސީޑީ ފޮނުވާފައިނުވާތީ އެ ސީޑީ ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމަށް ދައުލަތުން ބުނެފައިވާތީ، އަދި މި މައްސަލައިގައި އެ ކުއްޖާގެ އިންޓަވިއުއެއް ކުރެވުނުކަންވެސް ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން ޝަރީޢަތަށް އެނގެން ނެތަތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ("މުޚްތާރު ޤަޟިއްޔާ") ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކުޑަކުއްޖާގެ ހެކިބަހަކީ ނުވަތަ ކުއްޖާ ކިޔާދީފައިވާ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭފަދަ ކިޔައިދިނުމެއްކަން ޝަރީޢަތަށް ބެލޭނެ މަގެއް ނެތުމުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް އިލްހާމް ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލުނު ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ޝަރީޢަތަށް ސާބިތުނުވާތީ ކަމުގައެވެ.

5އިލްހާމް ޢަބްދުއްރަޙްމާން ދިރިއުޅޭ ކޮޓަރިން ފެނުނު ކިންގްސްޓަން ބްރޭންޑްގެ ޕެންޑްރައިވް އާއި ނޮކިއާ ބްރޭންޑުގެ ފޯނު ތަޙުލީލު ކުރިއިރު، އެތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާތީ، ދިވެހިރާއްޖޭގެ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން އިލްހާމް ޢަބްދުއްރަޙްމާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލްހާމް ޢަބްދުއްރަޙްމާން 01 (އެކެއް) މަހާއި 06 (ހައެއް) ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވެއެވެ.

6ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށާއި ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށާއި މި މައްސަލައިގައި އިލްހާމް ޢަބްދުއްރަޙްމާން އެހާތަނަށް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ރިއާޔަތްކުރާއިރު އިލްހާމް ޢަބްދުއްރަޙްމާންގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު ތަންފީޒުކޮށް ނިމިފައިވާކަމަށް ވަނީ ކަނޑައަޅާފައެވެ.

7ދަށުކޯޓުގެ މި ޤަޟިއްޔާ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

8ދައުލަތުގެ ފަރާތުން ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައި ވެއެވެ.

9ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.

9.1 ކުޑަކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކާނުލައި އަދި ކުޑަކުއްޖާގެ ތަޙްޤީޤު ބަޔާނެއް އަދި އިންޓަވިއު ރިކޯޑިންގއެއްވެސް ޝަރީޢަތަށް ހުށަހެޅުމަކާ ނުލައި އެ ކުއްޖާގެ ބަސްކަމަށް އެހެން ބަޔަކު ކިޔައިދޭ ކިޔައިދިނުންތަކެއް އަސާސެއްގެ ގޮތުގައި ބަލައިގަނެ މުއްތަހަމުގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި، އެހެނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން ޝަރީޢަތްކުރާ ފަނޑިޔާރަށް އެނގޭ ގޮތެއް ނެތް ޙާލަތުގައި އެ ކުއްޖާ ކިޔައިދޭ ކަމަށް އެހެން ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ޖިނާއީ ޝަރީޢަތެއް ހިންގުމަކީ 6 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ޤާނޫނުއަސާސީ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ކޮށައިދީފައިވާ މަގެއް ނޫންކަމަށް ފެންނަކަން.

9.2. ކުޑަކުއްޖަކާމެދު ޖިންސީ ކުށުގެ ޢަމަލެއް ނުވަތަ ގޯނާއެއްކޮށްގެން ކުރާ ދައުވާތަކުގައި ދައުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލު ކުރުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްޤު ހަނިކޮށްފައިވަނީ ހަމައެކަނި ސުވާލު ކުރުމުގައި ފަނޑިޔާރު މެދުވެރިކޮށް ސުވާލު ކުރުމުގެ މައްޗަށްކަން އެނގޭކަން.

9.3. ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން، ލިބިދީފައިވާ އަސާސީ ޙައްޤު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ރ) އިން މުޠުލަޤަށް ހިފަހައްޓާފައި ނުވާތީ، މި ޤާނޫނުގެ ބޭނުމަށްޓަކައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަސް "ހެކި ބަހެއް" ގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަން އެދޭނަމަ، ހުށަހެޅޭނީ ކުޑަކުއްޖާ ހެއްކެއްގެ ގޮތުގައި ޕްރޮސިކިއުޝަނުން ހުށަހަޅައިގެންކަން.

10މި މައްސަލައިގައި އޮތް ތަފާތުވި ރައުޔުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގައި ކުއްޖާގެ ބަޔާން /ހެކިބަސް ނެތުމުގެ ސަބަބުން މައްސަލައިގައި ދެން ހުށަހެޅުނު އެހެނިހެން ހެކި ޤަރީނާއެއް ވަޒަންކުރުމެއްނެތި މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅިދާނެކަމަށް ނުދެކޭކަމާއި، އެހެންކަމުން، ދަށުކޯޓުގެ ޙުކުމުގައި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، މި ދެ ދައުވާ އާ ގުޅިގެން ހުށަހެޅިފައިވާ ހެކި އަލުން ވަޒަންކުރަންޖެހޭކަމަށް ދެކި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 02 ވަނަ މާއްދާގެ (ނ) އާއި، (ކ) އާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމުގައެވެ.

12މި އިސްތިއުނާފުގައި ދައުލަތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކޮށް މި މައްސަލައިގައި ހިމެނޭ ހެކިތައް ވަޒަންކުރުމާއެކު ގޮތެއް ކަނޑައެޅުމަށްޓަކައި ދަށުކޯޓަށް ތަޙްވީލުކޮށް ދިނުމަށެވެ. އަދި އިސްތިއުނާފު ރައްދުވާ އިލްހާމް ޢަބްދުއްރަޙްމާންގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.

13މި އިސްތިއުނާފުގެ ތަފްސީލުގައި ހުށަހެޅިފައިވާ ކަންކަމަށް ބަލައި، މި އިސްތިއުނާފުގެ ބަހުސް ބިނާވާ ކަންކަމުގެ ޚުލާސާ އަކީ:

(ހ) ކުއްޖާ ތަޙްޤީގަށް ދީފައިވާ ބަޔާން ނުވަތަ އިންޓަވިއު ރެކޯޑިންގ ނުވަތަ ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާނަމަ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ލުއި މިންގަނޑުން ހެކި ވަޒަންނުކުރެވޭނެ ކަމަށް ދެކި މުޚްތާރު ޤަޟިއްޔާގައި 8 ބުނާ އުސޫލުން ކުއްޖާގެ ހެކިބަހުގެ އެތެރެ ފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލޭނެ ގޮތެއް ނޯންނާނެކަމަށް ދަށު ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި އޮންނަ އޮތުން ރަނގަޅު ނޫންކަމަށް ދެކި ދައުލަތުން ފާހަގަ ކުރާ ކަންކަމުގެ މައްޗަށްކަން އެނގެއެވެ.

(ށ) މިގޮތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަން ބިނާވަނީ ދެ ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤުސަދަކީ ޚިލާފުވެފައިވާ ކަމަށް ދެކި ހުށަހަޅާފައިވާ ކަންކަމެވެ. ދެވަނައަށް ފާހަގަކޮށްފައިވާ ކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި އެކަށައަޅާ ބަޔާންކޮށްފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭކަމަށް އޮންނަ އުސޫލު އެއްކިބާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައި އޮތުމެވެ.

(ނ) ދައުލަތުގެ މި ދެ ނުކުތާގެ ތަފްސީލު ބިނާކޮށްފައިވާ އަސާސީ ކަމަކީ ކުއްޖާގެ ބަޔާން ދޭހަކޮށްދިނުމާ ގުޅޭގޮތުން ނެވެ. އަދި މި ބަހުސް ނިމެނީ ކުއްޖާގެ ހެކިބަސް ނަގަންޖެހޭތޯ ކުރެވޭ ސުވާލަކާ އެކީގައެވެ.

ކުއްޖާގެ ބަޔާން

14ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސާބިތު ނުވާކަމަށް ނިންމުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްސަދުތަކާ ޚިލާފުވުންކަމަށް ދައުލަތުން ދެކެއެވެ. ދައުލަތުން މިގޮތަށް ދެކޭ ސަބަބަކީ، ކުއްޖާ ކިޔައިދިން ވާހަކަތަކެއް އަޑުއެހިކަމަށް ބުނާ އެހެންބަޔަކު އައިސް ޝަރީޢަތަށް ކިޔައިދޭ ވާހަކަތައް ފަނޑިޔާރު އަޑުއެހުމަށްފަހު، ކުއްޖާ ކިޔައިދޭ ކިޔައިދިނުން އާދަޔާ ޚިލާފަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ކަމަށް ނިންމުމަކީ ޤާނޫނީ ގޮތުން ދެކޮޅު ޖެހޭކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، އެންމެ ފުރަތަމަ ޤާނޫނުގެ މަޤުސަދުތަކަށް އަލިއަޅުވާލުމާއެކު ކުއްޖާގެ ބަޔާން ދޭހަކޮށްދެމެވެ.

15HN1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 2 ވަނަ މާއްދާގެ އަލީގައި، އެ ޤާނޫނުގެ މަޤުސަދަކީ ކުޑަކުދިންނާ ގުޅޭ ގޮތުން ކުރެވޭ ނޭދެވޭ މިފަދަ ޢަމަލުތައް ހުއްޓުވުމާއި، އެފަދަ ކަންކަން ކުރާ މީހުންގެ ކިބައިން އެ ކުދިން ސަލާމަތްކޮށް ދިނުމެވެ. އަދި ހަމަ އެހެންމެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމާއެކު، އެ ބާވަތުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ހެކި ވަޒަން ކުރުމުގައި ޚާއްޞަ އުސޫލުތަކެއް ކަނޑައެޅުމެވެ. މިފަދަ ކަންކަން ކުރާ މީހުން އާންމުންނަށް އެނގޭނެ ގޮތް ހެދުމާއި އެ ބާވަތުގެ ކަންކަން ކުރާ މީހުންނަށް ދައުލަތުން ފާރަވެރިވުމުގެ ނިޒާމެއް ކަނޑައެޅުމެވެ.

16ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރިޔާތުގައި ކަމަށް ވުމާއެކު، އެފަދަ ކުށްތައް ސާބިތު ކުރުމުގައި ލުއި ގޮތްތަކެއް ކަނޑައެޅުމަކީ ޤާނޫނުގެ އަސާސީ އެއް ސިފަ ކަމުގައި މުޚްތާރު ޤަޟިއްޔާ އާއި ދިވެހި ދައުލަތް ވ. ޢަލީ ޝާހް މި ދެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ބަޔާންކޮށްފައި ވެއެވެ. މި ސަބަބަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ޝަރީޢަތަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރާ މައްސަލަތައް ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކޮށްފައިވާ ކަން ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި

17ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު ކަމަށް ނުވަތަ ޝަރީޢަތަށް ގަބޫލުކުރާ ހެކީގެ ބާވަތް ކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދައުވާ އެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތު ކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތު ކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ މިންވަރަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެ ކަމަށެވެ. އެ ބާވަތްތަކުގެ ހެކިތަކަކީ:

(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.

(ކ) އޭނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.

(އ) މީހަކާ ބެހޭގޮތުން ޙަޤީގަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް.

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެ ކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.

(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.

(ފ) މާއްދީ ހެކި.

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.

18HN2މަތީގައި ބަޔާންކުރެވިފައިވާ ހެކިތަކުގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ޤާނޫނުގެ މަޤުސަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ކުއްޖާގެ ބަސް މިފަދަ މައްސަލަތައް ސާބިތުކުރުމުގައި އަސާސަކަށް ބެލުމާއެކު އެ ނޫން ހެކިތަކަކީ ކުއްޖާގެ ބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް މުޚްތާރު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ.

19މުޚްތާރު ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ލުއި މިންގަނޑުން ހެކި ވަޒަންކުރަން ބެލުމުން، ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާން ނުވަތަ އިންޓަވިއު ރެކޯޑިންގ ނުވަތަ ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތްނަމަ، މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުއްޖާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްތޯ ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި އޮތުމުގެ ނަތީޖާއަކީ މި މައްސަލައިގައި އިންސާފަށް އޮތް ދޮރު ބަންދުވުން ކަމުގައި ދައުލަތުން ބުނެއެވެ.

20HN3ތެދެކެވެ. ކޮންމެ މައްސަލައެއްގައި ބަޔާނެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކުއްޖާގެ އިންޓަރވިއު ރެކޯޑިންގ ނެތުމަކީވެސް ކުއްޖާގެ އުމުރާއި ޙާލަތަށް ބަލައި ނުވެދާނެ ކަމެކެވެ. އަދި ރެކޯޑު ކުރެވޭ ތަކެތި ހަލާކުވުން ނުވަތަ ކޮރަޕްޓް ވުމަކީވެސް ވެދާނެ ކަމެކެވެ. މިއިން ކޮންމެ ޙާލަތެއްގައި ވެސް ވުޖޫދުގައި ދެމި އޮންނަ އެއްޗަކީ ކުއްޖާގެ ފަރާތުން އުފުލުނު ޝަކުވާއެވެ.

21މި މައްސަލައިގައި ކުއްޖާއާ ސުވާލުކުރުމުން ކަންހިނގާދިޔަގޮތް ތަޙްޤީޤަށް ކުއްޖާ ކިޔައިދީފައި ވެއެވެ. މި އިންޓަވިއުގެ ރެކޯޑިންގ ނެގިނަމަވެސް މި ރެކޯޑިންގ ވަނީ ކޮރަޕްޓުވެ ހަލާކު ވެފައެވެ. ކުއްޖާއަކީ 5 (ފަހެއް) އަހަރުގެ ކުއްޖަކަށްވާތީވެ ލިޔުމުން އޮތް ބަޔާނެއް ނެތެވެ.

22ކަންމިހެން އޮތްކަމުގައި ވިޔަސް، ތަޙްޤީޤަށް ރެކޯޑު ކުރެވި ތަސްޖީލު ކުރެވިފައި އޮންނަ ޝަކުވާ ތަފްސީލުތަކާއެކު ކިޔައިދެވި ދެމި އެބައޮތެވެ. އެ ޝަކުވާ ދަށުކޯޓަށް ހުށަހެޅިފައިވާ ފުލުހުންގެ ތަޙްޤީޤު ބަޔާނުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން (މި ރިޕޯޓުގެ "ކުއްޖާގެ ކިބައިން ލިބުނު މަޢުލޫމާތު" މި ސުރުޚީގެ ދަށުގައިވާ ކުއްޖާގެ ބަހުގެ ތަފްސީލުން) ވަރަށް ސާފުވެއެވެ. ތަޠުބީޤު ކުރަންޖެހެނީ މުޚްތާރު ޤަޟިއްޔާގައިވާ އުސޫލުތަކެވެ. އެ މައްސަލައިގައި ޙަޤީގަތަށް ވިސްނައިފިހިނދަކު އެނގެނީ، ކުއްޖާގެ ޝަކުވާ ނުވަތަ ބަސް އަޑުއަހާފައިވަނީ 17 ޖޫން 2013 ގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންގެ ހާޒިރުގައި ކިޔައިދީފައިވާ ވާހަކަތަކުންނެވެ. ކުރިމަތީގައި މި އޮތް މައްސަލައަށް ބަލައިފިނަމަ، ކުއްޖާގެ ވާހަކަތައް އެންމެ ސާފުކޮށް އެނގެނީ ސައިކޮލޮޖިސްޓުގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގެ ކުއްޖާގެ ކިބައިން ލިބުނު މަޢުލޫމާތު މި ސުރުޚީގެ ދަށުގައިވާ ކުއްޖާގެ ބަހުގެ ގޮތުގައި ހިމަނާފައި އޮންނަ ތަފްސީލުތަކުން ކުއްޖާގެ ބަސް ވަރަށް ސާފެވެ. އެއީ މި މައްސަލައަށް ބަލައިފިނަމަ، ކުއްޖާގެ ވާހަކަ ތަކެވެ. ޝަކުވާއެވެ. އަދި ބަހެވެ.

23އެހެންކަމުން، މި މައްސަލައިގައި ކުއްޖާގެ ބަޔާނެއް ނެތްކަމަށް ބަލައިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ލުއި މިންގަނޑަށް ހެކި ވަޒަންކުރަން ތިރިކުރެވި މުޚްތާރު ޤަޟިއްޔާގައި ބުނާ އުސޫލުން ކުއްޖާގެ ބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްކަން ބެލުމަށްޓަކައި ވަޒަންކުރެވޭނެ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި އޮންނަ އޮތުން ރަނގަޅު ނޫންކަމަށް ދެކެމެވެ.

ހެކިބަސް

24ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި، ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ބަހެއްތޯ ބެލުމުގެ އުސޫލުން ހެކި ވަޒަންކުރެވޭނީ ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނަގައިގެން ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ނުކުތާ، ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ދައުލަތުން ދެކެއެވެ.

25މިގޮތުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މަތީ މަރުޙަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާ ކޯޓުތަކުން ތަބާވާންވާނެކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކޮށް މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މި ބާވަތުގެ ކޮންމެ މައްސަލައެއްގައި ދަމަހައްޓަން ޖެހޭނެކަމަށް ދައުލަތުން ދެކެއެވެ. މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު ނަގަހައްޓައިފި ހިނދަކު ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ ޝަރީޢަތަށް ކިޔައިދޭ ކިޔައިދިނުން ނޫންކަމަށް ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައި ވެއެވެ.

26HN4ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ. މިފަދަ މައްސަލަތައް ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަހެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ވައްތަރެއްގެ ހެކި ލިސްޓުކުރެވިފައި ވެއެވެ. މީގެ ތެރެއިން 04 (ހަތަރު) ވައްތަރެއްގެ ހެކި ބިނާކޮށްފައިވަނީ ކުއްޖާގެ ބަހުގެ މައްޗަށެވެ. މިގޮތުން އެ ޤާނޫނުގެ 47 ވަނަ މާއްދާގެ

(ޅ)، (ކ)، (އ) އަދި (ދ) ގައި ބަޔާންކޮށްފައިވަނީ ކުއްޖާ ހާދިސާ ކިޔައިދޭ ގޮތްތަކުގެ މައްޗަށެވެ. މި އަކުރުގެ (ދ) ގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާދޭ އިންޓަވިއުއެއް ކަން އެނގެއެވެ. އެހެންކަމުން، ޤާނޫނުގެ 47 ވަނަ މާއްދާގެ

(ޅ)، (އ) އަދި (ކ) ގައި ބަޔާންކޮށްފައި އެ ވަނީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ކިޔައިދީފައިވާ ކިޔައިދިނުމެއްކަން މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް ޤަޟިއްޔާއިން އެނގެއެވެ. ވުމާއެކު، ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (އ) އަދި (ކ) އަކީ ޝަރީޢަތުގެ ކުރީ މަރުޙަލާގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކަމަށްވާހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން ކުއްޖާގެ ބަސް ޝަރީޢަތުން ނޫންގޮތަކަށް ނުނެގޭނެކަމަށް ދެކުމުގެ ނަތީޖާއަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ މަޤުސަދުތައް ގެއްލި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (އ) އަދި (ކ) މި އަކުރުތަކުގެ ވާގިނެތުމެވެ.

27HN5ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާ މަޤުސަދުތަކަށް ވިސްނައިފިހިނދަކު މި ބާވަތުގެ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޟިރުކުރުމަކީ ވަރަށް އިސްތިސްނާ މަދު ޙާލަތެއްގައި އެ ނޫންގޮތެއް ނެތިގެން ކުރުމަށް އޮންނަ ކަމެއްކަން ދޭހަވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ނައްސަށް ބެލުމުން އެކަމަށް ބާރުލިބުމުގެ އިތުރުން، "ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ" އެކަން ކުރުމަށް ޚާއްސަ ވަކި މިންގަނޑެއް ކަނޑައަޅާފައިވުމުން، މިފަދަ މައްސަލަތަކުގައި ކުޑަކުއްޖެއްގެ ސީދާ ބަސް ޝަރީޢަތުން ނެގުމަކީ އިޚްތިޔާރެއްކަން، އަދި އެފަދައިން ކުޑަކުއްޖެއްގެ ބަސް ހޯދުމަށް

12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް [2021]SC 32 ފޯރުކޮށްދީފައި އޮންނަނީ ވަރަށް ހަނި ފުރުސަތެއްކަން އޮޅުމެއް ނެތް މިންވަރަށް އެނގެން އޮވެއެވެ. ޤާނޫނުގެ މަޤްސަދަކީ އަދި އެއިން ނެރެން ބޭނުންވާ ނަތީޖާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ޙާޟިރުނުކުރުމެވެ.

28HN6ކަންމިހެން އޮތްއިރު، މުޚްތާރު ޤަޟިއްޔާގައި ބުނާ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ގައިދުވެފައި އޮންނަ ކުއްޖާގެ ބަސްކަމުގައި ބެލޭނެ އިންސާފުވެރި ހަމައެއް ނެތެވެ. އެއާ ޚިލާފަށް، މުޚްތާރު ޤަޟިއްޔާ ހިމެނޭހެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ މައްސަލަތަކެއްގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ކުއްޖާގެ ބަހުގެ ގޮތުގައި ބަލާފައިވަނީ ޝަރީޢަތުގެ ކުރީ މަރުޙަލާތަކުގައި ކުއްޖާއަށް ކަންވީގޮތްކަމަށް ކިޔައިދީފައިވާ ކިޔައިދިނުމެއް ނުވަތަ ބަޔާނެއް އަދި ތަފްސީލުތަކާއެކު އޮންނަ ޝަކުވާގެ މައްޗަށެވެ.

29ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު އެއްކިބާކޮށް ކުއްޖާގެ ބަހަކީ ޝަރީޢަތުގެ ކުރިމަތީގައި ދޭ ހެކިބަސް ކަމަށް ކަނޑައަޅައި ގައިދުކޮށްފައިވަނީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފަށެވެ.

ޙައްލު އަދި ނަތީޖާ

30މި މައްސަލައިގައި ތުހުމަތުކުރެވޭ އިލްހާމް ޢަބްދުއްރަޙްމާނުގެ މައްޗަށް ތިން ދައުވާއެއް އުފުލުނުއިރު، މީގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލުނު އޮރިޔާން ކާޑު ގެންގުޅުނު ދައުވާ ސާބިތުވެފައިވާ ހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އުފުލުނު އަނެއް ދެ ދައުވާ ކަމުގައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ ސާބިތު ނުވުމަށް އޮތް ހުރަކީ، ޝަކުވާކުރި ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާން ނުވަތަ އިންޓަވިއު ރެކޯޑިންގ ނުވަތަ ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުންކަމަށް ކަނޑައަޅާފައިވާ ހިނދު، މި މައްސަލައިގައި ކުއްޖާގެ ފަރާތުން ތަޙްޤީޤަށް ރެކޯޑު ކުރެވި ތަސްޖީލު ކުރެވިފައިވާ ޝަކުވާ ޝަރީޢަތަށް ކަށަވަރުކުރެވި ކުއްޖާއާ ސުވާލުކުރުމުން ކިޔައިދީފައިވާ ކިޔައިދިނުން ފުލުހުންގެ ތަޙްޤީޤް ބަޔާނުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި ބުނާ އުސޫލުން ކުއްޖާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްތޯ ބެލުމަށް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.

31އެހެންކަމުން، މި މައްސަލައިގެ ތަޙްޤީޤް ފެށުނީ ކުއްޖާގެ ފަރާތުން އިލްހާމް ޢަބްދުއްރަހްމާންގެ މައްޗަށް އުފުލުނު ޝަކުވާއެއްގެ މައްޗަށް ކަމަށްވެފައި، ފުލުހުންގެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އިލްހާމް ޢަބްދުއްރަހްމާންގެ މައްޗަށް ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ ތަޙްޤީޤްގެ ތެރެއިން އުފުލުނު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅައިފައިވަނީ އިސްތިޤްރާރުވެފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

32ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އިލްހާމް ޢަބްދުއްރަޙްމާނުގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ދަށުކޯޓުގެ ނިންމުމުގައި އޮތް ބަޔާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ ދެ ދައުވާއަށް އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2020/ 12/ ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އިލްހާމް ޢަބްދުއްރަޙްމާނުގެ އުފުލުނު ދެ ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައި އޮތް އޮތުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގެ ނިންމުން ބާތިލުކޮށް،

(ހ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 17 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 18 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅައިފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި،

(ށ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ދެ ދައުވާގައި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ދަނީ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޝިއްޔާ
  3. މި މާއްދާގައި ބަޔާންކުރަނީ ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވާ ކ މުގައެވެ.
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޟިއްޔާ
  5. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޚްޤީޤް ބަޔާން، ކޭސް ނަންބަރު
  6. ކުއްޖާ އެހެން މީހުންނަށް ހާދިސާ ހިނގިގޮތް ކިޔައިދީފައި ވާކަމަށް ހެކިން ދޭ ހެކިބަހާއި، ތަޙްޤީޤަށް ކުއްޖާ ދޭ ބަޔާނާއި، އެ ބަޔާނުގެ އިންޓަވިއުއި ރެކޯޑިންގ އަކީ "ކުއްޖާގެ ހެކިބަސް" ކަމުގައި ނުބެލެވޭނެކަން.
  7. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް [2021]SC 32
  8. މިގޮތަށް ނިންމާފައިވާ ފަހުގެ މައްސަލަތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2025] SC 20 ހިމެނެއެވެ.
  9. އަދި މީގެ އިތުރުން، މި މައްސަލައާ ގުޅިގެން މާއްދީ ހެކި ހުށަހަޅާފައިވާކަންވެސް ފާހަގަކުރަމެވެ.
  10. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)
  11. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ