އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޝާޚް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/16
އިސްތިއުނާފު ކުރާ ފަރާތް
ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވާ ފަރާތް
ޢަލީ ޝާހް
މައްސަލައިގެ ބާވަތް:
ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
22 ޖަނަވަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:
17 ޖޫން 2017ނިމުނު ތާރީޚު:
26 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު.
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-DM/01
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
10 ފެބްރުއަރީ 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
24 އޮކްޓޯބަރ 2016
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހަކަށް ހަނުހުރުމުގެ ޙައްޤު ނުލިބޭނެކަމަށް ބަޔާންކުރާ، އެ ޤާނޫނުގެ 27 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ އަސާސީ ޙައްޤު އޭގެ ޒާތުން ނިގުޅައިގަނެވޭފަދަ އަދި އެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިދެވޭފަދަ މާއްދާއެއް ނޫންކަމަށާއި، އަދި ބުނެވުނު ޤާނޫނުގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ، މިފަދަ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމުގެ މިންގަނޑާ ތަޢާރުޟުވާ ނިސްބަތެއްކަމުގައި ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާ އާއި 47 ވަނަ މާއްދާ ބާޠިލްކޮށްދިނުން އެދި، ގއ. ވިލިނގިލި، ބީޗް ހައުސް، ޢަލީ ޝާޙް (މީގެ ފަހުން "ޢަލީ ޝާހް") ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން، އެ ކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާ އާއި 47 ވަނަ މާއްދާއަކީ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢަތާ ފުށުއަރާގޮތަށް އޮތް ދެ މާއްދާއެއް ކަމުގައި ބެލެވެން ނެތަތީ، ޢަލީ ޝާހު ގެ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ދެ މާއްދާ ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް") ގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާ އާއި 47 ވަނަ މާއްދާއަކީ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢަތާ ފުށުއަރާގޮތަށް އޮތް ދެ މާއްދާއެއް ކަމުގައި ބެލެވެން ނެތުމުން، އެ ދެ މާއްދާ ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގެ ޙުކުމްކުރިއިރު، އެ ޤަޟިއްޔާގެ ރިޕޯޓުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ބެލުމުން ހަނުހުރުމުގެ ޙައްޤު އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާނެ ގޮތެއްގެމަތިން، މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި އެފަދަ ޙައްޤުތައް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރާ މިންވަރަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ޙައްޤު ހިފެހެއްޓުމަކީ ނުވަތަ ހަނިކުރެވުމަކީ ކުރެވިދާނެ ކަމެއްކަމަށާއި، ހަނުހުރުމުގެ ޙައްޤަކީ އެ ޙައްޤު ހަނިކުރެވެން ނެތް މުޠުލަޤު ގޮތެއްގައި ލިބިގެންވާ ޙައްޤެއް ނޫންކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އިން ހަނުހުރުމުގެ ޙައްޤު ހަނިކުރުމުގެ ސަބަބުން ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ވަކި ގޮތަކަށް ބަޔާންދިނުން ލާޒިމު ނުވާކަމަށާއި، އެ މީހަކާ މެދު ތުހުމަތުކުރެވުނު ކަންތައްތައް ހިނގާދިޔަ ގޮތް އޭނާއަށް އެނގިހުރި ގޮތަކަށް ބަޔާންދިނުމުގެ ޙައްޤު އޭނާއަށް ގެއްލިގެން ނުދާކަން؛
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުތަކުގައި ބަޔާންކުރާ ހެކިތަކަކީ ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް އެކަނި ބުރަވެވޭ ހެކިތަކެއްކަމުން، އިތުރު ހެއްކާއި ޤަރީނާ ނެތީސް އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކުރުމުގައި، ބުނެވިދިޔަ ތިން އަކުރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލެވޭނެ ކަންކަން ނޫންކަމަށާއި، އަނިޔާލިބިފައިވާ ކުއްޖާ ބުނާ ބުނުމުގެ ތެރެއިން 5 ފަރާތެއްގައި ބުނާބުނުން 5 ހެކީގެ ގޮތުގައި ހަމަކޮށް ހަމައެކަނި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ނުހައްޤު އަދަބެއް ދެވުމުގެ ފުރުސަތު ބޮޑު ހާލަތެއްކަމުގައި ބެލެވޭކަން؛ އަދި
ހައްދުގެ މައްސަލަތަކާއި ޤިޞާޞްގެ މައްސަލަތައް ފިޔަވައި ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތުން ކަމުގައިވާތީއާއި، އެ މިންގަނޑަށް ހެކި ލިބިފައިވާކަން ވަޒަންކުރުމުގެ ބާރު ލިބިފައި އޮންނަނީ ފަނޑިޔާރަށް ކަމުގައިވާތީ އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ކުށްތަކަކީ ތަޢުޒީރީ އަދަބު ކަނޑައެޅިފައިވާ ކުށްތަކެއް ކަމުން، އެފަދަ ކުށްތައް ސާބިތުކުރުމަށް ވަކި ބާވަތެއްގެ އަދި ވަކި މިންވަރެއްގެ ހެކި ހުރުން އިސްލާމީ ޝަރީޢަތުގައި ލާޒިމުކޮށްފައި ނުވާކަމަށާއި، ބުނެވުނު ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް ނޫން އެހެން ހެކިތައްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުކުރުމުގައި ބޭނުންކުރެވިދާނެ ކަމަށާއި، މިކަމުގައި ބަލަންޖެހެނީ ކުށް ސާބިތުކުރުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑު ތަޠުބީޤުކުރުމަށް ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާއަށް ޖުމްލަގޮތެއްގައި ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ބާވަތްތަކުގެ ހެކިތަކަކީ މިފަދަ ތަޢުޒީރީ އަދަބެއް ސާބިތުކުރުމަށް އެކަށީގެންނުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ފުށުއަރާ ފަދަ ގޮތަކަށް އޮތް ހެކިތަކެއް ކަމަށް ނުބެލެވޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާ އަދި އޭގެ ރައްދު
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ މައިގަނޑުގޮތެއްގައި އެއް ނުކުތާއެވެ. އެއީ، އެ ޤަޟިއްޔާއިން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ކ) ގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ކަމުގައި ބެލެވެން ނެތްކަމަށް ކަނޑައެޅުމުގައި، އެ ޤާނޫނުގެ 47 ވަނަ މާއްދާ މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އަދި 47 ވަނަ މާއްދާގެ ބޭނުމަށް 5 (ފަހެއް) ހެކި ހަމަކުރުމުގައި އެ މާއްދާގައި ބުނާ 12 (ބާރަ) ހެކި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުތައް މާނަކުރުމުގައި ޙައްލު ހޯދައި ދިނުމުގެ އުސޫލު ބޭނުން ކުރުމުގައި ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.އެހެންކަމުން، ސުޕްރީމް ކޯޓަށް ހުށަހެޅިފައި މިވާ ދުސްތޫރީ މައްސަލައިގައި އުފެދިފައިވާ ސުވާލަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (ދ) މި އަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ހެކި ހަމަ ކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެކަން ނުވަތަ ނޫންކަމާ މެދު އުފެދިފައިވާ ސުވާލެވެ.
ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން، ޢަލީ ޝާހުގެ ފަރާތުން ފާހަގަކޮށްފައިވަނީ މައިގަނޑު 3 (ތިނެއް) ނުކުތާއެވެ. އެއީ:
ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ނުވަތަ ހެކި ނަފީކުރުމަށް ހުށަހެޅޭ ދަލީލުތަކާއި، ޤަރީނާތައް ވަޒަންކުރުމަކީ ފަނޑިޔާރުންނަށް ލިބިދީގެންވާ ތަޤްދީރީ ބާރެއްކަމާއި، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުންވެސް ވަރަށް ސާފުކޮށް އެނގެން އޮތް ހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ 12 (ބާރަ) ކަންތަކަކީ ފަނޑިޔާރުންނަށް ހެކި ވަޒަންކުރުމަކަށް ލިބިދީފައިވާ އިޚްތިޔާރެއް ނޫންކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ އަކުރުތައް ހުރި ގޮތުން އަދި ކުށް ސާބިތުކުރުމަށް އެ މާއްދާގައި ބަޔާންކުރާ 05 (ފަހެއް) ކަމެއް ހަމަވޭތޯ ބަލަންޖެހުމަކީ ހެކި ވަޒަން ކުރުމަށް ފަނޑިޔާރަށް އެއްވެސް އިޚްތިޔާރެއް ނެތްކަން ދައްކުވާދޭ ކަމެއްކަން؛
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ ދަށުން ކުއްޖާ ބުނާ ބުނުން ތަފާތު ގޮތްތަކަކަށް ތަފާތު ވަޞީލަތްތަކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅުމުގެ މަގު ފަހިކޮށްފައި އޮތްނަމަވެސް، ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާކުރާ، އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ހެކިތަކަކީވެސް ކުއްޖާ ބުނާ ބުނުންކަމަށާއި، ކުއްޖާ ބުނާ ބުނުމަކީ ވަކި ވަކި ހެކިތަކެއްގެ ގޮތުގައި ބަލާނަމަ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ ބޭނުމަށް ހެކި ހަދައިގެން ނުވަތަ އުފައްދައިގެން (fabricate) ކޮންމެ މީހަކަށްވެސް ބަޔާންތައް ހުށަހަޅައިގެން، މީހަކު ބަންދުކުރުމުގެ ފުރުޞަތު މި ޤާނޫނުގެ ތެރެއިން އޮތުމުން، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންގަނޑުގެ ޝައްކެއް ނެތި ޝަރީޢަތަށް މައްސަލަ ސާބިތުކުރުމުގެ މަފްހޫމާއި ތަޢާރުޟުވާ ކަމެއްކަން؛
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނު ގެ ދަށުންވެސް ކުށް ސާބިތުވާންޖެހޭނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން ކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް އިތުރަށް މުރާޖާކޮށް، އެ ޤާނޫނުގެ ދަށުންވެސް ކުށް ސާބިތުވާންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން ކަމަށް ކަނޑައަޅައިދިނުން؛
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާއިން ހަނުހުރުމުގެ ޙައްޤު ވަނީ ހިފެހެއްޓިފައި ނޫންކަމަށާއި، އެ މާއްދާއިން އެ ޙައްޤު ވަނީ ނިގުޅައިގަނެފައި ކަމަށާއި، ހުރިހާ ޤާނޫނީ ނިޒާމެއްގައިވެސް އެ ޙައްޤު ހިފެހެއްޓިފައި އޮންނަ ވަކި ވަގުތު ތަކެއް އޮންނަކަމަށާއި، ވަކީލެއްގެ އެހީތެރިކަން ނުލިބި މައްސަލަތަކުގައި ބަޔާންތައް ނެގެމުން ދާއިރު މުއްތަޙަމަށް ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފެން ޖެހޭނެކަމަށާއި، ހަނުހުރުމުގެ ޙައްޤު މުއްތަޙަމަށް ނުލިބި ބަޔާންދޭ ދިނުމަކީ އޭނާގެ ނަފްސާއި ދެކޮޅަށްވެސް ބަޔާން ދިނުމަށް ދެވޭ ހިތްވަރެއް ކަމުން، މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހަނުހުރުމުގެ ޙައްޤު އެކަށައަޅާފައި އޮންނަ ގޮތްކަމަށް ވާނަމަ، އެ ޙައްޤު އޭނައަށް ދޭން ޖެހޭނެކަމަށާއި ނުވަތަ ދެވޭނެ ދާއިރާތަކެއް އޮންނަންޖެހޭނެކަން.
47 ވަނަ މާއްދާ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުން ބަލައިގަންނާނެ ހެކީގެ ނިސްބަތް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 47 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.
(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.
(ށ) ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާ.
(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.
(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަހުލީލުތަކުން ލިބޭ ހެކި.
(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.
(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، ނުވަތަ މައްސަލަ ތަހުގީގުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.
(ކ) އޭނާއާ މެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.
(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުން ކަމަށް ބެލެވޭނެ ސަބަބެއް ނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދިން ކިޔައިދިނުމެއް.
(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަހްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.
(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.
(ފ) މާއްދީ ހެކި.
(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ."
ހައިކޯޓުން 47 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގެ (ކ) ގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އަދި (ދ) ގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ކަމުގައި ބެލެން ނެތްކަމާއި، އެހެނީ މި އަކުރުތަކުގައި ބުނެފައިވާ ހެކިތަކަކީ ކުއްޖާ ބުނާބުނުމެއްގެ މައްޗަށް އެކަނި ބުރަވެވޭ ހެކިތަކެއް ކަމުގައިވާއިރު، އިތުރު ހެކި ޤަރީނާ ނެތީސް ބުނެވިދިޔަ ތިން އަކުރުގައި ބަޔާންކޮށްފައިވާ، އެކި ފަރާތްތަކުގައި ނުވަތަ އިދާރާތަކުގައި ކުއްޖާ ބުނާބުނުމުގެ ތެރެއިން 5 (ފަހެއް) ފަރާތެއްގައި ބުނާ ބުނުމުން ނުވަތަ 5 (ފަހެއް) އިދާރާއެއްގައި ބުނާބުނުން 5 (ފަހެއް) ހެކީގެ ގޮތުގައި ހަމަކޮށް ހަމައެކަނި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ޢަދުލު އިންޞާފުގެ ހަމަތަކާއި އުސޫލުން އަދަބެއް ދެވުމަށްވުރެ ބޮޑަށް އެ މީހާގެ މައްޗަށް ނުޙައްޤުން އަދަބެއް ދެވުމުގެ ފުރުޞަތު ބޮޑު ޙާލަތެއްކަމުގައި ބެލެވޭތީ، ހަމައެކަނި ބުނެވިދިޔަ ހެކީގެ މައްޗަށް ބިނާކޮށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކޮށް ދަޢުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުކުރުމަކީ ޝަރުޢީ ގޮތުން ބަލާއިރު ހަމަޖެހޭ އުޞޫލެއް ނޫންކަމަށެވެ.
ޖިނާޢީ ޢާންމު ޤާނޫނެއް ވުޖޫދުގައި އޮއްވާ، ޖިނާޢީ ވަކި ޢަމަލަކީ ޚާއްސަ ކުށެއްގެ ގޮތުގައި ޤާނޫނަކުން ކަނޑައަޅަނީ އެފަދަ ޢަމަލުތަކުގެ ޙައްސާސްކަން އިތުރުވެގެން ވާތީއެވެ. އަދި އެފަދަ ޢަމަލުތައް ތަޖްރީމް ކުރުމުގައި ޢަމަލުކުރެވުމުންދާނީ ޚާއްޞަ ޤާނޫނުގައި ބަޔާންކުރެވިގެންވާ ޚާއްޞަ އިޖުރާޢަތުގެ މައްޗަށެވެ. އެގޮތުން ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އަކީ، 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 12 ނޮވެންބަރު 2009 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ތަޙްޤީޤުގެ މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭއްތިއްބުމާއި އަދި ބަންދުން ވީއްލުމުށްފަހުގައިވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ދިޔުމާއި، ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި، ޖިންސީ ގޯނާގެ ޝިކާރައަށްވާ ކުދިންނަށް ލިބޭ ގެއްލުމުގެ ބަދަލުނަގައިދިނުމުގެ ޙާއްޞަ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ޢަމަލުތަކަކީ އެ ޢަމަލުގެ ސަބަބުން ކުޑަކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީ އެތައް އަނިޔާއެއް ލިބުމުގެ އިތުރުން އެފަދަ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢުގައި ބިރުވެރިކަން އުފެދި މުޅި މުޖުތަމަޢުއަށް އޭގެ ނުރައްކާ ބޮޑު މައްސަލަތަކެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އެކުލަވާލެވި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިފަދަ މައްސަލަތައް ޝަރުޢީ މަރުޙަލާއިން ސާބިތުކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން، ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤުވާ ޢަދަބު ދިނުމުގައި ހުރި ދަތިތަކަށް ޙައްލު ހޯދާދިނުމުގެ މަޤްޞަދުގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ އެފަދަ ޢަމަލުތައް ހިންގަނީ ޢާންމުގޮތެއްގައި އެކަހެރި މާހައުލެއްގައި ކަމުގައިވާތީ، މިފަދަ މައްސަލަތައް ޝަރުޢީ މަރުޙަލާއިން ސާބިތުކުރުމަށްޓަކައި ބޭނުންވާ ހެކި ހޯދުމަކީ ދަތިކަމެއް ކަމުގައިވާތީ، މި ޤާނޫނުގެ އެންމެ ބޮޑު މަޤްޞަދެއް ކަމުގައި ވެފައިވަނީ ޝަރީއަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. އެ މަޤްޞަދު ހާސިލުކުރުމުގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު އިން، ޝަރީޢަތުގެ މަޖިލީހަށް އާންމުކޮށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތްބާވަތުގެ ހެކި ބަލައިގަނެވޭނެ ކަމަށާއި، އެގޮތުން އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 12 (ބާރަ) ބާވަތުގެ ހެކީގެ ތެރެއިން 5 (ފަހެއް) ބާވަތެއްގެ ހެއްކެއް ހުރެއްޖެނަމަ އެ މިންވަރުން ކުށް ސާބިތުކުރުމަށް ފުދޭނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
މިހެންކަމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އަދި (ދ) ގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ކަމުގައި ބެލެން ނެތް ކަމަށް ކަނޑައަޅައި ކޮށްފައިވާ މާނަކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އެކުލަވާލަންޖެހުނު ސަބަބާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކާއި، އެ ހެކިތައް ވަޒަންކުރުމުގައި ޝަރުޢީ ކޯޓުތަކުން ބަލަންޖެހޭ މިންގަނޑާއި، އަދި އެފަދައިން މާނަކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދީފައިވާ ޚާއްޞަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމެއްނެތި، ކޮށްފައިވާ ތިލަ މާނަ ކުރުމެއް ކަމުގައި އަހުރެން ދެކެމެވެ.
ހެކި ވަޒަންކުރުމުގެ މިންގަނޑު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުން ކަމަށްވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަގިއްލު ހެކިތަކެއް ގިނަ ހާލަތްތަކުގައި ނުހުންނާނެތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު ގައި ވަކި 12 (ބާރަ) ހެއްކެއް ބަޔާންކޮށްފައިވަނީ އެ ހެކިތަކަކީ އެކަތި އަނެކެއްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކިތަކެއް ކަމުގައިވާތީ ކަމުގައި ނުބެލެވެއެވެ. ޤާނޫނުގައި އެގޮތަށް ގަބޫލުކޮށްފައި އެވަނީ ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމުގެ ބޭނުމުގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަންކުރުމެވެ. އެފަދަ މައްސަލައެއްގައި ރިޢާޔަތްކުރެވިދާނެ ހެކިތައް ވަކިވަކިން ލިސްޓްކޮށްފައިވަނީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. މިގޮތުން، ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ގަބޫލުކުރެވޭ ހެކިތަކަކަށް ވާނަމައެވެ.
އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 މާއްދާގެ (ޅ) އާއި (ކ) އަދި (ދ) ގައި ބަޔާންކުރާ ކަންކަމަކީ ކުއްޖާ ކިޔައިދޭ ދިނުމުގެ މައްޗަށް ބިނާވާ ހެކިތަކެއް ކަމުގައި ވީނަމަވެސް، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓް ވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުމަށް މި ޤާނޫނު ހުއްދަކޮށްފައިވެއެވެ.
ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ މިންވަރުގެ ހެކިބަހެއްތޯ ބެލުމަށްޓަކައި އެ ހެކިބަހުގެ އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ ތެދުވެރިކަމާއި، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުރަނގަޅު ނިޔަތެއް އޮތްތޯ ބަލަންޖެހެއެވެ.
މިފަދަ މައްސަލަތަކުގައި ކުއްޖާއަށް އަނިޔާކުރިކަމަށް ބުނެފައިވަނީ ދޮގު ހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައި ވަކި ކަމެއް ހާސިލުކުރުމުގެ ބޭނުމުގައިތޯ ބަލަންވާނެއެވެ. އަދި ކުއްޖާ ޝަކުވާކުރީ އެފަދަ ސަބަބެއް އޮވެގެން ކަމަށް ތުހުމަތު ކުރެވޭ ފަރާތުން ހަމައެކަނި ބުނުމަކުން ނުފުދެއެވެ. އެކަށީގެންވާ ހެކި ހުށަހަޅައިގެން، މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި ގުޅިގެން ޝަކުވާކުރި ކުޑަކުއްޖާ ވާހަކަ ދެއްކީ ހަދައިގެން ނުވަތަ އުފައްދައިގެންކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށެވެ. އެ ނޫން ޙާލަތްތަކުގައި ޝަކުވާކުރި ކުއްޖާގެ ވާހަކަތަކަކީ ނުނިޔަތެއް އޮވެގެން ޙަޤީޤަތާއި ހިލާފަށް ދެއްކި ވާހަކަތަކެއް ކަމުގައި ނުބެލެވޭނެއެވެ. ކުއްޖާ ޝަކުވާކުރީ ދޮގު ހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައި ނޫންކަން ސާބިތުކުރުމުގެ ބުރަ ދައުލަތުގެ މައްޗަށް ފުރޮޅޭނީ މުއްތަހަމުގެ ފަރާތުން ކުއްޖާގެ ނުނިޔަތް ސާބިތުކުރަން ހެކި ހުށަހަޅާފައިވާނަމައެވެ.
ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކުއްޖާ ފުރަތަމަ ޙާދިސާ ހިނގިގޮތް ކަމަށް ބުނެ ކިޔާދީފައިވާ ދިނުން، އެކި ފަރާތްތަކުގައި ކިޔާދޭ އިރުވެސް މައިގަނޑު ގޮތެއް ގައި އެއްގޮތްވެފައި، ބޮޑު ފުށުއެރުންތަކެއް ނެތްކަމުގައިވާނަމަ، ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތް ކަމުގައި ބެލިދާނެއެވެ. އަދި ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުމަށްޓަކައި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލުތަކެއް ހުރިތޯ ބަލަންޖެހެއެވެ. އެގޮތުން ކުއްޖާ ކިޔައިދޭ ދިނުމުގައި ޙާދިސާ ހިނގި ތަނާއި ވަގުތު ބަޔާންކޮށްދިނުމާއި، އެ ނޫންވެސް ޙާދިސާއާ ގުޅުންހުރި ވާހަކަތައް އެކި މަޙައްލުގައި ކިޔައިދޭ ދިނުން އެއްގޮތްވޭތޯ ބެލިދާނެއެވެ. މިގޮތުން ކުޑަކުދިންގެ ބަހާމެދު ގޮތެއް ކަނޑައަޅާއިރު، ޅަފުރާއަކީ ކުދިންގެ ސިކުނޑި އުފެދި ތަރައްޤީވަމުން އަންނަ ދުވަސްވަރު ކަމުގައިވާތީ، ނުވަތަ ޖިންސީ ގޯނާގެ ޢަމަލު ހިންގި ފަރާތްތަކަކީ ކުއްޖާއާމެދު އެފަދަ ޢަމަލެއް ހިންގުމުގެ ކުރިންވެސް އެ ކުއްޖަކާ އާއިލީ ގުޅުމެއް ނުވަތަ ބާރުވެރި ގުޅުމެއް އޮންނަ ފަރާތްތައް ކަމުގައިވާތީ، އެއިން ސަބަބަކާ ހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްސީލު ހަނދާންނެތުމަކީ ނުވަތަ ތަފްސީލު ފަހުން ކިޔައިދޭން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާތީ، އެ ކުއްޖާ ކުރިން ކިޔައިދިން ދިނުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކުން ބާރުލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަން ޖެހޭކަމުގައި އަހުރެން ދެކެމެވެ.
އަދި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 މާއްދާގައި ބަޔާންކުރާ ބާވަތުގެ 05 (ފަހެއް) ހެކި ލިބިފައިނެތް ނަމަ، ޖިނާއީ ކުށެއް ސާބިތުކުރުމުގެ އާންމު އުސޫލުން މި ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިވޭތޯވެސް މައްސަލަ ބަލާ ފަނޑިޔާރަށް ބެލިދާނެ ކަމުގައިވެސް އަހުރެން ދެކެމެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެ ޤާނޫނުތަކުން ބާރުލިބިގެން ހަދާ ޤަވާޢިދުތައް ތަރުޖަމާކުރުމުގައި ނުވަތަ މާނަކުރުމުގައި ނުވަތަ ތަންފީޒުކުރުމުގައި ރިޢާޔަތްކުރާ ޤާނޫނީ ހަމަތައް ބަޔާންކުރާ ޤާނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ މާއްދާއެއް މާނަކުރަން ޖެހިއްޖެނަމަ އެ މާނަކުރުމެއް ވާންޖެހެނީ ބުނެވުނު ޤާނޫނުގެ ޙުދޫދުގެ ތެރެއިން ކުރެވިފައިވާ މާނަކުރުމަކަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ މާނަކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގައި ބޭނުންކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގައި ބަޔާންކުރާ ކޮން އުޞޫލެއްކަން ސާފެއް ނޫނެވެ. އެހެންނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އަކީ ކުށްކަނޑައަޅާ ޚާއްޞަ ޤާނޫނެއްކަމުން، އެ ޤާނޫނު އެކުލަވާލަންޖެހުނު ސަބަބަށް، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާ އެފަދައިން ފަރުމާކުރެވުނު ޙިކުމަތަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ވުޖޫދުވެފައިވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމުގައި ގެންގުޅޭ މިންގަނޑަށް ބަދަލުގެނެސް، ޤާނޫނުގެ ނަމުން ދޭހަވާ ފަދައިން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރަން ފެށުމަށެވެ.
ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ޢަމަލުތަކަކީ ޢާންމު ގޮތެއްގައި އެކަހެރި މާހައުލެއްގައި ކުރެވޭ ޢަމަލުތަކަކަށް ވާއިރު އެފަދަ މައްސަލަތަކުގައި ލިބެން ހުންނަ ހެއްކަކީ ނިސްބަތުން މަދު ހެކިތަކެކެވެ. މި ސަބަބަށްޓަކައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގައި ހެކި ވަޒަންކުރުމުގެ މިންގަނޑު ލުއިކޮށްފައިއޮވެއެވެ. އެއީ ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަން ލިބިދިނުމަކީ އެ ކުދިންގެ ޙައްޤެއް ކަމުގައިވާތީއެވެ. އަދި އެ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައިވާތީއެވެ.
މިހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާ މާނަކުރުމުގައި ބޭނުންކުރާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކުރާ 4 (ހަތަރެއް) އުޞޫލުގެ ތެރެއިން ކޮން އުޞޫލެއްކަމުގެ މައްޗަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު މާނަކުރުމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު މާނަކުރުމުގައި އެންމެ އެކަށީގެންވަނީ، އެ ޤާނޫނުގެ 04 ވަނަ މާއްދާގައި ބުނާ، "ޙައްލު ހޯދައިދިނުމުގެ އުސޫލު" ކަމުގައި ދެކެމެވެ. އެއީ، ބުނެވުނު "ޙައްލު ހޯދައިދިނުމުގެ އުސޫލު" ގެ ދަށުން، ޤާނޫނުން ޙައްލު ހޯދައިދިން މައްސަލަ، އޭގެ ރަނގަޅު މަޙައްލުގައި، އަލަށް ދިމާވާ ކަންކަމާއި މެދުވެރިވާ ޙާލަތްތަކުގެ މައްޗަށް ހިނގާނެހެން އަދި އެފަދައިން ޤާނޫނު ތަންފީޛު ވާފަދައަކުން މާނަކުރުމަށް ތަންދޭތީއެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް މާނަކުރުމުގައި "ޙައްލު ހޯދައިދިނުމުގެ އުސޫލު" ބޭނުންކުރާނަމަ ރިޢާޔަތްކުރަންޖެހޭ ކަންކަމަކީ (1) ޤާނޫނު ތަޢާރަފުކުރުމުގެ ކުރިން ޙާލަތު އޮތް ގޮތަށާއި، (2) ޤާނޫނު ތަޢާރަފުކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކަމާއި، (3) ޤާނޫނު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ބަލާފައިވަނީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކޮން ޙައްލެއް ހޯދައިދިނުމަށް ކަމާއި، (4) ރައްޔިތުންގެ މަޖިލީހުން، ޤާނޫނުގައި ކަނޑައަޅައިދީފައިވާ ޙައްލުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން ކަމުގައިވުމުން، އެ އުޞޫލު ބޭނުންކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވި ނަތީޖާއަށް ވާޞިލުވެވޭނެ ކަމުގައި އަހުރެން ދެކޭތީއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ވުޖޫދުވުމާ ގުޅިގެން މިފަދަ މައްސަލަތައް ޝަރުޢީ މަރުޙަލާއިން ސާބިތުކުރުމުގައި ފަސޭހަތަކެއް ލިބިދީފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އަދި (ދ) ގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ނުބޭލޭނެ ކަމުގައި މާނަކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިފަދަ މައްސަލަތައް ސާބިތުކުރުމުގައި ކުރިމަތިވެފައިއޮތް ދަތިތައް އަލުން ފާޅުވެ، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓް ކުރުމަށް ކަނޑައަޅާފައިވާ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ހުރަސް އެޅި، ކުށް ސާބިތުކުރުމުގެ ވަސީލަތްތައް ހަނިވެގެންދިޔުމެވެ. މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އިން ޙާޞިލުކުރަން ބޭނުންވި މަޤްސަދާ ޚިލާފުކަމެކެވެ.
ހަނުހުރުމުގެ ޙައްޤު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ހަނުހުރުމުގެ ޙައްޤު ލިބިދީފައިވަނިކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާއިން އެ ޙައްޤު ޤައިދުކޮށްފައިވާކަމަށް ޢަލީ ޝާހުގެ ފަރާތުން ފާހަގަކޮށްފައިވާހިނދު، އެ ނުކުތާއަށް މި މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައަޅާފައި ނުވާނެއެވެ. އެހެނީ، އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-DM/01 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި ނުވުމުންނާއި، ބުނެވުނު ނުކުތާ ހުށަހަޅާފައިވަނީ އިސްތިއުނާފީ ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ރައްދު ދިނުމުގެ ގޮތުން ހުށަހެޅި ކަންކަމުގެ ތެރެއިން ކަމުގައި ވުމުގެ އިތުރުން، ހަނުހުރުމުގެ ޙައްޤާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ގޮތަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ގޮތެއް ނޫންކަމުގައިވާނަމަ، އޭގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ފާހަގަކޮށްފައި ނުވާކަމުން، އެ ނުކުތާއާމެދު މި މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައަޅަން ޖެހޭކަމަށް އަހުރެންނަށް ނުފެންނާތީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ނުބެލޭވޭނެކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދާއި ޚިލާފަށް އަދި މިބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި ޚިލާފަށް ކަމުގައި ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.