ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 20 · 2024/SC-A/03

މުޙައްމަދު ނާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 އޮކްޓޫބަރު 2025ދަށު ކޯޓު: 2021/HC-A/398ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/398
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ކުށް ސާބިތުކޮށް 15 އަހަރުގެ ޖަލު ޙުކުމެއް ކުރިއެވެ. ހައިކޯޓުން ކުދިންގެ ހެކިބަސް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާ އެއްގޮތަށް ނަގާފައިވާކަމަށާއި ކުއްޖާގެ ބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މުޙައްމަދު ނާފިޢު، 2019 ގައި ކުޑަކުއްޖެއްގެ ހެދުން މަތިން ކުރިމަތި ފަރާތާއި މޭމަތީގައި އަތްލުމާއި، އަނެއް ދުވަހެއްގައި އޭނާގެ ކުރިމަތި ފަރާތް ކުއްޖާއަށް ދެއްކުމުގެ ތުހުމަތުގައި ޤާނޫނު ނަންބަރު 12/2009 ގެ 9 ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންގެ ހެކިބަސް ކުރެހުމާއި ލިޔުމުން ނެގުމަކީ ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، ކުއްޖާގެ ބަހަށް ބުރަދަން ދިނުމާއި ފަންނީ ރިޕޯޓުތައް ބަލައިގަތުމުގައި ހައިކޯޓުން ގޯހެއް ހަދާފައިވޭތޯ، ޝަރީޢަތް ފެށުމަށްފަހު ހުށަހެޅި ދިފާޢީ ހެކި ބަލައިނުގަތުން ރަނގަޅުތޯ، އަދި ސުޕްރީމް ކޯޓަށް ހުށަހެޅި އައު ހެކި ބަލައިގަނެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތުން ބުނީ ކުދިންގެ ހެކިބަސް ލިޔުމުން ނެގުމަކީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ކުއްޖާގެ ބަހުގައި ފުށުއެރުން ހުރި ކަމަށާއި، ދިފާޢީ ހެކި ބަލައިނުގަތުމާއި ފަންނީ ރިޕޯޓުތަކަށް ބުރަދަން ދިނުން ގޯސް ކަމަށާއި، ކުއްޖާގެ ބައްޕަގެ 2023 ގެ ބަޔާން އައު ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. ދައުލަތުން ބުނީ ކުދިން ހިމާޔަތްކުރުމަށް ބަޔާން ނެގި ގޮތް ޤާނޫނާ ޚިލާފު ނޫން ކަމަށާއި، ދިފާޢީ ހެކި ހުށަހެޅީ ހެކި ހުށަހަޅާ މަރުޙަލާ ފަހަނައެޅުމަށްފަހު ކަމަށާއި، ބައްޕަގެ ބަޔާނުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ މަޤްޞަދަކީ ކުދިން ތެދުބަހުން ބަޔާންކުރުމަށް ޚާއްޞަ ގޮތްތައް ގެންގުޅުން ކަމުން ހެކިބަސް ނެގި ގޮތް ޤާނޫނާ ޚިލާފެއް ނޫނެވެ. ކުއްޖާގެ ބަހުގެ ކުދި ތަފާތުތަކަކީ ޝައްކު އުފެދޭ ފުށުއެރުމެއް ނޫނެވެ. 145 (ރ) އަކީ އައު ހެކި ހުށަހެޅުމުގެ ފުރުޞަތެއް ނޫނެވެ. ރިޕޯޓުތަކާމެދު އުފެއްދި ޝައްކަށް ހެއްކެއް ނެތެވެ. ބައްޕަގެ ބަޔާން ހޯދަން ދަށު މަރުޙަލާތަކުގައި މަސައްކަތެއް ކުރިކަން ނުދައްކާތީ އައު ހެކީގެ ޢުންޞުރުތައް ފުރިހަމަ ނުވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ މަޤްޞަދަކީ ހަމައެކަނި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެނޫން ކުދިންގެ ބަޔާން ނެގުން ތަފާތުކުރުމެއް ނޫނެވެ؛ އެއީ ކުޑަކުދިންގެ ބަޔާން ނެގުމުގައި ޚާއްޞަ ގޮތްތަކެއް ގެންގުޅެ، ކުދިންނަށް ކުރިމަތިވި ކަންކަން ތެދުބަހުން ބަޔާންކުރުމަށް ބާރުއެޅުމެވެ. އެހެންކަމުން ޖިންސީ ގޯނާގެ ތަފްސީލު ކިޔައިދޭން ދަތިވާ ކުއްޖެއްގެ ހެކިބަސް ކުރެހުމާއި ލިޔުމާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ނެގުމަކީ އެ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.

HN2 ކުޑަކުދިންގެ ވިސްނުމާއި ކަންކުރާ ގޮތް ބޮޑެތި މީހުންގެ ހަމައަކުން ނުމިނޭތީ، އަދި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެކުދިންގެ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާތީ، ކުޑަކުދިންނާމެދު ވަކި އުސޫލެއްގެ ތެރެއިން ޢަމަލުކުރުމަކީ ޢައިބެއް ނުވަތަ ޣައިރުޤާނޫނީ ކަމެއް ނޫނެވެ؛ ތުހުމަތުކުރެވޭ ފަރާތުން އެ ގޮތުން އޭނާގެ ޙައްޤަށް އުނިކަން އައިގޮތް ބަޔާންނުކޮށްފިނަމަ އެއީ ހައިކޯޓުގެ ނިންމުން ބާޠިލުކުރެވޭނެ ސަބަބެއް ނޫނެވެ.

HN3 ކުޑަކުއްޖެއްގެ ބަހުން (ބަޔާނެއް ވިޔަސް ހެކިބަހެއް ވިޔަސް) ދޭހަވާ މާނަ ދެނެގަންނަންވާނީ ކުރާ ސުވާލާއި ސުވާލުކުރާ ގޮތާއި ކުއްޖާގެ ޢުމުރާއި ކޮގްނިޓިވް ޑިވެލޮޕްމަންޓާއި ހަނދާނާއި ސަޖެސްޓިބިލިޓީ ފަދަ ކަންކަމަށް ބަލައިގެންނެވެ؛ ވާހަކަދެއްކޭ ޢުމުރުގެ ނޫން ކުދިން ފަދަ ހާލަތްތަކަށް ބަލާއިރު، ހަމައެކަނި އަނގަބަހުން ބަސް ނަގަންޖެހޭ ކަމަށް ބުނާ އުސޫލު ގަބޫލުކުރުމުން ދެކޮޅުޖެހޭ ނަތީޖާތައް ނިކުމެދާނެއެވެ.

HN4 ކުއްޖާ އޯޑިއޯ ވީޑިއޯ ރެކޯޑިންގައި ދެއްކި ވާހަކަތައް ކުއްޖާގެ މަޞްލަޙަތު ރައްކާތެރިކުރާ ފަރާތެއްގެ ހާޒިރުގައި ލިޔުމަށް ތިރިކޮށްފައިވާނަމަ، އެ ބަޔާން ކުއްޖާ ބުނި ލަފްޒުން ނުވިޔަސް ލިޔުމުންވާ ބަޔާނާއި ރެކޯޑިންގުގެ މަޢުލޫމާތަކީ ތަފާތު މަޢުލޫމާތެއް ކަމުގައި ނުބެލެވޭނެއެވެ؛ އަދި ކުއްޖާ އެކި މަޙައްލުގައި ކިޔައިދިނުމުގައި ކުދި ތަފާތުތައް ހުރުމަކީ ބަހާމެދު ޝައްކު އުފެދޭ ފުށުއެރުމެއް ނޫނެވެ.

HN5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ ދަށުން ދައުލަތުން ހެކި ހުށަހަޅަންޖެހެނީ ދަޢުވާ ހުށަހަޅާއިރު، އަދި ދަޢުވާލިބޭ ފަރާތުން ހެކި ހުށަހަޅަންޖެހެނީ ދިފާޢު ހުށަހަޅާއިރެވެ. 145 (ރ) ގައި ބަޔާންކުރަނީ އިބްތިދާއީ މަރުޙަލާގައި (ހ) ނުވަތަ (ށ) ގެ ދަށުން ހުށަހަޅާ ހެއްކަށް އަނެއް ފަރާތުން އިޢުތިރާޟުކޮށްފިނަމަ ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ކުރިން ފަނޑިޔާރު ގޮތެއް ނިންމަންޖެހޭ ކަމެވެ؛ އެއީ ޝަރީޢަތް ފެށުމަށްފަހު އައު ހެކި ހުށަހެޅުމަށް އޮތް ފުރުޞަތެއް ނޫނެވެ.

HN6 ހައިކޯޓުން ވަކި ސުރުޚީއެއްގެ ދަށުން ގޮތް ކަނޑައަޅާފައިވާ ނުކުތާއެއްގައި، ހައިކޯޓުގެ ނިންމުން ބިނާކުރި ސަބަބުތަކަކީ ޤާނޫނީ ގޮތުން ހަމަނުޖެހޭ ސަބަބުތަކެއްކަމުގެ ބަހުސް ހުށަހަޅާފައި ނުވާނަމަ، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގައިވާ މިންގަނޑުން އެއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ނުކުތާއެއް ނޫނެވެ.

HN7 ކޯޓަށް ހުށަހަޅާ ހުށަހެޅުމެއް ސާބިތުކުރުމުގެ ބުރައަކީ އެ ހުށަހެޅުން ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެވެ؛ އެއީ ހެކި ހުށަހެޅުމުގެ ބުރައާއި (burden of production)، އަނެއް ފަރާތުގެ ހެއްކާ އަޅާކިޔާއިރު ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް ހެކި ހުރުމުގެ ބުރައެވެ (burden of persuasion). ފަންނީ ރިޕޯޓުތަކާމެދު ޝައްކު އުފެއްދުމަށް ހުށަހަޅާ ކަންކަމަށް ގަވާއިދެއް، އުސޫލެއް، ގައިޑްލައިނެއް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް ފަދަ ބިނާއެއް ނުވަތަ ހެއްކެއް ހުށަނާޅާނަމަ، އެއީ ހަމައެކަނި އެ ފަރާތް ދެކޭ ގޮތް ކަމުން، އެއަށް ބަލައި ރިޕޯޓުތައް އެއްފަރާތެއް ނުކުރެވޭނެއެވެ.

HN8 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ހައިކޯޓަށް އައު ހެކި ހުށަހެޅުމުގެ އިސްތިސްނާ ހާލަތެއް ބަޔާންކޮށްފައިވީ ނަމަވެސް، ސުޕްރީމް ކޯޓަށް އައު ހެކި ހުށަހެޅުމާ ބެހޭ ގޮތުން އެ ޤާނޫނުގައި (18 ވަނަ މާއްދާ ހިމެނޭ ގޮތުން) އެފަދަ ޙުކުމެއް ނެތުމުން، ސުޕްރީމް ކޯޓު މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނީ އިސްތިސްނާ ހާލަތުގައި، އާމިނަތު ނާޒުލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ގައިވާ ތިން ޢުންޞުރު (ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ނުލިބުން، މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވުން، ޞައްޙަކަމާމެދު ސުވާލު ނުއުފެދުން) ފުރިހަމަވާނަމައެވެ. އެ ހެކި ހޯދަން ދަށު މަރުޙަލާތަކުގައި މަސައްކަތެއް ކުރިކަން ނުދައްކާނަމަ ފުރަތަމަ ޢުންޞުރު ފުރިހަމަނުވާތީ އަނެއް ޢުންޞުރުތަކަށް ބަލަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް
ރިޔާސަތު
ޢަބްދުﷲ ޙަމީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާއީދުކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ނާފިޢު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު ނާފިޢު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/03 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.

ތުހުމަތު

22019 ވަނަ އަހަރުގެ މެދުތެރޭގެ ދުވަހެއްގައި، މުޙައްމަދު ނާފިޢުއަށް އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި ކުޑަކުއްޖެއް، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވާ މުޙައްމަދު ނާފިޢު އެ ކުއްޖާގެ ހެދުންމަތިން ކުއްޖާގެ ކުރިމަތި ފަރާތާއި މޭމަތީގައި އަތްލާފައިވާކަމަށާއި، އަދި 2019 ވަނަ އަހަރުގެ މެދުތެރޭގެ އެހެން ދުވަހެއްގައި، އެ ކުއްޖާ ގޭގެ ޓެރަސްމަތީގައި ހުއްޓާ މުޙައްމަދު ނާފިޢު އެތަނަށް ގޮސް މުޙައްމަދު ނާފިޢުގެ ކުރިމަތި ފަރާތް ނެރެ ކުއްޖާއަށް ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވި، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ މެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މުހައްމަދު ނާފިޢުގެ މައްޗަށް ދައުލަތުން ދަޢުވާކުރިއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 501/Cr-C/2020 ޤަޟިއްޔާ

3މި މައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 501/Cr-C/2020 ޤަޟިއްޔާއިން ބަލައި، ޙުކުމް ކޮށްފައިވަނީ، ކުޑަކުއްޖާ އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މުޙައްމަދު ނާފިޢު އެ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް ކަމުގައިވާހިނދު، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި މައްސަލައާ ގުޅިގެން މުޙައްމަދު ނާފިޢު ޖަލު އަދަބުގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތަކީ 13 (ތޭރަ) އަހަރާއި 08 (އަށެއް) މަހާއި 13 (ތޭރަ) ދުވަސްކަމަށް ކަނޑައަޅައެވެ.

4ކްރިމިނަލް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

4.1 މި މައްސަލައިގެ ފުރަތަމަ ހާދިސާ ކިޔައިދިނުމުގައި ކުއްޖާ ޚިޔާރުކުރި ލަފްޒުތަކަށް ބަލާއިރު ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލުމުގެ ބަދަލުގައި "ކުރިމަތި ފަރާތައް" މިހެން ކުއްޖާ ބުނެފައިވަނީ ކުއްޖާގެ ކުރިމަތި ފަރާތުގެ އެތެރެއަށް އަތްލާން މަސައްކަތް ކުރުމުގެ މާނައިގައި ކަމަށް ބާރުލިބިދޭ ކަމަށާއި، އެގޮތަށް އެތެރެއަށް އަތްލާން ބާރާއެކު މަސައްކަތްކުރާ ޙާލަތުގައި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ބުނެފައިވާ އަނިޔާތަކާ ކުއްޖާގެ ކިޔައިދިނުމާ ދިމާވާނެ ކަމަށާއި، އެ ޙާލަތުގައި ކުއްޖާ ބުނާ ގޮތަށް "ކުރިމަތި ފަރާތައް އަތްލާން" މަސައްކަތް ކުރުމާއެކު ކުރިމަތި ފަރާތުގައި "އަތްލާފައި" ވެސް ވާނެކަން.

4.2 މި މައްސަލައިގައި ހިމެނޭ ދެވަނަ ހާދިސާގައި ކުއްޖާ ކިޔައިދިން މީހާގެ ޢުމުރާއި ޖިންސާއި، ވާހަކަ ކިޔައިދިން މަޙައްލާ ގުޅިގެން އެކި ޢިބާރާތް ބޭނުންކޮށްގެން ދައްކާފައިވަނީ އެއް ވާހަކައެއް ކަމާއި، މުޙައްމަދު ނާފިޢުގެ ކުރިމަތި ފަރާތް ކުޑަކުއްޖާއަށް ދައްކާފައިވާކަމާއި، ދަޢުވާގައި ބަޔާންކޮށްފައި އޮތް ޢަމަލަކީ ކުރިމަތި ފަރާތް ދެއްކުމުގެ ޢަމަލު ކަމަށްވާއިރު، ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކައިން އިތުރު ޢަމަލެއް ހިނގިކަން އެނގުމަކީ، ކުރިން ހިނގިކަންކަން ނުހިނގާ ކަމަށް ނުވަތަ އެއީ ދޮގެއް ކަމަށް ދަލާލަތު ކޮށްދޭ ކަމެއް ނޫންކަން.

4.3 މުޙައްމަދު ނާފިޢުގެ ބަޔާނުގައި އޭނާ ކުދިންނާ ސަކަރާތް ނުޖަހާކަމަށް ބުނެފައިވާއިރު، އޭނާގެ އަންހެނުންގެ ބަހުން މުޙައްމަދު ނާފިޢު ކުދިންނާ ސަކަރާތް ޖަހާކަމަށާއި، މިގޮތުން ރޫލްސް ހަދައިގެން އުޅުނު ދުވަހު ސަކަރާތް ޖެހި ކަމަށާއި، ޓެރަސް މައްޗަށް އެރި ދުވަހެއްގައި ޝަކުވާކުރި ކުޑަކުއްޖާއާއި އިތުރު ކުޑަކުއްޖެއް ސަކަރާތް ޖަހަމުން ފޭބިތަން ފެނުމުން "އެއް އުމުރުގެ މީހުންނާ" ސަކަރާތް ޖެހުމަށް އެކުދިންނަށް މުޙައްމަދު ނާފިޢުގެ އަންހެނުން އެންގި ކަމަށް ބުނެފައިވާއިރު، އެ ކުދިންގެ ސަކަރާތުގައި ކުދިންނާއި މުޙައްމަދު ނާފިޢުގެ ޢުމުރާ ނުގުޅޭ އަދި މަނާ ކުރަންޖެހޭފަދަ ކަމެއް އޮތްކަން ދޭހަވާކަން.

4.4 ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށްޓަކައި ފަންނީ ދެ މީހުން ހަދާފައިވާ ދެ އެސެސްމަންޓުގައި، ކުއްޖާއަށް މުޙައްމަދު ނާފިޢު ފިޔަވައި، އެހެން މީހެއްގެ ފުށުން އަނިޔާއެއް ލިބިފައިވާކަން އެނގެން ނެތުމުންނާއި، ޝަކުވާކުރި ކުޑަކުއްޖާއަށް އާޢިލީ އަޅާލުމާއި އެއްބާރުލުން ލިބޭކަން، އަދި ކުއްޖާގެ ކިޔެވުން ރަނގަޅުކަން އެސެސްމަންޓް ހެދި ދެ މީހުންގެ ބަހުން އެނގޭއިރު، ގޭތެރޭގެ ޢާއްމު މާހައުލުގައި ހަމަނުޖެހުމެއް ނުވަތަ ނުތަނަވަސްކަމެއް ނުވަތަ ކުއްޖާގެ އުޅުމަށް ބަދަލެއް އަތުވެދާނެ އިތުރު ކަމެއް ހިނގާފައިވާކަމަށް ބެލެވެން ނެތް ކަމުން، ކުއްޖާގެ އުޅުމަށް އަސަރުކޮށްފައިވަނީ ކުއްޖާއާމެދު މުޙައްމަދު ނާފިޢު ހިންގި ހާދިސާތަކުގެ ސަބަބުން ކަމަށް ބުރަވެވޭކަން. އިސްތިއުނާފު ކުރެވޭ މައްސަލަ - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާ

5ކްރިމިނަލް ކޯޓުގެ ނަންބަރު 501/Cr-C/2020 ޤަޟިއްޔާގެ ނިންމުން މުޙައްމަދު ނާފިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާއިން މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

5.1 މި މައްސަލައިގައި ހެކިބަސް ދީފައިވާ ކުދިންގެ ހެކިބަސް ނަގާފައިވަނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ހެކިބަސް ނަގަންޖެހޭ ތަނާއި، ހެކިބަސް ނަގާއިރު ހާޒިރުގައި ތިބެންޖެހޭ މީހުން ކަމަށް ލާޒިމުކޮށްފައިވާ މީހުންގެ ހާޒިރުގައިކަމާއި، އަދި އިންޓަވިއު ނެގިފައިވަނީ ވީޑިއޯ ރެކޯޑް ކޮށްގެން ކަމުގައިވާތީ، އެ ކުދިންގެ ހެކިބަސް ނަގާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތަށްކަން.

5.2 މި މައްސަލައިގެ ދަޢުވާ ފޯމަށް ބަލާއިރު، ދަޢުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ކުއްޖާގެ އިންޓަވިއު ރެކޯޑިންގ ސީޑީ ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމާއި، އެ ސީޑީއަކީ ދަޢުވާ ފޯމާއެކު އެހިނދުގައި ހުށަހެޅެން ނެތް ހެކި ކަމުގައި ބަޔާންކޮށް އެ ހެކީގެ ތަފްސީލްތައް ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަމާއި، އަދި މި މައްސަލައާ ގުޅިގެން ބޭއްވުނު ދެވަނަ އިބްތިދާއީ އަޑުއެހުމުގެ ކުރިން، ކުއްޖާގެ އިންޓަވިއު ރެކޯޑިންގ ސީޑީ ކޯޓަށް ފޮނުވާފައިވާކަން އެނގޭކަން.

5.3 މި މައްސަލައިގައި ކުއްޖާ ދީފައިވާ ބަޔާނަށް ބަލާއިރު، މުޙައްމަދު ނާފިޢު ކުއްޖާއާމެދު ޢަމަލު ހިންގާފައިވާ ގޮތާއި، އެ ހާދިސާގެ ވަގުތުތައް ބަޔާންކޮށް، ހާދިސާ ހިނގިކަމަށް ތަފްސީލުކޮށް ކިޔާދީފައިވާ ވާކަމާއި، ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްސީލްތައް ހުރުމުން މި މައްސަލައިގައި ކުއްޖާ ކިޔައިދީފައިވާ ކިޔާދިނުން އެތެރެފުށުން އެއްގޮތް ކަމުގައި ބަލަންޖެހޭކަން.

5.4 މި މައްސަލައިގައި ކުއްޖާ ކިޔާދޭ ކިޔައިދިނުމުގެ އިތުރަށް ކުއްޖާއާމެދު މި ހާދިސާ ހިނގާފައިވާ ކަމަށް ސާބިތުކުރެވޭ އިތުރު ހެކިތައް ޝަރީޢަތަށް ހުށަހަޅާފައިވާ ކަމާއި އެގޮތުން އަނިޔާ ލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރި ސައިކޮލޮޖިސްޓްގެ ހެކިބަހުން މި ހާދިސާގެ ފަހުން ކުއްޖާއަށް ބަދަލުތަކެއް އައިކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވާ ކަމާއި، ކުއްޖާގެ ދިރިއުޅުމުގައި އެއްވެސް ކަހަލަ ނަފްސާނީ ނުވަތަ ޖިސްމާނީ ގޯނާއެއް ލިބިފައިވޭތޯ ބެލެވުނުއިރު، ކުއްޖާ މެދު މިންވަރާއި މަތީ މިންވަރާއި ދެމެދު ލެވެލްއަކަށް ޖިންސީ ގޯނާ ތަހައްމަލް ކޮށްފައިވާކަން ދެނެގަނެވިފައިވާ ކަމާއި، މީގެ އިތުރުން ކުއްޖާގެ އިޖުތިމާޢީ ޙާލަތު ދެނެގަތުމާ ބެހޭ ރިޕޯޓް ތައްޔާރު ކުރި ފަރާތުގެ ހެކިބަހަށް ބަލާއިރު ކުއްޖާއަށް ނަފްސާނީ އަސަރުތަކެއް ކޮށްފައިހުރިކަން އެނގޭތީ، ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތް ކަމަށް ބެލެވޭކަން.

5.5 ކުއްޖާ އެކި މަހައްލުގައި އެކި މިންވަރަށް ހާދިސާ ކިޔައިދިނުމަކީ ކުއްޖާއާމެދު ހާދިސާ ހިނގައިދިޔަކަމަށް ބެލުމުގައި ފުށުއެރުންތަކެއް ހުރީ ކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމާއި، ކުއްޖާގެ މަންމަގެ ހެކިބަހަށް ބަލާއިރު، އެކި މަހައްލުގައި ކުއްޖާ ކިޔައިދީފައިވަނީ އެއް ވާހަކައެއްކަން އެނގޭކަމާއި، މި ކިޔައި ދިނުމުގައި ތަޢާރުޟެއް އޮތް ކަމަކަށް ނުފެންނަކަމުން، ކުއްޖާގެ މަންމަ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، ޝަރީޢަތަށް ދީފައިވާ ހެކިބަހާއި ސައިކޮލޮޖިސްޓަށް ކިޔާދީފައިވާ ކިޔައި ދިނުމުގައި ބޮޑު މީހަކު ވާހަކަ ކިޔާދޭއިރު ހުރެގެން ނުވާނެ ފުށުއެރުންތަކެއް ހުރި ކަމަކަށް ނުދެކޭކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޚުލާސާ

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން އަޙްމަދު ނާފިޢުގެ ފަރާތުން 12 (ބާރަ) ސަބަބެއް ހުށަހަޅާފައިވާ ނަމަވެސް، މި ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ އަންނަނިވި 7 (ހަތެއް) ސަބަބު ކަމުގައިވާތީ އެ ސަބަބުތަކަށް ބަލައިލާނަމެވެ. އެއީ:

6.1 މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ކުޑަކުދިންގެ ހެކިބަސް ނެގުމުގެ ބަދަލުގައި މަޤުބޫލު ސަބަބެއް ނެތި، އެ ކުދިން ލިޔުނު ކަމަށް ބެލެވޭ ލިޔުންތަކަކަށް ޝަރީޢަތުން ބުރަދަންދެއްވައި، މައްސަލަތަކުގައި އަނގަބަހުން ހެކިބަސް ނެގުމުގެ އުސޫލު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުމާއި، ދަށު ކޯޓުން އެފަދައިން ނެގި ހެކިބަހަކަށް ރިޢާޔަތްކޮށްފައި އޮތް އޮތުމުގެ މައްޗަށް ތާއީދުކުރުމުގައި އެކަން އެހެން ކުރި ސަބަބު ބަޔާންވެފައި އޮތުމުގެ އުސޫލަށް ރިޢާޔަތްނުކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

6.2 ކުއްޖާ ބުނާ ބުނުންތައް މާނަކުރައްވައިގެން ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ، ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 11] ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.އަޙްމަދު މުޚްތާރު ޤަޟިއްޔާއާއި ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހު ޤަޟިއްޔާއިން ގާއިމުކޮށްފައިވާ އުސޫލާ ޚިލާފަށް، ޝަކުވާކުރި ކުއްޖާ ބުނާ ބުނުން މައްސަލައިގެ އަސާސަކަށް ބަލައިގެން ކަމަށާއި، ކުއްޖާ ބުނި ބުނުމުގެ އެތެރެފުށާއި ބޭރުފުށުން އެއްގޮތްވާކަން ކަނޑައެޅުމުގައި ކުއްޖާގެ ބަސް ވަޒަންކުރުމުގެ އުސޫލާ ޚިލާފުވެފައިވާ ކަމަށާއި، ކުއްޖާ އެކި މަހައްލުގައި ބުނެފައިވާ ބުނުންތަކުގައި ފެންނާންހުރި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވާ ކަމުގައި ނިންމާފައިވަނީ އިސްވެ ފާހަގަކޮށްފައިވާ މައްސަލަތަކުގައި؟ ގާއިމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، އަދި މި ނުކުތާތަކަށް ރިޢާޔަތްނުކުރި އެއްވެސް ސަބަބެއް ހައިކޯޓުން ބަޔާންކުރުމަކާ ނުލައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛

6.3 މައްސަލައިގައި ދައުލަތުން ހުށަހެޅި އެންމެ މުހިންމު ހެކީންގެ ތެދުވެރިކަމާމެދު ސުވާލު އުފެދިއްޖެކަން ހާމަޔަށް އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތްނުކޮށް، އެއްބާވަތެއްގެ ކަންކަމުގައި ދެ އުސޫލަކުން އަމަލުކޮށް، އަދުލުއިންސާފުގެ ހަމަތަކާ އިދިކޮޅަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް އިންސާފުން ޝަރީޢަތްކުރުމުގެ އުސޫލާ ޚިލާފަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު؛

6.4 މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) އިން ކަނޑައަޅާފައިވާ ހެއްކަށް ކުރާ އިއުތިރާޒަށް ގޮތެއް ނުނިންމައި ޝަރީޢަތް އިތުރަށް ކުރިޔަށް ނުގެންދިއުމުގެ އުސޫލާއި، އެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އައު ހެކި ލިބުމުން އަލުން ޝަރީޢަތް ހުޅުވާލުމުގެ އުސޫލާ ޚިލާފަށް ކަމަށްވާއިރު، ހައިކޯޓުން ގޮތް ނިންމުމުގައިވެސް އެ ދެ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ސަބަބު؛ 5 ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޝިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.އަޙްމަދު މުކްޠޮޒު-ޤާޝިއްޔާއާއި، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހު ޤަޝިއްޔާ

6.5 މައްސަލަ ނިންމުމުގައި މުޙައްމަދު ނާފިޢުގެ އަޚްލާޤާ ގުޅިގެން ވަކި ކަންތައްތަކެއް ކަނޑައެޅުމުގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވުމާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 121 ވަނަ ނުކުތާގެ ފާހަގަކުރުންތަކުގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާ ފުށުއަރާ ކަންތައްތަކެއް ހުރުމުން، އިސްތިއުނާފުކުރެވޭ މި ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު؛

6.6 ކުއްޖާގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓް އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި ސޯޝަލް ރިޕޯޓާމެދު އިޖުރާއީ ގޮތުންނާއި މައުޟޫޢީ ގޮތުން އުފެދިފައިވާ ޝައްކުތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއް ނެތި، އެ ރިޕޯޓުތައް ހެއްކެއްގެ ގޮތުގައި ބަލައިގަނެ، ބުރަދަންދީފައިވަނީ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލޭ ގޮތަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު؛ އަދި

6.7 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އައު ހެކި ބަލައިގަތުމުގެ އުސޫލު ތަޠުބީޤުކޮށް، ކުއްޖާގެ ބައްޕަ 12 ނޮވެންބަރު 2023 ގައި ދީފައިވާ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހަޅާ ސަބަބު.

7މި މައްސަލައިގައި ގޮތް ކަނޑައެޅުމަށްޓަކައި، މި ކަންކަމަށް ވަކިވަކިން ބަލާލާނަމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުން

8މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ކުޑަކުދިންގެ ހެކިބަހަކީ ފަނޑިޔާރު އެ ކުދިންނާ ސުވާލުކުރުމުން އެ ކުދިން ލިޔުނު ކަމަށް ބެލެވޭ ލިޔުންތަކެއް ކަމަށާއި، މިފަދައިން ހެކިބަސް ނެގީ މަޤުބޫލު ސަބަބެއް ނެތި ކަމަށާއި، މައްސަލަތަކުގައި އަނގަބަހުން ހެކިބަސް ނެގުމުގެ އުސޫލު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކުޑަކުދިން ދީފައިވާ ހެކިބަހަށް ޝަރީޢަތުން ބުރަދަންދީ މައްސަލަ ނިންމާފައި އޮތް އިރު، ސަބަބު ބަޔާންކުރުމަކާއި ނުލައި އެފަދައިން ނެގި ހެކިބަހަކަށް ހައިކޯޓުން ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފު ކަމެއް ކަމަށް މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެ އެވެ. މި ނުކުތާ ތަފްސީލުކުރަމުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ފިޔަވާ އެހެން ކުދިންނަށް ތަރުޖަމާނަކު ނުވަތަ އެހެންވެސް ފަރާތެއް މެދުވެރިކޮށްގެން ހެކިބަސް ނެގުމަކީ ހައްލު ހޯދާދިނުމުގެ އުސޫލު އިސްކުރުން ކަމުގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ފާހަގަކުރުން ހައިކޯޓުން ދަމަހައްޓާފައިވަނީ އިތުރު ތަފްސީލެއް ދިނުމަކާ ނުލައި، އެކަމަކީ ޤާނޫނާ ޚިލާފުކަމެއް ނޫންކަމުގައި ބުނެ ކަމުގައިވާތީ، އެ ނިންމުމަކީ އަނގަބަހުން ހެކިބަސް ނެގުމުގެ އުސޫލާއި ސަބަބު ބަޔާންކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެފައިވެއެވެ.

9މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ކުޑަކުދިންގެ ހެކިބަސް ލިޔުމުން ނަގާފައިވަނީ ޖިންސީ ގޯނާއާ ގުޅޭ ވާހަކަތައް ކިޔައިދޭން އުނދަގޫ ކަމަށް ބުނެފައިވާތީ އެ ކުދިން ހިމާޔަތްކުރުމުގެ ގޮތުން ކަމާއި، މިގޮތަށް ކުދިންގެ ބަޔާން ނަގާފައިވަނީ ކުޑަކުދިންގެ ބަޔާން ނެގުމާ ގުޅޭގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާ ޚިލާފަށް ނޫންކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 12 ވަނަ ނަންބަރަށް ބެލުމުން، އެ ކޯޓުން ގޮތް ނިންމާފައިވަނީ ކުޑަކުދިންގެ ހެކިބަސް އެފަދައިން ނަގަން މެދުވެރިވި ސަބަބަށާއި އެކަން ކޮށްފައިވާ ގޮތަށް އަލިއަޅުވާލުމަށްފަހު ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

10ކުޑަކުއްޖެއްގެ ހެކިބަސް ހޯދާނެ ގޮތް ބަޔާންކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މި ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެންނެވެ."

11ސުވާލަކީ، މި މައްސަލައިގައި ހެކިބަސް ނެގިއިރު، ކުދިންގެ ހެކިބަހުގެ ގޮތުގައި އެކުދިން ކުރެހި ކުރެހުމެއް ނުވަތަ ލިޔުނު ލިޔުމެއް ބޭނުންކުރުމަކީ މި މާއްދާއާ ޚިލާފުކަމެއްތޯ ނުވަތަ ނޫންތޯއެވެ.

12މައްސަލަ ކްރިމިނަލް ކޯޓުން ބެލިއިރު، ކުޑަކުދިންގެ ހެކިބަސް އެގޮތުގައި ނަގާފައިވާނަމަވެސް، އެކަން އެގޮތުގައި ކުރުމަށް ހުރަހެއް ނެތްކަމުގައާއި، ކުދިންގެ ހެކިބަސް ކުރެހުމުން ނުވަތަ ލިޔުމުން ނެގުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ބެލެވިދާނެ ޤާނޫނީ ހަމައެއް ނެތްކަމުގައާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 167 ވަނަ މާއްދާ އަށް ބެލުމުންވެސް، މީހެއްގެ ޚާއްޞަ ޙާލަތަކަށް ރިޢާޔަތްކުރެވިދާނެ ކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

13މި ނުކުތާގައި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ވަކި ސުރުޚީއެއްގެ ދަށުން އެ ނުކުތާއާ ގުޅޭ ކަންކަން ފާހަގަކޮށް، ކުދިންގެ ބަޔާން ނެގުމުގައި އަމަލުކޮށްފައިވާ ގޮތަށާއި، ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކުރާ އުސޫލާ ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅާފައިވެއެވެ.

14HN1HN2އެހެންކަމުން، މިއީ ކްރިމިނަލް ކޯޓުން ކުޑަކުދިންގެ ހެކިބަސް ނެގުމާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ހައިކޯޓުން ގޮތް ކަނޑައެޅުމުގައި ސަބަބު ބަޔާންކުރުމަކާ ނުލައި ތާއީދުކުރުން ކަމުގައި، އަދި އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފު ކަމެއްކަމަށް ބެލިދާނެކަމުގެ މައްޗަށް ބަލާއިރު:

14.1. މި ނުކުތާގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ތަފްސީލުތައް ދިނުމާއެކު ކްރިމިނަލް ކޯޓުން އެ ނުކުތާގައި ކަނޑައަޅާފައި އޮތް ގޮތަށް ތާއީދުކޮށް ކަމުގައިވާތީ އާއި؛

14.2. ކުޑަކުދިންގެ ވިސްނުމާއި ވައްޓަފާޅިއާއި ކަންކުރާގޮތަކީ އެކި ކުދިންގެ މެދުގައި ތަފާތު، އަދި އަމުދުން ބޮޑެތި މީހުންގެ ވިސްނުމާއި ވައްޓަފާޅިއާއި ކަންކުރާގޮތާއި އެއް ހަމައަކުން މިނިދާނެ ކަންކަން ކަމުގައި ނުވެފައި، ޤާނޫނުއަސާސީންވެސް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން އަދި އެއީ އެކުދިންގެ ޙައްޤެއްކަން ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އޮތުމުން، ކުޑަކުދިންނާމެދު ވަކި އުސޫލެއްގެ ތެރެއިން އަމަލުކުރުމަކީ ޢައިބު ނުވަތަ ޣައިރުޤާނޫނީ ކަމެއްގެ ގޮތުގައި ބެލެން ނެތަތީ އާއި؛

14.3. ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކުރާ މަޤްސަދަށް ބެލުމުގެ އުސޫލު 11 ނުވަތަ ހައްލު ހޯދާދިނުމުގެ އުސޫލު 12 ތަޠުބީޤު ކުރިނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްސަދަކީ އާންމުކޮށް އަމަލުކުރާ އުސޫލުތަކާއި ތަފާތުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުން ކަމުގައިވެފައި، 13 ބުނެވުނު މާނަކުރުމުގެ ހަމަތަކުގެ އަލީގައި އެ ޤާނޫނުގެ 48 ވަނަ މާއްދާގެ މަޤްސަދަކީ ހަމައެކަނި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެނޫން ކުދިންގެ ބަޔާން ނެގުމުގައި ތަފާތު ގޮތްތަކެއްގެ ތެރެއިން އަމަލުކުރުން ކަމުގައި ނުބެލެވޭތީ، އަދި އެ މާއްދާގެ މަޤްސަދަކީ ކުޑަކުދިންގެ ބަޔާން ނެގުމުގައި ޚާއްޞަ ގޮތްތަކެއް ގެންގުޅެ، އެކުދިންނަށް ކުރިމަތިވެފައިވާ ކަންކަން އެކުދިން ތެދުބަހުން ބަޔާންކުރުމަށް ބާރު އަޅައި، އެގޮތުގެ މަތިން އަމަލުކުރުންކަމުގައި އެ ޤާނޫނުގެ މަޤްސަދަށް ބެލުމުން ސާފުކޮށް އެނގެން އޮންނާތީ 14 އާއި؛

14.4. ކުޑަކުދިންގެ ހެކިބަސް ނެގުނު ގޮތުން މުޙައްމަދު ނާފިޢުގެ ޙައްޤުތަކަށް އުނިކަން އައިސްފައިވާކަމަށް އެފަރާތުން ބުނެފައިވާއިރު، ހެކިބަސް އެފަދައިން ނެގުމުން އެފަރާތުގެ ޙައްޤަށް އުނިކަން އަންނަގޮތެއް ބަޔާންކޮށްދީފައިނުވާތީ؛ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައި ކަނޑައެޅޭނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. 11 ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި، އެ އުސޫލަކީ "[...] ކަނޑައެޅިގެން ވަކި ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްސަދަށް ބަލައި، އެ މަޤްސަދު ދެނެގަތުމަށްފަހު، އެ މަޤްސަދާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ މަޤްސަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން، އެ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުމެވެ." މިފަދައިން އޮވެއެވެ. 12 ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި، އެ އުސޫލު "[...] ޤާނޫނު މާނަކުރުމުގައި ބޭނުންކުރާނީ، އެ ޤާނޫނުން ޙައްލު ހޯދައިދިން މައްސަލަ، އޭގެ ރަނގަޅު މަޙައްލުގައި، އަލަށް ދިމާވަމުން އަންނަ ކަންކަމަށާއި ޙާލަތްތަކުގެ މައްޗަށް ހިނގާނޭހެން، އެ ޤާނޫނެއް ތަންފީދުކުރަމުން ދިޔުމަށެވެ" މިފަދައިން އޮވެއެވެ. 13 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) 14 އބމ ގެ (ހ)، (ނ) އަދި (ކ). ކުއްޖާގެ ހެކިބަސް އަސާސަކަށް ބެލުން އަދި ބަސް ކަށަވަރުކުރުން

15ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޝަކުވާކުރި ކުއްޖާ ބުނާ ބުނުން މައްސަލައިގެ އަސާސަކަށް ބަލައިގެން ކަމަށާއި، ކުއްޖާ އެކި މަހައްލުގައި ބުނެފައިވާ ބުނުންތަކުގައި ފެންނާންހުރި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، ކުއްޖާ ބުނި ބުނުމުގެ އެތެރެފުށާއި ބޭރުފުށުން އެއްގޮތްވާކަން ނިންމާފައިވަނީ ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 11] ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.އަޙްމަދު މުޚްތާރު ޤަޟިއްޔާއާއި ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހު ޤަޟިއްޔާއިން ގާއިމުކޮށްފައިވާ އުސޫލާ ޚިލާފަށް ކަމުގައިވާހިނދު، ހައިކޯޓުގައި އެކަންކަން ފާހަގަކުރުމުން އެ ނުކުތާތަކަށް ރިޢާޔަތްނުކުރި އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި، ހައިކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ޚިލާފަށް ކަމަށް މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެއެވެ.

16މިގޮތުން، ކުއްޖާގެ ބަހަކީ އެންމެ ފުރަތަމަ ބަލަންޖެހޭ ކަން ކަމުގައާއި އެކަން ކުރުމަށް ބަރޯސާވެފައިވަނީ ތަޙުޤީޤު އިންޓަރވިއުގެ ވީޑިއޯ ރެކޯޑިންގއަށް ކަމަށާއި، ހައިކޯޓުން އެ ރެކޯޑިންގ އެއްވެސް ވަރަކަށް ބަލާފައި ނުވާކަމަށާއި، ހައިކޯޓުން ކުއްޖާގެ ބަސްކަމުގައި ބަލާފައިވަނީ ކުއްޖާގެ ނަމުގައި ތަޙުޤީޤުކުރި ފަރާތުން ހަދާފައިވާ ބަޔާނަށް ކަމަށާއި، ތަޙުޤީޤު އިންޓަރވިއުގެ ވީޑިއޯ ރެކޯޑިންގއަށް ބެލުމުން އޭގެން ކުއްޖާ ބުނިކަމަށް ފެންނާން ނެތް ކަންކަން ލިޔުމަށް ތިރިކޮށްފައިވާތީ، ލިޔުމުން އޮތް ކުއްޖާގެ ތަޙުޤީޤު ބަޔާނަކީ ކުއްޖާ ދައްކާފައިވާ ވާހަކަތައް ކަމުގައި ބެލެވޭނެ ގޮތެއް ނެތް ކަމުން، ތަޙުޤީޤު އިންޓަރވިއުގެ ވީޑިއޯ ރެކޯޑިންގއަށް ރިޢާޔަތް ނުކޮށް ހައިކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅާފައިވާ ކަމުގައި މުޙައްމަދު ނާފިޢުގެ ފަރާތުން މި އިސްތިއުނާފީ ނުކުތާ ހުށަހަޅަމުން ފާހަގަކޮށްފައިވެއެވެ.

17މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި، ކުއްޖާގެ ހެކިބަހަށް ބުރަދަން ދިން ސަބަބުތައް ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 22 އިން 27 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަމަށާއި، ކުއްޖާ ބުނާ ފަދައިން މުޙައްމަދު ނާފިޢުގެ ފަރާތުން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން އަންގައިދޭ ހެކި ޤަރީނާ ލިބިފައިވާނަމަ ކުއްޖާގެ ބަހަކީ ތެދު ކަމަށް ބަލަންޖެހޭ ކަމަށް ދައުލަތުން ބުނެއެވެ. މީގެ އިތުރުން، މައްސަލައިގައި ކުއްޖާ 1 އެކި މީހުންގެ ގާތުގައި ވާހަކަ ދައްކާފައިވަނީ އެކި ގޮތްގޮތަށް ކަމަށްވާތީ އެ ވާހަކަތަކަކީ ކުއްޖާ 1 ހަދަހަދައިގެން ދައްކާ ވާހަކަތަކެއްތޯ ބަލާއިރު، ކުއްޖާ 1 އަކީ ކުޑަކުއްޖަކަށްވާއިރު، ކުޑަކުދިންނަށް ދިމާވާ ކަންތައްތައް ކިޔައިދޭނީ އެ ކުއްޖަކަށް އެ މީހަކާމެދު ރައްކާތެރިކަމާއި ގާތްކަން އިޙްސާސްކުރެވޭ އެ ކުދިން އިތުބާރުކުރެވޭ މީހުންނަށް ކަމީ މަންޠިޤީ އުސޫލުން ވިސްނާއިރުވެސް އެނގެން އޮތް ޙަޤީޤަތެއް ކަމާއި، އެ ކުއްޖާ އެކި މަހައްލުގައި އެކި މިންވަރަށް ހާދިސާ ކިޔައިދިނުމަކީ ކުއްޖާ ހާދިސާ ހިނގައިދިޔަ ގޮތް ކިޔާދިނުމުގައި ފުށުއެރުންތަކެއް ހުރީކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހައިކޯޓު ރިޕޯޓުގެ 30 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަމާއި، ކުއްޖާގެ މަންމަގެ ވާހަކަތަކުގައިވެސް ބޮޑު މީހަކު ވާހަކަ ކިޔާދޭއިރު ހުރެގެން ނުވާނެ ފުށުއެރުންތަކެއް ހުރި ކަމަށް ނުބެލެވޭ ކަމުގައި ހައިކޯޓުގެ ރިޕޯޓުގެ 31 އަދި 32 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ކަމުގައިވެސް ދައުލަތުން ބުނެއެވެ.

18ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓަށް އިސްތިއުނާފު ކުރިއިރު، މި ނުކުތާ އެ ކޯޓުގައިވެސް އިސްތިއުނާފުކޮށްފައިވާތީ، އެ ކޯޓުން ގޮތް ނިންމުމުގައި ވަކިން އެކަންކަން ބަލައި ވަޒަންކޮށްފައިވާކަން ހައިކޯޓުގެ ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ. އެގޮތުން، ޖިނާއީ މައްސަލަތަކުގައި ހެކި ލިބޭނީ އެކި ގޮތްގޮތަށް ކަމަށާއި، މި އުސޫލުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާ ގުޅިގެންވެސް ހެކި ލިބިފައި ހުންނަނީ އެކި ފަހަރު އެކި ގޮތަށް ކަމަށްކަން ފާހަގަކޮށް، ކުއްޖާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވެއެވެ.

19HN3ކުޑަކުއްޖާ ތަޙުޤީޤަށް ދިން ބަޔާނުގައި ހިމަނާފައިވާ ވާހަކަތަކަކީ ކުއްޖާ ދައްކާފައި ނުވާ ވާހަކަތަކެއް ކަމުގައި ބުނުމުގެ މައްޗަށް ބަލާއިރު:

19.1. އާންމު ދިރިއުޅުމަށް ބެލި ނަމަވެސް، ކުޑަކުދިންނާއި ބޮޑެތި މީހުން މުޢާމަލާތްކުރަނީ ތަފާތުކޮށް ކަމަށާއި، އެކި ކުޑަކުދިންގެ މެދުގައިވެސް ޝުއޫރު ފާޅުކުރުމުގައި ތަފާތުތަކެއް ހުންނަކަމާއި، ކުއްޖާއަކީ ޖިންސީ ކުށްފަދަ، ނުރައްކަލަކަށް ހުށަހެޅިފައިވާ ކުއްޖެއްނަމަ، އެކަން އެކިކުދިންގެ ފުށުން ފެންނަނީ (manifest) އެކި ގޮތްގޮތަށް ކަމާއި، އެކި ކުދިންގެ ފުށުން ހާދިސާ ހިނގާދިޔަގޮތް ދެނެގަތުމަށް އެކި އުކުޅު ގެންގުޅެންޖެހޭކަން؛ އަދި

19.2. ކުޑަކުދިންގެ ބަހުން (އެއީ ބަޔާނެއް ނުވަތަ ހެކިބަހެއް ކަމުގައި ވީނަމަވެސް) ދޭހަވާ މާނައަކީ ކޮބައިކަން ދެނެގަންނަންވާނީ ކުރާ ސުވާލާއި، ސުވާލުކުރާ ގޮތާއި، ކުދިންގެ އުމުރާއި، ކޮގްނިޓިވް ޑިވެލޮޕްމަންޓް (cognitive development) އާއި، ހަނދާނާއި، އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް އެ ކުއްޖަކު ބަސްބުނުމުގައި ހެއްލިދާނެ މިންވަރު (suggestibility) ފަދަ ކަންކަމަށް ބަލާފައިކަން ފާހަގަކުރަމެވެ.

20މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ބުނާ އުސޫލަކީ މި ބާވަތުގެ މައްސަލަތަކުގައި ޤަބޫލުކުރަންޖެހޭ އުސޫލެއްކަމުގައި ބަލާނަމަ، ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނިކުތުމުގެ އިހްތިމާލު ބޮޑެވެ. މިސާލަކަށް، ކުއްޖާއަކީ ވާހަކަދެއްކޭ އުމުރުގެ ކުއްޖެއް ކަމުގައި ނުވާނަމަ، މުޙައްމަދު ނާފިޢުގެ ފަރާތުން ބަސް ނަގަންޖެހޭކަމަށް ބުނާ އުސޫލުން އެކުއްޖެއްގެ ބަސް ނެގޭނެ ގޮތެއް ނުއޮންނާނެއެވެ.

21HN4އެހެންކަމުން، އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، ކުޑަކުއްޖާ ތަޙުޤީޤަށް ދިން ބަޔާނަކީ އެކުއްޖާއަށް ޖިންސީ ގޯނާކުރި ކުރުމުގެ ތަފްސީލާގުޅޭ ގޮތުން އެކުއްޖާއަށް ވާހަކަ ދައްކަން ދަތިވުމުން، އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކުއްޖާގެ ބަސްހޯދައި، އެ ކަންކަން ބަޔާނަކަށް ތިރިކުރުމަކީ އޭގައި އުސޫލީ މައްސަލަތަކެއް ހުރިކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ބަޔާންތަކަށް ބެލުމުން، އެ ބަޔާންތަކަކީ ކުއްޖާ އޯޑިއޯ ވީޑިއޯ ރެކޯޑިންގްގައި ދައްކާފައިވާ ވާހަކަތައް، ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރާނެ ފަރާތެއްގެ ހާޒިރުގައި ލިޔެފައިވާ ބަޔާނަކަށް ތިރިކޮށްފައިވާ ޙާލަތެއްކަން އެނގެން އޮތުމުން، ލިޔުމުން އޮތް ބަޔާނުގައި ކުއްޖާގެ ބަސް ސީދާ ކުއްޖާ ބުނެދިން ގޮތުގައި ބަޔާން ނުކުރެވި ވުމުގެ އިހްތިމާލު އޮތްކަމުގައި ބެލިނަމަވެސް، ލިޔުމުންވާ ބަޔާނާއި އޯޑިއޯ ވީޑިއޯ ރެކޯޑިންގްގައި ހުރި މައުލޫމާތަކީ ތަފާތު މަޢުލޫމާތެއް ކަމުގައި ބަލަންޖެހޭ ސަބަބެއް ނެތެވެ.

22ހަމަ އެއާއެކު، ކުއްޖާގެ ބަހަކީ އެތެރެފުށާއި ބޭރުފުށުން ތެދު ބަހެއްކަން ކަށަވަރުކުރުމުގެ ގޮތުން، ކުއްޖާގެ ބަހާއި މައްސަލައިގައި ބަޔާންދީފައިވާ އެހެން ފަރާތްތަކުގެ ބަޔާންތައް ބެލުމުން، ވާހަކަތައް ބަޔާންކޮށްދިނުމުގައި ކުދި ތަފާތުކުރުންތަކެއް ހުރިނަމަވެސް، ބުނާބަހާމެދު ޝައްކު އުފެދޭފަދަ ނުވަތަ ހުރެގެން ނުވާނެފަދަ ފުށުއެރުންތަކެއް ހުރި ކަމަށް ނުބެލެވޭތީ، އަދި ހައިކޯޓުން މައްސަލައަށް ގޮތް ނިންމުމުގައި އެކަންކަން ފާހަގަކޮށްފައިވާތީ، ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ހައިކޯޓުގެ ނިންމުން ޤާނޫނީގޮތުން ގޯސްކަމުގައި ކަނޑައެޅިދާނެ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

މުޙައްމަދު ނާފިޢުގެ ހުށަހެޅި ހެކި ބަލައިނުގަތުން

23މައްސަލަ ނިންމުމުގައި މުޙައްމަދު ނާފިޢުގެ އަމަލުތަކާ ގުޅޭގޮތުން ގޮތް ކަނޑައެޅުމުގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 121 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާ ފުށުއަރާ ކަންތައްތަކެއް ހުރުމުން، އިސްތިއުނާފުކުރެވޭ މި ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މުޙައްމަދު ނާފިޢުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ. މި ނުކުތާ ތަފްސީލުކުރަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ

(ރ) ގައި "މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށްބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ޝަރީޢަތް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެ" ކަމުގައި ބަޔާންކޮށްފައި އޮތުމުން، މިއީ އިބްތިދާއީ މަރުހަލާގައި ހާމަނުކުރާ ހެކި ޝަރީޢަތް ފެށުމަށްފަހު ހާމަވާ ޙާލަތުގައި އަމަލުކުރެވޭނެ މާއްދާއެއް ކަމުގައި މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެއެވެ. އެގޮތުން، ކުއްޖާގެ ބަހާއި ފުށުއަރާ ގޮތަކަށް ހާދިސާއަށްފަހު ކުއްޖާގެ އަމަލުތައް ހުރިކަން އެނގޭނެ ހެކި ހުށަހެޅުމުން، ދައުލަތުގެ ފަރާތުން އެކަމަށް އިއުތިރާޒުކުރާކަން ބެލުމެއް ނެތި ހެކި ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައިވާކަން މުޙައްމަދު ނާފިޢުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މިކަން ހައިކޯޓުގައި ފާހަގަކުރުމުން، އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައަޅާފައިނުވާކަންވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

24މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯއާއި ފޮޓޯތަކަކީ މައްސަލައިގައި ހެކި ހުށަހެޅުމަށް ފުރުޞަތު ދެވި އިބްތިދާއި މަރުހަލާ ނިމި ޝަރީޢަތް ފަށައި، ދެ ފަރާތުގެ ހެކިންގެ ބަސްނަގައި ނިމުނު ފަހުން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށްވެފައި، އެ ހެއްކަކީ ޢާންމު އުސޫލުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 114 ނަންބަރުގައި ބަޔާންކޮށްފައިވާ ކަމާއި، އައު ހެކި ބަލައިގަތުމުގެ އިސްތިސްނާ ޙާލަތުތައް ގޮތުގައި ސުޕްރީމް ކޯޓުގެ އާމިނަތު ނާޒުލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް މުޙައްމަދު ނާފިޢުގެ ފަރާތުން (16 މާރިޗު 2021 ދުވަހު) ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސީޑީގައިވާ ވީޑިއޯއާއި ފޮޓޯ ޝަރީޢަތަށް ބަލައިނުގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ 33 އިން 35 އަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

25މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެއް ކަމުން، އެ މާއްދާ ތިރީގައި ނަކަލުކޮށް، އެ މާއްދާއިން ކަނޑައަޅާ ކަންކަމާގުޅޭގޮތުން އަހުރެން ދެކޭގޮތް ބަޔާންކުރާނަމަވެ.

145(ހ) ދައުލަތުން ދަޢުވާ ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ.

(ށ) ދަޢުވާ ލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅާއިރު، އެ ދިފާޢު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހެކި ހުށަހެޅުމުގައި ޢަމަލުކުރާނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށް ބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ޝަރީޢަތް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެއެވެ.

26HN5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގައި ބަޔާންކުރަނީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކަކީ ކޮބައިކަމެވެ. އެގޮތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅަންޖެހޭ ހެކި ހުށަހަޅަންޖެހެނީ ދައުލަތުން ދަޢުވާ ހުށަހަޅާއިރު ކަމުގައާއި، ދިފާޢު ސާބިތުކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ހެކި ހުށަހަޅަންޖެހެނީ އޭނާގެ ދިފާޢު ހުށަހަޅާއިރުކަން އެ މާއްދާގެ (ހ) އަދި (ށ) އިން ސާފެވެ.

27ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީ، އެ އަކުރަކީ އިބްތިދާއީ މަރުހަލާގައި ހާމަނުކުރާ ހެކި ޝަރީޢަތް ފެށުމަށްފަހު ހާމަވާ ޙާލަތުގައި އަމަލުކުރަން އޮންނަ ގޮތް ބަޔާންކުރާ އަކުރު ކަމުގައި މުޙައްމަދު ނާފިޢުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، އެ އެބުނުމަށް ބާރުދޭ އެއްވެސް ލަފުޒެއް ނެތެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބެލުމުން އެ ޤާނޫނު ފަރުމާކޮށް، އެ ޤާނޫނުގެ މާއްދާތައް ތަރުތީބުކޮށްފައިވާ ގޮތުން، ޤާނޫނުން ތަސައްވުރުކުރަނީ ޝަރީޢަތް ފެށުމުގެ ކުރިން (އިބްތިދާއީ މަރުޙަލާގައި)، ހެއްކާއި ޤަރީނާ ހިމެނޭގޮތުން މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުން ބަދަލުކުރުމާއެކު، ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް އޮތްނަމަ އެކަމެއް ހުށަހަޅައި، މައްސަލަ ކުރިއަށްދާނެ ގޮތާއި ދުވަސްތައް ކަނޑައެޅިގެން ޝަރީޢަތްކުރަން ފެށުންކަން ސާފެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގައި ހަވާލާދީފައި އެވަނީ އެ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން، އެ މާއްދާގެ (ނ) ގައިވާ ގޮތަށް ހެކި ހުށަހެޅުމުން އުފަންވާ ޙާލަތެކެވެ. އެ ގޮތުން، އެއީ އިބްތިދާއީ މަރުޙަލާގައި ހެކި ހުށަހެޅުމުން، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށް އަދި އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގެ ޚަސްމަކު ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެ ކަމުގައި ބުނާ މާއްދާއެކެވެ. ޤާނޫނުގެ އޮނިގަނޑަށާއި މަޤްސަދަށް ބެލުމުން، އެއީ އެއްވެސް ޙާލެއްގައި އައު ހެކި ހުށަހެޅުމަށް އޮތް ފުރުސަތެއްކަމުގައި އަހުރެންނަށް ނުފެނެއެވެ.

28HN6ކްރިމިނަލް ކޯޓުން މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަށް ގޮތް ކަނޑައެޅުމުގައި، މުޙައްމަދު ނާފިޢުގެ ފަރާތުން (16 މާރިޗު 2021 ދުވަހު) ހުށަހަޅާފައިވާ އައުހެކި ބަލައިނުގަނެވޭނެ ކަމުގައި ކަނޑައަޅާފައިވަނީ (1) ހެކި ހުށަހެޅުމުގެ މަރުޙަލާ ފަހަނައަޅާ ދިޔަފަހުން ހެކި ހުށަހަޅާފައި ވުމުންނާއި، (2) އެ ހެއްކަކީ އައު ހެކި ބަލައިގަނެވޭނެ އިސްތިސްނާ ޙާލަތުތައް ބަޔާންކޮށްފައިވާ އާމިނަތު ނާޒުލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންކުރާ ޙާލަތެއްގައި ހުށަހަޅާފައިވާ ހެކި ނޫންކަމުގައި ބަޔާންކޮށެވެ. މި ނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމުން، އެ ކޯޓުން އެ ނުކުތާގައި ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ބުނެ އިސްތިއުނާފީ މި ނުކުތާ ހުށަހަޅާފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ 33 އިން 35 ވަނަ ޕެރެގްރާފްގައި (ވަކި ސުރުޚީއެއްގެ ދަށުން) މިކަމާމެދު ގޮތް ކަނޑައަޅާފައިވާތީ، އަދި ހައިކޯޓުން އެ ނިންމުން ބިނާކުރި ސަބަބުތަކަކީ ޤާނޫނީ ގޮތުން ހަމަނުޖެހޭ ސަބަބުތަކެއްކަމުގެ ބަހުސް ހުށަހަޅާފައިނުވާތީ، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ އަދި މިކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވާ މިންގަނޑުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ. މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ރިޕޯޓުތަކުގެ މައްޗަށް އޮތް ޝައްކު

29ކުއްޖާގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓް، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް އަދި އިޖްތިމާޢީ ޙާލަތާގުޅޭ ރިޕޯޓާމެދު އިޖުރާއީ ގޮތުންނާއި މައުޟޫޢީ ގޮތުން އުފެދިފައިވާ ޝައްކުތައް ފާހަގަކުރުމުން، އެ ކަންކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއް ނެތި، އެ ރިޕޯޓުތައް ހެއްކެއްގެ ގޮތުގައި ބަލައިގަނެ، ބުރަދަންދީފައިވަނީ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލޭ ގޮތަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް، އެފަދައިން ނިންމި ސަބަބު ބަޔާންކުރުމެއް ނެތިކަމުގައި ބުނެ މުޙައްމަދު ނާފިޢުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކެއް ހުށަހަޅާފައިވެއެވ.

30މި ނުކުތާތައް ހުށަހެޅުމުގައި އެކި ރިޕޯޓުތަކާ ގުޅޭ ގޮތުން ވަކިވަކިން ފާހަގަވާ ކަންތައްތަކެއް މުޙައްމަދު ނާފިޢުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރިޕޯޓު އެކުލަވާލި ފަރާތުގެ ތަމްރީނާއި ތަޖުރިބާއަށާއި، ރިޕޯޓުގައި ހިމަނާފައިވާ އަދި ހިމަނާފައި ނުވާ ކަންކަމަށާއި، ކުރެވިދާނެކަމަށް އެފަރާތަށް ފެންނަ އިފްތިރާޟާ ތަކަށާއި، ރިޕޯޓު ތައްޔާރުކުރުމުގައި ބައެއް ފަރާތްތަކުގެ ބަސް ހޯދާފައި ނުވުމުގެ މައްޗަށާއި، ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގައި ހެކިބަސް ދިންއިރު މުޙައްމަދު ނާފިޢުގެ ފަރާތުން ކުރި ވަކި ސުވާލުތަކަކަށް ސީދާ ޖަވާބުދީފައި ނުވުމުގެ މައްޗަށާއި، ރިޕޯޓުތަކުގެ ނިންމުން ބިނާކުރުމަށް ބޭނުންކުރި ޓެސްޓުތަކުގެ ބޭނުންތެރިކަމާއި ޞައްޙަކަމާއި އެއަށްދީފައިވާ ބުރަދަނުގެ މައްޗަށާއި، ކުއްޖާއަށް ލިބިފައިވާ އަނިޔާ ދެނެގަނެފައިވާ ގޮތް ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހުށަހެޅުމާއެކު މުޙައްމަދު ނާފިޢުގެ ފަރާތުން އެކަންކަން އޮންނަންޖެހޭ ކަމަށް ޤަބޫލުކުރާ ގޮތް ހުށަހަޅާފައިވެއެވ. މީގެ އިތުރުން، ހައިކޯޓުގައި ނުކުތާ ހުށަހެޅުމުން، އެކަމާމެދު ހައިކޯޓުން ސަބަބެއް ބަޔާންކުރުމަކާއި ނުލައި ގޮތް ކަނޑައަޅާފައިވާކަމަށްވެސް ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓަށާއި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓަށް ހަވާލާދީ މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެއެވެ.

31މި ނުކުތާތަކުގެ ޖަވާބުގައި އިޖްތިމާޢީ ޙާލަތާގުޅޭ ރިޕޯޓަކީ ކޮން ބޭނުމެއްގައި ކޮންގޮތަކަށް ތައްޔާރުކުރެވޭ ރިޕޯޓެއްކަމާއި، މި މައްސަލައާގުޅިގެން އެ ރިޕޯޓު ތައްޔާރުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބަޔާންކުރުމާއެކު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަހްޟަރު ބަޔާންތަކަށް ހަވާލާދީ މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ތައުނުކޮށް، އިޖްތިމާޢީ ޙާލަތާގުޅޭ ރިޕޯޓަށް ބުރަދަން ދެވިގެން ނުވާނެކަމަށް މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެފައިވާ ބުނުމަށް ދައުލަތުން އިއުތިރާޒުކޮށްފައިވެއެވެ. ހަމަ މިފަދައިން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ހަދާ ގޮތަށް އަލިއަޅުވާލުމާއެކު އެ ރިޕޯޓާއި ގުޅިގެން މުޙައްމަދު ނާފިޢުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަހްޟަރު ބަޔާންތަކަށް ހަވާލާދީ ދައުލަތުގެ ފަރާތުން ރައްދުދީފައިވެއެވެ. މީގެ އިތުރުން، ކުއްޖާގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓަކީ ކުއްޖާގެ ފަރާތުން ޝަކުވާ ލިބުމުން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓުން ހާމަވި ކަންކަމަކީ ކުއްޖާގެ ބަހުގައި ސީދާ ހިމެނިފައިވާ ކަންތައްތަކެއް ނޫންނަމަވެސް، މުޙައްމަދު ނާފިޢުގެ ފަރާތުން ކުރިމަތިވި ކަންކަން ކަމުގައި އިފްތިރާޟާ ކުރެވެނީ މުޙައްމަދު ނާފިޢު ފިޔަވައި އިތުރު ފަރާތެއްގެ ކިބައިން ޖިންސީ އަމަލެއް ކުއްޖާއާމެދު ހިނގާފައިނުވާކަން ކުއްޖާގެ ފަރާތުން ބުނާތީ ކަމަށް ދައުލަތުން ބުނެއެވެ.

32އަދި މުޙައްމަދު ނާފިޢުގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި ނުކުތާތަކާ ގުޅިގެން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓަށް ހަވާލާދީ ވަކިކަމެއް ފާހަގަކޮށްފައިވާ ނުވާނަމަވެސް، ހައިކޯޓުގެ ކުއްޖާގެ ބަހުގެ ޞައްޙަކަން ބެލުމަށް ވަށައިގެންވާ ހެއްކަށް ބެލިއިރު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓަށް ހަވާލާދީފައިވުމުން، ހައިކޯޓުން އެ ރިޕޯޓު އެއްފަރާތްކޮށްފައި ނުވާކަން ދޭހަވާކަމުގައާއި، މުޙައްމަދު ނާފިޢުގެ ފަރާތުން އެދިފައިވާ ފަދައިން ކުއްޖާގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓަށް ބުރަދަން ނުދިނުމަށް ނިންމި ނަމަވެސް، މުޙައްމަދު ނާފިޢުގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކިހުރިކަމުގައި ދައުލަތުން ބުނެއެވެ.

33HN7މުޙައްމަދު ނާފިޢުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަކީ އެ ރިޕޯޓުތަކާމެދު ޝައްކު އުފެއްދުމަށް އަދި އެ ރިޕޯޓުތައް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން ހުށަހަޅާފައިވާ ހުށަހެޅުންތަކެއްކަން ސާފެވެ. އެހެންނަމަވެސް، މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން އޭނާ ހުށަހަޅާފައި އޮތްފަދައިން އޮންނަންޖެހޭ ބިނާއެއް - އެއީ އަމަލުކުރުމަށް އޮންނަ ގަވާއިދެއް، އުސޫލެއް، ނުވަތަ ރިޕޯޓު އެ ފަންނަކަށް ނިސްބަތްވާ ފަންނަށް ނިސްބަތްވާ މީހުން އަމަލުކުރަންޖެހޭ ގޮތްކަމުގައި ނުވަތަ އަމަލުކުރަން އެންމެ އެކަށީގެންވާ ގޮތްކަމުގައި ބަޔާންކުރާ ކަމާގުޅޭ ފަންނަށް ނިސްބަތްވާ ގައިޑްލައިނެއް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެއް ފަދަ އެއްވެސް ލިޔުމަކަށް ނަމަވެސް މުޙައްމަދު ނާފިޢުގެ ފަރާތުން ހަވާލާދީފައިނުވެއެވެ. އެހެންކަމުން މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ އެފަރާތުން ދެކޭގޮތުގެ މައްޗަށް ހުށަހަޅާފައިވާ ކަންތައްތަކެއް ކަމުގައި ބެލެވެއެވެ.

34ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުމެއް ސާބިތުކުރުމުގެ ބުރައަކީ ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން އުފުލަންޖެހޭ ބުރައެކެވެ. މި ބުރަ އުފުލުމުގައި މައިގަނޑު ދެ ބުރައެއް ދަޢުވާކުރާ ފަރާތުން އުފުލަންޖެހެއެވެ. އެގޮތުން، ފުރަތަމަ ކަމަކަށް، ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅަންޖެހެއެވެ. އަދި ދެވަނަ ކަމަކަށް، ހުށަހަޅާ ހެއްކަކީ އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވާންޖެހެއެވެ. މީގެ މާނައަކީ ކަމެއް ވަކިގޮތަކަށް އޮތްކަމަށް ނުވަތަ އޮންނަންޖެހެނީ ވަކިގޮތަކަށް ކަމަށް ހުށަހަޅާނަމަ، އެކަމާގުޅޭ ހެކި ޝަރީޢަތަށް ހުށަހަޅަންޖެހޭކަމެވެ. އަދި އެ ހެއްކަކީ އެނޫން ގޮތަކަށް ކަން އޮތްކަމަށް ބުނެ ހުށަހަޅާ ހެއްކަށްވުރެ، ބުރަދަންދެވޭ ފަދައަކުން އޮތް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް އޮތް ހެއްކަކަށް ވާނަމައެވެ.

35މި އުސޫލުތަކުގެ އަލީގައި އިސްތިއުނާފުކޮށްފައިވާ މި ނުކުތާއަށް ގޮތް ކަނޑައަޅާއިރު، މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ އެފަރާތުން ގަބޫލުކުރާ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ބުނުންތަކެއް ކަމުގައިވެފައި، އެ ކަންކަން އޮތީ ހަމަ ހަޤީޤަތުގައިވެސް މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިންކަން ދައްކުވާދިނުމުގެ ގޮތުން ހެއްކެއް ހުށަހަޅާފައިނުވުމުގެ އިތުރުން، މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޞައްޙަކަން ޠަޢުނުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކާއި ހެއްކަށް ހަވާލާދީ ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ކުއްޖާގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓް، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް އަދި އިޖްތިމާޢީ ޙާލަތާގުޅޭ ރިޕޯޓު އެއްފަރާތްކުރާނެ ޖާގައެއް އޮތްކަމުގައި ނުދެކެމެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އައު ހެކި

36ކްރިމިނަލް ކޯޓުން އަދި ހައިކޯޓުން މައްސަލަ ނިމުމަށްފަހު އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ 12 ނޮވެންބަރު 2023 ގައި ސޮއިކޮށް މުޙައްމަދު ނާފިޢުގެ ޢާއިލާއާ ހިއްސާކޮށްފައިވާ ބަޔާން، މޯލްޑިވްސް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އައު ހެކި ބަލައިގަތުމުގެ އުސޫލު ތަޠުބީޤުކޮށް، ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް އެދި މުޙައްމަދު ނާފިޢުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ. މި ނުކުތާ ތަފްސީލުކުރަމުން މުޙައްމަދު ނާފިޢުގެ ފަރާތުން ބުނެފައިވަނީ ކުއްޖާގެ ބައްޕަގެ ފަރާތުން ދީފައިވާ ބަޔާނުގައި، ކުއްޖާގެ ފަރާތުން ކަންވީގޮތް އޮޅުންފިލުމަށް ސުވާލުކުރުމުން މުޙައްމަދު ނާފިޢު ކުއްޖާގެ ގައިގައި އަތްލާފައި ނުވާކަމަށާއި، މުޙައްމަދު ނާފިޢުގެ ޖިންސީ ގުނަވަނެއް ކުއްޖާއަށް ދައްކާފައިނުވާކަމަށާއި، ފުލުހުންގެ ގާތުގައިވެސް އެފަދައިން ބުނެފައި ނުވާނެކަމަށާއި، ފުލުހުންނަށް ކިޔާދީފައިވަނީ ހީވިގޮތުގެ ވާހަކަ ކަމުގައި ކުއްޖާގެ ފަރާތުން ބުނެފައިވާކަމަށެވެ. އަދި މައްސަލައާ ގުޅިގެން ކުރެވުނު ތަޙުޤީޤުގައާއި ޝަރީޢަތުގެ މަރުޙަލާގައި ކުއްޖާގެ ބައްޕަގެ ބަހެއް ހޯދާފައި ނުވާތީއާއި، މި ބަޔާނުގައިވާ ވާހަކަތަކަކީ އެއްވެސް ވަރަކަށް ޝަރީޢަތުން ވަޒަންކޮށްފައިވާ ވާހަކަތަކެއް ކަމުގައިނުވާތީ، މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގެ 23 ވަނަ ޕެރެގްރާފްގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެއް ކަމުގައި ބުރަވެވޭތީ، ސުޕްރީމް ކޯޓުގެ މި މަރުޙަލާގައި އައު ހެއްކެއްގެ ގޮތުގައި އެ ބަޔާން ބަލައިގަންނަންޖެހޭ ކަމަށެވެ.

37މި ނުކުތާއަށް ރައްދުދެމުން ދައުލަތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އާމިނަތު ނާޒުލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން، އައު ހެކި ބަލައިގަތުމަށްޓަކައި ހުށަހެޅޭ އައު ހެކީގައި ތިން އުންސުރެއް ފުރިހަމަވާން ޖެހޭއިރު، އޭގެތެރެއިން އެއް ކަމަކީ އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާއާމެދު ކަންވީ ގޮތް ކުއްޖާ ތަފާތު އެކި މަހައްލުތަކުގައި އެކި މީހުންނަށް ކިޔައިދީފައިވާއިރު، އަދި ސައިންޓިފިކް ތަޙްލީލްތައް ހެދި އޭގެ ނަތީޖާއިން ވެސް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ކަށަވަރު ވެފައިވަނިކޮށް، އެތައް ޒަމާނެއް ފަހުން ކުއްޖާގެ ބައްޕަ އެކަން ދޮގުކޮށް ކުއްޖާއާމެދު ޖިންސީ ގޯނާ ކުރި މީހާއާ އެއްކޮޅަށް ބަޔާނެއް ދީފައިވުމަކީ އެ ބަޔާނުގެ ޞައްޙަކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމުން، މި މަރުހަލާގައި ހެއްކެއްގެ ގޮތުގައި އެ ބަޔާން ބަލައިގަންނަން ދައުލަތުން އިއުތިރާޒުކުރާ ކަމުގައެވެ.

38HN8މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކި ބަލައިގަންނަން ޖެހޭ ސަބަބެއްގެ ގޮތުގައި އޭނާގެ ފަރާތުން ފާހަގަކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ޙަވާލާދީ، ދަށުކޯޓަށް ހުށަހަޅާފައިނުވާ އައު ހެކި ހައިކޯޓަށް ބަލައިގަނެވިދާނެ ކަމުގައި ބަޔާންކުރުމާއެކު، އެފަދަ ހެއްކަކީ ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ އައު ހެއްކަށް ވާންޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު، ހައިކޯޓުގައި މައްސަލަ ހިންގަންޖެހެނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ ހައިކޯޓުގެ މައްސަލަ ބެލުމުގެ އަސާސް ކަމުގައި ބަލައިގެންކަމަށް ހަމަ އެ މާއްދާގައި ބަޔާންކޮށްފައި އޮތުމުންނާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނީ އެފަދައިން ކަންކުރުމުން ކަމުގައިވާތީ، މައްސަލައަކީ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާނަމަ، ދަށުކޯޓަށް ހުށަހަޅާފައިނުވާ އައު ހެކި ހައިކޯޓަށް ހުށަހެޅޭނީ އަންނަނިވި ޙާލަތްތަކުގައިކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެއީ:

(ހ) ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛

(ށ) ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛

(ނ) ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛ އަދި

(ރ) ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފްޞީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި.

39ކުއްޖާގެ ބައްޕަގެ ފަރާތުން ލިބިފައިވާ ބަޔާނަކީ އިސްވެ ފާހަގަކުރި ބާވަތްތަކުގެ އައު ހެކީގެ ތެރެއިން ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި ކަމުގައި މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާތީ، އަހުރެންނަށް އެކަމުގައި ފާހަގަކުރެވޭ ކަންކަން ތިރީގައި ހިމަނަމެވެ.

39.1 މުޙައްމަދު ނާފިޢުގެ ފަރާތުން އައު ހެއްކަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގެ 23 ވަނަ ޕެރެގްރާފްގެ (1) ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކި ކަމުގައި އެ ފަރާތުން ފާހަގަކުރާއިރު، އެ ފަދަ ހެއްކަކީ މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުޙަލާގައި ނުލިބޭ ހެކި ކަމުގައިވާންޖެހޭ ހިނދު، މައްސަލަ ދަށުކޯޓުގައި (އަދި ހައިކޯޓުގައި) ހިނގިއިރު، މުޙައްމަދު ނާފިޢުގެ ފަރާތުން އެ ހެކި ހޯދަން އެއްވެސް މަސައްކަތެއްކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔެކިޔުމުން ނުވަތަ އެފަރާތުގެ ބަހުންވެސް އެނގެން ނެތެވެ.

39.2 ދަށުކޯޓަށް ހުށަހަޅާފައިނުވާ އައު ހެކި ހައިކޯޓަށް ހުށަހެޅޭނެ ޙާލަތްތައް މޯލްޑިވްސް ލިމިޓެޑް މައްސަލައިގައި އެކަށައަޅާފައިވަނީ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި އެހެން އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫންކަމުގައި ބަޔާންކޮށްފައިވާތީއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ދަށުކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލައަށް ބެލުމުގައި އިސްވެ ބަޔާންކޮށްފައިވާ އުސޫލު ބަޔާންކޮށްފައިވާ ހިނދު، ހައިކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރާއިރު، އެފަދައިން އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.

39.3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި، ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ޙާލަތުގައި ސުޕްރީމް ކޯޓުން އެ މައްސަލައެއް މައުޟޫޢީ ގޮތުން ބެލުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، މައްސަލައަކީ ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ކަމުގައި ނުވާނަމަ، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ސުޕްރީމް ކޯޓުން މައްސަލަ ނިންމަންވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް ތަޙުވީލުކުރަން ޖެހޭކަމުގައި ވެސް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ.

39.4. ހައިކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅިދާނެ އިސްތިސްނާ ޙާލަތެއް ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި ވީނަމަވެސް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅުމާ ގުޅޭގޮތުން އެ ޤާނޫނުގައި ވަކިއެއްޗެއް ބުނެފައިނުވާތީ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއްކަމުގައި މޯލްޑިވްސް ލިމިޓެޑް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

39.5. މިގޮތުން ސުޕްރީމް ކޯޓު މަރުޙަލާގައި އައު ހެކި ބަލައިގަތުމަކީ އިސްތިސްނާ ޙާލަތްތަކުގައި ކުރެވޭ ކަމެއް ކަމުގައާއި، އެ ފަދައިން ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެކަމުގައި މިކޯޓުން ކަނޑައަޅާފައިވެއެވެ. އެގޮތުން ހުށަހެޅޭ އައު ހެއްކަކީ (ނުވަތަ ހުށަހެޅުމަކީ):

(ހ) އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުން (non-availability):

(ށ) އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (relevance)؛ އަދި

(ނ) އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (credibility): މި ތިން އުންސުރު ފުރިހަމަވާ ހެކި ކަމުގައި އާމިނަތު ނާޒުލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގައި ބަޔާންކުރެވެއެވެ.

39.6. މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހެޅި އައު ހެއްކަކީ އިސްވެ ބަޔާންކުރި އުންސުރުތައް ހަމަވާ ހެއްކެއް ކަމުގެ މައްޗަށް ބަލާއިރު، (މި ރައުޔުގެ 39.1 ގައި ބަޔާންކޮށްފައިވާ ފަދައިން) އެންމެ ފުރަތަމަ ކަމަކަށް، އެ ހެއްކަކީ މުޙައްމަދު ނާފިޢުގެ ފަރާތުން ހޯދަން މަސައްކަތެއްކޮށްފައިވާ ހެއްކެއްކަންވެސް އެނގެން ނެތެވެ. އެހެންކަމުން، އެ ހެއްކަކީ އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާފަދަ ހެއްކެއްކަން، އަދި އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކެއްކަން ކަނޑައަޅަން ނުޖެހެއެވެ.

39.7. ބަހުސްގެ ބޭނުމަށްޓަކައި، އެ ހެއްކަކީ އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލި ކަމުގައިވީނަމަވެސް، މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ތަފާތު އެކި ބާވަތްތަކުގެ ހެއްކާ އަޅާކިޔާއިރު، މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ކުއްޖާގެ ބައްޕަގެ ބަޔާނަކީ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކެއް ކަމުގައި ބެލެވޭނެ ޙާލަތެއް ނެތެވެ. އަދި އެ ހެއްކަކީ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކެއް ކަމުގައި ބަޔާންކޮށް މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅާފައިނުވެއެވެ.

40އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އައު ހެކި ބަލައިގަތުމުގެ އުސޫލު ތަޠުބީޤުކޮށް އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ 12 ނޮވެންބަރު 2023 ގައި ސޮއިކޮށް މުޙައްމަދު ނާފިޢުގެ ޢާއިލާއާ ހިއްސާކޮށްފައިވާ ބަޔާން ބަލައިގަތުމުގެ ޖާގަ އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

41މުޙައްމަދު ނާފިޢުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލައި، އަހުރެންގެ ރައުޔުގައި ފާހަގަކުރި ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާގެ ނިންމުން ބަދަލުކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

42މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

43މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ޙުކުމް ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/60 ޤަޟިއްޔާ
  3. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  4. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޟިއްޔާ
  5. ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18ޤަޟިއްޔާ
  6. ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 12 ވަނަ ނަންބަރުގައި ކުދިންގެ ބަޔާނަކީ "ތަޙްޤީޤަށް" ދިފައިވާ ބަޔާންކަމަށް ޖެހިފައިވަނީ ލިޔުމުގެ ކުށަކުންކަން މުޅި ޖުމްލައަށް ބެލުމުން ދޭހަވާކަން ފާހަގަކުރަމެވެ.
  7. ކްރިމިނަލް ކޯޓުގެ ނަންބަރު 501/Cr-C/2020 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 125 އިން 129 އަށް.
  8. ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 7 އިން 12 އަށް.
  9. ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ)
  10. އިބަމ 2
  11. އިބަމ 3
  12. އބމ 4
  13. ހައިކޯޓުގެ ނަންބަރު 2021/HC-A/398 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 19 އިން 32 އަށް.
  14. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
  15. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 106 ވަނަ މާއްދާ
  16. އބމ 19
  17. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލަ
  18. އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ)
  19. Burden of production
  20. Burden of persuasion
  21. ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޞިއްޔާގެ ޕެރެގްރާފް 14) މައްސަލައަށް ބެލުމުން، ޙަޤީޤަތްތައް (facts) ސާބިތުކުރާ މިންގަނޑަށް އަލިއަޅުވާލާ، ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލޭނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް (reasonable satisfaction) ހުށަހެޅިއްޖެ ނަމަ ކަމުގައާއި، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައި ވެގެން ނުވާނެ ކަމުގައާއި، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް، އަދި އެކަމުގެ ނަތީޖާއަށްވެސް ރިއާޔަތްތެރިކަމެއް ދީގެން ކަމުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރަމެވެ.
  22. ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
  23. އބމ 27
  24. އބމ 27 ގެ 23 ވަނަ ޕްރެގްރާފްގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ދަށުކޯޓަށް ހުށަހެޅިފައިނުވި ނަމަވެސް ހައިކޯޓަށް ހުށަހެޅިދާނެ އިސްތިސްނާ ބާވަތުގެ ހެއްކަކީ، ދަށުކޯޓު މަރުހަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޝަތުބިފައިނުވާ އައު ހެއްކެވެ.
  25. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާގެ 29 ވަނަ ޕެރެގްރާފް
  26. އބމ 27 ގެ ޕެރެގްރާފް 20 އިން 23 އަށް.
  27. އބމ 27
  28. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ) ގައި، ބުނެވުނު ފަދައިން ހައިކޯޓުން މައްސަލައެއް އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާއެއްގޮތަށް ހައިކޯޓުން ޢަމަލުކޮށްފައިނުވާނަމަ، ނުވަތަ ހައިކޯޓުން ދެވަނަ ފަހަރަށް ކުރި ޙުކުމުގައި އިސްތިއުނާފުކުރުމަށް މި ޤާނޫނު ހުއްދަކުރާ ސަބަބެއްއޮތްނަމަ، އެ މައްސަލަ ސުޕްރީމްކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.
  29. އބމ 27 ގެ ޕެރެގްރާފް 25
  30. އބމ 27 ގެ ޕެރެގްރާފް 29
  31. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާގެ 29 ވަނަ ޕެރެގްރާފް
  32. ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ