ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/19ސުޕްރީމް ކޯޓު · 2 މާރިޗު 2020

—

ސުޕްރީމް ކޯޓު
16 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 މާރިޗު 2020ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/19

ދަޢުވާކުރާ ފަރާތް: ޝަރުމީލާ ޝަރީފް

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 17 އެޕްރީލް 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 އެޕްރީލް 2014

ނިމުނު ތާރީޚް:02 މާރިޗު 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/180

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 މެއި 2013

ނިމުނު ތާރީޚް: 07 ޖަނަވަރީ 2014

ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔު: (ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

ޝަރުމީލާ ޝަރީފް (މީގެ ފަހުން "ޝަރުމީލާ ޝަރީފް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދ.މީދޫ އޮފީހުގެ ފައިސާގެ ކަންތައްތަކާ ވަގުތީގޮތުން ޙަވާލުވެގެން ހުރި ހުރުމުގައި، ސުނާމީ ކާރިސާއާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއަށް ގެއްލުން ލިބުނު ފަރާތްތަކަށް އެހީގެ ގޮތުގައި ދ.މީދޫ ގޭގެއަށް ބެހުމަށް ލިބިފައިވާ 266,888/-ރ. (ދެ ލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ) ގެ ތެރެއިން 17 ސެޕްޓެންބަރު 2009 ވަނަ ދުވަހު، 49 (ސާޅީސް ނުވައެއް) ގެއަށްވާ ފައިސާކަމުގައިވާ 89,572/-ރ. (އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އެ ގޭގެއަށް ދޫކުރުމަށްފަހު، ބާކީ ހުރި، 177,316/-ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިން ސަތޭކަ ސޯޅަ ރުފިޔާ) ޝަރުމީލާ ޝަރީފްގެ އޮފީހުގެ މޭޒުގެ ވަތްގަނޑުގައި ބަހައްޓާފައިވަނިކޮށް އޭގެތެރެއިން 13,200/-ރ. (ތޭރަ ހާސް ދުއިސައްތަ ރުފިޔާ) މަދުވެފައިވެފައިވެއެވެ.

މިހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން، ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރުމީލާ ޝަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.

ދައުލަތުގެ ފަރާތުން ބަޔާންކުރެވުނު ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 189/Cr-C/2012 ޤަޟިއްޔާގައެވެ. އަދި ބުނެވިދިޔަ ޤަޟިއްޔާ ޝަރުމީލާ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރު2013/HC-A/180 ޤަޟިއްޔާ ނިންމާފައިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު189/Cr-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއިދުކޮށެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ގަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަޔާންކޮށް ޝަރުމީލާ ޝަރީފް އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެމައްސަލަ ބެލި ގަޟިއްޔާއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު 189/Cr-C/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުމީލާ ޝަރީފް ދ.މީދޫ އޮފީހުގެ ފައިސާގެ ކަންތައްތަކާ ވަގުތީގޮތުން ޙަވާލުވެގެން ހުރި ހުރުމުގައި، ސުނާމީ ކާރިސާ އާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން ގެއްލުން ލިބުނު ދ.މީދޫ ގޭގެއަށް ބެހުމަށްޓަކައި 16 ސެޕްޓެންބަރު 2009 ދުވަހު ދ.މީދޫ އޮފީހުގެ ތިޖޫރީން ނަގާ ޝަރުމީލާ ޝަރީފްއާ ޙަވާލުކުރި 266,888/-ރ. (ދެ ލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ) ތެރެއިން 49 (ސާޅީސް ނުވައެއް) ގެއަށްވާ ފައިސާ 89,572/-ރ. (އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އެ ދުވަހު އެ ގޭގެއަށް ދޫކުރުމަށްފަހު، ބާކީ ހުރި 177,316/-ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ތިޖޫރީއަށް އަނބުރާ ޖަމާކުރުމުގެ ބަދަލުގައި، ޝަރުމީލާ ޝަރީފްގެ މޭޒު ވަތްގަނޑުގައި ޝަރުމީލާ ޝަރީފްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ، 17 ސެޕްޓެންބަރު 2009 ވަނަ ދުވަހު އެ ފައިސާގެ ތެރެއިން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، އެ ފައިސާއަށް ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށެވެ. އަދި މިއީ މިބާވަތުގެ މައްސަލައެއް ޝަރުމީލާ ޝަރީފްގެ މައްޗަށް ސާބިތުވީ ފުރަތަމަ ފަހަރު ކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް) މަސްދުވަސް، އަދި ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައިވާ ފައިސާގެ ޢަދަދަކީ ދިހަހާސް ރުފިޔާއިން މަތީގެ ޢަދަދަކަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރާއި، 01 (އެކެއް) މަސްދުވަސް، އަދި ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައިވަނީ ސަރުކާރުގެ ފައިސާއަށް ކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 143 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހާ އެކުޖުމްލަ 03 (ތިނެއް) އަހަރާއި 07 (ހަތެއް) މަސް ދުވަހުގެ މުއްދަތަށް، ޝަރުމީލާ ޝަރީފް އަރުވާލުމަށް ޙުކުމް ކޮށްފައިވެއެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ކްރިމިނަލް ކޯޓުގެ ނަންބަރު 189/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ސުނާމީ ކާރިސާ އާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން ގެއްލުން ލިބުނު ފަރާތްތަކަށް ބެހުމަށްޓަކައި ދ.މީދޫ އޮފީހަށް ލިބިފައިވާ 266,888/-ރ. (ދެ ލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށްރުފިޔާ) 16 ސެޕްޓެންބަރު 2009 ވަނަ ދުވަހު ތިޖޫރީން ނަގާ ޙަވާލުކޮށްފައިވަނީ ޝަރުމީލާ ޝަރީފުއާކަން ހެކިންގެ ހެކިބަހުންނާއި، ތިޖޫރީ ރިޕޯޓުންނާއި ފައިސާ ޚަރަދުކުރުމުގެ ހުއްދަދޭ ފޮތުން އެނގެން އޮތުން، އަދި އެކަމަށް ޝަރުމީލާ ޝަރީފުގެ ފަރާތުން އިންކާރުކޮށްފައި ނެތުން؛

16 ސެޕްޓެންބަރު 2009 ވަނަ ދުވަހު ގޭގެ އަށް ޙަވާލުކުރެވިފައިވާ ޖުމްލަ ފައިސާއަކީ 89,572/-ރ. (އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ ރުފިޔާ) ކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އެ އަދަދު ޖުމްލަ ފައިސާއިން ކެނޑުމުން ހަވާލުނުކުރެވި 177,316/-ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ހުންނަވާނެކަމުގައި ވީނަމަވެސް، 17 ސެޕްޓެންބަރު 2009 ގައި ދ.މީދޫ އޮފީހާ ޙަވާލުކޮށްފައިވަނީ 164,116/-ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ސޯޅަ ރުފިޔާ) ކަން ލިޔެކިޔުންތަކުން އެނގޭކަން، އަދި ޖުމްލަ އަދަދުން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދުވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގުން؛

16 ސެޕްޓެންބަރު 2009 ވަނަ ދުވަހު ޙަވާލުނުކުރެވިހުރި ބާކީ ފައިސާ ތިޖޫރީއަށް އަނބުރާ ޖަމާކުރުމުގެ ބަދަލުގައި އެ ފައިސާ ބަހައްޓާފައިވަނީ ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑުގައި ކަމާއި އެއީ މާލިއްޔަތުގެ ޤަވާޢިދުގެ 6.15 އާ ޚިލާފުކަމެއްކަން؛

އިސްވެ ބަޔާންކުރެވުނު 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) ގެއްލިފައިވަނީ ޝަރުމީލާ ޝަރީފުގެ ބެލުމުގެ ދަށުގައި ހުއްޓާކަން އޭނާގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން؛

17 ސެޕްޓެންބަރު 2009 ވަނަ ދުވަހު ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑު ނުހުޅުވިގެން އުޅުނުއިރު، ވަތްގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމާއި، މޭޒުގެ ވަތްގަނޑުގެ ދެ ތަޅުދަނޑިވެސް ޙަވާލުކުރެވިފައިވަނީ ޝަރުމީލާ ޝަރީފުއާކަން ހެކިންގެ ހެކިބަހުން އެނގެން އޮތްކަމާއި އަދި، އެ މޭޒުގެ އިތުރު ތަޅުދަނޑިއެއް އޮންނަކަން އެނގެން ނެތްކަން؛

ހާދިސާ ހިނގިއިރު ޝަރުމީލާ ޝަރީފު އަދާކުރަމުންދިޔަ ވަޒީފާއަކީ، އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު ކަމަށްވެފައި، ސަރުކާރުގެ އިދާރާތަކުގެ ބަޖެޓް ސެކްޝަންގައި ތިބޭ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުންވެސް ފައިސާގެ މަސައްކަތްތައް ކުރާކަން އެނގެން އޮންނާތީ އާއި، ބަޔާންކުރެވުނު ހާދިސާގެ ކުރިންވެސް ޝަރުމީލާ ޝަރީފުއާ ފައިސާގެ މަސައްކަތް ޙަވާލުކުރާކަމާއި، މަޤާމުގެ ގޮތުން ޝަރުމީލާ ޝަރީފަށްވެސް އެފަދަ މަސައްކަތެއް އޮފީހުގެ ވެރިއަކު ޙަވާލުކޮށްފައިވާނަމަ، ފައިސާގެ މަސައްކަތްތައް ކުރެވިދާނެކަން އެނގެން އޮންނަކަން؛ އަދި

ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ނަންބަރު A-375/2012/16 (02 އޯގަސްޓް 2012) އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުގައި، 01 އޮގަސްޓް 2012 ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ޝަރުމީލާ ޝަރީފު ކައުންސިލްގެ ރައީސް މުޙައްމަދު ޝާހިދު މަސައްކަތްކުރާ ބަޔަށް އައިސް އެތަނުގައި ހުރި ފައިލިންގް ކެބިނެޓެއްގެ މަތިން 6 (ހައެއް) ތަޅުދަނޑީގެ ތަޅުދަނޑިފައްޗެއް ނަގައި، އެއިން ތަޅުދަނޑިއަކުން ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑު ހުޅޭވޭކަމަށް ބުނުމުން، ޝަރުމީލާ ޝަރީފު އާއެކު މުޙައްމަދު ޝާހިދު ގޮސް، ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑަށް އެ ތަޅުދަނޑި ދެތިން ފަހަރަކު ޖަހާ، ވަތްގަނޑު ހުޅުވޭތޯ ބެލުމުން، އެ ވަތްގަނޑު ހުޅުވިފައިވާ ކަމާއި، އެ ތަޅުދަނޑިފަތި ފައިލިންގ ކެބިނެޓްގެ މަތީގައި އޮންނަތާ ދެ މަހެއްހާ ދުވަސް ވެދާނެކަމަށާއި އެކި ފަހަރު އެކި ދިމާލުން އެ ތަޅުދަނޑިފަތި ފެންނަކަމަށް އޮފީހުގެ މަސައްކަތު މީހަކު ބުނެފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ތަޅުދަނޑިފައްޗަކީ މި ހާދިސާ ހިނގިއިރު، އޮފީހުގައި އޮތް ތަޅުދަނޑިފައްޗެއްކަން ސާބިތުނުވާތީ އާއި، މި މައްސަލައިގެ ތަޙްޤީޤު މަރުޙާލާގައިވެސް އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް އެފަދަ ތަޅުދަނޑި ފައްޗެއް އޮންނަ ވާހަކަ ބުނެފައިނުވާތީ އާއި، މި މައްސަލައަކީ 2009 އަހަރުފައި ހިނގާފައިވާ ޙާދިޘާއެއް ކަމުގައިވާއިރު، 01 އޮގަސްޓް 2012 ވަނަ ދުވަހު ޝަރުމީލާ ޝަރީފުގެ ވަތްގަނޑު ހުޅުވޭ ތަޅުދަނޑިފައްޗެއް އޮތްކަން ޝަރުމީލާ ޝަރީފަށް އެނގުނު ގޮތެއް ސާފުކޮށްދެވިފައިނުވާތީ، މައްސަލައިގެ ހާދިސާ އާ މި ތަޅުދަނޑިފައްޗާ ގުޅުވާލެވެން ނެތްކަން.

އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާގައި ދަޢުވާ ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ސަބަބުތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާގެ ޙުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 189/Cr-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައެވެ.

އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާގެ ޙުކުމަށް އެ ކޯޓުން ވާސިލުވީ ސަބަބުތައް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މައްސަލައިގެ ތަޙްޤީޤު މަރުޙަލާގައި ޝަރުމީލާ ޝަރީފްގެ ފަރާތުން ހަނުހުރުމުގެ ޙައްޤު ބޭނުންކޮށްފައިވާ ހިނދު، 17 ސެޕްޓެންބަރު 2009 ވަނަ ދުވަހުގެ ހެނދުނު ޝަރުމީލާ ޝަރީފްގެ މޭޒުގެ ވަތްގަނޑު ހުޅުވުމަށްފަހު، އަނބުރާ ޙަވާލުކޮށްފައިވަނީ އެ ފައިސާގެ ތެރެއިން 164,116/-ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ސޯޅަ ރުފިޔާ) ކަމާއި، އެއީ 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދު ޢަދަދެއްކަން ހެކިންގެ ހެކިބަހުންނާއި ރަސްމީ ލިޔެކިޔުންތަކުން ސާބިތުވާކަން؛

ޝަރުމީލާ ޝަރީފްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކުގެ މައްޗަށް ދަޢުވާ އުފުލުމުގައި ތަޠުބީޤުކުރެވެންވާނީ ޤާނޫނުލްއުޤޫބާތު ނޫންކަމަށާއި، ތަޠުބީޤުކުރެވެންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަށް ކަމަށް ޝަރުމީލާ ޝަރީފް ބަޔާންކުރާއިރު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބުނެވުނު މާއްދާއަކީ އެޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންވެގެންވާފަދަ ޢަމަލެއް ކޮށްފިނަމަ، ޖޫރިމަނާކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިދޭ މާއްދާއެއްކަމަށާއި، އެ މާއްދާތަކަކީ ޝަރީޢަތުން މައްސަލައެއް ބަލައި އަދަބު ކަނޑައެޅުމަށް އޮންނަ މާއްދާތަކެއް ނޫންކަން، އަދި ދިފާޢެއްގެ ގޮތުގައި މި ނުކުތާ ޝަރުމީލާ ޝަރީފްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ފާހަގަކޮށްފައިނުވާކަން؛ އަދި

ޝަރުމީލާ ޝަރީފް ބޭނުންކުރާ މޭޒުގެ ވަތްގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް އެއްވެސް ހެއްކެއް ބުނެފައިނުވާކަމާއި އަދި ޚުދު ޝަރުމީލާ ޝަރީފްވެސް އެފަދައިން ބުނެފައި ނުވާކަމާއި، އެ އޮފީހުގެ މޭޒުގެ ވަތްގަނޑުތަކުގައި ހަރުކޮށްފައި ހުންނަ ތަޅުތަކުގައި އޮންނަނީ ދެ ތަޅުދަނޑިކަމަށްވެފައި، ހާދިސާ ހިނގިއިރު، ޝަރުމީލާ ޝަރީފްގެ މޭޒުގެ ވަތްގަނޑުގެ ދެ ތަޅުދަނޑިވެސް އޮތީ ޝަރުމީލާ ޝަރީފްގެ އަތުގައިކަން ޝަރުމީލާ ޝަރީފްގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގޭއިރު، އިތުރު ތަޅުދަނޑިއެއް އެހެން މީހެއްގެ އަތުގައި އޮންނަކަން ސާބިތުކޮށްދެވިފައި ނުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޝަރުމީލާ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގައިވާ ޚިޔާނާތުގެ ކުށަކީ، ތިމާގެ ބެލުމުގެ ދަށުގައި ހުރި އެހެން މީހެއްގެ މުދަލެއް، އެފަރާތަކުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ގެންގުޅެފައިވުމުގެ ކުށްކަމަށާއި، އެކުށުގެ ރުކުންތަކަކީ:

(ހ) މުދަލަކީ ކަނޑައެޅިފައިވާ ޤަވާޢިދުގެ މަތިން، ބެލެހެއްޓުމަށް މީހަކާއި ޙަވާލުވެފައިވާ މުދަލެއްކަށްވުން؛ އަދި

(ށ)ހަމަޔަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީވަރަށް ނެތުން؛ އަދި

(ނ) އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން ސާބިތުވުން؛ އަދި

(ރ)އެމުދާ މަދުވާންޖެހުނު ސަބަބު ނުދެއްކުން؛

ކަމަށް ބަޔާންކުރެވުނު މާއްދާއަށް ބެލުމުން އެނގެން އޮތްހިނދު، ޝަރުމީލާ ޝަރީފްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ، ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓްގައި ފައިސާއާ ޙަވާލުވެ ތާރީޚް ނުޖަހާ ސޮއިކޮށްފައި އޮތް 9 ފަރާތެއް ހިމެނޭއިރު، އަދި މި ފަރާތްތަކާ ފައިސާ ޙަވާލުކުރެވުނު ސީދާ ދުވަހެއް އެނގެން ނެތްއިރު، މިފަދަ ލިސްޓަކަށް ބުރަވެ، ޝަރުމީލާ ޝަރީފްގެ އަތުގައި ހުންނަންޖެހޭނީ ކިހާ ފައިސާއެއްކަން ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށާއި، މިކަމުގެ ސަބަބުން ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ ދަށުން ޝަރުމީލާ ޝަރީފްގެ މައްޗަށްކޮށްފައިވާ ދަޢުވާގެ ކުށުގެ ރުކުނެއް ކަމުގައިވާ "އެ މުދާ ހުންނާންވީ ވަރަށް ނެތިފައި" ވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އެހެންކަމުން، މި ދަޢުވާ ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ލިސްޓް ފުރިހަމަވެފައި ނުވާކަމަށާއި، ތާރީޚް ނެތި ފައިސާ ޙަވާލުކޮށްފައިވާކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ހުށަހެޅުނު ފޯމުގައި ފާހަގަކޮށްފައިވީ ނަމަވެސް، މިއީ ދަށު ކޯޓުގައި ނަގާފައިވާ ދިފާޢެއް ނޫންކަމުގައިވާތީ، އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނުގަންނަން ނިންމާފައިވީނަމަވެސް، މިއީ ދިފާޢުއަކަށް ވުރެ ބޮޑަށް މައްސަލަ ސާބިތުކުރަން ބޭނުންވާ ޙަޤީގަތެއް (facts) ނުވަތަ ހެކި (evidence) ކަމުގައިވާއިރު، މި ނުކުތާއަކީ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތުގެ ހައިސިއްޔަތުން ދައުލަތުގެ ފަރާތުން ހުށަހަޅަންޖެހޭ އެއްޗެއް ކަމަށާއި، ދަށުކޯޓުގައި އެކަން ހުށަނޭޅީ ކަމަށްބަލައި، އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިނުގަތުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫގެ 32 ވަނަ މާއްދާގެ މަޤްޞަދާ ޚިލާފު ޢަދުލުއިންޞާފުގެ ހަމަތައް ގެއްލޭނެ މާނަކުރުމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ޢާންމު ޤާނޫނަކީ އޭގެ ޒާތުގައި ޢަމަލުކުރަންޖެހޭ ޤާނޫނަކަށްވީ ނަމަވެސް، އާންމު ޤާނޫނެއް ވުޖޫދުގައިވަނިކޮށް އެ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ޢަމަލުކުރަމުންގެންދެވޭ ޚާއްޞަ ދާއިރާއަކަށް ޤާނޫނެއް އެކުލަވާލެވުމުން، އޭގެ ފަހުން ޢަމަލުކުރަންޖެހޭނީ އެ ޚާއްޞަ ޤާނޫނަށް ކަމުގައިވާއިރު، މި މައްސަލައިގެ ދަޢުވާ ބިނާކޮށްފައިވާ ކުށުގެ ޢަމަލަކީ، ކަނޑައެޅިފައިވާ ޤަވާޢިދުތަކެއްގެ މަތިން ބެލެހެއްޓުން ޙަވާލުކޮށްފައިވާ މުދަލެއް ބަހައްޓާފައިވަނީ އެ ގޮތާ ޚިލާފަށްކަމަށްވާއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި މި ޢަމަލު ޤާނޫނާ ޚިލާފުވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ކަމުގައިވުމުން، އަދި މި ޢަމަލާމެދު ކަންކުރާނެ ގޮތް އެ ޤާނޫނުގައި ބަޔާންވެގެންވާތީ، ޝަރުމީލާ ޝަރީފްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރެވިގެން ނުވާނެކަމަށާއި، އޭނާގެ މައްޗަށް ދަޢުވާކުރެވެންވާނީ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ކަމުގައި ބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާއާ ގުޅިގެން "ކޯޓުތަކުގެ ހަމައެކަނި މަސްއޫލިއްޔަތަކީ އެފަދަ ދަޢުވާތައް އިންޞާފުގެ ހަމަތަކާ އެއްގޮތަށް ބަލައި، އެ ދަޢުވާ ސާބިތުވާކަމަށް ނުވަތަ ނޫންކަމަށް ކަނޑައެޅުންކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވުމަކީ، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކޯޓުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވޭ އަދި ޤާނޫނުގެ ޙުކުމް ހިންގުމުގައި ޖުޑީޝަލް ރިވިއުގެ އެންމެ ބޮޑު އެއްބައި ކަމުގައިވާ އެގްޒެކްޓެވި އޮތޯރިޓީގެ ބެލެހެއްޓުން ގެއްލިގެންދާނެ ފަދަ ނިންމުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޝަރުމީލާ ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައިގަނޑު 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ ދަށުން ޝަރުމީލާ ޝަރީފްގެ މައްޗަށްކޮށްފައިވާ ދަޢުވާގެ ކުށުގެ ރުކުނެއް ކަމުގައިވާ "އެ މުދާ ހުންނާންވީ ވަރަށް ނެތިފައި" މި ރުކުން، ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، އެ އުންޞުރު ސާބިތުކޮށްދެވިފައިވާ ކަމުގައި ދައުލަތުން ދެކޭކަމުގައި ބުނެ، ދަޢުވާގެ ސީޣާގައި ބުނެފައިވާ ފައިސާއާ ޝަރުމީލާ ޝަރީފް ޙަވާލުވެފައިވާ ކަމާއި، އެ ފައިސާގެ ތެރެއިން ބައެއް ގޭގެ އަށް ދޫކުރުމަށްފަހު، ވަތްގަނޑުގައި ބަހައްޓާފައިވަނިކޮށް ގެއްލުނުކަމަށް މުޙައްމަދު ޝާހިދު ކައިރީގައި ޝަރުމީލާ ޝަރީފް ބުނިކަމަށް ބުނެ މުޙައްމަދު ޝާހިދު ދީފައިވާ ހެކިބަހަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތަށް ހުށަހެޅޭ ޤަޟާއީ ނޫން އިޢުތިރާފެއްކަމަށް ދައުލަތުން ދެކޭ ކަމަށާއި، ދަޢުވާ ސާބިތުކުރުމަށްޓަކައި ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ތިޖޫރީ ރިޕޯޓާއި، ފައިސާ ޚަރަދުކުރުމަށް ހުއްދަ ދޭ ފޮތުގައި ދަޢުވާގައި ބުނާ ފައިސާ ނެގުމަށް ހުއްދަ ހޯދުމަށް އެދި ލިޔެފައިވާ ޞަފްޙާގެ ކޮޕީ އާއި ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓާއި، ތިޖޫރީން ޝަރުމީލާ ޝަރީފް ނެގި ފައިސާގެ ޖުމްލަ ޢަދަދުން ގޭގެ އަށް ބެހި ފައިސާ އުނިކުރުމަށްފަހު، ބާކި ހުންނަންޖެހޭ ޢަދަދުން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) އުނިކުރުމަށްފަހު، ބާކީވާ މިންވަރު ތިޖޫރީ އަށް ޖަމާކޮށްފައިވާކަން އެނގޭ ރަސީދަކީ، މުހައްމަދު ޝާހިދު ދީފައިވާ ހަކިބަހުގައި ހިމެނޭ ޝަރުމީލާ ޝަރީފްގެ ޤަޟާއީ ނޫން އިޢުތިރާފު ސާބިތުކޮށްދޭ ހަރުދަނާ ޤަރީނާތަކެއް ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުން މި ދަޢުވާ ޝަރުމީލާ ޝަރީފްގެ މައްޗަށް ސާބިތުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލަކީ ދަށުކޯޓުގެ މަރުޙަލާއަށް ހުށަހެޅޭ ހެކި ޤަރީނާ ވަޒަންކުރުމަކީ ދަށު ކޯޓުގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަންކަމާއި، އެ ކަންކަމަކީ މައްސަލައިގެ ޙަޤީޤަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި، އެކަންކަމާ ގުޅިގެން ދަށު ކޯޓުން ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައެޅޭނެ ކަންކަން ނޫން ކަމެވެ. މި މައްސަލައިގައި ޝަރުމީލާ ޝަރީފްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީޢަތް ހިނގަމުންދިޔައިރު، ފައިސާއާ ޙަވާލުވެފައި ނުވާނެކަމަށް ބުނެފައި ނުވާކަމަށާއި، ފައިސާގެ ޢަދަދުތަކާ މެދުވެސް ސުވާލު އުފައްދާފައިނުވާކަމާއި، ޝަރުމީލާ ޝަރީފްގެ ދިފާޢުއެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދޭން މަސައްކަތްކޮށްފައިވަނީ ފައިސާ ގެއްލިފައިވަނީ މީހަކު އެ ވަތްގަނޑަށް ގެއްލުންދީ ވައްކަންކުރުމުގެ ސަބަބުން ކަމަށްވާއިރު، ސާބިތުވާ ޙަޤީގަތަކީ އެ ފައިސާ ޝަރުމީލާ ޝަރީފް ޙަވާލުވެފައިވާކަމެވެ. އެހެންކަމުން ދަށުކޯޓުގައި އެކަމެއްގެ މަޢުލޫމާތު އެ ވަގުތު ލިބިފައި ނެތުމުގެ ސަބަބުން ނުނެގޭ ދިފާޢު އާއި ސާބިތުވާ ޙަޤީގަތްތަކެއް އޮޅުވާލުމަށް ދައްކާ ވާހަކަތަކަކީ ތަފާތު ދެ އެއްޗެއްކަމާއި، މިފަދަ ވާހަކަތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫ) ގެ 32 ވަނަ މާއްދާގެ ދަށުން ދަށު ކޯޓުގައި ހުށަނޭޅިނަމަ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނޭ ކަންތައްތަކެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

މާލިއްޔަތުގެ ޤަވާޢިދުގެ 6.11 ނަންބަރުގައި ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ދައުލަތުގެ ފައިސާ އާއި ތަކެއްޗަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ނިންމާނީ ޤަވާޢިދުން އެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކަމުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ އާއި، 48 ވަނަ މާއްދާ އަދި މާލިއްޔަތުގެ ޤަވާޢިދުގެ 2.06 ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް މި މައްސަލައިގައި ޠަތްބީޤުކުރުމުގެ ޖާގައެއް އޮތްކަމަށް ނުދެކޭ ކަމާއި، ސަބަބަކީ މާލިއްޔަތުގެ ޤަވާޢިދުގެ 2.06 ނަންބަރާއި 6.11 ނަންބަރު އަޅާކިޔާއިރު، އިޙްމާލުވުމާއި ޚިޔާނާތްތެރިވުން މި ޤަވާޢިދުގެ ދަށުން ތަފާތުކޮށްފައިވާތީ އާއި މި މައްސަލައިގައި ޝަރުމީލާ ޝަރީފްގެ ބެލުމުގެ ދަށުގައި ހުރި ފައިސާ މަދުވިގޮތެއް ބަޔާންކޮށްދެވިފައިނުވާތީ، މިއީ މާލިއްޔަތު ޤާނޫނުގައި ބުނާ އުޞޫލަކާ ޤަވާޢިދާއި ޚިލާފުވި ޚިލާފުވުމެއްގެ ބަދަލުގައި، ޤާނޫނުލްޢުގޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ އުންޞުރުތައް ފުރިހަމަވާ އިޖްރާމީ ޢަމަލެއް ކަމުގައިވާތީ، ޝަރުމީލާ ޝަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ދަޢުވާއެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

މީގެ އިތުރުން ޖިނާއީ ދަޢުވާކުރުމާއި، ދަޢުވާނުކުރުމަށް ނިންމައި، ހުށަހެޅިފައިވާ ހެކި ޤަރީނާ ވަޒަންކޮށް، މީހެއްގެ މައްޗަށް އުފުލާނެ ދަޢުވާއެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާ ބާރެއްކަން އެނގޭއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބޭނުންކުރުމުގެ ސިޔާސަތުތައް ކަނޑައެޅިފައިވާކަމަށާއި އެ ސިޔާސަތުކާ އެގޮތަށް ޢަމަލުނުކުރާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާނޫނުއަސާސީ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންވެގެންވާއިރު، މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނީ ވަކި ޤާނޫނެއްގެ ދަށުން ކަމަށް ނުވަތަ މައްސަލައަކާ ގުޅިގެން ފިޔަވަޅު އަޅަންވާނީ ވަކިގޮތަށްކަން ކަނޑައެޅުމަކީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިފައިވާ ބާރެއްކަމުގައި ދައުލަތުން ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ކަން ހިނގާފައިވާ ގޮތް ސާބިތުކުރާ މިންގަނޑު

ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ ދަށުން ޝަރުމީލާ ޝަރީފްގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ކުށުގެ ރުކުންތައް ފުރިހަމަވުމަށްޓަކައި ޝަރުމީލާ ޝަރީފްއާ ޙަވާލުކުރެވުނު ތަކެތި ހުންނާންވީ ވަރަށް ނެތިފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމުގައި ބުނެ ޝަރުމީލާ ޝަރީފް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ޝަރުމީލާ ޝަރީފްގެ ފަރާތުން އެފަދައިން ބަޔާންކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން އެނގެއެވެ.

ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓްގައި ފައިސާ އާ ޙަވާލުވެ ތާރީޚް ނުޖަހާ ސޮއިކޮށްފައި އޮތް 9 ފަރާތެއް ހިމެނިފައިވާއިރު އެ ފަރާތްތަކާ ފައިސާ ޙަވާލުކުރެވުނު ސީދާ ދުވަހެއް އެނގެން ނެތުން؛

ބަޔާންކުރެވުނު ލިސްޓަށް ބުރަވެ، ޝަރުމީލާ ޝަރީފްގެ އަތުގައި ހުންނަންޖެހޭނީ ކިހާ ފައިސާއެއްކަން ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތުން؛ އަދި

އެހެންކަމުން، ޝަރުމީލާ ޝަރީފްގެ މައްޗަށް ކުށް ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑާ ޚިލާފުވުން.

ޝަރުމީލާ ޝަރީފްއާ ޙަވާލުކުރެވުނު ތަކެތި ހުންނާންވީ ވަރަށް ނެތިފައިވާކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވަނީ ކޮން ހެކިތަކަކާއި ޤަރީނާތަކެއްތޯ ބަލާއިރު، ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓްގެ އިތުރުން، އަންނަނިވި ހެއްކާއި ޤަރީނާ ހުށަހަޅާފައިވާކަން އެނގެއެވެ.

ހާދިސާ ހިނގިއިރު ދ.މީދޫ އޮފީހުގެ ކައުންސެލަރގެ މަޤާމުގައި ހުރި މުޙައްމަދު ޝާހިދު 07 ސެޕްޓެންބަރު 2011 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އަދި 02 ޖުލައި 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާން؛ އަދި

17 ސެޕްޓެންބަރު 2009 ގެ ތާރީޚު ޖަހާފައިވާ ދ.މީދޫ އޮފީހުގެ "ފައިސާ ބަލައިގެންފައިދޭ ރަސީދު" ނަންބަރު 2009/386 (ސީރިއަލް ނަންބަރު 657).

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން، އެއަކުރުގައިވަނީ:

"އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ."

މިފަދައިންނެވެ. މިއީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމުގެ މިންގަނޑެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ތަފްސީލުކޮށްދީފައިވާ މަފްހޫމެކެވެ.

މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމުގެ މިންގަނޑާއި، އެ ކުށެއްގައި ހިމެނޭ އެކި ބައިތައް ނުވަތަ ރުކުންތައް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަން، އަދި ކުށުގެ ޢަމަލާގުޅިގެން ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ކަންކޮށްފައިވާ ގޮތުގެ ޙަޤީޤަތްތައް (facts) ސާބިތުކުރާ މިންގަނޑަކީ އެއްމިންގަނޑެއް ނޫނެވެ. އެގޮތުން، ކުށުގެ ޢަމަލާ ގުޅިގެން ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް (reasonable satisfaction) ހުށަހެޅިއްޖެ ނަމަ، އެ ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލިދާނެއެވެ. އެހެންނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައި ވެގެން ނުވާނެއެވެ. އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް، އަދި އެކަމުގެ ނަތީޖާއަށްވެސް ރިއާޔަތްތެރިކަމެއް ދީގެންނެވެ.

މިއާ ޚިލާފަށް، ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކި އެކަށީގެންވާ މިންވަރަކަށް ހުށަހެޅިއްޖެ ނަމަ، އެ ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލިނަމަވެސް، ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރުމުގައި ބޭނުންކުރަންޖެހޭ މިންގަނޑަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެ ކުށް އެމީހަކު ކުރިކަން ސާބިތުކުރުމެވެ. މި މިންގަނޑަށް ކުށް ސާބިތުކުރުމުގައި ހުށަހެޅިފައިވާ ހެކިތައް ގުޅޭ ގޮތާއި، އެއް ހެކި އަނެއް ހެއްކަށް ބާރުވެރިކަންދޭ ގޮތާއި (corroborate)، އެ ހެކިތައް އުފުލާފައިވާ ދަޢުވާއާގުޅޭ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. އެފަދައިން ދަޢުވާކުރާ ފަރާތަށް ކަން ނުކުރެވިއްޖެނަމަ، ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ ފަރާތުން ހުށަހަޅިފައިވާ ހެއްކާ ގުޅޭގޮތުން ހުރި އުނިކަންތައް ފާހަގަކޮށް، އޭނާ އެ ކުށްކުރިކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިއްޖެނަމަ، އެމީހެއްގެ މައްޗަށް އުފުލިފައިވާ ދަޢުވާ ސާބިތެއް ނުވާނެއެވެ.

މީހަކާ މެދު އުފުލިފައިވާ ޖިނާއީ ދަޢުވާއަކާ ގުޅިގެން، އެ މީހަކީ އެ ކުށް ކޮށްފައިވާ މީހާކަން ނުވަތަ ނޫންކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ބަލާނެ ގޮތަކީ ކޮބައިކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/47 ޤަޟިއްޔާ ގައި ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނުގެ ތަފާތުވި ރައުޔުގައި ތަފްޞީލު ކޮށްދީފައިވެއެވެ.

ހެކި ވަޒަންކުރުމުގެ މިންގަނޑާއި ކުށް ސާބިތުކުރުމުގެ މިންގަނޑަކީ ތަފާތު ދެ މިންގަނޑެއް ކަމުގައިވާތީ، އަދި ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓްގެ އިތުރުން، ޝަރުމީލާ ޝަރީފާއި ޙަވާލުކުރި ފައިސާގެ ތެރެއިން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދުވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހެކި ހުށަހަޅާފައިވާތީ، ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓްގައި ފައިސާއާ ޙަވާލުވެ ތާރީޚް ނުޖަހާ ސޮއިކޮށްފައި އޮތް 9 ފަރާތެއް ހިމެނިފައިވުމަކީ އަދި އެ ފަރާތްތަކާ ފައިސާ ޙަވާލުކުރެވުނު ސީދާ ދުވަހެއް އެނގެން ނެތުމަކީ، އިސްތިއުނާފުކޮށްފައި މިވާ މައްސަލައިގައި، ޝަރުމީލާ ޝަރީފްގެ އަތުގައި ހުންނަންޖެހޭނީ ކިހާ ފައިސާއެއްކަން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމައެއް ނެތިކަމާއި، ޝަރުމީލާ ޝަރީފްގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށްކަމުގައި ބުނުމުގެ ޖާގައޮތްކަމުގައި ނުދެކެމެވެ.

ދަށުކޯޓުގައި ފާހަގަ ނުކުރާ ނުކުތާއެއް އިސްތިއުނާފު މަރުޙަލާގައި ފާހަގަކުރުން

ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުނު ފޯމުގައި ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓް ފުރިހަމަވެފައި ނުވާކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، މި ނުކުތާއަކީ ޝަރުމީލާ ޝަރީފްގެ ފަރާތުން ދަށު ކޯޓުގައި ނަގާފައިވާ ދިފާޢެއް ނޫންކަމުގައިވާތީ، އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނުގަންނަން ނިންމާފައިވުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ މަޤްޞަދާ ޚިލާފު ޢަދުލުއިންޞާފުގެ ހަމަތައް ގެއްލޭނެ މަނާކުރުމެއް ކަމަށް ޝަރުމީލާ ޝަރީފް ބަޔާންކުރެއެވެ. އެއީ، އެ ނުކުތާއަކީ ދިފާޢުއަކަށް ވުރެ ބޮޑަށް މައްސަލަ ސާބިތުކުރަން ބޭނުންވާ ހަގީގަތެއް (facts) ނުވަތަ ހެކި (evidence) ކަމުގައި ދެކިގެން، ދައުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ދައުލަތް ކަމުގައި ބުނެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ އާއި ޝަރުމީލާ ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއާ ހުރި ގުޅުމުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ޤާނޫނީ ނިޒާމު މިފަދައިން ފަރުމާކޮށްފައިވަނީ، އިސްތިއުނާފީ މަރުޙަލާއަކީ މައްސަލައާއި ގުޅިގެން ކަންހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތްތަކާ ގުޅޭ ހެކިތަކަކީ ކޮބައިކަމާއި، އެއިން ކޮންމެ ހެއްކަކަށް ދެވޭނެ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުޙަލާ (trial) އާއި ތަފާތު މަރުޙަލާއެއް ކަމުގައިވާތީއެވެ. އިސްތިއުނާފީ މަރުޙަލާއަކީ ދަށު ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން ކަނޑައަޅާ މަރުޙަލާއެވެ. އަދި ދަށުކޯޓުން ވަކި ކަމެއްގައި ވަކި ގޮތަކަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ (އައު އެހެން ކަމެއް ނުހިމެނޭގޮތުން) އެ ދަށުކޯޓުގައި މައްސަލަ ބެލިއިރު ހުށަހެޅި ހެކިތަކާއި ދިފާޢުތަކުގެ އަލީގައި ކަމުގައިވާތީ، އިސްތިއުނާފުގެ އަސާސަކީ ދަށުކޯޓުގައި ހުށަހެޅިފައިވާ ކަންކަން ކަމުގައި އެކަށައަޅާފައިވާތީއެވެ.

މިހެންކަމާއެކު، ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ކަމުގައިވާއިރު، އެލިޔުމަކީ ހެއްކެއްގެ ގޮތުގައި ނުވަތަ ޙަޤީޤަތެއްގެ ގޮތުގައިވެސް އުނިކަމެއް ހުރި އެއްޗެއް ކަމުގައިވާނަމަ، އަދި އެއުނިކަމުގެ މައްޗަށް ބަރޯސާވެ، ކަންހިނގާފައިވާ ގޮތުގެ ހަޤީޤަތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ކަންކަމަކީ ކަންހިނގާ ދިޔަ ގޮތް ނޫންކަމަށް ބަޔާންކުރާނަމަ، ނުވަތަ އެއީ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެން ނުވާ ލިޔުމެއްކަމުގައި ބުނާނަމަ، ނުވަތަ އެ އުނިކަން ދިފާޢެއްގެ ގޮތުގައި ބޭނުންކުރަން އެދޭނަމަ، އެ ނުކުތާ ނަގާ، އެފަދަ ތަފްސީލެއް މަދުވުމުގެ ސަބަބުން، ޙަޤީޤަތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ބުނުމަށް އަސަރު ފޯރަނީ، ނުވަތަ އެ ލިޔުން ހެއްކެއްގެ ގޮތުގައި ކަމުނުދަނީ، ނުވަތަ އެއުނިކަން ޝަރުމީލާ ޝަރީފްގެ ދިފާޢަކަށްވަނީ ކިހިނަކުންކަން ފާހަގަކުރުމަކީ ޝަރުމީލާ ޝަރީފްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫ) ގެ 32 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ އަކުރުގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެއްކާ ގުޅޭގޮތުން ކަމުގައިވާއިރު، އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫގެ 32 ވަނަ މާއްދާއާ ޙަވާލާދީ ނަގާފައިވާ ނުކުތާގައި ހިމަނާފައިވަނީ ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ލިޔުމަކަށް ކަމުގައިވާތީ، މި މައްސަލައިގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫގެ 32 ވަނަ މާއްދާގެ (ށ) ތަޠުބީޤުކުރަންޖެހޭ ބިނާއެއް އޮތްކަމަށް ނުފެނެއެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގައިވާގޮތުން، އިސްތިއުނާފުކުރެވޭ މައްސަލަ ދަށުކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް، އިސްތިއުނާފު މައްސަލަ ބަލާ ފަނޑިޔާރުންނަށް ފާހަގަކުރެވިގެން، އެ މައްސަލަ އަލުން ބެލުމުގެ މަސްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެމައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވިދާނެކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމަކީ، މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިގެންވާ އިޚްތިޔާރެކެވެ. ބަޔާންކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ތަހުވީލުކުރުމަށް ހައިކޯޓުން ނިންމަންޖެހޭ ސަބަބެއް އޮތްކަމަށް ހައިކޯޓުން ފާހަގަކޮށްފައި ނުވާތީ، އަދި މައްސަލައިގައި ނުބެލި ހުރި ކަންތައްތަކެއްވާކަން ފާހަގަނުކުރެވޭތީ، މި މައްސަލައިގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކުރަންޖެހޭކަމަށް ނުފެނެއެވެ.

އެހެންކަމާއެކު، ދ.މީދޫގެ ގޭގެއަށް ފައިސާ ޙަވާލުކުރެވުނު ގޮތުގެ ތަފްސީލް ލިސްޓް ފުރިހަމަވެފައި ނުވާކަމަށް ޝަރުމީލާ ޝަރީފްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކުރުމަކާއި ނުލައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުނު ފޯމުގައި އެކަން ފާހަގަކޮށްފައިވާ ވީނަމަވެސް، އެނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނުގަންނަން ނިންމާފައިވުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ މަޤްޞަދާ ޚިލާފު ޢަދުލުއިންޞާފުގެ ހަމަތައް ގެއްލޭނެ މަނާކުރުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ޤާނޫނީ ބިނާއެއް އެނގެންނެތެވެ.

ޢަމަލުކުރަންޖެހޭ ޤާނޫނު

ޢާންމު ޤާނޫނެއް ވުޖޫދުގައިވަނިކޮށް އެ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ޢަމަލުކުރަމުންގެންދެވޭ ޚާއްޞަ ދާއިރާއަކަށް ޤާނޫނެއް އެކުލަވާލެވުމުން، އޭގެ ފަހުން ޢަމަލުކުރަންޖެހޭނީ އެ ޚާއްޞަ ޤާނޫނަށް ކަމަށާއި، އެގޮތުން، މި މައްސަލައިގެ ދަޢުވާ ބިނާކޮށްފައިވާ ކުށުގެ ޢަމަލަކީ، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށް ބެލެހެއްޓުން ޙަވާލުކޮށްފައިވާ މުދަލެއް ބަހައްޓާފައިވަނީ އެ ގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއެއް ކަމަށްވާއިރު، އަދި މިފަދަ ޢަމަލަކާމެދު ކަންކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތު ޤާނޫނޫގައި ބަޔާންވެގެންވާތީ، ޝަރުމީލާ ޝަރީފްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރެވިގެން ނުވާނެކަމަށް ޝަރުމީލާ ޝަރީފް ފާހަގަކުރެއެވެ.

އިސްވެ ބަޔާންކުރެވުނު ނުކުތާ ޝަރުމީލާ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކަނޑައަޅާފައިވަނީ:

މި ނުކުތާއަކީ ދަށު ކޯޓުގައި ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމާއި؛

ޖިނާއީ މައްސަލަތަކުގައި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް، ދަޢުވާކުރަންޖެހޭކަން ނުވަތަ ނޫންކަން ނިންމުމާއި، ކުރާނެ ދަޢުވާއާއި ދަޢުވާކުރަންވީ މާއްދާ ކަނޑައެޅުމުގެ ޤާނޫނީ ހައިޞިއްޔަތު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމާއި، ކޯޓުތަކުގެ ހަމައެކަނި މަސްއޫލިއްޔަތަކީ އެފަދަ ދަޢުވާތައް އިންޞާފުގެ ހަމަތަކާ އެއްގޮތަށް ބަލައި، އެ ދަޢުވާ ސާބިތުވާކަމަށް ނުވަތަ ނޫންކަމަށް ކަނޑައެޅުންކަން؛ އަދި

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 އަދި 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރެއްގެ ވާހަކަކަމަށާއި، އެއީ އަދަބު ކަނޑައެޅުމާގުޅޭ މާއްދާތަކެއް ނޫންކަމާއި، އެ މާއްދާތަކުގައި މިނިސްޓަރަށް އެފަދަ އިޚްތިޔާރެއް ދީފައިވުމަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރުމަށް ހުރަސް އަޅާ ސަބަބެއް ނޫންކަން؛ މިއެވެ.

ޝަރުމީލާ ޝަރީފް ދެކޭގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ކަނޑައަޅާފައިވުމަކީ، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކޯޓުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވޭ އަދި ޤާނޫނުގެ ޙުކުމް ހިންގުމުގައި ޖުޑީޝަލް ރިވިއުގެ އެންމެ ބޮޑު އެއްބައި ކަމުގައިވާ އެގްޒެކްޓެވި އޮތޯރިޓީގެ ބެލެހެއްޓުން ގެއްލިގެންދާނެ ފަދަ ނިންމެވުމެއްކަން އެފަރާތުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރުމީލާ ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ގޮތާމެދު ރިޢާޔަތްކުރާއިރު، މި މައްސަލައިގެ ނުކުތާތަކުގެ 19 އަދި 20 ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ދަށުކޯޓުގައި ޝަރުމީލާ ޝަރީފްގެ ފަރާތުން ހުށަހަޅާފައިނުވާ ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހެޅޭނެ ކަމުގައި ނުދެކެމެވެ.

ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރުގެ ތެރެއިން ވާކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާއާއި، 223 ވަނަ މާއްދާގެ (ށ)، (ނ) އަދި (އ) އަށް ބެލުމުން ސާފުވެއެވެ. އަދި ކޯޓުގެ ނިޔާއަކަށް އެދި ހުށަހެޅޭ މައްސަލައެއްގައި، ކުރަންޖެހޭ ދަޢުވާއާމެދު ކޯޓުން ބަސްބުނަންވެއްޖެނަމަ، ކޯޓުން ވަކިފަރާތަކަށް ނުޖެހި އިންޞާފުވެރި ޝަރީޢަތެއް ކުރެވިދާނެކަމާމެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ޖާގަ އުފަންކުރުވާ ކަމުގައިވެސް ދެކެމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކޯޓުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވޭ ކަމުގައި ޝަރުމީލާ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން އަސަރުކުރަނީ ކޯޓުތަކަށް ޤާނޫނީގޮތުން ދީފައިވާ ކޮން ބާރަކަށްކަން ސާފުނުވާކަން ފާހަގަކުރަމެވެ.

މީގެ އިތުރުން، ޖުޑީޝަލް ރިވިއުއަކީ ދައުލަތުގެ އިދާރާ (public body) އަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާކަމެއް އެއީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާދިނުން އެދި ހުށަހެޅުމުން، ކޯޓުން އެކަމަކާމެދު ގޮތް ކަނޑައެޅުމަށް ހިންގާ ބާވަތުގެ ޝަރީޢަތަށް ކިޔާ ނަމެކަން ފާހަގަކުރަމެވެ. ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި ބެލިގެންދާނީ ކަން ކުރި ނުވަތަ ނިންމި ގޮތް އެއީ އެކަމުން ރަނގަޅު ނުވަތަ އެކަށޭނަ ނަތީޖާއެއް ނިކުންނަ ކަމެއް ނުވަތަ ނޫންކަމުގެ މައްޗަށްކަށް ނޫނެވެ. ޖުޑީޝަލް ރިވިއުގައި ބެލޭނީ އެ ނިންމުމެއް ނިންމި ގޮތުގެ ނުވަތަ ކަންކުރި ގޮތުގެ އިޖްރާއަތު ރަގަޅުކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި، ޖުޑީޝަލް ރިވިއުގެ ވާހަކަ ގެނެސްފައިވަނީ، ކޯޓުތަކަކީ އިދާރީ ހިންގުމަށް ފާރަވެރިވާންޖެހޭ ބައެއް ކަމުގައި ދޭހަވާ ފަދައަކުންނެވެ. އެހެނަސް، މި މައްސަލައަކީ ޖިނާއީ މައްސަލައެއްކަމާއި، ޕްރޮސިކިޓަރ ޖެނެރަލްގެ ނިންމުން ބިނާކޮށްފައިވާ ގޮތް ޖުޑީޝަލް ރިވިއުގެ އުޞޫލުން ބަލާދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރަމެވެ. އަދި މި ދެ ބާވަތުގެ މައްސަލަ ބެލުމުގައި ތަފާތުތަކެއް ހުރިކަންވެސް ފާހަގަކުރަމެވެ.

އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC- A/180 ގަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު:

މި މައްސަލައިގައި ޝަރުމީލާ ޝަރީފާ ދެކޮޅަށް ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހަށާއި، ކިތާބީ ހެކިތަކަށް ބަލާއިރު، ޝަރުމީލާ ޝަރީފްގެ މައްޗަށް ކުށް ސާބިތުވުމުގައި ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޚިޔާނަތުގެ ކުށުގެ އެންމެހައި ޢުންޞުރުތައް ފުރިހަމަވެފައިވާކަން އެނގެއެވެ. އަދި ޝަރުމީލާ ޝަރީފްގެ ދިފާޢުގައި ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ހުށަހެޅުންތަކުން، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވެފައިވާ ވާޤިޢާތައް އެނޫން ގޮތަކަށް ސާބިތުވުމުގެ އިޙްތިމާލު އޮތްކަމަށް ނުފެނެއެވެ. ވުމާއެކު، މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔު:

ސުނާމީ ކާރިސާ އާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން ގެއްލުން ލިބުނު ދ.މީދޫ ގޭގެއަށް ބެހުމަށްޓަކައި، 16 ސެޕްޓެންބަރު 2009 ވަނަ ދުވަހު ދ.މީދޫ އޮފީހުގެ ތިޖޫރީން 266,888/-ރ. (ދެ ލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ) ނަގައި އެ ފައިސާ ޝަރުމީލާ ޝަރީފްއާ ޙަވާލުކޮށްފައިވާކަން ސާބިތުވެއެވެ.

މި ފައިސާގެ ތެރެއިން 49 (ސާޅީސް ނުވައެއް) ގެއަށްވާ ފައިސާ 89,572/-ރ. (އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އެ ދުވަހު އެ ގޭގެއަށް ދޫކުރުމަށްފަހު، ބާކީ ހުރި 177,316/-ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ތިޖޫރީއަށް އަނބުރާ ޖަމާކުރުމުގެ ބަދަލުގައި، ޝަރުމީލާ ޝަރީފްގެ މޭޒު ވަތްގަނޑުގައި އެ ފައިސާ ބަހައްޓާފައިވާކަން ސާބިތުވެއެވެ.

49 (ސާޅީސް ނުވައެއް) ގެއަށްވާ ފައިސާ 89,572/-ރ. (އަށްޑީހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އެ ދުވަހު އެ ގޭގެއަށް ދޫކުރުމަށްފަހު، ޝަރުމީލާ ޝަރީފްއާ ހަވާލުކުރެވުނު ފައިސާގެ ތެރެއިން ބާކީ ހުންނަންޖެހޭ 177,316/-ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ގެ ތެރެއިން 17 ސެޕްޓެންބަރު 2009 ގައި ޝަރުމީލާ ޝަރީފް ދ.މީދޫ އޮފީހާ ޙަވާލުކޮށްފައިވަނީ 164,116/-ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ސޯޅަ ރުފިޔާ) ކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ. އެހެންކަމުން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދުވެފައިވާ ކަންއެނގެއެވެ.

އިސްވެ ބަޔާންކުރެވުނު 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) ގެއްލިފައިވަނީ ޝަރުމީލާ ޝަރީފްގެ ބެލުމުގެ ދަށުގައި ހުއްޓާކަން އޭނާގެ ބަހުންނާއި ހެކިންގެ ހެކިބަހުން ސާބިތުވެއެވެ.

ޝަރުމީލާ ޝަރީފް ފައިސާ ބެހެއްޓިކަމަށް ބުނާ މޭޒުގެ ވަތްގަނޑުގެ ތަޅުނުހުޅުވިގެން 17 ސެޕްޓެންބަރު 2009 ވަނަ ދުވަހު އުޅުނުއިރު، އެ ވަތްގަނޑު މީހަކު ފަޅާލާފައިވާ ކަމުގެ ހެއްކެއް ނެތެވެ. އަދި އެ ވަތްގަނޑުގެ ދެ ތަޅުދަނޑި އޮތީވެސް ޝަރުމީލާ ޝަރީފްގެ އަތުގައެވެ. އަދި އެ މޭޒުގެ އިތުރު ތަޅުދަނޑިއެއް އޮންނަކަން އެއްވެސް މީހަކަށް އެނގިފައެއް ނެތެވެ.

ޝަރުމީލާ ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން ޚިޔާނާތުގެ ކުށަށްކަމުގައިވާއިރު، ޝަރުމީލާ ޝަރީފްއާ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާކަން ސާބިތުވާ ފައިސާގެ ތެރެއިން 13,200/-ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދުވެފައިވާ ސަބަބެއް ޝަރުމީލާ ޝަރީފަށް ދެއްކިފައިނުވާތީވެ، މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން، ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރުމީލާ ޝަރީފް ގެ މައްޗަށް ކުރެވުނު ހިނދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދަޢުވާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރުމީލާ ޝަރީފްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނަންބަރު 189/Cr-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ގަޟިއްޔާ އިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ގަޟިއްޔާގެ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މި ގަޟިއްޔާ ބަލައި ޙުކުމްކުރީ:

މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ