ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/18ސުޕްރީމް ކޯޓު · 31 އޮގަސްޓް 2020

—

ސުޕްރީމް ކޯޓު
28 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 އޮގަސްޓް 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2016/SC-A/18

އިސްތިއުނާފު ކުރާ ފަރާތް:

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-173/93)

އިސްތިއުނާފު ރައްދުވާ ފަރާތް:

ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ކުންފުނި ރަޖިސްޓްރީ ނަންބަރު (C-100/2005

މައްސަލައިގެ ބާވަތް:

ފައިސާ ހޯދުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

22 މެއި 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:

19 ސެޕްޓެމްބަރ 2016ނިމުނު ތާރީޚު:

31 އޮގަސްޓް 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/14

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

13 ޖަނަވަރީ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

24 ފެބްރުއަރީ 2016

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން )ކުންފުނި ރަޖިސްޓްރީ ނަންބަރު (C-100/2005 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-173/93) (މީގެ ފަހުން "މިފްކޯ") އިން ވިއްކާ އުފެއްދުންތައް ގަތުމަށް ބޭނުންވާކަމަށާއި، އެ ކުންފުނިން ދޫކުރާ ޗެކެއް ނެގުމަށްފަހު މުދާ ދޫކޮށްދިނުމަށް ސިޓީއަކުން އެދުނެވެ. މި ސިޓީއާ ގުޅިގެން މިފްކޯއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 250 (ދުއިސައްތަ ފަންސާސް) ކޭސް ދަޅުމަސް ދޫކުރިކަމަށް މިފްކޯއިން ބުނެއެވެ. އަދި މި މުދަލަށް ފައިސާ ދެއްކުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެހެންނަމަވެސް ޗެކު ޖަމާކުރުމަށް ހުށަހެޅުމުން، ބޭންކުން މި ޗެކް ރިޓާންކުރީއެވެ. އެހެންކަމުން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޯޑަރަށް މިފްކޯއިން ދޫކޮށްފައިވާ 250 (ދުއިސައްތަ ފަންސާސް) ކޭސް ދަޅުމަހުގެ އަގަށްވާ ފައިސާ ހޯދުމަށް މިފްކޯއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން މިފްކޯގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މިފްކޯގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެމައްސަލަ ބަލައި، ކަނޑައެޅި ނިޔާއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ މިފްކޯއިން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) މި ދަޢުވާއަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވާކަމާއި، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކެއް ނެގުމަށްފަހު އެ މުދާ ދޫކޮށްދިނުމަށްކަމަށާއި، އެފަދަ ޗެކެއް ދޫކޮށްފައިނުވާނެކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާކަން.

(ށ) ޗެކަކީ އޭގެ ޒާތުން ހާދިސާ ސާބިތުކޮށްދޭ ލިޔުމެއްނޫންކަމާއި، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކެއްކަމަށް ބުނެ މިފްކޯއިން ހުށަހެޅި ޗެކަކީ އެ ކުންފުނީގެ ނަމުގައި އޮތް ޗެކެއް ނޫންކަން؛

(ނ) މިފްކޯގެ ފަރާތުން ދަޢުވާގައި ބުނާ މުދާ ރައްދުކުރިކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ދަޢުވާގައި ބުނާ މުދަލަކީ މިފްކޯގެ ފަރާތުން ރައްދުކޮށްދީފައިވާ މުދާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަން؛

އެހެންކަމުން، މި ސަބަބުތަކަށްޓަކައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ މިފްކޯއިން ދޫކޮށްފައިވާކަމަށް ބުނާ 250 (ދުއިސައްތަ ފަންސާސް) ކޭސް ދަޅުމަހުގެ އަގަށްވާ 214,385/- (ދެލައްކަ ސާދަ ހާސް ތިންސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

މިފްކޯގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން އެނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުދަލަށް އެދިފައިވަނީ އެ ކުންފުނީގެ ޗެކެއް ނެގުމަށްފަހު މުދާ ދޫކޮށްދިނުމަށް ކަމަށްވާއިރު، މިފްކޯއިން މި މައްސަލައިގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން ކަމަށް ބުނެ ހުށަހަޅާފައިވާ ޗެކަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮތް ޗެކެއް ނޫންކަން؛

(ށ) ދަޅުމަސް ފޯރުކޮށްދިންކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކުރާއިރު، މިފްކޯއިން ދަޅުމަސް ފޯރުކޮށްދިންކަން ޝަރީޢަތަށް ސާބިތުވާފަދަ ޑެލިވަރީ ނޯޓެއް ފަދަ ކިތާބީ ނުވަތަ ޝަފަހީ ހެއްކެއް ވިޔަސް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހަޅާފައިނުވާކަން؛

(ނ) މިފްކޯގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާގައި ބުނާ މުދާ ރައްދުކޮށްފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، އެ މުދަލަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން ރައްދުކޮށްދީފައިވާ މުދާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަން.

އެހެންކަމުން، މި ސަބަބުތަކަށްޓަކައި ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މިފްކޯއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިފްކޯގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 03 (ތިނެއް) ނުކުތާއަކީ؛

6.1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

6.2 ދަޢުވާ ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢު ކުރިމަތިކުރުވާ ފަރާތުންކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

6.3 ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

މިފްކޯއިން ސިވިލް ކޯޓަށާއި ހައިކޯޓަށް ހުށަހެޅި ހެކި

މި މައްސަލާގައި މިފްކޯގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 250 ކޭސް ދަޅުމަސް ދޫކުރިކަން ސާބިތުކޮށްދިނުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅީ އަންނަނިވި ހެއްކެވެ؛

(ހ) 1 އޮގަސްޓް 2012 ގައި 500 ކޭސް ދަޅުމަސް ދޫކޮށްދިނުމަށް އެދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ފޮނުވި ސިޓީގެ ކޮޕީ (މީގެ ފަހުން "ޕާރޗޭސް އޯޑަރ ސިޓީ")

(ށ) ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދޫކުރިކަމަށް ބުނާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗުގެ ނަންބަރު 1260 – 5711820201 އެކައުންޓުގެ ނަންބަރު RCA1773902 ޗެކުގެ ކޮޕީ

(ނ) އިސްވެ ޙަވާލާ ދެވުނު ޗެކު ރިޓާރންކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދީފައިވާ ލިޔުމުގެ ކޮޕީ

ސިވިލް ކޯޓަށް ހުށަހެޅުނު ހެކީގެ އިތުރުން ހައިކޯޓު މަރުޙަލާގައި މިފްކޯގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން ސިވިލް ކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިއެވެ. އެގޮތުން، ހައިކޯޓަށް ހުށަހެޅީ 13 ސެޕްޓެމްބަރ 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވިކަމަށް ބުނާ ސިޓީއެކެވެ. މި ސިޓީގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދޫކުރި ޗެކަކީ އޮޅުމަކުން ދޫކުރެވުނު ޗެކެއްކަމަށާއި އެ ޗެކަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރެޕްރެޒެންޓް ކުރަމުންދާ ބޭރުގެ ކުންފުންޏެއްގެ ޗެކެއްކަމަށާއި، އެ ސިޓީގައި ސޮއިކޮށްފައިވާ ފަރާތްކަމުގައިވާ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އިސްމާޢީލް ޙަބީބަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ގުޅައި، އެ ޗެކުގައި ނުބައި ކުންފުންޏެއްގެ ސްޓޭމްޕް ޖެހުމާއެކު ވެރިފަރާތް ނޫން އެހެން ފަރާތެއްގެ ސޮއިކުރެވިފައިވާ ކަމަށާއި، އެހެންކަމުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކެއް މިފްކޯއިން ނެގުމަށްފަހު، ކުރިން އޮޅުމަކުން ދޫކުރެވުނު ޗެކު އަނބުރާ އެ ކުންފުންޏަށް ރައްދުކޮށްދިނުމަށް އެދިފައިވެއެވެ. 13 ސެޕްޓެމްބަރ 2012 ގެ މި ސިޓީގައި މިފްކޯއިން 250 ކޭސް ދަޅުމަސް ހަމަޖައްސައިދިންކަމަށް ބަޔާންކުރެވިފައިވެއެވެ.

އެހެންކަމުން، 13 ސެޕްޓެމްބަރ 2012 ގެ މި ސިޓީއަކީ ކުރިން ސިވިލް ކޯޓަށް ހުށަނޭޅި އޮތް ލިޔުމެއް ކަމުގައިވީނަމަވެސް، އެ ލިޔުމުން މިފްކޯއިން 250 ކޭސް ދަޅުމަސް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރިކަން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުގެ އިޢުތިރާފުން އެނގޭކަމަށްބުނެ، މިފްކޯއިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި އެ ސިޓީ ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގައި މިފްކޯއިން އިސްތިއުނާފު ކުރި ނުކުތާތައް

މިފްކޯއިން ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިވަނީ ދެ ނުކުތާއެވެ. އެއީ:

ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 250 (ދުއިސައްތަ ފަންސާސް) ކޭސް ދަޅުމަސް ދޫކޮށްދިނުމަށް އެދި ހުށަހެޅިކަމަށާއި، އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެ ކުންފުނިން ޗެކެއް ދިން ކަމަށާއި، އެ ޗެކުގައި އެކުންފުނީގެ ތައްގަނޑު ވާކަމަށް އެ ކުންފުނިން އިޢުތިރާފުވެފައިވުމުން، މުދާ ގަތުމާއި ވިއްކުމުގެ މުޢާމަލާތް ދެފަރާތުގެ މެދުގައި ހިނގާފައިވާކަން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާފުން އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތްނުކޮށް، އެ މުޢާމަލާތް ހިނގާފައިނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވުން؛ އަދި

މިފްކޯއިން ދޫކުރި 250 ކޭސް ދަޅުމަސް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 13 އޮގަސްޓް 2012 ގައި ލިބުނުކަމަށާއި، އެ ކުންފުނިން މިފްކޯއަށް ފޮނުވި ޗެކަކީ ރަނގަޅު ނޫން ޗެކެއްކަމަށްވެފައި، އެ ޗެކުގެ ބަދަލުގައި ރަނގަޅު ޗެކެއް ފޮނުވާނެކަމަށާއި، އަދި އެ ދަޅުމަސް ކޭސްތަކުގެ އަގަށްވާ ފައިސާ ދައްކާނެކަމުގެ ޔަޤީންކަންދޭ ކަމަށް، 13 ސެޕްޓެމްބަރު 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ފޮނުވި ސިޓީގައި ބުނެފައިވާތީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާފުން، އެ މުދާ ރައްދުކުރެވިފައިވާކަމުގެ ކާފީ ހެކި ލިބިފައިވާއިރު، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

13 ސެޕްޓެމްބަރު 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވިކަމަށް ބުނާ ސިޓީއަކީ ސިވިލް ކޯޓަށް ހުށަހެޅުނު ސިޓީއެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި ސިވިލް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔައިރު އެ ސިޓީ ހުށަނޭޅި އޮތް ސަބަބަކީ އެ ސިޓީ ފެނިފައިވަނީ ފަހުން ކަމުގައިވާތީކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މިފްކޯއިން ބުނެފައިވެއެވެ. ސިވިލް ކޯޓަށް މިފްކޯގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު ހަމައެކަނި ލިޔުންތަކަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 1 އޮގަސްޓް 2012 ގައި ފޮނުވި ޕާރޗޭސް އޯޑަރ ސިޓީއާއި، 250 ކޭސް ދަޅުމަހަށްވާ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ސިއްކަ ޖަހާފައި އޮތް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެކެވެ.

ހައިކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔައިރު، މައްސަލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ އިތުރު ހެއްކާމެދު ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން އެތައް ސުވާލެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، އިސްތިއުނާފުކުރަން މި އަންނަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެތިން ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުނިކަމަށާއި، އެ ކުންފުންޏާއި އެކަށީގެންވާވަރުގެ އެވިޑެންސާއި ތައްޔާރީތަކާ އެއްކޮށް ޝަރީޢަތަށް އައުމަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާކަމާއި، މި މުޢާމަލާތާ ގުޅިގެން މިފްކޯއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މުޢާމަލާތްކުރި ފަރާތްތަކުގެ ނަމާއި މަޤާމާއި، މި މައްސަލަ މިފްކޯއިން ތަޙުޤީޤު ކުރެވުނުތޯ އާއި މިއީ ކިހިނެތް ހިނގާފައިވާ ކަމެއްތޯ ސާފުކުރުމަށްޓަކައި އެއްވެސް ބައެއްގެ ބަޔާން ނަގާފައިވޭތޯ ހައިކޯޓު ފަނޑިޔާރުން ސުވާލުކޮށްފައިވެއެވެ. އަދި 1 އޮގަސްޓް 2012 ގެ ޕާރޗޭސް އޯޑަރ ސިޓީގައި މިފްކޯގެ މުވައްޒަފުންތަކެއް އެ މުޢާމަލާތާ ގުޅިގެން އެކި ކަންކަން ފާހަގަކޮށް ސޮއިކޮށްފައިވާތީ، އެކަންކަމުގެ ތަފްޞީލު ހޯދުމަށް ހައިކޯޓުން ސުވާލުކޮށްފައިވެއެވެ. މިފްކޯ ތަމްސީލުކުރި ޤާނޫނީ ވަކީލުންނަށް މި ހުރިހާ މަޢުލޫމާތެއް މިފްކޯއިން ޙިއްސާކޮށްފައިނުވާތީ، އެކަންކަން ސާފުކުރުމަށްފަހު، ފަނޑިޔާރުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހުށަހަޅާނެކަމަށް ހަމަ އެ ދުވަހުގެ ޝަރީޢަތުގެ މަޖިލިހުގައި މިފްކޯގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 13 ސެޕްޓެމްބަރު 2012 ގައި މިފްކޯއަށް ސިޓީއެއް ފޮނުވިކަމާމެދު ހައިކޯޓުގައި އިންކާރުކުރިއެވެ. ބުނެވުނު ސިޓީ ލިޔެފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ލެޓަރހެޑެއްގައި އަދި އެސިޓީގައި އެކުންފުނީގެ ސިއްކަ ޖަހާފައިވެއެވެ. އެސިޓީގައި ސޮއިކުރި ފަރާތްކަމަށް އޮތީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ޙަބީބުއެވެ.

އިސްމާޢީލް ޙަބީބު ހައިކޯޓަށް ހާޒިރުކޮށް، އެ ކޯޓުން އޭނާގެ ހެކިބަސް ނަގާފައިވެއެވެ. އިސްމާޢީލް ޙަބީބު 1 އޮގަސްޓް 2012 ގައި 500 ކޭސް ދަޅުމަސް ގަންނަން އެދި މިފްކޯއަށް ސިޓީ ފޮނުވިކަމަށް އެއްބަސްވި ނަމަވެސް، 13 ސެޕްޓެމްބަރު 2012 ގައި ސިޓީ ފޮނުވިކަމާމެދު އިންކާރުކުރިއެވެ. އަދި އެ ސިޓީގައި ސޮއިކޮށްފައިވަނީ އޭނާ ނޫންކަމަށް ބުނެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް ދީފައިވާކަން ފާހަގަކުރެވެއެވެ. އިސްމާޢީލް ޙަބީބް ބުނާ ގޮތުން، 1 އޮގަސްޓް 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 500 ކޭސް ދަޅުމަސް ގަންނަން އެދުނު ގޮތަށް މިފްކޯއިން އެކަމާމެދު އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.

މީގެ އިތުރުން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ޗެކެއް ފޮނުވާފައި ނުވާނެކަމަށް އިސްމާޢީލް ޙަބީބް ބުނެފައިވެއެވެ. މިފްކޯއަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައި ޙަވާލުކޮށްފައި އޮތް ޗެކަކީ ލިންކް ލައިން ކާގޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ޗެކެއްކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ލިންކް ލައިން ކާގޯ ޕްރައިވެޓް ލިމިޓެޑާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަމަށް އިސްމާޢީލް ޙަބީބް ބުނެފައިވެއެވެ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނޭނގި އެ ކުންފުނީގެ ނަމުގައި މިފްކޯއަށް ސިޓީއެއް ފޮނުވައި، އެ ކުންފުނީގެ ސިއްކަ ޖަހާފައި އޮތް ޗެކެއް ބަޔަކު މިފްކޯއަށް ދޫކުރިއިރު، އެ ސިއްކަ އެހެން ބަޔަކަށް ލިބުނު ގޮތާއި އަދި އެކަން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުންނަށް އެ ހާދިސާއާ ބެހޭ ގޮތުން ސުވާލު ކުރުމުގެ އިތުރުން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާ ބޮޑު ފިޔަވަޅެއް އަޅާފައިނުވާކަން، އިސްމާޢީލް ޙަބީބް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން ފާހަގަކުރެވެއެވެ.

ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުން މިފްކޯއަށް 5 މާރޗް 2015 ގައި ކުރިމަތި ކުރި ސުވާލުތަކާ ގުޅިގެން 15 މާރޗް 2015 ގައި އެކުންފުނިން ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ؛

(ހ) ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 1 އޮގަސްޓް 2015 ގައި މިފްކޯއަށް ފޮނުވި ޕާރޗޭސް އޯޑަރ ސިޓީގައި މިފްކޯގެ އެކި މުވައްޒަފުން ސޮއިކޮށް އެކި އެއްޗެހި ނޯޓުކޮށްފައިވެއެވެ. އެގޮތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މީހުންނަކީ ރަނގަޅު ބައެއް ކަމަށް ލިޔެ އެއް މުވައްޒަފަކު ސޮއިކޮށްފައިވާއިރު، ފުރަތަމަ 250 ކޭސް ދޫކުރުމަށް ހުއްދަ ދިނުމަށް އެހެން މުވައްޒަފަކު ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން އަދިވެސް އެހެނިހެން މިފްކޯ މުވައްޒަފުން އެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ. މިފްކޯއިން ހައިކޯޓަށް ފޮނުވި ސިޓީގައި އިސްވެ ބުނެވުނު 1 އޮގަސްޓް 2015 ގެ ޕާރޗޭސް އޯޑަރ ސިޓީގައި ސޮއިކޮށް، އެކި ކަންކަން ނޯޓުކޮށްފައިވާ މުވައްޒަފުންތަކުގެ ތަފްޞީލު ފޮނުވާފައިވެއެވެ.

(ށ) ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދިންކަމަށް ބުނާ ޗެކު ބައުންސްވުމާ ގުޅިގެން 13 ސެޕްޓެމްބަރ 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑައިރެކްޓަރ އިސްމާޢީލް ޙަބީބް ސޮއިކޮށް އެ ކުންފުނީގެ ސިއްކަ ޖަހައި ފޮނުވިކަމަށް ބުނާ ސިޓީގައިވެސް މިފްކޯގެ މުވައްޒަފަކު ނޯޓެއް ލިޔެ ސޮއިކޮށްފައިވާތީ، އެ ނޯޓު ލިޔުނު މުވައްޒަފުގެ ތަފްޞީލު ފޮނުވާފައިވެއެވެ.

(ނ) އަދި މި މުޢާމަލާތް ހިނގާދިޔަ ދުވަސްވަރު އޭރު މިފްކޯގެ މަސްފިހާރައިގައި ހަރަކާތްތެރިވި ފަސް މުވައްޒަފެއްގެ ތަފްޞީލު ފޮނުވާފައިވެއެވެ. އަދި އެ މުވައްޒަފުންތަކަށް ކަން ހިނގާދިޔަ ގޮތް އެނގޭނެކަމަށް މިފްކޯގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ޙަބީބް ހެއްކެއް ގޮތަށް ހައިކޯޓަށް ހާޒިރުކުރުމުގެ އެއް ދުވަސް ކުރިން 4 މެއި 2015 ގައި މިފްކޯއިން ހައިކޯޓަށް އެހެން ސިޓީއެއް ފޮނުވާފައިވެއެވެ. އެސިޓީގައި ބުނެފައިވަނީ 250 ކޭސް ދަޅުމަސް ފައިސާ ދެއްކުމަކާ ނުލައި ގެންދިޔަ މައްސަލައިގެ އެއްވެސް ތަޙުޤީޤެއްކޮށް ރިޕޯޓެއް މިފްކޯއިން ތައްޔާރުކޮށްފައިނުވާ ކަމަށެވެ. އަދި ތަޙުޤީޤު ނުކުރާ ސަބަބަކީ މިކަމަކީ ފިހާރައިން ކޮށްފައިވާ މުޢާމަލާތަކަށްވާތީކަމަށް އެ ސިޓީގައި ބަޔާކޮށްފައިވެއެވެ. އަދި މި މުޢާމަލާތާ ގުޅޭ ގޮތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީގެ އަޞްލު އެވަގުތު ފެނިފައިނުވާކަމަށާއި، އެހެންނަމަވެސް، 15 މާރޗް 2015 ގައި މިފްކޯއިން ފޮނުވި ސިޓީގައިވާ ފަރާތްތަކާ ސުވާލުކޮށްފިނަމަ، މިކަމަކީ ހިނގާފައިވާ ކަމެއްކަން ޝަރީޢަތަށް ސާފުވާނެކަމަށް މިފްކޯގެ ފަރާތުން ބުނެފައިވެއެވެ.

ހައިކޯޓުން ހެކި ބަލައިގަތުމުގެ އުޞޫލު

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ އާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް މިފްކޯއިން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ އައު ހެކި ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާކަމަށް މިފްކޯއިން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ހައިކޯޓުގެ މައްސަލަ ބެލުމުގެ އުޞޫލު ބަޔާންކޮށްފައި އޮވެއެވެ. އެގޮތުން؛

ހައިކޯޓުން މައްސަލަ32.

ބެލުމުގެ އުޞޫލު (ހ) ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ .

(ނ) ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެކަން އެނގެއެވެ. އެހެންނަމަވެސް އެފަދަ ހެއްކެއް ވާންޖެހޭނީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެއްކަކަށެވެ. އެހެނީ، ހައިކޯޓުން މައްސަލަ ބެލުމުގެ ޢާންމު އުޞޫލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމުގައިވާތީއެވެ. އަދި މި މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުން އެންމެ ތަނަވަސްކޮށް ހިފުމުގެ ރޫޙާ އެއްގޮތަށް އޮތް މާއްދާއެއްކަން ފާހަގަކުރެވެއެވެ. އެހެނީ، ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކީގެ މައްޗަށް ބިނާކޮށް މުޅި މައްސަލަ އިސްތިއުނާފީ ކޯޓަކުން އަލުން ހިންގުމުގެ ނަތީޖާއަކަށްވާނީ، އެކަންކަން ބެލުމުގެ އިސްތިއުނާފުގެ މަރުޙަލާއެއް ގެއްލިގެން ދިއުމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ ހައިކޯޓުގައި މައްސަލަ ބެލުމުގެ އަސާސްކަމަށް އޮންނަ އޮތުމުގެ މާނައަށް ބަލައިލުން މުހިންމެވެ. އަދި 32 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލައެއް އަނބުރާ ދަށު ކޯޓަށް ތަޙުވީލު ނުކޮށް، އައު ހެކި ބަލައިގަންނަންޖެހޭނަމަ، އެ ހެއްކެއް 32 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ބަލައިގަނެ، އެ މައްސަލަ ނިންމުމުގައި ޢަމަލު ކުރެވޭ ޙާލަތްތައް ދެނެގަތުން މުހިންމެވެ.

ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅުމުގައި އަންނަނިވި ޙާލަތްތައް ފާހަގަކުރެވެއެވެ:

ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛

ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛

ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛

ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފްޞީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި.

ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި

މި ނުކުތާގެ ދަށުން ހުށަހެޅޭ ހެއްކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭނެ ހެއްކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން "ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި" ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުޙަލާގައި ނުލިބޭ ހެކި، އެކަމަކު ފަހުން ހައިކޯޓު މަރުޙަލާގައި ލިބުން މެދުވެރިވާ ހެއްކަށެވެ. އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތުން ޤާނޫނު މަގުފަހިކޮށްދެއެވެ.

މި ނުކުތާގެ ދަށުން ހުށަހެޅޭނީ ކިހާ މިންވަރެއްގެ ހެއްކެއް ހެއްޔެވެ؟ ފަހުން ފެންނަ އައު ހެއްކެއްގެ ސަބަބުން މުޅި ދަޢުވާ ސާބިތުކުރުމަށްޓަކައި އިތުރު އެތައް ބައިވަރު ހެކިވެރިންނާއި މިނޫންވެސް ކަމާގުޅޭ، ފަހުން ފާހަގަކުރެވޭ އެހެނިހެން ލިޔެކިޔުން ހައިކޯޓަށް ހުށަހެޅިދާނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ގޮތެއް ކަނޑައެޅުމުގައި އިޚްތިޔާރުތަކެއް ލިބިދެވިފައިވެއެވެ. އެ އިޚްތިޔާރު ބޭނުންކުރުމުގައި ހައިކޯޓުން ބަލާނީ އެ ކޯޓަށް ހުށަހެޅިފައިވާ އައު ހެކި ބަލައިގަތުމާއެކު، އެ މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެތޯ ނުވަތަ ނޫންތޯއެވެ. މިސާލަކަށް ހައިކޯޓަށް ހުށަހެޅެނީ ހަމައެކަނި ފަހުން ފެންނަ ލިޔުމެއް ކަމުގައިވާނަމަ، އެ ލިޔުމަށް ދޭންޖެހޭ ބުރަދަނެއް ދިނުމާއެކު، އެ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ މާ ބޮޑު ހުރަހެއް ނޯވެދާނެއެވެ. އެފަދަ ޙާލަތެއްގައި، އައު ހެއްކަށް ރިޢާޔަތް ކުރުމަށްފަހު ހައިކޯޓަށް އެ މައްސަލަ ނިންމިދާނެއެވެ.

އެހެންނަމަވެސް ހައިކޯޓަށް އަލަށް ހުށަހެޅޭ ހެއްކަކީ މިސާލަކަށް، އެ ހުށަހެޅޭ ހެއްކެއްގެ ސަބަބުން އެތައް ބައިވަރު އެހެނިހެން ކަންތައްތަކެއް ކަށަވަރު ކުރުން ހިމެނޭކަމެއް ކަމުގައިވާނަމަ، އެންމެ މަޞްލަޙަތު އޮތް ގޮތަކީ އެ މައްސަލައެއް އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުވީލު ކުރުންކަމުގައިވެދާނެއެވެ.

އެހެންކަމުން، އައު ހެކި ބަލައިގަތުމުގެ މާނައަކީ، އޭގެ ޒާތުގައި އައު ހެކި ބަލައިގަތުމާއެކު ހައިކޯޓުން އެ މައްސަލައެއް ނިންމުން ލާޒިމްވާ ކަމެއް ނޫނެވެ. އެ މައްސަލައަކީ އިތުރަށް ދަށު ކޯޓަށް ތަޙުވީލު ނުކޮށް ގޮތެއް ކަނޑައެޅެން އޮތް މައްސަލައެއްނަމަ، ހައިކޯޓަށް އެ މައްސަލަ ނިންމިދާނެއެވެ. އެކަމަކު އެ މައްސަލައަކީ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމެއްކަމަށް ހައިކޯޓު ފަނޑިޔާރުން ކަނޑައަޅާ ޙާލަތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައެޅުމާއެކު، އެ މައްސަލަ ދަށު ކޯޓަށް ތަޙުވީލު ކުރެވިދާނެއެވެ.

ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި

މި ނުކުތާގައި އިޝާރާތްކުރެވެނީ އެކަށީގެންވާ މަސައްކަތެއް ކުރިނަމަ، ދަށު ކޯޓުގެ ޝަރީޢަތަށް ހުށަހެޅުމުގެ ފުރުޞަތު ލިބޭ ހެއްކަށެވެ. މިސާލަކަށް ދަޢުވާއެއް ނުވަތަ ރައްދު ދަޢުވާއެއް ސާބިތުކޮށްދިނުމަށް ބޭނުންވާ ޚަޞްމެއްގެ އަތުގައި ކަމާ ގުޅޭ ހެކި ފަސޭހައިން ފެންނަން ނުހުރެދާނެއެވެ. އެހެންނަމަވެސް، އެ ހެއްކެއް ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރިނަމަ، އެހެއްކަކީ ދަށު ކޯޓު މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ހެއްކަކަށް ވެދާނެއެވެ.

މި ޙާލަތުގައި ހައިކޯޓަށް ހުށަހެޅޭ ހެކި ބަލައިނުގަތުމަށް އެ ކޯޓަށް ނިންމިދާނެއެވެ. މައްސަލައެއް އިސްތިއުނާފު ކުރުމުގެ ދެ މަރުޙަލާއެއް އޮތުމުގެ މާނައަކީ، ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއަކާ ނުވަތަ ރައްދު ދަޢުވާއަކާ މެދު، އިސްތިއުނާފު ކުރެވޭނެ އަދި އިތުރު ދެ މަރުޙަލާއެއް އޮތަތީ، ފަރުވާކުޑަކުރުމަށް ނުވަތަ އިހުމާލުވުމަށް އޮތް އުޒުރެއްނޫނެވެ. އިސްތިއުނާފީ މަރުޙަލާގައިވެސް މައްސަލަ ބެލުމުގެ އަސާސަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ދިފާޢުތަކެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްތަކުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ވަކި ޙާލަތްތަކެއް ބަޔާންކޮށްފައިވާހިނދު، އެ ޙާލަތްތަކަށް ނުފެތޭ މައްސަލަތައް އިސްތިއުނާފު ކުރުމުގެ ފުރުޞަތު ޤާނޫނުން ފަހިކޮށްނުދެއެވެ. އެހެންކަމުން، ދަށު ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އިސްތިއުނާފުކުރުމުގެ ފުރުޞަތަކީ ޔަޤީންކަމާއެކު ފަހުން ލިބޭނެ ފުރުޞަތެއް ނޫންކަމުން، މައްސަލައެއްގެ ޚަޞްމުން އެމައްސަލައަކާ ގުޅޭ ހުރިހާ ހެއްކާއި އެހެނިހެން ލިޔެކިއުންތައް ހޯދައި ހުށަހެޅުމަށް އެކަށީގެންވާ މަސައްކަތް ކުރަންވާނެއެވެ.

ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި

ދަށު ކޯޓުގައި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާ ވާހަކަތަކަށް ބިނާކޮށް މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު ފަނޑިޔާރުގެ ރަޢުޔު ބަޔާންކޮށްފައި އޮންނާނެއެވެ. ބައެއް ފަހަރު ފަނޑިޔާރުގެ ރަޢުޔު ބަޔާންކުރާއިރު މައްސަލައިގެ ޚަޞްމެއް މައްސަލަ ކުރިއަށްދިޔަ އިރު ކަމެއްގައި ވަކި ގޮތަކަށް މާނަކުރެވެން އޮތްކަމުގެ އިހުތިމާލު އޮތްކަން އަންދާސާ ނުކުރާ، ނުވަތަ ވަކި ކަމަކަށް ހީނުކުރާ ފަދަ ބުރަދަނެއް މައްސަލަބެލި ފަނޑިޔާރު ދިނުން އެކަށީގެންވެއެވެ. ޢާންމުކޮށް މިކަހަލަ ޙާލަތް ކުރިމަތިވަނީ ދަށު ކޯޓުގައި ކުރި ދަޢުވާ ނުވަތަ ރައްދު ދަޢުވާ ބިނާވާ މައިގަނޑު ހެކިތަކުގެ މައްޗަކަށް ނޫނެވެ. މިސާލަކަށް ވަޒީފާއާ ބެހޭ މައްސަލައެއްގައި މުޅި ދަޢުވާ ބިނާވަނީ ވަޒީފާއިން ވަކިކުރިއިރު ދިން ލިޔުމުގައި ބަޔާންކުރެވިފައިވާ ސަބަބުގެ މައްޗަށެވެ. އެހެންނަމަވެސް، އެ ލިޔުމުގައި ބަޔާންކުރެވިފައިވާ ސަބަބާ މުޅިން ތަފާތު އެހެން ހާދިސާތަކެއްގެ ވާހަކަ ވަޒީފާދިން ފަރާތުން ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހިއްސާ ކުރުމުން، ދެފަރާތުންވެސް އެކަންކަމާމެދު ވާހަކަ ދެއްކިނަމަވެސް، މައްސަލަ ނިންމާ ގޮތަކުން އެކަމަކަށް ދެވޭ ބުރަދަނާ މެދު ސުވާލު އުފެއްދުމެވެ. މިފަދަ ޙާލަތެއްގައި، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން އެކަމުގެ މައްޗަށް ބިނާކޮށް، ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމަކާ ސީދާ ގުޅުންހުރި އެހެނިހެން އައު ހެކި ނުވަތަ އައު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު އިސްތިއުނާފީ މަރުޙަލާގައި އޮވެދާނެއެވެ.

އިސްވެ ފާހަގަކުރެވުނު ޙާލަތަކީ މުޅި ދަޢުވާ ނުވަތަ ރައްދު ދަޢުވާ އެހެއްކެއްގެ މައްޗަށް ބަރޯސާވާ އައު ހެއްކެއް ނޫނެވެ. ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތްނަމަވެސް، މައްސަލަ ނިންމާއިރު އެކަމަކަށް ދެވޭ ބުރަދަނެއްގެ ސަބަބުން އިތުރު ހެކި ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދޭ ޙާލަތެވެ.

ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފްޞީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި

ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުން ހުއްދަކުރުމަކީ އިންސާފަށް ކޯޓުން ވާސިލުވުމަށް މަގުފަހިކޮށްދޭ ކަމެއްކަމުގައިވާއިރު، ހަމަ އެ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށް އޮންނަ އޮތުމަކީ، ދަށު ކޯޓުން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުނުކުރުމުގެ ސަބަބުން، ނުވަތަ ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުގެ ނަޒަރުގައި އެ މައްސަލަ ނިންމުމަށްޓަކައި މުހިންމު މަޢުލޫމާތެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، ހައިކޯޓުން އެކަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް އޮތް ހުރަހެއް ނޫނެވެ.

މި ޙާލަތުގައި މައްސަލައިގެ ދެ ޚަޞްމުންވެސް ހުށަނާޅާ އަދި މައްސަލަ ނިންމުމުގައި ދަށު ކޯޓުންވެސް އެއަށް މާ ބޮޑު ބުރަދަނެއް ނުދޭ، އެކަމަކު މައްސަލައާ ސީދާ ގުޅުންހުރިކަމަށް ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހުށަހަޅަން ހައިކޯޓަށް އެންގިދާނެއެވެ. މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައާ ގުޅުންހުރި އަދި މައްސަލައަށް މުހިންމުކަމަށް ފެންނަ ހެކި ނުވަތަ އައު މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ ބާރު ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) ގެ ދަށުން ހައިކޯޓު ފަނޑިޔާރުންނަށް ލިބިދެވިފައިވެއެވެ. އެފަދަ ހެއްކަކީ ނުވަތަ މަޢުލޫމާތަކީ އެ މައްސަލައެއްގައި އިންސާފު ޤާއިމްކުރުމުގެ މަޤުޞަދުގައި ފަނޑިޔާރުންނަށް ހޯދިދާނެ ހެއްކެވެ.

އިސްވެ ބަޔާންކުރެވުނު ޙާލަތްތަކުގެ އިތުރުން ހައިކޯޓަށް ދަށު ކޯޓުގައި ނުދައްކާ ވާހަކަ ނުވަތަ އައު ހެކި ހުށަހެޅުމުގެ އިތުރު ޙާލަތްތަކެއް ހުރުންވެސް އެކަށީގެންވެއެވެ. ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތް ކުރަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ކަމުގައިވާއިރު، އައު ހެކި ހައިކޯޓުން ބަލައިގަތުމާމެދު ވަކި ފޯމިޔުލާއެއް ކަނޑައެޅޭނެކަމަކަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެ މައްސަލައެއް ބެލުމުގައިވެސް ފަނޑިޔާރުންގެ އަމާޒަކަށް ވާންވާނީ އިންސާފު ޤާއިމްކުރުމެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޢަމަލުކުރާގޮތަށް ބަލާއިރު، އިސްތިއުނާފީ ކޯޓުތަކުން އައު ހެކި ބަލައިގަތުމުގެ އުޞޫލުތައް ކަނޑައެޅިފައިހުރެއެވެ. އެކަމަކު ކޮންމެ މައްސަލައެއްގައިވެސް ބަލަނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށެވެ. އެހެންކަމުން، އައު ހެކި ބަލައިގަތުން ކަނޑައެޅުމުގައި، އިސްތިއުނާފީ ކޯޓުތަކަށް ފުޅާ އިޚްތިޔާރީ ބާރުތަކެއް ލިބިދެވިފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް އިނގިރޭސި ވިލާތް އަދި ކެނެޑާގައި، އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުމުގެ އުޞޫލުތަކެއް ޤާނޫނުތަކުންވެސް އަދި ކޯޓުތަކުން ނިންމާފައިހުރި ބައެއް މައްސަލަތަކުގައިވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް އެ އުޞޫލުތަކަކީ މުޠުލަޤުކޮށް ހުށަހެޅޭ ހުރިހާ މައްސަލަތަކަށް، އެއްވެސް އިސްތިސްނާއެއް ނެތި، ތަޠުބީޤު ކުރެވޭ އުޞޫލުތަކެއް ނޫންކަން ފާހަގަކުރެވެއެވެ. މައްސަލަތައް ބެލުމުގައި މި ޤައުމުތަކުގައި ރިޢާޔަތްކުރާ އެންމެ މުހިންމު މިންގަނޑަކީ، ވަކި ގޮތަކަށް ޢަމަލުކޮށްގެން އެ މައްސަލައެއްގައި އިންސާފު ޤާއިމުކުރެވޭތޯ ނުވަތަ ނޫންތޯއެވެ.

އައު ދިފާޢު ހުށަހެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ބައެއް މައްސަލަ

(ހ) އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ހައިކޯޓުން ހެކި ބަލައިގަތުމާމެދު ނިންމާފައިވާ ގޮތާ ޚިލާފަށް މިހާރު އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ ނިންމާފައިވާކަމަށް މިފްކޯގެ ފަރާތުން ބުނެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ ޙުސައިން ރިޝީފް ޠާހާ އޭނާ އަދާކުރަމުން ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ މައްސަލައެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ (ނ) ގައި، މައްސަލަތައް އިސްތިއުނާފުކުރުމުގެ މަޤުޞަދަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން؛

[[…] އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ، ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމަށްވިއަސް ނުވަތަ މަދަނީ ދަޢުވާއެއްކަމަށްވިއަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭ ގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދިއުންކަމާއި[…] ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް، ދަށު މަރުޙަލާގެ ކޯޓުން ނެރުމުގެ ކުރިން، ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާ އެއޮތް ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ނަގުލުވެގެންދިއުމުގެ މައްޗަށްކަމާއި މީގެ ނަތީޖާއެއްގެގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެކަމާއި...]

ފާހަގަކޮށްފައިވެއެވެ.

އިސްވެ ޙަވާލާދެވުނު ނުކުތާގައި ހައިކޯޓަށް އައު ހެކި ހުށަހަޅައި ބަލައިގަތުމުގެ ފުޅާ އިޚްތިޔާރީ ބާރުތަކެއް ލިބިދެވިފައިވާކަމަށް ދޭހަވި ނަމަވެސް، އެފަދަ ބާރުތައް ލިބެނީ ޤާނޫނީ އިމުގެ ތެރެއިންކަން ހަމަ އެ ނުކުތާގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ޙަވާލާދީފައި އޮތުމުން އެނގެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާއަކީ މުޠުލަޤުކޮށް، އެއްވެސް އިސްތިސްނާއެއް ނެތި، ޤާނޫނީ އިމުގެ ބޭރުން، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ހައިކޯޓުގެ އިޚްތިޞާޞްގެ ބޭރުން، އެ ކޯޓުން މައްސަލަތައް ބެލުމަށް އޮތް އުޞޫލުތަކެއް ކަނޑައެޅިފައިވާ ޤަޟިއްޔާއެއް ނޫނެވެ. އެ ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، މައްސަލަތައް ބެލުމުގައި އަދި ދަށު ކޯޓުގައި ނުދައްކާ ވާހަކައެއް ނުވަތަ އައު ހެކި ކޯޓުން ބަލައިގަތުމުގެ އިޚްތިޔާރު ޤާނޫނީ އިމުގެ ތެރެއިން އެ ކޯޓަށް ލިބިދެވެއެވެ. އެހެނީ، ހައިކޯޓުގައި ދިވެހިރާއްޖޭގެ ސުޕީރިއަރ ކޯޓުތަކާއި ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރެވޭ ހިނދު، އެކި ބާވަތުގެ، އެކި ވާޤިއާތައް ހިމެނޭ، އެކި ޙާލަތްތަކަށް ނިސްބަތްވާ މައްސަލަތައް ބެލުމުގައި ވަކި އެއް ފޯމިޔުލާއެއް ނުވަތަ އުޞޫލުތަކެއް ތަޠުބީޤުކޮށްގެން އިންސާފު ޤާއިމްކުރުންވާނީ ގޮންޖެހުމަކަށެވެ. އެހެންކަމުން، ހައިކޯޓުން މައްސަލަ ބެލުމުގައި އައު ހެކި ނުވަތަ ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކެއް ދެއްކުމަށް ފުރުޞަތު ދިނުމުގައި، މައްސަލައިގައިވާ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތް ކުރުމާއެކު، ކޮންމެވެސްވަރެއްގެ އިޚްތިޔާރީ ބާރުތަކެއް މައްސަލަ ބަލާ ފަނޑިޔާރުންނަށް ޤާނޫނީ އިމުގެ ތެރެއިން ލިބިދެވިގެންވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ދައުލަތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ސިވިލް ކޯޓުގައި ނުދައްކާ އައު ވާހަކަތަކަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަމަށެވެ. ދައުލަތުގެ އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓުގައި ތަފްޞީލުކޮށްދެމުން އިޝާރާތްކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ބައެއް ލިޔެކިއުންތަކަކާ ގުޅިގެން އެ ކޯޓުގައި ނުދައްކާ އައު ވާހަކަތަކެއް ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދައްކާފައިވާކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ހިނގަމުންދިޔައިރުވެސް ދައުލަތުގެ ފަރާތުން ހަމަ މިކަންކަން ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގެ މައްސަލައިގައި، ހައިކޯޓު މަރުޙަލާގައި އޭގެ ޒާތުގައި އެއްވެސް އައު ހެއްކެއް ހުށަހަޅާފައި ނުވިނަމަވެސް، ދަށުކޯޓުންކޮށްފައިވާ ޙުކުމުގައި ބައެއް ހެއްކަށް ދީފައިވާ ބުރަދަނުގެ ސަބަބުން، މައްސަލައިގެ މައުޟޫޢުއަށް އެންސިލަރީ (ancillary) ނުވަތަ ގުޅިފައިވާ އައު ވާހަކަތަކެއް ނުވަތަ ދިފާޢުތަކެއް ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ބަލަމުންމިދާ ޤަޟިއްޔާގެ 23 ވަނަ ޕެރަގްރާފްގައި ފާހަގަކޮށްފައިވަނީ ހައިކޯޓަށް އައު ހެކި ހުށަހެޅިދާނެ ޙާލަތްތަކެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ހައިކޯޓުގައި އައު ދިފާޢުއެއް ނެގި ނުކުތާ، އައު ހެކި ހުށަހެޅިދާނެ ޙާލަތްތަކަށް ޤިޔާސްކުރާނަމަ ފެތޭނީ އައު ހެކި ހުށަހެޅުމާގުޅޭ ޙާލަތްތަކުގެ ތެރެއިން 3 ވަނަ ޙާލަތަށެވެ. އެއީ، ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހެޅޭ އިތުރު ހެއްކެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގެ މައްސަލައިގައި ހައިކޯޓުގައި އައު ވާހަކަތަކެއް ދެކެވުނު ނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެ ހުރިހާ ވާހަކަތަކެއްވެސް ބިނާވެފައިވަނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަން ފާހަގަކުރެވެއެވެ.

(ށ) މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާއަކީ މޫސާ ނަޞީރުގެ ފަރާތުން މި ކޯޓުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު (މީރާ) އާ ދެކޮޅަށް އިސްތިއުނާފު ކުރުމުން މި ކޯޓުގައި ބެލެވުނު ޤަޟިއްޔާއެކެވެ.

މި ޤަޟިއްޔާގައިވެސް ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންކަން އިސްތިއުނާފު މަރުޙަލާގައި ފާހަގަ ކުރުމާގުޅޭ ގޮތުން އަލި އަޅުވާލެވިފައިވެއެވެ. އެގޮތުން، މި މައްސަލައިގައި މީރާގެ ފަރާތުން ދަށު ކޯޓުގައި ދަޢުވާކުރީ ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ހޯދުމަށެވެ. މޫސާ ނަޞީރު ދަށު ކޯޓުގައި ނެގި މައިގަނޑު ދިފާޢުއަކީ މީރާއަކީ މޫސާ ނަޞީރުއާ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅުމެއް ނެތް ތިންވަނަ ފަރާތެއްކަމަށާއި، އަދި އެހެންކަމުން، އެ އެއްބަސްވުމުގެ ދަށުން އުފެދޭ ކަންކަމާ ގުޅިގެން މީރާއަށް މޫސާ ނަޞީރުގެ މައްޗަށް ދަޢުވާ ކުރުމުގެ ހައިސިއްޔަތެއް ނެތްކަމަށެވެ.

ސިވިލް ކޯޓުން ޙުކުމް ކުރީ މޫސާ ނަޞީރު ފައިސާ ދައްކަންޖެހޭ ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ މޫސާ ނަޞީރު އިސްތިއުނާފު ކުރިއިރު، އެ ކޯޓުގައި ބުނެފައިވަނީ މިނިސްޓްރީއާ މޫސާ ނަޞީރުއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ އެއްބަސްވުން ބާޠިލު ކުރުމާ ގުޅޭ މާއްދާތައް ސިވިލް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި އަދި އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުވެސް ކޯޓުން ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. ހައިކޯޓުން ނިންމާފައިވަނީ އެ ނުކުތާތަކަކީ ދަށު ކޯޓުގައި ނަގާފައިވާ ނުކުތާތަކެއް ނޫންކަމުން، އެ ކޯޓުން ބަލައިގަނެ އެއާ މެދު ގޮތެއް ނިންމަން ނުޖެހޭކަމަށެވެ. އަދި މައްސަލަ ނިންމުމުގައި ހައިކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ޙަވާލާ ދީފައިވެއެވެ.

ހައިކޯޓުގެ މި ނިންމުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާއިން ތާއީދުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި އެ ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ) ގައި ފާހަގަކޮށްފައިވާ ފަދައިން ފުރަތަމަ މަރުޙަލާ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުޞޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންސުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތަކީ އިސްތިއުނާފީ މަރުޙަލާ ކޯޓުތަކުން އެއްވެސް އިސްތިސްނާއެއް ނެތި މިއެންމެހައި ކަންކަން ބަލައި މަރުޙަލާ އެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ދަށު ކޯޓުގައި ނުދައްކާ އައު ވާހަކަތަކެއް ދެއްކުމަށް ފުރުޞަތު ނުދިން ސަބަބަށް ބަލާއިރު، މޫސާ ނަޞީރުގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް މީރާގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ އަސާސަށް ޖަވާބުދާރީވުމަށެވެ. މޫސާ ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެއިރު މައްސަލަ ހިނގަމުން ދިޔައިރު ދަޢުވާއަށް މައުޟޫޢީ ގޮތުން ޖަވާބުދާރީ ވެފައި ނުވަނީ އެ ދަޢުވާއަކީ މޫސާ ނަޞީރުގެ މައްޗަށް މީރާއިން ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ޤަބޫލުކުރާތީ ކަމަށެވެ.

އެހެންކަމުން، ކޮށްފައިވާ ދަޢުވާއެއްގެ އަސާސަށް ޖަވާބުދާރީނުވުމާއި، ރައްދު ދަޢުވާ ސާބިތުކޮށްދިނުމަށް ދަށުކޯޓު މަރުޙަލާގައި މަސައްކަތް ނުކުރުމަކީ، މި ޤަޟިއްޔާގައި ހައިކޯޓަށް އައު ހެކި ހުށަހެޅުމާގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ޙާލަތްތަކުން ކުރެ 2 ވަނަ ޙާލަތަށް ފެތޭ ކަމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މިއީ ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު، އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެއްކެވެ.

ހައިކޯޓުން ހެކި ބަލައިގަތުމުގެ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރުން

އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާއާ ޚިލާފަށްކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މި މައްސަލާގައި މިފްކޯއިން ސިވިލް ކޯޓަށް ހުށަނާޅާ އައު ހެއްކަކަށް ހައިކޯޓަށް ހުށަހަޅާފައިވަނީ މިފްކޯއަށް ލިބުނު ޗެކު ބައުންސްވެގެން 13 ސެޕްޓެމްބަރ 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ފޮނުވިކަމަށް ބުނާ ސިޓީއެވެ.

ސިވިލް ކޯޓަށް ހުށަނޭޅޭ މި ސިޓީއާ ގުޅިގެން ހެއްކެއްގެ ގޮތުން ހައިކޯޓަށް އިސްމާޢީލް ޙަބީބު ހާޒިރުކޮށްފައިވެއެވެ. އަދި އެ ސިޓީއަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް ޙަބީބް ފޮނުވި ސިޓީއަކާ މެދު އޭނާ އިންކާރުކޮށްފައިވެއެވެ. 1 އޮގަސްޓް 2012 ގައި 500 ކޭސް ދަޅުމަސް ގަތުމަށް ފޮނުވި ޕާރޗޭސް އޯޑަރ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ފަހުން، އެކަމާ ގުޅިގެން މިފްކޯއިން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާކަމަށް އިސްމާޢީލް ޙަބީބް ބުނެފައިވެއެވެ. އަދި ދަޅުމަސްތައް ގަތީ އެހެނިހެން ތަންތަނުންކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސްދީފައިވެއެވެ.

މިފްކޯއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ދަޅުމަސް ގަނެ ވިއްކުމުގެ މުޢާމަލާތެއް ހިނގިކަން ދަންނާނެކަމަށް ބުނެ ހެކިންގެ ލިސްޓެއް 15 މާރޗް 2015 ގައި މިފްކޯއިން ފޮނުވި ސިޓީގައިވެއެވެ. އެހެންނަމަވެސް ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި ސިޓީއަކީ ހައިކޯޓުގެ ފަނޑިޔާރުން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި ފޯރުކޮށްދީފައިވާ ތަފްޞީލުކަން ފާހަގަކުރެވެއެވެ. އަދި ހެކިން ހާޒިރުކޮށްދިނުމަށް މިފްކޯއިން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކުގައިވެސް ފާހަގަކޮށްފައިނުވެއެވެ. ސިވިލް ކޯޓަށް ހުށަނޭޅޭ، އެކަމަކު ފަހުން ހައިކޯޓަށް ހުށަހެޅި 13 ސެޕްޓެމްބަރ 2012 ގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވިކަމަށް ބުނާ ސިޓީ އެއްފަރާތުގައި ބާއްވާފައިވެސް، 1 އޮގަސްޓް 2012 ގެ ޕާރޗޭސް އޯޑަރ އޯތަރައިޒް ކުރި މުވައްޒަފުންނާއި ފިހާރައިގައި މަސައްކަތް ކުރި މުވައްޒަފުން ހެކިންގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅުމުގެ އެއްވެސް ހުރަހެއް އޮތްކަމަށް މިފްކޯއިންވެސް މި މައްސަލައިގެ އެއްވެސް ޝަރުޢީ މަރުޙަލާއެއްގައި ފާހަގަކޮށްފައިނުވެއެވެ. އެހެންކަމުން، ހެކިން ހާޒިރުކުރުމުގެ ފުރުޞަތަކީ ގެއްލިފައިވާ ފުރުޞަތެއްކަމަށް ބެލެވޭނެ ހަމައެއްވެސް ނެތެވެ. އެއާ ޚިލާފަށް މިފްކޯއިން ސިވިލް ކޯޓަށް ހުށަހެޅީ ހަމައެކަނި 1 އޮގަސްޓް 2012 ގެ ޕާރޗެސް އޯޑަރ ސިޓީއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން ކަމަށް ބުނާ ޗެކުގެ ކޮޕީއަކާއި އަދި ޗެކު ރިޓާންކޮށް ބޭންކުން ދީފައިވާ ލިޔުމެވެ. މި މުޢާމަލާތް ހިނގިކަމާ މެދު ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައިވެސް އިންކާރު ކޮށްފައިވާއިރު، ޙަވާލާ ދެވުނު ލިޔުންތަކުން މުޢާމަލާތް ސާބިތުވާކަމަށް ބުނެ އިތުރު އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅަން މިފްކޯއިން މަސައްކަތް ކޮށްފައިނުވާކަން ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާގެ ބަޔާންތަކަށް ބެލުމުން އެނގެއެވެ.

އެހެންކަމުން، މުޢާމަލާތް ހިނގިކަން ދަންނާނެކަމަށް ބުނެ މިފްކޯއިން ހުށަހަޅާފައިވާ ހެކިންގެ ލިސްޓަކީ ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ، ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ ހެއްކެވެ. ހުށަހެޅިފައިމިވާ މައްސަލާގައި ހައިކޯޓުން ހެކިން ހާޒިރުކޮށް ނުދިނުން ފެތެނީ މި ޤަޟިއްޔާގައި ހައިކޯޓުން އައު ހެކި ބަލައިގަތުމާމެދު ފާހަގަކޮށްފައިވާ ދެވަނަ ޙާލަތަށެވެ. މި ޙާލަތަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) ގައިވާ ފަދަ ޙާލަތަކާ އެއްފަދަ ޙާލަތެކެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ) ގައިވާ ޙާލަތާ އެއްފަދަ ޙާލަތެއް ނޫންކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާގައި މިފްކޯއިން ހުށަހެޅި ހެކިން ހައިކޯޓަށް ހާޒިރުނުކުރަން އެކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތެވެ.

ދަޢުވާ ސާބިތުކުރުމުގެ ބުރަ

ދަޢުވާ ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެދަފްޢު ކުރިމަތިކުރުވާ ފަރާތުންކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ މިފްކޯގެ ފަރާތުން އިސްތިއުނާފު ކުރި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާ ކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ކަނޑައަޅާފައިވެއެވެ.

މިފްކޯއިން އިސްތިއުނާފުކުރި ދެވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 13 ސެޕްޓެމްބަރ 2012 ގައި ފޮނުވި ސިޓީ ޞައްޙަ ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާ ޚިލާފަށްކަމަށެވެ. އެހެނީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިންކަމަށް ބުނާ ޗެކުގައި އެ ކުންފުނީގެ ސިއްކަ ޖަހާފައިވާއިރު، 13 ސެޕްޓެމްބަރ 2012 ގައި އެ ކުންފުނިން ފޮނުވި ސިޓީއަކީވެސް 1 އޮގަސްޓް 2012 ގައި އެކުންފުނިން ފޮނުވި ޕަރޗޭސް އޯޑަރ ސިޓީވެސް ލިޔެފައިއޮތް ކަހަލަ ލެޓަރހެޑެއްގައި ކަމަށްވެފައި، އަދި އެ ކުންފުނީގެ ސިއްކަ ޖަހާފައި އޮތް ލިޔުމަކަށްވާއިރު، އެ ލިޔުމަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ލިޔުމެއްކަމަށް އިންކާރު ކުރުމުގެ އިތުރުން، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އިތުރު އެއްވެސް ކަމެއް ހައިކޯޓުގައި ހުށަހަޅާފައިނުވާކަމެވެ.

މި މައްސަލާގައި މިފްކޯއިން ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް ދަޢުވާއަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ އޯޑަރަކަށް މިފްކޯއިން ސަޕްލައިކޮށްފައިވާ މުދަލަށް ފައިސާ ދެއްކުމަށް ދޫކޮށްފައިވާ ޗެކު ބައުންސްވެ، މިފްކޯއަށް ލިބެންޖެހޭ ފައިސާ އެކުގައި އެއްފަހަރާ ހޯދުމަށްކަން އެނގެއެވެ.

މިފްކޯއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދަޅުމަސް ކޭސްތަކެއް ސަޕްލައިކޮށްދިން ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެ ޚިދުމަތް ފޯރުކޮށްދިންކަން ސާބިތުކޮށްދިނުމުގެ ގޮތުން މިފްކޯއިން އެއްވެސް ހެއްކެއް ސިވިލް ކޯޓަށް ހުށަހަޅާފައިނުވެއެވެ. އެއާ ޚިލާފަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިދުމަތަކަށް އެދިފައިވާކަން އެ ކުންފުނީގެ 1 އޮގަސްޓް 2012 ގެ ޕާރޗޭސް އޯޑަރ ސިޓީން ސާބިތުކޮށްދެވިފައިވެއެވެ. 500 ކޭސް ދަޅުމަސް ގަންނަން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވެއެވެ. އެހެންނަމަވެސް އެ ކުންފުންޏަށް ދޫކުރީ 250 ކޭސް ދަޅުމަސްކަމަށް މިފްކޯއިން ބުނެއެވެ. އަދި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވަނީވެސް މި 250 ކޭސް ދަޅުމަހަށެވެ. 250 ކޭސް ދަޅުމަސް ދޫކުރެވުނު ގޮތާއި، އެކަން ދަންނާނެ މީހުންނާއި، މިފްކޯއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިކަމާ ގުޅިގެން މުޢާމަލާތް ކުރި މުވައްޒަފުންނާއި، އަދި 250 ކޭސް ދަޅުމަސް ދޫކުރެވުނުކަން އެނގޭނެ އެއްވެސް ލިޔެކިއުމެއްވެސް މިފްކޯއިން ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ. މީގެ އިތުރުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޗެކެއް ދިންކަމަށް މިފްކޯއިން ބުނާއިރު، އެ ޗެކަކީ އެ ކުންފުނީގެ ޗެކަކަށް ނުވާ ހާލު، އެ ޗެކު މިފްކޯއަށް އެންމެ ކުޑަމިނުން ލިބުނު ގޮތްކިޔައިދެވޭ އެއްވެސް ހެއްކެއްވެސް ސިވިލް ކޯޓަށް މިފްކޯއިން ހުށަހަޅާފައިނުވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވާ ފަދައިން، ޗެކެއް އޮންނަ އޮތުމަކުން ހާދިސާ ސާބިތުނުވެއެވެ. އަދި މިއީ ދިވެހިރާއްޖޭގައި އިސްތިޤުރާރުވެ ޢަމަލު ކުރަމުން އަންނަ އުޞޫލުކަންވެސް ފާހަގަކުރެވެއެވެ.

މިފްކޯއިން ކުރި ދަޢުވާއާ ގުޅިގެން 250 ކޭސް ދަޅުމަސް ޙަޤީޤަތުގައިވެސް ދޫކުރެވިފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްކަން މިފްކޯއަށް ސާބިތުކޮށްދެވުނު ނަމަ، މިފްކޯގެ ފަރާތުން ހުށަހެޅި 13 ސެޕްޓެމްބަރ 2012 ގެ ސިޓީއަށް ޝަރީޢަތުންދޭ ބުރަދަން ތަފާތުވުން އެކަށީގެންވެއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތިން، މިފްކޯއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 250 ކޭސް ދަޅުމަސް ވިއްކުމުގެ މުޢާމަލާތެއް ހިނގިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަޢުވާ ކުރާ ފަރާތުންނެވެ. މި މައްސަލައިގައި ސިވިލް ކޯޓު މަރުޙަލާގައި އެފަދަ މުޢާމަލާތެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހިނގިކަން ސާބިތުކުރުމަށްޓަކައި މިފްކޯއިން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ. މިފްކޯއަށް ބޭރު ކުންފުންޏެއްގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ޗެކެއްގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައި ދޫކުރެވުނުއިރު، މިފްކޯއިން މުޢާމަލާތްކުރީ ޙަޤީޤަތުގައިވެސް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާކަމެއް، ނުވަތަ އެ ކުންފުނީގެ ނަމުގައި މުޢާމަލާތްކުރި އެހެން ފަރާތަކާއެކު ކަމެއް އެނގޭކަށް ނެތެވެ.

ބޮޑަށް ބުރަވެވޭގޮތް

މި މައްސަލަ އިސްތިއުނާފު ކުރަމުން މިފްކޯއިން ފާހަގަކުރި އެންމެ ފަހު ނުކުތާގައި ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި އޮންނަނީ؛

6. ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާ ކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެކަމެއްގެ ޙަޤީޤަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި މިފްކޯއިން ހުށަހެޅުނު ލިޔުންތަކާއި އެ ލިޔުންތަކުން ފެންނަން އޮތް ވާޤިއާތަކާއި، މުޅި މުޢާމަލާތް ހިނގި ގޮތަށާއި، ތާރީޚުތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމުން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދުނު އެދުމަކަށް 250 ކޭސް ދަޅުމަސް މިފްކޯއިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް މިފްކޯއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.

މި ޤަޟިއްޔާގައި ކުރިން ފާހަގަކޮށްފައިވާ ފަދައިން، ދަޢުވާ ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މިފްކޯކަމުގައިވާއިރު، 250 ކޭސް ދަޅުމަސް ލިބުނުކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރާ ޙާލު، އަދި 1 އޮގަސްޓް 2012 ގެ ފަހުން އެއްވެސް ސިޓީއެއްވެސް އަދި ޗެކެއްވެސް ދޫކޮށްފައިނުވާނެކަމަށް ބުނެފައިވާއިރު، ހިނގާދިޔަ ހާދިސާއާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ގުޅުވައިދޭ އިތުރު ހެއްކެއްވެސް އަދި ޤަރީނާއެއްވެސް މިފްކޯގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. އަދި އެންމެ ފުރަތަމަ ޕާރޗޭސް އޯޑަރ އާ ގުޅިގެން، އެކަންކަން ސާބިތުކޮށްދޭނެ ހެކި ނުވަތަ ޤަރީނާ ސިވިލް ކޯޓަށް ހުށަހެޅުމުގެ ހުރަހެއްވެސް އެއިރު އޮތްކަމަކަށް މިފްކޯގެ ފަރާތުން އެއްވެސް ޝަރުޢީ މަރުޙަލާއެއްގައި ފާހަގަކޮށްފައިނުވެއެވެ.

އެހެންކަމުން، މިފްކޯގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާ އިސްތިއުނާފުކުރި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ނަންބަރު 2260/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ