ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2024/HC-A/271ހައިކޯޓު · 14 އޮކްޓޫބަރު 2026 · އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ޞަބީޙާ ހުސެއިން އަދި އަނޯޖީރޯޝަން ގަމަންޕިއްލާ ވ. ކުންމާރޗޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ހައިކޯޓު · 14 އޮކްޓޫބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 2831/CVC/2023ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ޝަރީޢަތް ހިންގުމަކާނުލައި، 177,299.66 ރުފިޔާއާއި ވަކީލުގެ ޚަރަދުގެ ގޮތުގައި 25,000 ރުފިޔާ، ޖުމްލަ 202,299.66 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކުރި.
ވާޤިޢާ
ކެފޭއެއް ހިންގުމަށް 5 އަހަރުގެ މެނޭޖްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު، މެނޭޖްމަންޓް ޓީމުން ފީތަކާއި ބިލްތައް ނުދައްކައި، ފައިނަލް ނޯޓިސް ލިބުމުން 15 އެޕްރީލް 2023 ގައި އެއްބަސްވުން ބާޠިލުކުރި. ކުންފުނިން ނުދައްކާ ފައިސާއާއި ވަކީލުގެ ޚަރަދު ހޯދުމަށް ދަޢުވާކުރި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއިން ސެކިއުރިޓީ ޑިޕޮސިޓާއި ވިސާ ޑިޕޮސިޓް އުނިކުރެވޭނެތޯއާއި، ޝަރީޢަތް ހިންގުމަކާނުލައި ނިންމި މައްސަލައެއްގައި ޤާނޫނީ ވަކީލުގެ ފީއަށް ޒިންމާވާންޖެހޭނެތޯ؛ އަދި ދަށުކޯޓަށް ހުށަނާޅާ ހެކިތަކާއި ބަހުސްތައް އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތްތަކުން ބުނީ ސެކިއުރިޓީ ޑިޕޮސިޓް (100,000 ރ) އާއި ވިސާ ޑިޕޮސިޓް (16,000 ރ) އުނިކުރަންޖެހޭނެކަމަށާއި، ވަކީލުގެ ފީ ސިވިލް ކޯޓުގެ 3747-CVC-2022 ގައި ނަގައިދިން 5,000 ރ އަށް ވުރެ ބޮޑުނުވާނެކަމަށް، އަދި އައު ހެކި ބަލައިގަތުމަށް. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ މިއީ ދަށުކޯޓުގައި ނުނަގާ ބަހުސްތަކާއި ހެކިކަމަށާއި، މިނިމަމް ކޮމިޓްމަންޓް ޕީރިއަޑުގެ ތެރޭގައި ބާޠިލުކުރީމާ ޑިޕޮސިޓް ރިފަންޑް ނުކުރެވޭނެކަމަށް.
ކޯޓުގެ ސަބަބުތައް
އެއްބަސްވުން ބާޠިލުކުރީ އިސްތިއުނާފުކުރާ ފަރާތްތަކުން މިނިމަމް ކޮމިޓްމަންޓް ޕީރިއަޑްގެ ކުރިންކަމުން 1.3 ވަނަ މާއްދާގެ ދަށުން ޑިޕޮސިޓް ރިފަންޑް ނުކުރެވޭ؛ ވިސާ ޑިޕޮސިޓް އަނބުރާ ދޭންޖެހޭކަމުގެ ނައްސެއް ނެތް؛ އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ދަށުކޯޓުގައި ލިބިފައިވާތީ ބަލައިނުގަނެވޭ؛ ކުރީގެ ނިންމުންތަކަކީ ލާޒިމުކޮށް ތަބާވާންޖެހޭ ނިންމުންތަކެއް ނޫން.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2831/CVC/2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ހައިކޯޓުގައި މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމަށް ހުރަހެއްނެތެވެ. (ޕެރ. 61)

HN2މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ދަށު މަރުޙަލާގައި ފާހަގަކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބި ހުށަނާޅާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ؛ އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވޭނީ ޢަދުލުއިންސާފު ޤާއިމުކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ، ނުވަތަ ޙުކުމާ ސީދާ ގުޅުމެއްވާ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިފައިވާ ނުކުތާއެއްނަމައެވެ. (ޕެރ. 62-64)

HN3މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮއްވައި ހުށަނާޅާ ހެކި އިސްތިއުނާފުގައި ބަލައިގަނެވޭނީ އިސްތިސްނާ ޙާލަތްތަކުގައެވެ. އެގޮތުން ބަލަންޖެހޭނީ އެ ހެއްކަކީ ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްގެންވެސް ނުލިބޭ ހެއްކެއްތޯ، މައްސަލައާ ގުޅުންހުރި ހެއްކެއްތޯ، ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ ހެއްކެއްތޯއެވެ. އެންމެ މުހިންމު މިންގަނޑަކީ އިންސާފު ޤާއިމުކުރެވޭނެތޯ ބެލުމެވެ. ވަކީލުގެ އިހުމާލުގެ ސަބަބުން ހެކި ހުށަނާޅާކަމަށް ބުނުމަކީ އެކަން ދަލާލާތުކޮށްދޭ ލިޔުމެއް ނެތްނަމަ ހެކި ބަލައިގަތުމުގެ ސަބަބެއް ނޫނެވެ. (ޕެރ. 73-77)

HN4މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

އެއްބަސްވުމުގެ މިނިމަމް ކޮމިޓްމަންޓް ޕީރިއަޑްގެ ތެރޭގައި ކެފޭ ހިންގުން ހުއްޓާލައިފިނަމަ ސެކިއުރިޓީ ޑިޕޮސިޓް ރިފަންޑްނުކުރެވޭނެކަން އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާޠިލުކުރި ފަރާތަށް ދައްކަންޖެހޭ ފައިސާއިން ސެކިއުރިޓީ ޑިޕޮސިޓް އުނިކުރެވޭކަށް ނެތެވެ. (ޕެރ. 65-69)

HN5މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ވިސާ ޑިޕޮސިޓަކީ އެއްބަސްވުން ބާޠިލުވުމާއެކު އަނބުރާ ލިބޭ ފައިސާއެއްކަން އެއްބަސްވުމުގެ ނައްސަކުން ދަލާލާތުނުކުރާހިނދު، އަދި މުވައްޒަފުންނާ ގުޅޭ ކަންކަމުގެ ޒިންމާ އެއްބަސްވުމުން އޮތީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށްކަމުން، ދައްކަންޖެހޭ ފައިސާއިން ވިސާ ޑިޕޮސިޓް އުނިކުރެވޭކަށް ނެތެވެ. (ޕެރ. 78-81)

HN6މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގައި އެއްފަދަ މައްސަލަތަކުގައި ކުރިން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކުރުމަށް ބާރުއަޅާއިރު، އެއީ އެ ނިންމުންތަކަށް ލާޒިމުކޮށް ތަބާވާންޖެހޭ ކަމެއްގެ ގޮތުގައި މާނަކުރެވޭނެ ކަމެއް ނޫނެވެ؛ އެ ޙުކުމްތަކާ ދުރަށް ދެވިދާނެއެވެ. (ޕެރ. 83-86)

HN7މަދަނީ › އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ

ޝަރީޢަތުގެ ޚަރަދު ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ އިޖުރާއަތާ ޚިލާފަށްކަމުގެ ބަހުސެއް ދަށުކޯޓުގައިވެސް އިސްތިއުނާފީ މަރުޙަލާގައިވެސް ނަގާފައިނުވާނަމަ، އެކަން އިސްތިއުނާފީ މަރުޙަލާގައި ވަޒަންކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައެއް ނުވެއެވެ. (ޕެރ. 87)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ސާދަވަނަ ބާބު، 164 ވަނަ މާއްދާގެ (ހ)، 165 ވަނަ މާއްދާ، 166 ވަނަ މާއްދާގެ (ނ)، 268 ވަނަ މާއްދާ، 284 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
  • ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
  • 2021/SC-A/41
  • 2020/SC-A/77
  • 2014/HC-A/83
  • 2017/SC-A/41
  • 2019/SC-A/57
  • 2021/SC-A/66
  • 2021/SC-A/77
  • 2021/SC-A/107
  • 2021/SC-A/106
  • 2022/SC-A/12
  • 2021/SC-A/89
  • 2021/SC-A/40
  • 2022/SC-A/60
  • 2024/SC-A/53
  • 2016/SC-A/18
  • 2022/SC-A/92
  • 2021/SC-A/17
  • 2017/SC-A/71
  • 2019/SC-A/72
  • 2021/SC-A/20
  • 2013/SC-A/20
  • 2021/SC-A/54
  • 2017/SC-A/40
  • 2019/SC-A/09
  • 2023/HC-A/273
  • 2024/HC-A/192
  • ސިވިލް ކޯޓު 3747-CVC-2022

ފަނޑިޔާރުން

ބެންޗު
ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ، […] ޞަބީޙާ ޙުސައިން (ދިވެހި ރައްޔިތެއްކަން އަންގައިދޭ އަދި ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން (Anoj Iroshan Gammanapila Imayage Don) (ޕާސްޕޯޓު ނަންބަރު ) (މީގެ ފަހުން ވަކިވަކިން "ޞަބީޙާ ޙުސައިން" އަދި "އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ އެކުއެކީގައި "އިސްތިއުނާފުކުރާ ފަރާތްތައް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (Commercio Investment Private Limited) (ރަޖިސްޓަރީ ނަންބަރު ) (މީގެ ފަހުން "ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ހިންގާ ވިޔަފާރިއެއްކަމުގައިވާ "ދަ ރޮސްޓް ޝެކް" (ކެފޭ) ހިންގުމަށް ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން އަދި ޞަބީޙާ ޙުސައިންއާ ދެމެދު 23 އޮކްޓޫބަރު 2022 ގައި "މެނޭޖްމެންޓް އެގްރީމެންޓް" (މީގެ ފަހުން "މެނޭޖްމަންޓް އެގްރީމެންޓް" ނުވަތަ "އެއްބަސްވުން") ވެފައިވެއެވެ.

4މި އެއްބަސްވުމުގެ ދަށުން ކެފޭ މެނޭޖްކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2022 އިން ފެށިގެން 05 (ފަހެއް) އަހަރުގެ މުއްދަތަށްކަމުގައި ބަޔާންކުރެއެވެ. މި މުއްދަތުގެ ތެރޭގައި ކެފޭގައިވާ އެންމެހާ އާލާތްތައް ބެލެހެއްޓުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަމަށާއި، ކެފޭ ހިންގުމަށް ބޭނުންވާ ހުއްދަތައް އާކުރުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަމަށާއި، ކެފޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ މަހުގެ 15 (ފަނަރަ) ގެ ކުރިން ދިނުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަމަށާއި، މުވައްޒަފުންގެ ހެލްތް އިންޝުއަރެންސްއާއި މެޑިކަލް އެލަވަންސްއާއި، މުވައްޒަފުންގެ ވޯކް ވިސާ އާކޮށް މި ޚިދުމަތްތަކަށް ފައިސާ ދެއްކުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަމަށާއި، ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ވިޔަފާރި ހިންގުމަށާއި، އަދި ކެފޭ ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ޒިންމާ އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް އޮތްކަން މި އެއްބަސްވުމުގައި ބަޔާންކުރެއެވެ.

5މި އެއްބަސްވުމާއި އިސްތިއުނާފުކުރާ ފަރާތްތަކުން ޚިލާފުވެފައިވާކަމަށް ބުނެ ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން final warning: notice of breach ގެ ލިޔުމެއް އިސްތިއުނާފުކުރާ ފަރާތްތަކަށް 25 މާރޗު 2023 ގައި ފޮނުވާފައިވެއެވެ. މި ލިޔުމުގައި އެއްބަސްވުމުގައި ހިމެނޭ އަންނަނިވި ކަންތައްތަކާއި އިސްތިއުނާފުކުރާ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެއެވެ.

5.1. އެއްބަސްވުމުގެ 4.2 ވަނަ މާއްދާއާ އެއްގޮތަށް އޮޕަރޭޝަން ފީ ދައްކާފައިނުވާކަން

5.2. އެއްބަސްވުމުގެ 2 ވަނަ މާއްދާއާ އެއްގޮތަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްވެފައިވާކަމަށާއި، ފެން ބިލާއި، ކަރަންޓު ބިލާއި، ކުނި އުކާލުމަށް ދައްކަންޖެހޭ ފައިސާއާއި، އިންޓަނެޓްއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން

5.3. މުވައްޒަފުންގެ ވޯކް ވިސާ ފީ ދައްކާފައިނުވާކަން

6މިއީ މި ޙާލަތު އިޞްލާޙުކުރުމަށް ދެވޭ އެންމެ ފަހުގެ ފުރުޞަތުކަންވެސް ބަޔާންކޮށް، ބަޔާންކޮށްފައިވާ މި ކަންކަން 06 (ހައެއް) ދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިނުވާނަމަ، ޤާނޫނީގޮތުން އަންނަނިވި ފިޔަވަޅު އެޅޭނެކަން މި ލިޔުމުގައި ބަޔާންކުރެއެވެ.

6.1. ދައްކަންޖެހޭ ފައިސާ ދެއްކުމާ ހަމައަށް ކެފޭ ވަގުތީގޮތުން ބަންދުކުރުން

6.2. މި ވަގުތީ މުއްދަތުގައިވެސް ފައިސާ ދައްކާފައިނުވާނަމަ، އެއްބަސްވުން ބާޠިލުކުރުން

6.3. ގެއްލުމުގެ ބަދަލު ލިބިގަތުމަށް ދަޢުވާކުރުން

7އިސްތިއުނާފުކުރާ ފަރާތްތަކުން 15 އެޕްރީލް 2023 ގައި ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް Management Agreement Termination Letter ފޮނުވާފައިވެއެވެ. މި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.

7.1. މި ނޯޓިސްއަކީ ވިޔަފާރީގެ އޮޕަރޭޝަން ބަންދުކުރުމަށް ނިންމާފައިވާކަމަށް ދެވޭ ރަސްމީ ނޯޓިސްކަމަށާއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް އެދޭކަން

7.2. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ، އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ވޯކް ޕަރމިޓް ފީއާއި، މުވައްޒަފުންގެ އިންޝުއަރެންސްއާއި، ކެފޭ އަދި މުވައްޒަފުންގެ އެކޮމޮޑޭޝަންގެ ޔުޓިލިޓީ ބިލްތަކާއި އަދި ދައްކަންޖެހޭ މެނޭޖްމަންޓް ފީ، މި ލިޔުމުގައި ބަޔާންކުރާ ތާވަލާއި އެއްގޮތަށް 30 އެޕްރީލް 2023 ގެ ކުރިން ދައްކައި ޚަލާޞްކުރާނެކަން

7.3. 30 އެޕްރީލް 2023 ގައި އެ ފައިސާ ދައްކައި ޚަލާޞްކުރުމުން، ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ކެފޭއާއި، މުވައްޒަފުންގެ އެކޮމޮޑޭޝަންގެ ތަޅުދަނޑި ޙަވާލުކުރާނެކަން

810 ޖުލައި 2023 ގައި އިސްތިއުނާފު ރައްދުވާ ވަކީލުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތްތަކަށް legal notice ފޮނުވާފައިވެއެވެ. މި ނޯޓިސްގައި އަންނަނިވި ކަންކަން ބަޔާންކުރެއެވެ.

8.1. އެއްބަސްވުމުގެ 4.2 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ އޮޕަރޭޝަން ފީ ދައްކާފައިނުވާކަމަށާއި، އެއްބަސްވުމުގެ 2 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްވެފައިވާކަމަށާއި، ޔުޓިލިޓީ ބިލްތައް އަދާކޮށްފައިނުވާކަމަށާއި އަދި މުވައްޒަފުންގެ ވޯކް ވިސާ ފީ ދައްކާފައިނުވާކަން

8.2. އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ އިސްވެ ބަޔާންވެކޮށްފައިވާ ފައިސާގެ ތެރޭގައި ޖުމްލަ 171,485/43ރ. (އެއްލައްކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ ސާޅީސް ތިން ލާރި) ހިމެނޭކަން

8.3. މީގެ އިތުރުން، ކެފޭގެ ނަމުގައި ވަރޑް ނެޓިވް ޕްރައިވެޓް ލިމިޓެޑްގެ އަތުން ކްރެޑިޓަށް ފައިސާ ނަގާފައިވާކަމަށާއި، މި ފައިސާ އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުކުރެވޭނެކަން

8.4. މި ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށާއި، މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާފައިނުވާނަމަ، ޤާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ދަޢުވާކުރެވޭނެކަން

9އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 23 އޮކްޓޫބަރު 2023 ގައި ވެފައިވާ އެއްބަސްވުމާއި އިސްތިއުނާފުކުރާ ފަރާތްތަކުން ޚިލާފުވެ، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ފީގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ އަދި 2 ވަނަ މާއްދާގެ ދަށުން އަދި 2 ވަނަ މާއްދާގެ "މެނޭޖްމަންޓް ޓީމްގެ ޒިންމާތަކާއި ވާޖިބުތައް" ގެ ދަށުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، މުވައްޒަފުންގެ އިންޝުއަރަންސް އަދި ވިސާ ފީއަށް ދައްކަންޖެހޭ ފައިސާއާއި ޔުޓިލިޓީ ބިލްތަކަށް ދައްކަންޖެހޭ ފައިސާއާއި ކެފޭ ހިންގުމަށް ކޮށްފައިވާ އެހެނިހެން ޚަރަދުތަކަށް ޞަބީޙާ ޙުސައިން އާއި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކައިވާ ފައިސާ އަދި މި މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހުމުގެ ސަބަބުން ޤާނޫނީ ވަކީލުންނަށް ހޭދަކޮށްފައިވާ ފައިސާ އެކީއެއްފަހަރާ ހޯދުމަށްއެދި ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

10މި ދަޢުވާގައި، ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ، ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހި ނުދައްކައިވާ 171,485/43ރ. (އެއްލައްކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ ސާޅީސް ތިން ލާރި) ހޯދުމަށާއި، ޤާނޫނީ ޚަރަދުގެ ގޮތުގައި ހޭދަވެފައިވާ -25,000ރ. (ފަންސަވީސްހާސް ރުފިޔާ) ހޯދުމަށާއި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") ގެ 92 ވަނަ މާއްދާގެ

(ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޯޓުން ނަގައިދިނުމަށް އެދޭ މިންވަރުގެ ފައިސާ ހޯދުމަށެވެ.

11މި މައްސަލައިގައި ޞަބީޙާ ޙުސައިންގެ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހެޅިއެވެ. އެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއަކީ ޞަބީޙާ ޙުސައިން ދައްކަންޖެހޭ ފައިސާއެއްނޫންކަމަށް ކަނޑައަޅައި، މި ފައިސާއަކީ އަނޯޖީރޯޝަން ގަމަންފިއްލާ އިމަޔަގެ ޑޮން ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށެވެ.

12މި މައްސަލައިގައި އަނޯޖީރޯޝަން ގަމަންފިއްލާ އިމަޔަގެ ޑޮންގެ ފަރާތުން ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމާއި ދަޢުވާގެ ދިފާޢު ހުށަހެޅިއެވެ. މިގޮތުން ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުގައި މި ފަރާތުން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކަންޖެހޭ ފަރާތަކީ އެ ފަރާތް ކަމުގައި ޤަބޫލުކުރާކަމަށާއި، ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 171,485/43ރ. (އެއްލައްކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ ސާޅީސް ތިން ލާރި) އަކީ އެ ފަރާތުން ދައްކަންޖެހޭ ފައިސާއަށްވުރެ އިތުރު އަދަދެއްކަމުގައިވާތީ، މި ފައިސާ ދެއްކުމަށް އިންކާރުކުރާކަމުގައެވެ. ދަޢުވާއަށް އިންކާރުކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، އެއްބަސްވުމުގެ 4.1 ވަނަ މާއްދާގެ ދަށުން އަނޯޖީރޯޝަން ގަމަންފީއްލާ އިމަޔަގެ ޑޮންގެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި -100,000ރ. (އެއްލައްކަ ރުފިޔާ) ދައްކާފައިވާކަމަށާއި، އަދި މުވައްޒަފުންގެ ވިސާ ޑިޕޮސިޓްގެ ގޮތުގައި -16,000ރ. (ސޯޅަހާސް ރުފިޔާ) ދައްކާފައިވާނެކަމަށާއި، ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން މި ފައިސާ އުނިކުރުމަށްފަހު ބާކީ ފައިސާ ދެއްކުމަށް އެއްބަސްވާކަމުގައެވެ.

13ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ޙުކުމްކޮށްދިނުމަށް އެދިފައިވެއެވެ. މިފަދައިން އެދިފައިވަނީ އަނޯޖީރޯޝަން ގަމަންފީއްލާ އިމަޔަގެ ޑޮންގެ ފަރާތުން ވަކި ބަޔަކަށް އެއްބަސްވެފައި އޮތުމުންކަމުގައި ބުނެފައިވެއެވެ.

14މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 165 ވަނަ މާއްދާގެ ދަށުން އަނޯޖީރޯޝަން ގަމަންފީއްލާ އިމަޔަގެ ޑޮންއަށް ނޯޓިސް ދެވިފައިވެއެވެ. އެ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ ދަށުން ހެއްކެއް ހުށަހަޅާފައެއްނުވެއެވެ.

ދަށު ކޯޓުން މައްސަލަ ނިންމިގޮތް

15ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ޞަބީޙާ ޙުސައިން އަދި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައިގައި އަންނަނިވި ފަދައިން ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

15.1. ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ހޯދުމަށް އެދިފައިވާ 177,299/66ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ނުވަދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) އަކީ ޞަބީޙާ ޙުސައިން އަދި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންގެ ފަރާތުން ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި،

15.2. ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ -25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީ ޞަބީޙާ ޙުސައިން އަދި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންގެ ފަރާތުން ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،

15.3. އެކުޖުމްލަ 202,299/66ރ. (ދެ ލައްކަ ދެހާސް ދުއިސައްތަ ނުވަދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން މިއަދު 24 ސެޕްޓެންބަރު 2024 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކުންމާރޗޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ދެއްކުމަށް އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން އާއި ޞަބީޙާ ޙުސައިންއަށް އަންގައި ޙުކުމްކޮށްފައިވެއެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

16ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

16.1 ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީ ޚަލާސްކޮށްފައިވާ -/100,000ރ. (އެއްލަކަ ރުފިޔާ)، މެނޭޖްމަންޓް އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ޑިއު އަދަދުތަކަށް އުނި ނުކުރެވޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ 4.4 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތު ވުޖޫދުނުވަނީސް އެ މާއްދާ ގޯސްކޮށް މާނަކޮށްގެންކަމަށާއި، އަދި މި ނިންމުން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) (މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު") ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

16.2. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައިވާ މުވައްޒަފުންގެ ވިސާ ފީގެ ގޮތުގައި -16,000ރ. (ސޯޅަހާސް ރުފިޔާ) އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާއިރު، އެ ފައިސާ އެ މިންވަރަށް ދެއްކިކަން ސާބިތު ނުވާކަމަށާއި، އެ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާ ލިބެންނުޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވުމުން އަންޖަސްޓް އެންރިޗްމަންޓެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދެވޭކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތްތަކުން -16,000ރ. (ސޯޅަހާސް ރުފިޔާ) އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވާކަން ހެކިތަކުން އެނގެން އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

16.3. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޤާނޫނީ މަސައްކަތުގެ ފީގެ ގޮތުގައި ޚަރަދުކޮށްފައިވާ ކަމަށް ބުނާ -25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަށް އިސްތިއުނާފުކުރާ ފަރާތްތަކުން ޒިންމާވާންޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3747-CVC-2022 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށާއި، އަދި އެ ނިންމުން ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު") ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

17ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މި ނުކުތާގައި ބަހުސްކުރެވެނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ދައްކަންޖެހޭތޯ ނުވަތަ ނޫންތޯ، މި ނުކުތާގެ މައްޗަށް ކަމުގައެވެ. މި ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގެ 4.4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި ފައިސާއަކީ އަނބުރާ ދޭންޖެހޭ ފައިސާއެއްނޫންކަމުގައެވެ.

18މިފަދައިން ސިވިލް ކޯޓުން ނިންމާފައިވާއިރު، މި ނިންމުމަކީ އެއްބަސްވުމުގެ 4.4 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށާއި، މި ނުކުތާގައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފީތައް ކޮންމެ މަހެއްގެ 05 (ފަހެއް) ގެ ކުރިން އިސްތިއުނާފުކުރާ ފަރާތްތަކަށް ނުދެއްކިއްޖެނަމަ އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށާއި، އަދި އެ ޙާލަތުގައި ސެކިއުރިޓީ ޑިޕޮސިޓްއަކީ އަނބުރާ ދޭންޖެހޭ ފައިސާއެއްނޫންކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލައިގައި ކަން ހިނގާފައިވާގޮތް އެނގޭނެ އީމެއިލް ކޮންވަޒޭޝަން ފޯމާއިއެކު ހުށަހެޅިކަމަށާއި، މި ހެކި ބަލައިގަތުމަށް އެދޭކަމަށާއި، މި ހެއްކަކީ ސިވިލް ކޯޓަށް ހުށަހެޅުމަށް ވަކީލުންނާ ޙިއްސާކުރެވުނު ހެކިނަމަވެސް، ވަކީލު އެ ޒިންމާ އަދާކޮށްފައިނުވާކަމަށާއި، އެހެންކަމުން، މި ޙާލަތުގައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު") ގެ 32 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ހެކި ބަލައިގަތުމަށް އެދޭ ކަމުގައެވެ.

19މި ހެކިން އެނގޭ ގޮތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިނުވާކަމަށާއި، އެއްބަސްވުން ބާޠިލުކޮށް، ޢަމަލުކުރުން ހުއްޓާލާފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުންކަމުން، އެހެންކަމުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން ބާޠިލުކުރުމުގެ ޙާލަތުގައިކަމަށްނުވާއިރު، ސެކިއުރިޓީ ޑިޕޮސިޓްއަކީ އަނބުރާ ދޭންޖެހޭ ފައިސާކަމަށާއި، މި ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާއިން އުނިކުރެވޭނެ ފައިސާކަމުގައެވެ.

20މެނޭޖްމަންޓް ފީއާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ފީ ނުދެއްކި ދިޔުމަކީ އޭގެ ޒާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ އަނބުރާ ދައްކަންނުޖެހޭ ޙާލަތެއްކަމުގައި ސިވިލް ކޯޓުން ފާހަގަކުރިނަމަވެސް، އެއްބަސްވުމުގައި ބަޔާންކުރަނީ މެނޭޖްމަންޓް ފީ އާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ފީ ނުދައްކައިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފި ޙާލަތެއްގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އަނބުރާ ދޭންނުޖެހޭކަމަށާއި، އެހެންކަމުން ސިވިލް ކޯޓުން އެއްބަސްވުމުގެ 4.4 ވަނަ މާއްދާ މާނަކޮށްފައިވަނީ ގޯސްކޮށްކަމަށާއި، އަދި މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމަށާއި، ފީ ނުދެއްކި ދިޔުމަކީ އޭގެ ޒާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ ދޭންނުޖެހޭ ޙާލަތެއްކަމަށް އެއްބަސްވުމުގައި ބަޔާންނުކުރާހިނދު، ސިވިލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ބަލާނެ ޤާނޫނީ އަސާސެއް ނެތްކަމުގައެވެ.

21ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މި ނުކުތާ ގުޅެނީ މުވައްޒަފުންގެ ވިސާ ފީގެ ގޮތުގައި ދައްކާފައިވާ ފައިސާއާ ގުޅޭ ގޮތުންކަމަށާއި، އެއީ -16,000ރ. (ސޯޅަހާސް ރުފިޔާ) ކަމަށާއި، އެކަން ސާބިތުވާނެ ލިޔުންތައް ދަށު ކޯޓުގައި ތަމްސީލުކުރި ވަކީލުންނާއި ހިއްސާކުރިނަމަވެސް، ވަކީލުގެ ޒިންމާ އަދާކޮށްފައިނުވާކަމުގައެވެ. އަދި އެ ލިޔުންތައް މި އިސްތިއުނާފުގައި ހުށަހަޅާފައިވާކަމަށާއި، އެއަށް ރިޢާޔަތްކޮށްދިނުމަށް އެދޭ ކަމުގައެވެ.

22ވިސާ ފީގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބިހާފްގައި ދައްކާފައިވާ ފައިސާކަމުން، އެ ފައިސާ އަނބުރާ ދޭންނުޖެހުމަކީ، ނާޖައިޒް މަންފާއެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ކުރާނެކަމެއް ކަމުގައެވެ.

23ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުން އެއް ބާވަތެއްގެ މައްސަލަތަކުގައި އެއްގޮތަށް އެއް މަރުޙަލާގެ ކޯޓުތަކުން ނިންމުންތައް ނިންމަންޖެހޭކަމަށާއި، އެއީ ކޯޓުގެ ނިންމުންތަކުގެ ކޮންސިސްޓަންޓްކަން ދައްކުވައިދިނުމަށްކަމުގައެވެ. މިގޮތުން ބަލާއިރު، ލީގަލް ކޮސްޓަށް ޒިންމާކުރެވޭ އުޞޫލު ސިވިލް ކޯޓުގެ ނަންބަރު 3747-CVC-2022 އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މި ނުކުތާގައި މި މައްސަލައިގައިވެސް ނިންމަންވާނީ އެ ޤަޟިއްޔާއާ އެއްފަދަ ނިންމުމެއްކަމުގައި ދެކޭކަމުގައެވެ. ސިވިލް ކޯޓުގެ ކުރީގެ ނިންމުމުގައި ޙަވާލާދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) އާއި، 274 ވަނަ މާއްދާއާއި، 272 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާކުރުމަށްކަމުގައެވެ.

24އެ މައްސަލައިގައި ބަޔާންކުރާގޮތުންނަމަ، މައްސަލައިގެ ބާވަތަށާއި ވަކީލު ކުރި މަސައްކަތަށް ބަލަންޖެހޭކަމަށާއި، އަދި އެ ޚަރަދަކީ އެކަށީގެންވާ ޚަރަދެއްތޯވެސް ކޯޓުން ބަލަންޖެހޭކަމުގައެވެ. އެގޮތުން، އެ މައްސަލައަކީ ޝަރީޢަތުގެ ގިނަ އިޖުރާއަތުތައް ފުރިހަމަކުރެވިފައިވާ މައްސަލައަކަށްނުވާތީ، އެ މައްސަލައިގައި ނަގައިދީފައިވަނީ -/5,000ރ. (ފަސްހާސް ރުފިޔާ) ކަމަށާއި، ހަމަ އެގޮތަށް މި މައްސަލައިގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލުން ކުރިހާވެސް ކަމަކީ ދަޢުވާ ފޯމު ލުމާއި، ޝަރީޢަތުގެ އަޑުއެހުމަކާނުލައި ޙުކުމްކުރުމަށް އެދޭ ފޯމު ހުށަހެޅުންކަން އެނގެން އޮންނާތީ، މި މައްސަލައަކީ އިސްވެ ބަޔާންކުރި މައްސަލައާ އެއްގޮތް މައްސަލައެއްކަމުގައި ދެކޭކަމަށާއި، މި މައްސަލައިގައިވެސް ނަގައިދޭންވާނީ -5,000ރ. (ފަސްހާސް ރުފިޔާ) ކަމުގައެވެ.

25އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ޙުކުމަށް ބަދަލުގެނައުމަށާއި، ނުވަތަ ސިވިލް ކޯޓުން މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް މައްސަލަ ތަޙުވީލުކޮށްދިނުމަށާއި، މިގޮތަށް އެދެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރީތީ، މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެންނަކަމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް ޤަބޫލުކުރެވޭތީކަމުގައެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

26ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -100,000ރ. (އެއްލައްކަ ރުފިޔާ) އަކީ އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އުނިކުރެވޭނެ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ 4.4 ވަނަ މާއްދާ އާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވާއިރު، އެއީ ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ޞަބީޙާ ޙުސައިން އަދި އަނޯޖީރޯޝަން ގަމަންޕިލާ އިމަޔަގެ ޑޮން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާގެ ދިފާޢުގައި އެއްވެސް ވަރަކަށް ގެނެސްފައިވާ ޤާނޫނީ ބަހުސެއް ނޫންކަމުގައެވެ.

27އަނޯޖީރޯޝަން ގަމަންޕިލާ އިމަޔަގެ ޑޮން ހުށަހަޅާފައިވާ ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންޖެހެނީ އެ ފަރާތްކަމަށް އިޢުތިރާފުވާ ކަމަށެވެ. ނަމަވެސް، އެއްބަސްވުމުގެ 4.1 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -100,000ރ. (އެއްލައްކަ ރުފިޔާ) އާއި ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -16,000ރ. (ސޯޅަހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ފައިސާގެ ތެރެއިން އުނިކުރަންޖެހޭނެ ފައިސާއެއް ކަމަށެވެ. ނަމަވެސް، އެ ފައިސާ އުނިކުރަންޖެހެނީ އެއްބަސްވުމުގެ ކޮން މާއްދާއެއްގެ ދަށުންކަން ނުވަތަ އެ ފައިސާ އުނިކުރަންޖެހޭ ޤާނޫނީ ބަހުސެއް އަނޯޖީރޯޝަން ގަމަންޕިލާ އިމަޔަގެ ޑޮން ހުށަހަޅާފައިވާ ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުގައި ބަޔާންކޮށްފައިނުވާކަމުގައެވެ.

28އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރިނަމަވެސް، އަދި ސިވިލް ކޯޓުގައި ހުށަހަޅާފައިނުވާ އާ ކަމެއް އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެންނުވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ޕވބި ލޓޑ ވ. އެމްވީކޭ މޯލްޑިވްސް ޕވބި ލޓޑ ޤަޟިއްޔާއިން އެނގޭކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި ބަރޯސާވާންޖެހޭނީ 02 (ދޭއް) ކަމަކަށްކަމަށާއި، އެއީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/77 އައިޖީއެމްއެޗް ވ. ހެލްތް އެންޑް ގްލޯ ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ޕވޓ ލޓޑ ވ. އެމްލީކޭ މޯލްޑިވްސް ޕވޓ ލޓޑ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމުގައެވެ.

29އިސްތިއުނާފުކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް އެދިފައިވާ އީމެއިލްތަކަކީ ދަށު ކޯޓަށް އެ ހެކި ހުށަހެޅުމަށް އެފަރާތަށް ފުރުޞަތުއޮވެމެ، ހުށަހަޅާފައިނުވާ ހެކިތަކެއްކަމަށާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތަށް އަނބުރާ ދޭންޖެހޭ ފައިސާއެއްކަން ސާބިތުކުރުމަށް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ދެވިފައިވާކަމަށާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ ދަށުން ހެކި ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި އެކަން ނެގެން އޮވެމެ އަދި ހެކި ހުށަހެޅެން އޮވެމެ، އިސްތިއުނާފުކުރާ ފަރާތުން ދޫކޮށްލާފައިވާ ފުރުޞަތެއްކަމުގައެވެ.

30މައްސަލައިގެ ވާޤިއާ އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ސިވިލް ކޯޓުން އެއްބަސްވުމުގެ 4.4 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށްކަމަށާއި، ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލުކުރުމަށް ފައިނަލް ވަރރންގ ނޯޓިސް ފޮނުވާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ކަމަށްވެފައި، އެ ފަރާތުން ފޮނުވާފައިވާ ފައިނަލް ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ނޯޓިސްގައި ބަޔާންކޮށްފައިވާ ކަންކަން ރަނގަޅު ނުވާނަމަ އެއްބަސްވުން ބާޠިލުވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެކަންކަން ރަނގަޅުކޮށް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާ ދައްކާފައިނުވުމުން، ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްވުންވަނީ ބާޠިލުވެފައިކަމުގައެވެ.

31ބަހުސްގެ ބޭނުމަށް އެއްބަސްވުން އުވާލާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ނޫންކަމަށް ބަލައި ޙާލަތުގައިވެސް، އެއްބަސްވުމުގެ 4.1 ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮސިޓް އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާދޭން ނުޖެހޭކަމަށާއި، ސަބަބަކީ، މެނޭޖްމަންޓް އެގްރިމެންޓްގެ 1.3 ގައި ބަޔާންކޮށްފައިވަނީ 01 ނޮވެންބަރު 2022 އިން ފެށިގެން އެއްބަސްވުމުގެ މުއްދަތުގެ ފުރަތަމަ 02 (ދޭއް) އަހަރު ދުވަހަކީ "މިނިމަމް ކޮމިޓްމަންޓް ޕީރިއަޑް" ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތްތަކުން ކެފޭ މެނޭޖްކުރުން އަދި އޮޕަރޭޓް ކުރުން ހުއްޓާލައިފިނަމަ، މެނޭޖްމަންޓް އެގްރިމެންޓްގެ 4.1 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އެ ފަރާތަށް ރިފަންޑް ކޮށްދޭން ނުޖެހޭނެކަމުގައެވެ.

32އިސްތިއުނާފުކުރާ ފަރާތުން ކެފޭ އޮޕަރޭޓްކުރުން ހުއްޓާލާފައިވާކަން އަންގާ ފޮނުވާފައިވާ ލިޔުމުގެ ތާރީޚަކީ 15 އޭޕްރީލް 2023 ކަމުން، އިސްތިއުނާފުކުރާ ފަރާތްތަކުން ކެފޭ އޮޕަރޭޓްކުރުން ހުއްޓާލާފައިވަނީ އެއްބަސްވުމުގެ 1.3 ގައި ބަޔާންކޮށްފައިވާ "މިނިމަމް ކޮމިޓްމަންޓް ޕީރިއަޑް" ގެ ތެރޭގައި ކަމަށްވާއިރު، އެ ޕީރިއަޑްގައި އެއްބަސްވުން އުވާލައިފިނަމަ، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައިހުރި ފައިސާ އަނބުރާ ދޭން ނުޖެހޭނެކަމަށް އެ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާއެއްނޫންކަމުގައެވެ.

33ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ 4.4 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން އުވާލާފައިވާތީ އާއި އެއްބަސްވުމުގެ 1.3 ވަނަ މާއްދާގައި ބަޔާންކުރާ "މިނިމަމް ކޮމިޓްމަންޓް ޕީރިއަޑް" ގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތްތަކުން ކެފޭ އޮޕަރޭޝަންސް ހުއްޓާލާފައިވާތީ، އެ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާ ރައްދުކޮށްދޭންޖެހޭ ފައިސާއެއްނޫންކަމުގައެވެ.

34ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޒްލީ ވ ސީގޭޓް ދަ އިންޓަރނޭޝަނަލް ޕިވިޓް ލިޓްޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފު ކުރެވުނު ކޯޓުން (ހައިކޯޓުން) މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށާއި، އަދި މި މަރުޙަލާގައި ކޯޓަށް ހުށަހެޅޭނީ ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކިތައްކަމަށާއި، އިސްވެ ބުނެވުނު މާއްދާގެ ސީޣާއަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން ހިނގަމުންދާއިރު އެ މައްސަލައާގުޅޭ އައު ހެކި ހުށަހަޅައި އެއާމެދު ބަހުސްކޮށް ގޮތް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ މަރުޙަލާގައި ދެވޭ ފުރުޞަތެއް ނޫންކަމުގައެވެ. އަދި މި ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަކަން ބަޔާންކޮށްފައިވާކަމުގައެވެ.

35ބުނެވިދިޔަ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، އިސްތިއުނާފުކުރާ ފަރާތުން މެނޭޖްމަންޓް އެގްރިމަންޓްގެ ދަށުން ކެފޭ ހިންގި ދުވަސްވަރު މުވައްޒަފުންގެ ވިސާ ޑިޕޮސިޓް ފީ ދައްކާފައިވާކަން ސާބިތުކުރުމަށް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތަށް އެތައް ފުރުޞަތެއް ލިބުނު ނަމަވެސް، ވިސާ ޑިޕޮސިޓްގެ ގޮތުގައި -16,000ރ. (ސޯޅަހާސް ރުފިޔާ) ދައްކާފައިވާކަން ސާބިތުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމުގައެވެ. ވިސާ ފީ ދައްކާފައިވާކަން ސާބިތުކުރުމަށް ލިޔުންތައް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ވަކީލާ ޙަވާލުކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަކީ ޞައްޙަ ވާޤިޢާއެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކައެއްކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން މި ޤަޟިއްޔާގެ އިސްތިއުނާފު ފޯމާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެންނެތްކަމުގައެވެ.

36ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޞަބީޙާ ޙުސައިންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާގައި ހުށަހަޅާފައިވާ ދިފާޢުގައި އަދި އަނޯޖީރޯޝަން ގަމަންޕިލާ އިމަޔަގެ ޑޮން ހުށަހަޅާފައިވާ ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުގައި އެއްވެސް ވަރަކަށް ޤާނޫނީ ވަކީލު ފީއަށް އިޢުތިރާޟުކޮށް ތަޢުނުކޮށްފައިނުވާކަމަށާއި، އެކަމަކީ އެ ފަރާތުން މި މައްސަލަ ސިވިލް ކޯޓުގައި ކުރިޔަށް ދިޔައިރު މައްސަލައިގެ މައުޟޫޢުއަށް ޖަވާބުދާރީވެ ދެއްކި އެއްވެސް ވާހަކައެއްގައި ފާހަގަކުރި ކަމެއްވެސް ނޫންކަމުގައެވެ.

37އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރިނަމަވެސް، އަދި ސިވިލް ކޯޓުގައި ހުށަހަޅާފައިނުވާ އާ ކަމެއް އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެކަމުގެ މައްޗަށް ރިޢާޔަތްކޮށްގެން ނުވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ޕވބި ލޓޑ ވ. އެމްވީކޭ މޯލްޑިވްސް ޕވބި ލޓޑ ޤަޟިއްޔާއިން އެނގޭކަމުގައެވެ.

38އިސްތިއުނާފީ ތިންވަނަ ނުކުތާގައި ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުވާކަމަށް ބުނެފައި ވީނަމަވެސް، ސިވިލް ކޯޓުގެ ނިންމުން އެ މާއްދާއާ ޚިލާފުނޫންކަމުގައެވެ. އެހެނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ސިވިލް ކޯޓުގެ އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށް ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު 3747-CVC-2022 އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޤަޟިއްޔާއަކީ އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ މައްސަލައާ ތަފާތުކޮށް ކަންހިނގާފައިވާ ޤަޟިއްޔާއެއްކަމުގައެވެ.

39ސިވިލް ކޯޓުގެ ނަންބަރު 3747-CVC-2022 އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތާ ޚިލާފަށް އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި މައްސަލަ ހުށަހެޅުމުގެ ކުރިންވެސް، އިސްތިއުނާފުކުރާ ފަރާތަށް ލީގަލް ނޯޓިސްދީ މައްސަލަ ޙައްލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޤާނޫނީ ވަކީލުން މަސައްކަތްކޮށްފައިވުމުގެ އިތުރުން އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާ ފޯމު ހުށަހަޅައި، ދިފާޢުގެ ރައްދު ހުށަހަޅާ ޝަރީޢަތުގެ އަޑުއެހުންތަކަށް ޙާޟިރުވެފައިވާކަމުގައެވެ.

40އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ޤާނޫނީ ބަހުސެއް އަދި އެކަށީގެންވާ މަޤުބޫލު ސަބަބެއް ގެނެސްފައި ނުވާކަމުގައެވެ.

41ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބަލާއިރު، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބި ހުށަހަޅާފައިނުވާ ހެކި، އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަނެވޭނެކަމަށާއި، ހަމަ މިފަދައިން ދަށު ކޯޓުގައި ފާހަގަކޮށް، ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބި، ކޯޓަށް ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ނިންމާފައިވާކަމުގައެވެ.

42އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ އަދި އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް އެދޭކަމުގައެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

43އިސްތިއުނާފުކުރާ ފަރާތްތަކުން ކުޅަ އިސްތިއުނާފުގެ އަލީގައި، މި ކޯޓުން ޖަބާނުދޭންޖެހޭނީ އަންނަނިވި ސުވާލުތަކަށެވެ. އެއީ،

43.1 އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓް އުނިކުރެވޭނެތޯ؟ އާއި،

43.2 އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިސާ ފީ އުނިކުރެވޭނެތޯ؟ އަދި

43.3 އިސްތިއުނާފުކުރާ ފަރާތްތަކުން ޤާނޫނީ މަސައްކަތުގެ ފީއަށް ޒިންމާވާންޖެހޭނެތޯ؟ މިއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓް އުނިކުރެވޭނެތޯ؟

44މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.

44.1 އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު "ދަ ރޯސްޓް ޝެކް" މެނޭޖްކުރުމަށް 23 އޮކްޓޫބަރު 2022 ގައި އެއްބަސްވުމެއް ވެފައިވާކަން

44.2 އެއްބަސްވުމުގެ 4.2 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފީ އާއި، ވޯކް ވިސާ ފީ އާއި، ޔުޓިލިޓީ ބިލް ދައްކާފައިނުވާކަމުގެ މައްޗަށް ފައިނަލް ނޯޓިހެއް އިސްތިއުނާފު ރައްދުވާ ފަރާތުން 25 މާރޗް 2023 ގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ފޮނުވާފައިވާކަން

44.3. އިސްތިއުނާފުކުރާ ފަރާތްތަކުން 15 އެޕްރީލް 2023 ގައި އެއްބަސްވުން ބާޠިލުކުރިކަން އަންގާ ލިޔުމެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާކަން

44.4. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ، އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ވޯކް ޕަރމިޓް ފީއާއި، މުވައްޒަފުންގެ އިންޝުއަރެންސްއާއި، ކެފޭ އަދި މުވައްޒަފުންގެ އެކޮމޭޑޭޝަންގެ ޔުޓިލިޓީ ބިލްތަކާއި އަދި ދައްކަންޖެހޭ މެނޭޖްމަންޓް ފީ 30 އެޕްރީލް 2023 ގެ ކުރިން ދައްކައި ޚަލާޞްކުރާނެކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވާކަން

44.5. އެއްބަސްވުމާއި އެއްގޮތަށް 171,485/43ރ. (އެއްލައްކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ ސާޅީސް ތިން ލާރި) ލިބެންޖެހޭކަން އަންގާ، 10 ޖުލައި 2023 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފުކުރާ ފަރާތްތަކަށް ލީގަލް ނޯޓިހެއް ފޮނުވާފައިވާކަން

44.6. އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ޞަބީޙާ ޙުސައިން ބުނެފައިވަނީ ދަޢުވާގައި އެދިފައިވާ ފައިސާއަކީ ޞަބީޙާ ޙުސައިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށާއި، މި ފައިސާއަކީ އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން ދައްކަންޖެހޭ ފައިސާކަން

44.7. އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ލިބުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކުރުމުން، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ފަރާތަކީ އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންކަމަށް ޤަބޫލުކުރާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދޭ 177,299/66ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ނުވަދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) ގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -100,000ރ. (އެއްލައްކަ ރުފިޔާ) އާއި ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -/16,000ރ. (ސޯޅަހާސް ރުފިޔާ) އުނިކުރަންޖެހޭނެކަމުގައި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން ބުނެފައިވާކަން

44.8. ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ޙުކުމްކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާކަން

44.9. ޝަރީޢަތް ހިންގުމަކާނުލައި މައްސަލަ ނިންމުމުގެ އަޑުއެހުމަށް ތާވަލުކޮށް، އިސްތިއުނާފުކުރާ ފަރާތްތަކަށް ނޯޓިސް ދެވުނުކަމަށާއި، އެހެނަސް، ހެކި ހުށަހެޅުމަށް ފުރުޞަތު ދެވުނުނަމަވެސް، އިސްތިއުނާފުކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިނުވާކަން

45އިސްވެ ބަޔާންކޮށްފައިވަނީ މި މައްސަލައިގައި ދެބަސްވެވެންނެތް ޙަޤީޤަތްތަކެވެ. އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާކަމީވެސް ދެބަސްވުމެއްއޮތް ކަމެއްނޫނެވެ. އަދި އެއްބަސްވުމުގައި ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ރައްދުކުރަންނުޖެހޭނެ ޙާލަތްތަކެއްވެސް ބަޔާންކުރާކަމީ ދެބަސްވާކަމެއްނޫނެވެ. ދެބަސްވުމެއް އޮތީ، މި މައްސަލައިގައި ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ދޭންނުޖެހޭ ޙާލަތެއް މެދުވެރިވެފައިނުވާކަމާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ ބަހުސެވެ.

46ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުގެ ޒަރިއްޔާއިން އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ފަރާތަކީ އޭނާކަމެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -/100,000ރ. (އެއްލައްކަ ރުފިޔާ) އުނިކުރަންޖެހޭނެކަމުގައެވެ. އެ ފަރާތުން ޙަވާލާދީފައިވަނީ އެއްބަސްވުމުގެ 4.1 ވަނަ މާއްދާއާއެވެ.

47އެއްބަސްވުމުގެ 4.1 ވަނަ މާއްދާގައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން 100,000/-ރ. (އެއްލައްކަ ރުފިޔާ) ގެ ސެކިއުރިޓީ ޑިޕޮސިޓެއް ދައްކަންޖެހޭ ވާހަކައެވެ. އެއްބަސްވުމުގެ 4.2 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އޮޕަރޭޝަން ފީއާއި، އަދި އެއްބަސްވުމުގެ 4.3 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އެކަމޮޑޭޝަން ފީ ނުދައްކާނަމަ، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، މިފަދައިން ބާޠިލުކޮށްފިނަމަ، ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ރައްދުކުރަންނުޖެހޭނެކަން ނުވަތަ ރިފަންޑްނުކުރެވޭނެކަން އެއްބަސްވުމުގެ 4.4 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

48މި މައްސަލައިގެ ޚަޞްމުންގެ މެދުގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން އެނގެއެވެ. އެކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވެފައިވެސްވެއެވެ. އެހެނަސް، މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަށް ބަލާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަކުންނޫނެވެ. އެއްބަސްވުން ބާޠިލުކޮށްފައިވަނީ 15 އެޕްރީލް 2023 ގައި އިސްތިއުނާފުކުރާ ފަރާތްތަކުންނެވެ.

49މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ރައްދުކުރަންޖެހޭނެތޯ ނުވަތަ ރިފަންޑްކުރަންޖެހޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރުމަށް އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮން އެދިފައިވެއެވެ. މިފަދައިން އެދުނު އެދުމުގައި، އެ ފަރާތުން އެއްބަސްވުމުގެ 4.1 ވަނަ މާއްދާއާ ޙަވާލާދިނުން ފިޔަވައި އިތުރު ކަމެއް ފާހަގަކޮށްފައެއްނުވެއެވެ.

50މިއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ރައްދުގައި، އެ ފަރާތުން އެއްބަސްވުމުގެ 1.3 ވަނަ މާއްދާއާ ޙަވާލާދީފައިވެއެވެ. މި މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. “1.3 Minimum commitment period of this agreement is 2 (two) years from 1st November 2022. If the Management Team discontinues Café management and operations within the minimum commitment period, security deposit stipulated in clause 4.1 will not be refunded and Company can claim Management Team for any additional loss after evaluating the damages caused to Café and staff accommodation (if any) that needs to be paid by the Management Team. After the minimum commitment period, Management Team shall at least give 6 months’ notice if Management Team would like to discontinue the operations. Security Deposit will not be refunded if this period is not honored by the Management Team. Likewise, Company should also inform the Management Team before 6 months, if the company wishes to terminate the agreement with the Management Team. After the minimum commitment period and also after 6 months’ notice period, security deposit will be refunded to Management Team after deducting any damages to the Café, Café items and staff accommodation.”

51އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، 15 އެޕްރީލް 2023 ގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުން ބާޠިލުކުރިކަމުގެ ސިޓީ ފޮނުވާފައިވާކަމަށާއި، އެ ފަރާތްތަކުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން ފުރަތަމަ 02 (ދޭއް) އަހަރު ހަމަނުވަނީސްކަމުން، އެއްބަސްވުމުގެ 1.3 ވަނަ މާއްދާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ރިފަންޑްކުރަންޖެހޭ ފައިސާއެއްނޫންކަމުގައެވެ.

52އިސްތިއުނާފު ރައްދުވާ ފަރާތުން މި ބުނާ ބުނުމާއި ގުޅޭ ގޮތުން، އެހެނީ ސެކިއުރިޓީ ޑިޕޮސިޓް ރިފަންޑްނުކުރެވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނި ބުނުމުގެ މައްޗަށް އަދި ޙަވާލާދިން އެއްބަސްވުމުގެ ނައްސުތަކުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބަހެއް ބުނެފައެއްނުވެއެވެ.

53މި މައްސަލައިގައި ކަން ހިނގާދިޔަގޮތަކީ، ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ޙުކުމްކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމެވެ.

54ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަކީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާ، ދަޢުވާލިބޭ ފަރާތަށް ދިފާޢުކުރެވިދާނެކަމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، ނުވަތަ ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެ ދަޢުވާ ނިމުމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، މި ޤާނޫނުގެ ފަނަރަވަނަ ބާބުގައިވާ ގޮތުގެމަތިން އެ ދަޢުވާގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކަށް ބިނާކޮށް، އެ ދަޢުވާގައި ގޮތެއް ކަނޑައަޅައި ޙުކުމް ކުރުމަށެވެ. މިކަން ތަފްޞީލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސާދަވަނަ ބާބުގައެވެ.

55މިގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 164 ވަނަ މާއްދާގެ (ހ) ގައިވަނީ، އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކާ ގުޅިގެން ނުވަތަ ދަޢުވާގައި ހިމެނޭ ވަކި ބަޔަކާ ގުޅިގެން ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، އެ ދަޢުވާ ނުވަތަ ދަޢުވާގެ ބަޔަކާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ. އެ ކަންކަމަކީ، (1) ދަޢުވާ ނުވަތަ މައްސަލަ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ނިންމުމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން؛ ނުވަތަ (2) ދަޢުވާ ނުވަތަ މައްސަލައިން ދަޢުވާލިބޭ ފަރާތަށް ދިފާޢުވެވިދާނެކަމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން؛ އަދި (3) ޝަރީޢަތް ހިންގައިގެން ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މަޤުބޫލު ސަބަބެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން.

56ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް ކޯޓުން ނިންމާފައިވަނީ ދަޢުވާ ނުވަތަ މައްސަލައިން ދަޢުވާލިބޭ ފަރާތަށް ދިފާޢުވެވިދާނެކަމުގެ ފުރުޞަތު ނެތްކަމަށް ބަލައިގެންނެވެ. އަދި ހަމައެއާއެކު، ޝަރީޢަތް ހިންގައިގެން ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މަޤުބޫލު ސަބަބެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވިގެންނެވެ.

57މިކަމުގެ އިޖުރާއަތު އޮތް ގޮތަށް ބަލާއިރު، ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގެ އަޑުއެހުން ތާވަލުކުރެވުމުން، ދަޢުވާލިބޭ ފަރާތަށް ނުވަތަ ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އަޑުއެހުން ތާވަލުކުރާނަމަ ޚަޞްމުންނަށް އަޑުއެހުން އޮންނަ ތާރީޚާއި އެ އަޑުއެހުމުގައި ކޯޓުން ނިންމުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ނޯޓިސް، އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން ދޭންވާނެއެވެ. ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތް ފިޔަވައި އެ މައްސަލައަށް ޖަވާބުދާރީވާންޖެހޭ އަނެއް ފަރާތް ނުވަތަ ފަރާތްތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 07 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ހެކީގެ ރައްދުގައި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 03 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ. ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށްޓަކައި އަޑުއެހުން ތާވަލުކޮށްފައިވަނީ ކޯޓުގެ އަމިއްލަ އިސްނެގުމުގައި ކަމަށްވާނަމަ، ކިތާބީ ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަޑުއެހުން ބޭއްވުމުގެ މަދުވެގެން 07 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅައި، އެގޮތުން ހުށަހަޅާ ހެކީގެ ރައްދުގައި އެއްވެސް ފަރާތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 03 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ. ދަޢުވާއާ ގުޅިގެން ކުރިން ކޯޓަށް ހުށަހަޅާފައިވާ ހެކި މި މާއްދާގެ (ނ) ގެ ދަށުން އަލުން ކޯޓަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

58މި އިޖުރާއަތު މި މައްސަލައިގައި ފުރިހަމަކޮށްފައިވޭތޯ ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 165 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ޙަވާލާދީ، ޝަރީޢަތް ހިންގުމަކާނުލައި މައްސަލަ ނިންމުމުގެ އަޑުއެހުމަށް ތާވަލުކޮށް، ދަޢުވާގެ ޚަޞްމުންނަށް ނޯޓިސް ދީފައިވެއެވެ. އަދި މި ނޯޓިސްގައި އަޑުއެހުން ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލައާ ގުޅިގެން އެހާތަނަށް ކޯޓަށް ހުށަހަޅާފައިނުވާ ކިތާބީ ހެއްކެއް ހުށަހަޅަން ބޭނުންނަމަ، އެ ފުރުޞަތު ދީފައިވެއެވެ.

59ދަޢުވާގެ ދިފާއު ޞަބީޙާ ޙުސައިން ހުށަހަޅާފައިވާއިރު، އަދި ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމު އަނޯޖީރޯޝަން ގަމަންޕީއްލާ އިމަޔަގެ ޑޮން ހުށަހަޅާފައިވާއިރު، ދިފާޢު ހުށަހެޅުމުގެ މައްޗަށް، އަދި ދަޢުވާއާ ގުޅޭގޮތުން އެއްބަސްނުވާ ކަންކަމުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތްތަކުން ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ (ނ) ގެ ދަށުންވެސް އެ ފަރާތްތަކުން ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. މީގެ އިތުރުން، މި އިސްތިއުނާފުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސާދަވަނަ ބާބުގައި ހިމެނޭ އިޖުރާއަތުގެ މައްޗަށް ޖަދަލެއް ހުށަހަޅާފައެއްނުވެއެވެ.

60މި އިސްތިއުނާފުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން ބާޠިލުނުކުރާކަމަށާއި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުންކަން އެނގޭނެ އީމެއިލްތަކެއް ހުށަހަޅައި، މި ހެއްކަކީ ސިވިލް ކޯޓަށް ހުށަހެޅުމަށް ވަކީލުންނާ ހިއްސާކުރެވުނު ހެކިނަމަވެސް، ވަކީލު އެ ޒިންމާ އަދާކޮށްފައިނުވާކަމަށާއި، އެހެންކަމުން، މި ޙާލަތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ހެކި ބަލައިގަތުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވެއެވެ.

61HN1ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އާންމު އުޞޫލަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން މައްސަލަ ހިންގައި، ފައިޞަލާކުރުމެވެ. އެހެނަސް، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަހެއްނެތެވެ. މިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެއެވެ.

62HN2ދަށު މަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފައިވެއެވެ.

63ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އެހެނީ އިސްތިއުނާފު މަރުޙަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުޙަލާއިން ގޯހެއް ހަދާފައިވާނަމަ އެކަން ރަނގަޅުކުރުމަށްކަމަށްވާއިރު، ކޮންމެ އިސްތިއުނާފީ މަރުޙަލާއެއްގައި އައު ވާހަކަ ދެކެވި އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ތަސައްވަރުކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤްޞަދު ހާސިލުނުވާނެތީއެވެ.

64ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރިނަމަވެސް، އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއީ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއްނަމައެވެ.

65HN4އަހުރެންގެ ނަޒަރުގައި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތައް ކަމާމެދު ދެބަސްވުމެއް އޮތްކަމުގައި ނުދެކޭހިނދު، ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބި، އެ ކޯޓަށް ހުށަހަޅާފައިނުވާ ހެއްކެއް މި އިސްތިއުނާފުގައި ބަލައިގަނެ، ސެކިއުރިޓީ ޑިޕޮސިޓްޢާ ގުޅުވައިގެން މިހާރު އުފައްދާ ބަހުސް، މި އިސްތިއުނާފުގައި ބަލައިގަންނަންޖެހޭ ސަބަބެއް އެ ފަރާތަށް ދެއްކިފައިވާކަމުގައި ނުދެކެމެވެ.

66އަހަރުންގެ ނަޒަރުގައި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތައްކަމާމެދު ދެފަރާތުގެ ދެމެދު ދެބަސްވުމެއް އޮތްކަމުގައި ނުދެކޭހިނދު، ދެން މި އުފަންވަނީ އެއްބަސްވުމުގެ 1.3 ވަނަ މާއްދާއެވެ.

67މި އިސްތިއުނާފުގައި އެއްބަސްވުމުގެ 1.3 ވަނަ މާއްދާއަކީ ދަށު ކޯޓުގައި ބަހުސްކުރެވުނު މާއްދާއެއްނޫންކަމަށާއި، އެ މާއްދާއަށް ހުށަހަޅަންޖެހޭ ދިފާޢު ހުރިކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނިނަމަވެސް، ސިވިލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ރައްދުގައި މި މާއްދާއާ ގުޅޭ ގޮތުން ވާހަކަދައްކާފައިވާތީ، މިއީ ސިވިލް ކޯޓުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކަށް ވާހަކަދެކެވެން އޮތް، އެހެނަސް ވާހަކަދައްކާފައިނުވާ ކަމެއްކަން އެނގެއެވެ. އެހެންކަމުން، މި މަރުޙަލާގައި މި ބަހުސް އުފެއްދޭނެކަމަކަށް ނުދެކެމެވެ.

68އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައިވާ minimum commitment period ގެ ކުރިންނެވެ. އެ ޙާލަތުގައި، އެއްބަސްވުމުގެ 4.1 ވަނަ މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮސިޓް ރިފަންޑްނުކުރެވޭކަން އެއްބަސްވުމުގެ 1.3 ވަނަ މާއްދާގައި ސާފު ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

69ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ފަދައިން، އަދި މި ނިންމުމުގެ ބަޔާންވެދިޔަ ނުކުތާތަކުގައިވާ ފަދައިން، ސެކިއުރިޓީ ޑިޕޮސިޓް އުނިނުކުރެވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ އެއްބަސްވުމުގެ ނައްސުތަކުގެ އަލީގައި، އެއަށް ރައްދެއް ހުށަހަޅާފައިނުވާ ޙާލު، ހެކި ހުށަހަޅަން ދިން މުއްދަތުގައި ހެއްކެއްވެސް ހުށަހަޅާފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ފައިސާ އުނިކުރެވިދާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް އަހުރެން ތާއީދުކުރަމެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިސާ ފީ އުނިކުރެވޭނެތޯ؟

70މި އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ވިސާ ޑިޕޮސިޓްގެ ގޮތުގައި އެ ފަރާތުން ދައްކާފައިވާ -16,000ރ. (ސޯޅަހާސް ރުފިޔާ) އެ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއިން އުނިކުރަންޖެހޭނެކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ބަޔަކަށް އެއްބަސްވާ ފޯމުންވެސް ބުނެފައިވަނީ، މުވައްޒަފުންގެ ވިސާ ޑިޕޮސިޓްގެ ގޮތުގައި -16,000ރ. (ސޯޅަހާސް ރުފިޔާ) ދައްކާފައިވާނެކަމުގައެވެ.

71ސިވިލް ކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުމަށް ބަލާއިރު، ވިސާ ޑިޕޮސިޓްއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ މައްޗަށް ހެކި ހުށަހަޅަން ދިން މުއްދަތުގައި އަނޯޖީރޯޝަން ގަމަންޕިއްލާ އިމަޔަގެ ޑޮންގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމަށާއި، އަދި އެއްބަސްވުމުގައިވެސް ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާކަމަށް ބުނެފައިނުވާތީ، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވިދާނެ ތަނެއް ނެތްކަމުގައެވެ.

72މި އިސްތިއުނާފުގައި ވިސާ ޑިޕޮސިޓް ފައިސާ ދައްކާފައިވާކަން އެނގޭނެ ހެކި މި މަރުޙަލާގައި ހުށަހަޅާކަމަށާއި، ދަށު ކޯޓަށް ހުށަހެޅިފައިނުވަނީ އެ ފަރާތުގެ ވަކީލު އެ ޒިންމާ އަދާކޮށްފައިނުވާތީކަމަށް ބުނެ، މި ހެކި ބަލައިގަތުމަށް އެދިފައިވެއެވެ.

73HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވަނީ ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގައި އަންނަނިވި ޙާލަތްތައް ފާހަގަކުރެވޭކަމުގައެވެ. އެއީ؛

1. ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛

2. ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛

3. ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛

4. ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތްތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، އިސްތިއުނާފުގެ މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފްޞީލު ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެއްކެވެ.

74ބަޔާންވެދިޔަ ޙާލަތްތަކުގެ އިތުރުންވެސް ހެކި ހުށަހެޅުމުގެ އިތުރު ޙާލަތްތައް ހުރެދާނެއެވެ. މިފަދައިން މެދުވެރިވާ ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތްކުރަންޖެހޭނީ އެ މައްސަލައެއްގައި މެދުވެރިވެފައިވާ ޙާލަތަށެވެ. އައު ހެކި ނުވަތަ ވާޤިއާ ބަލައިގަތުމުގެ އުޞޫލުތަކަކީ މުޠުލަޤުކޮށް ހުށަހެޅޭ ހުރިހާ މައްސަލަތަކަށް، އެއްވެސް އިސްތިސްނާއެއް ނެތި ތަޠުބީޤުކުރެވޭ އުޞޫލެއްނޫންކަމުގައިވާތީ، މިކަން ބެލުމުގައި އެންމެ މުހިންމު މިންގަނޑަކީ ވަކި ގޮތަކަށް ޢަމަލުކޮށްގެން އެ މައްސަލައެއްގައި އިންސާފު ޤާއިމުކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމެވެ.

75މިފަދަ އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކެއްގައި ފުރިހަމަވާންޖެހޭ އުންސުރުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޖްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާއިން މި ޙާލަތާއި ގުޅޭ ގޮތުން އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.

1. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (non-availability)

2. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (relevance)

3. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (credibility)

76ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމުގައެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެފަރާތުން އިސްތިއުނާފުކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީނޫންކަމަށާއި، ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފުކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައެވެ.

77މި މައްސަލައިގައި މި ކޯޓުން ބަލައިގަތުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭ ހެއްކަކީ، ސިވިލް ކޯޓުގައި އެ ހެކި ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު އޮވެމެ، ހުށަހަޅާފައިނުވާ ހެއްކެވެ. އެ ހެކި ހުށަހެޅިފައިނުވަނީ ވަކީލުގެ އިހުމާލުގެ ސަބަބުންކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާއިރު، އެކަން ދަލާލާތުކޮށްދޭ ލިޔުމެއް މި އިސްތިއުނާފުގައި ހުށަހަޅާފައެއްނުވެއެވެ.

78HN5މީގެ އިތުރުން ފާހަގަވާކަމަކީ، މި ބަހުސްކުރެވޭ ފައިސާއަކީ ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާ ބުނުމެވެ. ސިވިލް ކޯޓުގެ ނިންމުމުގައިވަނީވެސް، އެއްބަސްވުމުގައިވެސް ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާކަމަށް ބުނެފައިނުވާތީ، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވިދާނެ ތަނެއް ނެތްކަމުގައެވެ.

79ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާއަކީ އެއްބަސްވުން ބާޠިލުވުމާއިއެކު އަނބުރާ ލިބިދެވޭ ފައިސާކަން އެއްބަސްވުމުން ދަލާލާތުކުރާ ނައްސެއް އިސްތިއުނާފުކުރާ ފަރާތްތަކަށް މި އިސްތިއުނާފުގައިވެސް ބުނެދެވިފައެއްނުވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިން ލިބިގަތުމަށް އެދޭ ފައިސާގެ ތެރޭގައި ވިސާ ޑިޕޮސިޓްގެ ފައިސާ ހިމެނޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމަނާފައިވަނީ، ވެމްކޯ ބިލްތަކާއި، ސްޓެލްކޯ ބިލްތަކާއި، އެމް.ޑަބްލިއު.އެސް.ސީ ބިލްތަކާއި، މެނޭޖްމަންޓް ފީއާއި، ސްޓާފުންގެ ވަރކް ޕަރމިޓް ފީ އަދި އިންޝުއަރެންސް ފީއާއި، ސްޓާފުންގެ މުސާރައާއި އެލަވަންސް އަދި ސަޕްލަޔަރ އަތުން ގަނެފައިވާ މުދަލަށްވާ ފައިސާއެވެ. މި ފައިސާގެ ތެރޭގައި ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހިމަނާފައިނުވާތީ، މިއީ ދެ ގުނައަށް އަދަދުކޮށްފައިވާ ފައިސާކަމުގައި ބެލެވޭކަށްވެސް ނެތެވެ.

80އެއްބަސްވުމުގައި ވިސާއާ ގުޅޭ މާއްދާތަކަކީ، އެއްބަސްވުމުގެ 2.9 އާއި، 2.10 އާއި 2.15 މި މާއްދާތަކެވެ. މި މާއްދާތަކުގައިވަނީ ވަރކް ވިސާ އައުކުރުމާއި، މެނޭޖްކުރުމާއި، އައު މުވައްޒަފުން ގެނައުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދައި، ވަރކް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އައުކުރުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަމުގައެވެ. ދައްކާފައިވާ ފައިސާ އަނބުރާ ދިނުމާއި ގުޅޭ އިސްތިސްނާ ޙާލަތްތަކެއް އެއްބަސްވުމުގައި ބަޔާންކުރާއިރު، ވިސާ ޑިޕޮސިޓް ފައިސާއަކީ އުނިކުރެވޭނެ ފައިސާއެއްކަން ބަޔާންކުރާ ޙާލަތެއް އެއްބަސްވުމުގައިނެތްއިރު، މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޒިންމާއެއްކަން އެއްބަސްވުމުގެ ނައްސުތަކުން އެނގެއެވެ.

81އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވިދާނެ ތަނެއް ނެތްކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް އަހުރެން ތާއީދުކުރަމެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ޤާނޫނީ މަސައްކަތުގެ ފީއަށް ޒިންމާވާންޖެހޭނެތޯ؟

82މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ޙަވާލާދެނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރަށެވެ. މި ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މި މައްސަލައާ އެއްގޮތް ސިވިލް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޤަޟިއްޔާގައި ޤާނޫނީ ވަކީލު ފީގެ ގޮތުގައި ނަގައިދީފައިވަނީ -5,000ރ. (ފަސްހާސް ރުފިޔާ) ކަމުގައިވާއިރު، މި މައްސަލައިގައިވެސް ނަގައިދޭންވާނީ އެ މިންވަރުކަމުގައެވެ.

83HN6މި މާއްދާގައިވަނީ، ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޤާނޫނުއަސާސީއާއި، ޤާނޫނުތަކަށް ޢަމަލުކުރުމުގައި، އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ.

84މައްސަލައާ އެއްގޮތް ނުވަތަ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުމަކީ އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް (treat like cases alike) ކަން އޮންނަ ޤާއިދާއާ އެއްގޮތް ކަމަކަށް ވީނަމަވެސް، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ ދުރަށްދެވިދާނެއެވެ. މިފަދައިން މިދެކެނީ، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްތެރިކަންދިނުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބާރު އަޅާއިރު، މިއީ ލާޒިމުކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ތަޞައްވުރުކުރާކަމެއް ކަމުގައި ނުދެކޭތީއެވެ.

85މިއީ ފަނޑިޔާރުންގެ މެދުގައި އެއްގޮތް ކަންކަމުގައި އެއްފަދައަކުން ޢަމަލުކުރުމަށް ނުވަތަ consistency ދެމެހެއްޓުމަކީ މުހިންމުކަމެއްގެ ގޮތުގައި ބެލެވި، އެއަށް ބާރުއެޅުމުގެ ވިސްނުމުގައި އޮތް އޮތުމެއްކަމަށް ބެލެވެއެވެ. ހަމައެއާއެކު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކުރިނަމަވެސް، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ދުރަށް ދެވޭނެ ޙާލަތްތައްވެސް ހުރިއިރު، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ ދުރަށް ދިޔުމަކީ ޤާނޫނު ޖާގަނުދޭ (rigid) ކަމެއްގެ ގޮތުގައި ނުވަތަ ނުކުރެވޭނެކަމެއްގެ ގޮތުގައި މާނަކުރެވޭނެކަމުގައި ނުދެކެމެވެ.

86މި އިސްތިއުނާފުގެ މައްސަލައާ އެއްގޮތް މައްސަލަތަކެއްކަމަށް ބުނެ އެ ކޯޓުން އެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް މި މައްސަލައިގެ މައްޗަށް ލާޒިމުވާ ފަދައަކުން، ނުވަތަ އެ ޤަޟިއްޔާތަކުގެ ނިންމުމަށް ތަބާވާންޖެހޭ ފަދައަކުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު މާނަކުރެވޭނެކަމުގައި ނުދެކެމެވެ. މިކަން ތަޠުބީޤުކޮށް، ސިވިލް ކޯޓުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމުގައި ނުދެކެމެވެ.

87HN7މީގެ އިތުރުން، މި މައްސަލައިގައި ޝަރީޢަތުގެ ޚަރަދު ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އެ ޚަރަދު ކަނޑައެޅުމުގައި ތަބާވާންޖެހޭ އިޖުރާއަތާއި ޚިލާފަށްކަމުގެ ބަހުސެއް ދަށު ކޯޓުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާފައިނުވާއިރު، އަދި އެފަދަ ބަހުސެއް މި އިސްތިއުނާފީ މަރުޙަލާގައިވެސް ނަގާފައިނުވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އަލީގައި އެކަން މި މައްސަލައިގައި ވަޒަންކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

88އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު

89ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

90ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

91މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ، […] ޞަބީޙާ ޙުސައިން އަދި ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ އަނޯޖީރޯޝަން ގަމަންޕީއްލާ އިމަޔަގެ ޑޮންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ނަންބަރު 2021/SC-A/41 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފް
  2. އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ދިފާޢުގެ ރައްދު" ފޯމުގެ 2.1 ވަނަ ނުކުތާ
  3. ސިވިލް ކޯޓުގެ ނަންބަރު 2831-CVC-2023 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ 7 ވަނަ ނުކުތާ
  4. ސިވިލް ކޯޓުން 12 އޮގަސްޓް 2024ގައި ފޮނުވާފައިވާ ނޯޓިސް
  5. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 165 ވަނަ މާއްދާގެ (ނ)
  6. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 166 ވަނަ މާއްދާ
  7. 12 އޮގަސްޓް 2024 ގައި ސިވިލް ކޯޓުން ފޮނުވާފައިވާ ލީގަލް ނޯޓިސް
  8. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވެސް ބަޔާންކުރެއެވެ.
  9. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/41 ޤަޟިއްޔާ
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ) ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ޤަޟިއްޔާގެ 10 ވަނަ ނުކުތާ
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 (ކަޕޫރު ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ޤަޟިއްޔާއިން ގާއިމުކޮށްފައިވާ މި އުޞޫލު އޭގެ ފަހުން އެ ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/77 (އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/107 (މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/106 (މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ (މީރާ) ވ. މައިނަރ އިންޓަނޭޝަނަލް (ލަބުއާން) ލިމިޓެޑް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/12 (ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/89 (ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޙަބީބް ބޭންކް ލިމިޓެޑް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/40 (ޕާރރް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/60 (ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްއާއި އިތުރު 3 ފަރާތެއް ވ. މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/53 (ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް) ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވެއެވެ.
  13. އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ދިފާޢުގެ ރައްދު" ފޯމުގެ 2.1 ވަނަ ނުކުތާ
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މި އުސޫލު އެ ކޯޓުގެ ގިނަ ނިންމުންތަކުގައި ޙަވާލާދީ، ތަޠުބީޤުކޮށްފައިވެއެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/92 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/17 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2017/SC-A/71 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/72 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/20 ޤަޟިއްޔާ ފާހަގަކުރަމެވެ.
  15. މި ނުކުތާއާއި ގުޅޭ ގޮތުން މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ މި ޙާލަތުގައި ހައިކޯޓަށް ހުށަހެޅޭ ހެކި ބަލައިނުގަތުމަށް އެ ކޯޓުން ނިންމިދާނެކަމާއި، މައްސަލައެއް އިސްތިއުނާފުކުރުމުގެ ދެ މަރުޙަލާއެއް އޮތުމުގެ މާނައަކީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއަކާ ނުވަތަ ރައްދު ދަޢުވާއަކާ މެދު، އިސްތިއުނާފު ކުރެވޭނެ އަދި އިތުރު ދެ މަރުޙަލާއެއް އޮތަތީ، ފަރުވާކުޑަކުރުމަށް ނުވަތަ އިހުމާލުވުމަށް އޮތް އުޒުރެއްނޫންކަމުގައެވެ.
  16. މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުންސުރުތަކަށް، މި ޤަޟިއްޔާގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ޙަވާލާދީފައިވެއެވެ. މިގޮތުން އެ ކޯޓުގެ ނަންބަރު 2021/SC-A/54 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/40 ޤަޟިއްޔާ ފާހަގަކުރަމެވެ.
  17. މިކަން މި ކޯޓުގެ ނަންބަރު 2023/HC-A/273 (ޙުސައިން ޝިހާމް ޢަލީ ވ. ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމް) ޤަޟިއްޔާގެ 25 ވަނަ ނުކުތާއިން ފެށިގެން 34 ވަނަ ނުކުތާގެ ނިޔަލަށް، އަދި މި ކޯޓުގެ ނަންބަރު 2024/HC-A/192 (އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑް ވ. އަރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 83 ވަނަ ނުކުތާއިން 92 ވަނަ ނުކުތާގެ ނިޔަލަށް އަހުރެން ތަފްޞީލުކޮށްފައިވާނެއެވެ.
  18. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
  19. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  20. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ)
  21. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ށ)
  22. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ