ދިވެހި ދައުލަތް (އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް) ވ. ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` ދިވެހި ދައުލަތް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ވ. ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/431 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، ދިވެހި ދައުލަތުން (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ) ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ހެލްތް އެންޑް ގްލޯ" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ (މީގެފަހުން "އައި.ޖީ.އެމް.އެޗް" ކަމަށް ބުނެފައިވާ) އޯޕީޑީ ސަރަޙައްދުގައި ހުރި ބޭސްފިހާރަ ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ހޮސްޕިޓަލްގެ ނަންބަރު 137/IU/2018/21 އިއުލާނުން 09 ސެޕްޓެންބަރު 2018 ގައި ހުޅުވާލެވުނެވެ.
އިއުލާނާ އެއްގޮތަށް ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލް ބިޑް އިވެލުއޭޝަން ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ހޮވިފައި ނުވެއެވެ. ބިޑް ކާމިޔާބުކޮށްފައިވަނީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްއެވެ ކިޔާ ކުންފުންޏަކުންނެވެ.
ބިޑް އިވެލުއޭޓްކޮށް އެވޯޑް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކަމަށްބުނެ، ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ދައުލަތަށް ދަޢުވާލިބޭ ގޮތަށް ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 4932/Cv-C/2018 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުން ނިންމާފައިވަނީ ހެލްތް އެންޑް ގްލޯ އިން ދައުލަތުގެ މައްޗަށް ހުށަހެޅި ދަޢުވާ ޝަރީޢަތަށް ސާބިތު ނުވާކަމަށެވެ. ސިވިލް ކޯޓުގެ ނިންމުން ބިނާވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
އައި.ޖީ.އެމް.އެޗް އިން 09 ސެޕްޓެމްބަރ 2018 ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށް ބިޑް އެވޯޑުކޮށްފައިވަނީ އެފަރާތުން ހުށަހަޅާފައިވާ ދެ އޮޕްޝަނެއްގެ މައްޗަށް ބިނާކޮށް، ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކާ ހިއްސާކޮށްފައިވާ މައުލޫމާތު ކަރުދާހުގައި އާންމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވާއިރު، ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުންވެސް ހުށަހަޅާފައިވަނީ 1 ބިޑު ކަމަށާއި، އެ ބިޑުގައި 2 އޮޕްޝަނެއް ހިމެނުމަކީ ބީލަމުގެ މައުލޫމާތު ކަރުދާހުންނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނުން އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ޚިލާފުކަމެއް ނޫންކަމުން، މި ބިޑު ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކޮށްފައިވަނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކާ ހިއްސާކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ އުސޫލުތަކާ ޚިލާފަށް ނޫންކަން.
09 ސެޕްޓެމްބަރ 2018 ގައި ކުރެވުނު އިއުލާނާ ގުޅިގެން ހުށަހެޅުނު ބިޑްތަކުގެ ތެރެއިން، މައުލޫމާތު ކަރުދާހުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ މިންގަނޑުން ކުއްޔާއި ސީއެސްއާރުގެ ބަޔަށް އެންމެ ގިނަ ޕޮއިންޓް ލިބިފައިވަނީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށްކަން މާކްސް ލިބިފައިވާ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިވެލުއޭޝަން ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްސަލަ ނިންމި ގޮތުގެ ލިޔުމުން ވެސް، ލައިފް ސަޕޯޓްގެ ފަރާތުން ހުށަހަޅާފައިވާ 2 އޮޕްޝަންގެ ތެރެއިން ބިޑުގައި ބައިވެރިނުކުރާ އޮޕްޝަނަށް ޕޮއިންޓް ދިންކަމަށް ވީނަމަވެސް، މި ނަތީޖާއަށް ބަދަލު ނާންނާނޭކަމަށް ކޮމިޝަނުގެ ނިންމުމުގައި ބަޔާންވެފައިވާތީ، މި ބިޑް ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑް ކޮށްފައިވަނީ ޤަވާޢިދާއި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން ބެލެވެން ނެތްކަމާއި، އަދި ޕްރޮޖެކްޓާ ގުޅިގެން ހިނގަމުންދާ މުއާމަލާތްތައް ބާޠިލުކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށެވެ.
މި ނިންމުން ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނާއި، ޤަވާޢިދާއި، ޢަމަލު ކުރަމުންދާ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ހެލްތް އެން ގްލޯ އިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 4932/Cv-C/2018 ޤަޟިއްޔާ ގެ ނިންމުން ހެލްތް އެން ގްލޯ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/437 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
އައި.ޖީ.އެމް.އެޗްގެ އިއުލާނާ ގުޅިގެން ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދީފައިވަނީ މައުލޫމާތު ކަރުދާހުގައި ބިޑްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށް ކަނޑައަޅައި، ބިޑް ހުށަހެޅި ފަރާތްތަކާ ޙިއްސާކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށާއި، އެގޮތުން ޕްރޮޕޯސަލް ދެބަޔަކަށް ބަހާލައި، ސީއެސްއާރު ފައިނޭންޝަލް ކޮމްޕޯނަންޓް އަށް 15 ޕޮއިންޓް އަދި ސީއެސްއާރު ސަރވިސް އަށް 5 ޕޮއިންޓް ދީފައިވާ ކަމާއި، މިއީ މައުލޫމާތު ކަރުދާހުގައި މިބަޔަށް ޕޮއިންޓް ދިނުމުގައި ކަނޑައެޅިފައިވާ ގޮތް ނޫންކަން.
ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.45 ގެ (ހ) ގައިވާ ގޮތުގެމަތިން ބީލަން އިވެލުއޭޓް ކުރަންވާނީ، ބީލަން ފޮތުގައި ނުވަތަ މައުލޫމާތު ދިން ކަރުދާހުގައި ނުވަތަ އެ އިއުލާނުގައި ބީލަމެއް އިވެލުއޭޓް ކުރުމަށް ބުނެފައިވާ ގޮތަށް ކަމާއި، އެ ނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބޭނުން ނުކުރެވޭނެކަން.
ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.46 ގެ (ނ) ގައިވާ ގޮތުގެމަތިން ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށް އިތުރު ކްރައިޓީރިއާއެއް ހިމަނަންވާނީ، ބީލަމެއް ހިމެނޭ ކަމެއްގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމެއް ނުވަތަ ފައިދާއެއްގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމަށާއި، އަދި އެކަމެއްގެ ސަބަބުން ލިބޭ ގެއްލުން ނުވަތަ ފައިދާ ހަމައެކަނި އިވެލުއޭޓް ކުރުމުގެ ބޭނުމަށް ބީލަމުގައި ހުށަހެޅިފައިވާ އަގަށް އުނިއިތުރު ގެނެވިދާނެކަމަށާއި، އެގޮތުން އެފަދަ އުނިއިތުރެއް ގެންނަން ޖެހިދާނެކަން ބީލަން ފޮތުގައި ނުވަތަ މައުލޫމާތު ޝީޓުގައި ނުވަތަ އިއުލާނުގައި ބަޔާންކުރެވިފައިވާނަމަ ކަން.
ބިޑް އިވެލުއޭޓް ކުރުމުގައި "ހުށަހެޅުން" (proposal) މިބަޔަށް ޕޮއިންޓް ދިނުމުގައި، ބިޑް އިވެލުއޭޝަން ކޮމިޓީއިން މައުލޫމާތު ކަރުދާހުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅައި ހާމަކޮށްފައިވާ ގޮތާ ޚިލާފަށް އެ ބައި ދެބަޔަކަށް ބަހާ ނުލައި ޕޮއިންޓް ދިންނަމަ، ހެލްތް އެންޑް ގްލޯ އިން ހުށަހަޅާފައިވާ ފައިސާގެ މިންވަރުގެ މައްޗަށާއި ޚިދުމަތްތަކަށް ބަލާއިރު، އެފަރާތަށް ބިޑް ކާމިޔާބުކުރުމުގެ އިޙުތިމާލު އޮތްކަމާއި، މައުލޫމާތު ކަރުދާހުގައި ހިއްސާކޮށްފައިވާ ގޮތާ ޚިލާފަށް ބިޑް އިވެލުއޭޓްކުރުމުގައި ކްރައިޓީރިއާއަށް އުނި އިތުރު ގެނެސް އެގޮތަށް ޢަމަލުކޮށްފައިވުމުން ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑަށް އެ ފުރުޞަތު ގެއްލިފައިވާކަން.
ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާއަށް އުނިއިތުރު ގެނައުމަށްފަހު ދީފައިވާ ޕޮއިންޓްތަކުގެ މައްޗަށް ބިނާކޮށް ތަން ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމާއި، ފާމަސީ ކުއްޔަށް ދިނުމަށް އަލުން ހުޅުވާލައި، ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑުވެސް ހިމެނޭގޮތުން ބިޑު ހުށަހެޅުމަށް ހަމަހަމަ ފުރުޞަތު ދޭންޖެހޭކަން.
ހައިކޯޓުގެ މި ނިންމުން ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
މި މައްސަލައިގައި ދައުލަތުން އިސްތިއުނާފީ 3 ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
އައި.ޖީ.އެމް.އެޗްގެ އިޢުލާނާ ގުޅިގެން ހޮސްޕިޓަލުން ބިޑް އިވެލުއޭޓްކުރުމުގައި އިތުރު ކްރައިޓީރިއާއެއް ހިމަނާފައިވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާ ބިނާކޮށްފައިވާ އަދި ސިވިލް ކޯޓުގައި އެދުނު ގޮތް ބިނާވާ ސަބަބެއްކަމުގައި ނުވާއިރު، އެ ސަބަބަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/437 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާތީ، ފުރަތަމަ މަރުޙަލާގެ ކޯޓުގައި އެދިފައިނުވާ އާކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފު ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ މަދަނީ އިޖުރާއަތާ ޚިލާފުކަމެއްކަމަށާއި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމާއިލް ރަޝީދު، މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެއްކަން.
އައި.ޖީ.އެމް.އެޗްގެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 10.46 ގެ (ނ) އާ ޚިލާފަށް އެ އިއުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއަށް އުނިއިތުރު ގެނެސްގެން ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.46 ގެ (ނ) އަށް މައްސަލައިގެ ވާޤިއާތައް ތަޠުބީޤު ކުރުމުގައި ހެދިފައިވާ ގޯހެއްގެ ސަބަބުން ކަން؛
އައި.ޖީ.އެމް.އެޗްގެ އޯ.ޕީ.ޑީ ޞަރަޙައްދުގައި ހުންނަ ބޭސްފިހާރަ ކުއްޔަށް ދިނުމަށް ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެ ތަން ކުއްޔަށްދިނުމަށް އަލުން ހުޅުވާލުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ހިމެނޭގޮތުން ބިޑް ހުށަހެޅުމަށް ހަމަހަމަފުރުޞަތު ލިބިދިނުމަށް އަންގާފައިވަނީ، އެތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައިވާ ދިނުމަށް ރިއާޔަތްކުރުމެއް ނެތި ކަމުގައިވާތީ، އެ ނިންމުމުން ހުށަހެޅިފައިވާ މައްސަލައަށް ޤާނޫނީ އިމުގެ ތެރެއިން ފައިޞަލާކުރަނިވި ޙައްލެއް ލިބިފައިނުވާތީ، އެކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގއާ ޚިލާފު ކަމެއްކަން.
އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ގެއްލިފައިވާ ކަމަށް ބުނެފައިވުން
މި މައްސަލައިގައި އައި.ޖީ.އެމް.އެޗް ތަމްސީލުކުރުމުގެ ހައިސިއްޔަތު ދައުލަތުގެ ބަންޑާރަ ނައިބަށް ލިބިގެން ނުވާކަމަށްބުނެ ހެލްތް އެންޑް ގްލޯގެ ފަރާތުން އިޖުރާއީ އިޢްތިރާޟްއެއް ހުށަހަޅާފައިވެއެވެ. އެފަރާތުން ބުނެފައިވަނީ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ 6 ފެބްރުއަރީ 2020 ގައި ކަމަށާއި، އައި.ޖީ.އެމް ހޮސްޕިޓަލަކީ "މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 16 ފެބްރުއަރީ 2020 ގައި ހާމަކޮށްފައިވާ ކަމަށާއި، ނަމަވެސް މި "ޓްރަސްޓީސް" ގެ ޤާނޫނީ ހައިސިއްޔަތު ސާފު ނުވާކަމަށެވެ.
ރައްދު ދިނުމުގެ ގޮތުން ދައުލަތުން ބުނެފައިވަނީ، އައި.ޖީ.އެމް.އެޗް ކުރިން ހިންގަމުން އައީ "މާލޭ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" އިން ކަމަށާއި، އެއީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިގެންވާ މަޢުނަވީ ޝަޚްސިއްޔަތެއް ލިބިގެންވާ ފަރާތެއް ނޫން ކަމަށާއި، އެތަނަކީ އިދާރީ ހިންގުމަށް ފަސޭހައަށް ބަޖެޓް ވަކިކުރެވިފައިވާ ތަނެއް ކަމަށާއި، 16 ފެބްރުއަރީ 2020 ގައި އައި ބަދަލަކީ އެ ބޯޑުގެ ނަން "މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރުން ކަމަށާއި، މި މައްސަލައިގައި ދަށު ކޯޓުގައި އަދި ހައިކޯޓުގައި ވެސް، އައި.ޖީ.އެމް.އެޗް ތަމްސީލު ކުރަމުން އައީ ދައުލަތުން ކަމަށާއި، ސުޕްރީމް ކޯޓުގައި ދައުލަތުން އެތަން ތަމްސީލު ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.
"މާލޭ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރުމާގުޅޭ ލިޔުންތައް ކޯޓަށް ގެނެސް ބަލައި ދިރާސާކުރެވިފައިވެއެވެ. "މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު އޮތް މަޢުނަވީ ޝަޚްސިއްޔަތެއް ލިބިގެންވާ ތަނެއްކަން އެނގެން ނެތުމުން، ދައުލަތުން އައި.ޖީ.އެމް.އެޗް ކުރިން ތަމްސީލު ކުރިގޮތަށް ނުކުރެވޭނެ ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ޝަރީޢަތުން ނިންމައި، އިސްތިއުނާފީ ނުކުތާތަކަށް މައުޟޫޢީ ގޮތުން ޖަވާބުދިނުމަށް ހެލްތް އެންޑް ގްލޯއަށް އަންގާފައިވެއެވެ.
ދަށު ކޯޓުގައި އެދިފައިނުވާ އާކަމަކަށް ހައިކޯޓުން ގޮތެއް ނިންމާފައިވުން
ހެލްތް އެންޑް ގްލޯގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ނުކުތާއާއި އޭގެ ތަފްސީލަށް ބަލާއިރު، މާލިއްޔަތު ޤަވާޢިދާއި ޚިލާފަށް ދައުލަތުން ކުރިކަމެއް ކަމަށް ބަޔާން ކޮށްފައިވަނީ، އައި.ޖީ.އެމް.އެޗްގެ އިއުލާނާ ގުޅިގެން ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމުގައި، ބިޑްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށް، ބިޑް ހުށަހެޅި ފަރާތްތަކާ ޙިއްސާކޮށްފައިވާ އުޞޫލާ ޚިލާފަށް ދައުލަތުން ޢަމަލުކުރުންކަން އެނގެން އޮތްއިރު، މިއީ ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށާއި، ސިވިލް ކޯޓުން ގޮތެއް ނިންމާފައިވާ ކަމެއް ވެސް ނޫންކަމަށް ދައުލަތުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ދަޢުވާގެ ޚުލާޞާއާއި އޭގެ ތަފްސީލަށް ބަލާއިރު، މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ދައުލަތުން ކުރިކަމެއް ކަމަށް ބަޔާން ކޮށްފައިވަނީ، މަޢުލޫމާތު ކަރުދާހުގެ އެއްވެސް ބައެއްގައި އެއް ފަރާތަކުން ތަފާތު އަގުތަކެއް ބަޔާންކޮށް ދެ ޕްރޮޕޯސަލެއް ހުށަހެޅުމުން ބަލައިގަނެވޭނެ ކަމަށް ދޭހަވާފަދަ މާއްދާއެއް ނެތްއިރު، ޕްރޮޖެކްޓް އެވޯޑްކޮށްފައިވާ ލައިފް ސަޕޯޓުން ދެ އޮޕްޝަނެއް ހިމެނޭ ގޮތަށް ތަފާތު ދެ ޕްރޮޕޯސަލެއް ހުށަހެޅުމުން، ދައުލަތުން އެކަން ޤަބޫލުކުރުމެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ ހެލްތް އެންޑް ގްލޯ އިން ކުރި ދަޢުވާ ސާބިތު ނުވާކަމަށެވެ.
ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ޖާވާބު ދެމުން ހެލްތް އެންޑް ގްލޯގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެދިފައިވާ ކަންކަމުގެ ތެރޭގައި، ހެލްތް އެންޑް ގްލޯއަށް ޕޮރޮޖެކްޓް ގެއްލިފައިވަނީ ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ދައުލަތުން ލައިފް ސަޕޯޓަށް ޕްރޮޖެކްޓް އެވޯޑް ކުރުމުން ކަމަށްވާތީ އެވޯޑްކުރުން ބާޠިލުކުރުން ހިމެނޭނެ ކަމަށާއި، އެވޯޑް ކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުން ވެސް ހިމެނޭކަމަށާއި، ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައި ވެސް ތަފްސީލުކޮށްފައިވަނީ އެ ވާހަކަ ކަމަށް ބުނެފައިވެއެވެ.
ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ދައުލަތުން ޢަމަލުކުރިކަމަށް ހެލްތް އެންޑް ގްލޯގެ ފަރާތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައި ވެސް ބުނެފައިވެއެވެ. ނަމަވެސް ދައުލަތުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ދައުލަތުން ކުރި ޢަމަލަކީ ކޮބައިކަން ހެލްތް އެންޑް ގްލޯގެ ފަރާތުން ދެ މަރުޙަލާގައި ބުނެފައިވަނީ ދެކަމެއް ކަމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މުޅި ދަޢުވާ ބިނާކޮށްފައިވަނީ ބީލަން ކާމިޔާބު ކުރި ފަރާތުން ދެ ބިޑެއް ނުވަތަ ދެ ޕްރޮޕޯސަލެއް ހުށަހެޅުމުން ދައުލަތުން އެކަން ޤަބޫލުކޮށްގެން ޕްރޮސެސް ކުރިއަށް ގެންދިޔަ ގެންދިޔުމަކީ ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ކުރިކަމެއް ކަމަށް ބުނެއެވެ. ހައިކޯޓު މަރުޙަލާގައި މުޅި އިސްތިއުނާފު ބިނާކޮށްފައިވަނީ، މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމުގެ ބަޔަށް 20 މާކްސް ދޭގޮތަށް އޮތްއިރު، ބިޑް އިވެލުއޭޓްކޮށް ޕޮއިންޓު ދިންއިރު އެބައި ދެބައިކޮށް ސީ.އެސް.އާރ ފައިނޭންޝަލް ކޮމްޕޯނަންޓަށް 15 ޕޮއިންޓް އަދި ސީ.އެސް.އާރ ސަރވިސަސް ކޮމްޕޯނަންޓްއަށް 5 ޕޮއިންޓް ދީގެން ޕްރޮޖެކްޓް އެވޯޑް ކޮށްފައިވަނީ ކަނޑައެޅިފައިވާ އުޞޫލާއި މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ކަމަށެވެ.
ސިވިލް ކޯޓުގެ ދަޢުވާ ފޯމުގެ އެއްވެސް ތަނެއްގައި، ހުށަހެޅުމަށް ކަނޑައަޅާފައިވާ 20 ޕޮއިންޓް ދެ ބައިކޮށްގެން ޕޮއިންޓު ދިނުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވެއެވެ. ދަށު ކޯޓުގެ ދަޢުވާގައި ފާހަގަކޮށްފައިވާ ފަދައިން ދެ ޕްރޮޕޯސަލް ހުށަހެޅުމާއި، ހައިކޯޓުގެ އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ފަދައިން ހުށަހެޅުމަށް ކަނޑައަޅާފައިވާ 20 ޕޮއިންޓް ދެ ބައިކޮށްގެން ޕޮއިންޓު ދިނުމަކީ ތަފާތު ދެކަމެކެވެ. ދަށު ކޯޓުގެ ދަޢުވާގައި ފާހަގަކޮށްފައިވާ ދެ ޕްރޮޕޯސަލް ހުށަހެޅުމުގެ ވާހަކަ ނިސްބަތްވަނީ ބިޑް ކާމިޔާބުކުރި ފަރާތަށެވެ. ބިޑް ކާމިޔާބުކުރި ފަރާތުގެ ޢަމަލެއްގެ ގޮތުގައެވެ. ނަމަވެސް ހައިކޯޓުގައި ފާހަގަކޮށްފައިވާ ކަންތައް ނިސްބަތްވަނީ ދައުލަތަށެވެ. ދައުލަތުން ބިޑްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިން ގޮތުގެ މައްޗަށެވެ. މިހެން މި ކަންކަން ހުރުމުން، ހެލްތް އެންޑް ގްލޯއިން ދަށުކޯޓާއި ހައިކޯޓަށް ހުށަހެޅި ނުކުތާގައި ބަޔާންވެގެންވަނީ އެއްކަމެއް ކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއްނެތެވެ.
ކޯޓުތަކާބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުން، އިސްތިއުނާފީ ފުރަތަމަ މަރުޙަލާ ކަމުގައިވާ ހައިކޯޓުގައި ދަށު ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ އެ ނިންމުމެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ، ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ. އަދި މިފަދަ ޙާލަތެއްގައި އެ ކޯޓުން މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުނު ކަންކަމާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ މައިގަނޑު ތިން ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. ދެވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގައި ނުވަތަ ނިންމުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުމެވެ. ތިންވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުންކުރެ އައިބެއް އޮތުމުގެ ސަބަބުން އެ ޙުކުމް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއާތެއް ކަމުގައިވާ ހާލަތެވެ.
16 ޖޫން 2022 ގައި ރާއްޖޭގައި ޢަމަލުކުރަން ފެށި މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 282 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ އެ ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ އެ ނިންމުމެއް ޤާނޫނުއަސާސީ، ނުވަތަ ޤާނޫނަކާ ޚިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ޤާނޫނު މާނަކޮށްފައިވަނީ ނުވަތަ ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރު ކޮށްފައިވާނަމައެވެ.
ދަށު ކޯޓަށް ހުށަނާޅާ އާކަމެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިފިނަމަ، ބައެއް ޤައުމުތަކުގެ މަދަނީ އިޖުރާއާތުގައި ބަޔާންވެގެންވާ ގޮތުން ދަޢުވާގެ ދެފަރާތުންކުރެ ފަރާތަކުން އެކަމަށް އިޢުތިރާޟް ނުކުރިޔަސް، ކޯޓުގެ އަމިއްލަ އިސްނެގުމަށްވެސް އެކަމެއް ކޯޓަށް ބަލައި ނުގަތުމަށް ނިންމަންޖެހެއެވެ. ކޯޓުގެ އަމިއްލަ އިސްނެގުމަކަށް އެކަމެއް ބަލައިނުގަތުމަށް ނިންމަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އަދި މަދަނީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވިނަމަވެސް، ޝަރީޢަތުގެ ތެރެއިން ފަނޑިޔާރުންނަށް އެކަން އެގޮތަށް އޮތްކަން ފާހަގަކުރެވިއްޖެނަމަ ދެފަރާތާ ސުވާލުކޮށް އެކަން ބަލައި އެކަމާމެދު ގޮތެއް ނުނިންމައި ނުދާނެއެވެ. އަދި ކޯޓަށް މައްސަލަ ބަލައިގަތުމުގެ ކުރީ މަރުޙަލާގައި އެކަމެއް ރަޖިސްޓްރާރ އަށް ފާހަގަކުރެވުނަސް، އެކަން އިސްލާޙުކޮށްގެން ނޫނީ ކޯޓަށް މައްސަލަ ބަލައިނުގަންނާނެއެވެ.
ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލަ ހައިކޯޓުން ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުނު ކަންކަމާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށްވާއިރު، މި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބަކީ ދަށު ކޯޓުގެ ދަޢުވާ ބިނާކުރި ސަބަބު ކަމަށް ނުވެއެވެ.
ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ހެލްތް އެންޑް ގްލޯ ގެ ފަރާތުންނެވެ. ހެލްތް އެންޑް ގްލޯ އިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ހައިކޯޓުގައި ޖަވާބުދާރީވިއިރު، އެ ނުކުތާގައި ބަޔާންކޮށްފައިވާ ކަމަކީ ދަށުކޯޓަށް ހުށަނާޅާ އާކަމެއް ކަމަށްބުނެ އެ ނުކުތާ ހައިކޯޓަށް ބަލައިގަތުމާމެދު ދައުލަތުން އިޢްތިރާޟް ކޮށްފައިނުވެއެވެ. މި ހިސާބުން އުފެދޭ ސުވާލަކީ އެ ނުކުތާ ހައިކޯޓަށް ބަލައިގަތުމާމެދު ދައުލަތުން އިޢްތިރާޟް ކޮށްފައިނުވާއިރު، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އެކަން ދައުލަތަށް ހުށަހެޅިދާނެތޯއެވެ.
ދަށުކޯޓާއި ހައިކޯޓަށް ހެލްތް އެންޑް ގްލޯ އިން ހުށަހަޅާފައިވަނީ ތަފާތު ދެ ކަމެއް ކަމަށްބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ދައުލަތަށް ހުށަނޭޅޭނެ ނުކުތާއެއް ކަމަށް ނިންމައިފިނަމަ، ހައިކޯޓުގެ މައުޟޫޢީ ނިންމުން ސުޕްރީމް ކޯޓުގައި މައުޟޫޢީ ގޮތުން ބެލި ގޮތެއް ނިމިގެންދާނެއެވެ. އެއީ އިސްތިއުނާފީ ދެވަނަ ނުކުތާގެ ގޮތުގައި އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީއެވެ. ނަތީޖާއަކަށް ވެގެންދާނީ ސުޕްރީމް ކޯޓުން ގޮތެއް ނިމިގެން ދާނީ ދަށު ކޯޓަށް ހުށަނޭޅޭ ކަމަކަށްވުމެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމި ކަމަކީ ފުރަތަމަވެސް ހައިކޯޓަށް ހުށަހެޅި ކަމަކަށްވުމެވެ. މިއީ މި ބާވަތުގެ މައްސަލަތަކުގައި ތިން ދަރަޖައަށް ޝަރީޢަތްކުރުމަށް އޮންނަ މަބްދައާއި މުޅިން ޚިލާފު ކަމަކަށް ނޫނީ ނުވާނެއެވެ. ތިން ދަރަޖައަށް ޝަރީޢަތް ކުރެވޭގޮތަށް އޮތުމުގެ ބޭނުމަކީ އެއް މަރުހަލާގައި ގޯހެއް ހެދިފައިވާނަމަ، އެއަށްވުރެ މަތީ މަރުޙަލާއިން އެކަމެއް އިސްލާޙުކުރުމުގެ ފުރުޞަތު އޮތުމެވެ. ނަތީޖާއެއްގެ ގޮތުން އިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމްވެގެން ދިޔުމެވެ.
ދަށުކޯޓާއި ހައިކޯޓަށް ހެލްތް އެންޑް ގްލޯ އިން ހުށަހަޅާފައިވަނީ ތަފާތު ދެ ކަމެއް ކަމަށްބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ބޭސްފިހާރައެއް ކުއްޔަށް ދިނުމުގެ ކަމަކާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅުނު މި ދަޢުވާގެ މަޙައްލާއި ގުޅޭ ކަމަކަށްވުރެ ބޮޑަށް، ޝަރީޢަތް ހިންގުމުގެ ނިޒާމާ ގުޅުން ހުރި ކަމެކެވެ. އިޚްތިޞާޞް ނެތް ކޯޓަކަށް މައްސަލަ ހުށަހެޅިގެން ނިމިގެން އިސްތިއުނާފުގެ ތެރެއިން އެކަން ފާހަގަވުން ފަދަ ކަމެކެވެ. ދަޢުވާ ކުރުމުގެ ހައިސިއްޔަތު ނެތް ފަރާތުން ހުށަހަޅައިގެން ގޮތެއް ނިމިގެން އިސްތިއުނާފުގެ ތެރެއިން އެކަން ފާހަގަވުން ފަދަ ކަމެކެވެ. ފަހުން މި ބަޔާންކުރި ދެކަމަކީ ވެސް ދަޢުވާގެ ދެފަރާތުންކުރެ ފަރާތަކުން ހުށަނޭޅިޔަސް އިސްތިއުނާފީ ކޯޓަށް އެކަން ފާހަގަވެއްޖެނަމަ އިހުމާލުވެ ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫނެވެ. އެއިން ކަމެއް ފާހަގަވެއްޖެނަމަ އެކަމާއި ގުޅިގެން ދެފަރާތާއި ސުވާލުކޮށް ޝަރީޢަތުން ގޮތެއް ނުނިންމައި ނުދެވޭނެ ކަންތައްތަކެކެވެ.
ދަށުކޯޓާއި ހައިކޯޓަށް ހެލްތް އެންޑް ގްލޯ އިން ހުށަހަޅާފައިވަނީ ތަފާތު ދެކަމެއް ކަމަށްބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ ސުޕްރީމް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ހެލްތް އެންޑް ގްލޯ އިން ޖަވާބުދިން އިރު ބުނެފައިނުވެއެވެ. އެފަރާތުން ބުނެފައިވަނީ ދަށުކޯޓާއި ހައިކޯޓަށް އެފަރާތުން ހުށަހެޅީ ތަފާތު ދެކަމެއް ނޫންކަމަށެވެ.
މިރައުޔުގެ 18 އަދި 19 ވަނަ ޕެރެގެރާފްގައި ބަޔާންވެގެންވާ ފަދައިން ދަށު ކޯޓާއި ހައިކޯޓަށް ހެލްތް އެންޑް ގްލޯ އިން ހުށަހަޅާފައިވަނީ ތަފާތު ދެކަމެއް ކަމަށްވާއިރު، މިއީ ކޯޓުތަކާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށްވުމާއި، ހައިކޯޓުގައި ދައުލަތުން އެކަން ފާހަގަކޮށްފައި ނުވިނަމަވެސް، ބޭސްފިހާރައެއް ކުއްޔަށް ދިނުމުގެ ކަމަކާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅުނު މި ދަޢުވާގެ މަޙައްލާއި ގުޅޭ ކަމަކަށްވުރެ ބޮޑަށް، ޝަރީޢަތް ހިންގުމުގެ ނިޒާމާއި ގުޅުންހުރި ކަމަކަށްވުމާއި، މި ބާވަތުގެ ކަންކަމަކީ ދަޢުވާގެ ދެފަރާތުންކުރެ ފަރާތަކުން ފާހަގަނުކުރިއަސް، ޝަރީޢަތަށް ފާހަގަކުރެވޭ ޙާލަތުގައި ވެސް ޝަރީޢަތުން ބަލައި ގޮތެއް ނިންމަންޖެހޭ ބާވަތުގެ ކަމެއް ކަމަށްވުމާއި، ދައުލަތުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާ ސުޕްރީމް ކޯޓަށް ބަލައި ނުގެންފިނަމަ ނުކުންނަ ނަތީޖާއަކީ މި ރައުޔުގެ 26 ވަނަ ޕެރެގެރާފްގައި ބަޔާންވެގެންވާ ނަތީޖާ ކަމަށްވެފައި، އެފަދަ ނަތީޖާއެއް ނުކުންނަ ގޮތަށް ކަންކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށްނުވާތީ، ދައުލަތުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާ ސުޕްރީމް ކޯޓަށް ބަލައި ނުގަނެ ދޫކޮށްލެވޭނެ ކަމަށް އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، މި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވަނީ ދަށު ކޯޓަށް ހުށަނޭޅޭ މުޅިން އާކަމެއް ކަމަށްވެފައި، ހައިކޯޓަށް ހުށަހެޅި ކަމަކީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެ ހުށަހަޅާފައި ނުވާ ކަމަކަށްވާއިރު، އެކަން ހައިކޯޓަށް ބަލައިގަނެ ގޮތެއް ނިންމުމަކީ އިސްތިއުނާފީ ނިޒާމާ ޚިލާފުކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނާނީ ބާޠިލު ކަންތައްތަކެއް ކަމަށްވާއިރު، ހައިކޯޓަށް ހުށަނޭޅޭނެ ކަމެއް ހައިކޯޓަށް ބަލައިގަނެ ގޮތެއް ނިންމާފައިވާނަމަ އެ ނިންމުންވާނީ ބާޠިލު ނިންމުމަކަށެވެ. މިގޮތުން ހައިކޯޓުގެ ނިންމުން ބާޠިލު ކުރަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
މި ގޮތަށް މައްސަލަ ނިންމުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާއަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފާހަގަކުރައްވާފައިވާ ފަދައިން، ހައިކޯޓުގެ ނަންބަރު2019/HC-A/437 ޤަޟިއްޔާ އެ ކޯޓަށް ހުށަހަޅައި ބަލައިގަނެ ހިންގުމުގައި، ހައިކޯޓުން ވަނީ އެ މައްސަލަ ދަށުކޯޓަށް ހުށަހަޅައި ބަލައިގަނެ ހިންގިއިރު، ދަށުކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ދުރަށް ގޮސްފައެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ޤާއިމުކޮށްފައިވާ އިސްތިއުނާފުކުރުމުގެ އުސޫލުތަކާއި ޚިލާފަށް ހިނގާފައިވާ ކަމެކެވެ.
ތެދެކެވެ. ދަށުކޯޓުގައާއި ހައިކޯޓުގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމުގައި ހެލްތް އެންޑް ގްލޯގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. އެހެން ނަމަވެސް، އެ ދެ މަރުޙަލާގައި ބިޑް އެވޯޑް ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ޤާނޫނާއި ޤަވާޢިދާ ޚިލާފުވާކަމުގައި ބުނެ ދައްކާފައިވާ ސަބަބުތައް ތަފާތެވެ. އަދި ޝަރުއީ ދެ މަރުޙަލާގައި ބިޑް އެވޯޑް ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ގޯސްކަމުގައި ބުނެ ބަޔާންކޮށްފައިވަނީ ތަފާތު ފަރާތްތަކަކުން ކޮށްފައިވާ ތަފާތު އަމަލުތަކެއް ކަމުން، އެ (ގޯހުން ކުރިކަމަށް ބުނާ) އަމަލުތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުމުން އެއިގެން ނިކުންނާނެ ނަތީޖާވެސް ތަފާތުވުމުގެ ފުރުޞަތު ބޮޑެވެ. އެއިގެ އިތުރުން، ދަށުކޯޓަށް ހުށަހެޅި ދަޢުވާ ބިނާކޮށްފައިވާ ޤާނޫނީ މަސްދަރުތަކާއި ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރުމުގައި ބަޔާންކޮށްފައިވާ ޤާނޫނީ މަސްދަރުތަކުގައިވެސް ތަފާތުތަކެއް ހުރިކަން ފާހަގަވެއެވެ.
ހައިކޯޓުން މައްސަލަތައް ބަލަންޖެހެނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ނަމަވެސް، މި މައްސަލައިގައި ވެފައި މިވާ ގޮތަކީ، ހެލްތް އެންޑް ގްލޯގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމުގައި ދަށުކޯޓުގެ ޙުކުމް ރަނގަޅު ނޫންކަމަށް ފެންނަ ޤާނޫނީ ސަބަބުތައް ހުށަހެޅުމުގައި، އައު ނަޒަރަކުން، ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި ފައްތަރުވާގޮތަށް ހައިކޯޓަށް އައު ކަންތައްތަކެއް ހުށަހެޅުމުން، އެކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ބަލައި ޙުކުމްކުރުމެވެ.
ހައިކޯޓުގައި އިޖުރާއީ އިއުތިރާޟެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވި ނަމަވެސް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން (ބަންޑާރަ ނާއިބުގެ އޮފީހުން) ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ދަށު ކޯޓުގައި ހެލްތް އެންޑް ގްލޯގެ ފަރާތުން ހުށަހަޅާ އެ މައްޗަށް ޙުކުމް ކުރި ކަންކަމާއި ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކުގައި ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި ސުޕްރީމް ކޯޓުގައި އެ ނުކުތާ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހެޅުމުން، އެކަން ބަލައިގަނެ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ފަދައިން، އެ ނުކުތާގެ މައްޗަށް މައްސަލަ ނިންމުން އެންމެ ރަނގަޅު ކަމުގައިވެސް އަހުރެން ދެކެމެވެ.
ހައިކޯޓުން މައްސަލަ ބެލުމުގައި، ދަށުކޯޓަށް ނުބެލި ހުރި ނުވަތަ އަލުން ބަލަންޖެހޭ ކަންތައްކެއްވާކަން ފާހަގަކުރެވޭނަމަ، މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަހުވީލު ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދީފައިވެއެވެ. އަދި އެފަދަ ޙާލަތެއްގައި ދަށުކޯޓުން މައްސަލަ ބަލާ ނިމުމުން، މައްސަލަ އިސްތިއުނާފު ކުރެވިއްޖެނަމަ އެއިގެން ނިކުންނާނެ ނަތީޖާ ތަފާތުވާނެއެވެ. އެހެނީ، އެފަދަ ޙާލަތެއްގައި ދަށުކޯޓުން މައްސަލަ އަލުން ބެލުމުގައި ކަންތައްތަކެއް ދޫވެފައިވާނަމަ، ސީދާ ހައިކޯޓަށް އެކަންކަން ބެލުމުގެ ފުރުޞަތު އޮތުމުންނެވެ. އެހެންނަމަވެސް، އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަކީ ފުރަތަމަވެސް ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މަޢުޟޫއަށް އެ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެކެވެ.
ވަކީލުން ނުވަތަ ހަސްމުން ދަޢުވާއެއް ނުވަތަ އިސްތިއުނާފެއް ކޯޓަށް ހުށަހެޅުމުގައި، އެ ހުށަހެޅުން ބިނާކޮށް (basis) ފަރުމާކުރާ (design or frame) ގޮތާމެދު ފަރުވާތެރި ވުމުގެ މުހިންމުކަމާއި، މައްސަލަ ބަލައި ގޮތް ކަނޑައެޅުމުގައި ޤާނޫނުން ދައްކާފައިވާ މަގުން ކައްސާނުލައި ފަނޑިޔާރުން ކުރިއަށް ދިއުމުގެ މުހިންމުކަން މި މައްސަލައިން ނުހަނު ސާފުކޮށް ފެނިގެންދާތީ، އެކަންކަން އެއީ ސަމާލުވާންޖެހޭ ކަންކަމުގެ ގޮތުގައި އަހުރެން ފާހަގަކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/437 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2019/HC-A/437 ޤަޟިއްޔާގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.