ޙަސަން ފަރީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2015/HC-A/374، 1112/Cr-C/2010، 1054/JC/2010
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން (1112/Cr-C/2010، 1054/JC/2010) ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ވާރިސުން ޤިޞާޞް ހިފަން އެދިފައިވާތީ ޤާނޫނު ނަންބަރު 1/66 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޙަސަން ފަރީދު މެރުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2015/HC-A/374) ހެކިތައް އަލުން ވަޒަންކޮށް، ކުށުގެ ރުކުންތައް ފުރިހަމަވާ ކަމަށާއި ވަކީލެއް ހޯދުމުގެ ފުރުޞަތު ޙަސަން ފަރީދު އަމިއްލައަށް ދޫކޮށްލި ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 27 ޖަނަވަރީ 2010 ވަނަ ދުވަހުގެ ރޭގަނޑު 21:30 ހާއިރު، ޏ. ފުވައްމުލައް ދޫޑިގަނުގައި ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅީގައި ހިނގި މާރާމާރީއެއްގައި، ޙަސަން ފަރީދު އަތުގައި އޮތް ވަޅިން ޢަބްދުﷲ ޝުހާދުގެ މޭގެ ކަނާތްފަރާތު އަރިކަށްޓަށް ހެރި ކަމަށް ތުހުމަތުކުރެވުނެވެ. ޢަބްދުﷲ ޝުހާދު 28 ޖަނަވަރީ 2010 ގެ ހެނދުނު ނިޔާވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ޙަސަން ފަރީދުގެ މައްޗަށް ޤަތުލު ޢަމްދު (ގަސްތުގައި މީހަކު މަރާލުމުގެ ކުށް) ސާބިތުވޭތޯ؛ އަދި ވާރިސުން ޤިޞާޞް ހިފަން އެދިފައިވާ ޙާލަތުގައި ޙަސަން ފަރީދު މެރުމަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ޙުކުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙަސަން ފަރީދު ބުނީ، ހެކިންނަކީ މާރާމާރީގައި ބައިވެރިވި މީހުން ކަމުން އެމީހުންގެ ހެކިބަހަށް ބަރޯސާނުވެވޭނެ ކަމަށާއި، ހެކިބަސްތަކުގައި ފުށުއެރުން ހުރި ކަމަށާއި، ހާދިސާ ހިނގި ތަނަށް ނުދާކަން ސާބިތުކުރުމަށް ހުށަހެޅި ދިފާޢީ ހެކިން ހާޒިރުނުކުރި ކަމަށާއި، ތަޙުޤީޤުގައި ވަކީލެއްގެ ފުރުޞަތު ނުދީ، ފުލުހުން އަނިޔާކޮށް، މަރުގެ ތުހުމަތުގައި ސުވާލުނުކުރި ކަމަށާއި، ވާރިސުންގެ ބަސް ނަގާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ހުށަހެޅި ހެކިތަކުން ދަޢުވާ ސާބިތުވާ ކަމަށާއި، ހާދިސާ ހިނގި ތަނުގައި އޭނާ ހުރިކަން ޣައިރު ޤާނޫނީ އެއްވުމުގެ ނިހާއީ ޙުކުމަކުން ސާބިތުވެފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅީ، މަރުގެ ޙުކުމެއްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި ވާޤިޢާތައް ސުޕްރީމް ކޯޓުންވެސް އަލުން ބަލަންޖެހޭ ކަމަށާއި، ޝަފަހީ ހެކިބަހާއި މެޑިކޯ ލީގަލް ރިޕޯޓުން ޢަބްދުﷲ ޝުހާދު ނިޔާވީ ޙަސަން ފަރީދުގެ ޢަމަލުގެ ނަތީޖާއިން ކަމާއި، ހަމަލާދިން ގޮތާއި ތަނާއި ބޭނުންކުރި ވަޅިން މެރުމުގެ ގަސްތު އޮތްކަން ސާބިތުވާ ކަމަށެވެ. ހައްޔަރުކުރެވޭ މީހުންގެ މަޢުލޫމާތު ސްލިޕުން ވަކީލެއްގެ ފުރުޞަތު ދެވުނުކަން އެނގޭ ކަމަށާއި، ޙަސަން ފަރީދު ހައްޔަރުކުރެވުނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ގުރޫޕް މާރާމާރީއަކަށް ފަހު ކަމުން، ފުލުހުން އަނިޔާކުރި ކަމަށް ބުނުމަށް އެކަނި ބަލައި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ނުބެލެވޭނެ ކަމަށާއި (ނަމަވެސް ބަންދުގައި އަނިޔާ ލިބުނު ކަމަށް ބުނާނަމަ އެއީ ތަޙުޤީޤުކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް)، ތަޙުޤީޤުގައި ހަނުހުރުމަށް އިޚްތިޔާރުކުރުމުން އިތުރު ސުވާލުކުރުމަށް ހުރަސްއެޅޭ ކަމަށް ކަނޑައެޅިއެވެ. ވާރިސުންގެ ބަސް ސުޕްރީމް ކޯޓުގައި ވީޑިއޯގެ ޒަރިއްޔާއިން ޙަސަން ފަރީދުގެ ހާޒިރުގައި އަލުން ހޯދުމުން ހުރިހާ ވާރިސުން ޤިޞާޞަށް އެދުނު ކަމަށާއި ޝުބުހާއެއް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ގަސްތުގައި މީހަކު މެރުމުގެ ކުށުގެ މާއްދީ ރުކުން (actus reus) (ކުށުގެ ޢަމަލު) މީހެއްގެ މައްޗަށް ސާބިތުވަނީ، މަރާލެވުނު މީހާ މަރުވީ ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވެގެންނެވެ.
HN2 ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އެ ޙުކުމުގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް (ވާޤިޢާތައް) ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް، ޤާނޫނުލްޢުޤޫބާތުގެ 1205 މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތަތީއާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުންނާއި ހައިކޯޓުންވެސް ޤިޞާޞް (މަރަށްމަރު) ހިފުމަށް ޙުކުމް ކޮށްފައިވާ މައްސަލައަކަށްވާތީ، މި މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ޤަރީނާތައް ސުޕްރީމް ކޯޓުންވެސް އަލުން ބަލައި ވަޒަންކުރަންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
HN3 ޤިޞާޞް ހިފުމަށް އެދުމަކީ މަޤުތޫލު (ޤަތުލުކުރެވުނު މީހާ) ގެ އެންމެހައި ވާރިޘުންނަށް ލިބިގެންވާ ޝަރުޢީ ޙައްޤެއްކަން މަތީގައި ބަޔާންކުރެވުނު ޢިލްމުވެރިންގެ ރައުޔުތަކުން އެނގެއެވެ. އަދި ޤާތިލު (މަރާލުމުގެ ޢަމަލު ހިންގި މީހާ) ގެ ކިބައިން މަޤްތޫލު ގެ ހުރިހާ ވާރިޘުން ޤިޞާޞް ހިފަން އެދިފައިވާ ޙާލަތުގައި، އަދި ޝަރުޢީގޮތުން ޤިޞާޞް އިސްޤާޠު ވާނެ (ޤިޞާޞް ހިފުމަށް ޙުކުމް ނުކުރެވޭނެ) ޝުބުހާއެއް ނުވަތަ ޝަރުޢީ އެހެން ސަބަބެއް ފެންނަން ނެތް ޙާލަތުގައި، ޤިޞާޞް ހިފުން ހުއްދަކަމަށް ޝަރުޢީ ދަލީލުތަކުގައި ބަޔާންވެގެން އައިސްފައިވެއެވެ.
HN4 ތަޙުޤީޤުގައި ވަކީލެއްގެ ފުރުޞަތު ލިބިދީފައި ނުވާކަމަށް ޙަސަން ފަރީދު ބުނާ ބުނުމަށް ރިޢާޔަތްކުރާއިރު، ހައްޔަރު ކުރެވޭ މީހުންގެ މަޢުލޫމާތު ސްލިޕަކީ، ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދެވުނުކަން ބަޔާންކޮށް، އެވަގުތު ތައްޔާރުކުރެވިފައިވާ ކިތާބީ ހެއްކެކެވެ.
HN5 ލާއިންސާނީ އަނިޔާގެ ތުހުމަތު ވަޒަންކުރުމުގައި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ކޯޓުން ބެލިދާނެއެވެ. އޭގެ ތެރޭގައި، އެންމެ ފުރަތަމަ އެ ތުހުމަތު ކުރެވުނު ވަގުތާއި، ކުރިން އެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ތުހުމަތުކުރެވޭ ފަރާތަށް ލިބިފައިވޭތޯއާއި، އެއްވެސް މެޑިކަލް ލިޔުމެއް ނުވަތަ އަނިޔާލިބުނު ވަގުތު ކުރެވުނު ޝަކުވާއެއް އޮތްތޯއާއި، އެ ތުހުމަތަށް ބާރުދޭ މުސްތަޤިއްލު އެހެން ހެކި ހުރިތޯއާއި، އަދި އަނިޔާކުރިކަމަށް ކުރެވޭ ތުހުމަތާއި ކުށް ސާބިތުކުރުމަށް ބޭނުންކޮށްފައިވާ ހެކިތަކާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ބެލުން ހިމެނެއެވެ.
HN6 ކުށުގެ ތުހުމަތުގައިވާ މީހަކު ހަނުހުރުމަށް އިޚްތިޔާތުކުރުމުގެ ނަތީޖާއަކީ އެ މީހަކާ އިތުރަށް ސުވާލުކުރުމަށް ހުރަސްއެޅޭ ޙާލަތެއްކަން ފާހަގަކުރަމެވެ.
HN7 މަރާލެވުނު މީހާ މެރުމުގެ ގަސްތު، މުއްތަހަމުގެ ކިބައިގައި އޮތްތޯ ބަލާނީ އެމީހާ މަރާލުމުގެ ޢަމަލު ހިންގި ގޮތަށާއި އެ ޢަމަލުކުރުމަށް ރޭވިރޭވުމަށާއި ހަމަލާދީފައިވާތަނާއި ހަމަލާ ދިނުމަށް ބޭނުންކުރި އާލަތަށާއި ހަމަލާދީފައިވާ ގޮތަށް ބަލައިގެންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ފެޒްލީން، ޢަބްދުﷲ ރާބިޢު، އަޙްމަދު ތައުފީޤު، ފަރަހަނާޒް މުޙައްމަދުދީދީ
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަބްދުލްޣަނީ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ، ޏ. ފުވައްމުލައް، ކަރަންކާ އާގެ، ޙަސަން ފަރީދު (މީގެ ފަހުން ޙަސަން ފަރީދު ނުވަތަ އިސްތިއުނާފުކުރާ ފަރާތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހާދިސާ
2މި ހާދިސާއަކީ، 27 ޖަނަވަރީ 2010 ވަނަ ދުވަހުގެ 21:30 ހާއިރު، ޏ. ފުވައްމުލައް، ކަރަންކާ އާގެ، ޙަސަން ފަރީދު އިތުރު ބަޔަކާއެކު، ޏ. ފުވައްމުލައް، ދޫޑިގަން، ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، ޏ. ފުވައްމުލައް، ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ ފާރުބުރިމަތީގައި ތިބި މީހުންގެ ތެރެއިން، ޏ. ފުވައްމުލައް، ދޫޑިގަން، އާސްމާނުގެ ޢަބްދުﷲ ޝުހާދުގެ މެއާއި ދިމާލުން ކަނާތު އަރިކަށްޓަށް، ޙަސަން ފަރީދުގެ ކަނާތުގައި އޮތް ވަޅި ހެރިކަމަށް ތުހުމަތު ކުރެވުނު ހާދިސާއެވެ.
3މި ހާދިސާ އަށް ފަހު، ޢަބްދުﷲ ޝުހާދު ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ޢަބްދުﷲ ޝުހާދު އޮތީ ހޭވެރިކަން ކުޑަވެ، ވާނުވާ ރަނގަޅަށް ނޭނގޭ ޙާލަތުގައެވެ. ތޫނު އެއްޗެއް ޢަބްދުﷲ ޝުހާދުގެ މޭގެ ކަނާތްފަރާތު އަރިކައްޓަށް ހެރުމުގެ ސަބަބުން މޭގެ މަސްގަނޑު ފޫއަޅުވައި ކަނާތްފަރާތުގެ ފުއްޕާމެއާއި ޑައިފްރަމްއަށް އަނިޔާވެފައިވުމާއެކު މޭގެ ކަނާތްފަރާތަށާއި ބަނޑުގެ ތެރެއަށް ލޭޖަމާވުމުގެ ސަބަބުން ޢަބްދުﷲ ޝުހާދު ނިޔާވިއެވެ. ޢަބްދުﷲ ޝުހާދު ނިޔާވެފައިވަނީ 28 ޖަނަވަރީ 2010 ދުވަހުގެ ހެނދުނު 09:20 ގައެވެ.
ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާ
4ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޙަސަން ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާއަކީ، 27 ޖަނަވަރީ 2010 ވަނަ ދުވަހުގެ 21:30 ހާއިރު، ޙަސަން ފަރީދު އިތުރު ބަޔަކާއެކު، ޏ. ފުވައްމުލައް، ދޫޑިގަން، ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް ޏ. ފުވައްމުލައް، ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ ފާރުބުރިމަތީގައި ތިބި މީހުންގެ ތެރެއިން ޏ. ފުވައްމުލައް، ދޫޑިގަން، އާސްމާނުގެ ޢަބްދުﷲ ޝުހާދުގެ މެއާއި ދިމާލުން ކަނާތު އަރިކަށްޓަށް ޙަސަން ފަރީދުގެ ކަނާތުގައި އޮތް ވަޅި ހެރުމާ ގުޅިގެން، ޢަބްދުﷲ ޝުހާދު ނިޔާވެފައި ވާކަމަށްބުނެ، ޙަސަން ފަރީދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ.
5މި ދަޢުވާ ކްރިމިނަލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރި ހެއްކާއިޤަރީނާ
6ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާތަކަކީ:
(1) ޢަބްދުﷲ ޝުހާދުއަށް ޙަސަން ފަރީދު ވަޅިން ހަމަލާ ދިން މަންޒަރު ފެނުނުކަމަށްބުނާ 09 (ނުވައެއް) މީހުން. (މީގެތެރެއިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ 07 (ހަތެއް) މީހެކެވެ.) (2) ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓް (3) ޢަބްދުﷲ ޝުހާދުގެ މަރާ ގުޅިގެން ތައްޔާރުކޮށްފައިވާ "މަރުވާމީހުންގެ މަޢުލޫމާތު ފޯމް"
(4) އަދި މައްސަލައާ ގުޅުންހުރި ތަޙުޤީޤު ބަޔާންތައް
7ޝަފަހީ ހެކީގެ ގޮތުގައި ހުށަހެޅި ފަރާތްތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެ ހެކީންގެ ހެކިބަސް ސިއްރު ހެކިބަސްތަކެއްގެ ގޮތުގައި ނެގުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ޙަސަން ފަރީދުގެ ދިފާޢު
8ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރި ދަޢުވާއަށް ޙަސަން ފަރީދު އިންކާރު ކުރިއެވެ. ދަޢުވާއަށް އިންކާރުކޮށް ޙަސަން ފަރީދުގެ ފަރާތުން އަންނަނިވި ދިފާޢުތައް ހުށަހެޅިއެވެ.
(1) ހާދިސާ ހިނގިކަމަށް ބުނާ ރޭގެ 09:30 ހާއިރު ހާދިސާ ހިނގިތަނަށް ގޮސްފައި ނުވާނެކަމަށާއި އެރޭގެ 8:45 އިން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ހަމައަށް ޙަސަން ފަރީދު ހުރީ ގޭގައިކަމަށް ޙަސަން ފަރީދު ބުނާ ބުނުން؛
(2) ޙަސަން ފަރީދުއާ ދެކޮޅަށް ބަޔާން ދީފައިހުރި ކެއުފީނިގެ މީހުންނަކީ ޙަސަން ފަރީދުއާ މެދުގައި ޒާތީގޮތެއް އޮންނަ ބައެއްކަމަށާއި ޙަސަން ފަރީދުއަށް ބޮނޑިއެއް ދޭން އުޅޭކަން ފާހަގަކުރާކަމަށް ޙަސަން ފަރީދު ބުނާ ބުނުން؛
(3) ޙަސަން ފަރީދަކީ ކަނާއަތުން ކަމެއްނުކުރެވޭ ވައަތްތެރިއެއް ކަމަށާއި ކަނާއަތުގައި އޮތް ވަޅިއަކުން މީހެއްގެ ކަނާއަތް ފަރާތުގެ އަރިކައްޓަށް ވަޅި ޖެހުމަކީ އުނދަގޫ ކަމެއް ކަމުގައި ޙަސަން ފަރީދު ބުނާ ބުނުން؛
(4) އަދި ޙަސަން ފަރީދުއާ ދެކޮޅަށް ހެކިބަސް ދިން މީހުންނަށް ޙަސަން ފަރީދު ފެނުނަސް ނޭނގޭނެ ކަމަށް ޙަސަން ފަރީދު ބުނާ ބުނުން؛ މިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
9ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގައި ނިންމާފައިވަނީ، ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، ހާދިސާ ހިނގިތަނަށް ޙަސަން ފަރީދު ދިޔަކަމާއި، ޙަސަން ފަރީދަކީ ކާކުކަން ހެކިވެރިންނަށް އެނގޭކަމާއި، ޢަބްދުﷲ ޝުހާދުގެ ގަޔަށް ޙަސަން ފަރީދު ވަޅިޖެހިކަމާއި، ވަޅިޖެހި މަންޒަރު ފެނިފައިވާކަން، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ކްރިމިނަލް ކޯޓަށް ހާޒިރުކުރި ހުރިހާ ހެކީންގެ ހެކިބަހުން އެނގެން އޮތުމާއި، ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 28 ޖަނަވަރީ 2010 ގެ ހެނދުނު 09:20 ގައި ޢަބްދުﷲ ޝުހާދު ނިޔާވެފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި ޢަބްދުﷲ ޝުހާދުގެ މަރު ފޯމުން އެނގެން އޮތުމުން ގަސްތުގައި މީހަކު މަރާލުމުގެ ކުށުން ޙަސަން ފަރީދު ކުށްވެރިވާކަމަށެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ޙަސަން ފަރީދު މެރުމަށް ޙުކުމް ކޮށްފައިވެއެވެ.
ހައިކޯޓުގައި ކުރި އިސްތިއުނާފު
10ޙަސަން ފަރީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ މައްސަލަ ބަލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާއިންނެވެ.
11ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙަސަން ފަރީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 05 (ފަހެއް) ނުކުތާއެއް ހުށަހެޅިއެވެ. އެ 05 (ފަހެއް) ނުކުތާއަކީ:
(1) ޝަރީޢަތުގެ މަޖިލީހުގައި ހެކީންގެ ހެކިބަސް އަޑުއެހުމެއް ނެތި، ހަމައެކަނި ތަޙުޤީޤަށް ދީފައިވާ ބަޔާން ޞައްޙަކަމަށް ބުނިބުނުމުގެ މައްޗަށް އެކަނި ބައްލަވައި މައްސަލަ ނިންމާފައިވަނީ މީގެކުރިން ހައިކޯޓުން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
(2) ހެކިންގެ ބަޔާންތަކާއި ގުޅޭގޮތުން ޙަސަން ފަރީދުގެ ފަރާތުން ހުށަހެޅި ބަޔާން ޝަރީޢަތުގެ މަޖިލީހުގައި އިއްވާފައި ވީނަމަވެސް އެ ބަޔާނަށް ރިޢާޔަތްކުރައްވާފައި ނުވާކަމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެ ބަޔާން ހިމަނާފައި ނުވާކަމާއި، އެބަޔާން ހުށަހެޅުނުކަންވެސް ފާހަގަކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
(3) ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުން ޤާނޫނީ ވަކީލެއްގެ ފުރުޞަތު ލިބިދީފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ؛
(4) އަނިޔާލިބުނު ފަރާތެއް ހާޒިރުކޮށް އޭނާގެ ހެކިބަހަށް ރިޢާޔަތް ކޮށްފައިވަނީ މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
(5) އަދި ދިފާޢީ ހެކިން ހާޒިރު ކުރުމެއްނެތި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއާއި ގުޅިގެން ހައިކޯޓުގެ ރިޕޯޓުން ފާހަގަވި ކަންކަން
12ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަސް ހައިކޯޓުންވެސް ވަޒަން ކޮށްފައި ވެއެވެ. ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ބަލައި ހައިކޯޓުން މައްސަލަ ސާބިތު ވާކަމަށް ކަނޑައެޅުމުގައި އަންނަނިވި ކަންތައްތައް ފާހަގަކުރެއެވެ.
(1) ޢަބްދުﷲ ޝުހާދުގެ ގަޔަށް ޙަސަން ފަރީދު ވަޅިހެރިތަން ވަރަށް ރީއްތިކޮން ފެނުނުކަމަށް ހުރިހާ ހެކިވެރިންވެސް ވަރަށް ޔަޤީންކަމާއެކު ބުނެފައިވާކަން އެނގެން އޮންނާތީއާއި، އަނިޔާވި މީހުންގެ ނަންތައްވެސް އެއްވެސް ޚިލާފެއްނެތި ހެކިވެރިން ބުނެފައިވާކަން އެނގެން އޮންނާތީ، ހެކިވެރިންގެ ހެކިބަހުގައި ހުރިކަމަށް ޙަސަން ފަރީދުގެ ފަރާތުންބުނާ ޚިލާފުތަކަކީ ޢަބްދުﷲ ޝުހާދުގެ ގަޔަށް ވަޅިހެރިކަމަށް އެފަރާތްތަކުން ބުނާ ހެކިބަސް ނަފީވާ ވަރުގެ ކަމެއް ނޫންކަން؛
(2) ކަނާއަތުން މީހެއްގެ ކަނާއަތުގެ އަރިކަށްޓަށް ވަޅި ނުހެރޭނެ ކަމަށް ޙަސަން ފަރީދު ބުނެފައި ވީނަމަވެސް، ޙަސަން ފަރީދު ބުނާބުނުން ފިޔަވައި އެކަމަކީ ނުވާނެ ކަމެއްކަމަށް ސާބިތުވާވަރުގެ ޙުއްޖިއްޔަތެއް ހުށަހަޅާފައި ނުވާކަން؛
(3) މި މައްސަލައިގައި ހެކިބަސްދީފައިވާ އެއްފަރާތަކީ އަނިޔާ ލިބުނު ފަރާތެއްކަމަށާއި އަދި އެއްފަރާތަކީ ނިޔާވި ޢަބްދުﷲ ޝުހާދުގެ ތިމާގެ މީހެއްކަމަށާއި މިފަރާތްތަގެ ހެކިބަހުގެ ޢަދުލުވެރިކަން ގެއްލިފައިވާތީ މި ހެކިބަސް ޞައްޙަ ނުވާނެކަމަށް ޙަސަން ފަރީދު ބުނެފައިވިޔަސް، މި މައްސަލަ ސާބިތުވެފައިވަނީ ހަމައެކަނި އެ ދެ ފަރާތުގެ ބުނުމުގެ މައްޗަށް ނޫންކަމާއި، މި މައްސަލައިގައި 7 (ހަތެއް) މީހަކު ޙަސަން ފަރީދުއާއި ދެކޮޅަށް ހެކިބަސްދީފައިވާއިރު، އެ ހެކިބަހާ ގުޅޭ އިތުރު ޤަރީނާތައްވެސް ހުށަހެޅިފައި ވާކަމާއި، އަދި މިފަރާތްތަކުގެ ހެކިބަހަކީ އެފަރާތްތަކަށް ލާބައެއް ލިބިދާނެކަމުގެ އުންމީދުގައި، ނުވަތަ ގެއްލުމެއް ވެދާނެކަމުގެ ބިރަށްޓަކައި ދީފައިވާ ހެކިބަހެއްކަމާމެދު ޝައްކު އުފެދޭފަދަ ޙުއްޖަތެއް ޙަސަން ފަރީދަށް ދެއްކިފައި ނުވާކަން؛
(4) މައްސަލައާ ގުޅިގެން ޙަސަން ފަރީދާ ދެކޮޅަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެންމެހައި ހެކި ޤަރީނާތަކުން ޙާޞިލުކުރެވުނު ނަތީޖާއަށް ބަލާއިރު، ޢަބްދުﷲ ޝުހާދަށް ޙަސަން ފަރީދު ވަޅިން ހަމަލާދިންކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި އޮތުމުން، އަދި ހެކިން ހާޒިރުކޮށްގެން ޙަސަން ފަރީދުގެ ފަރާތުން ސާބިތުކޮށްދިނުމަށް އެދި ހުށަހެޅި ކަންތަކުގެ މައްޗަށް ބެލުމުން، މިޙާލަތުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާޢީ ހެކިން ހާޒިރު ނުކުރުމަށް ނިންމި ނިންމުމުގައި ޝަރުޢީ އަދި ޤާނޫނީ އަސްލަކާ ފުށުއެރުމެއް ނެތްކަން؛ މިއެވެ.
13މި މައްސަލައިގައި ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، ޢަބްދުﷲ ޝުހާދުގެ މޭގެ ކަނާތްފަރާތަށް ތޫނުއެއްޗެއް ހެރިފައިވާކަމާއި، އޭގެ ސަބަބުން މޭގެ މަސްގަނޑު ފޫއަޅުވައި ކަނާތްފަރާތުގެ ފުއްޕާމެއާއި ޑައިފްރަމްއަށް އަނިޔާވެފައިވުމާއެކު މޭގެ ކަނާތްފަރާތަށާއި ބަނޑުގެ ތެރެއަށް ލޭޖަމާވުމުގެ ސަބަބުން ޢަބްދުﷲ ޝުހާދު ނިޔާ ވެފައިވާކަން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
14މި މައްސަލައިގައި ޙަސަން ފަރީދުއާ ދެކޮޅަށް ލިބިފައިވާ އެންމެހައި ހެކި ޤަރީނާތަކާއި އެ ހެކިތަކުން ޙާޞިލުވާ ނަތީޖާއަށް ބެލުމުން ޢަބްދުﷲ ޝުހާދުއަށް ހަމަލާދީ އޭނާ މަރާލުމަށް ޙަސަން ފަރީދު ޢަމަލީގޮތުން ބައިވެރިވެފައި ވާކަމާއި، މެޑިކޯ ލީގަލް ރިޕޯޓާއި މަރު ސާބިތު ކުރި ލިޔުމުން، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ އޭނާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން އެނގޭތީ، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ ޙަސަން ފަރީދު، ޢަބްދުﷲ ޝުހާދުއަށް ވަޅިން ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
15އަދި މި ދަޢުވާއަށް ޙަސަން ފަރީދު އިންކާރު ކުރި ނަމަވެސް، މި ހާދިސާ ހިނގިތަނަށް ޙަސަން ފަރީދު ދިޔަކަމާއި، ޙަސަން ފަރީދުއަކީ ކާކުކަން އެނގޭ ކަމާއި، ޢަބްދުﷲ ޝުހާދުގެ ގަޔަށް ޙަސަން ފަރީދު ވަޅި ހެރިކަމާއި، ވަޅި ހެރި މަންޒަރު ފެނިފައިވާކަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެއެވެ. މިގޮތުން ޤަތުލު ޢަމްދުގެ ކުށް ސާބިތުވުމުގައި ފުރިހަމަ ވާންޖެހޭ ރުކުންތައް މި މައްސަލައިގައި ފުރިހަމަވާކަން ހައިކޯޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
16ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުން ވަކީލެއް ހޯދުމަށް ޙަސަން ފަރީދަށް ލިބިފައިއޮތް ޙައްޤު ޝަރީޢަތުން މަޙްރޫމްކޮށްފައި ނެތްކަމާއި، އެ ފުރުޞަތު ޙަސަން ފަރީދު އަމިއްލައަށް ދޫކޮށްލީކަން ޙަސަން ފަރީދުގެ ފަރާތުން ދަށުކޯޓަށް ދީފައިވާ ބަޔާންތަކުން އެނގޭކަން ހައިކޯޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
17މަތީގައި މި ބަޔާންކުރި ސަބަބުތައް ފާހަގަކުރުމަށްފަހު ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގެ ޙުކުމަށް ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާއިން ތާއީދުކޮށްފައި ވެއެވެ.
ޤިޞާޞް ހިފުމާ ގުޅޭގޮތުން ހައިކޯޓުގެ ނިންމުން
18މި މައްސަލައިގައި ނިޔާވި ޏ. ފުވައްމުލައް / ދޫޑިގަން، އާސްމާނުގެ، ޢަބްދުﷲ ޝުހާދުގެ ވާރިޘުން (ވާރުތަވެރިން) ބޭނުންވަނީ ޢަބްދުﷲ ޝުހާދު މަރާލި މީހާގެ ކިބައިން މަރަށްމަރު (ޤިޞާޞް) ހިފުމަށްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ބަޔާން ކުރެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
19ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޙަސަން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައިގަނޑު ގޮތެއްގައި އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
19.1. ހެކިން ހެކިބަސް ދެމުން، ދައުލަތުގެ ވަކީލުގެ ސުވާލުތަކަށް ޖަވާބުދެމުން ބައެއް ފަހަރު ހަނދާން ނެތްކަމަށާއި، ފުލުހުންނަށް ދީފައިވާ ބަޔާނުގައި އެ ވާހަކަ ހުންނާނެ ކަމަށް ބުނެ ޖަވާބު ދިނުމަށްފަހު، ޙަސަން ފަރީދު ސުވާލުކުރުމުން ހަނދާންހުރިކަމަށް ބުނެ ޖަވާބު ދީފައިވުމަކީ މި މީހުންގެ ހެކިބަހުގައި ޝައްކު އުފެދެންޖެހޭ ސަބަބެއްކަމަށް ދެންނެވިފައި ވީނަމަވެސް އެކަން ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.2. ދަށުކޯޓަށް ހާޒިރުކުރި ހުރިހާ ހެކިންނަކީވެސް މި މާރާމާރީގައި އެކިވަރަށް ބައިވެރިވެފައިވާ މީހުންކަމަށްވާތީއާއި އެމީހުންގެ ތެރެއިން މީހަކު މަރުވެފައިވާތީ، އެމީހުންގެ ހިތުގައި ޙަސަން ފަރީދުއަށް ޙަސަދައާއި ނަފުރަތު އޮންނާނެ ކަމަށާއި މިކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިފައިވާކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.3. ކްރިމިނަލް ކޯޓަށް ދިފާޢީ ހެކިން ހާޒިރުކޮށްފައި ނުވާތީ، ހައިކޯޓަށް ހުށަހެޅި ނުކުތާއާ ގުޅިގެން އެ ހެކިންގެ މުހިންމުކަން ނެތްކަމަށް (ހައިކޯޓުން) ނިންމާފައި ވީނަމަވެސް، ޙަސަން ފަރީދު ހާދިސާ ހިނގިތަނަށް ނުދާކަމަށްބުނެ އިންކާރު ކުރާތީއާއި އޭނާ ހައްޔަރުކުރީ ހާދިސާ ހިނގިތަނުންކަމަށް ނުވާތީ، ދިފާޢީ ހެކިންގެ މުހިންމުކަން ބޮޑުކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.4. ހާދިސާ ހިނގިތަނަށް ނުދާކަމަށާއި، އެރޭ 8:45 އިން ފެށިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމާ ހަމައަށް ގޭގައި ހުރިކަން ސާބިތު ކޮށްދިނުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.5. ހެކިވެރިންގެ ހެކިބަހުގައި ފުށުއެރުން ހުރިކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.6. ފުލުހުން ޙަސަން ފަރީދުގެ މައްޗަށް މަރުގެ މައްސަލައެއްގައި ތުހުމަތުކޮށް ތަޙުޤީޤުގައި ސުވާލު ކޮށްފައި ނުވާތީ މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.7. ބަޔާންކުރި ޤާނޫނުތަކުގެ ދަށުން ޙަސަން ފަރީދަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދީފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާ؛
19.8. ޏ. ފުވައްމުލަށް އަސްމާނުގޭ ޢަބްދުﷲ ޝުހާދުގެ ވާރިސުންގެ ބަސް ޙަސަން ފަރީދުގެ ޣައިރު ހާޒިރުގައި ނަގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
19.9. ޝަރީޢަތް ހިންގާފައިވަނީ ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ކުރުމާބެހޭ ގަވާއިދުގެ 1.2 ގެ (ކ) އާއި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ 42 ވަނަ މާއްދާގެ (ހ)، (ށ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
19.10. މީހެއްގެ ކަނާއަތުން އަނެއްމީހާގެ ކަނާތްފަރާތަށް ވަޅި ނުޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މިއެވެ.
އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ދީފައިވާ ޖަވާބު
20އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
20.1. ޙަސަން ފަރީދުގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެންމެހާ ހެކި ޤަރީނާތަކުން މި މައްސަލަ ޙަސަން ފަރީދުގެ މައްޗަށް ސާބިތުވާކަން؛
20.2. މައްސަލައިގައި ހެކިންގެ ގޮތުގައި ހާޒިރު ކުރެވުނު މީހުންނަކީ، އަނިޔާ ލިބުނު މީހުންކަމަށް ފާހަގަކޮށްފައި ވީނަމަވެސް، އެ ތަނުގައި އެ ވަގުތު ހާޒިރުވެ ތިބި މީހުންނަކީ އެ މީހުން ކަމަށްވެފައި، އަނިޔާލިބުނު މީހުންނާމެދު މާރާމާރީ ހިންގުނުކަން އަނިޔާވި މީހުންގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތްކަމާއި، މި ޙާލަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބާރުދޭ އެހެން ޤަރީނާ ހުރިކަން؛
20.3. ހާދިސާ ހިނގިތަނުގައި ނެތްކަމަށް ޙަސަން ފަރީދު ބުނިނަމަވެސް ޙަސަން ފަރީދުއާ ދެކޮޅަށް ކުރެވުނު ޣައިރު ޤާނޫނީ އެއްވުމަކުން ބާރުދެއްކުމުގެ މައްސަލައިގައި ޙަސަން ފަރީދު ބައިވެރިވިކަން ސާބިތުވެފައި ވާކަމަށާއި އެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާތީ އެ ނިންމުން ވަނީ ނިހާއީ ވެފައިކަން؛ މިއެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ
21ޙަސަން ފަރީދުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކަށާއި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ޤާނޫނީ ނުކުތާއަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމުގެ މައްޗަށް ޤަތުލު ޢަމްދު (ގަސްތުގައި މީހަކު މަރާލުމުގެ ކުށް) ސާބިތުވޭތޯ އެވެ؟ މި ސުވާލަށް ޖަވާބު ލިބުމުން، މުއްތަހަމުގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފާއި އެ އިސްތިއުނާފާ ގުޅިގެން ދައުލަތުން ފާހަގަކުރި ނުކުތާތަކަށްވެސް ޖަވާބު ލިބިގެންދާނެއެވެ.
ޙުރުމަތްތެރިކުރެވިފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމުގެ ކުށް
22ދިރިހުރުމުގެ ޙައްޤަކީ މާތް ވެގެންވާ އިސްލާމް ދީނުގައާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެކެވެ. އަދި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޢަމަލެކެވެ. އެކަން އަންނަނިވި ދަލީލުތަކުން އެނގެއެވެ.
(1) އަލްއިސްރާއު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، (وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِي الْقَتْلِ إِنَّهُ كَانَ مَنصُورًا) މާނައަކީ: "އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ." މިފަދައިންނެވެ.
(2) އައްނިސާއު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، (وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا) މާނައަކީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ." މިފަދައިންނެވެ.
232014 ވަނަ އަހަރު ޢަމަލުކުރަންފެށި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ގަސްތުގައި މީހަކު މަރާލުމުގެ ކުށަށް ދައުލަތުގެ ފަރާތުން ދަޢުވާ ކުރަމުން އައިސްފައިވަނީ ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
24އެ ޤާނޫނުލްޢުޤޫބާތު ގެ 88 ވަނަ މާއްދާގެ (ހ) ގައި، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ޤާނޫނުގެ 88 ވަނަ މާއްދާގެ (ރ) ގައި، އެ ޤާނޫނުގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއްގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބު ކަމަށް ބަޔާންކޮށްފައި ވެއެވެ.
25ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރަނީ ކުށެއްކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް އެ ކުށްކުރި މީހަކަށް ދީގެން ނުވާނެ ކަމަށާއި، ކުށެއްކުރުމާއި އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބު ކަމަށެވެ.
26މިހާރު ޢަމަލު ކުރަމުންދާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގައި، އެނގިހުރެ މީހަކު މެރުމާއި އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަން ދައްކުވައިދޭ ޙާލަތެއްގައި މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މަރުވުމަކީ ކުށެއްކަމަށް ބަޔާންކުރެއެވެ. އަދި މި ކުށްތަކަކީ ޖިނާއަތުގެ 1 (އެކެއް) ވަނަ ދަރަޖައިގެ ކުށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
27އަލަށް ތަޢާރަފުކުރެވުނު މި ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށިފަހުން މަރުގެ އަދަބު ސާބިތުވާންޖެހޭ މިންވަރު ކަނޑައަޅަނީ އެ ޤާނޫނުގެ 1204 ވަނަ މާއްދާއިން ނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެ ކަމަށެވެ. އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ ކިބައިގައި އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ ކަމަށެވެ.
28އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީ، "ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި މީހެއްކަން" ކަނޑައަޅަންވާނެ ކަމަށް ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާންކުރެއެވެ. މި މާއްދާގެ މުރާދަކީ، ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ޝަފަހީ ހެކިންނަކީ ސަލާމަތް ބުއްދިހުރި އަދި ޢަދުލުވެރި ބަޔަކު ކަމާމެދު މުއްތަހަމު ސުވާލު އުފައްދާފައިވާނަމަ، އެ ހެކީންނަކީ ސަލާމަތް ބުއްދިހުރި، އަދި ޢަދުލުވެރި ބައެއްކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަންގައި، އެގޮތުން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު، އެ ހެކިވެރީންނަކީ ސަލާމަތް ބުއްދިހުރި އަދި ޢަދުލުވެރި ބައެއްކަން މައްސަލަ ބަލާ ފަނޑިޔާރު ކަށަވަރު ކުރުމެވެ.
29އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބުކަމުގައި ޤާނޫނުލްޢުޤޫބާތުގެ 1205 ގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. އަދި 1205 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، އެއްވެސް މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތަކުގައި ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ނިމުމަށްފަހު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ޙުކުމްކޮށްފި ނަމައެވެ.
އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށް
30ލޭގެ ޙުރުމަތް ކެނޑިފައިނުވާ ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ކަމެއްކަން އިސްވެ ބަޔާން ކުރެވިއްޖެއެވެ.
31ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "އިސްލާމީ ޝަރީޢަތް" ކަމަށް ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މި ނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
32ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށް ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ:
(1) ޤަތުލު ޢަމްދު، ނުވަތަ ގަސްތުގައި މީހަކު މަރާލުމުގެ ކުށް.
(2) ޤަތުލު ޝިބްހު ޢަމްދު، ނުވަތަ އަނިޔާވެރި ވުމުގެ ނިޔަތާއެކު އެހެނަސް މަރާލުމުގެ ނިޔަތެއްނެތި ކުރާ ކަމަކުން މީހަކު މަރުވުމުގެ ކުށް.
(3) ޚަޠައު މަރު، ނުވަތަ އޮޅުމަކުން ނުވަތަ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ ކުށް. މިއެވެ.
33މި މައްސަލައިގައި މުއްތަހަމުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ތުހުމަތުގައި ކަމަށްވާތީ، ޤަތުލު ޝިބްހު ޢަމްދު ނުވަތަ އަނިޔާވެރި ވުމުގެ ނިޔަތާއެކު އެހެނަސް މަރާލުމުގެ ނިޔަތެއްނެތި ކުރާ ކަމަކުން މީހަކު މަރުވުމުގެ ކުށާއި، ޚަޠައު މަރު ނުވަތަ އޮޅުމަކުން ނުވަތަ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ ކުށާ ބެހޭ ގޮތުން މި ރަޢުޔުގައި އަހުރެން އިތުރު ތަފްސީލެއް ނުލިޔާނަމެވެ.
34އިސްލާމީ ޝަރީޢަތަށް ބަލާއިރު، ގަސްތުގައި މީހަކު މެރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވާނީ އަންނަނިވި 03 (ތިނެއް) ރުކުން ސާބިތުވެގެންކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ.
(1) މަރާލެވުނު މީހާއަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނެއް ކަމުގައިވުން.
(2) މަރާލެވުނު މީހާ މަރުވީ ތުހުމަތުކުރެވޭ މީހާގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
(3) މަރާލެވުނު މީހާ މެރުމުގެ ގަސްތު ތުހުމަތުކުރެވޭ މީހާގެ ކިބައިގައި އޮތުން.
ޤިޞާޞް ހިފުން
35ލޭގެ ޙުރުމަތް ކެނޑިފައިނުވާ ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާނުލައި ގަސްދުގައި މަރާލުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތަކީ، ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކުގެ މަތިން ޤިޞާޞް ހިފުންކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުތަކުންނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުންނާއި ދަންނަ ބޭކަލުންގެ އިޖްމާޢުން ސާބިތުވެއެވެ. އެގޮތުން އަންނަނިވި ދަލީލުތަކުން އެކަން ސާފުވެއެވެ.
(1) (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَى بِالْأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ) މާނަ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން ހުށްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވަތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ."
(2) ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ قَتَلَ مُتَعَمَّداً دُفِعَ إِلَى أَوْلِيَاءِ الْقَتِيلِ فَإِنْ شَاءُوا قَتَلُوهُ وَإِنْ شَاءُوا أَخَذُوا الدِّيَةَ) މާނައީ،"ޤަޞްދުގައި މީހަކު މަރައިފިމީހާ، އެ މަރާލެވުނު މީހާގެ ވާރުތަވެރިންނާ ޙަވާލުކުރެވޭނެއެވެ. އެއުރެން ބޭނުންނަމަ އޭނާގެ ކިބައިން ޤިޞާޞް ހިފައި ޤަތުލުކުރެވޭނެއެވެ. އަދި އެއުރެން ބޭނުންނަމަ ދިޔަ އަތުލެވޭނެއެވެ."
(3) އަދި ގަސްތު މަރުގެ ޝަރުޢީ ޙުކުމާއި އެކަމުގެ ޢުޤޫބާތާމެދު އިސްލާމީ އެއްވެސް ޢިލްމުވެރިއަކު ޚިލާފުވެފައި ނުވެއެވެ.
36ޤިޞާޞްއާބެހޭ އިސްލާމީ ފިޤްހު (ޖޫރިސްޕްރުޑަންސް) އަށް ބަލާއިރު، މީހެއްގެ މައްޗަށް ޤިޞާސް ހިފޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމަ އެވެ.
(1) މީހަކު މަރާލުމުގެ ޢަމަލު ހިންގި މީހަކީ މުކައްލަފެއް ކަމުގައިވުން؛ (2) އެ ޢަމަލު ހިންގި މީހަކު އެ ޢަމަލު ހިންގީ އަނެކުންގެ ފުރާނަ ދުއްވާލުމުގެ ގަސްތުގައި ކަމުގައި ވުން؛ (3) އެ މީހާގެ ގަސްތާމެދު އެއްވެސް ޝުބުހައެއް ނެތުން؛ (4) އެ ޢަމަލު ހިންގި މީހަކީ އެ މީހާގެ ޢަމަލުގެ މައްޗަށް އިޚްތިޔާރު އޮތް މީހެއްކަމުގައި ވުން؛
(5) މަރާލެވުނު މީހާގެ ދުނިޔޭގައިތިބި އެންމެހާ ވާރިޘުން، ޤިޞާޞް ހިފަން ބޭނުންކަމުގެ "އާން ބަސް" ބުނެފައި ވުން؛ މިއެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވޭތޯ ބެލުން
37ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާއަށް ޙަސަން ފަރީދު ކަނޑައެޅިގެން އިންކާރު ކޮށްފައިވެއެވެ. އަދި އޭނާގެ އެ އިންކާރު ބިނާކޮށްފައިވަނީ، މި ރައުޔުގެ 8 ވަނަ ޕެރެގްރާފްގައި އިސްވެ ބަޔާންކުރެވިފައިވާ ހަތަރު ދިފާޢުގެ މައްޗަށެވެ. މި ދިފާޢުތަކާ ބެހޭގޮތުން އަހުރެންނަށް ފެންނަގޮތް ފަހުން ބަޔާންކުރާނަމެވެ.
38HN1ގަސްތުގައި މީހަކު މެރުމުގެ ކުށުގެ މާއްދީ ރުކުން (actus reus) (ކުށުގެ ޢަމަލު) މީހެއްގެ މައްޗަށް ސާބިތުވަނީ، މަރާލެވުނު މީހާ މަރުވީ ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވެގެންނެވެ. ކުށުގެ ޢަމަލު ސާބިތުވާނީ ދެގޮތަކުންނެވެ.
ފުރަތަމަ ގޮތަކީ، މުއްތަހަމު ކުށުގެ ޢަމަލަށް އިޢުތިރާފުވުމެވެ.
ދެވަނަ ގޮތަކީ، މައްސަލައިގެ ވާޤިޢާތައް ސާބިތުކުރުމަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން މުއްތަހަމުގެ މައްޗަށް ކުށުގެ ޢަމަލު ސާބިތުވުމެވެ.
39HN2ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އެ ޙުކުމުގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް (ވާޤިޢާތައް) ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް، ޤާނޫނުލްޢުޤޫބާތުގެ 1205 މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތަތީއާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުންނާއި ހައިކޯޓުންވެސް ޤިޞާޞް (މަރަށްމަރު) ހިފުމަށް ޙުކުމް ކޮށްފައިވާ މައްސަލައަކަށްވާތީ، މި މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ޤަރީނާތައް ސުޕްރީމް ކޯޓުންވެސް އަލުން ބަލައި ވަޒަންކުރަންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
40ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މެރުމުގެ ދަޢުވާގެ މާއްދީ ރުކުން (actus reus) ސާބިތުކުރުމަށް ދައުލަތުން 09 (ނުވައެއް) ޝަފަހީ ހެކިން ހުށަހެޅިއެވެ. މީގެ ތެރެއިން 07 (ހަތެއް) މީހަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައި ވެއެވެ. އަދި އިތުރު ހެއްކާއި ޤަރީނާގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިއުންތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައި ވެއެވެ.
ޝަފަހީ ހެކީންގެ ހެކިބަސް
41ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި 09 (ނުވައެއް) ޝަފަހީ ހެކީންގެތެރެއިން އެ ކޯޓުން ހެކިބަސް ނަގާފައިވަނި 07 (ހަތެއް) މީހެއްގައެވެ. މި 07 (ހަތެއް) ހެކީންގެ ހެކިބަސް ނަގާފައިވަނީ ސިއްރު ހެކިންގެ ގޮތުގައެވެ.
41.1. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (1) މި ހެކިވެރިޔާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ، ޝަރީޢަތުގެ މަޖިލީހުގައި ތިބި މީހުންގެ ތެރެއިން "ގެރިންޕޯ" ވަކިކުރަން އޭނާއަށް އެނގޭކަމަށެވެ. އަދި އެމީހުން "ގެރިންޕޯ" ކިޔަނީ، ޏ.ފުވައްމުލައް / ކަރަންކާއާގެ ޙަސަން ފަރީދުއަށް ކަމަށެވެ. ޝަރީޢަތުގެ މަޖިލީހުގައި "ގެރިންޕޯ" އިނީ އެވަގުތު އެ މަޖިލީހުގައި ކޮޅަށް ހުރި ސިފައިންގެ މިހާ (ފުލުސްމީހާ) އާ ޖެހިގެންނެވެ. ޙަސަން ފަރީދު ފުރަތަމަ ހަމަލާދިނީ ރަޒީނަށެވެ. ދެން ވަޅި ޖެހީ ޝުހާދު ގަޔަށެވެ. އަދި އެއަށްފަހު ހާމުގެ ގަޔަށް ވަޅި ޖެހި ކަމަށް މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވެއެވެ. އަދި އޭރު އޭނާހުރީ އެމީހުނާ 10 ވަރަކަށް ފޫޓު ދުރުގައިކަމަށެވެ. އިތުރަށް ކަންތައްވީގޮތް، އެއިރު ދީފައިވާ [ތަޙުޤީޤު] ބަޔާނުގައި ތަފްސީލުކޮން ކިޔައިދީފައި ވާނެކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ.
41.2. މިގޮތުން، މި ހެކިވެރިޔާ ތަޙުޤީޤު ބަޔާނުގައި، 2010 ޖެނުއަރީ 27 ވަނަ ދުވަހުގެ 20:45 އާއި 21:00 އާ ދެމެދުގެ ވަގުތެއްގައި، ދޫޑިގަން ހަތަރު އަނގޮޅި ކަންމައްޗަށް ގޮސް ޏ.ފުވައްމުލައް، ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގެ ކައިރީގައިހުރި ހޮޅިބުރި ކައިރީގައި މަޑުކޮށްލިތަނާ 02 ސައިކަލެއްގައި 04 މީހަކު އައިސް ދޫޑިގަން ހަތަރު އަނގޮޅި ކަންމައްޗަށް ވާގޮތަށް މަޑުކުރިއެވެ. އެ 04 މީހުންނަކީ، "ގެރިންޕޯ" (ތަޙުޤީޤުން އެނގުނު ގޮތުގައި ޏ.ފުވައްމުލައް، ކަރަންކާ އާގެ ޙަސަން ފަރީދު) އާއި "ނޯތު" (ތަޙުޤީޤުން އެނގުނު ގޮތުގައި ޏ.ފުވައްމުލައް، ހޯދަޑު، ކުއޭތު، ޝުފާޢު އަޙްމަދު) އާއި "ނިއުބެ" (ތަޙުޤީޤުން އެނގުނު ގޮތުގައި ޏ.ފުވައްމުލައް، ބާޒު، ނިއުޝާދު މުޙައްމަދު) އާއި "މަދިރު" (ތަޙުޤީޤުން އެނގުނު ގޮތުގައި ޏ.ފުވައްމުލައް، ހޯދަޑު، ޒަމާނީވިލާ، ޢަބްދުﷲ ޒާހިރު) އެވެ. އޭރު "ގެރިންޕޯ" ހުރީ ކުކުޅުބިސްކުލައިގެ ދިގު (ކަކުލުން ތިރިއަށް ދިގުމިން ހުންނަވަރުގެ) ޖެކެޓެއް ލައިގެންނެވެ. އަދި އެވަގުތު "ގެރިންޕޯ" ގެ ކަނާއަތުގައި ތިލައިގައި ދިގުމިނުގައި ގާތްގަނޑަކަށް 06 އިންޗި ހުންނަވަރުގެ ވަޅިއެއް، އަދި އޭނާގެ ވާއަތުގައި 04 އިންޗި ހުންނަވަރުގެ ވަޅިއެއް އޮއްވާ ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އޭރު މުޙައްމަދު ރަޒީން އިނީ، ޏ.ފުވައްމުލައް ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ ފާރުބުރިމަތީގައި އިށީދެގެންނެވެ. އަދި މުޙައްމަދު ރަޒީނުގެ ކައިރީގައި ޏ.ފުވައްމުލައް، އާސްމާނުގެ، ޢަބްދުﷲ ޝުހާދު އާއި ޏ.ފުވައްމުލައް، ފައިން، މުޙައްމަދު ހާމް އާ ދެމީހުން ތިއްބާ ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. "ގެރިންޕޯ" ސައިކަލުން ފޭއްބުމަށްފަހު ދުވެފައި މުޙައްމަދު ރަޒީން އާ ދިމާއަށް ގޮސް "ގެރިންޕޯ" ގެ ކަނާއަތުގައި އޮތް ވަޅި މުޙައްމަދު ރަޒީނުގެ ބަނޑަށް އެއްފަހަރު ހަރާލުމަށްފަހު ދަމާލިތަން ފެނިވާކަމަށާއި، އަދި އެއަށްފަހު "ގެރިންޕޯ" ގެ ކަނާއަތުގައި އޮތް ވަޅި ޢަބްދުﷲ ޝުހާދުގެ ބަނޑާދިމާއަށް އެއްފަހަރު ހަރާލިތަން ފެނިފައިވާކަމަށާއި، އަދި އޭގެފަހުން "ގެރިންޕޯ" ގެ ކަނާއަތުގައި އޮތް ވަޅި މުޙައްމަދު ހާމްގެ މެއަށް އެއްފަހަރު ހަރާލިތަން ފެނިފައިވާކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި "ގެރިންޕޯ" ޢަބްދުﷲ ޝުހާދުގެ ބަނޑާ ދިމާއަށް ވަޅި ހެރުމުން ޢަބްދުﷲ ޝުހާދު ހަޅޭއްލަވައިގަތުމަށް ފަހު ދުއްވައި ގަތްތަން މި ހެކިވެރިޔާ ދުށްކަމަށް މި ހެކިވެރިޔާ ތަޙުޤީޤުގައި ބުނެފައި ވެއެވެ. އެވަގުތު މި ހެކިވެރިޔާ ހުރީ އެ މީހުންނާ 10 ވަރަކަށް ފޫޓު ދުރުގައިކަމަށް މި ހެކިވެރިޔާ ތަޙުޤީޤުގައި ވެސް ބުނެފައިވެއެވެ.
41.3. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (2) މި ހެކިވެރިޔާ ޝަރީޢަތުގައި ހެކިބަސް ދެމުން، އެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހާޒިރުކުރެވިފައި ތިބި، ޙަސަން ފަރީދުއާ، ޢަބްދުﷲ ޒާހިރުއާ، ނިއުޝާދު މުޙައްމަދުއާ، އަދި ޝުފާއު އަޙްމަދު ރަނގަޅަށް އެނގޭކަމަށް ބުނެފައި ވެއެވެ. އަދި 27 ޖެނުއަރީ 2010 ދުވަހުގެ 21:30 ހާއިރު މީނާ ކެއުފިނިގޭ ޖޯލިފަތީގައި އިންދާ ޢަބްދުﷲ ޒާހިރުއާއި ޙަސަން ފަރީދު ސައިކަލުގައި އައިސް ހަތަރު އަނގޮޅީގައި މަޑުކޮށް ޢަބްދުﷲ ޝުހާދު އަދި މުޙައްމަދު ހާމު ގަޔަށް ވަޅިހެރިތަން މި ހެކިވެރިޔާއަށް ފެނުނު ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޢަބްދުﷲ ޝުހާދު އާއި މުޙައްމަދު ހާމު ގަޔަށް ވަޅިހެރީ ޙަސަން ފަރީދުކަމަށް މި ހެކިވެރިޔާ ބުނެފައި ވެއެވެ. އަދި ޙަސަން ފަރީދުގެ ދެއަތުގައިވެސް ވަޅި އޮތްކަމަށް މި ހެކިވެރިޔާ ބުނެފައި ވެއެވެ. އަދި އެ ދެމީހުންގެ ގަޔަށް ޙަސަން ފަރީދު ވަޅިހެރީ އޭނާގެ ކަނާއަތުންނެވެ. އަދި އެ ދެމީހުންގެ ގަޔަށް ޙަސަން ފަރީދު ވަޅި ހެރުމުން ހެކިވެރިޔާގެ ސަލާމަތްކަން ހޯދަން ކެޔޮފިނިގޭ ބިއްދޮށަށް އޭނާ ދިޔަކަމަށް ބުނެފައި ވެއެވެ. ހަމަލާ ދިންވަގުތު ޙަސަން ފަރީދު ލައިގެންހުރީ ކުޅުބިސްކުލައިގެ ޖެކެޓެއް ކަމަށާއި، ހާދިސާ ހިނގިތަނަށް ޙަސަން ފަރީދު އައި ސައިކަލުނޫން އެހެން ސައިކަލެއްވެސް އައިކަމަށާއި ޙަސަން ފަރީދު ހާދިސާ ހިނގިތަނަށް އައި ސައިކަލުގެ ބްރޭޑް ނޭނގޭކަމަށާއި ޙަސަން ފަރީދު އިން ސައިކަލު ދުއްވަން އިނީ ޢަބްދުﷲ ޒާހިރު ކަމަށް މި ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި ޙަސަން ފަރީދުގެ ދެ އަތުގައިވެސް ވަޅިއޮތްކަމަށާއި، ޖެހީ ކަނާއަތުގައި އޮތް ވަޅިކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. ކަނާއަތުން ކަނާއަތު އަރިކަށްޓަށް ވަޅިޖެހުނީ ޢަބްދުﷲ ޝުހާދުގެ އެއް ފަރާތެއްގައި ހުރެފައި ވަޅިޖެހީމާ ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި މިހާދިސާ ހިނގިއިރު މި ހެކިވެރިޔާ ހުރީ 15 ވަރަކަށް ފޫޓު ދުރުގައިކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ.
41.4. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (3) މި ހެކިވެރިޔާ ގާތުގައި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތްތަކުގެ ގޮތުގައި ތިބި މީހުން ތަރުތީބުން ކިޔައިދިނުމަށް އެދުމުން އެމީހުންގެ ނަންތައް ތަރުތީބުން ކިޔައިދީފައި ވެއެވެ. އެގޮތުން، އެ މަޖިލީހުގައި ކޮޅަށްހުރި ސިފައިންގެމީހާ (ފުލުސްމީހާ) ގެ ކައިރީގައި އިނީ ޙަސަން ފަރީދު (ގެރިންޕޯ)، ދެން ނިއުޝާދު، ތިންވަނައަށް ޢަބްދުﷲ ޒާހިރު އަދި ހަތަރުވަނައަށް ނޯތު (އަސްލު ނަމެއް ނޭނގޭ) ކަމަށް ބުނެފައިވެއެވެ. ޝަރީޢަތުގައި ހެކިބަސް ދެމުން މި ހެކިވެރިޔާ ބުނެފައިވަނީ، މި ހެކިވެރިޔާ ކެއުފިނިގޭ ފާރުތެރޭގައި ހުއްޓާ ކުރިން ބުނެވުނު 4 މީހުން ދެ ސައިކަލްގައި އެތަނަށް ދިޔައެވެ. އަދި ޙަސަން ފަރީދު ފުރަތަމަ ވަޅިހެރީ ރަޒީން ގަޔަށެވެ. ދެން ޝުހާދު ގަޔަށެވެ. އޭގެ ފަހުން ހާމް ގަޔަށެވެ. އަދި މި ހާދިސާ އަމާޒުކުރެވުނު މީހުންގެ ތެރޭގައި އެ ހެކިވެރިޔާވެސް ހިމެނޭ ކަމަށާއި، ހެކިވެރިޔާއަށް ހަމަލާ ދިނީ ނިއުޝާދު ކަމަށެވެ. އަދި މި ހެކިވެރިޔާއާ ޝަރީޢަތުގައި އިތުރަށް ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ތަޙުޤީޤު ބަޔާނުގައި ކަން ހިނގިގޮތް ކިޔައިދީފައި ވާނެކަމަށް ބުނެފައިވެއެވެ.
41.5. މި ހެކިވެރިޔާ މައްސަލައިގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި، "ގެރިންޕޯ" (ޙަސަން ފަރީދު) ސައިކަލުން ފޭބުމަށްފަހު ޢަބްދުﷲ ޝުހާދުއާ ދިމާއަށް ދުވެފައިދިއުމުން ޢަބްދުﷲ ޝުހާދު ފާރުބުރިމަތިން ބިންމައްޗަށް ފުންމާލިތަން ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެ ވަގުތު "ގެރިންޕޯ" ދުވެފައިގޮސް "ގެރިންޕޯ" ގެ ކަނާއަތުގައި އޮތް ވަޅި ޢަބްދުﷲ ޝުހާދުގެ މެއާއި ދިމާލުން ކަނާއަތު އަރިކަށްޓަށް އެއްފަހަރު ހަރާލުމަށްފަހު ދަމާލިތަން ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އޭގެފަހުން މުޙައްމަދު ހާމްގެ މެއަށް "ގެރިންޕޯ" ގެ ކަނާއަތުގައި އޮތް ވަޅި "ގެރިންޕޯ" އެއްފަހަރު ހަރާލިތަން ދުށްކަމަށްވެސް މި ހެކިވެރިޔާ ބުނެފައިވެއެވެ. ހާދިސާ ހިނގި ވަގުތު ޙަސަން ފަރީދު ލައިގެންހުރީ ކުކުޅުބިސް ކުލައިގެ ދިގު ޖެކެޓެއްކަމަށާއި، އަނެއް ތިން މީހުން ލައިގެން ތިބީ އަނދިރި ކުލައެއްގެ ދިގު ޖެކެޓް ކަމަށް ބުނެފައިވެއެވެ. އަދި ޙަސަން ފަރީދު ހަމަލާ ދިނުމަށް ބޭނުންކުރި ވަޅީގައި ގާތްގަނޑަކަށް 06 އިންޗި، އަދި އަނެއް ތިން މީހުން ބޭނުންކުރި ވަޅީގައި ގާތްގަނޑަކަށް 05 އިންޗި ހުންނާނެ ކަމަށް ބުނެފައިވެއެވެ.
41.6. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (4) މި ހެކިވެރިޔާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން މައްސަލައިގެ ދަޢުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި ހާޒިރުކޮށްފައިވާ ހަތަރު މީހުން ރަނގަޅަށް ފެންނަ ކަމަށާއި، އެމީހުންނަކީ ކޮންބައެއްކަން އެނގޭކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ހަވާލާދޭ މާރާމާރީގައި ވަޅިން ހަމަލާ ދިން މަންޒަރު އޭނާއަށް ފެނިފައިވާކަމަށް ބުނެފައިވެއެވެ. ޙަސަން ފަރީދު ސައިކަލުގައި އައިސް މަޑުކޮށްފައި، ފުއްމައިގެން އައިސް ފުރަތަމަ ވަޅިން ހަމަލާ ދިނީ ރަޒީން އަށެވެ. ދެން ޢަބްދުﷲ ޝުހާދު އަށެވެ. އަދި އޭގެފަހުން މުޙައްމަދު ހާމް އަށް ކަމަށް ބުނެފައި ވެއެވެ. އަދި އޭރު މި ހެކިވެރިޔާހުރީ ހާދިސާ ހިނގިތަނާ 15 ވަރަކަށް ފޫޓު ދުރުގައި ކަމަށެވެ. އަދި ޙަސަން ފަރީދު މަތިން ލައިގެންހުރީ ކުކުޅުބިސް ކުލައިގެ ދިގު ޖެކެޓެއް ކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ. ޙަސަން ފަރީދުއާއި ނިއުޝާދު މުޙައްމަދު ހިފައިގެންހުރީ މަސްކަނޑާ ވައްތަރުގެ ކަޅުކުލައިގެ މުއްގަނޑު ލީ ވަޅިއެއް ކަމަށްވެސް މި ހެކިވެރިޔާ ބުނެފައިވެއެވެ.
41.7. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (5) ހެކިވެރިޔާ (5) ޝަރީޢަތުގައި ހެކިބަސް ދެމުން މި ހެކިވެރިޔާ ކެއުފިނިގޭ ޖޯލީގައި (ހުއްޓައި) ހާދިސާ ހިނގި މަންޒަރު ވަރަށް ކައިރިން ފެނުނު ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. ޢަބްދުﷲ ޝުހާދު ގަޔަށް ޙަސަން ފަރީދު ވަޅި ޖެހިތަން މި ހެކިވެރިޔާއަށް ރީތިކޮށް ފެނިފައިވާކަމަށް މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ނިއުޝާދު މުޙައްމަދު (ނިއުބެ) އިބްރާހީމް ސަޢީދުގެ ގަޔަށް ވަޅިޖެހިތަންވެސް ރީތިކޮށް ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޙަސަން ފަރީދު، ޢަބްދުﷲ ޒާހިރު، ނިއުޝާދު މުޙައްމަދު، ޝުފާޢު އަޙްމަދު ވެސް ތިބީ ވަޅި ހިފައިގެން ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އިތުރު ތަފްސީލު މި ހެކިވެރިޔާ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި އޮންނާނެ ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ.
41.8 މި ހެކިވެރިޔާ މައްސަލައިގެ ތަޙުޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބާރުލިބޭގޮތަށް އިތުރަށް ތަފްސީލުކޮށް ކަން ހިނގިގޮތް ކިޔައިދީފައި ވެއެވެ. އެގޮތުން ހާދިސާ ހިނގިރޭ އެވަގުތު އޭނާ އިނީ ޏ.ފުވައްމުލައް، ކެއުފިނިގެ ތެރޭގައި ހުރި ޖޯލިފަތީގައި ކަމަށާއި، އޭރު ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅު ގޭގެ ފާރުމަތީގައި ޢަބްދުﷲ ޝުހާދުއާ މުޙައްމަދު ރަޒީނުއާ މުޙައްމަދު ހާމް އިށީދެގެން ތިބިކަމަށާ، އެވަގުތު އެތަނަށް އައީ ދެ ސައިކަލެއްގައި ހަތަރު މީހަކު ކަމަށާއި، އެތަނުން އެއް ސައިކަލްގެ ފަހަތުގައި "ގެރިންޕޯ" ޙަސަން ފަރީދު އިންކަމަށާއި، 4 މީހުންގެ އަތުގައިވެސް ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 6 އިންޗި ހުންނަވަރުގެ ވަޅި އޮތް ކަމަށާއި، ޙަސަން ފަރީދު މަތިން ލައިގެންހުރީ ކުކުޅުބިސް ކުލައިގެން ދިގު ޖެކެޓެއްކަމަށާއި، "ގެރިންޕޯ" ސައިކަލުން ފުއްމައިގެން އައިސް މުޙައްމަދު ރަޒީނުގެ ބަނޑަށް ވަޅިން ހަމަލާދިނުމަށްފަހު، ޢަބްދުﷲ ޝުހާދުގެ މެއާ ދިމާލުން ކަނާތު އަރިކައްޓަށް ގެރިންޕޯގެ ކަނާއަތުގައި އޮތް ވަޅި އެއްފަހަރު ހަރާލިތަން ފެނުނު ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެވަގުތު ޢަބްދުﷲ ޝުހާދުގެ އަތުގައި އޮތް ވަޅިއެއް ކަހަލަ އެއްޗެއް ގެރިންޕޯއާ ދިމާލަށް ހޫރުވިތަންވެސް ފެނުނު ކަމަށާއި، ހެކިވެރިޔާ އޭރު ހުރީ 15 ވަރަކަށް ފޫޓު ދުރުގައިކަމަށްވެސް ބުނެފައި ވެއެވެ. އަދި އެހިސާބުން ދޫޑިގަން ހަތަރު އަނގޮޅި ކަންމަތީގައި ތިބި އިތުރު ބަޔަކު، މި ހަތަރު މީހުންނާ ދިމާއަށް ލަކުނޑިބުރި ހިފައިގެން ގޮސް އެމީހުންގެ ގައިގައި ތަޅަން ފެށުމުން އެމީހުން ސައިކަލަށް އަރައިގެން ދިޔައީ ކަމަށް ބުނެފައިވެއެވެ.
41.9. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (6) ހެކިވެރިޔާ (6) ޝަރީޢަތުގައި ހެކިބަސް ދެމުން ރަޒީންއާ ޢަބްދުﷲ ޝުހާދުއާ އަދި ހާމުއަށް ވަޅިން ހަމަލާދިން މަންޒަރު ފެނުނުކަމަށް ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތިބި ޙަސަން ފަރީދު، ޢަބްދުﷲ ޒާހިރު، ނިއުޝާދު މުޙައްމަދު، ޝުފާޢު އަޙްމަދު ގެ އަތުގައިވެސް ވަޅި އޮތްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. ހާދިސާ ހިނގިތަނަށް މި ހަތަރު މީހުން އައީ ވަޅި ހިފައިގެން ކަމަށާއި، އަދި އައީ ވަޅިފޮރުވައިގެން ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. "އަޅުގަނޑު އެއްވެސް މީހެއްގެ ގަޔަށް ވަޅިހަރަނިކޮށް ދުށިންތޯ؟" މިފަދައިން ޙަސަން ފަރީދު މި ހެކިވެރިޔާއާ ޝަރީޢަތުގައި ސުވާލުކުރުމުން "އާދެ، ދުށިން" މިފަދައިން މި ހެކިވެރިޔާ ބުނެފައިވެއެވެ. އަދި "އެންމެ ފުރަތަމަ އެތަނުން ހަމަލާދިނީ ރަޒީނުގެ ގަޔަށްތޯ؟" ޙަސަން ފަރީދު މި ހެކިވެރިޔާއާ ޝަރީޢަތުގައި ސުވާލުކުރުމުން މި ހެކިވެރިޔާ ބުނެފައިވަނީ "އާދެ" މިފަދައިންނެވެ. "ދެން ވަޅިޖެހީ ކާކު ގަޔަށްތޯ؟" ޝަރީޢަތުގައި ޙަސަން ފަރީދު މި ހެކިވެރިޔާއާ ސުވާލުކުރުމުން ބުނެފައިވަނީ "ޢަބްދުﷲ ޝުހާދު ގަޔަށް" މިފަދައިންނެވެ.
41.10. ދައުލަތުން ހުށަހެޅި ހެކިވެރިޔާ (7) ހެކިވެރިޔާ (7) ޝަރީޢަތުގައި ހެކިބަސް ދެމުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތިބި ޙަސަން ފަރީދު، ޢަބްދުﷲ ޒާހިރު، ނިއުޝާދު މުޙައްމަދު، ޝުފާޢު އަޙްމަދު ވަޅިއަކުން ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގިއިރު އެ މަންޒަރު ފެނުނުކަމަށް ބުނެފައިވެއެވެ. އަދި ހާދިސާ ހިނގި ތަނަށް ޙަސަން ފަރީދު ސައިކަލުގައި ދިޔަތަން ދުށްކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. މިމީހުން ވަޅިން ހަމަލާދީފައިވަނީ ރަޒީން އަދި ޢަބްދުﷲ ޝުހާދުއަށް ކަމަށް މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވެއެވެ. އަދި ވަޅި ހެރުމަށްފަހު ސައިކަލުތަކުގައި ދިޔައީ ކަމަށާއި އެހިސާބުން އެންމެން އެތަނަށް އެއްވެގެން އެމީހުން (ހަމަލާ ދެވުނު މީހުން) ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. " ކޮން ބައެއްގެ ގަޔަށްތޯ ވަޅި ހަރާފައިވަނީ؟" މިފަދައިން ޙަސަން ފަރީދު މި ހެކިވެރިޔާއާއި ސުވާލުކުރުމުން ޖަވާބުގައި، "ރަޒީން އާއި ޢަބްދުﷲ ޝުހާދު ގަޔަށް" މިގޮތަށް ޖަވާބު ދީފައި ވެއެވެ. އަދި "ވަޅި ހެރުމަށްފަހު ދެން އެތަނުގައި ކަންހިނގައި ދިޔައީ ކިހިނެއްތޯ؟" މިފަދައިން ޙަސަން ފަރީދު މި ހެކިވެރިޔާއާއި ސުވާލު ކުރުމުން، " ވަޅި ހެރުމަށްފަހު އެމީހުން ސައިކަލުތަކުގައި ދުއްވާލީ" މިފަދައިން މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވެއެވެ. މީގެއިތުރުން ތަޙުޤީޤުގައި މި ހެކިވެރިޔާ ދީފައިވާ ބަޔާނަކީ ކަންހިނގި ގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށް މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވެއެވެ.
41.11. މި ހެކިވެރިޔާގެ ތަޙުޤީޤު ބަޔާނުގައި ބުނެފައިވަނީ، ދެ ސައިކަލެއްގައި ހަތަރު މީހަކު ދޫޑިގަން ހަތަރު އަނގޮޅި ކަންމައްޗަށް އައިސް މަޑުކުރިކަމަށާއި ދެ ސައިކަލު ދުއްވަން ތިބީ ކޮންބައެއްކަން ފާހަގަވެފައި ނުވާކަމަށާއި އެހެންނަމަވެސް އެތަނުން އެއް ސައިކަލުގެ ފަހަތުގައި "ގެރިންޕޯ" (ޙަސަން ފަރީދު) އިންކަން ޔަޤީން ކަމަށެވެ. "ގެރިންޕޯ" (ޙަސަން ފަރީދު) ލައިގެން ހުރީ މަޑު މުށިކުލައެއްގެ ޖެކެޓެއް ކަމަށެވެ. "ގެރިންޕޯ" (ޙަސަން ފަރީދު) ފުންމައިގެން ފޭބުމަށްފަހު ދުވެފައި މުޙައްމަދު ރަޒީން އާ ދިމާއަށް ދިޔަ ކަމަށެވެ. އެވަގުތު "ގެރިންޕޯ" (ޙަސަން ފަރީދު) ކަނާއަތުގައި ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 06 އިންޗި ހުންނަވަރުގެ ވަޅިއެއް އޮއްވާ މި ހެކިވެރިޔާ ދުށްކަމަށެވެ. އަދި "ގެރިންޕޯ" (ޙަސަން ފަރީދު) ގެ ވައަތުގައި ތިލައިގެ ދިގުމުނުގައި ގާތްގަނޑަކަށް 04 އިންޗި ހުންނަވަރުގެ ވަޅިއެއް އޮއްވާ ދުށްކަމަށެވެ. "ގެރިންޕޯ" (ޙަސަން ފަރީދު) މުޙައްމަދު ރަޒީން ކައިރިއަށް ދިއުމަށްފަހު "ގެރިންޕޯ" (ޙަސަން ފަރީދު) ކަނާއަތުގައި އޮތް ވަޅި މުޙައްމަދު ރަޒީންގެ ބަނޑުގައި އެޅުމާއެކު މުޙައްމަދު ރަޒީން ގުދުވެ އިރުކޮޅަކުން ބިންމައްޗަށް ވެއްޓުނުތަން ދުށްކަމަށް މި ހެކިވެރިޔާ ތަޙުޤީޤުގައި ބުނެފައިވެއެވެ. މުޙައްމަދު ރަޒީންގެ ބަނޑަށް ވަޅި ހެރުމަށްފަހު "ގެރިންޕޯ" (ޙަސަން ފަރީދު) ގެ ކަނާއަތުގައި އޮތްވަޅި ޢަބްދުﷲ ޝުހާދުގެ ކަނާތު އަރިކަށްޓާއި ދިމާއަށް އެއްފަހަރު ދަމާލިތަން ފެނުނުކަމަށް މި ހެކިވެރިޔާ ތަޙުޤީޤުގައި ބުނެފައިވެއެވެ. އަދި ޢަބްދުﷲ ޝުހާދުގެ ކަނާތު އަރިކަށްޓާ ދިމާއަށް "ގެރިންޕޯ" (ޙަސަން ފަރީދު) ގެ ކަނާއަތުގައި އޮތް ވަޅި ދަމާލުމާއެކު "ވަޅި، ވަޅި" އޭ ކިޔާ ހަޅޭއްލަވައި ގަތުމަށްފަހު ޢަބްދުﷲ ޝުހާދު ދުއްވައިގަތްތަން ދުށްކަމަށް މި ހެކިވެރިޔާ ތަޙުޤީޤޤުގައި ބުނެފައިވެއެވެ.
ޢަބްދުﷲ ޝުހާދުގެ ލޭގެ ޙުރުމަތް
42މި ހާދިސާގައި ނިޔާވި ޢަބްދުﷲ ޝުހާދުއަކީ ދިވެހި ރައްޔިތެކެވެ. އަދި އޭނާގެ ލޭގެ ޙުރުމަތާމެދު މި މައްސަލައިގައި އެއްވެސް ވަރަކަށް ސުވާލު އުފެދިފައި ނުވެއެވެ.
ހަމަލާ ދިން ތަނުގައި ޙަސަން ފަރީދު ނެތްކަމަށް ބުނެ ނަގާ ދިފާޢު
43މުޅި މައްސަލައިގައި ޙަސަން ފަރީދުގެ ފަރާތުން ފާހަގަ ކުރި މައިގަނޑު އެއް ދިފާޢު އަކީ، ހަމަލާ ދިން ތަނުގައި ޙަސަން ފަރީދު ނެތްކަމުގެ ދިފާޢު އެވެ. އަދި އޭނާ ހުށަހެޅި ދިފާޢީ ހެކީން ކޯޓަށް ހާޒިރު ކޮށްފައި ނުވުމުން އޭނާގެ ދިފާޢު ސާބިތުކުރުމަށް ހުރަސްއެޅިފައިވާ ކަމުގައި އޭނާ ބުނެފައިވެއެވެ.
44ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އަށް ބެލުމުން، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤަކީ ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން ސާފުވެއެވެ. މި ޙައްޤަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކު ޝަރީޢަތްތައް ހިންގުމާއި ސީދާ ގުޅިފައިވާ ޙައްޤެކެވެ. ނަމަވެސް މި ޙައްޤަކީ އޭގައި އެއްވެސް އިސްތިސްނާއެއްނެތް ޙައްޤެއް ނޫނެވެ. އޭގެ ތެރެއިން ބައެއް އިސްތިސްނާތައް ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އެފަދައިން ހެކީން ހާޒިރު ނުކުރުމަށް ނިންމާ ނިންމުން ބިނާވާންޖެހޭނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.
45މި މައްސަލައިގައި އެފަދަ އެކަށީގެންވާ ސަބަބެއް ވުޖޫދުވެފައިވޭތޯ ބަލާއިރު، ޙަސަން ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓު ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާއިން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާގެ އިތުރުން، މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު ޣައިރު ޤާނޫނީ އެއްވުމަކުން ބާރުދެއްކުމުގެ ކުށުގެ ދަޢުވާ ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު (2010/JC/1055) 1113/Cr-C/2010 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ، ޙަސަން ފަރީދު އެ އެއްވުމުގައި ބައިވެރިވެފައިވާކަން ސާބިތުވާކަމަށެވެ. އަދި އެ ޤަޟިއްޔާ ޙަސަން ފަރީދުގެ ފަރާތުން އިސްތިއުނާފު ނުކުރުމުގެ ސަބަބުން އެ މައްސަލައިގެ ޙުކުމް ނިހާއީ ވެފައިވާކަންވެސް ދައުލަތުން ފާހަގަކުރެއެވެ. އެ މައްސަލައިގެ ޙުކުމް ނިހާއީ ވެފައިވާކަމަށް ދައުލަތުން ފާހަގަކުރި މި ނުކުތާއަށް ޙަސަން ފަރީދުގެ ފަރާތުން އިންކާރުކޮށްފައެއް ނުވެއެވެ. މީގެ ނަތީޖާއަކީ، ޢަބްދުﷲ ޝުހާދުއަށް ހަމަލާދިން ހާދިސާ ހިނގި ޣައިރު ޤާނޫނީ އެއްވުމުގައި ޙަސަން ފަރީދު ހުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ، އެ އެއްވުމުގައި އޭނާ ނެތްކަމަށް ބުނެ އެހެން މައްސަލައެއްގެ ތެރެއިން ދިފާޢެއް ހުށަހެޅުނު ނަމަވެސް، ކްރިމިނަލް ކޯޓުގެ އެ ޙުކުމް ނިހާއީވެ އެގޮތުގައި ދެމިއޮތްކަމަށްޓަކައި، އެ ނުކުތާއާމެދު އެ ނޫންގޮތަކަށް ބަހުސްކޮށް އެނޫންގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ނެތިދިއުމެވެ.
46ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ޙަސަން ފަރީދު ހުށަހެޅި ހެކިން ހާޒިރު ކޮށްފައި ނުވުމަކީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އުޞޫލާ ޚިލާފު ކަމެއްކަމަށް ޙަސަން ފަރީދުގެ ފަރާތުން ބުނެއެވެ. ޙަސަން ފަރީދުގެ ފަރާތުން ޙަވާލާ ދީފައިވާ ޤަޟިއްޔާގެ ވާޤިޢާތަކާއި އެ ވާޤިޢާތައް ސާބިތުކުރުމަށް ހުށަހެޅުނު ހެކީގެ މިންވަރާއި ބުރަދަނާ، ޙަސަން ފަރީދުގެ މައްޗަށް ހުށަހެޅުނު ކްރިމިނަލް ކޯޓު ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގެ ވާޤިޢާތަކާއި، އެ ވާޤިޢާތައް ސާބިތުކޮށްދިނުމަށް ހުށަހެޅުނު ހެކީގެ މިންވަރާއި ބުރަދަނަށް ބަލާއިރު، މިއީ ޤިޔާސްކުރެވޭނެ ދެ ޤަޟިއްޔާއެއް ނޫނެވެ.
47ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގެ ވާޤިޢާއަށް ބަލާއިރު އެއީ އިންތިޚާބީ ކުށާގުޅޭ ޝަކުވާގެ މައްސަލައެއް ކަމާއި، އެ މައްސަލަ އަކީ ދަޢުވާ ސާބިތުކުރުމަށް ޝަރުޢީ ހަމަތަކުގެ މަތިން ޤަބޫލުކުރެވޭފަދަ ކާފީ ހަރުދަނާ ހެކި ހުށަހެޅިފައި ނުވާކަމަށްޓަކައި، ކުށް ސާބިތުވެފައި ނުވާކަމަށް ކަނޑައެޅިފައިވާ މައްސަލައެކެވެ. އެއާ ޚިލާފަށް ޙަސަން ފަރީދުގެ މައްޗަށް ހުށަހެޅިފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މައްސަލައެއް ކަމުގައިވާއިރު، ޙަސަން ފަރީދުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން އޭނާގެ މައްޗަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީ ލާޒިމްކުރާ މިންގަނޑުން ކުށް ސާބިތުވާކަމަށް ނިންމާފައިވާ ޤަޟިއްޔާއެކެވެ.
48މީގެ އިތުރުން، ފާހަގަކުރެވޭ އަނެއްކަމަކީ، ޙަސަން ފަރީދު ހަމަލާ ދިންތަނުގައި ހުރިކަމަށް ޝަރީޢަތުގެ މަރުޙަލާގައި އިންކާރު ކުރަމުން އައިސްފައި ވީނަމަވެސް ތަޙުޤީޤުގައި އޭނާ އިޚްތިޔާރު ކޮށްފައިވަނީ ހަނުހުރުން ކަމެވެ. ހަނުހުރުމަކީ ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤެކެވެ. މިގޮތުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި ހަމަލާ ދިންތަނުގައި ނެތްކަމުގެ ދިފާޢު ނެގިއިރު، ތަޙުޤީޤުގައި މި ދިފާޢުގެ ބޭނުން ހިފާފައި ނުވުމުން ޙަސަން ފަރީދުގެ އެ ބުނުމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ ތިމާގެ މައްޗަށް ނުރައްކާތެރި ބޮޑު ތުހުމަތެއް ކުރެވިފައިވާ ކަމެއްގައި އެކަން ތިމާއަށް ތުހުމަތުކުރެވުނު ބީދައިން ހިނގާފައި ނުވާނަމަ، ޙަޤީޤަތަށް އެކަމެއް ހާމަކޮށްދީ އެ ތުހުމަތުން ބަރީއަވުމުގެ ފުރުޞަތު ލިބިފައި އޮތް އެންމެ ފުރަތަމަ މަޙައްލުގައި ތިމާގެ ދިފާޢުގައި ބަސް ނުބުނެ ހަނުހުރުމަކީ ސަލާމަތްބުއްދިހުރި އިންސާނަކު ޢަމަލުކުރާނެ ގޮތް ނޫންކަން ބުއްދީގެ ހަމައިން ވިސްނުމުން ވެސް ސާފުވާތީއެވެ. މިގޮތުން، މުއްތަހަމަށް ނުރައްކާތެރި ތުހުމަތެއް ކުރެވޭ ޙާލަތުތައް ހުރެމެ، އެ ޙާލަތުތައް މުއްތަހަމުގެ ކުރިމައްޗަށް ހުށަހެޅުމުން، ކަންވީގޮތް މުއްތަހަމު ބުނެ ނުދީފިނަމަ، އެކަން އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާނެކަން، ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 18 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ.
49އެހެންކަމުން، ކްރިމިނަލް ކޯޓު ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގައި ޙަސަން ފަރީދު ހުށަހެޅި ދިފާޢީ ހެކީން ހާޒިރު ނުކުރުމަށް ކޯޓުން ނިންމި ނިންމުމަކީ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮތުމާއެކު، ދިފާޢީ ހެކި ހާޟިރުކުރުމަކާއި ނުލައި އެ މައްސަލަ ނިންމާފައިވުމަކީ އެކަމުގެ ތެރޭގައި ޤާނޫނީ ގޯހެއް ހިމެނޭ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ހެކިބަހަށް ޠަޢުނު ކުރުމުގެ ފުރުސަތު
50މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރި ހުރިހާ ހެކިވެރިންނާ ބޭނުން ކޮންމެ ސުވާލެއްކޮށް ޠަޢުނުކުރުމުގެ ފުރުޞަތު ޙަސަން ފަރީދަށް ޝަރީޢަތުން ދީފައިވެއެވެ. އަދި ޙަސަން ފަރީދު އެ ހެކިވެރިންނާ ވަކިވަކިން ސުވާލު ކޮށްފައިވެސް ވެއެވެ. އެ ސުވާލުތަކަށް ބަލާއިރު ޙަސަން ފަރީދުގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ، ހާދިސާ ހިނގި ތަނަށް ޙަސަން ފަރީދު ދިޔަ ސައިކަލުގެ ކުލައާއި އެ ސައިކަލުގެ ބްރޭންޑާއި އެ ސައިކަލުގެ ރަޖިސްޓްރީ ނަންބަރު، އެ ހެކިވެރިންނަށް އެނގޭތޯ ބެލުމަށެވެ. ޙަސަން ފަރީދުގެ ދިފާޢަކީ، އޭނާ ހާދިސާ ހިނގިތަނަށް ގޮސްފައި ނުވާކަމުގެ ދިފާޢު ކަމުގައިވާއިރު، އެރޭ ހާދިސާ ހިނގި ތަނަށް އޭނާ ދިޔަ ސައިކަލުގެ ކުލައާއި ސައިކަލްގެ ބްރޭންޑާއި ސައިކަލްގެ ނަންބަރު ހެކިވެރިންގެ ކިބައިން އޮޅުން ފިލުވުމުގެ ބޭނުމާމެދު ސުވާލު އުފެދެއެވެ.
51އަދި އެ ހެކިވެރިންގެ ހެކިބަހަށް ޠަޢުނު ކުރުމުގެ ގޮތުން ޙަސަން ފަރީދު ދައްކާފައިވާ ވާހަކައިގައި، ދައުލަތުން ހުށަހަޅާފައިވާ ހެކީންނަކީ އެ މާރާމާރީގައި އެކިވަރަށް ބައިވެރިވެފައިވާ މީހުން ކަމުގައިވާތީ، ޙަސަން ފަރީދުއާ މެދު ޙަސަދައާއި ނަފްރަތު އޮންނާނެކަމަށް ބުނެފައި ވެއެވެ. އެހެންކަމުން މިހިސާބުން އުފެދޭ އަނެއް ސުވާލަކީ، ޙަސަން ފަރީދު އެ މާރާމާރީގައި ބައިވެރިވެފައި ނުވާނަމަ، އެ މާރާމާރީގައި އަނެއްކޮޅުން ބައިވެރިވި މީހުންގެ ޙަސަދައާ ނަފްރަތު ޙަސަން ފަރީދުގެ މައްޗަށް އޮންނަޖެހޭ އިތުރު ސަބަބަކީ ކޮބައިބާއެވެ؟ މި ސުވާލުގެ ޖަވާބު ޙަސަން ފަރީދުގެ ކިބައިން ލިބިފައި ނުވެއެވެ.
52އަދި މީގެ އިތުރުން ޙަސަން ފަރީދުއަކީ ކަނާއަތުން އެއްވެސް ކަމެއް ނުކުރެވޭ ވާއަތްތެރިއެއް ކަމަށާއި، ހެކިވެރިން ބުނެފައިވާގޮތަށް އޭނާގެ ކަނާއަތުގައި އޮތް ވަޅިއެއް މީހެއްގެ ކަނާއަތު އަރިކަށްޓަށް ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ޙަސަން ފަރީދު ބުނެފައިވުމުން، އެއީ އޭނާއަށް ކުރެވުނު ތަޖުރިބާއެއްކަމަށް ދޭހަވުމުގެ ފުރުސަތުވެސް އެބައޮތެވެ. އަދި އެކަން ރަނގަޅަށް ސާފުވާގޮތަށް ޙަސަން ފަރީދު ކިޔައިދީފައި ނުވެއެވެ.
53އަދި މި ހާދިސާގައި ގާތްގާތުގައިތިބި ތިން މީހެއްގެ ގަޔަށް ޙަސަން ފަރީދު ވަކިވަކީން ވަޅިން ހަމަލާ ދީފައިވާކަމަށް ހުރިހާ ހެކިވެރިންވެސް ހެކިބަސް ދީފައި ވެއެވެ. އަދި ޢަބްދުﷲ ޝުހާދުގެ ކަނާއަތު އަރިކައްޓަށް ޙަސަން ފަރީދު ވަޅިން ހަމަލާ ދިނުމުގެ އިތުރަށް، އަނެއް ދެ މީހުނަށްވެސް ހަމަލާ ދިނީ ޙަސަން ފަރީދުގެ ކަނާއަތުގައި އޮތް ވަޅިންކަމަށް ހުރިހާ ހެކިވެރިންވެސް ބުނެފައި ވެއެވެ. ނަމަވެސް ޙަސަން ފަރީދުގެ ދިފާޢަކަށްވެފައިވަނީ އޭނާއަކީ ވާއަތްތެރިއަކަށް ވާއިރު، އޭނާގެ ކަނާއަތުން ޢަބްދުﷲ ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅި ޖެހުމަކީ އުނދަގޫ ކަމެއްކަން ބަޔާންކުރުމެވެ. އަނެއް ދެމީހުންނަށް އޭނާގެ ކަނާއަތުގައި އޮތް ވަޅިން ޙަމަލާ ދީފައިވާކަމަށް ހެކިވެރިން ބުނާ ބުނުމާމެދު ޙަސަން ފަރީދު އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވެއެވެ.
54އަދި ޙަސަން ފަރީދުއާ ދެކޮޅަށް ބަޔާން ދީފައިހުރި ކެއުފިނިގެ މީހުންނަކީ ޙަސަން ފަރީދުއާ މެދުގައި ޒާތީގޮތެއް އޮންނަ ބައެއްކަމަށާއި ޙަސަން ފަރީދުއަށް ބޮނޑިއެއް ދޭން އުޅޭކަން ފާހަގަކުރާކަމަށް ޙަސަން ފަރީދު ބުނެފައިވާއިރު، އެކަމުގެ އެއްވެސް ތަފްސީލެއް ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ޙަސަން ފަރީދުގެ މި ބުނުމާއި ގުޅިގެން އިތުރަށް ޝަރީޢަތުން ބެލިއިރު، ހެކިބަސް ދީފައިވާ މީހުންގެ ތެރޭގައި ގިނައިން ހިމެނިފައިވަނީ ކެއުފިނިގެ އަށް ނިސްބަތް ނުވާމީހުންކަން ފާހަގަކުރެވެއެވެ.
55ދައުލަތުން ކްރިމިނަލް ކޯޓަށް ހާޒިރުކުރި ހުރިހާ ހެކީންގެ ހެކިބަހަށް ބަލާއިރު، އެ އެންމެންގެ ހެކިބަހުގައި އެއްވެސް ޚިލާފެއްނެތި އިއްތިފާޤުވާ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:
(1) ޖެނުއަރީ 2010 ދުވަހުގެ 21:30 ހާއިރު، ޏ.ފުވައްމުލައް / ދޫޑިގަން، ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅި އަށް، އިތުރު ބަޔަކާއެކު ޙަސަން ފަރީދު ދިޔަކަން؛
(2) ހާދިސާ ހިނގި (ޏ.ފުވައްމުލައް / ދޫޑިގަން، ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅި) ތަނަށް ޙަސަން ފަރީދު (އިތުރު 3 މީހަކާއެކު) ގޮސްފައިވަނީ، ދެ ސައިކަލެއްގައި ކަމާއި، ޙަސަން ފަރީދު އިނީ އޭގެތެރެއިން އެއް ސައިކަލްގެ ފަހަތުގައި ކަމާއި، އެ ސައިކަލް ދުއްވަން އިނީ (ޢަބްދުﷲ ޒާހިރު "މަދިރު") ކަން؛
(3) ހާދިސާ ހިނގި ތަނަށް ޙަސަން ފަރީދު ދިޔަ ސައިކަލް މަޑުކުރުމުން، ޙަސަން ފަރީދު ފުއްމައިގެންގޮސް، އެންމެ ފުރަތަމަ ވަޅިން ޙަމަލާ ދިނީ ރަޒީން ގަޔަށްކަމާއި، އޭގެ ފަހުން ޢަބްދުﷲ ޝުހާދުގެ ގަޔަށްކަމާއި އަދި ތިންވަނައަށް ހާމްގެ ގަޔަށް ކަމަށް ހެކިބަސް ދީފައިވާ މީހުންގެ ތެރެއިން 03 (ތިނެއް) މީހަކު އެއްވެސް ޚިލާފެއްނެތި ބުނެފައިވާއިރު، ޝަރީޢަތަށް ހާޒިރުވި ހުރިހާ ހެކީންވެސް ޢަބްދުﷲ ޝުހާދު ގަޔަށް ޙަސަން ފަރީދު ވަޅިން ޙަމާދިންތަން ފެނިފައިވާކަމަށްބުނެ ސާފު ބަހުން ހެކިބަސް ދީފައިވާކަން؛
(4) ޙަސަން ފަރީދު އެ ތިން މީހުނަށް ހަމަލާ ދިން ވަޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 06 އިންޗި ހުންނާނެކަމާއި، އެވަޅި އޮތީ އޭނާގެ ކަނާއަތުގައިކަން؛
(5) ހާދިސާ ހިނގި ތަނަށް ޙަސަން ފަރީދު ދިޔައިރު، އޭނާ މަތިން ލައިގެންހުރީ ކަކުލާ ހަމައަށް އަންނަ ދިގު ކުކުޅުބިސް ކުލައިގެ ޖެކެޓެއްކަން، (ނޯޓު: މި ޖެކެޓުގެ ކުލައަކީ މަޑު މުށިކުލަ ކަމަށް އެއް ހެކިވެރިޔަކު ބުނެފައިވެއެވެ.)
56މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން 07 (ހަތެއް) ހެކިވެރިންވެސް ކުށުގެ ޢަމަލު ހިންގިތަނުގައި ޙަސަން ފަރީދު ހުރިތަން ދުށްކަމަށް ސާފުކޮށް ބުނެފައިވެއެވެ. ޙާދިސާ ހިނގިތަނަށް ޙަސަން ފަރީދު އިތުރު ތިން މީހަކާއެކު އައި ގޮތާއި އެތަނުގައި އެމީހުން ކަންކުރިގޮތާއި އެތަނުން އެމީހުން ދިޔަގޮތް ހެކީވެރިން ވަރަށް ސާފުކޮށް ކިޔައިދީފައި ވެއެވެ. އަދި އެ ހެކިވެރިނަށް ޙަސަން ފަރީދު، އޭނާގެ ވަނަމާއެކު ވަރަށް ރަނގަޅަށް އެނގޭކަންވެސް އެމީހުންގެ ބަހުން އެނގެއެވެ. އަދި އެކަން ޔަޤީން ކުރުމުގެ ގޮތުން ދައުލަތުގެ ވަކީލު ބައެއް ހެކިވެރިންނާ، ޙަސަން ފަރީދު ކްރިމިނަލް ކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި އިށީދެ އިންތަނާ މެދު ސުވާލު ކުރުމުން، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ފަރީދު އިށީދެ އިންތަން ސާފުކޮށް ރަނގަޅަށް ބުނެދީފައި ވެއެވެ. އެހެންކަމުން، ޙަސަން ފަރީދުގެ މި ދިފާޢުތަކަކީ ބަލައިގަނެވޭނެ ދިފާޢުތަކެއްކަމަކަށް އަހުރެން ނުދެކެމެވެ.
57ޙަސަން ފަރީދާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހާޒިރުވެ ހެކިބަސްދީފައިވަނީ ޙަސަން ފަރީދު ކުށުގެ ޢަމަލު ހިންގި ތަނަށް ގޮސް، އެ ޢަމަލު ހިންގިތަން އެ ވަގުތު ލޮލަށް ފެނުނު ހެކިންނެވެ.
58އެހެންކަމުން، މި މައްސަލައިގެ ވާޤިޢާތަކަށާއި ހެކިންގެ ހެކިބަހަށް ބަލާއިރު، ހަމަލާ ދިންތަނުގައި ޙަސަން ފަރީދު ހުރިކަމާއި، ޢަބްދުﷲ ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅިން ހަމަލާ ދީފައިވަނީ ޙަސަން ފަރީދުކަން ރަނގަޅަށް ސާފުވެއެވެ. އަދި ޢަބްދުﷲ ޝުހާދުއަށް ދިން ހަމަލާގައި އަޞްލު ފާޢިލަކީ ޙަސަން ފަރީދު ކަމާއި، އިތުރު މީހަކު ޢަބްދުﷲ ޝުހާދަށް ހަމަލާ ދިންކަން އެނގޭކަށް ނެތެވެ. އަދި މީގެ އިތުރުން ހަމަލާ ދިންތަނުގައި ނެތްކަމަށް ޙަސަން ފަރީދު ނެގި ދިފާޢު ބިނާކުރުމުގައި ހަރުދަނާ އަސާސެއް ނެތްކަން، ތަޙްޤީޤު މަރުޙަލާގައި އޭނާ ހަނު ހުރެފައިވުމުންނާއި، ޝަރީޢަތުގެ މަރުޙަލާގައި ޙަސަން ފަރީދު ހެކިވެރިންނާ ކޮށްފައިވާ ސުވާލުތަކުން އެނގެއެވެ.
މުއްތަހަމުގެ ހާޒިރުގައި ވާރިސުންގެ ބަސް ހޯދުން
59ޙަސަން ފަރީދުގެ ޣައިރު ހާޒިރުގައި ވާރިޘުންގެ ބަސް ހޯދާފައިވުމާ މެދު ޙަސަން ފަރީދު ހައިކޯޓުގައި އަދި ކްރިމިނަލް ކޯޓުގައި ޝަކުވާއެއް ހުށަހަޅައި މައްސަލައެއް ޖައްސާފައިވާކަން އެނގޭކަށްނެތެވެ. އެހެންނަމަވެސް މި މައްސަލައަކީ ޤިޞާޞް ހިފުމުގެ މައްސަލައަކަށްވާތީ، މި ނުކުތާއާ ގުޅިގެން އަހުރެންނަށް ފާހަގަވާ ކަންކަން ބަޔާންކޮށްލާނަމެވެ. މިގޮތުން، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޢަބްދުﷲ ޝުހާދުގެ ވާރިސުންގެ ބަސް ހޯދާފައިވަނީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށެވެ. އަދި ޢަބްދުﷲ ޝުހާދުގެ ހުރިހާ ވާރިޘުންވެސް ޤާތިލުގެ ކިބައިން ޤިޞާޞް ހިފަން ބޭނުންވާކަމަށް ޞަރީޙަ ބަހުން ބުނެ ފައިވެއެވެ.
60ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޤިޞާޞް ހިފުމަކީ މަރާލެވުނު ފަރާތުގެ ޙައްޤެކެވެ. ޝާފިޢީންނާއި ޙަންބަލީންގެ ރައުޔަކީވެސް މިއީއެވެ. މިބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ޤިޞާޞް ހިފުމުގެ ޙައްޤު ލިބެނީ އެންމެން (ހުރިހާ ވާރުތަވެރިން) ބައިވެރިވާ ޙައްޤެއްގެ ގޮތުގައެވެ. އެއީ ޖަރީމާ ހިންގީ މަރުގެ ޝިކާރައަކަށްވި މީހާއާ ދެކޮޅަށް ކަމަށް ވާތީއެވެ. ޤިޞާޞް ހިފުމަކީ މަރާލެވުނު މީހާގެ ޙައްޤެއް ކަމުގައިވިޔަސް އޭނާ މަރުވުމާއެކު އޭނާ އަމިއްލައަށް މި ޙައްޤުގެ ބޭނުންކުރަން ނުކުޅެދިފައިވާތީ ވާރިޘުން އޭނާގެ މަޤާމަށް އަންނަނީއެވެ.
61އިމާމް އަބޫޙަނީފާއާއި އިމާމް މާލިކުގެ ރައުޔަކީ ކޮންމެ ވާރިޘަކަށްވެސް މި ޙައްޤު ލިބެނީ މުސްތަޤިއްލު ޙައްޤެއްގެ ގޮތުގައެވެ. މި ޙައްޤު ފެށިގެން އަންނަނީ މީހާ މަރާލެވުނު ވަގުތުން ފެށިގެންނެވެ. ޤިޞާޞް އަކީ ބައިކުރެވޭނެ އެއްޗެއް ނޫނެވެ. ބައިނުކުރެވޭ ޙައްޤެއް ޖަމާޢަތަކަށް ލިބިއްޖެނަމަ ލިބޭނީ ކޮންމެ މީހަކަށްވެސް ފުރިހަމަ ޙައްޤެއްގެ ގޮތުގައެވެ. އޭނާއާއެކު އެހެން މީހަކު ނެތް ފަދައިންނެވެ.
62HN3ޤިޞާޞް ހިފުމަށް އެދުމަކީ މަޤުތޫލު (ޤަތުލުކުރެވުނު މީހާ) ގެ އެންމެހައި ވާރިޘުންނަށް ލިބިގެންވާ ޝަރުޢީ ޙައްޤެއްކަން މަތީގައި ބަޔާންކުރެވުނު ޢިލްމުވެރިންގެ ރައުޔުތަކުން އެނގެއެވެ. އަދި ޤާތިލު (މަރާލުމުގެ ޢަމަލު ހިންގި މީހާ) ގެ ކިބައިން މަޤްތޫލު ގެ ހުރިހާ ވާރިޘުން ޤިޞާޞް ހިފަން އެދިފައިވާ ޙާލަތުގައި، އަދި ޝަރުޢީގޮތުން ޤިޞާޞް އިސްޤާޠު ވާނެ (ޤިޞާޞް ހިފުމަށް ޙުކުމް ނުކުރެވޭނެ) ޝުބުހާއެއް ނުވަތަ ޝަރުޢީ އެހެން ސަބަބެއް ފެންނަން ނެތް ޙާލަތުގައި، ޤިޞާޞް ހިފުން ހުއްދަކަމަށް ޝަރުޢީ ދަލީލުތަކުގައި ބަޔާންވެގެން އައިސްފައިވެއެވެ.
63ޤިޞާޞް ހިފުމާމެދު ވާރިޘުންގެ ބަސް ހޯދުމަކީ، މަރުގެ ޖަރީމާގައި ކުށުގެ ވާޤިޢާ ދެނެގަތުމާ ގުޅުންހުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް މަރުގެ މައްސަލަތަކުގައި ޤާތިލުކަމަށް ތުހުމަތު ކުރެވޭ މީހާގެ ހާޒިރުގައި ޝަރީޢަތުގެ މަޖިލީހުގައި، ވާރިޘުން ޤިޞާޞް ހިފުމާމެދު ދެކޭ ގޮތް ހާމަކުރުމަކީ، އެންމެ އިންޞާފުވެރި އަދި އެންމެ ހާމަކަން ބޮޑު ގޮތްކަމުގައި އަހުރެން ދެކެމެވެ. އަދި މިއީ ވާރިޘުންނަށް ފަސޭހަ ކަމަކަށް ނުވާނެކަން އަހުރެންވެސް ޤަބޫލުކުރަމެވެ. ނަމަވެސް މިގޮތަށް ޢަމަލުކުރުމުން ވާރިޘުންގެ ކިބައިން ޝަރީޢަތުގެ މަޖިލީހުގައި މަޢާފަށް އެދުމުގެ ފުރުސަތު ޤާތިލަށް ލިބުމާއި، އެހިނދު ވާރިސުން މަޢާފުކުރުމުގެ އިޙްތިމާލު އޮތުމާއި، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމާމެދު ވާރިޘުން ގޮތެއް ނިންމާފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ އިޚްތިޔާރުގައިކަން ޔަޤީންވެގެން ދިއުންފަދަ ކަންކަން ޝަރީޢަތުގެ މަޖިލީހުގައި ކަށަވަރުވެގެން ދިއުމުން ފަނޑިޔާރުގެ ނިންމުމުގެ ހާމަކަން ބޮޑުވެގެން ދާނެތީއެވެ. މީގެ އިތުރަށް، ޤިޞާޞް ހިފުމާމެދު ވާރިޘުން ނިންމާ ނިންމުމަކީ ކަނޑައެޅޭ އަދަބު ވާރިޘުން އިޚްތިޔާރު ކުރުންކަމުގައި ވާއިރު، ޢާންމު ޖިނާއީ މައްސަލަތަކުގައި އަދަބާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ފުރުޞަތު ދިނުން ޖިނާއީ އިޖުރާއަތުގެ ގަވާއިދު ލާޒިމުކޮށްފައި އޮތުމުން، ގަސްތު މަރުގެ ކުށް ސާބިތުވާ ޙާލަތުގައި މިފަދައިން ޢަމަލުކުރުމުން އެ އިޖުރާއަތުވެސް ފުރިހަމަވެގެން ދާނެތީއެވެ.
64މިގޮތުން، ޙަސަން ފަރީދުގެ ފަރާތުން އޭނާގެ ޣައިރު ހާޒިރުގައި ވާރިސުންގެ ބަސް ހޯދާފައި އޮތުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާއާއި ގުޅިގެން، ސުޕްރީމް ކޯޓުގައި އަޑުއެހުން ކުރިއަށް ދިޔަ ވަގުތު، ޢަބްދުﷲ ޝުހާދުގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި ފަރާތްތަށް (ޢަބްދުﷲ ޝުހާދުގެ މަންމައާއި ބައްޕަ) ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، ވީޑިއޯގެ ޒަރިއްޔާއިން ޙަސަން ފަރީދުއަށް އަޑާއި މަންޒަރު ފެންނަގޮތަށް އެފަރާތްތަކުގެ ބަސް ހޯދިފައިވެއެވެ. މި މައްސަލައިގައި ޢަބްދުﷲ ޝުހާދުގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައިވެސް އެދިފައިވަނީ ޙަސަން ފަރީދުގެ ކިބައިން ޤިޞާޞް ނުވަތަ މަރަށް މަރު ހިފުމަށެވެ.
ތަޙުޤީޤުގައި ވަކީލެއްގެ ފުރުޞަތު ލިބިފައި ނުވާކަމަށް ބުނުން
65ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ (ހ) އާއި (ށ) ގައި ބަޔާންވެފައިވާ ގޮތުގެ މަތިން ތަޙުޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ޙަސަން ފަރީދަށް ފޯރުކޮށްދީފައި ނުވާކަމަށް ޙަސަން ފަރީދު ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ވެއެވެ. މި ނުކުތާއަކީވެސް ސުޕްރީމް ކޯޓުގައި އޭނާ އަލަށް ފާހަގަކޮށްފައިވާ ނުކުތާއެކެވެ.
66ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ހަވާލާދީ ހައިކޯޓުގައި ޙަސަން ފަރީދު މުޅިންވެސް ވާހަކަދައްކާފައިވަނީ ޖިނާއީ ދަޢުވާ އުފުލިފަހުން ޝަރީޢަތުގައި ވަކީލެއްގެ ފުރުޞަތު ލިބިދީފައި ނުވުމުގެ މައްޗަށެވެ. އެހެންކަމުން މި ނުކުތާއަށް ބަލާލަމެވެ.
67އިސްތިއުނާފު މި ކުރެވޭ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއާ ގުޅިގެން 18 ޖުލައި 2010 ގައި ޙަސަން ފަރީދު އެ ކޯޓަށް ދީފައިވާ ބަޔާނުގައި ދަޢުވާއަށް އިންކާރުކޮށް މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ޤާނޫނީ ވަކީލަކާއެކު ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އޭގެ 8 މަހާއި 20 ދުވަސް ފަހުން، 7 އެޕްރީލް 2011 ގައި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއާ ގުޅިގެން ދީފައިވާ ބަޔާނުގައި، ކުރިން ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައިވީނަމަވެސް، އަމިއްލަގޮތުންވިޔަސް އަދި ދައުލަތުގެ އެހީތެރިކަމާއެކުގައިވިޔަސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެ، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ޙަސަން ފަރީދު އެދިފައިވެއެވެ.
68އެހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާ، ވަކީލެއްގެ އެހީތެރިކަމާ ނުލައި ކުރިއަށް ގެންގޮސްފައިވަނީ، ޙަސަން ފަރީދުގެ ފުރިހަމަ އިޚްތިޔާރުގައި އެ ގޮތަށް އެ ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް އެދިފައިވާތީކަން ސާފުކޮށް އެނގެއެވެ.
69ތަޙުޤީޤުގައި ޤާނޫނީ ވަކީލެއްގެ ފުރުޞަތު ލިބިދީފައި ނުވުމުގެ ނުކުތާއަކީ ޙަސަން ފަރީދު ސުޕްރީމް ކޯޓުގައި އަލަށް ނެގި ނުކުތާއަކަށް ވީނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އަށާއި، މަރުގެ އަދަބު އައުމުގެ އިޙްތިމާލު އޮތް މައްސަލައެއް އިސްތިއުނާފަށް ހުށަހެޅިފައިވާއިރު، އެ މައްސަލަ ބެލުމުގެ ތަރަހަ ހަމައެކަނި އިސްތިއުނާފީ ނުކުތާތަކަށް ހަނިވެފައި އޮތުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2025] SC 11 ޤަޟިއްޔާގައި ބަޔާންވެފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށް، ތަޙުޤީޤުގައި ޙަސަން ފަރީދަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތު ދީފައިވޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވުނެވެ.
70ފުލުހުންގެ ބަންދަށް ގެނެވޭ މީހުންނާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އައްޑު އަތޮޅު ޕޮލިސް ސްޓޭޝަންއިން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށްވާ "ހައްޔަރު ކުރެވޭ މީހުންގެ މަޢުލޫމާތު ސްލިޕް" ގައި 27 ޖެނުއަރީ 2010 ގެ 23:12 ގައި ޙަސަން ފަރީދު ހައްޔަރު ކުރެވުނުކަން ބަޔާންކޮށް ހައްޔަރުކުރެވުނު މީހާއަށް އެންގުނު ކަންތައްތަކުގެ ތެރޭގައި ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަމާއި، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު ލިބިގެންވާކަން، އަދި ގެންދެވޭތަން އެންގުނުކަމަށް، ބަޔާންޔާންކޮށް ހެޔޮ ފާހަގަ ލާފައި ވެއެވެ. މި ސްލިޕްގެ ތިރީގައި "މި ފޯމުގައިވާ މީހާގެ ބަލި ޙާލަތު ހުރި ގޮތުން އޭނާއަށް މި ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިފައި ނުވެއެވެ." މިފަދައިން ބަޔާންކޮށް ޕޮލިސް ކޯޕްރަލް އިޝްފާޤު ޢަލީ (ސ. ނަންބަރު 1677) ސޮއިކޮށްފައި ވެއެވެ. މި ސްލިޕްގެ 4 ވަނަ ނަންބަރުގައި ހައްޔަރުކުރި ފުލުސް މީހާގެ ރޭންކާއި ނަމުގެ ގޮތުގައި ބަޔާންކޮށްފައި ވަނީވެސް ޕޮލިސް ކޯޕްރަލް އިޝްފާޤު ޢަލީ (ސ. ނަންބަރު 1677) އެވެ.
71ތަޙުޤީޤުގައި ޤާނޫނީ ވަކީލެއް ހޯދުމުގެ ފުރުޞަތު ޙަސަން ފަރީދަށް ލިބިގެންވާކަން އެންގުނުކަން އެނގޭނެ ލިޔުމެއްގެ ގޮތުގައި މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތް ލިޔުމަކީ މިއީ އެވެ. އަދި މިއީ އެކަމަށް ބޭނުންކުރާ ސްޓޭޑަރޑް ފޯމެވެ. އަދި ބުނެވުނު ފޯމުގައި ޙަސަން ފަރީދުގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހާފައި ނުވާތީ އެކަމާގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ދައުލަތާ ސުވާލު ކުރެވުނެވެ.
72ބުނެވުނު ފޯމުގައި ޙަސަން ފަރީދު ސޮއިކޮށްފައި ނުވަނީ އޭނާގެ އަތަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުންކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރިއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ޙަސަން ފަރީދު ބުނެފައިވަނީ، ޒަޚަމްތަކެއް ނުލިބޭ ކަމަށާއި އެއީ ބިޑިއެޅުވުމުގެ ސަބަބުން ވާއަތަށް ދިމާވި މައްސަލައެއް ކަމަށެވެ.
73HN4ތަޙުޤީޤުގައި ވަކީލެއްގެ ފުރުޞަތު ލިބިދީފައި ނުވާކަމަށް ޙަސަން ފަރީދު ބުނާ ބުނުމަށް ރިޢާޔަތްކުރާއިރު، ހައްޔަރު ކުރެވޭ މީހުންގެ މަޢުލޫމާތު ސްލިޕަކީ، ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދެވުނުކަން ބަޔާންކޮށް، އެވަގުތު ތައްޔާރުކުރެވިފައިވާ ކިތާބީ ހެއްކެކެވެ. ތަޙުޤީޤުގައި ޤާނޫނީ ވަކީލެއްގެ ފުރުޞަތު ލިބިދިނުމުގެ ޙައްޤުން މަޙްރޫމުވެފައިވާ ކަމަށް ބުނެ އެއްވެސް ޝަކުވާއެއް ނުވަތަ އިޢުތިރާޟެއް ދަށު ކޯޓުގައާއި ހައިކޯޓުގައި ޙަސަން ފަރީދު ފާހަގަކޮށްފައި ނުވެއެވެ. އަދި ސުޕްރީމް ކޯޓުގައި ޙަސަން ފަރީދު އެކަން ފާހަގަކޮށްފައިވަނީ، މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތާ 8 (އަށެއް) އަހަރު ފަހުންނެވެ.
74"ހައްޔަރު ކުރެވޭ މީހުންގެ މަޢުލޫމާތު ސްލިޕް" އަކީ މި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅުނު އިރުވެސް މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. މި ލިޔުމުގެ ޞައްޙަކަމާމެދު އެއްވެސް މަރުޙަލާއެއްގައި ޙަސަން ފަރީދުގެ ފަރާތުން ސުވާލު އުފައްދާފައެއް ނުވެއެވެ. މި މައްސަލައިގައި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު ޙަސަން ފަރީދަށް ލިބިގެންވާކަން އަންގައިދީފައިވާކަމުގައި، ބުނެވުނު ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
75އެހެންކަމުން، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ޙަސަން ފަރީދު މި ދިފާޢު ނަގާފައިވާ ވަގުތަށާއި މުޅި މައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތް ކުރާއިރު، ތަޙުޤީޤުގައި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ޙަސަން ފަރީދުއަށް ދީފައި ނުވާކަމަށް ނިންމޭނެ އެކަށީގެންވާ ބިނާއެއް އޮތް ކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
ތަޙުޤީޤުގައި އަނިޔާ ލިބުނުކަމުގެ ތުހުމަތު
76ޙަސަން ފަރީދު ހައްޔަރުކުމުގެ ތެރޭގައި އަދި ތަޙްޤީޤު މަރުޙަލާގައި ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބުނުކަމަށް ޙަސަން ފަރީދު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ. ފުލުހުންގެ ފަރާތުން ޙަސަން ފަރީދަށް އަނިޔާ ލިބުނުކަމަށް ކްރިމިނަލް ކޯޓުގައި ވެސް ޙަސަން ފަރީދު ފާހަގަކޮށްފައި ވެއެވެ.
77އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެކަމުގައާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެ ކަމުގައާއި، އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެކަމަށް ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ ބާބުގައި ބަޔާންކޮށްފައިވުމުން، ކޮންމެ މީހަކީވެސް މިފަދަ އަނިޔާތަކުން ރައްކާތެރިކަން ލިބިދޭންޖެހޭ މީހެކެވެ. އެ މީހަކީ ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހެއް ކަމުގައި، ނުވަތަ އިޖްތިމާޢީ އެކިއެކި ސަބަބުތަކަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ މީހެއްކަމުގައި ވީނަމަވެސް މެއެވެ. އެފަދަ މީހުންނާމެދު ޢަމަލުކުރާން ޤާނޫނުއަސާސީއިން ލާޒިމުކުރަނީ އިޙްތިރާމާއެކު އެވެ. މިކަން ޤާނޫނުއަސާސީގެ 54 ވަނަ މާއްދާއިންނާއި 57 ވަނަ މާއްދާއިން ސާފުވެއެވެ.
78HN5ލާއިންސާނީ އަނިޔާގެ ތުހުމަތު ވަޒަންކުރުމުގައި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ކޯޓުން ބެލިދާނެއެވެ. އޭގެ ތެރޭގައި، އެންމެ ފުރަތަމަ އެ ތުހުމަތު ކުރެވުނު ވަގުތާއި، ކުރިން އެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ތުހުމަތުކުރެވޭ ފަރާތަށް ލިބިފައިވޭތޯއާއި، އެއްވެސް މެޑިކަލް ލިޔުމެއް ނުވަތަ އަނިޔާލިބުނު ވަގުތު ކުރެވުނު ޝަކުވާއެއް އޮތްތޯއާއި، އެ ތުހުމަތަށް ބާރުދޭ މުސްތަޤިއްލު އެހެން ހެކި ހުރިތޯއާއި، އަދި އަނިޔާކުރިކަމަށް ކުރެވޭ ތުހުމަތާއި ކުށް ސާބިތުކުރުމަށް ބޭނުންކޮށްފައިވާ ހެކިތަކާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ބެލުން ހިމެނެއެވެ.
79އެހެންކަމުން، ހައްޔަރަށް ގެނެވުނު ވަގުތު ތުހުމަތުކުރެވޭ ފަރާތަށް ފުލުހުން އަނިޔާކުރިކަމަށް ކުރާ ތުހުމަތަކީ އަޅާނުލައި ދޫކޮށްލެވިގެންވާނެ ތުހުމަތެއް ނޫނެވެ. ހަމައެއާއެކު، ހަމައެކަނި ތުހުމަތެއް ކުރުމަކުން، ތުހުމަތުކުރެވޭ ފަރާތަށް އެ ތުހުމަތު ސާބިތުކޮށްދެވުނީ ކަމަކަށްވެސް ނުބެލެވޭނެއެވެ. މިފަދަ ތުހުމަތަކާމެދު ކޯޓުން ގޮތް ނިންމަންވާނީ ކަމާގުޅޭ ހެކި ޤަރީނާގެ މައްޗަށް ބަލައިގެންނެވެ. ތުހުމަތެއް އޮތްކަން އެ ތުހުމަތު ކުރާ ފަރާތުން ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުކޮށްދޭން ވާނެއެވެ.
80މިސާލަކަށް، ފުލުހުން އަނިޔާކުރިކަމަށް ކުރެވޭ ތުހުމަތު ބިނާވެގެންވަނީ، ކުށެއް ކުރިކަމަށް ތުހުމަތުކުރާ ފަރާތުން ވެފައިވާ އިޢުތިރާފާއި ގުޅުވައިގެންކަމަށް ވާނަމަ، ނުވަތަ އެ އިޢުތިރާފު ވެފައިވަނީ ފުލުހުންގެ ފަރާތުން އަނިޔާކޮށް މަޖުބޫރުކޮށްގެންކަމަށް ކުށުގެ ތުހުމަތު ކުރެވޭ ފަރާތުން ބުނާނަމަ، އެ ޙާލަތަކީ އަނިޔާ ލިބުނުކަމަށް ކުރާ ތުހުމަތުގެ ޚުޠޫރަތްތެރިކަން ބޮޑުވާ ޙާލަތެކެވެ. ސަބަބަކީ، މަރުގެ މައްސަލަތައް ފަދަ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ އެންމެ އަސާސީ އެއް ވަސީލަތަކީ ޝަރީޢަތުގެ މަޖިލީހުގައި ތުހުމަތުކުރެވޭ ފަރާތުން ކުށަށް އިޢުތިރާފުވުން ކަމަށްވާތީއެވެ. ޢާއްމު އުޞޫލުން ބަލާއިރު، ތުހުމަތު ކުރެވޭ ފަރާތުން ކުށަށް އިޢުތިރާފުވާ ޙާލަތުގައި މައްސަލައިގައި މަންޒަރު ދުށްކަމަށްބުނާ ހެކިންގެ ހެކިބަހަށް މާބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައި އޮންނަ ތަނެއް ނުފެނެއެވެ. ތަޙުޤީޤުގައި ނުވަތަ ފުލުހުންގެ ހައްޔަރުގައި ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތަކީ ތުހުމަތުކުރެވޭ ފަރާތުން ވެފައިވާ އިޢުތިރާފުގެ ޞައްޙަކަމާ ސީދާ ގުޅުންހުރި ކަމެކެވެ.
81މީގެ މިސާލުތައް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން އޭގެ ބައެއް މިސާލުތައް ތިރީގައި އެވަނީއެވެ.
81.1. މުޙައްމަދު ސަމާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2024] SC 49 މިއީ، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙު ގޭގައި ބަންދުކޮށްފައިވަނިކޮށް، ގެއިން ބޭރަށް ނުކުމެފައިވާތީ ޕޮލިސް ކޮންސްޓަބްލް އާދަމް ޙަލީމު، މުޙައްމަދު ސަމާޙު ދިރިއުޅޭ ގެއަށް ގޮސް މުޙައްމަދު ސަމާޙު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް އައުމަށް އެންގުމާގުޅިގެން މުޙައްމަދު ސަމާޙު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ތޫނު ވަޅިއަކުން މުޙައްމަދު ސަމާޙު، އާދަމް ޙަލީމުއަށް ހަމަލާދިނުމުން ލިބުނު އަނިޔާއަށް ފަރުވާ ދެނިކޮށް، އާދަމް ޙަލީމު ނިޔާވެފައިވާތީ، މުޙައްމަދު ސަމާޙު ގަސްތުގައި އާދަމް ޙަލީމު މަރާލިކަމުގެ ކުށުގެ ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ދަޢުވާ ކުރެވުނު މައްސަލައެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި މުޙައްމަދު ސަމާޙުގެ މައްޗަށް ތުހުމަތުކުރެވުނު މަރުގެ ކުށަށް އޭނާ އިޢުތިރާފުވެފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި މީގެ ފަހުން ބޭއްވުނު އަޑުއެހުމެއްގައި މުޙައްމަދު ސަމާޙުއަށް ތުހުމަތުކުރެވުނު ކުށަށް އޭނާ އިންކާރުކުރާ ކަމަށާއި ފުރަތަމަ އަޑުއެހުމުގައި އޭނާ ކުށަށް އިޢުތިރާފުވީ ފުލުހުން އޭނާއަށް ބިރުދައްކައި އަނިޔާކުރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިން ތިބިކަމަށާއި އެ ހެކިން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރަން އެދޭކަމަށް ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި މުޙައްމަދު ސަމާޙުގެ ބުނެފައިވާ ބުނުމުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.
81.2. ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2025] SC 11 މި މައްސަލައަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ކަމްރުލް އިސްލާމް އެގައުމުގެ އެހެން ރައްޔިތެއްކަމަށްވާ މޮނީރުލްއިސްލާމް މާލޭގެ ގެއެއްގެ ތެރޭގައި މަރާލިކަމުގެ ތުހުމަތުކޮށް ކަމްރުލް އިސްލާމުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާ އުފުލުނު މައްސަލައެކެވެ. މި މައްސަލައިގައި ހަވާލާދޭ ތުހުމަތަށް ކަމްރުލްއިސްލާމު ޝަރީޢަތުގައި އިންކާރުކޮށްފައިވެއެވެ. މި މައްސަލައިގައި އޮތީ ކަމްރުލްއިސްލާމު ތަޙުޤީޤުގައިވި އިޢުތިރާފުކަން ކްރިމިނަލް ކޯޓުގެ ޙުކުމަށް ވާޞިލްވި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ. އަދި ކަމްރުލް އިސްލާމްއާއި ކުށުގެ ޢަމަލާ ގުޅުވާލެވޭފަދަ ވަރުގަދަ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާކަމާއި، ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފު ބަޔާނުގައިވާ ބައެއް ކަންކަން ސާބިތުކޮށްދެވުމަކީ، ކަމްރުލް އިސްލާމް ކުށުގެ ޢަމަލު ހިންގިކަމަށް ފުދޭ މިންވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ކަމަށް ބަލައިގަތުމަކީ ޝަރުޢީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތް ކަމަކަށް ނުވާތީ އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމް ކުރިއެވެ. މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ދައުރުވަނީ ތަޙުޤީޤު މަރުހަލާގައި އިޢުތިރާފު ބަޔާންދިން އިރު، ކަމްރުލް އިސްލާމްއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދެވިފައި ނުވުމުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި ކަމްރުލް އިސްލާމް ތަޙުޤީޤުގައި ދިން އިޢުތިރާފު ބަޔާނަށް އިންކާރުކޮށްފައިވެއެވެ. އަދި އޭނާގެ ފަރާތުން ބުނެފައިވަނީ ފުލުހުން އޭނާގެ ކިބައިން އިޢުތިރާފު ބަޔާން ނަގާފައިވަނީ އޭނާއަށް އަނިޔާކޮށް މަޖުބޫރުކުރުވައިގެން ކަމަށެވެ. މި މައްސަލައިގައި ކަމްރުލް އިސްލާމް، މޮނީރުލް އިސްލާމް މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވި ނަމަވެސް، އިޖުރާއީ އައިބުތަކުގެ ސަބަބުން މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ކަނޑައެޅޭނީ ތައުޒީރީ އަދަބެއް ކަމުގައި ސުޕްރީމް ކޯޓުން ނިންމިއެވެ.
82މިހާރު އަހުރެންގެ ކުރިމަތީގައި މިވާ މައްސަލައަށް ބަލާއިރު، ބަޔާންކުރެވުނު މައްސަލަތަކާ ޚިލާފަށް މިއީ ޙަސަން ފަރީދުގެ އިޢުތިރާފުގެ މައްޗަށް ދަށުކޯޓުން އަދި ހައިކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅިފައިވާ މައްސަލައެއް ނޫނެވެ. މި މައްސަލަ ސާބިތުވެފައިވަނީ ހާދިސާ ހިނގި ތަނުގައި ހާޒިރުވެތިބި މަންޒަރު ފެނިފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ހަރުދަނާ ޤަރީނާތަކުންނެވެ.
83އެހެންކަމުން، މިފަދަ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން އަނިޔާލިބުނު ކަމަށް ކުރާ ތުހުމަތު ކޯޓުން ވަޒަން ކުރުމުގައި، މިފަދަ ކުށްތަކަށް ތަޙުޤީޤުގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވާ މީހާއާއި، ތަޙުޤީޤުގައި ހަނުހުރުމުގެ ޙައްޤު ބޭނުންކޮށް ބަޔާނެއް ދީފައިނުވާ މީހާއާއި ތަޙުޤީޤުގައި ނުވަތަ ޝަރީޢަތުގައި ކުށަށް އިންކާރުކުރުމުން، އޭނާގެ މައްޗަށް މިނިވަން ހެކިތަކުގެ އަލީގައި ކުށް ސާބިތުވާ މީހާއާ ދެމެދު ފަރަގެއް އޮންނަންޖެހޭކަމަށް އަހުރެން ދެކެމެވެ.
84ސަބަބަކީ، ފުލުހުންގެ ފަރާތުން އިހާނެތި ޢަމަލެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތެއްގެ ޤާނޫނީ ބުރަދަން ބިނާވެފައި އޮންނާނީ، އެ ޢަމަލުގެ ސަބަބުން ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް އަސަރުކޮށްފައިވާ މިންވަރުގެ މައްޗަށް ކަމަށްވާތީއެވެ. ކުށް ސާބިތުވި މައިގަނޑު އަސާސަކީ، ކުށުގެ ތުހުމަތުވާ ފަރާތުގެ އިޢުތިރާފު ކަމަށްވާނަމަ، އެ އިޢުތިރާފަކީ މަޖުބޫރުކުރުވައިގެން ހޯދާފައިވާ އިޢުތިރާފެއްކަމަށް ބުނެ ކުރާ ތުހުމަތުގެ ސަބަބުން، އެ އިޢުތިރާފުގެ ޞައްޙަކަމާއި އެ އިޢުތިރާފަކީ ކުށް ސާބިތުކުރުމުގެ ވަޞީލަތެއްގެ ގޮތުގައި ބަލައިގަނެވިދާނެ އިޢުތިރާފެއް ކަމާމެދު ސުވާލު އުފެދެއެވެ.
އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ސަމާޙު ޤަޟިއްޔާއާއި ކަމްރުލް އިސްލާމް ޤަޟިއްޔާގައިވެސް ބަޔާންވެފައި އެވަނީ މި ޙާލަތެވެ.
85އެހެންނަމަވެސް، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކުށަށް އިންކާރުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މިނިވަން އަދި ޤާނޫނީ ގޮތުން ބަލައިގަނެވޭ އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށްވާ ނަމަ، އިހާނާތްތެރި ޢަމަލެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ ސަބަބުން، އެ ހެކިތަކުގެ ބާރު ކެނޑިގެން ނުދާނެއެވެ. އަދި އެއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންވަރާމެދު ޝައްކު އުފެދޭނެ ސަބަބެއް ކަމުގައި ބެލެވިދާނެ ޙާލަތެއް ކަމަކަށް އަހުރެން ނުދެކެމެވެ.
86މި މައްސަލައިގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނުކަމަށް ޙަސަން ފަރީދު ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ތަޙުޤީޤުގައި ޤާނޫނީ ވަކީލެއްގެ ފުރުޞަތު ލިބިފައި ނުވާކަމަށް ޙަސަން ފަރީދު ފާހަގަކުރި ނުކުތާއާ ގުޅިގެން، ކަންހިނގާފައިވާގޮތް ސާފުކުރުމުގެ ގޮތުން ޝަރީޢަތުން ކުރި ސުވާލުތަކާ ގުޅުވައިގެންނެވެ. މި މައްސަލަ މީގެކުރިން ސުޕްރީމް ކޯޓުގެ ތިން ބެންޗަކުން ބަލައިފައިވެއެވެ. އަދި މި މައްސަލަ ބެލި ދެވަނަ ބެންޗުން މީގެ ކުރިން މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވެއެވެ. އެހެންނަމަވެސް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނުކަމަށް ސުޕްރީމް ކޯޓު މަރުޙަލާގައި ފުރަތަމަ ފަހަރަށް ޙަސަން ފަރީދު ބުނެފައިވަނީ މި މައްސަލައިގެ ބެންޗު ތިންވަނަ ފަހަރަށް ބަދަލު ވުމާގުޅިގެން ބޭއްވުނު އަޑުއެހުންތަކުގެ ތެރެއިން ތިންވަނަ އަޑުއެހުމުގައެވެ. އެއީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން 27 ސެޕްޓެންބަރު 2026 ގައި ބޭއްވުނު މި މައްސަލައިގެ ނުވަ ވަނަ އަޑުއެހުމެވެ.
87ޙަސަން ފަރީދުއަށް ވަކީލެއްގެ ފުރުޞަތު ލިބިގެންވާކަން އެންގުނުކަމަށް ބަޔާންކޮށްފައިވާ ހައްޔަރުކުރުމާގުޅޭ ސްލިޕްގައި ޙަސަން ފަރީދުއަށް ސޮއިކުރެވިފައި ނުވާ ސަބަބު ސާފުކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން އެދިގެން ދައުލަތުން ހޯދި ލިޔުންތަކުގެ ތެރޭގައި 28 ޖެނުއަރީ 2010 ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދޫކޮށްފައިވާ ދެ ލިޔުމެއް މި ކޯޓަށް ހުށަހެޅިއެވެ.
88އޭގެތެރެއިން އެއް ލިޔުމުގައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށުން ގެނެވުނު ޢުމުރުން 21 އަހަރުގެ މި ފިރިހެންމީހާ އަކީ، ވައަތު އަތްތިލަ ހުޅުމަތިން ކެފިފައިވުމުގެ ސަބަބުން އެފް.އެޗް.ސީ (ފުވައްމުލަކު ޞިއްޙީ މަރުކަޒު) އިން ރިފަރ ކޮށްފައިވާ މީހެކެވެ. އޭނާގެ އަތުގެ ކެފިފައިވާ ތަން މިހާރު ހުރީ ފަހާފައެވެ. ބަލިމީހާގެ އާންމު ޙާލަތު ރަނގަޅު ނޫންކަމުން، މިހާރު އަންނަނީ ރީޖަނަލް ހޮސްޕިޓަލުގެ އޯތޮޕީޑިކް ޑިޕާޓްމަންޓުގައި ފަރުވާ ދެމުންނެވެ. ބަލިމީހާ ބެލިބެލުމުން އޭނާގެ ވައަތުފައި ހަރަކާތް ނުކުރެވޭކަން ފާހަގަކުރެވިފައިވެއެވެ. މިފަދައިންނެވެ.
89ބުނެވުނު ލިޔުމުގެ އިތުރުން 2010 ޖެނުއަރީ 28 ވަނަ ދުވަހުގެ 05:00 ގައި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޙަސަން ފަރީދު ދެއްކިކަން އެނގޭނެ މެޑިކަލް ރިޕޯޓެއް ދައުލަތުން ހުށަހަޅާފައިވެއެވެ. މި ރިޕޯޓުގެ ހިސްޓްރީގައި، މިއީ، ފޭދޫ ޞިއްޙީ މަރުކަޒުން ރިފަރ ކޮށްގެން، ފުލުހުންގެ ބެލުމުގެ ދަށުން ގެނެވުނު މީހެކެވެ. ލަޓިބުރި (ސްޓިކް) އަކުން ހަމަލާދީފައިވާ ކަމުގެ ނިޝާނެއް ހުއްޓެވެ. (ބަލިމީހާ ބުނާ ގޮތުގައި ފުލުހަކު ވަނީ ލަޓިބުރިން އޭނާއަށް ހަމަލާދީފައެވެ.) ބަލިމީހާގެ މައިގަނޑު ޝަކުވާއަކީ ވާތުފައި ހަރަކާތް ނުކުރެވުމެވެ. ކަންފަތް، ނޭފަތް ނުވަތަ އަނގައިން ލޭއައުންފަދަ ކަމެއް ނެތެވެ. އަދި ހޮޑުލުން ނުވަތަ ހޭނެތުން ފަދަ ކަމެއް ދިމާވެފައެއް ނުވެއެވެ. މިފަދައިން ބަޔާންކޮށްފައިވެއެވެ.
90ބަޔާންކުރެވުނު މެޑިކަލް ރިޕޯޓުގައި "ޖެނެރަލް އެގްޒަމިނޭޝަން" މި ސުރުޚީ ގެ ދަށުން "ލިމްބްސް" މި ބައިގައި ބަޔާންކޮށްފައިވަނީ، ބުރަކަށީގެ މަތީބައިގައާއި ވައަތުގެ ނުފުށުގެ އެކި ތަންތަން ނޫފައިގަނެ، މަސްގަނޑަށް އަނިޔާވެފައި.
(1) އަތުގެ މުލައްދަނޑީގެ ތިރީބައިގެ އެތެރެފަރާތުން ދެ ސެންޓިމީޓަރު ހުންނަވަރުގެ ފަހާފައިވާ ޒަޚަމެއް.
(2) ކަނާއަތްތިލަ (ހަންގަނޑުގެ މަތީ ފަށަލަ) އިން ކަނޑައިގެން / މަށައިގެން ގޮސް ފައިވާކަހަލަ ކުދި އަނިޔާތަކެއް.
(3) ކަނާތު ކޮނޑު މަތިން ހަންގަނޑު މަށައިގެން ގޮސްފައި.
(4) ވާތު ފައިގެ ފަލަމަސްގަނޑުގެ ބޭރުފަރާތުން ދުޅަވެ، ނޫފައިގެންފައި.
(5) ވާތު ކަކުލުން ކުޑަކޮށް ހަންގަނޑު މަށައިގެން ގޮސްފައި.
(6) ވާތު ފައިގެ ބޮޑުވައި އިނގިލީގެ ބުޑުންނާއި، ކަނާތު ފައިގެ އިނގިއްޔަކުން ކުޑަކޮށް ހަންގަނޑު މަށައިގެން ގޮސްފައި. މިފަދައިންނެވެ.
91ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޙަސަން ފަރީދު ގެންގޮސް ޑޮކްޓަރަށް ދެއްކުމުގެ ކުރިން، ހާދިސާ ހިނގި ރޭ (27 ޖެނުއަރީ 2010 ގެ 21:32 ހާއިރު) ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ޏ. ފުވައްމުލަކުގައި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ލިބިގެން ޙަސަން ފަރީދުގެ ގެއަށް ދިޔަ ފުލުހުން ތަޙުޤީޤަށް ދީފައިވާ ބަޔާންތަކުން އެމީހުން ޙަސަން ފަރީދުގެ ގެއަށް ދިޔައިރުވެސް ޙަސަން ފަރީދުއަށް ޒަޚަމްތަކެއް ލިބިފައިވާކަން ސާފުވެއެވެ.
92މިގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލ. ކޯޕްރަލް ހާދީ އަޙްމަދު (ސ.ނަންބަރު:1554) އާއި ލ. ކޯޕްރަލް މުޙައްމަދު ރަމީޒު (ސ. ނަންބަރު: 2495) އާއި ކޮންސްޓަބަލް މުޙައްމަދު ޙަމްދޫން ޙުސައިން އާއި 3 (ތިނެއް) މީހުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، މި ތިން މީހުންނަކީ، ޙަސަން ފަރީދު ހައްޔަރުކުރުމަށްޓަކައި ކަރަންކާއާގެ އަށް ވަތް ތިން މީހުންކަމާއި، މީގެ ތެރެއިން ޙަސަން ފަރީދުގެ އަތުގައި ބިޑިއެޅުވީ ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރަމީޒު (ސ. ނަންބަރު: 2495) ކަމާއި، އަނެއް ދެމީހުންނަކީ ޙަސަން ފަރީދުގެ އަތުގައި ހިފަހައްޓާ އެކަމަށް އެހީތެރިވީ ދެމީހުންކަން އެމީހުންގެ ބަޔާންތަކުން އެނގެން އޮވެއެވެ. އަދި އެ ތިން މީހުންގެ ބަޔާނުގައި، އެއް ޢިބާރާތަކުން އަންނަނިވި ޢިބާރާތް ލިޔެފައި ވެއެވެ.
"ޙަސަން ފަރީދު (ގެރިންޕޯ) ދެއަތް ފުރަގަހަށް ބިޑި އެޅުވިއިރު އޭނާގެ ވާއަތަށް ތަދުވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ވާއަތުގެ ކުޑަހުޅުކައިރިން ލޭއައިސްފައި ހުއްޓައި އަޅުގަނޑު ދުށީމެވެ. އަދި ޙަސަން ފަރީދު (ގެރިންޕޯ) ގެ ބުރަކަށީގައި ކަތި ހުރަހަށް ލަޓިބުރިއަކުން ޖެހުމުން ހުންނަ ފާޑަށް ރަތްވެ ހަންމަށައިގެންގޮސްފައިހުރި އަނިޔާގެ ނިޝާންތަކެއް ހުއްޓެވެ."
93މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބްލް ޢަލީ ޝަރީފުގެ ބަޔާނުގައި ބުނެފައިވަނީ، "... އަޅުގަނޑުމެން ފުރަތަމަ ގޮސް ޏ. ފުވައްމުލައް ހޯދަޑު / ކަރަންކާއާގެ ކައިރިޔަށް މަޑުކުރީމެވެ. އަދި އެގޭތެރެއަށްވަނީ ޕޮލިސް ލާންސް ކޯޕްރަލް ހާދީ އަޙްމަދު (ސ.ނަންބަރު:1554) އާއި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރަމީޒު (ސ. ނަންބަރު: 2495) އާއި ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ޙަމްދޫން ޙުސައިން (ސ.ނަންބަރު: 3518)އެވެ. އަޅުގަނޑު މަޑުކުރީ ކަރަންކާއާގެ ބޭރުގައި އެގޭ ކުރިމަތީގައެވެ. ދެން އެގޭ ގޯތި ތެރެއިން އަޑުގަދަވެގެން ވަދެ ބެލިއިރު "ގެރިންޕޯ" އާއި އޭނާގެ ކޮއްކޮ (ޏ. ފުވައްމުލައް/ ހޯދަޑު. ކަރަންކާއާގެ މުޙައްމަދު ޢަލީ) ދެއަތް ފުރަގަހަށް ބިޑިއަޅުވާފައި ހުއްޓެވެ. އެވަގުތު "ގެރިންޕޯ" ގެ މަތިހަށީގައި އެއްވެސް އެއްޗެއް ނެތެވެ. އޭނާ ތިރިން ސޯޓެއް ލައިގެން ހުރި އިރު އޭނާގެ ބުރަކަށީގެ މެދުގައި ހޮޅިބުރިއެއް ނުވަތަ ލަޓިބުރިއެއްފާޑު އެއްޗަކުން ޖެހިފައި ހުރިކަހަލަ ގޮތަކަށް ރަތްވެ އަނިޔާވެ ހަންމަށައިގެން ގޮސްފާ ހުއްޓެވެ. އަދި އޭނާގެ ކޮންމެވެސް އަތެއްގެ (ކޮންއަތެއްކަން ބުނަންނޭނގޭ) ކުޑަހުޅު ކައިރިން ލޭއައިސްފައިވެސް ހުއްޓެވެ.... މުޙައްމަދު ޢަލީ އާއި "ގެރިންޕޯ" އާއި 02 މީހުން ގެންގޮސް ޕިކަޕަށް އަރުވަން އުޅެނިކޮށް "ގެރިންޕޯ" އޭނާގެ އަތުގައި ރިއްސާ ކަމަށާއި، އަދި އޭނާއަށް ޕިކަޕަށް ނޭރޭނެކަމަށް ބުނުމުން އޭނާ ޕިކަޕަށް އެރުވުމަށް އަޅުގަނޑު އެހީވީމެވެ....." މިފަދައިންނެވެ.
94ޏ. ފުވައްމުލައް، ހޯދަޑު. އަލޯހާ، ޢާއިޝަތު ޢަލީގެ ބަޔާނުގައި ބުނެފައިވަނީ، "....އަޅުގަނޑާއި ފިރިމީހާ އާއި ދެމީހުން ޏ. ފުވައްމުލައް / ކަރަންކާއާގެ ކައިރިއަށް ދިޔައިރު އެގޭ ބޭރުފާރު ކައިރީގައި ޙަސަން ފަރީދު މަޑުކޮށްލައިގެން ހުއްޓާ އަޅުގަނޑަށް ފެނުނެވެ. އެވަގުތު އިތުރު ބަޔަކުވެސް (ކޮންބައެއްކަމެއް ނޭނގޭ) ޙަސަން ފަރީދު ކައިރީގައި ތިއްބެވެ. އަޅުގަނޑަށް ޙަސަން ފަރީދު ފެނުނުއިރު އޭނާ ހުރީ ހުސްގަޔާއެވެ. އަދި އޭނާ ހުރީ ތިރިން ޖިންސެއް ނުވަތަ ފަޓުލޫނެއް ލައިގެންނެވެ. އަޅުގަނޑާއި ފިރިމީހާއާއި ދެމީހުން ޏ. ފުވައްމުލައް / ކަރަންކާއާގެ ކައިރިއަށް ދިޔަތަނުން ޙަސަން ފަރީދު ކައިރީގައި ތިބި މީހުންގެ ތެރެއިން މީހަކު (ކާކުކަމެއް ނޭނގޭ) ޙަސަން ފަރީދު އާއި ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުނުމުން ޙަސަން ފަރީދުގެ ގައިގައި މޮހޮރުފިލާގަނޑަކުން މީހަކު ޖެހި ވާހަކަ ޙަސަން ފަރީދު ބުންޏެވެ. އެހެންކަމުން އަޅުގަނޑު ޙަސަން ފަރީދު ގާތުގައި މޮހޮރުފިލާގަނޑަކުން ޖެހުމުން ޙަސަން ފަރީދު ޒަޚަމްވިތޯއާއި ޙަސަން ފަރީދުއަށް ލިބިފައިހުރި ޒަޚަމް ދައްކާލަބަލާށޭ އަޅުގަނޑު ބުނީމެވެ. މިހެން ބުނުމުން ޙަސަން ފަރީދު އޭނާގެ އަތްތިލަ (ކޮންއަތްތިލައެއްކަމެއް ހަނދާނެއްނެތް) އަޅުގަނޑަށް ދެއްކިއެވެ. އަދި އަޅުގަނޑުގެ ފިރިމީހާ ޙަސަން ފަރީދުގެ އަތްތިލައަށް ފިރިމީހާގެ ފޯނުން އަލިކުރިއިރު ޙަސަން ފަރީދުގެ އަތްތިލައަށް (ކޮންއަތްތިލައެއްކަމެއް ނޭނގޭ) މޮހޮރުތަކެއް ވަދެފައިހުރިކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އެވަގުތު ޙަސަން ފަރީދުގެ އަތްތިލައިން (ކޮންއަތްތިލައެއްކަމެއް ނޭނގޭ) ޒަޚަމްވެފައިހުރި ތަންތަނުން ލޭއަންނަމުންދިޔަތަންވެސް އަޅުގަނޑަށް ފެނުނެވެ." މިފަދައިންނެވެ.
95ޏ. ފުވައްމުލައް، ހޯދަޑު. ރާހަތު، އާމިނަތު އިބްރާހީމްދީދީގެ ބަޔާނުގައި ބުނެފައިވަނީ، "....ޙަސަން ފަރީދު "ސިލްވަރ ސްޓާރ 2" ފިހާރައަށް އައިސް އަޅުގަނޑު ގާތުގައި 05 މަލްބަރޯ ހާރޑް ސިނގިރޭޓް ދޭން ބުނުމުން އަޅުގަނޑު 05 ސިގިރޭޓް ނަގާ އޭނާއަށް ދިއްކުރުމުން ޙަސަން ފަރީދު ސިނގިރޭޓުގައި ހިފީ އޭނާގެ ވާއަތުންނެވެ. އެވަގުތު ޙަސަން ފަރީދުގެ ކަނާއަތު އަތްތިލަ ޒަޚަމްވެފައިހުއްޓާ އަދި އޭނާގެ ކަނާތު އަތްތިލައިން ލޭއަންނަމުން ދިޔަތަން އަޅުގަނޑަށް ފެނުނެވެ. އެހެންކަމުން އަޅުގަނޑު ޙަސަން ފަރީދު ގާތުގައި އޭނާގެ ކަނާތު އަތްތިލަ ޒަޚަމްވެފައި ހުރީ ކީއްވެގެންތޯ ސުވާލުކުރުމުން ޙަސަން ފަރީދު އަޅުގަނޑު ގާތުގައި އޭނާގެ ކޮއްކޮ މުޙައްމަދުގެ ގައިގައި ދޫޑިގަން ހަތަރު އަނގޮޅި ކަންމަތީގައި ތިބޭ ގްރޫޕުން ތަޅައިގަތް ވާހަކަ މުޙައްމަދު އައިސް އޭނާ ގާތުގައި ބުނިކަމަށާއި އެހެންކަމުން ޙަސަން ފަރީދު ދޫޑިގަން ހަތަރު އަނގޮޅި ކަންމައްޗަށް ދިއުމުން އެތަނުގައި ތިބި ގްރޫޕްގެ މީހުންގެ ތެރެއިން އެކަކު (ކާކުކަމެއް ނުބުނޭ) މޮހޮރުފިލާގަނޑަކުން ޙަސަން ފަރީދު ގައިގައި ޖެހިކަމަށް ޙަސަން ފަރީދު އަޅުގަނޑު ގާތުގައި ބުންޏެވެ...." މިފަދައިންނެވެ.
96މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ މީހުންގެ ތެރެއިން، ސިއްރު ހެކިވެރިޔާ (5) މައްސަލައިގެ ތަޙުޤީޤަށް 31 ޖެނުއަރީ 2010 ގައި ދީފައިވާ ބަޔާނުގެ ދެވަނަ ޞަފްޙާގައި، "އެވަގުތު "ގެރިންޕޯ" މުޙައްމަދު ހާމްގެ ގަޔަށް ވަޅި ހެރުމަށްފަހު ދުވެފައި އިބްރާހީމް ސަޢީދުއާ ދިމާއަށް ދިއުމުން، އިބްރާހީމް ސަޢީދު މޮހޮރު ޖަހާފައިވާ ފިލާގަނޑެއް ނެގުމަށްފަހު "ގެރިންޕޯ" ގެ މޫނު މައްޗާއި ދިމާއަށް އެއްފަހަރު ހޫރުވާލިތަން އަޅުގަނޑަށް ފެނުނެވެ. އަދި އެވަގުތު ދޫޑިގަން ހަތަރު އަނގޮޅި ކަންމަތީގައި ތިބި އިތުރު ބަޔަކު (ކޮންބައެއްކަމެއް ނޭގޭ) "ގެރިންޕޯ" އާއި "ނޯތު" އާއި "ނިއުބެ" އާއި "މަދިރު" އާއި ދިމާއަށް ލަކުނޑިބުރި ހިފައިގެން ގޮސް އެމީހުންގެ ގައިގައި ތަޅަން ފެށުމުން "ގެރިންޕޯ" އާއި "ނޯތު" އާއި "ނިއުބެ" އާއި "މަދިރު" އާއި 04 މީހުން ދުވެފައިގޮސް ސައިކަލަށް އަރައިގެން އަވަހަށް އެތަނުން ދިޔައީއެވެ." މިފަދައިން ބުނެފައި ވެއެވެ.
97މި މައްސަލައިގެ ތަޙުޤީޤަށް ބަޔާން ދީފައިވާ ގދ.ފަރެސްމާތޮޑާ / މާތޮޑާއަވަށް، ހީނާމާގެ، މުޙައްމަދު ޝަރީފް 31 ޖެނުއަރީ 2010 ގައި މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައިވާ ބަޔާނުގެ ދެވަނަ ޞަފްޙާގައި، "އަދި އަޅުގަނޑުގެ ކަނާއަތަށް ވަޅިހެރިފައި ހުއްޓާ "މަދިރު" ވަޅި އަނބުރާލުމަށްފަހު ދަމައިގަތެވެ. އެވަގުތު ދޫޑިގަން ހަތަރު އަނގޮޅި ކަންމަތީގައި ތިބި ބައެއް މީހުން (ކޮންބައެއްކަމެއް ނޭގޭ) "ގެރިންޕޯ" އާއި "ނޯތު" އާއި "ނިއުބެ" އާއި "މަދިރު" އާއި ދިމާއަށް ލަކުނޑިބުރިއާ ދަގަނޑުބުރިފަދަ ތަކެތި ހިފައިގެން ދުވެފައި އައިސް "މަދިރު" އާއި "ނޯތު" އާއި "ނިއުބެ" އާއި "ގެރިންޕޯ" އާއި ދިމާއަށް ހޫރުވައި އެމީހުންގެ ގައިގައި ތަޅަން ފެށިއެވެ. އެހެންކަމުން "މަދިރު" އާއި "ނޯތު" އާއި "ނިއުބެ" އާއި "ގެރިންޕޯ" އާއި 04 މީހުން ދުވެފައިގޮސް ސައިކަލަށް އަރައިގެން އަވަހަށް އެތަނުން ދިޔައީއެވެ." މިފަދައިން ބުނެފައި ވެއެވެ.
98މާރާމާރީގެ ހާދިސާ ހިނގިތާ އެއްދުވަސް ފަހުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓުގައި ޙަސަން ފަރީދުއަށް ލިބިފައިވާ އަނިޔާތަކަކީ ފުލުހުންގެ ފަރާތުން ޙަސަން ފަރީދުއަށް ލިބިފައިވާ އަނިޔާތަކެއް ކަމަށް ޙަސަން ފަރީދު ބުނެފައި ވާއިރު، މި މައްސަލައިގައި ޙަސަން ފަރީދު ހައްޔަރުކުރެވިފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ގުރޫޕް މާރާމާރީއަކަށް ފަހުކަން އެނގެއެވެ. އެހެންކަމުން ޙަސަން ފަރީދަށް ލިބިފައިވާކަމަށް މެޑިކަލް ލިޔުންތަކުން ފެންނަން އޮންނަ އަނިޔާތަކަކީ ގްރޫޕް މާރާމާރީގައި ލިބިފައިވާ އަނިޔާތަކެއްކަން މި މައްސަލައިގައި ހަވާލާދެވުނު ތަޙުޤީޤު ބަޔާންތަކަށް ބެލުމުން އަހުރެންނަށް ބުރަވެވެއެވެ.
99އެހެންކަމުން، ބުނެވުނު ލިޔުމުގައި ޙަސަން ފަރީދު ސޮއިކޮށްފައި ނެތީ ޙަސަން ފަރީދުގެ އަތަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންކަމަށް ބޮޑަށް ބުރަވެވޭތީއާއި، ބުނެވުނު ލިޔުމުގައިވާ މަޢުލޫމާތު ދޮގުކުރެވޭނެ އިތުބާރު ހުރި ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ޙާލަތުގައި ޙަސަން ފަރީދު ބުނާ ބުނުމަށް އެކަނި ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ކަނޑައެޅިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވުނެވެ.
100އެހެންނަމަވެސް މި މައްސަލައިގައި، ޙަސަން ފަރީދު ހައްޔަރުކުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބުނުކަމަށް އޭނާ ބުނެފައިވާ ހިނދު، އަދި މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ޙަސަން ފަރީދު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ފަރާތުން އޭނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއަށް ގެންދިއުމުން، އެ ހޮސްޕިޓަލުން އެކުލަވާލާފައިވާ މެޑިކަލް ރިޕޯޓު ގައި، ޙަސަން ފަރީދުގެ ފަރާތުން އޭނާއަށް ލިބިފައިވާ އަނިޔާތަކަކީ ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކެއްކަމުގައި އޭނާ ބުނެ، އެކަން ރެކޯޑުކޮށްފައިވާއިރު، ޙަސަން ފަރީދުގެ ފަރާތުން ކުރި މި ތުހުމަތުތަކާގުޅޭ އެއްވެސް ތަޙުޤީޤެއް ކުރިއަށް ގެންގޮސްފައިވާކަން އެނގޭން ނެތަތީ، މި ނުކުތާ އަހުރެން މިތަނުގައި ފާހަގަކުރުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފަރާތުން ކޮންވެންޝަން އަގައިންސްޓް ޓޯޗަރ ގައި ސޮއިކޮށް، ދިވެހިރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ގޮތުން ޤާނޫނަކަށް ޢަމަލުކުރަން ފަށައި، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައަޅާފައިވާއިރު، ފުލުހުންގެ ފަރާތުން ބަންދުކޮށްފައިވާ މީހެއްގެ ފަރާތުން އޭނާއަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާކަމުގައި ބުނާނަމަ، އެކަމަކީ ބަލަންޖެހޭ ކަމެއްކަން ފާހަގަކުރުމެވެ. އަދި އެގޮތަށް ޢަމަލުކުރުމަކީ، ޤާނޫނުއަސާސީއިން އެފަދަ ޒިންމާތައް “Referred from Feydhoo Health Center. Brought by police. History of assault (beaten by police according to the patient) with sticks. Complaint of unable to move left leg. No history of ENT bleeding, vomiting, loss of consciousness.”
މަތިކޮށްފައިވާ އިދާރާތަކުގެ ޒިންމާދާރުކަން އިތުރުވާނެ ކަމެކެވެ. އަދި އެފަދަ ނޭދެވޭ ޢަމަލުތައް ތަކުރާރު ނުކުރުމަށް އެޅިގެންދާނެ ބާރެކެވެ. އަދި އޭގެ ސަބަބުން އެ އިދާރާތަކުގެ އިތުބާރުބޮޑުވެގެންދާނެ ކަމެއްކަމުގައި ފާހަގަކުރަމެވެ.
މީހަކު މަރާލުމުގެ ތުހުމަތުގައި ތަޙުޤީޤުގައި ސުވާލުކޮށްފައި ނުވާކަމަށް ބުނުން
101ބަޔާންކުރެވުނު މާރާމާރީއާ ގުޅިގެން ފުލުހުން ޙަސަން ފަރީދު ހައްޔަރުކޮށް ތަޙްޤީޤުކުރިއިރު މީހަކު މަރާލުމުގެ ތުހުމަތުކޮށް ތަޙުޤީޤުކޮށް ސުވާލު ކޮށްފައި ނުވާކަމަށާއި މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފަށްކަމަށްބުނެ ޙަސަން ފަރީދު އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިއެވެ. ނަމަވެސް އެ ނުކުތާއާ ގުޅިގެން އޭނާގެ ފަރާތުން އިތުރު އެއްވެސް ތަފްސީލެއް ހުށަހަޅާފައިނުވެއެވެ.
102HN6ޙަސަން ފަރީދުގެ ހުށަހެޅި މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ޙަސަން ފަރީދުގެ ފަރާތުން ތަޙުޤީޤުގައި ހަނު ހުރުމަށް އިޚްތިޔާރުކޮށްފައިވާކަން ފާހަގަވެއެވެ. ކުށުގެ ތުހުމަތުގައިވާ މީހަކު ހަނުހުރުމަށް އިޚްތިޔާތުކުރުމުގެ ނަތީޖާއަކީ އެ މީހަކާ އިތުރަށް ސުވާލުކުރުމަށް ހުރަސްއެޅޭ ޙާލަތެއްކަން ފާހަގަކުރަމެވެ. އެހެނީ، ހަނުހުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތަކާއި ސުވާލުކުރި ނަމަވެސް އެއިގެ ޖަވާބެއް ނުލިބޭނެތީއެވެ. އަދި އެފަދަ ޙާލަތެއްގައި ސުވާލުކުރުމަށް މަސައްކަތްކުރުމަކީ އެއިގެ ޒާތުން ވަގުތު ގެއްލުމުގެ އިތުރުން މައްސަލައާ ގުޅިގެން ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް މަސައްކަތްކުރުމުގެ ތުހުމަތެއް އުފެދިދާނެ ކަމެއްވެސް މެއެވެ.
103މީގެ އިތުރުން، ސ. ފޭދޫ ކޯޓުން 28 ޖެނުއަރީ 2010 ދުވަހު ޙަސަން ފަރީދު ބަންދުކުރުމަށް ނެރުނު ކޯޓު އަމުރު ގައި، ޙަސަން ފަރީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޙަވާލާދީ، މި މައްސަލައަކީ ތޫނު ހަތިޔާރަކާއެކު ހިންގާފައިވާ މާރާމާރީއަކަށްވާތީ އާއި، މި މާރާމާރީގެ ސަބަބުން މީހަކު ނިޔާވެފައިވާތީ" މިފަދައިން ބަޔާންކޮށްފައި އޮތުމުން، ޙަސަން ފަރީދުގެ މައްޗަށް ކުރެވުނު ތަޙުޤީޤުގެ ތެރޭގައި މަރުގެ ތުހުމަތު ހިމެނޭކަން ސާފުވެއެވެ.
104އެހެންކަމުން، ޙަސަން ފަރީދުގެ މައްޗަށް މީހަކު މަރާލުމުގެ ތުހުމަތުކޮށް ތަޙުޤީޤައި ސުވާލު ކޮށްފައި ނުވާކަމުގައި ބުނެ ހުށަހަޅާފައިވާ މި ނުކުތާއަކީ ކަން ހިނގާފައިވާ ގޮތް އެކުގައި ހާމަކުރުމެއް ނެތި ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި ބުރަވެވުމުގެ އިތުރުން، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބެލުމުން، ޙަސަން ފަރީދު ހުށަހަޅާފައިވާ މި ނުކުތާ ސާބިތުވާކަމަށް އަހުރެންނަށް ނުފެނެއެވެ.
ޢަބްދުﷲ ޝުހާދު ނިޔާވީ މުއްތަހަމުގެ ޢަމަލުގެ ނަތީޖާއިންތޯ ބެލުން
105މި މައްސަލައިގައި ހުށަހެޅުނު ޝަފަހީ ހެކިންގެ ހެކިބަހަށާއި އެ ހެކިން ތަޙުޤީޤުގައި ދީފައިވާ ބަޔާންތަކާއި، މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްކުރާއިރު، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުންކަން އެނގެން އޮވެއެވެ.
106މިގޮތުން، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ ޙަސަން ފަރީދުގެ ޢަމަލުގެ ނަތީޖާއިންތޯ ބަލާއިރު، ބުނެވުނު ހެކިންގެ ހެކިބަހުންނާއި ތަޙުޤީޤު ބަޔާންތަކުންނާއި މި މައްސަލައިގައި ހުށަހެޅުނު މެޑިކަލް ލިޔުންތަކުން ޙަސަން ފަރީދުއާ މި މައްސަލައާ ހުރި ގުޅުމާގުޅޭ ގޮތުން އަހުރެންނަށް ތިން ކަމެއް ސާފުވެއެވެ.
(1) މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅުނު ހަތް ހެކިންގެ ހެކިބަހަށް ބަލާއިރު ޢަބްދުﷲ ޝުހާދަށް ހަމަލާދިން ވަގުތު ހަމަލާދިން ތަނުން ޙަސަން ފަރީދު ފެނުނު ކަމަށް ބުނާ ބުނުމެވެ.
(2) ޢަބްދުﷲ ޝުހާދަށް ޙަސަން ފަރީދު ހަމަލާދީފައިވަނީ ޢަބްދުﷲ ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅިންކަމާއި، އަދި ޙަސަން ފަރީދު ފިޔަވައި ޢަބްދުﷲ ޝުހާދުއަށް ވަޅިން ހަމަލާ ދިން އިތުރު ފަރާތެއް މިއިން އެއްވެސް ހެކިވެރިއަކު ފާހަގަކޮށްފައި ނުވާކަމެވެ.
(3) ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓުގައި ޢަބްދުﷲ ޝުހާދަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލްގައި ތޫނު އެއްޗެއް ފުންކޮށް މޭގެ ކަނާތް ފަރާތަށް ހަރައި ޒަޚަމް ކޮށްލާފައިވާކަމާއި އޭގެ ސަބަބުން މޭގެ މަސްގަނޑު ފޫއަޅުވައި ކަނާއަތު ފުއްޕާމެއާއި ޑައިފްރަމް އަށް އަނިޔާވެފައިވާ ކަމަށް ބަޔާންކޮށްފައިވުމެވެ.
މެރުމުގެ ގަސްތު މުއްތަހަމުގެ ކިބައިގައި އޮތްތޯ ބެލުން
107HN7މަރާލެވުނު މީހާ މެރުމުގެ ގަސްތު، މުއްތަހަމުގެ ކިބައިގައި އޮތްތޯ ބަލާނީ އެމީހާ މަރާލުމުގެ ޢަމަލު ހިންގި ގޮތަށާއި އެ ޢަމަލުކުރުމަށް ރޭވިރޭވުމަށާއި ހަމަލާދީފައިވާތަނާއި ހަމަލާ ދިނުމަށް ބޭނުންކުރި އާލަތަށާއި ހަމަލާދީފައިވާ ގޮތަށް ބަލައިގެންނެވެ.
108މި ހާދިސާގައި މަރުވި ޢަބްދުﷲ ޝުހާދަށް ހަމަލާ ދިނުމަށް ޙަސަން ފަރީދު، އިތުރު ބަޔަކާއެކު އައި އިރު، ވަޅި ހިފައިގެން އައިސްފައިވުމުން، އަނިޔާވެރި ޢަމަލެއް ހިންގުމަށް ކުރިއާލާ ރާވައި ތައްޔާރުވެފައިވާކަން އެނގެއެވެ. އަދި ހަމަލާ ދީފައިވަނީ އުފެދިފައިވާ ޚިލާފާމެދު އެއްވެސް ވަރަކަށް ވާހަކަ ދެއްކުމެއްނެތި ވަރަށް ކުއްލިގޮތަކަށް ލާއިންސާނީކޮން ކަމާއި، ހަމަލާ ދީފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ހަށިގަނޑަށް ހަމަލާ ދީފިނަމަ އެމީހެއްގެ ފުރާނައަށް ގެއްލުން ވެދާނެ ތަނަކަށް ކަމާއި، މިހަމަލާގެ ސަބަބުން ޢަބްދުﷲ ޝުހާދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމާއި މި އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ޢަބްދުﷲ ޝުހާދު ނިޔާވެފައިވާކަން އެނގެން އޮތަތީ، ޢަބްދުﷲ ޝުހާދަށް ހަމަލާދީފައިވަނީ އޭނާ މަރާލުމުގެ ނިޔަތުގައިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
މުއްތަހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިދާނެތޯ؟
109އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށްތައް ސާބިތު ކުރާނެ މިންގަނޑާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަދަބު ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް އެކުށެއް ސާބިތުވެއްޖެ ނަމައެވެ.
110މި މައްސަލައިގައި ހެކިބަސް ދިން ޝަފަހީ ހެކިންގެ ހެކިބަހުގައި ޝައްކުއުފެދޭ ކަންތައްތަކެއް ހުރުމުން އެ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ޙަސަން ފަރީދު ފާހަގަކުރެއެވެ. މިގޮތުން ހެކިވެރިންނާ ދައުލަތުގެ ވަކީލު ކޮށްފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގައި، (ސުވާލު އަމާޒުކުރެވުނު ވަކި ޚާއްޞަކަމަކާ ގުޅޭގޮތުން) ގިނަ ދުވަސްވުމުގެ ސަބަބުން އެހާރަނގަޅަށް ހަނދާން ނެތްކަމަށާއި، ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި އެކަމުގެ ތަފްސީލު އޮންނާނެކަމަށް ބުނެފައި، ހަމަ އެ ހެކިވެރިންނާ (ދައުލަތުގެ ވަކީލު ކުރި ސުވާލާ ތަފާތު ސުވާލެއް) ޙަސަން ފަރީދު ސުވާލުކުރުމުން ހަނދާންހުރި ކަމަށްބުނެ ޖަވާބު ދީފައިވުން، އެއީ އެ ހެކީންގެ ހެކިބަހުގައިހުރި ފުށުއެރުމެއްކަމަށް ޙަސަން ފަރީދު ފާހަގަކޮށްފައި ވެއެވެ. ހެކިބަހުގައި ހުރި ފުށުއެރުންތައް ކަމަށްބުނެ ޙަސަން ފަރީދު ފާހަގަކުރާ ކަންތައްތަކަކީ ފުށުއެރުންތަކެއް ނޫނެވެ. ދެ ފަރާތަކުން ހެކިވެރިންނާ ކުރިމަތި ކުރާ ސުވާލު ތަފާތުވުމުން، އެއް ސުވާލަށް ހަނދާންހުރި މިންވަރަކުން ޖަވާބުދީފައި، އަނެއް ސުވާލަށް ތަޙުޤީޤު ބަޔާނުގައި ތިވާހަކަ ތަފްސީލުކޮށް އޮންނާނެކަމަށް ބުނުމަކީ، ހެކިބަހުގައި ހުރިފުށު އެރުމެއް ނޫނެވެ. ބަޔާންތަކުގެ މެދުގައި ފުށުއެރުމެއް ނުވަތަ އިޚްތިލާފެއް އޮތްކަމަށް ކަނޑައެޅޭނީ، ހަމައެކަނި ކުރެވުނު ސުވާލުތަކުގެ ތަފާތަށް ނުވަތަ ދެވުނު ތަފްސީލުގެ މިންވަރަށް ނުވަތަ ޖަވާބު ދީފައިވާ ގޮތަށް ބަލައިގެންނެއް ނޫނެވެ. އެހެންނަމަވެސް ހެކިންގެ ބަޔާންތަކުގައި ޙަޤީޤީ އަދި މައުޟޫޢީ ގޮތުން ފާހަގަކުރެވޭ ފުށުއެރުމެއް އޮތްކަން ސާބިތުކޮށްދީގެންނެވެ.
111އެހެންކަމުން، ހެކިބަސް ވަޒަންކުރަންވާނީ އެ ހެކިބަސް ދެވުނު މަޙައްލަށާއި ޙާލަތަށް ރިޢާޔަތްކޮށްގެންނެވެ. އަދި ހެކިބަހުގައި ފުށުއެރުމެއް އޮތްކަމަށް ނިންމާންވާނީ، ހެކިބަސް ދިނުމުގެ އުޞޫލުތަކާ އެއްގޮތަށް އޭގައި ޙަޤީޤީ އަދި މައުޟޫޢީ ފުށުއެރުމެއް އޮތްކަން ސާބިތުވާނަމަ އެކަންޏެވެ.
112ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގެ އިބާރާތަށް ބަލާއިރު އެ އިބާރާތުގައި "މީހެއްގެ މައްޗަށް މަރުގެ ޙުކުމްކުރުމަށްޓަކައި ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެ" ކަމަށާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ސާބިތުކޮށްދޭން ވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ.
113ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ ޢަމަލީގޮތުން ޔަޤީންކުރެވޭ މިންގަނޑުކަން ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އިން އެނގޭއިރު، އެ މިންވަރަކީ އިސްލާމީ ޝަރީޢަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަން އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގެއެވެ. އެހެންކަމުން، 1204 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މިންވަރު ހާސިލުވުމުން މަރުގެ މައްސަލަތައް ސާބިތުކުރަން ފުދޭކަން އެނގެއެވެ.
114މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޢަބްދުﷲ ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅިއެއް ހަރާލީ، ޙަސަން ފަރީދުކަން، ކްރިމިނަލް ކޯޓުގައި ހެކިބަސްދީފައިވާ ހުރިހާ ހެކީންގެ ހެކިބަހުން ސާފުކޮށް އެނގެއެވެ. އަދި ޢަބްދުﷲ ޝުހާދު މަރުވި ސަބަބަކީ، ޙަސަން ފަރީދު އޭނާއަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ތޫނު އެއްޗެއް ފުންކޮށް މޭގެ ކަނާތް ފަރާތަށް ހެރި ޒަޚަމްވުމުގެ ސަބަބުން މޭގެ މަސްގަނޑު ފޫއެޅި، ކަނާއަތު ފުއްޕާމެއާއި ޑައިފްރަމް އަށް އަނިޔާވެފައި ވުންމުންކަން ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓުން ސާފުކޮށް އެނގެން އޮންނާތީ، ޙަސަން ފަރީދުގެ ކުށުގެ ޢަމަލާއި ޢަބްދުﷲ ޝުހާދު މަރުވި ސަބަބާއި ގުޅިލާމެހިފައިވާކަން އެނގެއެވެ.
115އެހެންކަމުން، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ ޙަސަން ފަރީދުގެ ރަޙުމުކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިންކަން ހުށަހެޅިފައިވާ ހެކިންގެ ހެކިބަހަށާއި ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރިޕޯޓަށް ރިޢާޔަތްކުރާއިރު އެނގެން އޮންނާތީ، ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން އިސްލާމީ ޝަރީޢަތުގައި މިފަދަ ކުށްތައް ސާބިތުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުން ޙަސަން ފަރީދުގެ މައްޗަށް، ޙައްޤަކާނުލައި ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއެވެ.
116ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށް ޙަސަން ފަރީދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތުގެ ގޮތުން އޭރު ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޙަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަގޮތް
117އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
118މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
119މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
120މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
121މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ޙަސަން ފަރީދުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތު ވާކަމަށް ކަނޑައަޅައި، ޙަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާ އިން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
ޙުސައިން ޝަހީދު
މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A277363
- ޢަބްދުﷲ ޝުހާދުގެ މެޑިކޯލީގަލް ރިޕޯޓް
- މަރުވާ މީހުންގެ މަޢުލޫމާތު ފޯމް (މިނިސްޓްރީ އޮފް ހެލްތު) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤު ކުރި ފަރާތުގެ ބަޔާން
- ދައުލަތުގެ ފަރާތުން 09 ހެއްކެއް ޝަރީޢަތަށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. މިހެކިންގެ ނަމާއި އެޑްރެސް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ޝަރީޢަތަށް ހާޒިރުކުރެވުނު 07 ހެކިންގެ ފަރާތުން ހެކިބަސް ލިބިފައިވާތީ އިތުރު ހެކިން ހާޒިރުކުރަން ދައުލަތުން ބޭނުންނުވާކަމަށް، ދައުލަތުން ބުނެފައިވާކަން ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ހެކިބަސް ނެގުނު 07 (ހަތެއް) ފަރާތުގެ އައިޑެންޓިޓީ ސިއްރުކުރެވިފައެވެ. މި ފަރާތްތަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ހެކިވެރިޔާ ނަންބަރު (1)، ހެކިވެރިޔާ ނަންބަރު (2)، ހެކިވެރިޔާ ނަންބަރު (3)، ހެކިވެރިޔާ ނަންބަރު (4)، ހެކިވެރިޔާ ނަންބަރު (5)، ހެކިވެރިޔާ ނަންބަރު (6)، ހެކިވެރިޔާ ނަންބަރު (7)، މި ގޮތަށެވެ.
- ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާފައިވަނީ ދައުލަތުގެ އެދުމުގެ މަތިން ކާކުކަން ނޭނގޭގޮތަށްކަމަށް ވީނަމަވެސް މި މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅަމުން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހުގައި ހާމަކޮށްފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޚުލާސާބަޔާނަށް ބެލުމުން އެނގޭކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 22 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.
- ހައިކޯޓުގެ ނަންބަރު 2014/HC-A/28, 2011/HC-A/58, 2013/HC-A/191
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާ
- ޙަސަން ފަރީދު ދަށުކޯޓުގައި ހެކިބަސް ދިންފަރާތުގެ ހެކިބަހާމެދު އުފައްދާ ޚިލާފްތަކަކީ، (ހ) ހެކިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން ޙަސަން ފަރީދު، ޢަބްދުﷲ ޝުހާދުގެ ބަންޑަށް ވަޅި ޖެހިކަމަށް ބުނެފައިވާއިރު، ބައެއް ހެކިވެރިން ވަޅި ދަމާލީ ކަމަށް ބުނެފައިވުން އަދި ވަޅި ހެރިކަމަށް ބުނެފައިނުވުން. (ށ) ވަޅި ހެރި ގޮތުގެ ތަރުތީބު ކިޔައި ދިނުމުގައި ހެކިވެރިންގެ ފުރުށުއެރުންތަކެއް ހުރުން
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާ
- އބމ
- އބމ
- އބމ
- ކްރިމިނަލް ކޯޓުގެ ނަންބަރު 1113/Cr-C/2010 (2010/JC/1055) ޤަޟިއްޔާ
- މުއްތަހަމުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ޙުކުމް ކުރިއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރިއިރު، ޢަމަލު ކުރަމުން ދިޔައީ ޤާނޫން ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށެވެ. އަދި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިމިފައިވަނީ 10 މޭ 2016 ގައެވެ. އެ މައްސަލަ ނިނުމުއިރު މިހާރު އަމަލު ކުރަމުންދާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
- ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ގެ (ހ)
- ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ގެ (ށ)
- ޤާނޫނު ނަންބަރު 9/2014
- އބމ
- އބމ
- އިސްރާއު ސޫރަތުގެ 33ވަނަ އާޔަތް
- ޝާފިޢީ މަޒްހަބް އަދި ހަންބަލީ މަޒްހަބް ގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މަރުގެ ކުށް ބެހިގެންވަނީ 03 ބަޔަށް ކަމަށެވެ.
- ނަވަނީ އިމާމްގެ منهاج الطالبين النووي ރިފަރެންސް އެއްގެ ގޮތުގައި ބަލައިފައިވާނެއެވެ.
- ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް
- (أخرجه الترمذي ( 732 )، وأحمد ( 2693))
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ގެ (ށ) ގައި ބަޔާންކުރަނީ، އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް އައިސްފާނެފަދަ ކުށަކަށްވާ އިޢުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެ ކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައިވެފައިވާ އިޢުތިރާފަކަށް ނުވާހާހިނދަކު އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިޢުތިރާފު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
- ޤާނޫނު ނަންބަރު 9/2014
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، "... މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ." ޙަނަފީ މަޒްހަބްގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމީ ޤައުމެއްގައި ދިރިއުޅޭ މުސްލިމުންނަކީ ލޭގެ ރައްކާތެރިކަންލިބިގެންވާ ބަޔެކެވެ. މި ހަމައިން ބަލާއިރު މި ހާދިސާގައި މަރުވި ޢަބްދުﷲ ޝުހާދަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ މީހެކެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/84 ޤަޟިއްޔާ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A281742، ޏ. ފުވައްމުލައް، ޒަމާނީވިލާ
- د. شردود الطيب، القصاص في جرائم القتل العمد واجب شرعي تحول إلى مطلب شعبي، https://www.asjp.cerist.dz/en/downArticle/457/4/2/107172
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 22 ވަނަ ޞަފްޙާ. (13 މާރޗް 2016 ގެ މަޙްޟަރު ބަޔާން)
- ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 (1054/JC/2010) ޤަޟިއްޔާ
- ޤާނޫނު ނަންބަރު 9/2014
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/95 ޤަޟިއްޔާ
- ކްރިމިނަލް ކޯޓުގެ ނަންބަރު 1112/Cr-C/2010 ޤަޟިއްޔާ ގައި 14 މާރޗް 2013 ގައި ޙަސަން ފަރީދު ދީފައިވާ ބަޔާން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/110 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/95 ޤަޟިއްޔާ
- “21 year old man brought by police, referred from F.H.C as #left wrist with cut injury left wrist already sutured. General condition of patient is poor and taking treatment in HRH under orthopedic department. On examination he is unable to move his left leg.”
- “Referred from Feydhoo Health Centre. Brought by police. History of assault (beaten by the police person according to the patient) with sticks. Complaint of unable to move left leg. No history of ENT bleeding, vomiting, loss of consciousness.”
- “Multiple contusion and bruises over the upper back and posterior aspect of left arm. 1. Two centimeter sutured lacerated wound medial aspect lower 1/3 forearm. 2. Multiple small cut injuries (super facial) over the right hand palmar aspect. 3. Abrasion over anterior aspect of right shoulder. 4. Contusion and bruise over lateral aspect of the left thigh. 5. Small abrasion over left knee. 6. Small abrasion over base of left great toe, right toe.”
- ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު HRH/MR/2010/19 (28 ޖެނުއަރީ 2020) މެޑިކަލް ރިޕޯޓު (ތައްޔާރުކޮށްފައިވާ ގަޑި: ހެނދުނު 5.00)
- އެ ރިޕޯޓުގައި "ހިސްޓްރީ" މި ފަދައިން އޮތް ބައިގައި އަންނަނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. “Referred from Feydhoo Health Center. Brought by police. History of assault (beaten by police according to the patient) with sticks. Complaint of unable to move left leg. No history of ENT bleeding, vomiting, loss of consciousness.”
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/41 ޤަޟިއްޔާއާ ގުޅިގެން 27 ސެޕްޓެމްބަރ 2026 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރުގެ 9 ވަނަ ސަފުހާ.
- Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment
- ޖެނުއަރީ 2010 ދުވަހު ޙަސަން ފަރީދުގެ ފަރާތުން ހަނުހުންނަން ބޭނުންކަމަށް ބުނެ ދީފައިވާ ބަޔާން (ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 61 ވަނަ ސަފުހާ)
- ސ. ފޭދޫ ކޯޓުގެ ނަންބަރު A-026/2010 (28 ޖެނުއަރީ 2010) "ކޯޓު އަމުރު" (މި އަމުރަކީ 22 އޮގަސްޓް 2021 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ދަޢުވާ ކުރާ ފަރާތުގެ ހައްޔަރާ ގުޅޭ ލިޔުންތައް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދެންނެވުމުން އެ އޮފީހުން 20 ސެޕްޓެންބަރު 2021 ގައި ސިޓީއަކުން (ނަންބަރު 196-A1/197/2021/96) މި އޮފީހަށް ހުށަހެޅި ލިޔުންތަކުގައި ހިމެނޭ ބަންދު އަމުރެވެ.)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ 2 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
- ▶ ވީޑިއޯ 1
- ▶ ވީޑިއޯ 2
- ▶ ވީޑިއޯ 3
- ▶ ވީޑިއޯ 4
- ▶ ވީޑިއޯ 5
- ▶ ވީޑިއޯ 6
- ▶ ޝަރީޢަތުގެ އަޑުއެހުން 7
- ▶ ޝަރީޢަތުގެ އަޑުއެހުން 8
- ▶ ޝަރީޢަތުގެ އަޑުއެހުން 9
- ▶ ޝަރީޢަތުގެ އަޑުއެހުން 9
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.