މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2017/HC-A/178، 1153/Cr-C/2010
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޕްރޮސިކިއުޓަރ ޖެނެރަލް މުޙައްމަދު ނަޖާޙުގެ މައްޗަށް ޤަތުލު ޢަމްދުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 1153/Cr-C/2010 ޤަޟިއްޔާގައި (12 މެއި 2015) ދަޢުވާ ސާބިތުނުވާ ކަމަށް ނިންމިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2017/HC-A/178 ޤަޟިއްޔާގައި ޤަތުލު ޢަމްދު ސާބިތުނުވި ނަމަވެސް ޤަތުލު ޝިބްހު ޢަމްދުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ. ދެން ނަޖާޙު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- 31 ޑިސެމްބަރު 2009 ރޭ، މަރްޔަމް ޝީރީންއާއި ނަޖާޙު ދެމީހުން އެކުގައި ކުއްޔަށް ހިފައިގެން އުޅުނު ކޮޓަރިއަށް ވަނެވެ. އެރޭ ޝީރީން އެ ކޮޓަރީގައި މަރުވިއެވެ. 2 ޖެނުއަރީ 2010 ގައި ނަޖާޙު ފުއްޕާފައިހުރި ފޮށްޓެއް ޓެކްސީގައި އިމާރާތްކުރަމުންދާ ގޯއްޗަކަށް ގެންދިޔަ ފަހުން، ޝީރީންގެ ހަށިގަނޑު އެ ގޯތީގެ ކުނިތަކުގެ ތެރެއިން 3 ޖެނުއަރީ ގައި ފެނުނެވެ. ނަޖާޙު ކުރިން ޝީރީނަށް އަނިޔާކޮށް މަރުގެ އިންޒާރު ދީފައިވާކަން ހެކިން ބުނެފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގަސްދުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުނުވި ހާލަތުގައި، ހަމައެކަނި ޤަރީނާގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 12/2016 (ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ ދަށުން ދަޢުވާ ނުކުރާ ޤަތުލު ޝިބްހު ޢަމްދުގެ ކުށް އިސްތިއުނާފީ މަރުޙަލާގައި ސާބިތުކޮށް، ދަޢުވާކުރި ފަހުން ވުޖޫދުވި ޤާނޫނަކާ ޙަވާލާދީ އަދަބު ކަނޑައެޅިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ނަޖާޙު ބުނީ، ހައިކޯޓުން ފުރުޞަތު ނުދީ ދަޢުވާގެ ސިފަ ބަދަލުކޮށް ޤަތުލު ޝިބްހު ޢަމްދުގެ ކުށް ސާބިތުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، ދަޢުވާކުރި ފަހުން ވުޖޫދުވި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި މަރަށް މެދުވެރިވި ޢަމަލެއް ސާބިތުނުވާ ކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ކުށް ސާބިތުނުވާ ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ޤާނޫނު ނަންބަރު 12/2016 (ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އެގޮތަށް ނިންމުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤަތުލު ޝިބްހު ޢަމްދުގައި ޤިޞާޞް ނުހިފޭތީ ސާބިތުކުރުމުގެ މިންގަނޑަކީ އެކަށީގެންވާ ޝައްކެއްނެތް މިންވަރު ކަމަށާއި، ޤަރީނާގެ ޗޭނު ފުރިހަމަވާނަމަ މަރުގެ ކުށް ޤަރީނާއިން ސާބިތުކުރެވޭނެ ކަމަށެވެ. "ދަ ލާސްޓް ސީން ތިއަރީ" ގެ ދަށުން، މަރުވި ވަގުތު ޝީރީންއާއެކު ހުރީ ނަޖާޙު ކަމަށްވާތީ އޭނާ ކުށްކުރިކަމަށް އިފްތިރާޟުކުރެވޭ ކަމަށާއި، އޭނާ ދޮގު ހަދައި ހަށިގަނޑު ފޮރުވިކަމާއި މޯޓިވް ވެސް ސާބިތުވާތީ، އެ އިފްތިރާޟު ނަފީކުރުމުގެ ބުރަ އޭނާ އުފުލާފައިނުވާ ކަމަށެވެ. ޤާނޫނު ނަންބަރު 12/2016 (ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ ބާރު ހައިކޯޓަށްވެސް ލިބިގެންވާ ކަމަށާއި، ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޢުޒީރީ އަދަބު ކަނޑައަޅައި، ޖަލު މުއްދަތަށް ލުއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާއަށް ރުޖޫޢަވުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ދެމެހެއްޓިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ގަތުލު ޝިބްހު ޢަމްދުގެ ރުކުންތަކަކީ ވެސް ތިނެކެވެ. އެއީ؛ (1) މަރުވި މީހާ މެރުމުގެ ނިޔަތް ކުށްކުރި މީހާގެ ކިބައިގައި ނެތް ނަމަވެސް، އެމީހާ އަށް އަނިޔާކުރުމުގެ ނިޔަތް ކުށްކުރި މީހާގެ ކިބައިގައި އޮތުން. (2) ކުށްކުރިމީހާ ކުރި އަމަލަކީ ނުވަތަ ބޭނުންކުރި ހަތިޔާރަކީ އާންމުގޮތެއްގައި މީހަކު މަރުވެދާފަދަ ކަމަކަށް ނުވަތަ އެއްޗަކަށް ނުވުން. (3) މަރުވި މީހާ މަރުވީ ކުށްކުރި މީހާގެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
HN2 ޝިބްހު ޢަމްދުގެ ގަތުލުގައި ގިސާސް އެއް ނުހިފޭނެއެވެ. ގިނަ ދަންނަބޭކަލުންގެ ރައުޔުގައި ޝިބްހު ޢަމްދުގެ ގަތުލުގެ އަސްލީ އުގޫބާތަކީ ދިޔައާއި ކައްފާރާއެވެ. އަދި ބައެއް އިލްމު ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޝިބްހު ޢަމްދުގެ ގަތުލުގެ މައްސަލަތަކުގައި ބަދަލީ އަދަބެއްގެ ގޮތުގައި ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ޝިބްހު ޢަމްދުގެ ގަތުލުގައި ގިސާސް ހިފުމުގެ އަދަބު ނުހިމެނޭތީވެ، ދައުލަތުގެ ފަރާތުން ޝިބްހު ޢަމްދުގެ ގަތުލު ސާބިތުކުރަންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރެވެ.
HN3 ގަރީނާތަކުގެ މައްޗަށް ބިނާކޮށް މަރުގެ ހުރިހާ ބާވަތެއްގެ ކުށް ސާބިތުކުރުން ހުއްދައެވެ. ނަމަވެސް އެ ގަރީނާތަކަކީ ތިރީގައި މިވާ 3 ޕެރެގްރާފުގައި ބަޔާންކުރާ އުސޫލުތަކަށް ފެތޭ ގަރީނާތަކަށްވުން ލާޒިމުވެގެންވެއެވެ.
HN4 ގަރީނާއިން ކުށް ސާބިތުކުރާނަމަ މައްސަލައިގެ ދައުވާގައި ހިމެނޭ މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް އެއްވެސް އުނިކަމެއް ނެތް މިންވަރަށް ފުރިހަމަވާންޖެހޭނެ އެވެ. ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެއެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް، މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅީން އެއްކީލި ވާންޖެހޭނެއެވެ. މައްސަލައިގައި ހިމެނޭ ހެކިތަކުން މުއްތަހަމު ކުށްކުރި ކަމާމެދު ބުއްދީގެ ހަމައިން އެކަށީގެންވާ ދެގޮތެއް ދޭހަކުރެވޭނަމަ، ފަނޑިޔާރު ބުރަވާންވާނީ މުއްތަހަމުގެ ފަރާތަށެވެ. ގަރީނާއިން ކުށް ސާބިތުވާ ކަމަށް ނިންމާނަމަ، މައްސަލައިގެ ވަށައިގެންވާ ހާލަތުތަކުގެ ޖުމްލަ ނަތީޖާ ވާންޖެހޭނީ ހަމައެކަނި މުއްތަހަމް ކުށްކޮށްފައިވާކަން ދޭހަވުން ކަމަށެވެ. އެކަށީގެންވާ ބުއްދީގެ ހަމައަށް ފެތޭ އެހެން އެއްވެސް އިހުތިމާލެއް އޮވެގެންނުވާނެއެވެ.
HN5 މުއްތަހަމާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުގެ ތެރޭގައި ކުށްކުރަނިކޮށް އެކަން ލޮލުން ފެނުނު ހެއްކެއް ނެތުމަކީ މުއްތަހަމު ކުށްވެރިނުވާކަމަށް ކަނޑައަޅައި ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.
HN6 ކުށްކުރަނިކޮށް އެކަން ލޮލޮން ފެނުނު ހެއްކެއް ނެތް ހާލަތުގައި، ވިސްނުމުގައި ބަހައްޓަންޖެހޭ އިތުރު އުސޫލެއް އޮވެއެވެ. އެ އުސޫލަކީ މުއްތަހަމު ކުށްވެރިކުރުވާ ހާލަތުތައް ހުރެމެ، އެ ހާލަތުތައް މުއްތަހަމުގެ ކުރިމައްޗަށް ހުށަހެޅުމުން، ކަންވީގޮތް މުއްތަހަމު ބުނެ ނުދީފިނަމަ، ނުވަތަ ކިޔައިދީފައިވަނީ ރޯމަރުދޮގު ކަމުގައިވާނަމަ، އެކަމަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗޭނު ވަށައިޖައްސައި ބައްދައިދޭ ފަހުބޮޅުކަމަށް ވާނޭ ކަމަށް ބަޔާންކުރާ ހެކިބަހުގެ އުސޫލެވެ.
HN7 ކުށްކުރިތަން ލޮލަށް ފެނުނު ހެކިން ނެތް ނަމަވެސް ލިބިފައިވާ ގަރީނާތައް ގުޅުވާލުމުން މުއްތަހަމް އެކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ގަރީނާތަކުން ދޭހަކުރެވޭނަމަ، އެ މިންވަރުން ކުށް ސާބިތުކުރުމަށް ފުދިދެއެވެ. މިގޮތުން، މަރުގެ މައްސަލަތައް ސާބިތުކުރުމުގެ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ އެއް ނަޒަރިއްޔާއަކީ "މަރުވި މީހާ ދިރިހުއްޓާ އެންމެފަހުން ފެނުނު ވަގުތު މަރުވިމީހާ އާއެކު ހުރި މީހާގެ ނަޒަރިއްޔާ" ("ދަ ލާސްޓް ސީން ތިއަރީ") އެވެ. މި ތިއަރީ ބޭނުންކުރަނީ ކުށްކުރިގޮތް ނުވަތަ ކުށްކުރީ ކާކުކަން އެނގޭނޭ ސީދާ ހެކި ނުހުންނަ ހާލަތުގައި ވާސިލުވާ ގަރީނާއެއްގެ ގޮތުގައެވެ. މި ނަޒަރިއްޔާގެ ދަށުން އިފްތިރާޟުކުރެވޭނީ މަރުވި މީހާ މަރުވުމުގެ ކުޑައިރުކޮޅެއްގެ ކުރިން، ނުވަތަ މަރުވި ވަގުތު، ނުވަތަ މަރުވިފަހުން މުއްތަހަމް ފިޔަވައި އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެކަމަށް ބުއްދިއަށް ގަބޫލުނުކުރެވޭ ވަގުތުގެ ތެރޭގައި، މަރުވި މީހާއާއެކުގައި ހުރި މުއްތަހަމް އަކީ އެ ކުށްކުރި މީހާކަމަށް ބެލުމެވެ. މި އިފްތިރާޟަކީ ނަފީކުރުމަށް ހެކި ދެއްކޭނެ ބާވަތުގެ އިފްތިރާޟެއް ކަމަށް ވާތީވެ، މި އިފްތިރާޟު ނަފީކުރުމަށް ހެކި ދެއްކުމަކީ ނުވަތަ އޭނާގެ މައުސޫމުކަން ދެއްކުމަށް ހެކި ދެއްކުމަކީ މުއްތަހަމުގެ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މަރު ހިނގައިދިޔަ އިރު މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާމެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދޭނަމަ، އެގޮތުން ކުރެވޭ އިފްތިރާޟު އިތުރަށް ވަރުގަދަވެގެން އަންނާނެއެވެ.
HN8 ގަރީނާއިން ސާބިތުކުރާ މި ބާވަތުގެ މައްސަލަތަކުގައި ކުށްކުރި މޯޓިވް އޮތްކަން ދައްކައިދިނުމަކީ ޕްރޮސިކިއުޝަނުން ކުރަންޖެހޭ ކަމެކެވެ.
HN9 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އޮތް ގޮތުން، މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ ޝަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ހިންގިކަން ސާބިތުވާ ހާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދައުވާ އުފުލިފައި ނުވިނަމަވެސް، އެކުށް ސާބިތުވާކަމަށް މައްސަލަބަލާ ފަނޑިޔާރަށް ކަނޑައެޅިދާނެކަމަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގެ ބާރުގެ އެއްވެސް އިމެއް ނުވަތަ ގައިދެއް އެ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން، މައްސަލަ އިސްތިއުނާފުކުރުމުގެ މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން މުއްތަހަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައިވާ ކުށަށްވުރެ ކުޑަކުށެއް ހިމެނޭ ހާލަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތު ނުވިނަމަ، ޝަރީޢަތުގައި ހާމަވާ ހެކީގެ އެހެން ކުށެއްގެ އަމަލު ހިންގިކަން ސާބިތުވާ ހާލަތުގައި އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންނުވާ ކަމަށް ބަލާނެ ހަމައެއް ނެތެވެ.
HN10 ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވާކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ކަނޑައަޅާ ހާލަތުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ހިފުމަށް ފަނޑިޔާރުން ސަމާލުކަން ދޭންޖެހޭ އެވެ. އެގޮތުން، ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވުމުގެ ފުރުސަތު އޮތްކަމަށް ފަނޑިޔާރަށް ފެންނަ ނަމަ އެ މައްސަލައިގައި ހުކުމްކުރުމުގެ ކުރިން، (1) މައްސަލައިގެ ދެ ފަރާތަށް ދުރާލައި އެކަމުގެ އެކަށީގެންވާ ނޯޓިސް ދިނުމާއި، (2) އެކުށުގެ ތުހުމަތަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭފަރާތަށް ފުރުސަތު ދިނުމާއި، (3) ހެކިން އަލުން ހާޒިރުކުރަން އެއްޕާޕް ފަރާތަކުން އެދިއްޖެނަމަ، އެ ފަރާތަކަށް އެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި އިސްތިއުނާފުގެ މަރުހަލާގައި ޝަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އެކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް އޭނާ ކުރިކަމަށް ސާބިތުވުމުގެ ފުރުސަތު އޮތް ކަމަށް އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންނަށް ފެންނަ ނަމަ އެކަން ބަޔާންކޮށް އަލުން ޝަރިއަތް ކުރުމަށް އެ މައްސަލަ ދަށުކޯޓަށް ތަހުވީލުކުރަންވާނެއެވެ.
HN11 މުއްތަހަމުގެ މައްޗަށް 2010 ގައި ދައުވާކުރިއިރު އަމަލުކުރަމުން ދިޔައީ ކުރީގެ ގާނޫނުލްއުގޫބާތުއަށެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކުރިއިރު އަމަލުކުރަމުން ދަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) އަށެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތައުޒީރީ އަދަބު ކަނޑައަޅާފައިވަނީ، މަރުގެ އަމަލު ހިނގިއިރު އަމަލުކުރަމުން ގެންދިޔަ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "އިސްލާމީ ޝަރީޢަތުގައި އޮންނަ" ގޮތަށެވެ. އަދި ތައުޒީރީ އަދަބު ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހަވާލާ ދީފައިވަނީ ހަމައެކަނި ތައުޒީރީ އަދަބުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތް ޖަލުގައި ބަންދުކުރާނޭ މުއްދަތެއް ކަނޑައެޅުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާގެ ދަށުން ގަތުލު ޝިބުހު އަމްދުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އެބާވަތުގެ ކުށަށް ކޯޓުތަކުން ކަނޑައެޅަމުން ގެންދިޔަ އަދަބަށްވުރެ ލުއި އަދަބެކެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިވާ މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަދަބު ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން
މުޙައްމަދު، ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1އެއީ 2009 ވަނަ އަހަރު ނިމި އައު އަހަރެއް ފެށޭ ރެއެވެ. އައު އަޒުމުތަކެއް ކަނޑައަޅައި، އުއްމީދުން ފުރިގެންވާ އައު އަހަރަކާ ހުރިހާ އެންމެން ކުރިމަތިލާ ރެއެވެ. ނަމަވެސް ލ.ގަން ތުނޑީ، ހުރަވީ، މަރްޔަމް ޝިރީން (މީގެ ފަހުން "މަރްޔަމް ޝީރީން" ނުވަތަ "ޝީރީން") އަށް އެރޭ ދިމާވީ އެގޮތަކަށް ނޫނެވެ. މަރްޔަމް ޝިރީން ކުއްޔަށް ހިފައިގެން އުޅޭ […] އެޕާޓްމެންޓުގެ ކޮޓަރިއަށް 31 ޑިސެމްބަރު 2009 ދުވަހުގެ ރ ޝީރީން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލ.ކަޅައިދޫ، […] މުޙައްމަދު ނަޖާޙު (މީގެ ފަހުން، "މުޙައްމަދު ނަޖާޙު" ނުވަތަ "ނަޖާޙު") އާ ދެ މީހުން ނިދަން އައީ ޝީރީންގެ މަންމަ ދިރިއުޅޭ ގޭގައި އެރޭ ޝީރީންގެ ދަރިފުޅު ބަހައްޓާފައެވެ. މަންމަ އުޅޭ ގެއިން ނިކުންނަމުން ހެނދުނު ދަރިފުޅު ބަލާ އަންނާނެ ކަމަށް ޝީރީން، މަންމައަށް ވައުދު ވިއެވެ. އެ ދެ މީހުން ޝީރީންގެ މަންމަ އުޅޭގެއިން އެޕާޓްމަންޓަށް އައިސް ސަރަންފީގައި އިށީންތަނާ ޓީވީގެ އަށެއްގެ ޚަބަރު އަންނަން ފެށުމުން އެ ދެ މީހުން އެއްވެސް ވާހަކައެއް ނުދައްކައި އެކުގައި އެ މީހުން އުޅޭ ކޮޓަރިއަށް ވަނީ އެވެ. އެ ކޮޓަރީގައި އެރޭ މަރްޔަމް ޝީރީން މަރުވެފައިވެއެވެ. މަރިޔަމް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ކޮޓަރީގައި ބާއްވައިގެން 1 ޖެނުއަރީ ދުވަހުގެ ރ އެ ކޮޓަރީގައި މުޙައްމަދު ނަޖާޙު ނިދުމަށްފަހު، ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ހެނދުނު 9 ޖަހާ އެހައިކަށްހައިއިރު، މުޙައްމަދު ޓެކްސީއަކަށް އަރުވައިގެން ޓެކްސީގައި ގޮސް އެ ފޮށީގައި އޮތް މަރްޔަމް ސީރީންގެ މަރުވެފައިވާ ހަށިގަނޑު […] އެވެ ކިޔާ ފަޅު ގެއެއްގައި އިމާރާތްކުރަމުން ގެންދިޔަ ތަނަކަށް އެއްލާލާފައި މުޙައްމަދު ނަޖާޙު އެފޮށި ހިފައިގެން އެނބުރި އެ ކޮޓަރިއަށް ގެންގޮސް އެ ފޮށި އެ ކޮޓަރީގައި ބަހައްޓާފައި އެ ގެއިން ނިކުމެގެން ދިޔައީއެވެ. ސީރީންގެ މަރުވެފައިވާ ހަށިގަނޑު އިމާރާތްކުރަމުން ގެންދިޔަ ގޯތިތެރޭގައި ހުރި ކުނިތަކުގެ ތެރެއިން ފެނުނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
2ގަސްތުގައި މީހަކު މެރުމުގެ (ޤަތުލު ޢަމްދުގެ) ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ނަޖާޙުގެ މައްޗަށް 18 ޖުލައި 2010 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ދައުވާގެ އިބާރާތް އޮތީ އަންނަނިވި ގޮތަށެވެ. "ދައުލަތުން ލ.ކަޅައިދޫ، […] މުޙައްމަދު ނަޖާޙުގެ މައްޗަށް ކުރައްވާ ދަޢުވާއަކީ، މުޙައްމަދު ނަޖާޙު، ލ.ގަން ތުނޑީ، ހުރަވީ މަރްޔަމް ޝިރީންއާ އެކު 20 ޑިސެމްބަރު 2009 ދުވަހުން ފެށިގެން […] ކޮޓަރިއެއްގައި އުޅުނު އުޅުމުގައި މީނާ މަރްޔަމް ޝީރީންއާއި މަރާލާފައިވާތީ، މުޙައްމަދު ނަޖާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ."
3މުޙައްމަދު ނަޖާޙުގެ މައްޗަށް އުފުލުނު ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1153/Cr-C/2010 ޤަޟިއްޔާގައެވެ.
4ކްރިމިނަލް ކޯޓުގެ ނަންބަރު 1153/Cr-C/2010 ގަޒިއްޔާގައި، 12 މެއި 2015 ދުވަހު ހުކުމްކޮށްފައިވަނީ ގަސްދުގައި މަރްޔަމް ސީރީން މަރާލުމުގެ ކުށް މުޙައްމަދު ނަޖާޙުގެ މައްޗަށް ސާބިތުވާވަރުގެ ހެކި ހުށަހަޅާފައި ނުވާތީ، މުޙައްމަދު ނަޖާޙުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
5ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މުޙައްމަދު ނަޖާޙުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ގަސްތުގައި އޭނާ މަރްޔަމް ސީރީން މެރިކަމުގެ ދައުވާ ކަމުގައި ވާއިރު، މަރްޔަމް ސީރީން މަރުވެފައިވަނީ، ގުދުރަތީ މަރަކުން ނޫންކަމަށް ތަހުގީގަށް ފެންނަކަމަށް ތަހުގީގުކުރި ފަރާތުން ބުނެފައިވާއިރު، (މި ރައުޔުގެ ބޭނުމަށް ބާރުދިނުމުގެ ގޮތުން ދަށު ރޮނގުދަމާފައި) އަދި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯއާއި އެވީޑިއޯ އިން ފެންނަ ފޮށްޓާއި އެފޮށިން ފެނިފައިވާ ޑީ.އެން.އޭ ޕްރޮފައިލް މުޙައްމަދު ނަޖާޙުގެ ޕްރޮފައިލްއާ ދިމާވުމާއި މީގެ އިތުރުން ހުށަހަޅާފައިވާ އެހެނިހެން ކަންކަމަކީ ހަރުދަނާ ގަރީނާ ތަކެއް ކަމަށްވީ ނަމަވެސް، މަރްޔަމް ޝީރީން މަރުވެފައިވާ ގޮތުގެ ހަގީގަތް އެނގޭނެ ފަދަ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށެވެ.
6އެހެންކަމުން، ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ މުޙައްމަދު ނަޖާޙުގެ މައްޗަށް ސާބިތުނުވީ، ގަސްތު މަރުގެ ކުށުގެ އެއް ރުކުން ފުރިހަމަ ނުވާތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަރްޔަމް ޝީރީން މަރުވީ މުޙައްމަދު ނަޖާޙު މަރްޔަމް ޝީރީން މެރުމުގެ ގަސްތުގައި ކުރި އަމަލަކުންކަން (މި ރައުޔުގެ ބޭނުމަށް ބާރުދިނުމުގެ ގޮތުން ދަށު ރޮނގުދަމާފައި) ކްރިމިނަލް ކޯޓުގެ ޝަރިއަތުގައި ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
7ކްރިމިނަލް ކޯޓުގެ ނަންބަރު 1153/Cr-C/2010 ގަޒީއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބެލި ނަންބަރު 2017/HC-A/178 ގަޒިއްޔާގައި ވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅީ މުޙައްމަދު ނަޖާޙުގެ މައްޗަށް ގަސްތު މަރު (ޤަތުލު ޢަމްދުގެ ކުށް) ސާބިތުނުވާ ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 1153/Cr-C/2010 ގަޒީއްޔާގެ ހުކުމް ބާތިލުކޮށް، އެ ގަޒިއްޔާގައި ހުށަހެޅިފައިވާ ޤަޠުޢީ ގަރީނާތަކުން ޤަތުލު ޝިބްހު ޢަމްދުގެ ކުށް މުޙައްމަދު ނަޖާޙުގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. އަދި މިކުށުގެ ތައުޒީރީ އުގޫބާތެއްގެ ގޮތުން، މުޙައްމަދު ނަޖާޙު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރްޔަމް ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހައި ހިނދު، މަރްޔަމް ޝީރީންގެ މަރުގެދިޔަ އަކީ މުޙައްމަދު ނަޖާޙުގެ އާއިލާއިން ނުވަތަ މުޙައްމަދު ނަޖާޙު އަމިއްލައަށް ދޭންއޮތް ދިޔައެއް ކަމަށާއި، އެ ދިޔަ ލިބިގަތުމަށް، މަރްޔަމް ޝީރީންގެ ވާރިސުންނަށް ދަށުކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން ކަނޑައަޅައި، ކައްފާރާގެ 1 ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެމަސް މަސްދުވަހު ރޯދަ ހިފުމަކީ، މުޙައްމަދު ނަޖާޙް ކުޅަ މި ބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއްކަމަށް ވާތީ، އެކަމަށް މުޙައްމަދު ނަޖާޙުއަށް ނަސޭހަތްތެރިވެ ހުކުމް ކޮށްފައިވެއެވެ.
8މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ނަންބަރު ގަޒިއްޔާ ނިންމާފައި ވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް، ލ. ކަޅައިދޫ، […] މުޙައްމަދު ނަޖާޙު ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2017/HC-A/178 ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ނަޖާޙުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) މުޙައްމަދު ނަޖާޙުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކޮށްފައިވަނީ މުޙައްމަދު ނަޖާޙު ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ކަމުގައިވާއިރު، ކްރިމިނަލް ކޯޓުން އެގަޒިއްޔާގައި ނަޖާޙުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް، މި މައްސަލަ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތިލްގާއީ ގޮތެއްގައި ނަޖާޙުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގެ މަރުގެ ކުށުގެ ދައުވާއަށް ބަދަލުގެނެސް، ގަތުލު ޝިބްހު ޢަމްދުގެ ކުށާ ބެހޭ ގޮތުން އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފުކުރި ފަރާތުންނާއި 1 ކައްފާރާ އަކީ މުއުމިނު އަޅަކު މިނިވަން ކުރުމެވެ. މިގޮތުން މިނިވަންކުރުމަށް އަޅަކު ނުލިބުނު ނަމަ، ނުވަތަ އަޅަކު މިނިވަންކުރާނޭ ފައިސް ނުލިބުނު ނަމަ ވިދިވިދިގެން ހަނދުމަހުގެ ދެމަސް ދުވަހު ރޯދަ ހިފުމެވެ. މިއީ ގަތުލު ޝިބްހު އަމްދުގެ ދެވަނަ އަސްލީ އުގޫބާތެވެ. 2 އެއްވެސް ފަރާތަކުން އެކަން ކޯޓަށް ހުށަހަޅާފައި ނެތީސް، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް. މުއްތަހަމުގެ ފަރާތުން ވިޔަސް އެއްވެސް ވާހަކައެއް ދެއްކުމަށް ފުރުސަތު ނުދީ ޝިބްހު ޢަމްދުން މީހަކު މެރިކަމުގެ ކުށް ނަޖާޙުގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) މުޙައްމަދު ނަޖާޙުގެ މައްޗަށް 2010 ގައި ދައުލަތުން ދައުވާކޮށްފައިވަނީ އެއްވެސް ގާނޫނަކާ ހަވާލާދީގެން ކަމަށް ނުވާއިރު، އޭގެ ހަތަރު އަހަރު ފަހުން ވުޖޫދުވި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާގެ ދަށުން 12 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) މުޙައްމަދު ނަޖާޙުގެ މައްޗަށް ދައުވާކޮށްފައިވަނީ 2010 ގައި ކަމަށްވާއިރު، އޭގެ ހަ އަހަރު ފަހުން ވުޖޫދުވި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނު (12/2016) ގެ 87 ވަނަ މާއްދާއާ ހަވާލާދީ މައްސަލަ ބެއްލެވި ފަނޑިޔާރުން ދައުވާ ބަދަލުކޮށް ކުއްލި ހައިރާންކަމެއް ގެނުވަނިވި އަދަބެއް ނަޖާޙުގެ މައްޗަށް ކަނޑައަޅާފައި އޮތީގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ގަސްތު މަރާއި ޝިބްހު ޢަމްދުގެ މަރު ސާބިތުކުރުމުގައި އިސްލާމީ ފިގުހުވެރިން ގެންގުޅުއްވާފައިވަނީވެސް އެއް އުސޫލުތަކެއް ކަމުގައި ބެލެވޭއިރު، މަރްޔަމް ޝީރީން މަރުވުމުގައި މުޙައްމަދު ނަޖާޙު، މަރްޔަމް ޝީރީން މަރާލުމަށް ކޮށްފައިވާ އެއްވެސް އަމަލެއް ނުވަތަ މަރްޔަމް ޝީރީން މަރާލީ މުޙައްމަދު ނަޖާޙުކަން ސާބިތުކުރުމަށް ބޭނުންވާ ރުކުންތަކުގެ ތެރެއިން އެއްވެސް ރުކުނެއް ސާބިތުވާން ނެތި މުޙައްމަދު ނަޖާޙުގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާއަށް ރިއާޔަތްކުރިއަސް މުއްތަހަމުގެ މައްޗަށް ޝިބްހު ޢަމްދުގެ ކުށެއް ސާބިތުކުރެވޭނީ މަރުވެފައިވާ މީހާ މަރުވެފައިވަނީ މީހަކު ކުޅަ އަމަލަކުންކަން ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބުމާއެކުގައި ކަމާއި، ހެކި ލިބިފައި ނެތުމުން ގާނޫނުއަސާސީގެ 51 (އ) ގައި ބުނެފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ނަޖާޙުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
10އިސްވެބަޔާންކުރެވުނު އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، މި މައްސަލައިގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ގާނޫނީ ސުވާލުތަކަކީ:
(ހ) މި މައްސަލައިގައި މުއްތަހަމުގެ މައްޗަށް ޝިބްހު ޢަމްދުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައިވޭތޯ؟
(ށ) ކްރިމިނަލް ކޯޓުގެ ގަޒިއްޔާގައި މުއްތަހަމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވަނިކޮށް، ގަތުލު ޝިބްހު ޢަމްދުގެ ކުށާ ބެހޭ ގޮތުން ހައިކޯޓުގެ އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފުކުރި ފަރާތުންނާއި މުއްތަހަމުގެ ފަރާތުން ވިޔަސް އެއްވެސް ވާހަކައެއް ދެއްކުމަށް ފުރުސަތު ނުދީ، ގަތުލު ޝިބްހު އަމްދުން މީހަކު މެރިކަމުގެ ކުށް މުއްތަހަމުގެ މައްޗަށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައެޅިދާނެތޯ؟
(ނ) 2010 ގައި މުއްތަހަމުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އެއްވެސް ގާނޫނަކާ ހަވާލާދީގެން ކަމަށް ނުވާއިރު، އޭގެ ހަތަރު އަހަރު ފަހުން ވުޖޫދުވި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާގެ ދަށުން މުއްތަހަމްގެ މައްޗަށް އަދަބު ކަނޑައެޅިދާނެތޯ؟ މުއްތަހަމުގެ މައްޗަށް ޝިބްހު ޢަމްދުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައިވޭތޯ
11އިސްވެ ބުނެވިދިޔަ ފަދައިން، އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައިގަނޑު އެއް ނުކުތާގައި ބުނެފައިވަނީ، ގަސްތު މަރާއި ޝިބްހު ޢަމްދުގެ މަރު ސާބިތުކުރުމުގައި އިސްލާމީ ފިގުހުވެރިން ގެންގުޅުއްވާފައިވަނީ ވެސް އެއް އުސޫލުތަކެއް ކަމުގައި ބެލެވޭއިރު އިސްލާރާފައި ޝީރީން މަރުވުމުގައި މުޙައްމަދު ނަޖާޙު މަރްޔަމް ޝީރީން މަރާލުމަށް ކޮށްފައިވާ އެއްވެސް އަމަލެއް ނުވަތަ މަރްޔަމް ޝީރީން މަރާލީ މުޙައްމަދު ނަޖާޙުކަން ސާބިތުކުރުމަށް ބޭނުންވާ ރުކުންތަކުގެ ތެރެއިން އަމަލެއް ކުރިކަމުގެ ރުކުން ސާބިތުވާން ނެތި މުޙައްމަދު ނަޖާޙުގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާއަށް ރިއާޔަތްކުރިއަސް މުއްތަހަމުގެ މައްޗަށް ގަތުލުޝިބްހު ޢަމްދުގެ ކުށް ސާބިތުކުރެވޭނީ މަރުވެފައިވާ މީހާ މަރުވެފައިވަނީ މުއްތަހަމު ކުޅަ އަމަލަކުންކަން ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބުމާއެކުގައި ކަމަށާއި، އެ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.
12އިސްލާމީ ޝަރީއާގައި މަރުގެ ކުށް ބެހިފައިވާ ބައިތަކަށް ބަލާއިރު، ގިނަ ދަންނަބޭކަލުން ބަޔާންކުރައްވާ ގޮތުން މަރުގެ ކުށް ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ؛ (1) ގަތުލު ޢަމްދު (intentional homicide) (2) ގަތުލު ޝިބްހު ޢަމްދު (quasi-intentional homicide) (3) ގަތުލު ޚަތައު (homicide by mistake/accident)
13ދައުލަތުން މުޙައްމަދު ނަޖާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ، ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ގަސްތުގައި މީހަކުމެރުމުގެކުށް ޝަރީއަތަށް ސާބިތު ކުރުމުގައި، އެކުށުގެ 3 ރުކުން ޝަރީއަތަށް ސާބިތުވާންޖެހެއެވެ. އެއީ: (1) މަރުވި މީހާ އަކީ، ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނެއް ކަމުގައިވުން. (2) މަރުވި މީހާ މަރުވީ ކުށްކުރި މީހާގެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) މަރުވި މީހާ މެރުމުގެ ގަސްތު ކުށްކުރި މީހާގެ ކިބައިގައި އޮތުން.
14HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ ދައުލަތުން މުޙައްމަދު ނަޖާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވި ނަމަވެސް، ގަތުލު ޝިބްހު ޢަމްދުގެ މަރުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ގަތުލު ޝިބްހު ޢަމްދުގެ ރުކުންތަކަކީ ވެސް ތިނެކެވެ. އެއީ؛ (1) މަރުވި މީހާ މެރުމުގެ ނިޔަތް ކުށްކުރި މީހާގެ ކިބައިގައި ނެތް ނަމަވެސް، އެމީހާ އަށް އަނިޔާކުރުމުގެ ނިޔަތް ކުށްކުރި މީހާގެ ކިބައިގައި އޮތުން. (2) ކުށްކުރިމީހާ ކުރި އަމަލަކީ ނުވަތަ ބޭނުންކުރި ހަތިޔާރަކީ އާންމުގޮތެއްގައި މީހަކު މަރުވެދާފަދަ ކަމަކަށް ނުވަތަ އެއްޗަކަށް ނުވުން. (3) މަރުވި މީހާ މަރުވީ ކުށްކުރި މީހާގެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
15އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ފަދައިން، މަރްޔަމް ޝީރީން މަރުވެފައިވަނީ މަރްޔަމް ޝީރީން އަށް އަނިޔާކުރުމުގެ ނިޔަތުގައި މުޙައްމަދު ނަޖާޙު ކުޅަ އަމަލެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަށްތޯ އެވެ.
16HN2ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ މުޙައްމަދު ނަޖާޙުގެ މައްޗަށް ގަތުލު ޝިބްހު ޢަމްދުގެ ކުށް ސާބިތުވާ ކަމަށެވެ. ޝިބްހު ޢަމްދުގެ ގަތުލުގައި ގިސާސް އެއް ނުހިފޭނެއެވެ. ގިނަ ދަންނަބޭކަލުންގެ ރައުޔުގައި ޝިބްހު ޢަމްދުގެ ގަތުލުގެ އަސްލީ އުގޫބާތަކީ ދިޔައާއި ކައްފާރާއެވެ. އަދި ބައެއް އިލްމު ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޝިބްހު ޢަމްދުގެ ގަތުލުގެ މައްސަލަތަކުގައި ބަދަލީ އަދަބެއްގެ ގޮތުގައި ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ޝިބްހު ޢަމްދުގެ ގަތުލުގައި ގިސާސް ހިފުމުގެ އަދަބު ނުހިމެނޭތީވެ، ދައުލަތުގެ ފަރާތުން ޝިބްހު ޢަމްދުގެ ގަތުލު ސާބިތުކުރަންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރެވެ. ވީމާ، މުޙައްމަދު ނަޖާޙުގެ މައްޗަށް ޝިބްހު ޢަމްދުގެ ގަތުލުގެ ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ފަދައިން މުޙައްމަދު ނަޖާޙުގެ މައްޗަށް ޝިބްހު ޢަމްދުގެ ގަތުލުގެ ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކިހުނަހަޅާފައިވޭތޯ ބެލުމުގައި އަހުރެން ރިއާޔަތްކުރާނީ ކުށް ސާބިތުކުރުމުގެ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށެވެ.
17HN3މުޙައްމަދު ނަޖާޙުގެ މައްޗަށް ޝިބްހު ޢަމްދުގެ ގަތުލުގެ ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ހަމައެކަނި ގަރީނާ ތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. ގަރީނާތަކުގެ މައްޗަށް ބިނާކޮށް މަރުގެ ހުރިހާ ބާވަތެއްގެ ކުށް ސާބިތުކުރުން ހުއްދައެވެ. ނަމަވެސް އެ ގަރީނާތަކަކީ ތިރީގައި މިވާ 3 ޕެރެގްރާފުގައި ބަޔާންކުރާ އުސޫލުތަކަށް ފެތޭ ގަރީނާތަކަށްވުން ލާޒިމުވެގެންވެއެވެ. ސަބަބަކީ އިބުނުލް ޢަރަސް، އިބުނު ފަރުޙޫން އަދި އިބްނުލްޤައްޔިމު ފަދަ ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ގޮތުން ގަރީނާތަކަކީ ވަރުގަދަ އަދި ޔަގީނާ ގާތްކުރާފަދަ ގަރީނާއެއްނަމަ މަރުގެ މައްސަލަތައް ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ސާބިތުކުރެވޭނެތީވެ، އެ ދަރަޖައަށް ފަނޑިޔާރަށް ވާސިލުވެވޭނީ ތިރީގައި މި ބަޔާންކުރާ އުސޫލުތަކަށް ވާސިލުވެގެންކަމަށް ގަބޫލުކުރެވޭތީއެވެ.
18HN4ގަރީނާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ހިންގައިފިކަން ނުވަތަ ނޫންކަން، އެ ވާގިއާއާ ގުޅުންހުރި އެހެން ވާގިއާ އަކުން ނުވަތަ ވާގިއާތަކަކުން ދޭހަކުރުމެވެ. ޝަރީއަތަށް ސާބިތުވާ ގުޅުންހުރި ވާގިއާތަކުގެ ތެދުކަން ޔަގީން ވުމުން، އެ ވާގިއާތަކުގެ ޒަރީއާއިން ވަކި ކަމެއްގެ ހަގީގަތަކީ ނުވަތަ ނިކުންނާނެ ނަތީޖާއަކީ ކޮބައިކަން ދޭހަކުރެވެއެވެ. އެހެންކަމުން، ގަރީނާއަކީ، ދުނިޔޭގައި ކަންހިނގާ އާދައިގެ މަތިން ވަކިކަމެއް ވުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ވަކިކަމެއް ހިނގާފައިވާނޭ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކެވެ. ގަރީނާ ވަރުގަދަވުމާއި ބަލިވުން ބިނާވެފައި އޮންނާނީ ގުޅުންހުރި އެހެނިހެން ވާގިއާތައް ސާބިތުވުމުގައި ހުންނަ ހަރުދަނާ ކަމެއްގެ މައްޗަށެވެ. ގަރީނާއިން ކުށް ސާބިތުކުރާނަމަ މައްސަލައިގެ ދައުވާގައި ހިމެނޭ މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް އެއްވެސް އުނިކަމެއް ނެތް މިންވަރަށް ފުރިހަމަވާންޖެހޭނެ އެވެ. ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެއެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް، މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅީން އެއްކީލި ވާންޖެހޭނެއެވެ. މައްސަލައިގައި ހިމެނޭ ހެކިތަކުން މުއްތަހަމު ކުށްކުރި ކަމާމެދު ބުއްދީގެ ހަމައިން އެކަށީގެންވާ ދެގޮތެއް ދޭހަކުރެވޭނަމަ، ފަނޑިޔާރު ބުރަވާންވާނީ މުއްތަހަމުގެ ފަރާތަށެވެ. ގަރީނާއިން ކުށް ސާބިތުވާ ކަމަށް ނިންމާނަމަ، މައްސަލައިގެ ވަށައިގެންވާ ހާލަތުތަކުގެ ޖުމްލަ ނަތީޖާ ވާންޖެހޭނީ ހަމައެކަނި މުއްތަހަމް ކުށްކޮށްފައިވާކަން ދޭހަވުން ކަމަށެވެ. އެކަށީގެންވާ ބުއްދީގެ ހަމައަށް ފެތޭ އެހެން އެއްވެސް އިހުތިމާލެއް އޮވެގެންނުވާނެއެވެ.
19HN5އަތުގައި މި އޮތް މައްސަލަ ބިނާވެފައިވަނީ ގަރީނާގެ މައްޗަށް ކަމުގައި ވުމުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ފަދައިން މުޙައްމަދު ނަޖާޙު މަރްޔަމް ޝީރީން މެރިތަން ލޮލުން ދުށް ސީދާ ހެއްކެއް ނެތެވެ. މުޙައްމަދު ނަޖާޙުއާ ދެކޮޅަށް ހުށަހެޅިފައި ހުރީ ހަމައެކަނި ގަރީނާއެވެ. މި ގަރީނާތަކަށް ބިނާކޮށް މުޙައްމަދު ނަޖާޙު ކުށްވެރިވާކަމަށް ކަނޑައެޅޭނީ މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ވާގިއާތަކާއި ވަށައިގެންވާ ހާލަތުތައް ހުރީ މުޙައްމަދު ނަޖާޙުގެ މައުސޫމުކަމާ ފުށުއަރާގޮތަށް ކަމަށްވާ ނަމައެވެ. ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް ނެތް ނަމައެވެ. އަދި މުޙައްމަދު ނަޖާޙުގެ މައުސޫމުކަމަށް އިޝާރާތްކުރާ އެއްވެސް ވާގިއާއެއް ނެތް ނަމައެވެ. މުޙައްމަދު ނަޖާޙުއާ ދެކޮޅަށް ހުށަހެޅިފައިވާ އެންމެހައި ހެކިތަކަކީ ސާފު، ބުއްދީގެ ހަމަތަކަށް ފެތޭ އަދި ގަބޫލުކުރެވޭ ހެކިތަކަށްވާން ޖެހޭނެއެވެ. މުއްތަހަމާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުގެ ތެރޭގައި ކުށްކުރަނިކޮށް އެކަން ލޮލުން ފެނުނު ހެއްކެއް ނެތުމަކީ މުއްތަހަމު ކުށްވެރިނުވާކަމަށް ކަނޑައަޅައި ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.
20HN6ކުށްކުރަނިކޮށް އެކަން ލޮލޮން ފެނުނު ހެއްކެއް ނެތް ހާލަތުގައި، ވިސްނުމުގައި ބަހައްޓަންޖެހޭ އިތުރު އުސޫލެއް އޮވެއެވެ. އެ އުސޫލަކީ މުއްތަހަމު ކުށްވެރިކުރުވާ ހާލަތުތައް ހުރެމެ، އެ ހާލަތުތައް މުއްތަހަމުގެ ކުރިމައްޗަށް ހުށަހެޅުމުން، ކަންވީގޮތް މުއްތަހަމު ބުނެ ނުދީފިނަމަ، ނުވަތަ ކިޔައިދީފައިވަނީ ރޯމަރުދޮގު ކަމުގައިވާނަމަ، އެކަމަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗޭނު ވަށައިޖައްސައި ބައްދައިދޭ ފަހުބޮޅުކަމަށް ވާނޭ ކަމަށް ބަޔާންކުރާ ހެކިބަހުގެ އުސޫލެވެ.
21މި މައްސަލައިގައި ލިބިފައި ހުރި ހެކިތަކުގެ ސިލްސިލާއަށް ބަލާއިރު، ޝިރީން މާލެއަށް އައުމުގެ ކުރިން ލ. އަތޮޅު ގަން ތުނޑި 'އަމާޒު' ގޭގެ ކޮޓަރިއެއްގައި ދެމީހުން އެކުގައި އުޅުނުއިރު، ނަޖާޙު ޝީރީނުގެ ގައިގައި އަނިޔާވެރިކަމާއެކު ތަޅައި އަނިޔާކޮށް މަރުގެ އިންޒާރުދީފައިވާ ކަމަށް ޝީރީންގެ މަންމަގެ ގާތުގައާއި އެއްބަނޑުއެއްބަފާ ބައެއް މީހުންނާއި ރަހުމަތްތެރިންގެ ގާތުގައިވެސް ބުނެފައިވެއެވެ. ނަޖާޙު ޝީރީނުގެ ގައިގައި އެއްވެސް ރަހުމެއް ނެތި ޝީރީންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަނިޔާކުރަނިކޮށް ޙުސައިން ނިޔާޒުއަށާއި ޙުސައިން ޖިނާޙް އަށާއި އިތުރު އެތައް ބަޔަކަށް ފެނި މަރުގެ އިންޒާރު ދީފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވެއެވެ. މުޙައްމަދު ނަޖާޙު ކުރިން އިނދެގެން އުޅުނު ލ. ކަޅައިދޫ، ގުރަހަ، ޢާއިޝަތު ރީނާ، މުޙައްމަދު ނަޖާޙުގެ ދަރިއަކަށް ބަލިވެ ނީންނަމަ، އޭނާ މަރާލާނެ ކަމަށްވެސް މުޙައްމަދު ނަޖާޙު ބުނެ ޢައިޝަތު ރީނާއަށް އަނިޔާކޮށްފައިވެއެވެ. މަރްޔަމް ޝީރީން އާއި ޢާއިޝަތު ރީނާ އާއި ދެމީހުންކުރެ ކޮންމެވެސް އެކަކު މަރާލަން ޖެހިއްޖިޔާ މަރާލާނެކަމަށް މުޙައްމަދު ނަޖާޙް ބުނެފައިވާކަމަށް ވެސް ޢާއިޝަތު ރީނާގެ ހެކިބަހުގައި ބުނެފައިވެއެވެ. މަރްޔަމް ޝީރީނަށް އބމ. ލ. ކަޅައިދޫ، ގުރަހަ، ޢާއިޝަތު ރީނާގެ ބަޔާން، ދަފްތަރު ނަންބަރު 5652، މިރުފަތު ޙަނީފުގެ ބަޔާން، ލ. ގަންތުނޑި، ހުރަވީ، ޝަރީފު އިބްރާހިމްގެ ބަޔާން، ލ. މުންޑޫ، […] ޙުސައިން ނިޔާޒުގެ ބަޔާން، ލ. ގަންތުނޑި، ރާޒް، ޙުސައިން ޖިނާޙްގެ ބަޔާން މުޙައްމަދު ނަޖާޙް އަނިޔާކުރުމުގެ ސަބަބުން ގައިގައި ލާފައިހުރި ލަކުނުވެސް ޢާއިޝަތު ރީނާއަށް ދައްކާފައިވާކަމަށް ޢައިޝަތު ރީނާގެ ހެކިބަހުގައި ބުނެފައިވެއެވެ. ޙުސައިން ޖިނާޙު ޝަރިއަތަށް ދީފައިވާ ހެކިބަހުގައި މުޙައްމަދު ނަޖާޙް މަރްޔަމް ޝީރީންއަށް އަނިޔާކުރަނިކޮށް ލޮލަށް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. މިގޮތުން މަރްޔަމް ޝީރީންގެ ލޯމައްޗަށާއި އެކިތަންތަނަށް އަނިޔާކޮށްފައި ވަނިކޮށް ފެނިފައިވާ ކަމަށާއި، މަރްޔަމް ޝީރީން ވައްޓައިލާ ބުރަކަށި މައްޗަށް އަރައި، އިސްތަށިގަނޑަށް ދަމައި، އޮރިޔާންކޮށް ބޮޑެތި އަނިޔާތަކެއް ކުރީ ކޮން ރެއެއްގައި ކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، މަރްޔަމް ޝީރީން މަރުވުމާއި، މި ހާދިސާއާއި ދޭތެރޭގައި ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި، މުޙައްމަދު ނަޖާޙް މަރްޔަމް ޝީރީންއަށް ގުޅައި މަރާލާނެކަމުގައި ބުނެފައިވާކަމަށް ޙުސައިން ޖިނާޙު ބުނެފައިވެއެވެ. އަދި ނަޖާޙް ޝީރީންއަށް އަނިޔާކުރި އެއް ރެއެއްގައި، ނަޖާޙު އަނިޔާކުރުމުން ޝީރީން ރޯއަޑަށް އެކަން ހުއްޓުވަން އެގޭގެ ބޭރުގައި ތިބި މީހުންގެ ތެރެއިން މީހަކު އެގޭ ފުރާޅުމައްޗަށް ގަލެއް އެއްލުމުން ބޮޑު ވަޅިއެއް ހިފައިގެން ނަޖާޙު ނުކުތް ކަމަށްވެސް ޙުސައިން ޖިނާޙު ބުނެފައިވެއެވެ. އަދި މަރްޔަމް ޝީރީން އެރޭ އޮރިޔާންކޮށް، ޝީރީން ލާންގެންގުޅޭ ހުރިހައި ހެދުމެއް ބެޑް ޝީޓަކަށް އަޅައިގެން ނަޖާޙު އެގެއިން ބޭރަށް ގޮސް އެހެންތަނެއް ގައި ފޮރުވި ކަމަށާއި، އަދި އެރޭ އެ ހާދިސާ ހިނގިފަހުން ވިއްސަކަށް މިނިޓު ފަހުން، ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލް ކައިރިން ޖިނާޙުއަށް ނަޖާޙު ފެނިގެން މިރޭ ނަޖާޙު އާއި ޝީރީން ތިއުޅެނީ ކިހިނެތް ވެގެންތޯ އެހުމުން އޭނާގެ ގާތުގައި ނަޖާޙު ބުނީ މަރިޔަމް ޝީރީން އޭނާ ކައިރިން އެގެއިން ނިކުމެގެން ފިލައިގެން ދާން އުޅުނީ ކަމަށާއި، އެހެންވެ އަނިޔާވެސް ކުރެވުނީ ކަމަށާއި، "ލޯބީގެ ގޮތުން ގުޅިގެން އުޅެންޏާ އޭނާ ބޭނުންހާ ގޮތަކަށްވެސް ނޫޅެވޭނެ ނޫންހޭ" ބުނެފައިވާ ކަމަށް ޙުސައިން ޖިނާޙުގެ ހެކިބަހުގައި ބުނެފައިވެއެވެ. އަދި ޙުސައިން ޖިނާހު ބުނެފައިވަނީ މަރްޔަމް ޝީރީން މަރުވެފައިވަނީ ނަޖާޙުގެ ފުށުން ދީފައިވާ އަނިޔާތަކުން ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އެގޮތަށް ތުހުމަތުކުރެވޭ ސަބަބަކީ ޝީރީނާއި ނަޖާޙުއާ ދެމީހުން އެކުގައި އުޅުނު އިރު، ނަޖާޙުގެ ފުށުން ޝީރީން އަށް ދީފައިވާ އަނިޔާތަކާއި ނަޖާޙު ރަށުގައި އުޅޭއިރު މިނޫނަސް އޭނާގެ ޢަމަލުތީ ދުން ގޮތުން އޭނާއަކީ އެފަދަ އަނިޔާވެރި އަމަލެއް ހިންގަފާނެ މީހެއްކަމަށް ގަބޫލުކުރެވޭތީ ކަމަށާއި، އޭނާގެ ކުރިމަތީގައި ހުރެގެން މުޙައްމަދު ނަޖާޙު މަރްޔަމް ޝީރީން އަށް ފޯނުން އިންޒާރުދިން އަޑު އަހާފައިވާތީ ކަމަށާއި، 2009 ގެ އޮގަސްޓް މަހު ކުރި އެ އަނިޔާތައް ފެނުނުއިރު އެ އަނިޔާތަކަކީވެސް މުޙައްމަދު ނަޖާޙު ދީފައިވާ އަނިޔާތަކަކަށް ވާއިރު، އެ އަނިޔާތަކަކީވެސް ވަރަށް ރަހުމް ކުޑަކޮށް ދީފައިވާ އަނިޔާތަކަކަށްވެފައި ނަޖާޙު އެ އަނިޔާތައް ޝީރީން އަށް ކުރަމުން ދިޔައިރު، އެ އަނިޔާތައް ފެނިފައިވުމާއި، އެ އަނިޔާތަކަކީވެސް މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް ކަމަށްވާތީވެއެވެ. އަދި މުޙައްމަދު ނަޖާޙު އެ އަނިޔާތައް ޝީރީން އަށް އަނިޔާކުރިރޭ ޙުސައިން ޖިނާޙު އާއެކު އެތަނުގައި ހުރި ޙުސައިން ނިޔާޒުގެ ހެކިބަހުގައި ނަޖާޙު އެރޭ ޝީރީންއަށް ކުރި އަނިޔާގެ ތަފްސީލު ހަމަ އެގޮތަށް ކިޔައިދީފައިވެއެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޒަރީނާ މުޙައްމަދުއާ ދައުލަތުން ކުރި ސުވާލުތަކާ ގުޅިގެން ޒަރީނާ މުޙައްމަދު ބުނެފައިވަނީ 2009 ވަނައަހަރުގެ އޯގަސްޓް މަހުގެ ދުވަހެއްގައި މަރިޔަމް ޝީރީންއާ ބައްދަލުވި ކަމަށާއި، އޭނާގެ އެއް ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުންނަހެން، ވަރަށްބޮޑަށް ރަތްވެ ލޯމަތި ދުޅަވެފައި ހުއްޓާ ފެނިގެން އޭނާގެ ގާތުގައި އެވަގުތު ހުރި މުންޑޫ ހަފީޒާ، މަރިޔަމް ޝީރީންއާއި ސުވާލުކުރުމުން، އަހަރެން އަދި މަރުވާނީ "އެޅައި" (މުޙައްމަދު ނަޖާޙު) ގެ އަތުން ކަމަށްބުނެ އަވަސްއަވަހަށް އެތަނުން ދިޔަ ކަމަށާއި، މިކަން ހިނގާފައިވަނީ ރަމަޟާންމަހުގެ ތެރޭގައި ކަމަށާއި، މިކަން ހިނގީ ނަޖާޙު އާއި ޝީރީންއާ ދެމީހުން ރަށުގައި އުޅުނު ދުވަސްވަރުގައި ކަމަށް ބުނެފައިވެއެވެ. އަދި 2009 ވަނަ އަހަރުގެ ފަހުކޮޅު ޝީރީން މާލެއަށް ބަދަލުވީ، މުޙައްމަދު ނަޖާޙުގެ އަނިޔާ ބޮޑުވެގެންކަން ކަމަށް ޝީރީންގެ މަންމަގެ ގާތުގައި ބުނެފައިވެއެވެ.
22ޝީރީން މާލެއަށް އައިސް، އޭނާގެ ރައްޓެއްސެއް ކަމަށްވާ މިރުފަތު ހަނީފު […] ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމެންޓުގެ ކޮޓަރިއެއް މިރުފަތު ހަނީފުގެ އަތުން ކުއްޔަށް ހިފައިގެން އެގޭގައި އުޅެން ފެށިއެވެ. ޝީރީން މާލެއަށް އައުމުން ޝީރީންގެ ފަހަތުން ނަޖާޙު މާލެއަށް އައިސް ޝީރީން އުޅޭ ކޮޓަރީގައި އުޅެން ފެށިއެވެ. މުޙައްމަދު ނަޖާޙު އެ ކޮޓަރިއަށް އައިތާ ދެހަފްތާވެސް ނުވަނީސް މަރްޔަމް ސީރީން އާއި މުޙައްމަދު ނަޖާޙުއާ ދެމެދު އަރައިރުން އުފެދި އަޑުގަދަވާތީ އެކޮޓަރި ހުސްކުރުމަށް މިރުފަތު ހަނީފު ސީރީން އަށް އެންގިއެވެ. އަދި ސީރީންއަށް ނަޖާޙު ވަރަށް އަނިޔާކުރާ ކަމަށް މިރުފަތު ހަނީފު ކައިރީގައި ސީރީން އެތައް ދުވަހަކު ބުނެފައިވާ ކަމަށް މިރުފަތު ބުނެފައިވެއެވެ. މިފަދަ ކަންތައްތަކާއި އަދި ރޭގަނޑު ދަންވަރު އެމީހުން ގޭގައި ހޭލައި އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ޑިސެމްބަރު 30 ވަނަދުވަހުގެ ކުރިން އެ ކޮޓަރި ހުސްކޮށްދިނުމަށް މިރުފަތު ހަނީފު، ސީރީން ކައިރީގައި ބުނުމުން ކޮޓަރި ހުސްކުރާނެ ކަމަށް ސީރީން މިރުފަތު ކައިރީގައި ބުނެފައިވެއެވެ. އެކޮޓަރި ތެރޭގައި ޝީރީންގެ މަރުވެފައިވަނީ އެ ކޮޓަރި ހުސްކުރަން ސީރީން އަށް މިރުފަތު ހަނީފު އަންގާފައިވާ ދުވަހާ ޖެހިގެން އައި ރ ކަމުގައިވާ 31 ޑިސެމްބަރު 2009 ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
2331 ޑިސެމްބަރު 2009 ދުވަހުގެ ރ އިރާކޮޅު 8 ޖެހިއިރު ޝީރީންއާ އާއި ނަޖާޙު […] އެޕާޓްމަންޓަށް ނިދަން އައީ ސީރީންގެ ދަރިފުޅު ސީރީންގެ މަންމަ ދިރިއުޅޭ […] ގޭގައި ބެހެއްޓުމަށްފަހުގަ އެވެ. ހަމަ އެދުވަހު (31 ޑިސެމްބަރު 2009) މެންދުރު ފަހުގެ ވަގުތެއްގައި މިރުފަތު ގޭގައި އުޅެނިކޮށް ނަޖާޙު މިރުފަތު ކައިރިއަށް ގޮސް ސީރީން އުޅެނީ އެއްވެސް މީހަކާ ރައްޓެހިވެގެންތޯ އެހިއެވެ. ނަޖާޙު އެހެން އެހުމުން، "އެއީ ތިމަންނަ ބަލާކަމެއް ނޫނޭ، ސީރީންގެ ވާހަކަ ތިމަންނަ ގާތު ނާހާށޭ" މިރުފަތު ނަޖާޙު ކައިރީގައި ބުންޏެވެ. އެ ގަޑީގައި ސީރީން އާއި ސީރީންގެ ދަރިފުޅު ގެއަކު ނޫޅެއެވެ. އެވަގުތު ނަޖާޙުގެ އަމަލުތައް ހުރި ގޮތުން ނަޖާޙު ހުރީ މަސްތުވެފައި ކަމަށް ޝައްކުކުރެވޭ ކަމަށް މިރުފަތު ބުނެފައިވެއެވެ. އަދި މިރުފަތުގެ ހެކިބަހުގައި ބުނެފައިވަނީ އެ ދުވަހު މުޙައްމަދު ނަޖާޙު އުޅެނީ ސީރީންގެ ފޯނު އަތުލައިގެން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން، އެދުވަހު (31 ޑިސެމްބަރު 2009) މެންދުރުފަހު 3:00 އެހާއިރު ނަޖާޙުއާ އެކު ސީރީން މިރުފަތުގެ އެޕާޓްމެންޓަށް އައުމުން ނަޖާޙު ހުރީ މަސްތުވެފައި ކަމަށް ސީރީންގެ ކައިރީގައި ބުނުމުން، ސީރީން ނަޖާޙުއާ ދިމާއަށް "ކަލޭ ޝީރީންއާ ނަޖާޙުއާ އެއްކޮށް އަނެއްކާވެސް ދިޔައީ ބޭރަށެވެ. އަދި އެރޭ ޝީރީންއާ ނަޖާޙުއާ ދެމީހުން އެކުގައި ގެއަށް ([…] ) އައީ އެރޭ 8:00 ޖަހާ އެހާކަށްހާ އިރު ކަމަށާއި އެ ދެ މީހުންނާއެކު ޝީރީންގެ ދަރިފުޅު ގެއަށް ނުގެންނަ ކަމަށް މިރުފަތު ބުނެފައިވެއެވެ. އަދި އެ ދެ މީހުން އައިސް ސަރަންފީގައި އިނީންތަނާ ޓީވީގެ އަށެއްގެ ޚަބަރު އަންނަން ފެށުމުން އެ ދެ މީހުން އެއްވެސް ވާހަކައެއް ނުދައްކައި އެކުގައި އެމީހުން އުޅޭ ކޮޓަރިއަށް ވަނީ ކަމަށް މިރުފަތުގެ ބަޔާނުގައި ބުނެފައިވެއެވެ. އެރޭގެ ދަންވަރު ގާތްގަނޑަކަށް 2 ޖަހަންދެން މިރުފަތު އިނ ސިޓިންގ ރޫމްގައި ފަހާފޮށި ދޮށުގައި ފަހަން ކަމަށް މިރުފަތު ބުނެފައިވެއެވެ. އެގޮތަށް އިންދާ އެރޭ 10 ޖަހާ އެހައިކަށްހާ އިރުން ފެށިގެން މުޙައްމަދު ނަޖާޙު އެކިފަހަރު މަތިން ކޮޓަރިން ނިކުމެ ވަދެ ހެދިއެވެ. އަދި ނަޖާޙު އެ ކޮޓަރިން ނިކުންނަ ކޮންމެ ފަހަރަކު ކޮޓަރީގެ ތަޅުދަނޑި ބޭނުންކޮށްގެން އެ ކޮޓަރި ބޭރުން ތަޅުލާކަން މިރުފަތުއަށް ފާހަގަކުރެވިފައިވާ ކަމަށް މިރުފަތު ބުނެފައިވެއެވެ. އަދި އެރޭގެ 10 އަކާއި 11 އާ ދެމެދު މިގޮތަށް ތިން ފަހަރު ނަޖާޙު އަމަލުކުރިކަން މިރުފަތުއަށް ފާހަގަކުރެވިފައިވާ ކަމަށާއި، ހަތަރުވަނަ ފަހަރަށް ނަޖާޙު ކޮޓަރިން ނިކުމެގެން ގޮސް ބެލްކަނީއަށް ނިކުތުމުން މިރުފަތު އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފައި އެތެރެ ބަލައިލިއިރު ޝީރީން ކަނާތްފަރާތަށްވާ ގޮތަށް ކޮޓަރީގެ ދެކުނު ފަރާތު ފާރާ ދިމާއަށް މޫނު އަނބުރައިގެން ބާލީހެއްގައި ބައްދާލައިގެން ކަހަލަ ގޮތަކަށް އޮއްވާ މިރުފަތުއަށް ފެނުނު ކަމަށް މިރުފަތު ބުނެފައި ވެއެވެ. އެއިރު ޝީރީން އޮތީ ނިދަން ލާ ކަހަލަ ދަނބު ކުލައިގެ ރޮނގުދެމި ޕެޓީއެއް ފާޑުގެ އެއްޗަކާއި އޮރެންޖު ކުލައިގެ ކުރު ސޯޓެއް ލައިގެން ކަމަށާއި، އެއިރު ކޮޓަރީގައި ހުރީ ހުދުކުލައިގެ އަލިގަދަ ބޮތްކެއް ދިއްލާފައި ކަމަށް މިރުފަތު ބުނެފައިވެއެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ މިރުފަތު އެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މިރުފަތުގެ ކޮޓަރިއަށް ވަދެލާފައި ސިޓިންގ ރޫމަށް ނިކުމެ ޝީރީން އޮތީ ކިހިނެތް ވެފައިތޯ ނަޖާޙު ގާތުގައި އެހުމުން ނަޖާޙު ބުނީ "ބިޑިއެއް ބޯލައިގެން ބޮލުގައި ރިއްސާތީ އޮތީއޭ" އެވެ. ޝީރީން އުޅޭ ކޮޓަރީގެ ފަންކާ ހަލާކުވެފައި ހުރެގެން ފަންކާ ހަދައިދޭން ހަސަން ކިޔާ މީހަކު ކައިރީގައި މިރުފަތު ބުނެފައި އޮވެގެން އެމީހާ އެރޭ 11 ޖަހާ އެހާކަށް ހާއިރު އެގެއަށް އައުމުން ކޮޓަރީގައި އެތައް ފަހަރަކު ޓަކި ޖެހުމުން ނަޖާޙު ކޮޓަރި ކުޑަކޮށް ހުޅުވާލުމުން ފަންކާ ހަދައިދޭން މީހަކު އައިސް ހުރި ވާހަކަ މިރުފަތު ނަޖާޙު ކައިރީގައި ބުނުމުން އޭނާއަށްވެސް ފަންކާ ހަދަން އެނގޭ ކަމަށާއި، އޭނާ ފަންކާ ހަދާލަފާނެ ކަމަށް ބުނެ ކޮޓަރި ލައްޕައި ކޮޓަރީގެ ދޮރު ތަޅުލީކަމަށް މިރުފަތު ބުނެފައިވެއެވެ. އެރޭ ދަންވަރު ގާތްގަޑަކަށް 1:30 އެހާކަށް ހާއިރު، މުޙައްމަދު ނަޖާޙު ސިޓިންގ ރޫމަށް ނިކުމެ އުޅޭތީ، އަދިވެސް ނިދާކަށް ނުވޭހޭ މިރުފަތު ޙަނީފު އޭނާއާ ސުވާލު ކުރުމުން، ނިދަންވީހޭ ކިޔާފައި، އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ހިފައިގެން މުޙައްމަދު ނަޖާޙު އެކޮޓަރިއަށް ވަނެވެ. އެރޭ މިރުފަތު ޙަނީފު ނިދީ ގާތްގަޑަކަށް ދޭއް ޖަހާ އެހާކަށް ހާއިރު ކަމަށް މިރުފަތު ހަނީފު ބުނެފައިވެއެވެ. މިރުފަތު ހަނީފު ނިދާފައި އޮއްވާ އަޑެއް އިވިގެން ހޭލެވުނު ކަމަށާއި، ތެދުވެ ގަޑިބެލިއިރު 04:30 ވެފައިވާ ކަމަށާއި މިރުފަތު ޙަނީފް ކޮޓަރިން ނިކުމެ ބެލިއިރު، މުޙައްމަދު ނަޖާޙު އެކޮޓަރީގެ ދޮރުހުޅުވައިގެން ދޮރުކައިރީގައި ހުރި ކަމަށް މިރުފަތު ހަނީފު ބުނެފައިވެއެވެ. ވީ ކީއްތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށް ބުނެފައި މުޙައްމަދު ނަޖާޙު ކޮޓަރިއަށް ވަނީ ކަމަށް މިރުފަތު ހަނީފުގެ ހެކިބަހުގައި ބުނެފައިވެއެވެ.
24ޖެހިގެން އައި ދުވަހު ( 01 ޖެނުއަރީ 2010) ހެދުނު 9:30 ހާއިރު މިރުފަތު ޙަނީފް ކޮޓަރިން ނިކުމެ ބެލްކަނީގައި އިންދައި މުޙައްމަދު ނަޖާޙު އައިސް އެރޭ ކޮޓަރިއަށް ވެއްދި ބިއްލޫރި ފުޅި ތެޅުނު ކަމަށް ބުނެފައިވެއެވެ. އަދި އެއަށްވާ ވަރަށް ފައިސާ ދީފާނަމޭ ނަޖާޙު ކިޔަން ފެށުމުން ފައިސާ ބޭނުމެއް ނެތޭ މިރުފަތު ބުނުމުން އޭނާ ކޮޓަރިއަށްވަދެ ތަޅުލީއެވެ. އަނެއްކާ ހަމަ އެދުވަހު 10:30 އެހާއިރު ސިޓިންގ ރޫމަށް މިރުފަތު ނިކުތް އިރު އައިސް އަލަމާރީގެ ދޮރުފަތުގެ އަތްގަނޑުގައި ކްރަމްޕީ ހޭކިފައި ހުރުމުން އެއީ ނަޖާޙު އަތުން ވީކަމެއް ކަމަށް ޝައްކުވެގެން އެކަމާ ހިތް ހަމަނުޖެހިފައި ހުއްޓާ ނަޖާޙު ކޮޓަރިން ނިކުމެ އެ ކޮޓަރީގެ ދޮރު ތަޅުލާފައި އެޕާޓްމެންޓުން ބޭރަށް ދިޔައެވެ. ނަޖާޙު ބޭރަށް ދިޔައިރު ޝީރީން އަރަން ގެންގުޅޭ ފައިވާން ސިޓިންރޫމްގެ ދޮރު ކައިރީގައި ހުރި ކަމަށް މިރުފަތު ހަނީފުގެ ހެކިބަހުގައި ބުނެފައިވެއެވެ. އަދި މަރިޔަމް ޝީރީން އިތުރު ފައިވާނެއް ގެންގުޅޭކަން އެނގިފައިނުވާ ކަމަށް މިރުފަތު ބުނެފައިވެއެވެ. އެހެން ކަމުން އައިސް އަލަމާރީގެ ދޮރުގެ އަތްގަނޑުގައި ކްރަމްޕީ ހޭކިފައިހުރި ކަމުގެ ޝަކުވާ ކުރަންވެގެން ޝީރީން އުޅޭ ކޮޓަރީގެ ދޮރުގައި މިރުފަތު ޓަކި ޖަހައި ނުހުޅުވުމުން ބެލްކަންޏަށް ގޮސް އެދިމާލުން އެކޮޓަރީގައި ހުންނަ ކުޑަދޮރުގައި ވެސް ޓަކިޖަހައި ޝީރީން އަށް ގޮވައި ހެދުމުންވެސް ޝީރީންގެ ޚަބަރެއް ވެފައިނުވާކަމަށް މިރުފަތު ބުނެފައިވެއެވެ. ދެން ޝީރީން ގެ މަންމަގެ ފޯނަށް މިރުފަތު ގުޅާފައި ޝީރީން ކޮބައިތޯ ސުވާލުކުރުމުން ޝީރީންގެ ޚަބަރެއް ނުވެގެން އުޅޭ ކަމަށާއި ޝީރީން ކޮންމެވެސް ތަނަކަށް ގޮސްފައިވާ ކަމަށް ނަޖާޙު ބުނިކަމަށް މިރުފަތު ކައިރީގައި ޝީރީންގެ މަންމަ ބުންޏެވެ. ޝީރީންގެ މަންމަ އެހެން ބުނުމުން ޝީރީންގެ ފައިވާން އެބަހުރި ކަމަށާއި، ގޭގައި އުޅޭ ކަމަށް ލަފާކުރެވޭ ކަމަށް މިރުފަތު ޝީރީންގެ މަންމަގެ ގާތުގައި ބުނުމުން، ނަޖާޙުއަށް ގުޅައިގެން އެ ކޮޓަރީގެ ތަޅުދަނޑި ހޯދައިގެން ޝީރީން ކޮބައިތޯ ބަލައި ދިނުމަށް ޝީރީންގެ މަންމަ މިރުފަތުގެ ގާތުގައި ބުނެ ނަޖާޙުގެ ފޯނު ނަންބަރު މިރުފަތުއަށް ދިނެވެ. ޝީރީންގެ މަންމަ ދިން ނަންބަރުން މިރުފަތު ނަޖާޙުއަށް ގުޅުމުން ނަޖާޙު މިރުފަތު ކައިރީގައި ބުނީ "ރ ފަތިހު ކޮންމެވެސް ރަށަކަށް ޝީރީން ފުރައިގެން ގޮސްފި" ކަމަށެވެ. ނަޖާޙު މިހެން ބުނުމުން ކޮޓަރީގެ ތަޅުދަނޑި ހަވާލުކުރުމަށާއި އެ ކޮޓަރި ދިނީ ޝީރީން އަށް ކަމަށާއި، ކޮޓަރި ހުސްކުރަން ކުރިންވެސް އޮންނާނީ ބުނެފައި ކަމަށް މިރުފަތު ނަޖާޙުގެ ގާތުގައި ބުންޏެވެ. މިރުފަތު މިހެން ބުނުމުން އާނ އެކޭ ކިޔާފައި ނަޖާޙު ފޯނު ކަނޑާލީއެވެ. އޭގެ އިރުކޮޅެއް ފަހުން ނަޖާޙު ގެއަށް އައިސް ކޮޓަރިއަށްވަދެ ކޮޓަރީގެ އެތެރެއިން ދޮރު ތަޅުލިއެވެ. ދެން މުޙައްމަދު ނަޖާޙު ކޮޓަރިން ނިކުތީ އެދުވަހު ހަވީރުގެ ވަގުތެއްގައެވެ. އެއަށްފަހު މުޙައްމަދު ނަޖާޙު ކޮޓަރިއަށް އައީ އެރޭ (01 ޖެނުއަރީ 2010 ދުވަހުގެ ރ) ރޭގަނޑުއެވެ. އަދި މުޙައްމަދު ނަޖާޙު އެރޭ ނިދީވެސް އެކޮޓަރީގައި ކަމަށް މިރުފަތު ހަނީފުގެ ހެކިބަހުގައި ބުނެފައިވެއެވެ. އެރޭ އެޕާޓްމަންޓަށް ބޭރުން ވަންނަ މައިދޮރުގެ ތަޅުތަނޑި މިރުފަތު ޙަނީފް ނެގިއެވެ. އެއީ ކުރިން ދޮރުގެ ތަޅަށްޖަހާފައި ހުންނަ ތަޅުދަނޑިއެއް ކަމަށް މިރުފަތު ހަނީފު ބުނެފައިވެއެވެ.
25ޖެހިގެން އައި ދުވަހު (02 ޖެނުއަރީ 2010) ދުވަހު ހެދުނުގެ ވަގުތެއްގައި، ސިޓިންގ ރޫމުން އެޕާޓްމަންޓަށް ވަންނަ މައިދޮރު ހުޅުވައިދިނުމަށް މުޙައްމަދު ނަޖާޙު މިރުފަތު ޙަނީފްގެ ގާތުން އެދުނެއެވެ. އެދޮރު ހުޅުވަން ދިޔައިރު، މުޙައްމަދު ނަޖާޙުގެ ކައިރީގައި މަރްޔަމް ސީރީން އެގެއަށް ފުރަތަމަ އައި ދުވަހު ގެނައި ފޮށި ހުއްޓެވެ. އެފޮށި ހުރީ ވަރަށް ބޮޑަށް ފުރި ފުއްޕާފައި ކަން މިރުފަތު ހަނީފަށް ފާހަގަ ކުރެވުނުކަމަށް އެނާ ބުނެފައިވެއެވެ. މުޙައްމަދު ނަޖާޙުގެ ގާތުގައި ގެންދަނީ ކޮންއެއްޗެއްތޯ އެހުމުން އެއީ އޭނާގެ އަންނައުނު ކަމަށް މުޙައްމަދު ނަޖާޙު ބުނެފައިވެއެވެ. މުޙައްމަދު ނަޖާޙު އެގެއަށް އައި ދުވަހު ގެނައީ ދަބަހަކާއި ލެޕްޓޮޕްލާ ވައްތަރުގެ ދަބަހެއްކަން މިރުފަތު ޙަނީފު ބުނެފައިވެއެވެ. މުޙައްމަދު ނަޖާޙު އެގެއިން ނިކުމެގެން ދިޔައީ ކޮޓަރި ތަޅުލާފައެވެ. ކުރިން ބަޔާންކުރި ސީރީންގެ ފޮށި ހިފައިގެން […] ނަޖާޙު އެނބުރި އައީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފޮށި ހިފައިގެން އެނބުރި ގެއަށް އައުމުން "އަސްލު ކިހިނެތް ވެގެންހޭ ތިޔަ އުޅެނީ، މަރްޔަމް ސީރީންއާ ދެމީހުން ޒުވާބުކޮށްފައި އޭނާ ފިލައިގެން ނުވަތަ ހިތްހަމަނުޖެހިގެން ދިޔައީހޭ މިރުފަތު ނަޖާޙު ކައިރީގައި ބުނުމުން، "ދެމީހުން ވާހަކަ ދައްކާފައި ހަމަޖެހިގެން ދިޔައީ ކަމަށާއި، މަރިޔަމް ޝީރީންއަށް ފަތިހު ދިޔައިރު ޓެކްސީއަށް އަރުވަންވެސް ދިޔަ" ކަމަށް ނަޖާޙު މިރުފަތުގެ ގާތުގައި ބުންޏެވެ. ނަޖާޙު މިހެން ބުނުމުން "ސީރީން ދިޔައީ ފައިވާން ބަހައްޓާފައިހޭ ކޮން އެއްޗެއްހޭ ލައިގެން ދިޔައީ، ނިދާ އެއްޗެހި ލައިގެންހޭ ދިޔައީ" މިރުފަތު އެހުމުން ފައިވާނަށް އަރައިގެން ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށާއި ލައިގެން ދިޔަ އެއްޗެއްވެސް ނޭނގޭ ކަމަށް ނަޖާޙު މިރުފަތުގެ ކައިރީގައި ބުނެފައި ނަޖާޙު ކޮޓަރިއަށް ވަނީއެވެ. އެ ކޮޓަރިއަށް ނަޖާޙު ވަންނަނިކޮށް ދެން އެހެންވީމަ ފަންކާ ހަދައިދޭންވީ ނޫންހޭ މިރުފަތު ބުނުމުން ނަޖާޙު ކޮޓަރިއަށް ވަނީ އެއަށް ޖަވާބުނުދީ އެވެ. އެދުވަހު މެންދުރުފަހު 2:30 އެހާއިރު، ސީރީން އުޅުނު ކޮޓަރީގެ ދޮރުގައި މިރުފަތު ޓަކި ޖެހީމަ ނަޖާޙު ދޮރު ހުޅުވުމުން ކޮޓަރި ބަލަން އެހެން ބަޔަކު އަންނަކަމަށް ބުނުމުން ނަޖާޙު އެގެއަށް އައި އިރު ގެނައި ދަބަހާއި ލެޕްޓޮޕް ވައްތަރުގެ ދަބަސް ހިފައިގެން ނިކުމެ މިރުފަތު އަތަށް ކޮޓަރީގެ ތަޅުދަނޑި ދީފައި ނަޖާޙު […] އިން ނިކުމެގެން ނަޖާޙު ތަޅުދަނޑި ދީފައި ދިއުމުން މިރުފަތު އެ ކޮޓަރިއަށް ވަން އިރު އެ ކޮޓަރީގައި ޝީރީންގެ ގިނަ ހެދުންތަކެއް ހުރިކަމަށް މިރުފަތު ހަނީފުގެ ހެކިބަހުގައި ބުނެފައި ވެއެވެ. އަދި އެއްޗެއް ކުނިވެގެން ދުވާ ކަހަލަ އާދަޔާ ޚިލާފު ނުބައި ވަހެއް އެކޮޓަރި ތެރެއިން ދުވިއެވެ. ދެން އަނެއްކާ އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަޖާޙު އަނެއްކާ އެގެއަށް ގޮސް ދެ ޗާޖަރު އެކޮޓަރިން ގެންދިޔައެވެ. ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަޖާޙު ޝީރީންގެ ދަރިފުޅު ގޮވައިގެން އެ އެޕާޓްމެންޓަށް ގޮސް އެ ކޮޓަރީގައި އޮތް އެ ކުއްޖާގެ ދެ ޖިންސާއި ދެ ސޯޓާއި ދެ ގަމީހާއި ދެ ޓީޝާޓާއި ދަތް އުނގުޅާ ބުރުހާއި ދަތް އުނގުޅާ ބޭސް ފުޅި ހިފައިގެން ދިޔައީއެވެ.
26ޖެނުއަރީ 1 ވަނަ ދުވަހު، ފޭދޫ ފިނޮޅުގައި ހުރެގެންވެސް ޝީރީންގެ މަންމަ އެތައް ފަހަރަކު ޝީރީންއަށް ގުޅި ކަމަށާއި، ނަމަވެސް ފޯނު ނިއްވާލާފައި އޮތުމުން ނުގުޅޭ ކަމަށް ޝީރީންގެ މަންމަގެ ހެކިބަހުގައި ބުނެފައިވެއެވެ. ޝީރީންގެ މަންމައަށް އެނބުރި މާލެ އާދެވުނީ އެރޭ ރޭގަނޑު 10 ޖަހައި އެހައިކަށްހާ އިރުއެވެ. ޖެހިގެން އައި ދުވަހު (2 ޖެނުއަރީ 2010) މެންދުރު ކުރިން ޝީރީންގެ މަންމަ ދިޔައީ ޝީރީން ފެނޭތޯ […] . އެގޭގައި މިރުފަތު އާއެކު ޝީރީންގެ ކޮޓަރީގައި އިނދެގެން ޝީރީންގެ މަންމަ ނަޖާޙުއަށް ގުޅާފައި ޝީރީން ކޮބައިތޯ އެހުމުން ނަޖާޙު ބުނީ އެރޭ އާ އަހަރު ފާހަގަކުރަންވެގެން އެރޭ 12 ގެ ފަހުން ކާރަކަށް ގުޅައިގެން ހިނގައްޖެ ކަމަށާއި ދިޔަ ތަނެއް ނޭނގޭ ކަމަށާއި ޝީރީންއާ އެކު ކާރާއި ހަމައަށްވެސް ނަޖާޙު ދިޔަ ކަމަށާއި ޝީރީން ދިޔައީ ނިދާ އެއްޗެހި ލައިގެން ކޮތަޅެއް ހިފައިގެން ކަމަށާއި އެރޭ ބާޒާރުން ގަތް އެއްޗެއްކަމަށް ހީވާ ކަމަށެވެ. ޝީރީންގެ މަންމައާއި މިރުފަތު ޝީރީންގެ ކޮޓަރީގައި ތިބިއިރު ކޮޓަރިތެރެއިން އެއްޗެއް ކުނިވާކަހަލަ ވަރަށް އާދަޔާ ޚިލާފު ނުބައި ވަހެއް ދުވިކަމަށް ޝީރީންގެ މަންމަގެ ހެކިބަހުގައި ބުނެފައިވެއެވެ. ދެން މިރުފަތު އެ ކޮޓަރި ފޮޅާ ސާފުކުރިއެވެ. އަދި އެ ދުވަހު ހެނދުނު ޝީރީންގެ ފޮށި ފުރެންދެން އެއްޗެހި އަޅައިގެން އެފޮށި ހިފައިގެން މުޙާއްމަދު ނަޖާޙު ދިޔަކަމަށް މިރުފަތު ޝީރީންގެ މަންމެގެ ގާތުގައި ބުނިކަމަށް ޝީރީންގެ މަންމަ ދީފައިވާ ހެކިބަހުގައި ބުނެފައިވެއެވެ. އޭރު އެ ފޮށި ކޮޓަރިތެރޭގައި ހުއްޓެވެ. އިތުރު މީހުންނަށް ގުޅައިގެން ޝީރީންގެ ޚަބަރެއްވީތޯ ޝީރީންގެ މަންމަ ބެލިއެވެ. އެއަށް ފަހު ޝީރީންގެ މަންމަ އުޅޭ ގެއަށް ޝީރީންގެ މަންމަ ދިޔައީ ކަމަށް ޝީރީންގެ މަންމަގެ ބަޔާނުގައި ބުނެފައިވެއެވެ.
27ޓެކްސީ ޑްރައިވަރު، ވިލިމާލޭ އިސްމާޢީލިއްޔާ، އަޙްމަދު މުޙައްމަދުގެ ހެކިބަހުގައި އޭނާ ބުނެފައިވަނީ 2 ޖެނުއަރީ 2010 ދުވަހުގެ ހެނދުނު، އެއްޗެއް އަޅައިފުރައި ފުފިފައި ހުރި ފޮށްޓެއް ހިފައިގެން […] މުޙައްމަދު ނަޖާޙު ނިކުމެ، އެ ދުވަހުގެ ހެނދުނު ގާތްގަޑަކަށް 8:30 އާއި 8:45 އެހާއިރު، މާފަންނު ގަޑިބުރު ކައިރިން، އޭނާ ދުއްވާ ޓެކްސީއަށް މުޙައްމަދު ނަޖާޙު އެރި ކަމަށެވެ. މި ހެކިވެރިޔާ ބުނެފައިވަނީ 02 ޖެނުއަރީ 2010 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 8:30 އާއި 8:45 އާއި ދެމެދު ޕިންކް ގަރާޖުން އޭނާ ދުއްވާ ކާރުގެ ފުރޮޅަށް ވައިޖަހައިގެން ދުއްވާލިތަނާ […] ވަންނަ ގޯޅި ގަނޑާދިމާގައި ހުރި މީހަކު އަތް ހިއްލާފައި ދަތުރަކަށް އެދުނު ކަމަށެވެ. އެދުވަހު އެގަޑީގައި ޓެކްސީ ދަތުރު ނެގީ މުޙައްމަދު ނަޖާޙުކަން އެގުނީ ފުލުހުންގެ ތަހުގީގުން ދެއްކި ފޮޓޯ ބެލުމުންކަމަށް އަޙްމަދު މުޙައްމަދުގެ ހެކިބަހުގައި ބުނެފައި ވެއެވެ. އަޙްމަދު މުޙައްމަދު ބުނެފައިވަނީ މުޙައްމަދު ނަޖާޙުގެ އަތުގައި އެއްވެސް އެއްޗެއް އޮތްވާ ނުފެންނަކަމަށާއި، ކައިރީގައި ފޮށްޓެއް ހުރިކަމަށާއި، އެއީ ލަގެޖު އުފުލާ ބޮޑު ފޮށްޓެއްކަމަށާއި، އެފޮއްޓަކީ ސައިޒުން ފުދޭ ވަރަކަށް ބޮޑު ފޮއްޓެއްކަމަށާއި، ހަނދާންވާ ގޮތުން އެފޮށީގައިހުރީ ނޫކުލަކަމަށާއި، […] ގެއާއި […] ދެމެދުހުންނާނެ ދުރުމިނެއް ބުނަން ނޭނގޭކަމަށާއި، […] ގެއަކީ ޕިންކް ގަރާޖްގައި އިންނަ ގެކަމަށާއި، މުޙައްމަދު ނަޖާޙް ކާރަށް އެރުމަށްފަހުގައި އެދުނީ […] ގެންގޮސް ދިނުމަށްކަމަށާއި، އޭރު ފޮށި އޮންނާނީ ޓެކުސީގެ ޑިކީގައިކަމަށާއި، ޑިކީއަށް ފޮށި އެރުވީ މުޙައްމަދު ނަޖާޙު އަމިއްލައަށްކަމަށެވެ. ކާރުގައި ދަތުރުކޮށްފައި ދަނިކޮށް ޢިއްޒުއްދީނުމަގު ދައްކާފައި، އެމަގުން އަޅާލުމަށް މުޙައްމަދު ނަޖާޙު ބުނެފައިވާ ކަމަށާއި، މުޙައްމަދު ނަޖާޙު އެހެން ބުނުމުން ޢިއްޒުއްދީންމަގުން ވާއަތަށް އަޅައިގެން ދިޔަކަމަށާއި، ދަތުރުކުރަމުން ދަނިކޮށް ބްލޫކިޔާމަގުން ކަނާއަތަށް އަޅާލުމަށް ނަޖާހު އިޝާރާތްކުރިކަމަށާއި، ބްލޫކިޔާމަގަށް އެޅުމުން، އެތާނގައި އިން ލަވާޒާ ކޮފީ ޝޮޕް އޭނާ ދެއްކިކަމަށާއި، އެހިސާބުން ހަތަރު އަނގޮޅިއާއި އަރީގޮހުލުން ކަނާއަތަށް އެޅުމަށް މުޙައްމަދު ނަޖާޙު ބުނިކަމަށާއި، ކަނާއަތަށް ލަނބާލައިގެންގޮސް […] ކިޔާ ހަދަމުންދާ ގެއަކާއި އަރާހަމަވުމުން، އެތަން ރަނގަޅުވާނެކަމަށް ބުނެ އެތަނަށް މަޑުކުރުމަށް މުޙައްމަދު ނަޖާޙް އެދުނުކަމާއި، ދަތުރަށްވާ 25 ރުފިޔާ ދިފައި، މުޙައްމަދު ނަޖާޙު ކާރުން ފޭބުމުން އަޙުމަދު މުޙައްމަދުވެސް ކާރުން ފޭބިކަމަށާއި، އަޙުމަދު މުޙައްމަދު ކާރުން ފޭބީ މުޙައްމަދު ނަޖާޙު ކާރަށް އެރިއިރު އުފުލީ ބަރު ފޮށްޓަކަށްވާތިވެ އެ ފޮށި ބާލައި ދިނުމަށްކަމަށާއި، ޑިކީއާ ހަމައަށް ދިޔައިރު، ފޮށިހުރީ ޑިކީ ތެރެއިން ނަގައި ދުވާރު މަތީގައި ބަހައްޓާފައިކަމަށެވެ. އަދި އަޙްމަދު މުޙައްމަދު ބުނީ ފޮށީގެ އެއްކޮޅުގައި ހިފައިގެން ވަކި ހިސާބަކަށް ގެންގޮސްދީފައިވާނެ ކަމަށާއި، ގެންގޮސްދިނުމުން އެންމެ ރަނގަޅުކަމަށް މުޙައްމަދު ނަޖާޙް ބުނެފައިވާކަމަށާއި، ފޮށި ބަރުކަމުން ފޮށްޓަށް ތިމަރަ އަޅާފައިހުރީތޯ ސުވާލުކޮށްފައިވާނޭ ކަމަށާއި، މަރްޔަމް ޝީރީން މަރުވެފައި އޮތް ތަނާއި، އަޙްމަދު މުޙައްމަދު އަށް މުޙައްމަދު ނަޖާޙް އެންމެ ފަހުން ފެނުނުތަނާއި ގާތްގަނޑަކަށް ހުންނާނީ 06 ފޫޓު ކަމަށާއި، […] ގެއަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދާ ބޮޑު ގޯއްޗެއްކަމަށާއި، ފޮށި ޑިކީ ތެރެއަށްލީ މުޙައްމަދު ނަޖާޙުކަމަށާއި، މުޙައްމަދު ނަޖާޙު ފޮށި ޑިކީއަށް ލައިގެން ދަތުރުކުރިތާ 01 (އެކެއް) ދުވަސް ފަހުން ޑިކީގައި ވަހެއް ހުރިކަން ފާހަގަކުރެވުނު ކަމަށާއި، އެއީ ތަތްމުޑުކަހަލަ ވަހެއްކަމަށާއި، މުޙައްމަދު ނަޖާށް ކާރަށް އެރުމުގެ ކުރިން އެވަސް ނުހުންނާނެ ކަމަށާއި، އެދުވަހު މުޙައްމަދު ނަޖާޙު ފެނުނުއިރު ބުރަކޮށް އުޅެފައި އައި ވައްތަރު ޖަހާކަމަށާއި، އެއީ އެދުވަހު އޭނާ ފެނުނުއިރުގައި ހުރީ ދާހިއްލާފައިކަމަށް ވާތީ ކަމަށެވެ.
28މުޙައްމަދު ނަޖާޙު، […] ގެންދިޔަ ފޮށީގައި އޮތް މަރިޔަމް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު […] ގޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުގައި ހުރި ކުނިތަކުގެ ތެރެއަށް އެއްލާލުމަށްފަހު، ހުސްފޮށި ހިފައިގެން އެނބުރި […] ގޮސް މަރްޔަމް ޝީރީން ދިރިއުޅުނު ކޮޓަރީގައި އެފޮށި ބެހެއްޓިއެވެ.
29ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ […] ކައިރިއަށް މުޙައްމަދު ނަޖާޙު އަރައިގެން ދިޔަ ޓެކްސީ މަޑުކުރުވައި، ނަޖާޙު ގެންދިޔަ ފޮށި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ […] ގޭ ތެރެއަށް ވައްދައި ޝީރީންގެ މަރުވެފައިވާ ހަށިގަނޑު އެތަނަށް އެއްލާލި ދުވަހާ ޖެހިގެން އައި ދުވަހު، އެއީ 03 ޖެނުއަރީ 2010 ދުވަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ […] ތިރީގައި ޖަމާކޮށްފައިވާ ހުސްގޯނިތަކާއި ކުނިބުނިތައް އުކާލުމުގެ މަސައްކަތް ކުރުމަށް އެގޯނިތައް ނަގަން އުޅުނު މީހާއަށް އެގޯނިތަކުގެ ތެރެއިން އިންސާނެއްގެ ކަކުލުން ތިރީބައި ފެނުމުން، އޭނާ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގިއެވެ. އަދި އެތަން ފުލުހުންނާއި އެގޯއްޗާއި އޭރު ޙަވާލުވެ ހުރި ފަރާތާއި މަސައްކަތް ކުރަން އުޅުނު މީހުން ތިބެގެން ބެލިއިރު، އެތަނުގައި އޮތީ ޝީރީންގެ ފުރާނަ ނެތް ހަށިގަނޑެވެ. މަރްޔަމް ޝީރީންގެ ފުރާނަނެތް ހަށިގަނޑު […] ތިރީގައި ހުރި ހުސްގޯނިތަކުގެ ތެރެއިން ފެނުނުއިރު އޮތްގޮތަށް ނަގާފައިވާ ފޮޓޯ އިން ފެންނަން އޮތް ގޮތުގައި މަރްޔަމް ޝީރީން އޮތީ ދެއަތާއި ދެކަކޫ މެއާ ދިމަށް ކުރުގަޅުވާލާފަ އެވެ. މަރްޔަމް ޝީރީންގެ ފުރާނަ ނެތް ހަށިގަނޑު ބަޔާންވެދިޔަ ފޮށްޓަށް ލެވޭގޮތަށް ލަނބާ ބައްޓަންކޮށްފަ އެވެ. މަރްޔަމް ޝީރީން މަރުވެފައި އޮތްއިރު އޭނާ ލައިގެން ހުރި އަންނައުނަކީ އާންމު ގޮތެއްގައި މަރްޔަމް ޝީރީން ނިދަންލާއިރު ލާ އެއްޗެހިކަން މިރުފަތު ޙަނީފުގެ ބަހުން އެނގެއެވެ. މަރްޔަމް ޝީރީންގެ ޚަބަރެއް ނުވެގެން އޭނާގެ މަންމަ މުޙައްމަދު ނަޖާޙުއަށް ގުޅުމުން ނިދާ ހެދުން އަޅައިގެން އާއަހަރު ފާހަގަ ކުރަން ދިޔަކަމަށް ނަޖާޙު ޝީރީންގެ މަންމަގެ ގާތުގައި ބުނެފައިވެއެވެ.
30މައްސަލައާ ގުޅިގެން ހާޒިރުކުރެވުނު […] ޑރ އަޙްމަދު މިޤްދާދު އާއި ދައުލަތުން ކުރި ސުވާލުތަކާ ގުޅިގެން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ހުށަހެޅިފައިވާ މައްސަލަ އެނގޭކަމަށާއި، ޑރ. އަޙްމަދު މިޤްދާދު އަކީ އިންޓާނަލް މެޑިސިން ޑޮކްޓަރެއް ކަމަށާއި ފޮރިންސިކް އެކްސްޕާރޓެއް ނޫންކަމަށާއި، ޕޭޝަންޓު ފެނުނުއިރު އޮތީ ކުނިވާން ފަށާފައިކަމަށާއި، އެގޮތަށް އޮންނައިރު އިތުރު ޓެސްޓު ނަހަދާ ރަގަޅު ތަސައްވުރެއް ދޭން އުދަގޫވާނެ ކަމަށާއި އެފަދަ ޕޭޝަންޓެއް ވެއްޖުމީއްޔާ ޖެހޭނެވެ ފުރިހަމަ ޕޯސްޓްމޯޓަމެއް ހަދަންކަމަށާއި، ބެލިއިރު ލޮލަށް ރަތްކުލަ އަރާފަ އަދި ކަންފަތުން އެއްޗެހިތަކެއް ވެސް އައިސްފައި ހުރިކަމަށާއި، މޫނުގައިވެސް ކޮންމެވެސް ވަރަކަށް ރަތްކުލަހުރިކަން ހަނދާނުގައި އެބަހުރިކަމަށާއި، ގައިގެ އެތަންމިތަނުގައި ކަޅުކުލަ ހުރިކަމަށާއި، މިފަދަހާލަތުގައި ހަމައެކަނި ބޭރަށް ފެންނަންހުންނަ އެއްޗަކަށް ބަލާފައި ތަސައްވުރެއް ނުދެވޭނެކަމަށާއި، ބޭރުން ބަލާބެލުމަށް އެއްވެސްކަހަލަ ހާނީއްކައެއް ކޮށްފަ ހުރިކަމަށް ފެންނަން ނެތް ކަމަށާއި، އެހެންކަމުން އެކްސްރޭ ނަގަން އޭރު ލަފާދީފައިވާނެ ކަމަށާއި، ހާނީއްކަވީމަ ބައެއްފަހަރު ނާރާހުރެދާނެ ކަމަށާއި، ފުރިހަމަ ޕޯސްޓްމޯޓަމެއް ނުހަދައި ނޭނގޭނެ ކަމަށާއި، ފުރިހަމަ ޕޯސްޓްމޯޓަމެއް ހަދަން ލަފާދޭ ބައެއް ކަހަލަ ކަންތައްތައް ބޭރުން ފެންނަންހުރި ކަމަށެވެ.
31މަތީގައި މި ބަޔާންކުރި ވާގިއާތަކުގެ މުޅި ސިލްސިލާއަށް ބަލާއިރު، އެ ސިލްސިލާގެ ހުރިހައި ބޮޅުތައް ގެތިފައި ހުރީ މުޙައްމަދު ނަޖާޙުގެ މައުސޫމުކަމާ ފުށުއަރާ ގޮތަށެވެ. މުޙައްމަދު ނަޖާޙު، ކެނޑިނޭޅި ޝީރީން އަށް ރަހުމުކުޑަކޮށް ބޮޑެތި އަނިޔާކުރަމުން ގެންދިޔަކަން ސާބިތުވެއެވެ. މަރުގެ އިންޒާރު ދީފައިވާކަން ސާބިތުވެއެވެ. ޝީރީން މާލެއަށް ބަދަލުވީ، މުޙައްމަދު ނަޖާޙުގެ އަނިޔާ ބޮޑުވެގެންކަން ސާބިތުވެއެވެ. މުޙައްމަދު ނަޖާޙު ޝީރީން ގެ ފަހަތުން މާލެއައިސް ޝީރީން ގެކޮޓަރީގައި އުޅެން ފެށިކަން ސާބިތުވެއެވެ. މުޙައްމަދު ނަޖާޙު އެ ކޮޓަރިއަށް އައިތާ ދެހަފްތާވެސް ނުވަނީސް މަރްޔަމް ޝީރީން އާއި މުޙައްމަދު ނަޖާޙުއާ ދެމެދު އަރައިރުން އުފެދި އަޑުގަދަވާތީ އެކޮޓަރި ހުސްކުރުމަށް މިރުފަތު ހަނީފު ޝީރީން އަށް އެންގިކަން ސާބިތުވެއެވެ. ޝީރީން މަރުވި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި (31 ޑިސެމްބަރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި) ނަޖާޙު މިރުފަތު ކައިރިއަށް ގޮސް ޝީރީން އުޅެނީ އެއްވެސް މީހަކާ ރައްޓެހިވެގެންތޯ އެހިއެވެ. އެދުވަހު ޝީރީންގެ ފޯނު ނަޖާޙު އޮތީ ޝީރީންގެ އަތުން އަތުލާފައި ކަން ސާބިތުވެއެވެ. 31 ޑިސެމްބަރު ދުވަހުގެ ރ 8 ޖެހިއިރު ޝީރީންއާ ނަޖާޙު އެކުގައި އެމީހުން ނިދާ ކޮޓަރިއަށް ވަންކަން ސާބިތުވެއެވެ. އަދި އެފަހުން ދިރިހުރި އިންސާނެއްގެ ގޮތުގައި ޝީރީން އެކޮޓަރިން ނުނިކުންނަކަން ސާބިތުވެއެވެ. 31 ޑިސެމްބަރު ދުވަހުގެ ރ 8 ޖެހިއިރު ޝީރީންއާ ނަޖާޙު އެކުގައި އެމީހުން ނިދާ ކޮޓަރިއަށް ވަންފަހުން އެރޭގެ ދަންވަރު ގާތްގަނޑަކަށް 2 ޖަހަންދެން މިރުފަތު އިނ ސިޓިންގ ރޫމްގައި ފަހާފޮށި ދޮށުގައި ފަހަން ކަމަށް މިރުފަތު ބުނެފައިވެއެވެ. އެގޮތަށް އިންދާ އެރޭ 10 ޖަހާ އެހާކަން ހާއިރުން ފެށިގެން މުޙައްމަދު ނަޖާޙު އެކިފަހަރު މަތިން އެ ކޮޓަރިން ނިކުމެ ވަދެ ހަދާފައި ވެއެވެ. އަދި ނަޖާޙު އެ ކޮޓަރިން ނިކުންނަ ކޮންމެ ފަހަރަކު ކޮޓަރީގެ ތަޅުދަނޑި ބޭނުންކޮށްގެން އެ ކޮޓަރި ބޭރުން ތަޅުލާކަން މިރުފަތުއަށް ފާހަގަކުރެވިފައިވެއެވެ. އަދި އެއީ ނަޖާޙު އެހެން ރޭރޭ އުޅޭ ގޮތެއް ނޫންކަމަށް މިރުފަތު ބުނެފައިވެއެވެ. އަދި އެރޭގެ 10 އަކާއި 11 އާ ދެމެދު މިގޮތަށް ތިން ފަހަރު ނަޖާޙު އަމަލުކުރިކަން މިރުފަތުއަށް ފާހަގަކުރެވިފައި ވެއެވެ. އަދި 4 ވަނަ ފަހަރަށް ނަޖާޙު ކޮޓަރިން ނިކުމެގެން ގޮސް ބެލްކަނީއަށް ނިކުތުމުން މިރުފަތު އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފައި އެތެރެ ބަލައިލިއިރު ޝީރީން ކަނާތްފަރާތަށްވާ ގޮތަށް ކޮޓަރީގެ ދެކުނު ފަރާތު ފާރާ ދިމާއަށް މޫނު އަނބުރައިގެން ބާލީހެއްގައި ބައްދާލައިގެން ކަހަލަ ގޮތަކަށް އޮއްވާ މިރުފަތުއަށް ފެނުނެވެ. މިރުފަތު އެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މިރުފަތުގެ ކޮޓަރިއަށް ވަދެލާފައި ސިޓިންގ ރޫމަށް ނިކުމެ ޝީރީން އޮތީ ކިހިނެތް ވެފައިތޯ ނަޖާޙު ގާތުގައި އެހުމުން ނަޖާޙު ބުނީ "ބިޑިއެއް ބޯލައިގެން ބޮލުގައި ރިއްސާތީ އޮތީއޭ" އެވެ. ޝީރީން އުޅޭ ކޮޓަރީގެ ފަންކާ ހަލާކުވެފައި ހުރެގެން ފަންކާ ހަދައިދޭން ހަސަން ކިޔާ މީހަކު ކައިރީގައި މިރުފަތު ބުނެފައި އޮވެގެން އެމީހާ އެރޭ 11 ޖަހާ އެހާކަށް ހާއިރު އެގެއަށް އައުމުންވެސް ނަޖާޙު އެ ކޮޓަރި ނުހުޅުވިއެވެ. އެރޭ ދަންވަރު ގާތްގަޑަކަށް 1:30 އެހާކަށްހާއިރު، މުޙައްމަދު ނަޖާޙު ސިޓިންގ ރޫމަށް ނިކުމެ އުޅޭތީ، އަދިވެސް ނިދާކަށް ނުވޭހޭ މިރުފަތު ޙަނީފު ސުވާލު ކުރުމުން، ނިދަންވީހޭ ކިޔާފައި އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ހިފައިގެން މުޙައްމަދު ނަޖާޙު އެކޮޓަރިއަށް ވަނެވެ. އެރޭ މިރުފަތު ޙަނީފު ނިދީ ގާތްގަޑަކަށް ދޭއް ޖަހާ އެހާކަށް ހާއިރު ކަމަށް މިރުފަތު ހަނީފު ބުނެފައިވެއެވެ. ނިދާފައި އޮއްވާ އަޑެއް އިވިގެން ހޭލެވުމުން ތެދުވެ ގަޑިބެލިއިރު 04:30 ވެފައިވާ ކަމަށާއި މިރުފަތު ޙަނީފް ކޮޓަރިން ނިކުމެ ބެލިއިރު، މުޙައްމަދު ނަޖާޙު އެކޮޓަރީގެ ދޮރުހުޅުވައިގެން ދޮރުކައިރީގައި ހުރި ކަމަށް މިރުފަތު ހަނީފު ބުނެފައިވެއެވެ. ވީ ކީއްތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށް ބުނެ މޫރިއްމަދު ނަޖާޙު ކޮޓަރިއަށް ވަނެވެ. ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ނަޖާޙު ބުނެފައިވަނީ ނަޖާޙު އެރޭ 10 ޖެހިއިރު ނިދިގޮތަށް ހޭލެވުނީ ދަންވަރު 2 ޖެހިއިރު ކަމަށެވެ. ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ނަޖާޙު ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ހެދީ ދޮގުކަން އެނގެއެވެ. ޝީރީން އެރޭ ފުރައިގެން ނުވަތަ އެގެއިން ނިކުމެގެން ނުދާކަމުގެ ހަރުދަނާ ހެކި ހުރި ހިނދުވެސް، ޝީރީން އެރޭ ފަތިހު ފުރައިގެން އެހެން ރަށަކަށް ދިޔައީ ކަމަށް ބުނެ ނަޖާޙު ކަނޑައެޅިގެން ދޮގު ހަދާފައިވާކަން ސާބިތުވެއެވެ. އަދި ޝީރީން މަރުވުމުން ޝީރީންގެ މަރުވެފައިވާ ހަށިގަނޑު އެއްވެސް އިހުތިރާމެއް ނެތި ފޮއްޓަކަށް ލައިގެން އެގެއިން ނެރެގެން ގެންގޮސް މާދުރުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ކުނިފުންޏެއްގެ ތެރެއަށް އެއްލާލާފައި، ހުސް ފޮށި ގެނެސް އެ ކޮޓަރީގައި ބެހެއްޓީ ޝީރީންގެ މަރުގެ ހެކި ނުވަތަ އޭނާގެ ކުށްވެރި އަމަލުގެ ހެކި ފޮރުވުމަށެވެ. އެކަން ސާބިތުވެއެވެ. އެރޭ ދަންވަރު 04:30 ގައި ގަދަ އަޑެއް އިވިގެން މިރުފަތު ހަނީފު ހޭލައިގެން ދޮރުހުޅުވި އިރު، އެ ކޮޓަރި ކުރިމަތީގައި ހުރި ޝީރީންމެން އުޅޭ ކޮޓަރީގެ ދޮރުހުޅުވައިގެން ނަޖާޙު ހުރިކަން އެނގެއެވެ. އެއީ ކޮން އަޑެއްތޯ ބުނުމުން ނަޖާޙު ބުނީ ނޭނގޭ ކަމަށެވެ. ނަމަވެސް އަނެއްދުވަހު ހެނދުނު މިރުފަތު ކައިރީގައި ބުނެފައިވަނީ އެއަޑަކީ އޭނާ އެރޭ ކޮޓަރިއަށް ވެއްދި ފެންފުޅި ތަޅައިގެން ދިޔަ އަޑު ކަމަށެވެ. ވީމާ މިއީވެސް ދޮގެއްކަން އެނގެއެވެ. އެކޮޓަރިން މީހަކު މަރާލަން ބޭނުންކުރެވިދާނެ ވަޅިއެއް ނުވަތަ އެހެން ހަތިޔާރެއް ފެނުނު ނަމަ ނުވަތަ ޝީރީންގެ ގަޔަށް ވަޅިއެއް ފަދަ ހަތިޔާރަކުން ހަމަލާދީފައިވާކަން ސާބިތުވާނަމަ، ނަޖާޙުގެ މައްޗަށް ގަސްތުގެ މަރު ސާބިތުވާ ކަމަށް އަހުރެން ނިންމީމުހެވެ. އެފަދަ ތޫނު ހަތިޔާރެއް ނުވަތަ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއް ފެންނަން ނެތްނަމަވެސް، ޝީރީން މަރުވެފައިވަނީ ތަބީއީ މަރަކުން ކަމަށް ނުވާތީވެ، އަދި އެ މަރު މެދުވެރިކުރި އިރު އެތަނުގައި ނަޖާޙު ފިޔަވައި އެހެން އެއްވެސް މީހަކު ނެތުމުން، މި މައްސަލައިގައި ޗޭނެއްހެން ގުޅިލާމެހިފައިވާ ގަރީނާތަކުން ޝީރީން މަރުވެފައިވަނީ މުޙައްމަދު ނަޖާޙުގެ އަމަލަކުން ކަމާމެދު އަހުރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
32މި މައްސަލައިގައި ހިމެނޭ މިއިން އެއްވެސް ވާގިއާއަކުން މުޙައްމަދު ނަޖާޙުގެ މައުސޫމުކަމަށް އިޝާރާތެއް ނުކުރެއެވެ. މައްސަލައިގައި ހިމެނޭ އެއްވެސް ވާގިއާއަކުން އޭނާގެ މައުސޫމުކަން ދޭހައެއް ނުވެއެވެ. ޝީރީން މަރުވެފައިވަނީ ތޮބީއީ މަރަކުން ނޫންކަމަށް ޝީރީންގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ތަހުގީގުކުރި ފަރާތްތަކުން ބުނެފައިވެއެވެ. ޝީރީން މަރުވީ ނަޖާޙުއާ އެއްކޮށް އެއްކޮޓަރީގައި ހުއްޓާކަމަށް ސާބިތުވާތީވެ، ޝީރީން މަރުވި ގޮތް ބުއްދިގަބޫލުކުރާ ގޮތަކަށް ނަޖާޙު އޮޅުން ފިލުވައި ނުދޭހާ ހިނދަކު ޝީރީންގެ މަރު މެދުވެރިކުރީ ނަޖާޙުގެ ޢަމަލަކުންކަމަށް ބަލަންޖެހެއެވެ. އެހެނީ ޝީރީން މަރުވި ތަނާއި ވަގުތަށް ބަލާއިރު އެހެން މީހެއްގެ ފަރާތުން ޝީރީންގެ މަރު މެދުވެރިކުރަން ފުރުސަތު ލިބިފައި ނެތަތީއެވެ. މަރްޔަމް ޝީރީން މަރުވީ މުޙައްމަދު ނަޖާޙުގެ އަމަލަކުން ނޫންނަމަ، މަރުގެ ހެކިފޮރުވަން ނަޖާޙު އެވަރުން މަސައްކަތްކޮށް، ޝީރީން ގެ މަރަށް ފަހު އެ މަރުފޮރުވުމަށް ދެކޮޅު ނުޖެހޭ ރޯމަރު ދޮގުތަކެއް ނަޖާޙު ހަދައި އޮޅުވާލާއި، މަރުވެފައިވާ ގޮތް ފޮރުވުމަށްޓަކައި ހަށިގަނޑު ފޮއްޓަކަށް ލައިގެން ގެންގޮސް ކުނިތަކެއްގެ ތެރެއަށް އެއްލާލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން، މަރްޔަމް ޝީރީން މަރާފައިވަނީ މުޙައްމަދު ނަޖާޙުގެ އަމަލަކުން ކަމާމެދު އަހުރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
33HN7ޖިނާއީ މިފަދަ މައްސަލަތަކުގައި އައިބެއްނެތް ފުރިހަމަ ހެކި ލިބުމަކީ ނާދިރުކަމެކެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މުތުލަގަށް ޔަގީންކުރެވޭ ދަރަޖައަށް މިފަދަ މައްސަލަތަކުގައި ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫ މަތިން އައިސްފައިވާ ޚިޔާލީ ވާހަކައެކެވެ. ކުށް ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ގަރީނާ ބޭނުންކުރަންޖެހޭ ސަބަބަކީ ހަމަ ކޮންމެ ފަހަރަކު ކުށްކުރިތަން މީސްމީހުންގެ ލޮލަށް ފެނި ކަށަވަރުކުރެވޭނޭ ސީދާ ހެކި ލިބެން ނުހުންނާތީއެވެ. ކުށްކުރިތަން ލޮލަށް ފެނުނު ހެކިން ނެތް ނަމަވެސް ލިބިފައިވާ ގަރީނާތައް ގުޅުވާލުމުން މުއްތަހަމް އެކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ގަރީނާތަކުން ދޭހަކުރެވޭނަމަ، އެ މިންވަރުން ކުށް ސާބިތުކުރުމަށް ފުދިދެއެވެ. މިގޮތުން، މަރުގެ މައްސަލަތައް ސާބިތުކުރުމުގެ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ އެއް ނަޒަރިއްޔާއަކީ "މަރުވި މީހާ ދިރިހުއްޓާ އެންމެފަހުން ފެނުނު ވަގުތު މަރުވިމީހާ އާއެކު ހުރި މީހާގެ ނަޒަރިއްޔާ" ("ދަ ލާސްޓް ސީން ތިއަރީ") އެވެ. މި ތިއަރީ ބޭނުންކުރަނީ ކުށްކުރިގޮތް ނުވަތަ ކުށްކުރީ ކާކުކަން އެނގޭނޭ ސީދާ ހެކި ނުހުންނަ ހާލަތުގައި ވާސިލުވާ ގަރީނާއެއްގެ ގޮތުގައެވެ. މި ނަޒަރިއްޔާގެ ދަށުން އިފްތިރާޟުކުރެވޭނީ މަރުވި މީހާ މަރުވުމުގެ ކުޑައިރުކޮޅެއްގެ ކުރިން، ނުވަތަ މަރުވި ވަގުތު، ނުވަތަ މަރުވިފަހުން މުއްތަހަމް ފިޔަވައި އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެކަމަށް ބުއްދިއަށް ގަބޫލުނުކުރެވޭ ވަގުތުގެ ތެރޭގައި، މަރުވި މީހާއާއެކުގައި ހުރި މުއްތަހަމް އަކީ އެ ކުށްކުރި މީހާކަމަށް ބެލުމެވެ. މި އިފްތިރާޟަކީ ނަފީކުރުމަށް ހެކި ދެއްކޭނެ ބާވަތުގެ އިފްތިރާޟެއް ކަމަށް ވާތީވެ، މި އިފްތިރާޟު ނަފީކުރުމަށް ހެކި ދެއްކުމަކީ ނުވަތަ އޭނާގެ މައުސޫމުކަން ދެއްކުމަށް ހެކި ދެއްކުމަކީ މުއްތަހަމުގެ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މަރު ހިނގައިދިޔަ އިރު މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާމެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދޭނަމަ، އެގޮތުން ކުރެވޭ އިފްތިރާޟު އިތުރަށް ވަރުގަދަވެގެން އަންނާނެއެވެ. މި މައްސަލައިގައި ޝީރީން މަރުވި އިރު އެ ކޮޓަރީގައި ޝީރީންއާއެކު ހުރީ މުޙައްމަދު ނަޖާޙު ކަމަށް ސާބިތުވާތީވެ، އެކުށްކުރި މީހަކީ މުޙައްމަދު ނަޖާޙުކަމަށް އިފްތިރާޝުކުރެވެއެވެ. އެހެންކަމުން، އެ އިފްތިރާޟު ނަފީކުރުމުގެ ޒިއްމާއޮތީ މުޙައްމަދު ނަޖާޙުގެ މައްޗަށެވެ. ނަމަވެސް، މި މައްސަލައިގައި، އެ ޒިއްމާ މުޙައްމަދު ނަޖާޙު އުފުލާފައި ނުވެއެވެ.
34HN8މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގެ 28 ވަނަ ޕެރެގްރާފާއި 29 ވަނަ ޕެރެގްރާފުގައި އަހުރެން ބަޔާންކުރި ފަދައިން ގަރީނާއިން ސާބިތުކުރާ މި ބާވަތުގެ މައްސަލަތަކުގައި ކުށްކުރި މޯޓިވް އޮތްކަން ދައްކައިދިނުމަކީ ޕްރޮސިކިއުޝަނުން ކުރަންޖެހޭ ކަމެކެވެ. މިގޮތުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގެ ދެ ވާގިއާއަކުން އޭނާގެ މޯޓިވް އަށް އިޝާރާތްކުރެއެވެ. އެގޮތުން، ޙުސައިން ޖިނާޙު ޝަރިއަތަށް ދީފައިވާ ހެކިބަހުގައި މުޙައްމަދު ނަޖާޙް މަރްޔަމް ޝީރީންއަށް އަނިޔާކުރަނިކޮށް ލޮލަށް ފެނިފައިވާ ކަމަށް ބުނެ ދީފައިވާ ހެކިބަސް ދެމުން، ނަޖާޙު ޝީރީން އަށް އަނިޔާކުރިތަން އޭނާއަށް ފެނުނު ރޭގައި އެ ހާދިސާ ހިނގިފަހުން ވިއްސަކަށް މިނިޓު ފަހުން، ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލް ކައިރިން ޖިނާޙުއަށް ނަޖާޙު ފެނިގެން މިރޭ ނަޖާޙު އާއި ޝީރީން ތިއުޅެނީ ކިހިނެތް ވެގެންތޯ އެހުމުން އޭނާގެ ގާތުގައި ނަޖާޙު ބުނީ މަރިޔަމް ޝީރީން އޭނާ ކައިރިން އެގެއިން ނިކުމެގެން ފިލައިގެން ދާން އުޅުނީ ކަމަށާއި، އެހެންވެ އަނިޔާވެސް ކުރެވުނީ ކަމަށާއި، "ލޯބީގެ ގޮތުން ގުޅިގެން އުޅެންޏާ އޭނާ ބޭނުންހާ ގޮތަކަށްވެސް ނޫޅެވޭނެ ނޫންހޭ" ބުނެފައިވާ ކަމަށް ޙުސައިން ޖިނާޙުގެ ހެކިބަހުގައި ބުނެފައިވާ ބުނުމާއި، މިރުފަތު ހަނީފު މި މައްސަލައިގައި ދީފައިވާ ހެކިބަހުގައި 31 ޑިސެމްބަރު 2009 މެންދުރު ފަހުގެ ވަގުތެއްގައި މިރުފަތު ގޭގައި އުޅެނިކޮށް ނަޖާޙު މިރުފަތު ކައިރިއަށް ގޮސް ޝީރީން އުޅެނީ އެއްވެސް މީހަކާ ރައްޓެހިވެގެންތޯ އެހުމުން، "އެއީ ތިމަންނަ ބަލާކަމެއް ނޫނޭ، ޝީރީންގެ ވާހަކަ ތިމަންނަ ގާތު ނާހާށޭ" މިރުފަތު ކައިރީގައި ނަޖާޙު ބުނިބުނުމުންނާއި، އެ ދުވަހު މުޙައްމަދު ނަޖާޙު އުޅެނީ ޝީރީންގެ ފޯނު އަތުލައިގެން ކަމަށް އެނގެން އޮތުމުން، ޝީރީން އެހެން މީހަކާ ރައްޓެހިވެގެން އުޅޭކަމަށް ނަޖާޙުއަށް ޝައްކުކުރެވޭނަމަ، ޝީރީނަށް ނަޖާޙު އަނިޔާކުރުން އެއީ ޝީރީން މަރުވެގެން ދިއުމަށް މެދުވެރިކުރުވި މުޙައްމަދު ނަޖާޙުގެ މޯޓިވް ކަމަށް ނުބަލައި، އެ ވާގިއާތައް މި މައްސަލައިން އެކަހެރިކުރެވެން ނެތެވެ. ދައުވާ ކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށެއް ސާބިތުވާކަމަށް ކަނޑައެޅިދާނެތޯ
35އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މި ނުކުތާގައި ބުނެފައިވަނީ މި މައްސަލައިގައި މުއްތަހަމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނިކޮށް، މުއްތަހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގެ މަރުގެ ކުށުގެ ދައުވާއަށް އިސްތިއުނާފީ މަރުހަލާގެ ހުކުމުގައި ހައިކޯޓުން ބަދަލުގެނެސް، ގަތުލު ޝިބްހު ޢަމްދުގެ ކުށާ ބެހޭ ގޮތުން އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފާކުރި ފަރާތުންނާއި މުއްތަހަމުގެ ފަރާތުން ވިޔަސް ހައިކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމަށް ފުރުސަތު ނުދީ ގަތުލު ޝިބްހު އަމްދުގެ ކުށުން މީހަކު މެރިކަމުގެ ކުށް މުއްތަހަމުގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައި އޮތީ ޝަރިއަތްކުރުމުގެ އިޖުރާއަތާ ޚިލާފަށް ކަމަށެވެ.
36ޖިނާއީ އިޖުރާތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވާ ބާރުގެ ދަށުން، މުއްތަހަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވާ ދައުވާގެ ގާނޫނީ ސިފަ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބަދަލުކޮށް، ގަސްތު މަރުގެ ކުށުގެ އަދަބުގެ ބަދަލުގައި ގަތުލު ޝިބުހު އަމުދުގެ ކުށުގެ އަދަބު މުޙައްމަދު ނަޖާޙުގެ މައްޗަށް ކަނޑައަޅާފައިވެއެވެ. މި ގޮތަށް ހައިކޯޓުގެ ހުކުމުގައި ދައުވާގެ ސިފަ ބަދަލުކޮށްފައި އޮތީ ޝަރީއަތްކުރުމުގެ އިޖުރާއަތާ ޚިލާފަށް ކަމަށް މުޙައްމަދު ނަޖާޙުގެ ފަރާތުން މި ކޯޓުގައި ބުނެފައިވާއިރު، އެ ނުކުތާއަށް ރައްދުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، މުޙައްމަދު ނަޖާޙުގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވިނަމަވެސް، މުޙައްމަދު ނަޖާޙުގެ މައްޗަށް ހާމަވާ ހެކީގެ ސަބަބުން މުޙައްމަދު ނަޖާޙު ގަތުލު ޝިބުހު އަމްދުގެ ކުށް ކުރިކަން ސާބިތުވާ ހާލަތުގައި، އޭނާގެ މައްޗަށް ގަތުލު ޝިބުހު އަމުދުގެ ކުށުގެ ދަޢުވާ އުފުލިފައި ނުވިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ގަތުލު ޝިބުހު އަމުދުގެ ކުށް ހައިކޯޓުގެ ހުކުމުން މުޙައްމަދު ނަޖާޙުގެ މައްޗަށް ސާބިތުކޮށް، އެކުށަށް ހައިކޯޓުން އަދަބު ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އާއި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
37ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 (ހ) ގައި ބުނެފައިވަނީ: "މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޝަރީޢަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ ޢަމަލު ހިންގިކަން ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައި ނުވިނަމަވެސް، އެކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. ނަމަވެސް، އެފަދައިން ކަނޑައެޅޭނީ، އެއީ އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ ކުށެއްކަމުގައިވާ ޙަލަތުގައި އެކަންޏެވެ." ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 (ނ) ގައި ބުނެފައިވަނީ: "މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެ އެވެ." ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 (ނ) ގައި ބުނެފައިވަނީ: "މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޢަމަލުގެ ތެރޭގައި، އެއް ކުށަށްވުރެ ގިނަ ކުށުގެ ޢަމަލު ހިމެނޭ ޙާލަތުގައި، އަދި އޭގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަށްވުރެ ކުޑަކުށެއް ހިމެނޭ ހާލަތުގައި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތު ނުވިނަމަވެސް އެކުށުގެ ޢަމަލުން ފުރިހަމަވާ އަނެއް ކުށް އޭނާ ކުރިކަމަށް ސާބިތުވާނަމަ އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެ އެވެ."
38HN9ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އޮތް ގޮތުން، މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ ޝަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ހިންގިކަން ސާބިތުވާ ހާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދައުވާ އުފުލިފައި ނުވިނަމަވެސް، އެކުށް ސާބިތުވާކަމަށް މައްސަލަބަލާ ފަނޑިޔާރަށް ކަނޑައެޅިދާނެކަމަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގެ ބާރުގެ އެއްވެސް އިމެއް ނުވަތަ ގައިދެއް އެ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން، މައްސަލަ އިސްތިއުނާފުކުރުމުގެ މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން މުއްތަހަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައިވާ ކުށަށްވުރެ ކުޑަކުށެއް ހިމެނޭ ހާލަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތު ނުވިނަމަ، ޝަރީޢަތުގައި ހާމަވާ ހެކީގެ އެހެން ކުށެއްގެ އަމަލު ހިންގިކަން ސާބިތުވާ ހާލަތުގައި އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންނުވާ ކަމަށް ބަލާނެ ހަމައެއް ނެތެވެ. އެހެންކަމުން، ގަތުލު ޝިބްހު ޢަމްދުގެ ކުށް މުޙައްމަދު ނަޖާޙުގެ މައްޗަށް ސާބިތުވާ ކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅެން ނެތެވެ.
39HN10ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާލިބޭ ފަރާތުގެ މައްޗަށް ކޯޓަށް ހުށަހަޅާފައިނުވާ ކުށެއް މުއްތަހަމުގެ މައްޗަށް ސާބިތުކޮށް އަދަބު ކަނޑައެޅުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ދީފައި އޮތް ނަމަވެސް، ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވާކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ކަނޑައަޅާ ހާލަތުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ހިފުމަށް ފަނޑިޔާރުން ސަމާލުކަން ދޭންޖެހޭ އެވެ. އެގޮތުން ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން ތީރީގައި ފާހަގަކޮށްލާނަމެވެ.
40އިސްވެބަޔާންކުރި ފަދައިން، ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވުމުގެ ފުރުސަތު އޮތް ކަމަށް ފަނޑިޔާރަށް ފެންނަ ނަމަ، އެކަން ކުރަންވާނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސާފުވެރި ޝަރިއަތެއް ލިބުމުން ދައުވާލިބޭ ފަރާތް މަހުރޫމުވެގެން ދިއުމަށް ފުރުސަތު ނުލިބޭނެކަން ކަށަވަރުކުރެވޭނެ ގޮތަކަށެވެ. އެގޮތުން، ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވުމުގެ ފުރުސަތު އޮތްކަމަށް ފަނޑިޔާރަށް ފެންނަ ނަމަ އެ މައްސަލައިގައި ހުކުމްކުރުމުގެ ކުރިން، (1) މައްސަލައިގެ ދެ ފަރާތަށް ދުރާލައި އެކަމުގެ އެކަށީގެންވާ ނޯޓިސް ދިނުމާއި، (2) އެކުށުގެ ތުހުމަތަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭފަރާތަށް ފުރުސަތު ދިނުމާއި، (3) ހެކިން އަލުން ހާޒިރުކުރަން އެއްޕާޕް ފަރާތަކުން އެދިއްޖެނަމަ، އެ ފަރާތަކަށް އެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި އިސްތިއުނާފުގެ މަރުހަލާގައި ޝަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އެކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް އޭނާ ކުރިކަމަށް ސާބިތުވުމުގެ ފުރުސަތު އޮތް ކަމަށް އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންނަށް ފެންނަ ނަމަ އެކަން ބަޔާންކޮށް އަލުން ޝަރިއަތް ކުރުމަށް އެ މައްސަލަ ދަށުކޯޓަށް ތަހުވީލުކުރަންވާނެއެވެ.
41ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ދައުވާ ލިބޭފަރާތުގެ މައްޗަށް ސާބިތުވުމުގެ ފުރުސަތު އޮތް ކަމަށް ފަނޑިޔާރަކު ނިންމަންވާނީ ހަމައެކަނި، މައްސަލައިގެ ފައިލުގައި ހިމެނިފައިވާ ލިޔުންތަކުގެ މައްޗަށާއި އޭގެ ފަހުން ޝަރީއަތުގައި ހާމަވާ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
42ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެންކުށެއް ސާބިތުކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގެ މަގްސަދުގައެވެ. އެ ބާރުގެ ބޭނުން ފަނޑިޔާރުން ކުރަމުން ނުގެންދާނަމަ، ވަރަށް ގިނަ ފަހަރު ކޯޓު ވެގެންދާނީ ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުލިބި ނިކުމެގެންދެވޭ ދޮރަކަށެވެ. އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައުގެ މަސްލަހަތު ބީވެގެން ހިނގައިދާނޭ މަގަކަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އެގޮތުގައި ގާނޫނުގައި އޮވެ، އެ ބާރުގެ ބޭނުން ފަނޑިޔާރުން ނުހިފުމުގެ ސަބަބުން، ދައުލަތުން ދައުވާކުރާ މަރުގެ މައްސަލަތަކުގައި އާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ އަމަލުތަކުން އެ މީސްމީހުން ކޮށްފައިވާ އެހެން ކުށެއް ސާބިތުވާން އޮންނަ މިންވަރަށް ހެކި ލިބިފައި އޮންނަ ހިނދުގައިވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެ ކުށެއް ހިމަނާފައި ނެތިގެން، ނުވަތަ ދައުވާގެ ސީޣާގައި އޮޅުމެއް އޮވެގެން މައްސަލަތައް ކޯޓުން ބޭރުކޮށް ކުށްކުރާ މީހުން ހައްގު ނޫންގޮތުގައި ވީއްލިގެންދާތަން ފެނެއެވެ. އެކަން ހައްލުވެ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަވެ މުޖުތަމައުގެ އިތުބާރު އެ ނިޒާމުގެ މައްޗަށް އުފެދޭނީ ޖިނާއީ ގާނޫނުގެ 87 ވަނަ މާއްދާގައިވާ ބާރު، އެމާއްދާގެ މަގްސަދު ހާސިލުވާނެ ގޮތަށް ފަނޑިޔާރުން ބޭނުންކުރުމުންނެވެ. މައްސަލައިގައި ހިމެނޭ އަމަލުތަކުން ފުރިހަމަވާ އެހެން ކުށެއް ފަނޑިޔާރަށް ފެންނަން އޮވެފައި، ދައުލަތުން ދައުވާކޮށްފައި އޮންނަ ގޮތް ގޯސްވެގެން މައްސަލަތައް ބޭރުކޮށްލުމުގެ ބަދަލުގައި ޕްރޮސިކިއުޝަނުން ހެދިފައި އޮންނަ ގޯހެއް ނުވަތަ ވެއްޓިފައިވާ ކަމެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިސްނެގުމުގައި އިސްލާހު ކޮށް، އެ ރޫހުގައި މަސައްކަތްކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ސަމާލުކަން ދޭން ޖެހެއެވެ.
43ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުން ހިމަނާފައިވަނީ އެ އިޖުރާއަތުގެ ސަބަބުން މަސްލަހަތުތަކެއް ހިމާޔަތްވެގެން ދާނެތީއެވެ. ބައެއް ފަހަރަށް ދައުލަތުން ދައުވާކޮށްފައިވާ ކުށުގެ މައްސަލަތަކުގައި، ފުރަތަމަނަޒަރުން ބަލާއިރު އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެންކުށެއް ކުރިކަމުގެ ހެކި ހުރިކަމަށް ފަނޑިޔާރަށް ފެންނަން އޮންނަ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުންނުކުރާ ނަމަ، އެކުރެވެނީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދުލުވެރިކަމާއި އިންސާފުން ޝަރިއަތްކުރުމަކީ އަދުލުގެ ނިޒާމުގެ މައިމޫ ކަމުގައިވާއިރު، ފަނޑިޔާރުންގެ މަގްސަދަކަށް ވާންވާނީ ދެ ޚަސްމުންގެ ދެމެދުގައި އިންސާފުވެރިވުމެވެ. ކޮންމެ ފަނޑިޔާރެއްގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވާޖިބަކަށްވެސް ވާންޖެހޭނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށާއި، ހަމަ އެގޮތަށް، ކުށްވެރިޔަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުހައްގުން ވީއްލިގެން ނުދާނެކަން ކަށަވަރުކުރުމަށެވެ.
44ކޮންމެ ފަނޑިޔާރަކުވެސް އޭނާގެ ވާޖިބު އަދާކުރަންވާނީ، އެކަމެއް ކޮށްފައިވަނީ ރަނގަޅަށްކަން އަދި އިންސާފުވެރިކަމާއެކުގައިކަން ބޭރުފުށުން ކަށަވަރުކުރެވޭނެ ގޮތަށް، އުފެއްދުންތެރި ފަނޑިޔާރީ ވިސްނުންތެރިކަމާ އެކުގައެވެ. ފަރުވާތެރި އަދި މައްސަލައިގެ އެންމެ ކަވި ތަފްސީލުތަކަށް ވިސްނުންތެރިކަމާއެކު ސަމާލުކަންދޭ ފަނޑިޔާރެއްގެ ކުރިމަތީގައި ޕްރޮސިކިއުޝަނުންނާއި ދިފާއުން އެންމެހައި ހެކިތައް ބެހެއްޓުމުން، އެ ފަނޑިޔާރު ވާންޖެހޭނީ އެ މައްސަލައިގައި އަނިޔާލިޓުން ފުރާތާފައި ދައުލާލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދޭ މަދަދުގާރަށެވެ. އަދި ހަމައެއާއެކު އެއިން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ނުލިބޭކަންވެސް ފަނޑިޔާރު ކަށަވަރުކުރަން ޖެހޭނެއެވެ. ފަހުން އައި ގާނޫނެއްގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަދަބު ކަނޑައަޅާފައިވޭތޯ
45މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ މުއްތަހަމުގެ މައްޗަށް 2010 ގައި ދައުލަތުން ދައުވާކޮށްފައިވަނީ އެއްވެސް ގާނޫނަކާ ހަވާލާދީގެން ކަމަށް ނުވާއިރު، އޭގެ ހަތަރު އަހަރު ފަހުން ވުޖޫދުވި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މުއްތަހަމުގެ މައްޗަށް އަދަބު ކަނޑައެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
46ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) އަށް 2015 ވަނަ އަހަރު އަމަލުކުރަން ފެށުމުގެ ކުރީން ދިވެހިރާއްޖޭގައި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި ގުޅިގެން ދައުވާކޮށް، އަދަބު ކަނޑައަޅަމުން ގެންދިޔައީ ގާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ. (88) (ހ) ޝަރްޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ކުށެކެވެ. (88) (ރ) މިފަދަ ކުށުގެ ޢަމަލުގެސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެކެވެ.
47ކުރިން އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގައި އިސްލާމީ ޝަރިއަތުގައި ހިމެނޭ މަރުގެ ކުށުގެ ބާވަތްތައް ވަކިވަކީން ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، ދައުލަތުން މުއްތަހަމްގެ މައްޗަށް ދައުވާކުރާއިރު، މުއްތަހަމުގެ މައްޗަށް ދައުވާކުރަނީ އިސްލާމީ ޝަރިއަތުގައި ބަޔާންކޮށްފައިވާ ގަސްތު މަރުގެ ކުށަށް ކަން ނުވަތަ ޝިބްހު ޢަމްދުގެ މަރުގެ ކުށަށް ކަން ނުވަތަ ޚަޠައު މަރުގެ ކުށަށް ކަން ދައުލަތުގެ ފަރާތުން ކޯޓުގައި ބަޔާންކުރެއެވެ. އަދި މަރުގެ އެކި ބާވަތުގެ މައްސަލަތަކުގައި އެ ކުށްތަކަށް ދޭނޭ އަދަބުތައް އެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ
(ރ) ގައި ސަރީހަކޮށް ކަނޑައަޅާފައި ނެތުމުން، އިސްލާމީ ޝަރިއަތުގައި ބަޔާންކުރާ އަދަބެއް ނުވަތަ "ޝަރިއަތް ކުރުމާބެހޭ ގަވާއިދު" ގައި އެ ކުށަކަށް ކަނޑައަޅާފައިވާ ތައުޒީރީ އަދަބު ބަޔާންކޮށްފައިވާ ނަމަ ކޯޓުތަކުން އަދަބު ކަނޑައަޅަމުން ގެންދިޔައީ އެގޮތުގެ މަތިންނެވެ.
48HN11ކުރިން ބަޔާން ކުރިފަދައިން، ކުރިން އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްކުރާ މީހާއަށް ދޭނީ "އިސްލާމީ ޝަރީޢަތުގައި އޮންނަ" އަދަބު ކަމަށެވެ. މުއްތަހަމުގެ މައްޗަށް 2010 ގައި ދައުވާކުރިއިރު އަމަލުކުރަމުން ދިޔައީ ކުރީގެ ގާނޫނުލްއުގޫބާތުއަށެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކުރިއިރު އަމަލުކުރަމުން ދަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) އަށެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތައުޒީރީ އަދަބު ކަނޑައަޅާފައިވަނީ، މަރުގެ އަމަލު ހިނގިއިރު އަމަލުކުރަމުން ގެންދިޔަ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "އިސްލާމީ ޝަރީޢަތުގައި އޮންނަ" ގޮތަށެވެ. އަދި ތައުޒީރީ އަދަބު ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހަވާލާ ދީފައިވަނީ ހަމައެކަނި ތައުޒީރީ އަދަބުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތް ޖަލުގައި ބަންދުކުރާނޭ މުއްދަތެއް ކަނޑައެޅުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (9/2014) ގެ 111 ވަނަ މާއްދާގެ ދަށުން ގަތުލު ޝިބުހު އަމްދުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އެބާވަތުގެ ކުށަށް ކޯޓުތަކުން ކަނޑައެޅަމުން ގެންދިޔަ އަދަބަށްވުރެ ލުއި އަދަބެކެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިވާ މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަދަބު ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.
ނިންމުން
49އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ޤަޒިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
51މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
52މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
53މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/178 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- Mohamed Abdulla Selim El-Awa, The Theory of Punishment: A Comparative Study (1972) ProQuest LLC (2018), Footnote No. 48, p. 161; Mohamed Hashim Kamali, Punishment in Islamic Law: A Fresh Interpretation, (2019) Oxford University Press, pp 186 – 194.
- ޙުސްނުއްސުޢޫދު، "އިސްލާމީ ޝަރީއާގެ ހެއްކާބެހޭ އުސޫލުތައް: ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް" - (2021)، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ސ. 340 ން 356 އަށް.
- ޙުސްނުއްސުޢޫދު، "އިސްލާމީ ޝަރީއާގެ ހެއްކާބެހޭ އުސޫލުތައް: ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް" - (2021)، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ސ. 8 ން 18 އަށް.
- ޙުސްނުއްސުޢޫދު، "އިސްލާމީ ޝަރީއާގެ ހެއްކާބެހޭ އުސޫލުތައް: ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް" - (2021)، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ސ. 332.
- Sudama Pandey & Ors v. State of Bihar, Supreme Court of India (2001), Appeal No. 654-655 (2000); State of Hariyana v. Jagbir Sing AIR 2003 SC 4377; Hukam Singh v. State of Rajasthan AIR (1977 SC 1063); Eradu & Ors. v. State of Hyderabad (AIR 1956 SC 316); Earabhadrappa v. State of Karnataka (AIR 1983 SC 446); State of U.P. v. Sukhbasi and Ors. (AIR 1985 SC 1224); Balwinder Singh v. State of Punjab (AIR 1987 SC 350); Ashok Kumar Chatterjee v. State of M.P. (AIR 1989 SC 1890).
- އިބިމި.
- އިބިމި.
- ލ. ކަޅައިދޫ، ގުރަހަ، ޢާއިޝަތު ރީނާގެ ބަޔާން
- ލ.ގަންތުނޑި، ހުރަވީ، ޝަރީފާ އިބްރާހިމްގެ ބަޔާން.
- ގާނޫނު ނަންބަރ 12/2016
- ގާނޫނު ނަންބަރު 9/2014
- ގާނޫނު ނަންބަރު 1/66
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓު)
- Sudama Pandey & Ors v. State of Bihar, Supreme Court of India (2001), Appeal No. 654-655 (2000)
- State of Hariyana v. Jagbir Sing AIR 2003 SC 4377
- Hukam Singh v. State of Rajasthan AIR (1977 SC 1063)
- Eradu & Ors. v. State of Hyderabad (AIR 1956 SC 316)
- Earabhadrappa v. State of Karnataka (AIR 1983 SC 446)
- State of U.P. v. Sukhbasi and Ors. (AIR 1985 SC 1224)
- Balwinder Singh v. State of Punjab (AIR 1987 SC 350)
- Ashok Kumar Chatterjee v. State of M.P. (AIR 1989 SC 1890)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.