ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 36 · 2023/SC-A/04ސުޕްރީމް ކޯޓު · 14 ޖުލައި 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 ޖުލައި 2024ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 36 2023/SC-A/04 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ނިމުނު ތާރީޚު 14 ޖުލައި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/594 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އއމ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް

ޖިނާއީ – މާރާމާރީ ހިންގުން – ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން – ކުށް ސާބިތުވާ މިންގަނޑު – އެކަށީގެންވާ މިންވަރެއްގެ ޝައްކު – ކުށުގެ ވާޤިޢާތައް ސާބިތުވާ މިންގަނޑު – މައްސަލައާ ގުޅިގެން ހުށަހެޅޭ ހެކިތައް – ވީޑިއޯ އެނަލިސިސް ރިޕޯޓު – ތަޙްވީލު – ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުން

ފިހުރިސްތު

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތް 1

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ 3

އިސްތިއުނާފީ ނުކުތާގެ ރައްދު 5

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ 6

އިސްތިއުނާފީ ކޯޓުތަކުން އަލުން ހެކި ވަޒަންކުރުން 6

ކުށް ސާބިތުވާ މިންގަނޑު 7

އާމިނަތު ޞައްފަތު މައްސަލަ 8

ޢިމްރާން ޢަބްދުﷲ މައްސަލަ 8

އެކަށީގެންވާ މިންވަރެއްގެ ޝައްކު 9

ޝައްކު އުފެދޭ މަރުޙަލާތައް 11

ކުށުގެ ވާޤިޢާތައް ސާބިތުވާ މިންގަނޑު 12

ހެކިވަޒަން ކުރުން 13

އެތެރެފުށާއި ބޭރުފުށުގެ ހެކީގެ އެއްގޮތްކަން 14

ކުށް ސާބިތު ކުރުމަށް ހުށަހެޅުނު ހެކިތައް 15

ޖުވެނައިލް ކޯޓުން ހެކި ވަޒަންކުރި ގޮތް 16

ހައިކޯޓުން ހެކި ވަޒަން ކުރި ގޮތް 17

ޝަރީޢަތަށް ހުށަހެޅުނު ހެކިތައް 18

ސިއްރު ހެކި 01 ގެ ހެކިބަސް 18

ތުހުމަތު ކުރެވޭ މީހާ ފާހަގަކުރުމަށް ބޭނުންކުރި ފޮޓޯ ސެޓު 23

ސީސީޓީވީ ފުޓޭޖްތައް 25

ސީސީޓީވީ ފުޓޭޖްގެ އެނެލިސިސް 26

އެނެލިސިސް ހެދި ފަރާތުގެ ބަސް 30

ވާސިލުވެވޭ ނަތީޖާ 32

ނިންމަން ފެންނަ ގޮތް 33

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 34

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 34

ޙުކުމް 34

` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއމ [2024] SC 36 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/594 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2023/SC-A/04 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ]ނަމާއި، އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އުނިކުރެވިފައި[ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ކުއްޖާ" ނުވަތަ "އއމ") ގެ މައްޗަށެވެ.

ކަންހިނގާފައިވާ ގޮތް

2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން ދައުލަތް) މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ1 08 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ.2

3. މި ދަޢުވާ އިސްތިއުނާފު ލިބޭ ފަރާތުގެ މައްޗަށް އުފުލާފައިވަނީ 2018 ޖަނަވަރީ 03 ދުވަހުގެ 13:15 އެހައިކަށްހައިއިރު، މާލެ، ފާށަނާކިލެގެ މަގުގައި ހުންނަ ސޯސަން މާރޓް ފިހާރަ ކުރިމަތިން ދަތުރުކުރަމުންދިޔަ ޕިކަޕެއްގެ ފަހަތުގައި އިން "އަނިޔާ ލިބުނު ފަރާތަށް" ކުއްޖަކު ތޫނު އެއްޗެއް ބޭނުން ކޮށްގެން ޙަމަލާ ދިނުމަށްފަހު، އިސްތިއުނާފު ރައްދުވާ ކުއްޖާ ދުއްވަން އިން ޖީ.އެން ސައިކަލުގެ ފަހަތަށް ޢަބްދުﷲ ނަޝީލް އަރުވައިގެން އެ ސަރަޙައްދު ދޫކޮށް ގޮސްފައިވާތީ، ކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ.

4. ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް އިސްތިއުނާފު ރައްދުވާ ކުއްޖާ އިންކާރު ކޮށްފައިވެއެވެ. މި ގޮތަށް އިންކާރު ކުރުމާ ގުޅިގެން ދަޢުވާ ސާބިތު ކުރުމަށްޓަކައި، ޝަފަހީ ހެއްކަކު (ސިއްރު ހެކި 1) ދައުލަތުން ހުށަހަޅާފައިވެއެވެ. އަދި މި ހެކިވެރިޔާ، ތަޙްޤީޤު މަރުޙަލާގައި މި ކުއްޖާއަކީ ކާކުކަން ފާހަގަކުރި ފޮޓޯ ސެޓާއި، މި ހާދިސާގައި ހަމަލާ ދިނުމަށް ފަހު، ހަމަލާ ދިން ކުއްޖާ އަރުވައިގެން މި ކުއްޖާ ދުއްވާފައި ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން، މި ފުޓޭޖްތައް އެނަލައިޒްކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް އާދަމް މުޙައްމަދު ހާޒިރުކޮށްދިނުމަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި އެދިފައިވެއެވެ.

5. ޖުވެނައިލް ކޯޓުގައި ދަޢުވާ އަށް އިންކާރު ކުރުމަށްފަހު، ކުއްޖާ އެ ކޯޓުގައި ނަގާފައިވާ ދިފާޢަކީ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާޢެވެ. އަދި ހާދިސާ ހިނގި ތަނުގައި އެ ކުއްޖާ ނެތް ކަން ސާބިތުކުރުމަށް 02 (ދޭއް) ހެކިން ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، މި ހެކިން ޝަރީޢަތަށް ހާޒިރު ކުރުމަށް ދިން ފުރުސަތުގައި އެއްވެސް ދިފާޢީ ހެއްކެއް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެފައި ނުވެއެވެ.

6. ދައުލަތުގެ ފަރާތުން އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅުނު ދަޢުވާ ސާބިތު ނުވާކަމުގައި އެ ކޯޓުން ނިންމާފައިވެއެވެ. މި ފަދައިން ނިންމާފައިވަނީ ޝަފަހީ ހެކީގެ ހެކިބަހުން ހާދިސާ ހިނގި ސަރަހައްދުގައި ހުރީ ސީދާ އެ ކުއްޖާކަން ޔަޤީން ނުވުމުގެ އިތުރަށް ހުށަހަޅާފައިވާ ޤަރީނާތަކުން އެއީ އިސްތިއުނާފު ރައްދުވާ ކުއްޖާ ކަމަށް އިސްލާމީ ޝަރީޢަތުގަ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުން ޝަރީޢަތަށް ބުރަނުވެވޭތީކަން ފާހަގަ ކޮށްފައިވެއެވެ.

7. ޖުވެނައިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ ދައުލަތުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.3 މި އިސްތިއުނާފުގައި ދައުލަތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހުށަހެޅި ދަޢުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ލިބިފައިވީ ނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

8. ދައުލަތުގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފު ނިމިފައިވަނީ ޖުވެނައިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.

9. މިއީ، ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ދައުލަތުގެ ފަރާތުން ހައިކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ

10. ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ފާހަގަ ކުރި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ4 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

11. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ މައްސަލަތައް ސާބިތުވާކަމަށް ނިންމޭނީ މީހަކު ކުށެއް ކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ކުށް ކުރިކަން ޝަރީޢަތަށް ސާބިތުވުމުން ކަމުގައެވެ. އަދި މި މިންގަނޑުން މައްސަލަ ސާބިތުވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރަށް ބެލުމުން ސާފުވާކަމުގައެވެ.

12. ޤާނޫނީ އުސޫލުތައް މިގޮތަށް ހުރި ނަމަވެސް، މި މައްސަލައިގައި ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ޖުނެވައިލް ކޯޓުންނާއި ހައިކޯޓުން އެކަށިގެންވާ ބުރަދަނެއް ދީފައިނުވާ ކަމުގައްޔާއި، މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ހެކިތައް، އެއްކޮށްގެން އާދެވޭ ޖުމުލަ ނަތީޖާއަށް ބަލައިފި ނަމަ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާނެ ކަމުގައި ދައުލަތުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ކަންކަމަށް ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް5 މައްސަލަ އާއި ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް6 މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކުން ބާރުލިބޭކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

13. މި ކަންކަން ފާހަގަ ކުރުމަށްފަހު، ދައުލަތުގެ ފަރާތުން އެދިފައިވަނީ، މި މައްސަލައިގައި ޖުވެނައިލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ނުރައްކާތެރި ހާނިކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

14. ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ޖިނާއީ ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމުގައެވެ. އަދި ކަން މިހެން އޮތުމުން މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމުގައެވެ.

15. އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވަނީ އެންމެ ޝަފަހީ ހެއްކެއް ކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރަމުން، ހެކިވެރިޔާއަށް ހާދިސާ ހިނގި ތަނުން ފެނުނު މީހަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާކަން ކަނޑައެޅިގެން ބަޔާންކޮށްދޭން ނޭނގޭ ކަމުގައި ބުނެފައިވެއެވެ. ކަން މިހެން އޮތް އިރު، މި ހެކިވެރިޔާގެ ބަހަކީ، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް7 މައްސަލައިގައި ހެކިބަހަކީ ހެކިބަސް އަދާކުރާ މީހާގެ އަމިއްލަ ލޮލުން ދުށް ނުވަތަ ކަންފަތުން އަޑުއެހި، ނުވަތަ ފަސް ހިއްސުގެ ތެރެއިން ހިއްސަކަށް އެނގިފައިވާ ކަމަކާ ގުޅިގެން ދެވޭ އެއްޗެއް ކަމުގައި އޮންނަ އުސޫލު ތަޠުބީޤު ކުރުމުން ބުރަދަނެއް ދެވޭނެ ހެކިބައެއް ނޫންކަން ފާހަގަ ކޮށްފައިވެއެވެ.

16. މީގެ އިތުރަށް ޝަފަހީ ހެކީގެ ހެކިބަސް އިސްތިއުނާފު ރައްދުވާ ކުއްޖާއާ ދެކޮޅަށް ލިބިފައިނުވާ ހާލަތުގައި އެ ހެއްކާ އެހެނިހެން ގަރީނާތައް ގުޅުވައިގެން ނަތީޖާއެއް ނުނެރެވޭނެ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

17. މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަން އޮތް މައިގަނޑު ސުވާލުތަކަކީ، މި މައްސަލައިގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމަށް ޝަރީޢަތަށް ހެކި ހުށަހެޅިފައިވޭ ހެއްޔެވެ؟ އެ ހެކިތަކާމެދު ޖުމުލަ ގޮތެއްގައި ހައިކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއް ހެއްޔެވެ؟

18. މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއަކީ ދަށު މަރުޙަލާއިން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއަކަށް ވުމުން، އެ ހެކިތައް މި ކޯޓުން ވަޒަން ކުރުމުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު8 މައްސަލައިގައި އިސްތިއުނާފީ ކޯޓުން އަލުން ހެކި ވަޒަންކުރެވޭނެ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް މި މައްސަލަ ފެތޭކަން ނުވަތަ ނޫންކަމާމެދު ވެސް ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމުގައި ދެކެމެވެ.

އިސްތިއުނާފީ ކޯޓުތަކުން އަލުން ހެކި ވަޒަންކުރުން

19. ދަށު މަރުޙަލާގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުނު ހެކިތައް އެ މަރުޙަލާގައި ވަޒަންކޮށްފައިވަނީ ރަނގަޅަށް ކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކުން ބެލޭނެ ހާލަތްތައް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު9 މައްސަލައިގައި ކަނޑައަޅާފައިވެއެވެ. އިސްތިއުނާފީ މަރުޙަލާއިން ހެކި އަލުން ވަޒަން ކުރުމުގައި މި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައި އޮތުން ފުދެއެވެ. ތިރީގައި މިވަނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިސްތިއުނާފީ ކޯޓުން އަލުން ހެކި ވަޒަން ކުރެވިދާނެ ހާލަތުތައް ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކެވެ.

(ހ) މައްސަލައިގައި ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުން.

(ށ) ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.

(ނ) ޝަރީއަތްކުރާ ކޯޓުގެ ނުވަތަ ޓްރަބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ފެނުން.

(ރ) އެ މައްސަލައިގައި ސާބިތުވެފައިވާ ވާގިއާތަކުގެ މައްޗަށް ތަތުބީގުކޮށްފައިވަނީ ނުބައި ޤާނޫނީ އުސޫލުތަކެއް ކަމުގައިވުން.

20. މަތީގައި މި އިޝާރާތްކުރި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި އޮތްކަން އެނގިގެންދާނީ، މައްސަލައިގެ މައުޟޫޢުގެ ތެރެއިން އެ ހާލަތެއް ވުޖޫދުގައި އޮތްކަން ނުވަތަ ނޫންކަން ބެލިގެން ކަމުގައިވާތީ، މިއިން ހާލަތެއް މި މައްސަލައިގައި އޮތްކަން އަހުރެން ނިންމާނީ ހައިކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތާމެދު އަހުރެން ދެކޭ ގޮތް ބަޔާން ކުރުމުގެ ފަހުންނެވެ.

ކުށް ސާބިތުވާ މިންގަނޑު

21. މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ މި މައްސަލައިގައި އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ކުށް ސާބިތުވާ ކަމުގައެވެ. އެ މިންވަރަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމުގައެވެ. އެހެން ނަމަވެސް ހެކިބަސް ދެ މަރުޙަލާއިން ވަޒަންކުރި ކުރުން ރަނގަޅު ނުވުމުގެ ސަބަބުން މި މައްސަލައިގައި ކުށް ސާބިތުވެފައިނުވާ ކަމުގައެވެ.

22. ޖިނާއީ ކުށެއް ސާބިތުވާންޖެހޭ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ "އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް" މިންގަނޑެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ބިންވަޅު ނެގިފައިވާ މިންގަނޑެކެވެ. މި މިންގަނޑުގެ ތަފުސީލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކުގައި މަސައްކަތް ކުރެވިފައިވެއެވެ. އެ ގޮތުން ތިރީގައި ދެ މައްސަލައެއް ފާހަގަ ކުރަމެވެ.

އާމިނަތު ޞައްފަތު މައްސަލަ

23. މި މައުޟޫޢޫގައި ފާހަގަކޮށްލަންޖެހޭ ފުރަތަމަ މައްސަލައަކީ، އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް10 މައްސަލައެވެ. މި މައްސަލައިގައި ޖިނާއީ ކުށް ސާބިތުވާންޖެހޭ މިންގަނޑާމެދު ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ޢިބާރާތެވެ.

"ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން– ޤާނޫނީ ޤަރީނާ ( (Presumption of Lawފިޔަވައި- ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރެވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިނާޢު (Convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއްކަން ފާހަގަ ކުރެވެއެވެ."

ޢިމްރާން ޢަބްދުﷲ މައްސަލަ

24. އާމިނަތު ޞައްފަތު މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ "އިޤްތިނާޢު" ވުން ފާހަގަ ކުރުމަށްފަހު، ސުޕްރީމް ކޯޓުން ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި11 ފާހަގަ ކޮށްފައިވަނީ އަންނަނިވި ޢިބާރާތެވެ.

"ހުށަހެޅިފައިވާ ދަޢުވާގައި ތުހުމަތު ކުރެވިފައިވާ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާ ޙާލު، ތުހުމަތު ކުރެވިފައިވާ ފަރާތުން އެ ކުށް ކުރިކަމުގެ މައްޗަށް ދަލީލު ޤާއިމްކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމްކުރިގޮތުން މައްސަލަ ބަލާ ފަނޑިޔާރަށް އެ ދަލީލުތަކުން ނެރެވުނު ނަތީޖާއިން އެ ކުށް އެ މީހަކު ކުރިކަމާމެދު، ނުވަތަ އެހެން މީހަކު ކުރި ކުށެއްގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އަނެކާ އުފުލަންޖެހޭފަދަ ޙާލަތެއް ޤާއިމްވެއްޖެކަމާމެދު ޝައްކު އުފެދިފައިވާނަމަ، ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވެވިފައި ނުވާނަމަ، އުފެދިފައިވާ ޝައްކަކީ، ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއް ކަމުގައި ވިޔަސް، އަދި ކިއެއްތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމްކުރުމަކީ ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއް" ކަމުގައެވެ.

އެކަށީގެންވާ މިންވަރެއްގެ ޝައްކު

25. ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައި ޙަވާލާދީފައިވާ "ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު" ވުމަކީ، ޤާނޫނުއަސާސީގައި ބަޔާންވެފައިވާ "އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތުމުގެ" މަފްހޫމު ދެނެގަތުމަށް ފަސޭހަ އުސޫލެއް ނޫނެވެ. މި އުސޫލުން އިޤްތިނާޢު ވުމަށްޓަކައި ޔަޤީނާ ގާތްކުރެވެންވީ ކިހައި މިންވަރަކަށްކަން އޮޅުން ފިލުވަން ފަސޭހައެއް ނޫނެވެ. އަދި މި ޔަޤީންކަން ފިލައިގެން ގޮސްފިކަމުގައި ނިންމާނީ ކޮން ކަމަކަށް ރިޢާޔަތް ކޮށްގެންކަން ކޮން ހާލަތެއްގައި ކަން ދެނެގަންނަން ފަސޭހައެއް ނޫނެވެ.

26. ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ އިތުރަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަކީ، ޤާނޫނުލްޢުޤޫބާތުގައި މާނަކޮށްދީފައިވާ މަފްހޫމެއް ވެސް މެއެވެ. ޤާނޫނުލްޢުޤޫބާތު ބުނާގޮތުން އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތުމަކީ، "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމެވެ."12 ޤާނޫނުލްޢުޤޫބާތުގައި އިޝާރާތް ކޮށްފައިވާ ސަބަބަކީ ކޮން ކަހަލަ ސަބަބެއް ހެއްޔެވެ؟ އެ ސަބަބު ގުޅުވިފައި އޮންނަން ޖެހެނީ މައްސަލައިގެ ކޮން ކަމަކާ ހެއްޔެވެ؟ މިއީ މި މަފްހޫމު ދެނެގަނެ ތަޠްބީޤު ކުރުމުގައި ކޮންމެހެން ސާފުވާންޖެހޭ ކަންކަމެވެ. އެހެން ކަމުން އެކަށީގެންވާ މިންވަރުގެ ޝައްކެއް އޮތްކަން ނުވަތަ ނެތްކަން ޢަމަލީ ގޮތުން ދެނެގަތުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ.

27. ކުރިއަރާފައިވާ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު،13 އެކަށީގެންވާ މިންވަރެއްގެ ޝައްކަކަށް، ޝައްކު ވުމަށްޓަކައި، ދެ އުންސުރެއް އެ ޝައްކުގައި އެކުއެކީގައި ފުރިހަމަ ވާންޖެހެއެވެ. ފުރަތަމަ ޢުންޞުރަކީ ބުއްދީގެ ހަމަތަކުން އެ ޝައްކު އޮތްކަމަށް ބާރުދިނުމެވެ. ދެވަނަ ޢުންޞުރަކީ އެ ޝައްކު ހެއްކާ ގުޅިފައިވުމެވެ. މި ދެ ޢުންޞުރު ޤާނޫނުލްޢުޤޫބާތުގައިވާ މާނަކުރުމާ އަޅައި ކިޔާއިރު، އެ މާނަ ކުރުމުގައި އިޝާރާތްކޮށްފައިވާ "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު" އަކީ ބުއްދީގެ ހަމަތަކުން އެ ޝައްކާމެދު ވިސްނައި ނަޒަރު ކުރާ ކުރުމަށް އިޝާރާތް ކޮށްފައިވާ ބައެވެ. އަދި އެ ތަޢުރީފުގައި "ލިބިފައިވާ ކަށަވަރުކަމާމެދު" މިއީ ހެކިތަކުން ކަށަވަރު ކުރެވޭ ކުރެވުމެވެ. އެހެނީ، އެހެން ގޮތަކަށް ޤާނޫނުގައި ބުނެފައި ނުވާނަމަ، އަބަދުވެސް ޝަރީޢަތަށް ކަމެއް ކަށަވަރުވާނީ، އެނގޭނީ، ދަނެގަނެވޭނީ ނުވަތަ ސާބިތުވާނީ ޝަރީއަތުގެ ކުރިމަތީގައި ހުރި ހެކިތަކުންނެވެ.

ޝައްކު އުފެދޭ މަރުޙަލާތައް

28. ޖިނާއީ މައްސަލައެއްގައި އެކަށީގެންވާ ޝައްކެއް ޢާންމު ގޮތެއްގައި ފެންމަތިވާނީ ދެ މަރުޙަލާއެއްގައެވެ. ފުރަތަމަ މަރުޙަލާއަކީ ދައުލަތުގެ ދަޢުވާ ސާބިތު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ޝައްކު ފެންމަތިވުމެވެ. މި ޙާލަތުގައި މި ޝައްކު އޮތްކަން ދެނެގަތުމަށް ދިފާޢީ ހެކިތައް ވަޒަންކޮށް އެ ހެކިތަކުން ލިބޭ ނަތީޖާއަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. ދައުލަތުން މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެއް ހެކި އަނެއް ހެއްކާ ފުށުއެރުމާއި، އެތެރެ ފުށުގެ ހެއްކާއި ބޭރުފުށުގެ ހެކި ދިމާ ނުވުމާއި، ހުށަހަޅާފައިވާ ހެކި ދައުލަތާ ދެކޮޅަށް ހެކިބަސް ދިނުމާއި، ހެކީގެ ނިޞާބު ހަމަވާންޖެހޭ ހާލަތުގައި އެ ނިޞާބު ހަމަ ނުކުރެވުމާއި، ވަކި ކުށެއް ސާބިތު ކުރުމަށްޓަކައި ވަކި ހެއްކެއް ހުރުން ލާޒިމު ކުރާ ހާލަތުގައި އެ ހެކި ނެތުމަކީ ދައުލަތުގެ ދައުވާ ސާބިތު ކުރުމުގެ ތެރޭގައި މި ހާލަތުގެ ބައެއް މިސާލުތަކެވެ.

29. އެކަށީގެންވާ ޝައްކު ފެންމަތިވާނެ ދެވަނަ މަރުޙަލާއަކީ ދެ ފަރާތުގެ ހެކި އެކުއެކީގައި ވަޒަންކުރުމުގެ މަރުޙަލާއެވެ. ކުރުކޮށް ބުނާ ނަމަ، ދެ ފަރާތުގެ ހެކި ވަޒަންކޮށް، އަޅައި ކިޔާއިރު، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް ހުރަސްއަޅާ ޝައްކެއް އުފެދުމެވެ. ދައުލަތުގެ ދައުވާ ބަލިކަށިވެފައި ވުމެވެ. ދައުލަތުން ހުށަހެޅި ޝަފަހީ ހެކިން ވަކި ވާޤިޢާއެއް ޝަރީޢަތަށް ބުނެދިން ގޮތާ ޚިލާފަށް އެ ވާޤިޢާގެ ހަގީގަތް ދިފާޢުން ޝަރީޢަތަށް ސާބިތު ކޮށްދިނުމަކީ މި ހާލަތުގެ މިސާލެކެވެ.

30. އެކަށީގެންވާ މިންވަރުގެ ޝައްކަކީ އަބަދުވެސް ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭ، މައްސަލައިގެ ހެއްކާ ގުޅިފައިވާ ޝައްކަކަށްވުމުން، އެ ފަދަ ޝައްކެއް މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަ ކުރެވޭ ހާލަތުގައި އެ ޝައްކު އުފެދިފައިވަނީ، ކޮން ހެއްކަކާ ގުޅިގެން ކިހިނަކުންކަން ބުނެދެވެން ވާނެއެވެ. ބުއްދީގެ ހަމަތަކުން ސަބަބުތައް ބަޔާންކުރެވެން ވާނެއެވެ.

ކުށުގެ ވާޤިޢާތައް ސާބިތުވާ މިންގަނޑު

31. އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންގަނޑުން ކުށެއް ސާބިތުވުމާ ހަމައަށް ދިއުމަށްޓަކައި ކުށުގެ ރުކުންތަކާއި، އެ ރުކުންތަކާ ގުޅޭ ވާޤިޢާތައް ޝަރީޢަތަށް ސާބިތު ވާންޖެހެއެވެ. ކުށުގެ ރުކުންތައް ސާބިތުވާންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރެވެ.14 އަދި ކުށުގެ ވާޤިޢާތަށް ސާބިތުވާންޖެހޭ މިންގަނޑަކީ، އެކަށީގެންވާ މިންވަރަށް ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރު ނުވަތަ (Reasonable satisfaction) އެވެ. މި އިޝާރާތްކުރި ދެ މިންގަނޑު ތަފުސީލު ކޮށްދެމުން ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް15 މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

"މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމުގެ މިންގަނޑާއި، އެ ކުށެއްގައި ހިމެނޭ އެކި ބައިތައް ނުވަތަ ރުކުންތައް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަން، އަދި ކުށުގެ ޢަމަލާ ގުޅިގެން ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ކަންކޮށްފައިވާ ގޮތުގެ ޙަޤީޤަތްތައް (facts) ސާބިތުކުރާ މިންގަނޑަކީ އެއްމިންގަނޑެއް ނޫނެވެ. އެގޮތުން، ކުށުގެ ޢަމަލާ ގުޅިގެން ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް (reasonable satisfaction) ހުށަހެޅިއްޖެ ނަމަ، އެ ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލިދާނެއެވެ. އެހެންނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައި ވެގެން ނުވާނެއެވެ. އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް، އަދި އެކަމުގެ ނަތީޖާއަށްވެސް ރިއާޔަތްތެރިކަމެއް ދީގެންނެވެ."

ހެކިވަޒަން ކުރުން

32. ހެކިބަސް ވަޒަން ކުރުމުގެ ޢާންމު އުސޫލަކީ، ހެކިބަހުގައި ކުދިކުދި ޚިލާފު ހުރި ނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭ ފަދަ ޚިލާފެއް ނެތްނަމަ، އެ ހެކިބަހާއި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްގެން އާދެވޭ ޖުމުލަ ނަތީޖާއަށް ބުރަވުމެވެ. ކުށުގެ ޢަމަލު ހިނގާފައިވާ ގޮތް ކަނޑައެޅުމެވެ. މި ކަން ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 2416 މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ބަޔާން ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

"...ހެކިބަސް ވަޒަން ކުރުމުގެ އާންމު އުސޫލަކީ ޝަރީޢަތުން ހެކީގެ ހެކިބަހުގައި ކުދިކުދި ތައާރުޒުވުން ހުރި ނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭ ފަދަ އެއްވެސް ޚިލާފެއް ހެކިންގެ ބަހުގައި ނެތްނަމަ، އަދި އެ ހެކިބަހާއި ހުށަހަޅާފައިވާ އެނޫންވެސް ހެއްކާއި ޤަރީނާގެ އަލީގައި ކަންހިނގާފައިވާ ގޮތާއި ތަރުތީބު ސާފުވެ، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރަކަށާއި، އެކަމުގެ ނަތީޖާއަށް ރިއާޔަތްކޮށް، ހާދިސާ ހިނގާދިޔަ ގޮތް ޝަރީޢަތަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭ (reasonable satisfaction) ނަމަ، ކުށުގެ އަމަލު ހިންގާފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތުން ކަނޑައެޅުމެވެ."

33. އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ޖިނާއީ ކުށެއް ސާބިތުވުމަށްޓަކައި ހެކީގެ ވަކި ޢަދަދެއް ހަމަވާންޖެހޭނެ ކަމުގައި، ނުވަތަ ވަކި ބާވަތެއްގެ ހެކި ހުރުން ލާޒިމުކޮށްފައިނުވާ ކޮންމެ ޖިނާއީ ކުށެއް، އެ ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިތަކުގެ ޖުމުލަ ނަތީޖާއިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ތުހުމަތު ކުރެވޭ މީހާ އެ ކުށް ކޮށްފިކަމުގައި ބެލެވޭނަމަ، އެ ކުށް ސާބިތުވާ ކަމުގައި ނިންމިދާނެއެވެ. މިއީ ކުރިން އިޝާރާތްކުރި، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޡީފް ވ. ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް[2023] SC 24 17 މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އިޝާރާތް ކުރައްވާފައިވާ " ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްގެން އާދެވޭ ޖުމުލަ ނަތީޖާއަށް" ބުރަވެ ކުށް ސާބިތުވާ ކަމުގައި ނިންމާ ނިންމުމެވެ.

34. ހެކިތަކުން ނުކުންނަ ޖުމުލަ ނަތީޖާ، ނުވަތަ ދޭހަވާ ޖުމުލަ ދޭހަވުމަށް ފަނޑިޔާރު ބުރަދަނެއް ދިނުމުގައި، އެއް ހެކި އަނެއް ހެއްކަށް ބުރަދަންދޭ ނަމަ، ނުވަތަ އެ ބުރަދަން ދަށްކޮށްދޭ ނަމަ، އެކަން ބަޔާން ކުރަންވާނެއެވެ. މި ގޮތުން އެއް ހާދިސާއަކާ ގުޅިގެން އެތެރެފުށުން ލިބިފައިވާ ހެއްކާއި، ބޭރުފުށުން ލިބިފައިހުރި ހެކި ދިމާވާކަން ނުވަތަ ނޫންކަން ފަދަ، ހެކި ވަޒަން ކުރުމުގެ މި ފަދަ އެހެން ހަމަތައް ވެސް ބަލައި އެކަމާމެދު މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތް ބަޔާންކުރުމަކީ ލާޒިމު ކަމެކެވެ.18 އަދި އެއީ އެ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ފުރިހަމައަށް ވަޒަންކުރުމުގައި އެ ފަނޑިޔާރުގެ ހުށިޔާރުކަން ދޭހަކޮށްދޭނެ ކަމެއްވެސް މެއެވެ.

އެތެރެފުށާއި ބޭރުފުށުގެ ހެކީގެ އެއްގޮތްކަން

35. މައްސަލައެއްގައި ހުށަހެޅިފައިވާ ހެކިތަކުގެ ތެރެއިން އެތެރެފުށުގެ ހެއްކާއި، ބޭރުފުށުގެ ހެކީގެ އެއްގޮތްކަން ބަލާނެ ގޮތް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު19 މައްސަލައިގައި ކިޔައިދީފައިއެވެ. އަދި މި އުސޫލު ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު20 މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ތަޠުބީޤު ކޮށްފައިވެއެވެ.

36. އެތެރެފުށުގެ ހެއްކާއި ބޭރުފުށުގެ ހެކި އެއްގޮތްކަން ބެލުމަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ޚާއްޞަ ހެކީގެ އުސޫލެއް ނޫނެވެ. މި އުސޫލަކީ ޝަފަހީ އެންމެ ހެއްކެއްގެ ހެކިބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމުމުގައި އެ ހެކިވެރިޔާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްކަން ދެނެގަތުމަށް ބޭނުންކުރާ އުސޫލެއް ވެސް މެއެވެ. މި އުސޫލުގެ ބޭނުން ހިފައި، ދެ ފުށުގެ ހެކި އެއްގޮތް ނަމަ، އެ ހެކިވެރިޔާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ބަލައި ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވެއެވެ. މި އުސޫލަކީ ގުޅުވައިލެވޭ ގަރީނާތައް ހުންނަ އެހެނިހެން މައްސަލަތަކުގައި ވެސް ބޭނުން ކުރުމަށް ހުރަހެއް އޮތް އުސޫލެއް ނޫނެވެ.

37. ޖިނާއީ ކުށް ސާބިތުވުމުގެ މިންގަނޑުތަކުގެ ތަފުސީލާއި ހެކި ވަޒަންކުރުމުގެ މި އުސޫލުތައް ބަޔާންކުރުމަށް ފަހު، ދެން އަހުރެން އެނބުރިލާނީ މި މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި، އެ ހެކިތައް ދެ މަރުޙަލާއިން ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށެވެ.

ކުށް ސާބިތު ކުރުމަށް ހުށަހެޅުނު ހެކިތައް

38. މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ އެންމެ ޝަފަހީ ހެއްކެކެވެ. އަދި ޝަފަހީ ހެއްކަށް ބާރު ދިނުމަށްޓަކައި އަންނަނިވި ތިން ގަރީނާ ހުށަހަޅާފައިވެއެވެ.

39. މި ގޮތުން ތިރީގައި މިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކާއި، އެ ހެކިތަކުން ސާބިތު ކުރުމަށް ދައުލަތުން ބޭނުންވި ކަންކަމެވެ.

(ހ) ސިއްރު ހެކި 01: މި ހެކިވެރިޔާ ދައުލަތުން ހުށަހަޅާފައިވަނީ، މި ހާދިސާ ހިނގި ދުވަހު، 03 ޖެނުއަރީ 2018 ދުވަހު 1315 އެހައިކަށްހައިއިރު، ހާދިސާ ހިނގި ގޯޅިއަށް ވަންނަ ހިސާބުގައި އެ ގޯޅީގެ ހުޅަނގަށްވާ ގޮތަށް ރަތްކުލައިގެ ޖީއެން ސައިކަލެއްގައި ތުހުމަތު ކުރެވޭ ކުއްޖާ އިންކަން ސާބިތު ކުރުމަށެވެ. މީގެ އިތުރުން އަނިޔާ ލިބުނު މީހާއަށް ހަމަލާ ދިނުމަށްފަހު، ޢަބްދުﷲ ނަޝީލް ދުވެފައި އައިސް ތުހުމަތު ކުރެވޭ ކުއްޖާ އިން ސައިކަލުގެ ފަހަތަށް އެރުމުން އެ ސައިކަލު ދުއްވާފައި ދިޔަކަން ސާބިތު ކުރުމަށެވެ.

(ށ) ތުހުމަތު ކުރެވޭ ކުއްޖާ ފާހަގަކޮށް ދެއްކުމަށް ބޭންކުރި ފޮޓޯ ސެޓް: މި ފޮޓޯ ސެޓް ހުށަހަޅާފައިވަނީ، މި ހާދިސާ ހިނގި ސަރަހައްދުގައި ރަތްކުލައިގެ ޖީއެން ސައިކަލެއްގައި މަޑުކޮށްގެން އިނީ ތުހުމަތު ކުރެވޭ ކުއްޖާކަން ތަޙްޤީޤު މަރުޙަލާގައި ފާހަގަކޮށްފައިވާތީ އެކަން ސާބިތު ކުރުމަށެވެ.

(ނ) ވީޑިއޯ އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރު ކުރި ފަރާތް: މި ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތް ދައުލަތުން ހުށަހަޅާފައިވަނީ، ހާދިސާ ހިނގި ސަރަހައްދުން ނެގިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ރަތްކުލައިގެ ޖީއެން ސައިކަލެއްގައި ޢަބްދުﷲ ނަޝީލްއާ އެކު ފެންނަ ފަރާތާއި ތުހުމަތު ކުރެވޭ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރިކަން ސާބިތު ކޮށްދިނުމަށާއި، ވީޑިއޯ އެނަލިސިސް ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތު ކޮށްދިނުމަށެވެ.

(ރ) ވީޑިއޯ ފުޓޭޖް ހިމެނޭ ސީޑީތައް: މި ހެކި ހުށަހަޅާފައިވަނީ ހާދިސާ ހިނގި ސަރަހައްދުގައި އެ ވަގުތު ތުހުމަތު ކުރެވޭ ކުއްޖާ ހަރަކާތްތެރިވިކަން ސާބިތު ކޮށްދިނުމަށެވެ.

ޖުވެނައިލް ކޯޓުން ހެކި ވަޒަންކުރި ގޮތް

40. ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ސިއްރު ހެކި 01 ދީފައިވާ ހެކިބަސް ވަޒަން ކުރަމުން ޖުވެނައިލް ކޯޓުން ފާހަގަކޮށްފައިވަނީ، ހާދިސާ ހިނގި ސަރަހައްދުގައި "މަޑުކޮށްގެން ހުރި ސައިކަލުގައި ހުރި މީހާ އިނީ އިސްދަށަށް ޖަހާލައިގެން މޫނު ފުދޭ ވަރަކަށް ނިވާކޮށްގެން" ކަމުގައި ހެކިވެރިޔާ ބުނެފައިވާ ކަމުގައެވެ. އަދި ދަޢުވާ ލިބޭ ކުއްޖާއަކީ އެ "ސައިކަލުގައި އިން މީހާކަން ޔަޤީން ނުވާކަމަށް" ހެކިވެރިޔާ ބުނެފައިވާ ކަމުގައެވެ.

41. ވީޑިއޯ އެނަލައިޒްކޮށް، ވީޑިއޯ އެންޑް އިމޭޖް އެނެލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ އޮފިސަރ، ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދުގެ ހެކިބަސް ވަޒަންކުރަމުން ޖުވެނައިލް ކޯޓުން ފާހަގަ ކޮށްފައިވަނީ، މި ހާދިސާގައި ލިބުނު ހެކިތައް ތަޙްލީލު ކުރުމަށްޓަކައި ދަޢުވާ ލިބޭ ކުއްޖާގެ ފޮޓޯ ނެގިކަމުގައެވެ. އަދި އެ ފޮޓޯތަކާއި، "ސީޑީއިން ފާހަގަކޮށްފައިވާ މީހާއާއި އަޅާ ކިޔުމުން ސީޑީއިން ފެންނަ މީހާ އާއި ދަޢުވާ ލިބޭ ކުއްޖާއާ "ބްރޯޑް ބަޔޮލޮޖިކަލް ޕްރޮފައިލް" އެއް ގޮތްކަމުގައި" ބުނެފައިވާ ކަމުގައެވެ. އަދި ވީޑިއޯއިން ފެންނަ ފަރާތަކީ، ދަޢުވާ ލިބޭ ކުއްޖާކަމުގައި ބެލެވޭ ކަމުގައްޔާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ވީޑިއޯ އެންޑް އިމޭޖް އެނެލިސިސް ރިޕޯޓަކީ އޭނާ ތައްޔާރު ކުރި ޞައްޙަ ރިޕޯޓެއް ކަމުގައި ޝަރީޢަތުގައި ބުނެފައިވާ ކަމުގައެވެ.

42. މި ކަންކަން ފާހަގަ ކުރުމަށްފަހު، ސިއްރު ހެކި 01 ގެ ބަހުން ހާދިސާ ހިނގި ސަރަހައްދުގައި ހުރީ ދަޢުވާ ލިބޭ ކުއްޖާކަން ޔަޤީންނުވާކަން ޖުނައިލް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އިތުރަށް ހުށަހަޅާފައިވާ ޤަރީނާތަކުން ވެސް އެކަން ޖިނާއީ ކުށް ސާބިތުވުމަށް އިސްލާމީ ޝަރީޢަތުގައްޔާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ މިންވަރަށް އެ ކުއްޖާ ކުށްކުރި ކަމުގައި ބުރަނުވެވޭ ކަމުގައި އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުން ހެކި ވަޒަން ކުރި ގޮތް

43. ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތަށް ބަލާއިރު، އެ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 33 ވަނަ ޕެރެގްރާފާއި 34 ވަނަ ޕެރެގްރާފުގައި ޖުވެނައިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 07 ވަނަ ޕެރެގްރާފާއި 08 ވަނަ ޕެރެގްރާފް އޮތް ގޮތަށް ނަކަލު ކުރުމަށް ފަހު، ބަޔާންކޮށްފައިވަނީ، "ހާދިސާ ހިނގި ސަރަހައްދުގައި ޖީއެން ސައިކަލެއްގައި އިނީ އިސްތިއުނާފު ރައްދުވާ ފަރާތްކަން އެނގޭނެ ޔަޤީނީ ހެކިބަހެއް ލިބިފައިނުވާ" ކަމުގައެވެ. އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކީ ޤަރީނާއެއް ކަމުގައްޔާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގައި ބުނެފައިވަނީ، ވީޑިއޯއިން ފެންނަ ފަރާތަކީ އިސްތިއުނާފު ރައްދުވާ ކުއްޖާ ކަމަށް ބެލެވޭ ކަމުގައެވެ. އަދި ހަމައެކަނި ޤަރީނާއެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ މައްސަލައެއް ސާބިތެއް ނުވާނެ ކަމުގައެވެ.

44. މީގެ އިތުރަށް ޔަޤީނާ ގާތްކުރާ މިންވަރަށް ގަބޫލުކުރެވިގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެ ކަމުގައްޔާއި، މި މައްސަލައިގައި އެ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް އިޤްތިނާޢު ނުވެވޭ ކަމަށް؛ ޤަބޫލު ނުވެވޭކަމަށް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

ޝަރީޢަތަށް ހުށަހެޅުނު ހެކިތައް

45. ކުރިން އިޝާރާތް ކުރި ފަދައިން މި މައްސަލައިގައި ޝަފަހީ ހެއްކަކާއެކު އިތުރު ތިން ހެއްކެއް ދައުލަތުގެ ފަރާތުން އިސްތިއުނާފު ރައްދުވާ ކުއްޖާއާ ދެކޮޅަށް ހުށަހަޅާފައިވެއެވެ. މިއިން އެއްވެސް ހެއްކެއް ޝަރީޢަތަށް ބަލައިގަތުމާމެދު އަދި މިއިން ހެއްކަކީ މައްސަލައާ ގުޅުން ހުރި ހެއްކެއް ނޫންކަމުގައި ބުނެ އެފަދަ ހުށަހެޅުމެއް ހައިކޯޓުގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. ތިރީގައި މިވަނީ ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުން ކުރެވޭ ދޭހަތަކުގެ ތަފުސީލެވެ.

ސިއްރު ހެކި 01 ގެ ހެކިބަސް

46. އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން ދައުލަތުން ބުނެފައިވަނީ، ހައިކޯޓުން ޖުވެނައިލް ކޯޓުގެ ނިންމުމަށް މި މައްސަލައިގައި ތާއީދު ކޮށްފައިވާއިރު، ޖީއެން ސައިކަލުގައި ޢަބްދުﷲ ނަޝީލުގެ އިންތިޒާރުގައި އިން މީހަކީ އިސްތިއުނާފު ރައްދުވާ ކުއްޖާކަން ޔަޤީންނުވާކަމަށް ސިއްރު ހެކި ބުނެފައިވާކަމަށް ހައިކޯޓުން ފާހަގަކޮށްފައި އޮތް އޮތުމަކީ، އެ ހެކިބަހުން ސާބިތުވި ވާޤިޢާތައް ދޭހަ ކުރުމުގައި އެ ކޯޓަށް އަރާފައިވާ އޮޅުމެއް ކަމުގައެވެ. އެފަދައިން ސިއްރު ހެކި 01 ބުނެފައިނުވާ ކަމުގައެވެ. އަދި ހެކިބަހުގެ ތަފުސީލުތަކަށް ދާއިރު މިކަން އިތުރަށް ހާމަވެގެންދާ ކަމުގައެވެ.

47. ޝަރީޢަތުގައި ހެއްކަކު ދީފައިވާ ހެކިބަސް ވަޒަން ކުރުމުގައި އެ ހެއްކެއްގެ ހެކިބަހުން ސާބިތު ކުރުމަށް ހެކި ހުށަހެޅި ފަރާތުން ބޭނުންވި ކަންކަން ހާސިލުވެފައިވޭތޯ ބެލުމުގައި ޝަރީޢަތަށް ހެކިވެރިޔާ ދީފައިވާ މުޅި ހެކިބަހަށް ބަލަންޖެހޭނެ ކަމުގައި ދެކެމެވެ. ސުވާލުތަކަށް ޖަވާބުދީފައިވާ ގޮތާއި، އެ ޖަވާބުދީފައިވާ ސުވާލުތައް އެތުރިފައިހުރި ނެތް ގޮސްވެސް ބެލުން މުހިންމު ކަމުގައި ދެކެމެވެ.

48. ޖުވެނައިލް ކޯޓުގައި ސިއްރު ހެކި 01 ދީފައިވާ ހެކިބަސް ދޭން ފަށާފައިވަނީ ހާދިސާ ހިނގި ތާރީޚާއި ވަގުތު ބަޔާން ކޮށްދެމުންނެވެ. ހާދިސާ ހިނގި ތަނާއި، އެ މަންޒަރު ހަނދާންހުރި މިންވަރަކަށް ސިފަކޮށްދެމުންނެވެ. ތުހުމަތު ކުރެވޭ މީހުންގެ ހަރަކާތްތައް ޝަރީޢަތަށް ބުނެދެމުންނެވެ. މި ތަފުސީލުތައް ބަޔާންކޮށް ދިނުމުގެ ތެރޭގައި ހެކިވެރިޔާއަށް އަމާޒުވަނީ އަންނަނިވި ސުވާލެވެ.

"ދައުލަތުން: މި ހާދިސާއާ ގުޅޭ އެއްވެސް މަންޒަރެއް ހެކިވެރިޔާއަށް ފެނުނު ތޯ؟ ސިއްރު ހެކި: އަޅުގަނޑަށް ފެނުނީ ދުވެފަ ދިޔަ މީހެއް. ދެން ޖީއެން ސައިކަލެއްގަ މަޑުކޮށްލައިގެން އިން މީހެއް. ދައުލަތުން: އެހެންވީމަ ތި ވިދާޅުވީ ދެ ފަރާތެއް ފެނުނުކަމަށް؟ ސިއްރު ހެކި: އާދެ. ދައުލަތުން: ތަފުސީލުކޮށް ޝަރީޢަތަށް އެ ވާހަކަތައް ހިއްސާކޮށްލަ ދެއްވަފާނަންތޯ ފެނުނު މަންޒަރު. ސިއްރު ހެކި: އަޅުގަނޑު އޮފީހުން އެއްޗެއް ހިފައިގެން ހުޅުމާލެ ފެރީ ޓަރމިނަލަށް ދިޔަ މަގުމަތީގައި އަޅުގަނޑަށް ފެނުނީ ސޯސަން މާޓް ކުރިމައްޗަށް އިން ގޯޅިން، އެ ދިމާލަށް އޮޓޯގަރާޖާ ދިމާލަށް، ވަރަށް ބާރަށް މީހަކު ދުވެފައި އަންނަތަން. ދެން މަޑުކޮށްލިން އެގަޑީގައި. ހަނި ގޯޅިއެއްވީމަ، މަޑުކޮށްލާފަ ފަހަތް ބަލާލިއިރު އަޅުގަނޑަށް މި ފެންނަނީ ޖީއެން ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާ. އޭނާ އިނީ އޮޓޯ ގަރާޖާވީ ކޮޅަށް މަޑުކޮށްލައިގެން. އިންއިރު ދުވެފަ އައިމީހާ، ސައިކަލަށް އެރިއިރު އަތުން ވަޅިއެއް އަޅުގަނޑަށް ފެނުނު. އެ ދުވެފަ އައިއިރަކު މާބޮޑަކަށް ފާހަގައެއްނުވޭ. އެކަމަކު ފަހަތަށް އެނބުރި ބަލާލިއިރު ފެނުނު ވަރަށް ރީއްޗަށް ވަޅި މިހެން ދިއްކޮށްލާފަ މައްޗަށް ހިއްލާލާފަ ދެން ސައިކަލަށް އަރައިގެން ނައްޓާލީ. " 49. މި އިޝާރާތް ކުރި މިންވަރަށް ހެކިވެރިޔާ ހެކިބަސް އަދާކުރުމުން ދައުލަތުން ހެކިވެރިޔާއަށް ސުވާލުތައް ކުރިމަތިކޮށްފައިވަނީ، ހެކިވެރިޔާގެ ހެކިބަހުގައި ފާހަކުރި ޖީއެން ސައިކަލާއި އެ ސައިކަލުމަތީގައި އިން މީހާއާ ބެހޭ ގޮތުންނެވެ. އެ ސުވާލުތަކާއި ޖަވާބުތައް ތިރީގައި މިވަނީއެވެ.

"ދައުލަތުން: ވިދާޅުވެއްޖެ ޖީއެން ސައިކަލެއްގެ ވާހަކަ. ކޮންކުލައެއްގެ ޖީ.އެން ސައިކަލެއްތޯ؟ ސިއްރު ހެކި: ރަތްކުލަ ހަނދާންވަނީ. ދައުލަތުން: ސައިކަލުގަ މަޑުކޮށްލައިގެން އިންމީހާ ލައިގެން ހުރި އެއްޗެއް އެއްވެސް މިންވަރަކަށް ހަނދާން އެބަހުރިތޯ؟ ސިއްރު ހެކި: ނޫކުލައިގެ ގަމީހެއް. ދައުލަތުން: ހަނދާންހުރި މިންވަރަކުން ޝަރީއަތަށް ހިއްސާކޮށްލަދެއްވާ؟ ސިއްރު ހެކި: ކޮންމެވެސް ވަރަކަށް. ދައުލަތުން: ހަނދާންހުރި މިންވަރަކުން ޝަރީއަތަށް ހިއްސާކޮށްލަދެއްވާ؟ ސިއްރު ހެކި: އިސްތަށިގަނޑު ދިގުކޮށް، ކޮނޑާހަމަޔަށް، ދެން އިސްކޮޅުންވެސް ގާތްގަނޑަކަށް ފައިވް ފައިވް އަށްވުރެން ދިގުނުވާނެހެން އަޅުގަނޑަށް ހީވަނީ." 50. މި ސުވާލުތަކަށް ފަހު ދައުލަތުން ދެން ސުވާލު ކޮށްފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ތިބި މީހުންނަކީ (ދަޢުވާ ލިބޭ މީހުން) ހާދިސާ ހިނގިތަނުން ފެނުނު މީހުންކަން ނުވަތަ ނޫންކަން ހެކިވެރިޔާގެ ކިބައިން ސާފު ކުރުމަށެވެ. މިކަން ސާފު ކުރުމުގެ ގޮތުން އަންނަނިވި ސުވާލުތައް ކޮށްފައިވެއެވެ.

"ދައުލަތުން: އެ އައިޑެންޓީފިކޭޝަން ރިޕޯޓުގައި ހަމަ ހަނދާންހުރި ގޮތަށް ހަދާފައިވާ ސައްޙަ ރިޕޯޓެއްތޯއެއީ؟ ސިއްރު ހެކި: އާދެ. ދައުލަތުން: އެދެފަރާތަކީ މިއަދު ޝަރީޢަތަށް ހާޟިރުކޮށްފަ މިތިބި ދެފަރާތްތޯ؟ ސިއްރު ހެކި: އަޅުގަނޑު ބޮޑަށް، ގޮޅިޖެހި ގަމީސް ލައިގެން ހުރިއެންނު މީހެއް ދެއްތޯ، (ދަޢުވާލިބޭ ދެވަނަ ކުއްޖާއަށް އިޝާރާތްކޮށްފައި) އޭނަވަރަށް، އެއީ ދުވެފައައި މީހާ. ދައުލަތުން: އާދެ. ސިއްރު ހެކި: ދެން އިން މީހާ އަޅުގަނޑަކަށް އެހާ ބޮޑަކަށް ސާފެއްނޫން އިނގޭތޯ. ސައިކަލުގަ މަޑުކޮށްލައިގެން އިން މީހާހެން ހީވަނީ. ދައުލަތުން: ކެމެރާއިން ޒޫމްކޮއްލާފަ ދެއްކިދާނެތޯ؟ ސިއްރު ހެކި: އޭނަވެސް އިނީ ސައިކަލުގަ މަޑުކޮށްލައިގެން އިންއިރު އިސްދަށަށް ޖަހާލައިގެން މޫނު ފުދޭވަރަކަށް ނިވާކޮށްގެން އިނީ އެގަޑީގަ." 51. ދައުލަތުގެ ފަރާތުން ސިއްރު ހެކި 01 އާ ސުވާލުކޮށް ނިމުމުން އިސްތިއުނާފު ރައްދުވާ ކުއްޖާގެ ވަކީލަށް ޖުވެނައިލް ކޯޓުން ފުރުސަތު ދީފައިވެއެވެ. މި ފުރުސަތުގައި ވަކީލު އަންނަނިވި ސުވާލުތައް ހެކިވެރިޔާއާ ކުރިމަތި ކޮށްފައިވެއެވެ.

"ދިފާޢީ ވަކީލު: ޝުކުރިއްޔާ ޢިއްޒަތްތެރި ފަނޑިޔާރު. އއމގެ ފަރާތުން އަޅުގަނޑު މުޙައްމަދު މިހުފާޒް. މައްސަލައިގެ ސިއްރު ހެކިވެރިޔާ އެކަކާ ކުރާނޭ އެހާގިނަ ސުވާލުތަކެއް ނެތް، ނަމަވެސް ހަމަ ސާފުކޮށްލަން ބޭނުން، ސިއްރު ހެކިވެރިޔާ އެކަކަށް، ޖީ.އެން ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްކަމަށް ބުނެފި، އެވަގުތު އެސައިކަލުގަ އިންމީހާ މޫނު ނިވާކޮށްގެން އިންކަމަށް، އަދި އިށީނދެގެންތޯ އިނީ ހަމަ، ސައިކަލުގަ އެވަގުތު މަޑުކޮށްލައިގެން؟ ސިއްރު ހެކި: ސައިކަލުގަ މަޑުކޮށްލައިގެން، ދެން ދުވެފަ އައި މީހާއަށް މަޑުކޮށްގެން އިންކަން ވަރަށް ސާފުކޮށް އިނގޭ. ދިފާޢީ ވަކީލު: ސައިކަލު މަޑުކޮށްލައިގެން އިންމީހާ، ސިފަވާވަރަށް ފެނުނުތޯ؟ ސިއްރު ހެކި: އޭނަ މޫނު އެހެން، އިސްތަށިގަނޑު ނިއުޅާލާފައި އިންއިރު އެހާ ބޮޑަށް ސާފެއްނޫން އަޅުގަނޑަކަށް. ދިފާޢީ ވަކީލު: އެހާ ބޮޑަކަށް ސާފެއް ނޫން؟ ސިއްރު ހެކި: އާދެ" 52. ސިއްރު ހެކި 01 ގެ ހެކިބަހަށް ބަލާއިރު، ހާދިސާގެ ތަފުސީލުތައް ޝަރީޢަތަށް އެއްގޮތަކަށް ކިޔައިދިފައިވާކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ހާދިސާ ހިނގި ގޯޅި ސިފަކޮށްދީފައިވާ ގޮތާއި، ހާދިސާއިން ފެނުނު ދެމީހުންގެ ހަރަކާތްތައް ހުރި ނެތް ގޮތް ތަފުސީލާއެކު ޝަރީޢަތަށް ކިޔައިދިފައިވެއެވެ.

53. މި މައްސަލައިގެ ހާދިސާ ހިނގިތަނުގެ ތަފުސީލުތައް ހާމަކުރުމަށްފަހު ހެކިބަސް ދެމުން ސިއްރު ހެކި 01 ހާދިސާއިން ފެނުނު ދެ މީހުން (ކުދިން) ގެ ތެރެއިން ހަމަލާދިނުމަށްފަހު ދުވެފައި ޖީއެން ސައިކަލާ ދިމާއަށް އައި މީހާއަކީ ކާކުކަން ބުނެދީފައިވެއެވެ. އެއަށްފަހު، ޝަރީއަތުގެ މަޖިލީހުގައި އިން މި މައްސަލަ އިސްތިއުނާފު ރައްދުވާ ކުއްޖާއަށް އިޝާރާތްކޮށް ސިއްރު ހެކި 01 ބުނެފައިވަނީ، "ދެން އިން މީހާ އަޅުގަނޑަކަށް އެހާ ބޮޑަކަށް ސާފެއްނޫން އިނގޭތޯ. ސައިކަލުގަ މަޑުކޮށްލައިގެން އިން މީހާހެން ހީވަނީ" މިހެންނެވެ. މި ފަދައިން ހެކިވެރިޔާ ބުނުމާއެކު، ކެމެރާއިން ޒޫމްކޮށްފައި އިސްތިއުނާފު ރައްދުވާ ކުއްޖާ ހެކިވެރިޔާއަށް ސާފުކޮށް ދެއްކުމަށް ދައުލަތުން ޝަރީޢަތުގައި އެދިފައިވާކަން މަޙްޟަރު ބަޔާނުން އެނގެއެވެ.21 އަދި ޒޫމްކޮށްފައި ދެއްކުމުން، "އޭނަވެސް އިނީ ސައިކަލުގަ މަޑުކޮށްލައިގެން އިންއިރު އިސްދަށަށް ޖަހާލައިގެން މޫނު ފުދޭވަރަކަށް ނިވާކޮށްގެން އިނީ އެ ގަޑީގަ" މި ފަދައިން ބުނެފައިވެއެވެ. އަދި އިތުރު ތަފުސީލު ހާމަކުރަމުން ސައިކަލުގައި އިން ގޮތް ސިފަކޮށްދީ، "އިންއިރު އިސްދަށަށް ޖަހާލައިގެން މޫނު ފުދޭވަރަކަށް ނިވާކޮށްގެން އިނީ އެގަޑީގަ" މިފަދައިން ބަޔާންކޮށްފައިވެއެވެ.22

54. ކަން މިހެން އޮތުމުން ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ޔަޤީންކަމާއެކު އޭނާއަށް ޝަރީޢަތުގެ މަޖިލީހުގައި އިނީ ކާކުކަމާއި، ހާދިސާ ހިނގި ވަގުތު އެ ކުއްޖާގެ (އިސްތިއުނާފު ރައްދުވާ ކުއްޖާގެ) ޢަމަލުތައް ހުރި ނެތްގޮތް ރަނގަޅަށް ހަނދާނުގައި ހުރެގެންކަން އެނގެއެވެ. މި ކަމަށް އަހުރެންނަށް އިތުރަށް ބާރު ލިބެނީ، ހެކިވެރިޔާ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ހަމައެކަނި އިސްތިއުނާފު ރައްދުވާ ކުއްޖާ ފެނިފައިވަނީ ސައިކަލުމަތީގައި އިންދާ އެންމެ ފަހަރަކު ނޫންކަމުގައި ބުނެފައިވާ ބުނުންތަކުންނެވެ. މި ގޮތުން ހެކިބަސް ދެމުން ހާދިސާ ހިނގި ގޯޅިގަނޑުގައި ސައިކަލު މަތީގައި އިސްތިއުނާފު ރައްދުވާ ކުއްޖާ އިން މަންޒަރު ފެނުނު ކަމަށް ބަޔާންކުރުމަށްފަހު ސައިކަލާ ދިމާލަށް ވަޅިއާއެކު ދުވެފައިއައި ކުއްޖާ އައުމުން ސައިކަލުގައި ދެ މީހުން ދިޔަކަމަށް ބުނެފައިވުމުންނެވެ.

55. މި ވާޤިޢާތަކާމެދު ޢާންމު ވިސްނުމަކުން ވިސްނުމުން އަންނަ ނަތީޖާއަކީ، މޫނު ނިވާނުކޮށް ހަމައެކަނި އެމީހާގެ އިސްތަށިގަނޑު މޫނު މައްޗަށް ވައްޓާލައިގެން އިން މީހަކު، ސައިކަލެއްގެ މަތީގައި އިނދެފައި، އެ މީހާ ބަލަހައްޓައިގެން ހުރި މީހަކަށް އެހެން މީހަކު އެ ސައިކަލަށް އެރުމުން އެ ސައިކަލު ނައްޓާލާ މަންޒަރު ފެންނައިރު، ސައިކަލަށް އަރާ މީހާގެ ސިފަތައް ސިކުނޑިއަށް ނަގައިގަނެވިފައިވުމެވެ. އެ މަންޒަރުގެ ތަފުސީލުތައް ނަގައިގަނެވުމެވެ. މި ތަފުސީލުތައް ސައިކަލާއި، ހާދިސާގައި ފެނުނު ދެމީހުންގެ އަންނައުނުގެ ކުލަ އާއި އެ ނޫންވެސް ޝަރީޢަތަށް ހެކިވެރިޔާ ހާމަކޮށްފައިވާ ތަފުސީލުތަކުގައި ހުރިކަން ފާހަގަ ކުރެވެއެވެ. ކުރުކޮށް ބުނާނަމަ، ސިއްރު ހެކިވެރިޔާ ހެކިބަހުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކުރުމުގައި ޝައްކެއް އޮތްކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އެ ހެކިބަސް ތެދުކަމުގައި ޤަބޫލު ކުރެވެއެވެ. އަދި މި ކަމަށް ޝަރީޢަތަށް ހުށަހެޅުނު އެހެން ހެކިތަކުން ބާރު ލިބެއެވެ. މީގެ އިތުރަށް ޖުވެނައިލް ކޯޓާއި23 ހައިކޯޓުން24 ފާހަގަކޮށްފައިވާ ގޮތަށް، ހެކިވެރިޔާގެ ހެކިބަހުގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސައިކަލުގައި އިން މީހާކަން ޔަޤީން ނުވާކަމަށް ހެކިވެރިޔާ ބުނެފައިވާ ޢިބާރާތެއް ހެކިވެރިޔާގެ ބަޔާނުން އަހުރެންނަށް ފެނިފައިނުވެއެވެ. އަދި އެ ދެ ކޯޓުންމެ ސިއްރު ހެކި 01 ގެ ހެކިބަސް ވަޒަންކޮށް ގޮތް ނިންމާފައިވަނީ، ހެކި ވަޒަންކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

ތުހުމަތު ކުރެވޭ މީހާ ފާހަގަކުރުމަށް ބޭނުންކުރި ފޮޓޯ ސެޓު

56. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ޖުވެނައިލް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެއް ހެއްކަކީ، ސިއްރު ހެކި 01 ތަޙްޤީޤުގައި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށް ފުލުހުންނަށް އެ ކުއްޖާގެ ފޮޓޯ ދެއްކުމަށް ބޭނުން ކުރި ފޮޓޯ ސެޓެވެ. މި ފޮޓޯ ސެޓު ހުށަހަޅާފައިވަނީ، މި ހާދިސާގައި ރަތްކުލައިގެ ޖީއެން ސައިކަލެއްގެ މަތީގައި އިން ފަރާތަކީ އިސްތިއުނާފު ރައްދުވާ ކުއްޖާކަން ފާހަގަކޮށްފައިވާތީ އެކަން ސާބިތު ކުރުމަށެވެ.25

57. މި ފޮޓޯ ސެޓް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް، މި ފޮޓޯ ސެޓާމެދު ޖުވެނައިލް ކޯޓުން އެއްވެސް އެއްޗެއް ފާހަގަ ކޮށްފައިނުވެއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި ފޮޓޯ ސެޓަކީ، ހަނދާންހުރި ގޮތަށް ހަދާފައިވާ ޞައްޙަ ރިޕޯޓެއް ކަމުގައި ސިއްރު ހެކި 01 ބުނެފައިވެއެވެ.

58. މި ފޮޓޯ ސެޓާމެދު ހައިކޯޓުން ފާހަގަކޮށްފައިވަނީ، "މި ފޮޓޯ ސެޓަކީ ވެސް ސިއްރު ހެކި 01 އަށް މި މައްސަލައިގައި ބަޔާންކުރާ ހާދިސާއާ ގުޅިގެން އެ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނެއް ކަމުގައެވެ. އަދި އެއް ހާދިސާއެއްގެ މައްޗަށް އެކަކު ތަފާތު 02 މަޙައްލެއްގައި ދޭ ބަޔާނަކީ ތަފާތު 02 ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެއްކެއް ނޫންކަމުގައެވެ.26

59. މި ހާދިސާ ހިނގާފައިވަނީ 03 ޖެނުއަރީ 2018 ގައެވެ. ސިއްރު ހެކިވެރިޔާ ފުލުހުންގެ ތަޙްޤީޤުގައި 24 މީހުންގެ ތެރެއިން އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށްފައިވަނީ ހާދިސާ ހިނގިތާ 40 ވަރަކަށް ދުވަސް ފަހުން 11 ފެބްރުއަރީ 2018 ގައެވެ. މި ފޮޓޯ ސެޓަށް ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާއާ އެއްވައްތަރު އެތައް ކުދިންގެ ފޮޓޯތައް މި ފޮޓޯ ސެޓްގައި ހިމެނެއެވެ. އަދި ފޮޓޯ ސެޓަކީ ވަކި ޚާއްޞަ މީހަކު މެނުވީ ފާހަގަ ނުކުރެވޭނެހެން ތައްޔާރު ކުރެވިފައިވާ ފޮޓޯ ސެޓެއް ނޫނެވެ. މިސާލެއްގެ ގޮތުން 24 މީހުންގެ ތެރެއިން ފިރިހެނަކު ފާހަގަވޭތޯ ބެލުމަށްޓަކައި ދެ ފިރިހެނުންގެ ފޮޓޯ އާއި ބާކީ އަންހެނުންގެ ފޮޓޯ ހިމެނުން ނުވަތަ، ކުޑަކުއްޖެއް ފާހަގަވޭތޯ ބެލުމަށް އެންމެ ކުއްޖެއްގެ ފޮޓޯ ހިމެނުމަށްފަހު ބާކީ ފޮޓޯތަކުގައި އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ހިމެނުން ފަދަ ކަމެއް މި ފޮޓޯ ސެޓުން ފާހަގައެއް ނުވެއެވެ. ކަން މިހެން އޮތުމުން ސިއްރު ހެކި 01 އަށް އިސްތިއުނާފު ރައްދުވާ ކުއްޖާގެ މޫނު ރަނގަޅަށް، ފާހަގަވާ މިންވަރަށް ފެނިގެން މެނުވީ، އިސްތިއުނާފު ރައްދުވާ ކުއްޖާއަކީ ކާކުކަން މި ފޮޓޯ ސެޓަށް ބަލައިގެން ބުނެދޭން އެނގޭނެ ކަމުގައި އަހުރެންނަށް ގަބޫލެއް ނުކުރެވެއެވެ. އަދި މި ފޮޓޯ ސެޓުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށްފައި އޮތް އޮތުން ޝަރީޢަތުގެ މަޖިލީހުގައި ސިއްރުހެކި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށް ސައިކަލުމަތީގައި އިނީ އެ ކުއްޖާކަމުގައި ބުނެފައިވާ ބުނުމަށް ބާރު ލިބެއެވެ.

60. އަދި ސިއްރު ހެކިވެރިޔާ އެއް ހާދިސާއެއްގެ މައްޗަށް ދެ މަޙައްލެއްގައި (ތަޙްޤީޤުގައްޔާއި ޝަރީޢަތުގައި) އެއްގޮތަކަށް އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށްދީފައިވާ ފާހަކަ ކޮށްދިނުމަކީ އެކަމަށް ޝަރީޢަތުން ބުރަދަނެއް ދޭންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ. އެހެނީ އެއީ ދެ ޤަރީނާއެކެވެ. އެ ދެ ޤަރީނާއިން ކުރެވޭ ދޭހަ ތަފާތުވި ނަމަ، ނުވަތަ އެ ދޭހަތަކުގައި ފުށުއެރުންތަކެއް ހުރި ނަމަ، ނުވަތަ ދެ މަޙައްލުގައި ދެ ގޮތަކަށް ހެކިވެރިޔާ އެއްކަމަކާ ގުޅިގެން ކަންތައްތަކެއް ފާހަގަކުރި ނަމަ އެއަށް ލިބޭ ބުރަދަން ދަށްވެގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ނުވަތަ ބުރަދަން ނެތިގެން ހިނގައިދާނެއެވެ. ކަން މިހެން އޮތުމުން، މި ފޮޓޯ ސެޓަކީ ބަލައިގަނެވޭނެ ހެއްކެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެވެ.

ސީސީޓީވީ ފުޓޭޖްތައް

61. ދައުލަތުން އިސްތިއުނާފު ރައްދުވާ ކުއްޖާއާ ދެކޮޅަށް ޖުވެނައިލް ކޯޓަށް މި މައްސަލައިގައި ސީސީޓީވީ ވީޑިއޯ ފުޓޭޖްތަކެއް ހިމެނޭ 08 ސީޑީއެއް ހުށަހަޅާފައިވެއެވެ. މި ވީޑިއޯތައް ދައުލަތުން ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ކުއްޖާ އިތުރު މީހަކާއެކު މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ވަގުތު، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވިކަން ސާބިތު ކޮށްދިނުމަށެވެ.

62. ޖުވެނައިލް ކޯޓުންނާއި ހައިކޯޓުން މި ވީޑިއޯ ފުޓޭޖްތަކުން ފެންނަ އެއްޗަކާމެދު ވަކި އެއްޗެއް ފާހަގަ ކޮށްފައިނުވެއެވެ. އެހެން ނަމަވެސް، މި ވީޑިއޯތައް ތަހުލީލުކުރި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާމެދު ދެ މަރުޙަލާއިން ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެ ކަންކަމާމެދު ދެކޭ ގޮތް ފަހުން އެބަ ހާމަކުރަމެވެ. މި ނުކުތާގައި ފާހަގަކުރުން މުހިންމު ކަމަކީ، މި ވީޑިއޯ ފުޓޭޖްތަކަކީ ވަކިކަމެއް ސާބިތު ކޮށްދިނުމަށް ދައުލަތުން ހުށަހެޅި ހެއްކެއް ކަމުގައިވާއިރު، މި ވީޑިއޯތަކާމެދު ޝަރީޢަތުން ބުނާއެއްޗެއް ވަކިން ސާފުވާންޖެހޭނެއެވެ.

63. މި ވީޑިއޯތަކަށް ބަލާއިރު، މި ވީޑިއޯތަކުގައި އެކި މިންވަރަށް ސާފު ވީޑީއޯތައް އެބަހުއްޓެވެ. ހުރިހާ ވީޑިއޯތަކުން ވެސް، ސިއްރު ހެކި 01 ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީފައިވާ ފަދައިން ރަތްކުލައިގެ ޖީއެން ސައިކަލެއް ދެ މީހަކު (ދެ ކުއްޖަކު) ބާރަށް ދުއްވާތީ ފެނެއެވެ. ސައިކަލުގެ ކުރީގައި އިނީ ނޫކުލައިގެ ގަމީހެއް ލައިގެން އިން ކުއްޖެކެވެ. އިސްތަށިގަނޑު ހުރީ ކޮނޑާހަމައަށް ދިގު ކޮށްފައެވެ. ބައެއް ފުޓޭޖްތަކުން ސައިކަލުގެ ކުރީގައި ދުއްވަން އިން ކުއްޖާގެ މޫނު ސާފުވެއެވެ. މީގެ ތެރެއިން ލިލީ މަގުގައި އިން ފުލުހުންގެ ކެމެރާ އިން ކެމެރާއިން ނެގިފައިވާ ކޮލިޓީ ރަނގަޅު، ސާފު ފުޓޭޖްތަކުން (އެވިޑެންސް ނަންބަރު WE1802286) އާއި27 ގ. މިލޯރީފްގޭގެ ސީސީޓީވީ ފުޓޭޖުން (އެވިޑެންސް ނަންބަރު QE1802287) އިން28 ދުއްވަން އިން ކުއްޖާގެ މޫނު އާދައާ ޚިލާފަށް ސާފުކޮށް ފެންނަކަން ފާހަގަ ކުރެވެއެވެ. އަދި މި ފުޓޭޖްތަކުން މަގުމަތިން ދަތުރުކޮށްފައި ގޮސްފައިވާ ހުރިހާ ވެހިކަލްތަކެއްގެ ނަންބަރު ބޯޑު ސާފުކޮށް ފެނެއެވެ. ކަން މިހެން އޮތުމުން މި ވީޑިއޯ ފުޓޭޖްތަކަކީ މި ހާދިސާ ހިނގިތަނުގައި، އއމ އާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެވަނަ ކުއްޖާ ހަރަކާތްތެރިވިކަން އެނގޭ، އެ ވާޤިޢާ ގުޅުހުންހުރި ހެއްކެކެވެ.

ސީސީޓީވީ ފުޓޭޖްގެ އެނެލިސިސް

64. މި މައްސަލައިގައި ކުށް ސާބިތު ކުރުމަށް ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހެޅި އެއް ހެއްކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް" އާއި އެ ރިޕޯޓު ތައްޔާރުކުރި ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދެވެ. މި ވީޑިއޯ އެނަލިސިސް ރިޕޯޓަކީ މި މައްސަލައިގެ ޙާދިސާއާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތައް ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓާ ގުޅިގެން މި ރިޕޯޓު ތައްޔާރުކުރި ފަރާތުން ޖުވެނައިލް ކޯޓަށް ހާޒިރުވެ ހެކިބަސް އަދާކޮށްފައިވެއެވެ.

65. "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާމެދު29 ޖުވެނައިލް ކޯޓުން ފާހަގަކޮށްފައިވަނީ އެ ރިޕޯޓު ތައްޔާރުކުރި ސަރޖަންޓް އާދަމް މުޙައްމަދުގެ ހެކިބަހުގައި އޭނާއަކީ މި ފަދަ ވީޑިއޯތައް އެނަލައިޒް ކުރުމުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައެވެ.30 އަދި މި މައްސަލައާ ގުޅިގެން ލިބުނު ހެކި ތަޙްލީލު ކުރުމަށްޓަކައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފޮޓޯ ނެގުމަށް ފަހު، ލިބިފައިވާ ސީޑީއިން ފާހަގަކޮށްފައިވާ މީހާއާ އަޅައިކިޔާފައިވާ ކަމުގައެވެ. އަދި މި ފަދައިން އަޅައިކިޔުމުން ސީޑީއިން ފެންނަ މީހާއާއި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ހަށިގަނޑުގެ ބައްޓަމާއި ރޫފަ، މޫނުގެ ބައްޓަން، ނޭފަތުގެ ބައްޓަން، ބޮލުގެ އިސްތަށިގަނޑާއި، މަތިމަސް އެއްގޮތްކަމުގައެވެ. އެހެން ކަމުން ވީޑިއޯއިން ފެންނަ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ކުއްޖާ ކަމުގައި ބެލެވޭ ކަމުގައެވެ. އަދި މި މައްސަލައިގައި ތައްޔާރުކޮށްފައިވާ "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކީ އޭނާ ތައްޔާރުކުރި ޞައްޙަ ރިޕޯޓެއް ކަމުގައެވެ.31

66. "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާމެދު ހައިކޯޓުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، މި ރިޕޯޓާއި މި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހުގެ އަސާސް ބިނާވަނީ ދައުލަތުން ހުށަހެޅި 08 ސީޑީގެ މައްޗަށް ކަމުގައެވެ. އަދި މި "08 ސީޑީއަކީ އެކަތި އަނެއްކައްޗާ ގުޅިފައިވާ" ގަރީނާތަކެއް ކަމުގައެވެ. އަދި މިއީ މުސްތަޤިއްލު ވަކި ހެކިތަކެއް ކަމުގައި ބެލޭނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމުގައެވެ.32

67. މީގެ އިތުރަށް ޖުވެނައިލް ކޯޓުން "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާމެދު ފާހަގަކޮށްފައިވާ ކަންކަން، ފުޓްނޯޓެއްގައި ސަރޖަންޓް އާދަމް މުޙައްމަދުގެ ސަރވިސް ނަންބަރު ލިޔުން ފިޔަވައި އެ ހުރި ގޮތަށް ހައިކޯޓުން ނަކަލު ކޮށްފައިވެއެވެ. އަދި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމުގައްޔާއި، ގަރީނާއެއްގެ މައްޗަށް ރިޢާޔަތްކޮށް ޖިނާއީ މައްސަލައެއް ސާބިތު ނުވާނެ ކަމުގައި އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ހެކި ޤަރީނާއަށް ޖުމުލަކޮށް ބަލާއިރު އިސްތިއުނާފު ރައްދުވާ ކުއްޖާ ކުށް ކުރިކަން ޔަޤީނާ ގާތްކުރާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އިޤްތިނާޢު ނުވެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

68. ހައިކޯޓުން ވީޑިއޯ އެންޑް އިމޭޖް އެނެލިސިސް ރިޕޯޓާމެދު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ ރިޕޯޓަކީ އެ ކޯޓުން ފާހަގަކުރި ގޮތަށް ދައުލަތުން ހުށަހެޅި 08 ސީޑީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫނެވެ. އެ ރިޕޯޓުގައި ހެކި ކަމުގައި ބަލައި އެނަލައިޒް ކޮށްފައިވަނީ 05 ވީޑިއޯ ފުޓޭޖެވެ. އެއީ 05 ސީޑީއެއްގައިވާ ފުޓޭޖެވެ. މީގެ އިތުރުން ތަޙްޤީޤު މަރުޙަލާގައި ނަގާފައިވާ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފޮޓޯ ހެކީގެ ގޮތުގައި އެނަލައިޒް ކޮށްފައިވެއެވެ.

69. ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގެ މަޤްޞަދަކީ، އެނަލައިޒް ކުރުމަށް ލިބިފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއަކީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާކަން ނުވަތަ ނޫންކަން ދެނެގަތުންކަން އެ ރިޕޯޓުން އެނގެއެވެ. އަދި މި ވީޑިއޯތައް އެނަލައިޒް ކޮށްފައިވަނީ، ފޮރެންސިކް ވީޑިއޯ އަދި ފޮޓޯ އެނަލައިޒް ކުރުމަށް އެނަލިސްޓުން ބޭނުންކުރާ "އެމްޕްޑް ފައިވް" ނަމަކަށް ކިޔާ ޚާއްޞަ ސޮފްޓްވެއަރއެއް ބޭނުންކޮށްގެންކަން މި ރިޕޯޓުން އެނގެއެވެ. މި ރިޕޯޓުގެ ހޯދުންތަކަށް ބަލާއިރު، ތަފާތު ދެ ވީޑިއޯ ފުޓޭޖަކުން، ދެ ދިމާއަކުން ސައިކަލެއްގައި އެކުގައި ދުއްވާފައިދާ ދެ މީހެއްގެ ދެ ފޮޓޯ އާއި، އިސްތިއުނާފު ރައްދުވާ ކުއްޖާ ގޮނޑިއެއްގައި ބޭންދުމަށްފަހު ނަގާފައިވާ ދެ ދިމާއަކުން ނަގާފައިވާ ދެ ފޮޓޯ އަޅައި ކިއުމަށްފަހު، ވީޑިއޯތަކުން ނެގިފައިވާ ފޮޓޯއިން ފެންނަ މީހާއާއި، އިސްތިއުނާފު ރައްދުވާ ކުއްޖާގެ އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަކޮށް 06 ސިފައެއް ބަޔާންކޮށްފައިވެއެވެ. އެ ހަ ސިފައަކީ (1) "ބްރޯޑް ބަޔޮލޮޖިކަލް ޕްރޮފައިލް" (ޢުމުރުފުރާ، ޖިންސް، ނަސްލު) (2) ހަށިގަނޑުގެ ބައްޓަމާއި ރޫފަ، (3) މޫނުގެ ބައްޓަން، (4) ނޭފަތުގެ ބައްޓަން، (5) ބޮލުގެ އިސްތަށިގަނޑާއި، (6) މަތިމަހުގެ ސިފައެވެ. މީގެ އިތުރަށް ވީޑިއޯ ފުޓޭޖްތަކުން ފެންނަ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ކުއްޖާ ކަމުގައި ބެލެވޭ ކަމުގައި މި ރިޕޯޓުގެ ހޯދުންތަކުގެ ޚުލާޞާގައި ބަޔާންކޮށްފައިވެއެވެ.33

70. މި ހާދިސާގައި ވަޅި ހިފައިގެން އައި ކުއްޖާ، ޖީއެން ސައިކަލެއްގެ ފަހަތަށް އަރުވައިގެން އިސްތިއުނާފު ރައްދުވާ ކުއްޖާ ދިޔަ މަންޒަރު ފެނިފައިވާ ހަމައެކަނި ފަރާތަކީ ސިއްރުހެކި 01 އެވެ. ސިއްރު ހެކި 01 ތަޙްޤީޤު މަރުޙަލާގައި ސައިކަލުގައި ދިޔަ ދެމީހުން ލައިގެންތިބި ގަމީހާއި، އެ މީހުންގެ ސިފަތައް ކިޔައިދިން ދިނުމުގެ މައްޗަށް ބިނާކޮށް ހޯދާފައިވާ ފުޓޭޖްތަކުން، ސިއްރު ހެކި 01 ޝަރީޢަތުގައި ކިޔައިދީފައިވާ އެންމެހައި ސިފަތައް ފުރިހަމަވާ ގޮތަށް، ހާދިސާ ހިނގައިދިޔަ ތާރީޚާއި އެ ވަގުތުގައި ސައިކަލެއްގައި ދެ މީހަކު މަގުތަކުގައި ދަތުރުކުރާ މަންޒަރު ފެނެއެވެ. ސިއްރު ހެކި 01 ހާމަކޮށްފައިވާ ތަފުސީލަށް ބަލާއިރު، ވީޑިއޯތަން ފެންނަ ސައިކަލަކީ ސިއްރު ހެކި 01 ތަޙްޤީޤުގައްޔާއި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ފަދައިން ރަތް ކުލައިގެ ޖީއެން ސައިކަލެކެވެ. ސައިކަލު ދުއްވަން އިނީ ނޫކުލައިގެ ގަމީހެއް ލައިގެން އިން ކުއްޖެކެވެ. އެ ކުއްޖާގެ އިސްތަށިގަނޑު ހުރީ ކޮނޑާހަމައަށް ދިގުކޮށްފައެވެ. ސައިކަލުގެ ފަހަތުގައި އިނީ ގޮޅިޖެހި ގަމީހެއް ލައިގެން އިން ކުއްޖެކެވެ. ވީޑިއޯތަކުން މި ސައިކަލު ދުއްވާފައި ދިޔައީ މަގުމަތިން ފެންނަ އެހެން އުޅަނދުތަކަށްވުރެ ބާރަށް ކަން ފާހަގަ ކުރެވެއެވެ.

71. ކަން މިހެން އޮތުމުން ސިއްރު ހެކި 01 ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް މި ވީޑިއޯތަކުން ބުރަދަނެއް ދެވެއެވެ. އެ ހެކިބަސް ދީފައިވަނީ ހާދިސާގެ ތަފުސީލުތަކާއި، ތުހުމަތު ކުރެވޭ މީހުންނަކީ ކޮބައިކަން ސިއްރު ހެކި 01 އަށް އެނގިގެން ކަމުގައި ބަލަންޖެހެއެވެ.

72. އަދި ހައިކޯޓުން ވީޑިއޯ ފުޓޭޖްތައް ހިމެނޭ ސީޑީ އާއި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކީ، ގުޅިފައިވާ ޤަރީނާތަކެއް ކަމުގައި ބަޔާންކުރިއިރު، ޤަރީނާތައް ގުޅިފައިވުމުގެ މައްޗަށް އަންނަ ނަތީޖާއެއް ބަޔާންކޮށްފައި ނުވެއެވެ. އަދި ހަމައެކަނި ޤަރީނާއިން ޖިނާއީ މައްސަލައެއް ސާބިތުނުވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، އެއީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ.34 އަދި ވީޑިއޯތަކާއި އެއިގެ އެނެލިސިސް ރިޕޯޓަކީ މުސްތަޤިއްލު ހެކިތަކެއް ކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށް ބަޔާންކުރިއިރު، އެއީ މައްސަލައިގައި ސުވާލު އުފެދިފައި އޮތް ކަމެއް ނޫނެވެ. އެއީ މުސްތަގިއްލު ހެކިތަކެއް ކަމުގައިވި ނަމަވެސް، ނުވަތަ ވަކިވަކި ހެކިތަކެއް ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ ހެއްކަކާމެދު ފަނޑިޔާރު ދެކޭ ގޮތް ބަޔާންކުރުން ލާޒިމުވާނެއެވެ. ފަނޑިޔާރަށް ކުރެވޭ ދޭހަ ބަޔާން ކުރެވެން ވާނެއެވެ. ވީޑިއޯތަކުން ފެންނަ އެއްޗަކާއި އެނެލިސިސް ރިޕޯޓުން ފެންނަ އެއްޗަކާ ދިމާވޭތޯ ބެލުމަކީ ފަނޑިޔާރުގެ މަސައްކަތެވެ. ކަން މިހެން އޮތުމުން މި މައްސަލައިގައި ހުށަހެޅިފައިވާ ވީޑިއޯތަކާއި، އެ ވީޑިއޯ އެނެލިސިސް ރިޕޯޓުން ލިބޭ ހެއްކާމެދު ހައިކޯޓުން ގޮތެއް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެވެ.

އެނެލިސިސް ހެދި ފަރާތުގެ ބަސް

73. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް" ތައްޔާރުކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް އާދަމް މުޙައްމަދުއެވެ. މި މައްސަލައިގައި ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ވީޑިއޯ އެންޑް އިމޭޖް އެނެލިސިސް ރިޕޯޓާ ގުޅިގެން ސަރޖަންޓް އާދަމް މުޙައްމަދު ހެކިބަސް އަދާކޮށްފައިވެއެވެ. މި ހެކިބަހުގައި އޭނާއަކީ ފުލުހުންގެ ޚިދުމަތުގައި 13 އަހަރު ހޭދަކޮށްފައިވާ މީހެއް ކަމަށާއި، މަސައްކަތް ކުރަނީ ފުލުހުންގެ ފޮރެންސިކް ސަރވިސަސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ކަމާބެހޭ އެކި ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކޮށްފައިވާ ކަމުގައްޔާއި، އޭނާއަކީ އެމްޕްޑް 05 އަދި އެމްޕްޑް އޮތެންޓިކޭޓް ޓްރެއިނިންގ ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައި ފާހަގަ ކޮށްފައިވެއެވެ. އެމްޕްޑް 05 ސޮފްޓްވެއަރ އަކީ މި މައްސަލައިގައި ވީޑިއޯ އެނަލައިޒް ކުރުމަށް ބޭނުންކުރި ސޮފްޓްވެއަރ އެވެ.

74. މި މައްސަލައިގައި އެނަލައިޒް ކުރުމަށް ލިބިފައިވަނީ ތަޙްޤީޤުން ހޯދާފައިވާ ވީޑިއޯތަކުގެ ސްކްރީން ޝޮޓްތަކާއި، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފޮޓޯ ތަކެއް ކަމުގައި ފާހަގަކޮށް، މި ސްރީން ޝޮޓްތަކާއި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފޮޓޯތައް އަޅައިކިއުމަށްފަހު، ވީޑިއޯތަކުން އިސްތިއުނާފު ރައްދުވާ ކުއްޖާ ފެންނަ ކަމަށް ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާނެ ކަމުގައި ސަރޖަންޓް އާދަމް މުޙައްމަދު ޖުވެނައިލް ކޯޓުގައި ބުނެފައިވެއެވެ.35 އަދި މި ނަތީޖާއަށް ވާސިލުވީ، ވީޑިއޯގެ ސްކީން ޝޮޓްތަކުން ފެންނަ މީހާ އާއި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ބްރޯޑް ބައިލޮޖިކަލް ޕްރޮފައިލް، ހަށިގަނޑުގެ ބައްޓަމާއި ރޫފަ، މޫނުގެ ބައްޓަން، ނޭފަތުގެ ބައްޓަން، ބޮލުގެ އިސްތަށިގަނޑު، މަތިމަސް އެއްގޮތްކަމަށް ފެނިފައިވާތީ ކަމުގައި ބުނެފައިވެއެވެ.

75. ދައުލަތުން ސުވާލުކޮށް ނިމުމުން، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ވަކީލު، ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދާ ސުވާލު ކޮށްފައިވެއެވެ. މި ސުވާލުތަކުގެ ތެރޭގައި، އިސްތިއުނާފު ރައްދުވާ ކުއްޖާއާ ވައްތަރުކަމަށް ނިންމުމުގައި ފާހަގަކުރި 06 ސިފައަކީ އެ ކުއްޖާއަށް ޚާއްޞަ ނުވަތަ ޢާންމު ސިފަތަކެއް ތޯ ސުވާލު ކުރުމުން އެ ސިފަތަކަކީ، އިސްތިއުނާފު ރައްދުވާ ކުއްޖާއަށް "ޔުނީކް" ސިފަތަކެއް ކަމުގައި ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދު ބުނެފައިވެއެވެ.36 އަދި "ޔުނީކް" ކަމަށް ވިދާޅުވަނީ އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ޚާއްޞަ އެއްޗެއް ގޮތަށްކަމަށް މާނަކުރެވޭ ކަމަށް ވަކީލު ބުނުމުން، އެއީ އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ޚާއްޞަ ސިފަތަކެއް ކަމުގައި ބުނެ، އެ ސިފަތައް އިތުރަށް ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދު ކިޔައިދީފައިވެއެވެ.

76. މަތީގައި މި އިޝާރާތް ކުރި ކަންކަމަކީ، ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދުގެ ހެކިބަހާމެދު ޖުމުލަ ގޮތެއްގައި ޖުވެނައިލް ކޯޓާއި ހައިކޯޓުން ވެސް ފާހަގަ ކޮށްފައިވާ ކަންކަމެވެ.

77. މި މައްސަލައިގައި ޝަރީޢަތަށް ހާޒިރު ކުރެވުނު ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކުރި ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދުގެ ހެކިބަހަށް ބަލާއިރު، ވީޑިއޯތަކުން ފެންނަނީ އިސްތިއުނާފު ރައްދުވާ ކުއްޖާ ކަމުގައި ބެލެވޭ ކަމުގައި ބުނެފައިވެއެވެ. އަދި މި ނަތީޖާއަށް ވާސިލުވެފައިވަނީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ޚާއްޞަ ސިފަތަކެއް، ވީޑިއޯ އިން ފެންނަ ކުއްޖާއާ ދިމާވާތީކަމުގައި ބުނެފައިވެއެވެ. ކަން މިހެން އޮތުމުން ވީޑިއޯ އެނަލައިޒް ކުރި ފަރާތުގެ ބަހަކީ ވެސް ސިއްރު ހެކި 01 ގެ ހެކިބަހަށް ބާރު ލިއްބައިދޭ ހެކިބަހެއް ކަމުގައި ދެކެމެވެ.

ވާސިލުވެވޭ ނަތީޖާ

78. މި މައްސަލައަށް ބަލާއިރު ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު37 މައްސަލައިގައި، އިސްތިއުނާފީ ކޯޓުތަކުން އަލުން ހެކި ވަޒަންކުރެވިދާނެ ކަމުގައި ކަނޑައަޅާފައިވާ ހާލަތްތަކަށް މި މައްސަލަ ފެތޭ ކަމުގައި ބަލަންޖެހެއެވެ. އެހެނީ މި މައްސަލައިގައި ހުށަހެޅިފައިވާ ބައެއް ހެކިތަކަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އަދި ހެކިތަކުން ނެރެފައިވާ ދޭހަތަކަކީ ރަނގަޅު ދޭހަތަކެއް ނޫނެވެ.

79. މުޅި މައްސަލައަށް ބަލާއިރު، ހާދިސާ ހިނގި މަންޒަރު ނުވަތަ އިސްތިއުނާފު ރައްދުވާ ކުއްޖާ އެހެން ކުއްޖަކު ސައިކަލު ފަހަތަށް އަރުވައިގެން ދިޔަތަން ފެނިފައިވަނީ އެންމެ ހެއްކަކަށެވެ. އެ ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ވަޅިއެއް ހިފައިގެން އައި ކުއްޖެއްގެ އިންތިޒާރުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ، އިންކަމަށާއި، ވަޅި ހިފައިގެން އައި ކުއްޖާ އައުމުން ސައިކަލުގައި ދެ ކުދިން އެކީގައި ދިޔަކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މި ހިސާބަށް މި ވާޤިޢާއާ ގުޅުވޭނެ އިތުރު ހެއްކެއް، ނުވަތަ ޤަރީނާއެއް ވެސް ނެތެވެ.

80. ގުޅުވައިލެވޭ ޤަރީނާތައް ހުރީ ސިއްރު ހެކި 01 ޝަރީޢަތަށް ހާމަކޮށްދީފައިވާ އެހެން ތަފުސީލުތަކާއެވެ. މި ގޮތުން، ހާދިސާ ހިނގި ވަގުތާއި، ތާރީޚާއި، ސައިކަލުގެ ކުލަ އާއި ސައިކަލުގައި ދިޔަ ދެ މީހުން ލައިގެން ތިބި އަންނައުނާއި އެ ދެމީހުންގެ ސިފަތަކަށް އެހެނިހެން ޤަރީނާތަކުން ބާރު ލިބެއެވެ. މި ގޮތުން ސިއްރު ހެކި ފުލުހުންގެ ތަޙްޤީޤުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކުރި ފޮޓޯ ސެޓާއި، މައްސަލައިގައި ލިބިފައިވާ ވީޑިއޯ ފުޓޭޖްތަކާއި، އެ ފުޓޭޖްތައް އެނަލައިޒް ކުރި ފަރާތުގެ ހެކިބަހުން ސިއްރު ހެކި ބުނެފައިވާ ބުނުންތަކަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ތެދު ބުނުންތަކެއް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

81. އަދި މަންޒަރު ފެނުނު ސިއްރު ހެކި 01 ދައްކާފައިވާ ވާހަކަތަކަކީ އެތެރެފުށުގެ ހެކިތަކެއް ކަމުގައިވާއިރު، ކުރިން މި އިޝާރާތްކުރި ޤަރީނާތަކަކީ ލިބިފައިވާ ބޭރުފުށުގެ ހެކިތަކެކެވެ. މި އެންމެހައި ހެކިތައް އެއްގޮތެވެ. އެންމެހައި ހެކިތަކުގެ މިސްރާބު ހުރީ އެއްދިމާއަކަށެވެ. އެތެރެފުށާއި ބޭރުފުށުގެ ހެކީގައި ޚިލާފެއް ނެތެވެ. ކަންމިހެން އޮތުމުން، މި ހެކިތަކުން އަހުރެންނަށް ވާސިލުވެވޭ ހަމައެކަނި ނަތީޖާއަކީ، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި އއމ ބައިވެރިވިކަމެވެ. މި ނޫން ދެވަނަ ކަމެއް، މި ހެކިތަކުން އަހުރެންނަށް ދޭހައެއް ނުވެއެވެ. އަދި އެ ޝައްކެއްގެ ސަބަބުން ކުށް ސާބިތުވުމަށް ހުރަސް އަޅާ އެކަށީގެންވާ ޝައްކެއް އަހުރެންނަށް މި ހެކިތަކުން ފާހަގައެއް ނުކުރެވެއެވެ.

ނިންމަން ފެންނަ ގޮތް

82. މަތީގައި ބަޔާންކުރި ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކަމުގައި ކަނޑައަޅަން ފެނެއެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ38 08 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އއމ ގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމުގައި ކަނޑައަޅަން ފެނެއެވެ.

83. އަދި ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަތައް ތަޙްވީލު ކުރުމަށް ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް39 މައްސަލައިގައި ކަނޑައަޅާފައިވާ، އުސޫލަށް ރިޢާޔަތްކޮށް މި މައްސަލަ އަދަބު ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

84. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

85. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައިވާ ކަންކަން އެފަދައިން ހުރުމުން،

1- ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/594 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމުގައިވާތީ، އެ ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

2- އަދި، އއމ ގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، އއމ ގެ މައްޗަށް ކޮށްފައިވާ، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

3- އަދި، ކުށުގެ އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

1 ޤާނޫނު ނަންބަރު 2010/17

2 09/Jv-C/2018

3 ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2019/HC-A/594

4 ޤާނޫނު ނަންބަރު 2010/13

5 [2022] SC 18

6 2014/SC-A/19

7 2012/SC-A/01

8 2018/SC-A/49

9 އބމ

10 ސުޕްރީމް ކޯޓުގެ ނަންބަރު2011/SC-A/34 ޤަޟިއްޔާ، ޙުކުމް ކޮށްފައިވަނީ، 21 ސެޕްޓެންބަރު 2011

11 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/51 ޤަޟިއްޔާ، ޙުކުމް ކޮށްފައިވަނީ، 22 ނޮވެމްބަރ 2018

12 ޤާނޫނު ނަންބަރު 6/2015 (ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން މި މާއްދާއަށް (111) ވަނަ ނަންބަރު އިތުރުކުރެވިފައި.

13 Jagatheesan s/o Krishnasamy v Public Prosecutor [2006] SGHC 129, Public Prosecutor v GCK [2020] SGCA 2

14 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 15 ވަނަ މާއްދާގެ (ށ) ގެ 02 ނަންބަރުގެ ރޯމަން (i)

15 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާ

16 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72ޤަޟިއްޔާ

17 އބމ

18 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 33 ވަނަ 36 ވަނަ ޕެރެގްރާފްގެ ނިޔަލަށް.

19 2019/SC-A/77

20 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2022] SC 16

21 ސިއްރު ހެކި 01، 07.01.2019 ގައި ޖުވެނައިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ނަގާފައިވާ ހެކިބަސް، ޞ. 74 އިން 78 އަށް

22 އބމ

23 ނަންބަރު 09/Jv-C/2018

24 ނަންބަރު 2019/HC-A/594

25 ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސަފުހާ 35

26 ހައި ކޯޓުގެ ނަންބަރު 2019/HA-C/594 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސަފުހާ 35

27 މި ފުޓޭޖް ނެގިފައިވާ ކެމެރާއިން ރެކޯޑު ކުރެވިފައިވާ ވީޑިއޯގެ 13:28:41 ފެށިގެން މި މަންޒަރު ފެނެއެވެ.

28 މި ފުޓޭޖް ނެގިފައިވާ ކެމެރާއިން ރެކޯޑު ކުރެވިފައިވާ ވީޑިއޯގެ 13:17:57 ފެށިގެން މި މަންޒަރު ފެނެއެވެ.

29ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގެ 08 ވަނަ ޕެރެގްރާފް، ޞަފުޙާ ނަންބަރު 8

30 އބމ

31 އބމ

32 ޖުވެނައިލް ކޯޓުގެ ނަންބަރު 2019/HA-C/594 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސަފުހާ 18

33 ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 09 މޭ 2019 ވަނަ ދުވަހު ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދު ދީފައިވާ ބަޔާން. ޞަފުޙާ ނަންބަރު 102 އިން 108 ގެ ނިޔަލަށް.

34 މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 18

35 ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގެ 08 ވަނަ ޕެރެގްރާފް، ޞަފުޙާ ނަންބަރު 8

36 ޖުވެނައިލް ކޯޓުގެ ނަންބަރު 09/Jv-C/2018 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 09 މޭ 2019 ވަނަ ދުވަހު ޕޮލިސް ސަރޖަންޓް އާދަމް މުޙައްމަދު ދީފައިވާ ބަޔާން. ޞަފުޙާ ނަންބަރު 107

37 ނަންބަރު 2018/SC-A/49 ޤަޟިއްޔާ

38 ޤާނޫނު ނަންބަރު 2017/10

39 [2024] SC 35، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފް، ޞަފުޙާ ނަންބަރު 12

2023/SC-A/04 [2024] SC 36

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ