ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ޏ.ފުވައްމުލައް، ދަޑިމަގު. ޒާވިއާ، ޢަބްދުﷲ ނަޡީފް، މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަބްދުﷲ ނަޡީފް"( ގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( ގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަ އަދި ނިމުނު ގޮތް
ޏ.ފުވައްމުލައް / ދަޑިމަގު. ޒާވިއާ، ޢަބްދުﷲ ނަޡީފް އާއި، މަންޒިލް، މުޙައްމަދު ޝިފާޢު އާއި، ޢަލީ ރިފްޝާން އާ އިތުރު މީހަކާއެކު، 11 އެޕްރީލް 2011 ވަނަ ދުވަހު 18:00 ހާއިރު، ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި އަޙްމަދު މިރުޒާ ހުއްޓާ ފެނިގެން އޭނާއާމެދު މަރާމާރީ ހިންގައިފައިވާތީ އާ، ޢަބްދުﷲ ނަޡީފްގެ އަތުގައި އޮތް ލަކުނޑި ބުރިއަކުން އަޙްމަދު މިރުޒާގެ ބޮލުގައި ޖެހުމުން އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުމުން އަޙްމަދު މިރުޒާގެ ގައިގާ ޖަހާ މަރާމާރީ ހިންގައިފައިވާތީއާ، މި ހަމަލާގެ ސަބަބުން އަޙްމަދު މިރުޒާއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 14 އެޕްރީލް 2011 ވަނަ ދުވަހު އަޙްމަދު މިރުޒާ ނިޔާވެފައިވާތީ، ޢަބްދުﷲ ނަޡީފްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އަދި މި ކުށުގައި ޢަބްދުﷲ ނަޡީފްއާ އެކު ބައިވެރިވި ކަމަށް ބުނާ ދެ ފަރާތުގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، އަޙްމަދު މިރުޒާ މަރުވެފައިވަނީ އަޙްމަދު މިރުޒާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންކަން މި މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށް ޙަވާލާދީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އަޙްމަދު މިރުޒާގެ މަރުގެ ބަދަލުގައި އަޙްމަދު މިރުޒާގެ ހުރިހާ ވާރިޘުން ބޭނުންވަނީ ޤިޞާޞް ހިފަން (މަރަށް މަރު ހިފަން) ކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު މެރުމަށް ޙުކުމް ކޮށެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާއިން އިސްވެ ބުނެވުނު ފަދައިން ޙުކުމް ކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މި މައްސަލައިގައި ހެކިބަސް ދީފައިވާ ސިއްރު ހެކިވެރިޔާ 1 އާއި، ސިއްރު ހެކިވެރިޔާ 4 ގެ ހެކިބަހަށް ބަލާއިރު، އަޙްމަދު މިރުޒާ އާމެދު މާރާމާރީ ހިންގުމުގައި ޢަބްދުﷲ ނަޡީފާއި މުޙައްމަދު ޝިފާޢު ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމާއި، އަޙްމަދު މިރުޒާ އާމެދު މާރާމާރީ ހިންގި މީހުން، އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިބުރިއެއް ފަދަ އެއްޗަކުން ޖެހި ކަމާއި، އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުމުން، އެ މީހުން އަޙްމަދު މިރުޒާގެ ގައިގައި ތަޅާހެދިކަން އެނގެން އޮންނަކަން؛
އަޙްމަދު މިރުޒާ މަރުވެފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުންކަމާއި، އެ ނޫން އެހެން ގޮތަކުން ނޫންކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮންނަ ކަމާއި، އެ އަނިޔާތައް ދީފައިވަނީ މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތައް ނޫން އެހެން ބައެއްކަން، މި މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާތަކުން އެނގެން ނެތްކަން؛
ހެކިބަސް ދިން ސިއްރު ހެކިވެރިޔާ 3 އާއި ސިއްރު ހެކިވެރިޔާ 5 ތަޙުޤީޤުގައި ބަޔާން ދީފައިވަނީ މަޖުބޫރު ކޮށްގެން ކަމަށް ބުނި ނަމަވެސް، އެ ހެކިންގެ ފަރާތުން އެކަން ސާބިތު ކޮށްދެވިފައި ނުވުމުން، އެ ހެކިވެރިން ދައްކާ ވާހަކަތަކަކީ ސިއްރު ހެކިވެރިޔާ 1 އާއި ސިއްރު ހެކިވެރިޔާ 4 ގެ ހެކިބަހަށް ބާރުލިބޭ، އެ ހެކިބަހާ ގުޅިލާމެހިފައިވާ ޤަރީނާއެއް ކަމަށް ޤަބޫލު ކުރެވޭކަން؛
މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ކުރިކަމަށް ސާބިތުވާ ޢަމަލަކީ، އެ ދެ މީހުން އަޙްމަދު މިރުޒާގެ ގައިގަ ތަޅާ އަނިޔާ ކުރުން ކަމާއި، އެ ކަމުގެ ނަތީޖާއަކީ އަޙްމަދު މިރުޒާ މަރުވުން ކަމާއި، އަޙްމަދު މިރުޒާ މަރުވެފައިވަނީ މުޙައްމަދު ޝިފާޢުއާއި ޢަބްދުﷲ ނަޡީފް ކުރި ކަމަށް ސާބިތުވާ ޢަމަލާއި ނުކުމެފައިވާ ނަތީޖާ އާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުމުން، ކުށުގެ މާއްދީ ރުކުން ފުރިހަމަވެފައިވާކަން؛
އަޙްމަދު މިރުޒާއަށް ހަމަލާ ދިނުމަށް ބޭނުންކުރި އެއްޗަކީ މީހަކު މަރުވެދާފަދަ އާލާތަކަށްވުމާއި، އެ އާލާތަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަ ކަމަށް ޢިލްމުވެރިން ބުނެފައިވުމާ، އެ ޙާލަތުގައި އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މަރާލުމުގެ ޤަޞްދު އޮތް ކަމަށް ބަލަންޖެހޭތީ، އަޙްމަދު މިރުޒާއަށް ހަމަލާދިނީ ރުޅިވެރިކަމެއް އޮވެގެންކަން ލިބިފައިވާ ހެކި ޤަރީނާތަކުން ސާބިތު ވެފައިވުމުން އަޙްމަދު މިރުޒާ މަރާފައިވަނީ ޤަސްދުގައިކަން ސާބިތުވާ ކަން؛ އަދި
އަޙްމަދު މިރުޒާގެ ވާރިޘުން ބޭނުންވަނީ މަރަށް މަރުހިފަން ކަމުގައި ބުނެފައިވުން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ކްރިމިނަލް ކޯޓުގެ ނިންމުން ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށެވެ.
އިސްވެ ބަޔާން ކޮށްފައިވާ ގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ކަން، ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ހެކިންގެ ހެކިބަހުގައި ކުދިކުދި ޚިލާފުތަކެއް ހުރިނަމަވެސް، ޝަރީޢަތުން އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭފަދަ އެއްވެސް ޚިލާފެއް ހެކިންގެ ބަހުގައި ނެތް ކަމާއި، އެހެނީ ހެކިބަސް ދިން އެންމެންވެސް ވަގުތު ބަޔާން ކޮށްފައިވަނީ، ވަގުތު އަންދާޒާ ކުރެވުނު ގޮތުގެ މައްޗަށް ކަމާއި އެ މީހުން ކުޅަ އަންދާޒާ އާއި ޑޮކިއުމެންޓް ކުރެވި ރެކޯޑް ކުރެވިފައިވާ ވަގުތަކާއި ދެމެދުގައި ޝަރީޢަތަށް ޤަބޫލު ނުކުރެވޭފަދަ ފުށު އެރުމެއް ނެތްކަން؛
މި ކުށަކީ އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގި ޖަރީމާއެއް ކަމަށްވާތީ، މަރުގެ ސަބަބެއް ކަމުގައިވި އެތި ފަހަރު ޖެހި މީހަކީ މިތަނުން ކާކުކަން އެއީ ޔަޤީނީކޮށް ބަލަންޖެހޭ ނުކުތާއެއް ނޫން ކަމާއި، ކުށުގައި ބައިވެރިވި ޖަމާޢަތުގެ ހުރިހާ އެންމެން ނުވަތަ އެ ތަނުން އެކަކު އެ އެތިފަހަރު ޖެހިނަމަވެސް އެ ޖަރީމާގައި ބައިވެރިވި ހަމަ ކޮންމެ މީހަކުވެސް އެ މީހަކު އެކަނި އެ ޢަމަލު ހިންގި ފަދައިން ޒިންމާ ކުރެވޭނެ ކަމާއި، މިއީ އިސްލާމީ ފިޤުޙުގައި ބަޔާންކުރާ ތަމާލުއުގެ މައްސަލަތަކުގައިވެސް އަދި އެހެނިހެން ޖުރިސްޑިކްޝަން ތަކުގައިވެސް މިކަން އޮތް ގޮތްކަމާއި، މި މައްސަލައިގައި އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިގަނޑެއް ފާޑުގެ އެއްޗަކުން (ލަޓިބުރިއަކުން) ޖެހުމާއެކު އޭނާ ބިންމައްޗަށް ވެއްޓުމުން ފުންމައިގެން އޭނާގެ ގައި މައްޗަށް ޢަބްދުﷲ ނަޡީފް އެރި ކަމާއި، މި ކަންކަމުގައި އެއްވެސް ޝުބުހައެއް ނެތްކަން؛
އިސްލާމީ ފިޤުޙުގައި ވެސް، ޤަސާމާ ދީގެން މަރު ސާބިތުކުރެވޭ ކަމާއި، ޤަސާމާގެ މައިގަނޑު އަސާސަކީ ލައުޘު އެބަހީ، ތުހުމަތު ކުރެވޭ މީހާ އާއި މަޤްތޫލު އެބަހީ، މަރާލެވުނު މީހާ އާމެދު ދެކޮޅުވެރި ކަމެއް ނުވަތަ ޢަދާވަތްތެރި ކަމެއް އޮތުން ކަމާއި، މިއީ ޙަޤީޤަތުގައި ޤަރީނާ (circumstantial evidence) އެއް ކަމާއި، އެހެންކަމުން، ޤިޞާސް ހިފުމުގައި ޤަރީނާގެ މައްޗަށް އިސްލާމީ ފިޤުޙު ބައެއް ޙާލަތްތަކުގައި ބުރަވާކަން އެނގޭކަމާއި، ޒިނޭ ފިޔަވައި ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި ހެކިބަސް އަދާ ކުރާ މީހަކީ ކަނޑައެޅިގެން 02 (ދޭއް) ފިރިހެނުން ކަމުގައި މުޠުލަޤަށް ބުނެވެން ނެތް ކަމާއި، ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ވެގެންވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލަކީ އިސްލާމީ ފިޤުހާއި ޚިލާފު އުސޫލެއް ނޫންކަން؛ އަދި
ހާދިސާ ހިނގި ތަނުގައި ޢަބްދުﷲ ނަޡީފް ނެތް ކަމަށް ބުނެ ހެކިން ހުށަހަޅާފައިވަނީ ޝަރީޢަތް ފަށައި، އޭނާ ދަޢުވާއަށް އިންކާރު ކުރުމުން، ޕްރޮސިކިއުޝަނުން ދަޢުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅި ފަހުން ކަން އެނގެން އޮތުމުން، "ކުށުގެ ޢަމަލު ހިނގި ތަނުގައި ނެތް" ކަމަށް ބުނެ ޢަބްދުﷲ ނަޡީފް ހުށަހެޅި ހެކިންގެ ބަހަށް ބުރަންދަން ދޭން ނުޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޢަބްދުﷲ ނަޡީފްގެ ފަރާތުން ޖުމްލަ 13 (ތޭރަ) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް ބުނެވުނު 13 (ތޭރަ) ނުކުތާގައި ތަކުރާރު ވެފައިވާ ނުކުތާތައް ހުރުމުންނާއި، އެއް ނުކުތާ އަނެއް ނުކުތާއާ ގުޅޭ ކަންތައްތަކެއް ފާހަގަ ކޮށްފައި ވާތީ، މި ކޯޓުން މައްސަލައަށް ގޮތް ނިންމުމުގައި ފާހަގަ ކޮށްފައި ވާނީ ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ފާހަގަ ކޮށްފައިވާ މައިގަނޑު މައުޟޫޢު ތަކަށެވެ.
މީގެ އިތުރުން، މި މައްސަލައަކީ ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފައިވާ މައްސަލައެއް ކަމުގައިވާތީ، އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކޮށް އަމަލު ކުރަމުންދާ ގޮތާއި ޚިލާފަށް، މި އިސްތިއުނާފީ މައްސަލަ ބެލުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން، ހައިކޯޓުގެ ޙުކުމް ބިނާ ކޮށްފައިވަނީ ޤާނޫނީ ނުވަތަ އިޖުރާއީ އޮޅުމެއް ނުވަތަ އައިބެއްގެ މައްޗަށް ކަން ނުވަތަ ނޫން ކަން ބެލުމުގެ އިތުރުން، މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 1204 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައި ވާގޮތް މި މައްސަލައިގައި ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ބަލާފައި ވާނެކަން ފާހަގަ ކުރަމެވެ.
(ހ) ބިރުދައްކައިގެން ޤާނޫނާ ޚިލާފަށް ހެކި ހޯދުންޢަބްދުﷲ ނަޡީފްގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުގައި ފާހަގަ ކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި، މި މައްސަލައިގެ ހެކިވެރިންނަށް ބިރުދައްކައި ނުފޫޒު ފޯރުވައި ހަދާފައިވުން ހިމަނާފައިވެއެވެ. މިގޮތުން، މި މައްސަލައިގައި ބަޔާންކުރާ މާރާމާރީއާ ގުޅިގެން ވިލިމާލޭގެ ހާލަތު ވަރަށް ގޯސްވި ކަމާއި، ބޮޑު ގްރޫޕަކުން އެކި މީހުންނަށް ބިރު ދައްކަމުން ދިޔަކަން ސިއްރު ހެކި ނަންބަރު 3 އަދި ސިއްރު ހެކި ނަންބަރު 5 ގެ ހެކި ބަހުގެ އިތުރުން ވ. ސާރާވިލާ، ހުޝާމް (މީގެ ފަހުން "އަޙްމަދު ހުޝާމް") ގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުން އެނގެން އޮތްކަން ފާހަގަ ކޮށްފައި ވެއެވެ. މި ސަބަބަށްޓަކައި، ހެކިން ދީފައިވާ ހެކިބަހަކީ ޞައްޙަ ހެކިބަސް ނޫންކަމަށް ބުނެ ދަށު ކޯޓުގައި އުފެއްދި ސުވާލުތަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ޢަބްދުﷲ ނަޡީފް ބުނެއެވެ. މި ނުކުތާ އާއި ގުޅިގެން ޢަބްދުﷲ ނަޡީފްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ބިރުދެއްކުމުގައި އުޅުނު ބައެއް ފަރާތްތަކުން ފޮލިސް ސްޓޭޝަންގައިވެސް އުޅުނުކަން ސިއްރު ހެކި ނަންބަރު 5 ގެ ބަޔާނުން އެނގެން އޮތުމުގެ އިތުރުން، ހާދިސާ އެކުގައި ފެނުނު ކަމަށް ބުނާ ދެ ހެކިންގެ ތެރެއިން ސިއްރު ހެކި ނަންބަރު 4 ގެ ފަރާތުން ކްރިމިނަލް ކޯޓުގައި އޭނާ ހެކިބަސް ދީފައިވަނީ ބަޔަކު ބިރުދައްކައިގެން ކަމަށް ބުނެ ހައިކޯޓަށް ސިޓީ ފޮނުވާފައިވުމުން، ބިރުދެއްކުމުގެ މާހައުލެއް އޮތްކަން އެހެން މީހުންގެ ހެކި ބަހުން އެނގެން އޮވެމެ، ހައިކޯޓުން ބުނެވުނު (ސިއްރު ހެކި ނަންބަރު 4 ފޮނުވި ކަމަށް ބުނާ) ސިޓީއަށް ރިއާޔަތް ކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހެކިވެރިންނަށް ބިރުދައްކައިގެން ބަޔާން ހޯދާފައިވާތީ އާއި، ހެކި އުފައްދާފައިވާތީ، މިފަދަ ބަޔާންތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ޤަބޫލު ކުރެވިގެންވާނެ ހެކި ނޫން ކަމުގައެވެ.
ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ސިއްރު ހެކިވެރިޔާ ނަންބަރު 4 ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި ސިޓީގައި، އޭނާ ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކި ބަހަކީ މަޖުބޫރު ވެގެން ދީފައިވާ ހެކިބަހެއް ކަމަށް ބުނެފައިވާ ކަމަށް ޢަބްދުﷲ ނަޡީފް ފާހަގަ ކުރާ އިރު، މިފަދަ ސިޓީއެއްގެ ވާހަކަ އޭނާގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުލަތުން ހުށަހެޅި ގިނަ ސިއްރު ހެކިވެރިންގެ ބަޔާންތައް މި މައްސަލަ އާއި ގުޅިގެން ދަޢުވާ އުފުލުނު ފަރާތްތަކަށް ލިބި، މި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް ހެކިންގެ ފަރާތުން އެކަން ދައުލަތުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ސިއްރު ހެކިވެރިޔަކު ސިއްރުން ކޯޓަށް ފޮނުވި ސިޓީއެއް ދަޢުވާލިބޭ ފަރާތަކަށް އެނގެން ޖެހޭ ސަބަބެއް ނެތް ކަމަށާއި، މި ކަންކަމުން ޢަބްދުﷲ ނަޡީފްގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަން އެނގޭ ކަމަށެވެ.
މި މައްސަލައަށް ބަލާއިރު، ހެކިންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާންތަކުން ނުފޫޒު ފޯރުވުމާއި ގުޅޭގޮތުން ފާހަގަ ކޮށްފައިވާ ކަންކަން ތިރީގައި ހިމަނަމެވެ.
ސިއްރު ހެކި ނަންބަރު 3 –
ތަހުޤީޤުގައި ސިއްރު ހެކި ނަންބަރު 3 ދީފައިވާ ބަޔާނަކީ އޭނާއަށް ބިރުދައްކައިގެން ބަޔަކު ނެގުވި ބަޔާނެއް ކަމަށާއި، އެ ބަޔާން ނުދީފިނަމަ، ނުވަތަ ބަޔާނުގެ ފިއްޔެއް ބަދަލުކުރި ނަމަވެސް މަރާލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ސިއްރު ހެކި ނަންބަރު 3 ބުނެފައިވެއެވެ. އަދި ބަޔާން ނެގިއިރު، ވިލިގިލި ޕޮލިސް ސްޓޭޝަން ތެރޭގައިވެސް އެ (ބިރުދެއްކި) މީހުން ވަދެގެން އުޅުނު ކަމަށާއި، އެކަމާ ހުރީ ވަރަށް ބިރުންކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް، ބިރު ދެއްކީ ސީދާ ކޮން ބައެއްކަމެއް ނޭނގޭ ކަމަށާއި، އެއީ އާންމުންގެ ބައެއް ކަމުގައި، އަދި އެތަނުން އެކަކީ ހަމުގެ ކުލަ ކަޅުކޮށް، ބިޔަކޮށްހުރި ވަރަށް ބޮޑު މީހެއް ކަމުގައިވެސް ސިއްރު ހެކި ނަންބަރު 3 ބުނެފައިވެއެވެ.
ސިއްރު ހެކި ނަންބަރު 5 –
ވިލިގިލި ޕޮލިސް ސްޓޭޝަނަށް ސިއްރު ހެކި ނަންބަރު 5 ފުރަތަމަ ގެންދިޔައީ ބަޔާން ނަގަން ކަމަށާއި، ދެވަނަ ދުވަހެއްގައި ގެންދިޔައީ ފޮޓޯތައް ދައްކާން ކަމަށާއި، އޭނާގެ ފަރާތުން ފުލުހުންގެ ތަހުޤީޤަށް ބަޔާންދިނީ އަދި އޭނާއަށް ދެއްކި ފޮޓޯތަކުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވަނީ ބިރުދައްކައިގެން ކަމަށެވެ. އަދި އެފަދައިން ކަން ކުރީ ސިއްރު ހެކި ނަންބަރު 5 އަށް ބަޔަކު ބިރުދައްކާ އަނިޔާ ކުރުމުން ކަމަށާއި، އެކަން ހިނގީ އޭނާ ގޭގައި އިންދާ އެ (ބިރުދެއްކި) މީހުން އައިސް އޭނާ ގެންދިއުމަށް ފަހުގައި ކަމަށާއި، ވިލިގިލި ޕޮލިސް ސްޓޭޝަންގައި ސިއްރު ހެކި ނަންބަރު 5 އަށް އަނިޔާކޮށް ތަޅާފައި ހުރިކަން އެނގޭނެ ފޮޓޯވެސް ހުންނާނެ ކަމަށެވެ. އަދި ބަޔާން ނެގުމަށާއި ފޮޓޯތައް ދެއްކުމަށް ސިއްރު ހެކި ނަންބަރު 5 ވިލިގިލި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ ދުވަހުވެސް އޭނާ އަށް އަނިޔާކޮށް ބިރުދެއްކި މީހުން ޕޮލިސް ސްޓޭޝަންގެ އެތެރޭގައި ފުލުހުންނާއެކު އުޅުނު ކަމުގައެވެ. އެހެންނަމަވެސް، އަނިޔާކޮށް ބިރުދެއްކި މައްސަލަ ނުޖައްސާ ކަމަށާއި، އެފަދައިން އަމަލުކުރީ އޭނާއާއި އޭނާގެ އާއިލާ ވިލިގިލީގައި އުޅެން ޖެހިފައިވުމުން ކަމަށާއި، މައްސަލަޖެއްސި ނަމަވެސް، (ރައްކާތެރިކަމާއެކު) ސަލާމަތުން ހުރެވޭނެ ކަމުގެ ގެރެންޓީއެއް ނެތުމުން ކަމަށެވެ. އަދި އޭނާ ދިރިއުޅޭ އެޑްރެސް ދެތިން ފަހަރު ބަދަލުކޮށްފި ކަމަށާއި، މާލެއަށް ބަދަލުވި ފަހުންވެސް އޭނާ އުޅުނު ގޭ ކައިރިއަށް އައިސް އެ (އަނިޔާކުރި) މީހުން އޭނާ ހޯދަން އުޅުނު ކަމުގައި ސިއްރު ހެކި ނަންބަރު 5 ބުނެފައިވެއެވެ.
އަޙްމަދު ހުޝާމް –
ހާދިސާ ހިނގި ދުވަހު 16:30 އާއި 17:00 އާ ދެމެދުން ފެށިގެން އެ ދުވަހު (އިރުއޮއްސި) ބަންގި ގޮވުމާ ހަމައަށް އަޙްމަދު ހުޝާމް އުޅުނީ ބޮޑު ދަނޑުގައި ފުޓުބޯޅަ ކުޅެން ކަމަށާއި، (މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވުނު) މުޙައްމަދު ޝިފާޢުވެސް ހުރީ އޭނާއާ އެއްޓީމަކަށް ކުޅެން ކަމުގައި އަޙްމަދު ހުޝާމް ބުނެފައިވެއެވެ. އެ ދުވަހު (ހާދިސާ ހިނގި ފަހުން) ރަށުތެރޭގެ ހާލަތު ވަރަށް ގޯސްވި ކަމަށާއި، އަޙްމަދު ހުޝާމް ކައިރިއަށްވެސް އޭނާގެ ތިމާގެ މީހުންނޭ ކިޔާފައި ގްރޫޕަކުން އައި ކަމަށާއި، ރަށުތެރޭގައި ރައްޔިތުންތަކެއް ނިކުމެ މީސްމީހުންނަށް ބިރުދައްކާ ބޮޑު ގްރޫޕެއް ހަދައިގެން އުޅުނު ކަމަށާއި، އެ މީހުންނާ ބައިވެރިވެ ފުލުހުންވެސް އުޅުނު ކަމަށް އަޙްމަދު ހުޝާމް ބުނެފައިވެއެވެ. އަދި ޝިފާޢު ފުލުހަށް ހާޟިރުކުރި ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭގަނޑު، އެހެން ބަޔަކު ފުލުހުން ގެންގޮސްފައި ތިއްބާ ބައިވަރު މީހުން ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ، އެ ތަނަށް ވަދެ، މީސްމީހުންނަށް ބިރުދައްކާ ބަޔާން ނެގިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ސިއްރު ހެކި ނަންބަރު 4 ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަށް ބަލާއިރު، އޭނާއަކީ ސިއްރު ހެކި ނަންބަރު 4 ކަމުގައި ބުނެ، ނަމާއި އެޑްރެސް ދިނުމަށް ފަހުގައި، މީހަކު ހައިކޯޓުގެ އިސް ފަނޑިޔާރަށް އެޑްރެސްކޮށް 07 ޖެނުވަރީ 2020 ގެ ތާރީޚުގައި ލިޔެފައިވާ ސިޓީއެއް ޢަބްދުﷲ ނަޡީފްގެ ފަރާތުން ސުޕްރީމް ކޯޓަށް، އޭނާ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ފޯމާއެކު ހުށަހަޅާފައި ވެއެވެ. ސިއްރު ހެކި ނަންބަރު 4 ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީގައި، އޭނާ (ސިއްރު ހެކި ނަންބަރު 4) ކްރިމިނަލް ކޯޓަށް ހެކިބަސް ދިނުމުގައި ދީފައިވަނީ ދޮގު މަޢުލޫމާތު ކަމުގައާއި، އެ ބަޔާނަކީ އޭނާއަށް ބަޔަކު ބިރުދައްކާ، ތަޅާ އަނިޔާ ކުރުމުން، އޭނާގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށްޓަކައި، ބިރުދެއްކި މީހުން ކިޔައިދިން ގޮތަށް ދީފައިވާ ބަޔާނެއް ކަމުގައި އޮވެއެވެ. އަދި އޭނާގެ ފަރާތުން ކޯޓަށް ބަޔާން ދިނުމާ ހަމައަށް އެކި ފަހަރުމަތިން މަރުގެ އިންޒާރު ލިބިފައިވާ ކަމަށާއި، ހެކިބަސް ދިނުމަށްފަހު އެ އިންޒާރުތައް ހުއްޓިފައިވާ ކަމަށްވެސް ސިޓީގައި ބުނެ، ސިއްރު ހެކި ނަންބަރު 4 ގެ ގޮތުގައި އޭނާ ދީފައިވާ ބަހަކީ ބާތިލު ހެކިބަހެއް ކަމުގައި ބަލާދިނުން ސިޓީގައި އެދިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުން، ސިއްރު ހެކި ނަންބަރު 4 ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ކަމަށް ބުނާ (އިސްވެ ހަވާލާދީފައިވާ) ސިޓީއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަ ކޮށްފައި ވާކަން އެނގެން ނެތެވެ. އަދި މައްސަލައާ ގުޅިގެން ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ތެރޭގައިވެސް، ބުނެވުނު ސިޓީއަށް ހަވާލާދީ އެއްވެސް ވާހަކައެއް ބުނެފައިވާކަން، ހައިކޯޓުގެ ޝަރީޢަތުގެ ބަޔާންތަކުން އެނގޭން ނެތެވެ. އެހެންކަމުން، 07 ޖަނަވަރީ 2020 ގެ ތާރީޚުގައި ސިއްރު ހެކި ނަންބަރު 4 ލިޔެފައިވާ ކަމަށް ބުނާ ސިޓީއަކީ އެ މައްސަލަ ހިނގިއިރު ހަމަ ހަގީގަތުގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ އަދި އެ ކޯޓަށް ލިބިފައިވާ ސިޓީއެއްކަން އެނގޭން ނެތުމުން، މައްސަލައިގެ ގޮތް ކަނޑައެޅުމުގައި ހައިކޯޓުން އެ ސިޓީއަށް ރިއާޔަތް ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމުގައި ނުދެކެމެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި ސިއްރު ހެކި ނަންބަރު 3 އާއި، ސިއްރު ހެކި ނަންބަރު 5 އަދި އަޙްމަދު ހުޝާމްގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމަކީ ހަޤީޤަތް ކަމުގައިވާނަމަ، އޭގައި ކަންބޮޑު ވާންޖެހޭ އެތަކެއް ކަމެއް ހުރިކަން ފާހަގަ ކުރެވެއެވެ. އަދި މައްސަލައެއްގެ ތެރެއިން އެއްވެސް މިންވަރަކަށް ހެކިވެރިންނަށް ބިރުދެއްކުމަކީ އަދި ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ޖިނާއީ ކުށްކަމުގައި ފާހަގަކޮށް، މިގޮތަށް ނިޒާމު ރޭވިފައިވަނީ އަދުލު އިންސާފު ޤާއިމު ކުރެވޭނީ ތެދު މައުލޫމާތު ލިބިގެން ކަމުގައިވާތީކަން ފާހަގަކުރަމެވެ.
(ށ) އަންހެނުންގެ ހެކިބަސްއިސްލާމީ ޝަރީޢަތުގައި ޙައްދުގެ މައްސަލަތަކާއި ޤިޞާޞްގެ މައްސަލަތައް ސާބިތުވާނީ 2 (ދޭއް) ފިރިހެނުންގެ ހެކި ބަހުން ކަމަށް ފިޤުޙު ޢިލްމުވެރިން ބަޔާންކުރާ ކަމަށާއި، މި މައްސަލައިގައި ޢަބްދުﷲ ނަޡީފްގެ މައްޗަށް ހެކިބަސްދީފައިވާ އެކަކީ އަންހެނެއް ކަމުގައިވާއިރު، އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް އެއް ހަމަކޮށްގެން މި މައްސަލަ ނިންމާފައިވަނީ އިސްލާމީ ފިޤުޙީ އުސޫލުތަކާ ޚިލާފަށް ކަމަށާއި، މިއީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ޢަބްދުﷲ ނަޡީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
މި ނުކުތާ ތަފްސީލު ކުރަމުން ޢަބްދުﷲ ނަޡީފްގެ ފަރާތުން ބުނެފައިވަނީ، މައްސަލައިގައި ހެކިބަސް ދިން ގިނަ ފަރާތްތަކުން ހެކިބަސް ދީފައިވަނީ ސިއްރު ހެކިންގެ ގޮތުގައި ކަމަށާއި، އެ ފަރާތްތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނިގެންވާ ކަމުގައާއި، މައްސަލައިގެ ޙުކުމަށް ވާޞިލު ވެފައިވަނީ އެ ފަރާތްތަކުގެ ހެކިބަހަށް ބުރަދަން ދީގެން ކަމުގައިވާތީ، އިސްލާމީ ޝަރީއަތުގައި ހެކިންގެ ހެކިބަހުގެ ނިސްބަތް ބަޔާން ކޮށްފައިވާ ގޮތަށް ބަލަންޖެހޭ ކަމުގައެވެ. އަދި، ޖުމްހޫރު އިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، މަރާއި، ޤިޞާސް ހިފޭފަދަ އަނިޔާ އާއި، ވައްކަމާއި، ހަރާބާ އާއި، ޤަޒްފު އަދި ރާބުއިން ފަދަ ހައްދުތައް ޤާއިމު ކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަހަށް ކަމުގަ އާއި، ޤިޞާސްގެ މައްސަލައިގައި އަންހެނުންގެ ހެކިބަސް ބޭނުން ކުރެވިދާނެ ކަމަށް ބުރަވެވަޑައިގަންނަވާ އިލްމުވެރިންގެ ތެރެއިން އިމާމް އަވްޒާޢީ އާއި ޒުހުރީ ގެ ރައުޔުގައި ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ފުދޭކަމުގައި ބަޔާން ކުރައްވާފައިވާ ކަމަށާއި، އިބްނު ހަޒްމު ޤަބޫލު ކުރައްވާ ގޮތުގައި އަންހެނުންގެ ހެކިބަސް ފުދޭނީ އަންހެނުންގެ އަދަދު 2 (ދޭއް) އަށް ވުރެ ގިނަނަމަ ކަމުގައެވެ.
މި ކަންކަން ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، އޭނާ އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިގަނޑެއް ފާޑުގެ އެއްޗަކުން ޖަހާފައިވާ ކަމަށް ބުނަނީ އެންމެ ހެކިވެރިއެއް ކަމުގައިވެފައި، ދެން އެ ތަނުގައި ހުރި ހެކިވެރިއަކީ އަންހެނެއް ކަމުގައި ބެލެވޭތީ، އެންމެ ހެކިވެރިއެއްގެ ބަހަށް ބުރަވެ ޙުކުމް ކުރެވޭނެ ކަމާމެދު ސުވާލު އުފައްދައެވެ.
އިސްލާމީ ޝަރީޢަތާއި ޙަވާލާ ދިނުމުގެ އިތުރުން، މި ނުކުތާއާ ގުޅިގެން ޢަބްދުﷲ ނަޡީފްގެ ފަރާތުން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއަށާއި، 21 ވަނަ މާއްދާއަށާއި، 16 ވަނަ މާއްދާއަށާއި، 142 ވަނަ މާއްދާއަށާއި 274 ވަނަ މާއްދާއަށް ހަވާލާ ދީފައިވެއެވެ. މިގޮތުން ބުނެވުނު މާއްދާތަކަށް ޢަބްދުﷲ ނަޡީފްގެ ފަރާތުން ހަވާލާ ދީފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ – ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައިވާތީ އާއި، އިސްލާމް ދީނަކީ ދިވެހިރާއްޖޭގައި ހަދާ ޤާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމުގައިވާތީ އާއި، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބަޔާން ކޮށްފައިވާތީ.
ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ – ދިރިހުރުމުގެ ޙައްޤު ކަށަވަރު ކޮށްދީފައިވާތީ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ – އަސާސީ ޙައްޤެއް ނިގުޅައިގަނެވޭނީ މި މާއްދާގައި ބަޔާންކުރާ އުސޫލުގެ ތެރެއިން (ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން) ކަމުގައިވާތީ.
ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ – ޙައްގެއް ނިގުޅައިގަނެވިދާފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަ ނުކުރެވޭނެ ކަމުގައިވާތީ.
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ – ފަނޑިޔާރުން ޢަމަލު ކުރަންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެ ކަމެއް ކަނޑައެޅިފައިވާ ގޮތަށް ކަމަށް ބަޔާން ކޮށްފައިވާތީ.
ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ – މި މާއްދާގައި "އިސްލާމީ ޝަރީޢަތް" އަކީ ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތްކަމަށް ބަޔާން ކޮށްފައިވާތީ.
އިސްވެ ފާހަގަ ކޮށްފައިވާ ޤާނޫނުއަސާސީގެ މާއްދާތަކުގައި އެގޮތަށް އޮތުމުންނާއި، އިސްލާމީ ޝަރީޢަތުގައި އަންހެނުންގެ ހެކިބަހަށް ބުރަވެ ޤިޞާސް ނުހިފޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން އެއްބަސްވާ ކަމުގައި ބުނެ، ޢަބްދުﷲ ނަޡީފްގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އޭނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަނެވިދާފަދަ ގޮތަކަށް ކޮށްފައިވާ، އަދުލުވެރި ނިންމުމެއް ނޫން ކަމުގައި ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވެއެވެ.
އަންހެނުންގެ ހެކިބަހާމެދު ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ޢަބްދުﷲ ނަޡީފްއާ ދެކޮޅަށް ހެކިބަސް ދީފައިވާ އެކަކީ އަންހެނެއް ކަމުގައިވާތީ، އޭނާގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ ކަމަށް ޢަބްދުﷲ ނަޡީފް ބުނާއިރު، އަންހެނުންގެ ހެކިބަހާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އައިސްފައިވަނީ މިކަމުގައި ޤަޠަޢީ ދަލީލެއް އައިސްފައި ނެތުމުން ކަމާއި، އިސްލާމީ ޝަރީއަތުގައި ޤަތުލުގެ މައްސަލަތައް ޤަސާމާ އިން ސާބިތު ކުރެވޭއިރު، އަދި ޤަސާމާއަކީ ޤަރީނާތަކުގެ މައްޗަށް ނިންމާ ނިންމުމަކަށްވާއިރު، ލޮލަށް ފެނުނު އަންހެނެއްގެ ހެކިބަހަށް ބުރަވުން މާ އައުލާކަން ބޮޑު ކަމަށާއި، އެއީ ފެންނަ ފެނުމަކީ ޙަޤީޤަތާ ގާތްކޮށްދޭ އެންމެ ވަރުގަދަ ދަލީލު ކަމުގައެވެ. އަދި މި މައްސަލައަށް ބަލާއިރު، މިއީ ހަމައެކަނި އަންހެނެއްގެ ހެކިބަހުގެ މައްޗަށް ބިނާވެގެންވާ މައްސަލައެއް ނޫން ކަމަށާއި، ބުނެވުނު ހެކިބަހުގެ އިތުރުން މި މައްސަލައިގައި އިތުރު ހެކީންގެ ހެކިބަހާއި، އެއާ ގުޅިފައިވާ ޤަރީނާތައްވެސް ލިބިފައިވާތީ، މި މައްސަލައިގައި އަންހެނެއްގެ ހެކިބަސް ޤަބޫލު ނުކުރެވެންވީ ހުއްޖަތެއް ނެތް ކަމަށެވެ.
ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަ ކޮށްފައިވާ މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު،އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް[2021] SC 111 ގައި ފާހަގަ ކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ސަރީހަ ނައްސުން، ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަސައްކަތުގައި އިސްލާމީ ޝަރީޢަތުގައި ވަކި ކަމަކާ ގުޅޭގޮތުން އޮތްގޮތެއް ސާފުކޮށް އެ އުސޫލުތައް ތަތުބީޤުކުރުން ލާޒިމުވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި ކަމަށްވާތީ، ޤާނޫނުގައި އަންހެނުންގެ ހެކިބަހާއި ގުޅިގެން ކަމެއް ފާހަގަ ކޮށްފައިވާ ކަމުގެ މައްޗަށް ބަލަންޖެހެއެވެ. މިގޮތުން، އަންހެނުންގެ ހެކިބަހުގެ ޤާނޫނުގައި ޤުރްއާނުގައި ކަނޑައެޅި ބަޔާން ވެގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކަމުގައި ބަޔާން ކޮށްފައިވާކަން ފާހަގަވެއެވެ.
ޤިސާސްގެ މައްސަލަތަކުގައި އަންހެނުނާއި ފިރިހެނުންގެ ހެކިބަހުގެ ނިސްބަތް ކީރިތި ޤުރުއާނުގެ ސާފު ނައްސުން ފެންނާކަށް ނެތެވެ. އެހެންކަމުން، އަންހެނުންގެ ހެކިބަހުގެ ޤާނޫނުގެ އަލީގައި، މިފަދަ މައްސަލަތަކުގައި އަންހެނުން އަދި ފިރިހެނުންގެ ހެކިބަހުގެ ނިސްބަތާއި ބުރަދަން ހަމަހަމަ ކަމުގައި ބަލަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
އަންހެނުންގެ ހެކިބަހާއި ގުޅިގެން ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާއާއެކު، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ އާއި، 21 ވަނަ މާއްދާ އާއި، 16 ވަނަ މާއްދާ އާއި، 142 ވަނަ މާއްދާ އާއި، 274 ވަނަ މާއްދާއަށް ޙަވާލާދީ، ޢަބްދުﷲ ނަޡީފްގެ (ދިރިހުރުމުގެ) އަސާސީ ޙައްޤާ ގުޅޭގޮތުން ފާހަގަ ކޮށްފައިވާ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ދިރިހުރުމާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވަނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިއިން ހައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހަނި ނުކުރާ ނުވަތަ ނިގުޅައި ނުގަންނަ ޙާލަތުގައެވެ.
ޢަބްދުﷲ ނަޡީފްގެ މައްޗަށް ކުރެވުނު ދަޢުވާއާ ގުޅިގެން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށް ޙަވާލާދީ އެވެ.
އުވިދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި ބަޔާންކޮށް، އެ މާއްދާގެ (ރ) ގައި، އެފަދަ ކުށެއްގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކަމުގައި ބަޔާން ކޮށްފައި އޮތެވެ.
މީހަކު ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެއީ ކުށެއްކަން ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގައި ކަނޑައަޅާފައިވެއެވެ. އެ މާއްދާގައި އެނގިހުރެ މީހަކު މެރުމާއި، އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ޙާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން، މީހަކު މަރުވުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، މި މާއްދާގެ ދަށުން ސާބިތުވާ ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް ކަނޑައަޅާފައެވެ.
ހަމައެއާއެކު، މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑއެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ.
އެހެންކަމުން މީހަކު މަރާލައިފިކަމުގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވިއްޖެނަމަ، އޭނާ ކުރި އަމަލުން އުފަންވާ ކުށަކީ އިސްލާމް ދީނުގައި ޤިޞާޞް ކަނޑައަޅާފައިވާ ބާވަތުގެ ކުށެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިގޮތުން، އެއީ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްނަމަ، އެ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅޭނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިންނެވެ.
ޙައްޤަކާ ނުލައި މީހަކު މަރާލުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ ފާފައެއްކަން، އަލް އިސްރާ ސޫރަތުގެ 31 އަދި 33 ވަނަ އާޔަތުންނާއި، އަލް ފުރްޤާން ސޫރަތުގެ 58 ވަނަ އާޔަތުންނާއި، އަލް އަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުންނާއި، އަލް މައިދާ ސޫރަތުގެ 32 ވަނަ އާޔަތުން ސާފުކޮށް އެނގެން އޮވެއެވެ.
ދީނުގެ ގިނަ ޢިލްމުވެރިން ދެކޭ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި މީހަކު މެރުމުގެ ކުށް 3 (ތިނެއް) ގިންތި އަކަށް ބެހިގެންވެއެވެ. އެއީ، (1) މީހަކު މަރާލުމުގެ ޤަސްދު އޮވެ، މީހަކު މެރުން (ނުވަތަ ޤަތުލް ޢަމްދު)؛ އާއި (2) މީހަކު މަރާލުމުގެ ޤަސްދު ނެތް ނަމަވެސް، އެ މީހަކަށް ގަސްދުގައިދޭ އަނިޔާއެއް ސަބަބުން މީހަކު މަރުވުން (ނުވަތަ ޤަތުލް ޝިބްހުލް ޢަމްދު)؛ އާއި (3) މީހަކު މަރާލުމުގެ އަދި އެ މީހަކަށް އަނިޔާއެއް ދިނުމުގެ ޤަސްދު ނެތި، ކުރާ ކަމެއްގެ ސަބަބުން މީހަކު މަރުވުން (ނުވަތަ ޤަތްލް ޚަޠާ) އެވެ.
އިސްވެ ބުނެވުނު 3 (ތިނެއް) ބާވަތުގެ މަރުގެ ތެރެއިން، މީހަކު މަރާލުމުގެ ޤަސްދު އޮވެ، މީހަކު މަރާލައިފި މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އުޤޫބާތަކީ މަރަށް މަރު ހިފުމެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ކުށަކީ އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ކަނޑައަޅާފައިވާ ކުށެކެވެ. މިކަން ކީރިތި ޤުރްއާނުގައި، އަލްމައިދާ ސޫރަތުގެ 45 ވަނަ އާޔަތް އަދި އަލް ބަޤަރާ ސޫރަތުގެ 178 އަދި 179 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.
އެހެންކަމުން، މީހަކު މަރާލުމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ މައްޗަށް މީހަކު ގަސްދުގައި މެރުމުގެ ކުށް ސާބިތުވާނަމަ، ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، މިހާރު ޢަމަލުކުރާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ. މިފަދައިން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައިވާތީ އާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން މަނާކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމުގައި ބަޔާން ކުރުމުގައި، އެ ފަދަ ކަމެއް ހުއްދަވަނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި އެކަމެއް ކަނޑައެޅިގެން މަނާކޮށްފައި ނުވާނަމަ ކަމުގައި ބަޔާން ކޮށްފައިވާތީ، ބުނެވުނު ޙާލަތުގައި، ދިރިހުރުމުގެ ޙައްޤު ހަނިކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމުގައި ދެކެމެވެ. އަދި މިއީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާ ފުށުއަރާގޮތަށް ކުރެވޭ މާނަކުރުމެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
(ނ) ދައުވާކުރުމުގައި ހަމަހަމަކަން ނެތުންމި މައްސަލައިގައި ނިޔާވި އަޙްމަދު މިރުޒާގެ ބޮލަށް ހަމަލާދިނީ ޢަބްދުﷲ ނަޡީފް ކަމުގައި އެއް ހެއްކަކު ބުނެފައިވާއިރު، އެހެން ހެއްކެއްގެ ބަހުން އެ ހަމަލާ ދިނީ އަޙްމަދު ޝިފާއުކަން އެނގެން އޮތްހިނދު، ދައުލަތުން ޢަބްދުﷲ ނަޡީފް އާއި އަޙްމަދު ޝިފާއުގެ މައްޗަށް ތަފާތު ދެ ދަޢުވާއެއް ކޮށްފައިވަނީ ހަމަހަމަކަމާއި ޢަދުލުވެރިކަމާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާއަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ޢަބްދުﷲ ނަޡީފް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ޢަބްދުﷲ ނަޡީފްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ (މައްސަލަ ދިރާސާ ކުރިއިރު) މި މައްސަލައިގައި ނިޔާވި އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑި ބުރިއަކުން ޢަބްދުﷲ ނަޡީފް ޖަހައި، އެ އެތިފަހަރާހެދި އަޙްމަދު މިރުޒާ ވެއްޓުމުން، އަޙްމަދު މިރުޒާގެ ގައިގައި ޢަބްދުﷲ ނަޡީފް ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށް ހެކިބަސް ލިބި، މި ހަމަލާގެ ސަބަބުން އަޙްމަދު މިރުޒާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ހިނދު، ކުށުގެ ތުހުމަތު ކުރެވުނު އެހެން ފަރާތްތަކުގެ މައްޗަށް ކުށްކުރުމުގައި ބައިވެރިވިކަމުގެ ދަޢުވާ ކޮށްފައިވަނީ، ހުރި ހެއްކަށް ބަލާއިރު އެ މީހުން އަޙްމަދު މިރުޒާއާމެދު މަރާމާރީ ހިންގައިފައިވާތީ ކަމަށެވެ.
ޢަބްދުﷲ ނަޡީފް އާއި އަޙްމަދު ޝިފާއުގެ މައްޗަށް ތަފާތު ދެ ދަޢުވާއެއް ކޮށްފައިވަނީ ހަމަހަމަކަމާއި ޢަދުލުވެރިކަމާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ޢަބްދުﷲ ނަޡީފް ބުނާއިރު، ހައިކޯޓުގެ ރިޕޯޓުގައި ހިމެނިފައިވާ އިސްތިއުނާފު ފޯމުން، އެއީ އިސްތިއުނާފު ކުރެވުނު ނުކުތާއެއްގެ ގޮތުގައި ހިމަނާފައިވާ ނުކުތާއެއް ނޫންކަން ފާހަގަކުރަމެވެ. އެހެންނަމަވެސް، މި މައްސަލައިގެ ބާވަތުން، މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ، މި ނުކުތާއާމެދު އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.
ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއްކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުމަކީ ޤާނޫނުއަސާސީއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމަނާފައިވާ ދެ ކަމެވެ. އެހެންކަމުން، ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމާ މަރުޙަލާއަކީ ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން ލިބިފައިވާ ހެކި ޤަރީނާ މިނުމަށްފަހު ނިންމާ ނިންމުމެއް ކަމާއި، އެ ނިންމުން ބިނާވަނީ ތަޙުޤީޤު މަރުޙަލާގައި ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށްކަން ސާފެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދަޢުވާ ހުށަހެޅުމަށްފަހު ޝަރީޢަތް ކުރިއަށް ގެންދިޔައިރު، އެކި މީހުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން، ތަޙުޤީޤު މަރުޙަލާގައި ދީފައިވާ ބަޔާނާ ތަފާތުކޮށް ޝަރީޢަތުގައި ހެކިބަސް ދީފައިވާކަން އެ ފަރާތްތަކުން އަމިއްލައަށް ފާހަގަ ކޮށްފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން، ތަޙުޤީޤު އިދާރާތަކުން ނަގާފައިވާ ބަޔާންތަކާއި ޝަރީޢަތުގައި ބަޔާން ކޮށްފައިވާ ކަންކަމުގައި ތަފާތުތަކެއް ހުރިކަމާއި، ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގެ މަރުޙަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ހެކި ޤަރީނާ ވަޒަން ކުރުމުގައި، އޭރު ލިބިހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙަޤީޤަތްތައް ކަމަށް ބެލިފައިވާ ކަންކަމުގެ އަލީގައި ދަޢުވާ އުފުލާފައިވަނީ ކަމުގައި ދެކެމެވެ. ދަޢުވާ އުފުލުމަށްފަހު، ޝަރީޢަތުގެ މަރުޙަލާގައި އެއީ އެކަން އޮތް ގޮތް ނޫންކަމުގައި ބެލެވޭފަދަ މަޢުލޫމާތު ލިބުމަކީ، ދަޢުވާ އުފުލުނުއިރު އެކަން އޮތީ އެނޫން ގޮތަކަށް ކަމުގައި ބެލެވޭނެ ސަބަބެއް ނޫނެވެ. އަދި ދަޢުވާ އުފުލުމުގެ މަރުޙަލާގައި ލިބިހުރި މަޢުލޫމާތުގެ މައްޗަށް، އެއް ހާދިސާއަކާ ގުޅިގެން ތުހުމަތުކުރެވޭ އެކި ފަރާތްތަކުގެ މައްޗަށް ތަފާތު ދަޢުވާ ކުރުމަކީ ހަމަހަމަކަމުން އެއްކިބާވެ ދަޢުވާ ކުރުން ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމުގައި އަހުރެން ދެކެމެވެ.
(ރ) ދިފާޢުވުމުގެ ޙައްޤުކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ތެރެއިން ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ބަޔާންތަކަށް ރިޢާޔަތްކޮށްފައި ނުވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައާއި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާއި ޚިލާފަށް ކަމަށް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވުމުން، ޢަބްދުﷲ ނަޡީފް ހައްޔަރު ކުރުމުން އޭނާގެ ފަރާތުން (ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ) ހަނުހުރުމުގެ ޙައްޤު ބޭނުން ކޮށްފައިވާ ކަމަށާއި، އެ ޙައްޤުގެ ދެވަނަ ފަށަލައަކީ (ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ) ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤުކަމާއި، މިއީ (ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ) މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ، އެ މީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ޙައްޤާއި ގުޅިފައިވާ ކަމެއްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި ބުނެވުނު ޙައްޤުތަކަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތުތަކާއި މިނިވަންކަން) ގައި ބަޔާން ކޮށްފައިވާ ޙައްޤުތަކެއް ކަމުން، އެ ޙައްޤުތައް ހަނިކުރެވެންވާނީވެސް އެ ބާބުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމުގައި ހައިކޯޓުން ބަޔާން ކޮށްފައިވެއެވެ. އަދި ޢަބްދުﷲ ނަޡީފްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ކުރިން ޢަމަލު ކުރަމުން ދިޔަ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަމުގައި ވީނަމަވެސް، އޭނާގެ މައްޗަށް ޙުކުމް ކުރެވުނުއިރު މިހާރު ޢަމަލުކުރާ ޤާނޫނުލްއުޤޫބާތަށް ޢަމަލު ކުރަން ފަށައިފި ކަމާއި، ބައެއް ޤާނޫނުތަކުގައި ހަނުހުރުމުގެ ޙައްޤު ހަނިކޮށްފައި ވާނަމަވެސް، މަރުގެ މައްސަލަތަކާއި ގުޅިގެން އެފަދަ ގައިދުކުރުމެއް ނެތްކަމަށެވެ. ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ، ހާދިސާ ހިނގިއިރު އޭނާ ވިލިނގިލީގައި ނެތްކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިން ކަމާއި، ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު އެފަދަ ދިފާޢެއް ހުށަހަޅަންޖެހޭ ގޮތާއި ވަގުތާބެހޭ ގޮތުން އަމަލުކުރާ ގަވާއިދެއް ޤާނޫނެއް ނުވަތަ ގަވާއިދެއް ނެތްނަމަވެސް، ހާދިސާ ހިނގި ތަނުގައި ޢަބްދުﷲ ނަޡީފް ނެތް ކަމަށް ބުނެ ހެކިން ހުށަހަޅާފައިވަނީ ޝަރީޢަތް ފަށައި، ދަޢުވާއަށް ޢަބްދުﷲ ނަޡީފް އިންކާރު ކުރުމުން، ޕްރޮސިކިއުޝަނުން ދަޢުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅި ފަހުންކަން އެނގެން އޮތުމުން، "ކުށުގެ ޢަމަލު ހިނގި ތަނުގައި ނެތް" ކަމަށް ބުނެ ޢަބްދުﷲ ނަޡީފް ހުށަހެޅި ހެކިންގެ ބަހަށް ބުރަންދަން ދޭންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. އަދި މީގެ އިތުރުން، ކުށުގެ އަމަލު ހިނގި ގޮތާމެދު ހެކިބަސްދީފައިވާ ހެކިންގެ ބަހާއި ޢަބްދުﷲ ނަޡީފް ހުށަހެޅި ހެކިންގެ ބަހަށް ބެލުމުން، ކުށުގެ ހާދިސާ ހިނގި ތަނުގައި ޢަބްދުﷲ ނަޡީފް ހުރިކަން ޔަޤީނީކޮށް ސާބިތުވެފައިވާތީ، ހައިކޯޓުން ކަނޑައަޅާފައިވަނީ ޢަބްދުﷲ ނަޡީފް ހުށަހެޅި ދިފާޢު ބަލައިގަންނަން ނުޖެހޭކަމަށެވެ.
ހައިކޯޓުން މި ނުކުތާގައި ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޢަބްދުﷲ ނަޡީފް ބުނެފައިވަނީ، އޭނާއަށް ޤާނޫނުއަސާސީން ލިބިދިފައިވާ ހަނުހުރުމުގެ ޙައްޤުގެ ބޭނުން ކުރިއިރު، ދިފާޢުގައި ބަޔާން ކުރަންޖެހޭ ކަންކަން ބަޔާން ކުރުމުގެ ވަގުތަކީ ކޮބައިކަން އަދި އެ ކަންކަން ބަޔާން ނުކޮށްފިނަމަ ދެންވާނެ ގޮތް ބަޔާން ކޮށްފައި ނުވާއިރު، ޢަބްދުﷲ ނަޡީފަށް އޭނާގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ހަނިކޮށް، ޢަބްދުﷲ ނަޡީފްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ޢަބްދުﷲ ނަޡީފް ފާހަގަކުރި މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ހާދިސާ ހިނގި ތަނުގައި ޢަބްދުﷲ ނަޡީފް ނެތް ކަމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަހުން އެނގޭނެ ކަމަށް، އަދި އެ ކަންކަމަށް ރިޢާޔަތް ނުކުރާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، ޢަބްދުﷲ ނަޡީފް ތަޙުޤީޤުގައި ސުވާލުކޮށް ބަޔާން ނަގާފައިވަނީވެސް ހާދިސާ ހިނގިތާ 40 (ސާޅީސް) ވަރަކަށް ދުވަސް ފަހުން 21 ޖޫން 2011 ގައި ކަމަށާއި؛ ހާދިސާ ހިނގިތާ އެތަކެއް ދުވަސް ފަހުން ސުވާލު ކުރުމުން ޢަބްދުﷲ ނަޡީފް ވަނީ ހަނުހުރުމުގެ ޙައްޤު ބޭނުން ކޮށްފައި ކަމަށާއި، މި ހާދިސާ ހިނގި ވަގުތުގައި ޢަބްދުﷲ ނަޡީފްއަކީ އޭނާ ބަޔާންކުރާ ފަދައިން ވިލިމާލޭގައި ނެތް މީހެއް ކަމުގައި ވާނަމަ، އެ ތަނުގައި ނެތްކަމުގެ ދިފާޢު ބޭނުން ކުރާނެ ފުރުސަތު ޢަބްދުﷲ ނަޡީފަށް ލިބިފައިވާއިރު، އަދި އެ ދިފާޢަކީ ތަޙުޤީޤު މަރުޙަލާގައި ނަގަންޖެހޭ ދިފާޢެއް ކަމަށްވާއިރު، އެ ދިފާޢު ޢަބްދުﷲ ނަޡީފް ނަގާފައި ނުވާކަމަށާއި؛ ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން، މައްސަލައިގައި ގޮތް ކަނޑައެޅުމުގައި އެ ހެކިންގެ ބަސް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާގައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ [2021] SC 62 ގައި ފާހަގަ ކޮށްފައިވާ ފަދައިން ހަނުހުރުމުގެ ޙައްޤަކީ އެ ޙައްޤަކާ ގުޅިފައިވާ އެހެން އެތަކެއް ޙައްޤުތަކެއް ހިމެނިގެންވާ ޙައްޤެކެވެ. އަދި މި ޙައްޤުގެ ސަބަބުން އެ ޙައްޤުގެ ބޭނުންހިފާ ފަރާތަކަށް އިމްތިޔާޒުތަކެއް ލިބިދެއެވެ. މި އިމްތިޔާޒުތަކަކީ އޭގެ ޒާތުން ތަފާތު، އޭގެ އަސްލާއި މުހިންމު ކަމާއި ބޭނުން ހިފޭ ޙާލަތުގައި ތަފާތުތަކެއް ހުންނަ ކަންކަމެވެ.
މިފަދަ ކޮންމެ އިމްތިޔާޒަކީވެސް މުހިންމު އިމްތިޔާޒެކެވެ. އަދި އެއިން ކޮންމެ އިމްތިޔާޒަކީ ކުށުގެ ތަޙުޤީޤުތައް ކުރިއަށްގެންދާ ފަރާތްތަކަށް ލިބިގެންވާ ބާރުތައް އެކަށޭނަ ގޮތެއްގައި ބޭނުން ކުރުމަށް ބާރުއަޅާ، އަދި އޭގެން ރައްޔިތުން ރައްކާތެރި ކޮށްދިނުމުގެ މަޤްސަދުގައި ބޭނުން ކުރެވޭ އިމްތިޔާޒުތަކެކެވެ. އަދި އެ އިމްތިޔާޒުތަކަކީ އެއްގޮތް އިމްތިޔާޒުތަކެއް ނަމަވެސް، އެއިން ކޮންމެ ކަމަކީ ތަފާތު ކަމެކެވެ.
އެހެންކަމުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ހަނުހުރުމުގެ ޙައްޤު ބޭނުން ކުރުމަށްފަހު، އޭނާއާމެދު ތުހުމަތު ކުރެވޭ ކުށާއި ގުޅިގެން އޭނާ ޝަރީޢަތުގައި ނަގާ ދިފާޢަކީ ނުވަތަ އޭނާ އެ ކުށުގެ އަމަލާ ގުޅިގެން އޮޅުންފިލުވާދޭ ކަންކަމަކީ އޭގެ ކުރިން ފާހަގަ ކޮށްފައި ނުވާ ކަންކަން ކަމުގައިވާތީ، އޭގައި ހަގީގަތް ހިމެނިގެންވާ ކަމާމެދު ސުވާލު އުފައްދާ، އެ ލަސްވި ލަސްވުން ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފަހިނޫން ގޮތަކަށް މާނަ ކުރެވޭނަމަ، ހަނުހުރުމުގެ ޙައްޤު ބަދަލުވެގެންދާނީ މަޅިއަކަށެވެ. މައްސަލަތަކުގައި ކަން ހިނގާގޮތަށް ބަލާއިރު، ހަނުހުރުމުގެ ޙައްޤު ބޭނުންހިފާ މުއްތަހަމު، އޭނާއާމެދު ތުހުމަތު ކުރެވޭ ކުށާއި ގުޅިގެން ޝަރީޢަތުގައި ނުވަތަ އާންމު އުސޫލުން އެފަދަ ތަފްސީލު ދިނުމަށް އެންމެ އެކަށޭނަ ވަގުތު ފާއިތުވާ ފަހުން ދިފާޢެއް ހުށަހެޅުމަކީ ނުވަތަ ތަފްސީލު ދިނުމަކީ، ނުވަތަ އާންމުކޮށް އެފަދަ މައުލޫމާތުގައި ދޮގު ހިމެނުމުގެ ފުރުސަތު އޮތުމަކީ، ޖިނާއީ ޝަރީޢަތެއްގައި އެކަމުގެ މައްޗަށް އަހަންމިއްޔަތުކަމެއް ދެވިގެންވާނެ ކަމެއް ނޫނެވެ. އެއީ، ޖިނާއީ ކުށެއް ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހެނީ ޕްރޮސިކިއުޝަންގެ ފަރާތުން ކަމުގައިވާތީއެވެ. މީގެ މާނައަކީ، ކުށުގެ ތުހުމަތުގައިވާ މީހަކު ހުށަހަޅާ ދިފާޢަކީ ނުވަތަ ފޯރުކޮށްދޭ ތަފްސީލަކީ، އެ މީހެއްގެ މައުސޫމުކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލުމުގެ ގޮތުން ފޯރުކޮށްދޭ މަޢުލޫމާތެއް ނޫންކަމެވެ.
މި ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، ޢަބްދުﷲ ނަޡީފްގެ ފަރާތުން ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފާފައިވާކަމީ ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ. މި ނުކުތާގައި ސުވާލު އުފެދިފައިވަނީ، އޭނާ ތަޙުޤީޤު މަރުޙަލާގައި ހަނުހުރުމުގެ ޙައްޤު ބޭނުންކޮށް، ޝަރީޢަތުގެ މަރުޙަލާގައި ދަޢުވާއަށް އިންކާރު ކުރުމަށްފަހު، އަދި ޕްރޮސިކިއުޝަންގެ ފަރާތުން ހުށަހަޅާ ހެކިތަކަކީ ކޮބައިކަން އޭނާއަށް އެނގުމަށްފަހު، ދިފާޢުވުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިންގެ ބަހަށް ޝަރީޢަތުން ބުރަދަން ނުދޭ ކަމަށް ޢަބްދުﷲ ނަޡީފް ބުނާ ބުނުމަކީ އޭނާއަށް، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއިން ދިފާޢުވުމަށް އޮތް ހުރަހެއްކަން ނުވަތަ ނޫންކަމެވެ.
ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ދިފާޢު ހުށަހަޅާންޖެހޭ ގޮތާއި ވަގުތު ބަޔާން ކޮށްފައިވާތީ، މިއީ އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމަށްފަހު ޖެހުން ވަރަށް ނާދިރު މައްސަލައެކެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ފާހަގަ ކޮށްފައިވާ ފަދައިން، ޢަބްދުﷲ ނަޡީފްގެ މައްޗަށް ދަޢުވާ އުފުލުނުއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރާން ފަށާފައި ނުވެއެވެ.
ޢަބްދުﷲ ނަޡީފްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދިފާޢުވުމަށް އެކަށޭނަ ފުރުސަތު ލިބިފައި ނުވާ ކަމަށް ބުނާއިރު، އޭނާގެ ފަރާތުން ކޮންމެހެން ޝަރީޢަތަށް ހާޟިރު ކުރަން ބޭނުންވާ ކަމަށް ފާހަގަ ކޮށްފައިވާ މ.އެތުމާގެ، ޢަލީ އަޝްރަފް އާއި، ޔޫސުފް މޫސާ އާއި، ޢާޒިމް ޢަލީ އަދި، ޔޫސުފް ޠާހާގެ ބަޔާންތައް 12 ޖުލައި 2015 ގައި ނަގާފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ބުނެވުނު ފަދައިން ޢަބްދުﷲ ނަޡީފްގެ ފަރާތުން ކޮންމެހެން ޝަރީޢަތަށް ހާޟިރު ކުރަން ބޭނުންވި ހެކިންގެ ހެކިބަސް ނަގާފައިވާ ނަމަވެސް، ހައިކޯޓުގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ފަދައިން، އެ ހެކިންގެ ބަހަށް ދޭނީ ކިހާ ބުރަދަނެއްކަން ކަނޑައަޅާނީ މައްސަލަ ބަލާ ފަނޑިޔާރު ކަމާއި، ފަނޑިޔާރު އެކަން ކަނޑައެޅުމުގައި، މައްސަލައިގައި ޝަރީޢަތަށް ހުށަހެޅޭ އެހެނިހެން ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރާނެކަން ފާހަގަކުރަމެވެ. އަދި މިފަދައިން ކަންކުރުމުގައި، އެއްވެސް ހެއްކަކަށް ރިޢާޔަތް ނުކުރުމަށް ފަނޑިޔާރު ކަނޑައަޅާނަމަ، ނުވަތަ ދިފާޢުގައި ހުށަހަޅާ ހެއްކަކީ ހުރި އެހެން ހެކިތަކާއި އަޅާ ބަލާއިރު ނިސްބަތުން ބަލިކަށި ހެއްކެއްނަމަ، ސަބަބާއެކު ފަނޑިޔާރުގެ ނިންމުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަ ކުރަންވާނެއެވެ.
މައްސަލަ ކުރިއަށް ގެންދިޔުމުގައި ޢަބްދުﷲ ނަޡީފްއަށް ދިފާޢުވުމުގެ ފުރުޞަތު ކޯޓުން ހަނިކޮށްފައިވާ ކަމުގައި ބުނެ ޢަބްދުﷲ ނަޡީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާހިނދު، އިސްވެ ބަޔާންކުރި ކަންކަމުގެ އިތުރުން، ޢަބްދުﷲ ނަޡީފްގެ ފަރާތުން ޝަރުޢީ ހުރިހާ މަރުޙަލާއެއްގައިވެސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާފައިވާކަން ފާހަގަކުރަމެވެ. އަދި ޤާނޫނީ ވަކީލުންގެ ޒިންމާއަކީ އޭނާ ތަމްސީލުކުރާ މުވައްކިލުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން ކަމާ އެކަށޭނަ ލަފާދީ، މުވައްކިލުގެ މަސްލަހަތުގައި މަސައްކަތް ކުރުން ކަމުގައިވެސް ފާހަގަކުރަމެވެ.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ޢަބްދުﷲ ނަޡީފްއަށް ލިބިފައިވުމާއި، ޢަބްދުﷲ ނަޡީފްގެ ފަރާތުން ހުށަހަޅަން އެދުނު ހެކިންގެ ހެކިބަސް ޝަރީޢަތުން ނަގާފައިވާތީ، މައްސަލަ ކުރިއަށް ގެންދިޔުމުގައި ޢަބްދުﷲ ނަޡީފްއަށް ދިފާޢުވުމުގެ ފުރުޞަތު ކޯޓުން ހަނިކޮށްފައިވާ ކަމުގައި ބަލަންޖެހޭ ބުރަދަންހުރި ސަބަބެއް އޮތްކަމުގައި ނުދެކެމެވެ.
(ބ) ޤިޞާޞް ހިފުމާގުޅޭޤިޞާޞް ހިފުމާ ގުޅުވާ ޢަބްދުﷲ ނަޡީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކެއް ހުށަހަޅާފައިވެއެވެ. އެހެންކަމުން، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކަންކަމަށް ދީފައިވާ ރައްދުތައް، އަދި އެއިން ކޮންމެ ކަމަކާގުޅިގެން އަހުރެން ދެކޭގޮތް ވަކިވަކިން ތިރީގައި ފާހަގަ ކުރާނަމެވެ.
ބޭސްފަރުވާ އަދި މަރުވި ސަބަބާގުޅޭ
ހުށަހެޅިފައިވާ މައްސަލައިގައި، ނިޔާވި ފަރާތަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވިފައި ނުވާއިރު، ނިޔާވި ފަރާތް ނިޔާ ވެފައިވަނީ ސީދާ ކޮން ސަބަބަކުން ކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށާއި، މެޑިކަލް ރިޕޯޓުގައި ތައްގަނޑު ނުވަތަ ސްޓޭމްޕް ޖަހާފައި ނެތުމުން އޭގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުން އެ ރިޕޯޓް ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޟިރު ކޮށްދެވިފައި ނެތަތީ، ނިޔާވި ފަރާތް ނިޔާވި ސަބަބާ މެދު އުފެދުނު ޝައްކުތައް ފިލާފައި ނުވާކަމަށް ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މި ހާދިސާގައި ނިޔާވީ އަޙްމަދު މިރުޒާ ނިޔާވެފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަން ލިޔެކިޔުމުން ނޭނގޭ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، އަނިޔާވި ފަރާތް ނިޔާވެފައިވަނީ މާރާމާރީގައި ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑީގެ ތެރެއަށް ލޭ ޖަމާވެ، ސިކުނޑި ތެރެ ދުޅަވުމާ ގުޅިގެން، ހަށިގަނޑުގައި އޮކްސިޖަން ހުންނަންވާ ވަރަށް ވުރެ ދަށްވެ ލޭގް ޕްރެޝަރާއި ވިންދު ނުލިބިގެންކަން އަޙްމަދު މިރުޒާގެ މަރުގެ ރިޕޯޓުން އެނގޭ ކަމަށާއި، އަޙްމަދު މިރުޒާ ނިޔާވެފައިވަނީ އެކަށީގެންވާ ފަރުވާ ނުލިބި ހޮސްޕިޓަލުގެ އިޙުމާލުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު މި ނުކުތާއަކީ ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައި އެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
އަޙްމަދު މިރުޒާ ނިޔާވެފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަމާމެދު ސުވާލު އުފައްދާ ޢަބްދުﷲ ނަޡީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް އޭނާގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގެ 5.13 ގައި ފާހަގަ ކޮށްފައިވާ ނަމަވެސް، އެ ނުކުތާއާ ގުޅޭ އެއްވެސް ތަފްސީލެއް، އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގެ ގޮތުގައި ހިމަނާފައި ނުވެއެވެ. އަދި ސުޕްރީމް ކޯޓުގައި ބޭއްވުނު 06 (ހައެއް) ޝަރީޢަތުގެ މަޖިލީހުގައިވެސް އަޙްމަދު މިރުޒާ ނިޔާވުމުގައި، އޭނާއަށް ދެވުނު ބޭސްފަރުވާއާ ގުޅިގެން ސުވާލު އުފައްދާ، ޢަބްދުﷲ ނަޡީފްގެ ފަރާތުން ވާހަކަ ދައްކާފައި ނުވާކަން ފާހަގަކުރަމެވެ.
އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވާ ފަދައިން އަޙްމަދު މިރުޒާ ނިޔާވެފައިވަނީ ލަފާ ކުރެވޭ ގޮތުގައި މާރާމާރީއެއްގެ ސަބަބުން ލިބުނު އަނިޔާއާ ގުޅިގެން، ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑީގެ ތެރެއަށް ލޭ ޖަމާވެ، ސިކުނޑި ތެރެ ދުޅަވުމުގެ ސަބަބުންނާއި، ހަށިގަނޑުގައި އޮކްސިޖަން ހުންނަންވާ ވަރަށް ވުރެ އޮކްސިޖަން ދަށްވެ، ލޭގެ ޕްރެޝަރާއި ވިންދު ދަށްވެގެންކަން މެޑިކޯލީގަލް ރިޕޯޓުންނާއި ޑެތް ސަމަރީއިން އެނގެން އޮތުމުން، މި ނުކުތާގައި ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަކޮށް ފައިވާ ނުކުތާއާ ގުޅިގެން އިތުރު ކަމެއް ފާހަގަ ކުރަން އޮތް ކަމަކަށް ނުފެނެއެވެ.
ހެކިންގެ ބަސް ފުށުއެރުން
ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމުގައި، ހާދިޘާ ފެނުނު ކަމަށް ބުނާ ދެ ހެކިންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެގޮތުން އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިބުރިއެއް ކަހަލަ އެއްޗަކުން މުޙައްމަދު ޝިފާޢު ޖެހުމުން އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުނު ކަމަށް ސިއްރު ހެކި ނަންބަރު 1 ބުނެފައިވާއިރު، ސިއްރު ހެކި ނަންބަރު 4 ބުނެފައިވަނީ އަޙްމަދު މިރުޒާގެ ބޮލުގައި ޖެހީ ޢަބްދުﷲ ނަޡީފް ކަމަށެވެ. އެހެންކަމުން، ނިޔާވި ފަރާތުގެ ބޮލުގައި ޢަބްދުﷲ ނަޡީފް ޖެހި ކަމާއި އެ ހަމަލާދިން އެއްޗެއްވެސް ހެކިންގެ ހެކިބަހުން ސާފުކޮށް އެނގެން ނެތްއިރު، އެކަންކަމަށް އެއްވެސް ރިޢާޔަތްތެރި ކަމެއް ނުދީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އުސޫލާ ޚިލާފަށް ކަމަށް ޢަބްދުﷲ ނަޡީފްގެ ފަރާތުން ބުނެއެވެ.
ހެކިބަހުގައި ހުރި ފުށުއެރުންތަކާ ގުޅިގެން ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހުގައި މާ ބޮޑު ފުށުއެރުންތަކެއް ނެތްކަމަށެވެ.
ޢަބްދުﷲ ނަޡީފްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހަވާލާދީ، ހެކިންގެ ހެކިބަސް ފުށުއަރާ ކަމުގައި ބުނެ ނުކުތާއެއް ހުށަހެޅުމުން، ހެކިންގެ ހެކިބަހުގައި ކުދިކުދި ޚިލާފުތަކެއް ހުރިނަމަވެސް، ޝަރީޢަތުން އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭފަދަ އެއްވެސް ޚިލާފެއް ހެކިންގެ ބަހުގައި ނެތްކަމާއި، ހެކިބަސް ދިން އެންމެންވެސް ވަގުތު ބަޔާން ކޮށްފައިވަނީ، ވަގުތު އަންދާޒާ ކުރެވުނު ގޮތުގެ މައްޗަށް ކަމަށާއި، އެ މީހުން ކުޅަ އަންދާޒާއާއި ޑޮކިއުމެންޓްކުރެވި ރެކޯޑް ކުރެވިފައިވާ ވަގުތަކާއި ދެމެދުގައި ޝަރީޢަތަށް ޤަބޫލު ނުކުރެވޭފަދަ ފުށު އެރުމެއް ނެތްކަމުގައި ހައިކޯޓުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ހައިކޯޓުން އިސްވެ ބަޔާން ކޮށްފައިވާ ފަދައިން ކަނޑައަޅާފައިވަނީ، ހެކިން ތަޙުޤީޤަށާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި، އެކަކު ދެ މަހައްލުގައި ބުނެފައިވާ ބުނުމުގައި ހުރި ފުށުއެރުމާ ޙަވާލާދީ، އެ ބަޔާންތަކުން ކަންހިނގާ ދިޔަގޮތް ދެނެގަތުމާމެދުކަން ހައިކޯޓުގެ ރިޕޯޓުން އެނގެއެވެ.
ހައިކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން، ހެކިބަސް ވަޒަން ކުރުމުގެ އާންމު އުސޫލަކީ ޝަރީޢަތުން ހެކީގެ ހެކިބަހުގައި ކުދިކުދި ތައާރުޒުވުން ހުރިނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭފަދަ އެއްވެސް ޚިލާފެއް ހެކިންގެ ބަހުގައި ނެތްނަމަ، އަދި އެ ހެކިބަހާއި ހުށަހަޅާފައިވާ އެނޫންވެސް ހެއްކާއި ޤަރީނާގެ އަލީގައި ކަންހިނގާފައިވާ ގޮތާއި ތަރުތީބު ސާފުވެ، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރަކަށާއި، އެކަމުގެ ނަތީޖާއަށް ރިއާޔަތްކޮށް، ހާދިސާ ހިނގާދިޔަ ގޮތް ޝަރީޢަތަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭ (reasonable satisfaction) ނަމަ، ކުށުގެ އަމަލު ހިންގާފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތުން ކަނޑައެޅުމެވެ.
މި މައްސަލައާ ގުޅިގެން ހެކިބަހުގައި ތައާރުޒުވުންތަކެއް ހުރިކަމުގައި ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވަނީ ހާދިސާ ހިނގިއިރު ކަންހިނގާދިޔަ ގޮތް ސާބިތު ކުރުމާ ގުޅުވާ އެކަނި ކަމުގައި އަހުރެން ނުދެކެމެވެ. ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވާ މި ނުކުތާއަކީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވާތީ، ހެކި ބަހުގައި ކޮންމެވެސް މިންވަރެއްގެ ތައާރުޒުވުމެއް ހުރުމުން، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިދާނެ ކަމާމެދު ސުވާލު އުފައްދާފައިވާ ކަމުގައި އަހުރެން ދެކެމެވެ.
ހެކިވެރިންގެ ބަހުގައި ދިމާނުވާ ކަންތައްތަކެއް ހުރިކަމުގައި ބުނެ، ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވަނީ ސިއްރު ހެކި ނަންބަރު 1 އަދި ސިއްރު ހެކި ނަންބަރު 4 ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކެވެ. އެހެންކަމުން، އެ ދެ ހެކިވެރިންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުގައި ހުރި، މި ނުކުތާއާގުޅޭ މުހިންމު ކަންކަން ތިރީގައި ފާހަގަ ކުރަމެވެ.
ސިއްރު ހެކި ނަންބަރު 1 –
ސިއްރު ހެކި ނަންބަރު 1 ގެ ފަރާތުން 24 މެއި 2012 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި، 11 އޭޕްރީލް 2011 ވަނަ ދުވަހުގެ 17.40 ކަންހާއިރު، އޭނާ އުޅޭ ގެ ކައިރިން ބަޔަކު ތަޅައިގަނެގެން އުޅޭތީ، އެ ތަނަށް އޭނާ ދިޔަ ކަމަށާއި؛ އެ ތަނުގައި ތިބި 5 (ފަހެއް) ނުވަތަ 6 (ހައެއް) މީހުންގެ ތެރެއިން ދެ މީހަކު އެނގޭ ކަމަށާއި؛ ހާދިސާ ހިނގިއިރު އެންމެ ކުރީގައި ތިބީ މި ދެ މީހުން ކަމަށާއި؛ އެ ދެ މީހުންގެ ތެރެއިން މުޙައްމަދު ޝިފާޢު އެ ކުއްޖާ (އަޙްމަދު މިރުޒާ) ގެ ބޮލުގައި ލަޓިބުރިއެއް ކަހަލަ ދިގު އެއްޗަކުން ޖެހިތަން ދުށިން ކަމަށާއި، އެކަން ޔަޤީން ކަމަށާއި؛ މުޙައްމަދު ޝިފާޢު އެ ކުއްޖާ (އަޙްމަދު މިރުޒާ) ގެ ބޮލުގައި ޖެހުމުން އެ ކުއްޖާ ބިންމައްޗަށް ވެއްޓުނު ކަމަށާއި؛ އަޙްމަދު މިރުޒާ ވެއްޓިފައި އޮތް ގަޑީގައި އޭނާގެ ގައި މައްޗަށް ދެވަނަ މީހާ ކަމަށްވާ ޢަބްދުﷲ ނަޡީފް ފުންމައިގެން ކޮޅަށް އެރިކަމަށާއި؛ މާރާމާރީ ހިންގި އެންމެން ދުވެފައި ދިޔައީ އެއްކޮށް ކަމަށާއި؛ އެ ހާދިސާއަށްފަހު އަޙްމަދު މިރުޒާ އެ ތަނުން ގެންދަންދެންވެސް އެ ތަނުގައި ހުރިކަމަށެވެ.
ސިއްރު ހެކި ނަންބަރު 4 –
ސިއްރު ހެކި ނަންބަރު 4 ގެ ފަރާތުން 20 ނޮވެމްބަރ 2012 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި، 11 އޭޕްރީލް 2011 ވަނަ ދުވަހު ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި މާރާމާރީއެއް ހިނގި ކަމަށާއި؛ އެ ހާދިސާ ހިނގިއިރު، ޝަރީޢަތުގެ މަޖިލީހުގައި ތިބި 3 (ތިނެއް) މީހުން އެތާ ތިބި ކަމަށާއި؛ އެ ތަނުން އޭނާއަށް ނަން އެނގެނީ، ކަޅާއި ހުދު ކުލައިގެ މާޖެހި ވައްތަރެއްގެ ގަމީހެއް ލައިގެން ހުރި، ޝިފާޢުގެ ނަން ކަމަށާއި؛ ހުދުކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާ ވެސް އެނގޭ ކަމަށާއި އެހެންނަމަވެސް އޭނާގެ ނަމެއް ހަނދާނެއް ނެތް ކަމަށާއި؛ ތިންވަނަ ފަރާތް އޭނާއަށް ނޭނގޭ ކަމަށާއި؛ މާރާމާރީ ހިނގި އިރު، ޝިފާޢު މަރުވި ކުއްޖާގެ ގައިގައި ހިފަހައްޓައިގެން އަތުން ޖަހާ، ތަޅާ ހެދި ކަމަށާއި؛ ޝިފާޢު މަރުވި ކުއްޖާގެ މޭމަތީގައި ގޮށްމުށްކަވާފައި ޖެހި ހަނދާނެއް ވާކަމަށާއި؛ މަރުވި ކުއްޖާގެ ބޮލުގައި ލަކުޑި ފާޑެއްގެ އެއްޗަކުން ހުދުކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާ ޖަހަނިކޮށް، އަދި އޭނާ ވެއްޓުމުން މޫނުމަތީގައި ކޮޅުފައިން ޖެހިތަން ދުށި ކަމަށާއި؛ އެ ތަނުން މާރާމާރީ ހިންގި މީހުން ދުވެފައި ދިޔައީ އެކުގައި ކަމަށާއި؛ ހާދިސާ ފެށުނު އިރުވެސް އަދި ނިމުނު އިރުވެސް އެ ތަނުގައި ހެކިވެރިޔާ ހުރިކަމަށާއި؛ އެއީ މާރާމާރީ ހިނގި ތަނާއި ގާތްގަނޑަކަށް 10 (ދިހައެއް) ވަރަކަށް ފޫޓު ދުރުގައި ކަމަށާއި؛ މާރާމާރީގައި ހިނގާ ދިޔައީ ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 (ދިހައެއް) މިނެޓު ކަމަށާއި؛ މާރާމާރީގައި 4 (ހަތަރެއް) އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.
ޢަބްދުﷲ ނަޡީފް ފާހަގަ ކޮށްފައިވާ ފަދައިން، ސިއްރު ހެކި ނަންބަރު 1 އަދި ސިއްރު ހެކި ނަންބަރު 4 ގެ ބަޔާނަށް ބެލުމުން، އަޙްމަދު މިރުޒާއާމެދު މާރާމާރީ ހިންގުމުގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ބައިވެރިވިކަން އެނގެން އޮތްނަމަވެސް، މާރާމާރީ ހިންގުމުގައި އެއިން ކޮންމެ މީހަކު ކޮށްފައިވަނީ ކޮންކަމެއްކަން ސާފުކޮށް އެ ދެ ހެކިންގެ ބަހުން، ތައާރުޒުވުމެއް ނެތްގޮތެއްގައި އިނގެން ނެތްކަން ފާހަގަވެއެވެ.
ކުށް ސާބިތު ކުރަންޖެހޭ މިންގަނޑު
އިސްލާމީ ޝަރީޢަތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ވާންޖެހޭނީ އެ ޢަމަލެއް ހިންގަން ބޭނުން ކުރެވުނު ހަތިޔާރާއި އެ ޢަމަލު ހިންގި ފަރާތާއި ގުޅޭ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް އެއްވެސް ޝައްކެއް އެކުލެވިގެން ނުވާ މިންވަރަށް ސާބިތުވުން ކަމުގައިވީ ނަމަވެސް، މި މައްސަލަ ޢަބްދުﷲ ނަޡީފްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެ މިންގަނޑުން ނޫންކަމުގައި ޢަބްދުﷲ ނަޡީފް ބުނެއެވެ.
މި ނުކުތާގެ ރައްދުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި ނިޔާވި ފަރާތުގެ ބޮލުގައި ޢަބްދުﷲ ނަޡީފް ޖެހި ކަމާމެދު ސުވާލު އުފައްދާފައިވާއިރު، މި މައްސަލައަކީ ގިނަ ބަޔަކު އެކުވެގެން އެކަކަށް ޙަމާލާދީ މަރާލައިފައިވާ މައްސަލައެއް ކަމަށާއި، އިސްލާމީ ޝަރީޢަތުގައި މިފަދަ މަރުގެ މައްސަލަތަކަކީ ތަމާލުއުގެ ޙާލަތުގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ކަމާއި، ތަމާލުއު ޤަތުލެއްގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުންނަމަ މަރާލުމުގެ މުބާޝިރު ޢަމަލެއްގެ ގޮތުގައި، ވަކި ކޮންމެ ފަރާތަކުން ހިންގާ ޢަމަލަކީ އޭގެ ޒާތުގައި އެކަނި އެ މީހަކު މަރުވާންޖެހޭ ފަދަ ޢަމަލަކަށްވުން ލާޒިމުނުވާ ކަމަށާއި، ތަމާލުއުގެ ޙާލަތުގައި ޤިޞާޞް ހިފުން ލާޒިމުވުމަށްޓަކައި ޝަރުޠަކަށްވަނީ، ހުރިހާ އެންމެންވެސް ޤަޞްދުގައި ޖެހުން ކަމަށްވާއިރު، މި ޙާދިސާގައި ޢަބްދުﷲ ނަޡީފް އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑި ބުރިއަކުން ޖަހައި، އޭނާގެ ގައި މައްޗަށް ފުންމައިގެން އަރައި، މޫނުގައި ކޮޅުފައިން ޖަހާފައިވާކަން ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެތް ނެތި އެނގެން އޮންނަ ކަމަށެވެ.
ކުށް ސާބިތުކުރަންޖެހޭ މިންގަނޑަށް ބެލުމުގެ ކުރިން، ޢަބްދުﷲ ނަޡީފްގެ މައްޗަށް ކުރެވުނު ދަޢުވާއާ ގުޅިގެން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކޮން ބިނާއެއްގެ މައްޗަށް ކަމުގައި ބަލާއިރު، މި ރައުޔުގެ 23.2 ވަނަ ޕެރެގްރާފްގައި ފާހަގަ ކޮށްފައިވާ ފަދައިން، ޢަބްދުﷲ ނަޡީފްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށް ޙަވާލާދީއެވެ. އަދި އަދަބެއްގެ ގޮތުން ކަނޑައަޅާފައިވަނީ، އޭނާ މެރުމަށެވެ.
ޤާނޫނުގައި، އިސްވެ ބުނެވުނު މާއްދާތަކުގެ ދަށުން މެރުމުގެ ކުށާއި އޭގެ އަދަބާއި ގުޅިގެން އޮތް ގޮތް، ތިރީގައި ތާވަލެއްގައި ހިމަނާނަމެވެ.
ޤާނޫނު އަދި މާއްދާ ކުށް އަދަބު
(ހ) (އުވިދިޔަ) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް. އެފަދަ ކުށެއްގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް.
(ށ) (މިހާރު އަމަލުކުރަމުންދާ) ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާ (1) އެނގިހުރެ މީހަކު މެރުމާއި؛
(2) އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ޙާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން، މީހަކު މަރުވުމަކީ؛
ކުށެއް. ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއް.
(ނ) (މިހާރު އަމަލުކުރަމުންދާ) ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް. އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް.
އުވިދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާ އާއި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާތަކުން މާއްދާއެއްގައި ބަޔާންވެފައިވާ ކުށެއް މީހެއް ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތީ:
އުވިދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ؛ ނުވަތަ
މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް ކޮށްފިނަމަ؛
އެކަންޏެވެ. އެހެނީ، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ ދަށުން އަބަދު ކަނޑައަޅަންޖެހެނީ އެ މާއްދާގެ ދަށުން ސާބިތުވާ ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ބަލައިގެން ކަމުގައިވެފައި، އެ ގިންތީގެ ކުށަކަށް ދެވެން އޮންނަ އެންމެ ބޮޑު އަދަބަކީ 25 (ފަންސަވީސް) އަހަރަށް ޖަލަށްލުން ކަމުގައިވާތީއެވެ.
މަރުގެ އަދަބު ކަނޑައެޅުމުގައި އިސްލާމީ ޝަރީޢަތަށް ރިއާޔަތްކުރެވެމުން ދާކަން އުވިދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އާއި (ރ)، އަދި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާ އިން ސާފުވެއެވެ. އެއީ، އުވިދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އާއި (ރ) އެއްކޮށް ކިޔުމުން، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެ ކުރާ ކުށެއްގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއްކަމުގައި ބަޔާންކޮށްފައި ވާތީއާއި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަމުގައި ބަޔާން ކޮށްފައިވާތީއެވެ.
ކުރިންވެސް ފާހަގަ ކޮށްފައިވާ ފަދައިން، ޢަބްދުﷲ ނަޡީފްގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ އޭރު އަމަލު ކުރަމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) ގެ ދަށުންނެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޙުކުމް އިއްވުމުގެ ކުރިން މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ މައްޗަށް އަމަލު ކުރަން ފަށާފައިވާތީ، ޢަބްދުﷲ ނަޡީފްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކުރީގެ ޤާނޫނުލްޢުޤޫބާތަށާއި މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތަށް ޙަވާލާދީއެވެ. މިކަން މިފަދައިން ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި "... ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމް ކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ." މިފަދައިން ބަޔާން ކޮށްފައިވާތީއެވެ. އަދި ކުރިން އަމަލު ކުރަމުން ދިޔަ ޤާނޫނުލްއުޤޫބާތުގައި ސީދާ މަރުގެ އަދަބު ކަނޑައެޅިފައި ނުވުމާއި، ކުށް ސާބިތުވާންޖެހޭ މިންގަނޑާއި، ހެކީގެ މިންވަރު ފަދަ ކަންކަން ނެތުމަކީވެސް އެއިގެ ޒާތުން ކުށުގެ ތުހުމަތު އެ މީހެއްގެ މައްޗަށް އުފުލިފައިވާ މީހަކަށް އެކަމުގެ ސަބަބުން އިތުރު ބުރައެއް އުފުލަންޖެހޭ ޙާލަތެއް ކަމުގައި ބެލުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަ ކުރަމެވެ.
މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގައި މީހަކު މެރުމުގެ ކުށް (murder / homicide) އަދި އެއިގެ އަދަބު ކަނޑައަޅާފައިވަނީ އަންނިވި ފަދައިންނެވެ.
ޤާނޫނު އަދި މާއްދާ ކުށް އަދަބު
(ހ) ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އެނގިހުރެ މީހަކު މެރުން. ޖިނާޔަތުގެ 1 ވަނަ ދަރަޖަ
(ށ) ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ށ) އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ޙާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން، މީހަކު މަރުވުން. ޖިނާޔަތުގެ 1 ވަނަ ދަރަޖަ
(ނ) ޤާނޫނުލްއުޤޫބާތުގެ 111 ވަނަ މާއްދާގެ (ހ) މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން، އެހެން މީހަކު މަރުވުން. ޖިނާޔަތުގެ 2 ވަނަ ދަރަޖަ
(ރ) ޤާނޫނުލްއުޤޫބާތުގެ 112 ވަނަ މާއްދާގެ (ހ) މީހަކު ކުރާ އިހުމާލުގެ ޢަމަލަކުން، އެހެން މީހަކު މަރުވުން. ޖިނާޔަތުގެ 4 ވަނަ ދަރަޖަ
ހަމަ އެއާއެކު، ޤާނޫނުލްއުޤޫބާތުގެ 1205 ގެ (ހ) ގައި،
"މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑއެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެ ކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ."
މިފަދައިން ބަޔާން ކޮށްފައި އޮވެއެވެ.
ޢަބްދުﷲ ނަޡީފްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ މަރުގެ އަދަބު ކަމުގައިވާތީ، އަދި އެ ޙުކުމުގައި ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާއަށާއި 1205 ވަނަ މާއްދާއަށް ހަވާލާދީފައިވާތީ، މި ދެ މާއްދާގައި ހުރި ތަފާތަށް ބަލާނަމެވެ. އެގޮތުން:
110 ވަނަ މާއްދާ 1205 ވަނަ މާއްދާ
(ހ) ކުށް އެނގިހުރެ މީހަކު މެރުން. އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް (މިޙާލަތުގައި ޤަތުލް އަމްދު)
(ށ) ސާބިތުވާންޖެހޭ މިންވަރު އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް. އެއްވެސް ޝައްކެއްނެތް މިންވަރަށް.
(ނ) ހެކީގެ މިންވަރު އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރުން. (1) ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި މީހެއްކަން ކަނޑައެޅުން.
(2) ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއް ނެތުން.
އެހެންކަމުން، ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގައާއި 1205 ވަނަ މާއްދާއިން މީހަކު މަރައިފި މީހަކަށް އަދަބު ކަނޑައެޅެން އޮތްއިރު، މި ދެ މާއްދާގެ ދަށުން ކުށް ސާބިތު ކުރާ މިންގަނޑާއި، ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅަންޖެހޭ ނިސްބަތާއި، ކުށުގެ އަދަބުގައި ތަފާތުތަކެއް ހުރިކަން ސާފެވެ.
އެހެންކަމުން، ޢަބްދުﷲ ނަޡީފްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާއަށާއި 1205 ވަނަ މާއްދާއަށް ހަވާލާދީފައިވާ ނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ކުރިކަން ސާބިތު ވެއްޖެނަމަ ދެވެން އޮންނަ އެންމެ ބޮޑު އަދަބަކީ 25 (ފަންސަވީސް) އަހަރަށް ޖަލަށްލުން ކަމުގައިވެފައި، ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާއަށް ބަރޯސާވެ ޤާނޫނުލްއުޤޫބާތުގެ 1204 އަދި 1205 ވަނަ މާއްދާގައިވާ މިންގަނޑަށް ޤަތުލް އަމްދު ސާބިތު ވެއްޖެނަމަ، ކުށްކުރި މީހާ އަށް މެރުމުގެ އަދަބު ދެވެން އޮތުމުން، ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާއަށާއި 1205 ވަނަ މާއްދާއަކީ އެކުގައި ބޭނުން ކުރެވޭނެ ދެ މާއްދާ ކަމަށް ނުފެނެއެވެ. އަދި ޢަބްދުﷲ ނަޡީފްގެ މައްޗަށް ޙުކުމް ކުރުމުގައި ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާއަށް ޙަވާލާދީފައިވާ ނަމަވެސް، އެއީ މަރުގެ އަދަބު ދޭން ޙުކުމް ކުރާ ޙާލަތުގައި ޙަވާލާދެވިދާނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ޢަބްދުﷲ ނަޡީފްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާ މެރުމަށް ކަމުގައިވާތީ، އަދި އެފަދަ އަދަބެއް ދެވޭނީ ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާފަދަ، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އޭނާގެ މައްޗަށް ސާބިތުވާ ޙާލަތުގައި ކަމަށްވުމުން، އެ މާއްދާގެ ދަށުން ކުށެއް ސާބިތު ވާންޖެހޭ މިންގަނޑަށް ބަލާނަމެވެ.
ޤާނޫނުލްއުޤޫބާތުގެ 1205 ގެ (ހ) ގައި އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެ ކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަމުގައި ބަޔާން ކޮށްފައިވާއިރު، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގައި، މަރުގެ އަދަބު ދިނުމުގައި ސާބިތުވާންޖެހޭ މިންވަރާއި، އިޢުތިރާފާއި، ހެކީގެ މިންވަރާ ގުޅޭގޮތުން ކަންތައްތަކެއް ފާހަގަ ކޮށްފައިވާތީ، ޤާނޫނުލްއުޤޫބާތުގެ 1205 މާއްދާ ކިޔަންޖެހޭނީ 1204 ވަނަ މާއްދާއާއެކު ކަމުގައި އަހުރެން ދެކެމެވެ.
މި ރައުޔުގެ 23.6 އިން 23.9 ވަނަ ޕެރެގްރާފްގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބެލުމުން، މީހަކު މަރާލައިފި ކަމުގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވިއްޖެނަމަ، އަދި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް އެ މީހެއްގެ މައްޗަށް މީހަކު މަރާލުމުގެ ގަސްދު އޮވެ، މީހަކު މެރުން (ނުވަތަ ޤަތުލް އަމްދު) ސާބިތު ވެއްޖެނަމަ، ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން، އެ މީހަކަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން، މަރުގެ އަދަބު ކަނޑައެޅިދާނެއެވެ. ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގެ ސާފު ނައްސުން، މީހަކު މަރައިފި މީހަކަށް މަރުގެ އަދަބު ދެވޭނީ އެއްވެސް ޝައްކެއްނެތް މިންވަރަށް އެ ކުށް އޭނާގެ މައްޗަށް ސާބިތު ވެގެންކަން އެނގެން އޮވެއެވެ.
ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ކުށާއި އެ ކުށާ ގުޅޭ އަދަބު ވަކިވަކިން ހިމަނާފައި ނުވާތީ އާއި، އެ މާއްދާގައި ހަވާލާދެނީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް އެ މާއްދާގައިވާ ފަދައިން ސާބިތު ވެއްޖެނަމަ އެ ކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަނޑައެޅުމަށް ކަމުގައިވާތީ، އިސްލާމް ޝަރީޢަތުގައި މަރަށްމަރު ހިފުން އޮންނަގޮތަށް ބަލާލަންޖެހެއެވެ. މި ރައުޔުގެ 23.8 ގައި ފާހަގަ ކޮށްފައިވާ، މީހަކު މަރާލުމުގެ ކުށް ބެހިގެންވާ 3 (ތިނެއް) ގިންތީގެ ތެރެއިން މަރަށް މަރު ހިފުން އޮންނަނީ ހަމައެކަނި މީހަކު މަރާލުމުގެ ގަސްދު އޮވެ، މީހަކު މެރުން (ނުވަތަ ޤަތުލް އަމްދު) ސާބިތުވާ ޙާލަތުގައެވެ.
މީހަކު މަރާލުމުގެ ގަސްދު އޮވެ، މީހަކު މެރުމުގެ ކުށް (ނުވަތަ ޤަތުލް އަމްދު) ސާބިތުވާނީ އަންނަނިވި 3 (ތިނެއް) ރުކުން ފުރިހަމަ ވެގެންނެވެ. އެއީ:
ގަސްދެއް އޮވެ މަރާލި މީހާއަކީ ދިރިހުރި މީހެއް ކަމުގައިވުން –
މީހަކު މަރާލުމުގެ ކުށް ސާބިތު ކުރުމުގައި ފުރަތަމަ ބަލަންޖެހޭނީ، އެ ކުށުގެ އަނިޔާ ރައްދުވަނީ ދިރިހުރި އިންސާނެއްގެ މައްޗަށްކަން ނުވަތަ ނޫންކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖަނަވާރެއް މަރާލާ މީހަކީ ޤަސްދެއް އޮވެ މީހަކު މަރާލި މީހެއް ކަމުގައި ކަނޑަނޭޅޭނެއެވެ. އަދި މަރުވެފައިވާ މީހެއްގެ ބޯ ބުރިކޮށްލާ މީހަކީވެސް ޤަސްދެއް އޮވެ މީހަކު މަރާލި މީހެއް ކަމުގައި ކަނޑަނޭޅޭނެއެވެ.
މަރުވި މީހާ މަރުވީ ގާތިލުގެ އަމަލެއްގެ ސަބަބުން ކަމުގައިވުން –
މަރުވި މީހާ މަރުވެފައިވަނީ އެ މީހަކަށް އަނިޔާދިން ފަރާތް ނުވަތަ ގާތިލުގެ އަމަލެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. އެގޮތުން، މީހަކު މަރުވެފައިވަނީ މީހަކު ހިންގި ވަކި އަމަލެއްގެ ސަބަބުން ކަމުގައިވެފައި، އެ އަމަލާއި މީހަކު މަރާލިކަމުގެ ތުހުމަތު ކުރެވޭ މީހާއާ އެ އަމަލާއި ގުޅުވެން ނެތްނަމަ، ތުހުމަތު ކުރެވޭ މީހާއަކީ ގާތިލެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
މަރުވި މީހާ މަރާލުމަށް ގާތިލު ބޭނުންވުން ނުވަތަ މަރާލުމުގެ ނިޔަތް އޮތުން –
މަރުވި މީހާ މަރުވެފައިވަނީ އެ މީހަކަށް އަނިޔާދިން ފަރާތް ނުވަތަ ގާތިލު އެ މީހަކު މެރުމުގެ ނިޔަތް އޮވެގެން ކަމުގައިވުމީ، މީހަކު މަރާލުމުގެ ގަސްދު އޮވެ، މީހަކު މެރުން (ނުވަތަ ޤަތުލް އަމްދު) ސާބިތުވުމުގައި ފުރިހަމަވާންޖެހޭ ކަމެކެވެ. އަދި މަރާލުމުގެ ގަސްދު ނެތި، މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވުމަކީ މަރާލުމުގެ ގަސްދު އޮތްކަން ދައްކުވާދޭ ކަމެއް ނޫނެވެ.
ޢަބްދުﷲ ނަޡީފްގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި ހެކިންގެ ބަހަށް ބުރަދަން ދީފައިވާއިރު، އަޙްމަދު މިރުޒާއާމެދު މާރާމާރީ ހިންގުމުގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ބައިވެރިވިކަން އެނގެން އޮތްނަމަވެސް، މާރާމާރީ ހިންގުމުގައި އެއިން ކޮންމެ މީހަކު ކޮށްފައިވަނީ ކޮން ކަމެއްކަން ސާފުކޮށް ހެކިންގެ ބަހުން، ތައާރުޒުވުމެއް ނެތްގޮތެއްގައި އެނގެން ނެތްކަމުގައި ބުނެ ޢަބްދުﷲ ނަޡީފްގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާއަށް ރައްދު ދިނުމުގައި، މި ކުށަކީ އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގި ޖަރީމާއެއް ކަމަށްވާތީ، މަރުގެ ސަބަބެއް ކަމުގައިވި އެތި ފަހަރު ޖެހި މީހަކީ މިތަނުން ކާކުކަން އެއީ ޔަގީނީކޮށް ބަލަންނުޖެހޭ ކަމަށާއި، ތަމާލުއުގެ މައްސަލަތަކުގައި ކުށުގައި ބައިވެރިވި ޖަމާޢަތުގެ ހުރިހާ އެންމެން ނުވަތަ އެ ތަނުން އެކަކު އެ އެތިފަހަރު ޖެހިނަމަވެސް އެ ޖަރީމާގައި ބައިވެރިވި ހަމަ ކޮންމެ މީހަކުވެސް އެ މީހަކު އެކަނި އެ ޢަމަލު ހިންގި ފަދައިން ޒިންމާ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، ތަމާލުއުގެ މައްސަލަތަކާ ގުޅޭ ގޮތުން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތުގެ މައްޗަށް ބަލާލަންޖެހެއެވެ.
އެކަކަށްވުރެ ގިނަ މީހުން އެކުގައި ކުރާ ކުށްތަކާމެދު އިސްލާމީ ފިޤުހުވެރިންގެ މެދުގައި ފާޅުކޮށްފައިވާ ރައުޔުތަކަށް ބަލާއިރު، އެކުގައި ކުރާ (unison) ކުށްތަކާއި އެއްބަސްވެގެން ކުރާ (concurrence / premeditation) ކުށްތައް އިލްމުވެރިން ތަފާތު ކުރެއެވެ. ގިނަ ބަޔަކު އެކުގައިކުރާ އަމަލަކުން ޤިސާސް ހިފާ ބާވަތުގެ ކުށެއް ކޮށްފިނަމަ، ޝަރީޢަތުން ކަނޑައަޅާފައިވާ އަދަބު ދެނީ ސީދާ އެ ކުށް ކުރި މީހާއަށެވެ. އެހެންކަމުން، އެ ކުށުގައި އެހެން މީހުން ބައިވެރިވެފައިވާ ނަމަވެސް އެއިން ކޮންމެ މީހަކަށް ލިބޭނީ އެ މީހަކު ކުރި ކުށެއްގެ އަދަބެވެ. މިއާ ޚިލާފަށް އެކަކަށްވުރެ ގިނަ މީހުން ކުށެއް ކުރުމުގެ ކުރިން އެކަމާމެދު ވާހަކަ ދައްކާ އެއްބަސްވެ އެ ކުށެއް ކޮށްފިނަމަ، ކުށުގައި ބައިވެރިވި މީހުންގެ ދައުރު ތަފާތުނަމަވެސް، އެއިން ކޮންމެ މީހަކީ އެ ކުށް ކުރި މީހެއް ކަމުގައި ބެލި، އެންމެންގެ މައްޗަށް ޝަރީޢަތުން ކަނޑައަޅާފައިވާ އަދަބު ދެވޭނެއެވެ. މިއީ، (މި ރައުޔުގެ 70.3 ގައި ބަޔާން ކޮށްފައިވާ ފަދައިން) ކުށުގެ ނިޔަތާއި ގުޅުން ހުރި ކަންކަމެވެ.
ތަމާލުއުގެ މައްސަލަތަކަކީ އިސްވެ ބުނެވުނު ދެ ގޮތުންކުރެ އެއްބަސްވެގެން ކުރާ ކުށުގެ މައްސަލަތަކެވެ. އެއާ ޚިލާފަށް ކުރިން އެއްބަސްވުމެއް ނެތި، އެކުގައި ކުރާ ކުށްތަކަކީ ތަވާފުޤްގެ މައްސަލަތަކެވެ.
އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާއިރު، ޢަބްދުﷲ ނަޡީފް އާއި އެހެން ފަރާތްތަކެއް އަޙްމަދު މިރުޒާ ގައިގައި ތަޅާ މާރާމާރީ ހިންގާފައިވަނީ އަޙްމަދު މިރުޒާ ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި ހުއްޓާ ފެނިގެން ކަމުގައިވެފައި، އަޙްމަދު މިރުޒާ ނިޔާވެފައިވަނީ ޢަބްދުﷲ ނަޡީފް އާއި އެހެން ފަރާތްތަކެއް އެކުގައި އަޙްމަދު މިރުޒާ ގައިގައި ތަޅައި، އޭނާގެ ބޮލުގައި ލަކުނޑި ބުރިއަކުން ޖަހާ މަރާމާރީ ހިންގުމުގެ ސަބަބުން އަޙްމަދު މިރުޒާއަށް ލިބުނު ގެއްލުމަށް ފަރުވާ ދެމުން ދަނިކޮށް ކަން އެނގެން އޮތް ނަމަވެސް، ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި ހުއްޓާ އަޙްމަދު މިރުޒާ ފެނުމުގެ ކުރިން، ޢަބްދުﷲ ނަޡީފް އާއި އަޙްމަދު މިރުޒާ އާމެދު މާރާމާރީ ހިންގި އެހެން ފަރާތްތަކުން އަޙްމަދު މިރުޒާ ގަތުލު ކުރުމަށް ވާހަކަ ދައްކާ އެކަމާމެދު އެއްބަސްވެފައިވާކަން އެނގެން ނެތުމުން، މި މައްސަލައަކީ ތަމާލުއުގެ މައްސަލައެއް ކަމުގައި ބެލިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.
ބަހުސްގެ ބޭނުމަށްޓަކައި، މި މައްސަލައަކީ ތަމާލުއުގެ މައްސަލައެއް ކަމުގައި ބެލި ނަމަވެސް، އަދި އަޙްމަދު މިރުޒާ އާމެދު ހިންގުނު މާރާމާރީގައި ޢަބްދުﷲ ނަޡީފް ބައިވެރިވިކަން ހެކިންގެ ބަހުން އެނގެން އޮތްނަމަވެސް، ޢަބްދުﷲ ނަޡީފްގެ މައްޗަށް މެރުމުގެ އަދަބު ކަނޑައެޅުމަށް ޤާނޫނީ ހުރަސްތަކެއް ހުރިކަމުގައި އަހުރެން ދެކެމެވެ.
އެއީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރެވޭ ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން، ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް މީހަކު ކޮށްފިނަމަ، އެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަނޑައެޅުމަށްޓަކައި ކުށް ސާބިތު ކުރަންޖެހެނީ ޖިނާއީ މައްސަލަތައް ސާބިތު ކުރަންޖެހޭ އާންމު އުސޫލު ކަމުގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރުގެ ބަދަލުގައި، އެއްވެސް ޝައްކެއްނެތް މިންވަރަށް ކަމުގައިވެފައި، ޤާނޫނުލްއުޤޫބާތުގައި ބަޔާން ކޮށްފައިވާ ގޮތުން، މަރުގެ އަބަދު ކަނޑައަޅަނީނަމަ، އެ ޤާނޫނުގެ 1204 ވަނަ މާއްދާއަށް ރިޢާޔަތް ކުރަންޖެހޭތީއެވެ.
ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތު ކޮށްދޭން ޖެހެއެވެ. އަދި އެ މީހަކު އެ ކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން ޢަމަލީ ގޮތުން ޔަޤީން ކުރެވޭ މިންވަރަށް ދައުލަތުން ސާބިތު ކޮށްދޭންވާނެ ކަމުގައިވެސް ބަޔާން ކޮށްފައިވެއެވެ. މިއީ، އިސްލާމް ޝަރީޢަތުގައި ގަސްދު އޮވެ، މީހަކު މެރުމުގެ ކުށް ސާބިތުވުމަށް ބޭނުންވާ (މި ރައުޔުގެ 70 ވަނަ ޕްރެގްރާފްގައި ބަޔާން ކޮށްފައިވާ) ރުކުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގައި ސާބިތު ކޮށްދޭން ޖެހުމެވެ.
ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން ޢަމަލީ ގޮތުން ޔަޤީން ކުރެވޭ މިންވަރަށް ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ބުނާބުނުމުގެ މާނައަށް ބަލާއިރު، މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 24 މާއްދާގެ (ހ) ގައި 'ކުށުގެ މަޤްޞަދާގުޅޭ ރުކުންތަކުގެ ތެރެއިން ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތްކަމަށް ސާބިތު ނުވާހާހިނދަކު، ދަޢުވާ ރައްދުވާ މީހާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުން، އޭނާ ކުށްވެރިވާ ކަމުގައެއް ނުބެލެވޭނެ...' ކަމުގަ އާއި، އެ މާއްދާގެ (ށ) ގައި 'މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކުށުގެ ނިޔަތް، ކުށް ކަމުގައި ބެލެވޭ ޢަމަލު ކުރި ވަގުތުގައި، އޮންނަން ވާނެ...' ކަމަށް ބަޔާން ކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި ހަމައެއާއެކު، މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 24 މާއްދާގެ (ނ) ގައި، ކުށް ކުރުމުގެ މަޤްޞަދު އޮތްކަން ބެލެވޭނީ 'ޢަމަލުގެ ރުކުނާއި، ނަތީޖާގެ ރުކުނާ ގުޅޭ ގޮތުން ކަމަށް ވާނަމަ، ކަނޑައެޅިގެން އޭނާގެ މަޤްޞަދަކީ އެ ޢަމަލެއް ކުރުން ކަމުގައިވުން، ނުވަތަ އެ ނަތީޖާ ޙާޞިލުކުރުން ކަމުގައި...' ބަޔާން ކޮށްފައި ވުމުން، މި މައްސަލައިގައި ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޅިގަނޑު ގިރާކުރެވޭނީ ޢަބްދުﷲ ނަޡީފް އާއި އެހެން ފަރާތްތަކެއް އެކުގައި އަޙްމަދު މިރުޒާ އާމެދު މާރާމާރީ ހިންގިއިރު، އޭނާ މެރުމުގެ ނިޔަތް އޮތްކަން ދައުލަތުން ސާބިތު ކޮށްދީގެނެވެ.
ޤާނޫނުލްއުޤޫބާތުގެ 24 ވަނަ މާއްދާގައި ކުށުގެ ނިޔަތުގެ އެކި ދަރަޖަތަށް ހިމަނާފައިވެއެވެ. އެއިގެ ތެރޭގައި ކުށް ކުރުމުގެ މަޤްސަދު އޮތުމާއި، އެނގިހުރެ ކުށްކުރުމާއި، ފަރުވާކުޑަ އަމަލާއި އިހުމާލު ހިމެނިފައިވާކަން ފާހަގަވެއެވެ. ޤާނޫނުލްއުޤޫބާތުގެ 24 ވަނަ މާއްދާގެ (އ) ގައި، ކުށުގެ މަޤްޞަދުގެ ރުކުނަކާ ގުޅޭގޮތުން ސާބިތު ކުރުމަށް ބޭނުންވާ ކުށުގެ ނިޔަތުގެ މިންގަނޑު ބަޔާން ކޮށްފައި ނުވާނަމަ، އެ ރުކުނަކާ ގުޅޭ ގޮތުން ކުށުގެ ނިޔަތް ސާބިތު ކޮށްދިނުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަކީ، އެ ކުށް ކުރި މީހާ ފަރުވާކުޑަ ކުރިކަން ސާބިތު ކޮށްދިނުން ކަމުގައި ބަޔާން ކޮށްފައި އޮތުމުން، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އިން މަރަށް މަރު ހިފުމަށްޓަކައި ފުރިހަމަ ވާންޖެހެނީ ކުށުގެ ނިޔަތުގެ އެންމެ މަތީ ދަރަޖަކަން ފާހަގަ ކުރަމެވެ. އެހެންކަމުން، ކުށްކުރިއިރު މެރުމުގެ ނިޔަތެއް އޮތްކަން އެނގެން ނެތި ހިންގާ މާރާމާރީއެއްގެ ސަބަބުން ނިކުންނަ ނަތީޖާއަކުން، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޔަތުގެ މިންވަރު ސާބިތުކޮށް ދެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ.
މިކަންކަމުގެ އަލީގައި، މި އިސްތިއުނާފީ މައްސަލައިގައި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ބެލުމުން، އަޙްމަދު މިރުޒާ އާމެދު މާރާމާރީ ހިންގިއިރު އޭނާ ގަތުލު ކުރުމުގެ ނިޔަތް ނުވަތަ މަޤްޞަދު ޢަބްދުﷲ ނަޡީފްގެ އޮތްކަން އެނގެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މީގެ އިތުރުން، މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަ ކުރަންޖެހޭ ނުވަތަ ގިރާ ކުރަންޖެހޭ ހެކީގެ މިންވަރު ބަޔާން ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގައެވެ. އެ އަކުރުގައި އޮންނަނީ:
"(1) މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތު ކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެއެވެ.
(2) ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެއެވެ."
ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ގައި ބަޔާންކުރާ ގޮތުންނަމަ، ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހިމެނޭ ގޮތުން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއް ވާނަމަ، އެ ކުށެއް ސާބިތެއް ނުވާނެއެވެ. އެހެން ނަމަވެސް ބުނެވުނު ފަރާތްތަކުން ދޭ ބަޔާންތަކުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކުށް ސާބިތު ނުވާނެ ކަމުގައި ބަޔާންކޮށް ފައިވަނީ ހެކިން ހާދިސާ ކިޔާދިނުމުގައި ހުރި ކޮންމެ ފުށުއެރުމަކާއި ހަވާލާދީ ކަމުގައި އަހުރެންނަށް ގަބޫލުކުރަން ދައްޗެވެ. އެހެނީ، އެކި ހެކިންނަށް ހާދިސާ ހިނގާދިޔަ ގޮތް ފެންނާނީ ތަފާތުކޮށް ކަމުގައިވުމުގެ އިތުރުން، ހެކިން ހާދިސާ ހިނގާދިޔަ ގޮތް ކިޔައި ދިނުމުގައި ހުންނަ ކުދިކުދި ފަރަގުތަކަކީ އިންސާނީ ތަބީއަތާއި މީހުންގެ ބަސްމަގުގައި ހުންނަ ތަފާތަށް ނިސްބަތް ކުރެވޭނެ ކަންކަން ކަމުގައިވާތީއެވެ. އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ގައި ހެކިބަހުގައި އެއްވެސް ފުށުއެރުމެއް އޮވެގެން ނުވާނެ ކަމުގައި ބަޔާން ކޮށްފައި އޮންނަނީ، މަރުގެ އަދަބު ކަނޑައެޅުމުގައި ބޭނުންކުރާ ހެކިންގެ ބަހަކީ ހާދިސާ ހިނގާދިޔަ ގޮތާމެދު ނުވަތަ ހާދިސާގައި ހިނގާފައިވާ ކަންކަމާމެދު ސުވާލު ނުއުފެދޭ ފަދަ ހެކިބަހަކަށް ވާންޖެހޭނެ ކަން ބަޔާން ކޮށްދިނުމުގެ ގޮތުން ކަމުގައި އަހުރެން ދެކެމެވެ. އަދި ހެކިބަހުގެ ފުށުއެރުމާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި އެފަދައިން ބަޔާން ކޮށްފައި އޮންނަނީ އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި އެ މިންވަރަށް ހެކި ބޭނުންވާނެ ކަމަށް ބަޔާންކޮށް ދިނުމަށް ކަމުގައި އަހުރެން ދެކެމެވެ.
މި މައްސަލައަށް ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި 1205 ވަނަ މާއްދާގެ (ހ) ތަޠުބީޤު ކުރުމުން، ޢަބްދުﷲ ނަޡީފްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ:
ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށް ދިނުމުން، އަދި ޢަބްދުﷲ ނަޡީފް އެ ކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް ޢަބްދުﷲ ނަޡީފްގެ އޮތްކަން ޢަމަލީ ގޮތުން ޔަޤީން ކުރެވޭ މިންވަރަށް ސާބިތު ކޮށްދިނުމުން ކަން؛
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މީހަކު މަރައިފިކަމުގެ ކުށް ސާބިތު ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އެއްވެސް ޝައްކެއްނެތް މިންވަރަށް ކަން؛ އަދި
ޢަބްދުﷲ ނަޡީފްގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވީކަމަކަށް ނުބެލެވޭނެ ކަން؛
އެނގެން އޮވެއެވެ.
ހެކިބަސް ފުށުއަރާ ކަމަށް ޢަބްދުﷲ ނަޡީފް ހުށަހަޅާފައިވާ ނުކުތާއަށް ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ އަލީގައި ބަލާއިރު، ކުށް ސާބިތު ކުރުމަށް ހެކިބަސް ދީފައިވާ އެއް ހެއްކަކު ދީފައިވާ ދެ ބަޔާނެއްގައި، ނުވަތަ ދެ ހެއްކަކު ދީފައިވާ ބަޔާނުގައި (މި ރައުޔުގެ 76 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ މިންގަނޑުން) އެއްވެސް މިންވަރަކަށް ފުށުއެރުމެއް ވާނަމަ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާނެ ކަން ޤާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.
މަރުގެ އަދަބު ދިނުމަށް ފުރިހަމަ ކުރަންޖެހޭ ހެކީގެ މިންވަރަށް ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ކަންކަމާއި މި މައްސަލައިގައި ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ބަލާއިރު، ހެކިންގެ ބަޔާނުގައި ފުށުއެރުން ހުރިކަން ފާހަގަވެއެވެ. އެއީ، އަޙްމަދު މިރުޒާ ނިޔާވެފައިވަނީ މަރާމާރީގައި ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑީގެ ތެރެއަށް ލޭ ޖަމާވެ، ސިކުނޑި ތެރެ ދުޅަވުމާ ގުޅިގެން، ހަށިގަނޑުގައި އޮކްސިޖަން ހުންނަންވާ ވަރަށް ވުރެ ދަށްވެ ލޭގެ ޕްރެޝަރާއި ވިންދު ނުލިބިގެން ކަން އަޙްމަދު މިރުޒާގެ މަރުގެ ރިޕޯޓުން އެނގޭހިނދު، އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިބުރިއެއް ފާޑުގެ އެއްޗަކުން ޖެހީ މުޙައްމަދު ޝިފާޢު ކަމެއް، ނުވަތަ ޢަބްދުﷲ ނަޡީފް ކަމެއް، ސިއްރު ހެކި ނަންބަރު 1 އަދި ސިއްރު ހެކި ނަންބަރު 4 ގެ ބަޔާނަށް ބެލުމުން ތައާރުޒުވުމެއް ނެތްގޮތެއްގައި އެނގޭކަށް ނެތެވެ.
އެހެންކަމުން، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ބުނާ މިންގަނޑު ގިރާ ކުރެވޭ ކަމުގައި، އަދި ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އެއްވެސް ޝައްކެއްނެތް މިންވަރަށް ޢަބްދުﷲ ނަޡީފްގެ މައްޗަށް ކުށް ސާބިތުވާ ކަމުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްވެ ބުނެވުނު ފަދައިން، މީހަކު މަރާލުމުގެ ތުހުމަތު ކުރެވިފައިވާ މީހެއް އެ އަމަލު ހިންގީ ގަސްދުގައި ކަން ސާބިތުކޮށް ދިނުމަށްޓަކައި، ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) އާއި 1204 ވަނަ މާއްދާގެ (ހ) އަދި (ނ) ގައިވާ ފަދައިން ތުހުމަތުގައިވާ މީހާ ގަސްދުގައި މީހަކު މެރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ނުކޮށްދެވޭނަމަ، އޭގެ ނަތީޖާއަކީ ޤިޞާޞް ހިފުމުގެ ޙާލަތު ނެތި ދިއުމެވެ.
ޤިޞާޞް ހިފުމަށްޓަކައި ބޭނުންވާ މިންވަރަށް ހެކި ނެތްނަމަ، މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރަންޖެހޭނީ އަދި އެ ކުށަށް އަދަބު ކަނޑައަޅަންޖެހޭނީ، ލިބިހުރި ހެއްކާއި ކުށްކުރި ގޮތާއި ޙާލަތަށް ބަލައި، ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާއިން ފެށިގެން 112 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ނުވަތަ ކަމާގުޅޭ ޚާއްސަ ޤާނޫނެއްގެ ދަށުންނެވެ.
ޤިޞާޞް ހިފުމުގެ ޙައްޤާގުޅޭ
އަޙްމަދު މިރުޒާގެ މަރުގެ މައްސަލައިގައި ޤިޞާޞް ހިފުމުގެ ޙައްޤު ލިބިގެންވަނީ އޭނާގެ ވާރިސުންނަށް ކަމަށްވާއިރު، އަޙްމަދު މިރުޒާގެ ބައްޕަ އިބްރާޙިމް ޙަސަން ވަނީ އަހަރުތަކެއް ފަހުން އޭނާގެ ދަރިފުޅުގެ ޤާތިލުންގެ ކިބައިން މަރަށް މަރު ހިފަން ނުއެދޭ ކަމަށް ބުނެފައި ކަމުގައި ޢަބްދުﷲ ނަޡީފްގެ ފަރާތުން އިސްތިއުނާފުކޮށް ހުށަހެޅި ނުކުތާއެއްގައި ބުނެފައިވެއެވެ.
މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އަޙްމަދު މިރުޒާގެ ބައްޕަ ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމާށައި، ނަމަވެސް މިހާރު ޤިޞާޞް ހިފަން ބޭނުން ނުވާ ކަމަށް އަޙްމަދު މިރުޒާގެ ބައްޕަގެ ފަރާތުން ކަމަށް ބުނެ ސިޓީއެއް އިލްތިމާސްކުރި ފޯމާއި އެކީ ހުށަހަޅާފައިވާތީ، އަޙްމަދު މިރުޒާގެ ބައްޕަ ޤިޞާޞް ހިފަން ބޭނުން ނުވާނަމަ، ޤިޞާޞް ނުހިފޭނެ ކަމަށާއި ޝަރީޢަތުން ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔައިރު، ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އަޙްމަދު މިރުޒާގެ ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަ އާއި ދައްތަ އާއި ބޭބެއެއްގެ ބަސް ނެގުމަށްޓަކައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އެ ފަރާތްތައް ހާޟިރު ކުރެވުނު ހިނދު، އެ ފަރާތްތަކުންވަނީ ޤިޞާޞް ހިފުމަށް ބޭނުންނުވާ ކަމުގައި ޝަރީޢަތުގައި ބުނެފައެވެ.
ޤިޞާޞް ހިފުމަކީ އިސްލާމީ ޝަރީޢަތުގައި މަރަށް މަރު ހިފުމަށް ކިޔާ ނަމެވެ. އަދި ޤިޞާޞް ހިފުމަކީ ނިޔާވި ފަރާތުގެ ދިރިތިބި ވާރިސުންގެ ޙައްޤެކެވެ. އަދި ޤިޞާޞް ހިފޭނީ ޤަތުލް އަމްދު ސާބިތުވާ ޙާލަތުގައި، ނިޔާވި ފަރާތުގެ ވާރިސުން އެފަދައިން ކަން ކުރުމަށް އެދޭނަމަ ކަމުގައިވާހިނދު، މި މައްސަލައިގައި، މެރުމުގެ އަދަބު ދިނުމަށް ހުރަސް ކުރަންޖެހޭ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުގެ މިންގަނޑު ގިރާ ކުރެވިފައި ނުވާތީ، މި މައްސަލައިގައި ޤިޞާޞް ހިފޭނެ ޙާލަތެއް ކުރިމަތި ނުވާ ކަމުގައި އަހުރެން ދެކެމެވެ. އަދި އެހެންކަމުން، ޤިޞާޞް ހިފަން ބޭނުން ނުވާ ކަމަށް ބުނެ އަޙްމަދު މިރުޒާގެ ޢާއިލާގެ ފަރާތުން ބުނާ ބުނުމަށް މި ޙާލަތުގައި ރިޢާޔަތް ކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމުން އަދި ނަތީޖާކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ނަޡީފް އާއި، އިތުރު ތިން މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ 11 އެޕްރީލް 2011 ވަނަ ދުވަހު 18:00 ހާއިރު، އަޙްމަދު މިރުޒާ ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި ހުއްޓާ ފެނިގެން އޭނާއާމެދު މަރާމާރީ ހިންގައިފަވާތީ އާއި، ޢަބްދުﷲ ނަޡީފްގެ އަތުގައި އޮތް ލަކުނޑި ބުރިއަކުން އަޙްމަދު މިރުޒާގެ ބޮލުގައި ޖެހުމުން އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުމުން އަޙްމަދު މިރުޒާގެ ގައިގާ ޖަހާ މަރާމާރީ ހިންގައިފައިވާތީ އާއި، މި ހަމަލާގެ ސަބަބުން އަޙްމަދު މިރުޒާއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 14 އެޕްރީލް 2011 ވަނަ ދުވަހު އަޙްމަދު މިރުޒާ ނިޔާވެފައިވާތީ، ޢަބްދުﷲ ނަޡީފްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އާއި، މި ކުށުގައި ޢަބްދުﷲ ނަޡީފް އާ އެކު ބައިވެރިވި ކަމަށް ބުނާ ދެ ފަރާތެއްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
އެ ދަޢުވާއަށް ބަލާއިރު، ޢަބްދުﷲ ނަޡީފްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކުރުމުގައި ޤާނޫނުގެ އެއްވެސް މާއްދާއަކަށް ހަވާލާދީފައި ނުވެއެވެ. އެހެންނަމަވެސް، ޢަބްދުﷲ ނަޡީފް ފިޔަވާ އެ ޤަޟިއްޔާގެ ދަށުން ދަޢުވާ ކުރެވުނު ދެ މީހުންގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގައި ބައިވެރިވި ކަމުގެ ދަޢުވާ ކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 12 ވަނަ މާއްދާއަށް ޙަވާލާދީއެވެ.
ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން، ކްރިމިނަލް ކޯޓުގައި މި ދަޢުވާ އުފުލުނު އިރު ޖިނާއީ ދައުވާ އުފުލުމުގައި ޙަވާލާދިން މައިގަނޑު މަސްދަރަކަށް ވެފައިވަނީ މިހާރު އުވިފައިވާ ޤާނޫނުލްއުޤޫބާތެވެ.
އުވިދިޔަ ޤާނޫނުލްއުޤޫބާތުގައި މީހަކު މެރުމުގެ ކުށް އެއީ ސީދާކޮށް ބަޔާން ކޮށްފައި އޮންނަ ކުށެއް ނޫނެވެ. އެހެންނަމަވެސް، އުވިދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި ބަޔާން ކޮށްފައިވާތީ އާއި، އެ މާއްދާގެ (ރ) ގައި، އެފަދަ ކުށެއްގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކަމުގައި ބަޔާން ކޮށްފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ޙުކުމް ކުރުމުގައި، އުވިދިޔަ ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އަށް ޙަވާލާދީފައި ވެއެވެ. އަދި އެ ޤަޟިއްޔާގެ ޙުކުމް ކުރެވުނުއިރު، މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތަށް އަމަލު ކުރަން ފަށާފައިވާތީ، އެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށްވެސް ޙަވާލާދީފައި ވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަބްދުﷲ ނަޡީފްގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް ބަލާއިރު، އެއީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކަން ސާފެވެ.
އިސްލާމީ ޝަރީޢަތުގައި މީހުން މެރުމަކީ އުޤޫބާތް ކަނޑައެޅިފައިވާ ބޮޑު ކުށެއް ކަމުގައިވާތީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށާއި، އުވިދިޔަ ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައިވާހިނދު، މީހަކު މެރުމުގެ ކުށް ކުރިކަމަށް ސާބިތުވާ މީހާއަށް މަރުގެ އަދަބު ދެވެނީ،
މީހަކު މަރާލުމުގެ ޤަސްދު އޮވެ، މީހަކު މެރުން (ނުވަތަ ޤަތުލް ޢަމްދު) ގެ އަމަލު ހިންގާ ޙާލަތުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށްކުރިކަން ސާބިތުވެގެން ކަމުގައިވާތީ އާއި؛
މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާއަށް ޙަވާލާދީ ޤިޞާޞް ހިފޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑއެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެގެން ކަމުގައިވާތީ އާއި؛
މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގައި ބުނާ ހެކީގެ މިންވަރާއި ކުށް ސާބިތުވާ މިންވަރު ހާޞިލު ކުރެވިގެން ކަމުގައިވާތީ؛
މި މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން މަރުގެ އަދަބު ދިނުމަށްޓަކައި އިސްލާމީ ޝަރީޢަތުގައާއި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ މަތީ ދަރަޖައަށް ކުށް ސާބިތުވާ ކަމުގައި އަހުރެންނަށް ބުރަނުވެވޭ ކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާގެ ޙުކުމުން، އަދި އެޙުކުމް ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ޙުކުމުން، ޢަބްދުﷲ ނަޡީފް މެރުމަށް ޙުކުމްކޮށްފައިވަނީ މަރުގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަށްޓަކައި ގިރާކުރަންޖެހޭކަމަށް ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އުސް އޮޅިގަނޑު ހުރަސްކޮށް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެހެންކަމުން، ޢަބްދުﷲ ނަޡީފްއަށް މަރުގެ އަދަބު ދެވިދާ ނެކަމުގައި ނުދެކެމެވެ.
ކަން މިހެން އޮތްނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ޙުކުމް ކުރުމުގައި، އުވިދިޔަ ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އަށާއި މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ އިތުރުން، މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އަށްވެސް ޙަވާލާ ދީފައި ވެއެވެ.
ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) ގެ ދަށުން އެނގިހުރެ މީހަކު މެރުމަކީ ކުށެކެވެ. އެހެންނަމަވެސް، ޢަބްދުﷲ ނަޡީފްގެ އަމަލުތަކަކީ އޭނާ އެނގިހުރެ މީހަކު މެރުމަށް ކުރި އަމަލުތަކެއް ކަމާމެދު ޝައްކެއް އުފެދޭ ފަދަ ހާލަތެއް އޮތްނަމަވެސް، އޭނާގެ އަމަލުތަކަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭ ފަދަ، އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއްނެތި ކޮށްފައިވާ އަމަލުތަކެއް ކަމާއި، އެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، އަޙްމަދު މިރުޒާ ނިޔާވެފައިވާ ކަމާމެދު އެކަށީގެންވާ އެއްވެސް ޝައްކެއް ނެތެވެ. އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއްނެތި ކުރާ ޢަމަލަކުން މީހަކު މަރުވެއްޖެނަމަ، އެއީ، ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށެކެވެ. އަދި އެއީވެސް ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާއަށާއި، މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 18 އަށް ރިޢާޔަތްކޮށް، ޢަބްދުﷲ ނަޡީފް ކުރި އަމަލަކީ މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށް އޭނާގެ މައްޗަށް ސާބިތުވާ އަމަލެއް ކަމުގައި ކަނޑައަޅައި، ކުށުގެ އަދަބު ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރަން ފެނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)މި މައްސަލައިގެ ވާގިއާތައް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ހުކުމުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާތީ، އެ ވާގިއާތަކުގެ ތަފްސީލުތައް މި ރައުޔުގައި ތަކުރާރުކުރުމުގެ ބަދަލުގައި މި ރައުޔުގައި މައްސަލައިގެ ވާގިއާތައް ބަޔާންކުރާނީ މި ރައުޔު ބިނާކުރުމަށް ބޭނުންވާ މިންވަރަށެވެ.
11 އެޕްރީލް 2011 ދުވަހު ހަވީރު ގާތްގަނޑަކަށް 18:00 ހާއިރު، ވިލިމާލެ ކުޑަކުދިންގެ ޕާކުގެ ކައިރީގައި ނ.މާޅެންދޫ، ވައިޓްހައުސް، އަޙްމަދު މިރުޒާ ހުއްޓާ، ޢަބްދުﷲ ނަޡީފް އާއި، ވިލިމާލޭ، ފަޒީލާ މަންޒިލް، މުޙައްމަދު ޝިފާޢު އާއި، ގދ.ގައްދޫ، ބޮކަރުމާގެ، ޢަލީ ރިފްޝާން އާއި އަދި އިތުރު މީހަކު ޖަމާއަތެއް ހަދައިގެން އެކުގައި އެތަނަށް އައިސް އަޙްމަދު މިރުޒާއާމެދު މަރާމާރީ ހިންގައިފައިވެއެވެ.
މި މާރާމާރީގެ ތެރޭގައި އަޙްމަދު މިރުޒާއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުންދަނިކޮށް، 14 އެޕްރީލް 2011 ވަނަ ދުވަހު އަޙްމަދު މިރުޒާ މަރުވެފައިއެވެ. ޢަބްދުﷲ ނަޡީފްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލިއެވެ. ކްރިމިނަލް ކޯޓުން އެމައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 1028/Cr-C/2011 ގަޒިއްޔާގައެވެ. ކްރިމިނަލް ކޯޓުން އެ ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢުގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޢަލީ ރިފްޝާންގެ މައްޗަށް ކުރިދައުވާ ސާބިތުނުވިއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ގަޒިއްޔާގައި އެ ކޯޓުން ކުރި ހުކުމަކީ އިސްލާމީ ޝަރީޢަތާއި ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫންކަމަށް ބުނެ ޢަބްދުﷲ ނަޒީފުގެ ފަރާތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/369 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ގަޒިއްޔާގެ ހުކުމަށް ތާއީދުކޮށްފައި ވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ކްރިމިނަލް ކޯޓުގެ ނަންބަރު1028/Cr-C/2011 ގަޒިއްޔާގައި އެ ކޯޓުން ކުރި ހުކުމަށް ވާސިލުވި ސަބަބުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ގަޒިއްޔާގެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ވާސިލުވި ސަބަބުތައް ބަޔާންކުރައްވާފައިވާތީވެ، މި ރައުޔުގައި އެބައި ތަކުރާރުކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޢަބްދުﷲ ނަޒީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގައި ބައެއް ކަންކަން ތަކުރާރުވެފައިވާތީ، މި އިސްތިއުނާފުގެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން މައިގަނޑު 6 (ހައެއް) ސުރުޚީގެ ދަށުގައި ބަލަން ފަނޑިޔާރު ޢާއިޝާ ޝުޖޫންގެ ރައުޔުގައި ފާހަގަކުރައްވާފައި އޮތް އޮތުމަށް ތާއީދުކުރެވޭތީވެ، އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކަށް މި ރައުޔުގައިވެސް ޖަވާބުދީފައިވަނީ އެ 6 (ހައެއް) ސުރުޚީގެ ދަށުގައެވެ. އެ ހަ ސުރުޚީ އަކީ:
(ހ) ބިރުދައްކައިގެން ޤާނޫނާ ޚިލާފަށް ހެކި ހޯދާފައިވާ ކަމަށް ބުނާބުނުމާ ބެހޭ
(ށ) އަންހެނުންގެ ހެކިބަސް ގަބޫލުކުރުމާބެހޭ
(ނ) ދައުވާކުރުމުގައި ހަމަހަމަކަން ނެތުމާބެހޭ
(ރ) ދިފާޢުވުމުގެ ޙައްޤު ނުލިބޭ ކަމަށް ބުނާ ބުނުމާ ބެހޭ
(ބ) މަރުވި ސަބަބާ ގުޅޭ
(ޅ) ގަސްތު މަރުގެ ކުށް ސާބިތުވުމާގުޅޭ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި އެކުލެވޭ ސުރުޚީތަކުގެ ތެރެއިން؛ (ހ) ބިރުދައްކައިގެން ޤާނޫނާ ޚިލާފަށް ހެކި ހޯދުން، (ށ) އަންހެނުންގެ ހެކިބަސް، (ނ) ދައުވާކުރުމުގައި ހަމަހަމަކަން ނެތުން، (ރ) ދިފާޢުވުމުގެ ޙައްޤު އަދި (ބ) ގެ ދަށުގައި ފާހަގަކުރައްވާފައިވާ ބޭސްފަރުވާ އަދި މަރުވި ސަބަބާގުޅޭ ސުރުޚީތަކުގެ ދަށުގައި ބަޔާންކުރައްވާފައިވާ ރައުޔުތަކަށް އަހުރެން ތާއީދުކުރަމެވެ. ނަމަވެސް، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި އެކުލެވޭ ސުރުޚީތަކުގެ ތެރެއިން (ޅ) ގެ ދަށުގައި ބަޔާންކުރައްވާފައިވާ ގަސްތު މަރުގެ ކުށް ސާބިތުވުމާ ގުޅޭ ނުކުތާތަކާބެހޭ ގޮތުން އަހުރެންގެ ރައުޔުތަފާތެވެ. އެހެންކަމުން އަހުރެންގެ ރައުޔުގައި ބަލާފައިމިވަނީ މިވަނީ ޢަބްދުﷲ ނަޒީފުގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ މި ސުވާލުގެ މައްޗަށެވެ.
ގަސްތު މަރުގެ ކުށް ސާބިތުވުމާ ގުޅޭކުށުގެ އަމަލާއި ކުށުގެ ނިޔަތުގެ މައްޗަށް ބަލައި ޢަބްދުﷲ ނަޡީފްގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ އިސްލާމީ ޝަރީއަތާއި ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ މި ސުވާލަކީ، ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ގާނޫނީ ނުކުތާތަކުގެ ތެރެއިން އެންމެ ޖައުހަރީ ނުކުތާއެވެ. މި ނުކުތާގައި ޢަބްދުﷲ ނަޡީފް ބުނެފައިވަނީ، މާރާމާރީގެ ހާދިސާ ފެނުނު ކަމަށް ބުނާ ދެ ހެކިންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. މިގޮތުން އަޙްމަދު މިރުޒާ (ގަތުލުވެދިޔަ މީހާ) ގެ ބޮލުގައި ލަކުޑިބުރިއެއް ކަހަލަ އެއްޗަކުން ދައުވާލިބޭ މުޙައްމަދު ޝިފާޢު ޖެހުމުން އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުނު ކަމަށް ސިއްރު ހެކި ނަންބަރު 1 ބުނެފައިވާއިރު، ސިއްރު ހެކި ނަންބަރު 4 ބުނެފައިވަނީ އަޙްމަދު މިރުޒާގެ ބޮލުގައި ޖެހީ ޢަބްދުﷲ ނަޡީފް ކަމަށެވެ. އެހެންކަމުން، ޢަބްދުﷲ ނަޡީފްގެ ފަރާތުން ބުނެފައިވަނީ، އަޙްމަދު މިރުޒާގެ ބޮލުގައި ޢަބްދުﷲ ނަޡީފް ޖެހިކަމާއި ހަމަލާދިން އެއްޗެއް ވެސް ހެކިންގެ ހެކިބަހުން ސާފުކޮށް އެނގެން ނެތްކަމަށެވެ. އިތުރަށް ޢަބްދުﷲ ނަޡީފުގެ ފަރާތުން ބުނެފައިވަނީ، އެކަންކަމަށް ރިއާޔަތްނުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ހެކިބަސް ލިބިފައި ނެތް ހާލަތެއްގައި ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުން ގަސްތު މަރުގެ ކުށް ސާބިތުވާންޖެހޭނީ އެއްވެސް ޝައެއްކެއް ނެތް މިންވަރަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާގައި ބުނެފައިވަނީ މި މައްސަލައިގައި ސިއްރު ހެކި ނަންބަރު 1 އާއި ސިއްރު ހެކި ނަންބަރު 4 ގެ ވާހަކަ ފުށުއަރާތީ ގަސްތު މަރުގެ ކުށް ސާބިތުކުރުމަށް ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މިންވަރު ހާސިލުނުވާ ކަމަށެވެ.
ސިއްރު ހެކި ނަންބަރު 1 އާއި ސިއްރު ހެކި ނަންބަރު 4 ގެ ހެކިބަސް އަޅައިކިޔައި ދެ ހެކިބަހުގައި ހުރި ހެކިބަހުގެ ފަރަގުގެ މައްޗަށް ތިރީގައި މި ބަލައިލަނީއެވެ. ސިއްރު ހެކި ނަންބަރު 1 ބުނެފައިވަނީ 11 އޭޕްރީލް 2011 ވަނަ ދުވަހުގެ 17.40 ކަންހާއިރު، އޭނާ އުޅޭ ގެ ކައިރިން (ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި) ބަޔަކު ތަޅައިގަނެގެން އުޅޭތީ، އެ ތަނަށް އޭނާ ދިޔަކަމަށާއި؛ އެ ތަނުގައި ތިބި 5 (ފަހެއް) ނުވަތަ 6 (ހައެއް) މީހުންގެ ތެރެއިން ދެ މީހަކު އެނގޭކަމަށާއި؛ ހާދިސާ ހިނގިއިރު އެންމެ ކުރީގައި ތިބީ މި ދެ މީހުންކަމަށާއި؛ އެ ދެ މީހުންގެ ތެރެއިން ދައުވާލިބޭ މުޙައްމަދު ޝިފާޢު، އެ ކުއްޖާ (އަޙްމަދު މިރުޒާ) ގެ ބޮލުގައި ލަޓިބުރިއެއް ކަހަލަ ދިގު އެއްޗަކުން ޖެހިތަން ދުށް ކަމަށާއި، އެކަން ޔަގީން ކަމަށާއި؛ މުޙައްމަދު ޝިފާޢު އެ ކުއްޖާ (އަޙްމަދު މިރުޒާ) ގެ ބޮލުގައި ޖެހުމުން އެ ކުއްޖާ ބިންމައްޗަށް ވެއްޓުނު ކަމަށާއި؛ އަޙްމަދު މިރުޒާ ވެއްޓިފައި އޮތް ގަޑީގައި އޭނާގެ ގައި މައްޗަށް ދެވަނަ މީހާކަމަށްވާ ޢަބްދުﷲ ނަޡީފް ފުންމައިގެން ކޮޅަށް އެރިކަމަށާއި؛ މާރާމާރީ ހިންގި އެންމެން ދުވެފައި ދިޔައީ އެއްކޮށް ކަމަށެވެ. ސިއްރު ހެކި ނަންބަރު 1 ގެ ހެކިބަހުން އެއްވެސް ޝައްކެއް ނެތި އެނގެނީ 11 އެޕްރީލް 2011 ދުވަހު ހަވީރު 5:40 އެހާއިރު ޖަމާއަތެއް ހަދައިގެން ބަޔަކު އައިސް އަޙްމަދު މިރުޒާއަށް ހަމަލާދީ މާރާމާރީ ހިންގިކަމަށާއި މަރާމާރީ ހިންގި މީހުންގެ ތެރޭގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ހިމެނޭ ކަމަށެވެ.
ސިއްރު ހެކި ނަންބަރު 4 ބުނެފައިވަނީ 11 އޭޕްރީލް 2011 ވަނަ ދުވަހު ހަވީރު ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި މާރާމާރީއެއް ހިނގިކަމަށާއި؛ އެ ހާދިސާ ހިނގިއިރު، ޝަރީޢަތުގެ މަޖިލީހުގައި ތިބި 3 (ތިނެއް) މީހުން އެތާ ތިބި ކަމަށާއި؛ އެ ތަނުން އޭނާއަށް ނަން އެނގެނީ، ކަޅާއި ހުދު ކުލައިގެ މާޖެހި ވައްތަރެއްގެ ގަމީހެއް ލައިގެން ހުރި ޝިފާޢުގެ ނަން ކަމަށާއި؛ ހުދުކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާ (ޢަބްދުﷲ ނަޡީފް) ވެސް އެނގޭކަމަށާއި އެހެންނަމަވެސް އޭނާގެ ނަމެއް ހަނދާނެއް ނެތް ކަމަށާއި؛ ތިންވަނަ ފަރާތް އޭނާއަށް ނޭނގޭކަމަށާއި؛ މާރާމާރީ ހިނގި އިރު ޝިފާޢު، މަރުވި ކުއްޖާގެ ގައިގައި ހިފަހައްޓައިގެން އަތުން ޖަހައި، ތަޅައި، ހެދިކަމަށާއި؛ ޝިފާޢު، މަރުވި ކުއްޖާގެ މޭމަތީގައި ގޮށްމުށްކަވާފައި ޖެހި ހަނދާނެއް ވާކަމަށާއި؛ މަރުވި ކުއްޖާގެ ބޮލުގައި ލަކުޑި ފާޑެއްގެ އެއްޗަކުން ހުދުކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާ (ޢަބްދުﷲ ނަޡީފް) ޖަހަނިކޮށް، އަދި އޭނާ ވެއްޓުމުން މޫނިމަތީގައި ކޮޅުފައިން ޖެހިތަން ދުށް ކަމަށާއި؛ އެތަނުން މާރާމާރީ ހިންގި މީހުން ދުވެފައި ދިޔައީ އެކުގައި ކަމަށެވެ.
ސިއްރު ހެކި 1 ސިއްރު ހެކި 2
ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި ބަޔަކު ތަޅައިގަނެގެން އުޅޭތީ، އެތަނަށް އޭނާ ދިޔަކަމަށާއި މާރާމާރީ ހިނގިތަން ދުށް ކަމަށް. ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި މާރާމާރީ ހިނގިއިރު އޭނާ އެތަނުގައި ހުރި ކަމަށާއި، މާރާމާރީ ހިނގިތަން ދުށް ކަމަށް.
މާރާމާރީގައި ބައިވެރިވި މީހުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު އެނގޭ ކަމަށް. މާރާމާރީގައި ބައިވެރިވި މީހުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު އެނގޭ ކަމަށް.
މާރާމާރީ ހިނގިއިރު އެންމެ ކުރީގައި ތިބީ ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު ކަމަށް. މާރާމާރީ ހިންގުމުގައި ޢަބްދުﷲ ނަޡީފް އާއި މުޙައްމަދު ޝިފާޢު ބައިވެރިވި ކަމަށް.
މުޙައްމަދު ޝިފާޢު، އަޙްމަދު މިރުޒާގެ ބޮލުގައި ލަޓިބުރިއެއް ކަހަލަ ދިގު އެއްޗަކުން ޖެހިތަން ދުށް ކަމަށާއި، އެކަން ޔަގީން ކަމަށް. މާރާމާރީ ހިނގި އިރު މުޙައްމަދު ޝިފާޢު، މަރުވި ކުއްޖާގެ ގައިގައި ހިފަހައްޓައިގެން އަތުން ޖަހައި، ތަޅައި، ހެދިކަމަށް. މުޙައްމަދު ޝިފާޢު، މަރުވި ކުއްޖާގެ މޭމަތީގައި ގޮށްމުށްކަވާފައި ޖެހި ހަނދާނެއް ވާކަމަށް.
މުޙައްމަދު ޝިފާޢު އަޙްމަދު މިރުޒާގެ ބޮލުގައި ޖެހުމުން އަޙްމަދު މިރުޒާ ބިންމައްޗަށް ވެއްޓުނު ކަމަށާއި؛ އަޙްމަދު މިރުޒާ ވެއްޓިފައި އޮތް ގަޑީގައި އަޙްމަދު މިރުޒާގެ ގައި މައްޗަށް ޢަބްދުﷲ ނަޡީފު ފުންމައިގެން ކޮޅަށް އެރިކަމަށް. އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑި ފާޑެއްގެ އެއްޗަކުން ޢަބްދުﷲ ނަޡީފް ޖަހަނިކޮށް ދުށް ކަމަށް؛ އަދި އަޙްމަދު މިރުޒާ ވެއްޓުމުން މޫނުމަތީގައި ޢަބްދުﷲ ނަޡީފް ކޮޅުފައިން ޖެހިތަން ދުށް ކަމަށް.
މާރާމާރީ ހިންގި އެންމެން ދުވެފައި ދިޔައީ އެއްކޮށް ކަމަށް. މާރާމާރީ ހިންގި އެންމެން ދުވެފައި ދިޔައީ އެއްކޮށް ކަމަށް.
މަތީގައި ބަޔާންކުރި ހެކިންގެ ހެކިބަހުންނާއި ކޯޓަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި އެހެނިހެން ކިތާބީ ހެކިތަކުން އަންނަނިވި ކަންކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެފައިވެއެވެ.
(ހ) 11 އޭޕްރީލް 2011 ވަނަ ދުވަހު ހަވީރު ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި އަޙްމަދު މިރުޒާ ހުއްޓާ، ޖަމާއަތެއް ހަދައިގެން އެކުގައި އެ ތަނަށް އައި ބަޔަކު، އަޙްމަދު މިރުޒާއަށް ހަމަލާދީ މާރާމާރީއެއް ހިނގިކަން.
(ށ) ޖަމާއަތެއް ހަދައިގެން އައިސް އަޙްމަދު މިރުޒާއަށް ހަމަލާދީ މާރާމާރީ ހިންގި މީހުންގެ ތެރޭގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ވެސް ހަރަކާތްތެރިވެފައިވާކަން.
(ނ) މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް އަޙްމަދު މިރުޒާއަށް ހަމަލާދީފައިވާކަން.
(ރ) މާރާމާރީގެ ތެރޭގައި ކޮންމެވެސް ހަތިޔާރަކުން އަޙްމަދު މިރުޒާގެ ބޮލުގައި ޖަހައި ބޮލުގެ ނާށިގަނޑު ފަޅާލާފައިވާކަން.
(ބ) އަޙްމަދު މިރުޒާ މަރުވެފައިވަނީ މަރާމާރީއެއްގެ ސަބަބުން ލިބުނު އަނިޔާއާއި ގުޅިގެން، ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑީގެ ތެރެއަށް ލޭ ޖަމާވެ، ސިކުނޑި ތެރެ ދުޅަވުމުގެ ސަބަބުންނާއި، ހަށިގަނޑުގައި އޮކްސިޖަން ހުންނަންވާ ވަރަށް ވުރެ އޮކްސިޖަން ދަށްވެ، ލޭގެ ޕްރެޝަރާއި ވިންދު ދަށްވެގެން ކަން.
(ޅ) އަޙްމަދު މިރުޒާގެ ބޮލުގައި މަރުގެ ގުއްޓު ޖަހާފައިވަނީ މީހަކު މަރާލެވިދާ ފަދަ އެއްޗަކުންކަން.
އިސްވެދިޔަ 113 ވަނަ ޕެރެގްރާފުގައި ބަޔާންކުރިކަންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވި ނަމަވެސް، މާރާމާރީ ހިންގި މީހުންގެ ތެރެއިން އަޙްމަދު މިރުޒާގެ ބޮލުގައި މަރުގެ ގުއްޓު ޖެހީ ކާކުކަން ނުވަތަ ދެ މީހުން ވެސް އަޙްމަދު މިރުޒާގެ ބޮލުގައި އެއްޗަކުން ޖެހީކަން ޔަގީން ކަމާއެކު ބުނަން ނޭނގެއެވެ.
އެހެންކަމުން، މި މައްސަލައިގައި ސިއްރު ހެކި ނަންބަރު 1 އާއި ސިއްރު ހެކި ނަންބަރު 4 ގެ ހެކިބަހުގައި ހުރި ކަންކަމުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ހެކިބަހުގައި ފުށުއަރާކަމަށް ފާހަގަކުރާ ވާގިއާއަކީ އެ މާރާމާރީގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން އަޙްމަދު މިރުޒާގެ ބޮލުގައި ލަޓިބުރިއެއް ނުވަތަ ލަކުޑިބުރިއަކުން ޖެހީ ކާކުތޯ ނުވަތަ ދެ މީހުންވެސް ވަކިވަކީން ޖެހީތޯ މި ވާގިއާއާ މެދުގައެވެ. ލަކުޑި ބުރިން އަޙްމަދު މިރުޒާގެ ބޮލުގައި ޖެހީ މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފްއާ ދެމީހުންކުރެ މުޙައްމަދު ޝިފާޢުތޯ ނުވަތަ ޢަބްދުﷲ ނަޡީފްތޯ ނުވަތަ ދެ މީހުންވެސް ޖެހިތޯއެވެ. މި ފަރަގު މިހެންހުރި ނަމަވެސް، މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް، ހިމެނޭ ޖަމާއަތަކުން އަޙްމަދު މިރުޒާއާ މެދު ހިންގި މާރާމާރީގެ ތެރޭގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް، އަޙްމަދު މިރުޒާގެ ގައިގައި ތެޅިކަން ސިއްރު ހެކި ނަންބަރު 1 އާއި ސިއްރު ހެކި ނަންބަރު 2 ގެ ހެކިބަހުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
މި މައްސަލައިގައި ގޮތް ކަނޑައަޅަން އޮތް އެއް ސުވާލަކީ، ސިއްރު ހެކި ނަންބަރު 1 އަދި ސިއްރު ހެކި ނަންބަރު 4 ގެ ބަޔާނަށް ބެލުމުން، އަޙްމަދު މިރުޒާއާމެދު މާރާމާރީ ހިންގުމުގައި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފް ބައިވެރިވިކަން ސާބިތުވާން އޮތްނަމަވެސް، މާރާމާރީ ހިންގުމުގައި އެއިން ކޮންމެ މީހަކު ކޮށްފައިވަނީ ކޮންކަމެއްކަން ވަކިވަކިން ސާފުކޮށް ނޭނގޭ ނަމަ، ނުވަތަ މާރާމާރީގެ ތެރޭގައި މަރު މެދުވެރި ކުރުވި ގުއްޓު ޖެހީ ކާކުކަން ނޭނގޭނަމަ، އެ މާރާމާރީގެ ބައިވެރިންގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުކުރެވިދާނެތޯއެވެ.
ޖަމާއަތަކުން މީހަކު މެރުންދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ވަކިވަކީން ކުރާ އަމަލެއްގެ ސަބަބުން ވަކި ނަތީޖާއެއް ނުކުމެއްޖެ ހިނދެއްގައި، އަދި އެއިން އެކަކު ކުރާ އަމަލެއްގެ ސަބަބުންވެސް އެ ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމަށްވާނަމަ، ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެވާ ހާލަތަށް އެއިން ކޮންމެ މީހެއްގެ އަމަލުވެސް ފެތޭކަމަށް ބެލެވޭނެ ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ނަތީޖާ އަކީ، މީހަކުކުރި ވަކި އަމަލަކުން ނޫންގޮތަކަށް ނުކުންނާނެ ނަތީޖާއެއް ކަމަށް ނުވާނަމަ، އެއީ އެ މީހެއްގެ އަމަލުން ނިކުތް ނަތީޖާއެއް ކަމަށް ބެލެވޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ) ބުނާގޮތުން އެ މާއްދާގެ އެ އަކުރުގައި ބުނެފައިވާ ތިން ހާލަތުގައި، މީހަކުކުރާ އަމަލަކަށް އެ އަމަލުކުރި ފަރާތުގެ އިތުރުން އެހެން މީހުން ޒިއްމާކުރުވިދާނެކަން އެނގެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާއެކު ބައިވެރިވި މީހުން، މިގޮތަށް ބަޔާންކޮށްފައި އޮތް އޮތުން ޚާއްސަގޮތެއްގައި ފާހަގަކުރަމެވެ. މީގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގައި، "އިންތިޒާމުކުރި މީހާ" އާއި "އިސްކޮށް ހަރަކާތްތެރިވި މީހާ" އާއި އެ މީހާއާ އެކު އެ ކުށުގައި "ބައިވެރިވި" މީހާ އާއި "ނިސްބަތުން ކުޑަމިންވަރަކަށް ބައިވެރިވި މީހާ" ފަރަގުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް ބައެއް މައްސަލަތަކުގައި، އެ ކަންކަން ނުވަތަ ކުށުގެ ބައިވެރިން ކުށުގައި ބައިވެރިވި މިންވަރު ނުވަތަ އެ މީހެއްގެ ހިއްސާ ފަރަގުކޮށް ޝަރީއަތުގައި ފާހަގަ ކޮށްދިނުމަކީ ޕްރޮސިކިއުޝަނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ފަރަގު ޕްރޮސިކިއުޝަނަށް ފާހަގަކޮށް، ދައްކައިދެވޭނަމަ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ބީދައިން އެ މީސްމީހުން ކުށްކުރުމުގައި ބައިވެރިވި މިންވަރަށް ނިސްބަތްކޮށް އެ މީސްމީހުންނަށް ދެވޭ އުގޫބާތުގެ ދަރަޖަ އެ މާއްދާގައި ބުނެފައިވާ ގޮތަށް ތަފާތުކުރެވިދާނެއެވެ. ކުށްކުރުން "އިންތިޒާމުކުރި މީހާ" ނުވަތަ ކުށުގައި "އިސްކޮށް ހަރަކާތްތެރިވި މީހާ" އާއި އެ މީހާއާ އެކު އެ ކުށުގައި "ބައިވެރިވި" މީހާ ނުވަތަ "ނިސްބަތުން ކުޑަމިންވަރަކަށް ބައިވެރިވި މީހާ" ޕްރޮސިކިއުޝަނުން ފަރަގުކޮށް ޝަރީއަތުގައި ފާހަގަކުރުމަކީ މުސްތަހީލުކަމަކަށްވާ ހާލަތުގައި އެ މީހަކު ކުށްކުރުމުގައި ކޮންމެވެސް އެއް ސިފައެއްގައި ބައިވެރިވިކަން ސާބިތުކޮށްދިނުމުން ފުދެއެވެ. އަތުގައި މި އޮތް މައްސަލައަކީ އެ ބާވަތުގެ މައްސަލައެކެވެ. މި މައްސަލައިގައި، އަޙްމަދު މިރުޒާއަށް އަނިޔާކުރުމުގެ ނިޔަތުގައި، މި މުޙައްމަދު ޝިފާޢު އާއި ޢަބްދުﷲ ނަޡީފްއާ ދެ މީހުން ހިމެނޭ ޖަމާއަތުން އަޙްމަދު މިރުޒާގެ ގައިގައި ތަޅައި އަޙްމަދު މިރުޒާއަށް އަނިޔާކުރިކަން ސާބިތުވެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އަޙްމަދު މިރުޒާ މަރުވީ އެ މާރާމާރީގައި ލިބުނު އަނިޔާއިންނެވެ.
މީހަކު މެރުމުގެ ކުށް އެންމެ މީހަކުވެސް ކޮށްފާނެއެވެ. އަދި މީހަކު މެރުމުގެ ކުށް އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެންވެސް ކޮށްފާނެއެވެ. އިސްލާމީ ޝަރީޢަތުގެ ފިގުހުވެރިން އިއްތިފާގުވެފައިވާ ގޮތުގައި ޖަމާއަތަކުން މީހަކު މަރައިފިނަމަ އެ އެންމެންގެ މައްޗަށް ގިސާސްގެ އަދަބު ދެވިދާނެ އެވެ. މި ރައުޔު ބިނާވެފައިވާ އަސާސަކީ ގަތުލުގެ އަމަލަކީ ވަކި އަމަލަކަށްވާއިރު، އެ އަމަލުކުރުމުގައި ބައިވެރިވީ ކިތަންމެ ގިނަ ބަޔަކު ކަމުގައިވީ ނަމަވެސް، އެ އަމަލުކުރި ކަމުގެ މައްޗަށް އަދަބު ދިނުމެވެ. ގިނަ ބަޔަކު ކުށްކުރުމުގައި ބައިވެރިވުމަކީ ގިސާސް ހިފުމަށް އޮންނަ ހުރަހަކަށް ވެގެން ނުދިއުމެވެ. އޭގެ މިސާލެއްގެ ގޮތުން، އެކަކަށްވުރެ ގިނަ މީހުންވެގެން ކުޑަފިރިހެން ކުއްޖަކު މަރާލުމުން ކުށުގައި ބައިވެރިވި އެންމެންގެ މައްޗަށް ގިސާސްގެ އަދަބު ތަންފީޒުކުރުމަށް އުމަރުގެފާނުގެ ޚަލީފާކަމުގައި އެކަލޭގެފާނު އެންގެވިއެވެ. އަދި ހަމައެގޮތަށް 3 (ތިނެއް) މީހުންވެގެން އެކަކު މަރާލުމުން އެ އެންމެނަށް ގިސާސްގެ އަދަބު ދިނުމަށް ޢަލީގެފާނު އަންގަވާފައި ވެއެވެ. ފިގުހުވެރިން އިއްތިފާގު ވެވަޑައިގަންނަވާ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ވެގެން މީހަކު މަރާ ހާލަތުގައި އެއިން ކޮންމެ މީހަކު މަރުވި މީހާގެ ގައިގައި ޖަހާ ގުއްޓަކީ މަރު މެދުވެރިވުމަށް ފުދޭ މިންވަރުގެ ގުއްޓެއް ކަމަށްވާނަމަ، އެއިން ކޮންމެ މީހަކީ ގަސްތުގައި މީހަކު މެރި މީހަކު ކަމުގައި ބެލެވޭނެއެވެ. ކޮންމެ މީހެއްގެ މައްޗަށް ގިސާސްގެ އަދަބު ކަނޑައަޅަންވާނެއެވެ. ހަމައެގޮތަށް މަރުގެ ކުށްކުރުމުގައި ބައިވެރިވި މީހުންގެ ތެރެއިން މަރު މެދުވެރިވުމަށް ފުދޭ އަމަލުކުރީ ޢުދުވާނީ ގޮތެއްގައި އަދި ގަސްތުގައި ނަމަ، ކާކުކަން ވަކިކޮށް ފާހަގަ ކުރަން ނޭނގުނު ނަމަވެސް، އެ ހާލަތުގައި އެ އެންމެންގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާނެއެވެ. ފަހުން މި ބަޔާންކުރި ރައުޔަކީ އިމާމް މާލިކް އާއި ބައެއް ހަނަފީންނާއި ބައެއް ޝާފިއީންގެ ރައުޔެވެ. އަދި މި ހުރިހާ ހާލަތެއްގައިމެ، މަރުވި މީހާގެ ގައިގައި ޖެހި ގުއްޓަކީ މަރު މެދުވެރިވެދާނެ ގުއްޓެއްކަން ނުވަތަ ނޫކަން، ނުވަތަ ހަމަލާދިން ވަކިވަކި މީހުންގެ ޢަމަލުތަކަކީ، މަރު މެދުވެރިވެދާނެ ޢަމަލެއްކަން ނުވަތަ ނޫންކަން ދެނެގަންނާނީ ޚަބީރުންގެ ބަހުންނެވެ. ނަމަވެސް އިމާމް އަބޫހަނީފާ އާއި، އިމާމް ޝާފިޢީ އާއި، އިމާމް އަޙްމަދުގެ ރައުޔަކީ ދެވަނަ ހާލަތުގައި އެ މީހުން ކުޅަ އަނިޔާއަށް އަދަބު ދިނުމެވެ. ޖުމްހޫރު އިލްމުވެރިން ވިދާޅުވާގޮތުން، ކުރިން ރާވައިގެން ހިނގާ ގަތުލެއްގައި، ހުރިހާ އެންމެންގެ އަމަލަކީ ގަތުލުވެގެންދާނެ އަމަލަކަށް ނުވި ނަމަވެސް، އެއިގެ ތެރެއިން ކޮންމެ މީހަކުވެސް މަގުތޫލުގެ ގައިގައި ގަސްތުގައި ޖަހާފައިވާ ނަމަ، އެންމެންގެ މައްޗަށް ގިސާސްގެ އަދަބު ދެވޭނެއެވެ. "މިސާލަކަށް އެ މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ދަނޑިބުރިއަކުން ނުވަތަ ކުޑަހިލައަކުން ޖެހުމުން މަރުވުމެވެ." އަދި މިގޮތުން ޖަހާ ޖެހުމަކީ އަދާވާތްތެރި ކަމުގެ ގޮތުން ކޮންމެ މީހަކުވެސް ޖަހާ ޖެހުމަކަށް ވާން ޖެހޭނެއެވެ.
ފިގުހުވެރިންގެ ލިޔުއްވުންތަކުން އެނގެނީ، އެކަކަށްވުރެ ގިނަ މީހުންވެގެން ކުރާ މަރުގެ ކުށްތަކުގައި، އެކި މީހުންގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ވަކިކުރަން ނޭނގޭ ހާލަތުގައި (މަރުވުމަށް މެދުވެރިކުރި ގުއްޓު އެޅީ އެ މީހުންގެ ތެރެއިން ކާކުކަން ނޭނގޭ ހާލަތުގައި)، ބައެއް ފިގުހުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެ އަމަލުގައި ބައިވެރިވި އެންމެންގެ މައްޗަށް ގަސްތުގެ މަރުގެ ކުށް ސާބިތުވާނެއެވެ. އެހެން ބައެއް ފިގުހުވެރިންގެ ނަޒަރުގައި، އެ މީހުންގެ މައްޗަށް އަދަބު ދޭންވާނީ މަގްތޫލުއަށް އެ މީހަކު ދިން އަނިޔާއަށެވެ.
އެކަކަށްވުރެ ގިނަ މީހުންވެގެން ކުރާ މަރުގެ ކުށްތަކުގައި، ޚާއްސަކޮށް މާރާމާރީތަކުގައި، އެކި މީހުންގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ވަކިކުރަން ނޭނގޭ ހާލަތުގައި، އަހުރެން ބުރަވަނީ، މަތީގައި ބަޔާންވެދިޔަ ފިގުހުވެރިންގެ ރައުޔުތަކުގެ ތެރެއިން އެ ކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ގަސްތުގެ މަރުގެ ކުށް ސާބިތުވާނެ ކަމަށް ވިދާޅުވާ ފިގުހުވެރިންގެ ރައުޔަށެވެ. މި ރައުޔަށް ބުރަވެފައިމިވަނީ ޢުމަރުގެފާނުގެ އަންނަނިވި ބަސްފުޅުގެ އަލީގައެވެ.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ غُلاَمًا، قُتِلَ غِيلَةً فَقَالَ عُمَرُ لَوِ اشْتَرَكَ فِيهَا أَهْلُ صَنْعَاءَ لَقَتَلْتُهُمْ. وَقَالَ مُغِيرَةُ بْنُ حَكِيمٍ عَنْ أَبِيهِ إِنَّ أَرْبَعَةً قَتَلُوا صَبِيًّا فَقَالَ عُمَرُ مِثْلَهُ.
"ޞަންޢާގެ އެންމެހާ އަހުލުވެރިން އެ ކުށުގައި ބަވެރިވިނަމަ، އަހުރެން އެހުރިހާ އެންމެން ގަތުލުކުރީމުހެވެ."
އެހެނީ، ޢުމަރުގެފާނު ޔަމަނުގެ ގާޒީއަށް ލިޔުއްވި ސިޓީފުޅުގައި އެ މައްސަލައިގައި ހިމެނޭ ކުޑަ ފިރިހެން ކުއްޖާގެ މަރުގެ މުއާމަލާތުގައި ބައިވެރިވި އެކި މީސްމީހުންގެ އަމަލު ވަކިވަކިކޮށް ކުށުގެ ޒިއްމާ ތަފާތުކުރުމަށް އަންގަވާފައި ނުވެއެވެ. މީގެ އިތުރުން، މި ޒަމާނުގައި މަރުގެ އަމަލުކުރުމުގައި ބައިވެރިވި އެންމެން ބޮލުކޮއްޕި އަޅައި މޫނު ނިވައިކޮށްގެން ތިބޭ ހާލަތުގައި، މިނޫން ރައުޔަކަށް ބުރަވެއްޖެ ނަމަ، އެ އެންމެން ގިސާސްގެ އަދަބުން ސަލާމަތްވުމަށް މަގުފަހިވާނެއެވެ. އަދި ޖަމާއަތެއް ހަދައިގެން މާރާމާރީ އެއް ހިނގާއިރު އެ ތަނުން މަރުގެ ގުއްޓު އަޅާމީހާ އެކަނި މޫނު ނިވާކުރިއަސް އެ އެންމެން މަރުގެ އަދަބުން ސަލާމަތް ވެގެންދާނެއެވެ. އިސްލާމީ ޝަރީޢާގައި ގިސާސްގެ އަދަބު ކަނޑައަޅުއްވާފައިވަނީ ވަކި އަމަލަކަށެވެ. އެއީ ހައްގަކާ ނުލައި މީހަކު މެރުމުގެ އަމަލަށެވެ. އެ އަމަލުކުރުމުގައި ބައިވެރިވީ ކިތައް މީހުންތޯ ބަލަން ނުޖެހެއެވެ. ޔަމަނުގެ މައްސަލަ ތަހުގީގުކުރެއްވުމަށްފަހު ޢުމަރުގެފާނު ނިންމެވީ އެކަމުގައި ބައިވެރިވި އެންމެން ގަތުލުނުކުރާނަމަ (ކުށުގެ އުގޫބާތެއްގެ ގޮތުން) އާންމުންގެ ފުރާނައަށް ރައްކަލެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، މި ކުށަކީ އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގި ޖަރީމާއެއް ކަމަށްވާތީ، މަރުގެ ސަބަބެއް ކަމުގައިވި އެތި ފަހަރު ޖެހި މީހަކީ މިތަނުން ކާކުކަން އެއީ ޔަގީނީކޮށް ބަލަންޖެހޭ ނުކުތާއެއް ނޫން ކަމަށާއި، މިއީ އިސްލާމީ ފިގުހުގައި ބަޔާންކުރާ ތަމާލުއުގެ މައްސަލަތަކުގައިވެސް އަދި އެހެނިހެން ޖުރިސްޑިކްޝަން ތަކުގައިވެސް މިކަން އޮތް ގޮތްކަމަށާއި، މި މައްސަލައިގައި އަޙްމަދު މިރުޒާގެ ބޮލުގައި ލަކުޑިގަނޑެއް ފާޑުގެ އެއްޗަކުން (ލަޓިބުރިއަކުން) ޖެހުމާއެކު އޭނާ ބިންމައްޗަށް ވެއްޓުމުން ފުންމައިގެން އޭނާގެ ގައިމައްޗަށް ޢަބްދުﷲ ނަޡީފް އެރިކަމާއި، މިކަންކަމުގައި އެއްވެސް ޝުބުހައެއް ނެތް ކަމަށްވާތީވެ، ޢަބްދުﷲ ނަޒީފުގެ މައްޗަށް ގަސްތުމަރުގެ ކުށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގެ ވާގިއާތަކަށް ބަލާއިރު، 11 އޭޕްރީލް 2011 ވަނަ ދުވަހު ހަވީރު ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި މަގްތޫލު ހުއްޓާ، ޖަމާއަތެއް ހަދައިގެން އެކުގައި އެ ތަނަށް އައި ބަޔަކު މަގުތޫލަށް ހަމަލާދީ މާރާމާރީއެއް ހިނގިކަމާއި އަދި އެ މާރާމާރީގައި ލިބުނު އަނިޔާއިން މަގްތޫލު ނިޔާވެފައިވާކަން އެއްވެސް ޝައްކެއް ނެތި ސާބިތުވެއެވެ. އަދި ޖަމާއަތެއް ހަދައިގެން އެކުގައި އައިސް މަގްތޫލުއަށް ހަމަލާދީ މާރާމާރީ ހިންގި މީހުންގެ ތެރޭގައި ޢަބްދުﷲ ނަޡީފް ހިމެނޭ ކަމާއި އެ މާރާމާރީގައި ބައިވެރިވި އެހެން މީހުންނާއެކު ޢަބްދުﷲ ނަޡީފް ރުޅިވެރިކަމާއެކު މަގްތޫލުއަށް ހަމަލާދިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. އެކަކަށްވުރެ ގިނަ މީހުންވެގެން ކުރާ މަރުގެ ކުށްތަކުގައި، އެކި މީހުންގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ވަކިކުރަން ނޭނގޭ ހާލަތުގައި (އެ ތަނުން މަރުވުމަށް މެދުވެރިކުރި ގުއްޓު އެޅީ ކާކުކަން ނޭނގޭ ހާލަތުގައި)، މެރުމުގައި އަމަލީ ގޮތުން ބައިވެރިވެ، މަގްތޫލުގެ ގައިގައި ރުޅިވެރިކަމާއެކު ޖެހި އެންމެންގެ މައްޗަށް ގަސްތުގެ މަރުގެ ކުށް ސާބިތުވާނެތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި އޮތްކަމަށް ނުދެކެމެވެ.
މި މައްސަލައިގައި 11 އޭޕްރީލް 2011 ވަނަ ދުވަހު ހަވީރު ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި މަގްތޫލު ހުއްޓާ، ޢަބްދުﷲ ނަޡީފް ހިމެނޭގޮތުން މަގްތޫލުއަށް ހަމަލާ ދިނުމަށްޓަކައި ޢަބްދުﷲ ނަޡީފް ހުރިތަނަށް އައި ޖަމާއަތް އެ ތަނަށް އައީ އެކުގައި ކަމާއި، މަގްތޫލަށް ހަމަލާދިނުމަށްފަހު އެ ޖަމާއަތުގެ އެންމެން ދިޔައީ އެކުގައި ކަމަށް ވުމުން، އެ ޖަމާއަތުގެ އެންމެން އެ ތަނަށް އައީ އެއް ނިޔަތެއްގައި ޢަބްދުﷲ ނަޡީފްއަށް ހަމަލާ ދިނުމަށް ދުރާލާ ރާވައިގެން، އެ ރޭވުން ތަންފީޒުކުރަންކަން އެ މީހުންގެ އަމަލުން ދޭހަވެއެވެ. އެއީ ބަޔަކު ތަނެއްގައި ތިބެފައި ކުއްލިއަކަށް ތަޅައިގަތް ތަޅައިގަތުމެއް ނޫނެވެ. އަދި ކުއްލިއަކަށް ބަޔަކު ތަޅައިގަތް ތަޅައިގަތުމެއްގެ ތެރޭގައި އެ ތަނުން އެކަކު މަގްތޫލުގެ ގައިގައި މަރުގެ ގުއްޓެއް އެޅި މައްސަލައެއް ނޫނެވެ. މި މައްސަލައަކީ، ދުރާލައި ރާވާފައިވާ ރޭވުމެއް ނެތި، ކުއްލިއަކަށް ބަޔަކު ތަޅައިގަތް ތަޅައިގަތުމެއްގެ ތެރޭގައި އެ ތަނުން އެކަކު މަގްތޫލުގެ ގައިގައި މަރުގެ ގުއްޓިއެއް އެޅި މައްސަލައެއް ނަމަ މި މައްސަލައިގައި އަހުރެންގެ ރައުޔު ތަފާތުވީހެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މުޙައްމަދު ނަޖާހު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ 33 ވަނަ ޕެރެގްރާފުގައި އަހުރެން ބުނިފަދައިން، ޖިނާއީ މިފަދަ މައްސަލަތަކުގައި އައިބެއްނެތް ފުރިހަމަ ހެކި ލިބުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ހުރިހާ ޖިނާއީ މައްސަލަތަކުގައި ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫމަތިން އައިސްފައިވާ ޚިޔާލީ ވާހަކައެކެވެ. އިސްލާމީ ޝަރީއަތުގައި ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންވަރުކަމަށް އެންމެހާ ފިގުހު އިލްމުވެރިން އިއްތިފާގުވެއެވެ. މިއީ އިސްލާމީ ޝަރީއަތުގައި ޚިލާފުއޮތް މައްސަލައެއް ނޫނެވެ. ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) ގެ އިބާރާތަށް ބަލާއިރު އެ އިބާރާތުގައި "މީހެއްގެ މައްޗަށް މަރުގެ ހުކުމްކުރުމަށްޓަކައި ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެ" ކަމަށާއި، އަދި . . . އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ސާބިތުކޮށްދޭން ވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އަމަލީގޮތުން ޔަގީންކުރެވޭ މިންގަނޑުކަން ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) އިން އެނގޭއިރު، އެ މިންވަރަކީ އިސްލާމީ ޝަރީއަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަން އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގޭތީވެ، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތުންނާއި 1205 ވަނަ މާއްދާގެ (ހ) އިން އެ މިންގަނޑަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ގަބޫލުނުކުރެވެއެވެ. ވީމާ ދައުވާކުރާ ފަރާތުން ގަސްތު މަރުގެ ކުށް ސާބިތުކޮށްދޭންޖެހޭ މިންވަރަކީ ކޮބައިތޯ ބެލުމަށްޓަކައި ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތާއި 1205 ވަނަ މާއްދާގެ (ހ) ކިޔަންވާނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) އަށް ތަބައަވާ ގޮތަށެވެ.
މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/369 ޤަޟިއްޔާގެ ހުކުމަށް ތާއީދުކުރަމެވެ.
މައްސަލައިގައި ހުކުމްކުރަން ފެންނަ ގޮތްޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށް ޙަވާލާދީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ޢަބްދުﷲ ނަޡީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އަޙްމަދު މިރުޒާގެ މަރުގެ ބަދަލުގައި އަޙްމަދު މިރުޒާގެ ހުރިހާ ވާރިޘުން ބޭނުންވަނީ ޤިޞާޞް ހިފަން (މަރަށް މަރު ހިފަން) ކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޢަބްދުﷲ ނަޡީފްއާއި މުޙައްމަދު ޝިފާޢު މެރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާއިގައި ޙުކުމް ކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާގެ ހުކުމަށް ތާއީދުކޮށްފައިވެއެވެ.
މަތީގައިވާ ގޮތަށް، ކްރިމިނަލް ކޯޓުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނިކޮށް، އަޙްމަދު މިރުޒާގެ ހުރިހާ ވާރިސުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ޢަބްދުﷲ ނަޡީފްއަށް މައާފުދީ ގިސާސް ހިފަން ބޭނުންނުވާކަމަށް ބުނެ އެގޮތަށް ބަޔާން ދީފައި ވެއެވެ.
ގިސާސްގެ މައްސަލަތަކުގައި މަގްތޫލުގެ ވާރިސުން ގާތިލަށް މައާފުދީ ގިސާސް ހިފަން ބޭނުންނުވާކަމަށް ބުނި ނަމަވެސް، މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު [2021] SC 96 ގައި އަހުރެން ބަޔާންކުރި ފަދައިން މިފަދަ މައްސަލަތަކުގައި ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު އިސްލާމީ ޝަރިޢާގައި ހާކިމާއަށް ލިބިގެންވާތީވެ، ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އަދަބު ކަނޑައެޅުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރަންޖެހޭ ކަމަށް ދެކެމެވެ.
މަތީގައި މި ރައުޔުގައި މި ބަޔާންކުރި ކަންކަމުގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާ މާނަކުރުމާބެހޭ ގޮތުން، މި މައްސަލައިގައި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ލިޔުއްވާފައިވާ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލަ ހައިކޯޓުން ނިންމުމުގައި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކަށް ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނެ ޢަބްދުﷲ ނަޡީފްގެ ފަރާތުން ތަފުސީލުކޮށް ވާހަކަ ދައްކާފައިވާ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގުޅޭ ގޮތުން، ޝަރީޢަތަށް ހުށަހެޅުނު ކަންކަމާ ގުޅިގެން އަހުރެން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި އޮތީ "މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތު ކޮށްދޭން ވާނެއެވެ. އަދި އެ މީހަކު އެ ކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން ޢަމަލީ ގޮތުން ޔަޤީން ކުރެވޭ މިންވަރަށް ދައުލަތުން ސާބިތު ކޮށްދޭން ވާނެއެވެ." މި ފަދައިންނެވެ. މި އަކުރުގައި ބަޔާން ކޮށްފައި މިވަނީ، މަރުގެ ޙުކުމް ކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ސާބިތު ކޮށްދިނުމުގެ ބުރަ އާއި، އެއިގެ މިންގަނޑެވެ. އުފުލަންޖެހޭ ބުރައަކީ، ކުށުގެ އެންމެހައި ރުކުންތައް ސާބިތު ކޮށްދިނުމެވެ. އެއިގެ މިންގަނޑަކީ ޢަމަލީ ގޮތުން ޔަޤީން ކުރެވޭ މިންވަރެވެ.
މި މާއްދާގެ (ށ) އަށް ބަލާއިރު އެ އަކުރުގައި އޮތީ، މަރުގެ ޙުކުމެއް އަތުވެދާނެ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހާ އިޢުތިރާފުވުމާއި، މަރުގެ ޙުކުމެއް އަތުވެދާނެ ކުށެއް ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ހަމައެކަނި އިޢުތިރާފު ބޭނުން ކުރުމާބެހޭ އުސޫލުތަކެވެ.
އެއަށްފަހު، މި އަކުރުގެ (ނ) ގައި އޮތީ ހެކީގެ މިންވަރާ ގުޅޭ އުސޫލުތަކެވެ. މި އުސޫލުތައް ބަޔާން ކުރަމުން މި އަކުރުގެ (1) ވަނަ ނަންބަރުގައި ބުނެފައިވަނީ، "މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތު ކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެއެވެ." މި ފަދައިންނެވެ. އަދި (2) ވަނަ ނަންބަރުގައި އޮތީ، "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މާއްދާގެ (ހ) ގައިވާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެއެވެ." މިހެންނެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ 1204 ގެ (ނ) ގެ 02 ވަނަ ނަންބަރުގައި މި ބަޔާންކުރާ އުސޫލުތަކަކީ، ޝަރީޢަތުގައި ހެކިބަސްދޭ ޝަފަހީ ހެކިންގެ ހެކިބަހުގައި ފުށުއެރުމެއް ހުރި ނަމަ، އެ ކަންކަން ފާހަގަކޮށް އެ ފުށުއެރުމާމެދު ގޮތެއް ނިންމުމަށް ބޭނުން ކުރެވޭނެ އުސޫލުތަކެއް ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމުގައި މި މާއްދާ ޤާނޫނުގައި އޮތް ގޮތަށް އެކުއެކީގައި ކިޔާލުމުން ދޭހަވަނީ، 02 ވަނަ ނަންބަރުގައި ބުނާ އުސޫލަކީ ހެކިންގެ ހެކިބަސް ފުށުއެރުމާ ގުޅޭ އުސޫލެއް ނޫންކަމެވެ. މި އުސޫލަކީ، ދަޢުވާލިބޭ މީހާ އިޢުތިރާފުވުމަށް ފަހު، އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރު ކުރުމުގެ ބޭނުމަށް އެކަށައެޅިފައިހުރި އުސޫލުތަކެކެވެ. އަދި 01 ވަނަ ނަންބަރުގައިވާ އުސޫލަކީ، ޝަފަހީ ހެކިންނާގުޅޭ އުސޫލުތަކެވެ. މިކަމަށް ބާރުލިބޭ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެވެ.
ޝަރީޢަތުގައި ސާބިތު ކުރުމުގެ ޒިންމާއެއް ޢާންމު ހާލަތުގައި އުފަންވާނީ، އިންކާރު ކުރުމެއް، ދެކޮޅު ހެދުމެއް، ދެބަސްވުމެއް ނުވަތަ ކުރިމަތި ކުރާ ދަފްޢެއްގެ ރައްދުގައެވެ. އެއް ފަރާތުން ހުށަހަޅާ ކަމަކަށް އަނެއް ފަރާތުން އެއްބަސްވާނަމަ، ޢާންމު އުސޫލުން އެކަމަށް އިތުރު ހެއްކެއް ބޭނުމެއް ނުވާނެއެވެ. މިއާ ޚިލާފަށް ކަމެއް ހިނގި ކަމަށް، ނުވަތަ ވުޖޫދުވި ކަމަށް އިންކާރު ކުރާނަމަ، އެކަމެއް ހިނގިކަން ނުވަތަ ވުޖޫދުވިކަން ސާބިތު ކުރުމަށްޓަކައި ހެކި ހުށަހަޅަން ޖެހެއެވެ. މި އުސޫލުގެ މައްޗަށް ކަންކަން ހިނގާނެ ގޮތް މަންޠިޤީ ގޮތުން ތަރުތީބު ކުރާއިރު، އިންކާރު ކުރާ ފަރާތުން ބުނާ ބުނުމާއި، އެއިގެ އިދިކޮޅު ސާބިތު ކުރަން ހުށަހަޅާ ހެކިތަކުން ދޭހަވާ ދޭހަވުން އެއްގޮތެއް ނުވާނެއެވެ. މިސާލަކަށް، ދަޢުވާ ރައްދުވާ ފަރާތުން "ތިމަންނަ މީހަކު ނުމަރަމޭ" ބުނާ ބުނުން ނަފީ ކުރުމަށްޓަކައި ހުށަހަޅާ ހެކިތަކުން ދޭހަވާންވާނީ ދަޢުވާ ލިބޭ މީހާ މީހަކު މެރިކަމެވެ.
މި އުސޫލުން 1204 ގެ (ނ) ގެ 02 ވަނަ ނަންބަރު ކިޔާއިރު، އެ އަކުރުގައި އޮތް "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާނަކީ" އެ ފަރާތުން ކުށަށް އިޢުތިރާފުވާ ޙާލަތުގައި އިޢުތިރާފުގެ ތަފުސީލުތައް ހިމެނޭ ބަޔާނެވެ. މި އިޢުތިރާފު ބަޔާނަކީ، އެ ބަޔާނުގައި ދަޢުވާ ރައްދުވާ ފަރާތުން ވެފައިވާ އިޢުތިރާފުގެ ޞައްޙަކަން ޝަރީޢަތުން ކަށަވަރު ކުރުމަށް އިތުރު ހެކި ބޭނުންވާ ބަޔާނެއްކަން މި މާއްދާގެ (ށ) ގައިވާ ޢިބާރާތުން އެނގެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ދަޢުވާ ރައްދުވާ ފަރާތުން ކުށަށް އިޢުތިރާފުވާ ހާލަތުގައި ވެސް، މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން އެ އިޢުތިރާފުގެ ޞައްޙަކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ ބޭނުމަށްޓަކައި ވެސް، ދަޢުވާ ރައްދުވާ ފަރާތުގެ އިޢުތިރާފު ބަޔާނާއި، ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެހެން ހެކިންގެ ބަޔާންތަކާއި ހެކިތައް އެއްގޮތްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލައި ވަޒަންކުރަން ޖެހެއެވެ. ކަން މިހެން އޮތުމުން، 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ އުސޫލަކީ ކުށަށް ތުހުމަތު ކުރެވޭ މީހާ އިޢުތިރާފުވާ ހާލަތުގައި އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރު ކުރުމުގައި ބޭނުން ކުރަން އޮތް އުސޫލެއް ކަމުގައި ފެނެއެވެ.
ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާނަކީ އެ ފަރާތުގެ އިޢުތިރާފު ބަޔާން ފިޔަވައި އެހެން ބަޔާނެއް ކަމުގައި ބަލައިގެން ކުރިއަށް ދާއިރު، ނުކުންނާނެ ނަތީޖާތަކަކީ ދެކޮޅު ޖެހޭނެ ނަތީޖާތަކެއް ނޫނެވެ. މި ގޮތުން ދަޢުވާ ރައްދުވާ ފަރާތުން ކުށަށް އިންކާރު ކުރާ ހާލަތުގައި އޭނާގެ ބަޔާނުގައި ކުށް ހިނގި ކަމަށް ބެލެވޭނެ ތަފުސީލު ތަކެއް ނުހިމެނޭނެއެވެ. އަދި މި ހާލަތުގައި އެ ބަޔާނާއި، އޭނާ ކުށް ކުރިކަން ސާބިތު ކުރުމަށް ހުށަހަޅާ ހެކިންގެ ބަޔާންތަކާ އެއްގޮތް ވުމަކީ މުސްތަހީލު ކަމެކެވެ. އަދި މި ހާލަތުގައި 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު އަކުރުން އަކުރަށް ތަޠުބީޤު ކުރުމުން ކުށް ކުރިކަމަށް ހެކި ލިބި، އެ ހެކީގެ ބަޔާނާއި ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން އެއްގޮތް ނުވުމުގެ ސަބަބުން އެ ހެކީގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުމަށް ހުރަސްއެޅި، އިންސާފު ގާއިމު ކުރުމަށް ކޯޓަށް އޮންނަ ބާރު ކެނޑިގެންދާނެއެވެ. މިއީ ޤާނޫނު މާނަ ކުރުމުގެ އުސޫލެއް ނޫނެވެ. އެހެނީ ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ، ޤާނޫނަކުން ކުރާނެ ކަމެއް ނޫނެވެ. އެފަދައިން ޤާނޫނު މާނަ ކުރުމުގައި އިފްތިރާޟު ނުކުރެވޭނެއެވެ.
ކަންމިހެން އޮތުމުން ޤާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތަކީ، ޝަފަހީ އެއް ހެއްކެއްގެ ހެކިބަސް އަނެއް ހެއްކެއްގެ ހެކިބަހާ ފުށުއަރާކަން ނުވަތަ ތަޢާރުޟުވާކަން ދެނެގަތުމަށް ބޭނުން ކުރެވޭނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުއޫދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުއޫދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމްމަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން:
މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ އަށް ތާއީދުކޮށްފީމެވެ.
ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި 1205 ވަނަ މާއްދާއަށް ޙަވާލާދީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ޢަބްދުﷲ ނަޡީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުމުން، އަޙްމަދު މިރުޒާގެ މަރުގެ ބަދަލުގައި އަޙްމަދު މިރުޒާގެ ހުރިހާ ވާރިޘުން ބޭނުންވަނީ ޤިޞާޞް ހިފަން (މަރަށް މަރު ހިފަން) ކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޢަބްދުﷲ ނަޡީފް މެރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1028/Cr-C/2011 ޤަޟިއްޔާއިގައި ޙުކުމް ކޮށް، އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވީ ނަމަވެސް، އަޙްމަދު މިރުޒާގެ ހުރިހާ ވާރިސުން ސުޕްރީމް ކޯޓުގެ ޝަރިޢަތުގެ މަޖިލީހަށް ހާޒިރުވެ، ޢަބްދުﷲ ނަޡީފްއަށް މައާފުދީ ޤިޞާޞް ހިފަން ބޭނުންނުވާކަމަށް ބުނެފައިވާތީވެ، ޤިޞާޞްގެ މައްސަލަތަކުގައި މަގްތޫލުގެ ވާރިސުން ގާތިލަށް މައާފުދީ ޤިޞާޞް ހިފަން ބޭނުންނުވާކަމަށް ބުނި ނަމަވެސް، އިސްލާމީ ޝަރިޢަތުގައި ޙާކުމްއަށް ލިބިގެންވާ ބާރުގެ ދަށުން މި މައްސަލައިގައި ޢަބްދުﷲ ނަޡީފްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ތައުޒީރީ އަދަބެއް ކަނޑައެޅުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި މައްސަލައިގައި ޢަބްދުﷲ ނަޡީފްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާނޭ އަދަބުގެ މިންވަރު ގާނޫނުލްއުގޫބާތުގައިވާ ގޮތުގެ މަތީން ކަނޑައެޅުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
ޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.